topic stringlengths 18 355 | speaker stringclasses 6 values | content stringlengths 1.29k 122k |
|---|---|---|
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މި ވަގުތު މިއީ ރާއްޖޭގެ ތާރީޚުގައި، އަޅުގަނޑު ދަންނަވާނީ ވަރަށް، ޚާއްޞަ ވަގުތުކޮޅެކޭ. އެއީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ސަލާމަތްވެފައިވާ ޤައުމެއް ޤާއިމުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި، ޖެނެރޭޝަނަލް ބޭންއެއް ހިމެނޭގޮތަށް، ޤާނޫނަށް ދެވަނަ އިޞްލާޙު ގެނެވި، އެ ބިލު ތަޞްދީޤު ކުރުމުގެ ވަގުތު.
އަޅުގަނޑާ އެކީގައި މިތަނުގައި، ވަރަށް ޚާއްޞަ ބޭފުޅުންކޮޅެއް އެބަ ތިއްބެވި. ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލާނީ މި ޖެނެރޭޝަނަލް ބޭން، މި އެޕްލައި ވަނީ، 1 ޖަނަވަރީ 2007 ން ފެށިގެން އުފަންވެފައިވާ، އަދި އުފަންވާނެ ހުރިހާ ރައްޔިތުންނަށް ކަމުގައިވާއިރުގައި، 1 ޖަނަވަރީ 2007، އެ ތާރީޚުގައި، އުފަންވެފައިވާ، މިހާރު ސްކޫލްގައި ކިޔަވަމުންދާ 6 ދަރިވަރަކު އަޅުގަނޑުގެ ގާތުގައި އެބަ ތިއްބެވި. އެއީ، މި ޙަފުލާއަށް ލިބިގެންދާ ޚާއްޞަ ކަމެއް. އެ ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް، ސްކޫލްތަކުގެ ވެރިންނަށް، އެޑިޔުކޭޝަން މިނިސްޓަރަށް، އެކަމަށްޓަކައި ޝުކުރު ދަންނަވަން، އެކުދިން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި.
ދެން ހަމަ އެއާއެކީގައި ކަމާބެހޭ ވަޒީރުންނާއި، ކަމާބެހޭ ޚާއްޞަ މަސައްކަތްތައް ކުރައްވާ އެޗް.ޕީ.އޭ.އާއި، ހެލްތު މިނިސްޓްރީއާއި އަދި އެކިއެކި އަމިއްލަ އެން.ޑީ. އެލިއަންސް އަދި ކެންސަރ ސޮސައިޓީ، މި ޖަމާޢަތްތަކުގެ ބޭފުޅުންނާއި، ޑޮކްޓަރުން، އަދި ޕޮލިސް ސަރވިސްގެ ފަރާތުން، މިހެންގޮސް އެކި ފަރާތްތަކުގެ ރެޕްރެޒެންޓޭޝަން، އެ ތަންތަނުގެ އިސް ބޭފުޅުން އެބަ ތިއްބެވި.
ކަންދިމާކުރިގޮތުން، ރާއްޖޭގައި ވަޑައިގެން ނެތުމުގެ ސަބަބުން، ވަޑައިނުގެންނެވުނު ބޭފުޅުންވެސް އެބަ ތިއްބެވި. ވަޑައިނުގެންނެވުނު ސަބަބަކީ އެއީ. އާދެ، މިހުރިހާ ބޭފުޅުންގެ ހާޒިރުގައި، އަޅުގަނޑުމެން މިކަމުގައި މިއަދު މި ފަށައިގަންނަނީ އިރާދަކުރެއްވީތީ. އާދެ، އަޅުގަނޑު ހަމަ މި ތަޞްދީޤު ކުރުމުގެ ކުރިން، މީގެ މުހިންމުކަން ދަންނަވާލާނަން. މައިގަނޑު މުހިންމު ކަމަކީ، އަޅުގަނޑުގެ ސިޔާސަތަކީ، މި ދިވެހި ކުޑަކުޑަ މުޖުތަމަޢަކީ، ޞިއްޙަތު ރަނގަޅު، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުން. އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި އެބަހުރި، އެކި ސަބަބުތަކާ ހެދި، ހަމަ އިންސާނީ އެހެން މުޖުތަމަޢުތަކުގެ ތެރޭގައިވެސް ހުންނަ އެކިކަހަލަ ނުރަނގަޅު އާދަތައް. ދެން މިއީ ކުޑަކުޑަ ޤައުމަކަށްވާއިރުގައި، އާބާދީގޮތުން ކުޑަ ޤައުމަކަށްވާއިރުގައި، އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑު ގަބޫލުކުރާގޮތަކީ، މި ޤައުމުގައި މި ނުރަނގަޅު އާދަތައް ނައްތާލެވިދާނެއޭ، އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ. އެ ޢަޒުމް އަޅުގަނޑުމެންގެ ހުންނަންޖެހޭނެ.
އެހެންވީމާ، އޭގެތެރެއިން އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު އެއްކަމަކީ، ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ދުރަށްދިޔުން. އާދެ، އަޅުގަނޑު ހަމަ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، ޑަބްލިޔު.އެޗް.އޯ.ގެ ރެޕްރެޒެންޓޭޓިވް އަދި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްވެސް އަޅުގަނޑުމެންނާއެކު ބައިވެރިވާކަން ފާހަގަކުރަން. ދުނިޔޭގެ ކަމާބެހޭ ޖަމުޢިއްޔާތަކުން އަޅުގަނޑުމެންނަށް މިކަންކަމުގައި ދެއްވާ އެއްބާރުލުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން.
އާދެ، ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ޤައުމު ސަލާމަތް ކުރުމަށް، ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އެޅިއްޖެ. ވޭޕް ބޭން ކުރެވިއްޖެ. ވޭޕް ބޭންކުރުމަކީ ޖީލުތައް، ކުރިއަށް އަންނަން އޮތް ޖީލުތައްވެސް ސަލާމަތްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އެކަމަށް ހުރިހާ ބޭފުޅުން ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަދި އޭގެ އިތުރަށް، މިހާރު ދުންފަތުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އެކަމާ ދުރަށްދާ އެތައް ބަޔަކުވެސް އެބަތިބި. ހަމަ މިއާއެކީގައި، އިތުރު ފިޔަވަޅުތަކެއް، އެޅުމުގެ ގޮތުން، މި ޤާނޫނު އިޞްލާޙު މިކުރީ. އޭގެތެރެއިން، އެންމެ ފުރަތަމަ މި ދެންނެވި ފަދައިން، އެންމެ ބޮޑު ކަމަކީ، 1 ޖަނަވަރީ 2007، މި ތާރީޚުން ފެށިގެން، އުފަންވާ ހުރިހާ ކުދިން، ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ބާވަތުގެ އެކި ކަހަލަ ތަކެތި ގަތުމާއި، ވިއްކުމާއި، މި ހުރިހާ ކަމެއް މަނާކުރެވިގެން ދިޔުން. އަދި ހަމައެއާއެކީގައި އުމުރުން، 21 އަހަރުނުވާ އެއްވެސް މީހަކަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް، އިސްތިޢުމާލުކުރާ އެއްވެސް އެއްޗެއް ވިއްކުމަކީވެސް މަނާކަމެއްކަން ސާފުކޮށް، މި ބިލުގައި ބަޔާންކުރެވިފައިވޭ.
ދެން ވިޔަފާރިކުރާ ފަރާތްތަކުގެ ޒިންމާއެއް ޔަޤީންނުވާ ކަމުގައިވާނަމަ، އައި.ޑީ.ކާޑު ދައްކަން ދެންނެވުން. އުމުރާމެދު ޔަޤީންނުވާނަމަ، އައި.ޑީ.ކާޑެއް، އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް ދައްކަން ދެންނެވުމުގެ ޤާނޫނީ ބާރު، ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންވާނެ. ދެން ހަމައެއާއެކީގައި، މި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަކޮށްފައި ހުންނަ މެޝިނަރީއާއި، އާލާތްތައްވެސް މި ޤާނޫނުގެ ތެރެއިން، އެތެރެކުރުން މަނާވެގެންދާނެ. މިހާތަނަށް އެހާ ސާފުކޮށް އޮތް ކަމެއްނޫން މިކަމަކީއެއް. އޭގެ ސަބަބުން، ކަސްޓަމްސްއަށް އަދި ޕޮލިހަށްވެސް، ދަތިތައް ދިމާވޭ. ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަ މެޝިނަރީ އާލާތްތައް ރާއްޖެއަށް އެތެރެނުކުރެވޭނެ. އުފެއްދުން މަނާ. އުފެއްދުން މަނާއިރުގައި، އެ ތަކެތި އުފައްދާ މެޝިނަރީ އާލާތްތައްވެސް ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ.
ދެން ވޭޕް ބޭނުންކުރުމުގެ އިޞްލާޙުގެ ތެރެއިން، އަޅުގަނޑުމެންނަށް އެއްކޮށް ޔަޤީންކޮށް ބަޔާންނުކުރެވި ހުރި ބައެއް ކަންތައްވެސް ބަޔާންކޮށްފައި މި އިޞްލާޙުގައި ވާނެ. އޭގެތެރޭގައި، ވޭޕް ބޭނުންކުރުން މަނާކުރުން އޮތްއިރުގައި، ވޭޕާއި، ވޭޕާގުޅޭ އާލަތްތައް ބޭނުންކުރުން، އަތުގައި އޮތުން، އެހާ ސާފުކޮށް މަނައެއްނޫން ކުރިއަކުން. އެހެންނަމަވެސް، މި އިޞްލާޙުގެ ތެރެއިން، ގެންގުޅުމާއި ބޭނުންކުރުން މިއޮތީ މަނާކުރެވިފައި. އެހެންވީމާ، ގެންގުޅުންވެސް މަނާވާނެ. އަދި އިޞްތިޢުމާލު ނުކުރިޔަސް. އެހެންވީމާ، ގެންގުޅުންވެސް މީގެ ތެރެއިން އެބަ މަނާވޭ.
އެހެންވީމާ، ފުލުހުންނަށް އެންފޯސް ކުރުމުގައި، މިހާރު ވަރަށް ބޮޑަށް ސާފުވެގެން އެބަދޭ. އަދި އެތެރެކޮށްފިއްޔާ އަތުލުން. މި ޤާނޫނު، ޤާނޫނަކަށް ވެގެންދާއިރުގައި، ވޭޕާއި، ދުންފަތުގެ އިސްތިޢުމާލުކުރާ އެކިއެކި ތަކެތި އެތެރެކުރުން. އެތެރެކޮށްފިނަމަ އަތުލުން. އުފައްދަން ބޭނުންވާ ތަކެތި އެތެރެކޮށްފިއްޔާ އަތުލުން. ހަމަ ވަރަށް ސާފުކޮށް މިހާރު ޤާނޫނުގައި މި ކަނޑައެޅިގެން ދިޔައީ. ކަސްޓަމްސްއާއި ފުލުހުންނަށް ފަސޭހަވެގެންދާނެ.
ދެން، މި އިޞްލާޙު މިގޮތަށް އައިކަމުގައިވިޔަސް، ހަމަ އަމިއްލަ ބޭނުމަށް ރާއްޖެ އަންނަ ފަސިންޖަރުން އެއީ، ދިވެހިންނާއި ޓޫރިސްޓުން ހިމެނޭހެން، ފަސިންޖަރުން އަމިއްލަ ބޭނުމަށް އެ ގެންނަ ތަކެއްޗެއް މިއަކު ނުއެއް ހިމެނޭ. އެއީ، ހަމަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ، ޓޫރިޒަމް ވަރަށް ފުޅާ ޤައުމެއް. އަދި އަމިއްލަ ބޭނުމަށް ދިވެހިންވެސް ހަމަ ބޭރުން އަންނައިރު، ދުންފަތުގެ އިސްތިޢުމާލު ކުރާ އެއްޗެއް ގެނަޔަސް، އެހެންނަމަވެސް، އުފެއްދުމަކަށް ބޭނުންކުރާނެ އެއްވެސް އެއްޗެއް ނުގެނެވޭނެ.
މި އިޞްލާޙުގައި، މި އެންފޯސްމަންޓަށް ވަރަށް ޚާއްޞަ ކަންތައްތަކެއް ހިމެނިފައި ވާނެ. ކުރީގައި މި އެންފޯސް ކުރުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަކޮށްފައި އޮތީމާ، އެންފޯސް ކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭ ތަކެތި ގެންގުޅުމާއި، އެތެރެކުރުމާއި، ބެލެހެއްޓުމާއި، ނައްތާލުމާއި، މި ތަކެތި އަތުލުމަށްފަހު، އެ ތަކެތި ބަލަހައްޓައި، ނައްތާލުމާއި، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާތްތައް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ. އެކަން ކުރަންވާނެ ގޮތް، ވަރަށް ސާފުކޮށް މިހާރު މި ބިލުގައި އެބައޮތް. އެހެންވީމާ، ވަށާޖެހޭގޮތަށް މިހާރު މިއޮތީ ޙައްލު ގެނެވިފައި. ވަށާޖެހޭ ޙައްލު މިހާރު މި ބިލުގައި އޮންނާނެ.
އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންނަށް ވަރަށް ގެއްލުން ހުރި ކަމެއް. ވަރަށް ގެއްލުން ހުރި ކަމެއް. އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި، ހަމަ ނެޗުރަލް ޑެތްގެ އިތުރަށް، މީހުން މަރުވާ އެކި ކަހަލަ އެކުއަރޑް ބަލިތަކާއި ކަންކަމުން މަރުވާ މީހުންގެ ތެރެއިން، ހަމަ އެންމެ ބޮޑު އިންސައްތައެއް މި ދުނިޔެ ދޫކުރަންޖެހެނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން. އެންމެ ބޮޑު އިންސައްތައެއް. މިއީ، ދެބަސްނުވެވޭ ޙަޤީޤަތެއް.
ދެން، އަޅުގަނޑުމެންގެ އާބާދީގެ 30 އިންސައްތައަކީ، މިވަގުތު އަޅުގަނޑުމެންގެ ކައިރީގައި މިތިބަ ދަރިވަރުންގެ އުމުރުން ފެށިގެން ޅަކުދިން. 1 ޖަނަވަރީ 2007ން ފެށިގެން އުފަންވީ ހުރިހާ ކުދިންގެ ޖުމްލަ އާބާދީ، ރާއްޖޭގެ އާބާދީގެ 30.1 އިންސައްތައަކީ.
އެހެންވީމާ، މިއަދު މި ޤާނޫނަކަށް ވެގެންދާއިރު، މި އިފެކްޓިވް ވާނީ، 1 ނޮވެންބަރުގައި. އަޅުގަނޑުމެން ގާތްގަނޑަކަށް 6 މަސްދުވަސް އެބަ ދެން. މިހާރުވެސް ކޮންމެވެސްވަރަކަށް މި އުމުރުގައިވެސް ހަމަ އެއްވެސްގޮތަކަށް މިކަމުގެ ތެރެއަށް އާދަވެފައި ހުރި ކުއްޖަކު ހުރި ކަމުގައިވިޔަސް، އެއިން ދުރުވުމާއި، އަދި މި އެންފޯސް ކުރުމުގައި އިދާރީ ގޮތުންނާއި، އޮޕަރޭޝަނަލީ، ކުރަން ހުރި ކަންކަމަށް ތައްޔާރުވުމަށާ އެއްކޮށް، ކުޑަ ދުވަސްކޮޅެއް ދީފައި، 1 ނޮވެންބަރުގައި މި ޤާނޫނު އިފެކްޓިވް ވާނީ. އިފެކްޓިވްވާ ހިސާބުން ފެށިގެން ދެން، އަޅުގަނޑުމެންނަށް މި އެންޝުއަރ ކޮށްދެވެނީ، ޔަޤީންކޮށްދެވެނީ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލް އިރާދަކުރެއްވިއްޔާ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރެވޭ އެބަ. އަމިއްލައަށް އެކަން ކުރުމުން ދުރުވުމާއި، ކުރާ ފަރާތްތައް އެކަމުން ހުއްޓުވުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މި ހުރިހާ ކަމަކަށް ޙައްލު ލިބޭ ޤާނޫނެއް އިރާދަކުރެއްވިއްޔާ.
އަޅުގަނޑުމެން ތެރޭގައި ފެތުރޭ އެންމެ ބޮޑު އެއް ބައްޔަކީ، ނޮން ކޮމިއުނިކެބަލް ޑިޒީޒްތަކުގެ ތެރޭގައި، ކެންސަރ. ކެންސަރ ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމަ ދުންފަތުގެ އިސްތިޢުމާލު ކުރުން. ރެސްޕިރޭޓަރީ ޑިޒީޒްތަކާ ބެހޭ، ކަމާބެހޭ އިސް މާހިރުން، ޑޮކްޓަރުންވެސް މިތާނގައި، އެބަ ތިއްބެވި.
އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންގެ ޤައުމުގައި މި ލައިފް ސްޓައިލް، މި ޑިޒީޒްތައް ހުއްޓުވުމުގައި، އެކަށީގެންވާ ކަންތައްތަކެއް ސަރުކާރުގެ ހިސާބުން ކުރެވިފައި ނެތީއޭ. އެ ޕޮލިޓިކަލް ވިލްނެތީ. އަބަދުވެސް އިސްކުރެވެނީ، ޕޮލިޓިކަލީ ސޭފް ސައިޑް. ޙަޤީޤަތުގައި، ޤައުމު އިސްކޮށްގެން، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އެދިގެން، އިޚްލާޞްތެރިކަމާ އެކީގައި، މިކަހަލަ ކަމަކަށް ޓެކްލް ކުރެވިފައި ނެތް މިހާތަނަކަށް. އަޅުގަނޑަށް މުހިންމީ، ޙަޤީޤީ ޙައްލު ގެނެސްދޭން. އެހެންވީމާ، އަޅުގަނޑާ ދޭތެރޭގައި މިކަމުގައި ހިތްހަމަނުޖެހޭ މީހުން އެބަތިބި. ޚާއްޞަކޮށް، ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް. ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް. މައްސަލައެއް ނެތް އެކަމުގައި. އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާނީ، ހަމަ ތިޔަބޭފުޅުންނަށްވެސް ރަނގަޅުގޮތަކީ މިއޭ. ތިޔަ ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެލައްވާށޭ. މި ދުންފަތުގެ ވިޔަފާރިއަކީ، މި ޤައުމުގައި، އަޅުގަނޑު ތަރުޙީބު ދޭނެ ވިޔަފާރިއެއް ނޫން. މިކަމުން ދުރުވީމާ، މި ފަސް ލައްކައެއްހާ އާބާދީ، މިކަމުން ސަލާމަތް ކުރެވުނީމާ އެއީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ މުސްތަޤުބަލަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް.
އެހެންވީމާ، އެކަން ކޮށްދިނުމުގައި މި ޕޮލިޓިކަލް ވިލް، މި ސަރުކާރުގައި އޮތުމާއެކީގައި، މިކަން ކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވެއްޖިއްޔާ، އަޅުގަނޑުމެންގެ މުސްތަޤުބަލު މިއިން މި ސަލާމަތް ކުރެވެނީ. މި ބިލު، މި ޤާނޫނަކަށް ވެގެން، ދެން މި ޤައުމުގައި މި ޤާނޫނު ތަންފީޒު ކުރެވޭހާ ދުވަހަކު، ކުރިއަށް އަންނަން އޮތް ޖީލުތައް ސަލާމަތް އެބަ ކުރެވޭ. ކުރިއަށް އުފަންވާން ތިބި ހުރިހާ ކުދިން، މި ޤާނޫނުގެ ތެރެއަށް އެބަ ވަދޭ. މަނާވާނެ. އެހެންވީމާ، ވަކި ހިސާބަކުން، އަހަރުތަކެއް ފަހުން، މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާވެފައި ތިބި މުޖުތަމަޢެއް އޮންނާނީ. އެހެންވީމާ، އެ ހިސާބަށް ދަންދެން، އެ ހިސާބަށް މި ޤައުމު ގެންދިޔުމުގައި އެންމެން އެއްބާރުލާން އެބަޖެހޭ.
މިއީ، ވަރަށް މާތް މަޤްޞަދެއްގައި، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލް ޙިމާޔަތް ކުރުމަށް، އަޅުގަނޑުމެންގެ އުފެއްދުންތެރިކަންވެސް އިތުރުކުރެވޭނީ، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް މިތާ އޮވެގެން. އަޅުގަނޑުމެންގެ ޒުވާނުންނަކީ، އަޅުގަނޑުމެންގެ މުސްތަޤުބަލް. ހަކަތަ ހުރި ޒުވާނުންނަށް ވާނީ، މިކަހަލަ، އެކި ކަހަލަ ނޭދެވޭ އާދަތަކުން، ޚާއްޞަކޮށް ސްމޯކިންގ ރިލޭޓެޑް، މިކަންކަމުން އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢު، ބަލިތަކުން ސަލާމަތްކުރެވިފައި އޮތިއްޔާ.
އެހެންވީމާ، އެކަން ކުރުމަށްޓަކައި މި އެޅޭ ފިޔަވަޅަކީ، އަޅުގަނޑުމެން އެންމެން ބަލައިގަންނަ، އެންމެނަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ދުށުމަކީ، އަޅުގަނޑު ހަމަ އެދޭ އެދުމެއް. އަޅުގަނޑު ޔަޤީންކުރަން އެގޮތަށްކަން ހުރިހާ ބޭފުޅުންވެސް ދެކޭނީ.
އާދެ، އެކަން ހަމަ ދަންނަވާލުމާ އެކީގައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ބިލު ތަޞްދީޤު ކުރުމަށް މި އަވަސްވެގަންނަނީ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިއިން މިންވަރުކުރެއްވުން. އާމީން! |
ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ތަޞްދީޤު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ވަރަށް މުހިންމު މަސައްކަތެއް އަޅުގަނޑުމެންނަށް މިއަދު މި ފެށުނީ. އެއީ، ރާއްޖޭގައި، ރާއްޖޭގެ މާޙައުލުގައި ހިނގަމުންދާ ނުރަނގަޅު އާދަތަކުގެ ތެރޭގައި، ނޫނީވިއްޔާ، ހިނގަމުންދާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މައްސަލަ، ގުރޫޕް ހަދައިގެން، ގޭންގު ހަދައިގެން ހިންގަމުންދާ ކުށްތަކުގެ މައްސަލައަކީ. މިކަމަށް އެކަށީގެންވާ ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ޤާނޫނެއް މިއަދު މި ތަޞްދީޤު ކުރެވިގެން މިދިޔައީ.
މިތަނަށް ވަޑައިގެން ތިއްބެވި، މިކަމުގައި ޝާމިލުވެވަޑައިގަންނަވާ ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެއްވި އެއްބާރުލެއްވުމާއި، އަދި މިކަން ތަންފީޒު ކުރުމުގައި، ތިޔަ ހުރިހާ މުއައްސަސާތަކުގެ ވެރިން ދެއްވަވާނެ ޔަޤީންކަމާއެކީ އަޅުގަނޑަށް އޮތް އެއްބާރުލެއްވުމަށް.
އާދެ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އަޅުގަނޑު އަބަދުވެސް ދަންނަވަން، ވަރަށް އެކުވެރި، އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދޭ މުޖުތަމަޢެކޭ. އާބާދީގޮތުން ކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ ޙައްލުކުރެވޭނެވަރުގެ ކުޑަ އާބާދީއެއް.
އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބައެއްވަންތަ ބައެއް ކަމުގައިވާތީ، މިހެން ހުރި ކަންކަން ޙައްލުކުރުމުގައި، އަޅުގަނޑުމެން ހަމަ އެންމެން އެކައްޗެއް ކިޔަން. މިއީ ހަމަ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އެސްޓެބްލިޝް ކުރެވިއްޖިއްޔާ، ޤާއިމު ކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ މާއުނދަގޫ ކަމެއް ނޫން.
އެހެންވީމާ، ގުރޫޕް ހަދައިގެން، އެކިކަހަލަ ކުށްކުށް ކުރުން، މީހުންގެ މުދަލަށް ގެއްލުން ދިނުން، މިހެންގޮސް މި ޒާތުގެ ހުރިހާ ކަމަކީ، އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ ކަންކަން.
އެހެންވީމާ، މިއަދު މި ތަޞްދީޤު ކުރެވުނު ޤާނޫނުން، އަޅުގަނޑުމެން އެންމެން މި ދެންނެވި ރޫޙުގައި މަސައްކަތް ކޮށްފިއްޔާ، އެއިން ނެރެން މި ބޭނުންވާ ނަތީޖާ، އަޅުގަނޑުމެން އެންމެންވެސް ދެކެން ބޭނުންވާ ނަތީޖާ ނެރެވޭނެ އިރާދަކުރެއްވިއްޔާ. ޔަޤީން.
އެހެންވީމާ، ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން ބޭނުންވަނީ، މި ރޫޙުގައި ހިނގާށޭ މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ މި ޤައުމުގައި ކުށްކުރުމުގެ މި މާޙައުލު ނައްތައިލެވޭނެ. އިންސާނުންގެ ތެރޭގައި ޠަބީޢަތުގައި ހިމެނޭ ކަމެއް، ކުށަށް އަރައިގަތުމަކީ. ފުރަތަމަ އިސްލާމީ ތާރީޚު ފެށިގެން އައި ހިސާބުން ފެށިގެންވެސް އެއީ، ކަން އޮތްގޮތް. އެހެންނަމަވެސް، ކުށްކުރުން މަދުކުރެވޭނެ. ކުށްކުރުން މަދުކުރުމުގައި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވާން މި ޖެހެނީ.
އެހެންވީމާ، މިއަދު މި ތަޞްދީޤު ކުރެވުނު ޤާނޫނު ތަންފީޒު ކުރުމުގައި، އަޅުގަނޑު އެދެނީ، އެންމެން އެކައްޗެއް ކިޔަން. އަޅުގަނޑު ބޭނުންވަނީކީ، ބަޔަކު ކުށްވެރިކުރާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ، އެންމެން އެކުވެރިކަމާ އެކީގައި، ކުށްކުރުމުން ދުރުވާން. ދުރުވީމާ ކުށްވެރިވާނެ މީހަކު ނުހުންނާނެ.
އެހެންވީމާ، އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑު ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން. އަދި އެދެނީ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރަން. ކޮށްގެން އެންމެން ގުޅިގެން މަސައްކަތް ކުރީމާ، އިރާދަކުރެއްވިއްޔާ މި މުޖުތަމަޢަކީ އަޅުގަނޑުމެން ދެކެން ބޭނުންވާފަދަ އަމާން ތަނަކަށް ވާނެ.
އަޅުގަނޑު މިހިސާބުން ވާހަކަ ކުރުކޮށްލާފައި، ނޫސްވެރިން ކޮށްލަން ބޭނުންވާ ސުވާލަކަށްވިއްޔާ، ކޮންމެ ނޫސްވެރިޔަކަށްވެސް އަޅުގަނޑު ހަމަ ފުރުޞަތު ދޭނަން. ހަމަ ބޭނުންވެލައްވާ ސުވާލެއް، މިއަދުގެ މައުޟޫޢާ ގުޅޭގޮތުން ކުރިއަށް ގެންދަވާ. އަދި އަޅުގަނޑު ޖަވާބުދޭއިރުގައި، ދަންނަވާލަން ބޭނުން. އަޅުގަނޑުގެ އިތުރުން، ތިޔަބޭފުޅުން މިއިން އެއްވެސް ބޭފުޅަކާ ސީދާ ސުވާލެއް ކުރައްވަން ބޭނުންވެލެއްވިޔަސް، އެ ފުރުޞަތުވެސް މިއަދު ލިބިލައްވާނެ. |
ހުޅުމާލޭގެ މާސްޓަރ ޕްލޭން އަދި ރަސްމީ ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އެޗް.ޑީ.ސީ.ގެ ހީވާގި މުވައްޒަފުން، މެނޭޖިންގ ޑިރެކްޓަރ، ބޯޑު މެންބަރުން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ވަރަށް މުހިންމު މާސްޓަރ ޕްލޭނެއް މިތަނުގައި އިފްތިތާޙުކުރެވިގެން މިދިޔައީ. މި މާސްޓަރ ޕްލޭނަކީ، ޙަޤީޤަތުގައި މި ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދަން ގަސްތުކުރާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، އަދި ހުޅުމާލޭގެ ދެ ފިޔަވަހި، ތިން ފިޔަވަހި އެކުގައި، ފައިނޭންޝަލް ސެންޓަރާ އެކީގައި ގުޅިލާމެހިގެން، އިންޓަރގްރޭޓަޑް ގޮތެއްގައި ތަރައްޤީ ގެނައުމަށް މަގުފަހިވެގެންދާ މާސްޓަރ ޕްލޭނެއް. ދުރު ރާސްތާއަށް ވިސްނިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވިގެންދާ މާސްޓަރ ޕްލޭނެއް.
އެހެންވީމާ، މި ބުރަ މަސައްކަތް، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް ޖަމީލް އަދި ޓީމުގެ ފަރާތުން ކުރެއްވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑު އެދެނީ، މި މާސްޓަރ ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތްކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންދެވުމަށް. އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ދިރިއުޅުމުގެ ފުރުޞަތުތައް މި ތަނުން ލިބިގެންދާނެ، މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުނީމާ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ނޫނީވިއްޔާ، މާލޭސިޓީ މި ސަރަޙައްދުގައި، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި، މި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރ ޕްލޭންގެ ތެރެއިން ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ. ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މި ތަން ތަރައްޤީކުރުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ޤާއިމުވެފައިވާ ގޮތަށް، އެއަށް ކޮމްޕްލިމެންޓް ކުރަން، ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ، އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީއަކީ.
މިތަނުގައި އަޅުގަނޑުމެން އިހަށްދުވަހު އިފްތިތާޙުކުރި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢަކީ، މިކަން ޙަޤީޤަތަކަށް ހެދުމުގައި، ޓްރާންސްފޮރމޭޓިވް ބަދަލެއް އިރާދަކުރެއްވިއްޔާ އަންނާނެ ވަރަށް މުހިންމު މަސައްކަތެއް. އެކަމާއެކީ، ތިން ފިޔަވަހި އެކުގައި މި ތަން ތަރައްޤީވެގެންދާނެ ގޮތަށް، ދެންމެ އިފްތިތާޙު ކުރެވުނު ޕްލޭނާ އެއްގޮތަށް، ކަންކަން ދާން އެއީ، އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް.
މިހާރު ފެށިފައިވާ ގެދޮރުގެ މަޝްރޫޢުތަކާއި، ގޯތި ދޫކުރެވިފައިވާ ފަރާތްތަކާއި، އަދި މި ޕްލޭންގެ ދަށުން މިހާރު ގޯތިތައް ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތިތައް ލިބި، އެ ތަންތަން ތަރައްޤީ ވެގެންދާއިރުގައި، އެންމެ ހިތްހަމަޖެހޭފަދަ މާޙައުލެއްގައި، މި ދެންނެވީ، ކުޑަކުދިން ގޮވައިގެން ނުކުމެ އުޅެލެވޭނެފަދަ މާޙައުލެއްގައި އުޅެވޭނެގޮތް، މިއިން އެބަ ފަހިވެގެންދޭ.
ތޮއްޖެހި، ހާސްކަން ބޮޑުވެފައި އޮންނަ މާޙައުލެއް އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ބޭނުންވާނެ ގޮތެއްނޫން. މާލޭގައި އަދިވެސް އެގޮތް އޮތީ އެގޮތުގައި. އަދިވެސް އަޅުގަނޑުމެން މި ބޭނުންވާ، އޯޕަން ގްރީން ސްޕޭސް އިތުރުވެފައިވާ، ހިތްހަމަޖެހޭ މާޙައުލެއް އަދިވެސް މާލެއަކަށް ނުގެނެވޭ. އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޕްލޭން ކުރެވިފައި އެއޮތީ މެނިފެސްޓޯ ތެރެއިން. ވަޢުދުތަކުގެ ތެރެއިން.
އެހެންނަމަވެސް، އެކަން ކުރުމުގައި، ވަރަށް ގިނަ ކަންތައްތަކެއް ކަޑައްތު ކުރަންޖެހޭ. އެކަން ކުރިއަށްދާއިރުގައި، މި ހުޅުމާލޭގައި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަންވާނީ، އޭގެ ފިލާވަޅު ލިބިގެން. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދިޔުމަށް މިއިން މަގުފަހިވެގެންދޭ. ފަޅުތެރެއިން ބޮޑު ސަރަޙައްދެއް ބެދިގެންދާގޮތަށް އޮތް އޮތުން ބަދަލުކުރެވިގެން އެބަދޭ، މި ތަނުގައި މި އިފްތިތާޙު ކުރެވުނު ޕްލޭނާ އެކީގައި.
އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ މިއަދު މި ފެށިގެން މި ދިޔައީ، އިރާދަކުރެއްވިއްޔާ، ވަރަށް މުހިއްމު މަސައްކަތަކަށް ވާނޭ ކަމެއް ކަމަށް. ސަރުކާރުން، ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުން ދޭނީ މި ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި.
އާދެ، ހަމައެއާއެކީގައި، ދެން މިތަނުގައި އިފްތިތާޙު ކުރެވިގެން މިދިޔަ ވެބްސައިޓަކީ، ގުޑް ގަވަރނަންސް އެންޝުއަރ ކުރުމުގައި ހުޅުވައިލެވިގެންދާ ވަރަށް މުހިންމު ދޮރޯއްޓެއް.
ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް، ނޫނީވިއްޔާ ހިންގުމަށް އެކި ބަދަލުތައް އަޅުގަނޑު އެބަ ގެންނަން. ހިންގާ ބޭފުޅުން ބަދަލުކުރަން. ނޫނީވިއްޔާ ޓީމަށް އެބަ ބަދަލުތައް ގެންނަން. ބޭނުމަކީ ގުޑް ގަވަރނަންސް އެންޝުއަރ ކުރުން. ޓްރާންސްޕޭރަންސީ ޔަޤީންކުރުން. ދެފުށް ފެންނަ، ކޮރަޕްޝަން ނައްތައިލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ކުންފުނިތައް ހިންގުން ޔަޤީންކުރުން. އޭގެ ފުރިހަމަކަން، ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ، އެޗް.ޑީ.ސީ.އިން މިހާރު މިވަނީ ފެންނަން ފަށާފައި. މި ވެބްސައިޓުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަޅުގަނޑުމެންނަށް އަވަސްކުރެވި، އެޗް.ޑީ.ސީ.އިން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ޕްރޮކިއުމެންޓްގެ ތެރެއިން ގެންދާ ކަންކަމުގައި، ދެފުށް ފެންނަކަން ޔަޤީންކުރެވި، ގުޑް ގަވަރނަންސް، ޗެކް އެންޑް ބެލެންސް ނިޒާމު އެބަ ގެނެވޭ.
އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ކުންފުނިތަކާއި، އަދި މިނިސްޓްރީތަކާއި، މުއައްސަސާތައް، ދެފުށް ފެންނަ ގޮތުގައި ހިނގަން. އަޅުގަނޑު ދެންމެ ދެންނެވިފަދައިން، ކޮރަޕްޝަނާ ދުރަށް ދިޔުން. ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން ހަމަ އެކައްޗެއް ކިޔާފައި، ނޫނެކޭ ބުނާކަމަކަށްވާން. އެއީ، އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުޞަތު ދޭނެ ކަމެއްނޫން. ހަމަ ޙަޤީޤަތުގައިވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއްނެތި ބޭނުންވާ ކަމެއް.
އެހެންވީމާ، ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކުން އަޅުގަނޑު އެދެނީ، މިކަމުގައި ހަމަ އަތުކުރި އޮޅާލައިގެން ބުރަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމު، ވެރިކަމުގެ ނިޒާމު، ކުންފުނިތައް ހިންގުމުގެ ނިޒާމު، މި ދެންނެވި ވަބާއިން ސަލާމަތްކުރެވުނު ވަރަކުން، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނީ. އަޅުގަނޑުމެން އައިސް މިތިބީ، ޓައީ އަޅައިގެން މަސައްކަތްކުރަން ރައްޔިތުން ބުނެގެން، ހަވާލުކޮށްގެން. ރައްޔިތުންނަށް މި ކަންތައްތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމާ. އެކަމަކު އެ ހޯދާ މުސާރައަކީ، އާމްދަނީއަކީ ހެޔޮގޮތުގައި، ހޯދާ އެއްޗަކަށް ވާންޖެހޭ. އެއިން ބޭރުން ކަންތައްތައް ލިބިގަންނަން އޮންނަ ފުރުޞަތަކަށް އެ ވެގެން ނުވާނެ.
އެހެންވީމާ، ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ދެފުށް ފެންނަ ގޮތެއްގައި، އިޚްލާޞްތެރި ޚިދުމަތެއް ކުރުމުގައި، ކުރިއަށްދިޔުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެހެންވީމާ، އެޗް.ޑީ.ސީ.އިން މި ކުރާ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަން، އުފާކުރަން. އަދި ސަރުކާރުގެ ޙިއްޞާ އޮންނަ، އަދި ސަރުކާރުގެ 100 ޕަސެންޓް ކުންފުނިތައް، އެސް.އޯ.އީ.ތަކުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުރިއަށް ގެންދަން މިހާރު ފަށާފައިވާ މަސައްކަތްތައްވެސް އަޅުގަނޑު ބަލައިގަންނަން. މިނިސްޓްރީތަކުންވެސް ކުރިއަށްވުރެ އެތައް ގުނައެއް މިހާރު މި ދެންނެވި މަގުން ކަންތައްތައް ފުރިހަމަކުރަމުން އެ ގެންދަވަނީ.
އެހެންވީމާ، މި ގޮތުގައި އެންމެން ގުޅިގެން ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތައް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ދެފުށް ފެންނަ، ހިންގުންތެރި، ގުޑް ގަވަރނަންސް ޔަޤީންކުރެވިގެން ދިޔުން.
އާދެ، އަދިވެސް އެއްފަހަރު އަޅުގަނޑު މިކަމުގައި އެޗް.ޑީ.ސީ.އިން ހުޅުމާލޭގެ ރައްޔިތުންނަށް، އަދި މި ސިޓީ ތަރައްޤީކުރުމުގައި، މާލޭސިޓީގެ މި ހުޅުމާލެ ތަރައްޤީކުރުމުގައި، ތިޔަ ކުރައްވާ މަސައްކަތުގައި ހަމަ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ސަރުކާރުން ރައްޔިތުންނަށް ހުޅުމާލޭގައި ކުރިއަށްގެންދަން އަޅުގަނޑު ވެފައިވާ ވަޢުދުތައް ފުއްދުމުގައި، އެޗް.ޑީ.ސީ.ގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އިރާދަކުރެއްވިއްޔާ ކަންކަން ފަހިވެގެންދާނެ. މި ސަރަޙައްދުގައި އަދި ހުރިހާ ފިޔަވަހިތަކެއްގައި.
މިހާރު ހިނގަމުންދާ ބިން ހިއްކުން ފޭސް 3 ގައި ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތްވެސް އެއޮތީ. މި ޕްލޭނާ އެކީގައި ކުރިއަށްދާނެ. ހިޔާ ސަރަޙައްދުގެ ފްލެޓްތަކުގައި ލިފްޓް ބެހެއްޓުމުގެ ވަޢުދު، އަޅުގަނޑުގެ އެ ވަޢުދުވެސް އެދަނީ ފުދެމުން. އިތުރު ލިފްޓްތައް، 32 ލިފްޓް ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން، ފަހަރަކު ލިފްޓެއް، ނޫނީވިއްޔާ ބައިބަޔަށް ބަހައްޓައި ނިމި، ބޭނުންކުރަން ފެށުމުގެ މަރުޙަލާއަށް މިހާރު އެވަނީ ގެންދެވިފައި. އަޅުގަނޑަށް އެންމެފަހުން އެމް.ޑީ. ދެއްވި މަޢުލޫމާތުގެ އަލީގައިވެސް ދެންނެވޭނީ، މި އަހަރުގެ ތެރޭގައި ހުރިހާ ލިފްޓެއްވެސް ބެހެއްޓި ބޭނުންކުރަން ފެށޭނެއޭ.
އެހެންވީމާ، ވީ ހުރިހާ ވަޢުދެއް، އަޅުގަނޑުމެން އެޗް.ޑީ.ސީ.އާއި، ސަރުކާރުގެ މުއައްސަސާތައް އެކީގައި ކުރިއަށް ގެންދެވި، މި ހުޅުމާލެއަކީ ރައްޔިތުން ހިތްހަމަޖެހޭފަދަ މާޙައުލެއް ކަމަށް ވެގެންދާނެ.
އަދިވެސް އެއްފަހަރު، ތިޔަ ހީވާގި ހުރިހާ މުވައްޒަފުންނާއި، ވެރިން، އެޗް.ޑީ.ސީ.ގެ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަމުން އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މިރޭ މިތަނުގައި މި ފާހަގަކުރެވެނީ، ވަރަށްވެސް މުހިންމު ދުވަހެއް. މިއީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ޙަފުލާ.
އާދެ، އަޅުގަނޑުގެ މައިގަނޑު ސިޔާސަތަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ރައްޔިތަކަށް ހެދުން. ޞިއްޙީ ދާއިރާގެ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ސިޔާސަތު އޮތްގޮތް ވަރަށް ކުރުކޮށް މި ދަންނަވާލީ.
ރާއްޖޭގެ ޞިއްޙީ ދާއިރާ މިއަދާ ހަމައަށް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރުގައި އޮތް ގޮތާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ވަރަށް ގިނަ ކާމިޔާބީތަކުގެ ވާހަކަ ދެންމެ ވިދާޅުވެއްޖެ. އެ ކަންކަން ހާސިލުވެފައި އެއޮތީ، އެތައް ބައެއްގެ މަސައްކަތުން. އެހެންނަމަވެސް، އެއަށްވުރެ ރަނގަޅަށް ކަންކަން ގެންދެވިދާނެ ގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ޢަޒުމަކަށްވީ، ބާރު ސްޕީޑުގައި، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެވެސް ދުޅަހެޔޮކަން މަތިކުރެވޭނެ ގޮތްތަކެއް ހޯދުން. މިގޮތުގެމަތިން، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިލާމެހިގެން، މި ދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މިވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި. އަދި މިދަނީ ކުރަމުން.
އެގޮތުން، ވަށާޖެހޭ ޞިއްޙީ ސިޔާސަތެއް އަޅުގަނޑުމެން މި ތަންފީޒުކުރަނީ. ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ކަންތައްތައް އެއީ، އަޅުގަނޑު އެންމެ އިސްކަމެއްދޭ އެއް ކަންތައް. ޕްރިވެންޓިވް ހެލްތް ކެއަރ، އަޅުގަނޑުމެންގެ ރާއްޖޭގައި ސަރުކާރުތަކުން، އެހާބޮޑަށް ސަމާލުކަން ދީފައިވާ ކަމަކަށް އެކަން ނުވޭ. އެކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރޭގައި ލައިފްސްޓައިލް އެތައް ބަލިތަކެއް، އެތައް ޑިސީސްތަކެއް ފެތުރެމުންދޭ. މިކަންކަމާ، ގައިންގަޔަށް ނާރާ އެތައް ބަލިތަކަކާ ފެތުރެމުންދަނީ، އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ސަމާލުކަން ނުދެވި އޮތީމާ.
އެހެންވީމާ، ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ކަމަކަށް އަޅުގަނޑު ކަނޑައެޅީ، ބަލިތައް ޖެހުމުގެކުރިން، އެ ބަލިތަކުން މީހުން ދުރުކުރުވުމަށްޓަކައި، ނޫނީވިއްޔާ ޖެހުނަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް އެޅުން. އެ މަސައްކަތަކީ، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ މަސައްކަތެއް. ޚާއްޞަކޮށް، އާންމު ރައްޔިތުން އެކަމަށް އޮންބޯޑް ކުރުމުގައި، އޭގެ ކާމިޔާބީއާއި ނާކާމިޔާބީއާ ގުޅިފައިވާ ކަމެއް. އެހެންވީމާ، އެކަން ކުރިޔަށް ގެންދިޔުމާއެކު، އަޅުގަނޑުމެންގެ އާންމު ޞިއްޙަތުގެ ކަންކަން ރަނގަޅުކުރުމާއި، އަދި ބަލި ޖެހިގެން އެ ކަންކަމުން ރަނގަޅުކުރުމަށްޓަކައި، ކިއުރޭޓިވް ސައިޑުން ކުރަންހުރި ކަންކަން ރަނގަޅުކުރުމަށްޓަކައިވެސް، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާ ވަރުގަދަ ކުރުމުގެ މަސައްކަތް މި ކުރަނީ. ވަށާޖެހޭ ޞިއްޙީ ސިޔާސަތެއް، ކޮންމެ ރައްޔިތަކު ތަފާތު ކުރުމެއްނެތި، ދުޅަހެޔޮ ކަންމަތީގައި ދެމެހެއްޓުމަށްޓަކައި ތަންފީޒު ކުރަނީ.
އަޅުގަނޑުމެންގެ ރާއްޖޭގައި ކޮންމެ ރަށެއްގައި ރައްޔިތުން އުޅެމުންދާއިރުގައި، އެއިން ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް އަޅުގަނޑަށް. އެންމެ ބޮޑު ރަށުގައި އުޅޭ ރައްޔިތާއި، އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އަސާސީގޮތުން ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، ސަރުކާރުން އެއްވަރަކަށް ސަމާލުކަންދޭންޖެހޭ ރައްޔިތެއް. އެހެންނަމަވެސް، މިކަމުގައި ޗެލެންޖުތަކެއް ހުންނާނެ.
އެހެންވީމާ، ދެމެހެއްޓެނިވި ތަރައްޤީއެއްގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރުގައިވެސް، ކޮންމެ ރަށެއްގައިވެސް ހުންނަ ރައްޔިތަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދޭންޖެހޭ.
އެހެންވީމާ، އަޅުގަނޑުމެން ވީރާނާވަމުންދާ ޞިއްޙީ މަރުކަޒުތައް ފެންވަރު ރަނގަޅުކުރުމާއި، މި ކުދިކުދި އާބާދީތަކުގައި ހުންނަ ލެބޯރެޓަރީތައް، ނޫނީވިއްޔާ ޓެސްޓް ކުރެވޭނެ ނިޒާމުތައް ރަނގަޅުކުރުމާއި، މިހެންގޮސް އެ ރަށެއްގެ ހުންނަ ޢުމްރާނީ އިންފްރާސްޓްރަކްޗަރގެ ގޮތުން މަތީ ފެންވަރަށް ރަނގަޅުކުރަންހުރި، ނޫނީވިއްޔާ އަޕްގްރޭޑް ކުރަންހުރި ކަންކަން ރަނގަޅުކުރުމާ، މި ކަންކަންވެސް މިކުރަނީ.
އަދި އެއާއެކީގައި، ސަރަޙައްދީ ގޮތެއްގައި، ރީޖަނަލް ހޮސްޕިޓަލްތަކާއި އަދި އަރބަން ސެންޓަރުތައް ގޮތުގައި ކަނޑައެޅިފައިވާ ރަށްރަށާއި، ސިޓީތަކާއި، މިފަދަ ތަންތަނުގައި މަތީފެންވަރުގައި، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތަކުގައި ފަރުވާދިނުން މަތިކުރުމުގެ މަސައްކަތްވެސް މި ކުރަނީ.
ހަމައެއާއެކީގައި، މި މާލޭ ސަރަޙައްދު، އެންމެ ގިނަ ރައްޔިތުން މިއުޅޭ ސަރަޙައްދުގައި ފެންވަރު ރަނގަޅުކުރުމަށްޓަކައި ޞިއްޙީ ދާއިރާ ވަރުގަދަކުރުމުގެ މަސައްކަތްވެސް، ކަންކަންވެސް މި ކުރަނީ އެގޮތުން. އެގޮތުން ބަލައިލާއިރުގައި، 2023ގެ ނޮވެންބަރު 17އިން ފެށިގެން، މިއަދާ ހަމައަށް އައިއިރުގައި، އެކިއެކި މަޝްރޫޢުތައް ވަނީ ފަށައިގަނެވިފައި. މިގޮތުން، ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އަދި މާލޭގައި ގިނަ މަޝްރޫޢުތަކެއް ފެށިއްޖެ. 60 އެތައް މަޝްރޫޢެއްގެ މަސައްކަތް ފެށިގެންދިޔައިރުގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެކަނި، މި އެންމެ ގިނަ މީހުން އުޅޭ ސަރަޙައްދުގައި، 18 މަޝްރޫޢެއްގެ މަސައްކަތުގައި ސޮއިކުރެވި، ކުރިއަށް ގެންދެވޭ. ގާތްގަނޑަކަށް 4300 މިލިއަން، ނޫނީވިއްޔާ 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ޞިއްޙީ ދާއިރާގެ އެކަނި، މިދިޔަ ދޮޅުއަހަރެއްހާ ދުވަހު އެބަ ކުރިޔަށްދޭ. މި މަޝްރޫޢުތަކުގެ ތެރެއިން، އެތައް މަޝްރޫޢެއް ނިމި އަދި އާ މަޝްރޫޢުތައް ފެށި، އިއްޔެވެސް ޞިއްޙީ ދާއިރާގެ 18 މަޝްރޫޢެއްގައި ވަނީ ސޮއިކުރެވިފައި. މިދެންނެވީ، ކުދިކުދި އާބާދީ، މެދުފަންތީގެ އާބާދީތަކުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށްޓަކައި. އަދި ޓާޝަރީ ފެންވަރުގައި ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް އަޅުގަނޑުމެން ކަނޑައަޅައިފައި ހުރި ރަށްރަށުގައި، އެ މަސައްކަތްތައް ކުރުމަށްވެސް މިދަނީ މަސައްކަތް ކުރަމުން. މާލޭގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހުރިހާ ހޮސްޕިޓަލެއް މަތީ ފެންވަރަށް ގެނައުމަށްޓަކައިވެސް، އިރާދަކުރެއްވީތީ މިދަނީ، ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ފަރާތްތަކުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރަމުން.
ރާއްޖެއިން ބޭރަށް އަޅުގަނޑުމެންގެ އެތައް ރައްޔިތުންނެއް ވަރަށް ބުރަ އުފުލާފައި މި ކުރަންޖެހޭ ދަތުރުތައް ނިމުމަކަށްގެނެސް، މި ޤައުމުގައި ތިބެގެން، އެންމެ މަތީ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެގޮތް ހެދުން އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ގޮތަކީ. ރާއްޖެއިން ބޭރަށް މިދަނީ، އެހެންގޮތެއް ނެތިގެން. އެންމެ ރަނގަޅު ފެންވަރުގައި، އަގުހެޔޮކޮށް ޞިއްޙީ ފަރުވާ ނުލިބިގެން. އާސަންދަ ނިޒާމުންނާއި އަމިއްލަ ގޮތުންނާ މި ދަނީ.
އެހެންވީމާ، ރާއްޖޭގައި އެ ފެންވަރުގެ ޚިދުމަތް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ކުރަނީ. މި ދާއިރާ ތަރައްޤީކުރުމަށްޓަކައި، މި ދެންނެވި ގޮތަށް ގިނަ ކަންތައްތަކެއް ކުރަން. އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ވަޒީފާ އިތުރުކުރުން. ޞިއްޙީ ދާއިރާގެ ވަޒީފާތައްވެސް އިރާދަކުރެއްވީތީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިތުރު ކުރިން. މިދިޔަ 18 ވަރަކަށް މަސްތެރޭގައި، އަޅުގަނޑުމެން ވަނީ ޖުމްލަ 1200 އަށްވުރެ ގިނަ ވަޒީފާ މި ދާއިރާއަށް އުފައްދާފައި. މީގެތެރޭގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެކަނި 740 ވަޒީފާއަށް އަޅުގަނޑުމެން ހުއްދަދީ، އޭގެތެރެއިން 646 މުވައްޒަފުން މިހާރު ނަގައިފި. އެހެން ސަރަޙައްދުތަކުގައި 460 ވަރަކަށް ވަޒީފާއަށް ހުއްދަދީ، މިހާރު ނަގަމުން، ހުޅުވާލައިގެން ފުރުޞަތުދީ، މުވައްޒަފުން ނަގަމުން އެދަނީ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ޕްރެކްޓިޝަނަރުން. މިކަމުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ، ޙައިރާންވާ ކަމެއްވެސް އެބައޮތް. ނަރުހުން ހޯދުމުގައި ދަތިކަމެއް އެބަދިމާވޭ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި އިއްޔެ މި ހުޅުވި 75 ބެޑުގެ ސަރޖިކަލް ވޯޑާއި، މިހެންގޮސް އެކްސްޕެންޝަންގެ ތެރޭގައި، ފުޅާކުރުމުގެ ތެރޭގައި، އަޅުގަނޑުމެން ހުއްދަ ދިނިން، 218 ވަޒީފާއަށް މުވައްޒަފުން ނަގަން. ބަޖެޓާއި ހުރިހާ ކަމެއް ހަމަޖެހިފައި. މީގެތެރެއިން، 70 ވަރަކަށް ނަރުހުން ނުލިބިގެން، އަޅުގަނޑަށް އެންމެ ފަހުން މަޢުލާމާތު ލިބުނީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ.ގެ ފަރާތުން، ތިމަންނަމެން މިޖެހެނީ ބޭރު މީހުން ހަޔަރ ކުރާށޭ މިހާރު. އެކަމަކު އަޅުގަނޑުމެން ޔުނިވަރސިޓީގެ ފަރާތުން ނަރުހުން ތަމްރީނުކުރޭ. އެހެންވީމާ، އަޅުގަނޑު މި އެދެނީ ތަމްރީނު ލިބިފައި ތިބި ދިވެހި ނަރުހުން، މި ދާއިރާ ތެރެއަށް ނުކުމެވަޑައިގަތުމަށް. ނުކުމެވަޑައިގެން، ދިވެހިންގެ އަމިއްލަ ދާއިރާއަކަށް މި ދާއިރާ ހައްދަވާށޭ. އަޅުގަނޑުމެން ކޮންމެ ގޮތެއްވިޔަސް ޕޭޝަންޓުންނަށް ބޭނުންވާ ކެއަރ ދިނުމަށްޓަކައި، ބޭރުންވިޔަސް ނަރުހުން ވަގުތީގޮތުން ހަޔަރކުރަން ޖެހޭނެ. އެހެންވީމާ، މި ދާއިރާއަށް ދިވެހިންނަށް މިދޭ އިސްކަން އެންމެން ބަލައިގަނެ، އެ ތަމްރީނު ލިބިފައި ތިބި ނަރުހުން މިކަމުގައި ބައިވެރިވުމަކީ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދޭކަމެއް.
ހަމައެއާއެކީގައި، އަޅުގަނޑުމެން ކޮންމެހެން ބޭނުންވާ ސުޕަރ ސްޕެޝަލިސްޓުންނާއި، ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް ދާއިރާތައް އެބަހުރި. އަޅުގަނޑު ކުރިން ދެންނެވިހެން، ރާއްޖެއިން ބޭރަށް ރައްޔިތުން ދާންޖެހޭ ދިޔުން މަދުކުރުމަށްޓަކައި، އަޅުގަނޑުމެން ޕޭގްރޭޑަށް ގެންނަންޖެހޭ ބަދަލުތަކާއި ހުރިހާ ކަންކަން ވަގުތީ ގޮތުން ދެތިން އަހަރެއް މަތިކޮށްގެންވިޔަސް، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުގެ ޚާއްޞަ މީހުން ގެންނާނަން. ޑޮކްޓަރުން ގެންނާނަން. އަޅުގަނޑު ވާނީ މިހާރު އެވާހަކަވެސް ދަންނަވާފައި ސީ.އީ.އޯ.އަށް. އެންޑޯސްކޮޕީ، އެކިކަހަލަ ސްކޯޕީތައް ހަދަން ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެ މީހެއް ހުރީ ދިވެހިންގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު ދަންނަވައިފިން، ބޭނުންވާ އަދަދު ވިދާޅުވާށޭ. ބޭނުންވާ ވަރަށް ބަޖެޓު ވިދާޅުވާށޭ. ހަމަޖައްސައިދޭނަމޭ.
ހަމައެގޮތަށް، ސްކޭން ކުރުމުގެ ނިޒާމަށް ބަލާއިރުގައި، އަޅުގަނޑުމެން މިހާގިނަ އިންފްރާސްޓްރަކްޗަރ އިތުރުކުރެވި، މުވައްޒަފުން އިތުރުކުރަމުންދާއިރުގައި، ސީ.ޓީ.އާއި، އެމް.އާރު.އައި. ސްކޭނާ، މިހުރިހާ ކަމެއް ކުރުމުގައި އެބައޮތް ބޮޓްލްނެކެއް، ބޮޑު ކިއޫއެއް އެބައޮތް. އަޅުގަނޑު ދަންނަވައިފިން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މި ހުރި މަރުކަޒުތަކުގެ ތެރެއިން، މި ފެމިލީ އޮފް ހޮސްޕިޓަލްސްގެ ތެރޭގައި، މި ޚިދުމަތް އިތުރުކުރުމަށްޓަކައި، އިންފްރާސްޓްރަކްޗަރ ވައިސް ކޮށް ކުރަންޖެހޭ ކަމެއްވިޔަސް، ސަރުކާރުން ކޮށްދޭނަމޭ.
އެހެންވީމާ، ސަރުކާރު މިއޮތީ ރައްޔިތުންނަށް މި މުހިންމު ދާއިރާ ތަރައްޤީ ކުރުމުގައި ހަމަ ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ތައްޔާރަށް. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ފުރިހަމަ ޞިއްޙަތެއްގައި ހުރެގެން ޤައުމުވެސް ތަރައްޤީ ކުރެވޭނީ. އެމީހާގެ އަމިއްލަ ދިރިއުޅުން ވަރުގަދަކުރުމާއި، އުފާފާގަތި ގޮތަކަށް ކުރިޔަށް ގެންދިއުމާއި، އަދި ޤައުމަށް އެމީހާގެ ކިބައިން ކަމެއް ކޮށްދިނުމުގައިވެސް، ފުރިހަމަ ޞިއްޙަތެއްގައި ހުންނަން އެބަޖެހޭ.
އެހެންވީމާ، ނެޝަނަލް، ޤައުމީ ސިޔާސަތުގެ ތެރޭގައި، އަޅުގަނޑުގެ އެންމެ މުހިންމު ސިޔާސަތު، ބޯހިޔާވަހިކަމާ އެކީގައި، އަޅުގަނޑު ކަނޑައަޅާފައި މިވަނީ، ބޯހިޔާވަހިކަންވެސް ފުރިހަމަ ގޮތުގައި ހިފޭނީ ޞިއްޙަތު ރަނގަޅަށް ހުރެގެންކަމަށް.
ޞިއްޙީ ދާއިރާ ވަރުގަދަކުރުން. އެހެންވީމާ، މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރެއިން ބަލިތައް ނައްތާލުމަށްޓަކައި އެކިކަހަލަ ފިޔަވަޅުތައް އެޅުން. ވޭޕް މަނާކުރުމާއި، ޖެނެރޭޝަނަލް ބޭން ގެނައުމާއި، ދުންފަތުގެ އަގުބޮޑު ކުރުމާއި، މިހުރިހާ ކަމެއްވެސް މިކުރަނީ، ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި މި ޤައުމުގައި ބޭތިއްބުމަށްޓަކައި. އެތައް ގޮންޖެހުންތަކެއް އެބަހުރި. އެތައް ގޮންޖެހުންތަކެއް އެބަހުރި. އެ ގޮންޖެހުންތަކުގެ ތެރެއިންވެސް އަޅުގަނޑަށް މުހިންމީ، ރައްޔިތުން އިސްކުރުން. މިދިޔަ ސަރުކާރުތަކުގައި މި ކަންކަން ނޭނގިގެންނެއް ނޫން ނުކޮށް އޮތީ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ހަދާފައި އޮންނަތާ އެތައް އަހަރެއް. ހަމަ ވިޔަފާރިވެރިންގެ، ބަޔަކު މީހުންގެ ނުފޫޒުގެ ތެރެއިން، ހަމަ މަޖިލީހުގައާއި، ރައީސް އޮފީހުގައި ޕާކުކޮށްލާފައި އަހަރުތަކެއް ދިޔައީ. ހަމަ އެހެން ދެންހުރި ކަންކަންވެސް. ދުންފަތުގެ އަގު ބޮޑުކުރަނީ ނަމެއްގައި. މި ދެންނެވީ ޓެކްސް. އެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅިގެން، އެ މީހުންނަށް އެ ތަކެތި ރާއްޖެއަށް ގެނެވޭނެ ވަގުތު ދީގެން، ދެން އެކަމުން އަނެއްކާވެސް އެ މީހުންނަށް ވިޔަފާރި ކުރެވޭނެގޮތް ހަދަމުން، ހަމަ ނަމެއްގައި ސްމޯކް ސްކްރީނިންގ. އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން އެއީކީ. އިޚްލާޞްތެރިކަން އަޅުގަނޑަށް ހުރިހާ ކަމެއްގައިވެސް މުހިންމީ. އެހެންވީމާ، އަޅުގަނޑު ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، މިއިން ކޮންމެ ކަމެއްގައި އަޅަންޖެހޭ ފިޔަވަޅު އަޅަމުން މިދަނީ އިޚްލާޞްތެރިކަމާއެކީގައި. ރައްޔިތުން އަޅުގަނޑަށް ދެއްވާ އެއްބާރުލުމާއި، އަދި މި ދާއިރާގެ ބޭފުޅުން ދެއްވާ އެއްބާރުލެއްވުމަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ތިޔަ އެއްބާރުލެއްވުން މީގެ ޙަޤީޤަތަކީ.
އަޅުގަނޑު އިހަށްދުވަހު ޖެނެރޭޝަނަލް ބޭން ބިލު ތަޞްދީޤު ކުރުމުގެ ބައްދަލުވުމުގައި ބައްދަލުވި، 2007 ޖަނަވަރީ 1ގައި އުފަންވި ހައެއްކަ ކިޔަވާ ކުދިން ގާތުގައި އަހާލިން، ތިޔަ ކުދިންގެ އުމުރު ދުވަހަށް ސްމޯކް ބޭންކުރަނީއޭމި، ކިހިނެއްހެއްޔޭ ދެކެނީ މިކަމާ ދޭތެރޭގައި، އަޅުގަނޑާ ދޭތެރޭގައި. ވަރަށް ރުޅި އައިސްފައި ހެއްޔޭ ތިޔަތިބީ؟ ދެން، އެ ކުދިން ބުނީ، ވަރަށް އުފާކުރަމޭ. ދެން އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު ދެކެ ބިރުންކަމެއް އެހެން އެ ބުނީ. "ވަރަށް އުފާކުރަމޭ ތިޔަކަން ކުރާތީ. ތިމަންނަމެން މިކަމުން ދުރުކޮށްދެނީއޭ ތި." ދެން، އަޅުގަނޑު އުންމީދުކުރަނީ، ހިތުގެ އަޑިން ބުނި އެއްޗެއް ކަމަށް.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ޒުވާނުން އަދި ކުރިޔަށް އުފަންވާން ތިބި ހުރިހާ ތުއްތުކުދިންނަށްވެސް، މިއީ އަޅުގަނޑުމެންނަށް ކޮށްދެވޭނެ ހަމަ އެންމެ މުހިންމު އެއް ކަންތައް. އެއީ، ގައިންގަޔަށް ނާރާ ބަލިތައް ޖެހިގެން މަރުވާ މީހުންނަކީ، ނެޗުރަލް ޑެތް ފިޔަވައި، ދެން ހުރި ޑެތުތަކުގެ އަޅުގަނޑުމެންގެ ތަފާސް ހިސާބާއި، ދުނިޔޭގެ ތަފާސް ހިސާބު ދައްކާގޮތުގައި، އެންމެ ބޮޑު އިންސައްތައަކީ ސްމޯކް ކުރުން. ދުންފަތުގެ އިސްތިއުމާލުކުރުން. އެހެންވީމާ، އެކަމުން ދިވެހިން ސަލާމަތްކުރުމުގައި، ވިޔަފާރިވެރިއެއް، އެހެން މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން. އަޅުގަނޑު ވިޔަފާރިވެރިންނަށް މިރޭވެސް ދަންނަވާނީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތަކެތި ވިއްކާ ވިޔަފާރިވެރިންނަށް، އެކަން ހުއްޓާލައްވާށޭ. އެހެން ވިޔަފާރިއަކަށް ތިޔަ ފައިސާކޮޅު ސަލާމަތް ކުރައްވައިގެން ވަޑައިގަންނަވާށޭ. މިއީ، ފަސް ލައްކަ މީހުން ހަމަނުވާ ކުޑަކުޑަ ޤައުމެކޭ. މިތާނގައި ކީއްކުރަން ކުރާ ކަމެއްތޯ ތިއީ؟ ތިނޫންކަމަކަށް ތިޔަ ފައިސާކޮޅު ސަލާމަތްކޮށްގެން ވިޔަފާރިއަށް އިންވެސްޓް ކުރައްވާށޭ. ޔަޤީނުންވެސް ފައިދާ ބޮޑުވާނެ. ތިޔަބޭފުޅުން ތިޔަ ގެންނަވާ ތަކެތިން އަޅުގަނޑުމެން ނަގަންޖެހޭ ޓެކްސް ނަގައިގެން، އަޅުގަނޑުމެން ހޭދަކުރާނީ ރައްޔިތުންގެ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް. ޕްރިވެންޓިވް ހެލްތް ކެއަރ، ޕަބްލިކް ހެލްތް ކެއަރ، ކިއުރޭޓިވް ސައިޑުން، ހުރިހާ ސައިޑަކުން ކުރަންޖެހޭ ކަންކަމަށް އެކަނި އެ ފައިސާ އަޅުގަނޑުމެން ހޭދަކުރާނީ. އަޅުގަނޑުމެން އެހެން ގޮތްގޮތުން އެކަން ކުރަން ނިންމާފައި މިތިބީ. އެކަމަކު ތިޔަބޭފުޅުން ތިޔަ ތަކެތި އެތެރެކުރާހާ ހިނދަކު، އަޅުގަނޑުމެން ހަމަ ޓެކްސް ބޮޑުކޮށްފައި މިއޮތްވަރަށް ބާއްވައިގެން، ލިބޭ ފައިސާ އެކަމަށް ހޭދަކުރާނީ. އެހެންވީމާ، ތިޔަ ވިޔަފާރި ހުއްޓާލައްވާ. އަޅުގަނޑުމެންގެ ޕްލޭނަކު ނެތް ތިޔަކަމުން ފައިސާ ހޯދައިގެން ކަންކަން ކުރާކަށް.
އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކަ ވަރަށް ސާފު. ވަރަށް ސާފުކޮށް މި ދަންނަވަނީ. މި ޤައުމުގައި އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ދުޅަހެޔޮކަން، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރަން. އަދި މި ދާއިރާއިން ރައްޔިތުންނަށް ފަސޭހަކޮށްދޭން އިތުރު ކަންކަންވެސް އިތުރު މަސައްކަތްވެސް މި ކުރަނީ.
އާސަންދައިގެ ތެރެއިންވާ އިސްރާފު ކުޑަކުރުމަށްޓަކައިވެސް އަޅުގަނޑުމެން ފެށީ އެކަހަލަ މަސައްކަތެއް. އެކަމުގައި ދަތިތަކެއް ދިމާވި. އެއިން އޯވަރކަމް ކުރުމުގެ މަސައްކަތްތަކެއްވެސް ފެށި. މިހާރު ބޭސް ލިބުމުގައި، ކުރިން މި ދޭތެރެއިން ދިޔަ ވަރަށް ބޮޑު ހިތްނުތަނަވަސްކަމެއް. ހުރިހާ ރަށެއްގައިވެސް ދިޔަ. މަޑުމަޑުން ރަނގަޅު ކުރެވެމުން މިހާރު ހަމަ ބެކް ޓު ނޯމަލް، ނޫނީވިއްޔާ އެއަށްވުރެވެސް ރަނގަޅު އެބަކުރެވޭ. އަދި ކުރިޔަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި، އެސެންޝަލް މެޑިސިން ލިސްޓާއި، އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި ހުރިހާ ބޭހެއް، ހުރިހާ ފާމަސީއެއްގައި ޔަޤީންވެގެންދާނެ. އެ މަސައްކަތް ވަރަށް ގާތުން އެކަމާ ބެހޭ ޓީމު ދަނީ ކުރަމުން. އަޅުގަނޑު މިދަނީ ބަލަމުން. އެހެންވީމާ، ކޮންމެ ރަށެއްގައި ބޭސް އެއީ، މުޅި ޑްރަގް ލިސްޓުގެ ބޭހާއި، އަދި ޚާއްޞަކޮށް އެސެންޝަލް ލިސްޓް ޔަޤީންކުރެވިގެން މިދަނީ. ހަމަ އެއްވެސް ވަރަކަށް ހުސްނުވާނެކަން ޔަޤީންކުރުމާ އެކީގައި. އޭގެ އިތުރަށްވެސް، މިއިން މި ސޭވްވާ ސޭވްވުން ބޭނުންކޮށްގެން، އަޅުގަނޑުމެން އެހެން ކަންކަމަށް ރައްޔިތުންނަށް މި ލުއިކޮށްދެނީ.
ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީއެއްވަޢުދު. ދެ އަހަރުން އެއް އަހަރު މިދެނީ އައިނު ހެއްދުމަށްޓަކައި 1000 ރުފިޔާ. މި ބޮޑުކޮށްދޭނަމޭ. ޑަބަލްކޮށްދޭނަމޭ. އެކަމަށްޓަކައި ހަދަންޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމާ، މިހާރު އަޅުގަނޑު ވާނީ، ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި. ޖޫން 1ން ފެށިގެން، އައިނު ހެއްދުމަށްޓަކައިދޭ 1000 ރުފިޔާ، 2000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީވެސް މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭ ކަމެއް. އަދި އޭގެއިތުރަށްވެސް، ކުރެވެން ހުރި ގިނަ ކަންތައްތައް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. ދެންމެ މިތާނގައި ޑައެލިސިސް ޚިދުމަތް އިތުރު ހަތަރު ރަށެއްގައި އެ ފެށުނީ. ބާކީ ހުރި އަތޮޅުތަކުގައި ހަމަ އިޢުލާނުކުރެވުނު ގޮތަށް، ސެޕްޓެންބަރު ހިސާބުގައި އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ ކުރަން. އެހެންވީމާ، އެ ދިޔައީ މިދިޔަ 14 ވަރަކަށް، 16 ވަރަކަށް މަސްތެރޭގައި، ބާކީހުރި ހުރިހާ އަތޮޅެއްގައި އެކަން ކުރެވިގެން އެ ދިޔައީ. މިއީ، ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް ކުރެވިގެން މިދަނީ.
އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ހުރިހާ ދާއިރާއަކުން ކަންކަން މިކުރިޔަށް ގެންދަނީ. ތެލަސީމިއާ ބަލީގެ ކުދިންނަށްވެސް ކޮށްދޭންޖެހޭ ކަންތައްތައް މި ކުރަނީ އެ ވިސްނުމުގައި. އިރާދަކުރެއްވިއްޔާ، އެ ދާއިރާއަށް ގެންނަންޖެހޭ ތަރައްޤީވެސް އަޅުގަނޑުމެން ގެންނާނީ، ހަމަ އެ ކަމުގައި ޝާމިލުވާ އެންމެންގެ އެހީތެރިކަމާއެކީގައި.
އާދެ، އެ ކަންކަން އަޅުގަނޑު ހަމަ މި ބަޔާންކޮށްލައިދިނީ. އިރާދަކުރެއްވިއްޔާ، ސަރުކާރުން ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ރަނގަޅުކުރުމަށްޓަކައި މި ކުރެވޭ ކަންކަމުގައި އަޅުގަނޑުމެން ގެންދާނީ، އެއްވެސް ކަހަލަ ގޮންޖެހުމަކަށް، ނޫނީވިއްޔާ ކުރިމަތިވާ އުނދަގުލަކަށް ފަހަތަށްނުޖެހި، ރައްޔިތުން އިސްކޮށްގެން، ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ދުޅަހެޔޮކަން ވަރުގަދަ ކުރުމާއެކީގައި.
އާދެ، އަޅުގަނޑު ހަމަ މި ވާހަކަތައް ދަންނަވާލުމާ އެކީގައި، މިތަނަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި އިނގިރޭސިބަހުން އެއްޗެއް ދަންނަވާލާނަން.
I’d like to say a few words in honour of the foreign dignitaries present here as well.
Today, we come together to celebrate the World Health Day. Today is a reminder that health is not a privilege, but it is a human right. Each year, we focus on a different global health issue, but at the heart of it all, the message stays the same. Our well-being matters.
Being healthy isn’t just the absence of diseases. It’s about feeling good physically, mentally, and emotionally. It’s about having clean water to drink, healthy food to eat, safe places to live and play, and access to quality healthcare we need, when we need it.
Looking around the world, it's heartbreaking to see how the actions of certain nations lead to devastating consequences for countless innocent people. In Gaza, the ongoing Israeli aggression has left many without access to essential healthcare and food. Hospitals are overwhelmed, medical supplies are scarce and there is widespread famine. Children, the elderly, and the sick are being denied the care and nutrition they desperately need. It's a stark reminder of how political violence too often punishes those who have no part in it.
At the same time, for island nations like ours, climate change is a serious threat to health protection. Rising seas and extreme weather are impacting both our land and our physical and mental well-being.
Despite these challenges, the Maldives has achieved some big victories in public health - including WHO-certified elimination of polio, malaria, lymphatic filariasis, and maternal and neonatal tetanus, as well as the successful interruption of mother-to-child transmission of HIV and syphilis. These milestones have been made possible through the dedication of our health workers, the incredible support of our communities, and the strong partnerships with UN agencies.
But we know the journey isn’t over. There are still challenges to overcome. That is why we are continuing to invest in strong, reliable, primary, preventive and curative healthcare, ensuring everyone, everywhere, has access to the care that they need. And with universal health coverage and digitalisation, we’re working to make quality, affordable healthcare a reality for all. With special focus on preventive healthcare at a scale that has never been addressed in the Maldives before.
In this regard, let me highlight that we are all too aware specifically of the dangers posed by the tobacco industry. With calculated marketing strategies, bright packaging, and flavours designed to entice, they have deliberately targeted our youth – selling addiction under the guise of lifestyle. It is both a moral and public health crisis. And as a nation, we have chosen to act.
The influence of Tobacco is formidable. But so too is our determination to resist. The measures we’ve taken demanded courage, persistence, and a deep sense of duty.
Tobacco remains a leading cause of non-communicable diseases in the Maldives. It is a burden we can no longer afford. That’s why we’ve adopted bold reforms aligned with our national goals, to protect our people, especially the youth, from its harmful and deceptive appeal.
To unmask the appeal of tobacco, we have a bold and hopeful vision. That is to build a tobacco-free generation. To get there, we're working hard on both ends. We’re cutting down the supply of tobacco and reducing the demand for it. We're expanding access to cessation services across the country, so that help will be available to anyone who wants to break free from tobacco addiction. And just last year, we took a firm step by introducing a total ban on vaping.
In line with this commitment, we took a major step forward by ratifying the Second Amendment to the Tobacco Control Act. This amendment introduces a generational tobacco ban, with even stronger protections for our youth. Under this new law, anyone born on or after January 1st, 2007, will not be allowed to buy, use, or be sold tobacco products, ever.
I’m truly grateful to everyone who has stood with me and supported our efforts to push tobacco control forward. Every decision we’ve made reflects one belief: preventive healthcare must come before profit. And that’s a fight worth taking on, no matter how tough it gets.
Let me hence express my deepest gratitude to Dr. Tedros Adhanom Ghebreyesus, Director-General of the World Health Organization, for the recognition of our efforts. This recognition belongs to the people of the Maldives and to all those who have dedicated themselves to the fight for better preventive healthcare in our nation and is a powerful acknowledgement of the difficult but necessary efforts to confront the tobacco epidemic.
I know some of these changes aren’t easy, but my government is committed to facing even the tough issues head-on. But we cannot do this alone. I ask each one of you to see these reforms not as restrictions, but as a step forward for all of us. Because the future we all hope for depends on us standing together.
As we look ahead, I urge every Maldivian to make a personal commitment to living healthier, not just for our own sake, but for our loved ones and the communities we belong to. Small choices, like staying active, eating well, and avoiding harmful habits, can make a difference. If we do our part, we can build a future where good health is something we all share and take pride in.
On this World Health Day, let us reaffirm our commitment to a healthier, tobacco-free Maldives. Let us continue to lead with courage, act with purpose, and move forward with unity.
Thank you once again for this honour. And thank you for standing with the Maldives in our mission to protect health, uphold dignity, and build a stronger, healthier future for all.
Thank you.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه |
ޗީފް ސްކައުޓަށް ވާރލްޑް ސްކައުޓް ބެޖް އެރުވުމާއި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ، ސްކައުޓްގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.
އާދެ، ލައްކަ ދުވަސް ކޮށްފައި އަޅުގަނޑަށް ސްކައުޓް ހަރަކާތެއްގައި މި ބައިވެރިވެވެނީ. ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވިގެންދަނީ. ވަރަށް ކުރީ ޒަމާނެއްގައި، މަޖީދިއްޔާ ސްކޫލްގައި އުޅުނުއިރުގައި، އެ ވިދާޅުވިގޮތަށް ސްކައުޓްގެ ކަންކަމުގައި އުޅުނިން. އޭގެ ކުރިން ކަބް ސްކައުޓަކަށްވެސް އިސްކަންދަރު ސްކޫލްގައި، އެންމެ ކުޑައިރުން ފެށިގެން އުޅެވުނު. ދެން ވަރަށް އުފާވެރި ދުވަސްތަކެއް އެއީ.
އަޅުގަނޑަށް އެކިކަހަލަ ޕްރޮފިޝަންސީ ބެޖްތައް ހަދަން ދެއްވި އެކި ބޭފުޅުން، އަޅުގަނޑަށް އެކަންކަމުގައި އެހީތެރިވެދެއްވި ބައެއް ބޭފުޅުން، މިތާނގައި މިހާރުވެސް އެބަ ތިއްބެވި އިނގޭތޯ. ހަތަރު ފަސް ބޭފުޅަކު މިހާރުވެސް އަޅުގަނޑަށް އެބަ ފެނޭ. އަދިވެސް އެ ބޭފުޅުން އެ ތިއްބެވީ ހަމަ އެ ހީވާގިކަމުގައި، ޒުވާންކަމުގައި. މިކަމުގައި ކުރިއަށް ވަޑައިގަންނަވާތީ އެއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑަށް އޭރުގައި އެކަންކަމުގައި ސަތާރަވަރަކަށް ޕްރޮފިޝަންސީ ބެޖް، އެ ބޭފުޅުންގެ އެހީތެރިކަމާއެކީ ހެދިގެންދިޔަ.
ދެން ކޮންމެއަކަސް، މިއަދުގެ ހާލަތުގައި އަޅުގަނޑު، ދެންމެ މިތަނުގައި ނަޡީފް ވިދާޅުވި ކަންކަމަށް ވިސްނާލާއިރުގައި، ވަރަށް ގިނަ މަސައްކަތް، ސަރުކާރުގެ ތެރެއިން ކުރަން ޖެހިފައި އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ މަގުފަހިކޮށްދިނުން. މަގުފަހިކޮށްދިނުމަށްޓަކައި، އެކިކަހަލަ ކަންތައް ކޮށްދެވޭނީ. އެއީ، ވަސީލަތުގެ ގޮތުންނާއި، އަދި އެކިކަހަލަ ގޮތްގޮތުން މަގުފަހިކޮށްދޭން ކުރެވިދާނެ ކަންކަން. އެއީ، ޢުމްރާނީ ވަސީލަތްތައް އަދި ފައިސާގެ ގޮތުންނާއި، މިކަހަލަ ގޮތްގޮތުން.
އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް ދެއްވާ މަޢުލޫމާތު، ނޫނީވިއްޔާ ލަފާ، ނޫނީވިއްޔާ ވިދާޅުވެލައްވާ ކަންކަމުގެ އަލީގައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށްދާނަން. އަދި މިނިސްޓަރވެސް އެބަ އިންނެވި. އެޑިޔުކޭޝަން މިނިސްޓަރގެވެސް ލަފާ އަޅުގަނޑަށް ލިބޭނެ.
އެހެންވީމާ، ތިޔަބޭފުޅުންގެ ސްކައުޓް އެސޯސިއޭޝަން، ސްކައުޓްގެ ހުރިހާ ހަރަކާތުގައި އުޅޭ، އަދި ވޮލަންޓިއަރ ހުރިހާ ބޭފުޅުން، ޖުމްލަކޮށް، މި ޢާއިލާ ބޭނުންވާ ކަންކަމުގައި އަޅުގަނޑު ބަލާނަން، މި ވޭތުވެދިޔަ ތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކިކަހަލަ ޗެލެންޖްތަކުން އޯވަރކަމް ކުރެވޭނެ ގޮތްތަކެއް ހޯދައިދޭން.
ވަރަށް ގިނަ ޗެލެންޖްތަކުގައި އުޅެންޖެހިފައި، ހަމަ ޙަޤީޤަތުގައިވެސް ތިޔަ ވިދާޅުވިގޮތަށް ވަންނާނެ އިމާރާތެއް ނެތި، ބާވެފައި ހުންނަ އެކިކަހަލަ އިމާރާތްތަކަށް، އެއްތަނުން އަނެއްތަނަށް، މިހެން ބަދަލުކުރަމުން މިދަނީ. އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން. ހަމަ ޔަޤީނުންވެސް ރާއްޖޭގައި މިދިޔަ 69 އަހަރު ދުވަހުގެ ތެރޭގައި، ސްކައުޓް ހަރަކާތް ހިންގިއިރުގައި، ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް، މުޖުތަމަޢަށްވެސް، ތިޔަބޭފުޅުން ސްކައުޓް ހަރަކާތުގެ ފަރާތުން ވަނީ ހޯދައިދެވިފައި. ކުދި ކަންކަމުންގޮސް، ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓަކީ، ސްކައުޓް ހަރަކާތަކީ، ރާއްޖޭގައި ހަމަ ޔަޤީނުންވެސް ވަރަށް ބޮޑަށް ޝާމިލްވެފައިވާ، އެހީތެރިކަން ދީފައިވާ، އަދި ދެމުންވެސްދާ ހަރަކާތެއް. އަދި ދުނިޔޭގައިވެސް މިކަން އޮންނަ ގޮތް މިއީ.
އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންގެ މި ހަރަކާތް ދިރުވައި އާލާކޮށް، ވަރުގަދަކުރުމަށް، އަޅުގަނޑު ވަރަށް ބޭނުން. އެހެންވީމާ، ސަރުކާރުން ހުރިހާ ޒާތެއްގެ ވަސީލަތްތައް ޝާމިލްވާގޮތަށް، ފަހިކޮށްދިނުމުގެ ވާހަކަ މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، މި ހަރަކާތް އަދި ޖުމްލަކޮށް، ސްކައުޓް ހަރަކާތުގެ އިތުރަށްވެސް ހަމަ ހިނގާ އެކި ހަރަކާތްތައް އެބަހުރި. ކެޑޭޓް، ގަރލްގައިޑް. ޖުމްލަކޮށް މި ހުރިހާ ހަރަކާތަކަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަންދީގެން، އަޅުގަނޑު ކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
އެހެންވީމާ، ހިންގަވާ އަޅުގަނޑުމެން މިކަމުގެ ތަފްޞީލަށް، ކުރިއަށް އޮތް ދުވަސްތަކުގައި ދާން. މިސާލަކަށް، ދާއިމީގޮތެއްގައި އިދާރީ މަސައްކަތްކުރުމަށް، އަދި ހަރަކާތްތައް ހިންގުމަށްޓަކައި ކޭމްޕިންގއާއި އެކި ކަންކަމުގައާއި، އަދި ޖުމްލަކޮށް މިހެން ހުންނަ ކަންކަމުގައި، ކުރެވިދާނެ ކަންކަން ބަލައި، އެކަންކަމަށް ރަނގަޅު ހައްލުތައް ގެންނަން.
އާދެ، އެހެންވީމާ، މި މައިގަނޑު ވާހަކަ އަޅުގަނޑު ދަންނަވާލަން ޙަޤީޤަތުގައި ބޭނުންވީ. އިރާދަކުރެއްވިއްޔާ، މިގޮތަށް ގުޅިގެން، އަޅުގަނޑުމެން އެންމެންނަށް މި މަސައްކަތް ކުރެވުނީމާ ނަތީޖާ ރަނގަޅުވާނެ.
އާދެ، އަދިވެސް އެއްފަހަރު، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ، ހުރިހާ ސްކައުޓުންނަށް ދަންނަވަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި، މި ދެންނެވި ބީދައިން މަސައްކަތް ކުރެވި، އަޅުގަނޑުމެން ދެން ބައްދަލުވާއިރުގައި، މިއަށްވުރެ މާ އުފާވެރި، އަދި ފުޅާ، މިއަށްވުރެ ގިނަ ސްކައުޓުންނާ އެކީގައި، މިއަދު ދެން ހަމަ ވަކި ކަންތައްތަކެއް ހިމަނާފައި އޮތް އެޖެންޑާއެއް އޮތް ނަމަވެސް، މިއަށްވުރެ ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި، ހަރަކާތްތަކަކާ އެކީގައި ތިޔަބޭފުޅުންނާ އެކީގައި ބައްދަލުވުމުގެ އުންމީދުގައި، އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގައި، ސްކައުޓް ހަރަކާތް ކުރިއެރުވުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އަދި ޖުމްލަކޮށް، މި ޤައުމުގައި ސްކައުޓް ހަރަކާތް، ކުރިއަށް އޮތް ތަނުގައި އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި، އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕީ.އެސް.އެމް. އަށް ދެއްވި ޚާއްޞަ އިންޓަރވިޔު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | މި އިންޓަރވިޔުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލުތައް ދެންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ އެޑިޓަރ އަޙްމަދު ޖަދުވާން.
ޕްރެޒެންޓަރ:
السَّلامُ عَلَيْكُم.
ޓީ.ވީ. ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑު މި ވަގުތު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ވަރަށް ޚާއްޞަ ބޭފުޅެއްގެ ވަރަށް ޚާއްޞަ އިންޓަރވިޔުއެއް ގެނެސްދިނުމަށްޓަކައި.
އަޅުގަނޑު މި ވަގުތު މިއިނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި.
ރައީސް، ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ.
ރައީސް، އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވި ގޮތަށް، އަދިވެސް ހަމަ ވަރަށް ބުރަކޮށް އުޅުއްވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ އިނގޭތޯ. ކިހިނެއްތޯ މަސައްކަތް؟ ހާލު އަހުވާލު ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ބޮޑަށް ޝުކުރިއްޔާ!
އާދެ، އަޅުގަނޑު ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް މި ކުރަނީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރެވޭތޯ. އެއީ، އަރާމުކުރަން އޮވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، ވަރަށް ބުރަކޮށް މަސައްކަތް ކުރަނީ، އުފަލާ އެކީގައި.
ޕްރެޒެންޓަރ:
އާދެ، ރައީސް އަޅުގަނޑުމެންނަށް ދާދިފަހުން މަނިކުފާނު ކުރެއްވި މުހިންމު ގިނަ މަސައްކަތްތަކަށް ބަލާއިރުގައި، ރައްޔިތުންގެ ލާބައާއި މަންފާއަށް، ސީދާ ރައްޔިތުންނާ ގުޅުންހުރި ވަރަށްގިނަ ކަންކަމަށް، ވަރަށްގިނަ އިޞްލާޙީ ބަދަލުތަކެއް ގެންނަވައިފި. އަދި ވަރަށްގިނަ ކުރިއެރުންތަކެއް ގެންނަވަން ފަށްޓަވައިފި. އެކަންކަމާ ގުޅޭގޮތުން އަޅުގަނޑު ދެތިން ސުވާލު ދަންނަވާލާނަން އިނގޭތޯ.
ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާލާނީ، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ. މަނިކުފާނު ވަރަށް ކުރިއްސުރެ ވިދާޅުވެފައިވޭ، ކެމްޕެއިން ތެރޭގައިވެސް. ދިވެހި ރައްޔިތުންނަށް ދިމާވެފައި މި އޮތް ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް މި ދައުރުގެ ތެރޭގައި، އެކަށީގެންވާވަރުގެ ބޮޑު ޙައްލެއް ގެންނަވާނެ ކަމަށް. ވެރިކަމާ ހަވާލުވެވަޑައިގެން ބައްލަވައިލެއްވިއިރުގައި، ކުރީގެ ނިމިދިޔަ ސަރުކާރުން ކަނޑުންނާއި، އެއްގަމުންނާއި، މަގުމެދުން ދީފައި ހުރި ވަރަށްގިނަ ގޯތިތަކާއި ފްލެޓްތަކެއް ހުރި. އެހެންނަމަވެސް، ނަމެއްގައި. ދެން އެ ރިއަލައިޒް ކުރަން، ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، ވަރަށްދަތި އުނދަގޫ، ވަރަށްބޮޑު މަސައްކަތެއްގެ ގޮތުގައި، އަޅުގަނޑުމެން ނޫސްވެރިންނަށްވެސް އަދި ޢާންމު ރައްޔިތުންނަށްވެސް ފާހަގަކުރެވުނު. އެހެންނަމަވެސް، މަނިކުފާނު މިހާރު މިވަނީ ކުރީގެ ސަރުކާރުން އިޢުލާނުކުރި ލިސްޓަށް، އޭގެތެރޭގައި، ޝަރުޠުހަމަވާ އެންމެންނަށް ފްލެޓް ދެއްވާނެކަން އިޢުލާނު ކުރައްވައި، އެކަންކަން ޢަމަލީގޮތުން ފަށްޓަވާފައި. އަޅުގަނޑު ހިތަށްއަރަނީ، މި މަސައްކަތް މަނިކުފާނު މިހާރު ޢަމަލީގޮތުން ކުރައްވާއިރުގައި، ކޮބައިބާވައޭ މީގައި ވިދާޅުވާނެ ވާހަކަފުޅަކީ، މިހާރު ކުރެއްވި މަސައްކަތުގެ ތެރެއިން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
އާދެ، އަޅުގަނޑު ވަކި މިއަދަކު ނޫން. ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދަނީ، ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް އިނގޭތޯ. ރައްޔިތުންނަށްވީ ވަޢުދު ފުއްދުމުގައި، ރައްޔިތުންނަށް ދަތިވާ ކަންކަން ޙައްލުކޮށްދީ، ލުއިކޮށްދީ، ދިރިއުޅުން ފަހިކޮށްދިނުމަށް ކުރަންހުރި ހުރިހާ ކަމެއް ކުރުމުގައި އިރާދަކުރެއްވީތީ އިނގޭތޯ. އަދި އަޅުގަނޑު ކުރިއަށްދާނީވެސް އެގޮތުގައި.
އެގޮތުން ބަލާއިރުގައި، ގެދޮރުވެރިކަން، ނޫނީވިއްޔާ ބޯހިޔާވަހިކަމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ، އިޖުތިމާޢީ އެންމެބޮޑު މައްސަލަ. އެހެންވީމާ، އެ މައްސަލަ ޙައްލުކުރުމަށް އަޅުގަނޑު އެންމެ އިސްކަމެއްދެނީ.
އަޅުގަނޑު ވަރަށްގިނަ ވަޢުދުތަކެއްވި އިނގޭތޯ. ވަރަށްގިނަ ދާއިރާތަކުން، ވަރަށްގިނަ ވަޢުދުތައްވި. ދެން އޭގެތެރޭގައި، އެންމެ މުހިންމު ވަޢުދުވެފައި މިވަނީ ހަމަ ގެދޮރުވެރިކަމާ ބެހޭގޮތުން އިނގޭތޯ. ދެން އެގޮތުން ބަލާއިރުގައި، މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތަކާއި ގޯތިތަކެއް އެބަހުރި. އެކަމުގައި ވަރަށް ސާފުކޮށް އަޅުގަނޑު ވަޢުދުވިން، އެކަން ކުރާނެގޮތް އިނގޭތޯ. ޖުމްލަ ވަޢުދަކީ، ކޮންމެ ސަރުކާރަކުން ދިންކަމުގައިވިޔަސް، އެ ދިން އެއްޗެއް، އެއީ، ފްލެޓެއްވިޔަސް، ގޯއްޗެއްވިޔަސް އަޅުގަނޑު އަތެއްނުލާނަމޭ. ދޭނަމޭ. އެ ވަޢުދު އަޅުގަނޑުވިން. ދެން އެ ވަޢުދާ އެކީގައި، އަޅުގަނޑު ދެންނެވިން، ޢާންމު އުޞޫލުގެ މަތިން، އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، ނޫނީވިއްޔާ އޮޅުވާލައިގެން، ޝަރުޠުހަމަނުވާ މީހަކު، ޝަރުޠުހަމަވާ ކަމަށް ގަވާއިދާ ޚިލާފު އެއްވެސް ކަހަލަ ކަމެއް ކޮށްފައިވާކަން އެނގޭނަމަ، ކުރީގައިވެސް އެ ކެންސަލްވާ ގޮތަކަށް، އެ މީހަކު ކެންސަލްވާނެއޭ. އެއީކީއެއް މިއަދަކު ކުރާ ކަމެއް ނޫނޭ. ކެމްޕެއިން ތެރޭގައިވެސް އެ ވާހަކަ އޮންނާނީ އަޅުގަނޑު ދައްކާފައި. އަދި ފަހުންވެސް. އެހެންވީމާ، ޖުމްލަ ވަޢުދަކީ، ގޯއްޗެއްވިޔަސް، ފްލެޓެއްވިޔަސް ދޭނަމޭ. އަތެއްނުލާނަމޭ.
އެހެންވީމާ، އިއްޔެ މިހާރު މި ނިންމި ނިންމުމަކީ، މިދިޔަ ސަރުކާރުން އެ ދިން ލިސްޓުގައި އޮތްގޮތަށޭ އަޅުގަނޑުމެން ކުރިއަށްދާނީ. ދެން އެ ލިސްޓުގައި، އޮޅުވާލާފައި، ޝަރުޠުހަމަނުވާ މީހަކު ޝަރުޠުހަމަވާ ކަމަށް ކަނޑައަޅައި، ދީފައި އޮވެއްޖިއްޔާ، އެ މީހަކު އުނިވާނެ. އެގޮތަށޭ ކުރިއަށްދާނީ. އެހެންވީމާ، އަޅުގަނޑު މި ފުއްދަނީ ވަޢުދު އިނގޭތޯ. ވަޢުދު ފުއްދަނީ.
ދެން މިދިޔަ ދުވަސްތަކުގައި، އެކިގޮތްގޮތަށް މިކަން ދިޔަ. ދެން އެކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެކިކަހަލަ މަޝްވަރާތައް ކުރެވި، އެކި ފަރާތްތަކުގެ ލަފާ ލިބި، މިގޮތަށް ކުރެވުނު ކަންތައްތަކެއް ދިޔަ. ދެން ރައްޔިތުން، އޭގެތެރޭގައި ވަރަށް ބޮޑަށް އުޅެންވެސް ޖެހިފައި އޮތީ. އަޅުގަނޑު އެކަމަށްޓަކައި، ހަމަ އެ ދަތިކަމުގައި އުޅެންޖެހުނު ހުރިހާ ރައްޔިތުންގެ އަރިހުން މާފަށްވެސް އެދެން. އަޅުގަނޑުގެ ނިޔަތަކަށްވީ، ހަމަ އެންމެ އިންޞާފުވެރިކޮށް، އެންމެ ރަނގަޅަށް މިކަން ކުރަން. މިކަމުގައި މި ކުރެވުނު ހުރިހާ މަސައްކަތެއްގައިވެސް ނިޔަތަކީ މިއީ.
ދެން އަޅުގަނޑުމެން މިދަނީ ހަމަ ވަޢުދުވެފައި އޮތް ގޮތަށް މިކަން ކުރުމުގައި. ކުރިއަށް ދިޔުން ހަމަ ވަރަށް ސްޓްރެއިޓް ފޯވަރޑް، ސިމްޕަލް ގޮތަކަށޭ މިކަން މިއޮތީ ކުރަން. ހަމަ އެ ލިސްޓަށް ދޭން ނިންމައި، އޭގައި ދެން ޝަރުޠުހަމަނުވާ، ނޫނީވިއްޔާ މަކަރު ހަދާފައި ހުރި މީހެއް ވެއްޖިއްޔާ އުނިވާނީއޭ. އަޅުގަނޑުމެން އަލުން ބަލުން ފަށައިގެން ޕޮއިންޓްދީ، ނޫނީވިއްޔާ އެހެން ކަމެއް ކޮށްގެން، ނުގަވާއިދުން މިއަށް ވަދެފައި ހުރި މީހަކު ވެއްޖިއްޔާ، މިއިން އުނިކުރުމަކީ އަދި އެހާ ފަސޭހަކަމެއް، ނޫނީވިއްޔާ ރަނގަޅު ކަމަކަށްވެސް ނުވެދާނެ. އެހެންވީމާ، މިހާރު މި ފައިނަލްވީ. ދެން މިގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ.
ދެން ހަމަ އެގޮތަށް، ގޯތިތައްވެސް އަޅުގަނޑުމެން ދިނީ. ދެން އިރާދަކުރެއްވިއްޔާ، ހުޅުމާލޭގައި މި ފްލެޓްތައް ނިމެމުންދާވަރަކުން އަޅުގަނޑުމެން ހަވާލުކުރަމުން ދާނަން. ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން، މި އަހަރު ތެރޭގައި، ވީހާވެސް އަވަހަކަށް ހަވާލުކުރަން ފަށާނެ ވާހަކަ. އަޅުގަނޑަށް ހީވަނީ ސެޕްޓެންބަރު މަހާ ހަމަޔަށް ދާންވާއިރަށް، ވީހާވެސް ގިނަ މީހުންނަކަށް ހަވާލުކުރެވޭނެހެން. މިހާރުވެސް ގިނަ ތަންތަން ހުރީ ނިމިފައި އިނގޭތޯ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން، ހަމަ ނިމެމުންދާވަރަކުން ދާނީ ހަވާލުކުރަމުން.
ދެން އޭގެއިތުރަށް، ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ގޯތީގެ ކަންތަކުގައި. ހުޅުމާލެއިން ގޯތިތައް ލިބުނު މީހުންގެ ތެރެއިން، ވަރަށްގިނަ މީހުންނަށް އަޅުގަނޑުމެން ވާނީ ފޭސް 2 އިން ގޯތިތައް ހަވާލުކޮށްފައި. ދެން ފޭސް 3 މިހާރު އެވަނީ އެޗް.ޑީ.ސީ.ގެ ފަރާތުން އާ މާސްޓަރ ޕްލޭނެއް އިޢުލާނުކޮށްފައި. އެއީ، ކުރީގައި އޮތީ ވަރަށް ބޮޑަށް ތޮއްޖެހޭގޮތަށް ފަޅުތެރެ ހިއްކަން ނިންމާފައި. ދެން އެހެންނަމަވެސް، ހަމަ އެކިކަހަލަ ބޭނުންތަކަށް ފަޅުތެރެވެސް މިހާރު ބޭނުންވާނެ ދޮގެއްތޯ؟ ސިޓީއެއްގައި ވިއްޔާ އޮންނަންޖެހޭނެ ރަނގަޅު ފަޅެއް.
އެހެންވީމާ، މި ޒަމާނުގެ ކޮންސެޕްޓަށް ފިޓްވާގޮތަށް ޕްލޭން ހަދާފައި، އެއްވެސް ގޯއްޗެއް އުނިނުވާގޮތަށް ޕްލޭން ހަދާފައި، ދެން ހިއްކުމުގެ ކަންތައް އެޗް.ޑީ.ސީ.އިން ކުރިއަށް ގެންދާނީ. ގެންގޮސްފައި ހަމަ ފޭސް 3ންނާއި، ފޭސް 2 ގައި ދެން ނުދެވިހުރި ހުރިހާ ގޯތިތައްވެސް ހަވާލުކުރާނެ.
ދެން މިދިޔަ ސަރުކާރުން މި ގޯތިތައް ދިންއިރުގައި، މަގެއް، ތަނެއް ނުބަލައި ދިނީ. ދެން އަޅުގަނޑުމެން ވާނީ އެ ރަނގަޅުވެސް ކޮށްފައި.
ގިރާވަރުފަޅުވެސް، ބޭރުންގޮސް ކަނޑާ އެކީގައި ފައިބާވަރަށް ގޯތިދީފައި. މިހެން ކޮށްފައި އޮތީ. އެހެންނޫންތޯ؟
އެހެންވީމާ، ގިރާވަރުފަޅުންވެސް ކަނޑާ އެކީގައި ފައިބާގޮތަށް ދީފައިހުރި ގޯތިތައް އަޅުގަނޑުމެން މިވަނީ ގުޅީފަޅަށް ބަދަލުކޮށްފައި.
ދެން އަޅުގަނޑުމެން ފުރަތަމަ މަސައްކަތްކުރީ، ފުން ސަރަޙައްދު ހިއްކައިގެން، އެ ކަންތައް ކުރެވޭތޯ. ދެން މީގައި ޑިލޭސްތަކެއް އެބައުޅޭ، ފުން ސަރަޙައްދު ހިއްކުމުގައި. އެހެންވީމާ، ފުން ސަރަޙައްދަށް އަރާ ގޯތިތައް އަނެއްކާ އެއްގަމަށްލާފައި، ޕްލޭން އަލުން ބަދަލުކޮށްފައި، އިއްޔެ އިޢުލާނުކޮށްފައި، މިއަދު މި ގުރުއަތުލީ.
އެހެންވީމާ، މިހާރު ގުޅީފަޅުންވެސް ގޯތި އެ ފައިނަލްވީ. ފައިނަލްވެގެން އެ ހުރިހާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންތަކާއި އަދި، އިން ވަކިކޮށްފައި، ހަމަ ކަޑަޖަހާފައި، ގޯތިތައް ޢަމަލީގޮތުން އަޅުގަނޑުމެން ދޭން ފަށާނަން، ބުރިޖުގެ މަސައްކަތަށް ބަންދުވެފައި އޮތް ސައިޓް ކަހަލަ ތަންތަން ނޫން ހުރިހާ ތާކުން. ކޮންމެގޮތެއްވިޔަސް، އެ ތަންތަން ދެވޭނީ ހަމަ ހުސްވީމާ ދޮގެއްތޯ؟
އެހެންވީމާ، މި ޕްރޮޖެކްޓްގެ ތެރެއިން، ދެން ގިރާވަރުފަޅު ހިއްކުން. އެކަންވެސް ހަމަ މި ކިޔާ ލޮޕްސައިޑަޑް، ވަކިއަތަކަށް ގޮސް ހުސްވެފައި އޮތް، ދައުލަތަށް ބޮޑެތި ގެއްލުންވާގޮތަށް އޮތް އެގްރީމަންޓެއްވީމަ، އޭ.ޖީ. މިހާރު އެ ބާޠިލްކޮށް ނިންމަނީ. ނިމުނީމަ، އެތަން ސަލާމަތްވީމަ، އަޅުގަނޑުމެން ހަމަ އެތަން ސަރުކާރުން ހަމަ އަލުން ފަށައިގެން ހިއްކައި ނިންމާލާނަން. ނިންމާލާފައި، އެތާނގެ ގޯތިތައްވެސް ދީ ނިންމާލާނަން އިނގޭތޯ. އެހެންވީމާ، އެގޮތަށް މިކަން ދާނީ.
ދެން ހަމަ މި މައުޟޫޢުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. މިއީ ހަމަ އަދި މިހާތަނަށް ހިނގަމުން އައި ކަންކަން ރަނގަޅު މަގަށް އަޅުވައި، މީގައި ހުރި އޮޅުންބޮޅުންތައް ސާފުކޮށް، ސިސްޓަމްގެ ތެރެއިން، އުޞޫލުތަކުގެ ތެރެއިން މިކަން ކުރުމަށްޓަކައި ކުރަމުންދާހާ ކަންކަމޭ.
އަދި އަޅުގަނޑު ވަޢުދުވެފައި ހުންނާނެ ވަރަށް ގިނައިން ހަމަ މި ސަރަޙައްދަށް، މާލޭ ސަރަޙައްދަށް އެހެން ވަޢުދުތައްވެސް، ބޯހިޔާވަހިކަމާ ގުޅޭގޮތުން. އެގޮތުން ބަލާއިރުގައި އެއްކަމަކީ، ވަރަށްހަނި ގޯޅިތަކާއި، މިހެންގޮސް ލޯނު ނަގައިގެން، ގެއަޅަން މީހުންނަށް ބޭންކުން ލޯނު ނުލިބޭގޮތަށް ހުންނަ ގޯތިތައް ހުރޭ. އެ ހަނިގޯޅިތަކުގެ ތެރޭގައި ކަނެއްގައި. ނޫނީވިއްޔާ މިހެން ހުންނަ ސަރަޙައްދުތަކުގައި، މާ އިކޮނޮމިކަލް، ބޭންކަބަލް ޕްރޮޖެކްޓްތަކަށް ނުވާ ސަރަޙައްދު ހުންނަ ވަރަށްގިނަ ގޯތި އެބަހުރި. މި މީހުންނަށް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، ލާޖައްސާ އުޞޫލުން މާލޭ ސަރަޙައްދުން، ގްރޭޓަރ މާލޭ އޭރިއާއިން ބިންދީފައި، އެތަންތަން ދައުލަތަށް ނަގާފައި، އެ ލޯނު ލިބޭނެ މަގު ފަހިކޮށްދޭނެ ވާހަކަ. ނޫނީވިއްޔާ ލާޖައްސާފައި އޮތް ތަނުން ގޯތިދޭނަމޭ. އޭރުން އެ މީހާއަށް، އެ މީހާގެ ގޯތިހަދަން ފުރުޞަތު އެބަ ލިބޭ.
ދެން މި ވަޢުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ ދާދި އަވަހަށް ފަށަން އިނގޭތޯ. އެހެންވީމާ، ސަރުކާރުން ވަރަށް އަވަހަށް އިޢުލާނު ކުރާނެ، މާލޭގައި ހުރި، މިގޮތަށް ހުރި ގޯތިތައް، މުޅި ގޯތި އެކީގައި ދޫކޮށްލާފައި ހަމަ އެ ގޯތީގެ ސައިޒްގެ ގޯއްޗެއް، މާލޭ ސަރަޙައްދުން، އަޅުގަނޑުމެން ހިއްކާ ސަރަޙައްދުތަކުން، އުތުރުތިލަފަޅުވެސް ހިއްކަން މިއޮތީ ނިންމާފައި. އަދި ގިރާވަރުފަޅު ހިއްކައި ނިމޭއިރުގައި، އިތުރަށް ޖާގަ ލިބެންވެސް ލިބޭނެ. އަދި ގުޅީފަޅުންވެސް އަދި ފުންތަން ހިއްކައި ނިމޭއިރުގައި، އަޅުގަނޑުމެންނަށް ހަމަ ބައެއް ސަރަޙައްދު އިތުރުވާނެ. މިހެންގޮސް ރަސްމާލެ ހިއްކުމުގައި މިހާރު އަޅުގަނޑުމެން މިގެންދާ މަޝްރޫޢު އިރާދަކުރެއްވިއްޔާ، އެތައް ގުނައެއް ސްޕީޑް އަޕްވާ ގޮތަށް މިހާރު އިރާދަކުރެއްވީތީ އެގްރީމެންޓް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ނިމެމުން.
އެހެންވީމާ، މާލެ ސަރަޙައްދުގެ، ރަސްމާލެ ހިމެނޭހެން މުޅި މި ސަރަޙައްދުން މި އިތުރުވާ ބިންތަކުން ހުޅުމާލެވެސް ހިމެނޭހެން، އަޅުގަނޑުމެން މާލެއިން މިގޮތަށް ގޯތި ދޫކޮށްލާފައި، މިގޮތަށް ނުހެދޭނެ ގޮތަށް ހުންނަ ހަނި މަގުތަކާއި، މިތަންތާނގައި ހުންނަ ގޯތިތައް، އެ ގޭގެ އެންމެންވެގެން ދޫކޮށްލާފައި، އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ އެންމެންނަށް ފުރުޞަތު ހުޅުވާލާނަން އިނގޭތޯ.
އެހެންވީމާ، އަޅުގަނޑުމެން ފުރުޞަތު ހުޅުވާލައި، އެގޮތަށް އެއްބަސްވާ އެންމެންނަށް، އެގޮތަށް ބޭނުންވާ އެންމެންނަށް، ވީހާވެސް ގިނަ ބަޔަކަށް އަޅުގަނޑުމެން ބަލާނީ ގޯތިދޭން އިނގޭތޯ. ގޯތިދިނީމަ، މާލެތެރެއިން އެ ގޯތިތައް ހުސްވީ. އެތަންތަން ސަރުކާރަށް ނަގާނީ. ނަގާފައި، އެތަންތަން އޯޕަން އަޕް ކޮށްލުން، ނޫނީވިއްޔާ ގްރީން ސްޕޭސްއެއް ހެދުން، ލިވަބަލް އޭރިއާއަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން، ނޫނީވިއްޔާ ބޭނުންޖެހިފައިވާ މި މާލެއަށް ހިތްގައިމު ސިޓީއެއް ގޮތުގައި ހެދުމަށް ބޭނުންވާނެ ކަހަލަ ކަންތައްތައް، އެ ތަންތާނގައި ކުރާނީ.
އެހެންވީމާ، ވަރަށްގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ އިނގޭތޯ. ލާޖައްސާ އުޞޫލުން މާލެއިން ގޯތި، އެހެން ސަރަޙައްދަކުން ހޯދުން. މާލޭ ސަރަޙައްދުން، ކޮންމެވެސް ހިސާބަކުން ގޯތި ހޯދުން. މި މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި، ރަސްމީ ލިޔުން ދޭނަން އިނގޭތޯ، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ.
ދެން ހަމަ އޭގެއިތުރަށް، މާލޭގައި، ސިނަމާލޭ ސަރަޙައްދުގައި ފްލެޓް އެޅުމުގެ މަޝްރޫޢެއް އެބައޮތް. އެއީ، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ފެށިފައި އޮތް މަޝްރޫޢެއް. މިހާރު ދެން ސިޓީ ކައުންސިލް ތްރޫކޮށް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އިނގޭތޯ. ދެން އެ މަޝްރޫޢުގެ ދަށުންނާއި އަދި ވިލިނގިލީގައިވެސް އެއީ، މާލޭގެ ގާތްގަނޑަކަށް 2000 ފްލެޓް. ވިލިނގިލީގައި 500 ވަރަކަށް ފްލެޓް. ދެން އަދި ހުޅުމާލޭގައި އިތުރު ސޯޝަލް ފްލެޓްސް އަންނާނެ، އެކި މަޝްރޫޢުތަކުގެ ތެރެއިން. އިންޑިއަން އެލް.އޯ.ސީ.ގެ ތެރެއިންވެސް މާލޭ ރީޖަނަށް އެބައޮތް، 4000 އަށްވުރެ ގިނަ ފްލެޓް. ދެން މިހެންގޮސް ފްލެޓްތަކެއް އެބައާދޭ.
ދެން އެހެންވީމާ، ރަސްމާލޭގައިވެސް ހަމަ ވަރަށްގިނަ ފްލެޓް އެޅުމުގެ މާސްޓަރ ޕްލޭނެއް މިއޮތީ. ވަރަށްގިނަ ގޯތިތައްވެސް ދިނުން އެބައޮތް.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މި މާލޭގައި އަޅުގަނޑުމެން ހުޅުވާލާނަން، ކުރިމަތިލާން 18 އަހަރުން މަތީގެ، މިއީ ހަމަ އަޅުގަނޑުގެ ވަޢުދު ފުއްދުމަށް. 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް. މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން. ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވަހިކަމެއް ނެތް. 18 އަހަރުން މަތީގެ ރައްޔިތުންނަށް މި ދެންނެވި މުޅި މާލެ ސަރަޙައްދުން، ގްރޭޓަރ މާލޭ އޭރިއާ، ރަސްމާލެ ހިމެނޭގޮތަށް. ގޯތި، ނޫނީވިއްޔާ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުޅުވާލާނަން އިނގޭތޯ. ހުޅުވާލައި، އެ ފަރާތްތައް ކުރިމަތިލައި، އެ ފަރާތްތަކަށް ރަސްމީގޮތުން އަޅުގަނޑުމެން ކަށަވަރުކަމުގެ ލިޔުން ދޭނަން އިނގޭތޯ. ލިޔުން ދޭނަން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި. އެއީ، ޓާގެޓަކީ.
އެހެންވީމާ، މި އަހަރު ނިމޭއިރު، އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުގެ ވަޢުދުގައި މި ދެންނެވި ބައި ފުރިހަމަކުރުން. މާނަޔަކީ މާލޭގައި އެއްވެސް ރައްވެއްސަކު ފުރަތަމަ ގެ ނެތިފައި، މި ދެންނެވީ ޢާއިލާއެއްގެ އެއްވެސް މީހެއްގެ، ނޫނީވިއްޔާ އިންޑިވިޖުއަލްކޮށް، މި ދެންނެވީ 18 އަހަރުން މަތީގެ ރައްޔިތުން، އެ މީހެއްގެ ގޭބީސީގައި، އެ މީހާގެ ޢާއިލާގައި ގޯއްޗެއް ނެތިފައި ހުރި އެއްވެސް މީހަކު ނުހުންނާނޭ. އެ މީހާއަށް ގޯތި، ނޫނީވިއްޔާ ފްލެޓް ލިބޭނެ ތަން ޔަޤީންކޮށްދެވިފައި ހުންނާނީ އިނގޭތޯ.
ދެން ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދެވޭވަރަކުން އަޅުގަނޑުމެން މިހާރު ރަސްމާލެ މި ދެންނެވިހެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ބިން ހިއްކައި ނިންމަން ވަރަށް ޔަޤީންކަން އެބައޮތް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް ނިމިގެންދާނީ.
ދެން ހަމަ އެގޮތަށް، ޔޫ.ޓީ.އެފް. ހިއްކުންވެސް އެބައޮތް. މި އަހަރު ފަށާނަން. ދެންގޮސް މި ދެންނެވި ހުރިހާ ތަނެއް. އެހެންވީމާ، ގޯއްޗާއި ފްލެޓާ، އެ މީހަކު ޗޫޒްކުރާ ގޮތަކަށް، އަޅުގަނޑުމެން މާލޭ ސަރަޙައްދުން އިރާދަކުރެއްވިއްޔާ ކަށަވަރުކޮށްދޭނަން. 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް އިނގޭތޯ.
އެހެންވީމާ، މި ބިޔަ މަޝްރޫޢު، މިއީ މާލޭ ވާހަކަ އެކަނި. ހަމައެއާއެކީ މިހާރު އިޢުލާނުކޮށްފައި އޮންނާނެ. އިތުރު 57 ރަށެއްގައި ހައުސިންގ މަޝްރޫޢު ހިންގަން. މިހާރު އޭގެ ބިޑިންގ ސްޓޭޖް ކުރިއަށް އެދަނީ. މި އަންނަ ހަފްތާ، ނޫނީ ޢީދު ބަންދު ނިމޭ ހިސާބުން ބިޑްތައް ބަލައިގަންނަން ފަށާނެ. އެހެންވީމާ، ބިޑްތަކާ އެކީގައި އަޅުގަނޑުމެން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، ނޫނީވިއްޔާ ބަޖެޓްތެރެއިން، ރާއްޖޭގެ 57 ރަށެއްގައި، އަޅުގަނޑު ވަޢުދުވީ 57 ރަށެއް. އެ 57 ރަށުގައި އެ ކަނޑައަޅާފައި އޮތް ޢަދަދަށް ފްލެޓް، ނޫނީވިއްޔާ ހައުސިންގ ޔުނިޓްތައް އަޅަމުންދާނީ.
އެހެންވީމާ، ގެދޮރުވެރިކަމުގެ މި ވަޢުދު ފުއްދުމުގައި، އަޅުގަނޑު ހަމަ އަބަދުވެސް ހުރި ގޮތުގައި މިހާރުވެސް މިހިރީ. ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދެން. މި ދައުރު ތެރޭގައި، އެކި ފުރުޞަތުތައް، އެއީ ހައުސިންގ، ސޯޝަލް ފަސް ޕަސެންޓްގެ ލޯނު ސްކީމުން ވިޔަސް، ނޫނީވިއްޔާ މި ދެންނެވި ގޮތަށް ވިޔަސް، ކަށަވަރުކޮށްދޭނަން އަޅުގަނޑުމެން.
ޕްރެޒެންޓަރ:
ރައީސް، އަޅުގަނޑު ހަމަ މިއާ ގުޅޭ ސުވާލެއް ދަންނަވާލާނަން އިނގޭތޯ. އަޅުގަނޑުމެންނަށް ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްގައި ވަރަށް މުހިންމު، ވަރަށް އުފާވެރި އުންމީދުތަކެއް މަނިކުފާނު ތި ދެއްވީ އިނގޭތޯ. ވެރިކަމާ ހަވާލުވެވަޑައިގެން، މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރެއްވިއިރުގައި، މެނިފެސްޓޯގެ މަސައްކަތަށްވުރެ ބުރަ މަސައްކަތެއް މަނިކުފާނު ކުރައްވަން ޖެހިވަޑައިގެންނެވި. ކުރީގައި ގޯހުން ހިނގާފައި ހުރި ކަންކަން ރަނގަޅުކޮށް، މާޔޫސްވެފައި ތިބި ރައްޔިތުންނަށް އުންމީދު އާކޮށްދެއްވުމުގެ މަސައްކަތް. އޭގެތެރެއިން އަޅުގަނޑަށް ހައުސިންގއާ ގުޅިގެން ފާހަގަކުރެވޭ އެންމެ މުހިންމު އެއްކަމަކީ، ކުރީގައި ދައުލަތުން ލިޔުންދީފައި، އެތައް ބަޔަކަށް ބޯހިޔާވަހިކަމުގެ ޔަޤީންކަން ދީފައި ތިބި އެތައް ބަޔަކަށް ކުރީގެ ސަރުކާރުން، ނިމުނު ސަރުކާރުން ވަނީ އެކަން ވަރަށްބޮޑު މާޔޫސްކަމެއްގެ ތެރެއަށް، ބައެއް ބޭފުޅުން ވިދާޅުވޭ، ދީފައި އަތުލި ފްލެޓްގެ ވާހަކަ އިނގޭތޯ. އެ ކެޓަގަރީގައި ފްލެޓަށް އެދި ކުރިމަތިލި އެންމެހައި ރައްޔިތުންނަށް ފްލެޓް ލިބޭނެކަމުގެ ޔަޤީންކަމުގެ ލިޔުންދީފައި އޮތް ކެޓަގަރީއަކުން މުޅި ކެޓަގަރީ އެއްކޮށް ގެއްލުނު ވާހަކަ މި ދަންނަވަނީ. ދެން ހިޔާ މަޝްރޫޢުގެ ތެރޭގައި ބަދަލުތައް ގެނައުމުގެ ސަބަބުން، ބައެއް މީހުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައި އޮތީ. މަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ އެކީގައި، މި ރައްޔިތުން ވަރަށް ބޮޑު އުންމީދެއްގައި ތިބީ. އެ އުންމީދު އަޅުގަނޑު ހިތަށްއަރަނީ، ދެންމެ މަނިކުފާނު ތި ވިދާޅުވި ކަންތައްތަކުގެ ތެރެއިން ކިހާވަރަކަށް ފުރިހަމަކުރެއްވިދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ފުރިހަމަކުރާނަން. އަޅުގަނޑުގެ ވަޢުދުތައް ފުއްދާނަން. އަޅުގަނޑު ހަނދާން އެބަހުރި، ރައީސް ޔާމީންގެ ވެރިކަމުގައި ފައިނަލް ލިސްޓަށް އަރާފައި ތިބި އެތައް ބަޔަކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހަމަ ކެންސަލްކޮށްލީ. އެއްވެސްކަހަލަ އިންޞާފަކުން ނޫން. މި ސަރުކާރުން ފުރަތަމަ އަޅަން ފަށާ ސޯޝަލް ހައުސިންގގެ ތެރެއިން އެ މީހުންނަށް ފްލެޓް ހަވާލުކުރާނަން. ދެން މިހާރު މިއިން އެއްވެސް މަޝްރޫޢެއްގެ ތެރެއިން ލިބިއްޖިއްޔާ، ހަމަ ޢާންމު އުޞޫލުން ނުލިބޭނެ. އެ ދެން އެއީ އިސްތިސްނާ ދޮގެއްތޯ؟
އަޅުގަނޑު މިހެން ދަންނަވާ ކޮންމެ އެއްޗެއްގައިވެސް ޢާންމު އުޞޫލު ހަމަ އެޕްލައި ވާނެ އިނގޭތޯ. މިހާރު މި ހިންގާ ގެދޮރުވެރިޔާ ސްކީމް، ނޫނީވިއްޔާ އެހެން ސްކީމެއްގެ ތެރެއިން، ނޫނީވިއްޔާ މިދިޔަ ސަރުކާރުން ފެށި ސްކީމެއްގެ ތެރެއިން މިހާރު ލިބިފައި އޮތީ ސޯޝަލް ހައުސިންގ. އަބަދުވެސް އޮންނަ ގޮތް، ސަރުކާރުގެ ސޯޝަލް ހައުސިންގ ޕްރޮގްރާމަކުން ލިބިއްޖިއްޔާ، ދެން ނުލިބޭނޭ، ވަކި މުއްދަތެއް ވަންދެން އެންމެ ކުޑަވެގެން. އެހެންވީމާ، އެ އިސްތިސްނާ އަބަދުވެސް އޮންނާނެ. އެކަމަކު ޢާންމު ވަޢުދަކީ، މިދިޔަ ސަރުކާރުން ކެންސަލްކޮށްލި ހުރިހާ އެންމެންނަށް، ކުރީ ސަރުކާރުން ލިބިފައި، ރައީސް ޔާމީންގެ ވެރިކަމުގައި ލިބިފައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެންސަލްކޮށްލި އެންމެންނަށް އަޅުގަނޑުމެންގެ ފުރަތަމަ ހައުސިންގ ޕްރޮޖެކްޓް ތެރެއިން ހަމަޖައްސާނަމޭ.
ޕްރެޒެންޓަރ:
ރައީސް، ދެން މި ފަހުން މަނިކުފާނު އެޅުއްވި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ، ދިވެހި ރައްޔިތުން ވަރަށް ޒަމާންތަކެއް ވަންދެން ކަންބޮޑުވުން ފާޅުކުރާ މައްސަލައެއް، ކަރަންޓް ބިލުގެ މައްސަލަ އިނގޭތޯ. ބައެއް ބޭފުޅުން ވިދާޅުވޭ، ސްޓެލްކޯއިން ތިމަންނަމެންގެ ގޭގައި ނާރާވަރަށް ބިލް ކުރަނީއޭ. ފެނަކައިން މިހެން ހަދަނީއޭ. މަނިކުފާނު މިވަނީ އިއްޔެ ގޭބީސީތަކުގެ ކަރަންޓް ޓެރިފް ރޭޓުތައް ކުޑަކުރައްވަން އިޢުލާނު ކުރައްވާފައި. މިއީ އާދަޔާ ޚިލާފު އުފަލެއް ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ، އެތައް ޒަމާނެއް ވެއްޖެ، މި މައްސަލައިގެ ޝަކުވާ ސަރުކާރަށާއި، އެކި ތަންތަނަށް އުފުލާތާ. އެހެންނަމަވެސް، މިވާގޮތްވެސް ސާފުނުވެގެން ރައްޔިތުން އުޅޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އޮތީ.
ދެން އަނެއް ސުވާލަކީ، މި މައްސަލަ މިގޮތަށް މަނިކުފާނު ކަނޑައެޅުއްވީމާ، ދެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވާނީ ކިހިނެއްތޯ؟ މިވެސް ވަރަށްގިނަ މީހުން ކުރާ ސުވާލެއް. އަބަދު ސަބްސިޑީ ދީގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކަމަށްވާނަމަ، ކުންފުނިތައް ބަނގުރޫޓުވެ، ދައުލަތުގެ މާލިއްޔަތަށް، އޭގެ ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް ތި ވިދާޅުވީ.
ކަރަންޓުގެ އަގު ކުޑަކުރަން އަޅުގަނޑު މި ނިންމީ އިނގޭތޯ. ކަރަންޓުގެ އަގު، 100 ޔުނިޓަށްވުރެ ދަށް ބޭންޑް، އެންމެ ކުޑަ ބޭންޑް. އެ ބޭންޑް، 1/50 ރުފިޔާގެ ބަދަލުގައި، 1/25 ރުފިޔާއަށް. މިއީ ފެނަކައިގެ ކަސްޓަމަރުންގެ 19.3 ޕަސެންޓް މީހުން ފޯލްވާ ބޭންޑް. ނޫނީވިއްޔާ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި. ދެން 100 އިން ގޮސް 400 ޔުނިޓާ ދޭތެރޭގައި، ހަމަ ގާތްގަނޑަކަށް ޢާންމު ރައްޔިތުންގެ ގިނަ މީހުން ފޯލްވާނެ. މާލެވެސް ހިމެނޭހެން. އެ މީހުން އަތުން ނަގަމުންދިޔަ 1/50 ރުފިޔާއިން ގޮސް -/2 ރުފިޔާ ކޮންމެވެސް އެއްޗަކާ ހަމަޔަށް. މި ހުރިހާ ބޭންޑެއް 1/50 ރުފިޔާއަށް ފްލެޓްކޮށް، ފްލެޓް ރޭޓެއް މި ހަމަޖެއްސީ. ދެން 400 އަށްވުރެ މަތީ ބޭންޑްތަކުގެ އަގުތައް ހުރި އަގުގެ 10 އިންސައްތަ ކުޑަކޮށްލީ. 10 އިންސައްތަ ކުޑަކޮށްލީ. އެހެންވީމާ، މި ބަދަލު މި ގެނައީ. މިއީ ރާއްޖޭގެ ތާރީޚުގައި، އަޅުގަނޑަށް އެނގިގެން ފުރަތަމަ ފަހަރު މިކަހަލަ ކަމެއް ކުރި.
ދެން މިކަން އަޅުގަނޑު މިކުރީ ވަރަށް ސިމްޕަލްކޮށް. އަޅުގަނޑު ބޭނުމެއްނޫން، ކުންފުނިތަކުގެ އިންއެފިޝަންސީ، ނޫނީވިއްޔާ ސަރުކާރުން އެނަރޖީ ޕޮލިސީ މެނޭޖް ކުރުމުގައި ހުރި މައްސަލަތަކެއްގެ ބަރޑަން، ރައްޔިތުން ނަގާކަށެއް. ސަރުކާރެއްގެ ބޭނުމަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން. އެހެންވީމާ، އަޅުގަނޑު މި ނިންމީ، ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން، އަތްފޯރާފަށުން ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. ދެން އެކަން މެނޭޖް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރާނެ. އެއީ، ސްޓެލްކޯގެ އެފިޝަންސީ ރަނގަޅު ކުރަން ޖެހިފައި. ފެނަކައިގައި ވަރަށްގިނަ ފައިނޭންޝަލް އިޝޫސްތައް އެބަހުރި. ރަނގަޅު ކުރަންޖެހޭ. ރިނިއުބަލް އެނަރޖީއަށް ވަރަށްބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑުމެން ކުރާނަން. މިއީ އަޅުގަނޑު އިޢުލާނުކޮށްފައި އޮތް އެއްޗެއް.
އަޅުގަނޑުމެންގެ މި ސަރުކާރުގެ ބާކީ މިއޮތް ދުވަސްކޮޅު ތެރޭގައި، 2028އާ ހަމަޔަށްދާއިރުގައި، އަޅުގަނޑުމެންގެ ޓާގެޓަކީ، 30 އިންސައްތައަކީ ރިނިއުބަލް ސޯސް އޮފް އެނަރޖީއެއް ހޯދައި، ކަރަންޓަށް ހަދަން ނޫންތޯ؟ އެހެންވީމާ، އެގޮތުންނާއި، އަދި އިތުރު ގޮތްގޮތުން، ކުންފުނި، ޚާއްޞަކޮށް، މި ދެ ކުންފުނި ހަރުދަނާކުރުމާއި، މިކަންކަމުގެ ތެރެއިން އަޅުގަނޑުމެން މިކަން ދެކޮޅުޖައްސާނަން.
މިކަން ކުރާނެގޮތް މިއޮތީ ވަށާޖެހޭގޮތަށް ރޭވިފައި. އެހެންވީމާ، ސަސްޓެއިނަބަލް ގޮތުގައި، ދެމެހެއްޓެނިވި ގޮތުގައި މި ނިންމި ރޭޓުތައް، މި ނިންމި އަގުތަކަށް ތަންފީޒު ކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނަން. ރައްޔިތުންނަށް މި ބާރޑަން، މިދިޔަ ދުވަސްތަކުގައި ޕާސްކޮށްގެން، ސަރުކާރުތަކުން ކުރި ކަންކަމަކީ، އަޅުގަނޑުގެ ސިޔާސަތެއް ނޫން. އަޅުގަނޑު މިދިޔަ ދުވަސްތަކުގައި، މި ދޮޅުއަހަރެއްހާ ދުވަސް މި ބެލީ، މިކަމުގައި ދެން އަޅުގަނޑުމެންނަށް ގެންދެވޭނެ ހިސާބެއް. އެހެންވީމާ، ހުރިހާ ކަމެއް ރަނގަޅަށް އަޅުގަނޑު ޗެކްކޮށް ހަދާފައި، ދެން ކުރިއަށްދާނެ މަގު ކުރަހާފައި، އަޅުގަނޑުމެން ޑިޒިޝަން މި ނެގީ. 1 ޖޫންއިން ފެށިގެން އަގުތައް ކުޑަކުރަން. އެއީ، ހަމަ ރާއްޖޭގައި ހުރިހާ ރަށެއްގައި. މާލެއެއް، ރަށްރަށެއް ކިޔާނެ ކަމެއް ނެތް. ހުރިހާ ރަށެއްގައި ހަމަ އެކީގައި މި ބަދަލުވާނީ. ސްޓެލްކޯގައިވެސް، ފެނަކައިގައިވެސް. އަދި އެމް.ޑަބްލިޔޫ.އެސް.ސީ. އިން ކަރަންޓް ދޭ ރަށެއްވިޔަސްވެސް. އެހެންވީމާ، ހުރިހާ ކުންފުންޏަކުން ކަރަންޓް ދޭނީ މި އަގުތަކުގައި.
ޕްރެޒެންޓަރ:
ރައީސް، އަޅުގަނޑުމެންނަށް މި އިޢާދަކުރަނިވި ހަކަތައިގެ ވާހަކަ ރައީސް ފާހަގަކުރެއްވީމަ، އަޅުގަނޑު ހިތަށްއަރަނީ، މިވެސް ރާއްޖޭގެ މި މާޒީއަށް ބަލާއިރުގައި، ޢާންމު ރައްޔިތުން ވަރަށްގިނަ ސުވާލުތައް އުފައްދާ ކަމެއް. އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމާއި، އެއަށް ބަރޯސާވާ މިންވަރު ބޮޑުކުރުމުގެ ނަމުގައި ބައެއް ސަރުކާރުތަކުން އެބަހުރި، ބޭރުގެ ވަރަށް ބޮޑެތި ހިލޭ އެހީވެސް ހޯދާފައި. ލޯނުވެސް ނަގާފައި އެބަހުރި. އެހެންނަމަވެސް، މި ހޯދި ފައިސާއާއި، ދިވެހި ރައްޔިތުންގެ ނަމުގައި މި ކުރި ކަންކަމުގެ ތެރެއިން އެކަށީގެންވާވަރުގެ ޙައްލެއް ރާއްޖޭގައި މި ހަކަތައިގެ ދާއިރާއަށް އައިސްފައި ނެތްކަން މިއީ ވަރަށްބޮޑު މާޔޫސްކަމެއް ރައްޔިތުންނަށް ކުރުވާ ކަމެއް. އަޅުގަނޑު ހިތަށްއަރަނީ، މަނިކުފާނު ވަރަށް ޔަޤީންކަމާ އެކީގައި، އިޢާދަކުރަނިވި ހަކަތައިގެ ވަރަށްބޮޑު، މުހިންމު އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތް ކުރައްވާއިރުގައި، މިފަހަރު ރައްޔިތުންނަށް، މިދިޔަ ސަރުކާރުތަކުން ކުރި ކަންތައްތައް އިޢާދަކުރެވޭނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަން އެބައޮތްބާ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ފުރިހަމަ ޔަޤީންކަން މިދެނީ. އަޅުގަނޑު މިކަންކަން ކުރަނީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އިނގޭތޯ. އެހެން ސަރުކާރުތަކުން އެކަންކަން ކުރި ގޮތަކީ ދެން ރައްޔިތުންނަށް ކަމުނުދާ ކަމެއްވީމަ ދޮގެއްތޯ، އަޅުގަނޑާ މިކަން ހަވާލުކޮށްފައި މިއޮތީ.
ދެން މިސާލަކަށް، ރ. އަތޮޅު ވާދޫ އިނގޭތޯ. އަޅުގަނޑު މިހާރު އެއޮތީ ކަނޑައަޅާފައި. ޕައިލޮޓް ޕްރޮޖެކްޓެއް ގޮތުގައި އެ ރަށް އެކީގައި، އިޢާދަކުރަނިވި ހަކަތައިން ހިންގަން. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިހާރު އެ މަޝްރޫޢު ފެށިފައި އެއޮތީ. ދެން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، އެކަން ދާގޮތް ދޮގެއްތޯ؟ އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެގޮތަށް. އަދި ނިމޭނެއެކޭ ނޫން. މަސައްކަތް މި ކުރަނީ، ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާންވާއިރަށް، އެ ރަށް އެކީގައި ކޮންވަރޓް ކުރަން. އެކަން ކުރެވިއްޖިއްޔާ ހަމަ ވަރަށް ޔަޤީން. ގައިމުވެސް މި އަހަރު ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން އިނގޭތޯ.
ދެން ހަމައެއާއެކީގައި، އެއީ، ޕައިލޮޓް ޕްރޮޖެކްޓެއް. ދެން ހަމަ އެގޮތަށް، ބައެއް ރަށްރަށް ހަމަ ބޭނުންވާ ރަށްރަށަށް ފުރުޞަތު ދީގެން، ހަމަ މުޅި ރަށް ބަދަލުކުރާނީ.
ދެން ކޫލް ސްކޫލް ޕްރޮޖެކްޓް. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމަކާއި، ހޯލުތަކާއި، ސްޓާފްރޫމްތައް. ދެން މިހާރު ސްޓާފްރޫމްތައް އޭ.ސީ.ކަންނޭނގެ. މިހެންހުރި ހުރިހާ ތަނެއް އަޅުގަނޑުމެން ފިނިކުރަން މި ނިންމީ. އޭ.ސީ ހަރުކުރަން. އެ އޭ.ސީ.އަށް ޕަވަރ ކުރުންވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި ނިންމީ. އެހެންވީމާ، މި ކަންކަމަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެއްނޫންތޯ؟ މިކަންކަން މި ކުރަނީ، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތުގައި.
އެހެންވީމާ، ކުރީގައި މިދިޔަ މާޒީގައި އެދިޔަ ކަންކަން އެގޮތަކަށް ނުދާކަން ރައްޔިތުންނަށް މިހާރުވެސް ފެނިވަޑައިގަންނަވާނެ އިނގޭތޯ.
ޕްރެޒެންޓަރ:
މިދިޔަ ދެ ހަފްތާއަށް ބަލާއިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެނުނު، މަނިކުފާނު ޞިއްޙީ ދާއިރާގެ ބޮޑެތި މަޝްރޫޢުތައް ފަށްޓަވައި، އަނެއްބައި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށްޓެވުން. އެގޮތުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމުގެ ކަންކަން އިފްތިތާޙުކޮށްދެއްވައި، މިކަހަލަ މަސައްކަތްތަކެއްގައި އުޅުއްވި ތަން. އޭގެތެރެއިން ވަރަށް އުފާވެރި ޚަބަރެއް ރައްޔިތުންނަށް ލިބުނު. އެއީ، އާސަންދައިގެ ޚިދުމަތް، އެ ތަޢާރުފްވީ ފަހުން މިހާތަނަށް، އައިނު އަޅަންޖެހޭ މީހުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ، 1000 ރުފިޔާ ދިނީމަ ދެން ވަރަށް އާދައިގެ ދުނިގަނޑަކާއި، ދެން ލޯގަނޑުކޮޅު އެކަންޏޭ މި ލިބެނީ. ދެން އަތުން ހޭދަކޮށްގެންނޭ މި ކުރަނީ. އައިނުގެ ވަކިހިސާބަކަށްވުރެ ދުނިގަނޑު އަގުބޮޑުވެއްޖިއްޔާ، ދެން އެއީ ބައެއް މީހުން ބުނަނީ އެއީ، ބިއުޓީ ސަރޖަރީއަކަށޭ އެވަނީ. އެހެންވީމާ، އާސަންދައަކުން އެއަކަށް އެހީއެއް ނުއެއްވެއޭ. ދެން ސަރުކާރުތަކުން މިފަދަ ރައްޔިތުންނަށް ވިދާޅުވެދެއްވާފައި ވަނީ، އެ ކަމެއް ކުރެވޭކަށް ނޯންނާނެއޭ، އާސަންދައިގެ ތެރެއިން. އެހެންނަމަވެސް، މާބޮޑު ބަޙުޘެއްނެތި މަނިކުފާނު އެކަން އިޢުލާނު ކުރައްވާފައި ވަނީ. އަޅުގަނޑު ހިތަށްއަރަނީ މިއީ ކިހާވަރެއްގެ ކަމެއްބާވައޭ؟ ކިހާ ޢަދަދެއްގެ ރައްޔިތުންނެއްގެ ޝަކުވާއެއް މަނިކުފާނަށް އަޑުއިވިވަޑައިގެން ކުރެއްވި ކަމެއްބާވައޭ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށް ވަރަށް ގިނައިން އައިސްފައި އޮތް ކަމެއް މިއީ އިނގޭތޯ. އަޅުގަނޑު ދެންނެވިން، މިކަން ކުރާނަމޭ. ދެން މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން ބެލީ. ބަލާފައި މިހާރު މިއޮތީ ނިންމާފައި، 1 ޖޫން އިން ފެށިގެން 1000 ރުފިޔާ ބަދަލުވާނެ 2000 ރުފިޔާއަށް. ދެން މީގެ އެޑްވާންޓޭޖް ނެގުމުގެ ފުރުޞަތެއް ނުދޭނަން، ޕްރައިވެޓް ސެކްޓަރއަކަށެއް އިނގޭތޯ. މި ޖެއްސި އަގު، 1000 ރުފިޔާއިން 2000 ރުފިޔާއަށް ހެދީމާ، ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުޞަތެއް ނުލިބޭނެ. އައި.ޖީ.އެމް.އެޗް.ގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް އިނގޭތޯ. އައި.ޖީ.އެމް.އެޗް.ގައި އައިނު ބިޒްނަސް ފަށާނަން.
ދެން ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް، އަޅުގަނޑަށް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން، ރައްޔިތުންނަށް އެ ދެވޭ ނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއަށް ގެނައުން ހުއްޓާލާފައި، އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު.
އެހެންވީމާ، އައި.ޖީ.އެމް.އެޗް.ގައި އަޅުގަނޑުމެން މި ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓަރގައި މިކަން ކުރައްވާ ބޭފުޅުންވެސް ޖެހޭނީ، އައި.ޖީ.އެމް.އެޗާ ކޮމްޕީޓް ކުރަން އިނގޭތޯ. އައި.ޖީ.އެމް.އެޗް.ގައި، ނޫނީވިއްޔާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް. ދެން އެހެން ކިޔަމާ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހުޅުމާލެވެސް ހިމެނޭހެން، ވިލިމާލެވެސް ހިމެނޭހެން. އެހެންވީމާ، އަޅުގަނޑުމެން މިކަން ކުރާނަން ސަރުކާރު ހޮސްޕިޓަލްގައި އިނގޭތޯ. ހަމަ އެއާއެކީގައި، ޕްރައިވެޓް ސެކްޓަރުންވެސް ހަމަ އެ ފެންވަރުގެ އައިނު ދުނިގަނޑާއި އައިނު ހައްދައިދޭން ޖެހޭނީ. އެހެންނޫންތޯ؟ އެހެންވީމާ، އެކަން އެގޮތަށް ދާނީ.
ދެން ޖުމްލަކޮށް ދަންނަވަންޏާ، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އަޅުގަނޑުގެ ހަމަ އެންމެ މުހިންމު ދެވަނަ ސިޔާސަތު. ނޫނީ ބޯހިޔާވަހިކަން. ބޯހިޔާވަހިކަމާ އެކީގައި ޞިއްޙީ ދާއިރާ. ދެން ހަމަ ގާތްގަނޑަކަށް އެކީގައިތާ އޮތީ މި ދާއިރާ. ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ، ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތް ކޮމަން ކަމެއް.
އެހެންވީމާ، އަޅުގަނޑު މި ބަލަނީ، އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުންވިޔަސް، ޢުމްރާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުންވިޔަސް، އަދި އެހެންކަހަލަ އިކްއިޕްމަންޓްސް، މެޝިނަރީ، މިހެންގޮސް ކޮންސިއުމަބަލްސް، މި ހުރިހާ އެއްޗެހި ރަނގަޅުކުރުން ކަމުގައިވިޔަސް، ޖުމްލަ ވަށާޖެހޭ ގޮތެއްގައި ޞިއްޙީ ދާއިރާ ވަރުގަދަކުރަން.
ދެން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، އިރާދަކުރެއްވީތީ އަޅުގަނޑުމެން ވާނީ ވަރަށްގިނަ ކަންތައްތަކެއް ފަށާފައި. ވަރަށްގިނަ ކަންކަން ހާސިލުވެސް ކޮށްފައި. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4000 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ މަޝްރޫޢުތައް އެބަ ހިނގާ. ދެން މިއީ ވަރަށްގިނަ މަޝްރޫޢު.
މާލޭ ސަރަޙައްދަށް ބަލައިފިއްޔާ، އައި.ޖީ.އެމް.އެޗް.، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ތަރައްޤީ ކުރުމަށް މި ކުރެވޭ މަސައްކަތް. ދަރުމަވަންތަ ހޮސްޕިޓަލް، ޓަރޝަރީ ފެންވަރަށް ހަމަ ޕްރޮޕަރ ހޮސްޕިޓަލަކަށް ބަދަލުކޮށް މަސައްކަތް ފަށާފައި އެވަނީ. އައި.ޖީ.އެމް.އެޗް.ގެ 75 އެނދުގެ ސަރޖިކަލް މަލްޓި-ސްޕެޝަލިޓީ ވަރޑެއް އެވަނީ ފަށާފައި. ތިޔަބޭފުޅުން ޑޮކްޓަރުންނާ ސުވާލުކޮށްލެއްވީމާ އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުން ވިދާޅުވާނެ. އެ ބޭފުޅުންގެ ކިޔުގައި ތިބި، އޮޕަރޭޝަން ނުކުރެވިފައި ތިބި އެތައް ޕޭޝަންޓުންނެއް، އޮޕަރޭޝަން ކުރުމާ އެކީގައި މިހާރު ވަރޑަށް ގެންދެވޭނެކަން އިނގޭތޯ. ހުޅުމާލޭގައި، އީ.އާރު ދެގުނަކޮށްދީފިން. ހުޅުމާލޭގައި އެތައް ޚިދުމަތެއް މިދިޔަ އަހަރު ނޮވެންބަރުގައި ފެށިން. އައި.ޖީ.އެމް.އެޗް.ގައި ކުޑަކުދިންގެ ޚާއްޞަ އީ.އާރެއް ހުޅުވިން. އޭގެ ސަބަބުން މުޅި އީ.އާރުގެ މި އޮންނަ ކްލޮގްވުމަށްވެސް ވަރަށްބޮޑު ލުޔެއް ލިބުނު. ދެން މިހެންގޮސް އެތައް ކަމެއް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ، ކުރަމުންވެސް ދާނަން. ހުޅުމާލޭގައި 250 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި މިހާރު އޭގެ ފީޒިބިލިޓީއާއި، ފައިނޭންޝަލް، އެ ހަދަންޖެހޭ ހިސާބުތައް ހެދުމާ، މިކަންކަން އެ ހިނގަނީ.
އެހެންވީމާ، އަޅުގަނޑުގެ އަމާޒަކީ، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ބޮޑު ތަކުލީފު އުފުލާފައި، އާސަންދައިންނާއި، އެންސްޕާއިން ފައިސާ ހޯދައިގެން، އަދިވެސް އެހެން ގޮތްގޮތުން ސަލާން ޖަހައިގެން ބޭރަށް ގޮސްގެން މި އުޅެންޖެހޭ އުޅުން ނިމުމަކަށް ގެންނަން އިނގޭތޯ. އެކަން ނިމުމަކަށް ގެނައުމުގައި، މާލޭސިޓީ، މި ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި، ޓަރޝަރީ ފެންވަރުގައި އަޅުގަނޑުމެން ތަރައްޤީ ކުރަން ނިންމާފައި އޮތް، އައްޑޫ، ކުޅުދުއްފުށި، ތިނަދޫ، އުނގޫފާރު، މިހެންގޮސް ބައެއް ރަށްރަށް. މިތަންތަނުގައި ޓަރޝަރީ ފެންވަރުގައި، ހަމަ ރަނގަޅު ފެންވަރުގެ، މާލެއާ ދެން އެއް ފެންވަރެއްގައި ހޮސްޕިޓަލްތައް ޤާއިމުކުރުމާ، މިހެންގޮސް ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުން. މި ހުރިހާ ކަމެއްގެ ތެރެއިން ބަލިބައްޔަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހޭވަރު ކުޑަކުރުން.
އަދި އޭގެއިތުރަށް، ބަލި ޖެހުމުން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަމަށް ހަމަ އެވަރަށް ޚަރަދުކުރުން. ޕްރިވެންޓިވް ހެލްތް ކެއަރ. އެކަން މިއޮއްހާ ދުވަހު ނުކޮށް ސަރުކާރުތަކުން މިތިބީ. އެކަން ނުކޮށް ބަހައްޓާފައި، ހަމަ ބޭސްފަރުވާއަށް ދެން އެކުރާ ކަމެއް ކުރޭ. އެކަމަކު ބަލިވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކޮށްފިއްޔާ، އަޞްލު އެއީ އިންވެސްޓްމަންޓަކީ. ޞިއްޙަތަށް ކުރެވޭ ޙަޤީޤީ އިންވެސްޓްމަންޓަކީ. އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތަށް އެހާ ސަމާލުކަން ދެނީ، ވޭޕް މަނާކޮށް، ސިނގިރޭޓް، ޖެނެރޭޝަނަލް ބޭން ގެނައުމާ، ދެން މިހެންގޮސް އެތައް ކަމެއް މި ކުރަނީ. ކެންސަރު ބަލިންނާއި، ދެންހުރި ބަލިތަކުން ދުރުކުރުމަށްޓަކައި. ވަށާޖެހޭ ޞިއްޙީ ނިޒާމު، ޞިއްޙީ ސިޔާސަތެއް އަޅުގަނޑުމެން މި ގެންގުޅެނީ. އިރާދަކުރެއްވިއްޔާ މިގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެތައް ބަޔަކަށް މި ދާއިރާއިން ވަޒީފާވެސް އިރާދަކުރެއްވީތީ މިހާތަނަށް އައިއިރުގައި ދެވިއްޖެ. މާލެއިން އެކަނި މިހާތަނަށް މި ސަރުކާރު އައި ފަހުން 700 އަށްވުރެ ގިނަ ވަޒީފާ، ޞިއްޙީ ދާއިރާއިން ދެވިފައި ވަނީ. ދެން ރާއްޖޭގެ އެހެން ހުރިހާ ތަނެއް އެއްކޮށްލައިގެން، 1200 އަށްވުރެ ގިނަ ވަޒީފާ ދެވިއްޖެ. ޞިއްޙީ ދާއިރާއިން އެކަނި. މިއީ ދުވަހަކުވެސް ކުރެވުނު ކަމެއް ނޫން. ދުވަހަކުވެސް ކުރެވުނު ކަމެއް ނޫން.
އެހެންވީމާ، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަކީ، ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ، މި ދާއިރާ ޑިޖިޓަލައިޒް ކުރެވޭ ތަން. "މޯލްޑިވްސް 2.0"ގެ މި ޤައުމީ ސިޔާސަތުގެ ތެރެއިން ޤައުމީ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރެވޭނީ ޞިއްޙީ ދާއިރާ. އޭގެ ފައިދާ ވަރަށްބޮޑުވާނެ. ޕްރައިވެޓް ކުލިނިކްތަކުން ޓެސްޓް ހަދަނީ ނޫންތޯ؟ ނޫނީވިއްޔާ މި ކުރަނީ ނޫންތޯ؟ އެ ޑޭޓާ ނުލިބޭ ނޫންތޯ ހޮސްޕިޓަލްތަކަކަށް. މިކަން ކުރީމަކާ ދެން އެއްވެސް މީހަކަށް ނުފޮރުވޭނެ ޑޭޓާއެއް. ޤާނޫނެއް މި ހަދަނީ މިކަމަށް. "މޯލްޑިވްސް 2.0 ޤާނޫނު" އަންނާނީ. ރާއްޖޭގައި ނުހުންނާނެ، މި ޤާނޫނު އެޕްލައި ނުވާނެ އެކަކުވެސް. އެހެންވީމާ، ޕްރައިވެޓް ސެކްޓަރއެއް، އެހެން ތަނެއް ބަލާނެ ކަމެއް ނެތް. ޞިއްޙީ ދާއިރާގައި، ކޮންމެ ރައްޔިތެއްގެ، އެ މީހެއްގެ މި ޑިޖިޓަލް އައި.ޑީ. ކާޑު ޤާއިމުވެގެންދާއިރު، އެ އައި.ޑީ. ނިޒާމުގެ ތެރެއިން އެ މީހާގެ ޑޭޓާ ހުންނާނީ ހޯދިފައި. އެހެންވީމާ، ފަރުވާދޭ މީހާއަށް ވަރަށް ފަސޭހަވާނެ. އޭނާގެ ކުރީގެ ހިސްޓްރީ ހޯދަން ވަރަށް ފަސޭހަވާނެ. އަމިއްލައަށްވެސް އެކްސެސް ވެވޭނެ. މިހާރު ހުރި އެކިކަހަލަ ކުދިކުދި ޕޯޓަލްތައް އެއްކޮށްލެވި، ހަމަ އެއް ނިޒާމެއްގެ ތެރެއަށް ދާނީ. އަޅުގަނޑުމެން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރާނީ ޞިއްޙީ ދާއިރާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް.
ޕްރެޒެންޓަރ:
ރައީސް، އަޅުގަނޑު ހިތަށްއަރަނީ އިނގޭތޯ. ތި ވިދާޅުވިހެން، ހިސާބުތަކުން އަޅުގަނޑުމެންނަށް އެބަ ފެނޭ، ޞިއްޙީ ދާއިރާއަށް މަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އައި އެދެވޭ ކުރިއެރުން. އެގޮތުން، މި ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ޤާއިމުނުކުރެވޭވަރަށް މާލޭ ސަރަޙައްދުގެ، ސަރުކާރު ހޮސްޕިޓަލްތަކުގެ އެނދު އިތުރުކުރުން އެއީ، ވަރަށް އާދަޔާ ޚިލާފު ކަމެއް ގޮތުގައި ވަރަށްގިނަ މީހުން ފާހަގަކުރޭ. މިއާއެކީގައި، އަދި ޢާންމު ޞިއްޙަތު ސަލާމަތް ކުރުމަށާއި، އަދި ސަރުކާރުގެ މި ހޮސްޕިޓަލްތަކުގައި ޚިދުމަތް ފުޅާކުރުމަށް ކުރައްވާ މަސައްކަތް މިއީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް. މިކަންކަމާ ގުޅިގެން ދާދިފަހުން ޑަބްލިޔޫ.އެޗް.އޯ.އިން މަނިކުފާނުގެ އަގު ވަޒަންކޮށް، އެކަން ފާހަގަވެސް ކުރައްވާފައި ވަނީ. އަޅުގަނޑު ހިތަށްއަރަނީ، މިކަންކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުންދާއިރުގައި، މިހާރުވެސް ބައެއް ރައްޔިތުންގެ ޝަކުވާއެއް އެބައޮތް. އެއީ، މިސާލަކަށް، އާސަންދައިގެ ތެރެއިން ޚިދުމަތް ދިނުމުގައި، ބައިކުޅަބައި ނަގާފައި، އަނެއްބައި އަތުންދޭ މައްސަލައާއި، ދެން ޞިއްޙީ ޚިދުމަތުގެ ތެރެއިން މި ޖާގަ ނުލިބުމުގެ މައްސަލައާއި، މިހެންހުރި ބައެއްކަހަލަ ކުދިކުދި މައްސަލަތައް. މިކަންކަން ޙައްލުކުރައްވަން، ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުކުރައްވަން ކޮބައިތޯ މަނިކުފާނު ކުރައްވާ މަސައްކަތަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދިވެސް ވަރަށްގިނަ ކަންކަން ކުރެވެން އެބަހުރި އިނގޭތޯ. މިއީ ހަމަ ފެށުމެއް ދޮގެއްތޯ؟ މީގެތެރެއިން ދާނެ އެތައް ކަމެއް. މިސާލަކަށް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ޑޮކްޓަރުން. މި ޑޮކްޓަރުން، ޕޭޝަންޓުން ބަލާ ޢަދަދު އިތުރުކުރަން އެބަޖެހޭ. ސަރުކާރުން ކިޔަވައިދީފައި ތިބި ޑޮކްޓަރުން މިއީ ދޮގެއްތޯ؟ އެހެންވީމާ، ޑޮކްޓަރުންވެސް ޕްރައިވެޓް ކުލިނިކްތަކުގައި، ޕޭޝަންޓުން ބަލަން، ހޮސްޕިޓަލް ދޫކޮށްލާފައި ގޮސް މި ކުރާ ކަންކަން. އެހެންނޫންތޯ؟ މިކަންކަން ރަނގަޅުކުރެވި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން. މި ދެންނެވީ އެންމެ މައި ހޮސްޕިޓަލްވީމަ. ދެން އެހެން ހޮސްޕިޓަލްތަކަށް ސޭމް ޕޮލިސީ އަންނާނީ. ސަރުކާރުގެ ހޮސްޕިޓަލެއް ވިއްޔާ.
ޕޭޝަންޓުން ބަލާ ޢަދަދު އިތުރުކުރުން ޔަޤީންކުރާނަން އިރާދަކުރެއްވިއްޔާ އިނގޭތޯ. ހަމަ ކޮންމެ ޕޭޝަންޓަކަސް، ދޭންވާ ކެއަރދީގެން، ހަމަ ކޮލިޓީ ޓްރީޓްމަންޓް އެންޝުއަރ ކުރެވޭ، އެހެންނަމަވެސް، ގިނަ ޢަދަދަކަށް ޕޭޝަންޓުން ބަލާގޮތަށް ބަދަލުކުރެވޭނެ. މިހާރު ނައިޓް އޯ.ޕީ.ޑީ.ވެސް މި ފެށީ ނޫންތޯ، އެންމެ މުހިންމު ފަސް ދާއިރާގައި. މިކަމަށް ފާހަގަކުރެވިފައި އޮތް. އެއީ، ވަރަށް ބޮޑު ބެކްލޮގެއް، ވެއިޓިންގ ލިސްޓެއް އޮތީ. ދެން އެހެންވީމާ، ނައިޓް އޯ.ޕީ.ޑީ. ފެށީ. ދެން މީގެތެރެއަށް އަޅުގަނޑުމެން ގެންނާނަން، ސަރުކާރުން ކިޔަވައިދީފައި ތިބި، މިހާރު އެހެން ތަންތާނގައި ތިބި ޑޮކްޓަރުން އިނގޭތޯ. އެ ޑޮކްޓަރުންނަށް އިންސެންޓިވައިޒް ކޮށްދީގެން ގެނެސް، އެ މީހުން ލައްވައި، ރޭގަނޑު އޯ.ޕީ.ޑީ. ހިންގާނަން. އަދި ދުވާލުގެ އޯ.ޕީ.ޑީ.، ނޯމަލް އޯ.ޕީ.ޑީ.ގައިވެސް ބަލާ ޢަދަދު އިތުރުކުރުވުމާއި، ދެން މިހެންގޮސް ވަރަށްގިނަ ކަންތައް ރަނގަޅުކުރެވި، އިރާދަކުރެއްވިއްޔާ އިންސެންޓިވައިޒް ކުރެވި، އަޅުގަނޑުމެން ކޮންމެގޮތެއްވިޔަސް، ޕްރޮފެޝަނަލް ޑޮކްޓަރުން، އެ މީހުންގެ ޚިދުމަތް ބަލައިގަންނާނަން އިނގޭތޯ. ހަމަ ބަލައިގަންނާނީ އެކަން ކުރަން އޮންނަ ރީތިގޮތުގައި. އެހެންވީމާ، ޑޮކްޓަރުންވެސް ހިތްހަމަޖެހިގެން، ޕޭޝަންޓުންވެސް ހިތްހަމަޖެހޭ ނިޒާމެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަންކަން ރަނގަޅުކުރާނަން ކުރިއަށް އޮތް ދުވަސްތަކުގައި.
ހަމައެއާއެކީގައި، އާސަންދަ ނިޒާމު ރަނގަޅުކުރަން މި ކުރެވޭ ކަންކަން. ބޭހުގެ ނިޒާމު ދޮގެއްތޯ؟ އެއާއެކީގައި އަދި ސަރޖަރީތަކާއި، މިކަންކަމާ، މި ބޭނުންކުރާ އާލާތްތައް އެހެންނޫންތޯ؟ މީގެ ކޮލިޓީ ބެލެހެއްޓުންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެބަ ކުރަންޖެހޭ. އެހެންވީމާ، ވަރަށްގިނަ ކަންކަން މީގައި އަދި އެބަހުރި ކުރަން އިނގޭތޯ.
ޕްރެޒެންޓަރ:
ރައީސް، ވަރަށްގިނަ މުހިންމު އުންމީދުތަކެއް ތި ދެއްވީ. ރައްޔިތުންގެ އުފާފާގަތިކަމާއި ކުރިއެރުމަށް މަނިކުފާނު ކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް ކާމިޔާބަށް އެދެން އިނގޭތޯ.
ނިންމާލަމުން އެއްވެސް އެއްޗެއް ފާހަގަކުރައްވަން ބޭނުންފުޅުތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ޖުމްލަގޮތެއްގައި ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މި ކުރާ ކަމަކީ ވަޢުދު ފުއްދުމޭ. އިރާދަކުރެއްވިއްޔާ އެކަމައިގެން ކުރިއަށްދާނަމޭ.
ޕްރެޒެންޓަރ:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިކަމުގައި ދެއްވާ އެއްބާރުލެއްވުމަށް.
ޕްރެޒެންޓަރ:
ރައީސް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވި ކަމަށްޓަކައި އިނގޭތޯ. އަޅުގަނޑު އެދެނީ، ހަމަ މަނިކުފާނުގެ ވަޢުދުތައް ފުރިހަމަވެ، އޭގެ އުފާފާގަތިކަން އަޅުގަނޑުމެން އެންމެހައި ރައްޔިތުންނަށް ލިބުން. ހަމަގައިމުވެސް ރައްޔިތުންގެ އެންމެބޮޑު އުންމީދަކީ އެއީ އިނގޭތޯ. މަނިކުފާނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޝުކުރިއްޔާ!
ޕްރެޒެންޓަރ:
އާދެ، އަޅުގަނޑު ދެންމެ ތިޔަބޭފުޅުންނާ ހަމަޔަށް މި ގެނެސްދިނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ވަރަށް ޚާއްޞަ އިންޓަރވިޔުއެއް. މި އިންޓަރވިޔުގައި ރައްޔިތުންގެ އުންމީދުތަކާ ގުޅުންހުރި ވަރަށް މުހިންމު ގިނަ ވާހަކަފުޅުތަކެއް، އެ މަނިކުފާނު ވަނީ ވިދާޅުވެދެއްވާފައި. ހަމަގައިމުވެސް މި ވާހަކަފުޅުތަކާ އެކީގައި، ތިޔަބޭފުޅުންގެ އުންމީދުތައް އާވެ، ތަރައްޤީގެ އުންމީދުގައި ތިއްބެވި ރައްޔިތުންނަށް އުފާވެރި ތަސައްލީއެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. ޝައުޤުވެރިކަމާއެކީ އަޅުގަނޑުމެންގެ މި އިންޓަރވިޔު ބެއްލެވި ކަމަށްޓަކައި އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބާއްޖަވެރި، ރައްކާތެރި، އަމާން ދުވަހަކަށް އެދެން.
وَالسَّلَامُ عَلَيْكُمْ. |
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السَّلامُ عَلَيْكُم.
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ވާރލްޑް ޕްރެސް ފްރީޑަމް ޑޭގެ ތަހުނިޔާ، ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވަން.
އާދެ، ވަރަށް އުފާކުރަން، ތިޔަބޭފުޅުންނާ އެކީގައި މިގޮތަށް ވަގުތުކޮޅެއް ހޭދަކޮށްލަން ހަމަޖެހިގެން ގޮސްފައިވާތީ.
އާދެ، މިއަދު އަޅުގަނޑު ޤަޞްދުކުރަނީ، ސަރުކާރުގެ މަސައްކަތްތަކާ ބެހޭ އޯވަރވިއުއެއް އަޅުގަނޑު ފުރަތަމަ ތިޔަބޭފުޅުންނަށް އަރުވަން. ޕްރެޒެންޓޭޝަނެއްގެ ގޮތުގައި. ދެން އެ އޯވަރވިއުގައި އަޅުގަނޑު އޯވަރއޯލްކޮށް ހަމަ ހުރިހާ ދާއިރާއެއްހެން ކަވަރ ކޮށްލެވޭތޯ ބަލާނަން.
އެއަށްފަހު، ތިޔަބޭފުޅުން ބޭނުންފުޅުވާ ކޮންމެ ސުވާލެއް ކުރުމުގެ ފުރުޞަތުވެސް ހަމަ އޮންނާނެ. ލިބިގެންދާނެ. ދެން ތިޔަބޭފުޅުން ބޭނުންފުޅުވާ ހުރިހާ ސުވާލަކަށް ޖަވާބުދީ ނިމުނީމަ، ޕްރެސް ނިމޭނީ. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދާނީ.
ދެން އެހެންވީމާ، ފުރަތަމަ ޕްރެސް، މި އޯވަރވިއު ހުށަހަޅާލާފައި، ދެން ސުވާލުތަކަށް ދާނީ. ދެން ސުވާލުކުރަން ކޮންމެ ބޭފުޅަކަށްވެސް ހަމަހަމަ ފުރުޞަތު އަޅުގަނޑު ދޭން ބޭނުން. އެހެންވީމާ، ކަނާތްފަރާތުން ފަށާނީ. ކޮންމެ ބޭފުޅަކުވެސް އެއް ސުވާލު ކުރައްވާފައި އިށީންނަވާނީ. ދެން އިންނަވާ ބޭފުޅާއަށް ފުރުޞަތު ދޭނީ. އެ ބޭފުޅާ ފުރުޞަތު ނެންގެވީމާ، ދެން އަނެއް ބޭފުޅާ. އެހެންގޮސް މުޅި ރައުންޑް ނިމުނީމަ އަނެއްކާވެސް ފަށްޓަވާނީ. ކޮންމެ ބޭފުޅަކު އެއް ސުވާލު ކުރައްވާ ގޮތަށް. ބޭފުޅަކު ސުވާލެއް ކުރައްވަން ބޭނުންނޫނިއްޔާ، ޖެހިގެން އިންނަވާ ބޭފުޅާ ސުވާލު ކުރައްވަން ވަޑައިގަންނަވާނީ. އޭރުން ހުރިހާ ބޭފުޅުންނަށް ފުރުޞަތު ލިބޭނެ. ހުރިހާ ބޭފުޅުންނަށް ހަމަހަމަވާނެ. ހުރިހާ ސުވާލެއް، ހުރިހާ ބޭފުޅުންނަށް ކުރެއްވޭނެ އިނގޭތޯ.
އެހެންވީމާ، އެ އުޞޫލުން ގެންދަވާނީ. ފުރުޞަތުގައި ކުރައްވާނީ އެއް ސުވާލު. ދެން ވަޑައިގެންފައި ހަމަ ދެން އޮތް ސުވާލަށް ފުރުޞަތު ލިބޭނެ، ރައުންޑް ނިމޭއިރުގައި އަނެއްކާވެސް. އެގޮތަށް ގެންދާނީ.
އާދެ، އަޅުގަނޑު ދެންމެ ދެންނެވި ގޮތަށް ފުރަތަމަ ހަމަ ސަރުކާރުގެ ޖުމްލަކޮށް، އޯވަރވިއުއެއް ގޮތަށް އަޅުގަނޑު ބައެއް ކަންތައްތައް ދަންނަވާލާފައި ކުރިއަށްދާނަން.
އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގަޔާއި އަދި އެކިއެކި ފަހަރުތަކުގައި ވާނެ ވަޢުދުތަކެއް ވެފައި. ސަރުކާރުން މަސައްކަތް ކުރަނީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށް. އަޅުގަނޑު ޕޯޑިއަމެއް ކައިރީގައި ދައްކާފައި ހުންނަ ވާހަކަތައް އެއީ، އެ ވާހަކަ އެ ދައްކަނީ، އެކަން ކުރުމުގެ ނިޔަތުގައި، ޢަޒުމުގައި. އެގޮތަށް އެކަން ކުރުމަށް ކަނޑައަޅައިގެން.
އެހެންވީމާ، މިއަދާ ހަމަޔަށްވީ ހުރިހާ ވަޢުދެއް ވަނީ ލިސްޓް ކުރެވިފައި. އަދި ބައެއް ވަޢުދުތަކަކީ، ދެކެވުނު ވާހަކަތައް ފޮތްފޮތަށްވެސް ނެގިފައިވާ ވާހަކަތަކެއް، ނޫނީ ވަޢުދުތަކެއް.
އެހެންވީމާ، އަޅުގަނޑު ފުރަތަމަވެސް ދަންނަވާލަން މި ބޭނުންވަނީ، އަޅުގަނޑު ހަނދާން އެބަހުއްޓޭ އަޅުގަނޑުވީ ވަޢުދުތައް. މެނިފެސްޓޯގެ ތެރެއިން 289 ވަޢުދެއްވީން. އަދި 1051 ވަޢުދެއް، ރިޔާސީ އިންތިޚާބުގައި، ކެމްޕެއިންގެ ތެރޭގައި އަޅުގަނޑު ވެފައި ވާނެ. ދަތުރުތަކުގައި، އެއީ، އެކިފަހަރުމަތިން މިއަދާ ހަމަޔަށް ކުރެވުނު ދަތުރުތަކުގައި، ރައްޔިތުންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގައި، 484 ވަޢުދެއް ވެފައި ވާނެ. އަދި އެކިއެކި އެހެން އިވެންޓްތަކުގައި އިތުރު 305 ވަޢުދެއް، ޖުމްލަ 2129 ވަޢުދު. މި ވަޢުދުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމެޓިކަލީ، ލިސްޓް ކުރެވިގެން، މޮނިޓަރ ކުރެވޭ ވަޢުދުތަކެއް. މިއިން ކޮންމެ ވަޢުދަކާ ބެހޭގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި، އަޕްޑޭޓްސް ނަގައި، މޮނިޓަރކޮށް، ކަންކަން ފެސިލިޓޭޓް ކޮށްދީ، ހާސިލުވަމުންދާވަރު ބަލާ ވަޢުދުތަކެއް.
އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައިވަނީ ވަޢުދު ފުއްދުމަށް. ނަތީޖާ ނެރުމަށް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެކޭ. އަޅުގަނޑުމެންގެ ހުރިހާވެސް އިންޓްރެސްޓެއް އޮތީ ނަތީޖާ ނެރުމުގައި.
އެހެންވީމާ، މި 2129 ވަޢުދު ފުއްދުމުގައި، މުޅި ސަރުކާރު މަސައްކަތް ކުރަނީ. މުޅި ސަރުކާރުގެ ކޮންމެ މީހެއްގެވެސް ޒިންމާއަކީ އެއީ. އެއީ، ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައިވިޔަސް، އެ މީހަކު އަޅުގަނޑު އަޢްޔަންކޮށްފައި ވާނީ، މި ހުރިހާ މަސައްކަތެއް ކުރުމަށް ބޭނުންވާތީ. އެ މީހަކު ބޭކާރުކޮށް ޢައްޔަންކުރި މީހެއް ނުހުންނާނެ. މިނިސްޓަރެއް ވިޔަސް އަދި އެހެން މަގާމެއްގައި ހުރި ބޭފުޅެއް ވިޔަސް، އެމް.ޑީ.އެއް ވިޔަސް، އަދި އެންމެ އާދައިގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ވިޔަސް، އެ ބޭފުޅަކު ޢައްޔަންކޮށްފައި ވަނީ، މި 2129 ވަޢުދު ފުއްދުމަށް. އެ މަސައްކަތް ކުރަން ބޭނުންވާ މީހުން އަޅުގަނޑުމެން ޢައްޔަންކުރީ.
ދެން މި މަސައްކަތް ކުރުމަށްޓަކައި، މި ދެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު މި ދަންނަވާލަނީ.
ޖުމްލަ 2130 މަޝްރޫޢެއް ކުރިއަށް ގެންދަން ވާނީ ނިންމާފައި. އަޅުގަނޑު އިތުރަށް ކުރިއަށްދިޔުމުގެ ކުރިން ދަންނަވާލާނަން. މި ޕްރެޒެންޓޭޝަން، ހަމަ ފުލް ޕްރެޒެންޓޭޝަން، އޭގެ ގޮތުގައި ހަމަ ޕީ.ޑީ.އެފް.އަކަށް، ޕީ.ޑީ.އެފް.އެއް ހަދާފައި، ޕްރެސް ކޮންފަރެންސް ނިމުނީމާ ތިޔަބޭފުޅުންނަށް ލިބިގެންދާނެ އިނގޭތޯ. ހަމަ މިހާރު ނޯޓް ކުރެއްވުމުގެ އިތުރަށްވެސް، ހަމަ ފަހުން ބައްލަވައިލައްވަންވެސް ހަމަ ފުލް ޕްރެޒެންޓޭޝަން އަޅުގަނޑުމެން ދޭނަން.
އެހެންވީމާ، 2130 މަސައްކަތެއް، މަޝްރޫޢެއް، މި ދެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި ކަނޑައަޅާފައި އެވަނީ މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން. އޭގެ ބްރޭކްޑައުންވެސް އަޅުގަނޑު މިއިން މި ދައްކާލަނީ. ކޮންމެ އެއްޗެއް ވަކިން އަޅުގަނޑު މިތާ ރިޕީޓްކޮށް ނުކިޔަސް. މިސާލަކަށް، ކުޅިވަރުގެ ދާއިރާއިން 551 މަޝްރޫޢެއް، ރާއްޖޭގެ އެކި ކަންކޮޅުގައި ގެންދަން ހަމަޖެހިފައި ވަނީ. ކުނީގެ ނިޒާމު، 153 މަޝްރޫޢެއް. ދެން މިހެންގޮސް އެކިއެކި ދާއިރާތަކުން، އެކިއެކި މަސައްކަތްތައް ކުރަން ކަނޑައަޅާފައި ހުރި ޢަދަދުތައް. މިސާލަކަށް، ބިން ހިއްކުމުގެ 42 މަޝްރޫޢު. ދެން ވަކި ތަރުތީބަކުން ނޫން. ހަމަ މި ޓޭބަލުން މި ފެންނަނީ، ދެންމެ އަޅުގަނޑު މި ދެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި މި އަހަރާއި، މި އަންނަ އަހަރު ތެރޭގައި ކުރިއަށް ގެންދިޔުމަށް ޕްލޭން ކުރެވިފައި ހުރި، އަޅުގަނޑުމެން ބަޖެޓްކޮށް، މަސައްކަތް ކުރަން ނިންމައި، ކުރަމުންދާގޮތް.
އެހެންވީމާ، ތިޔަބޭފުޅުންނަށް އެކިއެކި މިނިސްޓަރުން އަރިހުން، ކުންފުނިތަކުގެ ވެރިން އަރިހުން ބައްލަވައިލެއްވޭނެ. މިވެނި ދާއިރާއެއްގެ މިތައް މަސައްކަތް އޮތްއިރުގައި، މިހާރު ކިހިނެއްތޯ މަސައްކަތް ދަނީ. ވަރަށް ސާފު. ދިޒް އިޒް އަވަރ ޕްލޭން. އަޅުގަނޑުމެން ވަޢުދުވެފައި ހުރި ކަންތައްތައް އަޅުގަނޑު މި ދަންނަވާލީ. އެ ވަޢުދުތައް ފުއްދަން ރާވާފައި އޮތްގޮތް މި ދަންނަވާލީ. އެހެންވީމާ، މި ޕްލޭނާ އެއްގޮތަށް ސަރުކާރުގެ މަސައްކަތް ހިނގަމުންދަނީ. އަދި ދާނީވެސް.
އެހެންވީމާ، މީގެތެރެއިން ދެން ތަފްޞީލަށް ކޮންމެވެސްވަރަކަށް އަޅުގަނޑު ދާނަން. ވަކި ދާއިރާތައް ގޮތަށް، ކޮންމެވެސްވަރަކަށް. ހުރިހާ ކަމެއް ނޫން. އެއީ، އެކިފަހަރުމަތިން ހުންނާނެ މީޑިއާއާ ބައެއް މަޢުލޫމާތު، އެކި ބޭފުޅުން ޙިއްޞާކޮށްފައިވެސް. އެކަމަކު މި ޕްރެސް ކޮންފަރެންސްގެ ތެރޭގައި، ބައެއް ކަންކަން ހަމަ ދަންނަވާލުމަށް އަޅުގަނޑު ޤަޞްދުކުރަން.
އެގޮތުން، ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން އެންމެންނަށްވެސް، އަޅުގަނޑުމެން ދިވެހީންނަށްވީތީ، އަޅުގަނޑުމެން ފަޚުރުވެރިވަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް. އެހެންވީމާ، ދީނުގެ ދާއިރާއިން ބަލާކަމަށްވަންޏާ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، މި ސަރުކާރުން އެންމެ އިސްކަމެއް ދޭ ތަފާތު ކަމެއް ގޮތުގައި ފާހަގަކޮށްލާ އެއްކަމެއް އެއީ، ވަޤުފް އިންވެސްޓްމަންޓް. މިއީ ޙަޤީޤަތުގައި ދުރު ރާސްތާއަށް އަދި މެދު ރާސްތާއަށްވެސް ވަރަށް މުހިންމު ކަމެއް. ވަޤުފް އިންވެސްޓްމަންޓްތައް، މި ސަރުކާރުން މެނިފެސްޓޯގައި ހިމަނާފައި އޮތް ކަމެއް. ވަރަށް އިސްކަމެއް ދީގެން އެބަ މަސައްކަތް ކުރޭ.
އެހެންވީމާ، މައިގަނޑު ތިން މަޝްރޫޢެއް އަޅުގަނޑު މި ފާހަގަކޮށްލަނީ. ހުޅުމާލޭ ފޭސް 1 ގައި ދާރުއްސަލާމް. އިސްލާމިކް ކޮމްޕްލެކްސް މިހާރު ޕްރީ ޓެންޑަރިންގ މަރުޙަލާގައި އެއުޅެނީ. ބިން ހަމަޖެހިފައި. އަދި މާލޭގައި "ދާރުލްއަރްޤަމް" ނަމުގައި އިތުރު އިމާރާތެއް އެޅުމަށް ހަމަ އެ މަރުޙަލާގައި މިދަނީ. ދެން ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އަޅަން މިހާރު ބިން ކަނޑައަޅާފައި. މި ވަގުތު އަޅުގަނޑު އަތުގައި މަޢުލޫމާތު އޮތީމަ، އެ ބިން ކަނޑައަޅާފައި އޮތްތަން ދަންނަވާލާނަން. އެއީ، ރަސްފަންނު ކައިރިން، ކުރީގައި "ކޮރަލް ބޮލުވަރޑް" ކިޔާ މަޝްރޫޢެއް ހިންގަންވެގެން ނަގާފައި އޮތް ބޮޑު ބިމެއް އޮންނާނެ. އެ ތަނުން ދިހަހާސް އަކަފޫޓް އަޅުގަނޑުމެން މިހާރު ވާނީ މިކަމަށް ކަނޑައަޅައި ހަމަޖައްސައިދީފައި. އެއީ، ދެން ވަރަށްބޮޑު ބިމެއް. ގާތްގަނޑަކަށް ހަތްދިހަވަރަކަށް ހާސް އަކަފޫޓުގެ ބިމެއް. އެހެންވީމާ، އެތަނުން ދިހަހާސް އަކަފޫޓް މިކަމަށް މިހާރު އޮންނާނީ ކަނޑައަޅައިދީފައި.
އެހެންވީމާ، މި ތިން ވަޤުފް އިމާރާތް އެޅުނީމަ، އެ ލިބޭ އާމްދަނީ، އެ އާމްދަނީގެ ތެރެއިން އިސްލާމީ އެކި ކަންކަމަށް ޚަރަދުކުރަން، ކޮންމެ އަހަރެއްގެ ބަޖެޓުގެ ތެރެއިން ނުނަގައި، އެ ލިބޭ އާމްދަނީގެ ތެރެއިން ވަރަށްގިނަ ކަންކަން ކުރެވިގެންދާނެ. ދީނީ ހޭލުންތެރިކަން އިތުރުކުރުން، އެކިކަހަލަ ޕްރޮގްރާމްތައް ހިންގުން، މިހެންގޮސް އެކި ކަންކަމަށް.
ދެން މީގެއިތުރަށް، މިސްކިތް އިމާރާތް ކުރުމަށް ބަލާއިރުގައި، މި ޗާޓުން އަޅުގަނޑު މި ދައްކާލަނީ މިހާރުގެ ޙާލަތު. މިސްކިތް އިމާރާތް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މިހާރު އެބަ ކުރިއަށްދޭ، 21 މަޝްރޫޢެއް. ދެން މަސައްކަތް ކުރިއަށް ގޮސްފައި އަދި އޭގެއިތުރަށް، ދާދިފަހުން އަޅުގަނޑުމެން ސޮއިކުރި 17 މަޝްރޫޢަކާ އެކީގައި، މިއީ މިހާރު އޮތް އޮޕަރޭޝަން، ނޫނީވިއްޔާ ހިންގުމުގެ މަރުޙަލާއަށް ގޮސްފައި ހުރި މަޝްރޫޢުތަކަކީ. މިހިރީ، ދެން ޗާޓުގައި ހުރި ކޮންމެ ރަށެއްގެ ނަން އަޅުގަނޑު ނުކިޔާނަން. ހަމަ ތިޔަބޭފުޅުންނަށް މި ޕްރެޒެންޓޭޝަން ފަހުން ލިބިގެންވެސްދާނެ. އަނެއްކާ މިހާރުވެސް ނޯޓް ކުރެއްވޭނެ. ކޮންމެގޮތެއްވިޔަސް މީގައި މިހިރީ މިވަގުތު ކުރިއަށްދާ، ސޮއިކޮށްފަޔާއި އަދި ޢަމަލީގޮތުން ކުރިއަށްދާ ހުރިހާ މަޝްރޫޢުތަކެއް. އެހެންވީމާ، މިހާރު މިގޮތަށް މި ކުރިއަށްދާ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހަމަ ގިނަ މަޝްރޫޢުތަކެއް ނިމި، މި އަންނަ އަހަރުގެ ތެރޭގައި ބާކީ މަޝްރޫޢުތައް ނިމިގެންދާނެ. މިއީ އެއް އަހަރެއްގެ ތެރޭގައި، އެންމެ ގިނަ މިސްކިތް އިމާރާތް ކުރެވޭ އަހަރަށްވެގެން އެބަދޭ. 2025.
ދެން މި އަންނަ އަހަރަށް، މި އަންނަ އަހަރަށް ކަނޑައަޅާފައި ހުރި، މިސްކިތް އިމާރާތް ކުރުމާއި އަދި އިސްލާމީ ދާއިރާއިން ހުންނާނެ އިސްލާމިކް ސެންޓަރު އެޅުންވެސް. ޤުރްއާނާބެހޭ މަރުކަޒުގެ ތަންތަން ހެދުންވެސް. އެހެންވީމާ، ޖުމްލަކޮށް، އިސްލާމީ ދާއިރާގެ މަޝްރޫޢުތައް، މި އަންނަ އަހަރަށް ކަނޑައަޅާފައި ހުރި ރަށްރަށަކީ، މި ސްލައިޑްގައި މިވާ ރަށްތައް. އެހެންވީމާ، ދެންމެ އަޅުގަނޑު މި ދެއްކި ސްލައިޑްގައި ހުރި މަޝްރޫޢުތަކުގެ އިތުރުން، މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަޝްރޫޢުތައް ކުރިއަށް ގެންދާނަން. މީގައި ހުންނާނީ، މި ދެންނެވި ގޮތަށް، މިސްކިތާއި، އިސްލާމީ މަރުކަޒުތަކާ، މިހެންގޮސް ދީނީ ދާއިރާއަށް މުހިންމު އެކިކަހަލަ ކަންކަން.
އާދެ، އިސްލާމްދީނަށް އަޅުގަނޑުމެން މައިގަނޑު ސިޔާސަތު ކަނޑައެޅުމަށްފަހު، ދެން އެންމެ އިސްކަމެއް މިދެނީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތާއި، އަޅުގަނޑުމެންގެ ސިޔާދަތު ޙިމާޔަތް ކުރުމަށް. އާދެ، އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އޮތްގޮތް. މޯލްޑިވްސް ފަސްޓް ޕޮލިސީ ދޮގެއްތޯ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، އޭގެ އަސާސަކީ ހުރިހާ ޙާލަތެއްގައިވެސް ދިވެހީންގެ މަޞްލަޙަތު އިސްކުރުން. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ޙިމާޔަތްކޮށް ދެމެހެއްޓުން. އަދި މި ހަމައިގެ މަތީގައި ހުރިހާ ޤައުމުތަކާ ގާތް ގުޅުން ބޭއްވުން. މާނަޔަކީ މި ހަމަޔަށް ރެސްޕެކްޓް ކުރާނަމަ، އަޅުގަނޑުމެންނާ ގުޅުން އޮންނާނޭ ކޮންމެ ޤައުމަކާވެސް. އަޅުގަނޑުމެންނަކަށެއް ތަފާތެއް ނޫނޭ، އެއްވެސް ޤައުމެއް. އެ ޤައުމަކީ އަޅުގަނޑުމެންގެ މަޞްލަޙަތަށް ރެސްޕެކްޓް ކުރާނަމަ، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ ސިޔާދަތަށާއި، ޓެރިޓޯރިއަލް އިންޓެރގްރިޓީއާއި، މި ހުރިހާ ކަމެއް، ހަމަ އެ ޤައުމަށްވެސް އޮންނަ ފަދައިން، އަޅުގަނޑުމެންނަށްވެސް އޮންނާނެކަން ގަބޫލުކުރާ ހުރިހާ ޤައުމުތަކާ އެކީގައި އަޅުގަނޑުމެން ގާތް ގުޅުން ބާއްވާނަން. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. މި ސިޔާސަތަކަށް އެއްވެސްއިރަކު ނާދޭ ބަދަލެއް.
މިއީ އަޅުގަނޑު ކެމްޕެއިން ތެރޭގައި، އެންމެ ފުރަތަމަ ކެމްޕެއިން ލޯންޗްކުރި ރޭވެސް އިޢުލާނުކުރި ސިޔާސަތު. ލިޔެވިފައިވެސް އޮތީ މި ސިޔާސަތު. ޢަމަލުވެސް ކުރަނީ މި ސިޔާސަތަށް. މިއަކަށް ބަދަލެއް އައި އެއްވެސް ވަގުތުކޮޅެއް އަދިއެއް ނާދޭ. އަދި ނުވެސް އަންނާނެ އިރާދަކުރެއްވިއްޔާ.
ޚާރިޖީ ގުޅުން ބަދަހިކުރުމުގެ ތެރެއިން އެކި ދަތުރުތައް ކުރެވިފައިވާއިރުގައި، ތިޔަބޭފުޅުން ފަހުން ބޭނުންފުޅުނަމަ، ހަމަ ވަރަށް ތަފްޞީލުކޮށް ދަތުރުތަކުގެ މަޢުލޫމާތުވެސް އަޅުގަނޑަށް ދެވެން އެބަހުރި އިނގޭތޯ. ހަމަ ރެޑީކޮށް ހުންނާނީ. އަޅުގަނޑު ހަމަ މައިގަނޑު ހަތަރު ޤައުމެއް މި ފާހަގަކޮށްލީ މި ތަނުގައި. ތުރުކީވިލާތާއި، ޗައިނާ، އިންޑިއާ، އެސްޓޯނިއާ. އަދި ހަމަ ބައެއް އެހެން ޤައުމުތަކަށްވެސް ދިޔައިން. މިއިން ކޮންމެ ޤައުމަކަށްވެސް މިދަނީ ރާއްޖެއަށް އެއިން އެކި ދާއިރާތަކުން ފައިދާވާ ކަންތައްތައް ހޯދުމަށްޓަކައި. ބައިނަލްއަޤްވާމީ ގުޅުންތައް، ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފައިދާވާ. ދެންމެ މި ދެންނެވި ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި. އެހެންވީމާ، މިއިން ކޮންމެ ޤައުމެއްގެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ ގިނަގުނަ ފައިދާތަކެއް ލިބިގެން އެބަދޭ.
އެހެންވީމާ، މީގެއިތުރަށް، ހަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްތަކަށް އަޅުގަނޑު ވާނީ ގޮސްފައި. މީގެތެރެއިންވެސް އަޅުގަނޑު ހަމަ ބައެއް ކަންކަން މި ފާހަގަކޮށްލަނީ. ކުދި ޤައުމުތަކުގެ ޖަމުޢިއްޔާ "ސިޑްސް" ގައި އަޅުގަނޑުމެންނަކީ ކޯރ ޗެއަރ. 10 އަހަރުން އެއް އަހަރު އޮންނަ ކޮންފަރެންސެއް އެއީ. އަޅުގަނޑުމެން ވާނީ ސިޑްސް ކޮންފަރެންސް، އެއަށް އަޅުގަނޑު އެންޓިގުއާ އެންޑް ބަރބިޑުއާއަށް ދިޔައިން. ވަރަށް މުހިންމު ދައުރެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ ކުޅެވިފައިވޭ. އަދިވެސް، މިހާރުވެސް ދަނީ ކުޅެވެމުން. ކުދި ޤައުމުތަކުގެ މި މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ގެއްލުމުގައި ރާއްޖެ އިރާދަކުރެއްވީތީ ވަރަށް ބޮޑަށް ލީޑް ކުރަމުން މިދަނީ. އޭގެ ސަބަބުން ވަރަށްބޮޑު މަގެއް އެބަ ފަހިވެގެންދޭ. އަޅުގަނޑުމެން ކަހަލަ ކުދިކުދި ޤައުމުތަކަށް މި ލިބޭ ކްލައިމެޓް ޗޭންޖް ގެއްލުންތަކުން މިޓިގޭޓް ކުރެވިގެން އަރައިގަންނަން މަސައްކަތް ކުރަން. ދެން އަދި ފަހުން ތަފްޞީލު އަޅުގަނޑު ގެނެސްދޭނަން. އ.ދ. ޢާންމު މަޖިލީހުގައި އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ އަޑުއިއްވާފައި. އަޅުގަނޑުމެންގެ ސިޔާސަތު ވާނީ ހާމަކޮށްފައި. ފަލަސްޠީނާ ބެހޭގޮތުންވެސް. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ، ކުރިއަށް އޮތް ވިއްސަކަށް އަހަރު ގެންދަން ބޭނުންވާ ހިސާބުވެސް. އަދި ޖުމްލަކޮށް.
އެހެންވީމާ، އިރާދަކުރެއްވީތީ ރާއްޖެއަކީ ކޮބައިކަން، ރާއްޖޭގެ ސިޔާސަތު، ރާއްޖޭގެ ވިސްނުން ހުރިގޮތް، އިރާދަކުރެއްވީތީ ރައްޔިތުންގެ ފަރާތުން، ދިވެހި ރައްޔިތުންގެ ފަރާތުން މުޅި ދުނިޔެއަށް ގެންގޮސްފައި ވާނެ. ފަލަސްޠީނުގެ މައްސަލައިގައި ބޭއްވުނު އޯ.އައި.ސީ. ސަމިޓް އެއީ، ވަރަށް މުހިންމު ސަމިޓަކަށް ވެގެންދިޔަ. އަދި ކޮޕްގެ ދެ ކޮންފަރެންސަށް މިހާރު ދެވިއްޖެ. މޫސުމާބެހޭ ކަންކަމުގައި އަޅުގަނޑުމެން ވާނީ ވަރަށް މުހިންމު ދައުރުތަކެއް އަދާކޮށްފައި.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް. އެއީ، އަޅުގަނޑުމެން ފަޚުރުވެރިކަމާއެކީ ނިންމި ނިންމުމެއް. ޖެނޮސައިޑަލް ވޯރ ހިނގަމުންދާ. އެ އެޓްރޯސިޓީޒްތަކާ ދެކޮޅަށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި، ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި މުހިންމު ނިންމުމެއް އެއީ. އަޅުގަނޑުމެންގެ ޤައުމު ކުޑަވެދާނެ. އެހެންނަމަވެސް، 100 ޕަސެންޓް އިސްލާމީ ޤައުމެއް. އަޅުގަނޑުމެން ކަމާ ދެކޮޅުކަން އަޅުގަނޑުމެން ހާމަކުރީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ދެމިއޮންނާނެ.
އާދެ، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި އޮތް މައްސަލައެއް، ކަނޑުގެ ސަރަޙައްދުން ދޫކޮށްލި ބައިގެ މައްސަލަ. އެ ދޫކޮށްލި ބައި ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. މިއަދާ ހަމަޔަށް އައިއިރުގައި ކުރެވިފައި އެހެރީ މަސައްކަތްތައް. ވަރަށް އުނދަގޫ ދަތި، ކަވި މަސައްކަތްތަކެއް. އެ މަސައްކަތްތަކުގައި އަޅުގަނޑުމެން ވާނީ ބޭރުގެ އެކްސްޕަރޓުންގެ ލަފާވެސް ހޯދާފައި. އަދި މިހާރު މިވަނީ އެކަމުގައި އަޅުގަނޑުމެން ކުރަންހުރި، ދެންހުރި މަރުޙަލާގެ ކަންތައްތައް ކުރުމަށްޓަކައި މަސައްކަތްތައް ފަށާފައި. މިދޭތެރެއިން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތުގެ ސިޔާސަތަށް އައި ކުޑަ ބަދަލެއް ފާހަގަވެގެންދިޔަ. އެކަމާ ގުޅިގެން އަޅުގަނޑުމެން ކުރަންޖެހޭ މަޝްވަރާތައްވެސް ހުންނާނެ. އެހެންވީމާ، ކޮންމެގޮތެއްވިޔަސް، ގެއްލިގެންދިޔަ ކަނޑުގެ ބައި ހޯދުމަކީ، އަޅުގަނޑުމެންގެ ހަމަ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެން ހަމަ އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަވެސް ދުލެއްނުދެން. އެކަމުގައި އަޅުގަނޑުމެން މިދަނީ ހަމަ އެއްވާނެއްގައި ކުރިއަށް.
ލިޔެފައި ހުރި އެއްޗެހި، އަކުރުން އަކުރަށް އަޅުގަނޑު ނުކިޔަން އިނގޭތޯ. ހަމަ ޖުމްލަކޮށް މި ދަންނަވާލަނީ.
ޢަސްކަރީ އެއްބަސްވުންތައް ހާމަކުރުން. އަޅުގަނޑުވީ ވަޢުދެއް ދޮގެއްތޯ؟ ޢަސްކަރީ އެއްބަސްވުންތައް އަޅުގަނޑުމެން ބެލިން. އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ޤައުމަށް، ކުރިން މި ދެންނެވި މިނިވަންކަމާއި، ސިޔާދަތު ޙިމާޔަތްކުރުމުގައި، ގެއްލުންވާނެ ކަމެއް އޮތިއްޔާ، މިހާރު އެކަމެއް ނޯންނާނެ.
މައިގަނޑު ގޮތެއްގައި އެއްކަމަކީ، ހައިޑްރޮގްރަފީގެ އެއްބަސްވުމެއްގެ ތެރެއިން ކަނޑުގެ އަޑީގެ ހުރިހާ މެޕިންގއެއް ހަދާގޮތަށް އޮތް އެއްބަސްވުން، މުއްދަތު ހަމަވީމަ އަލެއް ނުކުރަން. އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑްކުރަން ހަމަ ކޮންމެ ޤައުމަކަށްވެސް އެހީވެވޭނެ. އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑްކުރަން، ހައިޑްރޯގޮރަފީ ސަރވޭ ކުރުމުގައިވެސް. އެކަމަކު އެހެން ބަޔަކު މިތަނަށް ސްޓޭޝަންވެގެން އެކަން ކުރުމަކީ، އަޅުގަނޑުމެން އެއްވެސް ޤައުމަކަށް، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތާ ފުށުއަރާ ކަމަކަށްވާތީ، ހަމަ ރެސްޕެކްޓްފުލީ ނޫނެކޭ ބުނެފައި އޮތް ކަމެއް. އެހެނެއްނޫން، އަޅުގަނޑުމެންގެ ކެޕޭސިޓީ، ދެންމެ މި ދެންނެވި ގޮތަށް، އިކްވިޕްމަންޓް ވައިސް، ހިއުމަން ރިސޯސް ވައިސް، ޓްރޭނިންގ ވައިސް ހޯދައިދޭން ޤައުމަކުން ބޭނުންފުޅުވަންޏާ، އަޅުގަނޑުމެން މަރުޙަބާ ކިޔާނަން. އެކަމަށް އެއްބަސްވުންވެސް ހަދާނަން. އެއަކު އެއްވެސްވަރަކަށް، ބޭރު ޤައުމެއްގެ ސިފައިން މިތާ ތިބުމެއް، ނޫނިއްޔާ ބޭރު ޤައުމަކުން ސްޓޭޝަންވެގެން ކުރާކަށް އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން. އެއީ، ކިތަންމެ ބޮޑު ޤައުމެއް ކަމުގައިވިޔަސް، ކިތަންމެ ކައިރި ޤައުމެއް ކަމުގައިވިޔަސް. އަދި އެ ޤައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް، އެހެން ކަންކަމުގައިވާ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކަށް މުހިންމެއް ނުވާނެ، އަޅުގަނޑުމެންގެ މިނިވަންކަމަށް ސުވާލެއް އުފެދިގެންދިޔުމަށް. މިނިވަންކަމަށް ބުރޫއެރުމުގެ ސުވާލު އުފެދުން ބޭނުމަކީ. އެހެންވީމާ، އެ ފުރުޞަތެއް ނޯންނާނެ.
އެހެންވީމާ، އެކަން ފާހަގަކޮށްލާފައި، ދެން ސޮއިކުރެވިފައި ހުރި އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލިޓީ ކްލައުޒް އޮތުމާ އެކީގައި، ވަރަށް މަސައްކަތް ކުރެވިފައި އޮތް ކަމަކަށްވާތީ، އަޅުގަނޑުމެންނަށް އަދި މިއަދާ ހަމަޔަށް އައިއިރުގައި، އެ އެއްބަސްވުންތައް ސޮއިކޮށްފައި ހުރި ޤައުމުތަކުގައި، އަޅުގަނޑުމެންނަށް އެ ޤައުމުތަކުގެ ރުހުމާނުލައި، ނޫނީ އެ ޤައުމެއްގެ ރުހުމާނުލައި އެއްބަސްވުން ހާމަކުރުމުގެ ފުރުޞަތު، ލީގަލް އިޝޫއަކަށްދާތީ ނެތީ. އެހެންވީމާ، ބައިލެޓްރަލް މަޝްވަރާތައް އަދިވެސް އެކަމުގައި ކުރިއަށްދޭ. އޭގެ އިޝޫޒްތަކެއް ހުރެގެނެއް ނޫން. އެހެންނަމަވެސް، ހާމަކުރާނެ ކަމަށް އަޅުގަނޑު ވަޢުދުވެފައިވާތީ، މަސައްކަތް ކުރަމުން އެބަދަން. ބައިލެޓްރަލް ޑިސްކަޝަންސްތަކުގެ ތެރެއިން، އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ. ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގައި ހުރެގެނެއް ނޫން. އެކަމަކު އަޅުގަނޑުގެ ވަޢުދު ފުއްދުމަށްޓަކައި.
އާދެ، ޢަސްކަރީ ވާހަކަ ދައްކާއިރުގައި، ޢަސްކަރީ ޤާބިލްކަން އިތުރުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ޢަސްކަރިއްޔާއަށް ކުރިމަތިވެފައި އޮތީ ވަރަށް ނިކަމެތި ކަމެއް. ވިއްސަކަށް އަހަރު، ނޫނީވިއްޔާ ފަންސަވީހަކަށް އަހަރުވީ އަޅުގަނޑުމެންގެ އެމް.އެން.ޑީ.އެފް.ގެ ކެޕޭސިޓީ ބިލްޑް ނުކުރާތާ. ހަމަ ވީރާނާވާން ދޫކޮށްލެވިފައި އޮތީ. މިއީ ވަރަށްދެރަ ކަމެއް. ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ އެހެން މުހިންމު ކަންކަން ހުއްޓާލާފައި މިކަން ކުރަނީކީ ނޫން. އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު ހުރިހާ ކަމަކާ އެކީގައި ކުރަންޖެހޭ މުހިންމު ކަމެއް، އަޅުގަނޑުމެންގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ. އެއީ، އަޅުގަނޑުމެންގެ ޒިންމާއެއް. ސަރުކާރެއްގައި ވިއްޔާ، އެ ސަރުކާރެއްގެ ޒިންމާއަކަށް ވާނެ، އެ ޤައުމެއްގެ ދިފާޢީ ބާރު ވަރުގަދަކުރުން. އަޅުގަނޑުމެން މިއުޅެނީކީ ހަނގުރާމައެއް ކުރާކަށްވެސް ނޫން. އަޅުގަނޑުމެންނަކީ ޞުލްޙަވެރި ޤައުމެއް. އަޅުގަނޑުމެންގެ މި ސަރަޙައްދުވެސް އަޅުގަނޑުމެން ބޭނުންވަނީ ޞުލްޙަވެރިކޮށް އޮންނަން. އެކަމަކު ފަޚުރުވެރި މިނިވަން ޤައުމެއްވީމަ، އަޅުގަނޑުމެންގެ ދިފާޢީ ބާރުގެ ވަރު ހުންނަންޖެހޭނެ. ކެޕޭސިޓީ ހުންނަންޖެހޭނެ. އަޅުގަނޑުމެންގެ ފެންވަރުން ހުންނަންޖެހޭނެ.
މި ދެންނެވީ ވިއްސަކަށް، ފަންސަވީހަކަށް އަހަރުވީއޭ، އެއްގޮތަކަށްވެސް އަޅައިނުލެވި، ޙަޤީޤަތުގައި ނިސްބަތުން އަޅައިނުލެވުނިއްޔޭ. އެހެންވީމާ، އަޅުގަނޑުމެން މިސާލަކަށް، މެރިން ކޯރއަށް ކެޕޭސިޓީ ބިލްޑްކުރަން މި ފެށީ. އެއްގޮތަކަށްވެސް ޓޭންކަރުތަކެއް ހޯދީކީ ހަނގުރާމައަކަށް ނުކުންނާކަށް ނޫން. އަޅުގަނޑުމެންގެ ޓޭންކަރު މި ހޯދީ. ކުރީގައި ހުރި އެއްޗެހި ނުވެސް ދުވަނީ އިނގޭތޯ. ނުވެސް ދުވަނީ ހަމަ ޙަޤީޤަތުގައިވެސް. ލަދުގަންނަންޖެހޭ ހިސާބަށް އަޅުގަނޑުމެންގެ ޢަސްކަރީ ޙާލަތު އޮތީ ގޮސްފައި. ދެން އޭގެ ތަފްޞީލަށް ނުދަމާ. އެއީ، އެކަމެއް ކުރި ބަޔަކު އެއަށް ޖަވާބުދާރީވާނީ.
ފަޔަރ އެންޑް ރެސްކިއު ސަރވިސަސް. މިއީ އަޞްލު ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މިހާރު އަޅުގަނޑުމެން ބަޖެޓުން މި ބަލަނީ މި އަހަރުގެ ތެރޭގައި، ދެ އަހަރަށް ބަހާލައިގެން. މިސާލަކަށް، ވަރަށް އުސް އިމާރާތްތައް އެބަހުރޭ. 25 ބުރިއަށް އަރާ. މިއިން ތަނެއްގައި ކަމެއް ހިނގައިފިއްޔާ، އިރާދަކުރެއްވިއްޔާ ނުހިނގާނެ. އަޅުގަނޑުމެންގެ ދުޢާއަކީ އެއީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނެތް. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އެމް.އެން.ޑީ.އެފް.ގައި މިއަދާ ހަމަޔަށް ނެތްކަން. ދެން ހަމަ މިގޮތަށް ބަލަންޏާ، އެހެންވީމާ، ފަޔަރ އެންޑް ރެސްކިއު ސަރވިސަސް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރަންޖެހޭ.
ކޯސްޓްގާޑް. އަޅުގަނޑުމެންގެ ކަނޑު، 99 އިންސައްތައަކީ. ކޯސްޓްގާޑޭ ބުންޏަސް، ކުދިކުދި ލޯންޗްތަކެއް ނޫންތޯ މި ހުންނަނީ ޙަޤީޤަތުގައި. އޭގެތެރެއިންވެސް ގިނަ ލޯންޗްތައް ހަމަ ގްރައުންޑް ވެފައި. އެހެންވީމާ، އެބަޖެހޭ ކުރަން. އަޅުގަނޑުމެން ކުރަންޖެހޭ އަސާސީ ކަމެއް މިއީ ޙަޤީޤަތުގައި. އެހެންވީމާ، ކޯސްޓްގާޑް ދެގުނަކުރަން ނިންމީ. މިހާރު އޭގެ އެއް މަޝްރޫޢު ހަވާލުކުރެވިގެން، އުޅަނދުތައް ބަންނަމުން އެދަނީ. އެހެންވީމާ، ކޯސްޓްގާޑުގެ ކެޕޭސިޓީ އިތުރުކުރަނީވެސް، އަޅުގަނޑުމެންގެ ޓެރެޓަރީ ބަލަހައްޓަން. އަޅުގަނޑުމެންގެ އީ.އީ.ޒެޑް ވަރަށްބޮޑު އިރާދަކުރެއްވީތީ. ވަރަށްމަދު ޤައުމެއްގައި މިހާބޮޑު އީ.އީ.ޒެޑެއް އޮންނާނީވެސް.
އެހެންވީމާ، މި ސަރަޙައްދެއް ނުބެލެހެއްޓޭ ނޫންތޯ، މި ހުރިހާ ދުވަހު. ޕައިރަޓުންވެސް ވަންނަނީ. މަސްވެސް ބާނަނީ ބޭނުންވަރަކަށް. އެހެންވީމާ، މި ތަންތަން ޙިމާޔަތްވާންޖެހޭނެ. ޙިމާޔަތް ކުރެވުނީމާ އަޅުގަނޑުމެންނަށް އޭގެ ފައިދާވެސް އެބަވޭ. މި ޤައުމަށް އިންވެސްޓް ކުރަން އަންނަ މީހާވެސް އެބަ ބަލައޭ، އަޅުގަނޑުމެންގެ މިނިވަންކަން. އަޅުގަނޑުމެންގެ ސަރަޙައްދު، އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ޙިމާޔަތް ކުރެވެނީ. އަޅުގަނޑުމެންގެ ސްޓްރެންތް، އަޅުގަނޑުމެންގެ އަމިއްލަ ސަރަޙައްދު ބެލެހެއްޓުން އޮތީ ކިހާވަރަކަށްތޯ. އެއީ، ކެޕޭސިޓީ ހުރިވަރު ބަލާ. އެހެންވީމާ، ކޮންމެހެންވެސް ކުރަންޖެހޭ ކަންތައް.
ދެން ޑްރޯންގެ އެހީގައި، ޔޫ.އޭ.ވީ.ގެ އެހީގައި އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމާ، މިކަހަލަ ކަންކަން ކުރުމަށްވެސް އިންވެސްޓް ކުރަން އަޅުގަނޑުމެން ނިންމީ އެހެންވެގެން. އެއީ، މިހާބޮޑު އީ.އީ.ޒެޑެއް އޮންނައިރުގައި، އަޅުގަނޑުމެންނަށް އެންމެ އޮޓަމޭޓަޑް ގޮތަކަށް، އެ ސަރަޙައްދު ބެލެހެއްޓޭނީ، މި ޓެކްނޯލޮޖީއަށް އިންވެސްޓް ކޮށްގެން. އެހެންވީމާ، އެއީ، ކުރަންޖެހޭ ކަމަކަށްވާތީ، އެކަމުގައި އަޅުގަނޑުމެން ސަމާލުކަން ދޭން މި ފެށީ.
އެހެންވީމާ، ޖުމްލަކޮށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ޢަސްކަރީ ޤާބިލްކަން އިތުރުކުރަނީ، އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމަކަށްވާތީ، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން.
އާދެ، އަޅުގަނޑުމެންނަކީ އިސްލާމުންނަށްވެ، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، ޚާރިޖީ ސިޔާސަތު އޮތްގޮތް ބަޔާންކުރުމަށްފަހު، އަޅުގަނޑުމެން ހަމަ ހަނދާނަށް ގެންނަންޖެހޭނެ، އަޅުގަނޑުމެންނަކީ ކޮންބައެއްކަން. ޤައުމިއްޔަތު. އަޅުގަނޑުމެންގެ ދިވެހިވަންތަކަން. އިސްލާމްދީނާއި، ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ދެ އަސާސް. އެހެންވީމާ، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ޙިމާޔަތް ކުރުމާއި، ތަރައްޤީ ކުރުމުގައި ވަރަށް މުހިންމު ވަޢުދުތަކެއް ވެގެން، ހަމަ ތިން ކަމެއް އެކަނި މި ފާހަގަކޮށްލަނީ.
މިއަދާ ހަމަޔަށް އައިއިރުގައި، އެނގިވަޑައިގަންނަވާނެ ފަދައިން، ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި، މިހާރު މިވަނީ ކީ ސްޓޭޖް 1، 2 ގައި ކިޔަވައިދޭން މިދިޔަ އަހަރު ފަށާފައި. އަދި ގްރޭޑް 7، 8 ކީ ސްޓޭޖް 3 އަށް މި އަހަރު ފެށިފައި. މީގެ ސަބަބުން ތުއްތުކުދިންގެ ހިތުގައި، އަޅުގަނޑުމެންގެ ދިވެހިވަންތަކަން، ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ލޯބިޖެހިގެންދާނެ އިރާދަކުރެއްވިއްޔާ. އެއީ، ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މިހާތަނަށް މިއަދާ ހަމަޔަށް އައިއިރުގައި، ގްލޯބަލައިޒް ވާރލްޑްގެ ތެރޭގައި އަޅުގަނޑުމެން މިހެން ފަތަމުން ފަތަމުން ދަނީ. އައިޑެންޓިޓީ ހަނދާން ނެތޭ އެބަ. އަދި އަމުދުން ބޭރު ޤައުމަކަށް ދިޔައިމަ، ބައެއްފަހަރު އެހެން އެބަވޭ.
އެހެންވީމާ، އަޅުގަނޑުމެންގެ އައިޑެންޓިޓީ ޙިމާޔަތް ކުރުމަކީ، މި ޤައުމުގެ މިނިވަންކަން، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކީގައި ފޯރުކޮށްދިނުމުގައިވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ނޭޝަނަލިޓީ، އަޅުގަނޑުމެން ޤައުމުދެކެ ލޯބިވުން، ދިވެއްސަކަށްވުމަކީ ކޮބައިކަން އެނގިގެންދިޔުމަކީ ކުރެވޭ އިންވެސްޓްމަންޓެއް. އެ ފިކުރީ އިންވެސްޓްމަންޓް ކުރަންޖެހޭނެ. އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ، ވަށާޖެހޭ ތަރައްޤީއެކޭ އަޅުގަނޑުމެން ބޭނުންވަނީ. އިމާރާތްތަކެއް ތަރައްޤީ ކުރުމާއި، ފިކުރީ ތަރައްޤީ. އެހެންވެގެން މިކަމަށް ސަމާލުކަން މިދެނީ.
ހަމަ އެއާއެކީގައި، ޤައުމިއްޔަތާ ގުޅޭ މަޝްވަރާތަކާއި، ޢިލްމީ ނަޒަރަކުން މަޝްވަރާ ކުރެވި، ވަރަށްގިނަ ކަންތައްތައް އެބަ ކުރެވޭ. އަޅުގަނޑުމެންގެ ނެތިގެންދާ އާދަކާދަތަކާއި، މިކަންކަން ދިރާސާކޮށް، ޙިމާޔަތް ކުރެވި، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިގޮތުގައި، ސިސްޓަމެޓިކް ގޮތެއްގައި ކުރިއަށް ގެންގޮސްދިނުމަށްޓަކައި. އެގޮތުން، ތިންހާހަށްވުރެ ގިނަ މީހުން މިހާރު ވަނީ ތަމްރީނު ކުރެވިފައި.
އާދެ، އަޅުގަނޑުމެންގެ ވަރަށްގިނަ ތަރިކަތައް އެބަހުރި. މީގެތެރެއިން ބައެއް ތަރިކަތައް ޙިމާޔަތް ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައި. ހއ. ކެލާ، އުތީމު، އަދި އދ.ގެ ދަނގެތި، ހަންޏާމީދޫގައި.
އާދެ، އަޅުގަނޑު ދެން ޖެހިލާނަން މާލީ ޙާލަތަށް. އާދެ، މާލީ ޙާލަތު މިއީ ވަރަށް މުހިންމު މައުޟޫޢެއް، ޙަޤީޤަތުގައި އަޅުގަނޑުމެން މިކަހަލަ ބައްދަލުވުމެއް ބޭއްވިގެންދާއިރު ފާހަގަކުރަން. އާދެ، މި ގްރާފުން މި ފެނިގެން މިދަނީ އަޅުގަނޑުމެންގެ މަނިޓަރީ ޙާލަތު ހުރި ހިސާބު. މިހާރު މިވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައި. އާދެ، މާރިޗު މަހުގެ ރިޒަރވް ހުރި ހިސާބު އެވަނީ. އާދެ، އަޅުގަނޑުމެންގެ ރިޒަރވް އިރާދަކުރެއްވީތީ މިދަނީ ރަނގަޅު ޓްރެންޑެއްގައި ކުރިއަށް.
އާދެ، ލޯނު އަނބުރާ ދެއްކުމަށްޓަކައި މި އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ އަޅުގަނޑުމެން ވާނީ ޚަރަދުކޮށްފައި. މިއީ ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމަށްޓަކައި. މީގެތެރެއިން 100 މިލިއަން ޑޮލަރު ދައްކަންޖެހުނު ލޯނެއްވެސްދިޔަ މިދޭތެރެއިން. އެ ލޯނުވެސް ހިމެނޭގޮތަށް، 2.5 ބިލިއަން ރުފިޔާ ފައިސާ އަޅުގަނޑުމެން ދައްކައިފިން، ބޭރުގެ ލޯނު ދައްކަން.
އާދެ، ފިސްކަލް ޙާލަތަށް ބަލާއިރުގައި، މި އަހަރުގެ ޖަނަވަރީ 1ން ފެށިގެން އެޕްރީލް 24 އާ ހަމަޔަށް ދައުލަތަށް ލިބުނު އާމްދަނީއާއި، ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާ. މި އަހަރުގެ މިދިޔަ ދުވަސްކޮޅު 12.4 ބިލިއަން ރުފިޔާ ލިބިއްޖެ. ހަމަ މި މުއްދަތުގެ ތެރޭގައި، ޖުމްލަ ޚަރަދަކީ، 10.5 ބިލިއަން ރުފިޔާ. މިއީ ޖުމްލަ ޚަރަދު. ދެން އޯވަރއޯލް ބަޖެޓް ސަރޕްލަސްއަކީ، 1.9 ބިލިއަން ރުފިޔާ. އަދި ޕްރައިމަރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއް. މި އަޅުގަނޑުމެން ވަކި ތަރުތީބަކުން މެއިންޓެއިން މި ކުރަނީ. އަޅުގަނޑުމެން އެބަހުރި މީޓްކުރަންޖެހޭ ޓާގެޓްތަކެއް، މި އަހަރުގެ އެކި މަސްމަހު.
އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކުރިން، މި އަހަރު ނިމޭއިރުގައި، އަޅުގަނޑުމެންގެ ދަރަނި 9.4 ބިލިއަނަށް ކުޑަކުރަންވެސް ބޭނުންވާ ވާހަކަ. އަޅުގަނޑުމެން ބޭރުގެ ދަރަނިތަކެއްވެސް ދައްކަން އެބަހުރި. މި ހުރިހާ ކަމެއް މެނޭޖް ކުރެވިގެން ގެންދިޔުމަށްޓަކައި މި އަހަރުގެ މިހިސާބަށް މިވަރުގެ ޕްރައިމަރީ ބެލެންސެއް ބަހައްޓަން އަޅުގަނޑުމެން ޕްލޭންކޮށްގެން މިހިސާބަށް ގެނެސްފައި މިވަނީ. އެއްގޮތަކަށްވެސް ކަންކަމަށް ޚަރަދު ނުކުރާން ސޭވްކުރަނީކީ ނޫން. ކުރަންޖެހޭ ޚަރަދުތައްވެސް އެބަ ކުރަން. ކުރިއަށް ހުރި ސްލައިޑްތަކުން ފެންނާނެ އެކަން.
އާދެ، ހަމަ އެއާއެކީގައި، އަޅުގަނޑުމެން އަލަށް ފާސްކުރި ބޭރުގެ ފައިސާއާބެހޭ ޤާނޫނުގެ ނަތީޖާއެއްގެ ގޮތުން، ޢަމަލުކުރަން ފެށުމާ އެކީގައި، ބޭންކްތަކަށް މިހާރު މާރުކޮށްފި، 214 މިލިއަން ޑޮލަރު. މާރުކުރައްވައިފި. އިރާދަކުރެއްވީތީ ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބިގެން މިދަނީ. ޚާއްޞަކޮށް، ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިން. މީގެ ފައިދާ އިރާދަކުރެއްވީތީ، އަޅުގަނޑު ހަމަ ތަކުރާރު ނުކުރާނަން. ކުރިން އަޅުގަނޑު ވާނީ ދަންނަވާފައި. ކުރިއަށް އޮތް ދުވަސްތަކުގައި، ކޮންޓިނިޔުސްލީ މިގޮތަށް އެއްބާރުލުން ލިބޭނަމަ، ވާނެ ފައިދާތައް. ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރުމާ ދޮގެއްތޯ؟ ބޭރަށް ފުރާ މީހުންނަށް ފައިސާދޭވަރު އިތުރުކުރުމާއި، މިހެންގޮސް ޓީޓީ ހެދުމުގެ ފަސޭހަތަކާއި، މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް އެބަހުރި، އަޅުގަނޑު ދަންނަވާފައި ހުރި. ޕެރަލަލް މާކެޓް އުވާލުމަށް، އެސް.އޯ.އީ.ތަކުން ޕެރަރަލް މާކެޓުން ޑޮލަރު މާރުކުރާ ކުރުން ހުއްޓުވުމަށް ގެނައުމަށް ކަނޑައެޅިފައި ހުރި ޓާގެޓްތައް ދޮގެއްތޯ؟ އެ ޓާގެޓްތައް އެޗީވް ކުރެވިގެންދާނެ، މި ޓްރެންޑްގައި ޑޮލަރު މާރުކުރަމުންދާނަމަ. އެހެންވީމާ، މިއީ މި ވަގުތުގެ ޙާލަތަކީ.
އެހެންވީމާ، ވަރަށް ޔަޤީންކަން އެބައޮތް. އަޅުގަނޑު ހަމަ ދެތިންފަހަރަކު މިހާރު ވާނީ ޕަބްލިކަށް، މި ދެންނެވި ޓާގެޓްސްތައް އިޢުލާނުކޮށްފައި، އެކަންކަން ކުރާނެކަން. އެހެންވީމާ، އެކަންކަން، އެ އިޢުލާނުކޮށްފައި ހުރި ޑޭޓްސްތަކުގައި ކުރިއަށްދާނެ އިރާދަކުރެއްވިއްޔާ.
އާދެ، އެސް.ޑީ.އެފް.، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ބަލައިލާއިރުގައި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ދެ މިލިއަން ޑޮލަރު ހުރީ. އެއަށް މިހާރު 121 މިލިއަން ޑޮލަރު އިތުރުކުރެވިއްޖެ. 121 މިލިއަން ޑޮލަރު، 30 އެޕްރީލްގެ ނިޔަލަށް ޖަމާކުރެވިއްޖެ، އެސް.ޑީ.އެފް. ފަންޑަށް. އެހެންވީމާ، އަޅުގަނޑުމެން ބޭރުގެ ދަރަނި ދައްކަމުން، އެސް.ޑީ.އެފް. ފަންޑަށްވެސް ފައިސާލަމުން، އަޅުގަނޑުމެންގެ ޚަރަދުތައް ކުރަމުން، މުޅި އިކޮނޮމީގެ މިކަންކަން މެނޭޖް ކުރަމުން މިދަނީ ހަމަ ޕްލޭން ކުރެވިގެން، ތަރުތީބަކުން. ދެން މީގެތެރެއިން ބައެއް އެމައުންޓްސް އަޅުގަނޑުމެން އެކިފަހަރު، ޓީ.ބިލްގައި އިންވެސްޓް ކުރޭ. ފިކްސްޑް ޑިޕޮޒިޓްގައި އިންވެސްޓް ކުރޭ. އެ ކުރަންޖެހޭ ފަހަރަކު ކޮށްފައި، ދެން އެގޮތަށް ގެންދާ ކަމެއް އެއީ. އެހެންވީމާ، އެސް.ޑީ.އެފް.އަށް، އަޅުގަނޑުމެން އެކަމާ ހަވާލުވީފަހުން 121 މިލިއަން ޑޮލަރު ޖަމާވެފައިވޭ.
އާދެ، ދެން މައިގަނޑު އިންޑަސްޓްރީތަކަށް ބަލައިލާއިރުގައި، މަސްވެރިކަމަށް އަޅުގަނޑު ބަލައިލާނަން.
މަސްވެރިކަމުގައި އަޅުގަނޑުވީ އެއް ވަޢުދަކީ، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށުން. އާދެ، 10 ޑިސެންބަރުން. މިދިޔަ އަހަރުގެ ޑިސެންބަރުގައި އަޅުގަނޑަށް އެ ކަންތައްތައް ފެށޭވަރުވީ. އޭގެކުރިން ހަމަ ވަރަށް ޑިލޭތައްވެސް އައި ފައިސާ ދައްކަން. އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، 250 މިލިއަނެއްހާ ރުފިޔާ ނުދައްކާވެސް އޮތް. އެ ފައިސާ ދައްކައި، ދެން ހަމަ ޑިލޭތަކާ އެކީގައި ނަމަވެސް، ވަރަށްގިނަ ޢަދަދެއްގެ ފައިސާ މަސްވެރިންނަށް ދެމުންއައިސް، އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާއި، މިފްކޯއާއި، ފިނޭންސް މިނިސްޓްރީއާ އެކީގައި ހެދުނު އެއްބަސްވުމެއްގެ ތެރެއިން، 10 ޑިސެންބަރުން ފެށިގެން މިހާރު މެދުނުކެނޑި، ހަމަ އެންމެ ދުވަހެއްވެސް މެދުނުކެނޑި، އެއީ، ބަންދު ދުވަހެއްދިޔަސް. މިދޭތެރެއިން 10 ދުވަސް ރޯދަމަހުވެސް ބަންދުވި ފަހުދިހަޔަށް. ޢީދުވެސް. އެއްވެސް މުއްދަތެއްގައި މެދުނުކެނޑި ހަމަ ބަރާބަރަށް 48 ގަޑިއިރު މިދަނީ އިރާދަކުރެއްވީތީ ފައިސާދެމުން. އެ ފައިސާ ދޭން ފެށިފަހުން އެކަނިވެސް 488 މިލިއަން ރުފިޔާ، އަޅުގަނޑުމެން 488 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ، މީގައިވާ އެގްޒިޓް އެމައުންޓް މިހާރުވާނީ މަސްވެރިންނަށް ދޫކުރެވިފައި. އަޅުގަނޑުމެން ހަވާލުވިފަހުން ޖުމްލަކޮށް، މި ފައިސާ ހިމެނޭގޮތުން، 1.59 ބިލިއަން ރުފިޔާ ވަނީ ދެވިފައި. އެއީ، ފިއުލް ސަބްސިޑީވެސް ހިމެނޭގޮތަށް. މި ޢަދަދުގެ ފައިސާ މިގޮތަށް އަދި އަމުދުން މިދިޔަ ޑިސެންބަރު 10ން ފެށިގެން މެދުނުކެނޑި ފައިސާ ދެވެމުންދާތީ، އެ ޔަޤީންކަން މަސްވެރިންނަށް ލިބެން ފެށީމަ، އިރާދަކުރެއްވީތީ އާރޯކަން އެބައާދޭ މަސްވެރިކަމުގެ އިންޑަސްޓްރީއަށް. މަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓް ކުރަން މިހާރު ފަށައިފި. އަމިއްލަ މަސްވެރިން، ކެޔޮޅުން ދޯނިތައް ބަންނަން ފަށައިފި. ކުރީގައި ދޯނީގައި މަސައްކަތް ކުރަމުންދިޔަ ޒުވާން ކުދިން ގޮސް އެހެން ވަޒީފާތަކަށް، އޮފީސްތަކުގެ ވަޒީފާތަކަށް ވަން ކުދިން އަނބުރާ އަންނަން ފަށައިފި ދޯންޏަށް އަރަން. އެއީ، ކޮންޓިނިޔުސްލީ އެބަ އެނގޭ ފައިސާ އެބަ ލިބޭކަން. އެއީ، އަޅުގަނޑު މި ބޭނުންވި ޓާގެޓަކީ. އެހެންވީމާ، އިރާދަކުރެއްވީތީ ވަރަށް ރަނގަޅަށް އެކަން އެބަ ހިނގާ. މިގޮތުގައި ހަމަ ކުރިއަށްދާނެ. އެ ޔަޤީންކަން އަޅުގަނޑު ދެން.
ދެން ފައިސާ ދިނުމުގެ އިތުރަށް، އަޅުގަނޑުމެން ހަމަ އެހެން ކަންކަންވެސް ކުރަން ނިންމާފައި އޮންނާނީ، މެނިފެސްޓޯގެ ތެރެއިން ކަނޑައަޅައިގެން، ވަޢުދުތަކުގެ ތެރެއިން. އޭގެތެރެއިން އެއްކަމަކީ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން. އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުރީ ދޮގެއްތޯ؟ އެ ޢަދަދު ގާތްގަނޑަކަށް ތިންގުނަޔަށް ބޮޑުކުރުމުގެ މަސައްކަތް. އަޅުގަނޑުގެ ވަޢުދަކީ ދެގުނަ. ހަނދުމަފުޅު ހުންނާނެ، ވަޢުދުގައި އޮންނާނީ ދެގުނައަށް ބޮޑުކުރާނަމޭ. އެހެންނަމަވެސް، މިހާރު ރޭވިފައި ހުރި މަސައްކަތްތައް އަޅުގަނޑުމެންނަށް ރަނގަޅަށް ގެންދެވިއްޖިއްޔާ، ޓުވެންޓީ ފައިވް ތައުޒަންޑް ޓަންސްއަށް ހަމަ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަކީ އެޗީވަބަލް ޓާގެޓެއް. މިއީ ވަޢުދެއް ނޫން އިނގޭތޯ. އެޗީވަބަލް ޓާގެޓެއް. އިރާދަކުރެއްވިއްޔާ ވަޢުދު ފުދޭނެ، އެ ޑަބަލްކުރުން. 9500 ޑަބަލްކުރުން ވަޢުދަކީ. އެކަމަކު އަޅުގަނޑުމެން އެބަ ޓާގެޓް ކުރަން، 25,000 ޓަނާ ހަމަޔަށް ދާން.
ދެން ޕްރޮސެސިންގ ކެޕޭސިޓީވެސް މިހާތަނަށް ހުރީ ދުވާލަކަށް 50 ޓަނު. އެ ޢަދަދު 250 ޓަނަށް އިތުރުކުރުމުގެ މަޝްރޫޢުތަކެއް އެބަ ހިނގާ. ދެން އައިސް އުފެއްދުމުގެ ކެޕޭސިޓީ، އިތުރު 500 ޓަނު އިތުރުވެގެންދާވަރުގެ އައިސް ޕްލާންޓް މަސައްކަތްތައްވެސް އެބަ ހިނގާ. މިގޮތުން ބަލައިލާއިރުގައި، އައިސް ޕްލާންޓްގެ މަސައްކަތް މިހާރު ހިނގަމުންދަނީ މި ދެއްކިފައިވާ ތާވަލުގައި، ނޫނީވިއްޔާ ސްލައިޑްގައިވާ ރަށްރަށުގައި. ހިނގަމުންދާ ފަސް ރަށެއް، ކޮންޓްރެކްޓް ކުރެވިފައިވާ ދެ ރަށެއް، ނިމިފައިވާ އެއް ރަށް. ޕްލޭން ކުރެވިފައިވާ ރަށްތައް އެވަނީ. އެހެންވީމާ، މިއީ މިހާރު މި އައިސް ޕްލާންޓް ކަންތައް ރޭވިފައިވާ ގޮތަކީ. ނޫނީވިއްޔާ ކުރިއަށްދާ ގޮތަކީ.
ދެން ހަމަ އެއާއެކީގައި، އަދިވެސް އިތުރަށް ފާހަގަކޮށްލާނަން. އައިސް ޕްލާންޓާ ބެހޭގޮތުން އިތުރު މަޢުލޫމާތު. މި ރަށް ރަށުގައި. އަޅުގަނޑު ހަމަ ކޮންމެ ރަށެއްގެ ތަފްޞީލަށް ނުދިޔަސް، މި ކޮންމެ ރަށެއްގައި، ށ. ފުނަދޫ، ބަނޑިދޫ، މީދޫ، ދިއްދޫ، މިހެންގޮސް ކޮންމެ ރަށެއްގެ މިވަގުތުގެ ސްޓޭޓަސްވެސް އެއޮތީ އަޅުގަނޑު ހަމަ ވަރަށް ތަފްޞީލާ އެކީގައި ދަންނަވާލާފައި. މިގޮތުގައި ހަމަ ވަރަށް އޯގަނައިޒް ގޮތެއްގައި މިކަން އިޝޫއެއްނެތި ކުރިއަށް އެބަދޭ.
ކޯލްޑް ސްޓޯރޭޖް ބިނާކުރަން ނިންމާފައިވާ ހަތް ރަށުގެ މަސައްކަތްވެސް ހިނގަމުންދާގޮތް އަޅުގަނޑު ހަމަ މި ފާހަގަކޮށްލީ. ކޫއްޑޫ، މުލައް، ހިރިލަންދޫ، އައްޑޫސިޓީ. ދެން ތިނަދޫ، އިހަވަންދޫ، ފެލިވަރު. މި ތަންތަނުގެ މަސައްކަތްތައްވެސް ހަމަ އިރާދަކުރެއްވީތީ އަޅުގަނޑު މި ނޯޓްކޮށްލާފައިވާ ގޮތަށް ހިނގަމުން އެބަދޭ.
ޕްރޮސެސިންގ ޕްލާންޓްތައް ޤާއިމްކުރެވެނީ، ފަސް ތަނެއްގައި. ފެލިވަރާއި، ފިޔޯރީ، ނިލަންދޫ. ދެން މާލޭގެ މަސްމާރުކޭޓް ތަރައްޤީ ކުރުން. ދެން ހުޅުމާލެ ބޮޑުކަންނެލި ފެކްޓްރީ. މާލޭ މަސްމާރުކޭޓް މަސައްކަތް. ހަނދުމަފުޅު ހުންނާނެ، މީގެ ހިސްޓްރީއަކީ އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އޭރުގައި ފަށަންވެގެން މަސައްކަތްކުރި މަޝްރޫޢެއް މިއީ. ދެން އެކި ސަބަބުތަކާހުރެ އެކަންނުވީ. ދެން އެ ވާހަކަ އެހިސާބުން ދޫކޮށްލާފައި، ދެން އެކަމަކު މިހާރުވެސް އަޅުގަނޑުމެން މި ބަލަނީ ހަމަ ސިޓީ ކައުންސިލްގެ ތެރެއިން ގެންދެވޭތޯ. އެކަމަށް ސަރުކާރުން ހަމަ މިއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީންކަން އެބައޮތް. މިހާރު އެ ބޭފުޅުން، އަޅުގަނޑުމެން ހަމަ ސިޓީ ކައުންސިލް ލައްވައި، އަޅުގަނޑު ބޭނުންވަނީ އޭރު ސޮއިކުރިގޮތަށް ހަމަ އެ ސިޓީ ކައުންސިލް ކްލަޔަންޓް ގޮތުގައި ބާއްވައިގެން ކުރިއަށް ގެންދަން. ސޯ ޖުލައި މަހު ފެށޭނެ ކަމަށް ވަރަށް ބޮޑު ޔަޤީންކަން އަޅުގަނޑަށް ދެއްވާފައިވޭ. ފްރޮމް ސިޓީ ކައުންސިލް.
ދެން ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީވެސް މިހާރު ކުރިއަށްދާ މަރުޙަލާ، އެ ބިމުގެ އިޝޫ ޙައްލުވީމާ، އިރާދަކުރެއްވިއްޔާ ޓެންޑަރިންގއަށް ދާނެ. މީގައި ފައިނޭންސް އިޝޫއެއްވެސް އޮތް މަޝްރޫޢެއް ނޫން. އެހެންވީމާ، މިއީ މިހާރު ޕްރޮސެސިންގ ޕްލާންޓްސްތައް ދާގޮތް.
ދެން އޭގެއިތުރަށް، މަސްވެރިކަމަށް ބޭނުންވޭ ތެޔޮ. އަޅުގަނޑު ވަޢުދުވީ ކަމެއް، އެސް.ޓީ.އޯ. ރޭޓުގައި ކޮންމެ އަތޮޅެއްގައި އެއް ސްޓޭޝަން ހަދާނެ ކަމަށް. މިހާރު މި މަޝްރޫޢު ވަރަށް ކުރިއަށް ހިނގައްޖެ. ބިހައިންޑް ސީންގައި އިނގޭތޯ. މާނަޔަކީ ފެކްޓްރީއެއްގައި ފިއުލް ސްކިޑްތަކެއް މިހާރު ފެބްރިކޭޓް ކުރުމުގެ މަސައްކަތް އެބަ ނިމޭ. ނިމިގެން، ޗާޓުގައި މި ދެއްކިފައިވާ ރަށްރަށުގައި މި އަހަރު ތެރޭގައި، ދެން އެންމެ ލަސްވެގެން ހުރިހާ ރަށެއް ނިމޭނެ، މި އަންނަ އަހަރުގެ މާރިޗާ ހަމަޔަށްދާއިރު. އެހެންވީމާ، ކުރިއަށް އޮތް ދިހަވަރަކަށް މަސްތެރޭގައި، ނޫނީވިއްޔާ އެގާރަވަރަކަށް މަސްތެރޭގައި، މީގައި މި ފާހަގަކޮށްފައި މިވާ ހުރިހާ ރަށެއްގައި، މި ކޮންމެ އަތޮޅެއްގައި އެއްރަށް މީގައި ހިމެނޭނެ. ބައެއް އަތޮޅުތަކުގައި އެބަހުރި ދެ ރަށްވެސް. މި ރަށްރަށުގައި ފިއުލް ސްކިޑް، ނޫނީވިއްޔާ އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބެން ފަށާނެ. ދެން އޭރުން މަސްވެރިންނަށް ވަރަށްބޮޑުތަނުން ތެޔޮ އަގުހެޔޮވެގެންދިޔައީ. ދެން އެހެން ފަރާތްތަކަށްވެސް، ތެޔޮ ގަންނަން ފަސޭހަވާނެ.
އެހެންވީމާ، މި މަޝްރޫޢާއި، އައިސްގެ މައްސަލައާއި، ތެލުގެ މައްސަލައާއި، ފައިސާ ބަރާބަރަށް ލިބުމާއި، ޕްރޮސެސިންގއާ ހަމަޖެހިގެންދިޔައިމަ، އިރާދަކުރެއްވިއްޔާ މަސްވެރިކަމުގެ އިންޑަސްޓްރީ، އަޅުގަނޑުމެން ވަޢުދުވެފައި އޮތް ގޮތަށް ބާރަށް ރަނގަޅަށް ކުރިއަށްދާނެ.
އާދެ، ދެން އަޅުގަނޑުމެން ފަތުރުވެރިކަން ފާހަގަކޮށްލާނަން. ފަތުރުވެރިކަމަށް ބަލާއިރުގައި، އަހަރުގެ މިހާތަނަށް އައިއިރުގައި، 823,658 ފަތުރުވެރިން އަތުވެއްޖެ. އެއީ، މިދިޔަ އަހަރުގެ މި ޑިއުރޭޝަނަށް ބަލާއިރުގައި، 7.4 އިންސައްތަ ކުރިއެރުމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފަތުރުވެރިކަމުގެ އިންޑަސްޓްރީވެސް ދަނީ ވަރަށް ރަނގަޅަށް ކުރިއަށް. ދެން ބެޑް ނައިޓްސްވެސް އިރާދަކުރެއްވީތީ ހަމަ އަޕްވާރޑް ޓްރެންޑެއްގައި ދަނީ ވަރަށް ރަނގަޅަށް ކުރިއަށް.
އަޅުގަނޑުމެންނަށް ކަނެކްޓިވިޓީ ރޮނގުން ބަލާއިރުގައިވެސް، ދެ އެއަރލައިނަކުން އިތުރު ޚިދުމަތް ފަށައިފި. އަދި ހުއްޓިފައި އޮތް ތިން އެއަރލައިނަކުންވެސް އޮޕަރޭޝަން ފަށައިފި. ހެލިކޮޕްޓަރ ޚިދުމަތް ޤާއިމުކުރުމަށް މައިގަނޑު ގޮތެއްގައި ޓޫރިޒަމް އިންޑަސްޓްރީއަށް މިއިން ވަރަށް ފައިދާވާނެ ކަމެއް. ބިޑް އިވެލުއޭޝަން މަސައްކަތް ކުރިއަށްދަނީ. އަދި މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ދެވަނަ ބޯޓު، ހަމަ ކުރިން އަޅުގަނޑު އިޢުލާނުކުރި ގޮތަށް، އޮކްޓޫބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ރަނގަޅަށް އެބަ ކުރިއަށްދޭ.
އާދެ، ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ. އަށް މައިގަނޑު އެންމެ ފައިދާވާ އިންޑަސްޓްރީއަށް ވާއިރުގައި، ފުޅާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ވަޢުދެއް. މިގޮތުން، އައްޑޫސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢަކީ، އަޅުގަނޑު ވަޢުދުވެފައި އޮތް، މެނިފެސްޓޯގައި ހިމެނޭ މަޝްރޫޢެއް. މިހާރު ވާނީ އިޢުލާނުކޮށްފައި، މާރިޗު މަހުގެ 21 ވަނަ ދުވަހު ކްރޮސް ސަބްސިޑީ މޮޑެލްގެ ތެރެއިން އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅަންވާނެ ކަމަށް ހުޅުވާލާފައި. ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުގެ ވަޢުދަކީ 6000 ބެޑް.
ދެން އޭގެއިތުރަށް، އެންމެ މަދުން ރިޒޯޓުތައް ހުރި އަތޮޅުތައް. މި ފަސް އަތޮޅު، ހއ. ހދ. ށ. ތ. ލ. މި ފަސް އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް، އިންވެސްޓަރުން އިންސެންޓިވައިޒް ކުރުމަށް ޝައުޤުވެރިކުރުމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގާތްގަނޑަކަށް ނިމެނީ. އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓް ކްލޯޒެއްލާފައި، އަޅުގަނޑުމެން މިއުޅެނީ ލުއިކޮށްލަން. މައިގަނޑު ގޮތެއްގައި ލޭންޑް އިކުއިޒިޝަން ކޮސްޓްގައި ވަރަށްބޮޑު ލުއިތަކެއް ދޭނަން. އަދި އެ ގެންނަ ތަކެއްޗަށް ނަގާ ޑިއުޓީގަޔާއި، އެކަހަލަ ބައެއް ކަންކަމުގައި ޚާއްޞަ ލުއިތަކެއް ދޭނަން. ދިނީމަ މި ފަސް އަތޮޅަށް އިންވެސްޓް ކުރާނެ ފަރާތްތައް އިރާދަކުރެއްވިއްޔާ ވާނެ ކަމަށް މި ބަލަނީ. އޭރުން އެންމެމަދުން ފަތުރުވެރިކަން ފެތުރިފައިވާ މި ފަސް އަތޮޅުން އެކަން ފެނިގެންދާނެ. އެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް. ކުރިއަށް އޮތް ދުވަސްތަކުގައި، މި މަހުތެރޭގައި އިޢުލާނު ކުރަން މި ޓާގެޓް ކުރަނީ. މިހާރު މީގެ ހުރިހާ ކަންކަން ނިމެމުން މިދަނީ. މި މަހުގެ ތެރޭގައި އިޢުލާނުކޮށްލައި، ފުރުޞަތު ހުޅުވާލާނެ އިންވެސްޓަރުންނަށް. އިރާދަކުރެއްވިއްޔާ އިންސެންޓިވައިޒް ކުރެވިގެން. ލޭންޑް އިކުއިޒިޝަން ކޮސްޓް ލުއިކޮށްދީ، ދައްކާ މުއްދަތު އިތުރުކުރުމާއި، އަދި ހަމަ ފްރީކޮށް ލިބޭ މުއްދަތަކާއި، މިހެންގޮސް ތަފްޞީލުތަކެއް ހުންނާނެ. ގަވާއިދު ނުކުންނައިރު ފެނިވަޑައިގަންނަވާނެ އިނގޭތޯ.
އެހެންވީމާ، އިންސެންޓިވައިޒް ކުރެވިގެން، ގަވާއިދަށް ގެނެވޭ ބަދަލަކާ އެކީގައި ސަންސެޓް ކްލޯޒަކާ އެކީގައި ވަކި މުއްދަތަކަށް އަޅުގަނޑުމެން ލުއިކުރާނީ. އެއީ، ވަކި އަހަރެއް ހަމަވަންދެން. އޭގެފަހުން، ދެން އަނެއްކާވެސް ހަމަ ބެކް ޓު ނޯމަލްއަށް ދާނީ.
އޭގެއިތުރަށް، އީކޯ ޓޫރިޒަމަކީ އަޅުގަނޑުމެންގެ ޓްރޭޑްމާކެއް. އަޅުގަނޑުމެންނަކީ ތިމާވެށްޓަށް ވަރަށް ލޯބިކުރާ ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާފައި ވާނެ، ބައެއް ރަށްރަށުގައި އީކޯ ޓޫރިޒަމް ކުރިއަށް ގެންދަން. އެގޮތުން، ހއ. ބާރަށާއި، ށ. ފުނަދޫ، ފަރުކޮޅުފުނަދޫ، ކޭލަކުނު، މިތަންތާނގައި އީކޯ ޕާކުތައް. މާފުކުރައްވާ، މީގައި އެބައުޅޭ ކުޑަކުޑަ އޮޅުމެއް. ނ.ކެނދިކުޅުދޫ އޭގައި މަދުވޭ އެބަ. އީކޯ ޓޫރިޒަމް ފުޅާކުރުމަށްޓަކައި މިހާރުވާނީ މި ޕްރޮޕޯޒަލްތައް ހެދި، އެ މަސައްކަތް ފެށިފައި. އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، މި ފަސް ރަށުގައިވެސް އީކޯ ޓޫރިޒަމްގެ މަސައްކަތް، އިންވެސްޓަރުން ފަށާނެކަމުގެ ވަރަށް ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.
ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އެހާބޮޑަށް އަޅައިލެވި ފުޅާކުރެވިފައިވާ ދާއިރާއެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އިންޑަސްޓްރިއަލް މަސައްކަތުގެ ތެރޭގައި، ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ވަޢުދުވެފައި އޮތް ކަމެއް. އެހެންވީމާ، އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ޤާއިމުކުރުމަށް މިހާރުވާނީ ރަސްމާލެ ޕްލޭންގެ ތެރޭގައި ހިމަނާފައި. ރަސްމާލޭ މަޝްރޫޢު ކުރިއަށްދާ މިންވަރަކުން، މި މަޝްރޫޢުގެ ތެރެއިން އެތަނުގައި ޖާގަ އުފެދި، އެތަނުގައި އިރާދަކުރެއްވިއްޔާ ބޮޑު މަޝްރޫޢެއް ފަށައި، އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ޤާއިމުކުރެވިގެންދާނެ. އަދި އޭގެއިތުރުން، ލ. އަތޮޅުގައިވެސް، ބިންއޮތް އަތޮޅެއްވީމަ، އެ އަތޮޅުގައިވެސް އިރާދަކުރެއްވިއްޔާ މިކަމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދަން މިވަނީ ނިންމާފައި.
އާދެ، އުފެއްދުންތެރިކަމާއި ޒުވާނުންނަށް ބަލާއިރުގައި، އެންމެ މުހިންމު އެއްކަމަކަށް އަޅުގަނޑުމެން މި ފެށީ، ނޭޝަނަލް ސަރވިސް. ޤައުމީ ޚިދުމަތުގެ މަޝްރޫޢު. މިހާރު އެވަނީ އިޢުލާނުކޮށްފައި. އަދި މިކަމަށް ޚާއްޞަ ޤާނޫނެއްވެސް ވަރަށް އަވަހަށް ފާސްކުރާނަން. މިއީ، 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް އޮތް ފުރުޞަތެއް. މި ޕްރޮގްރާމްގައި ބައިވެރިވާން. ދެން ޤާނޫނު އަންނައިރުގައި، މީގައި އަންނާނެ ތަފްޞީލުތައް. އަޅުގަނޑު ކުރިން ދެންނެވި ގޮތަށް. ކިޔަވައި ނިމި، އޯ ލެވެލް ނިންމާފައި، ސްކޫލް ނިމިފައި އިތުރަށް ކުރިއަށް ނުދެވިފައި، ކިޔެވުމައިގެން ކުރިއަށް ނުދެވޭ، ނޫނީވިއްޔާ ވަޒީފާއެއްވެސް ނުލިބި ހުންނަ ކޮންމެ ޒުވާނަކަށް މިއީ އަޅުގަނޑުމެން ދޭ ހަމަ ވަރަށް މުހިންމު ފުރުޞަތެއް. އަދި ކިޔަވައިގެން ހުއްޓަސް މިއަށް ވަދެވޭނެ އިނގޭތޯ.
އެހެންވީމާ، 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް އޮތް ފުރުޞަތެއް. އެކަމަކު މި ދަންނަވާ ފުރުޞަތުތައް ނެތިފައި ތިބި ކުދިންނަށް ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ބޭނުން މި ފުރުޞަތު ހަމަޖައްސަން. އެހެންވީމާ، މިހާރު މިއޮތީ ހުޅުވާލާފައި ފުރުޞަތު. ދެން މި ޕްރޮގްރާމް ކުރިއަށް މިދަނީ ހަމަ މިލިޓްރީ ޓްރޭނިންގ، އެކިކަހަލަ ކަންކަން ދަސްކޮށްދެވޭނެ. އަޚްލާޤު ދަސްކޮށްދެވޭނެ. އެ ކުއްޖާ މުޖުތަމަޢަށް ނުކުމެ، މަސައްކަތްތެރިކަން ދަސްވެގެންދާނެ. އެ ކުއްޖާއަށް ފުރުޞަތު އެބަ ލިބޭ، އަމިއްލަ އެމްޕަވަރމަންޓް އެބަ ލިބޭ ވަޒީފާއަކަށް ދާން. އަދި ބޭނުންނަމަ، ސިފައިންގޭގައި، ނޫނީވިއްޔާ ފުލުހުންގެ ޚިދުމަތަށް ހަމަ ޖޮއިންވެގެން ކުރިއަށްދާންވެސް ފުރުޞަތު ލިބޭނެ، މި ޕްރޮގްރާމް ނިމޭއިރުގައި. ދެން ކޮންމެ މަހަކު އެލަވަންސެއް ދޭން އަޅުގަނޑުމެން ޤަޞްދުކުރަން. ދެން މިހާރު ފައިނަލް ކުރުމުގެ މަރުޙަލާގައި އަޅުގަނޑުމެން މިއުޅެނީ. ގާތްގަނޑަކަށް 6000 ރުފިޔާގެ އެލަވަންސެއް، މި ޕްރޮގްރާމާ ޖޮއިން ކޮށްގެން ފަށާ ދުވަހުން ފެށިގެން ދޭން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެހެންވީމާ، ސީދާ ފިގަރ އަޅުގަނޑުމެން އަދި އިޢުލާނު ކުރާނަން. ސިކްސް ތައުޒަންޑް ރޭންޖްގައި ފިގަރއެއްގެ އެލަވަންސެއް ލިބޭނެ. ޕްރޮގްރާމްގެ މުއްދަތުގައިވެސް. ދެން ޕްރޮގްރާމް ނިމި، ގްރެޖުއޭޓްވީމަ، ވަޒީފާއަށް ވަނީމަ، ސިފައިންގެއަށް ވަދެއްޖިއްޔާ، ސިފައިންގެ ސްކޭލްގެ ތެރެއިން ހަމަ އެ ރެކްރޫޓްވާ ހިސާބުން ލިބޭ މުސާރަ ލިބޭނެ. ފުލުހުންނާ ޖޮއިން ކޮށްފިއްޔާ، ފުލުހުންގެ ތެރެއިން ލިބޭވަރު ލިބިގެންދާނެ.
އެހެންވީމާ، ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ކުއްޖާ، ކުރިން ދެންނެވިހެން މަގުމަތީގައި ހުރި ކުއްޖެއް މިއީ. އާމްދަނީއެއް ނެތް، ކިޔެވޭނެ ގޮތެއް ނެތް. އެ ކުއްޖާއަށް ސިކްސް ތައުޒަންޑް ވަރަކަށް ރުފިޔާ ލިބެން ފަށާއިރު، ރަނގަޅު ކަންތައްތަކެއް އެބަ ދަސްވޭ. ރަނުގެ ފުރުޞަތެއް. އަދި ކިޔަވައިގެން ހުރި ކުއްޖަކަށްވެސް ހަމަ ވަދެވޭނެ އިނގޭތޯ.
އެހެންވީމާ، މި ފުރުޞަތު މިހާރު މިވަނީ ހުޅުވާލާފައި. މިއީ ވަރަށް ރަނުގެ، ވަރަށް ރަނގަޅު ފުރުޞަތެއް، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްތެރިން އިތުރުކުރަންވެސް. އަދި އަޅުގަނޑުމެންގެ ޒުވާނުން އެމްޕަވަރ ކުރުމަށްޓަކައިވެސް. އަޅުގަނޑު އެދެން، ހަމަ ވަރަށް ޕޮޒިޓިވްލީ، ހަމަ ހުރިހާ އެންމެން މިކަން ބަލައިގަންނަން. މިއީ އަޅުގަނޑުމެން އަޅުގަނޑުމެންނަށް ކޮށްދެވޭ ކަމެއް. އެއިން ވާނީ ހަމަ ފައިދާ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާވެގެންދާނެ.
އުފެއްދުންތެރިކަމުގެ ތެރެއިން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. މަސައްކަތްތެރިކަމާ އެކީގައި، މަސައްކަތްތެރިކަމުގެ ތެރެއިން، މަސައްކަތްތެރިކަމުގެ މަޢުރަޒު ރާއްޖޭގައި ނުބާއްވާތާ ވަރަށް ދުވަސް ވެއްޖެ. އަޅުގަނޑުމެން "މޯލްޑިވްސް އެކްސްޕޯ"ގެ ނަމުގައި މި ބަލަނީ، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިލެވޭ މަޢުރަޒު ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ބާއްވަން. ތަންކޮޅެއް ކުރީގައި ވަރަށް ކާމިޔާބުކަމާ އެކީގައި ރާއްޖޭގައި ކޮށްފައި އޮތް ކަމެއް މިއީ. މީގެ ފައިދާ ވަރަށްބޮޑު. އެފަރާތްތަކުގެ އެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުޞަތު އެބަ ލިބޭ. އެ އުފެއްދުންތައް ރާއްޖޭގައިވެސް ރާއްޖެއިން ބޭރަށް ވިއްކުމުގެ ފުރުޞަތު އެބަ ލިބޭ.
އުފެއްދުންތެރިކަމުގެ ދާއިރާއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމެއް މިއީ. އެހެންވީމާ، އެގޮތުން ސަރުކާރުން ނިންމީ މި މަސައްކަތް ކުރިއަށްގެންދަން. ހަމަ މިއީ ވަރަށް ވައިޑް ރޭންޖިންގ، ކޮންމެހެން ފިޒިކަލީ އުފައްދާ އެއްޗަކަށްވާކަށް ނުޖެހޭ. މީގައި ހަމަ އެކިކަހަލަ ވިޜުއަލް އާޓްސްވެސް، ޘަޤާފީ ދައްކާލުންތައްވެސް، އިންޓްރެކްޓިވް އާޓްތައްވެސް. މިހެންގޮސް އެކިޒާތުގެ، އެ މީހެއްގެ ހުރި ޓެލެންޓެއް މީގައި ހަމަ ޝޯކޭސް ކުރެވިގެން، ޕްރައިޒަސް ވިން ކުރެވޭނެ. ހަމަ ވަރަށް ފުޅާކޮށް ކުރިއަށް ގެންދެވޭނެ މަޢުރަޒެއް. އަޅުގަނޑުމެން އަމާޒުކުރަނީ ހަމަ ވަރަށް އަވަހަށް މި މަޢުރަޒު ޢަމަލީގޮތުން ފެށޭތޯ. މި މަހު ތެރޭގައި ފަށަން، ކުރިން އަޅުގަނޑުމެން ޓާގެޓް ކޮށްފައި ވާނެ. ސީދާ ތާރީޚު އަޅުގަނޑު އަތުގައި މިވަގުތު ނެތް. އެހެންނަމަވެސް، މި މަހުގެ ތެރޭގައި ފަށަން. ކުރިން ޓާގެޓްކުރީ 25 ހިސާބުގައި ފަށަން.
ދެން ހަމަ އެއާއެކީގައި، އުފެއްދުންތެރިކަމާއި، މަސައްކަތްތެރިކަމާ ބެހޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ވާނީ ވަރަށް މުހިންމު ދާއިރާތަކެއް، ދިވެހިންނަށް ޚާއްޞަކުރަން ނިންމާފައި. ތިން އަހަރު ދުވަހުގެ މަޝްރޫޢެއް މިހާރު މިވަނީ އިޢުލާނު ކޮށްފައި. މި ތިން އަހަރު ނިމޭއިރުގައި، ތަޢުލީމުދެވި، ތަމްރީނު ދެވިގެން، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިގެން ގޮސް، ކަނޑައެޅިފައި މިހިރަ ދާއިރާތައް ނިމިގެންދާނީ ދިވެހިންނަށް އެކަނި ޚާއްޞަވެގެން. މާނަޔަކީ، މިދިޔަ އަހަރުން ފެށިގެން، 2024، 2025، 2026. 2027 އަންނައިރުގައި މި ލިސްޓުގައި މިހިރަ ދާއިރާތަކުގައި ބޭރު މީހުންނަކަށް ނޫޅެވޭނެ. ސިމްޕަލް އޭޒް ދެޓް. އެކަމަކު އެހެންވީމާ، ކީއްތޯ ކުރަން މިޖެހެނީ؟ ބަޔަކު ތަމްރީނު ކުރަން އެބަޖެހޭ. އެހެން ނޫންތޯ؟ އެމްޕްލޯޔަރސް ވަރަށް ބޮޑަށް މިކަމާ އުޅެން އެބަޖެހޭ. ދިވެހިންނަށް ވަޒީފާ ހޯދައިދޭން މިއުޅެނީ. ބޭރު މީހުން ގެންގުޅެވޭވަރު، މި ދާއިރާތަކުން މި މަނާކުރަނީ. ނޫނިއްޔާ ޑިސްކަރޭޖް މި ކުރަނީ. އެހެންވީމާ، ތިން އަހަރު ދުވަހުގެ ޕީރިއަޑެއް މިއޮތީ އަޅުގަނޑުމެން ކަނޑައަޅާފައި.
އެހެންވީމާ، 2026 ނިމެންވާއިރަށް، މި ދާއިރާތަކުން ތިބެންވާނީ އެކަށީގެންވާވަރަށް ދިވެހިން. އެ ދާއިރާތަކުގެ އިންވެސްޓަރުންނާއި، ކޮމްޕެނީތަކުން ޖެހޭނޭ، ސަރުކާރުގެ ތެރެއިން ހިންގާ ޕްރޮގްރާމްތަކުން، ނޫނިއްޔާ އަމިއްލަގޮތުންވެސް ދިވެހިން ތަމްރީނު ކުރަން. އެހެންވީމާ، ދިވެހި ކިޔަވާ ކުދިންވެސް އަދި އިންޑަސްޓްރީއަށް ނުކުންނަ ކުދިންވެސް އެބަޖެހޭ ބަލަން، މިއީ ކޮބައިތޯ މިހާރު މިހިރީ ވަރަށް ރަނުގެ ފުރުޞަތުތަކެކޭ. މިސާލަކަށް، އޮޑިދޯނިފަހަރު ބަނުން، މާވަޑިކަމުގެ ދާއިރާ، ހެއަރ ޑްރެސިންގ، ދެން ދަ ލިސްޓްސް އިޒް ދެޔަރ ދޮގެއްތޯ؟ އެ ހުރިހާ ދާއިރާތަކުގައި މިހާރު ކުރިއަށް އޮތް ދުވަސްތަކުގައި ތިމަންނަމެންނަށް އެކަނިކަން މި ފުރުޞަތު މިއޮތީ. އެއީ، އަޞްލު އަޅުގަނޑަކަށް ހިއެއްނުވޭ އެހާބޮޑަށް މި ވާހަކަ ދެކެވޭހެނެއް. މިއީ މި އަހަރު ނިންމި ކަމެއްވެސް ނޫން. ކެބިނެޓް ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިމުނު އެއްކަންތައް. އެކަމަކު މިއަދު އަޅުގަނޑު މި ސްލައިޑް މިލީ ހަމަ މިކަން ސަމާލުކަމަށް ގެންނަން ވަރަށް ބޭނުންވާތީ.
ދެން ހަމަ މީގެތެރެއިން އެއް ދާއިރާ މި ފާހަގަކޮށްލަނީ. އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން ޚާއްޞަ ލޯނު ސްކީމެއް ތަޢާރުފް ކުރަން އަޅުގަނޑު ނިންމީ. މިދޭތެރެއިން ނިންމާފައި، މިހާރު ފިނޭންސް މިނިސްޓްރީން އޭގެ ހުރިހާ ޑީޓެއިލްސް އެ ނިންމަނީ. އޭރުން އޮޑިދޯނިފަހަރު ބަނުމަށްޓަކައި ލުއިލޯނު ލިބިގެންދާނެ. މާވަޑިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް، މަސައްކަތްތެރިންނަށް. މިހާރު ބޭރުން ގެންނަ އޮޑިދޯނިފަހަރު، ލޯންޗްތައް ގެނައުމުގެ ބަދަލުގައި، ތަންކޮޅެއް ބޮޑަށް ދިވެހީންނަށް ފުރުޞަތު ލިބިގެންދާނެ.
އާދެ، އެސް.އެމް.އީ. ލޯން ސްކީމް، ހަމަ ދާއިރާގެ ތެރެއިން އަޅުގަނޑު ކުރިއަށް މިދަނީ. މިހާތަނަށް އަޅުގަނޑުމެން ވާނީ ފަރުމަހުގެ މަސްވެރިކަމުގެ ދާއިރާއިން ޚާއްޞަ ލޯން ސްކީމެއް ތަޢާރުފްކޮށްފައި. 41 ފަރާތަކަށް 12.9 މިލިއަން ރުފިޔާ ދޫކޮށްފިން. އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއްގެ ތެރެއިންވެސް މިހާރު ވާނީ އަޅުގަނޑުމެން ލޯނުތަކެއް ދޫކޮށްފައި. 63 ފަރާތުގެ ތެރެއިން މިހާރުވާނީ އެޕްރޫވްކޮށް، 51 ފަރާތަށް ލޯނު ދީފައި. މިއީ 100 އަންހެނުންގެ ލޯން ސްކީމެއް. އެހެންވީމާ، އެ ލޯން ސްކީމަކީ ހަމަ ކޮންޓިނިއު ލޯން ސްކީމެއް.
އާދެ، އިޤްތިޞާދީ ވާހަކަ ނިންމާލާފައި، ދެން އިޖުތިމާޢީ އެންމެ މުހިންމު ދާއިރާ. އަޅުގަނޑު ވަޢުދުވެފައި އޮތް އެންމެ ބޮޑު ދާއިރާ މިއީ.
ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް. ކޮންމެ ރައްޔިތެއްގެވެސް. އަދި އެ ރައްޔިތެއްގެ އެ ނީޑް އޮންނަލެއް ބޮޑުވެގެން އެބަދޭ، ބައިބޯ ތަންތާނގައި. ތޮއްޖެހިފައި ހުރި ތަންތާނގައި. އެހެންވީމާ، އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް މިދެނީ ބޯހިޔާވަހިކަމަށް ޙައްލެއް ގެނެސްދިނުމަށްޓަކައި. އެގޮތުން ބަލާއިރުގައި، މި ސްލައިޑްގައި އަޅުގަނޑު މި ދައްކާލަދެނީ، މި ސަރުކާރުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މިހާރުވާނެ އިޢުލާނުކޮށްފައި، ޓެންޑަރަށް ހުޅުވާލާފައި، ޕްރޮޖެކްޓްސްތަކެއް. މި ޗާޓުގައި މި ފެންނަނީ ރަށްތައް، ހައުސިންގ މަޝްރޫޢުތައް، ސަރުކާރުން ކުރިއަށްގެންދަން ނިންމާފައި ހުރި. އަޅުގަނޑު ވަޢުދުވެފައި ހުރި ރަށްރަށުގައި ކެމްޕެއިން ތެރޭގައި، އެ ރަށްތައްވެސް ހިމެނޭ ފަދައިން، މި ރަށްރަށުގައި މި އަހަރު، މި އަންނަ އަހަރު އަދި ދެން އަންނަ އަހަރު، 2027ގެ ނިޔަލަށް، ތިން އަހަރުގެ ތެރޭގައި، މި ރަށްރަށުގައި، އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްފައިވާ ގޮތަށް، ހައުސިންގ މަޝްރޫޢުތައް ހިންގައި ނިންމުން.
އެހެންވީމާ، މިހާރު ވާނެ އިޢުލާނު ކުރެވިފައި، އޭގެތެރެއިން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އޭގެތެރޭގައި ހަމަ މާލޭސިޓީވެސް މީގައި ފާހަގަކޮށްފައި އޮންނާނެ. މާލޭސިޓީ ސަރަޙައްދުގެ ހުރިހާ ތަނެއްވެސް ހިމެނޭގޮތަށް މި ދަންނަވަނީ. މިއީ އަޅުގަނޑުމެންގެ ޕްލޭން، ބޯހިޔާވަހިކަމުގެ ޕްލޭން ފަތުރާލެވިފައި އޮތްގޮތް. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، މާލެ ކައިރީގައޭ ހުރިހާ ކަމެއް ކުރަނީ. މި ޗާޓުން ފެނިވަޑައިގަންނަވާނެ، މާލެ ކައިރީ ނޫންކަން. މުޅި ރާއްޖެ. މުޅި ރާއްޖޭގެ އެންމެ ދެކުނުން އެންމެ އުތުރަށް، ހުރިހާ އަތޮޅެއްގައި ހައުސިންގ މަޝްރޫޢު. މިއީ ފިޒިކަލް ޕްރޮޖެކްޓްސް. އަދި ލޯނު ސްކީމްނުލާ. ލޯނު ސްކީމަކަށް އަޅުގަނޑު ސްލައިޑެއް ނަހަދަން އިނގޭތޯ. އެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. މި ފިޒިކަލް ހައުސިންގ ޕްރޮޖެކްޓްސް. އެއީ، ވެދާނެ ސިންގަލް ސްޓޯރީ ޔުނިޓްސް ކަމަށްވެސް. އެ ވެދާނެ އެ ރަށެއްގެ ބިމުގެ ޖާގަ އޮތްވަރަކުން ފްލެޓަށްވެސް. ރޯހައުސްތަކަށްވެސް. އިޢުލާނުކޮށްފައި އެވަނީ މިހާރު ތަފްޞީލުތައް. އެހެންވީމާ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އަދި ބަޖެޓް ފައިނޭންސްކޮށް، މިކްސްޑް ފައިނޭންސިންގ އެކި މޮޑެލްސްތައް އިޢުލާނުކޮށްފައި ވާނީ. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މި ޗާޓުގައި މި ފާހަގަވާ ކޮންމެ ރަށެއްގައި، ކަނޑައަޅާފައިވާ ޢަދަދަށް ހައުސިންގ ޔުނިޓުތައް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިންމާނަން.
ދެން މި ޗާޓުގައި ނުހިމެނެނީ މި ދެންނެވި ލޯން ސްކީމް. އެއީ، ފަސް ޕަސެންޓް އިންޓްރެސްޓް ލޯން ސްކީމް. އެ ލޯން ސްކީމް ވާނެ މިހާރު އިޢުލާނުކޮށްފައި. އެ ލޯން ސްކީމްގެ ދަށުން މިހާރު އެޕްލިކޭޝަން މުއްދަތުވެސް އިހަށްދުވަހު އަޅުގަނޑުމެން އިތުރުކޮށްފިން އެއްމަސް ދުވަސް. ކުރެހުންތައް ހެދުމުގައި، ކުރަހާ މީހުން ހޯދުމަށްވެސް ދަތިތައް އެބަހުރި. ބައެއް ފަރާތްތަކަށް. އެހެންވީމާ، އިތުރު އެއްމަސް ދުވަސް މިދިނީ، އެޕްލިކޭޝަން މުއްދަތުގައި. އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނު ކުރިން، ޖުލައި މަހަށް ލޯނު ދޫކުރަން ފަށާނަމޭ. މިހާރު އެއްމަސް އިތުރުކުރީމާ، އަޅުގަނޑަށް ދަންނަވާކަށް ނޭނގެ، ޖުލައި މަސް އަދިވެސް ހޯލްޑް ކުރެވޭނެ ކަމެއް. އެކަމަކު އަދިވެސް ޓްރައި ކުރާނަން، ހަމަ ޖުލައި މަހު ލޯނު ދޫކުރަން ފެށޭތޯ އިނގޭތޯ.
އެހެންވީމާ، އެ ފަސް ޕަސެންޓް، އިސްލާމިކް ފައިނޭންސް ލޯން ސްކީމް އެއީ، ހަމަ ހުރިހާ ރަށެއްގެ ރައްޔިތުންނަށް، ހުރިހާ ރަށެއްގެ ރައްޔިތުންނަށް އޮތް ފުރުޞަތެއް. އެކި ރަށްތައް، އެކި ބޭންޑްސް މިހިރީ އަޅުގަނޑުމެން ކަނޑައަޅާފައި. އެއް މިލިއަން ރުފިޔާގެ ބޭންޑްގެ ތެރޭގައި ބައެއް ރަށްރަށް އެބަހުރި. ތިން މިލިއަން ބޭންޑެއްގެ ތެރޭގައި ހިމެނޭ ރަށްތައް އެބަހުރި. ހަ މިލިއަން، އެއީ މާލޭސިޓީ ރީޖަން. ހަ މިލިއަނުން ގޮސް ދިހަ މިލިއަނަށް މާލެ މިއޮތީ. އެހެންވީމާ، މި ތިން ބޭންޑަށް ލޯން ސްކީމް ކަނޑައަޅާފައި މިވަނީ.
ދެން އޭގެތެރެއިން ސުމަކުން ފަށައިގެން، ގެ އެޅުމަށްވެސް ފުރުޞަތު އެބަ ލިބޭ. ހަދަން ފަށާފައި ހުރި ގެއެއް ނިންމަންވެސް އެބަ ފުރުޞަތު ލިބޭ. ހަދާ ނިންމާފައި ހުރި ގެއެއް މަރާމާތު ކުރަންވެސް ލޯނު ނެގޭނެ. އެހެންވީމާ، ތިންގޮތަށް ލޯނު ސްކީމް މިވަނީ އިޢުލާނުކޮށްފައި. އެއް ބިލިއަން ރުފިޔާ، އަޅުގަނޑުމެންގެ ބަޖެޓުގައި މިހާރުވެސް ކަނޑައަޅާފައި، މި އަހަރަށްވެސް، މި އަންނަ އަހަރަށްވެސް އިތުރު އެއް ބިލިއަން ކަނޑައަޅާފައި އޮންނާނެ، މި ލޯން ސްކީމަށް.
މި ޕްރޮޖެކްޓަށްވެސް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައި އޮތް ކަމެއް މިއީ. 1.5 ބިލިއަން ރުފިޔާ، މި މަޝްރޫޢަށް ކަނޑައަޅާފައި އޮތީ. އެހެންވީމާ، އަޅުގަނޑު ހަމަ އެ ލިސްޓް ދައްކާލަދިނީ. ދެންމެ ޗާޓުގައި ފާހަގަކުރި.
ދެން މީގެތެރެއިން އަޅުގަނޑު މާލޭ ދެތިން މަޝްރޫޢެއް ހަމަ ފާހަގަކޮށްލާނަން. ދެން މި ޗާޓުގެ ތެރެއިން މާލެ ނަގާފައި، ވަކިން ދައްކާލާނަމަ، ސިނަމާލެ، މާލެހިޔާ ސަރަޙައްދުގައި ފްލެޓް އެޅުމަކީ، ސަރުކާރުގެ ވަރަށްބޮޑު ވަޢުދެއް. އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮންނާނެ. ދެން މި މަޝްރޫޢުވެސް، އަޅުގަނޑު ކުރީގައި މޭޔަރަކަށް ހުރިއިރުގައި ސޮއިކޮށްފައި އޮންނާނީ. އެހެންވީމާ، ސިޓީ ކައުންސިލް ތެރެއިން މި ކުރިއަށް ގެންދަނީ. މެނިފެސްޓޯގައި ހިމަނާފައި އޮތް ވަޢުދު، ސިޓީ ކައުންސިލް ތެރެއިން ކުރިއަށް މިގެންދަނީ. އޭގެތެރެއިން މި އެޅިގެންދަނީ، ހަތަރު ކޮޓަރި، ތިން ކޮޓަރި، އަދި ދެ ކޮޓަރި ހިމެނޭ، ޖުމްލަ 1360 ފްލެޓް ހިމެނޭ އިމާރާތްތަކެއް. އެހެންވީމާ، ސިނަމާލެ، މާލޭހިޔާ ސަރަޙައްދުގައި މި ވާންއުޅޭ ގޮތަކީ، އަޅުގަނޑުމެން އަޅާނީ ފުރަތަމަ މިހާރުހުރި ސިނަމާލެ، މާލޭހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް، އެތަންތަން ބާވެފައި ހުރީމަ، ބަދަލުވާނެ އިމާރާތެއް އިނގޭތޯ. އެއީ، އެ މީހުންގެ މިލްކު. ގިނަ މީހުންގެ މިލްކު. އަމިއްލަކޮށްފި މިހާރު އެތަންތަން. އެހެންވީމާ، އެ މީހުންގެ އެ އިމާރާތްތަކުގެ، އެ މީހުން މި ބަދަލުވަނީ އާ ބިލްޑިންގއަކަށް. ބަދަލުވީމާ، ދެން މި ތަންތަންވެސް ތަޅާލެވޭނެ. ތަޅާލާފައި އެތަންވެސް މި ކޮމްޕްލެކްސްތެރެއަށް ވަންނާނެ. އެހެންވީމާ، އެތަންތާނގައި އާ އިމާރާތްތައް އަޅާނެ.
އެހެންވީމާ، މި ޕްރޮޖެކްޓް ތެރެއިން ފުރަތަމަ އެޅެނީ ދެ ޓަވަރު. އޭގެތެރެއިން އެއް ޓަވަރަކީ، މި ދެންނެވި ސިނަމާލެ، މާލޭހިޔާ، މިހާރު ތިބި މީހުންގެ، އެއީ އަޅުގަނޑު ހަނދާންވަނީ 128 މީހުންނޭ އުޅޭނީ ސިނަމާލެ، މާލޭހިޔާ ފްލެޓްގައި. May be I am not sure އިނގޭތޯ. 128. އެ 128 މީހުން، ޕްލަސް އިތުރު ފްލެޓް ހުންނާނެ އިނގޭތޯ. އެ އިމާރާތް އަޅާފައި، ދެން އިތުރު އިމާރާތްތައް. މުޅި ޕްރޮޖެކްޓްގައި ހިމެނޭ 1360. އެހެންވީމާ، މި ސިނަމާލެ، މާލޭހިޔާ ފްލެޓްތައް ތަޅާލެވިގެންދާނެ، މި އިމާރާތް އަޅައި ނިންމާފައި. ނިންމާލާފައި އެތަނުގައި އަނެއްކާ އިމާރާތް އެޅިގެންދާނެ. އެހެންވީމާ، މިއީ މާލޭގައި ސީދާ ހިންގާ މަޝްރޫޢެއް.
ދެން މާލޭ ސަރަޙައްދުގައި އިތުރު 4600 ފްލެޓް އެޅުމުގެ މަޝްރޫޢެއް އަޅުގަނޑުމެން މި އަހަރު ވާނީ ޕްލޭންކޮށްފައި. އެއީ، އިންޑިއާގެ އެލް.އޯ.ސީ.ގެ ތެރެއިން އަޅާ 4200 ޔުނިޓް. އިންޑިއާގެ އެލް.އޯ.ސީ. ފައިނަލްވެގެން، އަޅުގަނޑު އުންމީދު ކުރަން، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށް. ހަނދުމަފުޅު ހުންނާނެ، ސަޢޫދީ ފަންޑުން އިހަށްދުވަހު ބިންގާއެޅިގެން އެދިޔައީ 400 ޔުނިޓް. އެހެންވީމާ، މި 4200 ޔުނިޓް އަޅުގަނޑުމެން މާލޭ ސަރަޙައްދުގައި، ހުޅުމާލޭގައި، ނޫނީ ގުޅީފަޅުގައި އަޅާނީ.
ދެން ފޭސް ތްރީގައި މިހާރު ހިއްކަމުންދާ ބިން ހިއްކުމުގެ މަސައްކަތް، އެޗް.ޑީ.ސީ.އިން އަޅުގަނޑަށް އެންމެފަހުންވެސް އަޕްޑޭޓް ދީފައި އެބައޮތް، އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ޑޭޓަށް ނިންމާނެ ކަމަށް. ޖުލައި މަހުގެ ނިޔަލަށް ބިން ހިއްކައި ނިމުނީމަ، އެ ތަނުން ދޫކޮށްފައި ހުރި ގޯތިތައް އެފަރާތްތަކާ ހަވާލުކުރެވިގެންދާނެ.
ގުޅީފަޅުގައި އެންމެ ފުންތަން އަދި ނުހިއްކާ އޮތް ނަމަވެސް، މިހާރު އަޅުގަނޑުމެން ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ފާހަގަކުރި ފަދައިން، ފުންތަނުން ދޫކޮށްފައި ހުރި ގޯތިތައްވެސް، އަޅުގަނޑު މިހާރު ގުޅީފަޅުގެ ޕްލޭން ބަދަލުކޮށް ނިންމައިފިން. އެއްގަމުން މިހާރު ވަނީ ހަމަޖެހޭގޮތަށް ވެފައި. އެހެންވީމާ، މާލަސްތަކެއްނުވެ އަޅުގަނޑުމެން އެއްގަމުން ހަމަ ބިންވަޅު ކަނޑާފައި، ގޯތި ވަކިކޮށްފައި ހުޅުމާލޭގައި ފޭސް ދޭއްގައިވެސް ގޯތިތައް ހަވާލުކުރިގޮތަށް، ގުޅީފަޅުން ގޯތިތައް ވަރަށް އަވަހަށް ހަމަ ފިޒިކަލީ ހަވާލުކުރަމުން ދާން އަޅުގަނޑުމެން ފަށާނަން.
ދެން ބްރިޖު ސައިޓްގައި ހިމެނޭ ބައި އެކަނި މަޑުކޮށްލަންޖެހޭނީ. އެހެންވީމާ، އެކަން ކުރިއަށްދާނެ. ދެން ފުންތަން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތް ދުވަސްތަކަށް ތާވަލުކުރާނަން. އެވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް.
ދެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް. މިހާރު އެ އެގްރީމަންޓް ބާޠިލްކުރުމުގެ މަސައްކަތް އެބަ ހިނގާ. އެ އެގްރީމަންޓް ކޮށްފައި އޮތްގޮތުން، ވަރަށްބޮޑު ގެއްލުމެއް ދައުލަތަށް އެބަވޭ. ވަރަށް ގިނަ ބިންތައް، އެއާ ގުޅުވައިގެން ދޫކޮށްލާފައި މި އޮންނަނީ. ދެން ވަރަށް ކޮމްޕްލެކްސް އެގްރީމަންޓެއް. ދައުލަތަށް ފައިދާއެއް ނެތް، ގެއްލުންބޮޑު އެގްރީމަންޓެއް. އެހެންވީމާ، އަޅުގަނޑުމެން އެ އެގްރީމަންޓް ބާޠިލްކުރުމުގެ މަސައްކަތް މި ހިނގަނީ. ނިމުނުހާ އަވަހަކަށް ގިރާފަޅު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނަން ސަރުކާރުގެ ފަރާތުން. ހިއްކައި ނިންމައި، އެ ގޯތިތައްވެސް ހަވާލުކުރާނަން.
ދެން 4000 ފްލެޓް. 4000 ފްލެޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ލިބުނު ޝަކުވާތައް ބަލައި، ނިންމަމުން އެދަނީ. އަޅުގަނޑު ވަޢުދުވީ ގޮތަށް. އަޅުގަނޑު އަބަދުވެސް ވަޢުދު ހަމަ ހަނދާން އެބަހުރި. އަޅުގަނޑުގެ މަޤްޞަދަކީ، ކޮންމެ ސަރުކާރަކުން ދީފައި އޮތް ފްލެޓެއްވިޔަސް، އެ ދިން ތާކުން ދިން މީހަކަށް ގޯއްޗެއްވިޔަސް ދިނުން. ދެން އޭ.ސީ.ސީ. އިން ނޫނިއްޔާ އެތަނަކުން މައްސަލައެއް ފާހަގަކޮށްފައި އޮވެއްޖިއްޔާ، ނޫނީވިއްޔާ ޤަޞްދުގައި އޮޅުވާލައިގެން، މަކަރު ހަދައިގެން ފޯޖް ޑޮކިއުމަންޓްސް ލާފައި އޮވެއްޖިއްޔާ، އެއީ ހަމަ ޢާންމުކޮށް އަބަދުވެސް އޮންނަ އުޞޫލުން އެބަ އެ މީހަކު ބާޠިލްވޭ. އެއީ، އަޅުގަނޑު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް. އެހެންވީމާ، އެހެން ބާޠިލްވާ މީހެއް ފިޔަވައި އެންމެންނަށް ފްލެޓް ލިބިގެންދިޔުން އަދި ގޯއްޗެއްވިޔަސް ލިބިގެންދިޔުން އަޅުގަނޑުގެ ސިޔާސަތަކީ.
އެހެންވީމާ، އުންމީދު މި ކުރަނީ، މި ޝަކުވާތައް ބަލައި ނިމޭއިރުގައި، ހަމަ ވަގުތީގޮތުން، މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓަށް މާބޮޑު އުނިކަމެއް ނައިސް، އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަކަށް ޑީޓެއިލްސްއެއް، އެ ލިސްޓް ޝަކުވާ ބަލައި ނިމުނީމަ އެނގޭނީ. އަޅުގަނޑު މި އުންމީދު ކުރަނީ ހަމަ ވީހާވެސް ގިނަ ބަޔަކަށް އެ ލިސްޓުން ފްލެޓް ލިބިގެންދާނެ ކަމަށް. ދެން ޝަކުވާގެ މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެން ހަމަ ކޮންމެ މީހަކަށްވެސް، އެ ޖަވާބުވެސް އިރާދަކުރެއްވިއްޔާ ދެވިގެންދާނެ.
އެހެންވީމާ، މި 4000 ފްލެޓް، އުންމީދު ކުރަން، ވަރަށް އަވަހަށް އޭގެ ޙައްޤުވެރިންނަށް ދޫކުރެވިގެންދާނެ ކަމަށް. ދެން އަޅުގަނޑުމެން ވަޢުދުވެފައި އޮންނާނެ، ހައުސިންގ މަޝްރޫޢުތައް ހިންގުމުގެ ވާހަކަ، ދެންމެ މި ދެންނެވި ގޮތަށް، 4600 ޔުނިޓާއި، 1360 ޔުނިޓެއް މިހާރުވެސް އެވަނީ ކަނޑައެޅިފައި. މި ފްލެޓްތައް އަޅަން ފެށިގެން ދިޔައިމަ، އަޅުގަނޑު ކުރިން ވަޢުދުވެފައި އޮންނާނެ، ކުރީގެ ސަރުކާރަކުން ދޫކޮށްފައި، ރައީސް ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓްތައް އަތުލާފައި، މިދިޔަ ސަރުކާރުން އަތުލި މީހުން އެބަތިއްބޭ ނުޙައްޤުން. އެ މީހުންނަށް އެ ފްލެޓްތައް، މި އަލަށް އަޅާ މަޝްރޫޢު، އެންމެ ފުރަތަމަ އަޅާ މަޝްރޫޢަކުން ހަމަޖެހިގެންދާނެއޭ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ވަޢުދުވީގޮތަށް ކުރިއަށްދާނެ. އަދި މި ލިސްޓުން އުނިވާ މީހުންނަކީވެސް ހަމަ އަޅުގަނޑު އުންމީދު ކުރަން، ވީހާވެސް އަވަހަކަށް ދެން ހިނގާ މަޝްރޫޢަކުން އިރާދަކުރެއްވިއްޔާ ފުރުޞަތު ލިބޭނެ ބަޔަކަށް ވެގެންދާނެ.
ރަސްމާލެ މަޝްރޫޢު ލަސްތަކެއްވި. އޭރުގައި އަޅުގަނޑުމެންނަށް ބަޖެޓް ތެރެއިން ޖާގައެއް ނުލިބުނު. ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން ރަސްމާލެ މަޝްރޫޢު ފަށަން ބެލިއިރުގައި، އަޅުގަނޑުމެންނަށް ތާއީދުކުރާ މަޖިލީހެއް ނޫން އޮތީކީ. އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުންވި މަގެއް ފަހިނުކޮށްދިނީ. އެހެންވީމާ، އަޅުގަނޑުމެންނަށް އޭރު އެގްރީމެންޓް، އޭރުގައި ހެދެން އޮތް މޮޑެލްގައި ހެދީ. އޭގެތެރޭގައި، ވަރަށްގިނަ ދުވަސް ހިނގައްޖެ. ދެން އަޅުގަނޑުމެން އެގްރީމަންޓް ބާޠިލްކޮށްލައިފިން މިހާރު. އަޅުގަނޑުމެން ބޭނުންވާ މޮޑެލްއަކަށް ނޫން. އޭގެތެރޭގައި ބިންތަކެއް ހިމަނާފައި އޮތް މޮޑެލްއެއްގެ ތެރެއިން އެގްރީމަންޓް ހެދީ. އެހެންވީމާ، އަޅުގަނޑުމެން ފަހުން ނިންމީ، އެ އެގްރީމަންޓް ބާޠިލްކޮށްލަން. މިހާރު އެ އެގްރީމަންޓް ބާޠިލްކުރީ. އެހެންވީމާ، ވަރަށް ދުވަސް އޭގައި ހިނގައްޖެ. މިހާރު އެހެންވީމާ، އަޅުގަނޑުމެން އެއްވެސް ފަރާތަކަށް، އެ ބަޔަކު ފައިސާ ޚަރަދުކުރީމާ ބިން އަނބުރާ، ބިން އެފަރާތަކަށް ދިގު މުއްދަތަށްވިޔަސް، ބޭރު ފަރާތަކަށް ނުލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އެހެންވެގެން ޙަޤީޤަތުގައި މި މަޝްރޫޢު އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުވެސް ލަސްވެގެން އެދަނީ. ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުވެސް މިއޮތީ ކުރިން ދެންނެވި ފަދައިން، އެއާ ގުޅުވައިގެން ބިންދީފައި. އަދި ފޭސް ތްރީވެސް ޙަޤީޤަތުގައި، ހުޅުމާލެ ފޭސް ތްރީވެސް ވެފައި އޮންނަނީ އެހެން. އެ މަޝްރޫޢާ ގުޅުވައިގެންވެސް ތިލަފުށިންކަންނޭނގެ، 10 ހެކްޓަރެއްދީ، ކުރީ ސަރުކާރުން ވަރަށް ބިން ދީފައި މި އޮންނަނީ. އެ ބޭރު ފަރާތުން ހިއްކީމަ، އޭގެ ބަދަލުގައި. އެހެންވީމާ، އެ މަޝްރޫޢުވެސް، އެ އެގްރީމަންޓްވެސް ބާޠިލްކޮށްފިން މިހާރު ޙަޤީޤަތުގައި. ތިލަފުށިން 10 ހެކްޓަރުގެ ބިން ދިނުންވެސް މިހާރު އަތުލައިފި. މިހާރު ނޯންނާނެ، ބިން ހިއްކި އެއްވެސް ބައެއް އަތުގައި، އެ މީހުންނަށް ކުރީ ސަރުކާރަކުން ދީފައި އޮތް ބިމެއް. އޭގެ ބަދަލުގައި ދިން ބިމެއް. ހުރިހާ ބިންތައް ކެންސަލްކޮށްފިން. ހުރިހާ ބިމެއް ވަނީ ސަރުކާރަށް ނަގާފައި މިހާރު. މިހާރު ނޯންނާނޭ، ބޭރު ކުންފުންޏަކުން ރާއްޖޭގައި ބިން ހިއްކުމުން، އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް. އެ ބިންތައް އަތުލައިފި. އޭގެތެރޭގައި ވަރަށް ދުވަސް ހިނގައްޖެ.
އެހެންވީމާ، މިހާރު މި މައްސަލަ ޙައްލުވެ، ދެން އެކިއެކި ކޮންޓްރެކްޓަރުން އަޅުގަނޑުމެން މި ހޯދަނީ. ކޮންޓްރެކްޓަރުން ހޯދައިގެން، ރަސްމާލޭގެ ތައުޒަންޑް ނައިން ހަންޑްރެޑް ހަމަ މި ބަލަނީ މި އަހަރުގެ ނިޔަލަށް މީގައި ހަމަ ނިންމާލެވޭތޯ އިރާދަކުރެއްވިއްޔާ.
ދެން ޔޫ.ޓީ.އެފް. އުތުރު ތިލަފަޅުގެ ގާތްގަނޑަކަށް 125 ވަރަކަށް ހެކްޓަރު އަޅުގަނޑުމެން ހިއްކާނަން. ހިއްކަންވެގެން މިހާރު އާރު.އެފް.ބީ ފްލޯޓް ކުރުމަށްޓަކައި މަސައްކަތް ފަށާފައި މިވަނީ. ދެން އެތާނގައި މި އަންނަނީ ޓައުންޝިޕަކާ އެކީގައި ޕްރިޒަން ކޮމްޕްލެކްސްއެއް. ހުރިހާ ޕްރިޒަންއެއް. މި ސަރަޙައްދުގައި މިހިރަ މާފުށްޓާއި، މި ހުރިހާ ތަނެއް، އެ ތަނަށް އަންނަ، އެއް ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ގެނެވި، އިންޓަރނޭޝަނަލް ހުރިހާ ސްޓޭންޑަޑަކަށް ފިޓްވާގޮތަށް، ވަރަށް ފެންވަރު ރަނގަޅު، ސްޓޭޓް އޮފް ދަ އާރޓް، ޕްރިޒަން ކޮމްޕްލެކްސްއަކާ އެކީގައި އެތަނުގައި ޔޫ.ޓީ.އެފް.އާ ގުޅިގެންދާނީ.
ދެން ބިން ހިއްކުމުގެ ވާހަކަ ދައްކާއިރުގައި، ހަމައެކަނި މާލެ ކައިރިއެއް ނޫން އަޅުގަނޑުމެން ބިން ހިއްކަނީކީވެސް އިނގޭތޯ. އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ ވާހަކައަކީ، މާލެއޭ ހުރިހާވެސް އެއްޗަކީ. ކުރިންވެސް ފެނިވަޑައިގަންނަވާނެ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް މުޅި ރާއްޖެ ކަވަރުވޭ. ބިން ހިއްކުންވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. ޗާޓުގައި މި ފާހަގަކޮށްފައި ހުރި ހުރިހާ ސަރަޙައްދަކީ، ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްދާ ސަރަޙައްދުތައް. އަދި އޭގެއިތުރަށް، ޕްލޭން ކުރެވިފައި އިތުރު 33 ރަށްވެސް އެބައޮތް، ބިން ހިއްކަން. އެ ބިން ހިއްކަން މި ޖެހެނީ މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަން ޤާއިމުކުރަން. މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަން ޤާއިމުކުރަން.
އެހެންވީމާ، ދެންމެ މި ދައްކާލި ޗާޓާއި، މި ލިސްޓާ، މި ދެ ލިސްޓް. މި ދެ ސްލައިޑްގައި މިހިރީ މި އަހަރާއި، މި އަންނަ އަހަރާއި، 2027 އާ، ތިން އަހަރުގެ ތެރޭގައި ބިން ހިއްކައި ނިންމަން އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ރަށްތައް. އެކި ސައިޒުގެ އެކި ޢަދަދުތަކުން. މިއީ ހަމަ ހުރިހާ ރަށްރަށަކީވެސް ވަޢުދު އިނގޭތޯ. މިއިން އެއްވެސް ރަށެއް ނޯންނާނެ، ރިޔާސީ އިންތިޚާބުގައި ވަޢުދުނުވާ ރަށެއް. މުޅިންވެސް ވަޢުދު. ދެން އެކި ރަށުގައި އެކި ކަންކަމަށް ބިން ހިއްކަނީ. މައިގަނޑު ގޮތެއްގައި ބޯހިޔާވަހިކަމަށް. ބައެއް ރަށްރަށުގައި އެއަރޕޯޓް އަޅަން ބިން ހިއްކާނީ.
އާދެ، މިކަހަލަ މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތް ކުރެވޭގޮތަށް ގެންދިޔުމަކީ، އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު ސިޔާސަތަކީ. އެހެންވީމާ، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ޙިމާޔަތް ކުރުން، ނޫނީވިއްޔާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުތަކަކީ، މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާ. ދުނިޔޭގެ އެކި ޤައުމުތަކަށް އަޅުގަނޑުމެން ގޮސްފައި، ކޮޕް-28، ކޮޕް-29 އަށް މިދިޔައީ. މި އަހަރު ކޮޕް-30 އަށް ދާނެ. އަޅުގަނޑުމެން ގޮސްފައި މި ދައްކަނީ، އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ޤައުމެކޭ. ބޮޑެތި ޤައުމުތަކުގެ ޢަމަލުތައް ހުންނަގޮތުން، އަޅުގަނޑުމެންގެ ޤައުމަށް މިވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައޭ. އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ހަލާކުވެގެން އެބަދެއޭ. އަޅުގަނޑުމެންގެ ފެންފަށަލަ ޑިޕްލީޓްވެގެން އެބަދެއޭ. އެހެންވީމާ، މިކަންކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް ހޯދަން އަޅުގަނޑުމެން މުޅި ދުނިޔޭގައި، ކުދި ހުރިހާ ޤައުމުތައް އެކުވެގެން މަސައްކަތް މި ކުރަނީ.
އެހެންވީމާ، އަޅުގަނޑުމެން ވަރަށް އިސްކަމެއް ދެން، ސަރުކާރުގެ ފަރާތުން ގޮނޑުދޮށްތައް ޙިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރަން. މިގޮތުން ބަލާއިރުގައި، މިހާރު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ސޮއިކުރެވިފައިވާ ޢަމަލީ މަސައްކަތް ހަވާލުކުރެވިފައިވާ ރަށްތައް، މި ޗާޓުން ތިޔަބޭފުޅުންނަށް މި ފެނިވަޑައިގަންނަވަނީ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައިހެން ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުތައް އެބަހުރި. އަދި މި އަންނަ އަހަރު ތެރޭގައި، މީގެއިތުރަށް، މި ރަށްތަކުގައި، 30 ރަށެއްގައި ކުރިއަށްދާނެ. އެހެންވީމާ، ކުރީގެ ސްލައިޑް، މި ސްލައިޑްގައި މިވަނީ މިހާރު ސޮއިކުރެވިފައި. އަދި ޢަމަލީ މަސައްކަތްވެސް ހިނގާ. ދެބައި އެކީގައި އިނގޭތޯ. ދެން މި ސްލައިޑަކީ މި އަންނަ އަހަރު ތެރޭގައި އަޅުގަނޑުމެން ސްޓާޓް ކުރާނެ ރަށްރަށް. އެހެންވީމާ، މި ދެ ސްލައިޑްގައި މިހިރަ ހުރިހާ ރަށެއް އެކީގައި ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، ގޮނޑުދޮށް ޙިމާޔަތް ކުރަންޖެހޭ ރަށްރަށް ހިމެނޭނެ.
ދެން ކުނި. ރާއްޖޭގެ ހުރިހާ ރަށެއްގައި، ކުނި މެނޭޖް ކުރުމުގެ މަރުކަޒު ޤާއިމުކުރުމަކީ، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ހުންނަންޖެހޭވަރުގެ، އަޅުގަނޑުގެ އަމާޒު ކަނޑައަޅާފައި، ރިޔާސީ ބަޔާނުގައި. މި ޗާޓުގައި ދެން ވަރަށް ކްލަޓަރޑް. ކުރާނެ ކަމެއް ނެތް އެކަމަކު. މިއީ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި މިކަން ނުކޮށް އޮތީމަ ވީގޮތް. މިދިޔަ ސަރުކާރުތަކުން. ދެން އެހެންނަމަވެސް، އަޅުގަނޑުމެން ކުރަން ނިންމާފައި މިއޮތީ. ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ކަންތައްތައް އަޅުގަނޑުމެން މި އަހަރު ތެރޭގައި ނިންމާނަން. މަރުކަޒުތައް ޤާއިމުކޮށް.
ތިމާވެށްޓަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު އެއްޗެއް. ރަށްރަށަށް ދިޔައިމަ އަޅުގަނޑަށް ފާހަގަވެގެންދޭ، މީހުން އުޅެންޖެހޭ ހާލު. މީހުންގެ ގެދޮރު ކައިރީގައި މި ހުންނަނީ ކުނި މެނޭޖް ކުރަން. އޭގެ ސަބަބުން ނޭވާލާ ނިޒާމަށް އުނދަގޫވެ، ޞިއްޙީ ބޮޑެތި ބަލިތައް ދިމާވެ، ދެން މިހެންގޮސް ވަރަށްގިނަ ކަންތައް. އެހެންވީމާ، ކްލީން އެންވަޔަރަންމަންޓެއް ޤާއިމުކުރުމަށްޓަކައި ކުނި އެބަޖެހޭ ނިޒާމެއްގެ ތެރެއިން މެނޭޖް ކުރެވެން.
އެހެންވީމާ، މި ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. މިހާރު ދެންމެ މި ފެނުނީ މިހާރު ސޮއިކޮށްފައި ހުރި ރަށްތައް އިނގޭތޯ. މިހާރު މިހިރީ އެކި ފަރާތްތަކާއެކީ ސޮއިކުރެވި، ޢަމަލީ މަސައްކަތުގެ މަރުޙަލާއަށް ގޮސްފައި ހުރި ރަށްތައް. އަދި ސޮއިނުކުރެވި އެބައުޅޭ ހައެއްކަ ރަށް، 9 ރަށް. މި ރަށްތަކާ އެކީގައި އަޅުގަނޑުމެން މި ހުރިހާ ރަށެއް ނިންމާލާނީ. ދެ އަހަރު ދުވަހުގެ މަޝްރޫޢެއް. މި އަހަރު ތެރޭގައި ހަމަ މި ޗާޓު ނިމޭނެ. މި ޗާޓުވެސް އިރާދަކުރެއްވިއްޔާ ނިންމަން މަސައްކަތް ކުރާނަން. ދެން، ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، ހުރިހާ ރަށެއް ނިންމާ ވާހަކަ. އެހެންވީމާ، އަޅުގަނޑުގެ ޓާގެޓަކީ، ދެ ސްލައިޑްގައި ހުރި ހުރިހާ ރަށެއް ނިންމުން.
ހަކަތަ، އަޅުގަނޑުމެން މި ބަލަނީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓަށް ދޮގެއްތޯ؟ އެހެންވީމާ، ސޯލަރ ޕަވަރއަކީ އަޅުގަނޑުމެންގެ ވޭ ފޯވަރޑް. ރާއްޖޭގައި ރިނިއުބަލް އެނަރޖީ، ހުރިހާ ދާއިރާއެއްވެސް ހުޅުވިފައި އޮތީ އިންވެސްޓް ކުރަން. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސޯލަރ ޕަވަރއޭ، ރާއްޖޭގައި އެންމެ ފައިދާ ބޮޑުވާނީ. މިހާރު މިއޮތީ މާލެއަތޮޅު ފަޅެއް ހަވާލުކުރެވިފައި، އެސް.އީ.ޒެޑް. ސްޓޭޓަސް ދެވިގެން. 100 މެގަވޮޓްސްގެ ސޯލަރ ޕަވަރ ޖެނެރޭޓް ކުރަން، މާލޭގެ ގްރިޑަށް އެއިން ފީޑްކުރާގޮތަށް. އެހެންވީމާ، އެ މަޝްރޫޢު އެބައޮތް ކުރިއަށްދާ. "މަގޭ ސޯލަރ" މަޝްރޫޢު ކިޔާ މަޝްރޫޢެއް އެބަ ކުރިއަށް ގެންދަން.
ރ. އަތޮޅު ވާދޫ އެއީ، 100 ޕަސެންޓް ސޯލަރއިން ހިންގާ ރަށަކަށް ހަދަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އެ ރަށުގެ ރައްޔިތުންވެސް ވަރަށް އިނޮވޭޓިވްލީ މިހާރުވެސް ފަށާފައި އޮތް ކަމެއް. ވަރަށް އީޖާބީ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް، މިކަހަލަ ކަންކަމުގައި. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އެ ރަށް، މޮޑެލް ރަށެއްގެ ގޮތުގައި ކަނޑައަޅައި، މި އަހަރު ނިމެންވާއިރަށް، ހުރިހާ ކަމެއް އެ ރަށުގައި ކުރާނީ ސޯލަރޕަވަރއިން ކަމަށް. އެހެންވީމާ، މިހާރު އަޅުގަނޑުމެން ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުޙަލާގައި މިދަނީ. އިރާދަކުރެއްވިއްޔާ، މިކަން ކާމިޔާބު ވާނެ. އަދި މިއީ، މޮޑެލްއަކަށް ބަލައިގެން، ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި ބަލައިގެން، އެހެން ރަށްތައްވެސް ފުލީ ސޯލަރ ރަންކުރާ ރަށްރަށަށް ހެދުމަކީ އަޅުގަނޑުމެން ހަމަ ވަރަށް ބޭނުން ކަމެއް.
ހަމައެއާއެކީގައި، ރިޒޯޓް އިންޑަސްޓްރީއަށްވެސް މިކަން ފުޅާކުރަން، އިންސެންޓިވައިޒް ކުރުމަށް އަޅުގަނޑުމެން ވާނީ މިހާރު އެކިކަހަލަ މަސައްކަތްތައް، ގްރީން ރިޒޯޓް ފައިނޭންސިންގ ތަޢާރުފް ކޮށްފައި. އަދި އިތުރު ކަންކަންވެސް މިދަނީ ކުރިއަށް ގެންދަމުން.
ހަމައެއާއެކީގައި، އަޅުގަނޑުމެން ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް، މައިގަނޑު ޔޫޓިލިޓީ ތިން ކުންފުންޏެއް މެދުވެރިކޮށް އެބަ ގެންދަން. މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި އެނގިލައްވާތޯ؟ ގާތްގަނޑަކަށް ހުރިހާ އިންޖީނުގެއެއް ހުރީ ހަމަ ބްރޭކްޑައުން ވެފައި. މަރާމާތު ކިޔާ އެއްޗެއް ގަބޫލު ނުވެސްކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އަޅުގަނޑުމެން މިޖެހެނީ، ހަމަ މަރާމާތުކޮށްދީގެން އުޅެން. އެހެންވީމާ، ވަރަށް ހާލުގައި ގިނަ ރަށްތައް ހުރީ. މިހާތަނަށް އައިއިރުގައި އަޅުގަނޑުމެން މީގެތެރެއިން، 77 ޖެނެރޭޓަރ، އާ ޖެންސެޓަށް ބަދަލުކޮށްފިން. 313 ޖެންސެޓް މަރާމާތުކޮށް، ނޫނީވިއްޔާ އޯވަރހޯލް ކޮށްދީފިން. ދެން ގްރިޑް އަޕްގްރޭޑްކޮށް ނިންމައިފިން 15 ރަށެއްގައި. މިއީ، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތް. މީގެކުރިން ހަމަ ދޫކޮށްލާފައި ހުރި ކަންކަން މިއީ. އަދި ރޯދަމަސް އައިމަ، މީގެ ކަންބޮޑުވުން ރައްޔިތުންނަށް އޮންނަނީ. އެ ތަނުގެ، އެ ރަށެއްގެ ޕަވަރ އިޝޫގެ ސީރިއަސް ކަމުގެ ސަބަބުން. ދެން މިއީ ހަމަ ކޮންޓިނިޔުއަސް ޕްރޮސެސްއެއް.
މީގެތެރެއިން ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލައަށް އިރާދަކުރެއްވިއްޔާ ޙައްލެއް ގެނެސްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މީގެތެރެއިން ފާހަގަކޮށްލާނަން، އައްޑޫ ސިޓީއާއި ފުވައްމުލައް. އައްޑޫ ސިޓީ ޚާއްޞަކޮށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ބޮޑެތި އިޝޫޒްތައް މިދޭތެރެއިން ދިމާވި. އަޅުގަނޑުމެން މިހާރު ކަނޑައަޅާފައި ވާނެ، ވަރަށް ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން. މިހާރު ފައިނޭންސް އެކަމަށްޓަކައި ސެޓަރސައިޑް ކޮށްފިން. ފިނޭންސް މިނިސްޓްރީން، އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން. ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބޭނުންވާވަރުގެ ކެޕޭސިޓީ އިނގޭތޯ. ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބޭނުންވާވަރުގެ ކެޕޭސިޓީ، އައްޑޫ ސިޓީގައި އަދި ފުވައްމުލަކުގައި ޤާއިމުކުރުމަށް ބޭނުންވާވަރުގެ ކެޕޭސިޓީ ޤާއިމުކުރުމަށްޓަކައި މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން އިނގޭތޯ. ކުރިއަށް އޮތް ހަމަސް ތެރޭގައި، އައްޑޫ ސިޓީއާއި ފުވައްމުލަކުގެ މި މައްސަލަ އިރާދަކުރެއްވިއްޔާ، 10 އަހަރު ދުވަހަށް ވާވަރުގެ ކެޕޭސިޓީ ޤާއިމުކޮށްދޭނަން. އެއީ، އަޅުގަނޑުމެންގެ ޓާގެޓަކީ.
އެހެންވީމާ، ވަރަށް ބޮޑަށް އިތުރަށް ހުންނާނެ. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން ގެއްލުމެއް ނުވާނެ. އެއީ، ޓޫރިޒަމްވެސް އެބައާދޭ. ބޮޑު އެއަރޕޯޓެއްވެސް އެބަ ހުޅުވޭ. އެހެންވީމާ، މިހެންގޮސް ވަރަށް ގިނަ ކަންކަމަށް ބަލާފައި، އެއަށް ބޭނުންވާ އަދަދުގެ އިތުރަށް ލާފައި، އަޅުގަނޑުމެން
މި ނިންމަނީ އިރާދަކުރެއްވިއްޔާ. އެހެންވީމާ، ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ، އެކަން މި ދެ ސިޓީގައި ނިންމުން.
ތިމާވެށީގެ މައްސަލަތަކަށް ބަލާއިރުގައި، އަނެއް މައްސަލައަކީ، ކުރިން ބުނިގޮތަށް، ފެންފަށަލަ އެކީގައި ތަޣައްޔަރުވާ މައްސަލަ. އަޅުގަނޑުމެންގެ އަދި ޤާނޫނުއަސާސީގައިވެސް އޮންނަ އަސާސީ ޚިދުމަތެއް، ފެނާއި ނަރުދަމާގެ ޚިދުމަތަކީ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް އަދި މެނިފެސްޓޯގައިވެސް ކަނޑައަޅާފައި އޮންނާނެ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމަން. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، ދެ އަހަރު، މި އަންނަ އަހަރުގެ ނިޔަލަށް ނިންމާނަމޭ މިކަން. މިހާރު ހިނގަނީ 55 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް. 44 ރަށެއްގައި ނަރުދަމާގެ މަސައްކަތް އެބަ ހިނގާ. މިއީ އެ ޗާޓަކީ. މިއީ ނަރުދަމާ، މިހާރު ކުރިއަށްދާ، ސޮއިކުރެވިފައި ހުރި މަޝްރޫޢުތައް ހުރި ރަށްރަށް. މުޅި ރާއްޖޭގައި އެބަ ހިނގާ. މިއީ ފެން، އިނގޭތޯ. އެހެންވީމާ، ވަރަށް ގިނަ މަސައްކަތް އެބަ ހިނގާ މިހާރު. އެކި މަރުޙަލާގައި. ދެން މިއީ، އަލަށް ނަރުދަމާ ނިޒާމު ނިމިފައިވާ ރަށްރަށް. މިއީ، ފެނުގެ ނިޒާމު ނިމިފައިވާ ރަށްރަށް. އެއީ، އެ ރަށްރަށުގެ. ދެން، ފެނާއި ނަރުދަމާ ޤާއިމުކޮށް ނިމުނީމާ، މަގު ހެދުމުގެ މަޝްރޫޢުތައް، އެ ރަށްރަށުގައި ކުރިއަށް ގެންދެވޭނެ. ފެނާއި ނަރުދަމާ ނިމިފައިވާ ރަށްރަށުގައި މިހާރުވެސް ހިނގަމުން އެދަނީ 26 ރަށެއްގައި. އަދި ކޮންޓްރެކްޓް ކުރެވިފައި އެބައޮތް 19 ރަށެއްގައި. އެއީ، މި ޗާޓުން މި ފެނިވަޑައިގަންނަވަނީ، މުޅި ރާއްޖޭގައި މިހާރު މަގު ހެދުމުގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތް. އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު މިއީ ވަރަށް ބޮޑު އަހަރަކަށް ވާނެ، މަގު ހެދުމުގައި. 78 ރަށެއްގައި މަގު ހެދުމުގެ މަޝްރޫޢު އެއީ. މިހާރު ހިނގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމޭނެކަމަށް މިބަލަނީ ގިނަ ރަށްތަކެއްގައި. ނިމިގެން ދިޔައީމާ، ސެވެންޓީ އެއިޓް އައިލެންޑްސް، އަޅުގަނޑު ވަޢުދުގައި އޮންނާނީ، މައި މަގު އެޓްލީސްޓް ކޮންމެ ރަށެއްގައިވެސް ހަދާނަމޭ. ކޮންމެ ރަށެއްގައިވެސް، މައި މަގު ރަނގަޅު ފެންވަރަކަށް ހަދާނަމޭ. އަދި ހަމަ އެކި ރަށްރަށަކީ ވަރަށް، ބައެއް ރަށްތަކުގައި ސިޓީޒް މިސާލަކަށް ވަޢުދުވެފައި އޮންނާނީ ހުރިހާ މަގެއް ހަދަން. ދެން އެހެންވީމާ، އެގޮތަށް ބަހާލެވިގެން، ކެޓަގަރައިޒް ކުރެވިގެން، ހުރިހާ ރަށެއްގައި މަގު ހެދުމުގެ މަޝްރޫޢަށް ވަޢުދުވިން، އިޢުލާނު ކުރިން.
އެހެންވީމާ، އެ މަޝްރޫޢުގެ ތެރެއިން، މި އަންނަ އަހަރު 78 ރަށެއް. އެއީ، މިހާރު މި ހިނގާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމޭނެކަމަށް އަންދާޒާ ކުރެވިގެން، ހިނގާނެ ކަމަށް މި ބަލަނީ އިނގޭތޯ، 78 ރަށެއްގައި. ދެން މީގެތެރެއިން، ބައެއް ރަށްރަށް ބޭނުމެއްނުވޭ ތާރުއަޅާކަށް. އަޅުގަނޑުމެން ބޭނުންވަނީ، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުހަދަން. ބައެއް ރަށްތަކުން ބޭނުންވަނީ، ގާ އަތުރަން. ބައެއް ރަށްތަކުން އެބަ ބޭނުންވޭ، ތަންކޮޅެއް ޓޫރިޒަމް ތިޔާގި ރަށްރަށުގައި، ވަރަށް ރީތި ކުލަކުލައިގެ ގާ އަތުރަންވެސް. އަޅުގަނޑުމެން ހަމަ ހުރިހާ ކަމަކަށް އިޖާބަދެން. އަދި ޓޫރިޒަމް ފުޅާވެފައި ހުރި ބައެއް ރަށްރަށުގައި އެބަ ބޭނުންވޭ، މަގު އެއްވަރު ކޮށްލާފައި، ޑްރެއިނޭޖް ނިޒާމެއް އެކަނި ލައިދޭންވެސް. ވެލިގަނޑު އޮންނަން. އެއީ، ޓޫރިސްޓުން ވަރަށް ބޭނުންވާގޮތްވީމާ. އެހެންވީމާ، މި ސެވެންޓީ އެއިޓް އައިލެންޑްސް ތެރޭގައި، ހުރިހާ ޒާތެއް ހިމެނޭހެން މަގު ހެދުމަށް މި ދަންނަވަނީ.
ދެން މާލޭގައި، ކުޑަކޮށް މި ފާހަގަކޮށްލީ ވަކިން. މާލޭގައި މަގުހެދުން މިއީ ދެން މާލޭގައި ހައުސިންގ މައްސަލަ ނަގާފައި ރައްޔިތުންނަށް އެންމެ އުނދަގޫވާ މައްސަލަ. ޗައިނާގެ ގްރާންޓް އެއިޑުން އެކަމަށް ހަމަޖެހިފައި އޮތް ކަމެއް މިއީ. ޗައިނާ ގްރާންޓް އެއިޑް ތެރެއިން، މާލެއާއި ވިލިމާލޭގެ މަގު ހެދުމަށް މިހާރު ފީޒިބިލިޓީ ރިޕޯޓް ނިންމައި، ހުށަހެޅިފައި ވަނީ. އިރާދަކުރެއްވިއްޔާ، ދެން އަންނަ މަރުޙަލާއަށް އެ ބޭފުޅުން ވަޑައިގަންނަވާނެ. ދެން އަޅުގަނޑުމެން މި އުންމީދު ކުރަނީ، އެ ސްޓެޕްތަކުން ގޮސް، މި އަހަރު ތެރޭގައި، ފޮރިން ފަންޑަޑް މަޝްރޫޢުތަކަކީ، ވަރަށް ޑީޓެއިލްޑް ޕްރޮކިއުމަންޓް ޕްރޮސީޖަރ އޮންނަ ކަމެއްވީމާ، އެ ނިންމާނެ އެ ބޭފުޅުން. ނިންމައި، މި އަހަރު ތެރޭގައި މާލެއާއި ވިލިމާލޭގެ މަގުތައް ހެދެން ފެށޭނެ. ދެން، އެއިން ބޭރުން އެ ސްކޯޕްގައި ނުހިމެނޭ މަގެއް، ބޭރު އުތުރުފަރާތު ބޮޑުތަކުރުފާނު މަގު، މިހާރު ތާރުއަޅާފައި އޮތް ހިސާބުން ގޮސް އެމް.އެމް.އޭ.އާ ހަމައަށް ނިންމުން. އެބައި އަޅުގަނޑުމެން މިހާރު ވާނީ ހަވާލުކޮށްފައި އެމް.ޓީ.ސީ.ސީ.އާ. އެ ބޭފުޅުން އިރާދަކުރެއްވިއްޔާ، ސަރވޭ މަސައްކަތް ނިމުނުހާ އަވަހަކަށް، މަހެއްހާ ދުވަސް ތެރޭގައި ފެށޭތޯ ބަލަމުން އެބަދޭ. އެއީ ކުޑަކޮށް ފުޅާވެސް ވާނެ އިނގޭތޯ. ކޮޅަކަށް ދެ ލޭން އެ މަގުގައި އަންނާނެ.
ބަނދަރު ހެދުން. މި ކްލައިމެޓް އެޑެޕްޓޭޝަންގެ ތެރެއިން ގަބޫލުކުރާ ގޮތުގައި، ކޮންމެ ރަށެއްގައިވެސް ލަފާ، ފުރޭނެ ގޮތްތައް ހަމަޖެހިފައި އޮންނަން ޖެހޭ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް މިކަމަކީ. މިހާރު ރާއްޖޭގައި، 48 ރަށެއްގައި ބަނދަރު އެބަ ހަދަން. 28 ރަށެއްގައި ވަނީ ކޮންޓްރެކްޓް ކުރެވިފައި. މިހާރު ބަނދަރުގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްރަށް، ނިމިފައިވާ ރަށްތަކާއި، ކޮންޓްރެކްޓް ކުރެވިފައިވާ ރަށްތަކާއި، ކުރިއަށްދާ ރަށްތައް، މި ޗާޓުން ފެނިވަޑައިގަންނަވާނެ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، ދެންމެ މި ދެއްކި ޗާޓުގައި ހިމެނޭ ރަށްތަކުގެ ތެރެއިން، ޕްލޭން ކުރެވިފައި މިވާ 48 ރަށް، މީގެ ތެރޭގައި ވަރަށް ބޮޑެތި ބަނދަރުތައް ހިމެނޭ. މިސާލަކަށް، ފުވައްމުލައް ސިޓީ ބަނދަރު. އެއީ ވާނެ އަޅުގަނޑު ހިތުން، އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރެވޭ ބަނދަރަށް، މި ލިސްޓުގައި ހިމެނޭ. މި އަންނަ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދަން ފަށާނަން.
އާދެ، ލަފާ، ފުރުމުގެ ތެރެއިން، ދަތުރުފަތުރުގެ ވާހަކަ ދައްކާއިރުގައި، އާރު.ޓީ.އެލް. ފެރީ ނިޒާމު ޤާއިމުކުރުމަކީ، އަޅުގަނޑު ވެފައިވާ ވަޢުދެއް. މި އަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅެއްގައި އާރު.ޓީ.އެލް. ފަށާނެ. ދެން ޖޫން މަހުގެ ތެރޭގައި ރ. އަތޮޅުގައި އިރާދަކުރެއްވިއްޔާ ފަށައި، ޖުލައިގައި ބ. އަތޮޅުގައި ފެށިގެންދާނެ. އެހެންވީމާ، އެގޮތަށް ކުރިއަށްދާނެ.
ދެން ހަމައެއާއެކީގައި، އެއަރޕޯޓްތައް އެޅުމަކީވެސް މިއީ ހަމަ ކަނެކްޓިވިޓީގެ ތެރެއިން އަޅުގަނޑުމެން ޕްލޭންކޮށްގެން ކުރިއަށްގެންދާ ކަންތައްތައް. ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން، ވީހާވެސް ގާތުން ދަތުރުފަތުރު ކޮށްފައި، މައި ރަށްރަށަށް ދެވޭގޮތް ވުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ތެރެއިން އަޅުގަނޑުމެން ގަބޫލުކުރަނީ، އެއަރޕޯޓްތަކާއި، އާރު.ޓީ.އެލް. ފެރީ ނިޒާމާއި، ބަނދަރުތަކާ މިއީ ހުންނަންޖެހޭ ތަންތަން ގޮތުގައި. އެހެންވީމާ، މިހާރު މި ޗާޓުން ތިޔަ ފެނިވަޑައިގަންނަވާ ގޮތަށް، ރާއްޖޭގައި އެއަރޕޯޓް މަޝްރޫޢުތައް ކުރިއަށްދާނީ.
އަޅުގަނޑު ކުޑަކޮށް މިއަށް ބަލައިލާނަން. މިސާލަކަށް، އައްޑޫ ސިޓީ ގަމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ސެޕްޓެންބަރު މަހުގެ ތެރޭގައި ނިމޭނެ. އެއީ، އިންޑިއާގެ އެހީގައި ހިނގާ މަޝްރޫޢެއް. ފުވައްމުލަކުގެ އެއަރޕޯޓް އަޕްގްރޭޑް ކުރުން އެއީ، އަޅުގަނޑު ވަޢުދުވީ މަޝްރޫއެއް. މިހާރު އޮތް އެއަރޕޯޓެއް. އެހެންނަމަވެސް، އެ އެއަރޕޯޓް އަޕްގްރޭޑް ކުރަން އަޅުގަނޑު ވާނީ ވަޢުދުވެފައި. ދެން ހުވަދުއަތޮޅުގައި، ގދ. ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް، ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅާނެ ކަމަށް، އަޅައި، ބުރިޖަކުން ތިނަދުއާ ގުޅާލުން އެއީ، އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި އޮތް ކަމެއް.
ދެން ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުން. ދެން އެހެންގޮސް، ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުން. ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް، ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުން. ދެން އެހެންގޮސް، ހުރިހާ ރަށެއް އަޅުގަނޑު ނުކިޔަން. މީގައި މިހިރަ ޗާޓަކީ، އަޅުގަނޑުގެ ހުރިހާ ވަޢުދެއް. ވަރަށް ބޮޑަށް މާފުކުރައްވާތި، އެއްވެސް ރަށެއް، އެ ރަށެއް މިސްވެފައި އޮވެއްޖިއްޔާ، އެ ރަށެއްގެ ރައްޔިތުން. ހުރިހާ ރަށެއް މިއިން ފެންނަގޮތަށް ހަދާފައި އޮތް ޗާޓެއް މިއީ އަޅުގަނޑު. މިސާލަކަށް ދަންނަވަންޏާ، ށ. ފުނަދޫ އަޕްގްރޭޑް ކުރަން އަޅުގަނޑު ނިންމާފައި ވާނެ. އެ ރަށުގެ އެއަރޕޯޓް މިހާރު އޮތް ފެންވަރަށްވުރެ ރަނގަޅު ފެންވަރަކަށް ހަދަން އަޅުގަނޑު ވާނީ ނިންމާފައި. ކުޅުދުއްފުށީގެ އެއަރޕޯޓްވެސް އަޅުގަނޑު ވާނީ ވަޢުދުވެފައި އަޕްގްރޭޑް ކުރަންވެސް. އެހެންވީމާ، އާ އެއަރޕޯޓުތަކާއި، ފެންވަރު ރަނގަޅުކުރާ އެއަރޕޯޓުތަކާ ހިމެނޭގޮތަށް، މި އެއަރޕޯޓުތައް ކުރިއަށް ގެންދާނަން.
މި އަހަރުގެ ތެރޭގައި، މި ހުރިހާ ރަށެއްގައިވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާނެ އިނގޭތޯ. އެކި މަރުޙަލާގައި. މާނައަކީ ބައެއް ރަށްތަކުގައި ބިންހިއްކަން ފަށާނެ. އަނެއްބައި ރަށްތަކުގެ ބިންހިއްކާ ނިންމައި، ޢަމަލީ މަސައްކަތަށްވެސް ދާނެ. މީގެ ތެރޭގައި، އަޅުގަނޑު މައިގަނޑު ދެ އެއަރޕޯޓް މި ފާހަގަކޮށްލީ. ހަނިމާދޫ އެއަރޕޯޓް، ޖުލައި މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭ އެބަ. ގަމު އެއަރޕޯޓް، ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިމޭ އެބަ އިރާދަކުރެއްވިއްޔާ.
ދެން ވެލާނާ އެއަރޕޯޓް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން ދޮގެއްތޯ، އޮކްޓޫބަރަށް ހުޅުވަން މަސައްކަތްކުރާ ވާހަކަ. ދެން ވަރަށް މަސައްކަތް އެބަ ކުރަން، އެއަށްވުރެވެސް އަވަސްކުރެވޭތޯ. ދަ ސޫނަރ ދަ ބެޓަރ ދޮގެއްތޯ؟ ހަމަ އަޅުގަނޑުމެންނަށް އިންކަމް އިތުރުވާނީ، ދޮރޯށި ފުޅާކުރެވުނުހާ އަވަހަކަށް. އެއަރޕޯޓް ޓަރމިނަލް ނިންމުމުން.
އާދެ، އެއަރ ޓްރާންސްޕޯޓުގެ އިތުރަށް، ދެން މި ލޭންޑް ޓްރާންސްޕޯޓަށް ބަލާއިރުގައި، ބުރިޖުތައް އެޅުމަކީ، ހަމަ މި ދެންނެވި ކްލައިމެޓް އެޑެޕްޓޭޝަންގެ ތެރެއިން، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ކަންތައް. ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން، ތިލަމާލޭ ބުރިޖު ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައި ވަނީ. އުންމީދުކުރަން، އެ މަސައްކަތް ވީހާވެސް އަވަހަކަށް ދާނެ ކަމަށް. ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަމެއްވިއްޔާ، ބަރާބަރަށް ކޮށްދެން އެބަ. ދެން އައްޑޫ ބުރިޖުގެ މަސައްކަތް، މިހާރު އެވަނީ އަޅުގަނޑުމެން ޑިޒައިން ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްގެން، ޕްރޮޕޯޒަލްތައް ލިބި، މިހާރު އިވެލުއޭޓްކޮށް ނިމެނީ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ޑީޓެއިލްޑް ޑިޒައިން، ޓެންޑަރަށް ސަބްމިޓް ކުރެވޭވަރުގެ ޑީޓެއިލްޑް، އިންޖިނިއަރިންގ ޑީޓެއިލްޑް ޑިޒައިނެއް، މި ސްކޯޕްގެ ތެރެއިން ހެދިގެންދާނެ. ދެން ތިލަފުށިން ފެށިގެން، ގިރާވަރުފަޅު ތްރޫކޮށް، އުތުރުތިލަފަޅާ ގުޅުވަލާ ދެ ބުރިޖް. އެ ދެ ބުރިޖް އެޅުމަށްޓަކައި، އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން، ހިލޭ އެހީގެ ދަށުން އަޅުގަނޑުމެންނަށް އެބަ ހައްދަވައިދެއްވާ، ޕްރީ ފީޒިބިލިޓީ ރިޕޯޓެއް. އެ ރިޕޯޓުގެ މަސައްކަތް މިހާރު އިވެލުއޭޓްކޮށް ނިމިއްޖެ އިހަށްދުވަހު. ނިމިގެން އިރާދަކުރެއްވިއްޔާ، ދެން އޮންނަ މަރުޙަލާއަށް ދާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރިންވެސް ވިސްނާފައި އޮތް ގޮތަށް މި ބަލަނީ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ތެރޭގައި، މި އަންނަ އަހަރު ނިމެންވާއިރަށް، މި ދެ ބުރިޖް އެއްކޮށް ހިމެނޭ މަޝްރޫޢެއް އަޅުގަނޑުމެންނަށް ފެށޭވަރު ވާނެ ކަމަށް. އެހެންވީމާ، ކާޑެއްދޫ، ތިނަދޫ ބުރިޖް، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް ކުރިއަށްދާނެ.
ހަމައެއާއެކީގައި، ކޯޒްވޭތައް ޤާއިމުކުރުމަކީވެސް ހަމަ ހިނގާ ކަންތައްތައް. ކޯޒްވޭތައް ޤާއިމުކުރުމަށްޓަކައިވެސް، ވަރަށް ގިނަ ވަޢުދުތަކެއް ވެފައި ވާނެ. މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، ކޮންޓްރެކްޓް ކުރެވިފައި ހުރި ރަށްރަށް، އަދި ޕްލޭން ކޮށްފައި ހުރި ރަށްތައް މިއިން ފެނިވަޑައިގަންނަވާނެ. މިސާލަކަށް، މ. މުލި، ނާލާފުށި ކޯޒްވޭގެ މަސައްކަތް. އަޅުގަނޑު އުންމީދު ކުރަން، މުލީ އެއަރޕޯޓް ހުޅުވުމާ އެކީގައި، އެހާތާނގައި އެ ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ފެށޭނެ ކަމަށް.
އާދެ، އެހެންވީމާ، ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، މި ދެންނެވި ބަޔަށް އަލިއަޅުވާލާފައި، ދެން އަޅުގަނޑު ދާނަން ހަމަ ވަރަށް މުހިންމު ދާއިރާއެއް، އަޅުގަނޑުމެންގެ ތަޢުލީމުގެ ދާއިރާ. ތަޢުލީމީ ދާއިރާއަށް ބަލާއިރުގައި، ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި، މިހާރުވެސް ވަރަށް ގިނަ މަޝްރޫޢުތައް މިވަނީ ކޮންޓްރެކްޓް ކުރެވިފައި. މީގެތެރެއިން އެޅިގެންދާ، އިންފްރާސްޓްރަކްޗަރގެ ތަފްޞީލުތައް މިހާރު ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ. 522 ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް، 43 މަލްޓިޕަރޕަސް ހޯލް، އެގޮތަށް ހިނގަމުން އެބަދޭ. މިއީ، މިހާރު ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންޓްރެކްޓް ކުރެވި، ޢަމަލީ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި އަދި ޢަމަލީ މަސައްކަތްވެސް ހިނގާ ރަށްރަށަކީ. އެހެންވީމާ، ވަރަށް ފުޅާ ދާއިރާއެއްގައި ތަޢުލީމީ ދާއިރާގެ މަސައްކަތް އެބަދޭ. ދެން މި އަންނަ އަހަރު، ދެންމެ ފެނުނު ޗާޓުގައި ނުހިމެނޭ މި ރަށްތަކުގައި، 68 ރަށުގައި މަސައްކަތް ކޮންޓްރެކްޓް ކުރެވޭނެ. ކުރީ ޗާޓު އެއީ، މިހާރު ސައިން ކުރެވިފައި، ކޮންޓްރެކްޓް ކުރެވިފައި ހުރި ރަށްރަށް.
ކޫލް ސްކޫލް ޕްރޮޖެކްޓް މިއީ، މި ސަރުކާރުން ފަށައިގެން އުޅޭ ވަރަށް މުހިންމު މަޝްރޫޢެއް. ވަރަށް ހޫނުގަދަ ކްލާސްރޫމްތައް. ކުދިންނަށް އޭގެ ސަބަބުން ހަމަ މިއޮއްހާ ޒަމާންވީއިރުވެސް އުނދަގޫވޭ. އެކަމަކު ކަމެއް ނުކުރެވި އޮތީ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އެކަމަށް ކަމެއް ކުރަން. ކަމެއް ކުރަން ނިންމައި، މިހާރު އޭސީ.ކުރަން ހަވާލުކޮށްގެން މިއުޅެނީ. މިހާރުވެސް 802 އޭސީ. ހަރުކުރެވިއްޖެ. މުޅި ރާއްޖޭގައި ހުރި 3740 ކްލާސްރޫމްގައި، ސިކްސް ތައުޒަންޑް ޕްލަސް އެމައުންޓް އޮފް އޭސީޒް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހަރުކޮށް ނިންމާނަން. ދެން އަދި އޭގެއިތުރަށް، ދެވަނަ ފޭސްއެއްގައި ހޯލްތައްވެސް އޭސީ.ކުރުން މި އަންނަ އަހަރުތެރެއާ އެކީގައި ނިންމާލާނަން އިރާދަކުރެއްވިއްޔާ. އޭރުން އަޅުގަނޑުމެންނަށް ހުރިހާ ކްލާސްރޫމެއް، ހުރިހާ ހޯލްތަކެއް އޭސީ.ކުރެވުނީ. އަދި އެއާއެކީގައި، ސޯލަރ ޕެނަލް ޖަހާނެ. ސޯލަރ ޕެނަލް ޖެހީމާ، މި އޭސީ.ތަކަށް ބޭނުންވާ އެނަރޖީ، ރިނިއުބަލް އެނަރޖީ ލިބިގެންދާނެ. އެހެންވީމާ، މި މަޝްރޫޢު މިއީ އަޅުގަނޑުމެން ވަރަށް ފާހަގަކުރާ، ވަރަށް މުހިންމު މަޝްރޫޢެއް. ހަމަ ހުރިހާ ރަށެއްގެ ރައްޔިތުންވެސް، މި މާލެވެސް ހިމެނޭހެން އިނގޭތޯ. މާލެވެސް ހިމެނޭހެން މި މަޝްރޫޢު މި ކުރިއަށްދަނީ.
އާދެ، ތަޢުލީމާއެކު ޞިއްޙަތަކީ، އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއްދޭ ދާއިރާއެއް އިނގޭތޯ. ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި، މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އިސްކަންދީގެން އެބަ ކުރިއަށް ގެންދަން. މިގޮތުން ބަލާއިރު، ވިލިމާލޭގައި ރައްޔިތުން އެންމެ އެދޭ ކަންތައް، ހަމަ ނަމްބަރ ވަން، ސުވާލެއްވެސް ނެތް. އެދޭ ކަމަކީ، ހޮސްޕިޓަލެއް ޤާއިމުކުރުން. އެހެންވީމާ، އަޅުގަނޑުމެން ޗައިނާ ސަރުކާރުގައި ދަންނަވައިގެން، ހިލޭ އެހީގެ ތެރެއިން ހަމަޖެހިގެން ގޮސްފައިވޭ މިހާރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް. އެހެންވީމާ، އޭގެ ސްޓެޕް ބައި ސްޓެޕް މަސައްކަތް އެބަ ހިނގާ. އުންމީދަކީ، ވަރަށް އަވަހަށް ޢަމަލީ މަސައްކަތަށް ދާނެ ކަމަށް.
ދެން ހަމައެއާއެކީގައި، ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް ޤާއިމުކުރުމާއި، ކެންސަރ ހޮސްޕިޓަލް ޤާއިމުކުރުން މާލޭގައި، އައި.ޖީ.އެމް.އެޗް. ސަރަޙައްދުގައި. މެންޓަލް ހޮސްޕިޓަލް ލ. ގަމުގައި، އިންޑިއާގެ އެހީގައި. ތެލެސީމިއާ ހޮސްޕިޓަލް މިހާރު ވަނީ އިންވެސްޓަރަކާ އެކީގައި އެގްރީމަންޓް ހެދިފައި. އަންހެނުންނާއި ކުޑަކުދިންގެ ހޮސްޕިޓަލްގެ މަސައްކަތް އަދި ޕްރޮކިއުމަންޓް ސްޓޭޖުގައި އުޅެނީ.
މި މަޝްރޫޢުތަކަކީ، ސްޕެޝަލް ހޮސްޕިޓަލްސްތައް. މި މަޝްރޫޢުތައް އިރާދަކުރެއްވީތީ ކުރިއަށް އެބަދޭ. ދެން ރަށްރަށަށް ބަލާއިރުގައި، އަރބަން ސެންޓަރތަކުގައި މިހިރަ ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި، ޓާޝަރީ ކުރުމާއި، މިކަންކަންވެސް ވަނީ ހަވާލުކުރެވި، ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތައް މިއީ. އެހެންވީމާ، މިއީ، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، ޓާޝަރީ ފެންވަރަށް ގެނެވޭ ރަށްރަށް، އިރާދަކުރެއްވިއްޔާ 2026 ނިމެންވާއިރަށް. ބައެއް ރަށްރަށުގައި މިހާރުވެސް ޓާޝަރީ އިތުރަށް ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
އެހެންވީމާ، މިގޮތުން ބަލާއިރުގައި، ޞިއްޙީ ދާއިރާގައި 58 މަޝްރޫޢެއް އަޅުގަނޑުމެން ވާނީ މިހާރު ސޮއިކޮށްފައި، ނޫނީވިއްޔާ ކުރިއަށް އެބަދޭ. އޭގެތެރޭގައި، 19 އާ ހޮސްޕިޓަލް، 15 އާ ޞިއްޙީ މަރުކަޒު އެބަ ހިމެނޭ. އަދި 24 ރަށެއްގައި އެކްސްޕެންޝަން މަސައްކަތް އެބަ ހިމެނޭ. މި ޗާޓުން އެ ފެނިވަޑައިގަންނަވާ ރަށްރަށް އެއީ. އެހެންވީމާ، ގާތްގަނޑަކަށް ހުރިހާ ރަށެއް، ހުރިހާ އަތޮޅެއް ކަވަރުވޭ އެބަ. ދެން މި ޗާޓުގައި ނުހިމެނޭ، މި އަންނަ އަހަރަށް ކުރަންހުރި މަސައްކަތް މިއީ. 84 ރަށެއްގައި، 89 މަޝްރޫޢު. އެއީ، ހެލްތް ސެންޓަރ ޤާއިމުކުރުން، އަޕްގްރޭޑް ކުރުން. ހެލްތް ސެންޓަރުތައް ހުރީ ހަމަ އެހެން ކަންކަންވެސް ހުރިހެން ހުރީ އިނގޭތޯ. ހަމަ ވީރާނާވެފައި ހުރީ. އަޅުގަނޑަކަށް ނޭނގެ، ކުރީގެ މީހުން ކުރީ ކޮންކަމެއް ކަމެއް. އެހެންވީމާ، އެ ތަންތަން ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. 88 ރަށެއްގައި، 89 ހެލްތް ސެންޓަރ ޤާއިމުކުރުން، ނޫނީވިއްޔާ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން އިނގޭތޯ. މިއީ ސީދާ ބަޖެޓުގެ ތެރެއިން ކުރާ މަސައްކަތް. މިއީ ޕްލޭންޑް ކަންކަން. ޕްލޭނެއްގެ ތެރެއިން، ތަރުތީބެއްގެ ތެރެއިން ކަންކަން ކުރަމުންދާގޮތް، ވަރަށް ސާފުކޮށް މި ދަންނަވާލަނީ.
ޞިއްޙީ ދާއިރާގެ ވާހަކަ ދައްކާއިރު، ދުޅަހެޔޮ މުޖުތަމަޢެއްގެ ވާހަކަ ދައްކަންވާނެ. މިއީ ޕްރިވެންޓިވް ހެލްތް ކެއަރ، ޕަބްލިކް ހެލްތް ކެއަރއަކީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ހަމައެކަނި ބަލަނީ، މީހާ ބަލިވީމާ އަޅައިލަން. ބަލިވޭތޯ އުޅޭހެންވެސް ހީވޭ، ކަންތައްތައް އޮންނަ ގޮތުން. ލައިފް ސްޓައިލް، ސަރުކާރުގެ ސިޔާސަތު އޮންނަ ގޮތުން، ކެންސަރު ބައްޔާ، ހުރިހާ އެއްޗަކަށް ދާން ދޫކޮށްލާފައި ނޫންތޯ އޮތީ. އެހެންވީމާ، ނޮން ކޮމިއުނިކެބަލް ޑިޒީޒްތައް ރާއްޖޭގައި ވަރަށް ގިނަ. ބަލިކުރަން އުޅޭހެން ހީވަނީ. ބަލިވީމާ ޚިދުމަތް ދޭކަށްވެސް އެހާ ބޮޑަކަށް ނެތް ކަމެއް ކޮށްފައެއް. ދެންމެ މި ފާހަގަވީތާ، އެއްވެސްތާކު ހޯލްސޭލް ސެންޓަރެއްވެސް ނެތް. ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއްވެސް. އެހެންވީމާ، އެކަންކަން ކުރަން ނިންމާފައި އޮތް ގޮތް ދެންމެ މި ދެންނެވީ.
އެއާއެކީގައި، ޕްރިވެންޓިވް ޕަބްލިކް ހެލްތް ދާއިރާ ތަރައްޤީ ކުރަން އަޅުގަނޑު ނިންމާފައިވާ ގޮތް މިއީ. މިހާރު ޖީ.ޕީ. ނިޒާމަކީ ވަރަށް މުހިންމު އެއްޗެއް. ޖީ.ޕީ. ކްލިނިކްތައް މާލޭގައި ފުރަތަމަ މި ޤާއިމުކުރަނީ، ދެން ހަމަ ސިޓީތަކަށްވެސް އެކްސްޕޭންޑް ވާނެ. ޖީ.ޕީ. ކްލިނިކްތަކުން ވަރަށް ގިނަ، ކުދިކުދި ކަންކަން އެބަ ޙައްލުވޭ. ދެން އެއަށްފަހު، ސްޕެޝަލައިޒްޑް ޑޮކްޓަރުންނާ ހަމައަށް ދާގޮތަށް. ކުރީގެ ކޮރަލް ބޮލުވަރޑް ޕްރޮޖެކްޓަށް އެޅި ޝޯ ފްލެޓް ކިޔާތަން މިހާރު އެވަނީ، އާރު.ޑީ.ސީ.އިން އަޅުގަނޑުމެންނާ ހަވާލުކޮށްފައި، ޖީ.ޕީ. ކްލިނިކެއް ހަދަން. މާލޭގައި ހަދާނެ ހަތަރު އަވަށުގައި، ހަތަރު ޖީ.ޕީ. ކްލިނިކް. އެތަން މިހާރު ހަދަން އެ ހަވާލުކުރީ. ދެން އަޅުގަނޑުމެން އެކި އަވަށްތަކުގައި، އެކި ތަންތަން ހަވާލުކުރާނަން ހަދަން. އޭރުން އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ތަނުން، އަޞްލު ޙަޤީޤަތުގައި، ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރަން ވަރަށް ފަސޭހަވެގެންދާނެ.
ހުރިހާ އަތޮޅަކަށް ޕްރައިމަރީ ހެލްތް ކެއަރ ފުޅާކުރުމުގެ މަސައްކަތްވެސް ހަމަ ބާރު ސްޕީޑްގައި އެބަދޭ. ޓޮބޭކޯ ސިސޭޝަން ކްލިނިކްތައް މިހާރު ކޮންމެ ރަށެއްގައި ހުންނާނެ. އަދި ވަރަށް ބޮޑު އިސްކަމެއް އެބަ ދެން ބަޖެޓުގެ ތެރެއިން، އެ ތަންތަން އިތުރަށް އިކުއިޕް ކުރަން. މެޓީރިއަލް ވައިސް، އަދި ޓްރެއިންޑް މީހުން ވައިސް. އެހެންވީމާ، އަޅުގަނޑު ބޭނުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ރައްޔިތުން ދުރުވާން. އޭރުން މި ޖެހޭ ބަލިތަކުން ސަލާމަތް ވާނީ. ވަރަށް ގިނަ ބަލިތައް. ޚާއްޞަކޮށް، ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ އެންމެ ބޮޑު އެއް ރީޒަނަކީ، ހަމަ ދުންފަތުގެ އިސްތިޢުމާލު ކުރުން. އެހެންވީމާ، އެކަމުން ދުރުވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް، ކޮންމެ ރައްޔިތެއްވެސް. ދެން އަޅުގަނޑަށް މިހެން ބުނެލަން ފަސޭހަ، އަޅުގަނޑު ދުވަހަކުވެސް ސިނގިރޭޓެއް ނުބޯތީ. އެކަމަކު އަޅުގަނޑަށް އެނގޭ، މީހުންގެ ކަށީގައި ހިފާފައި ހުރި ކަމެއްކަންވެސް. އެހެންވީމާ، މިކަމުން ދުރުވާން އަޅުގަނޑު އެދެން، ހުރިހާ ރައްޔިތުންވެސް. އެހެންވީމާ، ދުރުވާން ބަލާއިރުގައި، ދުރުވާން އެހީވެސް ވާންޖެހޭނެ. އެހެންވީމާ، ޓޮބޭކޯ ސިސޭޝަން ކްލިނިކްތައް، ހުރިހާ އަތޮޅެއްގަޔާއި، ހުރިހާ ރަށެއްގައި ޤާއިމުކުރެވިގެން ދާނެ.
ދެން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މެންޓަލް އިޝޫޒް ދޮގެއްތޯ؟ ދެން މެންޓަލް ހެލްތް ލައިނެއް އަޅުގަނޑުމެން އަލަށް މި ސަރުކާރުން ޤާއިމުކޮށްގެން، މިދިޔަ އަހަރަށްވުރެ މި އަހަރު އޭގެ ބޭނުންކުރި މީހުން ގިނަ. ސީދާ ވަން ޓު ވަން ޚިދުމަތް ދެވެމުން އެ ދަނީ.
ދެން ބޭހުގެ ވާހަކަ ވަރަށް ބޮޑު އިޝޫއަކަށްވި. މި އިޝޫއަކަށްވީ ގޮތް އަޅުގަނޑު ދަންނަވާލަފާނަން. ދެން ފަހުން އާސަންދަ ވާހަކަ އަންނާނެ. އާސަންދަ ރިފޯމްގެ ތެރެއިން، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކެއް ބޭސިކަލީ. ރިޔާސީ ބަޔާނުގައި ވަރަށް ކުރުކޮށް އެ ވާހަކަ ގެނައިން. އާސަންދަ ރިފޯމްގެ ތެރެއިން އަޅުގަނޑުމެން އެޅި ފިޔަވަޅަކީ، ތައުޒަންޑް، ޓޫ ތައުޒަންޑް ޕަސެންޓް ޕްރޮފިޓް، ކުރީ ބައެއް ބޭސްތަކަށް. އާސަންދައިގެ ތެރެއިން މި ލާރި ޕްރައިވެޓް ކުންފުނިތަކަށް ލިބެނީ. ކިހާބޮޑު އިސްރާފެއްތޯ؟ އެހާ ބޮޑު ޕަސެންޓޭޖެއް. ސެވެރަލް ހަންޑްރެޑުން ގޮސް، ވަން، ޓޫ ތައުޒަންޑް ޕަސެންޓް ޕްރޮފިޓް. އާސަންދަ ތެރެއިން ނަގާ މި ފައިސާ. މިގޮތަށް ފައިސާ ނަގައިގެން، ބޭހުގެ ވިޔަފާރި ކުރަން ފެށި ބަޔަކު، އިސާހިތަކު އެބަތިބި މިހާރު ބޮޑެތި މަހުޖަނުންނަށް ވެފައި. ހަމައެކަނި ބޭހުގެ ވިޔަފާރިކޮށްގެން. އެހެންވީމާ، އެކަން ރަނގަޅުކުރަން، އަޅުގަނޑުމެން އަގުތައް ކެޕްކޮށްލީ. ކުޑަކޮށްލީ. ކުޑަކޮށްލީމާ، މީގެ ރިޕަކަޝަނެއް ގޮތުގައި، ބައެއް ވިޔަފާރިވެރިން، ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް. އެކަމަކު ޙަޤީޤަތް ދަންނަވާލަން. ހަމަ ޤަޞްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް. ހަމަ ޗޯކް ކޮށްލަންވެގެން. ހުއްޓާލީމާ ތާށިތަކެއް ދިމާވީ. އެސް.ޓީ.އޯ.އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާވަރަށް. ދެން ހަމަ ވަރަށް ސާފުކޮށް މިކަން ވީގޮތް މި ދަންނަވާލީ.
އެހެންވީމާ، އަޅުގަނޑުމެން މިހާރު ދެތިން ކަމެއް ކޮށްފިން. އެއްކަމަކަށް، އަސާސީ އީ.އެމް.އެލް. އެސެންޝިއަލް މެޑިސިން ލިސްޓުގެ 10 ބޭހެއް ފިޔަވައި، ހުރިހާ ބޭހެއް ގެނެސްފި މިހާރު އެސް.ޓީ.އޯ.އިން. ގެނެސް ހުރިހާ ރަށެއްގައި މިހާރު ހުންނަންވާނެ. އެސް.ޓީ.އޯ.އިން ދިން މަޢުލޫމާތު މިއީ. ދެން އެއްވެސް ރަށެއްގައި އެސް.ޓީ.އޯ. ފިހާރަ ނެތިއްޔާ އަޅުގަނޑުމެން އެދެން، އަޅުގަނޑުމެންނަށް އެ މަޢުލޫމާތު ފޮނުވައިދިނުން. އެސް.ޓީ.އޯ. ހުރިހާ ބޭސް ފިހާރައެއްގައި މިހާރު އީ.އެމް.އެލް.ގެ 10 މެޑިސިނެއް ނޫނީވިއްޔާ ހުންނާނެ. އެ 10 މެޑިސިން ގެނައުމުގެ މަސައްކަތްވެސް އެބަ ކުރޭ. ދެން، އެޕްރޫވްޑް ޑްރަގް ލިސްޓް. އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން، 787 ބޭސް މިހާރު ލިބެމުން ދަނީ. ބާކީ ގެނައުމުގެ މަސައްކަތްވެސް އެބަ ހިނގާ. 300 ބޭހަށް އެވަނީ އޯޑަރ ދީފައި. ދެން އަނެއް 115 ބޭސް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެބަ ހިނގާ.
ދެން އަޅުގަނޑު ހަމަ ކުރިން މި ދެންނެވީ ނޫންތޯ، އަޅުގަނޑުމެން ކަޓްޑައުން ކޮށްލި ވާހަކަ. އެ ކަޓްޑައުން ކޮށްލި ކޮށްލުމަށް ކުޑަކުޑަ މާރޖިންއެއް ލައިދީފިން މިހާރު އިނގޭތޯ. މި އެޕްރީލް މަހުގެ 20 ން ފެށިގެން، އަޅުގަނޑުމެން ކުރިން ޕްރައިވެޓް ސެކްޓަރއަށް މި ބޮޑު ޕްރޮފިޓެއް ނަގަމުންދިޔަ ދިޔުން ކަނޑާލި ކަނޑާލުމުގައި، އަޅުގަނޑު ހަނދާންވަނީ 15 ޕަސެންޓްކަންނޭނގެ އަޅުގަނޑުމެން އިތުރުކޮށްލަދީފިން. މާނައަކީ، އެމީހުންނަށް ކުރިއަށްވުރެ، މިދޭތެރެއިން ކަޓްޑައުން ކޮށްލި ވަރަށްވުރެ ތަންކޮޅެއް ރަނގަޅު އެއްޗެއް ލިބޭގޮތް ހަދައިދިނީ މި 77 ބޭހަކަށް. އެންމެ ގިނައިން ގެންނަ 77 ބޭހަކަށް. އެކަންވެސް މި ކުރީ، ދެން އެމީހުންނަށްވެސް މީގެ ތެރެއިން، އިތުރު ހިތްވަރެއް ދޭން، ބޭސް ގެނައުމުގައި. އެ ސްޓޮކް މެއިންޓެއިން ކުރަން ބާރުއެޅުމަށްޓަކައި.
އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މިކަމުގައި މިހާރު ހިފެހެއްޓުމެއް ނައިސް، އެ ބޭފުޅުން ބޭސް ގެންނަވާނެ ކަމަށް. މިހާރު ކުރިއަށްވުރެ އެ މީހުންނަށް ލިބޭ ޕްރޮފިޓް، އެންމެ ކުރިން ލިބުނުވަރާ ގާތަށްވެސް އޮފްކޯޒް ނުލިބޭނެ. އެއަށްވުރެ، ފަހުން ކުޑަކޮށްލި ވަރަށްވުރެ ރަނގަޅު ވާނެ މިހާރު.
އާދެ، ދެން ހަމަ ދުންފަތުގެ ވާހަކަ އަޅުގަނޑު ހަމަ ދައްކާއިރުގައި، މި ޖެނެރޭޝަނަލް ބޭންގެ ވާހަކަ ފާހަގަކޮށްލާނަން. މިހާރު އަޅުގަނޑުމެން ވާނީ، ޖެނެރޭޝަނަލް ބޭން ހުށަހަޅާފައި. ފުރަތަމަ އިޞްލާޙު މިހާރު ވަނީ ގެޒެޓްކޮށްފައި. ދެން އޭގެފަހުން، މިހާރު ވާނީ، ޖެނެރޭޝަނަލް ބޭން އިޞްލާޙުވެސް ހުށަހަޅާފައި. އޭގެ ދަށުން އިރާދަކުރެއްވިއްޔާ، ތަންފީޒުވެގެން އަންނަނީ 1 ނޮވެންބަރުން ފެށިގެން، 2007ގެ ޖަނަވަރީ މަހުން ފެށިގެން އުފަންވި އަދި އުފަންވާނެ ހުރިހާ އެންމެންނަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރު ބަޔަކަށް ވެގެންދިޔުން. އެހެންވީމާ، އެއީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި، އެކަމުގެ ތެރެޔަށް ނުގޮސް ތިބި މީހުން، އޭގެ ތެރެޔަށް ނުވަދެ ހިފެހެއްޓުމަށް އަޅުގަނޑުމެން އެންމެންނަށް ކޮށްދެވޭ ވަރަށް ބޮޑު ކަމަކަށް ވާނެ.
ދެން އަޅުގަނޑުމެން މިހާރު މި ތަންފީޒުކުރާ ޤާނޫނުގެ ތެރެއިންވެސް، އިމްޕްލިމެންޓޭޝަންގެ ތެރެއިން އަޅުގަނޑުމެންނަށް ވޭޕް މަނާކުރެވިފައި އޮތް އޮތުމުގެ ތެރެއިން، 26,000 ވޭޕް، ނޫނީވިއްޔާ އޭގެ އާލާތްތައް ވަނީ ހިފެހެއްޓިފައި. 14.5 މިލިއަން ސިނގިރޭޓް އަތުލައިގަނެވިއްޖެ، މި ޤާނޫނު އިޞްލާޙުކުރި ފަހުން. ސްމަގްލް ކުރި ސިނގިރޭޓް. އެހެންވީމާ، ކުރިން ދެންނެވި ގޮތަށް، ޖެނެރޭޝަނަލް ބޭން އިރާދަކުރެއްވިއްޔާ ތަންފީޒު ވާނެ، ނޮވެންބަރު 1 ން ފެށިގެން. އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއް.
އަޅުގަނޑު ކުރިން ދެންނެވިން، ޕްރިވެންޓިވް ހެލްތް. އަޅުގަނޑުމެންގެ ތެރޭގައި ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އެންމެ ބޮޑެތި ކަންތައްތައް މި ކުރެވެނީ. ވޭޕް މަނާކުރުން، ޖެނެރޭޝަނަލް ބޭން، ދެން ސިނގިރޭޓް. އެއިން ދުރުވުމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ޞިއްޙީ ޙާލަތު ރަނގަޅުވެގެންދާނެ. ޞިއްޙީ ޙާލަތު ރަނގަޅުކުރުމުގައި ވަރަށް މުހިންމު ކަމެއް ކުޅިވަރު ކުޅުމަކީ. އަޅުގަނޑުމެންގެ ލައިފް ސްޓައިލަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ހެލްތީ ލިވިންގއެއްގައި އުޅޭކަމަށްވަންޏާ.
އެގޮތުން ބަލާއިރުގައި، މިހާރު އަޅުގަނޑުމެން ވާނެ ސޮއިކޮށްފައި، ކުޅިވަރުގެ 192 މަޝްރޫޢުގައި. އަދި 377 މަޝްރޫޢެއް އިތުރަށް ސޮއިކުރުމަށް ހަމަޖެހިފައި ވާނެ. އޭގެ ތަފްޞީލަށް އަޅުގަނޑު ގޮސްލާނަން. މީގެ ތެރޭގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް، މިހާރު ސޮއިކުރެވިފައިވާ އަދަދާއި، ސޮއިކުރަން ޕްލޭން ކުރެވިފައިވާ އަދަދު، މީގެތެރެއިން ފެނިގެން މިދަނީ. އާދެ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް މިހާރު ހަވާލުކުރެވިފައިވާ ގޮތް، މި ޗާޓުން ފެނިވަޑައިގަންނަވާނެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމަށް މިހާރު ވަނީ ސޮއިކުރެވިފައި. އަދި ޕްލޭން ކުރެވިފައި، މި އަންނަ އަހަރު ތެރޭގައި ހަވާލުކުރުމަށްޓަކައި 117 ރަށެއް ވަނީ ކަނޑައެޅިފައި. އައުޓްޑޯ ޖިމް، އައުޓްޑޯ ޖިމްތައްވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިރާދަކުރެއްވިއްޔާ ޤާއިމުކުރެވިގެންދާނެ. އައުޓްޑޯ ޖިމް ޤާއިމުކުރަނީ، އެއީ، ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށްވެސް ފައިދާވާ ކަމަކަށްވޭ. އަޅުގަނޑުމެން ބޭނުންވަނީ، ކަސްރަތުކޮށްގެން، ރަނގަޅު ކާއެއްޗެތި ކައިގެން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވެފައި އޮތް މުޖުތަމަޢެއް ރާއްޖޭގައި އޮންނަން. މިކަމަށް މިހާބޮޑަށް މި އިންވެސްޓް ކުރަނީ އެހެންވެގެން. އަޅުގަނޑުމެންގެ ޓާގެޓަކީ، މި އަންނަ އަހަރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނީ އައުޓްޑޯ ޖިމް އެޅިފައި. ހުރިހާ ރަށެއްގައި އިކުއިޕްޑް ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ހުންނާނެ. ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ހުންނާނެ ޤާއިމުކުރެވިފައި. އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށް ގެންދެވޭނެ.
އާދެ، މީގެތެރެއިން ހަމަ ދެތިން މަޝްރޫޢެއް އަޅުގަނޑު ފާހަގަކޮށްލާނަން، ކުޅިވަރުގެ ތެރެއިން. ސްކޭޓް، ސްކޭޓް ކުރުމަކީ، ވަރަށް ގިނަ ޒުވާން ކުދިން ކުރާ ކަމެއް. އަޅުގަނޑުމެން މިހާރުވާނެ، ދެ މަޝްރޫޢެއް މިކަމުގައި ކުރިއަށްގެންދަން ނިންމާފައި. ބިން ކަނޑައަޅައި، ހުރިހާ ކަމެއް ނިންމާފައި. ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް، އުސް ފަސްގަނޑުގައި ސްޓޭންޑަޑް ސްކޭޓް ޕާކެއް ހެދުން. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން ފަށައި، މި އަހަރުގެ ތެރޭގައި ނިންމައި ހުޅުވާނަން.
ދެން އިންޓަރނޭޝަނަލް ސްކޭޓް ޕާކެއް. އިންޓަރނޭޝަނަލް މުބާރާތްތައް ގެންދެވޭ ފެންވަރުގެ ސްކޭޓް ޕާކެއް، ހުޅުމާލޭގައި އެޗް.ޑީ.ސީ.ގެ ފަރާތުން އެޅުމަށް އަޅުގަނޑުމެން މިހާރުވާނީ، އެޗް.ޑީ.ސީ.އާ ހަވާލުކޮށްފައި. އަޅުގަނޑު ހަނދާންވަނީ 25,000 އަކަފޫޓުގެ ބިމެކޭ ކަނޑައަޅާފައި ވަނީ. ދެން ރޭސިންގ ޓްރެކް އެޅުމަށްވެސް މިހާރުވާނީ އެމް.އޭ.ސީ.އެލް.އާ ހަވާލުކޮށްފައި. އެމް.އޭ.ސީ.އެލް.އިން އިންވެސްޓްކޮށްގެން، އެ ރޭސިންގ ޓްރެކް ހަދާގޮތަށް މިހާރު ވާނީ. އެންމެ ފަސޭހައިން ތިޔަބޭފުޅުންނަށް އަޅުގަނޑަށް ދަންނަވާލެވޭނެ ގޮތަކީ، އެ ޓްރެކް ހަދަނީ ލިންކްރޯޑް، ބުރިޖުން ފެށިގެން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭ. މި ހައިވޭގައި ބޭރަށް ހުންނާނެ ސޯލާ ޕެނަލްތަކެއް. އޭގެ ބޭރުން އޮންނަ މޫދުން ބައެއް ހިއްކައިގެން. އެއީ، މީހުން އުޅޭ ސަރަޙައްދަކުން މިކަމެއް ނެތް ކުރެވޭކަށް. ނުރައްކާތެރިވީމަ. ހުޅުމާލެއަކު ބިމެއް ނެތް. ގުޅިފައި އޮންނަތާކު މިކަން ކުރަން ބޭނުން. އެހެންވީމާ، އެ ތަނުން އެބަ ލިބޭ ލެންތު. ދެން އެ ސަރަޙައްދު ހިއްކަން ބޭނުންވާވަރަކަށް ހިއްކެން އެބައޮތް. ރާޅުޖަހާ ސަރަޙައްދުވީމާ. އެހެންވީމާ، ހިއްކާފައި އެތަނުގައި ރޭސިންގ ޓްރެކް އަޅަން މިހާރުވާނީ އެމް.އޭ.ސީ.އެލް. އަށް ދަންނަވާފައި. އަޅުގަނޑު އުންމީދު ކުރަން، އެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާނެ ކަމަށް. ތިޔަބޭފުޅުން އެމް.އޭ.ސީ.އެލް. ތުރޫކޮށް، އޭގެ ޑީޓެއިލްސް ހޯއްދެވުން އެދެން. ނިމޭނެ ޑޭޓަކާއި، އެ މީހުން ޚަރަދުކުރާވަރާއި، ތަފްޞީލުތައް.
ދެން ނެޓްބޯލް ކޮމްޕްލެކްސްއަކާއި، ފުޓްސެލް ކޮމްޕްލެކްސްއެއް އަޅަން މިހާރުވާނީ ހުޅުމާލެއިން، ދެ ބިން ހޯދާފައި. އެއީ، މަލްޓި ސްޓޯރީކޮށް އަޅާ ދެ އިމާރާތް. އެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފަށާނެ.
ދެން އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ކުޑަކުދިންގެ ޕާކުތައް. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، މިހާރު ހަވާލުކުރެވިފައިވާ ރަށްތައް މިއީ. އެކަމަކު މި އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް ނިމޭނެ.
އާދެ، އިޖުތިމާޢީ ރައްކާތެރިކަމަށް ބަލައިލާއިރުގައި، އާސަންދައިން ޚަރަދުކުރެވިފައިވާ ގޮތް އަޅުގަނޑު މި ފާހަގަކޮށްލަދެނީ. އާސަންދަ ނިޒާމުގެ ތެރެއިން ކޮންމެ އަހަރަކު ޚަރަދުކުރެވިފައިވާ ޢަދަދު، އަދި މި އަހަރުގެ މިއަދާ ހަމައަށް، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް، ޚަރަދުކުރެވިފައިވާ މިންވަރު މިއިން ފާހަގަވެގެންދާނެ. އަދި އެންސްޕާއިން ޚަރަދުކުރެވުނު ޢަދަދުވެސް، މި ޗާޓުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ސިންގަލް ޕޭރަންޓް އެލަވަންސް، މެޑިކަލް ވެލްފެއަރ އަދި ޑިސްއެބިލިޓީ އެލަވަންސްވެސް ދެވިފައިވާ ޢަދަދު، މިލިއަން ރުފިޔާއިން، މިއިން މި ފާހަގަވެގެން މިދަނީ.
އާދެ، ދެން ފޯސްޓަރ ޕޭރަންޓް އެލަވަންސާއި، ފައިނޭންޝަލް އެސިސްޓެންސް ފޮރ ތެރަޕިޓިކަލް ސަރވިސަސްއަށް ޚަރަދު ކުރެވިފައިވާވަރުވެސް، އެންސްޕާއިން ކުރެވިފައިވާވަރު މި ޗާޓުން ފެނިވަޑައިގަންނަވާނެ.
އާދެ، ''ހާލު ކިހިނެއް'' ޕްރޮގްރާމްގެ ނަމުގައި އަޅުގަނޑުމެންގެ ޓީމުތައް، ރާއްޖޭގެ 14337 ގެޔަކަށް މިހާރު ހިނގައްޖެ. އެ ބޭފުޅުންގެ ހާލުބަލައި، އެ ބޭފުޅުންނަށް އެހީވުމަށް ކަންތައްތައް ކުރުމަށްޓަކައި. މިއީ ވަރަށް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫޢެއް. މިހާރު 16 އަތޮޅެއް ކަވަރކޮށް ނިމުނީ. ދިސް އިޒް އޮންގޮއިންގ ޕްރޮސެސް.
ޒަކާތު ފަންޑުގެ ތެރެއިން އަޅުގަނޑުމެން ހަމަ އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން، ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް މަސައްކަތް، މިހާރު 14 ކުއްޖަކު މިވަނީ ފަރުވާއަށް ފޮނުވިފައި. އެއީ، އަޅުގަނޑު ވެފައިވާ ވަޢުދެއް. ސަރުކާރުގެ ޚަރަދުގައި އަޅުގަނޑުމެން ބޯންމެރޯ ޓްރާންސްޕްލާންޓް ކޮށްދޭނެ ކަމަށް. އެހެންވީމާ، އެކަން އިރާދަކުރެއްވީތީ ދަނީ އެގޮތަށް.
އަދި ހަމަ އަނެއް ވަޢުދު މިއީ އައި.ވީ.އެފް.، އައި.ޔޫ.އައި. ފަރުވާއަށް އަޅުގަނޑުމެން ނިޒާމުގެ ތެރެއިން މަގުފަހިކޮށްދެން. އެކަން ހަމަޖައްސައިދިން ފަހުން މިހާރު 96 ފަރާތަކަށްވަނީ، ފަރުވާ ދެވިފައި.
އާދެ، ލާމަރުކަޒީ ނިޒާމު. އާދެ، އަޅުގަނޑުމެން ކަންކަން ކުރަން ބޭނުންވަނީ، ދެންމެ ފެނުނު ހުރިހާ ޗާޓަކުންވެސް ފެނިވަޑައިގަންނަވާނެ، މާލެ ނޫން ހުރިހާ ތަނަކަށްވެސް ހަމަ އެއްވަރަކަށް ސަމާލުކަންދޭކަން. ލާމަރުކަޒީކޮށް ކަންކަން ކުރަން ބޭނުންވަނީ. ކައުންސިލްތައް ބާރުވެރިކުރުވައިގެން، ކަންކަން ކުރަން ބޭނުންވަނީ. އެގޮތުން އަޅުގަނޑުމެންވާނީ ހުޅުވާލާފައި، 28 ރަށެއް ކައުންސިލްތަކަށް ނެގޭގޮތަށް. ޕްރޮޕޯޒަލް ހުށަހަޅައިގެން. ދެން މި ހުޅުވާލި ފުރުޞަތުގައި، މިހާރު ހަތަރު ރަށެއް ދޫވެސްކުރެވިއްޖެ. ހަމަ އެ ޕްރޮޕޯޒަލްއަކީ، އޯޕަން ފުރުޞަތެއް އިނގޭތޯ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތަކީ، ހުޅުވާލެވިފައި އޮތް ފުރުޞަތެއް. ވަކި ގަވާއިދެއް ގެޒެޓް ކުރެވިފައި އޮތް. މި ހަތަރު ރަށް މިހާރު މިވަނީ، އެގޮތުން ދޫކުރެވިފައި.
ދެން އިޚްތިޞާޞްގެ ތެރޭގައި، އެއަށް އިތުރުކުރެވުނު ރަށްތަކަށް ބަލާއިރުގައި، އަޅުގަނޑުމެން ވަނީ އިޚްތިޞާޞްގެ ތެރެއަށްވެސް ބައެއް ރަށްތައް އިތުރުކޮށްދެވިފައި. މ. މުލީގެ އިދާރީ ދާއިރާ، އިޚްތިޞާޞަށް ބަދަލުގެނެސް، މ. ބޯހުރާ ހިމެނުން. ލ. ގަމުގެ އިދާރީ ދާއިރާ، އިޚްތިޞާޞަށް ބަދަލުގެނެސް، ލ. ބޮޑުފިނޮޅު ހިމެނުން. އަދި ގއ. މާމެންދޫ އިޚްތިޞާޞްގައި ގއ. ހުޅިމެންދޫ މިހާރުވާނީ ހިމަނައިދީފައި. މިއީ މުޅިންވެސް ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައިވާ ވަޢުދުތައް. ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާ ކަންކަން. އެހެންވީމާ، އަޅުގަނޑު މިހާރު މިވަނީ މިކަންކަން ކޮށްދީފައި.
އަދި އޭގެ އިތުރަށް، ރަށުގެ ބައެއްގެ ގޮތުގައިވެސް، 11 ރަށެއް ހަމަޖައްސައިދީފިން. މިވެސް އަޅުގަނޑު ހަމަ ރިޔާސީ އިންތިޚާބާއި އަދި ދަތުރުތަކުގައްޔާއި، އެކިކަހަލަ ބައްދަލުވުންތަކުން ކޮމިޓްމަންޓް ދެވިފައި، ރައްޔިތުންނަށް ވަޢުދުވެފައި ހުރި ކަންކަން. އެހެންވީމާ، މި 11 ރަށް މި ޗާޓުން، މި ސްލައިޑުން މި ފެންނަނީ 7 ރަށެއް. ދެން މި ސްލައިޑްގައި ބާކީހުރި ރަށްރަށް. އެންމެފަހުން ހދ. ހިރިނައިދޫ، އެ އަތޮޅު ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނީ އިހަކަށްދުވަހު. މީގެ ބޭނުމަކީ، އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ އިޤްތިޞާދީ ކަންކަން ކުރުމާއި، ބޯހިޔާވަހިކަމުގެ މަސައްކަތް ކުރުމާއި، ޚިދުމަތްދިނުމާއި، މިހެންގޮސް ކަންކަމަށް ބިން ލިބިގެން ދިޔުން. އެހެންވީމާ، ލާމަރުކަޒީކޮށް، ރައްޔިތުންނަށް ރައްޔިތުންގެ ބާރުވެރިކަން ހޯދައިދޭން އަޅުގަނޑު މި މަސައްކަތް ކުރަނީ. އެ ރައްޔިތުން ބޭނުންވާ ކަންކަމަށް މަގުފަހި މިކޮށްދެނީ. އެ ބޭފުޅުންނަށް ކަންކަން ކޮށްދެވޭނެ ގޮތްގޮތް ބަލައިގެން.
ކައުންސިލް އިމާރާތްތައް ޤާއިމުކުރަނީވެސް އެ ބޭނުމުގައި. ބައެއް މީހުން ސުވާލުކުރޭ، ކީއްކުރަން ކުރާ ކަމެއްހޭ ތިއީ؟ އެކަމަކު ކައުންސިލަކުން ޚިދުމަތްދެނީ ކޮންމެ ރަށެއްގައި މުނިސިޕަލް. ދެން ހަމަ އެތަނުގައިވެސް ތިބެނީ އެ ރަށުގެ ރައްޔިތުންނޭ. ދިވެހި ރައްޔިތުން. އިންސާނުން. އެ މީހުން އުޅެންވީ ފޫޖަހާފައި ހުރި، ބޮލަށް ވެއްޓެންވެފައި ހުރި ތަނެއްގައި، އެއީ، ފާރުތައްވެސް ފަޅައިގެން ގޮސްފައި. އެއީ ގޮތެއްނޫން. އެހެންވީމާ، އެ ތަންތަން އެބަ ވާންޖެހޭ، އެ މުވައްޒަފުންވެސް ރަނގަޅު މާޙައުލެއްގައި، ހިތްހަމަޖެހޭ މާޙައުލެއްގައި މަސައްކަތް ކުރީމާ، އެ މުވައްޒަފުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތެއް އުފާވެރިގޮތެއްގައި ދެވޭނީ. ޢަދުލުވެރިވާންޖެހޭނެ އަޅުގަނޑުމެން.
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ، ކައުންސިލްތައްވެސް ހަދައިދޭން. އަޅުގަނޑަށް ވަރަށް ވަރަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފެނުނީ، ކައުންސިލް އިމާރާތްތައް ހަދައިދިނުން. ބައެއް އިމާރާތްތައް އެބަހުރި، 35 އަހަރު، 40 އަހަރު ވެފައި. ބޮލަށް ވެއްޓެންވެފައި ހުރި އިމާރާތްތައް. އެހެންވީމާ، ކައުންސިލް އިމާރާތްތައް ހަދައިދޭން ނިންމީ މިހެންވެގެން. މިއީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހަވާލުކުރި 55 ރަށް. ދެން މިއީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ހަދަން ނިންމާފައިވާ 50 ރަށް. އެހެންވީމާ، ޖުމުލަ 105 ރަށް.
އާދެ، ލާމަރުކަޒީކޮށް ކަންތައް ކުރުމަށްޓަކައި، އަޅުގަނޑުމެން ނިންމާފައި ހުރި ކަންކަމުގެ ތެރޭގައި، އައި.ޑީ.ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މިވަނީ ރަށްރަށަށް ފަތުރާލާފައި. މި ޗާޓުން މި ފެނިވަޑައިގަންނަވަނީ، މިހާރު ޤާއިމުކުރެވި، އަދި ކުރިއަށް އޮތް ތަނުގައި އައި.ޑީ.ކާޑު ޚިދުމަތް ޤާއިމުކުރަން ނިންމާފައިވާ ރަށްރަށާއި، އަދި އެއާއެކީގައި ޕާސްޕޯޓުގެ ޚިދުމަތް. މިއީ، މި އަހަރުގެ ތެރޭގައި ހަމަ އިނގޭތޯ، މި އަހަރުގެ ނިމެންވާއިރަށް، އައި.ޑީ.ކާޑާއި، ޕާސްޕޯޓް، ކޮންމެ އަތޮޅެއްގައިވެސް މިނިމަމް އެއްތަން، ބައެއް އަތޮޅުގައި ދެ ތަން، ބައެއް އަތޮޅުގައި ތިން ރަށްވެސް ހުންނާނެ ހިމެނިފައި. އެއީ، ޖިއޮގްރަފިކަލީ، ނޫނީވިއްޔާ އިޤްތިޞާދީ މަސައްކަތުގެ ގޮތުން ބަލަންޏާ ހިމެނުން. މިސާލަކަށް، ހއ. އަށް ބައްލަވާ. ހއ. އުލިގަމު. އުލިގަމަކީ ޒަމާނުއްސުރެ ޔޮޓު ޚިދުމަތް، ވިޔަފާރި ހިނގާ ރަށެއް. އަދި މިހާރުވެސް އިމިގްރޭޝަންގެ އޮފީހެއް ހުރޭ. އެހެންވީމާ، ހއ.ގައި ތަންކޮޅެއް ގިނަވާނެ، ޕާސްޕޯޓް ދޫކުރާ ތަންތަން. ދެން އެހެންގޮސް ހަމަ މިސާލެއް މި ދަންނަވާލީ އިނގޭތޯ.
ދެން ހަމަ އެގޮތަށް، ބޭންކިންގ ޚިދުމަތްވެސް މި ފުޅާކުރަނީ. މި އަހަރު ނިމޭއިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް. ހުންނާނެ. ބީ.އެމް.އެލް.ގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކީގައި މިކަން މި ހިނގަނީ. ވަރަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް.އެއް ޤާއިމުކުރެވިގެން ދާނެ ހުރިހާ ރަށެއްގައި. މިހާރު ބައެއް އަތޮޅުތައް އެކީގައި ނިމެނީ. މި މަހުވެސް ޤާއިމުވާނެ. މި އަންނަ މަހުވެސް ޤާއިމުވާނެ.
މިއީ، އަޅުގަނޑުމެން ޑިޖިޓަލައިޒް ވާރލްޑަކަށް ދާއިރުވެސް މުހިންމު ކަމެއް. ވަރަށް މުހިންމު ކަމެއް އެއީ، ފިޒިކަލީ އެ ރަށުން، ކޭޝް ނެގޭގޮތްވުން. ފިޒިކަލީ ހުންނަ އޭ.ޓީ.އެމް.އެއްގެ ތެރެއިން އެ ލިބެންޖެހޭ ބޭންކިންގ ސަރވިސް ލިބުމަކީ، ކުރަންޖެހޭ ކަމެއް. އެއީ، މިވަގުތު ބޭނުންވާ ކަމެއް. އަދި ކުރިއަށް އޮތް އަހަރުތަކެއް ފަހުން، އޭގެ ބޭނުން ކެނޑިގެންދާނެ ބައެއް މީހުންނަށް. އެކަމަކު ޢުމުރުން ދުވަސްވީ ފަރާތްތަކާއި، ދެން ހަމަ ވަރަށް ޒަރޫރީ ކަމަކަށްވޭ، ފިޒިކަލީ އޭ.ޓީ.އެމް. ހުރުން.
އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބުގައި މިކަން އައި، ވަރަށް ގިނަ ރަށްތަކުން. އަޅުގަނޑުގެ މެނިފެސްޓޯގަޔާއި، ޕޯޑިއަމްތަކުގައި ވެފައި ހުރި ވަޢުދުތަކަށް ބަލާއިރުގައި، ގާތްގަނޑަކަށް އަށްޑިހަވަރަކަށް ރަށް އެބައޮތް އަޅުގަނޑަށް ލިސްޓް ކުރެވިފައި. އޭ.ޓީ.އެމް. ބަހައްޓައިދޭނެ ކަމަށް އަޅުގަނޑު ވަޢުދުވެފައި. އަށްޑިހަވަރަކަށް ރަށް. އެހާވެސް ބޭނުންވޭ، އެ މީހުން އެ ކަންތައް.
އެހެންވީމާ، ބީ.އެމް.އެލް.އިން އިރާދަކުރެއްވިއްޔާ މިގޮތަށް ޤާއިމުކުރާނެ. އަދި ބްރާންޗަސްވެސް. އިރާދަކުރެއްވިއްޔާ 12 ރަށެއްގައި ބްރާންޗް މި ޤާއިމުކޮށްދެނީ. މިއީ، ދެ އަހަރު ދުވަހުގެ މަޝްރޫޢެއް އެކަމަކު. މި އަހަރަކު ނުނިމޭނެ ހުރިހާ ބްރާންޗެއް. މި އަހަރަކު ނުނިމޭނެ ހުރިހާ ބްރާންޗެއް. ދެން އެންމެ އަވަހަށް ބްރާންޗެއް، ގައިމުވެސް ހުޅުވޭނެ އުކުޅަހާއި، ދުވާފަރުގައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ދުވާފަރުގައި ޖޫންމަހު ބްރާންޗް ޤާއިމުވާނެ. ދެން މިއީ ދެ އަހަރު ދުވަހަށް ބަހައިލެވިގެން ހިނގާ މަޝްރޫޢެއް. މިހާރު ބައެއް ތަންތާނގައި ބްރާންޗަސް ހުޅުވިއްޖެ. މި ޗާޓުގައި ހުރި ބައެއް ތަންތަން ހުންނާނެ ހުޅުވިފައި އިނގޭތޯ.
ދެން އަޅުގަނޑު ކުރިން ފާހަގަކުރި، އޭ.ޓީ.އެމް.ތަކުގެ ތެރޭގައި ހުންނާނެ ޑޮލަރ އޭ.ޓީ.އެމް.ވެސް މިހާރު ބައެއް ތަންތާނގައި. ކުޅުދުއްފުށި، އައްޑޫ ތަންތާނގައި. މާފުށި ތަންތާނގައި ޤާއިމުކުރެވިފައި.
އާދެ، ހަމަ ލާމަރުކަޒީ ނިޒާމުން ޤައުމު ހިންގުމުގެ ތެރެއިން އަޅުގަނޑު ރައްޔިތުންނާވެސް ބައްދަލުކުރަނީ. އަޅުގަނޑަށް މިހާތަނަށް، 118 ރަށަށް ދެވިއްޖެ. މިއީ ޑަބަލްކޮށް ދިޔަ ޢަދަދު ނުލައި. ޔުނިކް ހަންޑްރެޑް އެންޑް އެއިޓީން. 118 ރަށަށް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ހިނގައްޖައިން. 199 ކައުންސިލް. އެއީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ސިޓީ ކައުންސިލް ހުރިހާ ވައްތަރެއް. އިންކްލޫޑަޑް 199 ކައުންސިލާ ބައްދަލުވެއްޖެ. ދެން ހަމަ ރައްޔިތުންގެ 118 ބައްދަލުވުން ބޭއްވިއްޖެ. މިއީ، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި. ރައްޔިތުންނާ ހަމަ ސީދާ ގާތަށްގޮސް، ރައްޔިތުންގެ ގާތުން އަޑުއަހައިގެން ކަންތައްތައް މި ކުރަނީ. ރައްޔިތުންނެއް ނުގެންނަން މާލެއަކަށެއް އަޅުގަނޑެއް. އަޅުގަނޑަށް ކަމުދާ ސްޓައިލެއް ނޫން އެއީކީއެއް. އެހެންވީމާ، އަޅުގަނޑު މިދަނީ ރައްޔިތުންގެ ގާތަށް. ކައުންސިލްގެ ގާތަށް. ގޮސްގެން، އިށީނދެގެން، ރައްޔިތުން ބޭނުންވާ ކަންތައް ބަލައިގެން ކަންތައްތައް މި ކުރަނީ. އެހެންވީމާ، މިއީ އެކަމުގެ ސްޓެޓިސްޓިކްސްއަކީ.
އާދެ، ދެން ހަމަ މުޅި މުޖުތަމަޢުގައި އެންމެ ބޮޑުވެފައިވާ ބައެއް ކަންކަމާ އެކީގައި ގޮސްފައި، އަޅުގަނޑު ނިންމާލަން ހިފާލާނަން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި، އަޅުގަނޑު ކަނޑައަޅާފައި ވާނެ، ތިން ދާއިރާއަކުން މުޅި ރާއްޖޭގައި އޮތް ބޮޑު މައްސަލަތަކެއް ޙައްލުކުރަން. ކުރިންވެސް ހިނގައްޖެ ވަރަށް މުހިންމު ކަންތައްތަކެއް. އެކަމަކު ވަކިން ޚާއްޞަ ތިން ދާއިރާއެއް. އެއީ، މަސްތުވާތަކެތީގެ މައްސަލަ، އެއް ކަމަކަށް.
މަސްތުވާތަކެތީގެ މައްސަލައަށް ބަލާއިރުގައި، އަޅުގަނޑުމެން ވާނީ މިދިޔަ އަހަރުގެ ތެރޭގައި، މި ޢަދަދުތަކަށް ބަނގުރާ ފުޅި، މަސްތުވާތަކެތި އެއްޗެތި އަތުލާފައި. އެއީ، ކުރީ އަހަރާ ބަލާއިރުގައި، 478 ޕަސެންޓް އިތުރު ޢަދަދެއް އަތުލެވިފައި. ވަރަށް ގިނަ އޮޕަރޭޝަންސް ހިންގާފައި މިހިރީ، މަސްތުވާތަކެތި އަތުލަން. ދެން ޑުރަގް އިންފޯސްމަންޓުން މަސްތުވާތަކެތި އަތުލައިގަތުމުގެ 4929 އޮޕަރޭޝަން ހިންގައި، އަދި ގިނަ މަސައްކަތްތަކެއް މިހިރީ ކުރެވިފައި.
ހަމައެއާއެކީގައި، މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް މިހާރުވަނީ މަޖިލީހަށް ފޮނުވިފައި. ދެން މައިގަނޑު ގޮތެއްގައި އެ އިޞްލާޙުން އަޅުގަނޑުމެން ހާސިލުކުރަން މި ބޭނުންވާ ކަންކަމަކީ، އެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން މިހާރު ނެތް މަގުތައް ހުޅުވަން މިއުޅެނީ. މިކަން ޙައްލުކުރަން ފޮރ ރިއަލް އަޅުގަނޑު ބޭނުންވެގެން މިއުޅެނީ. ދެން އަބަދުވެސް ކިޔާ އެއްޗެއް ދޮގެއްތޯ، ޤާނޫނުވެސް އެބައޮތޭ. ޤާނޫނުން އެކަން އަސްލު ކުރަންޏާ ހަމަ ބޮޑެތި ވަރސް އެބަހުއްޓޭ. އެހެންވީމާ، މިއުޅެނީ އިޞްލާޙުތައް ގެންނަން. ދެން އެކަން ކުރާ މީހުންގެ ވިޔަފާރިތައް ނަގަން، މުދާތައް ނަގަން ދައުލަތަށް. މަސްތުވާތަކެތި ބޭނުންކޮށްގެން، ވިޔަފާރިކުރާ ފަރާތްތަކުގެ މުދާތައް ދައުލަތަށް ނަގަން. މަސްތުވާތަކެތި ބޭނުންކޮށްގެން. އެހެނެއްނޫން، ދެން އެހެން ކަމެއް ކޮށްގެން އަތެއްނުލެވޭނެ. ވިއްކައިގެން، ޑީލްކޮށްގެން ހޯދާ ފައިސާއިން.
ދެން ހަމަ އެ މީހުން އޭގެތެރެއިން ނެރުންވެސް އެބައޮތް މި ޤާނޫނުގައި. ބެކް ޓު ސޮސައިޓީއަށް ގެނެސް، ރީހެބިލިޓޭޓް ކޮށް، ބޭނުންތެރި މީހުންނަށް ހެދުންވެސް. ސޯ، ވަށައިޖެހޭ އިޞްލާޙެއް މިއީ. ވަށައިޖެހޭ އިޞްލާޙެއް. އެ މީހުން ކްރިމިނަލައިޒް ކޮށްފައި، އަބަދު ޖަލުގައި ބާއްވާކަށްވެސް ބޭނުމެއް ނޫން. އަނބުރާ ގެންނަންވެސް ބޭނުން. އެހެންވީމާ، އެގޮތުން ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ސެންޓަރޒް މި ހަދަނީ. ވަޢުދުވެފައި އޮންނާނެ، ތިން ރަށެއްގައި ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ސެންޓަރ ހަދަން. މިހާރު ސޮއިކޮށްފިން. އެއީ، ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަން. މިހާރު ވާނީ ކޮންޓްރެކްޓަރ ސޮއިކުރެވިފައި މަސައްކަތް ފެށުމަށް. މިހާރު ވެލިދޫގައި ފަށަންވެސް ފަށައިފި. ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން އިޒް ދަ ވޭ ފޯވަރޑް ކަމަށް، ޓެކްނިކަލް ބޭފުޅުން ވިދާޅުވެފައި އޮންނަނީ. އެހެންވީމާ، އަޅުގަނޑުމެން މެނިފެސްޓޯގައި އެގޮތަށް ކަނޑައެޅީވެސް.
ދެން މިހާރު ކުރީގައި ނުކުރާ ކަމެއްވެސް އެބަ ކުރަން، ބިދޭސީންނާ ގުޅިގެން މިކަމުގައި. ކުރީގައި މި މީހުން ހައްޔަރުކޮށްފައި، މަސްތުވާތަކެއްޗާ އެކީގައި ހައްޔަރުކޮށްފައި ބައިތިއްބާނީ ކޯޓަށް ގެންދަން. އަޅުގަނޑުމެން މިހެދި ގޮތަކީ، ދަޢުވާކުރުމުގެ ބަދަލުގައި، އެމީހުން ރާއްޖެއިން ފޮނުވާލަނީ. ޑީޕޯޓްކޮށްލަނީ ރާއްޖެއަށް ދެން ދުވަހަކުވެސް ނާދެވޭގޮތަށް. އެހެންވީމާ، އެ ސިޔާސަތު ތަންފީޛު ކުރަން ފަށައިފިން. އޮފްކޯޒް، ދެން އޭގައި ހުންނާނެ. ޑީޓެއިލްސްއަށް ނުގޮސް އަޅުގަނޑު މި ދަންނަވާލީ އިނގޭތޯ. އެހާ ސިމްޕަލް ކަމެއް ނޫން. އޭގައި ބޮޑުކަމަކީ، އެމީހުން ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލާ ވާހަކަ އިނގޭތޯ. އެހެންވީމާ، އޭގެ ޑީޓެއިލްސް، ތިޔަބޭފުޅުން ފުލުހުންގެ ކިބައިން ހޯއްދެވުމަށް އެދެން.
ދެވަނަ މައްސަލައަކީ ގޭންގުތަކާ ގުޅިގެން ހިނގާ ކުށްތައް. ފުރަތަމަ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުން. ދެވަނަކަމަކީ، ދެން "ގޭންގު ކުށް" މިއީ ހަމަ ސިމްޕަލް ކޮށްލާފައި އަޅުގަނޑު ގެންގުޅޭ ވަރޑެއް އިނގޭތޯ. އަޅުގަނޑުމެން ގެންގުޅޭ ވަރޑެއް. އެކަމަކު، މާނައަކީ ގުރޫޕް ހަދާފައި ގޮސް ހިންގާ ކުށްތައް ހުއްޓުވުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން ވާނީ، ފުލުހުންގެ ޚިދުމަތުގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ވަކި ވިންގެއް ޤާއިމުކޮށްފައި. އަދި މިހާރު މި މާލޭގައާއި، ހުޅުމާލޭގައި ގޭންގުތައް ހަރަކާތްތެރިވާ ތަންތަން ވަނީ މެޕް ކުރެވިފައި. ޓުވެންޓީ ފޮރ ސެވަން ޕެޓްރޯލިން މިހާރު އެބަ ހިނގާ އެ ތަންތަނުގައި. އަދި މިކަމަށް މުޅިން އާ ބިލެއް މަޖިލީހަށް ވަނީ ހުށަހެޅިފައި. މީގެތެރެއިން ހާސިލުވާ އެއްކަމަކީ، ދެން ޝަރުޢީ ދާއިރާ މެދުވެރިކޮށް، އަޅުގަނޑުމެން ކޮމިޓީއެއް ހަދައިގެނެއް ނޫން. ކޯޓު މެދުވެރިކޮށް، ގޭންގަކީ ކޮބައިކަން ކަނޑައަޅާނަން. މިވެނި ބަޔަކީ ގޭންގެއްތޯ ކަނޑައަޅާނީ ކޯޓުން. ކޯޓުން ކަނޑައަޅައިދޭނީ އެއީ ގޭންގެކޭ.
އެހެންވީމާ، ގޭންގަކީ ކޮބައިކަން މާނަކުރުމާއި، ގޭންގެއް ކަނޑައަޅާނެ ގޮތާއި، ގޭންގް ލީޑަރުންނާއި، ގޭންގުގެ މެންބަރުން ކަނޑައެޅުމާއި، މިއީ އެއްވެސްވަރަކަށް އިންޑިވިޖުއަލީ އޮންނަ މިނިސްޓްރީއެއްގެ ތެރޭގައި އޮންނަ ކޮމިޓީއަކުން ކުރާނެ ކަމެއްނޫން. ސިސްޓަމް ތެރެއިން، އަޅުގަނޑުމެން ކޯޓުތެރެއިން ކުރާނީ. ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްޞަ ބާރުތަކެއް ފުލުހުންނަށް ދިނުން. ކުށްކޮށްގެން ހޯދާ ފައިސާ، ހަމަ ކުރީފަހަރު ދެންނެވި ގޮތަށް، މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާ އަތުލާގޮތަށް އަތުލުމާއި، ހަމަ ކުރީފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެންނަގޮތަށް، ގޭންގު ކުށްތަކުން ދުރުވުމަށްވެސް މަގުފަހިކޮށްދިނުމަށް ޚާއްޞަ ފިޔަވަޅުތަކަކަށް. ސޯ، ވަށައިޖެހޭ ބިލެއް ހުށަހަޅައިފައި ވާނެ.
ތިންވަނަ މައްސަލައަކީ، ބިދޭސީންގެ މައްސަލަ. އެހެންވީމާ، މި ތިން މައްސަލަ ޙައްލުކުރަން އަޅުގަނޑު ވާނީ ކަނޑައަޅާފައި. ތިންވަނަ މައްސަލައަކީ، ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ. އުޅޭ ޢަދަދެއްވެސް ނޭނގެ. އުޅޭ ތަނެއްވެސް ނޭނގެ، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި. ދެން ''އޮޕަރޭޝަން ކުރަނގި''ގެ ނަމުގައި، މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި މި ފެށީ. މޭ 2 ގައި ހަނދާންވަނީ އަޅުގަނޑުމެން ފެށި މަޝްރޫޢެއް. 10 އިނގިލީގެ ނިޝާނާއި ފޮޓޯ ހޯދުން. މިހާރު 1 މޭ އަށް އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓްގެ ތެރެއިން އެއްލައްކަ ފަންސާސްހާސް ބިދޭސީންގެ ބައޯމެޓްރިކްސް ނެގިއްޖެ.
އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، މިހާރު ރާއްޖޭގައި އުޅޭ އެއްލައްކަ ފަންސާސްހާސް ބިދޭސީންނަކީ ކޮންބައެއް ކަމާއި، އެ މީހުންގެ ހުރިހާ ޑީޓެއިލަކާއި، ވީ ތަނަކާއި، ކުރާ ކަމަކާ. މީގެ ތެރޭގައި ހަމަ ބޮޑު ޢަދަދަކީ، ނުގަވާއިދުން އުޅެމުންދާ ބިދޭސީން. މިކަމަކީ ފުރަތަމަ ސްޓެޕް، މި ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގައި. އެމީހުން އުޅޭ ތަން އެނގުން. ކޮންބައެއްކަން އެނގުން. އެމީހުން ނޭނގި، ކިހިނެއްތޯ މައްސަލަ ޙައްލުކުރާނީ؟
ދެން އޭގެތެރެއިން ބައެއް މީހުން އަޅުގަނޑުމެން މިހާރު ވާނީ ފުރުވައިވެސްލާފައި. 6992 ބިދޭސީން ފުރުވައިވެސް ލައިފިން. އެއީ، އޭގެ ކުރީގައި ފަސް އަހަރު ފުރުވައިލި ޢަދަދަށްވުރެ 263 ޕަސެންޓް އިތުރު ޢަދަދެއް. ފަސްހާހަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ކުރެވިއްޖެ. އެހެންވީމާ، މިއީ އޮންގޮއިންގ ޕްރޮސެސްއެއްގެ ތެރެއިންދާ ކަންތައްތައް. އެހެންވީމާ، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ އެހެން މައްސަލަތައް ޙައްލުވާ ކަމެއް. ވަރަށް ގިނަ މައްސަލަތައް ޙައްލުވާނެ ކަމެއް. މައިގަނޑު ތިންކަމެއް، އަމާންކަމާއި، ސަލާމަތްތެރިކަމުގެ ތެރޭގައި، ދާޚިލީ އަމާންކަމުގެ ތެރޭގައި އަޅުގަނޑުމެން މި ހިމެނީ. މަސްތުވާތަކެތި، ގޭންގް ކުށްތައް، ދެން ނުގަވާއިދުން އުޅޭ ބިދޭސީން. މި ތިން މައްސަލަ އިރާދަކުރެއްވިއްޔާ ޙައްލުކުރުމަށް، ޕްލޭންޑް އޯގަނައިޒް މަސައްކަތްތަކެއް ކުރަނީ.
މިގޮތުން ބަލާއިރު، ރަށްރަށުގައި ހުރި ޚިދުމަތްތަކަށް، އިންފްރާސްޓްރަކްޗަރަށް ބަލާއިރުގައި، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި 70 ރަށެއްގައި ނެތް ފުލުހުންގެ ޚިދުމަތެއް. 70 ރަށެއްގައި ފުލުހުންގެ ޚިދުމަތް ނުވެސްނެތީ. ދެން މިދިޔަ އަހަރުގެ ތެރޭގައި، މީގެތެރެއިން ވަރަށް ގިނަ ތަންތަން ހަދައިފި. މި އަހަރާ ހަމައަށް އައިއިރުގައި، 39 ރަށަށް މަދުވެއްޖެ. މި އަހަރު ނިމޭއިރު، މި 39 ރަށުގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުލުހުންގެ ޕޯސްޓް ޤާއިމުކުރާނަން. އެހެންވީމާ، ވަރަށް ގިނަ މަސައްކަތް މި ދާއިރާގައިވެސް މި ކުރެވެނީ، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް.
ދެން ހަމަ އޭގެ އިތުރަށް، މި ދެންނެވި 39 ރަށުގެ އިތުރަށް، ކުރިން ފުލުހުންގެ މަރުކަޒު، ނޫނީވިއްޔާ ފުލުހުންގެ ޚިދުމަތް ދެމުންދިޔަ ތަންތަން، ފުލުހުންގެ އަމިއްލަ އިމާރާތްތަކެއްގެ ގޮތަށް ބަދަލުކުރަން. އަމިއްލަ އިމާރާތްތަކެއް، އޭގެ ބަދަލުގައި އަޅަން ނިންމާފައި މިހާރުވާނީ. އަމިއްލަ މީހުންގެ ގޯތީގައިވެސް އެބަތިބޭ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހަދާފައި ހުންނަ ކޮންމެވެސް އިމާރާތެއް ކުއްޔަށް ހިފައިގެންވެސް އެބަތިބޭ. ކައުންސިލުން ބޭނުންކުރަމުންދިޔަ ތަންކޮޅެއް ނަގައިގެންވެސް އެބަ ތިބެންޖެހޭ. އޭރުން ދޭންވާ ޚިދުމަތް ފުލުހުންނަށް ރަނގަޅަކަށް ނުދެވޭ. އެހެންވީމާ، ފުލުހުންނަށް ވަކި އިމާރާތްތަކެއް އަޅައިދީ، މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތަކެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެއޮތީ ފަށާފައި. އެހެންވީމާ، މިގޮތުން 82 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރަން މިހާރުވަނީ މަސައްކަތް ހަވާލުކޮށްފައި.
އާދެ، ދެން އަޅުގަނޑު ޖެހިލާނަން، ލެޖިސްލޭޓިވް އެޖެންޑާއަށް. މިގޮތުން ބަލާއިރުގައި، މީގެތެރެއިން ފާހަގަކޮށްލާނަން، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެން 43 ބިލެއް އެކުލަވައިލައިފިން. އޭގެތެރެއިން 40 ބިލު އޮތީ މަޖިލީހުގައި. އޭގެތެރެއިން 31 ބިލު އެ ބޭފުޅުން ފާސްކޮށްދެއްވައިފި. ދެން މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އިތުރު 30 ބިލެއް އަޅުގަނޑު މަޖިލީހަށް ފޮނުވާނަން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިތަނުގައި، ކުރިއަށް އޮތް ތާނގައި ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑުމެން ވިސްނާ އިޞްލާޙުތައް. މިހާތަނަށްވެސް އެއްބުރަށް އިޞްލާޙް ގެނެސްފިން ދޮގެއްތޯ؟
ޤާނޫނުއަސާސީއަށް ގެންނަން ވިސްނާ އިޞްލާޙުތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކުއެކީގައި ބޭއްވުން. ދެން މީގައި ރިފަރެންޑަމަށް ދާންޖެހޭ ޙާލަތްތަކެއްވެސް އެބައާދޭ. ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީގައި ބޭއްވުން. ރިޔާސީ އިންތިޚާބު ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަކަށް ބަދަލުކޮށް، އިންތިޚާބުގެ ދެވަނަބުރު ނޯންނަގޮތަށް، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނައުން. ރިޔާސީ ދައުރު ފެށޭ ދުވަހަކީ، 11 ނޮވެންބަރު ކަމުގައި ހަދަން ގެންނަންޖެހޭ ބަދަލު ގެނައުން. މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުނުވާގޮތަށް، މިހާރު އޮތް ޢަދަދަށް ފްރީޒްކުރުމަށް ގެންނަންޖެހޭ ބަދަލު ގެނައުން. އެއީ 93. އެހެންނޫނީ ވާގޮތަކީ، އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުން، އިތުރުވަމުން މިދަނީ. އެހެންވީމާ، އަޅުގަނޑުމެން މި ނިންމީ، އިތުރެއް ދެން ނުވާނެއޭ. އެ ޢަދަދަށް ފްރީޒްކޮށްލަނީ.
ދެން ރީކޯލް ވޯޓެއް ނަގައި، ވަކިކުރަން ފާސްވެއްޖެނަމަ، އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމު ތަޢާރުފްކުރުން. ސޯ، ދިސް އިންކްލޫޑްސް އޯލް އިލެކްޓަޑް ކައުންސިލަރސް، އެމް.ޕީޒް، އެވްރީ ވަން ދެޓްސް އިލެކްޓަޑް. އެ މީހުން އިލެކްޓްކުރި ކޮންސްޓެންސީއަށް، ނޫނީވިއްޔާ ދާއިރާއަށް ގޮސް ނަގާނީ ރީކޯލް ވޯޓެއް. އެހިސާބަށް ދާން ޖެހިއްޖިއްޔާ. ރީކޯލް ވޯޓެއް ނަގައިގެން، އެއިން ފާސްވީ، އިތުބާރު ނެތް ކަމަށް ވެއްޖިއްޔާ ގޮނޑި ގެއްލޭނެ. ކައުންސިލަރެއް ވިޔަސް، އެމް.ޕީ.އެއް ވިޔަސް، އެހެން މީހެއް ވިޔަސް، އިންތިޚާބު ކުރެވިފައި ހުރި މީހެއްނަމަ، ކުޑަކުޑަ ގްރޫޕެއްގެ ތެރެއިން ނިންމައިނުލާ. މިހާރު ބައެއްފަހަރު، އެ މީހުންގެ ތެރޭގައި ނަގާ ވޯޓަކުން އެބަ ނިންމާލެވޭ. އެކަމަކު، ވޯޓުލީ މީހުން، ކައުންސިލަރުން މިސާލަކަށް ވަކިކުރެވޭނެ ގޮތެއްވެސް ނޯވޭ. މަޖިލިސް މެންބަރުން ވަކިކުރެވޭނެ ގޮތެއްވެސް ނޯވޭ މިސާލަކަށް އިނގޭތޯ. އެހެންވީމާ، އެ ދާއިރާއަކުން، އެ މީހާ ވޯޓުލީ ކޮންސްޓެންސީއަށް ގޮސް، އެ ނަގާ ރިކޯލް ވޯޓަކުން ފާސްވެއްޖިއްޔާ، އޭނާ ވަކިކުރެވޭނެ ގޮތް އޮންނަންޖެހޭ ޑިމޮކްރެޓިކް ހަމައިން. އެއީ، ރައްޔިތުންނަށް ބާރުދިނުމަކީ. ރައްޔިތުން އޭނާ ހޮވީ. އެހެންވީމާ، ރައްޔިތުން ބޭނުންވެއްޖިއްޔާ، ވަކިވެސް ކުރެވެންޖެހޭނެ ނޫންތޯ، ދައުރުގެ މެދުތެރެއިންވެސް.
އަތޮޅު ކައުންސިލްތައް އުވާލުން. މިއީ ހަމަ ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ވަރަށް ޗެމްޕިއަން އެބަ ކުރަން. ދެން ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރަމުންދާ ކަންތައް. މި ޑީޓެއިލްކޮށް، އިންޑެޕްތުގައި ބަލައިލީމާ ފެނިވަޑައިގަންނަވާނެ، މިއީ އެފިޝަންޓް ލޭޔަރެއް ނޫން. ކައުންސިލްތައް އަޞްލު އެއްޗަކީ. ދޭ އާރ ވަރކިންގ ފޮރ ދަ ޕީޕަލް. އެ މީހުން އެއީ، އަޞްލު ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މީހުންނަކީ. ދެން ކީއްކުރަން، އަތޮޅު ލެވެލްއެއް އަނެއްކާ. މިހާރު ބައްލަވައިލައްވާ، މި ތިއްބަވަނީ އަތޮޅު ކައުންސިލްގައި، ކޮންމެ ކައުންސިލެއްގެ ރައީސް ހުންނަނީ. ދެން ހުންނާނީ، އަތޮޅު ކައުންސިލްގެ ރައީސް ކިޔާފައި އިންތިޚާބުކުރާ މީހެއް. ފަންކްޝަނެއް ނުކުރޭ މިއެއް. އޮންލައިންކޮށް މީޓިންގ ބާއްވަނީ. ދެން މިހެންގޮސް ބެލިޔަސް، ހަމަ ބޭކާރު ކަންކަން އެ ހިނގަނީ. އެއަށްވުރެ މާ ރަނގަޅެއްނޫންތޯ، ރަށު ކައުންސިލް ލެވެލުން ހިނގާނީ. އެހެންވީމާ، އެގޮތަށް އެކަމަކު ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން އެކަން ވާންއޮތީ. މިއީ އަޅުގަނޑުމެން ވިސްނާފައި ހުރި ކަންކަން އިނގޭތޯ.
ދެން ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނީ ގިނަވެގެން ކިހާވަރެއްކަން ޤާނޫނުގައި ބަޔާންކުރުން. އެންމެ ގިނަވެގެން ޢައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ ޢަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ޤާނޫނު ބަދަލުކުރުން. ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްޞީލު މަޖިލީހާ ޙިއްޞާ ކުރަންޖެހޭގޮތަށް ޤާނޫނު ބަދަލުކުރުން. އެހެންވީމާ، ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް، ސިޔާސީ މަގާމުތައް ޢައްޔަންކުރުން، ވަކިކުރުންލާގޮތަށް.
ލާމަރުކަޒީ ޤާނޫނަށް ގެންނަން އަޅުގަނޑުމެން ވިސްނާ އިޞްލާޙުތައް. މީގެ ތެރޭގައި 2000 މީހުންނަށްވުރެ މަދު އާބާދީއެއްނަމަ، 3 ކައުންސިލަރުން ތިބޭގޮތަށް. 2000 މީހުންނަށްވުރެ އާބާދީ ގިނަނަމަ، 5 ކައުންސިލަރުން ތިބޭގޮތަށް ބަދަލުކުރުން. މިއީ، ނިޒާމު ބޮޑުވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް، ރަށެއްގެ ނަން ނުކިޔާ އެކަމަކު، ސްކޫލެއްވެސް ނެތް ރަށެއް. ވިއްސަކަށް މީހުން އުޅޭ ރަށެއް. 5 ކައުންސިލަރުން އެބަތިބި. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ހަމަ މި ރޭޝިއޯއަށް އިނގޭތޯ. 2000 މީހުންނަށްވުރެ އާބާދީ މަދުނަމަ 3 މެންބަރުން. ދެހާހަށްވުރެ ގިނައްޔާ 5 މެންބަރުން. ދެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ، ކައުންސިލްގެ ރައީސްގޮތަށް ސީދާ ވޯޓަކުން ނަގާ މީހަކަށް ހެދުން. ދެން ސިޓީ ކައުންސިލަރުންގެ ޢަދަދު މިހާރަށްވުރެ އިތުރުނުވާނެހެން ބަދަލުކުރުން. މަޖިލިސް މެންބަރުން ގޮތަށް. ސިޓީ ކައުންސިލްތައްވެސް ވާގޮތަކީ، އާބާދީ ބޮޑުވާވަރަކަށް، ކައުންސިލަރުން އިތުރުވޭ. އެހެންވީމާ، މިސާލަކަށް، މާލޭގައި މިހާރު 18. އާބާދީ ބޮޑުވެއްޖިއްޔާ ހިނގައިދާނެ ވިއްސަށް އަރައިގެންވެސް. ދެން އަންހެނުންގެ އިންސައްތަ. 33 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުން. ކައުންސިލްތަކުގައި އަންހެނުން ތިބެންޖެހޭ ޢަދަދު 40 އިންސައްތައަށް ބޮޑުކުރުން. މިހާރު 33 އިންސައްތަ އޮންނާނީ.
ހަމައެއާއެކީގައި، ބްލޮކް ގްރާންޓްގެ ގޮތުގައި މި ދޭ ފައިސާ ބޭނުންކުރަނީ، ކައުންސިލްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާ އަދާކުރަން އެކަނިކަން ކަށަވަރުކުރުމުގެ އިޚްތިޔާރާއި ބާރު، ފިނޭންސް މިނިސްޓަރަށް ލިބިދޭގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުން. މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން، ތަޖުރިބާ ދަތުރުގައި ބެންކޮކްގައާއި ތަންތަނުގައި އުޅޭނީ ކައުންސިލްތައް. ފިނޭންސް މިނިސްޓަރަށް ކުރެވޭނެ ކަމެއް، ބުނެވޭނެ އެއްޗެއްވެސް ނޯވެއޭ، ޤާނޫނު އޮތްގޮތުން. ބްލޮކް ގްރާންޓް މި ދެނީ. ބޭނުންކަމެއް ކުރެވޭ. ނުހުއްޓުވޭ. އެކަމަކު ރަށުގައި ކުރަންޖެހޭ ކަންކަން އެބަހުއްޓޭ ނުކޮށް. ޤާނޫނުގައި މިއޮތީ ލިޔެފައި (ހ) އިން (ޖ) އާ ހަމައަށްކަންނޭނގެ އޮންނާނެ، ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކުގެ ޒިންމާ. އެހެންވީމާ، އެކަންކަން ކުރަން ލާރި މި ދެނީ. އެހެންވީމާ، އެކަން ބެލުމުގެ ބާރު، ފިނޭންސް މިނިސްޓަރަށް ދޭގޮތަށް އަޅުގަނޑުމެން ޤާނޫނު އިޞްލާޙުކުރަން ހުށަހަޅާނީ. އަކުރެއްލާން.
ދެން މި އަހަރުގެ ނޮވެންބަރު 1ން ފެށިގެން، ޓީ.ޖީ.އެސް.ޓީ.ގެ ވަކި އިންސައްތައެއް، ކައުންސިލްތަކުގެ އެކައުންޓަށް ޖަމާވާގޮތަށް ބަދަލުކުރަން އަޅުގަނޑު ވީ ވަޢުދެއް މިއީ. ޓޫރިޒަމް ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭނަމޭ. އެހެންވީމާ، އެ އިޞްލާޙުތައް ގެންނާނަން. އާދެ، މި ހުރިހާ ކަމެއް ކުރާއިރުގައި، މިއީ ވަރަށް ގިނަ މަޝްރޫޢުތަކާއި، ވަރަށް ގިނަ ކަންކަން. މުޅި ޤައުމު ހިންގުމުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑު ބޭނުން، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގަން. ޑިޖިޓަލް ގަވަރނަންސް.
އާދެ، އެހެންވީމާ، އަޅުގަނޑުމެން މި ލޯންޗްކުރަނީ، "މޯލްޑިވްސް 2.0" ކިޔާފައި، ރާއްޖެ ހިންގުމުގެ ނިޒާމު. މައިގަނޑު ބޭނުމަކީ، ކޮރަޕްޝަން ނައްތާލުން. މައިގަނޑު ބޭނުމަކީ، ކޮރަޕްޝަން ނައްތާލުން. ކޮންމެ ކަމެއްވެސް، އޭގައި ހިއުމަން އިންޓަރވެންޝަން ގިނަކުރުމުގެ ފުރުޞަތު އޮވެއްޖިއްޔާ، ހިއުމަން ނޭޗަރގައި މި އޮންނަނީ ކޮންމެވެސް ނުބައެއް ހެދުން. އެހެންވީމާ، އޮޓޮމެޓިކަލީ، ޑިޖިޓަލީ ކަންކަން ކުރެވޭގޮތަށް، ކުރަން މަޖުބޫރުވާގޮތަށް ބަދަލުވީމާ، ވަރަށް ބޮޑު ތަނުން އެބަ ކޮރަޕްޝަން ދަށްކުރެވޭ. އެހެންވީމާ، ކޮރަޕްޝަން ނައްތާލައި، އަދި ހާމަކަން ބޮޑު އެބަ ކުރެވޭ. ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ، ޑިޖިޓަލް ނިޒާމަކަށް ދިޔައިމާ. އަދި އަވަސްވެސް އެބަ ކުރެވޭ. ސޯ، ކޮރަޕްޝަން ނައްތައިލެވި، ހާމަކަން ބޮޑުކުރެވި، އަވަސްކުރެވޭ.
އަޅުގަނޑު އެސްޓޯނިޔާއަށް ދިޔަ މައިގަނޑު ސަބަބަކީ މިއީ. އެސްޓޯނިޔާއަކީ މި ތިން ކަންތަކުގައި، ދުނިޔޭގެ އިންޑެކްސްގައި ހަމަ އެންމެ މަތީގައި އުޅޭ އެއް ޤައުމު. މިއަދު މިއީ ޕްރެސް ފްރީޑަމް ޑޭ. ތިޔަބޭފުޅުންނަށް ފާހަގަވާނެ، މުޅި ދުނިޔޭގައި ދެވަނައަށް އެންމެ ޕްރެސް ފްރީޑަމް އޮތީ އެސްޓޯނިޔާގައި. އެ ތަނަކީ ފުލީ ޑިޖިޓަލައިޒް ޤައުމެއް. ހުރިހާ ކަމެއް އެހުރީ ފެންނަން. ކޮންމެ މީހަކާ ބެހޭ ޚިދުމަތް، ދޭ ގޮތް، އެ މީހާގެ ޑިޖިޓަލް އައި.ޑީ.ކާޑަށް އެކްސެސްވީމަ، އެ މީހަކަށް އެބަ ފެނޭ. ދެން އެހެންގޮސް ވަރަށް ތަފްޞީލު. އިންޓަރ ގަވަރންމަންޓް ނިޒާމެއް އެބައޮވޭ، ނެޓްވާރކެއް ޤާއިމުކުރެވިފައި.
އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަހުގެ 9 ގައި އެބަ ބާއްވަން، މުޅި ދައުލަތް ހިމެނޭގޮތަށް ފަށާ މި މަސައްކަތް. ޑިޖިޓަލައިޒޭޝަން ބޮޑު ކޮންފަރެންސަކުން މި ފަށަނީ. އެންމެން އެއްތާކަށް ގެނެސް، އެންމެން ބައިޢަތު ހިފަން މިއުޅެނީ، މުޅި ދައުލަތުގެ ނިޒާމު ހިންގުމުގައި، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މަޝްރޫޢެއް ލޯންޗްކުރަން. ''މޯލްޑިވްސް 2.0''ގެ ނަމުގައި ޑިޖިޓަލައިޒް ކުރަން މިއުޅެނީ މުޅި ސަރުކާރު. މުޅި ދައުލަތުގެ ނިޒާމު. މިހާރު މިސާލަކަށް ޕްރޮކިއުމަންޓްގެ ތެރެއިން، އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ. ދެން އެންމެންނެއް ނޫން. މިސާލަކަށް، އޮފީހެއްގެ ޕްރޮކިއުމަންޓްގައި އުޅޭ ބަޔަކު މިދަނީ އެއްޗެއް ގަންނަން. ގޮސްފައި، އޭނައާ ގުޅޭ ކޮންމެވެސް ބަޔަކު އަތުން ކޯޓޭޝަން ނަގައިގެން އައިސްފައި، އެ ކުރާ ކަމެއް ކުރުމުގެ ފުރުޞަތު ނެތިގެންދާނީ. އެހެންވީމާ، ޕްރޮކިއުމަންޓް ސިސްޓަމްވެސް ޑިޖިޓަލައިޒްޑް ކުރެވިގެންދަނީ. ޚިދުމަތް ދިނުންވެސް ޑިޖިޓަލައިޒް ކުރެވޭނީ. އެހެންގޮސް، ޑިޖިޓަލައިޒްޑް ނިޒާމެއްގެ ތެރެއިން، އަޅުގަނޑުމެންގެ މުޅި ގަވަރނިންގ ނިޒާމު، ދެންމެ މި ދެންނެވި ހުރިހާ ކަމެއް ކުރުން ބަދަލުކުރެވިއްޖިއްޔާ، އެފިޝަންޓް ކުރެވޭ، އޯޕަންއަޕް އެބަވޭ. އަދި ކޮރަޕްޝަން އެބަ ވަރަށް ބޮޑުތަނުން ނައްތާލެވޭ.
އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ވޭ ފޯވަޑަކީ. މިގޮތަށް އަޅުގަނޑުމެން ގެންދަން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން. އިރާދަކުރެއްވިއްޔާ، މިކަމުގައި ހަމަ މީޑިއާއިންވެސް ވަރަށްބޮޑު ދައުރެއް އަދާކޮށްދެއްވާނެކަން ޔަޤީން. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންގެވެސް ފުރިހަމަ އެއްބާރުލުމާ އެކީގައި، މިކަންކަން ކުރަން. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މީޑިއާއަށް މަޢުލޫމާތު ހާމަކުރުމަކީ، މީޑިއާއާ ގުޅިގެން މަސައްކަތްކުރުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތަކީ.
މިގޮތުން ބަލާއިރުގައި، އަޅުގަނޑު ވަޢުދުވި އެއްކަމެއް، މީޑިއާ ވިލެޖެއް ޤާއިމުކޮށްދޭނެ ކަމަށް. މީޑިއާ ވިލެޖެއް ޤާއިމުކުރުމަކީ މީޑިއާތަކަށް، މިހާރު ތިޔަބޭފުޅުން، ތަންތަން ކުއްޔަށް ހިފަނީ ބޮޑު އަގުގައި ގޮސް. ދެން ހަމަ ކޮންމެވެސް މީހެއް ކައިރީގައި އާދޭސްކޮށްލައިގެން، ތަނެއް ހިފައިގެން، މިކަހަލަ ގޮތަކަށް އުޅެން މިޖެހެނީ. ސަރުކާރުގެ އިމާރާތެއްގެ ތެރެއިން، ވަރަށް ސަބްސިޑައިޒްކޮށް، ވަރަށް ކުޑަކުޑަ އަގެއްގައި، ނޮމިނަލް ފީއެއްގައި، ލިބޭ އޮފީސް ޕްލޭސް، ވާރކް ޕްލޭސް އަޅުގަނޑުމެން ކުއްޔަށްދޭ، ލިބޭގޮތަށް އަޅުގަނޑުމެން މީޑިއާ ވިލެޖް މި ކިޔާ ތަނެއް. އެސް.ޓީ.އޯ.ގެ އިމާރާތެއް ހަދަން ފަށައި ހުއްޓިފައި ހުންނާނެ ހުޅުމާލޭގައި. އެތަން މިހާރު ބަޔަކަށް އެޗް.ޑީ.ސީ.އިން 1 މޭގައި ސޮއިކޮށްފައި ވާނެ ޑިވެލޮޕް ކުރަން. އެ ތަނުން ސަރުކާރަށް ލިބޭ ފްލޯރތަކުގެ ތެރެއިން، އެތާނގެ އިންވެސްޓް ކުރާ ފަރާތުގެ ފްލޯރތައް ހުންނާނީ މަތީގައި. ސަރުކާރަށް ލިބޭ ފްލޯރތަކުގެ ތެރޭގައި މީޑިއާތަކަށް، މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ހަމަ ވަރަށް ގިނަ މީޑިއާތަކަށް ޖާގަ ދެވޭވަރަށް، ހުރިހާ ނޫސްތައް، ވަރަށް ގިނަ ނޫސްތަކަށް ޖާގަދެވޭނެހެން ހީވަނީ. ކުއްޔަށް ނެގި، ހަމަ ނޮމިނަލް ފީއެއްގައި ކުއްޔަށް ނެގޭ ސްޕޭސް، ވަރކިންގ ސްޕޭސް، އޮފީސް ސްޕޭސްތައް ހަމަޖެހިގެންދާނެ. މިހާރު އެ އެމް.އޯ.ޔޫ. އިން އެކަމަކު ވިތިންގ ތާރޓީ ޑޭސް އެގްރިމެންޓަށްވެސް ދާނެ. ސޯ، މީޑިއާ ވިލެޖް ޤާއިމުކުރުމަށް މިހާރުވަނީ ހަވާލުކުރެވިފައި.
ދެން މާލީ މިނިވަންކަން ހޯދައިދިނުމަށް އަޅުގަނޑުމެން ވަޢުދުވެގެން ހަމަ މި އަހަރު އަލަށް، ބަޖެޓުތެރެއިން މި ކަނޑައެޅީ، ވަކި އިންސައްތައެއް. އެ އިންސައްތައިން މި އަހަރުގެ ބަޖެޓުގެ ތެރެއިން، ޖެހޭނީ 27.98 މިލިއަން ރުފިޔާ. ދެން ޔޫތު މިނިސްޓްރީން، ވަރަށް އަވަހަށް އޯޕަންކޮށްލާނެ، އެޕްލިކޭޝަން ޕޯޓަލްއެއް. އޭގެތެރެއިން، އުޞޫލެއް ގެޒެޓްކުރާނެ. އެ އުޞޫލުގެ ތެރެއިން، ތިޔަބޭފުޅުން އެ ޕޯޓަލްއިން އެޕްލިކޭޝަންލީމާ، މި ފައިސާއިން ލިބޭ ޢަދަދެއް މީޑިއާތަކަށް ސަރުކާރުން ދެމުންދާނެ. ދެން ކޮންމެ އަހަރަކުވެސް މި ޢަދަދު ތަފާތުވާނެ ދޮގެއްތޯ؟ މި އަހަރުގެ ބަޖެޓުން، އެ ފޯރމިއުލަރއިން ޖެހޭވަރު މިއީ އިނގޭތޯ.
ދެން މީގެ އިތުރަށް، މަޢުމޫމާތު ހާމަކުރެވުނު ޢަދަދަށް ބަލާއިރުގައި، މުޅި ސަރުކާރުގެ ތެރެއިން، ހުރިހާ މިނިސްޓަރުން ހިމެނޭގޮތަށް، މުޅި ސަރުކާރުން މިއަދާ ހަމައަށް އައިއިރުގައި، 141 ޕްރެސް ބާއްވައިފި. 1071 މީޑިއާ އިންޓަރވިޔު ދީފި. އަހާ ފޯރަމްގެ 4 ފޯރަމް. ދެން އަޅުގަނޑު އިހަށްދުވަހު ފެށި، ޕޮޑްކާސްޓްވެސް ޖަހާލާފައި މީގައި މިހިރީ އެ ބޭފުޅުން. 3 ޕޮޑްކާސްޓް. އާދެ، އަޅުގަނޑަށް މިތަނަށް އަންނާނެ، ރައްޔިތުންގެ އަޑު ޕޯޓަލެއް ހުޅުވައިގެން ސުވާލުތައް. އެއަށް އަޅުގަނޑު މިހާރު ޖަވާބުދީފިން 690 ސިޓީއަށް. އާރު.ޓީ.އައި. އަށް ޖަވާބުދީފިން. 1674 އާރު.ޓީ.އައި. ސަރުކާރުގެ ޚަބަރު ވެބަސައިޓްގައި ޖަހައިފި، 8524 ސަރުކާރު ޚަބަރު.
އެހެންވީމާ، މީޑިއާއަށް މަޢުލޫމާތު ދިނުމަކީ، މީޑިއާއާ އެކީގައި ގާތްކޮށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު.
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަބޭފުޅުން ތިޔަ ދެއްވި ވަގުތަށް. ދެން ނަމާދު ބްރޭކަށްފަހު، ސުވާލުތަކަށް ފުރުޞަތު ހުޅުވާލާނަން. ނަމާދަށް އަޅުގަނޑުމެން 15 މިނިޓްގެ ބްރޭކެއް ނަގާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"މޯލްޑިވްސް 2.0 ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، އެސްޓޯނިއާގެ އޮފީސް އޮފް ދަ ޕްރެޒިޑެންޓްގެ އަދި ޑިޖިޓަލް ކައުންސިލްގެ މެންބަރ އަދި އީ-ގަވަރނަންސް އެކެޑަމީގެ ކޯ-ފައުންޑަރ މިސްޓަރ ލިނަރ ވިކް، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޑައިގެން ތިއްބެވި އެކިއެކި މުއައްސަސާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރ އަދި ޚިދުމަތްތައް ދޭ އެކިއެކި މުއައްސަސާތަކާއި، އޮފީސްތަކުގެ އެންމެހައި ވެރިން، ސިޓީތަކުގެ މޭޔަރުން، އެކިއެކި ލޯކަލް ކައުންސިލްތަކުގެ ބޭފުޅުން، އަދި ޖުމްލަކޮށް، މިތަނުގައި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ ސަފީރުން، އިންޓަރނޭޝަނަލް އެކިއެކި ބޮޑީތަކުގެ މެންބަރުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވައި އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރޭ އަޅުގަނޑުމެން މި ފަށަނީ ވަރަށް އުންމީދީ ދަތުރެއް. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާ ފެށުމެއް. މިދިޔަ އަހަރު ޔޫ.އެން.ގައި ވާހަކަ ދައްކަމުން އަޅުގަނޑު އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ތަރައްޤީގެ ރާސްތާ، 2040 ވަނަ އަހަރު އަންނައިރުގައި، މި ޤައުމަކީ ތަރައްޤީވެފައިވާ ޑިވެލޮޕް ނޭޝަންސްތަކުގެ ތެރޭގައި ގުނާލެވޭ ޤައުމަކަށް ހަދަން އަޅުގަނޑުމެން ޤަޞްދުކުރަމޭ. އެއޭ ދިވެހި ރައްޔިތުން މިކުރާ މަސައްކަތަކީ. ކުރާ އުންމީދަކީ، ޢަޒުމަކީ.
އެ ރާސްތާއަށް ދާން ބަލާއިރުގައި، މި ޤައުމުގައި އެބަހުރި، ވަރަށްގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހޭ، ތަރައްޤީ ކުރަންޖެހޭ. އަދި އީޖާދުކުރަން، ނޫނީވިއްޔާ ޤައުމަށް އިތުރުކުރަންޖެހޭ. މިކަންކަމުގެ ތެރެއިން ބަލާއިރުގައި، ޤައުމުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކުރުންވެސް އެބައޮތް. ޤައުމުގައި ހުރި ނުރަނގަޅު އާދަތައް ރަނގަޅު ކުރުންވެސް އެބަ ހިމެނޭ. މިހެންގޮސް ވަށާޖެހޭ ގޮތެއްގައި މި ޤައުމު ތަރައްޤީ ކުރުމަކީ، މި ދެންނެވި ރާސްތާއަށް ދިޔުމުގައި، މާނަހުރި ގޮތެއްގައި އަޅުގަނޑުމެން ކަންކަން ކުރާނަމަ، ކުރަންޖެހޭ މިންގަނޑަކީ، ވަށާޖެހޭގޮތުން އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުން.
މިހެން ބަލާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލައިލާއިރުގައި، އެންމެބޮޑު އެއްކަމަކީ، ކޮރަޕްޝަންގެ ވަބާ. މިއީ ދެބަސްނުވެވޭނެ ޙަޤީޤަތެއް. ޚިދުމަތް ދިނުމުގެ ތެރޭގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ތެރޭގައި، އަދި ޖުމްލަކޮށް ހަމަ މުޅި ނިޒާމުގެ ތެރޭގައިވެސް މި ޤައުމުގައި މި ވަބާ އެބައޮތް. ވަކި މި ޤައުމުގައި އެކަންޏެއް ނޫން. މުޅި ދުނިޔޭގައިވެސް އޮތް މައްސަލައެއް މިއީ. އެހެންނަމަވެސް، ގުޑް ގަވަރނަންސްގެ ތެރެއިން އަޅުގަނޑުމެން މި ޤައުމު ގެންގޮސް، އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެމަތީ ޚިދުމަތް، ދެފުށް ފެންނަ ގޮތުގައި، އަވަސްމިނުގައި ފުރިހަމައަށް، އޭގެ އެންމެ ރަނގަޅު މިންވަރުގައި ދޭން ބަލާއިރުގައި، މި ވަބާއިން ޤައުމު ސަލާމަތް ކުރަންޖެހޭނެ. ނޫނީވިއްޔާ މި މައްސަލަ މަދުކުރަންޖެހޭ.
މިގޮތުން ބަލާއިރުގައި، ޤައުމުގެ ނިޒާމު މިހާރު މި ހިނގާ ގޮތް ބަދަލުނުކޮށް، މިކަމުން ސަލާމަތްވެވޭކަށް ނެތް. އިންސާނުން، އޭގެ ޒާތުގައި ކަންކަން ކުރާއިރުގައި، އަތުގައި ބާރެއް އޮވެއްޖިއްޔާ، ނޫނީވިއްޔާ ކަންކަމަށް އެކްސެސް ވެވެންޏާ، ހަމަ ވަރަށްގިނަ މީހުންނަށް ކުރެވޭ ކަމަކީ، ކަންކަމުގެ ތެރޭގައި އަމިއްލަ ނަފްސު އިސްކުރެވެނީ. އޭގެ ސަބަބުން ކޮރަޕްޝަން އިތުރުވަނީ. އެހެންވީމާ، އަމިއްލައަށް ކުރާ ކަންކަން ކުރުމުގެ ފުރުޞަތު މަދުވާ މިންވަރެއް، މި ޑިޓަރމައިންޑް ކުރަނީ، ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން ނެތިގެންދާ މިންވަރު.
އެހެންވީމާ، ޑިޖިޓަލައިޒް ކުރެވިގެންދާ މިންވަރަކުން މުޅި ނިޒާމު، ޚިދުމަތް ދިނުމުގެ ނިޒާމު، މުޅި ޤައުމުގެ ހުރިހާ މަސައްކަތްތަކެއްގެ ނިޒާމު، އެއީ، މުޅި ދައުލަތް އެކީގައި ހިމެނޭގޮތުން ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓަރވެންޝަން ކުޑަކުރެވުނުވަރަކުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވޭނީ.
އަޅުގަނޑު ވަރަށް އުފާކުރަން، މިތަނުގައި މިއަދު ދައުލަތުގެ ތިންބާރުގެ ވެރިން، ރައްޔިތުންގެ މަޖިލިސް، އުއްތަމަ ފަނޑިޔާރު، ޖުޑީޝަރީއާއި، މަޖިލީހާ، މިތަނުގައި ރެޕްރެޒެންޓް ކުރެއްވުމަށް އެންމެ އިސް ބޭފުޅުން، އެ ދެ އިސް ބާރުގެ ވެރިން ތިއްބެވީތީ. އަދި އެހެނިހެން މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ތިއްބެވީތީ. ބޭންކްތައް، ޕްރައިވެޓް ސެކްޓަރ، ސަރުކާރުގެ ވުޒާރާތައް، މުޅި ދައުލަތުގެ އެކިއެކި ފަރާތްތައް ހާޒިރުވެވަޑައިގެން ތިއްބެވީތީ. މިއީ އެންމެން އެކުގައި، އެކައްޗެއް ކިޔައި، އަތުގުޅާލައިގެން ތެދުވެ ނައްތާލެވިދާނެ ވަބާއެއް، ކޮރަޕްޝަނަކީ.
އެހެންވީމާ، ޑިޖިޓަލައިޒް ކުރުމުގެ މި މަސައްކަތުގެ އަޅުގަނޑުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ، މި ޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން. އިރެޑިކޭޓް ކުރުން. އެހެންވީމާ، އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑުމެންގެ މި ޤައުމު، ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް މި ފަށާފައިވާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ. ނައްތާލަންޏާ، ޤައުމުގައި މިއޮތް ނިޒާމު، ހިންގުމުގެ ނިޒާމު އެބަޖެހޭ ޑިޖިޓަލައިޒް ކުރަން. ވަރަށްސާފު، ވަރަށް ދެފުށް ފެންނަ މައްސަލައެއް، މައްސަލައަކީ.
މިގޮތުން ބަލާއިރުގައި، މުޅި ދުނިޔޭގައި އެންމެ ފުރިހަމައަށް ޑިޖިޓަލައިޒޭޝަންގެ ކަންކަން ހާސިލުކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާ. އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކީގައި ދަންނަވަން. އެސްޓޯނިއާގެ ރައީސް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އެ ޤައުމަށް މި އަހަރު ކުރީކޮޅު ރަސްމީ ދަތުރެއް ހަމަޖައްސަވައި، ދަޢުވަތު ދެއްވައި، އަޅުގަނޑަށް ދިޔުމުގެ ފުރުޞަތު ދެއްވި.
ދެންމެ މިތަނުގައި މިސްޓަރ ލިނަރ އެ ވިދާޅުވެދެއްވީ، އެ ޤައުމުގެ ކަންކަން ހާސިލުކުރުމުގައި ދިޔަ ޖަރނީ. އަދި މިރޭ އަޅުގަނޑަށްފަހު އެބައޮތްކަންނޭނގެ އެޖެންޑާގައި ވަރަށް މުހިންމު އައިޓަމެއް. އެ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވުން.
އާދެ، އެ ޤައުމަކީ ކޮރަޕްޝަން ނައްތާލުމުގެ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އެއް ޤައުމު. އެއީ، ޑިޖިޓަލައިޒޭޝަންގައި އެހާ ކުރި ހޯދާފައި އޮތީމަ. އެންމެންގެ ޢަޒުމް ހުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި. ވަރަށް ދެފުށް ފެނޭ. ވަރަށް އެފިޝަންޓް ނިޒާމެއް ޤާއިމުކުރެވިފައިވާ ޤައުމެއް. އާބާދީގެ ގޮތުންވެސް އަޅުގަނޑުމެންނާ އެހާބޮޑު ތަފާތެއް ނެތް. އަޅުގަނޑުމެންގެ ޤައުމަށްވުރެ ދެގުނަ އާބާދީ ބޮޑީ ގާތްގަނޑަކަށް. 1.2 މިލިއަން މީހުން އުޅެނީ ގާތްގަނޑަކަށް. އެ ބޭފުޅުންގެ ޤައުމު މިއަދާ ހަމަޔަށް އައިއިރުގައި ތަރައްޤީކޮށްފައި ވަނީ މި ޑިޖިޓަލައިޒޭޝަންގެ ޖަރނީގެ ތެރޭގައި. ވިއްސަކަށް، ފަންސަވީހަކަށް އަހަރު ތެރޭގައި، އެތައް ކަމެއް ކަޑައްތުކޮށްގެން ހާސިލުކޮށްފައިވާ ހާސިލުކުރުންތައް އަޅުގަނޑުމެންނާ ޙިއްޞާކުރައްވައި، އަޅުގަނޑުމެންގެ މި ޤައުމުގައި މިހާރު މި، ދެންމެ ޕްރެޒެންޓޭޝަންގައި ދެއްކިގެންދިޔަ، އެކިކަހަލަ ސައިލޯ ކުރެވިފައި ހުރި ވަކިވަކި ނިޒާމުތައް އެބަހުރި އެކި ތަންތާނގައި. ބޭންކުގައިވެސް އެބަހުރި. އެކި މުއައްސަސާތަކުގައި އެބަހުރި. އެގޮތް ދޫކޮށްލައި، އެންމެން އެއް ވިއުގައަކަށް އައިސް، ރައްޔިތުން އަބަދު އެއް މަޢުލޫމާތެއް ޙިއްޞާކުރަން ނުޖެހި، ވަރަށް ސީމްލަސް ފަސޭހަ ނިޒާމެއްގެ ތެރެއިން މުޅި ޤައުމުގެ ޚިދުމަތް ދިނުން ގުޅުވައިލެވޭ ނިޒާމަކަށް ދާން. އެސްޓޯނިއާގައި އެކަން ހާސިލުކޮށްފައިވާ ގޮތަށް ކުރަން އަޅުގަނޑުމެން ދެ ޤައުމު ގުޅިގެން މަސައްކަތް މި ފެށީ. އެކަމަށްޓަކައި އެސްޓޯނިއާގެ ރައީސް އަލަރ ކަރިސްއަށް އަދި އެސްޓޯނިއާގެ ސަރުކާރަށް އަދި މިކަމުގައި އެހީތެރިކަން ދެއްވާ ސަރުކާރުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ. އަޅުގަނޑުމެންގެ ޤައުމުގެ މި ކޮރަޕްޝަންގެ ވަބާއިން ވަރަށްބޮޑު ތަނުން ސަލާމަތްވެވޭނެ. އޮފީސްތަކުގައްޔާއި، އެކިއެކި މުއައްސަސާތަކުގައި ޚިދުމަތް ދިނުމުގައި މި ނިޒާމު ޤާއިމުކުރެވިގެން ދިޔުމުން، ވަރަށް ބޮޑަށް ދެފުށް ފެނިގެންދާނެ. އަޅުގަނޑުމެންގެ ޕްރޮޖެކްޓްގެ ތެރޭގައި ވަރަށްގިނަ މައިލްސްޓޯންތައް ހުންނާނެ، ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ބަހާލައިގެން، އަޅުގަނޑުމެން ކަނޑައަޅާ މި ވަރަށް އެމްބިޝަސް، އެހެންނަމަވެސް، އެޗީވަބަލް މި ޓާގެޓްތަކުގެ ތެރޭގައި.
އެއް ކަމަކަށް، މިހާރު މި ބޭނުންކުރާ އައި.ޑީ. ކާޑު. ސްމާރޓް، ޑިޖިޓަލް. އެހެންނަމަވެސް، ހަމަ އަތުގައި އޮންނަ އައި.ޑީ ކާޑަކަށް، އެ ކާޑުގައި ޑިޖިޓަލް ސަރވިސަސްތައް ހިމެނިގެންދާ ކާޑަކަށް ބަދަލުކުރުން. ހަމަ އެސްޓޯނިއާގައި ބޭނުންކުރާގޮތަށް ބަދަލުކުރުން ހިމެނިގެންދާނީ. އެ ކާޑަކީ، ހުރިހާ ޚިދުމަތެއް ބޭނުންކުރުމުގައި، ލިބިގަތުގައި އެމީހާގެ އައި.ޑީ ކާޑު. އަދި މުޅި ސަރުކާރާއި، ޚިދުމަތް ދޭ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް އެކުގައި ގުޅާލެވިފައިވާ ނިޒާމެއް ޤާއިމުކުރުން. ހަމަ އެ ޤައުމުގައި ޤާއިމުކޮށްފައިވާ ގޮތަށް. މީގެތެރޭގައި ވާނެ، ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ދެންމެ ޕްރެޒެންޓޭޝަންގައިވެސް ދެއްކި ފަދައިން، އެ ދާއިރާ ވަރުގަދަކުރުން ހިމެނިގެންދޭ.
އެހެންވީމާ، އަޅުގަނޑުމެންގެ މި ޚިދުމަތުގެ ނިޒާމު ވަރުގަދަކުރެވި، ކޮރަޕްޝަންގެ ވަބާއިން ދުރުކުރެވި، އަވަސްކުރެވި، ދެފުށް ފެންނަވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ކަންކަމުގައި ނަތީޖާ ހާސިލުކުރެވޭ މިންވަރު ވަރަށް ބޮޑަށް އަވަސްވެގެންދާނެ. މަޢުލޫމާތު ހޯދުމުގައިވެސް، އޭގައި ކުރިއެރުން ލިބިގެންދޭ.
އެސްޓޯނިއާއަކީ މުޅި ދުނިޔޭގައިވެސް ޕްރެސް ފްރީޑަމްގައި ދެވަނައަށް އެންމެ މަތީގައި އޮތް ޤައުމު. ދެވަނަ. އިއްތިފާޤެއް ނޫން. އަޅުގަނޑު ބޭނުން ދިވެހިރާއްޖެވެސް އެތައް ދަރަޖައެއް މައްޗަށް، ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން. މަޢުލޫމާތު ޙިއްޞާކުރުމާއި، މަޢުލޫމާތު ލިބިދިނުމުގައްޔާއި، ޕްރެސް ފްރީޑަމްގައި ދިވެހިރާއްޖެ އެތައް ގުނައެއް ރަނގަޅު ކުރަން، މަތިކުރަން އަޅުގަނޑު ބޭނުން. އެކަން ކުރުމުގައިވެސް މި ނިޒާމު ޑިޖިޓަލައިޒް ކުރުމަކީ ހަމަ ގުޅިލާމެހިފައި އޮތް ކަމެއް. ދެ ކަންތައް ވަކިނުކުރެވޭ ކަމެއް. އެހެންވީމާ، މި މަޤްޞަދުތައް މިހިރީ، މި ޤައުމަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ، މަޢުލޫމާތު ފަސޭހައިން ލިބޭ، ޒިންމާދާރުކަމާއެކީ ޚިދުމަތްދޭ، ވަރަށް އަވަސްމިނުގައި ޚިދުމަތްދޭ ޤައުމަކަށް ހެދުމުގެ ޢަޒުމުގައި މި މަސައްކަތް ކުރުމުގައި.
އެހެންވީމާ، މި މަސައްކަތް އަޅުގަނޑުމެން މި ފަށަނީ ވަރަށް މާތް މަޤްޞަދުތަކެއްގައި. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވެފައިވާ ޤައުމަކަށް ހަދާއިރުގައި، ހަމައެކަނި ބޮޑެތި އިމާރާތްތަކެއް ނޫން ބޭނުންވަނީ. އެއީ، ވަރަށް މުހިންމު ކަމެއް. ތަރައްޤީގެ ރާސްތާގައި ރާއްޖޭގައި އެކިކަހަލަ، އަތްލެވޭ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބޭނުންވާނެ. ސްކޫލް، ހޮސްޕިޓަލް އަދި އެކިކަހަލަ ބުރިޖްތަކާއި، ބަނދަރުތަކާއި، މަގުތަކާ، ހުރިހާ އެއްޗެއްވެސް ބޭނުންވޭ. ހުރިހާ ކަމެއްވެސް ބޭނުންވޭ. ހަމައެއާއެކީގައި، އެއަށްވުރެ ވަކި އުސްމިން ކުޑަ ކަމެއްނޫން، އަޅުގަނޑުމެންގެ ޤައުމުގައި ކޮރަޕްޝަން ނައްތާލުމަކީ. ވަކި އުސްމިން ކުޑަ ކަމެއްނޫން، އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީ. ވަކި އުސްމިން ކުޑަ ކަމެއްނޫން، ދެފުށް ފެންނަ، އަވަސްމިނުގައި ޚިދުމަތް ދެވޭ، އެއްވެސްކަހަލަ ބެރިއަރއެއް ނެތި، ފަސޭހައިން މަޢުލޫމާތު ލިބޭ، ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީވެސް. އަތްނުލެވޭ ތަރައްޤީގެ އެތައް ކަމެއް އަޅުގަނޑުމެން މި ޤައުމުގައި ތަޢާރުފް ކުރުމުގެ މަސައްކަތް ނޫންތޯ ފަށައިގެން މިދަނީ. ޤައުމުގައި ހުރި އިޖުތިމާޢީ އެތައް ކަމެއް ޙައްލުކުރުމުގެ މަސައްކަތްވެސް ފަށައިގެން ނޫންތޯ މިދަނީ.
އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް ވޭޕް މަނާކޮށް، ޖެނެރޭޝަނަލް ބޭންއެއް، އަޅުގަނޑުމެންގެ ޒުވާން ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުމަށް ފަށައިގެން މިއުޅެނީ. ބޮޑު އިމާރާތެއް ނޫން. އެހެންނަމަވެސް، އިމާރާތެއްގެ ބޮޑުމިނަށްވުރެ ވަކި އެއިން ލިބޭ، އެ ހާސިލު ކުރެވޭ ނަތީޖާ ކުޑައެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި ޑްރަގް ބޭނުންކުރުމާއި، އެކިކަހަލަ މާރާމާރީތައް ހިންގުމާއި، މިކަންކަމުން މުޖުތަމަޢު ސާފުކުރުމަށް މިކުރާ މަސައްކަތަކީ، އިމާރާތެއްގެ އުސްމިނަށްވުރެ ވަކި އުސްމިން ކުޑަ ނަތީޖާ ނުކުންނަ ކަމެއްނޫން. ވަށާޖެހޭ، މާނަވީ އަދި އަތްލެވޭ ތަރައްޤީ އެއީ، މާނަހުރި، ދެމެހެއްޓެނިވި ތަރައްޤީއަކީ. ޤައުމަށް ހެޔޮއެދެންޏާ، ޤައުމުދެކެ ލޯބިވަންޏާ، ރައްޔިތުން ދެކެ ޙަޤީޤީ ލޯބިވަންޏާ، ކަންކަން ކުރަންޖެހޭ ގޮތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް ޔަޤީން، ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ އެގޮތް.
އެހެންވީމާ، މިއަދު މި ފަށާ އަޅުގަނޑުމެން އެންމެންގެ މަޝްރޫޢު، "ދިވެހިރާއްޖެ 2.0" "މޯލްޑިވްސް 2.0" އަކީ އަޅުގަނޑުމެންގެ މަޝްރޫޢު. ދިވެހި ރައްޔިތުންގެ މަޝްރޫޢެއް. އަޅުގަނޑުމެން އެންމެން އެމްބްރޭސް ކުރަންވީ. ބަލައިގަންނަންވީ. ރެސިސްޓެންސް ޓު ޗޭންޖަކީ ނެޗްރަލް ކަމެއް. އެއީ، ހަމަ ނެޗްރަލް ކަމެއް. ކޮންމެ ޤައުމެއްގައިވެސް އޮންނަ ކަމެއް އެއީ. ކުރީގައި ކަމެއް ކުރަމުންދިޔަ ގޮތް ދޫކޮށްލައި، އާގޮތަކަށް ބަދަލުވުމަކީ، އެއީ، އެ މީހަކު ކުށްވެރި ކުރަންޖެހޭ ކަމެއް ނޫން. އޮފީސްތަކުގައި ކަންކަން ކުރަމުންދިޔަގޮތް ދޫކޮށްލައި، މުޅިން ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އެކަމުގެ ތެރޭގައި، ޒަމާން ވަންދެން އެއްގޮތަކަށް ކުރަމުންދިޔަ މީހުންގެ ތެރޭގައި ހަމަ އުނދަގޫތަކެއް ހުންނާނެ އެގޮތް ދޫކޮށްލަން. އެކަމަކު އެއީ، ހޭލުންތެރިކުރެވި، ތަމްރީނުދެވި، އެކަމުގެ ތެރެއަށް ފަސޭހައިން ގެންދެވޭނެ ކަމެއް.
އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކުގައި މި މަސައްކަތް ފެށުމުން، އަޅުގަނޑުމެން ކޮންމެ މީހަކަށް މި ކޮށްދެވެނީ، އަޅުގަނޑުމެންނަށްޓަކައި، ޤައުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިކަމަށްޓަކައި ޚާއްޞަ ލެޖިސްލޭޓިވް މަސައްކަތްތަކެއް ކުރަން އެބަހުރި. ޤާނޫނުތައް ގެންނަން އެބަހުރި. މި ބޮޑު މަޝްރޫޢަށް ޚާއްޞަ ޤާނޫނަކާއި، އޭގެތެރެއިން ވަކިވަކި ޤާނޫނުތައް އަންނާނެ. ހަމަ އަޅުގަނޑުމެން ތަޖުރިބާ ހޯދާނީވެސް އެސްޓޯނިއާއިން. ހޯދައިގެން އަޅުގަނޑުމެންގެ ޤައުމަށް ފެތޭ، އަޅުގަނޑުމެންގެ މާޙައުލަށް ފެތޭ ޤާނޫނުތައް، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވީހާވެސް އަވަހަކަށް ފާސްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އޭރުން ހުރިހާ ފަރާތްތައް، މީގެތެރޭގައި ޝާމިލްވުމުގައި ވަރަށް ފަސޭހަވެގެންދޭ.
މިސާލަކަށް، ލޯކަލް ކައުންސިލްތައް. އަޅުގަނޑުމެން ޚިދުމަތް ދިނުމުގައި، ވަރަށްގިނަ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ލޯކަލް ކައުންސިލްގެ ނިޒާމު. ލާމަރުކަޒީ ނިޒާމު. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ލޯކަލް ކައުންސިލްތަކާ އެކުގައި މަސައްކަތް ފަށައިގަންނަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ޖުޑީޝަރީއާ އެކީގައި މިކަމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށްދާން އަޅުގަނޑު ޤަޞްދުކުރަނީ. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިރާއިންވެސް މިކަމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށްދާން ނިންމާފައި މިވަނީ. އަދި ޖުމްލަކޮށް، ހަމަ ހުރިހާ އިންޑަސްޓްރީތައްވެސް މީގެތެރޭގައި ގުޅިލާމެހިގެންދާ ގޮތަށް.
އާދެ، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރުގައި، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި، ޑިޖިޓަލައިޒޭޝަންގެ މުޅި ޖަރނީ، އަޅުގަނޑުމެން މި ކަނޑައަޅާފައިވާ ތަޞައްވުރު ކުރިއަށް އޮތް ތިން އަހަރާ ބައިގެ ތެރޭގައި ހާސިލުވެގެންދާއިރު، އޮފީސްތަކުގައި ޚިދުމަތް ދިނުމުގައި މުވައްޒަފުންނަށްވެސް ވަރަށްބޮޑު ތަނުން އެބަ ފަސޭހަވެގެންދޭ. އަދި އޮފީހުގައި ތިބެގެން ޚިދުމަތް ދޭންޖެހޭ މުވައްޒަފުންގެ ޢަދަދު ވަރަށްބޮޑު ތަނުން މަދުވެސް ކުރުމުގެ ފުރުޞަތު ލިބިގެންދޭ. އަޅުގަނޑުގެ އުންމީދަކީ، އަދި މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން އަޅުގަނޑުގެ އުންމީދަކީ، 2028 ވަނަ އަހަރު ފެށޭ ހިސާބުން، މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ވާރކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ހަމަ ޤާނޫނީ އުޞޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން. ހަފްތާއަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭގޮތަށް.
ޚިދުމަތަށް ކޮންމެހެން އޮފީހަށް އަންނަން ޖެހޭނެ މުވައްޒަފުން ތިބޭނެ. މިސާލަކަށް، ޞިއްޙީ ޚިދުމަތްތެރިން. މިހެންގޮސް ވަކި ފަރާތްތަކެއް ތިބޭނެ، ކޮންމެހެން އަންނަންޖެހޭނެ. ތަޢުލީމީ ދާއިރާ ފަދަ. މުޅި ޚިދުމަތުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ޖުމްލަކޮށް، ގާތްގަނޑަކަށް ސާޅީސް ނުވަހާސް ޚިދުމަތްތެރިން، މަސައްކަތްތެރިން އެބަތިބި. މީގެތެރެއިން ތިންބައިކުޅަ އެއްބައި، މި ދެންނެވި ގޮތަށް ބަދަލުކުރީމަ ހާސިލުކުރެވޭ އެތައް ކަމެއް އެބަހުރި. އޭގެތެރޭގައި، މުޅި ސަރުކާރުގެ އޯވަރހެޑް ކޮސްޓް ކުޑަކުރެވޭ. އެއްވެސްވަރަކަށް އެފިޝަންސީ ދަށެއްނުވޭ. އެފިޝަންސީ އިތުރުވަނީ. ދެފުށް ފެންނަވަރު އިތުރުވަނީ. ރައްޔިތުންގެ ޙައްޤުތައް މަތިވަނީ. ލިބޭ މިންވަރުން. އޭގެއިތުރަށް، ކާރޫބާރު ބޮޑު ތަންތަނަށް ބަލާއިރު، މިސާލަކަށް، މާލެއަށް ބަލާއިރުގައި، މާލޭގެ މަގުމަތީގައި އެތައް ތަނަކުން ޓްރެފިކް ކުޑަކުރެވިގެންދޭ، ތޮއްޖެހޭ މިންވަރު. ގްރީންހައުސް އެމިޝަންސް. ވެހިކަލްތައް ދުއްވުމުގެ ސަބަބުން މި ބޭރުވާ ގޭސްތައް އިތުރުވާ މިންވަރު ކުޑަކުރަންވެސް ވަރަށްބޮޑު ކާމިޔާބެއް ހާސިލުވޭ، އޮފީސްތަކަށް ދާންޖެހޭ މުވައްޒަފުން މަދުކުރެވޭ މިންވަރަކުން. އެ އަމާޒުވެސް ހާސިލުކުރެވޭނީ، މިއަދު މި ފަށާ ދަތުރު، މި ދަތުރު އަޅުގަނޑުމެން އެންމެން ގުޅިގެން، އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑު މި ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ހާސިލުކުރެވޭ މިންވަރަކުން.
އަޅުގަނޑު ވަރަށް ދެކެން ބޭނުން، މި ދެންނެވި ތާރީޚުން ފެށިގެން، 2028 ވަނަ އަހަރު ފެށޭ ހިސާބުން އެ މިންގަނޑު ހާސިލުކުރެވޭތޯ ބަލަން. އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާފައި މަސައްކަތް ކޮށްފިއްޔާ ޔަޤީން އެކަން ކުރެވޭނެ.
އެހެންވީމާ، މިފަދަ އެތައް ކާމިޔާބީތަކެއް، މީގެތެރޭގައި އަޅުގަނޑުމެންނަށް ހާސިލު ކުރެވެން އޮތް މުހިންމު ޖަރނީއެއް މިއަދު މި ފަށަނީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑުމެންގެ ޤައުމުގެ ކޮރަޕްޝަން ނައްތާލައި، އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގައި އެންމެން ބަލައިގަންނަ ފެންވަރުގައި ޚިދުމަތް ދިނުމާއި، ހިންގުމުގެ ނިޒާމާ، ހުރިހާ ކަމެއް އޮތް ޤައުމަކަށް ހެދުމުގައި، އަޅުގަނޑުމެން އަތުކުރި އޮޅާލުމަކީ، ހުރިހާ މަސައްކަތްތެރިންނާއި، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލާ ގޮވާލުމެއް.
އިރާދަކުރެއްވިއްޔާ، މި މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. މިއީ އަޅުގަނޑުމެން އެންމެންގެ އުންމީދު ކަމުގައި އަދި އަޅުގަނޑުމެންގެ ޢަޒުމް ކަމުގައި ކަނޑައެޅުމަކީ އަޅުގަނޑު އެދޭ އެދުން. އަދި އަޅުގަނޑު ޔަޤީންވެސް ކުރާ ކަމެއް. އެއީ، މީގައި ދެބަސްވާންޖެހޭ ކަމެއް ޙަޤީޤަތުގައިވެސް އަޅުގަނޑަށް ނުފެންނާތީ. އަޅުގަނޑުމެންގެ ޤައުމު، ކުޑަ ޤައުމަކަށްވާއިރުގައި، މި ދެންނެވި ގޮތަށް ޑިޖިޓަލައިޒް ކުރެވިގެން ދިޔައިމަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވި، އެކީގައި ގުޅިލާމެހިފައިވާ ނިޒާމެއް ޤާއިމުކުރެވުނީމާ، ޚިދުމަތް ލިބިގަންނަ މީހާއަށް އެ ލިބޭ ފަސޭހަކަމާއި، އަދި ޚިދުމަތް ދޭ މީހާއަށް އެ ލިބޭ ފަސޭހަކަމާ، މި ހުރިހާ ކަމެއްވެސް މީގެތެރޭގައި ހިމެނޭ ކަމަކަށްވާއިރުގައި، މީގައި ސައިޑް އިފެކްޓެއް، ގެއްލުމެއްވާ އެއްވެސް ކަމެއް ނުފެންނަ ކަމަކަށްވާއިރު، އޮތީ ހުސް ކާމިޔާބީ ކަމަށްވާއިރުގައި، އަޅުގަނޑުމެން އެންމެން މި ޤައުމަށް މި މުހިންމު މަޝްރޫޢާއިގެން ކުރިއަށް ގެންދިޔުމުގައި، އެހިސާބަށް ގެންދިޔުމަށް އަތުކުރި އޮޅާލުމަކީ، ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް މިރޭ އަޅުގަނޑު ގޮވާލާ ގޮވާލުމެއް.
އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑުމެން އެންމެން، އަޅުގަނޑުމެން މި ޤައުމު ވަށާޖެހޭ ތަރައްޤީއެއް ހާސިލުކުރުމުގައި، 2040 ވަނަ އަހަރާ ހަމަޔަށްދާއިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ޤައުމު ހިމެނުމަށް މި ކުރާ މަސައްކަތުގައި، ކުރިއަށް މިއޮތް ތިން އަހަރާއި ބައި، ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ޤައުމު ޑިޖިޓަލައިޒް ކުރެވި، ހިންގުމުގެ ނިޒާމު ވަރުގަދަކުރުމުގައި އެންމެން އެކަތިގަނޑެއް ގޮތުގައި ކުރިއަށްދިޔުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަށް އުފާފާގަތިކަމާއި ތަރައްޤީ މިންވަރުކުރައްވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، އަޅުގަނޑުމެން މިއަދު މި ބާއްވާ ޙަފްލާއަކީ، ކުޅިވަރުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރުމުގެ ޙަފްލާ.
އާދެ، ޚާއްޞަގޮތަކަށް މި ރަސްމިއްޔާތު މި ބާއްވަނީ، މީގެ މުހިންމުކަން ވަރަށްބޮޑުވީމަ. ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް، މިއަދު މި ތަޞްދީޤު ކުރެވިގެންދާ ބިލުގެ ސަބަބުން، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ.
މިއަދުގެ މި ޙަފުލާ ކުރިއަށްދާނެ ގޮތް ކުރުގޮތަކަށް އަޅުގަނޑު ދަންނަވާލާނަން. މި ބިލާ ބެހޭގޮތުން އަޅުގަނޑު ކުރުގޮތަކަށް، އުސްއަލިތައް، މުހިންމު ކަންތައްތައް ފާހަގަކޮށްލާފައި، ތަޞްދީޤު ކުރާނީ. ދެން އެއަށްފަހު، މި ބިލާ ބެހޭގޮތުން، ނޫނީ މި ޤާނޫނާ ބެހޭގޮތުން، ނޫސްވެރިންގެ ސުވާލުތަކަށް، ދެތިން ސުވާލަކަށް އަޅުގަނޑު ޖަވާބުދީފައި ނިންމާލާނީ.
އާދެ، އަޅުގަނޑާ އެކީގައި، ކުޅިވަރުގެ ދާއިރާގެ އެކިއެކި ޖަމުޢިއްޔާތަކާއި، އެކިއެކި ވެރިން، ކަމާގުޅޭ ބޭފުޅުން ވަޑައިގެން އެބަ ތިއްބެވި. އެ ބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ ފުންމިނުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ، މި ޤާނޫނަށް ގެނެވުނު އިޞްލާޙަކީ، ވަރަށް ގިނަ ބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދެވި ކަމެއް. ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން، ޖަމުޢިއްޔާތަކުން، ކުޅިވަރު ކުޅުއްވާ ބޭފުޅުން، އެތައް އަހަރެއް ވަންދެން އެދިވަޑައިގަންނަވަމުން ގެންދެވި ކަންކަން، ތަރައްޤީ ގެނައުމަށްޓަކައި. އިރާދަކުރެއްވީތީ މިއަދު މިކަން ހާސިލުވެގެން މިދަނީ.
މައިގަނޑު ކަންކަން ލާމަރުކަޒީ ކުރެވިގެން އެބަދޭ، އިރާދަކުރެއްވީތީ މި އިޞްލާޙުގެ ސަބަބުން. ރާއްޖޭގައި ރައްޔިތުން އެކި އަތޮޅުތަކުގައި ދިރިއުޅެމުންދާއިރުގައި، އަބަދުވެސް ހަމަ ގާތްގަނޑަކަށްހެން ވެފައި މި އޮންނަ ގޮތަކީ، ޤައުމީ ޓީމުތަކަށް މާލޭގެ، ނޫނީ މާލޭ ސަރަޙައްދުގައި އުޅޭ ކުޅުންތެރިންނަށް ފުރުޞަތު ލިބޭގޮތްވެފައި މި އޮންނަނީ. މުޅިން އެހެންނެއްނޫން. ގާތްގަނޑަކަށް އެހެންވެފައި މި އޮންނަނީ.
އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން، ކުޅިވަރު ކުޅޭ ކުޅުންތެރިން އުފެއްދުމާއި، ހުނަރު އިތުރުކުރުމާއި، ކުޅިވަރު ކުޅޭ ކުޅުންތެރިން އައިޑެންޓިފައި ކުރެވޭނެގޮތް ވުމާއި، ޤައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ޝާމިލުވާގޮތަށް އެންމެ މޮޅު ކުޅުންތެރިން ހޮވޭގޮތްވުން އެއީ، މީގެ ތެރެއިން ހާސިލުވާނެ ކަމެއް. ފުރުޞަތު ފަހިވެގެންދާނެ ކަމެއް.
އެހެންވީމާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދޭ. އެގޮތުން ބަލާއިރުގައި، ސަރަޙައްދީ ޖަމުޢިއްޔާތައް، އެސޯސިއޭޝަންތައް، އެކި ކުޅިވަރުތަކުގެ އެސޯސިއޭޝަންތައް އުފެދިގެންދާނެ، ޤާނޫނުގެ ތެރެއިން. އެކި ކުޅިވަރުތަކުގެ ތެރެއިން. ކޮންމެ ކުޅިވަރެއްގައިވެސް އެކި ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދޭނެ.
އެހެންވީމާ، އޭގެ ނަތީޖާއަކަށްވާނީ، އަތޮޅުގެ ލެވެލްގައި، އެންމެ ގިނަ މީހުންނަށް، ކުޅުންތެރިންނަށް ފުރުޞަތުދެވި، އެންމެ މޮޅު ޓެލެންޓްތައް ދެނެގަނެވި، ޓްރެއިން ކޮށްދެވި، އެ ހުރިހާ ދިމާއަކުން ކުޅުންތެރިން ހޮވިގެންއައިސް، ރާއްޖެއަށް އެންމެ ރީތި ނަން ހޯދައިދިނުމުގައި، ކުޅިވަރުގެ ދާއިރާއިން އެކިއެކި ކުޅިވަރުތަކުގެ ދާއިރާއިން، ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތަކުގައި، ރަން ވަނަތައް މިހާރަށްވުރެ ގިނައިން މަތީ ވަނަތައް ހޯދުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމުގެ ފުރުޞަތު ލިބިގެންދިޔުން. ޕޮޒިޓިވް ގޮތުގައި ވާދަވެރިކަން އުފެދި، އެކި ޖަމުޢިއްޔާތަކުގެ ތެރެއިން، އެކި އެސޯސިއޭޝަންތަކުގެ ތެރެއިން، ސަރަޙައްދީ ލެވެލްގައި، ކުޅިވަރުތައް ކުރިއެރުމުގެ ފުރުޞަތު ލިބޭނެ.
ހަމަ އެއާއެކީގައި، ކުޅިވަރުގެ ޤައުމީ ފަންޑެއް ޤާއިމުކުރެވިގެންދާނެ. ޤައުމީ ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި، ކުޅިވަރު ތަރައްޤީކުރުމަށްޓަކައި، ޤާއިމުކުރެވޭ ފަންޑެއް. މި ފަންޑުގެ ނަތީޖާއަކަށްވާނީ، ހަމަ ދެންމެ މި ދެންނެވި ގޮތަށް، ލާމަރުކަޒީކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ކަންކޮޅުތަކެއްގައި، އެއް ފެންވަރެއްގައި، އެތުލީޓުން، ކުޅިވަރު ކުޅޭ ކުޅުންތެރިން ތަރައްޤީކުރުން. އެއީ ކުޅުންތެރިންނާއި، ކޯޗުންނާއި، ވަސީލަތްތަކާއި، މި ހުރިހާ ގޮތަކުންވެސް ކަންކަން ކުރުމުގައި، މި ޤައުމީ ކުޅިވަރު ފަންޑުގެ ބޭނުންހިފޭނެ.
ހަމައެއާއެކީގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ކުޅިވަރު ކުޅެންޖެހޭ ފަރާތްތައް. ކުޅިވަރު ކުޅޭހިތްވާ އެތައްބަޔަކު އެބަތިބި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރޭގައިވެސް. އެހެންނަމަވެސް، އެ ފަރާތްތައް ރެޕްރެޒެންޓް ކުރެވޭނެ އަދި ހައިސިއްޔަތު ލިބިފައި އޮންނަވަރު ވަރަށް ކުޑަ މިހާރު އޮންނަގޮތުން. އެހެންނަމަވެސް، މި ޤާނޫނުގެ މި އިޞްލާޙުގެ ތެރެއިން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް އަޅުގަނޑުމެން އެބަދެން ޤާނޫނީ ބާރުވެރިކަން. ޤާނޫނީ ވަކި ޝަޚްޞަކަށް އެބަ ހެދޭ. ވެގެންދޭ. އެއީ، ވަރަށް މުހިންމު ބަދަލެއް.
އަޅުގަނޑުމެން ގެންނަން ބޭނުންވާ ތަރައްޤީއަކީ، އިންކްލޫސިވް ތަރައްޤީއެއް. ހަމަހަމަ ތަރައްޤީއެއް. އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމަކީ، އެ މީހަކު ބާކީވާންޖެހޭނެ، ތަފާތުތަކެއް އޭގެ ސަބަބުން، އައިސްގެންވާނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން.
އެހެންވީމާ، މި ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ޝަޚްޞަކަށްވުމުގެ ފުރުޞަތު އަދި އެ ހައިސިއްޔަތު ލިބިގެންދިޔައިމާ، އިރާދަކުރެއްވިއްޔާ އޭގެތެރެއިން، ކުރިން މި ދެންނެވިހެން މި އުފެދޭ އެސޯސިއޭޝަންތަކުގެ ތެރޭގައި ވަކި ޑިވިޝަންސްތައް އުފެދިގެންދާނެ ޕެރަލިމްޕިކް ތަރައްޤީކުރުމަށް. ހަމަ ރާއްޖޭގެ ހުރިހާ ރަށްތަކުގައި. ހަމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ހުރިހާ ރަށެއްގައި، ހުރިހާ ދާއިރާތަކެއްގައި، އަތޮޅުތަކެއްގައި އިރާދަކުރެއްވިއްޔާ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީންވެސް ހަރަކާތްތެރިވުމުގައި، މި ދެންނެވި ހައިސިއްޔަތު ލިބި، ފުރުޞަތު އިތުރުވެގެންދާނެ.
އަދި އޭގެ ސަބަބުން، ރާއްޖޭގެ ފަރާތުން، ދުނިޔޭގެ އެކި ތަންތާނގައި ބޭއްވޭ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް މިހާރަށްވުރެ ބޮޑަށް އެންމެ މޮޅު ކުޅުންތެރިން ބައިވެރިކޮށް، އެންމެ ގިނަ ވަނަތައް، ރަނގަޅު ވަނަތައް، މަތީ ވަނަތައް ހޯދުމުގައި އިރާދަކުރެއްވިއްޔާ ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ.
ހަމައެއާއެކީގައި، ނުކުޅެދުންތެރިކަމުގެ ވާހަކަ ދައްކާއިރު، އެ ފަރާތްތައް ތަމްސީލު ކުރާނެ މެންބަރަކު، ޤައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި، މި އިޞްލާޙުގެ ދަށުން، މިއަދު ތަޞްދީޤު ވެގެންދާ ޤާނޫނުގެ ދަށުން ހިމެނިގެންދާނެ. މިއީވެސް ވަރަށް މުހިންމު ކަމެއް، ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރިޕްރެޒެންޓް ކުރާނެ މެންބަރަކު ހިމެނޭގޮތަށް ހަމަޖެހިގެން ދިޔުން. އެއީ، ޙަޤީޤަތުގައި މިއިން ވަރަށް ބޮޑަށް ހާސިލުވެގެންދާ ކަމެއް.
އާދެ، އެހެންވީމާ، ލާމަރުކަޒީ އެބަ ކުރެވޭ. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު އެބަދެވޭ. އެއާއެކީގައި، ޖިންސީ ތަފާތުކުރުން ނައްތާލުން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކުރެވޭ. އަޅުގަނޑުމެންގެ ތެރޭގައި ކުޅިވަރު ކުޅޭއިރުގައި، މިއަދާ ހަމައަށް އައިއިރުގައި، ހަމަ ޢާންމުކޮށް މިކަން އޮތީ ރަނގަޅަށް. ދެ ޖިންސަށްވެސް ފުރުޞަތުތައް ހަމަހަމަކޮށް ލިބޭ. އެކަމަކު، އެކަން ޤާނޫނީގޮތުން ނެތް މިހާތަނަކަށް އެންޝުއަރ ކުރެވިފައެއް، ނޫނީވިއްޔާ، އެ ޔަޤީންކަން ޤާނޫނީ ހައިސިއްޔަތުގެ ތެރެއިން، ހައިސިއްޔަތު ދެވިގެނެއް ނެތް ކަށަވަރު ކުރެވިފައެއް.
އެހެންނަމަވެސް، މިހާރު މި ޤާނޫނީގޮތުން ލާޒިމުކުރަނީ، ތަފާތުނުކުރެވޭނެ ކަމަށް. ޤާނޫނީގޮތުން މި މަޖުބޫރުވަނީ ތަފާތުނުކުރަން. އެއީ، ވަރަށްބޮޑު ބަދަލެއް. އެހެންވީމާ، އެ ބަދަލު އިރާދަކުރެއްވިއްޔާ މި ޤާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ހާސިލުވެގެންދާނެ.
އާދެ، އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ބައެއް އިތުރު ކަންކަން މީގެތެރެއިން ހާސިލުވެގެންދާ. އެގޮތުން ބަލާއިރުގައި، މިހާރު ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކިކަހަލަ މައްސަލަތައް އެބަ ދިމާވޭ. ޙައްލުކުރުމަށްޓަކައި ދާނެ އަރބިޓްރޭޝަން ނިޒާމެއް، ބޭނުންކުރާ ނިޒާމެއް ރާއްޖެއަކު ނެތް. ކަމެއް ކުރަން ޖެހިއްޖިއްޔާ، މި ޖެހެނީ ބޭރު ޤައުމަކަށް ގޮސްގެން، ވަރަށް އަގުބޮޑު ނިޒާމެއްގެ ތެރެއިން އަރބިޓްރޭޝަން ކަންކަމުގެ ތެރޭގައި މަސައްކަތް ކުރަން. އެހެންނަމަވެސް، މި ޤާނޫނުގެ ތެރެއިން، ރާއްޖޭގައި ސްޕޯޓްސް އަރބިޓްރޭޝަން ނިޒާމު ޤާއިމުކުރެވިގެންދާނެ. މިއީ، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ، އޭރުން ޙައްޤުތައް ހިމާޔަތްކުރެވި، އިންޞާފު ޤާއިމުކުރުމަށް ވަރަށް ފަސޭހަވެގެން އެބަދޭ.
އާދެ، އަޅުގަނޑުމެންގެ ތެރޭގައި ކުޅިވަރާ ބެހޭ ދާއިރާގެ އެކިއެކި މުއައްސަސާތައް އެބަހުރި. އެކި މަގާމުތައް އެބައޮތް އުފެއްދިފައި. ކޮމިޝަނަރ އޮފް ސްޕޯޓްސް، ކުޅިވަރާ ބެހޭ ޤައުމީ މަޖިލިސް، ކުޅިވަރާ ބެހޭ ވަޒީރު. މި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ފުށުއަރާގޮތަށް، މިއަދާ ހަމައަށް ކޮންމެވެސްވަރަކަށް ހުރީ. އޭގެ ސަބަބުން ދިމާވާ ދަތިތައް އެބަހުރި. އެންމެން އެކުގައި ހަމަ މަސައްކަތް ކުރޭ. އެހެންނަމަވެސް، ޤާނޫނު އޮތްގޮތުން ހަމަ ދަތިތައް ހުރި. އެހެންނަމަވެސް، މިހާރު މި އިޞްލާޙު ގެނެވިގެން މިދަނީ، މި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ފުށުނާރާގޮތަށް، ވަރަށް ސާފުކޮށް ބަޔާންކުރެވި، ވަރަށް އެކުގައި މަސައްކަތް ކުރެވޭގޮތަށް. އޭގެ ނަތީޖާ ހަމަ ޔަޤީނުންވެސް ރަނގަޅުވެގެންދާނެ.
ހަމައެއާއެކީގައި، އަޅުގަނޑުމެން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދަށުން، ކުޅިވަރު ޖަމުޢިއްޔާތައް ރަޖިސްޓްރީ ކުރެވި، ގިންތިކުރުން ކަށަވަރު ކުރެވިގެން އެބަދޭ، މި ޤާނޫނުގެ ތެރެއިން. އަދި ހަމަ އަޅުގަނޑު ފާހަގަކޮށްލަން، ޔުނެސްކޯ ކޮންވެންޝަނާއި، ވާރލްޑް އެންޓި ޑޯޕިންގ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޤާއިމުކުރެވިފައިވާ، މޯލްޑިވްސް ނެޝަނަލް އެންޓި ޑޯޕިންގ އޭޖެންސީއަށް މުސްތަޤިއްލުކަން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރުކޮށްދޭ. މުސްތަޤިއްލު މުއައްސަސާއަކަށް އެބަ ހަދައިދެވޭ. މިއީވެސް ވަރަށް މުހިންމު ކަމެއް. މިހާތަނަށް ހަމަ ކުޑަކުޑަ ޑެސްކެއް ޤާއިމުކުރެވި، ވަރަށް އާދައިގެ ގޮތަކަށް ހައިސިއްޔަތު ދެވިފައިވާ ފަރާތެއް، މުއައްސަސާއެއް. އެހެންނަމަވެސް، މިހާރު މުސްތަޤިއްލުކޮށް ދެވުނީމާ، އޭގެ ސަބަބުން، ކުޅިވަރުގެ ޑިސިޕްލިން ރަނގަޅު ކުރުމުގައި ވަރަށް ބޮޑަށް އެބަ ބާރުއެޅިގެންދޭ. ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން، ކުޅިވަރުގެ ތެރޭގައި ވަރަށް ބޮޑަށް ޝާމިލުވެ މަސައްކަތްކުރޭ. މި ޤާނޫނުގެ ތެރެއިން، އިރާދަކުރެއްވިއްޔާ، މި ދެންނެވި ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގައި، މިހާރަށްވުރެ ބޮޑަށް އެ ތަންތަނުގައި އޮންނަ އެކެޑަމީ ކަލަންޑަރާ ފުށުނާރާގޮތަށް ރޭވިގެން ފޯރިއާއެކީގައި، ވާދަވެރިކަމާއެކީގައި ކުޅިވަރު ކުޅެވޭނެގޮތް ފަހިވެގެންދިޔުން، މި ޤާނޫނުގެ ތެރެއިން އެބަ ކަށަވަރު ކުރެވޭ. އިންޓަރ ސްކޮލަރސްޓިކް ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބުތައް އުފައްދައި ޙަރަކާތްތެރިވުމުގެ ފުރުޞަތު އެބަ ފަހިވެގެންދޭ.
އާދެ، އަޅުގަނޑު ހަމަ ކުރުގޮތަކަށް މި ދަންނަވާލީ، މިއަދު މި ތަޞްދީޤު ކުރެވޭ ބިލުގެ ޤާނޫނުގެ ސަބަބުން އަޅުގަނޑުމެންނަށް ހާސިލުވާ ކަންތައްތައް. އިރާދަކުރެއްވިއްޔާ، މިއަދު މި އެޅެނީ ވަރަށް މުހިންމު ފިޔަވަޅެއް. މިއަދު މި ހުޅުވެނީ، ވަރަށް މުހިންމު ޞަފްޙާއެއް ރާއްޖޭގެ ކުޅިވަރުގައި. އަޅުގަނޑުމެން އެންމެން، ހުރިހާ މުއައްސަސާތަކާއި، ހުރިހާ އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ ކޮމިއުނިޓީ ގުޅިގެން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ކުޅިވަރު މުޅިން އާ ހަރުފަތަކަށް، ރަނގަޅު މިޞްރާބަށް ގެންދިޔުމަށް އެޅޭ މުހިންމު ފިޔަވަޅެއް. އެހެންވީމާ، އެކަމަށްޓަކައި ކުޅިވަރުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑު ދެން އަވަސްވެގަންނާނަން، އިރާދަކުރެއްވިއްޔާ މީގެ އުފާވެރިކަން، ކާމިޔާބު، ރައްޔިތުންނަށް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ، ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ކުޅިވަރާ ބެހޭ ޤާނޫނުގެ އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރަން. |
މ. މުލީ އެއަރޕޯޓް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މ. އަތޮޅު މުލީގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި މި ތަނަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެކިއެކި ރަށްރަށުގެ ބޭފުޅުން، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ނައުފަލް، ވަޒީރުން، އަދި ކުންފުނިތަކާއި، މުއައްސަސާތަކުގެ ވެރިން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި މި ޙަފްލާ ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ވަރަށް އުފާވެރި މެޙެފިލެއްގައި އަޅުގަނޑުމެންނަށް މި ތިބެވެނީ. އާދެ، މުލީގެ އެއަރޕޯޓް ހަދަމުންދާތާ ވަރަށްގިނަ ދުވަސްވެއްޖެ. ދެންމެ މިތަނުގައި މިނިސްޓަރވެސް އެ ފާހަގަކުރެއްވި ފަދައިން، 14 ވަރަކަށް އަހަރުވީ ފަށައިގަނެގެން އުޅޭތާ. ދެން ކޮންމެއަކަސް މި ސަރުކާރު ފެށިގެން އަޅުގަނޑުމެންނަށް މަސައްކަތް ހަވާލުވިއިރުގައި އޮތް ހިސާބުން ބެލި ނަމަވެސް، ވަރަށްގިނަ ކަންތައް ނިންމަން ހުރި. ދެންމެ އޭގެ ބައެއް ތަފްޞީލު އެ ލިބިގެންދިޔައީ. ހަމަ ވަރަށްގިނަ މަސައްކަތްތަކެއް. އަދި ވަރަށްބޮޑު ޢަދަދެއް ބަޖެޓުންވެސް އިތުރަށް ވޭރިއޭޝަން ގޮތުގައިވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުކޮށްގެން ނިންމޭ ހިސާބުގައި މަޝްރޫޢު އޮތީ.
އެހެންވީމާ، އޭގެ ކުރިން ކުރެވުނު ހުރިހާ މަސައްކަތަކާއެކު އަދި އިތުރަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި ކޮށް ނިންމައި، ކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ނިންމައިލެވި، މިއަދު މި ހުޅުވިގެން މިދިޔައީ. އެކަމަށްޓަކައި މުލީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން. ވަރަށް ބޮޑަށް މަރުޙަބާ.
މި އެއަރޕޯޓުން މި ރަށުގެ ތަރައްޤީއަށް ހަމަ ޔަޤީނުންވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ. ވަރަށްގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމުގެ ދޮރޯއްޓަކަށް މި އެއަރޕޯޓް ވާނެ. ޚާއްޞަކޮށް، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ގެނައުމުގައި އެއަރޕޯޓް ވެގެންދާނީ އިޤްތިޞާދީ ދޮރޯއްޓަކަށް. އޭގެތެރޭގައި، ހަމަ ޔަޤީނުންވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ، މުހިންމު ދައުރެއް އަދާކުރާނެ ދާއިރާއަކަށް ވާނެ.
ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ހަނދާން އެބަހުރި. މި ރަށުގެ ފަތުރުވެރިކަމަށް އަޅުގަނޑު ވަޢުދުވިން، ދެ ރަށެއް ހިއްކުން، ނޫނީވިއްޔާ ފަޅުތެރެއިން ފުރުޞަތުތަކެއް ހޯދައިދޭން އިންވެސްޓްމަންޓްތަކަށް. އަދި ހިއްކާފައި އޮތް ބިމުންވެސް ޓޫރިޒަމް އިންވެސްޓްމަންޓަށް ފުރުޞަތުތައް ހޯދައިދޭނެ ވާހަކަ. އެކަމަށް އެންމެ މުހިންމީ އެއަރޕޯޓް ހުޅުވިގެން ދިޔުން. އެހެންވީމާ، މިއަދު މިވަނީ އެކަން ހާސިލުވެފައި.
ޓޫރިޒަމް މިނިސްޓްރީން ތިޔަބޭފުޅުންނާ ގުޅިވަޑައިގެން، ދެން އޮތް މަރުޙަލާގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްޓަންކޮށްދޭނަން. ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.
ހަމަ އެއާއެކީގައި، މި އަތޮޅުގެ ތަރައްޤީއަށްވެސް މި އެއަރޕޯޓް ވަރަށް މުހިންމު. މި ސަރަޙައްދުގެ ރަށްތަކަށާއި، ޖުމްލަކޮށް، އަތޮޅުގެ ތަރައްޤީއަށް އެއަރޕޯޓުގެ ސަބަބުން ވަރަށްގިނަ ކުރިއެރުންތައް އަންނާނެ.
ލަފާ ފުރުމުގެ ދަތިކަން ވައިގެ މަގުން ނެތް މަދު ސަރަޙައްދުތައް ގޮތުގައި އޮތް އޮތުން މިއަދު ނިމުމަކަށް މިއައީ. ވައިގެ މަގުން ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި، ކޮންމެ ހިސާބަކުންވެސް ދިވެހި ރައްޔިތަކަށް ދަތުރުކުރެވޭނެގޮތް އޮތުމަކީ، އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް. އެހެންވީމާ، އެގޮތުން، މި ރަށުގައި މި އެއަރޕޯޓް ހުޅުވިގެން ދިޔައިމަ، ވަރަށްގިނަ ކަންތައްތަކަށް މި ދެންނެވި ފަދައިން މަގުފަހިވެގެން އެދަނީ.
އާދެ، މިއަދު މިއީ ހަމަ ފެށުމެއް. މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ވަރަށްގިނަ ކަންކަން އެބަހުރި. އަޅުގަނޑު ވަޢުދުވެފައި ހުރި ވަރަށްގިނަ ކަންތައްތައްވެސް އެބަހުރި. އޭގެތެރޭގައި، ދެންމެ މި ދެންނެވި ފަދައިން، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުން، މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުން.
އާދެ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ރަނގަޅު ފެންވަރުގައި މި ރަށުގެ މަގުތައް ހަދައިދޭނެ ކަމަށް. މި އަންނަ އަހަރު ތެރޭގައި އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާކަން ދަންނަވަން. އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރުގެ ތެރޭގައި، މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢު، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން.
މިހާރު ސޮއިކުރެވިފައިވޭ، އެމް.ޓީ.ސީ.ސީ.އާ އެކީގައި، ރީޖަނަލް ހޮސްޕިޓަލްގެ އާ ޢިމާރާތް އެޅުން. އެއީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އެ މަޝްރޫޢު ފެށުމަށް އެއޮތީ މިހާރު ތައްޔާރުވެފައި. ޢަމަލީގޮތުން ފެށުމުގެ މަރުޙަލާގައި އެއޮތީ. އަޅުގަނޑު ހަމަ އުންމީދު ކުރަން، ފެށެންޏާ މިއަދުވެސް ފަށަން. އެކަމުގައި އަޅުގަނޑުގެވެސް ވަރަށް ބޮޑު އުންމީދެއް އެބައޮތް، ރައްޔިތުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެންދާން ޞިއްޙީ ދާއިރާއިން. ވަރަށް ވަރަށް މުހިންމު މަޝްރޫޢެއް އެއީ.
އެހެންވީމާ، އަޅުގަނޑުމެން ވާނީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު، އެ ޢިމާރާތް އެޅުމަށްވެސް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް. ޑައިލިސިސް ޚިދުމަތާއި، މުވައްޒަފުން ހޯދުމާއި، މިފަދަ ގިނަ ކަންތައްތަކުގައި ސަރުކާރުން ވަރަށް އިސްކަމެއް ދެން. ވަރަށްގިނަ ކަންތައްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް މިވަނީ ކުރެވިފައި. އަދި ކުރިއަށްވެސް އެބަދޭ.
އެހެން ދާއިރާއަކަށް ބަލައިލަންޏާ، އެންމެ މުހިންމު އެއް ދާއިރާއަކީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަން. އަޅުގަނޑުމެން ވާނީ އިޢުލާނުކޮށްފައި، މި މަހުގެ ތެރޭގައި. 13 ވަނަ ދުވަހު އިޢުލާނު ކުރިން، 57 ރަށުގައި އަޅުގަނޑު ވަޢުދުވެފައިވާ ހައުސިންގ މަޝްރޫޢުތައް ހިންގަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އޭގެތެރޭގައި، މި ރަށުގައި 300 ހައުސިންގ ޔުނިޓު އެޅުން ހިމަނާފައި އޮންނާނީ. އެހެންވީމާ، އެ ޓެންޑަރިންގ ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ރަނގަޅު ފަރާތެއް ހަމަޖެހިގެން ގޮސް، އެ މަޝްރޫޢުވެސް ފެށޭނެ ކަމަށް. މި ރަށުގައި 300 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ވެގެންދާނެ، ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންގެ އުންމީދުތަކުގައި ވަރަށްގިނަ ކުލަތައް ޖެހޭނެ ކަމަކަށް. ޚާއްޞަކޮށް، ޒުވާނުންނާއި ގެދޮރުވެރިކަން ނެތް ފަރާތްތަކަށް. މި ރަށަށް އަންނަން ބޭނުންވާ ފަރާތްތައް ތިބި ކަމަށްވަންޏާ، އެ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ މަރުޙަބާ ކިޔަން.
މިގޮތަށް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވޭ، ޚާއްޞަކޮށް، އެއަރޕޯޓުތައް ހެދި، ބިން ހިއްކޭ ރަށްރަށަކީ، ސަރަޙައްދީ ގޮތުން ތަރައްޤީ ކުރުމުގެ ވިސްނުމުގައި، އެހެން ރައްޔިތުންވެސް ބައިވެރިވާ ރަށްތަކަކަށްވާންޖެހޭ. އެއީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ. ރަށްރަށަށް ހިޖުރަކުރުން، އާބާދީ އެއްފަސްކުރުން. އެއީ، އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށް ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއް. އެހެންވީމާ، ހައުސިންގ މަޝްރޫޢު އެވަނީ އިޢުލާނު ކުރެވިފައި. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު ހަމަ ކުރިއަށް ގެންދެވޭނެ.
ހަމައެއާއެކީގައި، އަޅުގަނޑު ވަޢުދުވިން، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢެއްވެސް ކުރިއަށް ގެންދަން. އެހެންވީމާ، މިގޮތަށް ނުފެށިހުރި މަޝްރޫޢުތަކަކީ، މި ދެންނެވި ގޮތަށް، މި އަންނަ އަހަރު ބަޖެޓްތެރޭގައި މަގުހެދުމުގެ މަޝްރޫޢު ހިމެނިފައި އޮތްގޮތަށް، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުވެސް އަޅުގަނޑުމެން ހަމަ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި އަންނަ އަހަރު ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ނިންމާފައި.
އާދެ، މި ރަށާ ކައިރީގައި މިއޮތް ނާލާފުށީގެ ވާހަކަވެސް ދަންނަވާލާނަން. އާދެ، ނާލާފުށްޓާއި މުއްޔާ ގުޅުވައިލުން. ކޯޒްވޭއަކުން ގުޅުވައިލުމަކީ، އެއީ އަޅުގަނޑު ދެ ރަށަށްވެސް ވީ ވަޢުދެއް. އިރާދަކުރެއްވިއްޔާ މި ދަތުރުގައި އެ މަސައްކަތް ޢަމަލީގޮތުން އަޅުގަނޑުމެން ފަށާނަން. ގާތްގަނޑަކަށް 650 އެއްހާ މީޓަރު ހުރީ މިދޭތެރޭގައި. މި ގުޅުވައިލުމަކީ އިޤްތިޞާދީ މަސައްކަތެއް. އިޤްތިޞާދީ ނަފާ އެއިން ލިބޭ މަސައްކަތެއް. އިންވެސްޓްމަންޓެއް މިއީ. މިގޮތަށް ގުޅުވައިލެވުނީމަ، އެއްފަސްކުރެވުނީމަ، ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި. ދެން ހަމަ ޔަޤީނުންވެސް ނާލާފުށީ ރައްޔިތުންނަށް މިހާރު ނުލިބޭ އެތައް ފަސޭހަކަމެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި.
އެހެންވީމާ، އެމް.ޓީ.ސީ.ސީ.އާ އެކީގައި މިހާރު ހަވާލުކުރެވިފައިވާ މި މަޝްރޫޢުގެ އީ.އައި.އޭވެސް އޮތީ ހަދައި ނިމިފައި. އެހެންވީމާ، މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ހަމަ ޔަޤީންކުރަން. މަޝްރޫޢުގެ މުއްދަތަކަށް އޮތީ 600 ދުވަސް ޖަހާފައި. އެކަމަކު އެއަށްވުރެ އަވަހަށް ނިންމާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންވީމާ، މި މަޝްރޫޢު މިއަދު ފެށިގެން ގޮސް ނިމޭއިރުގައި، އަޅުގަނޑު ހަމަ ޔަޤީންކުރަން، މިއިން ހަމަ މި ދެ ރަށަށް ވަރަށްގިނަ ފައިދާވާނެ.
މި ދަތުރުގައި ނާލާފުށްޓަކަށް އަޅުގަނޑު ނުއެއްދަން. އެހެންނަމަވެސް، ނާލާފުށީގެ ކޯޒްވޭގެ ވާހަކަ ދަންނަވާލެވޭތީ ދަންނަވާލަނީ. އަޅުގަނޑު އިތުރަށް ވަޢުދުވި ދެ ކަމެއްވެސް އޮންނާނެ ނާލާފުށްޓަށް. އެއީ، ބަނދަރު އިތުރަށް އަޕްގްރޭޑް ކޮށްދިނުން، ނޫނީވިއްޔާ ބޮޑުކޮށްދިނުމުގެ ވާހަކަ އަޅުގަނޑު ދެންނެވިން. އަދި ނާލާފުށްޓަށްވެސް މިހާރު އޮތްވަރަށްވުރެ ބިން އިތުރުކުރަން އަޅުގަނޑު ވަޢުދުވިން. އެއީ، ކޮންމެގޮތެއްވިޔަސް، ޖިއޮގްރަފިކަލީ މިހާރު އޮތްގޮތަށް ބަލާއިރުގައި، ހަމަ ބިން އިތުރުކުރުމަކީ ކުރަންޖެހޭނެ ކަމެއް. ގުޅުވައިލި ކަމުގައިވިޔަސް.
އެހެންވީމާ، މި ދެމަޝްރޫޢު، ބިންހިއްކުމާ އެކުގައި، ބަނދަރު ބޮޑުކުރުން، ނޫނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢާ އެކުގައި ބިން ހިއްކުމުގެ މަޝްރޫޢެއް، ދެ މަޝްރޫޢު އެކީގައި މި އަންނަ އަހަރުގެ ބަޖެޓުގައި ޖަހައިގެން، މި އަންނަ އަހަރު ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާލަން. އާދެ، ދެ ދާއިރާއެއްގެ މަސައްކަތް. ދެ ދާއިރާއެއްގައި ހިމެނޭ ދެ ރަށް.
އާދެ، އަޅުގަނޑު މި ވާހަކަތައް މި ދަންނަވާލީ، ދެންހުރި ރަށްރަށުގެ ވާހަކަ، މ. އަތޮޅުގެ އެހެން ރަށްތަކުގެ ވާހަކަ މިތާ ނުދެންނެވުނު ނަމަވެސް، އަޅުގަނޑު އެދެން، އެކަމާ ކަންބޮޑުވެނުލެއްވުމަށް. މި އަތޮޅުގެ ހުރިހާ ރަށެއްގައި އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން. ކުރިއަށް އެބަ ގެންދެވޭ. ޢަމަލީގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް ވަނީ. އެއްވެސް ވަޢުދެއް ހަނދާނެއް ނުނެތޭ. ކޮންމެ ވަޢުދެއްވެސް ޑޮކިއުމަންޓް ކުރެވިގެން، އެ ވަޢުދުގެ މަސައްކަތްތަކެއް ހިނގާނެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ކަންކޮޅެއްގައިވެސް.
އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި، ގިނަ މަސައްކަތްތަކެއް ހުރި. މިހާރު އޭގެތެރެއިން ވަރަށް ގިނަ މަސައްކަތްތައް ރީ-ސްޓާޓް ކުރުމަށްޓަކައި، އަލުން ފެށުމަށްޓަކައި އެވަނީ ހަމަ ހުރިހާ ކަމެއް ނިންމިފައި. އޭގެތެރެއިން އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ފެށުމަށް އަޅުގަނޑުމެން މިހާރުވެސް ވާނެ، މިގޮތަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، 390 މަޝްރޫޢެއް ފަށަން އެކި ކުންފުނިތަކާ ސޮއިކޮށްފައި. އަޅުގަނޑުމެން މި ސަރުކާރުން މި އަހަރުގެ ތެރޭގައި ސޮއިކޮށްފައި ވާނެ. އެއީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ތެރެއިން ކުރާ މަސައްކަތް. އެއީ، ސަރުކާރު ޙިއްޞާވާ ކުންފުނިތައް. ކުންފުނިތަކުގެ ވެރިންވެސް މިތާ އެބަ ތިއްބެވި. އެ ކުންފުންޏެއް މޮބިލައިޒް ވެފައި، ނޫނީވިއްޔާ މިހާރުވެސް މަސައްކަތަކަށް ގޮސްފައިވާ ރަށެއްގައި، ދެންހުރި އެހެން މަސައްކަތްތައް މި ހަވާލުކުރީ. އެވެސް ހަމަ ކޮސްޓް އިފެކްޓިވްކޮށް މަސައްކަތް ކުރުމަށްޓަކައި.
ވަރަށްގާތުން ސަރުކާރުގެ ހުރިހާ އިދާރާއާއެކު ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ އަވަހަށް ފެށުމަށްޓަކައި. ކޮންމެ ހަފްތާއަކުހެން އަޅުގަނޑުވެސް ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައި، ހަމަ ހުރިހާ ބޭފުޅުން އެކުގައި މިކަންކަން ބާރަށް ގެންދިޔުމުގައި މަސައްކަތްތަކެއް އެބަ ކުރަން. ފިނޭންސް މިނިސްޓްރީގެ ތެރޭގައި ކޮންމެ ދުވަހަކުހެން މަސައްކަތް ހިނގާ. އެހެންވީމާ، ޓީމެއް ގޮތުގައި، ވަރުގަދަ ޓީމެއް ގޮތުގައި ހުރިހާ ވަޒީރުންނާއި އެމް.ޑީޒް ގުޅިގެން އެކަންކަން އެދަނީ.
އެހެންވީމާ، މި ދަންނަވަން އުޅޭ ވާހަކައަކީ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެފައި ހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަން އެބަދެމޭ. މިގޮތަށް މި ކަންތައްތަކުގެ ތެރެއިން ފަށަންހުރި ކަންކަން މި އަހަރުގެ ތެރޭގައި ފަށާނެ ވާހަކައާއި އަދި މި އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި ކަންކަން ދާނީ އެގޮތަށްކަން.
ހަނދުމަފުޅު ހުންނާނެ، މިދޭތެރެއިން އަޅުގަނޑު ޕްރެސް ކޮންފަރެންސެއް ބޭއްވިން. އެ ދުވަހު ދެއްކިން ޕްރެޒެންޓޭޝަނެއް. އޭގައި ދެއްކިން ހުރިހާ މަޝްރޫޢުތަކެއް މިހާރު ފަށަން ތާވަލުކުރެވިފައި، ނޫނީވިއްޔާ ތަރުތީބު ކުރެވިފައި ހުރިގޮތް. އޭގައި މި ދަންނަވާލީ ހަމައެކަނި ވިސްނާފައި އޮތް ގޮތެއް ނޫން. ހަމަ ކަނޑައެޅިފައި ހުރި، ހިނގަމުންދާ ސަރުކާރުގެ ސިޔާސަތު.
އެހެންވީމާ، މި ދެންނެވި 390 މަޝްރޫޢު އަދި އިތުރު ވިއްސަކަށް މަޝްރޫޢުގައި ވަރަށް އަވަހަށް ސޮއިކުރާނެ. އަދި މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައްޔާ އެކީގައި އަދި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ. އޭގެތެރޭގައި، ޕްރައިވެޓް ސެކްޓަރއަށް ހުޅުވާލާ މަޝްރޫޢުތައްވެސް ހިމެނޭ.
އެހެންވީމާ، 700 ނޫނީ 800 އެއްހާ މަޝްރޫޢު، މިދިޔަ ފެބުރުވަރީން ފެށިގެން ކުރިއަށް މި އޮތް ދެ މަހާ އެއްކޮށްލައިފިއްޔާ، ގާތްގަނޑަކަށް ހަތަރު ފަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑްގައި މަސައްކަތްތައް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމުމަށްޓަކައި.
އެހެންވީމާ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަޅުގަނޑު ވީ ވަޢުދުތައް، އެކި ދާއިރާތަކުން، އެއީ، މަގުހެދުން ކަމުގައިވިޔަސް، ބިން ހިއްކުން ކަމުގައިވިޔަސް، ބަނދަރު ހެދުން ކަމުގައިވިޔަސް އަދި ސްކޫލްތަކާ ބެހޭ އެކިކަހަލަ އިންފްރާސްޓްރަކްޗަރ މަޝްރޫޢު ކަމަށްވިޔަސް، ޞިއްޙީ ދާއިރާ ކަމުގައިވިޔަސް، ކުޅިވަރުގެ އެކިކަހަލަ މަޝްރޫޢުތައް ކަމަށްވިޔަސް، ކުނި މެނޭޖް ކުރުން. މިހެންގޮސް ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ވަރަށް ސަމާލުކަންދީގެން، އެކަންކަން ކުރެވޭނެގޮތް މިދަނީ ހަމަޖައްސަމުން. އަދި ފަށައިގެން ކުރިއަށް އެދަނީ.
އަޅުގަނޑުމެންނަށް ފުރިހަމަ ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންގެ މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނެގޮތް އެނގޭ. ކުރެވޭނެ ގޮތަށް ރާވައިގެން މި ގެންދަނީ. އެހެންވީމާ، އެއްވެސް ކަންބޮޑުވުމެއްނެތި އިރާދަކުރެއްވިއްޔާ މިކަންކަން ދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތްތައް މިގޮތަށް ފެނިގެން އެދަނީ.
މިސާލަކަށް، ބޭންކިންގ ދާއިރާއަށް ބެލިޔަސް، ބީ.އެމް.އެލް.ގެ ފުރިހަމަ އެހީތެރިކަމާ އެކީގައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަޅުގަނޑުމެން ވަޢުދުވީގޮތަށް، އޭ.ޓީ.އެމް.ތައްވެސް އެދަނީ ހުޅުވަމުން. ބުރާންޗްތައް ހުޅުވަން އަޅުގަނޑު ވަޢުދުވީ ބާރަވަރަކަށް ރަށުގައި. އެ ރަށްރަށުގައި ބުރާންޗްތައްވެސް ހުޅުވުމުގެ މަސައްކަތް އެދަނީ ކުރިއަށް.
އަޅުގަނޑަށް ހީވަނީ މިމަސް ތެރޭގައި، މި އަތޮޅުގައި އޭ.ޓީ.އެމް. ނެތް ރަށްރަށުގައި އޭ.ޓީ.އެމް.ތައް ހުޅުވޭނެހެން. ހުޅުވަން އޮތީ ހަމަޖެހިފައި. އަދި އެގޮތަށް ހަމަ ކޮންމެ ހަފްތާއެއްގައި، ނޫނީވިއްޔާ ކޮންމެ މަހެއްގެ ތެރޭގައި ހުރިހާ އަތޮޅެއްގައި، ބާކީހުރި ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ހުޅުވަމުންދާނެ. އަދި ބުރާންޗްތައް ހުޅުވުމުގެ ތަންތާނގައި ހަމަ ތަރުތީބުން ދާނެ.
އެހެންވީމާ، ވަރަށް ބާރަށް ހަމަ ހުރިހާ ސެކްޓަރއެއްގެ މަސައްކަތްތައް މި ހިނގަނީ. ހުރިހާ ސެކްޓަރއެއްގެ މަސައްކަތްތައް. ހުރިހާ ދިމާއަކަށް ރައްޔިތުންނަށް ހަމަހަމަ ޚިދުމަތް ދިނުމަށްޓަކައި. އެއްވެސް ދިމާއެއް، އެއްވެސް ރަށެއް، އެއްވެސް އަތޮޅެއް ބާކީނުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ކުރަނީ.
އެހެންވީމާ، އަޅުގަނޑު ކުރިންވެސް ހަމަ ދަންނަވާފައި އޮތްގޮތަށް މި އަހަރާއި މި އަންނަ އަހަރާ ދެ އަހަރު ދުވަސް ވެގެންދާނީ، އިރާދަކުރެއްވިއްޔާ ޢަމަލީ ނަތީޖާ ނެރެދިނުމުގެ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރުތަކަށޭ. ހުރިހާ ރަށެއްގައި ކުޅިވަރު ކުޅޭ ހުރިހާ ވަސީލަތްތައް މި ދެ އަހަރަށް ބަހާލައިގެން ޤާއިމުކޮށް ނިންމުމާއި، ކުނި މެނޭޖް ކުރުމުގެ ވަސީލަތްތައް، މި އަހަރުގެ ނިޔަލަށް ނިންމުމާ، މިހެންގޮސް ވަޢުދުވެފައި ހުރި ހުރިހާ ކަމެއް.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ، ފަށަންހުރި މަސައްކަތްތައް ފެށޭ ތަނާއި، ފަށާފައި ހުރި މަސައްކަތްތައް ނިންމާފައި، އެކަންކަން ރައްޔިތުންނަށް ހަވާލުކުރެވިގެންދާ ތަން.
ކުރިއަށް އޮތް ތާނގައި، އަޅުގަނޑު ހަމަ ވަގުތު ލިބޭވަރަކުން ވަރަށް އިސްކަންދީގެން ހަމަ މިގޮތަށް ރަށްރަށަށް ދާނަން. ރާއްޖޭގެ ހުރިހާ ރަށެއް ކަވަރ ކުރުމަށްޓަކައި، ދިޔުމަށްޓަކައި އަޅުގަނޑު ވާނީ ނިންމާފައި. އެހެންވީމާ، ލަސްނުވެ މިގޮތަށް ހަމަ ހުރިހާ ރަށަކަށްވެސް ދާން އަޅުގަނޑު ޤަޞްދުކުރަން.
އާދެ، އަދިވެސް އެއްފަހަރު ހަމަ މުލީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. މިއަދު މި ހުޅުވިގެން މިދިޔަ ދޮރޯށީގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ހަމަ ދަންނަވަން. ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަކީ، އަޅުގަނޑަށް ލިބޭ އުފާ. އަޅުގަނޑަކީ ތިޔަ ލޮބުވެތި ރައްޔިތުންގެ ޚާދިމު. ރައްޔިތުން ހޮވާފައި ހުރި މީހެއް. ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުންނޫން އެއްވެސް ވިސްނުމެއް ނެތް. އަދި އަޅުގަނޑުގެ އެނޫން ޒިންމާއެއްވެސް ނެތް. އަޅުގަނޑު އެދެނީ، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރިއަށް ގެންދަން. ރައްޔިތުންނާ ގާތަށް އަންނަނީވެސް އެހެންވެގެން. އަޑުއަހަން. ރައްޔިތުންގެ ގާތަށް އައިމަ، އެ ލިބޭ ހިތްހަމަޖެހުން އެއީ، ވަރަށް ތަފާތު އެއްޗެއް. މާލޭގައި ހުރެފައި، ކައުންސިލްތަކާއި މުއައްސަސާތައް މާލެ ގެންގޮސްގެން، ބައްދަލުކޮށްގެން ކަންކަން ކުރާ ސްޓައިލް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ގާތަށް އައިސްގެން ކަންކަން ބަލައި ކަންކަން ކުރަން.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މިގޮތުގެ މަތިން، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތްތައްވެސް އަޅުގަނޑު ހަމަ ވަޢުދުވެފައި ހުރި ކަންތައްތައް، ވަޢުދުތައް ފުއްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މި ރަށާއި މި އަތޮޅާއި، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެމުން އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރ. އިނގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އިނގުރައިދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި މި ދާއިރާގެ އެހެން ރަށްތަކުގެ ކައުންސިލަރުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ހަވީރު މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި، ދެއްވި ތާއީދަށްޓަކައިވެސް މި ދާއިރާގެ ހުރިހާ ރައްޔިތުންނަށް، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންކަމަށް ބަލާއިރުގައި، ރަށެއްގެ ތަރައްޤީއަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މި ރަށުގައި ކަންކަން ނުކުރެވި ހުރީ. އެންމެ ދާއިރާއެއްވެސް މިސްނުވޭ ވިދާޅުވިއިރުގައި. އަޅުގަނޑުމެން ކައުންސިލްތަކާ ބައްދަލުކުރާއިރުގައި، ހުރިހާ ކަމެއް ޙިއްޞާ ކުރައްވާ. މިއަދު ދެން ވަގުތު އޮތް ގޮތުން، ކައުންސިލް ބައްދަލުވުން މިއޮތީ ފަހުން، ޖަލްސާގެ ފަހުން. އެހެން ނޫނީވިއްޔާ ގިނައިން ކައުންސިލް ބައްދަލުވުމަށްފަހު ޖަލްސާ ބާއްވަނީ. އެހެންވީމާ، ކައުންސިލްގެ ރައީސް ދެންމެ އެހާ ތަފްޞީލުކޮށް މިކަންކަން އެ ފާހަގަކުރެއްވީ.
އާދެ، މިކަންކަން މިހެން ހުރުމުން، މިއިން އެބަ ދޭހަވޭ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގެ ގިނަކަން. އަޅުގަނޑު ޔަޤީންކަންދެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މީގެތެރެއިން ނިންމެންހުރި، އެއީ، ފެށިފައި ހުރި މަޝްރޫޢެއް ކަމުގައިވަންޏާ، ނިންމެންހުރި ހުރިހާ މަސައްކަތެއް ނިންމުމަށާއި، އަދި އަލަށް ފެށެންހުރި މަޝްރޫޢުތަކުގެ ތެރެއިންވެސް ވީހާވެސް ގިނަ މަޝްރޫޢަކަށް އިސްކަންދީގެން މަސައްކަތްތައް ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އެ ޔަޤީންކަން ދެން. އަޅުގަނޑު ވަޢުދުވީ ކަންކަންވެސް ހުންނާނެ. އަދި ވަޢުދުނުވާ،
މި ރަށުގައި ހިނގަމުންދާ ވަރަށްގިނަ މަސައްކަތްތައްވެސް ހުންނާނެ. ކޮންމެގޮތެއްވިޔަސް އެ ހުރިހާ ކަންތައްތަކަކީ، މި ރަށުގައި ކުރަން ޖެހިފައި ހުރި ކަންކަން. ހަމަ އެގޮތަށް، މި ދާއިރާގެ އެހެން ރަށްތަކުގައިވެސް.
އެހެންވީމާ، މި ހުރިހާ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ޢަމަލީ ސިފަ ގެނެސްދީ، އެއީ ޢުމްރާނީ ތަރައްޤީގެ ގޮތުން ބަނދަރު ހެދުން، މަގުހެދުން ކަމުގައިވިޔަސް، އަދި އެހެން މަޝްރޫޢެއް ކަމުގައިވިޔަސް، ތަޢުލީމީ ދާއިރާއިން ކުރަން ޖެހިފައި ހުރި މަސައްކަތްތައް ކުރާނަން. ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމުގެ ކަންކަން ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި. ކުޅިވަރުގެ ދާއިރާއިން، އިޖުތިމާޢީ ހުރިހާ ދާއިރާއަކުން، މިހެން ގޮސް ވަރަށްގިނަ ކަންކަން މި ރަށުގައި ހުރީ ނިންމަން ޖެހިފައި. އެހެންވީމާ، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ.
އާދެ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު މަސައްކަތް ކުރާނީ، މިކަންކަމަށް ޢަމަލީ ސިފަ ގެނެސްދޭން. މިދިޔަ ގާތްގަނޑަކަށް ފަނަރަވަރަކަށް ހަފްތާގެ ތެރޭގައި، އަޅުގަނޑުމެން މަސައްކަތް މި ކުރީ މިހެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ފަދައިން، ބަޖެޓުގައި ޖާގަ މާބޮޑަކަށް ނެތް، ބަޖެޓް ފާސްކޮށްދީފައި އޮތްއިރުގައި މިކަންކަން ނިންމާކަށެއް ފައިސާ ދީފައެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެކަންކަން ކޮށްދޭނަން. ބަޖެޓުގައި ޖާގަ އެގޮތަށް ނެތަސް، ބަޖެޓުގެ ތެރެއިން، އެ އޮންނަ އުޞޫލުގެ ތެރެއިން އަޅުގަނޑުމެން އެކަން ހަމަޖައްސާނަން. އާމްދަނީ އިތުރުކުރުމަށްޓަކައި އެހެންވެގެން މިހާ އިސްކަމެއް ދީގެން މި މަސައްކަތް މިކުރަނީ.
އަޅުގަނޑުމެންގެ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ފުޅާކުރަން މި މަސައްކަތް ކުރަނީ އެހެންވެގެން. އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނެ ހުރިހާ ގޮތްގޮތެއް ފަހިކުރަން މި މަސައްކަތް ކުރަނީ އެހެންވެގެން. މަސްވެރިކަމުގެ ދާއިރާވެސް ވެއްޓިފައި އޮތް އަނދަވަޅުން ނަގައި، މަސްވެރިކަމަކީ، ރާއްޖޭގައި އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކަށް ހެދޭ ހިސާބަށް ގެންދަން މި މަސައްކަތް ކުރަނީ އެހެންވެ. އަދި ހަމަ އެއާއެކީގައި، ދެންހުރި ހުރިހާ އިންޑަސްޓްރީތަކެއްވެސް ފުޅާކޮށް، ބާރު ސްޕީޑްގައި ގެންދަން މި މަސައްކަތް ކުރަނީ އެހެންވެގެން. އާމްދަނީ އިތުރުކުރުމަށްޓަކައި. އޭރުން މިގޮތަށް ނުނިމިހުރި ހުރިހާ މަސައްކަތްތަކާއި، އަދި ފަށަންވެފައި ހުރި ހުރިހާ މަސައްކަތްތަކެއްވެސް ރަށްރަށުގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އާދެ، އިރާދަކުރެއްވިއްޔާ މި މަގުން އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް އިރާދަކުރެއްވީތީ މި ފަނަރަވަރަކަށް ހަފްތާގައިވެސް މިވަނީ ހާސިލުކުރެވިފައި. އެކަން އިންޓަރނޭޝަނަލް ކަމާގުޅޭ ހުރިހާ އިދާރާތަކުންވެސް އެދަނީ ފާހަގަކުރަމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި، އޭގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ.
އާދެ، އެގޮތުން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޓޫރިޒަމް ފުޅާކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިންވެސް ހަމަ އެންމެ މުހިންމު އެއްކަމަކަށްވާނީ، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯޓުތައް ރާއްޖޭގައި ގިނަކުރުން. އަޅުގަނޑު ރާއްޖޭގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރަން ގަސްތުކުރަނީ ރަށްރަށުގެ ރައްޔިތުންނާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުވާފައި. އެހެންވެގެން ފުރަތަމަވެސް މި ބޭނުންވީ ރަށްރަށުގެ ރައްޔިތުންގެ ގާތަށް ސީދާ ދާން. އަޅުގަނޑަށްވެސް ވަރަށް ފަސޭހަވާނެ، މާލޭގައި މަޑުކޮށްލައިގެން ކައުންސިލްތައް މާލެއަށް ގެނެސް ވާހަކަ ދައްކާލަން. އެހެން ނަމަވެސް، އެއަށްވުރެ މާ އިފެކްޓިވްވާނެ، އެ ކައުންސިލެއް ގާތަށް، އެ ރަށަކަށް ގޮސް ވާހަކަ ދައްކަން. އެހެންވީމާ، މިކުރެވޭ މަސައްކަތަކީ، ކަންކަމުގައި ރައްޔިތުން ބޭނުންވާގޮތް އޮޅުންފިލުވުން.
މިއަދާ ހަމަޔަށް މިހާރު 103 ކައުންސިލާ މިވޭތުވެދިޔަ ތިންވަރަކަށް ހަފްތާގެ ތެރޭގައި މި ބައްދަލުކުރެވުނީ. އަދި މި ހަފްތާ ނިމޭއިރުގައި އިރާދަކުރެއްވިއްޔާ އެ ޢަދަދު 150 އާ ގާތްކުރާނެކަންނޭނގެ. ދެން ބާކީހުރި ކައުންސިލްތަކާ އެކީގައި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ބައްދަލުކޮށް ނިންމޭތޯ މި ބަލަނީ. އޭރުން އަޅުގަނޑަށް އެބަ ލިބޭ ފުލް ޕިކްޗަރއެއް. ފުރިހަމަ މަންޒަރެއް. ރައްޔިތުން ބޭނުންވާގޮތް، ސީދާ ރައްޔިތުންނަށް ދުވަހުން ދުވަހަށް ޚިދުމަތް ކުރުމަށްޓަކައި އެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ކިބައިން. އަދި ޑަބްލިޔޫ.ޑީ.ސީ. މެންބަރުންގެ ކިބައިން. އޭރުން އަޅުގަނޑަށް ވަރަށް ފަސޭހަވެގެން އެބަދޭ، ސީދާ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ކަންކަން ފަހިކުރަން. މިހާރުވެސް މިދިޔަ ދެތިން ހަފްތާގެ ތެރޭގައި ލިބުނު މަޢުލޫމާތުގެ އަލީގައި، އެކްޝަން ނަގަން، ޢަމަލީ ސިފަ ގެންނަން ފަށައިފިން. ހުއްޓިފައި ހުރި ކަންކަން އަވަސްކުރެވޭނެ ގޮތްގޮތް. އަދި ދަތިތައް ދިމާވެފައި ހުރި ކަންކަމުން އެ ދަތި ފިލުވާނެގޮތް މިހާރުވެސް ބަލައި މަސައްކަތް ފަށައިފިން. ކައުންސިލަރުން ދެއްވި ޚިޔާލާއި، ދެއްވި މަޢުލޫމާތުގެ އަލީގައި.
އެހެންވީމާ، މި ދާއިރާއަށް، މި އަތޮޅުގެ ތަރައްޤީއަށް ދެން މި ބޭނުންވާ އެއަރޕޯޓުގެ ކަންތަކުގައިވެސް ރައްޔިތުން ބޭނުންވާގޮތް އެއީ، އަޅުގަނޑު ވަރަށް ބޮޑަށް ބަލާނެ ގޮތެއް. އަދި އަޅުގަނޑު ވެފައި ހުރި ވަޢުދުތަކަކީ، އަޅުގަނޑު ކޮންމެގޮތެއްވިޔަސް، އަޅުގަނޑު ދަންނަވާފައި ވާނީ، ވަޢުދަށް އަޅުގަނޑު އިޙްތިރާމު އަދާކުރާނަމޭ. އެހެންވީމާ، ރައްޔިތުން ކަންބޮޑުވެނުލައްވާ! މި އަތޮޅުގައި، މި އަތޮޅުގެ ދެކުނުގައި އަޅަންޖެހޭ އެއަރޕޯޓް އެއީ، ރައްޔިތުން އެދޭކަހަލަ އެއަރޕޯޓަކަށް އަޅުގަނޑު ހަދައިދޭނެ ކަމުގެ ޔަޤީންކަން ދެން. އާދެ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމަށް އަޅުގަނޑަށް މިހާރުވެސް ގަބޫލުކުރެވޭ. އިޤްތިޞާދީ ގޮތުން އެތައް ވަޒީފާއެއް އުފެދި، ސަރުކާރަށް، ދައުލަތަށް، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެތައް ގުނަޔަކުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ހަމަ އެގޮތަށް، ދެންހުރި މަޝްރޫޢުތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، މި ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރިއަށް މިގެންދާ ހުރިހާ މަސައްކަތްތަކެއްގައި ޙަޤީޤީ ކުލަ ޖެހެމުންދާނެ. އަޅުގަނޑު ދެކެން ބޭނުންވަނީ ހުރިހާ މާނައެއްގައި އަޅުގަނޑުމެންނަކީ ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތަކަށް ހަދަން. ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތުންނަށް ވާނީ ޢުމްރާނީ ތަރައްޤީގެ ގޮތުންނާއި، އިޤްތިޞާދީ ތަރައްޤީގެ ގޮތުންނާއި، އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލުކުރެވުނީމަ. އެހެން ބައެއްގެ އަތްމަތީގައި އަޅުގަނޑުމެންގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލުކުރެވުނު ދުވަހަކުން. އެ މަގުން ކަންތައްތައް ގެންދެވޭތޯ މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ހާސިލުވެގެންދާނެ.
އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބޯތަކެތި މި އެތެރެކުރަންޖެހެނީ ހަމަ ގާތްގަނޑަކަށް ހުރިހާ އެއްޗެއް ބޭރުން. މި ރާއްޖޭގައި އުފެއްދޭ ތަކެތިވެސް ބޭރުން. އެހެން ނަމަވެސް، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، މި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރަން. އެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އޭގައި އިސްކަންދީގެން، އަދި މުޅިން އަލަށް ޤާއިމުކުރެވޭ ދިމަދިމާގައި ސެންޓަރުތައް ޤާއިމުކޮށްގެން، އަޅުގަނޑުމެން ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް މިއޮތް ދެތިން އަހަރުގެ ތެރޭގައި މި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނެ. އޭރުން އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގައި އުފެއްދޭ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭގޮތެއް ޤާއިމުކުރުން. އެ އަމާޒަށްވެސް މަސައްކަތް މިކުރަނީ މި ދެންނެވި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ރައްޔިތެއް ޤާއިމުކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެންގެ އިޤްތިޞާދަށް އެތައް ގުނަޔަކުން ކުރިއެރުން އެއިން ލިބިގެންދާނެ އެކަން ކުރީމަ.
ހަމަ އެއާއެކީގައި، ދެވަނަ މަޤްޞަދެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީއަށްވެސް މި ބޭނުންވަނީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީއަށް ބޭނުންވާހާ ގިނަ ކާބޯތަކެތި. ބޭރުން އެތެރެކުރަނީ. އެހެންވީމާ، މީގެ ދެވަނަ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ ކާބޯތަކެއްޗެއް، ރިޒޯޓުތަކަށް ބޭނުންވާ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ތަކެއްޗެއްވެސް ރާއްޖޭގައި އުފެއްދޭނެ ކެޕޭސިޓީ ޤާއިމުކުރަން. އެހެންވީމާ، މި ދެ ކަންތައް ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އެކަން ކުރުމަށްޓަކައި ވަކިން ޚާއްޞަކޮށް، އެގްރިކަލްޗަރ މިނިސްޓްރީއެއްވެސް އަޅުގަނޑުމެން މި ޤާއިމުކުރީ. އެ މިނިސްޓްރީގެ މައިގަނޑު އެއް ޓާސްކަކަށް، މަސައްކަތަކަށް މިއޮތީ ރާއްޖޭގައި ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީއާއި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ މިންވަރަށް އެކަން ކުރުން. ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް އުފެއްދުން.
އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކުރެވޭނީ، ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން. މިހެން ކުރާ ބިޔަ ބޮޑެތި ޓްރާންސްފޮމޭޝަނަލް ކަންކަމުގެ ނަތީޖާ ނުކުންނާނީ، ރައްޔިތުންގެ ފަރާތުން ހޮވާ މަންދޫބުންގެ ސަޕޯޓް ލިބިގެން. ރައްޔިތުންގެ މަންދޫބުން މި ތިބެނީ ރައްޔިތުންގެ މަޖިލީހުގައްޔާއި ކައުންސިލްގައި. ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެބައާދޭ.
އެހެންވީމާ، މި ދަނޑިވަޅަކީ މިގޮތަށް ކުރަންހުރި، ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމަށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް، ފުދުންތެރިކަން ޤާއިމުކުރުމަށްޓަކައި މިކުރާ ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ދެއްވަންޖެހޭ ބައިވެރިވުން ދެއްވުމަށްޓަކައި ލިބޭ ފުރުޞަތެއް މި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ. މިއީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ފުރިހަމައަށް، މި ކަނޑައަޅާފައި އޮތްގޮތަށް، ވަޢުދުވީގޮތަށް، ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ހަވާލުކުރި ގޮތަށް ކުރުމުގައި ވަރަށް ބޮޑަށް ބޭނުންޖެހޭ ކަމެއް. ބޭނުންޖެހިފައި އޮތް މުހިންމު ކަމެއް މިއީ.
އެހެންވީމާ، އެކަމުގައި އަޅުގަނޑު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެނީ ވިސްނާވަޑައިގަތުމަށް. އޭރުން ރައްޔިތުންނަށްޓަކައި މިގޮތަށް ކުރަން މިހިރަ ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އެއްބާރުލުންދޭނެ މަންދޫބުންތަކެއް، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮއްވަވައިފިއްޔާ، އިރާދަކުރެއްވިއްޔާ ފެނިގެންދާނީ ޙަޤީޤީ މާނައިގައި ކޮންމެ ދިވެހި ރައްޔިތަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ، މިނިވަންކަން ހާސިލުވެފައިވާ ފުދުންތެރި ރައްޔިތަކަށް ހެދޭތަން. އެ އަމާޒުގެ މަތިން ހުރިހާ ކަމެއް މިކުރަނީ. ގެދޮރުވެރިކަން ޔަޤީންކުރަންވެސް މި މަސައްކަތް ކުރަނީ އެ ބޭނުމުގައި. އެއީވެސް ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނެ އަމާޒެއް. އެހެން ހުރިހާ ދާއިރާއަކުންވެސް ފުދުންތެރި ރައްޔިތުން ޤާއިމުކުރުމަށްޓަކައި މިކުރާ މަސައްކަތަކީ އެކަމަށްޓަކައި ކުރެވޭ ކަންތައްތަކެއް.
އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދަކީ، އަޅުގަނޑުމެންގެ އަމިއްލަ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްކަން ޔަޤީންކުރުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކާ، މި ހުރިހާ ކަމެއްވެސް މި ކުރެވެނީ، އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހި ރައްޔިތެއްކަން އަޅުގަނޑުމެންނަށް އިޙްސާސްވާވަރު ކުރުމަށްޓަކައި. އެހެންވީމާ، މި މަސައްކަތް ކުރުމުގައި، ރައްޔިތުން އެކަތިގަނޑަކަށް ވެވަޑައިގެން، ކުރިއަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށްބޮޑު އެދުމެއް. އަދި އަޅުގަނޑު ޔަޤީންކުރަން، އެގޮތުގެ މަތިންކަން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން ކުރިއަށް ވަޑައިގެންދެއްވާނީވެސް.
އާދެ، އަޅުގަނޑު މި ވާހަކައާ އެކީގައި ނިންމާލަން ގަސްތުކުރަނީ. އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް އަދި މި ދާއިރާއަށްވެސް ބޭނުންވާ ތަރައްޤީގެ ހުރިހާ ކަންކަން އަޅުގަނޑުމެން ހާސިލުކޮށްދޭނަމޭ. މި ވެފައިވާ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ. އެއްވެސް ވަޢުދެއްގެ މަތިން ހަނދާނެއް ނުނެތޭ. ސިކުނޑީގައި އެބަހުރި. ލިޔެވިފައި އެބަހުރި. ފޮތެއްގެ ސިފައިގައިވެސް ތައްޔާރުކުރެވިފައި އެއޮތީ. އަދި އިލެކްޓްރޯނިކަލީ، ބޭނުންއިރަކު ރައީސް އޮފީހުގެ ވެބްސައިޓުންވެސް އެއޮތީ ފެންނަން. އަޅުގަނޑު އިންތިޚާބުގެ ތެރޭގައި، ދެއްކި ހުރިހާ ވާހަކައެއް، ފުރަތަމަ ބުރުގައި، ދެވަނަ ބުރުގައި ދެއްކި ހުރިހާ ވާހަކައެއް، ކޮންމެ ޖަލްސާއެއްގައި ދެއްކި ހުރިހާ ވާހަކައެއް، ރެކޯޑުކޮށްގެން އެ އަޑުއަހައިގެން، އެއިން ލިޔެގެން، އަކުރެއްވެސް ވައްޓާނުލައި އަޅުގަނޑު ބޭނުންވީ އެކަން ކުރަން. އެއީ، ރައްޔިތުންނަށް އޭރުން ޔަޤީންކަން އޮންނާނެ، އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް އެއޮތީ ފެންނަންކަން. ތިމަންނަމެންނަށް އެބައޮތްކަން ސުވާލުކުރުމުގެ ފުރުޞަތު އަޅުގަނޑު ދެއްކި އެއްވެސް ކަމެއްގައި ފަރުވާ އެބަ ކުޑަކުރެވޭތޯ، ހަނދާން ނައްތާލައިފިތޯ، ދޮގުހަދާތޯ، މިކަންކަމުގެ ސުވާލު ކުރުމުގެ ޖާގަ ދޭންވެގެން. އަޅުގަނޑު އެއްވެސް ކަމެއްގައި ފަރުވާކުޑައެއް ނުކުރާނަން. ހަނދާނެއްވެސް ނައްތައެއްނުލާނަން. އަދި އަމުދުން ދޮގެއް ނަހަދާނަން. އެހެންވީމާ، ރައްޔިތުންނަށް މިހާ ހާމަކަންބޮޑު ގޮތެއްގައި މިކަން ކުރަން އަޅުގަނޑު ގަސްތުކުރީ އެހެންވެގެން. ހުރިހާ ވަޢުދެއް ހަނދާން އެބަހުރި. އިރާދަކުރެއްވިއްޔާ އެކަންކަން ކުރާނަން. ކުރުމުގެ މަގުފަހިކުރުމުގެ ގޮތުން މިކުރާ ހުރިހާ މަސައްކަތެއް މިކުރަނީ. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މިކަމަށް އިތުބާރު ކުރައްވައި އެއްބާރުލުން ދެއްވުމަށް. އަޅުގަނޑަށް ޔަޤީން، އެކަން ކޮށްދެއްވާނެކަން.
އަދިވެސް އެއްފަހަރު އިނގުރައިދޫގެ ހުރިހާ ރައްޔިތުންނަށް އަދި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ، މިއަދު މިއީ، މި ދަތުރަކީ، މި މަންޒިލަކީ މި ދަތުރުގައި، މި އަތޮޅުގައި އެންމެފަހު ޖަލްސާވީމަ، މި އަތޮޅަށް ޖުމްލަކޮށް މިހެން މި ދަންނަވާލީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ މި ޤައުމަކީ މިނިވަންކަންމަތީ އަބަދުމެ ދާއިމަށް ލެހެއްޓެވިގެންވާ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އޭދަފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަޙްމަދު ސަލީމް، ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެހެން ކައުންސިލަރުން، އަދި މިތަނުގައި ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރޭ އަޅުގަނޑަށް މި ރަށަށް އާދެވުމުން، އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް އަދި އަޅުގަނޑަށް ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިރޭގެ މަރުޙަބާއަކީ، އަޅުގަނޑު މިހާރު މި ކުރަމުންދާ ދަތުރުތަކުގައި، އެންމެގިނަ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި މަރުޙަބާ. އެކަމަށްޓަކައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަދި މަރުޙަބާ ވިދާޅުވި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ އެއާއެކީގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑަށް ތިޔަބޭފުޅުން ކުރެއްވި އިތުބާރާއި، ދެއްވި ތާއީދަށްޓަކައިވެސް ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑު އޭރު ކެމްޕެއިންގައި ރައްޔިތުންނަށް ވަޢުދުތަކެއްވީމު. ވަޢުދުވީ ރައްޔިތުންނަށް އެކަން ކޮށްދިނުމުގެ ފުރުޞަތު ރައްޔިތުން އަޅުގަނޑަށް ދެއްވައިފިއްޔާ އެކަން ކުރުމުގެ ވަރުގަދަ ޢަޒުމުގައި. އެކަންކަން ކުރެވޭނެކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ އަދި ޔަޤީންވާތީ ﷲގެ އިރާދަފުޅާއެކު. އެގޮތުން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަދި ރައްޔިތުން އެދޭ އަމާޒަށް މި ރާއްޖޭގެ ތަރައްޤީ ގެންދިޔުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ވަރުގަދަ ޢަޒުމުގައި އެކަންކަން ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ.
އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި މެނިފެސްޓޯ ހުށަހެޅި ދުވަހު ހުށަހެޅީ، ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑު ދެކޭގޮތް. މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްޤީއަށް ވިސްނާއިރު، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގައި މިހާރުން މިހާރަށް ހަމަ ކޮންމެ ރަށެއްވެސް ހަމަހަމަކަމާއެކީގައި، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ހަމަ ކޮންމެ ކަމެއްވެސް އެ ރަށެއްގެ އާބާދީގެ ނިސްބަތުން ކޮށްދިނުމުގެ ސިޔާސަތު ކުރިއަށްގެންދާއިރުވެސް، މެދު ރާސްތާ އަދި ދުރު ރާސްތާއަށް އަމުދުން ވިސްނާއިރުގައި، ރާއްޖޭގެ ތަރައްޤީ މިހާރު މި ތިމާވެށީގެ ގޮތުން އަންނަ ބަދަލުތަކާ، މި ހުރިހާ ކަމަކަށްވެސް ވިސްނާފައި އަދި ކުރަންޖެހޭ ޚަރަދުތަކާއި، ރައްޔިތުންނަށް އެ ގެނެސްދޭންޖެހޭ ތަރައްޤީއާއި މުއްސަނދިކަން ހާސިލުކޮށްދިނުމުގެ ގޮތުންނާ އެކީގައި އެކަން ކުރެވޭނީ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި މަސައްކަތް ކޮށްގެންކަން އަޅުގަނޑު ދެންނެވީ.
މެނިފެސްޓޯ އިޢުލާނުކުރި ރޭ އެ ވާހަކަ އަޅުގަނޑު ދެއްކީ. އެކަން މެނިފެސްޓޯގައިވެސް އޮންނާނީ. އަދި އެކަން ރައްޔިތުން ބަލައިގަތީ. އަދި އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީވެސް. ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު އެކުއެކީގައި، އެއީ، އެއް ޒޯން، އިންޓަރގްރޭޓަޑް ގުޅިލާމެހިފައިވާ ސަރަޙައްދީ ތަރައްޤީގެ އެއް ޒޯން ކަމަށް. އެންމެ ދެކުނުގެ ހަތަރު އަތޮޅު އެކީގައި، އެއީ، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ކަމަށް. ދެން ރާއްޖޭގެ ހަތް ރަށެއް، މެދުރާއްޖެތެރެއާއި މި ސަރަޙައްދުތައް ހިމެނޭގޮތަށް ހަތް ރަށަކީ، އެންމެ ބޮޑަށް ތަރައްޤީ ކުރެވޭ އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅައިގެންކަން ރާއްޖެ ތަރައްޤީ ކުރެވޭނީ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަމާއި، ކޮންމެ ރައްޔިތެއްގެ މިނިވަންކަމާއި، އަމިއްލަވަންތަކަމާއި، ފުދުންތެރިކަން އެންމެންނަށް ހަމަހަމަކަމާ އެކީގައި ހޯދައިދެވޭނީ މި ވިސްނުމުގައި ކަމަށްވާތީ، އަޅުގަނޑު އެ ވާހަކަ ދެންނެވީ. އެގޮތަށް މަސައްކަތް ކުރަން ބޭނުންވާތީ. އަދި ރައްޔިތުން އެކަން ބަލައިވެސްގަތީ.
އެހެންވީމާ، މި ވިސްނުމުގައި މަސައްކަތްކުރާއިރުގައި، ރާއްޖެއަށް ދަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތައް ޙައްލުކުރުމުގައި، ދުރު ރާސްތާގެ ވިސްނުމުގައި ބަލާއިރުގައިވެސް އެންމެ އިސްކަން ދޭން މިޖެހެނީ މި ދެންނެވި ތަންތަނަށް. އެގޮތުން، އެންމެބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ދެންނެވީ، ރާއްޖޭގެ މިނިވަންކަމަށް ދިމާވެފައިވާ ކަންކަމުގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން، އެންމެ ބޮޑަށް އަޅުގަނޑު އިސްކަންދޭނީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށޭ، ބޯހިޔާވަހިކަމަށޭ. އާދެ، އެހެންވީމާ، މި ދެންނެވި ސަރަޙައްދުތަކަށް އެކަމުގައި އެންމެ ގިނަ މަޝްރޫޢުތައް ދާނީ. އެންމެ އިސްކަންދޭނީ. އާދެ، ދަންނަވަން މިއުޅޭ ވާހަކައަކީ، ދެންމެ މި ދެންނެވި ހަތް އަރބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ. އަތޮޅު އޭދަފުށި ކަމަށް.
އެހެންވީމާ، ގެދޮރުވެރިކަމުގެ މި ބޮޑު މައްސަލަ ޙައްލުކުރާއިރުގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުގައި މާލެ ސަރަޙައްދު ފިޔަވައި، އަޅަން ކަނޑައަޅާފައި މިއޮތް ސާޅީސްހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގައި، އެންމެ އިސްކަން ލިބޭ އެއްރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ. ދާއިރާގެ ޢިއްޒަތްތެރި މެންބަރު މިހާރުވެސް ހައުސިންގ މިނިސްޓަރާ އެކީގައި އެކަމުގެ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަވާ. ބަޖެޓުގައި ކަނޑައެޅިފައިވާ މަޝްރޫޢަށް އަދި ޑިވެލޮޕަރ ފައިނޭންސް މޮޑެލްގެ ތެރެއިންނާ އެކީގައި، މި ރަށަށް ބޭނުންވާ ޢަދަދަށާއި އަދި މި ދެންނެވި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށްޓަކައި އާބާދީ ބޮޑުކުރުމާ އެކީގައި، ބޭނުންވާވަރަށް، މަދުނުވާވަރުގެ ބޮޑު ހައުސިންގ މަޝްރޫޢެއް މި ރަށުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގައިދޭނަން.
އާދެ، މި ރަށުގެ ބިން ކޮންމެގޮތެއްވިޔަސް ހިއްކޭނެ އެންމެ ބޮޑަކަށް އެއޮތީ ހިކިފައި. އެހެންވީމާ، ދެން އިތުރަށް ބިން ބޭނުންވަންޏާ ޖެހޭނީ ރަށެއް ހޯދަން. އަޅުގަނޑު ކެމްޕެއިން ތެރޭގައި ވަޢުދުވެ، މާއްޑޫގެ ވާހަކަ ދެންނެވިން. ދެން އަޅުގަނޑު ދެންމެވެސް މި ދެންނެވީ، އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ވީ، ރައްޔިތުން އަޅުގަނޑަށް އެ ވަޢުދު ފުއްދަން ހަވާލުކޮށްފިއްޔާ، ވަޢުދު ފުއްދޭނެކަމުގެ ޔަޤީންކަން އޮތީމައޭ. އެއްވެސް ވަޢުދަކުން އަޅުގަނޑު ރެކިގެން ފަހަތަކަށް ނުޖެހޭނަމޭ. އެކަން ކުރުމުގެ ހެޔޮ ނިޔަތުގައޭ ވަޢުދުވީ.
އެހެންވީމާ، މިރޭ އަޅުގަނޑު އިޢުލާނު ކުރަން، އިރާދަކުރެއްވީތީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ އަޅުގަނޑުމެން ހަމަޖައްސައިފިން. މި ހަފްތާ ތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލުކުރާނަން. އާދެ، ދެން އެ ރަށުގައި އޭރުން ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި، ދެން މިހިރަ ހުރިހާ ކަމަކަށް އެ ރަށް ޕްލޭންކޮށްގެން، ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދަންވީ ހުރިހާ ކަމެއް، ކައުންސިލުން ކުރިއަށް ގެންދަވަންވީ. އިރާދަކުރެއްވިއްޔާ އެއީ، ތިޔަބޭފުޅުންގެ ކުރިމަގަށް މުހިންމު ރަށެއް.
އާދެ، މީގެއިތުރަށް، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި. އެ ހުރިހާ މަސައްކަތްތަކެއްގައިވެސް ވަރަށް އިސްކަންދޭނަން. ހިނގަމުންދާ މަޝްރޫޢުތައްވެސް އަދި ފަށަން ޖެހިފައި ހުރި ގިނަ މަޝްރޫޢުތައްވެސް އެބަހުރި. ބަނދަރުގެ މަސައްކަތް، މަގުހެދުން، މިހެންގޮސް ގިނަ މަސައްކަތްތައް އެބަހުރި. ތަޢުލީމީ ދާއިރާއިން އެންމެމަތީ ހަރުފަތަށް ދިޔުމަށް ކެމްޕަސް ޤާއިމުކުރުމާ، މިފަދަ ގިނަ ކަންތައްތައް ކުރަން އެބަހުރި. ކުޅިވަރުގެ ދާއިރާއިން ކުރަންހުރި އެންމެ މަތީ ފަންތިއަށް، ކުޅިވަރުގެ ފެސިލިޓީތައް ޤާއިމުކުރުންވެސް އެބައޮތް.
އަޅުގަނޑު ދެންމެ މި ދެންނެވި ވިސްނުމުގައި، މި ހުރިހާ ކަމެއް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މިދެނީ. އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށެއްގައި އަންނާނެ އެންމެ މަތީ ފަންތީގެ ހުރިހާ ކަންތައްތައް، މި ފަސް އަހަރުގެ ތެރޭގައި މި ރަށަށް ގެންނާނަން އިރާދަކުރެއްވިއްޔާ.
އާދެ، ހުރިހާ ވާހަކައެއް އެއްކޮށްލާފައި، ވަރަށް ކުރުކޮށް މި ދެންނެވީ. އެހެންވީމާ، އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް، ވަކި މަޝްރޫޢެއްގެ ނަން އަޅުގަނޑު މިތާނގައި ދެންމެ ނުދެންނެވިގެންނެއް. ހުރިހާ ކަމެއް ޝާމިލްވާގޮތަށް އަޅުގަނޑު މި ވާހަކަ މި ދެންނެވީ.
މިކަމުގައި ހަމަ އަޅުގަނޑަށް މަޝްވަރާ ދެއްވުމުގައި، މިހާރުވެސް މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަލީމް، ޢިއްޒަތްތެރި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ފުރިހަމައަށް ދައުރު އަދާކުރައްވާ. އަޅުގަނޑު ކުރިން ހައުސިންގ މިނިސްޓަރަކަށް ހުރިއިރުގައި، ގާތްގަނޑަކަށް ހަތް އަހަރު، އޭރުގައިވެސް ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ހަމަ އަބަދުވެސް ދާއިރާގެ ކަންތައްތަކުގައި އަޅުގަނޑު ގާތަށް ވަޑައިގަންނަވާނެ. ދާއިރާއަށް ކަންކަން ކޮށްދިނުމުގައި އެންމެ ގިނައިން ގުޅުއްވައި، ކަންކަން ހިންގުމުގައި އަދި ކަންކަން ހަމަޖެއްސުމުގައި މަސައްކަތް ކުރައްވާ. އޭރުގައިވެސް އަޅުގަނޑު ހަނދާން އެބަހުރި، 2012 އިން ފެށިގެން 2018 އާ ދޭތެރޭ އެދިޔަ މުއްދަތުގައި ހަމަ ވަރަށް ލާމަސީލު މަސައްކަތްތަކެއް ކުރެއްވިކަން ހަމަ ފާހަގަކޮށް، އެކަމަށް ހަމަ ޢިއްޒަތްތެރި މަޖިލިސް މެންބަރަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، ވަކި މި ރަށަށް ޚާއްޞަ ވާހަކައެއް ނޫން. މުޅި ރާއްޖެއާ ގުޅިފައިވާ ކަމެއް. އާދެ، އަޅުގަނޑުމެން މިގޮތަށް ރާއްޖޭގެ ތަރައްޤީ ބައްޓަންކުރަމުން ދާއިރުގައި، ރައްޔިތުންނަށް ފަސޭހަވާނެކަހަލަ، ލުއިވާނެ ކަންތައްތައްވެސް ކުރެވޭތޯ ބަލަމުން މިދަނީ. އަޅުގަނޑު މިއަދު އެހެން ރަށެއްގައި އިޢުލާނު ކުރިން، ރަށު ޕިކަޕުގެ ފީ އުވާލާ ވާހަކަ. 1800 ރުފިޔާ ނަގާ ކަމެއް މިއީ. މި އަންނަ މަހުން ފެށިގެން ދެން އެ ފީ ނުނަގާނަން.
ދެން އަޅުގަނޑު އިޢުލާނު ކުރިން، އޭގެ ދެތިން ދުވަސް ކުރިން، ކައުންސިލްތަކަށް ލުޔެއް ދިނުމުގެ ގޮތުން. ކައުންސިލްތަކުން ކަރަންޓް ބިލް ދައްކާއިރުގައި، މިސްކިތްތަކަށް މިހާތަނަށް ޗާޖް ކުރަމުން އަންނަނީ، މި ކިޔާ ގަވަރންމަންޓް ރޭޓްގައި. އެހެން ނަމަވެސް، ދެން މިމަހު، މިހާރު
މި ފެށުނު މަހު، މާރިޗު މަހުން ފެށިގެން ބިލްކުރާނީ ޑޮމެސްޓިކް ރޭޓުގައޭ. އޭރުން ވަރަށްބޮޑު ތަން ކުޑަވެ، ކައުންސިލްގެ ކުޑަކުޑަ ބަޖެޓުން ސަލާމަތްވާނެ ފުދޭވަރެއްގެ އެއްޗެއް. އެއީވެސް ކައުންސިލްތައް ހިންގަން ފުރުޞަތު ދިނުމަށްޓަކައި. އެއިން ފައިދާވާނީ ރައްޔިތުންނަށް.
އެހެންވީމާ، މިކަހަލަ ލުއިތައް ރައްޔިތުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ދެވޭތޯ މި ބަލަނީ. އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރަމުން، ޚަރަދުތައް ވީހާވެސް ރަނގަޅަށް ސްޓްރީމް ލައިން ކުރަމުން، އަޅުގަނޑުމެންގެ ބޭރާއި އެތެރޭގެ ދަރަނިތައް ދައްކަމުން، ޑޮލަރު އެކައުންޓަށް، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން، ފައިސާ ޗާޕްނުކޮށް، ސެޓްލްމަންޓް ކޮމިޓީ އުވާލައި، ބަދަލުގެ ގޮތުގައި މީހުންނަށް ދެމުންދިޔަ ރައްޔިތުންގެ ފައިސާތައް ދިނުން ހުއްޓާލައި، މިކަންކަން މިކުރަނީ. އެހެންވީމާ، އައި.އެމް.އެފް.އިންވެސް ބަލައިގަތީ އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ.
މި އަންނަ ރަމަޟާން މަސް، ދެތިން ދުވަސް މިއޮތީ ބާކީ. ރަމަޟާން މަހު ޢާންމުކޮށް ކަރަންޓް ބިލާއި ފެން ބިލް ވަރަށްބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. ޢާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. ޢާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ. މިހާރު ފެނަކައާއި ސްޓެލްކޯއަށް އަޅުގަނޑު ދަންނަވާފައިވާނެ. އެމް.ޑަބްލިޔޫ.އެސް.ސީ.އަށްވެސް ދަންނަވާފައިވާނެ. އަދި އެ ތިން ކުންފުނީގެ ވެރިންވެސް އަޅުގަނޑަށް އެކަމުގެ ޔަޤީންކަން ދެއްވައިފި. ފެން ބިލްވެސް ޢާންމު މަހެއްގައި ހުންނަވަރަށް. ކިތަންމެ ލޯޑް ބޮޑުވިޔަސް، އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް ކަރަންޓް ބިލަކުންވެސް. އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން. ދެން ސްޓެލްކޯ އެމް.ޑީ. އަޅުގަނޑު ގާތުގައި ވިދާޅުވި، އެ ބޭފުޅުން ފެނުގެ ޚިދުމަތްދޭ ހައެއްކަ ރަށް ރާއްޖޭގައި އޮންނާނެއޭ. އެ ރަށްތަކުން މިހާތަނަށް ނަގަމުން އަންނާނެ 30 ރުފިޔާގެ ޗާޖެއް. އެ 30 ރުފިޔާގެ ޗާޖުވެސް، އެ ބޭފުޅުން ފެނުގެ ޚިދުމަތްދޭ އެ މަދު ރަށްތަކުން ހަމަ އުވާލަން ނިންމައި، އެކަންވެސް އިޢުލާނު ކުރާށޭ. އެހެންވީމާ، އަޅުގަނޑު އެކަންވެސް މިރޭ އިޢުލާނު ކުރަން. މި އަންނަ މަހުން ފެށިގެން އެކަންވެސް އުވާލެވިގެންދާނެ.
އާދެ، މިފަދަ ލުއިތައް ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ރައްޔިތުން ތިބީ ވަރަށް ހާލުގައި. ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ހާލުގައި. އެހެންވީމާ، މި ދެންނެވި ގޮތަށް، އިޤްތިޞާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިދެމުން ދެވޭތޯ މި ބަލަނީ.
މި ރަމަޟާން މަހު އަޅުގަނޑުމެން، އަޅުގަނޑު ވަޢުދުވީ ގޮތަށް، ކޮންމެ ގެޔަކަށް، ކޮންމެ ގޭބީސީއަކަށް، ރަމްޒީ އެއްޗަކަށްވާނީ. އެހެން ނަމަވެސް، ކޮންމެވެސްކަހަލަ ފައިދާއެއް ކުރާނެ. ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް، 10 ކިލޯގެ އެބަ ހަވާލުކުރަން ހަދިޔާއެއްގެ ގޮތުގައި. އެވެސް ހަމަ ކޮންމެވެސް އެހީއަކަށް، އެހީތެރިކަމަކަށް އެކަން ވާނެ ކަމަކަށް ވާނެ. ޚާއްޞަކޮށް، ނިކަމެތި، އެންމެ ނިކަމެތި ޢާއިލާތަކަށް. އެހެންވީމާ، މިހާރު އެސް.ޓީ.އޯ. އިން އެ ތަކެތި ގެނެސް ކައުންސިލްތަކާ ހަވާލުކުރުން، މި ފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދާނެ. އޭރުން ކޮންމެ ގޭބީސީއަކަށް އެ ކައުންސިލަކުން ހަވާލުކުރުން ކުރިއަށް ގެންދާނެ.
މިފަދަ އެކި ކަހަލަ ލުއިތައް ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ. ރައްޔިތުންނަށް ކޮންމެވެސްކަހަލަ ބްރީތިންގ ސްޕޭސްއެއް، ކަންކަމުގައި ތަންކޮޅެއް ހިތްހަމަޖެހިލައިގެން، ހިންދެމިލައިގެން ނޭވާއެއްލެވޭތޯ ފުރުޞަތު ދޭން. އާމްދަނީ އިތުރުކުރުމުގެ ފުރުޞަތުތައް ފަހިވަމުންދާވަރަކަށް މުއްސަނދިކަން އިތުރުވެގެންދާނީ. ދެންމެ މި ދެންނެވި ގޮތަށް، މި ރަށުގެ ބައެއްގެ ގޮތުގައި، މާއްޑޫ ތިޔަބޭފުޅުން ބޭނުންކުރައްވަން ފެށްޓެވީމާ، ތިޔަބޭފުޅުންނަށް ސީދާ އެއިން އިޤްތިޞާދީ ފައިދާވާން ފަށާނީ.
ހަމަ އެގޮތަށް، ރާއްޖޭގެ ކޮންމެ ކައުންސިލަކަށް، އަޅުގަނޑުމެން ރަށެއް އެބަ ދެން. މާއްޑޫ މި ހަވާލުކުރަނީ ވަކި އެގްރީމެންޓެއްގެ ދަށުން ދާއިމަށް. އެހެން އެގްރީމެންޓަކުން 10 އަހަރަށް މިހާރު މިއޮތީ ކައުންސިލަށްދޭ ރަށް، އަޅުގަނޑު 25 އަހަރަށް ބަދަލުކުރަން ނިންމާފައި އޮންނާނެ. ކޮންމެ ކައުންސިލަކަށް ރަށެއް ހަވާލުކުރަން ނިންމާފައި އޮންނާނެ. އެ ކައުންސިލާ ހަވާލުކުރާ ރަށުގައި، އެ ރަށުގައި އެ ރަށުގެ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެކަހަލަ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ދޭން. އެހެންވީމާ، އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު އެއޮތީ ހުޅުވައިލެވިފައި. ބޭނުމަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުން. ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުން. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ ލީޑްކުރާ އިކޮނޮމީއެއް ރާއްޖޭގައި މިހާރަށްވުރެ ފުޅާކުރުމަކީ މީގެ ބޭނުން. އޭރުން ރައްޔިތުންނަށް، ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންގެ މަސައްކަތުން ހޯދޭނެ މަގު ސަރުކާރަށް އެ މަގުފަހިކޮށްދެވުނީ. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އަޅުގަނޑު ގަސްތުކުރި ގޮތަށް، އިރާދަކުރެއްވިއްޔާ މި ރަމަޟާން މަހުގެ ފުރިހަމަ ބޭނުން ތިޔަބޭފުޅުންނަށް ހިފޭގޮތަށް އަޅުކަމުގައި ހޭދަކުރަން ފުރުޞަތު ދޭން އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ. އެގޮތަށް މިހާރު އެއޮތީ ފަހުދިހަ ބަންދުކުރަން ނިންމައި ބަންދުކޮށްފައި. އޭރުން އަޅުގަނޑު ގަބޫލުކުރަނީ، މި މާތް މައްސަރުގެ ފުރިހަމަ ބޭނުން ރައްޔިތުންނަށް ހިފަން ފަސޭހަވެގެންދާނެ ކަމަށް. ވަރަށްގިނަ ބޭފުޅުންނަކީ ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން. އަދި ފަހުދިހައިގައި ހަމަ ވަރަށްގިނަ ވަގުތު އަޅުކަމުގައި ހޭދަކުރައްވާނެ.
ދެން މިހާރު މިވީގޮތުން، ރޯދަމަސް ނިންމައި، 10 ދުވަސް ފަހުން އިންތިޚާބު އޮންނާތީ، ކެންޑިޑޭޓުންނަށް ވަރަށްބުރަވެގެންދާނެ، ކެމްޕެއިން ކުރުމުގައި. ދެން އެއީ، މިހާރު ދެން އެވޮއިޑް ކުރެވޭނެ ކަމެއް ނޫން. އެކަން ހިނގާނެ. އެހެން ނޫންނަމަ، މި މަސް ވެގެންދާނީ މިއިން ދުވަހަކު ރައްޔިތުންނަށް ފުރުޞަތު ނުލިބޭގޮތަށް، ވަޒީފާއަކަށް ދާންނުޖެހި، އަޅުކަމުގައި ފަހުދިހައެއް ޚާއްޞަކޮށް އެކީގައި ހުސްކުރެވޭނެ މަހަކަށް.
ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ބޭނުމެއްނުވި، އެ ފުރުޞަތު ރައްޔިތުންނަށް ދޭކަށެއް، ކޮންމެހެން ރަމަޟާން މަހު. އެއީ، އަޅުގަނޑަށް މާނަ ނެގޭގޮތް. މާފުކުރައްވާތި. ފަހު ދިހައެއްގައިވެސް ކެމްޕެއިންގައި އުޅެން މަޖުބޫރުވެފައި މިހާރު މިއޮތީ. ކޮންމެއަކަސް ރަމަޟާން މަސް އަޅުގަނޑު ގަބޫލުކުރަނީ، މިހާރު ގައިމުވެސް އެހެން އުޅެންޖެހުނަސް ކުރިއަށްވުރެ ގިނަ ވަގުތު ލިބޭނެއޭ ވަޒީފާއަށް ދާން ނުޖެހޭތީ. ރަމަޟާން މަހުގެ ފަހު ދިހައެއް އަމުދުން އަޅުކަމުގައި އުޅެން.
އެއަށްފަހު، ދެން ޢީދު. އަޅުގަނޑު ވަޢުދުވީ އަނެއް ކަންތައް އެއީ. އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރިއިރުގައި، ޢީދުގައި، މާލޭގައި ޢީދަށް ދިއްލައި ރީތިކުރީމަ، އެއިން ކުޑަކުދިންނަށް ޚާއްޞަކޮށް، ޒުވާނުންނަށް ޚާއްޞަކޮށް، ދުވަހަކުވެސް ރާއްޖޭގައި ނުފެންނަ ކަމެއް ފެނުނީމަ، އެ ލިބުނު ދީންދެކެ ލޯބިވުމުގެ އިޙްސާސް، މުސްލިމަކަށްވީތީ ފަޚުރުވެރިވުމުގެ އިޙްސާސް ވެގެންދިޔަތަން އަޅުގަނޑަށް ފެނުނު. ޢީދުގެ އިޙްސާސްވި. އަމުދުން ތަކުބީރުގެ އަޑުއިވުނީމަ. އަޅުގަނޑު ވަޢުދުވީ، ދެން އަންނަ ކޮންމެ ޢީދެއްގައި، ރާއްޖޭގެ ވެރިކަންކުރާ ކޮންމެ ރަށެއްގައްޔާއި، ކޮންމެ ސިޓީއެއްގައި އެކަން ކުރާނެ ކަމަށް. އޭގެތެރޭގައި މި ރަށް ހިމެނޭ. އެކަން ކުރަން ނިންމައި، މި ފެށޭ ހަފްތާގެ ތެރޭގައި ރާއްޖެއަށް އެ ތަކެތި އަންނާނެ. އައިމަ މި ދަންނަވަނީ މި ދިއްލާ ހުރިހާ ލައިޓްތަކެއް އަންނަ ވާހަކަ. އައިމަ އަޅުގަނޑުމެން މި ރަށު ކައުންސިލާވެސް ހަވާލުކުރާނަން. މި ރަށަށް ބޭނުންވާ ޢަދަދަށް އޭރުގައި ކައުންސިލާ މަޝްވަރާ ކުރެވިގެން ކޮން މަގެއްގައިތޯ ލައިޓް ދަމާނީ މިހާރު އޮތީ ނިންމާފައި ކައުންސިލުން. އެހެންވީމާ، އެ މަގުތަކުގައި ލައިޓް ދެމޭނެ. ލައިޓް ހަރުކުރެވޭނެ. ތަކުބީރުވެސް އަޑުއިވޭގޮތަށް ސައުންޑް ސްޕީކަރާ އެކީގައި އެއީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ޢީދު ވެގެންދާނީ، މިފަހަރު މާލޭގައި އެ އިޙްސާސް ކުރެވުނު އިޙްސާސް ތަކުރާރުވާ ޢީދަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެއީވެސް އަޅުގަނޑުމެން ބޭނުންވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދެ ޢީދު މި އަންނަނީ އަޅުގަނޑުމެން އެ އުފާފާޅުކުރަން ކަމަށްވާތީ. އެ އުފާ ފާޅުކުރުމުގެ އިޙްސާސް ކޮށްދިނުމަށްޓަކައި ކުރެވިގެންދާ ކަމަކަށް ހަދަންވެގެން. އިރާދަކުރެއްވިއްޔާ އެކަން ރާއްޖޭގައި މިފަހަރު ވާނެ. ދެން އެއީ، ތަކުރާރުވާ ކަމަކަށްވާނީ. ދެ ޢީދުގައިވެސް އެކަން ވާނެ އިރާދަކުރެއްވިއްޔާ.
އާދެ، އަޅުގަނޑުމެންނަކީ އިސްލާމުން. މާތްވެގެންވާ އިސްލާމްދީނުގައި މިތިބީ. އަޅުގަނޑު ނަމާދުކުރަން ބާރުއެޅީމަ، ފަތިސް ނަމާދަށް ޖަމާޢަތުގައި ދާން ބާރުއަޅައި ވާހަކަ ދެއްކީމަ ޙައިރާންވި. ދެން އެކަމުގައި ދެން ކުރާނެ ކަމެއް ނެތް. މަލާމާތްކުރި ބަޔަކުވެސް އެބަތިބި އަޅުގަނޑުމެންގެ ތެރެއިން. ޚާއްޞަކޮށް، ސޯޝަލް މީޑިއާގައި. އެއީ ދެން އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނާ އިދިކޮޅު ބައެއް މީހުންގެ ވިސްނުން ހުރިގޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިސްލާމްދީނަށް ނަޞްރުދޭން ގޮވާލުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ފަޚުރަކަށްވާންޖެހޭނެ. ވާޖިބެއްގެ ގޮތުގައި ދެކެންޖެހޭނެ. އެކަން ކުރާހިތްވާންޖެހޭނެ. އެއީ، އަޅުގަނޑުމެން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ މައްޗަށް އެހެން މީހުންނަށް އިސްލާމްދީން ފޯރުކޮށްދީ، ނޫނީވިއްޔާ އޭގެ ފުރިހަމަކަން ބުނެދިނުމުގެ ޒިންމާ އޮތް މީހަކަށްވާތީވެ. އެ މީހަކަށް ވީ މިންވަރަކުން އެކަން ކުރުން.
އެހެންވީމާ، އަޅުގަނޑު އެކަން ކުރަން ނިންމައި، މި ހުރިހާ ކަމެއް މި ކުރަނީ. ކުރަން ފެށީމަ، އަޅުގަނޑުމެންނާ އިދިކޮޅު މީހުން، އެކި ގޮތްގޮތުން އަޅުގަނޑު ޑިސްކްރެޑިޓް ކުރަން މަސައްކަތް އެބަކުރޭ. އިސްލާމިކް އެކްސްޓްރީމިސްޓެކޭވެސް އެބަކިޔާ. ބޭރުގެ ބައެއް ނޫސްތަކުގައި ފެންނާނެ. އަޅުގަނޑަށް މައްސަލައެއް ނެތް އެހެންކިޔަސް. ރައްޔިތުންނަށް ޙަޤީޤަތް އެނގޭނޫންތޯ. މިއީ ފަޚުރުވެރި އިސްލާމީ ޤައުމެއް. މި ޤައުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި ސިފަތަކާއި، އިސްލާމީ ހަމަތަކުގެ މަތިން މި ޤައުމުގެ ޒުވާނުންނާއި ކުޑަކުދިން އުޅޭތަން، އިސްލާމްދީނަށް ލޯބިކޮށްގެން، ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކޮށްގެން، މައިންބަފައިންނަށް ޙުރްމަތްތެރިކޮށްހިތައި، އަދަބުވެރިކަމާ އެކީގައި، މައިންބަފައިން ބުނާގޮތަށް އުޅެ، ބޮޑެތި މީހުންނަށް އިޙްތިރާމް އަދާކޮށް، މުޖުތަމަޢުގައި ރިވެތި އާދަތައް އަށަގަނެ، ތަންކޮޅެއް ކުރިން ރާއްޖޭގައި އޮތްގޮތަށް، އިސްލާމްދީނުގައި އޮތް ރީތި ސިފަތަކުގެ މަތީގައި އާދަކާދަތައް ޢާންމުވެފައިވާ މުޖުތަމަޢަކަށް ވެގެންދިޔުމަކީ، އަޅުގަނޑު ދެކެން ބޭނުންވާ ގޮތް. އަޅުގަނޑު އެދެނީ އެގޮތުގައި އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން.
އިރާދަކުރެއްވިއްޔާ، މި އަންނަ ރަމަޟާން މަސް މިއީ އެކަމަށް ލިބޭ ވަރަށްބޮޑު ރަނުގެ ފުރުޞަތެއް. އަޅުގަނޑު އެދެން، ހުރިހާ ރައްޔިތުންވެސް، އެ ބޭފުޅެއްގެ ތުއްތުކުދިން ގޮވައިގެން ބަރާބަރަށް ފަސްވަގުތު ނަމާދަށް ވަޑައިގެން ދެއްވުމަށް. އަދި އަމުދުން އެއްވެސް ފަތިސް ނަމާދެއް ޖަމާޢަތް ދޫކޮށްނުލައްވައި، މިހާރުއްސުރެވެސް އެކަން ފެށްޓެވުން. ރަމަޟާން މަހު ވަރަށް ފަސޭހަވާނެ މިކަން ކުރައްވަން. އެ މަހު އެކަން ފަރިތަކުރައްވައިގެން، ދެން އެކަން ދޫކޮށްނުލައްވައި، ކޮންމެ ދުވަހަކުވެސް އެކަން ކުރެވޭތޯ ބައްލަވަންވީ. ރަނގަޅު ފެށުމަކުން ފެށީމާ ކަންކަން ދާނީ ރަނގަޅަށް.
އެހެންވީމާ، އެކަން ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވުމަށް ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންގެ ޤައުމަށް ސަލާމަތެއް އޮތީ اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ ގޮތަށް ކަންކަން ކޮށްގެން. އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އެކަމުގެ އެންމެ މަތިވެރި ނިޢުމަތް ދެއްވާފައިވަނީ. އަޅުގަނޑުމެންނަކީ، 100 ޕަސެންޓް އިސްލާމީ ޤައުމެއް. އެހެންވީމާ، މިކަމާ އަޅުގަނޑުމެން ލަދުގަންނާނެ ކަމެއްނެތް. ފަޚުރުވެރިވާންވީ. ފަޚުރުވެރިވެގެން އަޅުގަނޑުމެންގެ ދީން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވީ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބީ ލިބޭނެ.
އެހެންވީމާ، އިސްލާމްދީނަށް ނަޞްރުދީ، މިނިވަންކަން ޔަޤީންކޮށްދިނުމަށްވުރެ ބޮޑު ކަމެއް އަޅުގަނޑަކަށް ނެތް. މިނިވަންކަން ޔަޤީންކުރުމަށްޓަކައި މިހާތަނަށް ކޮން ކަމެއްތޯ ކުރެވުނީ؟ ހަމަ ހަނދާން އާކޮށްލަދިނުމުގެ ގޮތުން ދަންނަވާލާނަން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރެއްވި، ބޭރުގެ ސިފައިން މިތަނުން ބާލަން. މިތާ ތިބީ އިންޑިއާ ސިފައިން. އެއީ، ކޮންމެ ޤައުމެއްގެ ސިފައިންނަށްވިޔަސް، މިތަނުގައި ތިބެގެން ނުވާނެއޭ ރައްޔިތުން ނިންމީ. ދެން ކަން ދިމާކުރިގޮތުން އިންޑިއާ ސިފައިން މިތާތިބީ. އެހެންވީމާ، އިންޑިއާ ސަރުކާރުގައި އަޅުގަނޑު ދެންނެވީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މެންޑޭޓެކޭ މިއީ. މިތަނުގައި ތިޔަބޭފުޅުންގެ ސިފައިން އެބަތިއްބޭ. ގެންދަވާށޭ. ހަމަޖެހޭ އުޞޫލަކުން ގެންގޮސްދެއްވާށޭ. އިރާދަކުރެއްވީތީ އެކަން އެއޮތީ ކާމިޔާބުވެފައި. ޑިޕްލޮމަސީގެ ރީތި އުޞޫލުތަކުގެ ތެރެއިން ވާހަކަ ދައްކައިގެން، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެކަން ކުރިއަށް ގެންދިޔައިމަ، އެކަން އިރާދަކުރެއްވީތީ ކާމިޔާބުވެ، އިމްޕްލިމެންޓް ވާން ފެށިފައި އެއޮތީ. ޢަމަލީ ސިފަ ޖެހެން ފެށިފައި އެއޮތީ. މިހާރު ލިޔެކިޔުމަށް ތިރިކުރެވި، ސޮއިކުރެވިފައި އޮތް ލިޔުމުގައި އޮތްގޮތަށް އެކަން ކުރިއަށް އެދަނީ. މިހާރު މިއީ މާރިޗު މަސް. މާރިޗު މަހުގެ 10ގެ ކުރިން އެއް ބެޗް ފައިބާނެ. ދެން އޮތް ދެމަސް ތެރޭގައި، އެންމެ ލަސްވެގެން މޭ މަހުގެ 10 އާ ހަމަޔަށް، މިއޮތް ދެމަސް، މާރިޗު 10 ން މޭ 10 އަށް ބާކީތިބި އެންމެން ފައިބާނެ. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ.
ދެން މިކަންވެސް އަޅުގަނޑުމެންނަށް ކުރެވޭތީ، އަނެއްކާވެސް ދޮގުހަދާ މީހުންނަށް މި އާދަވެފައި ހުންނަނީ ދޮގުހަދަން. އެ މީހުން އެ ފައިބަނީކީ ނޫނޭ. ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ. މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފައްދައި، ދޮގު ފެތުރުމަކީ، އަޅުގަނޑުމެން ފުރުޞަތުދީގެން ވާނެ ކަމެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނެ، ލޯ ކުރިމަތިން މި ފެންނަ ޙަޤީޤަތް ގަބޫލުކުރާ ބަޔަކަށް. އަޅުގަނޑު ދައްކާ ވާހަކައެއް ދައްކާނީ ހިތުގެ އަޑިން. އެކަން ގަބޫލުކުރާ ގޮތަށް ބޭރުކުރާނީވެސް، ދަންނަވާނީވެސް، ދައްކާނީވެސް. ދެގޮތަކަށް ވާހަކައެއް ނުދައްކަން. ހިތުގައި އޮންނަ ގޮތަށް ބުނާނީ.
އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ކޮންމެ ކަމެއް މި ދަންނަވަނީ، އެކަން ކުރަން ނިންމައި، ކުރަމުންދާގޮތަށް. އެހެންވީމާ، 10 މޭ އާ ހަމަޔަށްދާއިރުގައި، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ނުތިބޭނެ އިންޑިއާގެ ސިފައިންނެއް. އެއީ، ޔުނީފޯމުގައިތޯ، ކުލަހެދުމުގައިތޯއެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައެއް، އިންޑިއާ ސިފައިންނެއް، އެއްވެސް ޤައުމެއްގެ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ އިރާދަކުރެއްވިއްޔާ. އެކަން ޔަޤީންކަމާ އެކީގައި ދަންނަވަން.
ދެވަނަ ކަމަކަށް، އަޅުގަނޑުމެންގެ ގެއްލުވާލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިކުރަނީ. އެކަން ކޮށްފައި އޮތީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. އެހެންވީމާ، އިންޓަރނޭޝަނަލް ލީގަލް އެކްސްޕަރޓުން ހޯދައިގެން، އެ މަސައްކަތް އެބަ ކުރަން. އެކަން ކާމިޔާބުވާނެ ކަމަށް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ޔަޤީންކަން އެބައޮތް. ނަމަވެސް، އަޅުގަނޑުމެން ހީކުރިވަރަށްވުރެ ގިނަ ވަގުތު ނަގަނީ، އެކަން ކޮށްފައި އޮތްލެއް ގޯސްކަމުން. ރައްޔިތުންގެ މަޖިލީހާ ހަމަޔަށްވެސް ނުގެނެސް އެކަން ކޮށްފައި އޮތީ. ޤާނޫނުއަސާސީއާ ޚިލާފަށް. އެހެންވީމާ، ކޮންމެގޮތެއްވިޔަސް އިންޓަރނޭޝަނަލް ލޯތަކުގެ ތެރެއިން އެ ކުރަންޖެހޭ މަސައްކަތް މި ކުރަންޖެހެނީ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަޅުގަނޑުމެން މިކުރާ މަސައްކަތް ވަރަށްބާރު ސްޕީޑްގައި އެބަ ގެންދަން.
ދެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް. އޭގެކުރިން އަޅުގަނޑުމެންގެ ކަނޑު އަޑި ސްކޭންކޮށްގެން، ކަނޑުއަޑީގެ ހުރިހާ މަންޒަރުތަކާއި ތަފްޞީލުތަކެއް އިންޑިއާ ސަރުކާރަށް ލިބޭގޮތަށް ހަދާފައި އޮތް އެއްބަސްވުން އާ ނުކުރަން އަޅުގަނޑުމެން ނިންމީ. އެއީ، އަޅުގަނޑުމެންގެ މުދާ. އަޅުގަނޑުމެންގެ ތަރިކަ މުދާ، އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ ތަފްޞީލަކީ. އެ ތަފްޞީލު އެ ބޭފުޅުންނަށް ލިބޭގޮތަށް އެ ބޭފުޅުން ސްކޭންކޮށްގެން މެޕް ހެދުން. އަދި އަޅުގަނޑުމެން ގަންނަންވެސް ޖެހެނީ އެ ބޭފުޅުންގެ އަތުން. އެގޮތަށް ހަދާފައި އޮތް އެގްރީމަންޓެއް މިއީ. ދެން އަޅުގަނޑުމެން ނިންމީ އެކަން ނުކުރަން. އާ ނުކުރަން. ނުކޮށް މިހާރު އަޅުގަނޑުމެން އަމިއްލައަށް އެ ސްކޭންކުރާ މެޝިނާ އެއްޗެހި ގަންނަން. ސްކޭން މި ބޭނުންކުރަނީ އާދައިގެ ގޮތުގައި އިނގޭތޯ. ހައިޑްރޯގްރެފިކް ސަރވޭ އިކްއިޕްމަންޓްސް ހޯދަން ނިންމާފައި، މިހާރު ޑިފެންސް މިނިސްޓްރީން އެ ތަކެތި ހޯދަނީ. ހޯދައިގެން އަޅުގަނޑުމެން އަމިއްލައަށް ދެން އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ ތަފްޞީލެއް ހޯދާނީ. ހޯދައިގެން އަޅުގަނޑުމެން އަމިއްލައަށް އެޗާޓުތައް ހަދާނީ. އެއީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ.
ދެން ކަނޑުގެ މި ސަރަޙައްދު، 9 ލައްކަ އަކަ ކިލޯ މީޓަރުގެ މި ބޮޑު ސަރަޙައްދު، ގާތްގަނޑަކަށް ފްރާންސްވަރުގެ ބޮޑު ޤައުމެއް ރާއްޖެއަކީ، ކަނޑުގެ މުޅި ސަރަޙައްދު ލައިފިއްޔާ. މި ބޮޑު ސަރަޙައްދުގެ ތެރެއިން އަޅުގަނޑުމެންނަށް މި ބެލެހެއްޓެނީ ގާތްގަނޑަކަށް އެއް ޕަސެންޓް. އެއީ، ރާއްޖޭގެ ރަށްތައް ހިމެނޭ ސަރަޙައްދު އެކަނި. އޭގެ ބޭރެއް ނުބެލެހެއްޓޭ. އެ ބޭރު، އެ ސަރަޙައްދު ކޮންމެ ބަޔަކު ބޭނުންކުރިޔަސް، އަޅުގަނޑުމެންނަކަށް ނޯވޭ ކުރެވޭނެ ކަމެއް. އަޅުގަނޑުމެންނަށް އެނގުނިއްޔާ އެނގުނީ. ބަޔަކު ބުނިއްޔާ އެނގެނީ. އެހެން ބައެއްގެ އެހީތެރިކަން ނުހޯދައެއް ނޯވޭ ކުރެވޭނެ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ ޤައުމުގެ ބައެއް މިއީ. ކޮބައިތޯ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމެއް މީގައި؟ އަޅުގަނޑުމެންގެ އެއްވެސް ބާރުވެރިކަމެއް، މިނިވަންކަމެއް އިޙްސާސްވޭތޯ. ނުވޭ.
އެހެންވީމާ، މިކުރާ ކަމަކީ އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި، އަމިއްލަ ކެޕޭސިޓީގައި، އަމިއްލަ ފައިމައްޗަށް ތެދުވެގެން، މި ބިޔަ ބޮޑު ކަނޑުގެ ސަރަޙައްދު އަޅުގަނޑުމެން ބަލަހައްޓަން ފަށާނަން. ބަލަހައްޓާނީ ކޮންމެ ވަގުތަކުވެސް އެ ބޮޑު ސަރަޙައްދުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބޭ ފެންވަރުގައި. ޓުވެންޓީ ފޯރ ސެވަންގައި ނޮން ސްޓޮޕްގައި އިރާދަކުރެއްވިއްޔާ ބަލަހައްޓާނަން.
އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމުގެ މަސައްކަތް މިކުރަނީ. ދެން އިޤްތިޞާދީ މިނިވަންކަން ހާސިލުކުރުމުގެ މަސައްކަތް މިކުރަނީ. ވަކި ޤައުމަކަށް ގޮސް ހުސްވެ، އަޅުގަނޑުމެންގެ ލޯނުތައް ނަގާ ނަގާ ގޮސް މިއޮތީ ލައިން އޮފް ކްރެޑިޓާއި، އެކި ނަންނަމުގައި ދަރައި ހުސްވެފައި. އެކަން ނިމުމަކަށް ގެނެވޭތޯ މަސައްކަތް މިކުރަނީ. އެހެންވީމާ، މިކަހަލަ ގިނަގުނަ ގޮންޖެހުންތަކާ އެކީގައި، އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި ކުރެވޭ މަސައްކަތާއި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މިތަނުގައި ކުރިއަރުވަން ކުރެވޭ މަސައްކަތް މިކުރަނީ.
އެހެންވީމާ، މި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، އެކައްޗެއް ކިޔާފައި އެބަޖެހޭ އެއްބައިވާން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ހެޔޮގޮތްތައް މެދުވެރިވެގެންދާނީ. އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން ބޭނުންވާ މިޞްރާބުގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައްޓަން ވެގެންދާނީ. އެއީ، އަޅުގަނޑުމެންނަކީ ފަޚުރުވެރި، މާތްވެގެންވާ އިސްލާމްދީންމަތީގައި މުޅި ޤައުމުގެ ހުރިހާ ކަމެއް ބައްޓަންވެގެންދާ ޤައުމެއް ކަމުގެ ޔަޤީންކަން ލިބި، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި، އަޅުގަނޑުމެންގެ މި ބޮޑު ބިޔަ ސަރަޙައްދު ބެލެހެއްޓޭ ބައެއް ކަމުގެ ޔަޤީންކަން ލިބި، އަޅުގަނޑުމެންގެ ކަނޑުއަޑީގެ ހުރިހާ މަޢުލޫމާތެއް އެއްކުރަނީ، އަޅުގަނޑުމެން އަމިއްލައަށް ކަމުގެ ހިތްހަމަޖެހުން، އަޅުގަނޑުމެންނަށް ޔަޤީންކަމުގެ ހިތްހަމަޖެހުން ލިބި، އަޅުގަނޑުމެންގެ އަމިއްލަ މަތިންދާބޯޓާއި، އަމިއްލަ ތަކެތީގައި، ކުއްލި ޙާލަތުގައި ބަލިމީހުން އުފުލޭނެ ކަމުގެ ޔަޤީންކަން ލިބިގެން ގޮސް، އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމުގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ކުރެވޭ ފެންވަރަށް ކަންތައްތައް ހަމަޖެހިގެންދިޔުން ބޭނުމަކީ.
މިހާރު މިކުރާ އަނެއް މަސައްކަތަކީ، ފުޑް ސެކިއުރިޓީގެ މަސައްކަތް. އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން ޤާއިމުކުރަން މަސައްކަތް ފަށާފައި މިއޮތީ. ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ހުރިހާ ބާވަތެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދުމުގެ ބޮޑު ޓާގެޓެއް ކަނޑައަޅައިގެން، އެ މަސައްކަތް ފަށައިފިން މިހާރު. އެހެންވީމާ، އެގޮތަށް އަމިއްލަ ބާރުވެރިކަމާ އެކީގައި، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މިނިވަންކަން ޙަޤީޤަތުގައި އިޙްސާސް ކުރެވޭވަރަށް މަސައްކަތް ކުރުން. އެއީ، މިކުރާ މަސައްކަތަކީ. މިކަމުގައި ދިވެއްސަކަށްވީތީ ފަޚުރުވެރިވެ ބައިވެރިވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް.
އެހެންވީމާ، މިކަމުގައި ހުރިހާ ރައްޔިތުން އެކައްޗެއް ކިޔުމަކީ އަޅުގަނޑު އެދޭގޮތް. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިނުމަކީ ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދޭ ކަމެއް. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން. އެހެން ނޫނީވިއްޔާ ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނު އޮންނަ ގޮތުން، ޤާނޫނުއަސާސީ އޮންނަ ގޮތުން، މިއިން ކޮންމެ ކަމަކަށްވެސް ހުރަސްއެޅޭނެ ތަނަކަށްވާތީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ކަންކަން، އެންމެ ފުރިހަމަގޮތުގައި ނުވެ ހިނގައިދާނެ. މިދިޔަ ތިންމަސް ތެރޭގައި އެކަން ފާހަގަވެގެންދާނެ. އެއްވެސް އަސާސެއްނެތި، ސަރުކާރަށްވެސް، އަޅުގަނޑަށްވެސް، ކެބިނެޓަށްވެސް، ޙަޤީޤަތުގައި ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިކުރަމުންދިޔައީ. އެކަން އެގޮތަށް ތަކުރާރު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި މިހާރު އޮތް ކަމެއް.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފެހި ފަހި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ކެރިގެން އެކަން ކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެންގެ ޤައުމަކީ ތާއަބަދަށް މިނިވަންކަންމަތީގައި ދެމިއޮންނާނެ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހިތާދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށަށް މިއަދު މި ގަޑީގައި އާދެވުމުން، ތިޔަބޭފުޅުން ނުކުމެވަޑައިގެން، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައި ވަނީ. އެކަމަށްޓަކައި، ހިތާދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް ކުޑަ ވަގުތުކޮޅަކަށް މި ރަށަށް އާދެވުނު. އަޅުގަނޑު ދެންނެވިން، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައި ކުލަޖައްސައިދޭނަމޭ. އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެ ކަމަށް ދެންނެވިން. އިރާދަކުރެއްވީތީ އެގޮތުގެ މަތީގައި މިހިރީ. އެންމެ ބޮޑަށް ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތަކަށް އެންމެ އިސްކަންދީގެން މަސައްކަތް ކޮށްދޭނަން.
އާދެ، އެގޮތުން، ބަނދަރުގެ ވާހަކަ ތަކުރާރުކޮށް އޭރުގައިވެސް ފާހަގަކުރި. އަދި މިއަދު ކައުންސިލް ބައްދަލުވުމުގައިވެސް، ކައުންސިލްގެ ރައީސާއި، ކައުންސިލަރުންވެސް ފާހަގަކުރެއްވި. އާދެ، ރައްޔިތުން ބޭނުންވާ ގޮތަށް، އެއްވެސް ރަނގަޅު ގޮތަކަށް އެކަން ހައްލުނުވެ އޮތްކަން ފާހަގަކުރައްވާފައި ވަނީ. މިހާރު އެ ހިނގަމުންދާ މަޝްރޫޢަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި، އެ ގޮތަށް ކުރިއަށް ގެންދަން. ބޭރު ތޮށީގެ ބަދަލުތަކެއް. އިރާދަކުރެއްވިއްޔާ އެ ބަދަލުތައް ގެނެސްދީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، އެ މަޝްރޫޢު ނިންމައިދޭނެ ވާހަކަ ދަންނަވަން.
އާދެ، އަބަދު އެކަންވޭތޯ ތިބޭ ތިބުން ނިމުމަކަށް ގެނެސްދީ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ގޮތަށް، އިރާދަކުރެއްވިއްޔާ މިފަހަރު ޙަޤީޤަތަކަށް އެކަން ހަދައިދޭނަން. އާދެ، ބިން ހުސްވެގެން ބިން އިތުރުކުރަން، ކެމްޕެއިން ތެރޭގައިވެސް އެ ވާހަކަ ދެކެވި، އަޅުގަނޑު ވާނީ ވަޢުދުވެފައި. އަދި ބަޖެޓުގައިވެސް އެބައޮތް، އެ މަޝްރޫޢު މިހާރު ހިމެނިފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށި، މާލަސްތަކެއްނުވެ، ބިން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
އާދެ، ދެންވެސް އެބަހުރި، ވަރަށް މުހިންމު، ގިނަ މަޝްރޫޢުތަކެއް. ކައުންސިލްގެ މީޓިންގގައި، ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތައް ވަނީ ފާހަގަކޮށްދެއްވާފައި. އޭގެތެރޭގައި، ފުޓްބޯޅަ ދަނޑުގެ ވާހަކައާއި، ވޮލީކޯޓާއި، ދެންމެ ސަލާންކުރަމުން އައިއިރުގައިވެސް، ހުރިހާ ޒުވާން ކުދިން އަޅުގަނޑު ގާތުގައި ސިއްރުސިއްރުން ވިދާޅުވި، ބޯޅަދަނޑު ހަދައިދެއްޗޭ ވަރަށް ރަނގަޅަށް. ވޮލީކޯޓެއް އަޅައިދެއްޗޭ. މި ހުރިހާ ވާހަކައެއް. އެއީ، ހަމަ އެ ފަހަރުވެސް ދެއްކި ވާހަކަ. އެ ފަހަރޭ މި ދެންނެވީ ކެމްޕެއިންގައި.
އާދެ، އެ ދަނޑުތައް ހެދުން ހިމެނޭނެ. އަދި އަންހެން ބޭފުޅުން ހޭންޑްބޯލް ކޯޓެއް ބޭނުންވޭ. މިއީ، ރާއްޖޭގައި މިހާރު އެންމެ ގިނައިން، ޑަބްލިޔޫ.ޑީ.ސީ.ތަކުންވެސް އެދެމުންދާ އެއް ކަންތައް. އެހެންވީމާ، ކުޅިވަރުގެ އެކިކަހަލަ ފެސިލިޓީޒްތައް ޤާއިމުކޮށްދިނުމާއި، އަދި ދެންވެސް ހުރި ހުރިހާ ދާއިރާއަކުން، އޭގެ ތެރޭގައި، ޞިއްޙީ ދާއިރާއިން، މި ރަށުގައި ހެލްތު ސެންޓަރ އިތުރަށް ފުޅާކޮށް، ޤާއިމުކުރަންޖެހޭ ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، އަދި އިތުރު މީހުން، ޑޮކްޓަރުންނާއި، އެކި މުވައްޒަފުން ހޯދުމުގެ މަސައްކަތާއި، މިކަހަލަ މުހިންމު ކަންތައްތަކެއް އެބަހުރި ކުރިއަށް ގެންދަންޖެހޭ. ހަމައެއާއެކީގައި، ސްކޫލަށް އިތުރުކުރަންޖެހޭ ޖާގަ، ސްޓާފްރޫމާއި، އޮފީހާއި، މަލްޓި-ޕަރޕަސް ހޯލު އިތުރުކުރުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް.
އާދެ، އެހެންވީމާ، މި ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމަށް، މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަހަރު ހަމަ ފަށާނަން. އަދި ނިންމެންހުރި ވަރަކުން ނިންމަމުންވެސް ދާނަން. އަދި މި އަންނަ އަހަރު ބަޖެޓަށް ލާންޖެހޭ މަސައްކަތެއް މީގައި އޮތިއްޔާ، އެކަން ހިމަނައިގެން އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް ގެންގޮސްދޭނަން.
އެހެންވީމާ، ކުޅިވަރާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނަން.
އާދެ، ދެން އެދިވަޑައިގަންނަވާފައި ހުރި ކަންކަމަކީވެސް ހަމަ ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް. މަގުގެ މަސައްކަތް ކުރަން އެބައޮތް. ޔޫތު ސެންޓަރެއް ޤާއިމުކުރުމާއި، މިކަހަލަ ގިނަ ކަންތައްތަކެއް. އަދި އޭ.ޓީ.އެމް.އެއް ޤާއިމުކޮށްދިނުމަށްވެސް ވަނީ އެދިފައި.
އާދެ، ޖުމްލަ ގޮތެއްގައި މިކަމަށް ހަމަ އަޅުގަނޑު ދޭނީ، ދެންމެވެސް މި ދެންނެވި ޔަޤީންކަން. އިރާދަކުރެއްވިއްޔާ ބަޖެޓުގެ ތެރެއިން، އަޅުގަނޑުމެން މި ބަލަނީ، ވީހާވެސް ގިނަ ކަންތައްތަކެއް، ގިނަ ރަށްތަކެއްގައި، މި އަހަރުގެ ތެރޭގައި ކުރެވޭނެ ގޮތަކަށް ތަރުތީބު ކުރަން. މިހާރު ހުރި މަސައްކަތް ކައުންސިލްތަކާއި، ކަމާބެހޭ ވުޒާރާތަކާ އެކީގައި ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ދަންނަވާފައި. މިހެން ހުރި ހުރިހާ މަޝްރޫޢުތަކެއް، މި އަހަރުގެ ތެރެއަށް ބަހާލައިގެން ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ނިންމާފައި.
އެހެންވީމާ، އަހަރުތެރޭގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް ފެށި، އަދި މިހާރު ހިނގަން ފަށައި، ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް، އަވަހަށް ފަށައިގެން ގެންގޮސް ނިންމުން، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނީ. އެހެންވީމާ، އެ ޔަޤީންކަން ހަމަ ތިޔަބޭފުޅުންނަށްވެސް އަޅުގަނޑު ދެން. އަދި މި ދާއިރާގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދެން.
އާދެ، އަޅުގަނޑު މާ ދިގުކުރާކަށް ނެތިން. ހަމަ ހުރިހާ ދާއިރާއެއްގެވެސް ތަރައްޤީގެ މަސައްކަތްތައް ކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދެވޭނެ. ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެނީ، މި ކަންކަން ކުރުމުގައި، ދެންވެސް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް، ކުރިއަށް އޮތް ތަނުގައިވެސް ދެއްވުން. ރައްޔިތުންނަށްޓަކައި، ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުމެ ލިބިގެންދިޔުމަކީ، ކަންކަން ބާރު ސްޕީޑުގައި ގެންދިޔުމުގައި ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް.
އެހެންވީމާ، އެކަމުގައި އެއްބާރުލުން ދެއްވުން އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ތުޅާދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ މި މެންދުރުގެ ހޫނު ވަގުތުގައި، ތިޔަބޭފުޅުން ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް
މި ރަށުން އަޅުގަނޑަށް ދެއްވީ ވަރަށްބޮޑު ތާއީދެއް. ވަރަށްބޮޑު އިތުބާރެއް ކުރެއްވީ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް އެއީ، ތިޔަބޭފުޅުން އެކި ޒަމާންތައް ވަންދެން އުންމީދު ކުރަމުން އައި، ނުވެފައި ހުރި ކަންތައްތައް. ކެމްޕެއިން ތެރޭގައި އަޅުގަނޑު ދެންނެވީ، މިކަންކަން އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދާނަމޭ. އެހެންވީމާ، މިކަންކަން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑު މިހާރު ކުރަނީ.
އެގޮތުން، އެންމެ މުހިންމު ކަމަކަށް، އެންމެ ގިނަ ޒަމާންތަކެއް ވަންދެން ތިޔަބޭފުޅުން އުންމީދު ކުރަމުން އަންނަ ކަމަކީ އެއަރޕޯޓުގެ ކަންތައް. ވަރަށް ލަސްކޮށްދާ، ވަރަށް ފަނޑުކޮށްދާ، ޙަޤީޤަތަކަށް ނުވާނެހެން ހީވާގޮތަށްދާ ކަމެއް. އެގޮތް ބަދަލުކޮށް، ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރުގެ އެއަރޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން. މިހާރު އެބައޮތް ބަޔަކާ ހަވާލުކުރެވިފައި. އެހެން ނަމަވެސް، އެ ސްކޯޕަށް ގެންނަންޖެހޭ ބަދަލުތަކާއި، ކުރިއެރުންތަކެއް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން.
އަދި ހަމަ އެއާއެކީގައި، ރަށުގެ ދުރު ރާސްތާގެ ތަރައްޤީއަށް އަދި މެދު ރާސްތާގެ ތަރައްޤީއަށްވެސް އިތުރަށް ބިން ބޭނުންވޭ. ރަށުގެ ތަރައްޤީއަށް ބިން އިތުރުކުރުމަކީ، މިކަހަލަ ސްޓްރެޓީޖިކަލީ، ރާއްޖޭގެ ތަރައްޤީގެ ދުރު ރާސްތާއަށް ވިސްނާއިރުގައި އަދި އަމުދުން މުހިންމު ރަށްރަށުގައި ހުންނަންޖެހޭ ކަމެއް. އެހެންވީމާ، އެއަރޕޯޓުގެ މަސައްކަތް ހިނގަމުންދާއިރުގައި، ރަށަށް، ރަށުގެ އެހެނިހެން ބޭނުންތަކަށް، އެއީ، ގެދޮރުވެރިކަމާއި، އެކިކަހަލަ ޞިނާޢަތްތަކަށާއި، އިޖުތިމާޢީ ބޭނުންތަކަށާއި އަދި މުސްތަޤްބަލަށް ބާއްވަންވެސް ރިޒަރވް ކޮށްފައި ބާއްވަންޖެހޭ ބިމާއެކު، ބިން ހިއްކަންޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގެ މުސްތަޤްބަލަށްޓަކައި އަދި މިހާރުގެ ބޭނުންތަކަށްވެސް ފުދޭނެ ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް ދަންނަވަން.
ދެން ހައުސިންގ، ގެދޮރުވެރިކަމަކީ އެންމެ މުހިންމު ކަންތައް. މިހާރު ނިމިފައި ހުރި ފްލެޓުތައް، ކޯޓުގައި ކޮންމެވެސް ކަންތައްތަކެއް ހިނގާކަމުގެ މަޢުލޫމާތު އެބައޮތް ލިބިފައި. ކޯޓުތަކަކީ މިނިވަންކަމާ އެކީގައި ހިނގާނެ ތަނެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި. އަޅުގަނޑު އުންމީދު ކުރަނީ، އެކަން ނިމޭނެ ކަމަށް ވަރަށް އަވަހަށް. ރައްޔިތުންނަށް އެ އިމާރާތްތަކުގެ ބޭނުން، ގެދޮރުގެ ބޭނުން ކުރެވޭނެގޮތް ވާނެ ކަމަށް. އެއީ އަޅުގަނޑު ބޭނުންވާގޮތް. ރަށުގެ ރައްޔިތުންވެސް ބޭނުންވާގޮތް.
އަދި ހަމަ އެއާއެކީގައި، މި އަހަރު ތެރޭގައި އިތުރު 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިދޭނަން. މި އަހަރު ބަޖެޓުގައި ކޮންމެވެސް އަދަދެއް ހިމެނިފައި އޮތީ. އެހެން ނަމަވެސް، އެއަކުން ނުއެއްވާނެ. އެހެން ނަމަވެސް، މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގު އެބައޮތް ފަހިވެފައި. އެހެންވީމާ، މި އަހަރުގެ ތެރޭގައި އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން.
އަދި ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ހޮސްޕިޓަލްގެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، ޒަމާނީ ފެންވަރަކަށް މަގުތައް ހެދުމާއި، އަދި ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ އިންޑޯ، އައުޓްޑޯ ކުޅިވަރު ފެސިލިޓީތައް ޤާއިމުކޮށްދިނުމާއި، މިކަހަލަ ކަންތައްތަކަކީ މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ، އަޅުގަނޑު ވަޢުދުވެސް ވެފައިވާ ކަންތައްތަކެއް. އެހެންވީމާ، މިކަންކަމަކީވެސް ހަމަ އެ ޔަޤީންކަން، އަޅުގަނޑު ދެންމެ ދިން ގޮތަށް ދޭ ކަންކަން. އެކަންކަންވެސް މި ރަށުގައި އިރާދަކުރެއްވިއްޔާ ކޮށްދޭނަން.
އާދެ، އަޅުގަނޑު ކުރުކުރުކޮށް މި ހުރިހާ ވާހަކައެއް މި ދަންނަވާލިޔަސް، މިއީ ހަމަ ވަރަށް ތަފްޞީލުކޮށްވެސް ހަމަ ތިޔަބޭފުޅުންނާ ދައްކަންހުރި ވާހަކަ. ކުރެވޭނެ ކަންތައްތައް. އަދި ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑު ހިތުން ވަރަށް ތަފްޞީލުކޮށް އެ ވާހަކަ ދެކެވޭނެ.
އެހެންވީމާ، މި ހުރިހާ މަޝްރޫޢުތަކަކީ އިރާދަކުރެއްވިއްޔާ މި ރަށުގައި ކުރިއަށްދާނެ ކަންތައްތައް. ޞިނާޢީގޮތުން މަސްވެރިކަމުގެ މަސައްކަތް ހިނގާ. ލިޔެލާ ޖެހުމުގެ މަސައްކަތް ހިނގާ. އެކިކަހަލަ މަސައްކަތްތައް އެބަ ހިނގާ. އެހެންވީމާ، މި ކޮންމެ ޞިނާޢަތަކަށް ކުރިއެރުން ލިބޭނެ މަގުފަހިކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އަދި އަމުދުން ވަރަށް މަދު، ނެތެމުންދާ ޞިނާޢަތެއް ލިޔެލާޖެހުން. ރާއްޖޭގެ ޤައުމިއްޔަތާ ގުޅިފައިވާ، ދިވެހިވަންތަކަމާ ގުޅިފައިވާ ކަމެއް. އަޅުގަނޑު ދަންނަވާފައި ވާނެ، ކެމްޕެއިން ތެރޭގައި، އެކަން ރައްކާތެރި ކުރުމަށްޓަކައި، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވި، ކިޔަވައިދީ، ދަސްކޮށްދޭ މަރުކަޒެއް ޤާއިމުކުރަންޖެހޭ ކަމަށް. އެކަން ހަނދާން އެބަހުރި. އެއީ، ޤައުމީ ކަމެއް.
އޭގެ އިތުރަށްވެސް، ރާއްޖޭގައި ލިޔެލާޖަހާ، އަތްތެރި މަސައްކަތް ކުރުމާއި، އެކިކަހަލަ ފަންނުވެރިކަމުގެ މަޢުރަޒުތައް، ރާއްޖޭގައި ކުރިން ހިންގާފައި އެބަހުރި ވަރަށް ކާމިޔާބުކަމާ އެކީގައި. މި ރަށަކީ އެ ދާއިރާއިން، އެކަހަލަ މަޢުރަޒުތަކުން ވަރަށްގިނަ ފައިދާތައްވެސް ކޮށްފައި އޮތް ރަށެއް. އަޅުގަނޑުގެ ވިސްނުންހުރީ އެކަން އަލުން އިޢާދަކުރަން.
އެހެންވީމާ، މިކަހަލަ ގޮތްގޮތުން މި ރަށުގެ މި ދެންނެވި ޞިނާޢަތް ކުރިއަށް ގެންދިޔުމުގައި، މި ސަރުކާރުގެ ސިޔާސަތު އޮތީ މި ދެންނެވި ގޮތަށް. އިރާދަކުރެއްވިއްޔާ އޭގެ ނަފާ މި ރަށަށް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.
އާދެ، އަޅުގަނޑު މި ހުރިހާ ކަންތައްތަކެއް މި ދަންނަވާލީ. އަދިވެސް ވަރަށްގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަން އެބަހުރި. ހިނގަހިނގާ ހުރި މަޝްރޫޢުތަކާއި އަދި މި ރަށުގެ ތަރައްޤީއަށްޓަކައި އިތުރަށް ކުރަންހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. މި ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ އިޤްތިޞާދުގައި ބުންވަރު ޖައްސައި، އާމްދަނީ އިތުރުކޮށް، މިހެންހުރި މުހިންމު ކަންކަން ކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް މި ކުރަނީ. މި ނިމިގެންދިޔަ ފަނަރަވަރަކަށް ހަފްތާގެ ތެރޭގައި، މި މަގުން ކުރިއަށް ގެންދިޔުމުގައި، އިރާދަކުރެއްވީތީ ވަރަށްގިނަ ކަންތައް ހާސިލުކުރެވިފައި މިވަނީ. އާމްދަނީ އިތުރުކުރުމާއި، އަޅުގަނޑުމެންގެ ދަރަނިތައް ދެއްކޭނެގޮތަށް ކަންކަން ބައްޓަން ކުރެވިގެން މިދަނީ.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މިކަހަލަ ގިނަ މަޝްރޫޢުތަކުން ޢަމަލީ ސިފަ ފެންނާނެ. ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް، އަލުން ހިނގައިގަންނަން މިހާރު ފަށާފައި ވާނީ ގިނަ ރަށްތަކުގައި. ގިނަ ރަށްތަކުގައި ނުހިނގާ ހުރި މަޝްރޫޢުތައް ހިނގަން މި ފެށްޓުނީ ވަރަށްގިނަ މަސައްކަތުން. ވަރަށްގިނަ ބިލުތައް، ޕެންޑްވެފައި ނުދައްކައި ނިމިދިޔަ ސަރުކާރު ބަދަލުވިއިރުގައި ނުދައްކާހުރި ޕޭމަންޓްތައް، އެ ކުންފުނިތަކަށް ހެދިގެން އެ މަސައްކަތް އަލުން ފެށޭގޮތް އެވަނީ.
އެހެންވީމާ، އެގޮތަށް މިބަލަނީ، ވީހާވެސް ގިނަ މަސައްކަތްތަކެއް ގިނަ ރަށްތަކެއްގައި އެއްފަހަރާ ފެށޭތޯ. މިގޮތަށް ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް ހިނގަމުންދާނެ. ހިންގަން ފެށޭނެ. އަދި ދެން އަލަށް ފަށަންޖެހޭ މަސައްކަތްތައްވެސް ހަމަ މި އަހަރު ތެރެއަށް ބަހާލައިގެން، ކައުންސިލްތަކާ މަޝްވަރާކޮށްގެން، އެކި ދުވަސްވަރު އެކި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ.
އާދެ، މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑު ކުރާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކީ. ރައްޔިތުން ބޭނުންވާ ގޮތަކަށް، އެ މަޝްރޫޢަކަށް ގެންނަންޖެހޭ ބަދަލެއް ވީހާވެސް ރަނގަޅަކަށް ގެނެސްގެން. އަޅުގަނޑުމެން މި ކައުންސިލްތަކާ ބައްދަލުވާއިރުގައި މި އެނގެނީ، ބައެއް ރަށްރަށުގައި ރައްޔިތުން ކުރެން އަހައެއްނުލާ، ނޫނީ ރައްޔިތުން އެދޭ ގޮތެއް ބަލައެއްނުލާ، އެބަހުރި މަޝްރޫޢުތައް ހަވާލުކޮށް، ހިނގަން ފަށައި އަދި ނިމިފައިވެސް. އެއީއެއް ނޫން އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތަކީ. ވީވަރަކުން ޓެކްނިކަލީ އެކަމެއް ނުކުރެވޭނެ ކަމަށްވަންޏާ، ނޫނީވިއްޔާ ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއްވެސް ބައްޓަން ކުރެވޭތޯ ބަލާނީ.
އެހެންވީމާ، މި މަގުން މިގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނީ. އާދެ، ތުޅާދޫގެ މި ދެންނެވި ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކަކާއި، އަދިވެސް އިތުރު ކަންކަމުގައި އަޅުގަނޑުމެން ކުރިއެރުން ހޯދައިދީ، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން.
އަދިވެސް އެއްފަހަރު، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރުގައި، ކުރިއަށް ވަޑައިގެން ދެއްވައި، އަދި ކުރިއަށް ހުރި އިންތިޚާބުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތް ކާމިޔާބުވާނެ މަގުން ކަންތައްތައް ފަހިކޮށްދެއްވުމަށް. އާދެ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކެންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކައުންސިލްގެ ރައީސް، ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާއި، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އޭދަފުށީ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ހަވީރު ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކެމްޕެއިން ތެރޭގައި އަޅުގަނޑުވީ ވަޢުދުތައް ހަނދާން އެބަހުއްޓޭ. އަދި އެކަންކަން ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ އެ ހުރިހާ މަސައްކަތްތަކަކަށް ޢަމަލީ ސިފަ ގެނެސްދޭނަން. ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ޖައްސައި، ރައްޔިތުން އެދޭގޮތަށް އެ ހުރިހާ ކަމެއް ކޮށްދިނުމުގައި، އަޅުގަނޑުމެން ކުރިއަށް ގޮސް، އިރާދަކުރެއްވިއްޔާ އެކަންކަމުގައި އަޅުގަނޑުމެން ނަތީޖާ ނެރެދޭނަން.
އާދެ، މާގިނަ ވަގުތުނެތީމަ، ތަންކޮޅެއް ކުރުކޮށް ގެންދާނަން. އެއީ، މަޣުރިބު ނަމާދަށް ގޮވަން ގާތްގަނޑަކަށް ދިހަ، ބާރަވަރަކަށް މިނިޓް އޮތީމަ.
އާދެ، ޤައުމުގެ އިޤްތިޞާދު އޮތް ޙާލަތުގެ ވާހަކަ. އެއަށް ދާންޖެހޭ ކުރުކޮށްވިޔަސް. ދެންމެ ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ މުޢާޒް ވާހަކަފުޅު ދައްކަވަމުންދިޔައިރުގައި، އެ ވާހަކަ އަޑުއެހި، ބެއްލެވި ހުރިހާ ބޭފުޅުންނަށް އިޙްސާސްވާނެ، މި ރާއްޖޭގެ އިޤްތިޞާދު އޮތްގޮތް. ސަރުކާރުގެ ކުންފުނިތައް ވައްޓާލާފައި އޮތް އަނދަވަޅު. އަޅުގަނޑު އެ ވާހަކަ ދެއްކިން، މަގާމާ ހަވާލުވި ދުވަހު، ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި. އެއީ، ޤައުމުގެ ޙާލަތު އޮތް ހިސާބު. އެންމެ ބޮޑަށް ދަރުވާލާފައި އޮތް، އެންމެ ހާލުގައި އޮތް ކުންފުނި، ފެނަކަ. ދެންހުރި ގިނަ ކުންފުނިތައް އެބަހުރި، އެކި ޙާލަތުގައި ހުރި. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިތުރަށް ފައިސާ ޗާޕްނުކޮށް، އިތުރަށް ރުފިޔާގެ އަގު ވައްޓާނުލައި، އިޤްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް. ފައިސާ ޗާޕްކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރަންޏާ އޮޕްޝަނެއް ނޫން. އެކަން ކޮށްގެން ނުވާނެ. އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރަން ބޭނުމިއްޔާ، އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެހެންވެ، ކެމްޕެއިން ތެރޭގައި އަޅުގަނޑު އެ ވަޢުދުވީ. އެ ވަޢުދުވެ، އެކަން އެގޮތުގައި ކުރިއަށް މިގެންދަނީ. އޭގެ ބަދަލުގައި ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުގެ ހިންގުން ވަރުގަދަކޮށް، ކުންފުނިތަކަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމުގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ ޤައުމަށް، އިޤްތިޞާދަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުކޮށް ފުޅާކުރަމުން މިގެންދަނީ.
ޓޫރިޒަމް ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، އަދިވެސް އެކިއެކި ފަންނުތަކުގެ ދާއިރާތައް ފުޅާކުރުމުގެ މަސައްކަތް މި ކުރަނީ. އެއަރޕޯޓުތައް ނިންމައި، އެއަރޕޯޓުތައް ހުޅުވައި، މި މަސައްކަތްތަކަށް އިސްކަން މިދެނީ އެހެންވެގެން.
އެހެންވީމާ، މި މަގުން މި މަސައްކަތް މި ކުރަނީ އަވަސް ސްޕީޑެއްގައި ރަނގަޅު މަގަށް އަޅުވާފައި، ބާރު ސްޕީޑްގައި އިޤްތިޞާދު ކުރިއަށް ގެންގޮސް، އިޤްތިޞާދުގައި އަޅުގަނޑުމެން ދައްކަންހުރި ދަރަނި ދެއްކޭނެ ބުންވަރު ޖެއްސުމަށްޓަކައި. އެ ސްޓްރެންތް، އެ ސްޓެމިނާ ގެނައުމަށްޓަކައި. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އެންމެ މުހިންމު މުއައްސަސާ، މިކަހަލަ ކަމެއް ދިމާވާ ޤައުމަކަށް އަބަދުވެސް ކަންކަމުގައި ލަފާދޭ ޖަމުޢިއްޔާއެއް އެއީ. އެފަރާތުން އެކަން ބަލައިގަނޭ. ރާއްޖެއިން އަޅުގަނޑުމެން އަމިއްލައަށް ނިންމި ނިންމުންތައް، އެއީ މި ޤައުމަށް، މި ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން ނިންމޭނެ އެންމެ ރަނގަޅު ނިންމުންކަން، އެ ބޭފުޅުން ރަސްމީކޮށް އެވަނީ އެންޑޯޒް ކުރައްވާފައި. އެހެންވީމާ، މި ގެންދެވެނީ އިރާދަކުރެއްވިއްޔާ ރަނގަޅު މަގުން. ކުރިއަށް އޮތީ ހެޔޮގޮތުގައި މީގެ ނަތީޖާ ފެންނަ ދުވަސްތައް.
މި ރަށުގައި ކުރަންހުރި މަސައްކަތްތައް. ބަނދަރުގެ މައްސަލަ، އެންމެ ބޮޑު މައްސަލަ. އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރުގައި ބަނދަރު ހަދައިދޭނަން. ބިން ހިއްކުމުގެ މަސައްކަތްވެސް. އަދިވެސް އެތައް ކަންތައްތަކެއް. މި ރަށުގައި ކުރަން އެބަހުރި ވަރަށްގިނަ ކަންތައްތައް. ކައުންސިލްގެ މީޓިންގގައިވެސް އެ ވާހަކަތައް ޙިއްޞާކުރެއްވި. އަދި ކެމްޕެއިން ތެރޭގައިވެސް، އެކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވަޢުދު އަޅުގަނޑު ވެފައި ވާނެ. އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއް، އެއީ، މި ރަށުގެ ބަނދަރު މައްސަލަވިޔަސް، ބިން އިތުރުކުރުން ކަމުގައިވިޔަސް، މަގުތައް ހެދުން ކަމުގައިވިޔަސް، އަދި ދެންމެ މިސްކިތުގެ ވާހަކަ ފާހަގަކުރެއްވި. ދެ ބުރިއަށް މިސްކިތް ހެދުން. އޭ.ޓީ.އެމް.އެއް ބެހެއްޓުން. އިޖުތިމާޢީ މަރުކަޒެއް ޤާއިމުކުރުން. ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމާއި ރޮސްޓްރަމް ހެދުމާ، ދެން މިހެންގޮސް އެބަހުރި ވަރަށްގިނަ މަސައްކަތްތައް.
އެހެންވީމާ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި، ކުންފުނިތައް ހަރުދަނާކޮށްގެން، އިޤްތިޞާދު ވަރުގަދަކޮށްގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ތާވަލެއްގެ ތެރެއިން ޓެބިއުލޭޓް ކޮށްގެން، އަހަރުގެ ތެރެއަށް ބަހާލައިގެން، އަޅުގަނޑުމެން މަސައްކަތްތައް ރާވައިގެން މިގެންދަނީ. މިހާރު ގިނަ ރަށްތަކެއްގައި ހުންނާނީ، މިހެން ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ހިނގައިގަންނަން ފަށާފައި. އެއީ، ކީއްވެ ހިނގައިގަންނަން އެ ފަށަނީ؟ އަޅުގަނޑުމެން ފައިސާދޭން ފެށީމަ. ފެނަކައިގެ އެމް.ޑީ. ދެންމެ ފާހަގަކުރެއްވީ، ފެނަކައިން އެކި ފަރާތްތަކަށް ދޭންހުރި ދަރަނި، 4.2 ބިލިއަން، 4200 މިލިއަންގެ ވާހަކަ. އަޅުގަނޑު މި ދަންނަވަނީ، މުޅި ސަރުކާރުން ކުންފުނިތަކާއި މިނިސްޓްރީތަކުން ރައްޔިތުންނަށް ދޭން އެބަހުއްޓޭ، އެކި ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި، 9000 މިލިއަން ރުފިޔާ. އޭގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދޭން ޖެހިފައި މިއޮތީ ފެނަކައިން.
އެހެންވީމާ، މިހެންހުރި ބިލުތައް ދައްކަމުންދާވަރަކަށް ކުންފުނިތައް މޮބިލައިޒް ކުރަމުން، މަސައްކަތްތައް އެބަ ހިނގައިގަނޭ ރަށްރަށުގައި. މި ރަށުގައިވެސް އެގޮތަށް ހުއްޓިފައި ހުރި މަސައްކަތްތައްވެސް ހިނގައިގަންނަގޮތް ހެދޭތޯ މި ބަލަނީ.
އެހެންވީމާ، މިއީ މިއަދުގެ ޙާލަތު. މި ޙާލަތުން އަރައިގަތުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑަށް އަދި އަޅުގަނޑުމެންގެ ޓީމަށް ފުރިހަމަ ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި މި މަސައްކަތްތައް ކުރިއަށް ގެންގޮސް، އެކަންކަން ނިންމައިލެވޭނެކަން.
ބަޖެޓުގެ ތެރޭގައި، ބަޖެޓް ހެދިއިރުގައި، ބަޖެޓް ފާސްކޮށްދިންއިރުގައި، ހިނގަހިނގާ ހުރި މަޝްރޫޢުތައް ނުނިންމޭވަރަށް ކުދި ޢަދަދުތައް ޖަހާފައި ބަޖެޓް ފާސްކޮށްލާފައި އަޅުގަނޑަށް ދިން ނަމަވެސް، އެއީ، މިހާރު އޮތް މަޖިލީހުން ކުރެއްވި ކަމެއް. ވަރަށް ޒިންމާދާރުކަން ކުޑަކޮށް. އެހެންވިޔަސްވެސް އަޅުގަނޑުމެން މި މަސައްކަތްތައް މިކުރަނީ، މި އަހަރުގެ ތެރޭގައި، ގިނަ މަޝްރޫޢުތަކެއް ނިންމައިލެވޭތޯ. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަންކަން ދާނެ. ފެނަކައިގެ ޙާލަތުވެސް ރަނގަޅުކުރަމުން، އާރު.ޑީ.ސީ.ގެ ޙާލަތުވެސް ރަނގަޅު ކުރަމުން، އެމް.ޓީ.ސީ.ސީ.ވެސް، އެމް.ޑަބްލިޔޫ.އެސް.ސީ.ވެސް. ދެން މިހެންގޮސް ރަށްރަށުގައި އެކިއެކި މަސައްކަތްތައް ކުރާ ސަރުކާރުގެ ކުންފުނިތައް މިހިރީ. މި ހުރިހާ ކުންފުނިތަކެއްގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި އެކިއެކި މަސައްކަތް މިކުރަނީ. ސަބް ކޮންޓްރެކްޓްވެސް ކޮށްފައި އޮންނަނީ، މަލްޓިފޯލްޑްކޮށް. ސަބް ކޮންޓްރެކްޓަރު، އެހެން ކޮންޓްރެކްޓަރަކަށް، ސަބް ކޮންޓްރެކްޓަރު، އޭނަ އެހެން މީހަކަށް ސަބް ކޮންޓްރެކްޓް ދެނީ. ދެން އަޞްލު ކޮންޓްރެކްޓަރު ވީތަނެއް ނޭނގޭ ހިސާބަށްވެސް ކަންކަން ގޮސްފައި ހުރީ.
މިދިޔަ ސަރުކާރު ނިމިގެންދިޔައިރުގައި، މިހިރަ ގޮތްގޮތަށް ކަންކަން ގޮސްފައި އޮތީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މި ދެންނެވިހެން އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން އައުމަށް، އެ އިންވެސްޓަރުންނަށް އިތުބާރު ޤާއިމުކޮށްދެނީ. އިންވެސްޓަރ ކޮންފިޑެންސް ޤާއިމުކޮށްދެނީ. އެ އިންވެސްޓަރ ކޮންފިޑެންސް ނުގެނެހެއް ދެނެއް ރާއްޖެއަކަށެއް އާމްދަނީ އިތުރެއްނުވާނެ.
ޓޫރިޒަމް ދާއިރާގައިވެސް، މިއީ ބައޮސްފިޔަރ ރިޒަރވެއް އޮންނަ އަތޮޅެއް. މުޅި އަތޮޅު. މި ޤުދުރަތީ ބައޮސްފިޔަރ ރިޒަރވްގެ ފުލް ބޭނުން، ކެޕިޓަލައިޒްކޮށް، އެ ރީތިކަމުގައި އޭގެ ބޭނުންކޮށް، ޓޫރިޒަމް އިތުރަށް ފުޅާކޮށް، އެކަންވެސް ކުރާނެ އިތުރު އިންވެސްޓަރުން އަންނާނީ، އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބިގެން. އެހެންވީމާ، އެ މަސައްކަތް މިކުރަނީ. މިގޮތަށް މި ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް ނަތީޖާ ނެރެދެވޭނެ ކަމަށް.
މި ރަށުގައިވެސް ހަމަ އެގޮތަށް އެތައް މަސައްކަތް މިހިރީ ކުރަން. ޞިއްޙީ ދާއިރާގައިވެސް ވަރަށް މުހިންމު މަސައްކަތްތަކެއް އެބަހުރި. ޞިއްޙީ މަރުކަޒުގައިވެސް ކުރަން. އަދި ތަޢުލީމީ ދާއިރާގައިވެސް ކުރަންހުރި މަސައްކަތްތައް، އަޅުގަނޑު ވަޢުދުވެފައި ހުރި ކަންތައްތައް ހުންނާނެ. ދެންހުރި ދާއިރާތަކުގައިވެސް. އެހެންވީމާ، މިގޮތަށް ވަޢުދުވެފައި ހުރި ކަންކަމާއި، އަދި އިތުރަށް އަންނަ ކަންކަން، ކައުންސިލުން ޙިއްޞާ ކުރައްވާ ކަންކަން، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ނަތީޖާ ނެރެދިނުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ. ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ގެންގޮސް، މި ރަށުގައިވެސް، މި ދާއިރާގައިވެސް، މި އަތޮޅުގައިވެސް އަދި ޖުމްލަކޮށް މުޅި ރާއްޖޭގައިވެސް، މިގޮތަށް ހިނގަހިނގާ ހުރި މަޝްރޫޢުތަކާއި، ފަށަންހުރި ހުރިހާ މަސައްކަތްތަކެއް، ރައްޔިތުން ބޭނުންވާގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނީ.
ރައްޔިތުން ބޭނުންވާ ގޮތަށް ގެންދާ ވާހަކަ މި ދަންނަވަނީ. މިހާރު ގާތްގަނޑަކަށް 115 ކައުންސިލާ މި ބައްދަލުވީ އަޅުގަނޑަށް. ބައްދަލުވީއިރުގައި އެތައް ކައުންސިލަކުން މި ބުނަނީ، ރައްޔިތުން ކުރެން އަހާލާނެ ފުރުޞަތެއް ނުލިބެއޭ. ސަރުކާރުން މަޝްރޫޢު ފަށައިގެން ގޮސް މިހާރު ނިމެނީއޭ. ބަނދަރު އޮތީ މިހެންނޭ. ނަރުދަމާ މިގޮތަށޭ. ސްކޫލް ހަދަމުންދާއިރު އޮތީ، ތިމަންނަމެން ބުނާ ގޮތަކަށް ނޫނޭ. އެގޮތަކަށް ނޫން ކަންކަން ކުރަންޖެހޭނީ. ވީވަރަކުން އަޅުގަނޑުމެން ބަލާނީ، ފަންނީ ގޮތުން ނުކުރެވޭނެ ކަމެއް ކަމުގައި ނުވާހާ ހިނދެއްގައި، ޓެކްނިކަލީ ޕޮސިބަލް ކަމަށްވަންޏާ، ރައްޔިތުން އެދޭ ގޮތަކަށް އެ މަޝްރޫޢެއް ބައްޓަން ކުރަން.
އެހެންވީމާ، އެގޮތަށް މި ރަށުގައި ބަނދަރުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނީ. އަދި ދެންހުރި މަސައްކަތްތައްވެސް ގެންދާނީ. ޖުމްލަ ގޮތެއްގައި، ވަރަށް ޚުލާޞާކޮށް މުޅި ރާއްޖެއަށް އަދި މި ރަށަށްވެސް ހަމަ އެޕްލައިވާ ވާހަކަތަކެއް މިވަގުތު މި ދަންނަވާލީ. މި ރަށަށް ކުރަންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް ދީފައި، އަޅުގަނޑު މި ވާހަކަ މި ދައްކާލީ، ހަމަ ވަގުތުގެ ތާށިކަން އޮތްލެއް ބޮޑުކަމުން.
އިރާދަކުރެއްވިއްޔާ ކުންފުނިތައް ހަރުދަނާކޮށް، މިނިސްޓްރީތަކުގެ ހިންގުން ވަރުގަދަކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެންމެ ގާތުން މަސައްކަތްކުރާ ކައުންސިލްތައް ވަރުގަދަކޮށްދީ، ޑަބްލިޔޫ.ޑީ.ސީ.، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް އެއްބާރުލުންދޭ މެންބަރުންތަކެއް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް ހޮވައިދީގެން، އަޅުގަނޑުމެންނަށް ކަންކަން ކުރެވޭކަހަލަ މަޖިލީހެއް އަތުވެއްޖެނަމަ، ޑަބްލިޔޫ.ޑީ.ސީ. އަށް ބޭނުންވާ ހުރިހާ ބާރުވެރިކަމެއްވެސް ދީގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނީ. ސީދާ ރައްޔިތުންނާ ހިސާބުން ވެރިކަން ކުރަން، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ. އަޅުގަނޑު މަސައްކަތް ކުރާނަން. އަދި އަޅުގަނޑު ކުރާނީވެސް އިރާދަކުރެއްވިއްޔާ އެގޮތަށް.
އެހެންވީމާ، ކައުންސިލްތައް ވަރުގަދަކުރުމަށްޓަކައިވެސް، ކައުންސިލްތަކަށް މި ބާރުވެރިކަން ދޭންވެސް އަޅުގަނޑު ބޭނުންވަނީ އެހެންވެގެން. ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ އާމްދަނީގެ އެކިކަހަލަ ފުރުޞަތުތައް ފަހިކޮށްދޭން ރަށްރަށް، ފަޅުރަށްތައް ލިބޭގޮތް ހަދައިދިނުމުގެ މަސައްކަތް މިކުރަނީ. މި ރަށުންވެސް އެދިލައްވާ ފަޅުރަށެއްގެ ވާހަކަ އެބައޮތް. އެހެންވީމާ، އެގޮތަށްހުރި ކަންކަން ކޮށްދެވޭތޯ އަޅުގަނޑުމެން އީޖާބީ ގޮތެއްގައި މަސައްކަތް ކުރާނަން. އޭރުން ކައުންސިލްތަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިވެސް، އެ ބާރުވެރިކަން، އިޤްތިޞާދީ ބާރުވެރިކަން ލިބިގެން އެދަނީ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ނަމެއްގައި ތިބޭ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު މަސައްކަތް ކުރާނެ ގޮތަކީވެސް މި ދެންނެވިހެން މަޖިލިސްތެރެއިން އެ ފުރުޞަތު ލިބޭ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އެ ބާރުވެރިކަން ގެނެސްދޭން.
އާދެ، މި ހުރިހާ ވާހަކައެއް ހަމަ ވަރަށް ކުރުކުރުކޮށް މި ދަންނަވާލީ. އެހެން ނަމަވެސް، ޖުމްލަކޮށް އަޅުގަނޑުމެންގެ ސިޔާސަތު މިއީ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުލަޖައްސައިދޭނަން. އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް މިގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކުޑަހުވަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ އައްސަވައި އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ ވަރަށް ހޫނުގަދަ ވަގުތެއްގައި އަޅުގަނޑަށް އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މި ރަށަށް އާދެވުނީ. އެހެން ނަމަވެސް، ތިޔަ ބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކީގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުން ވަނީ ވަރަށްބޮޑު ތާއީދެއް އަޅުގަނޑަށް ކުރައްވާފައި. އެކަމަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ވަރަށްކުޑަ ވަގުތުކޮޅެއް މިއޮތީ ވާހަކަ ދައްކަން. އެހެން ނަމަވެސް، އަޅުގަނޑު ގިނައިންވެސް، މަދުންވެސް ދައްކަން އޮތީ ވަރަށް ސާފު ވާހަކައެއް.
އެއީ، އެންމެ ފުރަތަމަ ފަށާ ކަމަށްވަންޏާ ދަންނަވާނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށަމުން، މެނިފެސްޓޯ އިޢުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން، ރާއްޖެ ތަރައްޤީ ކުރެވޭނީ، އެކި ސަރަޙައްދުތައް، އެކި ޒޯންތައް ތަރައްޤީކޮށްގެންނޭ. ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ، ރާއްޖެ ތަރައްޤީ ކުރެވޭނީ، ދެމެހެއްޓެނިވި ގޮތެއްގައި. އެހެން ނޫނީވިއްޔާ، ކޮންމެ އަހަރެއްގައި ބަޖެޓުގައި ޖަހައިގެން، ހުރިހާ ރަށަކަށް، ހުރިހާ ކަމެއް ކޮންމެ އަހަރަކު ތަކުރާރު ކުރަމުން، މިއަދު ހަދާ ބަނދަރު މާދަމާވެސް ހަލާކުވާނެ. ނޫނީވިއްޔާ ކުޑަވާނެ، އޭގެ ޒާތުގައި. އަނެއްކާ ހަދަމުން. އެގޮތަށް މިދިޔަ ދިޔުން މިގޮތަށް ގެންދަންޖެހޭއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ މިނުގައި އެއިން ޚިދުމަތެއް ނުދެވޭނެ. އަދި އަމުދުން ދުނިޔޭގެ މި ބަދަލުވަމުންދާ ތިމާވެށީގެ ކަންކަމަށް ބަލާއިރުގައިވެސް، އެއީކީ މިކަން ދެމެހެއްޓޭ ގޮތެއް ނޫނޭ. ސަސްޓެއިނަބަލް ގޮތެއް ނޫނޭ.
އެހެންވީމާ، އަޅުގަނޑު ހުށަހެޅިން، އުތުރުގެ ހަތަރު ރަށް. އެންމެ އުތުރުން ހަތަރު ރަށް، އެއީ، ނޮދަން ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްޤީ ކުރާނެ ވާހަކަ. އެންމެ ދެކުނުގެ ހަތަރު އަތޮޅު. ހަމަ އުތުރުގެ ހަތަރު އަތޮޅު ގޮތަށް، ސަދަން ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި، އެންމެ މަތީ ފަންތީގައި ތަރައްޤީ ކުރާނެ ވާހަކަ. ދެން އޭގެއިތުރަށް، ބާކީ މިއޮތް ސަރަޙައްދުގައި، ހަތް އަރބަން ސަރަޙައްދެއް، އެ ފެންވަރުގައި ތަރައްޤީ ކުރާނެ ކަމަށް، ގްރޭޓަރ މާލޭ ރީޖަންގެ އިތުރަށް.
އެ ތަންތަން ވެގެންދާނީ، އެ ތަންތަނުގައި އެންމެމަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ޤާއިމުވާ ތަންތަނަށޭ. އެ ތަންތަނަށް އެހެން ރަށްތަކުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، މެދު ރާސްތާ އަދި ދުރު ރާސްތާގައި ހިޖުރަކޮށް، ސެޓްލްވެ، ގެދޮރުވެރިކަމާއި، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ފުރުޞަތުތަކާއި، މިހެންހުރި ހުރިހާ ކަމެއް އެންމެ ރަނގަޅު ފެންވަރުގައި ލިބޭ ތަންތަނަށް ހަދަންޖެހޭނެ. އެ ހުށަހެޅުން ހުށަހެޅީ. އޭގެ މައްޗަށް ކެމްޕެއިން ކުރީ، މެނިފެސްޓޯ ހެދީ، ރައްޔިތުން އެކަން ބަލައިގަތީ. އަޅުގަނޑު ވަޢުދުވީ ގޮތަށް. އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. ރައްޔިތުން ބަލައިގަތް ސިޔާސަތު.
އެހެންވީމާ، އެގޮތުން ބަލާއިރުގައި، މި ދެންނެވި ހަތް އަރބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދުއަކީ އެއްތަންކަން އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން.
ޙަޤީޤަތުގައި ދެން އިތުރު ވާހަކައެއް ނުދެއްކިޔަސް، ހުރިހާ ސުވާލަކަށް ޙަޤީޤަތުގައިވެސް މި ޖަވާބު ދެވުނީ. އެ އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ތަނަކަށް، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އަދި ޢިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި އަދި ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަމެއް ޤާއިމުވެގެންދާނެ އިރާދަކުރެއްވިއްޔާ. އެއީ، އޭގެ މަފްހޫމަކީ. އެހެންވީމާ، އެކަންކަން ކޮށްދެވޭނެކަމުގެ ޔަޤީންކަން ދެން.
ދެން ބައެއް ކަންކަން ފާހަގަކޮށްލާނަން. އޭގެ އެއްކަމެއްގެ ގޮތުގައި ބަނދަރުގެ ވާހަކަ. މިތަނުގެ ބަނދަރަކީ، ވަރަށް ބޮޑަށް ބޮޑުކުރަންޖެހޭނެ ބަނދަރެއް. ވަރަށް ރަނގަޅަށް ހަދަންޖެހޭނެ ތަނެއް، މި ދެންނެވި ފެންވަރަށް ތަރައްޤީކުރާ ކަމުގައިވާނަމަ. އަޅުގަނޑު ހަނދާން އެބަހުރި، އެންމެ ފުރަތަމަ، އަޅުގަނޑު އޭރުގައި ހުރި މަގާމުގެ ހައިސިއްޔަތުން ބޭރު ތޮށްޓެއް ޖަހަން އަންނަން ޖެހުނީ. އެ ހިސާބުން ފެށިގެން މި ރަށުގެ ބަނދަރުގެ މަސައްކަތް ވަރަށް ގާތުން އެނގޭ.
ދެންވެސް ހަމަ އެކަހަލަ މުހިންމު ކަންތައްތައް އެބަހުރި. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން. މިހާރު ހުރި ޚިދުމަތްތައް އިތުރުކުރުން. ޑައަލިސިސް ހެދުމަށްވެސް އިރާދަކުރެއްވިއްޔާ ހިމަނާނަން. އަދިވެސް އެކަހަލަ ގިނަ ޚިދުމަތްތައް ހިމެނޭގޮތަށް، ހޮސްޕިޓަލް ފެންވަރު ރަނގަޅުކޮށް އާ ޢިމާރާތް އެޅުން.
ތަޢުލީމީ ނިޒާމު، ތަޢުލީމީ ޚިދުމަތް ރަނގަޅުކުރުން. މިހެންހުރި ކުޅިވަރުތަކަށް، ޚާއްޞަކޮށް، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން. މިހިރީ އަޅުގަނޑު އޭރުގައި ކެމްޕެއިން ތެރޭގައި ދައްކާފައި ހުރި ވާހަކަ. ވަޢުދުވެސް ވެފައި ހުރި ކަންކަން.
ގެދޮރުވެރިކަން އެއީ، އެންމެ މުހިންމު ކަންތައް. އަރބަން ސެންޓަރެއްގައި، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ކަންކޮޅުގައި ޤާއިމުކުރަން މި ފަސް އަހަރަށް ކަނޑައެޅި ސާޅީސްހާސް ހައުސިންގ ޔުނިޓުތަކުގެ ތެރެއިން އަރބަން ސެންޓަރުތަކަށާއި، މި ދެންނެވި ދެ ޑިވެލޮޕްމަންޓް ޒޯނަށް އެންމެ ގިނައިން ކަނޑައެޅޭނެ. ދެންހުރި ބައެއް ރަށްތަކަށްވެސް ދާނެ. މުޅި ރާއްޖެއަށް އޭގެ ޝާމިލްކަން ލިބޭނެ.
އެހެންވީމާ، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭގޮތަށް، ބަނދަރު، މަގުހެދުން، ސްކޫލް، ޞިއްޙީ ޚިދުމަތް އަދި ކުޅިވަރާ ބެހޭ ކަންކަން، މި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ފެންވަރުގައި، ދުރު ރާސްތާގެ ވިސްނުމަކަށް ބަލާއިރުގައި ޤާއިމުކުރެވޭ އެއް ރަށަށް މި ރަށް ހަދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
އާދެ، އޭގެތެރޭގައި ހަމަ ކޮމާޝަލް ބަނދަރުވެސް. އެއީ، ކޮމާޝަލް ހާބަރެއް މިތަނަށް އަންނަންޖެހޭނެ. އަދި އޭގެ ފައިދާ މުޅި ސަރަޙައްދަށް ކުރާނެ. އެހެންވީމާ، އެކަން އެއީ، އަބަދު ބަޖެޓުގައި ޖަހައި، ބަޖެޓުން ގެއްލޭ ކަމަކަށް ވުމުގެ ބަދަލުގައި، ޙަޤީޤީ ސިފަޖެހި، ޙަޤީޤަތަށް ތިޔަބޭފުޅުންގެ ލޯފުޅުމައްޗަށް ފެންނަ ތަނަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަދައިދޭނަން.
އާދެ، މާގިނަ ވަގުތުނެތީމަ، ހަމަ ޖުމްލަކޮށް މި ދެންނެވީ، މި ޔަޤީންކަން ދިނުމުގެ ގޮތުން ހުރިހާ ކަމެއް. ރަށް ގިރުމުގު މައްސަލަވެސް އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އަދި ދެންހުރި ކަންކަންވެސް. އެއަރޕޯޓުގެ ވަރަށްގިނަ ކަންކަން ފާހަގަކުރެއްވި. މިތަނަށް މޯލްޑިވިއަންގެ ފްލައިޓްތައް މިހާރު ނާޅާ ވާހަކަ. މިކަހަލަ ވަރަށްގިނަ ކަންކަން ފާހަގަކުރެއްވި.
އެހެންވީމާ، އެކަހަލަ ހުރިހާ ކަންބޮޑުވުންތަކަކަށް އަދި އިރާދަކުރެއްވީތީ މިހާރު އެއަރ އެމްބިއުލެންސްވެސް ފެށިފައި އޮތީމަ، މެޑިކަލް އިވެކުއޭޝަންގެ ކަންކަންވެސް ހަމަ މި އެއަރޕޯޓުންވެސް ލިބިގެންދާނެ. މިހެންގޮސް ޓޫރިޒަމާ ގުޅިފައި ހުރި ކަންކަމުގައިވެސް އަދި މި ރަށުގެ އިޤްތިޞާދީ ބޭނުންތަކަށް އިޚްތިޞާޞްތެރެއަށް ކައިރިން ފަޅުރަށެއް އިތުރުކޮށްދިނުމާއި، މިކަހަލަ ގިނަ ކަންތައްތަކެއް ކުރަން އެބަހުރި.
އެހެންވީމާ، މި ހުރިހާ ކަމެއް ޝާމިލްވާގޮތަށް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެކަމުގެ ޔަޤީންކަން ދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢާމިރު، ވަޒީރުން، ކުންފުނިތަކުގެ ވެރިން، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިންނާއި، ދުރާއި ގާތުން މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދުގެ ވަރަށް ހަވީރުގެ ވަގުތެއްގައި މި ރަށަށް އާދެވުނީ. އަޅުގަނޑުމެން މި ރަށަށް އައުމުން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ހަމަ އެއާއެކު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވަރަށްބޮޑު ތާއީދެއް ތިޔަބޭފުޅުން އަޅުގަނޑަށް ވަނީ ދެއްވާފައި. އެކަމަށްޓަކައިވެސް ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އިންތިޚާބު ތެރޭގައިވެސް އަޅުގަނޑު ދަންނަވާފައިވާނެ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަމޭ. ކުލަޖައްސައިދޭނަމޭ. މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކަ، އެގޮތުގައި ތަކުރާރުކުރާ ވާހަކަ. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި، މި އަހަރުން ފެށިގެން ހަމަ އިސްކަންދީގެން، އެ ހުރިހާ ކަމެއް ޢަމަލީގޮތުން ކޮށްދީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ފުރިހަމަކޮށްދޭނެ ކަންތައްތަކެއް ކަމުގެ ޔަޤީންކަން އަރުވަން.
އެއީ، އަޅުގަނޑު ހުރިހާ ރަށަކަށް ގޮސްވެސް މި ދަންނަވާ ވާހަކައަކީ. ޕޯޑިއަމެއް ކައިރީގައި ހުރެގެން، އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިހެން ދައްކާ ވާހަކައެއް މި ދައްކަނީކީއެއް ހަމައެކަނި އެވަގުތަކަށް ހޯދަން ބޭނުންވާ ވޯޓު ހޯދަން އެކަންޏެއް ނޫނޭ. ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި، އެ މަސައްކަތް ކުރަން ހަވާލުކުރައްވައިފިއްޔާ، އެކަންކަން ފުރިހަމަކޮށްދިނުމުގެ ވަރުގަދަ ޢަޒުމާއި، އެކަންކަން ކުރެވޭނެކަމުގެ ޔަޤީންކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި އެކަންކަން ކުރުމަށޭ. އެހެންވީމާ، މިގޮތަށް މި ދަންނަވަނީ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބަޔަށް ބަލާއިރު، އެންމެ މުހިންމު ކަމަކަށް އޮތީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢާންމު ކަމަކަށް އޮތީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުން. އެހެންވީމާ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އެހާ ބޮޑަށް އެ ވާހަކަ ދައްކައި، މެނިފެސްޓޯގައިވެސް އެންމެ މަތީގައި، އެންމެ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އެ ސިޔާސަތު ހިމެނީ. ޤައުމީ މައްސަލަތައް، މިނިވަންކަމާއި ސިޔާދަތާއި، އިސްތިޤްލާލާ ގުޅިފައިވާ މުހިންމު ބޮޑެތި މައްސަލަތަކަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ، ގެދޮރުވެރިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ޙައްލުކޮށްދިނުން ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. އަދި އެއީ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީވެސް. މާނަޔަކީ، މި ރަށުގެ ރައްޔިތުންނަށްވެސް މި ބޭނުންވާ އެންމެބޮޑު މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުން. މި ރަށުގެ ބިން ހިއްކިފައިވަނީ.
އެހެންވީމާ، ކުރަން މިޖެހޭ ކަމަކީ، އެކަމުގައި ޙަޤީޤީ ކުލަޖެއްސުން. ދެންމެ ޝިޔާމް ފާހަގަކުރެއްވި ފަދައިން، ބިން ހިއްކިފައި އޮތަސް، ބިމުގެ ބޭނުންހިފޭނެ ގޮތެއް ހެދެންޖެހޭ. މި ރަށް ގޮތަށް ބިން ހިއްކިފައި އެބަހުރި، ހަމަ އެހެން ރަށްތަކުގައިވެސް. އެ ރަށްރަށުގައިވެސް އަދި މި ރަށުގައިވެސް، މި ހިއްކިފައި އޮތް ބިމުގެ ބޭނުންހިފޭނީ، އެތަނުގައި ގޮސް ދިރިއުޅެވޭނެ ގޮތެއް ހެދިގެން. ދިރިއުޅެވެން އަންނާނީ މަގުހެދިގެން، ފެން، ނަރުދަމާ، ކަރަންޓް، މިކަންކަން ޤާއިމުކުރެވިގެން. އެއީ، އަސާސީ ކަންތައްތައް.
އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިގޮތަށް ބިން ހިއްކާފައި ހުރި ހުރިހާ ރަށެއްގައި މި ދެންނެވި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، މަގުހެދުމާ، އެއީ، އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް. އިރާދަކުރެއްވިއްޔާ އެކަން މި ރަށުގައިވެސް އަޅުގަނޑުމެން ކޮށްދޭނަން.
އާދެ، އޭރުން އެ ބިމުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނީ. ރަނގަޅު ފެންވަރުގައި ހެދިފައި އޮންނަ މަގުތަކެއް، އެ މަގުގެ ވާހަކަ ދައްކާއިރުގައި، މި ރަށުގެ އޮރިޖިނަލް އައިލެންޑުގެ މަގުހެދުންވެސް އެބައޮތް. އަޅުގަނޑު ވަޢުދުވެސްވިން އެކަމަށް. އެހެންވީމާ، އެ ބައިގައި މަގުހަދާއިރުގައި، ރަށުގެ މަގުތަކާ އެކީގައި މަގުހަދާ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެންވެ އެކަން ހަމަ ޔަޤީންކޮށްލަން ތިޔަބޭފުޅުންނަށް ދަންނަވާލަން. މަގު ހެދުމުގެ މަޝްރޫޢު ގެންދާނީ މުޅި ރަށުގައި. އެހެންވީމާ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި މަގުތަކެއް، ފެނާއި ނަރުދަމާ، ކަރަންޓް ޤާއިމުކުރެވިގެން ހެދުނީމަ، ދެން އާބާދުވުމަށް އެ މަގު ހުޅުވައިލެވުނީ.
ގެދޮރުވެރިކަން ޤާއިމުކުރުމުގައި ރާއްޖޭގައި އޮތް މައްސަލައަށް ޙައްލެއް ގެނައުމަށް އަޅުގަނޑު ހުށަހަޅާފައިވާނީ ދެތިން ހަތަރު ކަމެއް. އެއްކަމަކީ، ހައުސިންގ މަޝްރޫޢުތައް ހިންގުން. އެއީ، ރޯހައުސް އަދި ފުލެޓް، ނޫނީވިއްޔާ ބިން އޮތް މިންވަރަކުން ވަކިވަކި ގެދޮރު، ވަކިވަކި ގެ އެޅުން. ކޮންމެގޮތެއްވިޔަސް، އިމާރާތްތަކެއް ހަދައިދިނުން އެއީ، އެއްގޮތް. އަނެއް ގޮތަކަށް ހުށަހަޅާފައި ވާނެ، އަމިއްލަ ގޯތީގައި ގެ އެޅުމަށްޓަކައި ލުއި ލޯނު ސްކީމްތަކެއް ތަޢާރުފް ކުރާ ވާހަކަ. 5 ޕަސެންޓަށްވުރެ އޭގެ އިންޓްރެސްޓް ބޮޑުނުވާނެ، އިސްލާމިކް ފައިނޭންސް މޮޑެލްގެ ލޯނުތަކެއް ތަޢާރުފްކުރާ ވާހަކަ.
އެހެންވީމާ، މި ފުރުޞަތު ހޯދައިދިނުމަށް ވަރަށްގިނަ މަސައްކަތް އެބަ ކުރަން. އިދާރީގޮތުން އަޅުގަނޑުމެންގެ ކަމާގުޅޭ އެކިއެކި އިދާރީ މަސައްކަތްތައް، ފަންނީ މަސައްކަތްތައް އެބަ ހިންގަން މިހާރު. އެއާއެކީގައި، ގެދޮރު ބިނާކުރުމަށްޓަކައި ވަކިކަހަލަ މަޝްރޫޢުތަކެއް ހިންގުމަށްޓަކައި ލޯނު ނަގައިގެން، ނޫނީވިއްޔާ ކޮންސެޝަނަލް ލޯނު ހޯދައިގެން، ސަރުކާރުން ގެދޮރުއެޅުމާއި، އަދި ޕްރައިވެޓް ސެކްޓަރ ލީޑްކުރާ ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، މިކަހަލަ ކަންތައްތައްވެސް ކުރިއަށް ގެންދިޔުން. އަދި ވަރަށް ގިނައިން އެބަހުރޭ، ގެ އަޅަން ފަށާފައި ހުއްޓިފައި. ބޭންކަށް ވަންނަން އެ ބޭނުންވާ ޢަދަދަށް އިކުއިޓީ ފައިނޭންސް ނުކުރެވޭތީ، ނޫނީވިއްޔާ އެހެނިހެން ގޮތަކުންވެސް މަޝްރޫޢު ނުގެންދެވިފައި، އަމިއްލަ ގެދޮރު ނެހެދިފައި ތިބޭ މީހުން. އެ މަޝްރޫޢު، އެ ގެ ނިންމުމަށްޓަކައި، ކޮމްޕްލީޝަނަށް ބޭނުންވާ ލޯނު. ދެން އަނެއްގޮތަކަށް މި ލޯނު ބޭނުންވާ މީހުންގެ، ގެ ހުރީ ވަރަށްކުރިން ހަދާފައި. އެހެން ނަމަވެސް، އެތަން މަރާމާތުކޮށްގެން ނޫނީވިއްޔާ އިތުރަކަށް ދެން ގޭގައި އުޅެވޭކަށް ނޯވޭ. އެހެންވީމާ، މިކަހަލަ ދެތިން ހަތަރު ވައްތަރެއްގެ ލޯނުތަކެއް ތަޢާރުފް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ މެނިފެސްޓޯގައި ހިމަނައި އަދި ކެމްޕެއިންގައި އެ ވާހަކަ ދައްކާފައި. މިހާރު އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. އިދާރީ އަދި ޓެކްނިކަލް ވަރަށްގިނަ މަސައްކަތްތައް އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އިކޮނޮމިކް ކައުންސިލްގެ ތެރޭގައި ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް އެބަ ކުރިއަށްދޭ. މި ހަފްތާގެ ތެރޭގައިވެސް އެކަމާ ގުޅޭ މަސައްކަތްތައް އެބަ ކުރިއަށް ގެންދަން.
މިއާ ވަރަށް ބޮޑަށް ގުޅިފައި އެބައޮތް، އަޅުގަނޑުމެންގެ ޤައުމުގައި، ބޭންކިންގ ނިޒާމު ހަރުދަނާ ކުރުން، އިކޮނޮމީ ހަރުދަނާ ކުރުން. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު ވަރުގަދަކުރުމާވެސް ގުޅިފައިވަނީ. މި ހުރިހާ ކަމަކީ ގުޅިލާމެހިފައި ހުރި ކަންކަން. އެހެންވީމާ، އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަކީ، އެކިކަހަލަ ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، ހައުސިންގ ފައިނޭންސް ސްކީމްތައް ތަޢާރުފް ކުރުމަކީ، އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ކަމެކޭ. އެކަން ކުރިއަށް ގެންދާއިރުގައި، މި ރަށާއި އަދި ގެދޮރު ބިނާކުރުމުގައި މިގޮތަށްހުރި، އިސްކަންދޭންޖެހޭ މުހިންމު ހުރިހާ ރަށްތަކެއް، އޭގައި ޝާމިލް ކުރެވިގެންދާނެ. ކައުންސިލްގެ ރައީސް އަދި ޢިއްޒަތްތެރި މެންބަރު ފާހަގަކުރެއްވީ މި ރަށަށް މިވަގުތު ބޭނުންވަނީ، މަދުވެގެން 200 ހައުސިންގ ޔުނިޓު ކަމަށް. އެކަން އަޅުގަނޑު ހަމަ މިހާރުވެސް ޔަޤީންކަން ދެން. އަޅުގަނޑުމެން ޔަޤީނުންވެސް މި ރަށުގައި އެވަރު އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދޭނަން.
އޭގެއިތުރަށްވެސް، ގެދޮރުއެޅުމަށްޓަކައި މި ދަންނަވާ ލޯނު ސްކީމްތައް ތަޢާރުފް ވެގެންދާއިރުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ވާނެ. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރާލެވިގެން، ފަސް އަހަރު ދުވަހަށް ބަހާލައިގެން ސާޅީސްހާސް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ކުރަން. އެއީ، މާލެ ސަރަޙައްދުގެ އިތުރަށް. މާލެ ސަރަޙައްދުން ބޭރުން ސާޅީސްހާސް ހައުސިންގ ޔުނިޓް. އެހެންވީމާ، މި ސާޅީސްހާސް ހައުސިންގ ޔުނިޓް ބެހިގެންދާނެ ގޮތް، އަޅުގަނޑު އެކި ޖަލްސާތަކުގައި އެބަ ކިޔައިދެން. ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައޭ ރާއްޖެ ތަރައްޤީ ކުރަންޖެހޭނީ. އެހެން ނޫނީވިއްޔާ، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންނަކަށް ރާއްޖެ ތަރައްޤީ ނުކުރެވޭނެއޭ. އަދި ހުރިހާ ރައްޔިތުންނަށް ހުރިހާ ޚިދުމަތެއް، އެންމެމަތީ ފެންވަރުގައި ދެވޭނެ ގޮތަކަށް ތަރައްޤީ ކުރެވޭނީވެސް މި ދެންނެވި ގޮތަށް ތަރައްޤީކޮށްގެންނޭ. އެހެންވީމާ، މި ސާޅީސްހާސް ގެދޮރު، ހައުސިންގ ޔުނިޓް ޤާއިމުކުރާއިރުގައި، އެ ވިސްނުމުގައި އެކަން ކުރާނީ. އޭގެތެރެއިން ގެދޮރު ޤާއިމުކުރުމުގެ މަޝްރޫޢުތައް ގެންދާއިރުގައި، އެންމެ އާބާދީ އެއްފަސްކުރެވުމުގެ ޖާގައޮތް، އަދި އެންމެ އިޤްތިޞާދު ވަރުގަދަކޮށް އޮތް ތަންތަން، ބިންއޮތް، ބިން އިތުރުކުރެވެން ހުރި ތަންތަން. އަރބަން ސެންޓަރސްގެ ގޮތުގައި ކަނޑައަޅާ ތަންތަން. މިހެންގޮސް މި ހުރިހާ ކަމަކަށް ބެލިގެންދާނެ. މި ރަށަށް ބޭނުންވާ ގެދޮރު ޤާއިމުކޮށްދިނުމަކީ ހަމަ ޔަޤީނުންވެސް ކޮށްދޭނެ ކަމެއް. އަދި ލޯނު ސްކީމްގެ ފުރުޞަތުވެސް ލިބިގެންދާނެ.
އެހެންވީމާ، މި ދެންނެވި ގޮތަށް، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ބިމާއި، މަގުހެދުމާއި، މަގަށް ބޭނުންވާ އެކިކަހަލަ ޔޫޓިލިޓީޒްތައް ޤާއިމުކުރުމާ އެކީގައި، ގެދޮރުގެ ފުރުޞަތު ލިބިގެންދާނެ.
އާދެ، ދެން އެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށްގިނަ ކަންތައްތައް ކައުންސިލްގެ ރައީސްވެސް، ކައުންސިލަރުންވެސް ބައްދަލުވުމުގައި ފާހަގަކުރެއްވި. އަދި ޢިއްޒަތްތެރި މެންބަރުވެސް ފާހަގަކުރައްވާފައި އެވަނީ. އަދި ކުރިންވެސް ތިޔަބޭފުޅުން، ރައްޔިތުންވެސް ވަނީ އެކަންކަން ކެމްޕެއިން ތެރޭގައިވެސް ޙިއްޞާ ކުރައްވާފައި.
މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް، ޚާއްޞަކޮށް، މި ރަށަކީ، މަސްވެރިކަމުގެ އެހާ މުހިންމު ރަށަކަށްވާއިރުގައި، ވަރަށްގިނަ ކަންތައްތައް ކުރަން އެބަހުރި. މަސްވެރިކަމަށް ބަލާއިރުގައި ވަރަށް ފާހަގަކޮށްލެވޭ. ވަރަށްގިނަ ބޭފުޅުން އެ އިންޑަސްޓްރީގައި، މުޅި ރަށް ކަހަލަ ގޮތަކަށް ޝާމިލްވާ ރަށެއް މިއީ.
އެހެންވީމާ، ބަނދަރު ބޮޑުކޮށް، ބަނދަރަކީ އެންމެ ފުޅާކޮށް މި ރަށުގައި ހެދެންއޮތްވަރަށް، އެންމެ ރަނގަޅަށް ވަސީލަތްތައް ޤާއިމުވެފައި އޮތް ބަނދަރަކަށް ހެދިގެންދިޔުން ވާނީ ފަރުދީގޮތުންވެސް އަދި މުޅި ރަށުގެ އިޤްތިޞާދަށްވެސް މުހިންމު ކަމަކަށް. އެހެންވީމާ، މިހާރު ފެށިފައި އޮތް މަޝްރޫޢު ކުރިއަށް ގެންދާއިރުގައިވެސް އަދި އިތުރަށް އެ މަޝްރޫޢަށް ގެންނަންޖެހޭ ފުރިހަމަކަމެއް ގެނައުމަކީވެސް ކުރަންޖެހޭނެ ކަމެއް. އިރުކޮޅުކޮޅާ ބަދަލުތައް ގެނައުމަކީ، ނޫނީވިއްޔާ ތަންކޮޅެއް އިތުރުކުރުމަކީ، އެއީ، އިޤްތިޞާދީ ގޮތުން ފައިސާއަށް ބަލާއިރުގައިވެސް މާ ދެކޮޅުޖެހޭ ގޮތަކަށް ނުވާނެ.
އެހެންވީމާ، މިހާރު ހިނގަމުންދާ މަޝްރޫޢު ކުރިއަށްދާއިރުގައިވެސް، ރަށުގެ ކައުންސިލަރުންނާއި، މަސްވެރިންނާއި، ހުރިހާ ބޭފުޅުންގެ މަޝްވަރާއާ އެކީގައި، އެ މަޝްރޫޢު ކުރިއަށް ގެންގޮސް ނިންމުމަކީ، އަޅުގަނޑުމެން އެކަން ކުރާނެގޮތް. މިހާރު ހިނގަމުންދާ މަޝްރޫޢު ކޮމްޕްލީޓްވެގެން ފުރިހަމަވެގެންދާއިރުގައި އަޅުގަނޑު ގަބޫލުކުރަނީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އެކަން އެކީގައި ފުރިހަމަވެގެންދާނެ ކަމަށް.
އާދެ، އައިސް ޕްލާންޓްގެ ވާހަކަވެސް ވިދާޅުވި. އެއާ ގުޅިގެން ފާހަގަކޮށްލަން ބޭނުން. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުވެސް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
އާދެ، ދެން މިއާއެކީގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ބިން ހިއްކުމުގެ މަޝްރޫޢު، އޭރުގައި އަޅުގަނޑުމެން ކުރިއަށްގެންދިޔައިރުގައި، މީގެ 10 އަހަރު ކުރިން އެ މަޝްރޫޢު ކުރިއަށް ގެންދިޔައިރުގައި، ވަކިން ހިއްކާފައި އެއޮތް ސަރަޙައްދު، އޭރުގައިވެސް ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވީ ގުޅާލަން. ފިޒިކަލީ ފާލަމަކުން ގުޅާލަން. އެހެން ނަމަވެސް، އޭރުގައި ބަޖެޓުގައި އެކަން ކުރެވޭނެ ޖާގައެއް ނެތް. ދެންމެ ޝިޔާމްވެސް އެ ފާހަގަކުރެއްވީ. ބަޖެޓަށް އިތުރުކޮށްދީގެން އެބައި ވަކިން ހިއްކީވެސް. އެއްގަމުން ދެވޭގޮތަށް ގުޅައިލުމުގެ ވިސްނުމުގައި އެކަން ކުރީވެސް. ދެން ކޮންމެއަކަސް އެ ގުޅާލަން އަނެއްކާވެސް އަޅުގަނޑާ މިޖެހުނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ފަސްގަނޑާއި މި ހިއްކާފައި އޮތް ބިމާ ގުޅާލަދޭނަން.
އާދެ، ރަށެއްގެ ތަރައްޤީއަށް ބަލާއިރުގައި، ކޮންމެ ރަށަކަށްވެސް މުހިންމު މައިގަނޑު ކަންތައްތަކެއް ހުރޭ. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ޒުވާނުންގެ ދުޅަހެޔޮކަން، ކުޅިވަރު، ކަނބަލުންގެ ދުޅަހެޔޮކަން. މިހެން ހުންނަ ދާއިރާތަކެއް މި ހުންނަނީ.
ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، މި ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކޮށްދިނުމަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް. ކައުންސިލްގެ ރައީސްވެސް އެ ފާހަގަކުރެއްވީ. އަދި އޭގެ ޖަސްޓިފިކޭޝަން، އެކަން ކުރަންޖެހޭ ސަބަބުތައް ވަރަށް ސާފުކޮށް އެބައޮތް ފެންނަން. އެހެންވީމާ، ދެންމެ ހެލްތް މިނިސްޓަރވެސް އެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ ސިޔާސަތު އޮތީވެސް ހަމަ އެހެން. އެ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް، ޑޮކްޓަރުންނާއި އަދި ޚިދުމަތުގެ ގޮތުންވެސް ފެންވަރު މަތިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއްކަން ހަމަ ފާހަގަކޮށްލަދެން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދޭނަން. އެތަނުގައި އެކްސްރޭއާއި، މެޑިކަލް ޗެކްއަޕް ހެދުމާ، ދެން މިހެންގޮސް ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ޞިއްޙީ މަރުކަޒު ރަނގަޅުކޮށްދޭނެ ވާހަކަ ދަންނަވަން.
އާދެ، ސްކޫލްގެ ވާހަކަވެސް ފާހަގަކުރެވިގެންދިޔަ. މި ރަށަކީ ތަޢުލީމީ، ވަރަށްގިނަ ބޭފުޅުން ތިއްބެވި ރަށެއް. ސްކޫލް ވަރުގަދަކުރުމަކީ، ސްކޫލަށް ޖާގަ އިތުރުކުރުން. ސްކޫލްގެ ކްލާސްރޫމްތަކާއި، މިހާރު ހިނގަމުންދާ މަލްޓި-ޕަރޕަސް ހޯލުގެ މަޝްރޫޢު އަވަސްކުރުމާއި، މިހެންގޮސް ވަރަށްގިނަ ކަންތައްތައް އެބަހުރި ކުރަން. އެހެންވީމާ، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، އަދި ހިންގަމުންދާ ކުޅިވަރުގެ އެކިކަހަލަ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، ދަނޑުގައި ލައިޓް ޖަހައިދިނުމާއި، ދެން ވަރަށްގިނަ މަސައްކަތްތައް އެބަހުރި. ކަނބަލުންގެ ފަރާތުން އެންމެ ގިނައިން ހުރިހާ ރަށެއް ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ހުށަހަޅާ ކަމަކަށް އޮންނަނީ ހޭންޑްބޯލް ކުޅެވޭނެ ކަހަލަ ދަނޑެއް ހަދައިދިނުން. ވޮލީބޯލް ކުޅެވޭނެ ގޮތެއް ހެދުން. ޚާއްޞަކޮށް، ހޭންޑްބޯލް ކަންތައް، އެންމެ ގިނައިން މިހާރު އަންހެން ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް އަންނަ ކަމަކަށް އޮތީ. މި އަހަރުގެ ބަޖެޓަކު ޙަޤީޤަތަކު ނޯންނާނެ، އެހާ ފުޅާ ދާއިރާއެއްގައި ހޭންޑްބޯލް ކޯޓުތައް ރަށްރަށުގައި ހަދާކަށެއް. ބައެއް ރަށްރަށުގައި އެބަހުރި ބަޖެޓުގައި ހިމެނިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާރު ގަސްތުކުރަނީ، މި އަންނަ އަހަރަށް ވިސްނައިގެން، ތަންކޮޅެއް ފުޅާކުރަން. އެއީ، އެހާގިނަ ރަށްރަށުން، އެހާގިނަ ކަނބަލުން އެދިވަޑައިގަންނަވާ އަދި ޑަބްލިޔޫ.ޑީ.ސީ.ތަކުން ރަސްމީކޮށް ބައްދަލުވުމުގައި ހުށަހަޅުއްވާ ކަމެއް މިއީ. އަޅުގަނޑު ގަސްތުކުރަނީ ބަޖެޓް ހަދާއިރުގައި އެއަށް ވިސްނައިގެން، މި އަންނަ އަހަރުގެ ތެރޭގައި، ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓުތައް ހެދޭނެކަހަލަ ގޮތަކަށް އެ މަޝްރޫޢު ބައްޓަންކުރަން. އެހެންވީމާ، މި އަހަރުގެ ތެރޭގައި ކުރެވެން ހުރިވަރަކުން ގިނަ ރަށްތަކެއްގައި އެ މަސައްކަތް ކުރާނަން، ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން. އެކަމަކު އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ހޭންޑްބޯލް ކޯޓުތައް އަދި ވޮލީބޯލްވެސް ހިމެނޭގޮތަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނަން. ކަނބަލުން އެހާ ބޮޑަށް ބޭނުންވޭ، ހޭންޑްބޯލް ކޯޓުތައް އަދި އިންޑޯ ޖިމް ހަދަން.
އެހެންވީމާ، މި ދެންނެވި ގޮތަށް، ފިޓްނަސް އެންޑް ރެކްރިއޭޝަން ދާއިރާއިން އަދި ކުޅިވަރުގެ ދާއިރާއިން، މިކަހަލަ ތަފާތު ފެސިލިޓީތައް ޤާއިމުކޮށްދިނުމަށް މި އަންނަ އަހަރަށް ވިސްނައިގެން އަޅުގަނޑުމެން މި އަހަރު މަސައްކަތްތައް ކުރާނަން. މި އަހަރުގެ ތެރޭގައި، މި އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެންހުރި ހުރިހާވަރަކަށް ބަލައިގެން، އަދި އަޅުގަނޑުމެންނަށް ލިބޭ އެކިކަހަލަ ފައިނޭންސިންގ، އެކިކަހަލަ މާލީ ފުރުޞަތުތަކުގެ ތެރެއިން އަޅުގަނޑުމެން ބަޖެޓުގެ ތެރޭގައި އަދި ނެތަސް، ޤާނޫނީ އިމުގެ ތެރެއިން ކުރެވެން ހުންނާނެ ކަންކަން އެބަހުރި. އެ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން. އެކަމަކު މި އަންނަ އަހަރަށް އަޅުގަނޑު ގަސްތުކުރަނީ، މި ދެންނެވި ގޮތަށް، ވީހާވެސް ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓުތަކާއި، އަދި އެކަހަލަ ކޯޓުތައް ޤާއިމުކުރުމުގެ މަޝްރޫޢުތަކެއް ހިންގަން.
މި ދަންނަވާ ވާހަކައަކީ، ކުރިއަށް އޮތް ދުވަސްތަކުގައި، އެކި ރަށްތަކުގައި މި ރަށް ހިމެނޭހެން އެކަހަލަ ތަފާތު ކުޅިވަރު ފެސިލިޓީޒްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކުރާނަމޭ.
އާދެ، މި ރަށަށް އޭ.ޓީ.އެމް.އެއްގެ ޚިދުމަތް ބޭނުންވާ ވާހަކަވެސް ފާހަގަކުރައްވާފައި އެބައޮތް. އަދި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، ކުޑަކުދިންގެ ޕާކެއް ހެދުމުގެ ކަންތައްވެސް އެބައޮތް ފާހަގަކުރައްވާފައި. އަޅުގަނޑު ބައެއް ކުޑަކުދިންނާ ސަފުގައި ސަލާން ކުރަމުންދިޔައިރުވެސް، ތަންކޮޅެއް ސިއްރުންވެސް އެ ވާހަކަ ބުނި. ކުޑަކުދިންގެ ޕާކެއް ވަރަށް ބޮޑަށް ބޭނުމޭ. އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައިވެސް ކަނޑައަޅާފައި އޮތް ކަމެއް އެއީ، ކޮންމެ ރަށެއްގައިވެސް، ވަކި ރަށެއް ނޫން. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ކުޑަކުދިންގެ ޕާކު ހަދައިދިނުން. އެހެންވީމާ، އެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އެކަމަށްޓަކައި ކުރަންޖެހޭ އެކިކަހަލަ ފަންނީ، އިދާރީ މަސައްކަތްތައް ހުންނާނެ. ކޮންމެ ރަށެއްގައިވެސް، ވަކި ރަށެއްގައެއް ނޫން. ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ އާބާދީއާއި އަދި އާބާދީ އިތުރުވާ މިންވަރަށް ވިސްނާފައި، މި ހުރިހާ ކަމަކަށް ވިސްނައިގެން އަޅުގަނޑުމެން އިންވެސްޓް މިކުރަނީ. ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ސައިޒުން ކުޑަކުދިންގެ ޕާކް، އަދި މި ދެންނެވި ކަހަލަ އެކި ކުޅިވަރުގެ ފެސިލިޓީޒްތައް ޤާއިމުކުރަން ކަނޑައެޅިފައި އޮތީ. އެހެންވީމާ، އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދެވޭނެ.
އަނެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުނި މެނޭޖް ކުރުން. ކުނި މެނޭޖް ކުރުމުގައި ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރަން ޖެހިފައި އެބައޮތް. ވަރަށްބޮޑު މަސައްކަތްތަކެއް. މި ރަށުގައިވެސް އެގޮތަށް އެބައޮތް ކުރަން ޖެހިފައި. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ މިހާރު. ކުނި މެނޭޖް ކުރުން، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތައިލެވޭނެގޮތް ހެދުން. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ވަރަށްފުޅާ ގޮތެއްގައި ގިނަ ރަށްތަކަކަށް ބޭނުންވާ ކަމަކަށްވީމަ، އެބަ ޕްލޭންތަކެއް ކުރެވި، އެއަށް ފައިނޭންސް ރެއިޒް ކުރެވޭނެ ގޮތްތަކާއި، މިހާރު ލިބޭ އާމްދަނީގެ ތެރެއިން މި އަހަރުގެ ތެރޭގައި ކިތައް ރަށުގައިތޯ މި މަޝްރޫޢު ގެންދެވޭނީ. އެކަމަށް އެބަ މަސައްކަތްތަކެއް ކުރެވޭ. ބަޖެޓުގައި ހިމެނިފައި ހުރި ރަށްތަކުގައި އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައިވެސް މަސައްކަތް އެބަ ކުރަން. އެހެންވީމާ، އެކަންވެސް ހަމަ މި ދަންނަވާލީ. ތިޔަބޭފުޅުންވެސް އެބައޮތް އެކަން ފާހަގަކުރައްވާފައި.
އާދެ، ޖުމްލަ ގޮތެއްގައި މި ދެންނެވި ހުރިހާ ކަންތައްތަކެއް މިވަނީ ފާހަގަކުރެވިފައި. އަދި އެހެން ކަމެއް ފާހަގަކުރެވިފައިވޭ. މި އަތޮޅުގެ ހަމަ ހުރިހާ ކައުންސިލަކުން ކަހަލަ ގޮތަކަށް، އަތޮޅުގައި މިއޮތް ފެރީގެ ޚިދުމަތުގެ ވާހަކަ. އެ ފެރީގެ ޚިދުމަތް ވަރަށް ފެންވަރު ދަށް ވާހަކަ ވަނީ ފާހަގަކުރައްވާފައި. އަޅުގަނޑުމެން މި އަތޮޅުގައްޔާއި، ނ. އަތޮޅުގައްޔާއި،
ރ. އަތޮޅުގައި އަދި ބ. އަތޮޅުގައި، މި އަތޮޅުތަކުގައި އާރު.ޓީ.އެލް.ގެ ފެރީގެ ޚިދުމަތް ޤާއިމުކުރުމަށް ނިންމާފައިވާނެ. މި ޚިދުމަތް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަރަށްބާރު ސްޕީޑްގައި ގެންދާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ވީހާވެސް އަވަހަކަށް އެކަން ޤާއިމުކުރުމަށްޓަކައި މަސައްކަތްކުރާ ވާހަކަ ދަންނަވަން.
އާދެ، މިކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. އެއްވެސް ކަމެއް، ވަކިކަމެއް ފާހަގަނުކުރާކަށް ނޫން. ޖުމްލަކޮށް ހަމަ މި ދަންނަވާލީ. މި ރަށުގެ ތަރައްޤީއަށްޓަކައި މި ކުރަންހުރި ހުރިހާ މަސައްކަތްތަކުގައި، އަޅުގަނޑުމެން އާމްދަނީ އިތުރުކުރަމުން، ބޭކާރު ޚަރަދުތައް، ކުރިން ކުރަމުންދިޔަ ޚަރަދުތައް ހުއްޓާލައި، އިޤްތިޞާދު ފުޅާކުރަމުން، އަޅުގަނޑުމެން ކަންތައްތައް ކޮށްދޭނަމޭ.
އަޅުގަނޑުމެންނާ އިޤްތިޞާދު ހަވާލުވިއިރުގައި އޮތީ ކޮން ހާލެއްގައިކަން ވަރަށް ސާފުކޮށް އެބަ އެނގޭ. ބޭރަށް ދައްކަންހުރި ފައިސާ، ދަރަނި، ސަތޭކަ ވިހި ބިލިއަން ރުފިޔާ، ސަތޭކަ ވިހިހާސް މިލިއަން ރުފިޔާގެ ދަރަނި. ތިޔަބޭފުޅުންވެސް ހިމެނޭހެން، އެކި ރަށްތަކުގެ ރައްޔިތުންގެ ކުދިކުދި ކުންފުނިތައް ލައްވައި މިނިސްޓްރީތަކުންނާއި، ސަރުކާރުގެ ކުންފުނިތަކުން ކުރުވާފައި ހުރި މަސައްކަތުގެ ބިލުތަކުގެ ޢަދަދު، 9 ބިލިއަން، އެއީ، 9000 މިލިއަން ރުފިޔާ ދައްކަން އޮތީ. އަޅުގަނޑުމެންނާ މަސައްކަތް ހަވާލުވިއިރު. މި ދެންނެވި 9000 މިލިއަން ރުފިޔާއަކީ، ދިވެހި ރައްޔިތުންގެ ފައިސާއިން. ރައްޔިތުންނަށް ދޭންހުރި ބިލު، މަސައްކަތް ކުރުވާފައި. އޭގެތެރޭގައި، ދެބައިކުޅަ އެއްބަޔަކީ ފެނަކައިން އެކި މީހުންނަށް ދަރާފައި ހުރި ފައިސާ. އިއްޔެ ފެނަކައިގެ އެމް.ޑީ. އެ ވާހަކަ ވިދާޅުވެލެއްވި. 4.2 ބިލިއަން ރުފިޔާ. މި 9 ބިލިއަންގެ ތެރެއިން. އެހެންވީމާ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ފެނަކަ. މިސް މެނޭޖްކޮށްގެން ފެނަކަ އެކީގައި ސުންނާފަތިކޮށްލައި އެވަނީ އެކަން ކޮށްފައި.
އެހެންވީމާ، ރައްޔިތުންނަށް ދޭންހުރި ފައިސާ ދައްކަމުން، ބޭރުގެ އެކިކަހަލަ ލޯނުތަކަށް ފައިސާ ދައްކަމުން މިދަނީ. އަދި އެކަން މިކުރަނީ ފައިސާ ޗާޕްނުކޮށް. އަޅުގަނޑު ވަޢުދުވިން، ދެން ފައިސާ ޗާޕެއް ނުކުރާނަމޭ. ފައިސާ ޗާޕްކުރުން ހުއްޓާލާފައި މިހާރު ވާނީ. އެކަން ހުއްޓާނުލިނަމަ، އަޅުގަނޑުމެންގެ ޤައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ. ޑޮލަރުގެ އަގު އަރައިގެންދާނެ، 20 ރުފިޔާއަށްވުރެވެސް މައްޗަށް. އެހެންވީމާ، ފައިސާ ޗާޕްކުރިނަމަ، އިޤްތިޞާދު އެކީގައި ހަލާކުވީސް.
އެހެންވީމާ، އަޅުގަނޑުމެން ނިންމި އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ފައިސާ ޗާޕްކޮށްލިނަމަ. އެ 9 ބިލިއަން ރުފިޔާއަށްވާވަރަށް ފައިސާ ޗާޕްކޮށްލިނަމަ، އެކަންވެސް ހަމަޖެހުނީ ނޫންތޯ. އެކަމަކު އެކަން ނުކުރީ ދިވެހި ރައްޔިތުންގެ ޙައްޤުގައި. އިރާދަކުރެއްވީތީ އޭގެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ. އަޅުގަނޑުމެންގެ ފައިސާގެ އަގު، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ މި ރޭޓް ތިރިވެ، އިރާދަކުރެއްވިއްޔާ އިޤްތިޞާދު ރަނގަޅުވަމުންދާނީ. މިހާރު އޭގެ އަސަރު އެބަ ފެނޭ. އަދި އަޅުގަނޑުމެން ދައްކަންހުރި ދަރަނި ދައްކަން ހަދާފައި އޮތް ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ކުރިން ހުންނާނީ ޑޮލަރު. 2018 އާ ހަމަޔަށް އައިއިރުގައި. 2023 ނިމުނުއިރުގައި އެއަކު ނެތް ޑޮލަރެއް. އެ ޑޮލަރުކޮޅުވެސް މާރުކޮށްލީ. ދެން އަޅުގަނޑުމެން މިހާރު 30 މިލިއަން ޑޮލަރު އެއަށް ޖަމާކޮށްފިން. މިދިޔަ ތިންމަސް ތެރޭގައި 30 މިލިއަން ޖަމާވެއްޖެ. ދެން މި އަހަރުގެ، އިރާދަކުރެއްވިއްޔާ މިދާ ސްޕީޑްގައި ގޮސް، މި އަހަރު ނިމޭއިރު، 100 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު އެ ފަންޑަށް ޖަމާވާނެ ކަމަށް ގަބޫލުކުރެވޭ. 2025 ގައި ވަރަށް ގިނަ ޢަދަދެއްގެ ދަރަނި ބޭރަށް ދައްކަން އެބަހުރި. 2026 ގައި އަދި އެއަށްވުރެ ބޮޑެތި ދަރަނި ދައްކަން އެބަހުރި. އެހެންވީމާ، އެ ފަންޑަށް އެބަޖެހޭ ފުދޭވަރަކަށް ޑޮލަރު ޖަމާކުރަން.
ދެން ކުރީގައި އެކަން ކުރިގޮތަށް ފުރުޞަތު ނުދޭން، އަޅުގަނޑުމެން އެ ފަންޑު ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނެއްވެސް ހަދަން ނިންމިން. އެއީ، އަޅުގަނޑުވީ ވަޢުދެއް. މިހާރު ވާނެ ބިލެއް ހަދާފައި، މަޖިލީހަށް ފޮނުވާފައި. އަޅުގަނޑުމެން ހުށަހެޅި އެންމެ ފުރަތަމަ ބިލަކީވެސް އެ ބިލު، ދިވެހި ރައްޔިތުންގެ ޙައްޤުގައި. އެންމެ އިސްކަންދިނީވެސް އެ ބިލު ހަދަން. އެހެންވީމާ، އެ ބިލު މިހާރުވާނީ މަޖިލީހަށް ވައްދާފައި. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލު. އަދިވެސް ވަރަށްގިނަ ބިލުތައް ހަދާފައި ވައްދަމުން މިދަނީ. އެހެންވީމާ، މިގޮތަށް އިޤްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް މި ކުރަނީ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަވަހަށް ނިންމަން ބޭނުންވަނީވެސް، އެއީ، އިޤްތިޞާދީ ގޮތުން ލަފްޒީ މާނައިގައިވެސް، ހުރިހާ މާނައެއްގައިވެސް މައި ދޮރާށްޓަށްވާތީ. އެ ދޮރާށި އަވަހަށް ހަދައި ނިންމައި ހުޅުވައިލެވުނު ވަރަކުން އަޅުގަނޑުމެންނަށް އިޤްތިޞާދު އިތުރަށް ދެން ފުޅާވާނީ. ޓޫރިޒަމް އިތުރުވާނީ، އެ ދޮރާށި އަވަހަށް ހުޅުވީމަ. އެހެންވީމާ، އިރާދަކުރެއްވީތީ އެ މަސައްކަތް ވަރަށް ބާރަށް އެބަ ގެންދަން. އަދި އެއާ އެކީގައި، އިތުރު ރިޒޯޓުތައް ހެދުމުގެ ފުރުޞަތުވެސް މިދެނީ. ހަދަން ފަށައި ނުނިމިފައި ހުރި ރިޒޯޓުތައް ނިންމަންވެސް އެކިކަހަލަ އިންސެންޓިވްސް ދިނުމުގެ މަސައްކަތް އެބަ ގެންދަން. އޭރުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ. އަޅުގަނޑުމެންނަށް ޓީ.ޖީ.އެސް.ޓީ. އިތުރަށް ލިބިގެންދަނީ. އިތުރު ގޮތްގޮތުން އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެގެންދާނީ. އިޤްތިޞާދުގައި ބުންވަރުޖެހޭވަރަކުން ޓޫރިޒަމް ދާއިރާގައިވެސް އިންވެސްޓް ކުރާނެ މީހުން ވާނެ. އެ އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބޭވަރަކުން އިންވެސްޓް ކުރަމުންދާނީ.
ހަމަ އެއާއެކީގައި، މަސްވެރިކަމުގެ ދާއިރާއަކީ، މި ރަށަށް އެންމެ މުހިންމު ދާއިރާ. މަސްވެރިކަމުގެ ދާއިރާ އޮތީ އެކީގައި އިނދަޖެހިފައިކަން މަސްވެރިންވެސް އަދި ދިވެހި ރައްޔިތުންވެސް ގަބޫލުކުރާނެ. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި 240 އަށްވުރެ ގިނަ މިލިއަން ރުފިޔާ ހުރީ މަސްވެރިންނަށް ނުދީ. އެއްކަލަ 9000 މިލިއަންގެ ތެރޭގައި އެވެސް ހިމެނޭ. އެ ފައިސާ ދައްކައިފިން. އިތުރަށްވެސް މިހާރު ގާތްގަނޑަކަށް 400 މިލިއަން ދައްކައިފިން. މަސްވެރިން މަސްބާނާވަރަކުން މިފްކޯއިން ދައްކަންޖެހޭ ފައިސާ. އަދި ބާކީހުރި ފައިސާވެސް ދައްކަމުން މިދަނީ. އެއީ، އަޅުގަނޑުމެން ވަޢުދުވީގޮތަށް. އަޅުގަނޑު ވީ ވަޢުދުގައި އޮންނާނީ، 48 ގަޑިއިރުގެ ތެރޭގައި، ފައިސާ ދެއްކުމޭ އަޅުގަނޑުމެންގެ ޓާގެޓަކީ. އެ ހިސާބަށް ރީޗްވާން މި މަސައްކަތް މިކުރަނީ. އެކަމަކު މިފްކޯވެސް އޮތް ޙާލަތުގެ ސަބަބުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތް މިކުރަނީ.
އެހެންވީމާ، ކުންފުނިތައް ވަރުގަދަކޮށް، މިފްކޯވެސް ހިމެނޭހެން، ފެނަކައާއި، އާރު.ޑީ.ސީ.އާއި، މިއިން ކޮންމެ ކުންފުންޏެއް ހިނގައިނުގަނެވޭވަރަށް އޮތީ އަނދަވަޅަކަށް ވެއްޓިފައި. ބިލުތަކުގެ މައްޗަށް ބިލު. މިހާރު ކޮންމެ ދުވަހަކުހެން އެބަގެނޭ، ކުންފުނިތަކުގެ މީހުން. ގެނެސް އެ މީހުންނަށް އެބަ ޔަޤީންކަން ދެން، މިވެނި ދުވަހަކާ ހަމަޔަށްދާއިރަށް، މިވެނިވަރެއް ދައްކައިދޭނަމޭ. ކިޔާފައި ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި ބަލަނީ، މިކަންކަން މެނޭޖް ކުރެވޭތޯ. ފައިސާ ދައްކަމުން، ތާވަލެއްދީގެން، އެކަހަލަ ގޮތަކަށް މި ބަލަނީ، ހުރިހާ ބިލުތަކަށްވެސް ފައިސާ ދެއްކޭތޯ.
އެހެންވީމާ، ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުން ބޭކާރު އިސްރާފު ކުރުން ހުއްޓާލައި، މިކަންކަން މިކުރަނީ. މިހާރު ސަރުކާރުގެ މިނިސްޓްރީއަކުން ވިޔަސް، އަދި ކުންފުންޏަކުންވެސް ބޮޑެތި އިވެންޓްތަކެއްވެސް ނުބާއްވާނެ. އަޅުގަނޑުމެންވެސް ހަމަ ފުރަތަމަކޮޅު ބޭއްވިން ބައެއް އިވެންޓްސްތައް. އެކަމަކު މިހާރު އަޅުގަނޑު ވާނީ ހުއްޓާލާފައި އެކަންތައްވެސް. މިލިއަނުން ޚަރަދުކޮށްގެން އިވެންޓްތައް ބޭއްވުމާއި، އެތައް މިލިއަން ޚަރަދުކޮށްގެން ބޭރުގެ ދަތުރުތައް ކުރުމާއި، މިކަހަލަ ކަންކަމެއް މިހާރު އަޅުގަނޑުމެން ނުކުރާނެ. ވީވަރަކުން މިކަހަލަ ކަންކަމަށް ކުރާ ޚަރަދު، އިސްރާފު ކުޑަކުރަން ނިންމައިގެން.
އެހެންވީމާ، މި ބަލަނީ ވީވަރަކުން ޚަރަދުތައްވެސް ކުޑަކޮށް، އަދި ކުންފުނިތައްވެސް ވަރުގަދަކޮށްގެން އާމްދަނީ އިތުރުކުރަން. އާމްދަނީ އިތުރުކުރުމަށްޓަކައި މަސްވެރިކަން މި ވަރުގަދަ ކުރަނީ. މަސް ފެކްޓްރީތައް އެޅުމަކީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް. މި އަތޮޅުގައިވެސް މަސް ފެކްޓްރީއެއް އެޅުމަށް ނިންމާފައި އޮންނާނީ. އަދި ސްޓޯރ ކުރެވޭނެ، ކޯލްޑް ސްޓޯރޭޖްތައްވެސް ޑަބަލް ކުރުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ޓާގެޓް.
އެކަހަލަ ވަރަށްގިނަ ކަންކަން، މަސްވެރިކަމުގެ ދާއިރާއިންވެސް ހުންނާނީ ކަނޑައަޅާފައި. ހަމަ އެއާއެކީގައި، ތެލަށްކުރާ ޚަރަދު ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ތެލަށްކުރާ ޚަރަދު، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި 33 ޕަސެންޓަކީ ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން ކުރާ ކަމަކަށް ހެދުމަށް، އެ ޚަރަދު ކުޑަކުރުމަށްވެސް ޓާގެޓް ކަނޑައަޅައި، އެކަމަށްވެސް މަސައްކަތްތަކެއް އެބަ ކުރަން. އެހެންވީމާ، މިގޮތަށް މި މަސައްކަތްތައް ކުރެވިގެން މިދަނީ.
ދަނޑުވެރިކަމުގެ ދާއިރާއިން ބަލާއިރުވެސް ދުވަހަކުވެސް އަޅައިލެވިފައި އޮތް ދާއިރާއެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރަންޏާ، އެއީ، ކޮންމެހެން އަޅައިލަން ޖެހިފައި އޮތް ދާއިރާއެއް. ބޭރުން އެންމެ ބޮޑަށް އިމްޕޯޓް ކުރާ އެކައްޗަކީ ކާތަކެތި. ރާއްޖޭގައި އުފެއްދޭ އެއްޗެތިވެސް ބޭރުން ގެންނަނީ. އެހެންވީމާ، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ވަކި ޚާއްޞަ މިނިސްޓްރީއެއް އެކަމަށް އުފައްދައިގެން އެ މަސައްކަތް ކުރަން. ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް، އެއީ، ޢާންމުކޮށް ކާން ބޭނުންކުރާ ހުރިހާ ބާވަތެއް، މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދުމުގެ ޓާގެޓް ކަނޑައަޅައިގެން. އެކަމަށް އެތައް މަސައްކަތްތަކެއް މިހާރު މިވަނީ ފަށާފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމުގައި، ކުރިއެރުން ހޯދާފައި ހުރި ރަށްރަށަށްވެސް އިސްކަންދީގެން، އެކަންކަން ކުރަން ނިންމާފައި، އެތައް މަސައްކަތްތަކެއް ފެށިފައި ވަނީ.
މިދޭތެރެއިން އަޅުގަނޑުމެން ޗައިނާއަށް ކުރި ސްޓޭޓް ވިޒިޓްގައި ސޮއިކުރި އެއް އެމް.އޯ.ޔޫ.އަކީވެސް އެކަމާ ގުޅޭ އެމް.އޯ.ޔޫ.އެއް. އެހެންވީމާ، ދަނޑުވެރިކަމުން އަޅުގަނޑުމެން މިގޮތަށް އިންވެސްޓް ކުރީމަ، އަދި އިންވެސްޓަރުންނަށް އެ ފުރުޞަތު ދިނީމަ، ދެން މިކަމުގެ ނަތީޖާ ފެންނަ ހިސާބަށް ދިޔައިމަ، އަޅުގަނޑުމެން ބޭރުން އެ އިމްޕޯޓް ކުރަންޖެހޭވަރު ކުޑަވާނެ. އަދި ޓޫރިޒަމް ދާއިރާއިންވެސް އެތައް ރިޒޯޓެއް މިއޮތީ. ހުރިހާ ރިޒޯޓުތަކަށްވެސް މި ތަކެތި ބޭރުން ގެންނަނީ. އެހެންވީމާ، ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް އުފައްދައި، ދެވަނަ ޓާގެޓެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާވަރަށްވެސް ރާއްޖެއިން އުފެއްދޭ ކާބޯތަކެތި، ރާއްޖޭގައި އުފެއްދޭ ހިސާބަށް ގެންދެވިއްޖިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އެހެންވީމާ، އެ ޕްލޭންގައި، އެ އަމާޒަށް މި މަސައްކަތްތައް މި ކުރަނީ.
އަޅުގަނޑު މިކަންކަން މިހާ ތަފްޞީލުކޮށް ކިޔައިދޭން މި ބޭނުންވަނީ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާގޮތް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެތީ. އޭރުން މި ކުރެވެނީ ކޮން ކަމެއްކަމާއި، މި ދެވެނީ ކިހާ ހިސާބަކަށް ކަމާއި، މިކަންކަން ސާފުކޮށް އެނގޭނެ. އެހެން މީހުން އަރައި، އެއްވެސް ޙަޤީޤަތެއް ނެތް، އެއްވެސްވަރެއްގެ އަސާސެއް ނެތް ދޮގުތައް ހެދީމަ، އެކަންކަން ގަބޫލުނުކޮށް، އެކަންކަން ދޫކޮށްލަން ފަސޭހަވާނީ ތެދު ޙަޤީޤަތް އެނގުނީމަ. އެހެންވީމާ، އެ ވާހަކަތައް މި ދަންނަވަނީ. މި ކުރެވޭ ހުރިހާ މަސައްކަތެއްގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.
މިއަދު އަޅުގަނޑާ ބައްދަލުކުރި، ޗައިނާގެ ސަރުކާރުން ފޮނުއްވި ވަރަށް އިސް ދެ ބޭފުޅަކު. އެއް ބޭފުޅަކީ، ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް، އެގްޒިމް ބޭންކުގެ ރައީސް. ޗައިނާގެ އެގްޒިމް ބޭންކަކީ، ވޭތުވެދިޔަ އެތައް އަހަރަކު ރާއްޖެއަށް ވަރަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކެއް. މިސާލެއްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް. އެ ބުރިޖުގެ ލޯން ކޮމްޕޯނެންޓް އެއީ، އެގްޒިމް ބޭންކުން ދިން ލޯނެއް. އޭގެ ބޮޑުބައި އެއީ ހިލޭ އެހީ. ލޯން ކޮމްޕޯނެންޓް އެއީ، އެގްޒިމް ބޭންކުގެ ލޯނެއް.
ރާއްޖޭގައި ވެލާނާ އެއަރޕޯޓުގެ ރަންވޭގެ ބޮޑު ކޮމްޕޯނެންޓެއް، މިހާރު ހަދަމުން އެދާ ޓަރމިނަލް އެއީ، އެގްޒިމް ބޭންކުގެ ލޯނުން ހެދޭ ތަނެއް. ހުޅުމާލޭގައި ހަދާފައި ހުރި ހައުސިންގ ޔުނިޓުތަކުގެ ބޮޑު ޢަދަދެއް އެއީ، އެގްޒިމް ބޭންކުގެ ލޯނު. އެހެންވީމާ، އެ ބޭފުޅުން ރާއްޖޭގެ ޑިވެލޮޕްމަންޓްގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރޭ. އަޅުގަނޑު މިއަދު އެ ބޭފުޅުންނާ ބައްދަލުކޮށްފައި، ރައީސާ ބައްދަލުކޮށްފައި ދެންނެވިން، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތް ތިރީސް ހާސް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަޝްރޫޢުގައި، އެ މަޝްރޫޢަށް ފައިސާ ހޯދުމުގައި ރައްޔިތުންނަށް އޭގައި ދުރު ރާސްތާއަށް، ލުއި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް. މިކަހަލަ މުހިންމު މަޝްވަރާތަކެއް މިއަދު ކުރެވިގެންދިޔައީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އޭގެ ފޮނި ނަތީޖާ ފެންނާނެ.
ދެވަނައަށް ބައްދަލުކުރީ، އެ ބޭފުޅުންގެ ސަރުކާރުގެ މިލިޓަރީ ވަރަށް އިސް ފަރާތަކާ. އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި، ޢަސްކަރީ ދާއިރާއިންވެސް އަބަދުވެސް ގުޅުން އޮވޭ. އިއްޔެ ޑިފެންސް މިނިސްޓަރާއި އެ ބޭފުޅުންގެ އެ މޭޖަރ ޖެނެރަލާ ދެފަރާތުން ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި. އެއީ، ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކިކަހަލަ ތަމްރީނުތައް ދިނުމާއި، އަދި ނޮން ލީތަލް، ލީތަލް ނޫން އެކިކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. އެހެންވީމާ، މީގެ ސަބަބުން ދިފާޢީ ބާރަށް އިތުރު ތަމްރީނުތަކާއި، ޓެކްނިކަލް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އިތުރުވެގެންދާނެ. އޭރުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރެވިގެންދާނެ.
މި މަސައްކަތްވެސް މިކުރެވެނީ، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރުމަށްޓަކައި. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވަރުގަދަކޮށް، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން. އެހެންވީމާ، މި މަސައްކަތް މިގޮތަށް މި ކުރިއަށް ގެންދެވެނީ އެގޮތުން.
އާދެ، އަޅުގަނޑު ހަމަ އެއް ވާހަކައަކަށް ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މި ސްކޫލްތަކުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް. ޚާއްޞަކޮށް، ކިޔަވާ ކުދިން. ކިޔަވާ ކުދިންނާއި އަދި ޓީޗަރުންވެސް އެދޭ އެއް ކަންތައް. ކްލާސްރޫމްތައް ވަރަށް ހޫނުކޮށް ހުންނަ ވާހަކަ. އޭ.ސީ. ކޮށްދޭން އެދޭ ވާހަކަ. މިއީކީއެއް ކޮންމެ މަހަކު ކަރަންޓް ބިލް ދައްކަން ބަލާއިރު، ދެކޮޅުޖެހޭނެ ކަމަކަށްވެސްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ގަސްތުކޮށްފައި މިއޮތީ، މި އަންނަ އަހަރުން ފެށިގެން ސޯލަރ ޕަވަރ ބޭނުންކުރެވޭ ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްސްތަކެއް، ހުރިހާ ސްކޫލެއްގައި ހިންގަން. ހިންގައިގެން، އެއާ ގުޅުވާލައިގެން، އޭ.ސީ. ކުރަން ބޭނުންވާ ސްކޫލްތަކަށް އެ ފުރުޞަތު ދޭން. އޭރުން ފުރަތަމަ ކުރާ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ވާނީ. ދެން އެއިން ލިބޭ ހަކަތައިން ކްލާސްރޫމްތައް ދެމެހެއްޓެނިވި ގޮތެއްގައި އޭ.ސީ. ކުރެވިގެންދާނެ. އެހެންވީމާ، އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފަށަން ގަސްތުކުރާ ވާހަކަ ދަންނަވާލަން.
އާދެ، އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި ރައްޔިތުން އެދޭ ހުރިހާ ކަމަކަށް މި ބަލަނީ އިރާދަކުރެއްވިއްޔާ ޖަވާބު ދެވޭތޯ. ނަތީޖާ ނެރުމަށްޓަކައި މަސައްކަތްތައް މިކުރަނީ. ކައުންސިލްތަކާ ބައްދަލުކުރަނީ އެ ބޭނުމުގައި. ކައުންސިލްތަކުން އެދޭ ކަންތައްތަކަކީ، ރައްޔިތުންގެ ކިބައިން އެދޭ ކަންތައްތައް. އަޅުގަނޑުމެން ބޭނުންވަނީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކުރިއަށް ގެންދަން. ކައުންސިލްތައް މެދުވެރިކޮށް ކަންކަން ކުރަން. ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދޭން ބޭނުންވަނީވެސް އެހެންވެ. ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި ރަށްތައް ފޯރުކޮށްދޭންވެސް މި ގަސްތުކުރީ އެހެންވެގެން. އެހެންވީމާ، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން، ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށްވެސް ކައުންސިލްތަކަށް ފިޔަވަޅުއަޅައި، ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތިކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން.
އެކަހަލަ އެއްވެސް ކަމެއް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީންވެސް ކުރުމަކީ އަޅުގަނޑު ތާއީދުކުރާނެ ކަމެއް ނޫން. އެހެންވީމާ، އެކަހަލަ އެއްވެސް ކަމެއް، ސަރުކާރުގެ ފަރާތުންނެއް އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ. ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކީގައި، ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރަން އޮތް ފަރާތެއް ކަމުގެ ފުރިހަމަ ހައިސިއްޔަތު އަޅުގަނޑުމެން ދޭނަން. އެގޮތުގައި ކުރިއަށްދާނީ.
އެހެންވީމާ، މިއަދާ ހަމަޔަށްވެސް މި ހުރިހާ ކައުންސިލްތަކާ ބައްދަލުކޮށް، މި ކުރެވޭ މަސައްކަތަކީ، ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ ފަރާތުން ތިބި މަންދޫބުންނަށް ފުރިހަމަ ބާރުވެރިކަން ދިނުމަށްޓަކައި ކުރާ މަސައްކަތްކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. ހަމަ އެއާއެކީގައި، ޑަބްލިޔޫ.ޑީ.ސީ.ތައްވެސް. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ، މިވަގުތު ޙަޤީޤަތުގައި ނަމެއްގެ ގޮތުގައި މާބޮޑު ބާރެއްނެތި އުފައްދާފައި އޮތް ކޮމިޓީތަކެއް. ޤާނޫނު ހަދާފައި އޮތް ގޮތުން އެހެން އެކަން ވެފައި އެއޮތީ. ޤާނޫނުގައި ނެތް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށެއް ބާރެއް. މުވައްޒަފުންގެ ގޮތުގައި، ނޫނީވިއްޔާ މުސާރައެއް ލިބޭ ބައެއްގެ ގޮތުގައެއް ނޫން ތިބެނީކީއެއް. އެކަމުގެ ސަބަބުން ރޯދަމަހުގެ އެލަވަންސެއްވެސް ނުލިބޭ. އެކަމުގެ ސަބަބުން ވިހެއުމުގެ ޗުއްޓީއެއްވެސް ނުލިބޭ. އަދި ބޭންކަށް ގޮސް ލޯނެއް ހޯދުމުގެ ފުރުޞަތެއްވެސް ނޯވޭ. އަދި އެ ލިބޭ ފަސް ޕަސެންޓުގެ ތެރެއިން އެލަވަންސްވެސް ދޭން މިޖެހެނީ. މިކަހަލަ ދެރަގޮތަކަށް ޑަބްލިޔޫ.ޑީ.ސީ.ތަކާ މެދުގައި ކަންތައްތައް ވެފައި މިއޮތީ ޤާނޫނުގައި އޮތް ގޮތުން. މަޖިލިސް ތެރެއިން ޤާނޫނަށް އިޞްލާޙު ގެނެވޭނީ. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން، މިއަށް ބަދަލުގެންނަން. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި، ކުރިއަށް އޮތް ތަނުގައި ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަކީ، މި ދެންނެވި ވިސްނުމުގައި، އަޅުގަނޑުމެންގެ ވިސްނުމުގައި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރާނެ މަޖިލީހެއް ކަމުގައިވަންޏާ، އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ އެއްކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ތަކުގައި، މި ދެންނެވި ކަންކަން އިޞްލާޙު ކުރުމަށްޓަކައި، ޤާނޫނަށް އިޞްލާޙު ހުށަހަޅައިގެން، އެ ލިބޭ ފަސް ޕަސެންޓަކީ، ހަމައެކަނި އަންހެނުންގެ ތަރައްޤީގެ މަސައްކަތް ކުރުމަށްޓަކައި ލިބޭ އެއްޗަކަށް ހަދައި، މުސާރަޔަކީ ވަކިން މުޅި ކައުންސިލްގެ ބަޖެޓުން ދޭ އެއްޗެއްގެ ގޮތުގައި ބަދަލުކުރުން. އަދި ރޯދަމަހުގެ އެލަވަންސާއި، ހުރިހާ ޗުއްޓީތަކާއި، މި ހުރިހާ ޢިނާޔަތްތައް ލިބޭނެގޮތަށް ޤާނޫނު ބަދަލުކޮށްދީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިރާދަކުރެއްވިއްޔާ ފުރިހަމަ ބާރުވެރިކަން ދޭނަން.
އެހެންވީމާ، އެކަން ކުރެވޭނީވެސް މަޖިލިސް އިންތިޚާބުގައި، ރައްޔިތުން ރަނގަޅު ވިސްނުމަކުން ކަންކަން ކުރައްވައިފިއްޔާ. މަޖިލީހަށް ވަރަށްގިނަ ބިލުތައް ހުށަހެޅިގެން މިދަނީ. ގެދޮރުވެރިކަން ފުރިހަމަގޮތުގައި ދިނުމަށްޓަކައިވެސް ގާތްގަނޑަކަށް ހައެއްކަ ބިލު އަޅުގަނޑުމެން އެބަ ހުށަހަޅަން. މިހާރުވެސް ބައެއް ބިލުތައް ހުށަހެޅިފައި ވާނެ. އެކަންކަންވެސް ކުރެވޭނީ، އަޅުގަނޑުމެންގެ ވިސްނުމުގައި މަސައްކަތް ކޮށްދޭނެ، ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ރައްޔިތުން ހޮއްވަވައި ދެއްވައިފިއްޔާ. އެހެން ނޫނީ ވާނެގޮތް، މި ތިންމަސް ތެރޭގައި ވާނީ ރައްޔިތުންނަށް ފެނިވަޑައިގެންފައި. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ރައްޔިތުން މިކަންކަމުގައި ހެޔޮގޮތުގައި ވިސްނާވަޑައިގަތުން.
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މީދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި އަދި މި ދާއިރާގެ ހުރިހާ ރަށްރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައިވެސް އަޅުގަނޑުމެން މިގެންދާ ސިޔާސަތުގެ ތެރެއިން ކަންކަން ފަހިކޮށްގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ވަޢުދެއްވެސް ފުއްދައިދޭނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ކާމިޔާބީ ލިބިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މުލަކުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އިދާރާތަކުގެ ވެރިން، އަދި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ އައްސަވައި އަދި ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދުގެ މި ހޫނުގަދަ ވަގުތުވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ހަމަ އެއާއެކީގައި، މި ނިމިގެންދިޔަ އިންތިޚާބުގައިވެސް، ތިޔަބޭފުޅުން ވަނީ އަޅުގަނޑަށް ވަރަށް ބޮޑު ތަރުޙީބެއް ދެއްވައި، ތާއީދެއް ދެއްވާފައި. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު އިންތިޚާބުގައި، ކެމްޕެއިން ޖަލްސާއެއްގައި، މި ރަށުގައި ވާހަކަ ދެއްކިއިރުގައި، ތިޔަބޭފުޅުން އޭރުގައި އެދިވަޑައިގެންނެވި ކަންކަމުގައި ދެންނެވިން، އެ ހުރިހާ ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެ ދެއްކި ވާހަކަ އަޅުގަނޑު ވާނީ މުޅި ރާއްޖޭގައި ދެއްކި ހުރިހާ ވާހަކައެއް، ފޮތެއްގެ ގޮތުގައި ތައްޔާރުކޮށްފައި. އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް، ވަޢުދުވި ކޮންމެ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި، އަޅުގަނޑު ވާހަކަ ދައްކާފައިވާނީ. އެހެންވީމާ، ކަންކަން ސާފުކޮށް ފެންނާނެގޮތް ހަދަންވެގެން. ކޮންމެ ބޭފުޅަކަށްވެސް ފަހުންވެސް ބަލައިލާފައި، އެއިން އެއްވެސް ކަމެއް ނުކޮށް، ނޫނީވިއްޔާ ހަނދާންނެތިފައި އަޅުގަނޑު ހުރިއްޔާ، އެކަންވެސް ފާހަގަވާނެ. އަދި ތިޔަބޭފުޅުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުވިޔަސް، ފަސޭހަފުޅުވާނީ ލިޔެކިޔުމުން ފެންނަން އޮތީމާ ކަމުގައިވާތީ.
އެހެންވީމާ، މި ރަށުގައި ދެއްކި ވާހަކަވެސް އެ ތައްޔާރުކުރި ފޮތުގައި ހިމަނާފައިވާނެ. އާދެ، އަޅުގަނޑު ވަޢުދުވީ ކަންކަމުގައި، ހަމަ ދަންނަވަން ބޭނުންވަނީ، އެ ޔަޤީންކަންދޭން ބޭނުންވަނީ. އޭރުގައި ދެންނެވި ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެ ޔަޤީންކަން އަޅުގަނޑު ދެން.
ދެންމެ ކައުންސިލާ އެކީގައި ބައްދަލުވިއިރުގައިވެސް، އަޅުގަނޑު ވާނީ އެ ވާހަކަތައް ދައްކާފައި. އާދެ، ހޮސްޕިޓަލް، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އަޕްގްރޭޑްކޮށް، ހޮސްޕިޓަލަކަށް ހަދައިދޭނެ ވާހަކަ ދެންނެވިން. ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނަން. އަދި މިހާރުން މިހާރަށްވެސް، ދެވެންހުރި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނަން. އަދި އިރާދަކުރެއްވިއްޔާ ހޮސްޕިޓަލަކަށް ބަދަލުކޮށްދީ، އަޅުގަނޑު ވީ ވަޢުދު ފުއްދައިދޭނަން.
އާދެ، މަސްވެރިކަމުގެ ދާއިރާއިން، މަސް ބަނދަރުގެ މަސައްކަތްވެސް އަޅުގަނޑު ދެންނެވިން. މަސްވެރިކަމަށް ކުރެވެމުންދާ ޢުމްރާނީ ތަރައްޤީގެ މަސައްކަތް، އެ ދާ ސްޕީޑް ހަލުވިކޮށް، އެ މަސައްކަތް ނިންމައިދީ، އެކަމާ ގުޅޭގޮތުން އަޅުގަނޑު ވަޢުދުވީ ގޮތަށް، އެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ވާހަކަ.
ހަމަ އެއާއެކީގައި ބަނދަރު ބޮޑުކޮށް، ރައްޔިތުންނަށް އަޅުގަނޑު ދެންނެވި ފަދައިން، 1400 ފޫޓުގެ ދިގުމިން ހުންނަ ގޮތަށް، އެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވިން. ހަމަ އެއާއެކީގައި، މަގުތައް ހެދުމުގެ ވާހަކަވެސް ދެއްކިން. ވަރަށްވަރަށް ލަސްކޮށް
އެ މަސައްކަތް ހިނގަނީ. އެއީ، ރާއްޖޭގައި މި ދިޔަ ސަރުކާރު ނިމުނުއިރުގައި، ހުރިހާ ރަށެއްގައިހެން މަސައްކަތް ހުރިގޮތް. ހިނގަމުންދާ ކަމެއްވިއްޔާ، ވަރަށް ލަސްކޮށް ހިނގަމުން ދިޔައީ. ބައެއް ކަންކަން ހުރީ ހަމަ އެކީ ހުއްޓިފައި. މިހާރު މި ކުރެވޭ މަސައްކަތަކީ، މިގޮތަށް ހުރި މަސައްކަތްތައް، އަލުން ފަށަންޖެހޭ ތަންތާނގައި ފެށުމުގެ މަސައްކަތާއި، ލަހުން ހިނގާ ކަންކަމުގެ ދުވެލި ބާރުކުރުމުގެ މަސައްކަތް.
މީގައި މިވާގޮތަކީ، ހަމަ ތަކުރާރުކޮށްލަން ޖެހޭނީ އެއް ވާހަކައެއް. ނުދައްކާ އެތައް ބިލެއް ހުރީ. ސަރުކާރުގެ އެކިއެކި ކުންފުނިތަކުންނާއި، މިނިސްޓްރީތަކުން އެމީހުން ލައްވައި، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުދިނީމާ މަސައްކަތް ހުއްޓެނީ. ނޫނީވިއްޔާ ގަވާއިދުތަކާ ޚިލާފަށް، އޮންނަ އިޖުރާޢަތްތަކާ ޚިލާފަށް އެކިކަހަލަ މަސައްކަތް ކުރުވައި، ކޮންޓްރެކްޓަރު، ސަބް ކޮންޓްރެކްޓް ކޮށް، އަދި އޭނާ އެހެން މީހަކަށް ސަބް ކޮންޓްރެކްޓް ކޮށް، މިހެންގޮސް ފަށްފަށްވެގެން، ތިން ހަތަރު، ކޮންޓްރެކްޓަރުން، ސަބް ކޮންޓްރެކްޓަރުން ބައިވެރިވާ މަޝްރޫޢުތައްވެސް ހުރީ. މިހެން މުޅިން އޮޅުންބޮޅުން ވެފައި، ވަރަށް ގިނަ މަޝްރޫޢުތައް ރާއްޖޭގެ ރަށްރަށުގައި ހުރީ. މި ހުރިހާ ކަމެއް ނިއުޅުވައި، ސާފުކޮށް، ދަރަނި ދައްކައި، ހަލުވިކަން ގެންނަން މަސައްކަތްތަކެއް ކުރެވެނީ.
ސަރުކާރުގެ ބައެއް ކުންފުނިތައް، އޭރުގައި ޚާއްޞަކޮށް، ފެނަކައިގެ ޙާލަތުގެ ވާހަކަ ދެތިން ދުވަސް ކުރިން، ފެނަކައިގެ އެމް.ޑީ. މުޢާޒު، އެހެން ރަށެއްގެ ޖަލްސާގައި ވަރަށް ތަފްޞީލުކޮށް ކިޔައިދެއްވި. ފެނަކައިގެ ޙާލަތު އެހެން އޮތްކަން އެބަ އެނގޭ. އޮއްވައި، ވަރަށް ގިނަ ރަށްރަށުގައި އެބަހުރި، ވަރަށް ގިނަ މަސައްކަތް ހަވާލުކޮށްފައި. ނުކުރެވޭވަރަށް މަސައްކަތް ހަވާލުކޮށް، އެއާ ގުޅިގެން އިތުރު ދަރަނިތައް، ފެނަކައިގެ ބޮލުގައި އެޅި، ކުންފުނީގެ ބޮލުގައި އެޅި، މުޅިން ބޮއްސުންލާފައި އޮތީ. ވަރަށް ގިނަ ރަށްތަކުގައި އޭ.ޓީ.އެމް.، ބަހައްޓަން ހަވާލުކުރި. އައިސް ޕްލާންޓް ބަހައްޓަން ހަވާލުކުރި. މިހެންގޮސް، ވަރަށް ގިނަ ކަންތައްތައް. އެހެންވީމާ، މިހެންހުރި ގިނަ ކަންތައްތައް ހުރީ، ކުންފުނި އިނދަޖެހިގެން ދިޔައިމާ މަސައްކަތް ހުއްޓިފައި. މި ހުރިހާ ރަށެއްގައި، މި ރަށްވެސް އޭގައި ހަމަ ބައެއް މަސައްކަތްތަކުގައި ޝާމިލްވޭ.
އެހެންވީމާ، މިހެންހުރި ހުރިހާ މަސައްކަތްތަކެއް ހިންގޭނެ ގޮތް ހެދުމަށްޓަކައި، މަސައްކަތްތައް މި ކުރަނީ. އެހެންވީމާ، މި އެތައް މަސައްކަތްތަކެއްގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު ޔަޤީންކަން ދޭން ބޭނުންވަނީ، އޭގެ ނަތީޖާއަކަށް ވާނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އަދި ރައްޔިތުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި ގޮތަށް، އެ މަސައްކަތްތައް ހިނގައިގަންނަ ގޮތްވެ، މަސައްކަތްތައް ނިމި، ކަންކަން ފުރިހަމަވެގެން ދިޔުން.
އެހެންވީމާ، ދެންވެސް ހުރި ހުރިހާ މަސައްކަތްތަކެއް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނީ އެގޮތުގެ މަތިން. ޖެޓީގެ ވާހަކަވެސް ފާހަގަކޮށްލަން. ކައުންސިލްގެ ބައްދަލުވުމުގައިވެސް އަދި ރައްޔިތުންވެސް އެކަން ފާހަގަކުރޭ. އެ ޖެޓީގެ ވާހަކަވެސް އަޅުގަނޑު ކެމްޕެއިންގައި ހަމަ ވަޢުދުވެފައިވާ ކަމެއް އެއީ. އަދި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރާނެ ވާހަކައާއި، ކުނި މެނޭޖް ކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން، މި ރަށުގައި ކަންތައްތަކެއް ކޮށްދޭނެ ވާހަކަވެސް ދެންނެވިފައި ވާނެ. އަދި ޒުވާނުންނާ ގުޅިފައިވާ ޔޫތު ސެންޓަރ، އަދި ކުޅިވަރުތައް ޤާއިމުކޮށްދިނުމުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއްވެސް އެބަހުރި.
އެހެންވީމާ، މި ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ އަދި ކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް އެބަ ހިނގާ ވާހަކަ ދަންނަވަން ބޭނުންވަނީ. ރައްޔިތުންނަށް އެ ޔަޤީންކަން ދޭން ބޭނުން. ތަކުރާރުކޮށް އަނެއްކާވެސް ދަންނަވަން ބޭނުންވަނީ، ދެންމެ މި ފާހަގަކުރި ކަންކަމާއި އަދި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެހެން ކަންކަން ހިމެނޭ ފަދައިން، ހަމަ ހުރިހާ މަސައްކަތްތަކެއް ހިނގާނެ. އޭގެތެރޭގައި، އޭ.ޓީ.އެމް. މަސައްކަތްވެސް ހިމެނޭހެން އަޅުގަނޑު މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން އަނެއްކާވެސް ދެން.
އާދެ، މި ހުރިހާ މަސައްކަތްތަކެއް ކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތްތަކަކީ، ރައްޔިތުންނާ ގާތުން އަޅުގަނޑު ކުރާ ކަމަކަށް ހަދަން ބޭނުންވަނީ. އެއީ، އެހެން ނޫނީވިއްޔާ އަބަދުވެސް ތަކުރާރުކުރަން ޖެހިފައި މި އޮންނަނީ. އަމިއްލައަކަށް ސަރުކާރަށް، މިނިސްޓްރީއަކަށް ފެނިގެން، ކުންފުންޏަކަށް ފެނިގެން ކަމެއް ކުރަން އުޅެފިއްޔާ، ކޮންމެހެން އަދި ރައްޔިތުން ބޭނުންވާ ގޮތް ކަމުގައި ނުވަންޏާ، އެކަން ވަރަށް ގިނަ ރަށްތަކުގައި އެބަ ބޭކާރުވޭ. މިދިޔަ ގިނަ ބައްދަލުވުންތަކުގައި، ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކުރައްވާފައި އެބަވޭ އެ ކަންތައް.
އެހެންވީމާ، އަޅުގަނޑު ރަށް ރަށަށް މިކުރާ ދަތުރުތަކުގައި، ކައުންސިލްތަކުގެ ކިބައިން މި އޮޅުންފިލުވަނީ، ކޮބައިތޯ އެ ރަށެއްގައި ރައްޔިތުން ބޭނުންވާ ގޮތަކީ. ކައުންސިލް ބާރުވެރިކުރަން. ޑަބްލިޔޫ.ޑީ.ސީ. ބާރުވެރިކުރަން. ރައްޔިތުން ހޮއްވަވާފައި ތިބި މަންދޫބުންނަކީ، އެއީ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ލެވެލްގައި، ކަންތައްތައް ކުރަން ހޮވާފައި ތިބޭ ބައެއް.
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، ލާމަރުކަޒު ކުރެވިފައި އޮތް ނިޒާމު، ޢަމަލީގޮތުން ތަންފީޒުކޮށްދޭން. އެއީ، ޤާނޫނުގައި ލިޔެވިފައި، ފޮތްތަކުގައި ލިޔެވިފައި، ގަނޑުތަކެއްގައި ލިޔެވިފައި ހުރި އަކުރުތަކަކަށް، ޖުމްލަތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން.
އެހެންވީމާ، ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރުމާއި، އޭގެ ކުރިން ބައެއްފަހަރު ކައުންސިލްތަކަށްވެސް ވަގުތު އޮތިއްޔާ، ކުރީ ބައިގައި ބައްދަލުކޮށްފައި، އަނެއްކާ ފަހުން ވަގުތު އޮތިއްޔާ ފަހުން ބައްދަލުކުރުމާއި، ކައުންސިލްތަކުގެ ބައިވެރިވުން މި ހިމަނަނީ. އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް އެބަ ސާފުވެގެންދޭ.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، ދެން މި ދަތުރުތަކުގައި، ރަމަޟާން މަސް މިހާރު މި އަންނަ ހަފްތާގައި ފެށޭއިރުގައި، ގިނަ ރަށްތަކާ އެބަ ބައްދަލުވޭ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ބާކީހުރި ރަށްތަކަށްވެސް އަޅުގަނޑު ދާނަން. މި އަހަރުގެ ބާކީއޮތް ދުވަސްތަކުގައި، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް، ހުރިހާ ރަށްތަކަށް، އަޅުގަނޑު ދާނަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި. އޭރުން ހުރިހާ ރަށެއްގެ ރައްޔިތުންނާ ސީދާ އެބަ ބައްދަލުވޭ. އަދި އޭގެ ފަހުން، މި މަސައްކަތްތައް ހިނގައިގަނެ، ގިނަ ކަންކަން ނިމި، އާ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދާގޮތް ބެލުމަށްޓަކައި، އަދި އެއް އަހަރު ފަހުން، 2025 އަށްފަހު، 2026 ގައި ހަމަ މީގެ ދެވަނަ ރައުންޑެއް އަޅުގަނޑު ކުރިއަށް ގެންދަން ޕްލޭންކޮށްފައި މިއޮތީ. ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދާގޮތަށް.
ފަސް އަހަރުގެ ދައުރުގެ ތެރޭގައި، މަދުވެގެން ދެފަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްގޮސް، ހުރިހާ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ ބައްދަލުކުރާނަން. އެއީ، އަޅުގަނޑު މަސައްކަތް ކުރަން ނިންމާފައި އޮތް ގޮތަކީ. އަދި އޭގެ އިތުރަށްވެސް، އެކި ކަންކަމުގައި، އެކި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި، ބައެއް ރަށްތަކަށް ހަމަ ޔަޤީނުންވެސް ދެވޭނެ.
އެހެންވީމާ، ވީހާވެސް ގާތުން މަސައްކަތް ކުރީމާ، ރައްޔިތުންނަށް އެ ޔަޤީންކަން އެބަ ލިބޭ، ރައްޔިތުން ބޭނުންވާގޮތަށްކަން އަޅުގަނޑަށް މިކަންކަން ކޮށްދެވެނީ. ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި އަޅުގަނޑު މިހިރީ. އަޅުގަނޑު ބޭނުންވަނީ، ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކުވެސް އަޅުގަނޑުގެ މަސައްކަތް ހުރީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި އެކަނިކަން ޔަޤީންވާން. އެގޮތުގައި މި މަސައްކަތް ކުރަނީ. އަދި މުޅި ސަރުކާރުން، ހުރިހާ މިނިސްޓަރުންވެސް، ކުންފުނިތަކުގެ ވެރިންވެސް، އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުންވެސް، މުޅި ޓީމު މި މަސައްކަތް މި ކުރަނީ އެގޮތުގައި. މުޅި ސަރުކާރުގެ ހުރިހާ ވެރިން މި މަސައްކަތް ކުރަނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި.
އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، މި މަސައްކަތް ކުރުމުގައި ފުރުޞަތު ދެއްވަން. ދެއްވެން އޮތް ހުރިހާ ކަމެއްގައި. އެއީ، މަޖިލިސް އިންތިޚާބު ކުރިމަތީގައި މިއޮތީ. އެކަމުގައިވެސް ފުރުޞަތު ދެއްވަން. އެއްބާރުލުން ދެއްވަން. މާފުކުރައްވާ! އެއްބާރުލުން ދެއްވަން. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި މަސައްކަތްތައް ފުރިހަމަކުރުމުގައި، ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާށޭ.
އޭރުން، ހަމަ ޔަޤީންކަމާ އެކީގައި، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ ހުރިހާ ކަންތައްތައް ފުރިހަމަގޮތުގައި، ބާރުމިނުގައި ގެންދެވޭނެއޭ. މިހާރުވެސް އެބަ ގެންދަން، ގެންދެވެން އޮތް އެންމެ ރަނގަޅަކަށް. އަދި އެއަށްވުރެވެސް ރަނގަޅު ކުރެވިގެންދާނެ. އެންމެ ބޮޑެތި މައްސަލަތަކުން، ޤައުމީ މިހިރަ ބޮޑެތި ކަންކަމުން ފެށިގެން، ކުދިކުދި ކަންކަމަށް ދަންދެން، ހަމަ ޕްލޭން ކުރެވިގެން، މެނިފެސްޓޯގައި ކަނޑައަޅާފައި އޮތްގޮތަށް މިގެންދަނީ. އަދި އެކަންކަން ދާގޮތް، ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދެމުން މި ގެންދަނީ.
އެހެންވީމާ، މި ގޮތަށް މި ކުރެވޭ މަސައްކަތަށް، ރައްޔިތުންގެ ކިބައިން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވުމަކީ، ހަމަ ރައްޔިތުންނަށްޓަކައި ކުރެވޭ ކަމަކަށްވާނީ.
އާދެ، އެ ވާހަކަ އަޅުގަނޑު ދަންނަވާލާފައި، އަޅުގަނޑު ނިންމާލަން ގަސްދުކުރަނީ. އަޅުގަނޑު އަދިވެސް އެއްފަހަރު، މުލަކުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ދެއްވާ އެއްބާރުލުމާއި ތާއީދަށް.
މި ރަށުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަންކަމުގައި، އިރާދަކުރެއްވިއްޔާ ކުލަޖައްސައިދޭނަން. އަދި އިތުރަށް، ކުރިއަށް މިއޮތް މުސްތަޤްބަލަށް، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް، ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ފުރިހަމަގޮތުގައި ދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިއްގަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އެކިއެކި އިދާރާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު މި ގަޑީގައި އަޅުގަނޑުމެންނަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ދެންމެ ކައުންސިލްގެ ބައްދަލުވުމުގައިވެސް ފާހަގަކުރެވިގެންދިޔަ، ވަރަށް ތަފްޞީލު ގޮތެއްގައި، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް. އަދި ކުރިން ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑު ވާނީ އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި. މި ރަށުގެ ތަރައްޤީއަށްޓަކައި މިކުރަން ހުރި ކަންކަމުގައި ޙަޤީޤީ ނަތީޖާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނެރެދޭނަން. ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި ބޭފުޅުން، ރައްޔިތުން މި ރަށުގައި ތިއްބެވީ. މި ރަށަކީ، ވަރަށް ގިނަ ކަންތައްތައް، ޚާއްޞަކޮށް، މަސްވެރިކަމުގެ ދާއިރާއިން ކުރަމުންގެންދާ ރަށެއް.
ބަނދަރުގެ މަސައްކަތް އެބައޮތް ކުރަން ޖެހިފައި. ބަނދަރު އިތުރަށް ބޮޑުކުރުން. ނޫނީވިއްޔާ އެހެން ސަރަޙައްދަކަށް ބަދަލުކުރަން ޖެހެންޏާ، އިތުރު ބަނދަރެއް ހެދުންވިޔަސް. ބަނދަރާ ގުޅޭގޮތުންވެސް މަސްވެރިންގެ އުންމީދުތަކެއް އެބަހުރި. އަދި ހިއްކި ބިމުގައި ގެދޮރު ބިނާކުރުމަށްޓަކައި، އެ ބިމަކީ ބޭނުންކުރެވޭ ތަނަކަށް ހެދުމަށް އެކިކަހަލަ ވަސީލަތްތައް، ފެނާއި ކަރަންޓާއި، ނަރުދަމާފަދަ ވަސީލަތްތައް ޤާއިމުކޮށްދޭންވެސްޖެހޭ. ގެދޮރު ބިނާކުރުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ. މިކަހަލަ ގިނަގުނަ މަސައްކަތްތަކެއް ހުރީ ކުރަން ޖެހިފައި. ސްކޫލްގެ މި ހޯލަކީ ކުޑަވެފައި އޮތް ތަނެއް. މަލްޓި-ޕަރޕަސް، ރަނގަޅު ފެންވަރުގެ ހޯލެއްވެސް ޤާއިމުކުރަންޖެހޭ. އަދި ހަމަ އެއާއެކީގައި، މަގުތައްވެސް މިވަނީ ހަދަން ޖެހިފައި. ޒުވާނުންނަށް ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައްވެސް ޤާއިމުކޮށްދޭންޖެހޭ. މިހެންގޮސް ގިނަ ކަންތައްތަކެއް މިހިރީ ކުރަން ޖެހިފައި.
ދެންމެ އަޅުގަނޑު މި ފާހަގަކުރި ހުރިހާ ކަމެއްވެސް، އެއިން އެއްވެސް ކަމެއް އުނިނުކޮށް ކުރަން ގަސްދުކުރަން. އަދި އޭ.ޓީ.އެމް.ގެ މަސައްކަތްވެސް އެބައޮތް. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، ދެންމެ މި ފާހަގަކުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
މީގެތެރޭގައި، އަޅުގަނޑަށް ދަންނަވާނުލެވި އެބައޮތް އެއް ވާހަކަ. ވަކިން ދަންނަވަން ވެގެން ނުދެންނެވީ. އެއީ، ޞިއްޙީ ނިޒާމުގެ ވާހަކަ. ޞިއްޙީ މަރުކަޒު، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދޭނަން. އެކަމަކު ހޮސްޕިޓަލަކަށް ހެދޭނީ ދުވަސްތަކެއްގެ ތެރެއިން، މަރުޙަލާތަކެއްގެ ތެރެއިން. އެ ޓާގެޓަށް މަސައްކަތްކޮށް، ފުރަތަމަ، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް އިތުރުކޮށް ކުރިއަށް ގެންގޮސް، މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށްދޭ ވާހަކަ މި ދެންނެވީ.
އާދެ، މި ހުރިހާ ކަމެއް ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިގޮތަށް ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް. ހުރިހާ ކަމެއް ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އެއީ، މައިގަނޑު ގޮތެއްގައި މިދިޔަ 15، 16 ހަފްތާގައި އަޅުގަނޑުމެން މިކުރި ކަމަކީ. ކުރަމުންދިޔަ ކަމަކީ. އިޤްތިޞާދުގައި ހުރި މައްސަލަތައް ޙައްލުކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އިތުރުކުރެވޭތޯ މި ބަލަނީ.
މަސްވެރިކަމުގައި ވަރަށް މުހިންމު ރަށެއްވީމަ، މަސްވެރިންނަށް ވަރަށްގިނަ ފައިސާ ދޭންވެސް އެބަހުރި. އަދި ވީވަރަކުން މިއަދާ ހަމަޔަށް އައިއިރުވެސް ވަރަށްގިނަ ޢަދަދެއްގެ ފައިސާ ހަވާލުވެސް ކުރެވިފައި ވަނީ. އަދިވެސް ދޭންހުރި ފައިސާ އެބަހުރި. އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އަމާޒު، އަޅުގަނޑު ވަޢުދުވެފައި އޮތް އަމާޒަށް އަދި ނުދެވޭ. އެއީ، 48 ގަޑިއިރުގެ ތެރޭގައި، ނޫނީ ދެ ދުވަސް ތެރޭގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަވާލުކުރާ ހިސާބަށް ގެންދިޔުން. އެ ހިސާބަށް އިރާދަކުރެއްވިއްޔާ ދާނެ. ގެންދަން މިކުރާ މަސައްކަތްތައް މި ކުރަނީ. މިފްކޯ ހަރުދަނާ ކުރުމާއި، އަޅުގަނޑުމެން އާމްދަނީ އިތުރުކޮށް، ދައުލަތުގެ ތެރެއިން ދޭންޖެހޭ ފައިސާތައް އަވަހަށް ހަވާލުކުރެވޭނެ ގޮތެއް ރާވައި، ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރަން.
އެހެންވީމާ، މަސްވެރިކަމުގެ އިންޑަސްޓްރީ ވަރުގަދަކުރުމާއި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކުރުމާއި، ނިންމަން ހުރި އެއަރޕޯޓުތައް ނިންމައި، ޚާއްޞަކޮށް، މައި އެއަރޕޯޓް ނިންމައި، އިޤްތިޞާދު ފުޅާކުރުމަށް މި މަސައްކަތް ކުރަނީ. މި ރަށުގައި މިހިރަ ކަހަލަ، މިގޮތަށް މަސައްކަތް ކުރަން ނިންމަން ހުރި ހުރިހާ މަޝްރޫޢުތަކެއް، ފަށަންހުރި ހުރިހާ މަޝްރޫޢުތަކެއް ފަށައި، ރަށްރަށަށް އެ ދިރުން ގެނެސް، އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގެ ކަންކަން ކުރުމަށް މި މަސައްކަތް ކުރަނީ.
މި ރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ. އަދި އޭގެއިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި މި އަންނަ އަހަރުގެ ތެރޭގަޔާ އެކީގައި، އިރާދަކުރެއްވިއްޔާ އިތުރު ހައުސިންގ ޔުނިޓުތަކުގެ މަޝްރޫޢުތައް ހިންގާނަން. ހަމަ އެއާއެކީގައި، އަމިއްލައަށް ގެދޮރުއެޅުމަށްޓަކައި އެކިކަހަލަ ލުއި ލޯނު ފެސިލިޓީތައް ފޯރުކޮށްދިނުން އެއީ، އަޅުގަނޑު ކަނޑައަޅާފައި އޮތް ސިޔާސަތެއް. މެނިފެސްޓޯގައި ހިމަނާފައިވާ އަދި މިހާރު އަޅުގަނޑުމެންގެ ރަސްމީ ސިޔާސަތެއް. އެކަމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އެ ފެސިލިޓީތައް ހުޅުވާލީމަ އެއީ، ހުރިހާ ރައްޔިތުންނަށް ފުރުޞަތު އޮންނާނެ ކަމެއް. އެހެންވީމާ، އެ ފުރުޞަތުތައް ހުޅުވާލެވޭ ހިސާބުން ދެން އަމިއްލަ ގޯތީގައި، އަމިއްލައަށް ގެ އެޅޭނެ، ކަނޑައެޅިފައި އޮންނަ އުޞޫލެއްގެ ތެރެއިން، ގެ އެޅުމަށް ލުއި ފަސޭހަ ލޯނު ފެސިލިޓީތައް ލިބޭނެ.
އެހެންވީމާ، މިކަހަލަ ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިކަންކަމުގެ ފުރިހަމަ ކާމިޔާބީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ހާސިލުކޮށްދިނުމަށް ކުރާ މަސައްކަތް.
އާދެ، އަޅުގަނޑު ހަމަ ވަރަށް ކުރުކޮށްވެސް މި ދަންނަވާލީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްގެ ވާހަކަ. އަދިވެސް ގިނަގުނަ ކަންތައްތައް ކުރަން އެބަހުރި. ރައްޔިތުން ބާރުވެރިކުރުވައިގެން، ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ބާރުދީގެން އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވަނީ. އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ރައްޔިތުން ތެދުވެގެން ކުރިއަށްދާން އަޅުގަނޑު ބޭނުންވަނީ. އަމިއްލަ ވިޔަފާރިތަކަށް ފުރުޞަތު ދީގެން. އަމިއްލައަށް ވިޔަފާރީގެ ތެރެއަށް ވަދެ، އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް، ކައުންސިލްތަކާވެސް ގުޅިގެން އަދި އަމިއްލައަށްވެސް ކުރެވޭނެ ގޮތްތައް ފަހިކުރަން މި މަސައްކަތް ކުރަނީ. އެއީ، ޙަޤީޤަތުގައި ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނުމުގެ ބޭނުމަކީ. ބަނދަރެއް ހެދިޔަސް، މަގުހެދިޔަސް، ސްކޫލްގައި މަލްޓި-ޕަރޕަސް ހޯލް ހެދިޔަސް، އަދި ރައްޔިތުންނަކަށް އެ މުއްސަނދި ކަމެއް ނާދޭ. އެއީ، ޖަމާޢަތަށް، ރަށަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ ސިޔާސަތު މިހިރީ ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް ފަހިކުރުމުގެ މައްޗަށް.
އެހެންވީމާ، ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް، އެ ކައުންސިލެއްގެ އިޚްތިޞާޞް ތެރެއިން ވިޔަސް، އަދި ވަކިން ދުރުން، ތަންކޮޅެއް ދުރުންވިޔަސް، ފަޅު ރަށެއް ހޯދުމުގެ ފުރުޞަތުވެސް ދޭން ނިންމީ. އޭރުން އެ ލިބޭ ރަށުގެ ބޭނުންހިފައިގެން، އެ ރަށެއްގެ ރައްޔިތުން އެ ކައުންސިލާ ބައިވެރިވެގެން، އެ ރަށެއްގެ ރައްޔިތުން ވިޔަފާރިތަކުގައި ބައިވެރިވެގެން، މި ދެންނެވި ފަޅުރަށުގައި އެކިކަހަލަ އިންވެސްޓްމަންޓްތައް ކޮށްގެން މުއްސަނދިކަން ހޯދޭނީ. އެ ފުރުޞަތު އެވަނީ ހުޅުވާލާފައި މިހާރު. އެ ފުރުޞަތުގެ ތެރެއިން މިހާރު ގެޒެޓްކޮށްފައިވާ ލިސްޓަށް ރަށްތައް އިތުރުކުރަމުން އަޅުގަނޑުމެން ދާނީ.
އެހެންވީމާ، އަޅުގަނޑު އެދެނީ ހަމަ ކައުންސިލްތަކަށްވެސް އަދި އެ ރަށެއްގެ ރައްޔިތުންގެ ކިބައިންވެސް، ކައުންސިލްތަކާ އެކީގައި މަސައްކަތް ކޮށްގެން، މީގެ ބޭނުންހިއްޕަވާށޭ. މިސާލަކަށް، މި ރަށުގެ އިޚްތިޞާޞް ތެރޭގައި ނެތީ ފަޅުރަށެއް. މި ރަށަށް ސީދާ އެޕްލައިވާ ކަމަކަށް، މި މިސާލު ނުވެދާނެ. އެކަމަކު އެކަހަލަ ވަރަށްގިނަ ރަށްތައް އެބަހުރި. ހުއްޓަސް، ތަންކޮޅެއް ދުރުންވިޔަސް، އަޅުގަނޑުމެން ފުރުޞަތު ދޭނަމޭ، އެކަހަލަ ފަޅުރަށެއް ހޯދަން. ހޯދައިގެން އެކިކަހަލަ އިންވެސްޓްމަންޓްތައް، މެދު ސައިޒުގެ، ސްމޯލް ޓު މީޑިއަމް، އެކިވަރުގެ އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ދޭން ނިންމާފައި މިއޮތީ. މިހާރު ގެޒެޓްކޮށްފައި އޮތް ގަވާއިދުގައި އޮންނާނީ، 10 އަހަރު ދުވަހަށް ފުރުޞަތު ދީފައި. އެހެން ނަމަވެސް، އަޅުގަނޑު އޮންނާނީ މިހާރު ނިންމާފައި. އެ ގަވާއިދު އަލުން އިޞްލާޙުކޮށްފައި، 25 އަހަރަށް އިތުރުކުރާގޮތަށް.
އެހެންވީމާ، އެ ލިބޭ ރަށުގައި ވިޔަފާރި ކުރުމުގައި ރަނގަޅު ފުރުޞަތުތަކެއް ލިބޭނެ. އެކި ދާއިރާތަކުން. މަސްވެރިކަމުގެ ދާއިރާއިން ވިޔަސް، އެކިކަހަލަ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ވިޔަސް، ދަނޑުވެރިކަން ކަމުގައި ވިޔަސް، އަތްތެރި މަސައްކަތް ވިޔަސް، ކޮންމެ ކަހަލަ މަސައްކަތެއް ވިޔަސް. ކައިރީގައި އޮންނަ ރިޒޯޓުތަކަށް އެކިކަހަލަ ތަކެތި ސަޕްލައި ކުރުމުގެ ވިޔަފާރި ވިޔަސް. ދެން ކިޔާނެ ކަމެއް ނެތް. ހަމަ ވަރަށްގިނަ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެ، މި ފުރުޞަތުގެ ތެރެއިން.
މިގޮތަށް ބިން ހިއްކާފައި ހުންނަ ރަށްތަކުގައި، އެ ބިމުގައި އިޤްތިޞާދީ ޒޯންތައް ކަނޑައަޅައިގެން، ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ކަނޑައަޅައިގެން، އެ ތަންތަނަށްވެސް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކައުންސިލްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނަން. އަޅުގަނޑުމެން ނުވާނަން ހިފަހައްޓާ ބަޔަކަށް. ކުރީގައި ގިނައިން ފެނިފައި ހުންނާނީ އެކަހަލަ ކަންކަން ކުރަންވީމަ، ވަރަށް އުނދަގުލުން ހުއްދަ ލިބޭނީ. އަޅުގަނޑު ބޭނުންވަނީ، އެ ހުއްދަ އެއީ، ފަސޭހައިން ލިބޭ ހުއްދައަކަށް ހަދަން. ޚާއްޞަކޮށް، މިދެންނެވިހެން އިޤްތިޞާދީ މަސައްކަތްތަކަށް ކުރާ ކަންކަމަށް.
އެހެންވީމާ، ރައްޔިތުންގެ އަތްޕުޅުގައި މިހާރު މިއޮތީ، އެ މުއްސަނދިކަން ހޯދުމަށްޓަކައި މަސައްކަތް ފެށުމުގެ ފުރުޞަތު. އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން. ފުރިހަމަ ފުރުޞަތުތައް ދޭނަން. އެކިކަހަލަ ވިޔަފާރިތައް ކުރަން. އެކިކަހަލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން. ކުދި ފަންތިއާއި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަންވީ. އަދި އުފައްދާ ތަކެތި އޮންލައިންކޮށް ވިއްކުމުގެ ފަސޭހަތައް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ ކަންކަން އެބަ ހިންގަން. މެނިފެސްޓޯގައި ކަނޑައަޅާފައި އެހެރީ ކަންތައްތައް. އެ ކަންކަން ތަންފީޒު ކުރުމަށްޓަކައި މިހާރު ވަރަށްގިނަ މަސައްކަތް އެބަ ކުރަން. އޮންލައިން ޕޭމަންޓް ގޭޓްވޭ ނިޒާމު ހަރުދަނާކޮށް، އޮންލައިން ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ވިއްކައި ގަތުމުގެ ކަންތައް. ބައިންގ އެންޑް ސެލިންގ، އިންޓަރނޭޝަނަލް އެކިކަހަލަ ޕްލެޓްފޯމްތައްވެސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިގެން، އެ މަސައްކަތް ކުރުމަށްޓަކައި ވަރަށްގިނަ ކަންތައްތައް އެބަ ކުރެވޭ.
ޒުވާނުންގެ ތެރޭގައިވެސް ތިއްބަވާނެ، އެކިކަހަލަ ހުނަރު ހުރި ބޭފުޅުން. އެކިކަހަލަ ހުނަރު ވިއްކައިގެން، އެއިން އާމްދަނީ ހޯދޭނެ ކުދިން. ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރަން އަޅުގަނޑުމެން މި ބޭނުންވަނީ.
އެހެންވީމާ، ރައްޔިތުން މި ފުރުޞަތުގެ ބޭނުންހިފައިގެން، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މި ކުރަން ބޭނުންވާ، ރައްޔިތުން އެދޭ ވެރިކަން ކުރުމުގައި ރައްޔިތުން ބައިވެރިވެވަޑައިގަންނަވަންވީ. އޭރުން އަމިއްލަ ނަފްސަށް، އަމިއްލަ ޢާއިލާއަށް، އަމިއްލަ ރަށަށް މުއްސަނދިކަން ލިބިގެންދާނީ.
މިކަމުގައި ހިތްވަރު ދޭން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ފަށްޓަވަންވީ މި މަސައްކަތް. ސަރުކާރުގެ ތެރެއިން ހުރިހާ އެއްބާރުލުމެއް މިކަމުގައި ލިބޭނެ. އަޅުގަނޑު ބޭނުންވަނީ ހަމަ އެންމެ އިސްކަމެއްދީގެން، ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ކަންކަން ކޮށްދޭން.
އާދެ، މި ވާހަކަ ހަމަ ދަންނަވާލާފައި، އަޅުގަނޑު ނިންމާލަން ގަސްތުކުރަނީ. އަދިވެސް އެއްފަހަރު، ދިއްގަރުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ ކަމެއްގައި ހަމަ ކުރިން ދެންނެވި ފަދައިން، ޢަމަލީ ސިފަ ޖައްސައިދީ، ޙަޤީޤަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދާނަން. އެހެންވީމާ، އެ ވާހަކަޔާ އެކީގައި އަޅުގަނޑު ނިންމާލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދުވާފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ނައިބު ރައީސް، އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ. މެންބަރުން، މި ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން.
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރަށަށް ވަރަށް ހޫނުގަދަ ވަގުތަކު މި އާދެވުނީ. އެހެންނަމަވެސް، ތިޔަބޭފުޅުން ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއް. އެކަމަށްޓަކައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ހަމަ އެއާއެކު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ދުވާފަރުގެ ރައްޔިތުން ދެއްވި ތާއީދަށް، ކުރެއްވި އިތުބާރަށްވެސް ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، ކެމްޕެއިންގައި އަޅުގަނޑު ހުންނާނެ ވަޢުދުތަކެއް ވެފައި. އެ ވަޢުދުތައް މަތިން ހަނދާން އެބަހުރި. އެކަންކަން ހުންނާނީ ލިޔަންވެސް ލިޔެވިފައި. ހުރިހާ ވަޢުދަކީވެސް ފުއްދަން ވީ ވަޢުދު. ވޯޓް ހޯދަން ވީ ވަޢުދެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެންމެ ދިގުކޮށްވެސް، ކުރުކޮށްވެސް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ.
ދެން މިއަދު ކައުންސިލް މީޓިންގގައި، ވަރަށް ގިނަ ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.ންވެސް ވަރަށް ގިނަ ކަންކަން ފާހަގަކުރެއްވި. ވަރަށް ތަފްސީލުކޮށް، ވަރަށް ގިނަ ކަންތައްތައް ހިއްސާ ކުރެއްވި. މިއަދު މި ޖަލްސާގައި އަޅުގަނޑު އެ ހުރިހާ ވާހަކައެއް ވަކިވަކިން ނުދެންނެވި ނަމަވެސް، ދެންމެ މިދިން ޔަޤީންކަމުގެ މަތީގައި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑު އެކަންކަން ކޮށްދޭނަން. ހިއްކިފައި އޮތް ބިމުގައި، އެ ބިމުން ފުރިހަމަ ނަފާ ތިޔަބޭފުޅުންނަށް ލިބޭގޮތް ހެދުން، ފެނާއި ނަރުދަމާ އަދި ކަރަންޓް ޤާއިމުކޮށްދީ، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ހިންގައިދިނުން އެއީ، އޭގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން.
ހަމައެއާއެކީގައި ތިޔަބޭފުޅުންނަށް ބޭނުންވާ ފެންވަރުގެ ރަނގަޅު ހޮސްޕިޓަލެއް އަޅުގަނޑު ޤާއިމުކޮށްދޭނެ ކަމުގައި ދަންނަވަން. ހޮސްޕިޓަލް ޤާއިމުވަންދެންވެސް، ކައުންސިލުން، ޑަބްލިޔު.ޑީ.ސީ.އިން ޚާއްޞަކޮށް ފާހަގަކުރެއްވި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތް ވާހަކަ. ކުޑަކުދިންގެ ޑޮކްޓަރެއް ނެތް ވާހަކަ. ނޫނީވިއްޔާ ދާއިމީ ގޮތެއްގައި ނެތް ވާހަކަ. މިވަރުގެ އާބާދީއެއްގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮންމެހެންވެސް ޑޮކްޓަރުން ހަމަޖެހެންވާނެ ދާއިރާތަކެއް އެއީ. ކައުންސިލް މީޓިންގގައި، އެވަގުތު ހެލްތު މިނިސްޓަރަށް އަޅުގަނޑު ދަންނަވާފައި ވާނެ، އެންމެ އިސްކަމެއް ދެއްވައިގެން، މި ރަށުގައި ދާއިމީ ގޮތެއްގައި ތިބޭގޮތަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމަށް.
އަދިވެސް ގިނަ ޚިދުމަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ޞިއްޙީ ޚިދުމަތަކީ ރައްޔިތެއްގެ ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ކަންތައް. ގެދޮރުވެރިކަމަކީ އެންމެ މުހިންމު ކަންތައް. ދެން ޞިއްޙީ ޚިދުމަތް ވަރުގަދަވެގެން ދިޔުން. ރަނގަޅު ތަޢުލީމެއް ލިބުން. ރަނގަޅު ވަޒީފާގެ ފުރުޞަތުތަކެއް ފަހިވެފައި އޮތުން. މި ހުންނަނީ ކޮންމެ ރައްޔިތަކަށްވެސް ކޮންމެހެންވެސް ކޮށްދޭން ޖެހޭނެ ކަންތައްތައް.
މި ރަށުގައިވެސް އެބަހުރި، މަޝްރޫޢުތަކެއް ފެށިފައި، ނުނިމި ގިނަދުވަސްވެފައި ހުރި ކަންތައްތަކެއް. ޕްރައިމަރީ ސްކޫލެއްގެ ނުނިމި ހުރި މަސައްކަތްތައް. ދެން މިހެންގޮސް ފެށިފައި، ނުނިމިހުރި ކުޅިވަރުގެ ދަނޑުތަކުގެ މަސައްކަތްވިޔަސް، ގިނަ ކަންތައްތައް އެބަހުރި. މިކަންކަން ހުރީ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި މަޑުޖެހިފައި، ނޫނީވިއްޔާ ހުއްޓިފައި ގިނަ ރަށްތަކުގައި.
މިކަންކަން ހުއްޓެން މި ދިމާވި ސަބަބު އެއީ، އެންމެންނަށްވެސް އެނގޭ ކަންތައްތައް. ފައިސާ ނުދީ ހުރީމާ. އަޅުގަނޑު މި ދަންނަވަނީ ކޮންމެ ޖަލްސާއެއްގައިހެން މި ވާހަކަ. 9000 މިލިއަން ރުފިޔާގެ ބިލް ހުއްޓޭ، ވެރިކަން ބަދަލުވިއިރުގައި، ރައްޔިތުންގެ އެކިއެކި ބިލުތައް ނުދައްކާ. އޭގެ ތެރޭގައި، ރަށްރަށުގައި އަޅަން ފަށާފައި ހުރި ވޮލީ ކޯޓު ނުނިމިގެން، އެ ހުއްޓެން ޖެހުނު ސަބަބާއި، ސްކޫލްގެ އިމާރާތް ނުނިމިގެން ހުއްޓުނީ އެ ފައިސާ ނުދީގެންކަން އެބަ އެނގޭ. އެހެންވެގެން، އެ ބިލުތައް ނުދައްކައިގެންކަން ނުހިނގަނީ އެބަ އެނގޭ. އެ ބިލުތަކާއި، ބަނދަރުތަކާއި، ނަރުދަމާތަކާއި، މިސްކިތްތަކާ، ދެން މިހެންގޮސް އެކި ޒާތްޒާތުގެ ހުރިހާ މަސައްކަތްތަކެއް ފަށްޓުވާފައި، މަތިމައްޗަށް ސަބް ކޮންޓްރެކްޓްކޮށް، ކޮންޓްރެކްޓަރު ބަދަލުވެ، އަނެކަކަށް އަނެއްކާ އަނެއް 15 ޕަސެންޓް އެޑްވާންސް ދީ، މިކަހަލަ ޒާތަކަށް މުޅި ރާއްޖޭގައި މަސައްކަތްކޮށް، ޕެންޑިންގ ބިލްސްތަކުގެ ގޮތުގައި ކުންފުނިތަކުންނާއި، ސަރުކާރުގެ މިނިސްޓްރީތަކުން ދިވެހި ރައްޔިތުންނަށް 9000 މިލިއަން ރުފިޔާ ނުދައްކައި، މިދިޔަ ސަރުކާރު ނިމިގެންދިޔައީއޭ، ތަކުރާރުކޮށް ކޮންމެ ޖަލްސާގައި މި ދަންނަވަނީ. އެހެންވީމާ، މަސައްކަތް ނުހިނގާ އޮތީ.
އަޅުގަނޑުމެން މި ކުރާ ކަމަކީ، މި ފައިސާ ދައްކަމުން މިދަނީ. މިހާރު ކޮންމެ މިނިސްޓްރީއަކުން، ކޮންމެ މިނިސްޓަރެއްގެ ކިބައިން އައްސަވައިލެއްވިޔަސް ވިދާޅުވާނެ، ތިމަންނަމެން ހަވާލުވިއިރުގައި، މި މިނިސްޓްރީގައި މިހާ ފައިސާ ހުއްޓޭ. މިތައް ސަތޭކަ މިލިއަން ނުދައްކާ ހުއްޓޭ. އެ ފައިސާތައް ދެމުންނޭ މިދަނީ މިވެނި ކޮންޓްރެކްޓަރަކަށް. ދިނީމާ އެ މީހުން މިހާރު މޮބިލައިޒް ކޮށްފިއޭ މަސައްކަތް ނިންމަން. އެހެން ވިދާޅުވާނެ، ކޮންމެ މިނިސްޓަރަކު މިހާރު. ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތައް ހުއްޓިފައި ހުރީ. އަޅުގަނޑު ހަނދާންވަނީ، ސަތޭކަ ތިރީސް ކޮންމެވެސް މިލިއަނެއް، އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދައްކައިފިހެން، އެއްކަލަ ޕެންޑިންގ ބިލްސްތަކުގެ ތެރެއިން. ދެއްކީމާ އެކި ރަށްތަކަށް މިހާރު މޮބިލައިޒް ކޮށްފި ކޮންޓްރެކްޓަރުން. އެގޮތަށް ހުރިހާ މިނިސްޓްރީއެއްގައިވެސް މަސައްކަތްތައް އެދަނީ.
ކުންފުނިތައްވެސް ހަމަ އެފަދައިން. ފެނަކަ އެންމެ ހާލުގައި އޮތީ. އެތައް ސަތޭކަ ބިލިއަން ރުފިޔާއެއްގެ ކޮންޓްރެކްޓް، ސަބް ކޮންޓްރެކްޓްކޮށް، މީހުން އަތުން އެއްޗެހި ގަނެ، ކުދިކުދި ދިވެހި ކުންފުނިތައް ބަނގުރޫޓްވެފައި. ފެނަކައިން އެ މީހުން ލައްވައި މަސައްކަތް ކުރުވާފައި. ފެނަކައަށްވެސް މިޖެހެނީ ސަރުކާރުން ފައިސާދޭން. އެހެންވީމާ، މި ހާލުގައި އޮތް އިޤްތިޞާދެއް އޮތީ އޭރުގައި. އެހެންވީމާ، ރައްޔިތުން ދެން ނިންމެވީ، ދެން އެބަޖެހޭކަން މިކަން ބަދަލުކުރަން. އެހެންވެ ރައްޔިތުން އެކަން އިންތިޚާބުގައި އެ ނިންމުން ނިންމެވީ.
އެހެންވީމާ، އަޅުގަނޑުމެން މިދަނީ މި ފައިސާތައް ދައްކަމުން. މިގޮތަށް ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢުތަކެއް ރަށްރަށުގައި ފެށޭތޯ މި ބަލަނީ. ބައެއް މަޝްރޫޢުތައް ހުރީ އޮޅުންބޮޅުން ވަމުން ވަމުން ގޮސް، ދެން ނުނިއުޅުވޭ ހިސާބުގައި. ދެންޖެހޭނީ ކޮންޓްރެކްޓް ބާޠިލްކުރަން. އެކަހަލަ މަޝްރޫޢުތަކެއް، އެއް ކޮންޓްރެކްޓަރަކަށް ދީފައިހުރި. ނަރުދަމާގެ އެތައް ރަށެއްގެ މަޝްރޫޢެއް ކޮންޓްރެކްޓަރުން އެބައުޅޭ. ދެން މިހެން ގޮސް ފެނުގެ. އެކިކަހަލަ މަޝްރޫޢުތައް އެބައުޅޭ. އެހެންވީމާ، މިކަންކަން ނިއުޅުވުމަކީ މާ ޚަރަދު ބޮޑު ކަމަކަށްވާ ހިސާބަށް ގޮސްފައި ހުރި މަޝްރޫޢުތައް އެބަހުރި.
އެހެންވީމާ، އަޅުގަނޑުމެން މި ޖެހެނީ ޑިޒިޝަންސްތަކެއް، ނިންމުންތަކެއް ނިންމަން. ނިންމާފައި، މި މަޝްރޫޢުތައް ހިނގައިގަންނަ ގޮތް ހަދަން އެބަޖެހޭ. 90 ޕަސަންޓް ނިމިފައި ހުރި ނަރުދަމާ އެބަހުރި، އެތައް ރަށެއްގައި، އެކަމަކު ދެން ކުރަން ހުރި މަސައްކަތް ނެތް ކުރެވޭކަށް. އެހިސާބުގައި އެބަހުރި، މި ދެންނެވި ގޮތަށް، ތާކުންތާކު ނުޖެހޭ ގޮތަށް، ކޮންމެވެސް އެހެން މަޤްޞަދެއްގައި. ދައުލަތުން ފައިސާ ހުސްވެފައި ހުރީ. އެހެންވީމާ، ފައިސާއަށް ވީގޮތް އެބަ އެނގޭ. މަޝްރޫޢު ނުނިންމައި ބިލްކޮށްފައި، ލާރި ބޭނުންކޮށްފައި.
މި ޒާތުގެ މަސައްކަތްތައް އެބަހުރި، މި ރަށުގައިވެސް ހުއްޓިފައި ހުރި ބައެއް ކަންކަމުގައި، މި ސަބަބު. މިއީ ޖުމްލަކޮށް އަޅުގަނޑު ދެންނެވި ވާހަކައެއް. ދުވާފަރަށް ޚާއްޞަ ވާހަކައެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަ ވާހަކައެއް މިއީ. މުޅި ރާއްޖޭގެ ރައްޔިތުންނަށް އާންމު ވާހަކައެއް މިއީ. ހުރިހާ ރަށެއްގައި ކަންކަން އޮތް ހާލަތު މިއީ.
މިދިޔަ 100 ދުވަސް، 14 ހަފްތާގެ ތެރޭގައި އަޅުގަނޑުމެން މި ބެލީ، މިހެން ނުދެއްކި، ދައްކަން ޖެހިފައި ހުރި ފައިސާ ރައްޔިތުންނަށް ދެވޭތޯ. ކުންފުނިތައް އަލުން އެކްޓިވޭޓް ކޮށްގެން ރަށްރަށަށް މޮބިލައިޒް ކޮށްގެން މިހެން ފެށެން ހުރި، ފަށަން ޖެހިފައި ހުރި މަޝްރޫޢުތައް ފެށްޓޭތޯ. އާދެ، އެހެންވީމާ މި ރަށުގައިވެސް ކުރަން ހުރި މިގޮތަށް ހުރި ގިނަ މަސައްކަތްތައް މިހުރީ.
އަޅުގަނޑު މި ދެންނެވި ފަދައިން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ މަސައްކަތްތަކާއި، ޞިއްޙީ ނިޒާމު ވަރުގަދަކުރުމާއި، އަދި ކުޅިވަރުގެ އެކިކަހަލަ ވަސީލަތްތައް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް އެބަހުރި. ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ވާހަކަވެސް، ވަޢުދުވެފައި އޮންނާނެ. ބޭންކް ބްރާންޗެއް ޤާއިމުކޮށްދޭނެ ކަމަށް އަޅުގަނޑު ވަޢުދުވިން. އެކަންވެސް ކޮށްދޭނަން.
އާދެ، މި ރަށަކީ މަސްވެރިކަމުގެ ރަށެއް. މަސްވެރިކަން އެއީ، އަޅުގަނޑުމެން އިޢާދަކޮށް، ވަރުގަދަކޮށް، ފުޅާކުރަން ބޭނުންވާ އެންމެ ބޮޑު އެއް އިންޑަސްޓްރީ. މިހާރުވެސް މިއަދާ ހަމައަށް އައިއިރުގައިވެސް ގާތްގަނޑަކަށް 600 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއީ. އެ ފައިސާ ދޫކޮށްފިން. އަޅުގަނޑުމެން ހަވާލުވިއިރުގައި، 230 ކޮންމެވެސް މިލިއަނެއް، ނިމިދިޔަ ސަރުކާރުން ނުދައްކާ ހުރި. އެ ފައިސާތައް ދިނީ. ދެން މަސްވެރިކަން އިރާދަކުރެއްވީތީ ރަނގަޅު. އެހެންވީމާ، މަސް ބާނާވަރަކަށް، މަސް ކިރާވަރަކަށް މިފްކޯއިން ލާރި ދޭންޖެހޭނެ.
އެހެންވީމާ، އެއްކަލަ 230ގެ އިތުރަށް އަދި ގާތްގަނޑަކަށް 400 މިލިއަން ދެވިއްޖެ މިހާރު. އަދިވެސް ޕެންޑިންގގައި އެބަހުރި. މަސްބާނާވަރަކަށް ފައިސާ ދޭންޖެހޭނެ. އެހެންވީމާ، ރޯދަމަސް އަންނަންވާއިރަށް މި ބަލަނީ ކޮންމެވެސްކަހަލަ ފައިނޭންސިންގ މެކޭނިޒަމެއް ޤާއިމުކުރެވޭތޯ. އެ މަސައްކަތް މިހާރު އެބަ ކުރަން. ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުގެ ބޮޑު ކުންފުންޏަކާ އެކީގައި މަސައްކަތް ކޮށްގެން، ހަމަޖެހިފައި އޮންނަ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މި ބަލަނީ ފައިސާ ހަމަޖައްސަން ރޯދަމަސް އަންނަންވާއިރަށް. އެގޮތަށް މަސައްކަތް މި ކުރަނީ. ވަރަށް ކުޑަ ދުވަސްކޮޅެއް މިއޮތީ. ވަޢުދެއް ނޫން މިއީކީއެއް. މަސައްކަތް އެބަ ކުރަން، މަސްވެރިންގެ ހުރިހާ ފައިސާއެއް ދީ ނިންމޭތޯ. އެ މަސައްކަތް ކުރާ ވާހަކަ ދަންނަވާލަން ބޭނުން. އަޅުގަނޑަށް ވަރަށް ޔަޤީންކުރެވޭ، އެކަން ކާމިޔާބުވާނެ ކަމަށް. ކާމިޔާބު ވެއްޖިއްޔާ، ރޯދަމަސް އަންނަންވާއިރަށް ހުރިހާ މަސްވެރިންނަށް ފައިސާދީ ނިންމޭނެ.
ދެން، އެހިސާބުން އަޅުގަނޑުމެން ބަލާނީ، އަޅުގަނޑު ވަޢުދުވީ ގޮތަށް ގެންދެވޭތޯ. އެއީ، 48 ގަޑިއިރުގެ ތެރޭގައި، ފައިސާ ދިނުން. އެ ހިސާބަށް ނުދެވިގެން އަދި މިއުޅެނީ. ބެކްލޮގްގައި މުޅިން މި އުޅެންޖެހެނީ. އެހެންވީމާ، ބެކްލޮގް ފިލުވައިލަން މި މަސައްކަތް ކުރަނީ. ފިލުވައިލާފައި ދެން އަޅުގަނޑުމެން ބަލާނީ، އަޅުގަނޑުގެ ވަޢުދާ އެއްގޮތަށް، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭތޯ.
އަޅުގަނޑު މިއީ ވަޢުދުވެފައި، ވަޢުދަށް ދޮގުހަދައި، އޮޅުވާލާނެ މީހެއް ނޫން. ދޮގު ހެދުމަކީ އަޅުގަނޑު ކުރާނެ ކަމެއްނޫން. ﷲ ގަންދީ ހުވާކޮށްގެން އަޅުގަނޑު މިހުރީ މިކަންކަމާ ހަވާލުވެ. އެއަށްވުރެ ބޮޑު ހުވައެއް ނޯންނާނެ ނޫންތޯ ކުރެވޭކަށް. އެ ހުވާގެ ކޮންމެ ލަފްޒެއް އަޅުގަނޑަށް މުހިންމު. މި ދުނިޔެމަތީގައިވެސް އެކަމުގައި އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނެ. އާޚިރަތް ދުވަހުންވެސް ޖަވާބުދާރީވާން ޖެހޭނެ. އެހެންވީމާ، އަޅުގަނޑަކީ ދޮގުހަދާނެ މީހެއް ނޫން. އެހެން މީހުން ދޮގު ހަދައިގެން، އަޅުގަނޑު ދައްކާ ވާހަކަ ޓުވިސްޓް ކުރަން އުޅޭނެ. ރޭގައިވެސް އެހެންވި. ދެންމެގައި މިނިސްޓަރ އާދަމް ޝަރީފް ކުޑަކޮށް އެ ބެއްލެވީ އެކަން އޮޅުންފިލުއްވައިދެއްވޭތޯ.
އަޅުގަނޑު ދެންނެވީ، ޓެކްސް ބޭސް ފުޅާކުރާށޭ މިއުޅެނީ. އެއީ، ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހުވެސް އެ ވާހަކަ ދެއްކިން. އޭގެ ކުރިންވެސް އެ ވާހަކަ ދެއްކިން. ޓެކްސް ބޭސް ފުޅާކުރާ ވާހަކަ ދެއްކީމާ، ބައެއް ތަންތާނގައި ލިޔެފައި މި އޮންނަނީ، ފޭސްބުކް ޕޭޖްތަކުގައި ކަންނޭނގެ، އިތުރު ޓެކްސްއެއް ނަގަން އެބައުޅެޔޭ. ޓެކްސް ބޮޑުކުރަން އުޅެނިއްޔޭ. މިހެން އޮޅުވާލުން މިއޮތީ. ޓެކްސް ބޭސް ފުޅާކުރުމަކީ، މިހާރު ނަގަމުންދާ ޓެކްސްތައް، މިސާލަކަށް، ޓޫރިޒަމް ޓީ.ޖީ.އެސް.ޓީ. އަޅުގަނޑު މި ދަންނަވަނީ، ނުހެދި ހުރި ރިޒޯޓުތައް ހަދަން ފައިސާ ހޯދައިދީ، ނޫނީ މަގުތައް ފަހިކޮށްދިނީމާ އެ ރިޒޯޓުތައް ނިމޭނެ ވާހަކަ. އިތުރު އިންވެސްޓަރުން، ޓޫރިޒަމް އިންޑަސްޓްރީއަށް ގެންނާނީއޭ. ގެނެސްގެން ޓޫރިޒަމް ފުޅާވީމާ ޓީ.ޖީ.އެސް.ޓީ. ލިބޭލެއް ގިނަވާނެއޭ. އެ ފުޅާވީ. އެ ބޭސް ފުޅާވީ. އެގޮތަށް މިހާރު ނަގަމުންދާ ޓެކްސް، އެ ޓެކްސްތަކުން ލިބޭ އާމްދަނީ ގިނަކުރަން އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ކަނޑައަޅާފައޭ މިއޮތީ. އެ ވާހަކަ ދެއްކީމާ، އެވެސް އޮޅުވާލަން މަސައްކަތް ކުރަނީ.
އެހެންވީމާ، ދޮގުހަދާ މީހުންނަށް ހީވާނީ ދެންވެސް އެހެން މީހުންވެސް ހަދަނީ ދޮގޭ. އެކި ތަންތަނަށް އަރައި، މި ދައްކާ ވާހަކައަކީ އަޅުގަނޑު ދޮގުހަދަނީއޭ. އަޅުގަނޑެއް ދޮގެއް ނަހަދަން. އެއްވެސް ކަމެއްގައި ނޯންނާނެ މިހާތަނަށް ދޮގު ހަދާފައެއް. އިރާދަކުރެއްވިއްޔާ ނުވެސް ހަދާނަން.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހަމަ ހުރިހާ ކަމެއްގައި، ބޮޑެތި ކަންކަމުންގޮސް ކުދި ކަންކަމަށް، ކަންކަން ކޮށްދޭނަމޭ. މި ރަށުގެ ކަނބަލުން، ޢާއިލާތަކުން، ސްކޫލް ކުދިން ވަރަށް ބޮޑަށް އެދޭ، ސްކޫލް ބަސް ސަރވިސް ތަޢާރުފުކޮށްދިނުމަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ހަމަޖައްސައިދޭނަން.
އާދެ، ހަމަ އެއާއެކީގައި، ދެން ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެވޭތޯ ބަލާ ވާހަކަ، ރަށްރަށުގެ ރައްޔިތުންނަށް މުހިންމުވެފައި ހުރި. އެކަމެއް ކޮށްދިނީމާ ފަސޭހަވާނެ އެތައް ކަމެއް ކޮށްދެވޭތޯ މި ބަލަނީ. ކައުންސިލްތަކަށް އެގޮތުން ވަރަށް ގިނަ ކަންކަން ފަހިކޮށްދެވޭތޯ އެބަ ބަލަން. އެއްފަހަރާ މި އަހަރުގެ ތެރޭގައި މި ބަލަނީ، 50 ރަށެއްގައި، 50 ކައުންސިލެއްގެ ޢިމާރާތް އަޅަން ފެށޭތޯ. އެކަމުގެ މަސައްކަތް އެބަ ހިނގާ. އެންމެ ހާލުގައި ހުރި، އެންމެ ބޮޑަށް ހަލާކުވެފައި ހުރި، އެންމެ ގިނަ ދުވަސްވީ، އެންމެ ޖާގަ ކުޑަ، ކައުންސިލް ޢިމާރާތްތައް ބަލާފައި، އަދި އެންމެ ގިނަ ރައްޔިތުންނަށް ޚިދުމަތްދޭންޖެހޭ ކައުންސިލް ޢިމާރާތްތައް ބަލާފައި، އަޅުގަނޑުމެން 50 ރަށެއް ޚިޔާރުކޮށްފައި، އެ ޢިމާރާތްތައް އަޅަން ފަށަން ނިންމާފައި އެއޮތީ.
އަނެއްކަމަކަށް އަޅުގަނޑުމެން އޮންނާނީ މިހާރު އިޢުލާނުކޮށްފައި، މި އަންނަ މަހުން ފެށިގެން ކައުންސިލުން ކަރަންޓް ބިލް ދައްކާ ދެއްކުމުގައި، މިސްކިތްތަކަށް ދައްކަންޖެހޭ ބިލުގެ ޔުނިޓް ރޭޓް، ޑޮމެސްޓިކް ރޭޓަށް ވާނީ ކުޑަކުރަން ނިންމާފައިކަން. އޭރުންވެސް ވަރަށް ބޮޑު އެއްޗެއް ސޭވްވާނެ، ކައުންސިލްތަކުގެ އާމްދަނީން. ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ތެރެއިން. އަދި ރައްޔިތުންގެ މަޖިލީހުގައި، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް، އަޅުގަނޑުމެންގެ މެންބަރުންނަށް ތާއީދުކޮށް، ހޮވައިދީފިއްޔާ އަންނަ މަޖިލީހުގެ ތެރެއިން، އެއީ، މިހާރު އޮތް މަޖިލީހުން ކަމެއް ނުކޮށްދޭތީ ދަންނަވާ ވާހަކައެއް. މިހާރުވެސް ވަންޏާ ކުރަން ބޭނުން. ޑަބްލިޔޫ.ޑީ.ސީ.އަށް ރަނގަޅު ޙައްޤު މަގާމު ހޯދައިދޭން، ލާމަރުކަޒީ ޤާނޫނު އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން.
އޭރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ލިބޭ އެލަވަންސް މުސާރައަކަށް ބަދަލުވެ، އެ ލިބޭ ފަސް ޕަސެންޓަކީ، ހަމައެކަނި ހަރަކާތްތައް ހިންގަން އޮންނަ އެއްޗަކަށް ހަމަޖައްސައިދީ، މުސާރަދޭނީ މުޅި ކައުންސިލްގެ ބަޖެޓުން ކަމަށް ކަނޑައަޅައި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނަށް ރޯދައެލަވަންސްވެސް ލިބޭގޮތް ހަމަޖެހި، ވިހެއުމުގެ ޗުއްޓީއާއި، ދެންވެސް ހުންނަ މުވައްޒަފުންނަށް ލިބޭ ހުރިހާ ޗުއްޓީތަކެއް ހަމަޖެހި، އެ ލިބޭ މުސާރައަކީ، މުސާރައެއްގެ ގޮތުގައި ކަނޑައެޅުނީމާ، ބޭންކަށް ގޮސް ލޯނުތައް ނެގޭނެގޮތް ހަމަޖެހިގެންދާނީ. މި ހުރިހާ ކަމެއް ހަމަޖައްސައިދޭނަން އިރާދަކުރެއްވިއްޔާ.
އެހެންވީމާ، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.ތައް ބާރުވެރިކުރުވަން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި، ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ ރައްޔިތުންގެ މަންދޫބުންނަކީ، ސަރުކާރާއި ރައްޔިތުން، ދުވަހުން ދުވަހަށް ގުޅުވައިދޭ ފަރާތް. އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންގެ ވެރިކަމެއް ކުރަން. އަޅުގަނޑުގެ ވެރިކަމެއް ކުރާކަށް ނޫން ރައްޔިތުން އަޅުގަނޑާ ހަވާލުކުރީކީ. ރައްޔިތުންގެ ވެރިކަމެއް ކުރަން އަޅުގަނޑާ ހަވާލުކުރީ. އެހެންވީމާ، ރައްޔިތުންގެ ފަރާތުގައި އަބަދުވެސް އަޅުގަނޑު ހުންނާނީ.
އެގޮތަށް، އަނެއް ކަމެއްގެ ގޮތުގައި ވަރަށް ގިނަ ރަށްތަކުން އަންނަ ރިކްއެސްޓެއް މިއީ، ވަރަށް ގިނަ ކައުންސިލްތަކުންވެސް މި ގެންގުޅޭ ރަށު ޕިކަޕޭ މި ކިޔާ ބެޓެރީ އޮޕަރޭޓަޑް ބަގީސްތައް. ނޫނީ ރަށު ޕިކަޕް. އެއަށް އެބަ ނަގާ ސަރުކާރުން 1800 ރުފިޔާ، ފީއެއްގެ ގޮތުގައި. އެއީ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ ވެހިކަލްތަކެއް. އެންވަޔަރަންމަންޓް ފުރެންޑްލީ ވެހިކަލްތަކެއް. އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ މުޖުތަމަޢަކީ ފެހިކަން ގަދަ، އެންވަޔަރަންމަންޓަލް ފުރެންޑްލީ މުޖުތަމަޢަކަށް ހަދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ މަހުން ފެށިގެން، ރަށު ޕިކަޕުގެ މި ނަގާ ފީ އެކީގައި އުވާލާނަން. އޭރުން އެ 1800 ރުފިޔާވެސް ސަލާމަތްވާނެ. އޭރުން އިންޖީނުލީ އެއްޗިއްސަށްވުރެ ބޮޑަށް، ބެޓެރީ އޮޕަރޭޓެޑް އިލެކްޓްރިކް ވެހިކަލްސްތަކަށް ދާންވެސްފަސޭހަވެގެންދާނެ. އާދެ، އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށްޓަކައި އަޅުގަނޑު ހަމަޖައްސައިދޭނަން. އެގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭތޯ އަޅުގަނޑު މި ބަލަނީ.
މިއަދު މި ބައްދަލުވީ ދުވާފަރު ކައުންސިލަކީ، މި ފެށުނު ދަތުރުތަކުގައި އަޅުގަނޑު ކައުންސިލްތަކުގެ ގާތަށްގޮސް ކައުންސިލަރުންނާ ބައްދަލުކުރަން މި ފެށި މަސައްކަތުގައި ބައްދަލުވި 103 ވަނަ ކައުންސިލް.
އެހެންވީމާ، ސަރުކާރަށް 100 ދުވަސްވީއިރު، 103 ކައުންސިލާ ބައްދަލުވީމާ އަޅުގަނޑު ވަރަށް އުފާކުރަން. ދެން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ބާކީހުރި ހުރިހާ ކައުންސިލަކާ ބައްދަލުކޮށް ނިންމައިލެވޭތޯ މި ބަލަނީ. އޭރުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މަސައްކަތް ފަށައިގަނެ، ކުރީކޮޅު އަޅުގަނޑު މި ބޭނުންވި ގޮތަށް، ހުރިހާ ކައުންސިލްތަކަކާ ބައްދަލުވީ. ހުރިހާ ޑަބްލިޔޫ.ޑީ.ސީ.އަކާ ބައްދަލުވީ.
އެހެންވީމާ، ދެން އަޅުގަނޑަށް ފަސޭހަވާނެ، ސީދާ އެ ރައްޔިތުން ބޭނުންވި ކަންތައް، އަޅުގަނޑަށް ސީދާ ހުށަހެޅިގެން، އެކަންކަމާއިގެން ސީދާ އަޅުގަނޑު އުޅެން. އަދި އަޅުގަނޑު އެ ކަންތައްތައް ކުރުމުގައި. މިހާރުވެސް ވާނީ، މި ގޮތަށް ބައްދަލުވި ކައުންސިލްތަކުން އެދުނު ކަންކަމުގެ ޢަމަލީ ސިފަ ގެންނަން މަސައްކަތް ފަށާފައި. ރައީސް އޮފީހުން، ކަމާގުޅޭ މިނިސްޓްރީތަކާއި، ކުންފުނިތަކަށް އެ ކައުންސިލްތަކުން، ކައުންސިލަރުން ހުށަހެޅި ކަންކަން ވާނީ ފޮނުވާފައި. އެކަންކަން ކޮށްދިނުމަށްޓަކައި މަގުފަހިކުރަން ފަށާފައި. އަދި އެކަންކަން މޮނީޓަރވެސް ކުރަމުންދާނެ. ކޮށް، އެކަމުގެ ނަތީޖާ ނެރެދޭނަން. އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއެއް މިހިރީ، އަމާޒެއް މިހިރީ، ނަތީޖާ ނެރެދޭން. އަޅުގަނޑު ކެމްޕެއިންގައި ދެންނެވިން، ރިޒަލްޓް އޮރިއެންޓަޑް، ނަތީޖާ ނެރުމަށް ފޯކަސްކޮށްގެން ހިންގާ ސަރުކާރެކޭ އަޅުގަނޑު ހިންގާނީ. ހުރިހާވެސް އެއްޗަކީ އަޅުގަނޑަށް ނަތީޖާ. ރައްޔިތުން ބޭނުންވާ ނަތީޖާ ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ނެރެދޭނަން.
އެކަން ކުރުމުގައި އަޅުގަނޑަށް ރައްޔިތުންގެ އެއްބާރުލުން ލިބުނީމާ ނިމުނީ. ރައްޔިތުންގެ އެއްބާރުލުން ދެވޭނެ އެތައް ގޮތެއް އޮވޭ. މިހާރު ތިޔަ ދެއްވާގޮތަށް ދެއްވުން. އަދި ސަރުކާރަށް އެންމެ އެހީތެރިކަން، ނޫނީވިއްޔާ ހުރަސްއެޅެން އޮންނަ ތަންތަނުން ރައްޔިތުން ބޭނުންވާ ގޮތަށް، ސަރުކާރަށް އެއްބާރުލުންދޭނެ މަންދޫބުން ހޮވައިދިނުން. އެ ގޮތްގޮތަށް ރައްޔިތުންނަށް އެއްބާރުލުން ދެވޭނެ. ވަރަށް އަވަހަށް އެބައާދޭ އެކަހަލަ އިންތިޚާބެއް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ދެން އިންތިޚާބުގެ ވާހަކަ މިހެން ދަންނަވާލެވުނީމާ، އަނެއްކާ އަނެއް ދޮގުގެ ވާހަކަ ދަންނަވާލަން އެބަޖެހޭ. އަޅުގަނޑުގެ ބޮލުގައި އަޅުވާ ބަދުނާމެއް.
އަޅުގަނޑު ތަޞްދީޤުކުރި ބިލް ތަޞްދީޤުކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް. ދެވަނަފަހަރުވެސް ހަމަ އެގޮތަށް ފާސްކުރީ. އޭގައި އޮތްގޮތުން، އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރު މިވަނީ، 21 އެޕްރީލްގައި އިންތިޚާބު ބާއްވަން. އެ ދުވަސް މި ދިމާވަނީ އާދީއްތަ ދުވަހަކާ. އަޅުގަނޑަށްވެސް ފެނުނީ ނޫހުން. ގެޒެޓް ކޮށްފައި. މާފުކުރައްވާ. އެ ދުވަސް ކަނޑައަޅައިފިކަން އިލެކްޝަނުން އިޢުލާނު ކުރީ، 21 އެޕްރީލް، އާދީއްތަ ދުވަހެއް. އަޅުގަނޑުވެސް ހިތަށްއެރި، އާދީއްތަ ދުވަހަކަށް ކީއްވެބާއޭ މި ހެދީ. ދުވަހަކުވެސް ރާއްޖޭގައި ހެދިގޮތެއް ނޫން. ދެން އަޅުގަނޑުވެސް މި ބެލީ. އެއީ، އިދިކޮޅު ޕާޓީގެ ބޭފުޅުން އަޅުގަނޑު ބަދުނާމުކޮށް ވާހަކަދައްކަން ފަށައިފި. ރައްޔިތުން ވޯޓުލިޔަ ނުދޭންވެގެން، ބަންދުނޫން ދުވަހަކަށް އެ ދުވަސް އަޅުގަނޑު ހަދައިފި ކަމަށް. ދެން އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގައި އަހައިފިން، ކިހިނެއްހޭ މިވަނީ؟ އެ ބޭފުޅުން ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކުރި ގޮތުން، ތިމަންނަމެންނަށް ބޭއްވެން އޮތް ދުވަހަކީ އެޔޭ. ހޮނިހިރު ދުވަހަކަށް ހެދޭކަށްނެތޭ. ރޯދަމަސް ނިމި، 10 ދުވަސް ހަމަވެގެންނޭ ބޭއްވެން އަންނަނީ. އެހެންވީމާ، 10 ދުވަސް ހަމަވީމާ، ދެން ބޭއްވެން އޮތީ އާދީއްތައިގައި. ހޮނިހިރުގައި ބާއްވައިފިއްޔާ 9 ދުވަހަށް ވަނީ. އަނެއްކާ ޤާނޫނާ ޚިލާފުވީ ކަމަށް ވެދާނެ.
އެހެންވީމާ، އެ ބޭފުޅުން އާދީއްތަ ދުވަހަށް ހެދީ، އަޅުގަނޑަކާ މަޝްވަރާއެއް ކުރުމެއްނެތި. ޤާނޫނުގައި އޮތްގޮތްވީމަ، އެ ބޭފުޅުން އެގޮތަށް ހެދީކަމަށް ވަނީ. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ، ތިޔަބޭފުޅުން ތިގޮތަށް ނިންމައި އިޢުލާނުކޮށްފައޭ ތިއޮތީ. އެހެންވީމާ، ދެން އަޅުގަނޑުއެ ދުވަސް ބަންދުކުރާނަމޭ. ދެން މިގޮތަށް ނިންމާފައި އޮއްވައިވެސް، އަޅުގަނޑު ގަސްތުގައި ރައްޔިތުން ވޯޓުލިޔަނުދީ، މަދުކުރުވަންވެގެން، އާދީއްތަ ދުވަހަކަށް ހަދާފައޭ މިއޮތީ. އެ ދުވަސް ބަންދުކުރާކަށްވެސް ގަސްތެއް ނުކުރެޔޭ. މިހެން ދޮގުހެދުން ނޫން ކަމެއް، ދޮގު ހަދަން އެކަނި އެނގޭ މީހުން މިއީ ކުރާ ކަމަކީ.
އަޅުގަނޑަކީ ކަންކަމުގައި ދޮގުހަދާ މީހެއް ނޫން. އަޅުގަނޑަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މީހެއް. ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ މީހެއް. އެއްވެސް ކަމެއްގައި އަޅުގަނޑަށް ޖަވާބު ނުދެވޭ ކަމެއް އަޅުގަނޑަކާ ކުރިމައްޗެއް ނުކުރެވޭނެ އެއްވެސް މީހަކަށް. އެއްވެސް ނޫސްވެރިޔަކަށްވެސް.
އެހެންވީމާ، ޓްރާންސްޕޭރަންޓް، ދެފުށް ފެންނަ ސަރުކާރެއް ހިންގާނަމޭ، އަޅުގަނޑު ދެންނެވިން. ޙަޤީޤީ މާނައިގައި ދެފުށް ފެންނަ ސަރުކާރެއް ހިންގަނީ. އެއްވެސް ކަމެއް ނޯންނާނެ ފޮރުވިފައެއް. ހުރިހާ ކަމެއް ސާފުކޮށް ކިޔައިދެމުން މިދަނީ. ރައްޔިތުން ބޭނުން ސުވާލެއް އަޅުގަނޑަށް ކުރަން ފުރުޞަތު ދީފައި މިއޮތީ. އަޅުގަނޑަކަށް މައްސަލައެއް ނޫން. ކޮންކަމެއްތޯ އަޅުގަނޑު ފޮރުވަން އޮންނާނީ؟ އެހެންވީމާ، ކަންކަން ޙަޤީޤަތަށް ރައްޔިތުންނަށް ކިޔައިދީ، ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ ވެރިކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނީ. އެގޮތަށް ކުރުމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ހަމަ އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ދުވާފަރުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށަށް މި އާދެވޭ ކޮންމެ ފަހަރަކު ހަމަ ވަރަށް ބޮޑު އުފަލެއް ލިބޭ. އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ބައްދަލުވާނެ ކަމަށް އުންމީދު ކުރަން. އަދި މިފަދަ، އަދި މިއަށްވުރެވެސް އުފާވެރި މާޙައުލަކަށް ވާނެ ކަމަށްވެސް އުންމީދު ކުރަން. އަދިވެސް އެއްފަހަރު، ދުވާފަރުގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން، ހާސިލުކޮށްދެވިގެން ދިޔުން. އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް އަޅުގަނޑުމެން އެންމެން މި ބޭނުންވާ ގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ފަހިކުރެވިގެން ދިޔުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިޔަމިގިލީގެ ލޮބުވެތި ރައްޔިތުން، މިތަނުގައި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ޖަލްސާ ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު އަޅުގަނޑު ރަށްރަށަށް ދާން މި ފެށި ފުރަތަމަ ދަތުރުގައި، ދެވަނަ މަންޒިލެއްގެ ގޮތުގައި މި ރަށަށް މި އާދެވުނީ. ވަރަށް ހޫނުގަދަ ވަގުތެއްގައި. ނަމަވެސް، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ، ރައްޔިތުންނާ ގާތުން. ރައްޔިތުންނާ ހަމަޔަށް އައިސް، ކަންކަން އޮޅުންފިލުވައި، ބޭނުންވާ ކަންތައްތައް ރަނގަޅަށް މަޝްވަރާކޮށް ކުރިއަށްދާ އުޞޫލުން. މި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވެފައި ހުރި ގިނަގުނަ ކަންތައްތައް އެބަހުރި. އަދި ކުރީގައި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި، ތިޔަބޭފުޅުން ހުށަހަޅުއްވާފައި ހުރި ކަންކަންވެސް ހުންނާނެ.
އަޅުގަނޑު ހަމަ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އަދި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ވަރަށް ސަމާލުކަން ދޭނެކަމުގެ ޔަޤީންކަން. މި ރަށުގެ ތަރައްޤީއަށްޓަކައި، ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި ބައެއް ކަންކަން އެހެރީ. އަދިވެސް އެބަހުރި ގިނަ ކަންތައްތަކެއް.
މިހާރުގެ ޙާލަތު، ޤައުމުގެ އިޤްތިޞާދު މި އޮތް ޙާލަތު، މީގައި ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް، މުޅި ރާއްޖެއަށްވެސް މި ހުރަހަކަށް މިވަނީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށާ އިޤްތިޞާދީ ރިފޯމް، ނޫނީވިއްޔާ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މި ފަށާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ އަދި އިޤްތިޞާދު އިތުރަށް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހިންގަން މިހާރުވެސް ފެށިފައިވާ ކަންތައްތަކާއި، މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ، މިގޮތަށް މި ރަށްރަށުގައި މި ހުންނަ ތަރައްޤީގެ ކަންކަމަށް ބޭނުންވާ ވަރަށް އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދިޔުން.
ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް ނޮވެންބަރު މަހުން 17 ވަނަ ދުވަހު ސަރުކާރު ހިންގަން ހަވާލުވެގެންދިޔައިރުގައި، ދުވަހަކުވެސް ރާއްޖޭގެ ދަރަނި ނުދާހާ މައްޗަށް ދަރަނި ގޮސްފައި އޮތްކަން. ކޮންމެ ރައްޔިތެއްގެ ބޮލަށްޖެހޭ ނިސްބަތް ވަނީ ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައި. ކުންފުނިތަކުން ދައްކަން ހުރި ލޯނުތައް، ދަރަނިތައް ވަރަށްގިނަ. ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އެހާގިނަ.
އެހެންވީމާ، ކޮންޓްރެކްޓަރުންގެ މަސައްކަތްތައް، އޭރުގައި ކަންކަން ގޮސްފައި އޮތް ގޮތުން، ގިނަ ރަށްތަކުގައި ހުރީ މަސައްކަތް ފަށައި ހުއްޓިފައި. ވަރަށްގިނަ ރަށްތަކުގައި، މިދިޔަ ދެ މަހެއްހާ ދުވަހު އަޅުގަނޑުމެން އަލުން މަސައްކަތް ފަށައި، ބާރަށް މަސައްކަތް ގެންދެވޭތޯ ވަނީ މަސައްކަތް ކުރެވިފައި. ނަމަވެސް، މިވާގޮތަކީ ބައެއް ރަށްރަށުގައި މި ދެންނެވި ޙާލަތު އޮތީމަ، މަސައްކަތް އެހާ ބާރަކަށް ނުއެއްދޭ. އެހެންވީމާ، ޙާލަތު އޮތީ މިހެން. އެހެން ނަމަވެސް، މިއިން އަރައިގަންނާނަން އިރާދަކުރެއްވިއްޔާ. އަރައިގަނެވޭނެ.
މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އަޅުގަނޑު އިއްޔެ ދެއްކި ވާހަކައިގައި، ވަރަށް ތަފްޞީލުކޮށް މި ވާހަކަތައް ފާހަގަކުރިން. އެހެންވީމާ، މި އުނދަގޫ ދަތި ޙާލަތުން އަރައިގަނެ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އަޅުގަނޑުމެން މި ފަށައިގެން މި ގެންދާ އިޤްތިޞާދީ ބޮޑު މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ހާސިލުވެގެންދާނެ.
މި ރަށުގެ ތަރައްޤީއަށް ކުރަން މިހިރަ ކަންކަން އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައިވެސް ކުރަން ނިންމައި، އަދި ތިޔަބޭފުޅުން ތިޔަ ހުށަހަޅުއްވާ ގިނަ ކަންތައްތައް ފަށަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑު އެދެނީ، ކައުންސިލާއި، ސަރުކާރުގެ ކަމާގުޅޭ، އެކިއެކި މަޝްރޫޢުތަކާ ގުޅޭ މިނިސްޓްރީތަކާ އެކީގައި، ކުރިއަށް މި އޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި، ދެތިން ހަފްތާގެ ތެރޭގައި ވަރަށް ގާތުން މަޝްވަރާކޮށްލައްވަން. ކުރައްވާފައި ތަރުތީބު ކޮށްލަދެއްވަން. މި އަހަރުގެ ތެރޭގައި، ކޮން ކަންތައްތަކެއްތޯ، ތަރުތީބަކުން ފަށައިގަނެވޭނީ.
މި ދެންނެވި އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ ސަބަބުން އަޅުގަނޑު މިހެން މި ދަންނަވަނީ. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މިގޮތަށް މަޝްވަރާކޮށްގެން އެކުލަވައިލެވޭ ތަރުތީބެއްގެ މަތިން، މި ރަށުގައި މި އަހަރު ގިނަ މަސައްކަތްތަކެއް އަޅުގަނޑު ފަށްޓައިދޭނަމޭ. ކޯޒްވޭއިން ގުޅައިލުން، އެއީ، އެންމެބޮޑު މަސައްކަތަކަށްވާނެ. އެކަންވެސް އެއީ، އަޅުގަނޑު ވަޢުދުވެސް ވެފައި އޮތް ކަމެއް. އަޅުގަނޑު ވެފައި އޮތް އެއްވެސް ވަޢުދަކަށް ފަރުވާކުޑައެއްނުކުރާނަން.
އެހެންވީމާ، ދޭނެ ޔަޤީންކަމަކީ، މިއަދުވެސް ދޭ ޔަޤީންކަމަކީ، އެއީ، ޙަޤީޤަތަކަށް ވެގެންދާނެ ކަމެކޭ. މި ދެންނެވީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންގެ މިހިރަ ދަތި އުނދަގޫ ޙާލަތު ރަނގަޅުވަމުންދާ ވަރަކުން ކަންކަން ފަހިވެގެންދާނެ. ވީހާވެސް އަވަހަކަށް، ހަމަ މި އަހަރުގެ ތެރޭގައިވެސް ފެށުން. އަދި އަހަރުގެވެސް މެދަކާ ހިސާބުގައި، އޭގެ މަރުޙަލާތައް ފެށިގެންދިޔުން އެއީ، އަޅުގަނޑުގެ ވިސްނުމަކީ.
ރައްޔިތުންނަށް މިދޭ ޔަޤީންކަމަކީ، ކޯޒްވޭ ޕްރޮޖެކްޓްވެސް އަދި ދެން މިހިރަ ހުރިހާ މަޝްރޫޢުތަކެއްވެސް އިރާދަކުރެއްވިއްޔާ، ވަރަށް ސަމާލުކަންދީގެން، ރައްޔިތުންނަށްޓަކައި ވަރަށް އިޚްލާޞްތެރި، ތެދުވެރި ނިޔަތެއްގައި ކޮށްދޭނެކަމުގެ ޔަޤީންކަން. އެހެންވީމާ، އެ ޔަޤީންކަން ހަމަ އަޅުގަނޑު ދޭން ބޭނުންވަނީ.
އަޅުގަނޑު މި ވާހަކަ ނުދަންނަވައި، މިސާލަކަށް، އަޅުގަނޑު މި ތަނަށް އައިސް ދެންނެވީ، ތިޔަ ވިދާޅުވާ ހުރިހާ ކަމެއް ހަމަ ވަގުތުން ފަށާނަމޭ. އެހެންނެއް އަޅުގަނޑެއް ނަހަދާނަން. އެއީ، އަޅުގަނޑު ޒިންމާވާން ބޭނުން. އަދި ޒިންމާވާނަން އަޅުގަނޑު ދައްކާ ވާހަކަތަކަށް. ޤައުމުގެ ޙާލަތު މިއޮތީ އަޅުގަނޑުމެންނަށް ވާރުތަވެފައި، ވަރަށް ދެރަ ނިކަމެތި ޙާލަތެއްގައޭ އަޅުގަނޑު މި ދެންނެވީ. އަޅުގަނޑުމެންގެ ދަރަނި މިހިރަ ހިސާބުން އަޅުގަނޑުމެން އެބަޖެހޭ ކަންތައްތަކެއް ކުރަން.
އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމުގެ ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފެށިފައި މިވަނީ. އެކަން ބަލައިގަނޭ، އަޅުގަނޑުމެންގެ ޤައުމަށް މި އަންނަ، ކަމާގުޅޭ އިންޓަރނޭޝަނަލް އެކިއެކި އިދާރާތަކުންވެސް. އަޅުގަނޑުމެންގެ އަމިއްލަ އިނީޝިއޭޓިވުން، އަޅުގަނޑުމެން އިސްނަގައިގެން، ހުށަހަޅައިގެން މިއުޅޭ، ފަށައިގެން މިއުޅޭ، ރައްޔިތުންނަށް އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅި އިޤްތިޞާދީ މެނިފެސްޓޯ ބަލައިގަނޭ، އައި.އެމް.އެފް. އިންވެސް، ވާރލްޑް ބޭންކުންވެސް. އަޅުގަނޑު އެ ދެފަރާތާ އިއްޔެ އަދި އޭގެ ކުރީ ދުވަހު ބައްދަލުކުރިން. އެހެންވީމާ، އެ ބޭފުޅުންވެސް އެކަން ބަލައިގަނޭ. އަޅުގަނޑުމެން އަމިއްލައަށް މި އިސްނަގައިގެން މި ހުށަހަޅާފައި މިހިރަ އިޤްތިޞާދީ ހުރިހާ ކަމެއް، އެއީއޭ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ޙާލަތުން އަރައިގަތުމުގައި އޮތް ޙައްލަކީ. ތިމަންނާމެންގެ ސަޕޯޓް، އެކަންކަމަށް ދޭނަމޭ. އެހީތެރިކަން ދޭނަމޭ، އެ ބޭފުޅުން ވިދާޅުވި އަޅުގަނޑު ގާތުގައި.
އެހެންވީމާ، އެކަންކަން ކުރުމުގެ މަސައްކަތުގެ ތެރޭގައި އުޅޭއިރުގައި، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް، މިހެން ހުންނަ ތަރައްޤީގެ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ދަތިތައް ހުރީ. އަޅުގަނޑަކީ ޚާއްޞަކޮށް، މިކަހަލަ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބޮޑަށް، ވަރަށްގިނައިން ކުރިއަށް ގެންދަން ބޭނުންވާ މީހެއް. އެކަމަކު ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައްވެސް އެއްފަހަރާ ނުފެށޭނީ މިހެންވެގެން. ޙަޤީޤަތާ އެއްގޮތަށް ދެންނެވުމަކީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުންވާނެ ގޮތަކީ. ކޮންމެ ބޭފުޅަކީ ދިވެހި ރައްޔިތެއް. މި ޤައުމުގެ ކަންކަމުގައި ހެޔޮގޮތްވާން ބޭނުންވާ އަދި އަމިއްލަ ނަފްސަށްވެސް ހެޔޮގޮތް ވާން ބޭނުންވާނެ ރައްޔިތެއް.
އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ޙަޤީޤަތް ގަބޫލުކުރަން. މި ޙަޤީޤަތާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ. ޔަޤީންކަން މިދެނީ، އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތްތަކެއްވެސް، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް، މަގުހެދުންވިޔަސް، ދެންހުރި ކަންތައްތައްވިޔަސް، އެއީ، އަޅުގަނޑު މެނިފެސްޓޯގައި ކަނޑައަޅާފައި، އަދި އަޅުގަނޑުމެންގެ ހަފްތާ 14 ގައި، ފުރަތަމަ 14 ހަފްތާގައި ހިމަނާފައި ހުރި ކަންކަމާއި، އަދި ދެންހުރި ކަންކަމާ، ހަމަ ކުރިއަށް ގެންގޮސްދޭނަމޭ. މި 14 ހަފްތާއަށް ކަނޑައެޅި ކަންތައްތައްވެސް ކަނޑައެޅީ އެ ވިސްނުމުގައި. މިހާރުން މިހާރަށް ކުރެވެން ހުރި ގިނަ ކަންތައްތަކެއް، އޭގައި ކަނޑައަޅައި، މިއަދާ ހަމަޔަށް އައިއިރުގައި، 11 ހަފްތާ ވީއިރުގައި، މި 11 ހަފްތާޔާ ހަމަޔަށް ފުއްދޭނެ ހުރިހާ ވަޢުދެއް އެވަނީ ފުރިހަމައަށް، 100 އިންސައްތައަށް އެކަންކަން ކުރެވިފައި. އަދި ދެންހުރި ކަންކަން، 14 ވަނަ ހަފްތާއާ ހަމަޔަށްދާއިރުގައި ނިންމަންހުރި ކަންކަންވެސް ހަމަ އެގޮތަށް އެބަދޭ.
އެހެންވީމާ، ކުރެވޭނެ ކަންތައް، ކުރާނެ ކަމަށް އަޅުގަނޑުމެން ދަންނަވާފައި، އެކަންކަން ކުރާނަން. އަދި ތަންކޮޅެއް ގިނަ ދުވަސް ނަގާ ކަންކަމުގައިވެސް ހަމަ ތެދުވެރިކަމާއެކީގައި، އެކަންކަން ކޮށްދެވޭނެ ވާހަކަ އަޅުގަނޑު ދަންނަވާނީ. އަދި ދަންނަވާފައި އެގޮތަށް ކުރާނަން އިރާދަކުރެއްވިއްޔާ.
އެހެންވީމާ، ދިޔަމިގިލީގެ ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަމޭ. ކޮށްދޭއިރުގައި، ތަރުތީބެއް ކަނޑައަޅައިގެން، އަޅުގަނޑުމެންގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަޝްވަރާކޮށްގެން، ކައުންސިލުން ވީހާވެސް އަވަހަކަށް އެކަން ކޮށްދެއްވީމަ، އަޅުގަނޑުމެން އެ މަގުޗާޓާ އެކީގައި ކުރިއަށްދާނެ. އޭރުން ތަރުތީބުކޮށްލެވިގެން މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމެއް، ހުއްޓިފައި ހުރި މަޝްރޫޢުތަކާއި އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އެއީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އަޅުގަނޑަށް ދެވޭނެ އެންމެ މުހިންމު ޔަޤީންކަމަކީ. މި އަހަރުގެ ތެރޭގައި ހަމަ މިކަހަލަ ގިނަ ކަންކަން މި ރަށުގައި ޢަމަލީގޮތުން ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
އެހެންވީމާ، އެ ވާހަކައާ އެކީގައި، އަޅުގަނޑު ހަމަ ވަރަށް އުންމީދީކޮށް މި ދަންނަވާލީ. ޙަޤީޤަތްވެސް ބަޔާންކުރުމާ އެކީގައި. އެއީ، އޭރުން ދޮގެއްތޯ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނީ، މިއީކަން ކަންކަން ހުރި ގޮތަކީ. އެކަންކަމުން، ޙަޤީޤަތުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދިޔައިމަ، އަޅުގަނޑުމެންނަށް ޙަޤީޤީ ނަތީޖާ ނެރެވިގެންދާނީ. އެހެންޏާ ކަންތައްތައް ވާގޮތަށް، އިންތިޚާބަކަށް މަހެއްހާ ދުވަހަށްވީމަ، ދޮޅުމަސްވީމަ އައިސް، މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި، ހަމަ ކުއްލިއަކަށް ބިންގާއަޅައި، ކަޑަޖަހާ އުޞޫލުން ކަންކަން ކޮށްފައި ދިޔައިމާ، ރައްޔިތުންނަށްވާ ފައިދާއެއް ނޯވޭ. އެއީ، އަމިއްލަ ނަފްސަށް އޮޅުވާލާ އޮޅުވާލުމަކަށް މިވަނީ. އެނގިހުރެ ކަންކަން އޮޅުވާލެވެނީ. އެހެންވީމާ، އެފަރާތްތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ދެން އޮންނަނީ ވެއްޓިފައި. އެހެންވާކަށް އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުމެއްނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން ޔަޤީނުންވެސް.
އާދެ، ވަރަށް އުންމީދީ ގޮތެއްގައި ތިޔަބޭފުޅުންނަށް އަޅުގަނޑު މި މެސެޖް މިދެނީ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްގައިވެސް ޢަމަލީ ސިފަ ޖެހިގެންދާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި މިގޮތަށް މިހިރަ ހުރިހާ މަސައްކަތްތަކެއް، އަޅުގަނޑުމެންނަށް ވަރަށް އަވަސްމިނެއްގައި ކުރިއަށް ގެންދެވޭގޮތް ހަމަޖެހިގެންދިޔުން. މިހާރު މި ފަށާ އިޤްތިޞާދީ އެޖެންޑާއަކީ، ރާއްޖޭގައި މިހާރު ގެންދެވޭނެ އެންމެ ފުޅާމިނުގައި، އެންމެ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ އިޤްތިޞާދީ އެޖެންޑާ. އެގޮތަށް އެ ފެށޭ ހުރިހާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ އޭގެ ފުރިހަމަ ފޮނި މީރުކަން، ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭނެ ކަންކަން. ކުދިކުދި ވިޔަފާރިތައް އަލުން އުފެދިގެން، މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު އާރޯކަން ލިބޭނެ ކަންކަން. މި ފެށޭ މަސައްކަތުން، ގިނަ އިންވެސްޓްމަންޓްތަކަކަށް ފުރުޞަތު ލިބިގެން އެބަދޭ. އެހެންވީމާ، އެ ދުވަސް އަޅުގަނޑުމެންނާ ވަރަށް ގާތުގައި އެބައޮތް. އަޅުގަނޑަށް އެކަން އެބަ ފެނޭ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މަޑިފުށީގެ ލޮބުވެތި ރައްޔިތުން، އަދި މި ރަށުގެ އަދި މި އަތޮޅުގެ އިސްވެރިން، އަޅުގަނޑާ އެކީ ވަޑައިގެންނެވި ދައުލަތުގެ އިސްވެރިން، މި ޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މި ރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް، މަޝްރޫޢުތައް އަދި އުންމީދު ހާސިލުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަމޭ. އަޅުގަނޑު އިޤްތިޞާދުގެ ވާހަކަ ދައްކަމުން އެބަ ދަން. އިއްޔެ ވަރަށް ތަފްޞީލުކޮށް ދެއްކިން. އެއީ، ޙަޤީޤަތް. އަޅުގަނޑުމެން މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ދެންމެ މިނިސްޓަރ ޒަމީރު އެ ފާހަގަކުރެއްވި ފަދައިން، ސްޕެންޑް ކުރަމުން، އާރން ކުރަމުން، ދެ ކަންތައް ބެލެންސް ކުރަމުން، ލޯނު ނަގަންޖެހޭ ފަހަރުފަހަރު ލޯނު ނަގަމުން، ހިލޭ ގްރާންޓް އެއިޑް ހޯދޭތޯ މަސައްކަތް ކުރަމުން، މިކަހަލަ ގޮތަކަށް މި މެނޭޖް ކުރަނީ.
މިހާރު މިދިޔަ ގާތްގަނޑަކަށް ދެ މަހާ ބައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި މަސައްކަތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައިވެސް ވަރަށްގިނަ އަދަދެއްގެ ފައިސާ، އިރާދަކުރެއްވީތީ ލިބޭގޮތަށް އޮތީ ހަމަޖެހިފައި. އަދި ލޯނުގެ ގޮތުގައިވެސް، ލުއި ލޯނުގެ ގޮތުގައި، ދެ ޤައުމުގެ ދޭތެރޭގައި ސޮއިކުރެވޭ ލުއި ލޯނު އެގްރީމެންޓްތައް ކުރުމުގެ މަގުވެސް ވަރަށް ބޮޑަށް ފަހިވެފައި، ޚާއްޞަކޮށް ޗައިނާއަށް ކުރި ދަތުރާއެކީ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެކަން ޔަޤީން.
މި ދަންނަވާ ވާހަކައަކީ، ރައްޔިތުންނަށް ބޭނުންޖެހިފައި މިހިރަ މުހިންމު ކަންކަން ކުރުމުގައި އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ކާމިޔާބީތަކެއް އަޅުގަނޑުމެން ހޯދައިދޭނަމޭ. ވަރަށްގިނަ މަސައްކަތް ޚާއްޞަކޮށް، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، ހުއްޓިފައި ހުރި މަސައްކަތްތަކުގެ ވާހަކަ. އެކަންކަމާ އެކީގައި، ދެން ކުރަންހުރި ކަންކަމަށް ބަލާއިރުގައި މިހިރީ ވަރަށް ގިނަ މަސައްކަތް. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މި ހުރިހާ ކަމެއްވެސް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން. އެހެން ނަމަވެސް، ތަރުތީބުކޮށްލަން ޖެހޭނެ، ޚާއްޞަކޮށް، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތް ކުރާއިރުގައި، އަޅުގަނޑު އެދެނީ، ކައުންސިލުން ސަރުކާރަށް، މި ރަށަށް އެންމެ ބޭނުންވާ، ޚާއްޞަކޮށް، ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގަންނައިރުގައި، އިސްކަން ދޭންވާ ކަންކަން ފާހަގަކޮށްލަދޭން. ދަތިވާ ހުރިހާ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި މުހިންމު ހުރިހާ މަސައްކަތެއް ކުރާނަން. އެ ޔަޤީންކަން އަނެއްކާވެސް އަޅުގަނޑު ދެން.
އާދެ، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، އަޅުގަނޑުމެންގެ ވަރަށް މުހިންމު އެޖެންޑާއެއް، ފަރުދުން މުއްސަނދިކޮށްދިނުން. އިންޑިވިޖުއަލުން، އަމިއްލަ ފަރުދުންނާއި، ކުދިކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ވަރުގަދަކޮށްދިނުމުގެ ފުރުޞަތު ދިނުން. އެކަންކަން ކުރެވޭނީ، ރަށެއްގައި ވެއްޖިއްޔާ ކައުންސިލަށްވެސް އެ ފުރުޞަތު ދީގެން.
އަޅުގަނޑުމެންގެ ނިޒާމަކީ، ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ބާރު ދިނުމުގެ ނިޒާމު. އެ ފަލްސަފާ. އެގޮތުން، އެކަމަށް ޚާއްޞަ މިނިސްޓްރީއެއް އުފައްދައި، ވަޒީރެއް ކަނޑައަޅައި، ދެން އަދި އޭގެއިތުރަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ކެބިނެޓުގައި ވަރަށް މަޝްވަރާ ކުރެވި، ކައުންސިލްތަކަށް ވާނީ އިޤްތިޞާދީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ ވަރަށްބޮޑު ފުރުޞަތެއް، ވަރަށްފަހި، ފުޅާ ފުރުޞަތެއް ހުޅުވައިދީފައި. އެކަމަށް ޚާއްޞަ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ގެޒެޓް ކުރެވި، މި މަސްތެރޭގައި އޭގެ ދަށުން، އެ ގަވާއިދުގެ ތެރެއިން ކައުންސިލްތަކަށް، ކައުންސިލްގެ އިޚްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޚްތިޞާޞްގެ ތެރޭގައި ރަށެއް ނެތިއްޔާ، ދުރުގައި އޮތް އެހެން އަތޮޅެއް، ނޫނީވިއްޔާ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބެންޏާ، ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު އެއޮތީ އަޅުގަނޑުމެން ފަހިކޮށްދީފައި.
އެހެންވީމާ، އެއީ، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ކައުންސިލް ބާރުވެރިކުރުވީމާ، އިޤްތިޞާދީ ފުރުޞަތު ދިނީމާ، އެއިން އެ ރަށެއްގެ ރައްޔިތުންނަށް ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނަށް އާމްދަނީ ހޯދޭނެ ފުރުޞަތުތައް ލިބޭނީ. އެހެންވީމާ، އެއީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ލިބޭ ރަނުގެ ފުރުޞަތެއް. މިހާރު އެ ގަވާއިދު އެއޮތީ އަޅުގަނޑުމެން ގެޒެޓް ކޮށްފައި. އެއްމަސްވާ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ. އެހެންވީމާ، އެހާތަނަށް ދާއިރުގައި، އެ ގަވާއިދުގެ ތެރެއިން، ރަށްރަށް ހޯދަން އެޕްލައި ކުރެވޭނެ ގޮތް ފަހިވެގެންދާނެ. ހުރިހާ ކައުންސިލްތަކުން އެއަށް ތައްޔާރުވެވަޑައިގަތުމަށް އަޅުގަނޑު އެދެން. ތައްޔާރުވެވަޑައިގެން، އެ ކައުންސިލެއްގެ އިޚްތިޞާޞް ތެރޭގައި ހިމެނުނަސް، ހިމެނިފައި ނެތިއްޔާ، ނުހިމެނޭ، ތަންކޮޅެއް ދުރުގައި އޮތް ރަށެއްވިޔަސް ހޯދޭނެގޮތް ކައުންސިލުން މި ދެންނެވި އެޕްލިކޭޝަންގެ ތެރެއިން ޕްރޮޕޯޒަލް ހުށަހަޅައިގެން، ސަރުކާރުން އެ ރަށް ހޯދުމުގެ ފުރުޞަތު ލިބިގަތުމަށްޓަކައި އަވަހަށް ތައްޔާރުވެވަޑައިގަންނަވާށޭ. އޭރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް، ރަށު ރައްޔިތުން ބައިވެރިކޮށްގެން، ރަށުގައި ޤާއިމުވެފައި ތިބި އަދި ރަށަށް ނިސްބަތްވާ ރައްޔިތުންގެ ކުންފުނިތަކަށް ބައިވެރިވެވޭނެ ކައުންސިލާ އެކީގައި. ބައިވެރިވެގެން ރަށަށް މުއްސަނދިކަން، އަމިއްލަ ފަރުދުންނަށް މުއްސަނދިކަން ހޯދޭނެ ފުރުޞަތު ލިބޭނެ.
އެހެންވީމާ، އެއީ، ވަކި މި ރަށަށް ޚާއްޞައެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އޮތް ރަނުގެ ވަރަށްބޮޑު ފުރުޞަތެއް. އެކަން އޭގެ ފުރިހަމަ މިނުގައި، އެންމެ ފުޅާމިނުގައި ބޭނުންހިފަން އަޅުގަނޑު ހުރިހާ ރަށެއްގެ ކައުންސިލަރުންނަށް، ކައުންސިލްތަކަށް، އަދި ރައްޔިތުންނަށް، ވިޔަފާރިކުރާ ފަރާތްތަކަށް ދަންނަވަން. އެކަމަށް ހިތްވަރުދެން.
ދެން މި ރަށަށް ބަލާއިރުގައި، މި ރަށުގެ ކައިރީގައި، މި ރަށުގެ އިޚްތިޞާޞް ތެރޭގައި މި އޮތް ރަށަށް ބަލާއިރު، އުފުރިޔާއަށް ބަލާއިރުގައި، މިހާރު ރިވެޓްމަންޓް މަޝްރޫޢު ކުރިއަށްދާއިރުގައިވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް، މި ރަށާ އެ ރަށް ގުޅުވައިލުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމެއް. ކޮށްދީ، ޖާގަ އިތުރުކުރެވި، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ. އަދި އޭގެ އެކޮޅަށް އޮންނަ ކޮޅުފުށިވެސް އިރާދަކުރެއްވިއްޔާ، ދެންމެ އަޅުގަނޑު މި ދެންނެވި ގަވާއިދުގެ ތެރެއަށް ދާންޖެހެންޏާ އެއަށް ގޮސް، އަދި އެހެން ނޫނީވިއްޔާ އިޚްތިޞާޞް ކަނޑައެޅުމަށްޓަކައި އޮންނަ ހަމަތަކުގެ މަތިން، އޭގެތެރެއިން ގެންގޮސްގެން ވިޔަސް، މި ދެންނެވި ގޮތުންކުރެ ކޮންމެވެސް އެއް ހަމަޔަކުން، މި ރަށުގެ ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ރަށްވެސް ހަވާލުކޮށްދޭނަން. އޭރުން ކައުންސިލަށް މި ދެންނެވި ބީދައިން އިޤްތިޞާދީ ފުރުޞަތުތައް ފަހިވާނެ.
މި ރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ވިޔަފާރިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އެ އިންޑަސްޓްރީ އިތުރަށް ފުޅާކުރަން ކަމުގައިވިޔަސް، އެ އިންޑަސްޓްރީގެ ތެރެއިން އިތުރު ސަބް އިންޑަސްޓްރީތައް ފުޅާކުރަން ކަމަށްވިޔަސް، އަދި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރަންވިޔަސް، އަޅުގަނޑުމެން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. އެހެންވީމާ، މި ފުރުޞަތުގެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ ވަރަށް ފުޅާމިނުގައި.
ހަމަ އެއާއެކީގައި، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކަ، އިއްޔެވެސް އަޅުގަނޑު އިޢުލާނު ކުރިން، ދެންނެވިން. ޤައުމީ ބޮޑެތި މައްސަލަތަކަށްފަހު، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ގެދޮރުގެ މައްސަލައަށް ރައްޔިތުންނަށް ޙައްލު ގެނެސްދޭން ކަމަށް. ދެންމެ ކައުންސިލްގެ ރައީސްވެސް އެ ފާހަގަކުރެއްވީ، މި ރަށަށްވެސް ގެދޮރުގެ މައްސަލަކަން އެންމެ ބޮޑީ.
ގެދޮރުގެ މައްސަލަ، ހައުސިންގ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ކެބިނެޓުގައި މިހާރު، މިދިޔަ ދުވަސްކޮޅުވެސް އެކަމާ ގުޅޭ އެކިއެކި މަޝްވަރާތައް ކޮށްފިން. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަ ކުރެވޭ މިންވަރަކުން، ވަރަށް މަސައްކަތްތައް މި ކުރެވެނީ. އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮތް ލުއި ލޯނުތައް ދިނުން. އެއީ، 5 ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާނެ ވަރަށް އެފޯޑަބަލް ލުއި ލޯނުތައް. އެ ލޯނުތައް ދެވޭނެ ފެންވަރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާކުރަން. ކޮށްގެން އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ވަރަށް އަވަހަށް އަޅުގަނޑުމެން މި ދެންނެވި ލޯނުތައް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ނިޒާމު ޤާއިމުކުރާނަން. އޭރުން، ރަށްރަށުގައި ހުންނަ ގޯތިތަކުގައި، އެ ރައްޔިތުން ބޭނުންވާގޮތަކަށް، ގެދޮރުއަޅާނެ ލުއި ލޯނު، އެއީ، ފުރަތަމަ ގެ، ފަސްޓް ހޯމް، ފުރަތަމަ ގެ ބޭނުންވާ ފަރާތްތަކަށް ފުރަތަމަ ގެ އެޅުމަށް އޭގައި އިސްކަން ދެވޭނީ.
އެހެންވީމާ، ގެދޮރު ބިނާކުރުމާއި އަދި އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް ދޭ ލޯނާއި، ހަދާފައި ހުރި ގެއެއް މަރާމާތު ކުރަން ދޭ ލޯނާ، މި ތިން ވައްތަރުގެ ލޯނު ދޫކުރުން އަޅުގަނޑު މެނިފެސްޓޯގައި ހިމަނައި، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ. އަދި އޭގެއިތުރަށް ދެން އޮންނާނީ، ހައުސިންގ ޔުނިޓުތައް ބިނާކޮށްދިނުމުގެ ޕްރޮޖެކްޓްތައް ހިންގުން. އެކަމަކީ އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، އަޅުގަނޑުމެން މިދޭތެރެއިން ޗައިނާއަށް ކުރި ދަތުރުގައި ސޮއިކުރެވުނު އެއް އެމް.އޯ.ޔޫ.ގެ ތެރެއިން ވަރަށް ބޮޑަށް ފަހިވެފައި އޮތް ކަމެއް. އޭގެތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ދެންނެވި ގޮތަށް، ރާއްޖެއަށް އެފޯޑް ކުރެވޭކަހަލަ G2G ލުއި ކޮންސެޝަނަލް ލޯނުތައް ނަގައިގެން، މިފަދަ ރަށްރަށުގައި ހައުސިންގ ޔުނިޓުތައްވެސް އަޅައިދިނުމަށް. އެހެންވީމާ، އެ މަގުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރަން މިއުޅެނީ. އެކަމާ ގުޅޭ ވަރަށްގިނަ ފަންނީ އިދާރީ މަސައްކަތްތައް، ޓެކްނިކަލް މަސައްކަތްތައް މިހާރު ހިނގަނީ. ބާރު ސްޕީޑްގައި ވަރަށްގިނަ މަސައްކަތް އެބަ ހިނގާ.
އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ގެދޮރު ބިނާކުރުމަށްޓަކައި ތަފާތު ލޯނުތައް ދޫކުރުމާއި، ހައުސިންގ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނަށްވެސް އޭގެ އުފާވެރިކަމާއި ފޮނިމީރުކަން ހާސިލުކޮށްދޭނަމޭ.
އާދެ، އިޤްތިޞާދީ ފުރުޞަތުތައް ދިނުމާއި، ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް އަޅުގަނޑުމެން މި ދެންނެވި ގޮތަށް ފޯރުކޮށްދޭނަން. ދެން ހަމަ މި ނުފެށިފައި، ހުއްޓިފައި ނުފެށި ހުރި މަޝްރޫޢުތައް ފެށުމުގައިވެސް ބަޖެޓުގެ ތެރެއިން، މި ދެންނެވީ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިކުރާ މަސައްކަތްތައް ކާމިޔާބު ކުރެވެމުންދާވަރަކުން މަސައްކަތްތައް ދާނީ ފެށެމުން. މިހާރުވެސް އެތައް ކުންފުންޏެއްގެ އިޤްތިޞާދީ ޙާލަތު، މާލީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް އެބަ ހިންގަން. އާރު.ޑީ.ސީ. ވިޔަސް، އެމް.ޓީ.ސީ.ސީ. ވިޔަސް، ފެނަކަވިޔަސް، އެމް.ޑަބްލިޔޫ.އެސް.ސީ.، ދެން މިހެން ކިޔާނެ ކަމެއްނެތް. އެކިއެކި މަޝްރޫޢުތައް ހިންގާ ހުރިހާ ކުންފުންޏެއް. މި ކުންފުނިތަކުގައި ހުރި އެކި ކަހަލަ ދަރަނިތަކާއި، އެކި ކަހަލަ މައްސަލަތައް އެބަހުރި އަޅުގަނޑުމެންނާ ހަމައަށް އައިއިރު. އެކަންކަން ރަނގަޅު ކުރުމަށްޓަކައި ވަރަށް މަސައްކަތް މި ކުރަނީ. ކުރެވޭ މިންވަރަކުން އަޅުގަނޑުމެން މިގެންދަނީ، ހުއްޓިފައި ހުރި އެތައް މަސައްކަތެއް ފެށުމުގެ މަސައްކަތް. މިހާރުވެސް ގިނަ ރަށްތަކެއްގެ މަސައްކަތް ފެށިއްޖެ.
އަޅުގަނޑުމެން ވަޢުދުވެފައި އޮތް އެއް ކަންތައް އެއީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މަގުހެދުން. އޭގައި ވަޢުދުވެފައި އޮންނާނީ، މިފަދަ ރަށްތަކުގައި ހުރި ހުރިހާ ބޮޑެތި މަގުތައް ހަދައިދޭނެ ކަމަށް. އަޅުގަނޑު އެކަމަށް ކެމްޕެއިންގައި ވަޢުދުވިން މި ރަށުގައިވެސް. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ބަހާއި ޢަމަލާ ހަމަ އަބަދުވެސް ދިމާވާނެ މީހެއް. އަޅުގަނޑު ވަޢުދުވީ ގޮތަށް މި ރަށުގެ މަގުތައް ހަދައިދޭނަން. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މަގުހެދުން ކުރިއަށްދާނެ. އެކަމަކު މި ދެންނެވި ފަދައިން ތަރުތީބު ކުރެވިގެން، ކަނޑައެޅޭ އުޞޫލެއްގެ މަތިން މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނީ.
ހަމަ އެއާއެކީގައި، ދެން ހުންނާނީ ޢުމްރާނީ ތަރައްޤީގެ ދެންހުރި މަޝްރޫޢުތައް. އެ މަޝްރޫޢުތައްވެސް ހަމަ މި ދެންނެވި ބީދައިން ތަރުތީބުކޮށްގެން ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނަން.
އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ދެން މިކުރާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް. އެގޮތުން، އަޅުގަނޑުމެންގެ ހުރި އިޤްތިޞާދު އިންޑަސްޓްރީތައް، ޞިނާޢަތްތައް އިތުރަށް ފުޅާކުރަން މި މަސައްކަތް ކުރަނީ. މައިގަނޑު ޞިނާޢަތްތަކަކީ، ޓޫރިޒަމާއި މަސްވެރިކަން. ދެން އޮތީ ދަނޑުވެރިކަން. ޓޫރިޒަމް ޞިނާޢަތް ފުޅާކުރުމަށްޓަކައި ޓޫރިޒަމްގެ ރިޒޯޓުތައް، ޓޫރިޒަމްގެ އެކިކަހަލަ މަޝްރޫޢުތައް، އެކި އަތޮޅުތަކަށް، އެކި ކަންކޮޅުތަކަށް ފުޅާކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އިންވެސްޓަރ ކޮންފިޑެންސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެނައުން އެއީ، މި ދެންނެވި ފުޅާކުރުމަށްޓަކައި އޮތް ކީ. އެ ކީ އަކީ، މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން އެބަ އަރައިގަންނަކަން، އެއަށް ބުންވަރު އެބަ ލިބޭކަން، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް އެބަ ތެދުވާކަން، އެ ގެރެންޓީ، އެ ކޮންފިޑެންސް އިންވެސްޓަރުންނަށް އެބަ ލިބެންޖެހޭ. އެހެންވެގެން ކުރެވޭ މަސައްކަތް މި ކުރަނީ މިހާރު.
އަޅުގަނޑަށް އޮތް ޔަޤީންކަމަކީ، އަދި އަޅުގަނޑުމެންގެ ޓީމަށް އޮތް ޔަޤީންކަމަކީ، އެކަން ކުރެވޭނެކަން. އަދި އެކަން ބަލައިގަނޭ، ރާއްޖެއަށް އަންނަ އިންޓަރނޭޝަނަލް އެކިއެކި ޖަމުޢިއްޔާތަކާއި، އިންސްޓިޓިއުޝަންސްތަކުންވެސް. އެހެންވީމާ، އެ މަސައްކަތް މިދަނީ ބާރަށް ކުރެވެމުން.
އެހެންވީމާ، އޭގެތެރެއިން މި ދެންނެވި ފަދައިން ޓޫރިޒަމް ފުޅާކުރެވޭނެ. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި އަމާޒު ކޮށްފައި އޮތް ގޮތަށް 20 ރިޒޯޓް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 20 ރިޒޯޓް ހުޅުވުމުގެ މަސައްކަތް މި ކުރަނީ. މި އަތޮޅަށްވެސް، މި ސަރަޙައްދަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ، އޭގެ ފައިދާ ގެންނަން.
އެހެންވީމާ، ވަރަށް ބޮޑަށް އުންމީދު ކުރަން، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ގެންދެވޭނެ ކަމަށް. ތިޔަބޭފުޅުންވެސް ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި ސަރަޙައްދުގައިވެސް ރިޒޯޓުތައް ހުޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން.
ދެން ހަމަ އެއާއެކީގައި، އެއަރޕޯޓުގެ މަސައްކަތް. މި އަތޮޅުގައި މަދުވެގެން ތިން އެއަރޕޯޓް އޮންނަންޖެހޭ ކަމަށް މި ގަބޫލުކުރެވެނީ. މިހާރު އޮތް އެއަރޕޯޓުގެ އިތުރަށް، ގުރައިދޫގައި އަޅުގަނޑުމެން އަޅާ އެއަރޕޯޓުގެ އިތުރަށް، ވިލުފުށީގައި އެއަރޕޯޓެއް އަޅާނެކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނީ. އެހެންވީމާ، މި ތިން އެއަރޕޯޓް އެޅިގެންދިޔައިމާ، ދާއިރާއަށާއި، ކައިރީގައި އޮންނަ ރަށްތަކަށް އޭގެ ފައިދާވެ، އަތޮޅުގައި ތިން އެއަރޕޯޓް އޮންނާނެ.
އެހެންވީމާ، އެ ތިން އެއަރޕޯޓުގެ އިތުރަށް، މި ދެންނެވި ގޮތަށް، ރިޒޯޓުތައް އިތުރުކުރެވިގެން ދިޔައިމަ، އިރާދަކުރެއްވިއްޔާ އާމްދަނީ އިތުރުކުރެވި، ވަޒީފާ އިތުރުކުރެވި، ދެން މި ދެންނެވި ގޮތަށް ކައުންސިލުގެ ތެރެއަށް، އިޚްތިޞާޞް ތެރެއަށް ރަށްރަށް ލެވޭގޮތްވީމަ، ރަށުގެ ވިޔަފާރިވެރިންނާއި، އަމިއްލަ ފަރުދުންނާ ގުޅިގެން ކައުންސިލްތަކަށް ވިޔަފާރިތައް ކުރެވޭގޮތްވީމަ، މި ރަށަށް ވެއްޖިއްޔާ، ކައިރީގައި މިއޮތް ދެ ރަށާ އެކީގައި، އެ ފުރުޞަތު ލިބުނީމަ، ވިޔަފާރީގެ ފުރުޞަތު އިތުރުކުރެވި، އިރާދަކުރެއްވިއްޔާ މުއްސަނދިކަން ލިބިގެންދާނީ. އެހެންވީމާ، މި މަގުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ. ދެން ހަމަ މިއާއެކީގައި، އަޅުގަނޑު މި ދެންނެވި ފަދައިން، ގެދޮރު ބިނާކުރުމަށްޓަކައި ފުރުޞަތުތައް ފަހިކޮށްދޭނީ. މިއީ އަޅުގަނޑުމެންގެ ތަޞައްވުރު އޮތް ގޮތަކީ.
އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް، ކަންކަން ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އާމްދަނީ އިތުރުކުރެވޭނެ ފުރުޞަތުތަކާއި، ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް، މި ރަށުގައި ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ދެމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ވޭމަންޑޫގެ ލޮބުވެތި ރައްޔިތުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒް، އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް، ރަށު ކައުންސިލްގެ މެންބަރުން، އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، އަޅުގަނޑާ އެކީ ވަޑައިގެންނެވި ޓީމުގެ ހުރިހާ ބޭފުޅުން، މި ޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެން މިދިޔަ އަހަރު 17 ނޮވެންބަރުގައި މަސައްކަތް ފެށި ފަހުން މިއަދާ ހަމަޔަށް އައިއިރުގައި، ރަށްރަށަށް ދަތުރުކުރަން މިއަދު މި ފެށުނީ. އަޅުގަނޑު ދަތުރުތައް މިހާހިސާބަށް ކުޑަކޮށް ލަސްކޮށްލަން ބޭނުންވީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން، ކޮންމެވެސްވަރަކަށް ހަމަމަގަށް އެޅުވުމަށްޓަކައި ބައެއް މަސައްކަތްތައް ކޮށްލަން. ބޭރުގެ ބައެއް ޤައުމުތަކުންނާއި، ބައެއް މުއައްސަސާތަކާ ވާހަކަ ދައްކައި، އެހީތެރިކަން ހޯދޭނެ ގޮތްގޮތް ފަހިކުރުމަށްޓަކައި އިސްކަންދީގެން މަސައްކަތް ކުރުމަށް.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ މުހިންމު ކަންކަމަށް ޙައްލު ގެނައުމުގައި، މި ހޭދަކުރެވުނު ވަގުތުގައި ﷲގެ ރަޙްމަތްފުޅާ އެކީގައި، އަޅުގަނޑުމެންގެ ޓީމުގެ ބުރަ މަސައްކަތާ އެކީގައި، ވަރަށް ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެވިފައި. ރަނގަޅު ބިންގާތަކެއް އެޅިފައި. އެހެންވީމާ، ދެން ކުރިއަށް އޮތް ދުވަސްތަކުގައި، އެ ބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ރައްޔިތުން އެދެމުންދާ ގޮތަށް ކަންކަން ބައްޓަންވެ، ނަތީޖާ ނެރެވިގެންދާ ތަން އިރާދަކުރެއްވިއްޔާ ފެންނާނެ ކަމުގެ ޔަޤީންކަން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.
އިޤްތިޞާދީ ގޮތުން ޤައުމު އޮތް ޙާލަތުން ޤައުމު ނަގައި ކޮޅަށްޖެހުން. ޤައުމުގެ މިނިވަންކަން، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލް ސަލާމަތްކޮށް ޙިމާޔަތް ކުރުން. ޤައުމުގައި ހުރި ރައްޔިތުންނަށް އެންމެ ދަތިވެފައިވާ، އެންމެ ބޮޑެތި ކަންކަން، ގެދޮރުވެރިކަމާއި، މިހެންގޮސް އެންމެ ކުދިކުދި ކަންކަމާ ހަމަޔަށްވެސް ހުރި ކަންކަމަށް ޙައްލު ގެނެސްދިނުން. މި ހުރިހާ ކަމެއް ކުރުމުގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މި އޮތް ދުވަސްތަކުގައި، އޭގެ ފުރިހަމަ ނަތީޖާ ފެންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
އާދެ، ކެމްޕެއިން ތެރޭގައި އަޅުގަނޑަށް ދެވުނު ހުރިހާ ރަށްތަކެއްގައި، ވަރަށްގިނަ ވަޢުދުތަކެއްވީމު. އެ ވަޢުދުތައްވީ އެ ވަޢުދުތައް ފުއްދުމުގެ ނިޔަތުގައި. ފުއްދަން ބޭނުންވާތީ. ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ވިދާޅުވީމަ، ތިޔަބޭފުޅުން އެ ވަޢުދުތައް ފުއްދުމަށް އަޅުގަނޑަށް ފުރުޞަތު ދެއްވައިފިއްޔާ، ޒިންމާ ހަވާލުކުރައްވައިފިއްޔާ، އެކަންކަން އިޚްލާޞްތެރިކަމާ އެކީގައި، ޒިންމާދާރުކަމާއި، ތެދުވެރިކަމާ އެކީގައި ކޮށްދިނުމުގެ ނިޔަތުގައި ވަޢުދުވީ. އެގޮތުން، ވީ ހުރިހާ ވަޢުދެއް، އަކުރުން އަކުރަށް، ފުރިހަމަކަމާ އެކީގައި އަދާކޮށްދިނުމަކީ، އަޅުގަނޑު ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. އެއީ، ރައްޔިތުން ޝައްކު ކުރަންވީ ކަމެއް ނޫން. ކަންކަން ކުރުމުގައި އަޅުގަނޑުމެން ކޮށަންޖެހޭ މަގުތައް ހުރޭ. ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހުރޭ. އެހެންވެގެން މި ދެންނެވިހެން، ގާތްގަނޑަކަށް ދެމަހާއި ބައި، ބައެއް ކަންކަން ކުރުމުގައި އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަކޮށްލަންޖެހުނީ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ، އެކަހަލަ ސްޓްރެޓީޖިކް ބައެއް މަސައްކަތްތައް ކުރެވިގެންދާނެ. ބޭރުގެ ޤައުމުތަކަށް އަޅުގަނޑު މި ކުރާ ދަތުރުތައް ކުރަނީ އެ ވިސްނުމުގައި. ރައްޔިތުންނަށް އެންމެ ފައިދާހުރީ މިވަގުތު ކޮން ކަމެއް، ކޮން ދިމާއަކުން މަސައްކަތް ކޮށްގެން ކަމަށް ވިސްނައި، މަޝްވަރާ ކުރެވި އެގޮތުން ކުރިއަށް މި ގެންދެވެނީ. އިރާދަކުރެއްވީތީ އެގޮތުން މި ކުރެވުނު ދެ ދަތުރު، ތުރުކީއަށް އަދި ޗައިނާއަށް މި ކުރެވުނު ދެ ދަތުރަކީ، ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު ބޭނުން ޖެހިފައިވާ އެންމެ މުހިންމު ކަންކަމުގައި ހުރިހާ މައްސަލަތަކަކަށް އިރާދަކުރެއްވިއްޔާ ޙައްލު ގެނައުމުގެ ބިންގާއެޅި، މަގުކޮށިގެންދިޔަ ދެ ދަތުރު. އޭގެ ނަތީޖާތައް އިރާދަކުރެއްވިއްޔާ ފެންނަމުންދާނެ.
އާދެ، އަޅުގަނޑުމެންގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައި ހުރި މަސައްކަތަކީ، އެއްގޮތަކަށްވެސް އާދައިގެ ކަންކަމެއް ނޫން. އެކަން ކުރަން އަޅުގަނޑުމެން ފެށީމާ، އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ދިވެހިން ތެދުވެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް. އަޅުގަނޑުމެންގެ މި ރާއްޖޭގެ ސަރަޙައްދު އެއީ، ވަރަށްބޮޑު ސަރަޙައްދެއް، ރަށްތައް ކުދިވިޔަސް. ކަނޑުގެ ސަރަޙައްދު ވަރަށްބޮޑު. ނުވަލައްކަ ހަތްދިހަ ހަތަރުހާސް އަކަ ކިލޯ މީޓަރު، އަޅުގަނޑު އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަމުން ދެންނެވީ، ނުވަ ލައްކަ އަކަ ކިލޯ މީޓަރޭ. އެގްޒެކްޓްލީ ނުވަ ލައްކަ ހަތްދިހަ ހަތަރުހާސް އަކަ ކިލޯ މީޓަރު ހުރޭ. މި ބިޔަ ބޮޑު ސަރަޙައްދު މިއިން ޒަމާނަކު އަޅުގަނޑުމެންނަކަށް ނެތް ޙަޤީޤަތުގައި ބެލެހެއްޓިފައެއް. އެ ސަރަޙައްދު އެއީ، އަޅުގަނޑުމެން ތިޔަ ލޮބުވެތި ރައްޔިތުން މިއަދުވެސް، މިރޭވެސް، މާދަންވެސް ނުކުމެ، އިޤްތިޞާދީ ފައިދާ ހޯދަން އޮތް ސަރަޙައްދު. ކަނޑުގެ ސަރަޙައްދު. އެތަނަކުންނެއް އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި އަދި މަސްވެރިކަމެއް ނުކުރެވޭ. އެ މަސްވެރިކަން އެ ހިސާބަށް ގޮސްގެން، ރެޔާއިދުވާލު މަސްވެރިކަމަށް ނުކުމެ، މަސްވެރިކަން ކޮށްގެން ފުރިހަމަ ނަފާ ހޯދަން ފެށިއްޖެނަމަ، މިވަގުތު އަޅުގަނޑުމެންގެ އެންމެ މުހިންމު އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީ ކަމުގައިވިޔަސް، އަޅުގަނޑުމެން ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ފަދައިން، އެވަރަށް އެ މަސައްކަތް ކުރެވިއްޖިއްޔާ، މަސްވެރިކަން ފުޅާކުރެވިއްޖިއްޔާ، އެ ވާނީ އެތައް ގުނައެއް، ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް ފައިދާވާނެ އިންޑަސްޓްރީއަށޭ މަސްވެރިކަންވާނީ.
އެހެންވީމާ، އެ އިޤްތިޞާދީ ސަރަޙައްދު، އިންޑަސްޓްރީވައިޒް، ފިޝަރީޒް އިންޑަސްޓްރީއަށް ބަލައިގެން ކަންކަން ކުރަންވިޔަސް، އެއީ، ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދެއް. އަދި އޭގެއިތުރަށް، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ އިސްތިޤްލާލް ސަލާމަތް ކުރުމަށްޓަކައިވެސް، ސިޔާދަތީ ބާރުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައިވެސް އެބަޖެހޭ އެ ސަރަޙައްދު ބަލަހައްޓަން. އެކަން އަޅުގަނޑުމެންނަކަށް ނުވޭ މިއަދާ ހަމަޔަށް އައިއިރުގައެއް. އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން، އެހެން ބަޔަކު ލައްވައި އެ ސަރަޙައްދު ބެލެހެއްޓުންތޯ، ރައްޔިތުން އެދޭނެ ގޮތަކީ. ޔަޤީން، އެއެއް ނޫން ބޭނުންވާނެ ގޮތަކީ. އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ، އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ، އެހެން ބަޔަކު އައިސްގެންތޯ، ނޫނީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ. އެއީ، ސުވާލަކީ. އަޅުގަނޑު މި ދެންނެވީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި، އަމިއްލަ ކެޕޭސިޓީގައި، އިރާދަކުރެއްވިއްޔާ މި ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެއޭ.
އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ފެށި، އެ ތައްޔާރީތައް ވަމުން މިދަނީ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތިން ފެނިގެންދާނީ، އެކަން އަޅުގަނޑުމެން ޢަމަލީގޮތުން ކުރާ ތަން. މި ވާހަކަ އަޅުގަނޑު އިއްޔެ ދެއްކީމާ، އެކަމަށް ޖޯކުޖަހައި، ނޫނީވިއްޔާ އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ، އަޅުގަނޑު ހިތުން އެއީ، ދިވެހިވަންތަ ބައެއްތޯ، ޤައުމުދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ. އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރީމާ، ކުރަން އުޅޭކަން އަޅުގަނޑު ބަޔާންކުރީމާ އެއަށް ހިތްވަރު ދޮގެއްތޯ ދެއްވަންޖެހޭނީ. އެއަށް ސަޕޯޓްދީ، އެކަން ވާނެގޮތް ހޯދައިދޭން ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ. އެކަމަކު އެހެން ބައެއްގެ އެހީތެރިކަމުގައި، އެހެން ބައެއްގެ ކިބައިން ތިމަންނާމެން ބޭނުންވާ މަޤްޞަދު ހާސިލުކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް އަޅުގަނޑުމެންގެ ޤައުމަށްވިޔަސް ހެޔޮކަމަށް ތައްޔާރަށް ތިބި އަދި އެގޮތަށް ކުރީގައިވެސް މަސައްކަތް ކޮށްފައި ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ.
އެހެންވީމާ، މިއީ އަޅުގަނޑުމެން ސިކުނޑިން ވިސްނަންޖެހޭ ކަންތައް. މިއީ ދިވެއްސަކަށްވީތީ މިއަދު ސީރިޔަސްކޮށް ވިސްނަންޖެހޭނެ ކަންތައް. އަޅުގަނޑު މިއުޅެނީކީއެއް އެއްވެސް ޤައުމަކާ އެކީ ކޮންފްރަންޓްރޭޝަނަކަށް ދާކަށް ނޫން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް. އެންމެންނާ ގުޅިގެން، ހުރިހާ ޤައުމުތަކާވެސް ގުޅިގެން، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ ސިޔާދަތާއި، އަޅުގަނޑުމެންގެ އިސްތިޤްލާލަށް ޙުރްމަތްތެރިކޮށްހިތާހާ ހިނދަކު އަޅުގަނޑުމެންނާ ދުޝްމަންވާނެ، އަޅުގަނޑުމެން ދުޝްމަންވާނެ، ދެކޮޅުހަދާނެ އެއްވެސް ޤައުމެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ، ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާވާނެ ކަންކަން ކޮށްދޭ، އަޅުގަނޑުމެންގެ އެތެރޭގެ ދާޚިލީ ކަންކަމާ ނުބެހޭ، އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް، އެންމެ ބޮޑު ޤައުމާ ހަމަހަމަގޮތެއްގައި ހަމަހަމަކަން ޤާއިމުކޮށްދޭ ކޮންމެ ޤައުމަކާ އެކީގައި. އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން، އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫޙުގައި. އެކުވެރިކަމުގެ އަތުކުރި އޮޅާލައިގެން އެކުވެރިކަމާ އެކީގައި.
އެހެންވީމާ، އަޅުގަނޑުމެންނެއް ނޫޅެން ދުޝްމަންވެގެންނެއް. އެ ދުޝްމަންކަން އުފައްދަން އެހެން ބަޔަކު އެ ބޭނުންވަނީ. އެ ލޭބަލް ކުރުވަން ބޭނުންވަނީ. އަޅުގަނޑު ދައްކާ ވާހަކަ ދައްކަނީ ވަރަށް ސާފުކޮށް، ސީދާކޮށް، އޭގައި ދެވަނަ މާނައެއް ނުނެގޭހާ ސާފުކޮށް. އަޅުގަނޑުމެން މިއަދާ ހަމަޔަށް އައިއިރުގައި، ކެމްޕެއިން ތެރެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރުގައި، އެންމެ މައުޟޫޢެއްގައިވެސް ތަފާތު ގޮތަކަށް ދުވަހަކުވެސް ވާހަކަ ދައްކައިފިންތޯ؟ ނޯންނާނެ ދައްކާފައެއް. އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކަ މިއަދުވެސް ދައްކާފައި ހުންނާނީ. ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް. މިނިވަންކަމުގެ މައުޟޫޢުގައިވިޔަސް، އިޤްތިޞާދުގެ މައްސަލަތައް ޙައްލުކުރުންވިޔަސް، ގެދޮރުގެ މައްސަލަވިޔަސް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ކަމަށްވިޔަސް، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުންވިޔަސް އެގޮތުގައި.
އަޅުގަނޑު މި އެދެނީ މިކަންކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމުގައި، ރައްޔިތުން އެކަތިގަނޑަކަށް ވެވަޑައިގެން ދެއްވާށޭ. އެކަތިގަނޑަކަށް ވެވަޑައިގެން، މި މަސައްކަތް ރައްޔިތުންނަށްޓަކައި ކޮށްދިނުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުން. އެއީ، ރައްޔިތުންނަށްޓަކައި މި ކުރަން އުޅޭ މަސައްކަތްތަކުގައި. މި ފަށައިގެން އުޅޭ މަސައްކަތްތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި. އަޅުގަނޑު ނުކުމެ މިހިރީ، އަޅުގަނޑު ކެމްޕެއިންގައިވެސް ދެންނެވި ފަދައިން، ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް ޓީމު، މުޅި ސަރުކާރުގެ ކުންފުނިތަކާއި މުޅި ޓީމު އެގޮތުގައި އެ ރޫޙުގައި ރެޔާއިދުވާލު އެދަނީ މަސައްކަތް ކުރަމުން.
މި ރަށުގައި ކުރަންހުރި ކަންކަންވެސް ކުރެވޭނީ އޭރުން. އަޅުގަނޑު ވަޢުދުވީން، ހުރިހާ ރަށެއްގައި، ބޮޑެތި ހުރިހާ ރަށެއްގައި މައި ހުރިހާ މަގެއް ހަދައިދޭނެ ކަމަށް. މި ރަށުގައިވެސް އެ ވަޢުދު ވެފައި އޮންނާނެ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އެ ވަޢުދު އަޅުގަނޑު ހަމަ ފުރިހަމައަށް ފުއްދައިދޭނަން. ފުރިހަމައަށް ފުއްދައިދޭނަން. އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ތިޔަ ލޮބުވެތި ރައްޔިތުން، މި ރަށުގެ ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް މި ރަށުގެ މަގުތައް އަޅުގަނޑުމެން ހަދައިދޭނަން. އެ މަސައްކަތް ވަރަށް އަވަހަށް ފަށައިދޭނަން އިރާދަކުރެއްވިއްޔާ.
ރަށުގެ ބިން ހުސްވެފައި އޮތް މައްސަލަވެސް އެއީ، ހަމަ ޙައްލުކުރަންޖެހޭ ކަމެއް. އެކަން ކުރާނެ ކަމަށްވެސް އަޅުގަނޑު ވަޢުދުވެފައި އޮންނާނީ. ރާއްޖޭގެ ރަށްތައް ކުޑަވީމާ، ޚާއްޞަކޮށް، މިފަދަ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކި ކަންކަމުގައި އަންނަ، މިހެން ހުންނަ މުހިންމު ރަށްތަކުގައި ބިން އިތުރުކުރުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަކަށްޓަކައި ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން އިޢުލާނުކޮށް، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ހިމަނާފައި މިއޮތް ސަރަޙައްދީ ތަރައްޤީ ހާސިލުކުރެވޭނީވެސް އެގޮތުގައި މަސައްކަތް ކޮށްގެން. ވެރިކަން ކުރާ ރަށްތަކާއި އަދި ސިޓީތަކާއި އަދި ހުންނަ ބައެއް ކީ، ޒަމާނުއްސުރެ ތަރައްޤީ ކޮންސޮލިޑޭޓް ވެފައި ހުރި ރަށްތަކަކީ، ތަރައްޤީގެ ބޮޑެތި އިތުރު ފުރުޞަތުތަކަށް ޖާގަ ދޭންޖެހޭނެ ރަށްތައް. އެއަރޕޯޓްތައް ޤާއިމުކުރެވިފައި ހުރި ރަށްތަކާއި، މިހެންހުރި ބައެއް ރަށްތައް.
އެހެންވީމާ، އެ ރަށްރަށަށް ބޭނުންވާ ބިން އިތުރުކުރުމަކީ އިސްރާފެއް ނޫން. އެއީ، ކުރިއަށް އޮތް މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެހެންވީމާ، މި ރަށުގެ ބިން ހިއްކުމަކީ، ޔަޤީން ކުރައްވާ، އަޅުގަނޑުމެން ހަމަ ވަރަށް އިސްކަންދީގެން ކުރާނެ ކަމެއް. މި އަހަރުގެ ބަޖެޓަކީ، އަޅުގަނޑުމެން ހެދި ބަޖެޓެއް ނޫން. އެނގިވަޑައިގަންނަވާނެ. ހަނދުމަފުޅު ހުންނާނެ، މިހާރު އޮތް މަޖިލީހުން ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅައިގެން ފާސްކޮށްފައި އޮތް ބަޖެޓެއް. އަޅުގަނޑުމެންނަށް ދިން ފުރުޞަތުގައި ހިމެނި އެތައް ކަމެއް އުނިކޮށްފައި އޮތީ. ދެން އަންނަ އަހަރަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބޭނީ އަޅުގަނޑުމެން ބޭނުންގޮތަށް ބަޖެޓް ހަދަން. އެހެން ނަމަވެސް، މި އަހަރު ތެރޭގައިވެސް ކަމާގުޅޭ ޤާނޫނުތަކާއި އުޞޫލުތަކުގެ ތެރެއިން ޖާގަ ހޯދެން އޮތް ކަމަށްވަންޏާ، ހޯދައިގެން، އަޅުގަނޑުމެން ބަލާނަން އެ މަސައްކަތް ފަށަން. ބިން ހިއްކުމުގެ މަސައްކަތް ފަށަން. އެކަން ނުކުރެވޭ ކަމަށްވަންޏާ، ހަމަ އެންމެ ލަސްވެގެންވެސް މި އަންނަ އަހަރު ކުރިއަށްދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ބަލާނީ، ހަމަ އެންމެ އިސްކަމެއް ދީގެން ބިން ހިއްކޭ ރަށެއްގެ ގޮތުގައި މި ރަށް ހިމެނޭގޮތަށް، މި އަހަރުވެސް ފަށަން ވަރަށްބޮޑު އިސްކަމެއްދޭނެ ކަމުގެ ޔަޤީންކަން ދެން.
ހަމަ އެގޮތަށް، ސްކޫލްގެ އެކްސްޕޭންޝަނަށް ކުރެވޭ މަސައްކަތްވެސް. އަޅުގަނޑު އިއްޔެ ދަންނަވާލިން، އަޅުގަނޑުމެން ވަރަށްގިނަ މަޝްރޫޢުތައް ޓެންޑަރިންގއަށް ލައިގެން މިއުޅެނީ. އަދި އެއާ އެކީގައި ވަރަށްގިނަ މަސައްކަތްތައް، ސްކޫލްތައް އެކްސްޕޭންޑް ކުރުމުގައި، މަލްޓި-ޕަރޕަސް ހޯލް، ދެން މިހެންހުރި ހުރިހާ ފެސިލިޓީއެއް ޤާއިމުކުރުމުގައި، މިފަދަ ރަށްރަށުގައި ޚާއްޞަކޮށް، އެ މަސައްކަތް ކުރެވޭނެ.
ހަމަ އެއާއެކީގައި، ޞިއްޙީ ޚިދުމަތް. ޞިއްޙީ ޚިދުމަތް ޤާއިމުކުރުމުގައި، މިއީ ވަރަށްގިނަ ރައްޔިތުން އަންނަ ރަށެއް. މިފަދަ ބައެއް ރަށްތައް ހުންނާނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އެހެންވީމާ، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް، ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ޤާއިމުކުރުމަކީ މި އަތޮޅަށްވެސް ފައިދާވާނެ ކަމެއް ކަމުގައިވާތީ، އެކަންވެސް އަޅުގަނޑުމެން ކުރަން ނިންމާފައިވާ ވާހަކަ ހަމަ ދަންނަވާލަން.
އާދެ، ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ދެންނެވިން، އަތޮޅުވެރިކަން ކުރާ ކޮންމެ ރަށަކާއި ސިޓީއެއްގައި، މި އަހަރުގެ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ޢީދެއްގައި، މާލޭގައި އަޅުގަނޑު ކުރީގައި މޭޔަރަކަށް ހުރިއިރުގައި، ފުރަތަމަ ފަހަރަށް ޢީދު ލައިޓް ދިއްލައި، ޢީދުގެ އިޙްސާސްވާގޮތަށް ކުރެވުނު ކަންތައް ރިޕީޓްކޮށްދޭނަމޭ، ރާއްޖޭގެ ވެރިކަން ކުރާ ހުރިހާ ރަށްތަކާއި ސިޓީތަކުގައި، މާލެއާ އެކީ. އެކަން އެ ވަޢުދާ އެއްގޮތަށް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ބާރު ސްޕީޑްގައި. އިރާދަކުރެއްވިއްޔާ މި އަންނަ ފިޠުރު ޢީދު ވާނީ މި ރަށުގައި މި ދެންނެވި ގޮތަށް އެކަން ވެގެންދާނެ ރަށަކަށް. އެކަން ވާނެ.
ހަމަ އެގޮތަށް، ދެންހުރި ވެރިކަން ކުރާ ރަށް، ހުރިހާ ސިޓީތަކެއްގައި އެކަން ހަމަ ކުރިއަށްދާނެ. ހުރިހާ ބޮޑެތި މަގުތަކުގައި ޢީދު ލައިޓްތައް، މާލޭގައި ފެނިވަޑައިގެންނެވި ގޮތަށް، އަދި އެއަށްވުރެވެސް ފުރިހަމަކޮށް، އިރާދަކުރެއްވިއްޔާ ކުޑަކުދިންނަށް، ތުއްތުކުދިންނަށް، ޢާއިލާތަކަށް އިސްލާމްދީނުގައި މި އޮންނަ ދެ ޢީދުގެ އެ އުފާ ޙަޤީޤަތުގައި އިޙްސާސްވާ ވަރަށް، ދީނަށް އެ ލޯބި ޖެއްސުމަށް ޖެހިގެންދާގޮތަށް އެބަޖެހޭ މިކަހަލަ ކަންކަން ވާން. އަޅުގަނޑުމެން އުފާފާޅުކުރަން އަޅުގަނޑުމެންނަށް ދެއްވާފައި ދީނުގައި އޮތް ދެ ދުވަސް މިއީ. އެހެންވީމާ، ޢީދު އުފާފާޅުކުރުމުގައި
މި ދެންނެވި ގޮތަށް ޒީނަތްތެރި ކުރެވި، ތަކުބީރުގެ އަޑުއިވި، މި ކަންކަން ވާގޮތަށް ހަމަ މިރަށުގައި އެކަން ވާނެ. ދެން ހުރި ވެރިކަން ކުރާ ހުރިހާ ރަށެއްގައިވެސް އެކަން ވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ހިނގާ. ބަރާބަރަށް ދަނީ. އިރާދަކުރެއްވިއްޔާ، ވަގުތު އޮއްވައި މި ރަށަށް ތަކެތިވެސް އަންނާނެ. އެކަން ކުރިއަށްގެންދަނީ ސިޓީސް މިނިސްޓަރގެ، ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީގެ ދަށުން ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި.
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވަޢުދެއް ވެއްޖިއްޔާ އެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ ވާޖިބެއް. ބަހާއި ޢަމަލާ ދިމާވާންޖެހޭނެ. ދުލުން ބޭރުކުރާ ކޮންމެ ބަހަކީ، އެ ބަސް ދުލުން ބޭރުވުމަށްފަހު، އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާވާނެ ބަހެއް. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ، އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ.
އެހެންވީމާ، މިހާތަނަށް އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ވަޢުދެއް، އަކުރުން ފިއްޔަށް އެކަން ހާސިލުކޮށްދިނުމަކީ، އަޅުގަނޑުމެން ކުރާނެ މަސައްކަތް. އެކަންކަން ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ދެފުށް ފެންނާނެ ގޮތަށް ހާމަކޮށް ރައްޔިތުންނަށް އަބަދުވެސް ހަނދާންވާގޮތް ހެދުމަށްޓަކައި އެ ހުރިހާ ކެމްޕެއިން ޖަލްސާތަކުގައި ދެއްކި ވާހަކަތަކާއި ވަޢުދުތައް ހިމެނޭގޮތަށް ވަރަށްބޮޑު ފޮތެއްވެސް ވަނީ ތައްޔާރުކުރެވިފައި. މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފްތާ ތެރޭގައި މާލެއަށްވެސް ލިބިފައި ވަނީ. ހުރިހާ ރަށަކަށް، ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލްތަކަށް ފޮނުވާނަން. އެ ފޮތްތައް ހުންނާނެ. އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް އޭރުން އެ ފޮތްތައް، އޮންލައިންކޮށް ޑިޖިޓަލީވެސް ކިޔައިލެވޭނެ. އެއިން ފެންނަން އޮންނާނެ އަޅުގަނޑު ދެއްކި ވާހަކަތައް. އެހެންވީމާ، އެހާވެސް ސާފުކޮށް ފެންނަގޮތަށް މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި މިއޮތީ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކަންކަން ކުރިއަށް މި ގެންދަނީ ރައްޔިތުން އެދޭގޮތަށޭ. އަޅުގަނޑެއް ނުކުރާނަން، ރައްޔިތުން ބޭނުންނުވާ ކަމެއް. ރައްޔިތުން ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތީ ބޭނުންވަނީ ކޮން ކަމެއްކަން. ގެދޮރުގެ ޔަޤީންކަން ލިބިގެންދިޔުން. އަމިއްލަ އިޤްތިޞާދީ ބާރުވެރިކަން ޤާއިމުވެގެންދިޔުން. ކަނބަލުން، ޒުވާނުން، އެކި އުމުރުފުރާގެ ފަރާތްތަކަށް، ޞިއްޙީ ރަނގަޅު ޚިދުމަތް ލިބިގެންދިޔުން. ކުޅިވަރު ކުޅެވޭނެ ފުރުޞަތުތައް ޤާއިމުވެގެން ދިޔުން. އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް. މަސްވެރިކަން، ދަނޑުވެރިކަން، ޓޫރިޒަމް، އަދި އެހެން ދާއިރާތައް ކުރިއަށް ދެވޭނެ ގޮތްތައް ވެގެންދިޔުން. އިސް ރަށްވެހިންނަށް އެ ރައްޔިތުންގެ ޙިއްޞާ ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު ލިބިގެންދިޔުން. ހަވާސާވެފައި ތިބި އެކިއެކި ފަރާތްތަކަށް، މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެގެން ކުރިއަށް ދެވޭނެ ފުރުޞަތު ދިނުން. މިފަދަ ކަންކަން.
މިކަންކަން ކުރުމަށްޓަކައި އެކިއެކި މަސައްކަތްތައް އެދަނީ އަޅުގަނޑުމެން ކޮންމެ ހަފްތާއަކުވެސް ރާވައި ތަންފީޒު ކުރުމަށްޓަކައި ކުރެވެމުން. މިހާތަނަށް އައިއިރުގައި ހަފްތާ 14ގެ ތެރެއިން ކުރަން ނިންމި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އެ ނިންމި މިންވަރަށް ހާސިލުވެއްޖެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައިވެސް، 14 ހަފްތާ ހަމަވާންވާއިރަށް ކަނޑައަޅާފައި ހުރި ކަންކަން ހަމަ އިރާދަކުރެއްވިއްޔާ، އެ ކަނޑައެޅި މިންވަރަށް ހާސިލުކުރާނަން. އަދި ދެން އޮތް ދުވަސްތަކަށްވެސް މި ފަސް އަހަރަށް އެކީގައި އަޅުގަނޑުވީ ވަޢުދުތައް އެކީގައި ފުރިހަމައަށް ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ކުރާނަން. އިރާދަކުރެއްވިއްޔާ ހާސިލުވެސް ވެގެންދާނެ. އެކަންކަން ކުރާނީ، އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާނެ ކަންކަމާ އެކީގައި. އެކަންކަމަށްވެސް މިހާތަނަށް ރާއްޖޭގައި ނިންމިފައިނުވާ މުހިންމު ނިންމުންތައް އަޅުގަނޑުމެން ނިންމާފައިވާނެ.
ސްޕެޝަލް އިކޮނޮމިކް ޒޯންތައް ރާއްޖޭގައި ޤާއިމުކޮށް، ރާއްޖެއަށް މިހާތަނަށް ނުގެނެވޭވަރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަގު ހުޅުވާލައި، އެކަމަށް މިހާރު ޕްރޮޕޯޒަލްތައްވެސް ލިބެމުން އެދަނީ. އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ޤާއިމުކުރުމާއި، އިޢާދަކުރަނިވި ހަކަތަ ތިންބައިކުޅަ އެއްބައި މަދުވެގެން އަޅުގަނޑުމެން ހަކަތައަށް ކުރާ ހޭދައިން ބަދަލުކުރުމާއި، މިފަދަ އެތައް ކަމެއް ވެގެން ދިޔައިމާ، އެ ވާނީ ތިއިން ކޮންމެ ލޮބުވެތި ރައްޔިތެއްގެ ޖީބަށް އެއިން އެނގުންވާ، އިޤްތިޞާދީ ގޮތުން ބާރުވެރިކަން ލިބިގެންދާ ކަންކަމަށް. ކޮންމެ ޒުވާނަކު ކްރިއޭޓިވް، އިނޮވޭޓިވް ވިސްނުމުގައި މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށް، އެ ބޭފުޅަކު އެ ކުރައްވާ މަސައްކަތެއް ފަސޭހަކަމާ އެކީގައި އޮންލައިންކޮށް ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ވިއްކައި، ސެލްކޮށް، ބައިކޮށް މިކަންކަން ކުރެވޭނެގޮތް ހަދައިދިނުން އެއީ އަޅުގަނޑުމެން ވީ ވަޢުދެއް. އެކަމަށްޓަކައި ކޮށަންޖެހޭ ހުރިހާ މަގެއް ކޮށުމުގެ މަސައްކަތް މިހާރު ބާރަށް އެދަނީ. އަޅުގަނޑުމެން ޕޭޕަލްއާ ވާހަކަ ދައްކަން ފަށައިފިން. އަދި ދެންހުރި ޕްލެޓްފޯމްތަކާ ކޮމިއުނިކޭޓް ކުރަން ފަށައިފިން.
އެހެންވީމާ، މި ހުރިހާ މަސައްކަތްތަކެއް މި ކުރަނީ. ވަރަށް ބާރު ސްޕީޑްގައި ހިނގަނީ. އެހެންވީމާ، މިކަންކަން ވެގެން ދިޔައިމަ، ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ އިޤްތިޞާދީ ބާރުވެރިކަން އެބަ ލިބޭ. ކަނބަލުންނަށް، އެ ކަނބަލުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރަން މަގުފަހިކުރެވިގެން އެބަދޭ. އެހެންވީމާ، މުޅި ސްޕެކްޓްރަމްގައި އެދަނީ އެތައް ކަމެއް އެކުއެކީގައި ހިނގަމުން.
އެހެންވީމާ، މި ޔަޤީންކަމާއި، މި ކަންކަން ހިނގަމުންދާ މިންވަރު މި ދަންނަވާލި ސަބަބަކީ، އެ ޔަޤީންކަން ދިނުމަށްޓަކައި. ހުރިހާ ކަމަކީ އެހާ ބޮޑަށް މާޔޫސްކަމުގެ ތެރޭގައި، ޑަލް އެންޑް ގްލޫމީކޮށް އެއްވެސް ކަހަލަ އުންމީދެއް ނެތް ގޮތަށް އިޤްތިޞާދު މިހެން އޮތީމަ އޮތް ކަމެއް ނޫންކަން. އެކުއެކީގައި އެތައް ކަމެއް އަޅުގަނޑުމެން އެބަ ކުރަންކަން. ރައްޔިތުން ހަވާލުކުރި ޒިންމާ ރެޔާއިދުވާލު މުޅި ޓީމުން އެދަނީ ތަރުތީބު ކުރެވިގެން ކުރަމުންކަން ދަންނަވާލުމަށްޓަކައި މި ވާހަކަ މި ދެންނެވީ.
އެހެންވީމާ، ފުރިހަމަ ޔަޤީންކަމުގައި ރައްޔިތުން ތިއްބަވަން އަޅުގަނޑު އެދެނީ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ޚާއްޞަކޮށް، ގެދޮރުވެރިކަމާއި، އާމްދަނީގެ ފުރުޞަތުތައް ހޯދައިދިނުމުގައި ކުރަން މިހިރަ ހުރިހާ ކަމެއް ފުރިހަމަކަމާއެކީގައި އަޅުގަނޑުމެން ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން.
އާދެ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ހުރިހާ ކަމެއް ހާސިލުކުރުމުގައި އެންމެ މުހިންމީ އަޅުގަނޑުމެންގެ މިނިވަންކަން. އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަންމަތީގައި ޔަޤީންވެގެން ދިޔުންކަން. މި ޤައުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެން ބޭނުންނުވާ ކަމަށް ރައްޔިތުން އަޅުގަނޑު ގާތު ވިދާޅުވި. އެ ޒިންމާ ހަވާލުކުރެއްވި. އެކަން ޔަޤީންކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީ ފުރަތަމަ ދުވަހު. ފުރަތަމަ ދުވަހު ފަށައިގެން މިދަނީ ކުރިއަށް. އަޅުގަނޑު އެކަމާ ނޫޅުނުނަމަ މިހާރު މި ދިމާވާ އެއްވެސް ކަމެއް ނާންނާނެ ނޫންތޯ. ވިސްނެވީމަ އެނގިވަޑައިގަންނަވާނެ މިކަން. ފުރަތަމަ ދުވަހުން ފެށިގެން ވަޢުދާ އެއްގޮތަށް، މިކަމުގައި ރައްޔިތުން ހަވާލުކުރި ޒިންމާ، މި ޤައުމުގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބޭކަށް ތިމަންނާމެން ބޭނުމެއް ނޫނޭ ވިދާޅުވެ ހަވާލުކުރި ޒިންމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އަދާކުރުންމަތީގައި ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އަޅުގަނޑު މިހުރީ. އެކަން މި ކުރަނީ. އެކަން ކުރަން އޮންނަ ރީތި އުޞޫލުން.
އަޅުގަނޑު ދެންނެވިން، ޑިޕްލޮމަސީގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމޭން، މާތް އަޚްލާޤީ ގޮތުން ކަންކަން ކުރަން އޮންނަ ބީދައިން ކަންކަން ކުރީމައޭ، ކަންކަން ވާނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި މަސައްކަތް މި ހިނގަނީ. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި މިނޫން ގޮތެއް ޚިޔާރުކޮށްގެނެއް ވާނެ މޮޅެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ، ކަންކަން ހިނގާނީ ކޮންގޮތަކަށް ކަންކަން ކުރީމަކަން. މިއީކީ ރޮކެޓް ސައިންސެއް ނޫން. ސާފުކޮށް ފެންނަން އޮތް ކަމެއް.
އެހެންވީމާ، ރިވެތި އުޞޫލު، ރީތިގޮތް ޚިޔާރުކޮށްގެން ނޫނީވިއްޔާ އަޅުގަނޑުމެންނަށް ކަންކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ޤައުމުގައި ބޭރު ސިފައިން، މި ތަނުގައި ތިބި ސިފައިން އަނބުރާ ފޮނުވާލުމުގައި ކާމިޔާބީ ލިބެމުންދާތީ، އެކަން ގަބޫލުކުރަން ބޭނުންނުވާތީ، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެތައް ކަމެއް އެ ކުރަނީ. އަޅުގަނޑުމެންނެއް އެންމެ އިންޗިއެއްވެސް، ރައްޔިތުން ހަވާލުކުރި ކަމަކުން ފަހަތަކަށް ނުޖެހޭނަން ނުކޮށެއް. އެހެންވީމާ، އެކަން ކުރުމުގައި އަޅުގަނޑުމެން ތިބޭނީ ފުރިހަމައަށް ސާބިތުވެ.
އިއްޔެ އަޅުގަނޑު ދެންނެވި ފަދައިން، މިހާރު ހާސިލުކުރެވިފައި މިއޮތް ހިސާބަށް މިއޮތީ އާދެވިފައި. 10 މާރިޗު، އެ ތާރީޚު ވެގެން މިދަނީ، މިތަނުގައި ތިބި ސިފައިންގެ އެއް ޓީމު، އެއްބައި މީހުން ފައިބައިގެންދާ ދުވަހަށް. އޭގެކުރިން ދަނީ. ދެން އޭގެ ދެ މަސް ފަހުން، އޭގެ ދެ މަސް ދުވަސް އައުމުގެ ކުރިން އިރާދަކުރެއްވިއްޔާ ދެން ތިބި އެންމެން ގެންދާނެ. މިއީ ރީތިކޮށް ވާހަކަ ދައްކައިގެން، އަޅުގަނޑުމެންގެ ޤައުމަކީ މިނިވަން، ޑިމޮކްރެޓިކް ޤައުމެއްކަން އެންމެންނަށްވެސް ގަބޫލުކުރެވޭގޮތަށް ރަނގަޅަށް ކިޔައިދީގެން ހާސިލުކުރެވޭ ކަންކަން.
އަޅުގަނޑުމެން ދިވެހިންނަކީ ޞުލްޙައަށް ލޯބިކުރާ ބައެއްކަމާއި، އަޅުގަނޑުމެން ދިވެހިން ބޭނުންވަނީ، މި ޤައުމަކީ އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް ކަމާއި، އަޅުގަނޑުމެން ނިންމާ ނިންމުންތައް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވިގެންދާ ޤައުމެއްގެ ގޮތުގައި އޮންނަން ކަމާއި، އިޤްތިޞާދީ ގޮތުން ބާރުވެރި ކުރެވިފައިވާ، އަމިއްލަ ބާރުވެރިކަން އޮތް ޤައުމަކަށްވާންކަން އެންމެންނަށް ވިސްނައިދީގެން ކަންކަން ކުރަން އުޅުނީމަ، ކަންކަން ހާސިލުވާނީ. ރުންކުރު އުޞޫލު ބޭނުންކޮށްގެނެއް ކަންކަމެއް ހާސިލެއް ނުވާނެ. ވަރަށް ފަސޭހަވާނެ، ދުރުގައި ހުރެގެން ގޮތް ކިޔަން. ފާޑުކިޔަން. އެއީ، ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. އެކަމަކު ކަންކަމުގެ ޙަޤީޤަތް، ފާޑުކިޔާ ކިޔުމަކުންނެއް ގެއްލިގެންނެއް ނުދާނެ. ކަންކަން ކުރަން އޮންނަ ގޮތަށް ކުރީމާ، ކަންކަން ހާސިލުވާނީ. އެހެންވީމާ، ފުރަތަމަ ދުވަހު ފެށި މަސައްކަތުގައި ސާބިތުކަންމަތީގައި މިތިބީ.
ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ކަނޑުގެ ބޮޑު ސަރަޙައްދެއް، ޣައިރު ޤާނޫނީކޮށް ދޫކޮށްލި މައްސަލައިގައިވެސް ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށައިގެން މިއުޅެނީ. އެކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑުވީމާ، އެކަމަށްޓަކައި ނަގާ ވަގުތު އިތުރު. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަ ކުރަން. ބޭރުގެ މާހިރުންނާއި، ރާއްޖޭގައި ތިއްބެވި މާހިރުން، ހުރިހާ އެންމެން އެކުވެގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު ދެންނެވިން، އަޅުގަނޑަކީ، އަޅުގަނޑާ ރައްޔިތުން ހަވާލުކުރާ ޒިންމާއެއްގައި، އެންމެ އިންޗިއެއްވެސް ފަހަތަށްދާނެ މީހެއް ނޫނޭ، ޖެހޭނެ މީހެއް ނޫނޭ. އިޚްލާޞްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި، އަމާނާތްތެރިކަމާ އެކީގައޭ އަޅުގަނޑު މަސައްކަތް ކުރާނީ. އެގޮތުގައި މިކަމުގައިވެސް މަސައްކަތް މި ކުރަނީ.
އަޅުގަނޑުމެންގެ ކަނޑުން ދޫކޮށްލި ބޮޑު ބައި، ޒިންމާދާރު ކަމެއްނެތި، ޤާނޫނާ ޚިލާފަށް ދޫކޮށްލި ބައި ހޯދުމުގައި ފަހަތަށްނުޖެހި ކުރިއަށްދާނަން. އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލުކޮށްދޭނަން ރައްޔިތުންނަށް.
އަޅުގަނޑުމެންގެ ކަނޑުގެ އަޑި ސްކޭންކޮށް، ސަރވޭކޮށް، މެޕް ހަދައި، މި ހުރިހާ ކަމެއް ކޮށްގެން އެހެން ބަޔަކު ގެންދާގޮތަށް އޮތުމަކީ، ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހައިޑްރޯގްރެފިކް އެގްރީމަންޓް އާނުކުރަން ނިންމީ. އެއްވެސް ޤައުމަކަށް، އެއީ، ވަކި ޤައުމެއް ވީމައެއްނޫން. އެއްވެސް ޤައުމެއްގެ މިލްކަކަށް އަޅުގަނޑުމެންގެ ކަނޑުއަޑީގެ މަޢުލޫމާތު ވެގެން ނުވާނެ ނޫންތޯ. މި އީ.އީ.ޒެޑްގެ ތެރޭގައި، ނުވަ ލައްކަ ހަތްދިހަ ހަތަރު ހާސް އަކަ ކިލޯ މީޓަރުގެ އެތެރޭގައި ހިމެނޭ ކޮންމެ އެއްޗަކީ އަޅުގަނޑުމެންގެ މިލްކެއް ނޫންތޯ. އޭގެ އަޑީގައި އޮތް ކޮންމެ އެއްޗެއްވިޔަސް، އެ އެނގެންވާނީ އަޅުގަނޑުމެންނަށް. އެ ސްކޭންކޮށް، މެޕްކޮށް ހަދައިގެން، އެހެން ބަޔަކު ގެންގޮސް، އަދި އަޅުގަނޑުމެން ލާރިދީގެން އެ ގަނެ، މިއީ ކޮން ސަކަރާތެއްތޯ. މިހެން ހަދާފައި އޮތް އެއްބަސްވުމެއްވީމަ، އަޅުގަނޑުމެން ބޭނުންނުވީ އާކުރަން.
އެހެންވީމާ، ދިވެހި ރައްޔިތުންނަށްޓަކައި، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމަށްޓަކައި އެ އެއްބަސްވުން އާނުކުރަން ނިންމީ. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. އެކަން އެއޮތީ ނިމިފައި. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ޢަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެ ސްކޭން ކުރުމާއި، އެ މެޕް ކުރުމުގެ މަސައްކަތް ކުރެވޭނެ އިކްއިޕްމަންޓް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިއުޅެނީ. ފިނޭންސް މިނިސްޓްރީން މިހާރު ޑިފެންސް މިނިސްޓްރީއަށް އެ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ. ހަމަޖެހުނުހާ އަވަހަކަށް ގަންނަންޖެހޭއެ ސޮފްޓްވެއަރއާއި، ހާޑްވެއަރއާ، ހުރިހާ އެއްޗެހި ގަނެގެން، އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތް ކުރާނީ. ކޮންމެހެން އެހެން ބަޔަކު ހޯދާކަށް، ގެންނާކަށެއް ނުޖެހޭނެ.
އެހެންވީމާ، ކަނޑުގެ އަޑިޔާއި، ވަޔާއި، ކަނޑާއި، އެއްގަމާ، ހުރިހާ ތަނެއްވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އަޅުގަނޑުމެން ބަލަހައްޓާނީ. އަމިއްލައަށް އެކަން ކުރާނީ. އިރާދަކުރެއްވިއްޔާ އަމިއްލަވަންތަ، މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ދަމަހައްޓާނީ. އެކަން ގަބޫލުނުކުރަން އުޅޭ ބަޔަކު އެއީ، އެހެން ބަޔަކަށް އެ ކަންކަން ކޮށްދޭން ބޭނުންވެގެން އެއުޅެނީ.
ކުރިއަށް މިއޮތީ އިންތިޚާބު. ރައްޔިތުން ނިންމަންވީ، ތިމަންނާމެން އެ މީހުންނަށްތޯ ފުރުޞަތު ދޭނީ. ދިވެހި ޤައުމަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރަން ތިބި އަޅުގަނޑުމެންނަށްތޯ ފުރުޞަތު ދޭނީ. ކުރިއަށްދާނެ މަގު ނިންމާނީ ރައްޔިތުން. އަޅުގަނޑަށް ޔަޤީން، ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވާނީ، ދިވެހި ޤައުމުގެ މިނިވަންކަން، ސުވާލެއްނެތި ޙިމާޔަތްކޮށްދޭނެ މީހުންނާއެކީގައި ކުރިއަށްދާންކަން. ޑިބޭޓެއް އޮތް ކަމެއް ނޫންކަން މިއީ. ޔޭސް އޯރ ނޯ އޮތް ކަމެއް މިއީ. މި ގޮތްތޯ، އެ ގޮތްތޯ. މިއަކު ނެތް ދޭތެރެ މެދެއް.
އެހެންވީމާ ނޫންތޯ، އިއްޔެވެސް އަޅުގަނޑު މި ވާހަކަ ދެއްކީމަ، ތިމަންނާމެންނަކީ ޒަމާނުއްސުރެ އެހެން މީހުންގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓަމުން އައި މީހުންނޭ. ކޮންމެހެން އަމިއްލައަކަށް އެއްޗެތި ހޯދައިގެން އެތަން ބަލަހައްޓާނެ ކަމެއް ނެތޭ. އެ ވާހަކަ ދެއްކީ މަޖިލީހުގައި. މިއީ، ލަދުވެތި ކަންތައްތައް.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކުރެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން އަބަދުމެ ލަހައްޓަވާށި. ދަމަހައްޓަވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ބުރުނީގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިރަށަށް މި ދަތުރުގައި އާދެވުމުން ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން. އާދެ، ވަރަށް ބޮޑު އުފަލެއް، މި ދަތުރުގައި އަޅުގަނޑަށް މި ރަށަށްވެސް އާދެވުމުން ލިބިގެންދަނީ.
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިރަށުގެ ރައްޔިތުންނަށް ދަތިވެފައި މިހިރަ ކަންކަން ހައްލުކޮށްދިނުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަންދީގެން، އެކަންކަމަށް ހައްލުގެނެސްދޭނެ ވާހަކަ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.
އާދެ، ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ހަމަ އެންމެ ބޮޑުވެފައި އޮތް ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ، ރަށް ގިރުމުގައި މި ދިމާވެފައި އޮތް ސީރިއަސް ހާލަތު ހައްލުކުރުން. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް، ރަށަށް ބޮޑެތި ގެއްލުންތަކެއްވެ، ދިރިއުޅުމަށް ގެއްލުންތަކެއްވެ، ލޯކަލް ޓޫރިޒަމް ކުރިޔަށް ގެންދިޔުމަށްވެސް ހުރަސްތަކެއް އެޅިގެން އެދަނީ.
އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ތެރޭގައި އެންމެ ބޮޑު އެއް ކަމެއް، ފަރުދުން، ކުންފުނިތައް ބާރުވެރި ކުރުވުން. އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން. އެހެންވީމާ، މި ރަށުގައި ޓޫރިޒަމް ކުރިޔަށް ގެންދިޔުމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ހިނގަމުންދާއިރުގައި، އެއަށް ހުރަސްތަކެއް އެޅިގެން ދިޔުމަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުންވާގޮތެއް ނޫން. އަދި ޖުމްލަކޮށްވެސް ރަށަށް ބޮޑު ގެއްލުންތަކެއް ރަށް ގިރުމުގެ ސަބަބުން ލިބެމުން ދިޔުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން.
އެހެންވީމާ، މިހާރު އެ ހުއްޓިފައި އޮތް މުހިންމު އެ މަޝްރޫޢު އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަލާނަން ހަމަ ވީހާވެސް އަވަހަކަށް، އެކަން ފެށި، އަވަހަށް ގެންގޮސް ނިންމުމަށްޓަކައި ބޭނުންވާނެ ކަންތައްތައް ސަރުކާރުގެ ތެރެއިން، މިނިސްޓްރީ ތެރެއިން، ކުންފުންޏާ ވާހަކަ ދެކެވިގެން އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރެވި، އިރާދަކުރެއްވިއްޔާ އަވަހަށް ކުރިޔަށް ގެންގޮސް، ރައްޔިތުން ބޭނުންވާ ގޮތަށް ރަނގަޅަށް ނިންމައިދޭން. އެ ޔަޤީންކަން އަޅުގަނޑު ދެން ތިޔަބޭފުޅުންނަށް.
އެހެންވީމާ، އެއީ އެންމެ ބޮޑު މަޝްރޫޢު. ދެން ހަމަ އެއާ ގުޅިފައި މި އޮތީ ބަނދަރު ރަނގަޅު ކުރުން. ބަނދަރަށް ބޭނުންވާ އަޕްގްރޭޑިންގ ގެނެސްދިނުން. މިދިޔަ ސަރުކާރުގައި މަޝްރޫޢުގައި ސޮއިކުރެވިފައި އޮތީ. މިގޮތަށް އެބައޮތް ބަނދަރު ހަދަންވެސް ވަރަށް ގިނަ މަޝްރޫޢުގައި ސޮއިކުރެވި ޢަމަލީ އެއްވެސް ކަމެއް ނުފެންނަ ރަށްތައް.
ބަޖެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހިމަނާފައި ހުރި. ދެން މި އަހަރުގެ ބަޖެޓު މިއޮތީ މިހާރު އޮތް މަޖިލީހުގެ ދައުރުގެ ތެރޭގައި މިދިޔަ ސަރުކާރުން ހުށަހަޅާފައި. އަޅުގަނޑުމެންނަށް ލިބުނު ކުޑަ ފުރުޞަތުގައި ކޮންމެވެސް ވަރަކަށް އެއަށް ބަދަލުތައް ގެނެވުނުނަމަވެސް، އެއީ، އަޅުގަނޑުމެންގެ ފުލް ބަޖެޓެއް ނޫން. މިހާރުގެ އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމިއްލަ ޕްލޭންގެ ތެރެއިން ބޭނުންވާ ފެންވަރަށް ފުރުޞަތު ލިބުނު ބަޖެޓެއް ނޫން.
އާދެ، ތިޔަބޭފުޅުންނަށްވެސް ފާހަގަކުރެއްވޭނެ، އަޅުގަނޑުމެން ހުށަހެޅި ބައެއް މަޝްރޫޢުތައް އުނިކުރި ވާހަކަ ނޫސްތަކުންވެސް ފެނިފައި ހުންނާނެ. އެހެންވީމާ، މިހެން ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިޔަށް ގެންދަން އެންމެ އެކަށީގެންވާ ޖާގައެއް މި ބަޖެޓުގައި އަދި ނެތި ހިނގައިދާނެ. އަދި އިޤްތިޞާދީ ގޮތުން ކުންފުނިތަކަށް ކުރިމަތިވެފައި އޮތް ހާލަތުގެ ސަބަބުންވެސް ދަތިތަކެއް ހުރެދާނެ.
އެހެންނަމަވެސް، މިފަދަ މުހިންމު މަޝްރޫޢުތަކަށް އިސްކަން ދިނުމަކީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. ބައިވަރު މަޝްރޫޢުތަކެއް ސޮއިކުރެވި، ބައިވަރު މަޝްރޫޢުތަކެއް ހުއްޓި، ނޫނީވިއްޔާ ފަށަންޖެހިފައި ހުރިއިރުގައި ތަރުތީބުކޮށްލަން މި ޖެހެނީ. އެހެންވީމާ، ތަރުތީބު ކޮށްލާއިރުގައި ކައުންސިލާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މިގޮތަށް އެންމެ މުހިންމުކަން ދޭންޖެހޭ މަޝްރޫޢުތަކަށް އަޅުގަނޑުމެން ހަމަ އެންމެ އިސްކަންދީގެން އެކަންކަން ކޮށްދޭނަން. އެހެންވީމާ، މި ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުން އެއީ، ރަށަށް ދެވަނައަށް އެންމެ މުހިންމީ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކަމުގައި ވާއިރު، އެކަމަށް ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ސަމާލުކަން އަޅުގަނޑުމެން ދޭނެކަމުގެ ވާހަކަ ދަންނަވަން.
އާދެ، އަޅުގަނޑު ވަރަށް ދެކެން ބޭނުން، އަދިވެސް އިތުރަށް، މިރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދާތަން. އެހެންވީމާ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރަށަށް، ވިޔަފާރިވެރިންނަށް ކައުންސިލަށް އަޅުގަނޑުމެން ދޭނަން، މިކަމުގައި ކުރިޔަށް ދާން. މިހާރު އަޅުގަނޑުމެން ގެޒެޓްކޮށްފައި މިއޮތް ކައުންސިލްތަކަށް އާމްދަނީ ހޯދަން އިޚްތިޞާޞް ތެރޭގައި ހިމެނޭ ރަށްތަކާއި އަދި އިޚްތިޞާޞް ތެރޭގައި ރަށެއް ނެތް ކަމަށްވަންޏާ، ރަށާ ދުރުން އެހެން ދާއިރާއަކުން ރަށެއް ހޯދަން ފުރުޞަތު ދެވޭގޮތަށް މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ތެރެއިން.
އެހެންވީމާ، ތިޔަބޭފުޅުންގެ ރަށް ކައިރީގައި ރަށެއް އެބައޮތް. ތިޔަބޭފުޅުން، ކައުންސިލުން، ރައްޔިތުން ބޭނުންވާގޮތަށް ޕުރޮޕޯޒަލް ހުށަހަޅައިގެން ޓޫރިޒަމްގެ މަސައްކަތްވިޔަސް އަދި އެހެނިހެން އިޤްތިޞާދީ ފައިދާ ރަށަށް ލިބޭކަހަލަ، ކުދި ވިޔަފާރިތަކަށް ފުރުޞަތު ލިބޭގޮތަށް، ކަންކަން ކުރެވޭގޮތަށް، އެ ގަވާއިދުގެ ތެރެއިން ޕުރޮޕޯޒަލް ހުށަހަޅައިފިއްޔާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުން ބޭނުންވާ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ބުރުންޏަށް ލިބޭ ފެންވަރުގެ ފުރުޞަތުތަކެއް އޭގެ ތެރެއިން ހޯދައިދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، އެކަން ކުރުން އޮތީ ކައުންސިލް އަތްމަތީގައި.
ދެން އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮންނާނެ، އަދި ކުރީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، ބަޔާން އިއްވަމުންވެސް އަޅުގަނޑު ދެންނެވިން، ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާރކްތަކާއި، ކަސްރަތުކުރާ ތަންތަނާއި، މިފަދަ ތަންތަން ހަދާނެ ވާހަކަ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ. އެހެންވީމާ، މިރަށުގައިވެސް ކުޑަކުދިންގެ ޕާރކު ހެދޭނެ. މިރަށުގައިވެސް ދެން ހުރި މިފަދަ އަސާސީ ކުދިކުދި އެހެންނަމަވެސް، ދުޅަހެޔޮކަމަށް މުހިންމު ކަންކަން ކޮށްދެވޭނެ.
އަޅުގަނޑަށް އެނގިފައި އެބައޮތް، ތިޔަބޭފުޅުންވެސް ހަމަ ވަރަށް ބޮޑަށް ބޭނުންވާކަމެއް ޗިލްޑްރަންސް ޕާރކެއް ހެދިގެން ދިޔުމަކީ. މިއީ، ސިޔާސަތުގައި ކަނޑައަޅާފައިވާ ކަމެއް ކޮންމެ ރަށަކަށް. އެކަހަލަ އަސާސީ ކަންތައްތައް ކުރެވިގެން ދިޔުން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް، އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.
އެހެންވީމާ، ޖުމްލަ ގޮތެއްގައި، މަޝްރޫޢުތަކުގައި ކުރިއަށްދާންވީ ގޮތް މި ދެންނެވީ. ތަރުތީބު ކޮށްލަ ދެއްވަންވީ، ހުއްޓިފައި ހުރި މަޝްރޫޢުތަކާއި، އަލަށް ފަށަންހުރި މަޝްރޫޢުތަކުގެ ތެރެއިން، އަހަރު ތެރެއަށް ބަހާލާނެ ގޮތެއް. ކޮންމެ ގޮތެއްވިޔަސް އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެވެމުންދާ ވަރަކަށް، އަޅުގަނޑުމެން ހަމަ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ޖާގަދެމުން ދާނީ. އެހެންވީމާ، ރަށް ގިރުން އެއްވަނައަށް، ބަނދަރުގެ މައްސަލަ ދެވަނައަށް. ދެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދެވީމާ، ފުރިހަމަ އެއްބާރުލުން ސަރުކާރުން ހަމަ ދޭނަން.
އެހެންވީމާ، އަޅުގަނޑު އެދެނީ، މިގޮތުގައި ކުރިއަށް ވަޑައިގެންދެއްވުމަށް. އިރާދަކުރެއްވިއްޔާ މިރަށަށް ބޭނުންވާ ތަރައްޤީގައި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭނެ ވާހަކަ ދަންނަވަން.
އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނާ ބައްދަލުވީތީ ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ މިރަށަށް، އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް އަދަށްވުރެ ފަހި މާދަމައެއް ލިބިގެންދާނެ. އެކަމަށް ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކަނޑޫދޫގެ ލޮބުވެތި ރައްޔިތުން؛
އާދެ، އަޅުގަނޑު މި ރަށަށް، އަޅުގަނޑުމެންގެ ޓީމާއެކީގައި އައުމުން ތިޔަބޭފުޅުން މި ހޫނުގައިވެސް ވިދާޅުވި އެހާމެ ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.
އާދެ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ފުރަތަމަ ދަތުރުކުރަން މި ކަނޑައެޅީ މި އަތޮޅަށް. ގުރައިދުއަށްފަހު ދެން އަޅުގަނޑު ގަސްތުކުރީ، މި އަތޮޅުގައި ދެން ހުރި އަޅުގަނޑަށް ކެމްޕެއިން ތެރޭގައި ނުދެވޭ ހުރިހާ ރަށްތަކަށް އިސްކަންދީގެން މި އަތޮޅުގެ ވީހާވެސް ގިނަ ރަށްތަކަށް މި ތިންދުވަސްތެރޭގައި ދެވޭތޯ ބަލަން. ވަރަށް އުފާ ކުރަން، މި ރަށަށް އާދެވުމުން.
އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، މި ދިގު މާޒީގައި މި އަތޮޅު، މިހާ ބޮޑަށް ރާޑަރުން ކައްސައިލައި، ފަހަތަށް ގޮސްފައި އޮތް އޮތުން އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަމޭ. އިރާދަކުރެއްވިއްޔާ، މި އަތޮޅަކީ، ތަރައްޤީގައި ހަމަ އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ، ތަރައްޤީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް އަޅުގަނޑުމެން މި ސަރުކާރުން ހަދައިދޭނަމޭ.
އާދެ، ވަރަށް ގިނަ ވާހަކަތައް ފާހަގަކުރެއްވި. ކައުންސިލްގެ ރައީސް އިށީނދެވަޑައިގެން ވިދާޅުވީ، ވަރަށް ގިނަ ޝަކުވާ ކުރެވިއްޖެ ދޮގެއްތޯއޭ. ޝަކުވާއެއް ނޫން އެއީކީ އިނގޭތޯ. ކަންކަން ނުވެ އޮތީމާ، އެ ވާހަކަތައް ބަޔާންކުރައްވަންވާނެ. ކަންކަން ކޮށްދިނުމަށް ސަރުކާރެއް ރައްޔިތުން ހޮވަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދޭނަން.
އާދެ، އަޅުގަނޑު ހަމަ ތަކުރާރުކޮށްލަނީ ޙަޤީޤަތް. އެއީ، އިޤްތިޞާދީ ކަންކަން އަޅުގަނޑުމެންނަށް ވާރުތަވީއިރު، މި ސަރުކާރު އައިއިރުގައި އެއްކޮށް ހަލާކުކޮށްލާފައި އޮތް ޙަޤީޤަތް. އެކަން ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ފަށައިގެން މި އުޅެނީ. އެ މަސައްކަތްތަކުގެ ރަނގަޅުކަން މިއަދު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)އިން، ރާއްޖެ އައިސް ދެ ހަފްތާއެއްހާ ދުވަހު އެ ބޭފުޅުން އަމިއްލައަށް ކުރެއްވި ދިރާސާގެ އަލީގައި މިއަދު ބަޔާން ނެރެފައި އެވަނީ. އަޅުގަނޑުމެން އަޅަން ފަށައިފައިވާ ފިޔަވަޅުތަކަކީ، އަޅުގަނޑުމެން އިސް ނަގައިގެން ކުރަން މި ނިންމާފައި ހުރި ކަންކަމަކީ، ވަރަށް ރަނގަޅު، ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް. އިރާދަކުރެއްވިއްޔާ އެ ކަންކަމުގެ ފުރިހަމަ ނަފާ، ފޮނި މީރުކަން، ތިޔަބޭފުޅުންނަށާއި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދާނެ. އެ ޔަޤީންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދޭން ބޭނުން. މިހެން ދެންނެވި ނަމަވެސް، މިކަންކަން ކުރަން އިޤްތިޞާދީ ގޮތުން މި ނަގަންޖެހޭ އުނދަގޫ ޑިޒިޝަންސްތައް ނަގަމުންވެސް، ތަރައްޤީއަށްޓަކައި މަސައްކަތްތައް ތަރުތީބުކުރަމުން ދާނެ.
ކައުންސިލްތަކަށް އަޅުގަނޑު މި ދަންނަވާލަނީ، ކުރިޔަށް މި އޮތް ދެ ހަފްތާއެއްހާ ދުވަސް ބޭނުން ކުރައްވައްޗޭ ކައުންސިލްތަކާއި، ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކައިގެން ތަރުތީބު ކޮށްލަން، ކުރަން ހުރި މަސައްކަތްތައް. އެއްފަހަރާ ނުފެށޭނެތީ ތަރުތީބު ކޮށްލަދެއްވާށޭ، ތިޔަބޭފުޅުން އެދޭ ގޮތަކަށް. ތިޔަބޭފުޅުންނޭ މި ދެންނެވީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދަންނަވާ ވާހަކައެއް މިއީ. އަޅުގަނޑުމެން މަސައްކަތްކުރާނަން، މި އަހަރު ތެރޭގައި ތަރުތީބު ކޮށްގެން ރައްޔިތުން އެންމެ އިސްކަން ދޭން ބޭނުންވާ ކަންކަމަށް އެންމެ ފުރަތަމަ އިޖާބަދީގެން ކުރިޔަށް ގެންދަން. ބަހާލައިގެން ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ގެންދަން މަސައްކަތް ކޮށްފިއްޔާ އޭރުން އިރާދަކުރެއްވިއްޔާ އާމްދަނީއާ ލިބޭ އެއްޗަކުން ކުރެވޭ ޚަރަދު ދެކޮޅު ޖައްސަމުން، އަޅުގަނޑުމެން މި ހުރިހާ މަސައްކަތެއްވެސް ކޮށްދޭނެ ވާހަކަ އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން.
އާދެ، މިރަށަށް ބޭނުންވާ ކަންކަން ދެންމެ ފާހަގަކުރެއްވިއިރުގައި، ޞިއްޙީ ނިޒާމުގެ ވާހަކަ ފާހަގަކުރެއްވި. ބަޔަކާ ހަވާލުކުރެވިފައި އޮތް މަސައްކަތެއް ނުހިނގާ، އެއްގޮތަކަށްވެސް އެކަން ނުވެއޮތް ވާހަކަ. އެއިން ދިމާވާ ދަތިތައް، ތެލެސީމިއާއަށް ބޭސްފަރުވާ ކުރަންޖެހޭ ކުދިންނާއި، އެހެން އެންމެންނަށް ދިމާވާ މައްސަލަތައް، މިކަންކަން ފާހަގަކުރެއްވި. އެއްކަމަކަށް ތެލެސީމިއާއަށް ފަރުވާދިނުން އެއީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ކެމްޕެއިންގައި އަޅުގަނޑު އެ ވައުދުވެ، ކެބިނެޓުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާފައި އޮތް ކަމެއް އެއީ. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަން ދޭނަން، ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނަށާއި ޢާއިލާތަކަށް. ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނޭ ގޮތްތައް، އެ ރަށެއްގެ ނިސްބަތުން ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް ދިނުން، އަޅުގަނޑުމެންގެ ސިޔާސަތަކީ.
އެހެންވީމާ، އެކަމަށާއި އަދި ޖުމްލަކޮށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް މިރަށުގައި ކުރިޔަށް ގެންދަންޖެހޭ ހެލްތު ސެންޓަރު މަޝްރޫޢަށް ޚާއްޞަ އިސްކަމެއް ދީގެން، އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ގޮސް، ކަމާގުޅޭ ހުރިހާ މަސައްކަތްތައް އަވަސްކުރުވައި އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ރަނގަޅަށް ނިންމައިދޭނަން. ނިމޭއިރުގައި ލެބޯރެޓަރީގެ މަސައްކަތްވެސްދާނެ.
ލެބޯރެޓަރީއަކީ އަޅުގަނޑުމެން ދެން ކުރަން ނިންމާފައި އޮތް އެންމެ މުހިންމު އެއްކަންތައް. ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑު ވައުދުވިން، އެ ރަށެއްގެ އާބާދީއާ އެއްވަރަށް، ނިސްބަތުން އެ ރަށަކަށް ބޭނުންވާ ސައިޒުގެ ލެބޯރެޓަރީގެ ޚިދުމަތް ކޮންމެ ރަށަކަށް ގާއިމުކޮށްދޭނަމޭ. އެހެންވީމާ، މި ރަށުގެވެސް ލެބޯރެޓަރީގެ ޓެސްޓިންގއަށް ބޭނުންވާ ޚިދުމަތް އަދި ތަމްރީނު ލިބިފައިވާ މުވައްޒަފުންނާ އެކީގައި ގާއިމު ކޮށްދިނުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ ވެގެން ދާނެ.
އާދެ، ދެން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ނަރުދަމާގެ ވާހަކަ ފާހަގަކުރެއްވި. ހުއްޓިފައި އޮތް މަޝްރޫޢެއް. އެއިން ލިބޭ ދަތިކަން. މިގޮތަށް އެބަހުރި. ބަނދަރުގެ ވާހަކަވެސް ފާހަގަކުރެއްވި. ހުއްޓިފައި ހުރި މަޝްރޫޢުތަކުގައި މި ދިމާވާ މައްސަލަތައް އަޅުގަނޑު ހަމަ ދަންނަވަމުން މި ގެންދަނީ. އެއްގޮތަކަށްވެސް ބަލައިނުލައި ކުންފުނިތަކުން ޚަރަދުތައް ކުރަމުން ގޮސްފައި އޮތީ، އަޅުގަނޑުމެންނަށް ވާރުތަވެގެން ދިޔައިރުގައި. ވަރަށް ބޮޑެތި ދަރަނިތައް. އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރަނި. ކުންފުނިތައް ވަރަށް ބޮޑަށް އޮތީ މިސް މެނޭޖްކޮށްފައި. އެހެންވީމާ، އެކަންކަން ރަނގަޅު ކުރަމުން، މަސައްކަތްތައް ފަށަން މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ މި ނަރުދަމާގެ މަސައްކަތްވެސް ފަށައިދޭނަން ވަރަށް އަވަހަށް.
ދެން ބަނދަރު، ތިޔަ ވިދާޅުވި ކަންތައް، އަޅުގަނޑު ހަމަ ވަރަށް ސަމާލުކަން ދީފިން. ބަނދަރުގައި އެއްކަމަކަށް ކުދި އުޅަނދު ފަހަރަށް، ކުދި ބޯޓުތަކަށް، ދޯނި ފަހަރަށް ވަކި ޖެޓީއެއް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.
ދެން ހަމައެއާއެކީ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ނެރުގެ މައްސަލައަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕުރޮޖެކްޓްގެ ތެރެއިން، ގެންނަންޖެހޭ ބަދަލު ގެނެވޭތޯ ބަލައިދީ، ދެން ކުރިއަށް ގެންދެވޭނީ ކޮން މަގަކުންތޯ ބަލައި، ވޭރިއޭޝަން ގެނެވޭނެ ގޮތަކީ ކޮބައިތޯ، އެ ތަފްސީލުތައް އަޅުގަނޑު ބަލާނަން. ޖުމްލަކޮށް ބަނދަރަށް ގެންނަންވާ ބަދަލުތައް، ރައްޔިތުން އެދޭ ގޮތަށް ގެނެސްދިނުމަށްޓަކައި، ވަރަށް ސަމާލުކަންދޭނެ ވާހަކަ ދަންނަވާލަން.
އާދެ، ދެން ހަމަ ފާހަގަކުރެއްވި، ޒުވާނުންގެ މަރުކަޒު ވާހަކަވެސް. ވަރަށް ގިނަ ރަށްތަކުގައި އެބަހުރި ޒުވާނުންގެ މަރުކަޒު ހަދަން ކޮންމެވެސް ބަޔަކާ ހަވާލުކޮށްފައި. އެހެން ރަށަކުންވެސް މި ދަތުރުގައި މަޢުލޫމާތު ލިބުނު، ޒުވާނުންގެ މަރުކަޒު ހަދަން ހަވާލުކުރިއޭ. ކައުންސިލަށް އެންގިއޭ ހަވާލުކުރި ވާހަކަ. ދެން ވާންވީގޮތެއް ނޭނގެއޭ. ކޮން ބައެއްކަމެއް ނޭނގެއޭ. ބިން ހަވާލުކުރަންވީ ކޮންބަޔަކާ ކަމެއް ނޭނގެއޭ. އިންތިޚާބު އައިމާ، އިންތިޚާބަށްޓަކައި ދަޅައެއް ދައްކައިލުމަށް ކަޑަޖަހާ އުސޫލުން، މި ކަހަލަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަން އެ މަޝްރޫޢުތައް ޙަޤީޤަތަކަށް ހަދައިދޭން މިތިބީ އައިސް.
ޔޫތު ސެންޓަރ ހެދުމަކީ، ކުޅިވަރު ކުޅެވޭ ދެ ޖިންސުގެ ޒުވާނުންނާއި، އެކި އުމުރުފުރާގެ ބޭފުޅުންނަށް އިންޑޯ، އައުޓްޑޯ ކުޅިވަރު ކުޅެވޭ ގޮތަށް، ގާއިމުކޮށްދިނުމަކީ ހަމަ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި، ކުރަން ނިންމާފައި ސިޔާސަތުގެ ތެރޭގައި އޮތް ކަމެއް. އެހެންވީމާ، އެ ރަށެއްގެ އާބާދީ އޮތް ގޮތަށް، އެއްވަރަށް، ނިސްބަތުން، އިރާދަކުރެއްވިއްޔާ ހަމަ ޒުވާނުންގެ މަރުކަޒުގެ ޚިދުމަތް ދިނުމަކީ، އަޅުގަނޑުމެން ހަމަ ކުރާނެ ކަމެއް. އެހެންވީމާ، ދެންމެ ތިޔަ ވިދާޅުވި ޒުވާނުންގެ މަރުކަޒުގެ މަޝްރޫޢު ނުހިނގާ އޮތީމާ، ދެން އެކަން ފެށޭނެގޮތެއް ބެލުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އަދި ހަމައެއާއެކީގައި، ސްކޫލަށް ދިމާވެފައި މިއޮތް އިންތިހާއަށް ބޮޑު ދަތި، އުނދަގޫ، ޖާގައިގެ މައްސަލަ. އެކަންވެސް، މިތާނގައި އެޑިޔުކޭޝަން މިނިސްޓަރުވެސް އެބަ އިންނެވި. އަޅުގަނޑުމެން ބަލާނީ ވީވަރަކުން، އެކަމަށް ވީހާވެސް އަވަހަކަށް، މި އަހަރުގެ ބަޖެޓުގެ ތެރެއިން ޖާގަ ހޯދެން އޮތް ކަމުގައިވާނަމަ، ވީހާވެސް އަވަހަކަށް އެކަމަށްވެސް މަޝްރޫޢެއް ކުރިޔަށް ގެންދެވޭތޯ.
އެހެންވީމާ، ޖުމްލަކޮށް މިފަދަ ހުރިހާ ކަމެއް، މިރަށުގައި ނިގްލެކްޓް ކުރެވިފައި، އަޅައިނުލެވިފައި މިހިރަ ހުރުން، ނިމުމަކަށް ގެނެސްދިނުން އަޅުގަނޑުގެ ވިސްނުމަކީ. އަދި ޢަމަލީގޮތުން ޢަމަލުކުރާނީވެސް އެގޮތަށް އިރާދަކުރެއްވިއްޔާ. އެ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.
ދެން އޮތީ އިޤްތިޞާދީ މަސައްކަތުގެ ވާހަކަ. މި ރަށަކީ ވަރަށް ބޮޑަށް ދަނޑުވެރިކަން ކުރާ، މިރުސް އިންދާ ރަށެއް. މުޅި ރާއްޖެއަށް ފައިދާވޭ. އެއް ކަމަކަށް ދަނޑު ބިންތަކަށް، ފެނުގެ ޚިދުމަތް ޤާއިމުކޮށްދެން އެބަ އެދިވަޑައިގަންނަވާ. އަނެއް ކަމަކަށް، ދަނޑުވެރިކަން ކުރާ ބިން ފުރިފައި އޮތީމާ އިތުރަށް ދަނޑުވެރިކަން ކުރަން އެހެން ބިމެއް ލިބޭނެގޮތް ހަދައިދިނުމަށް އެދިވަޑައިގަންނަވާ.
އަޅުގަނޑުމެން މިހާރު ގެޒެޓްކޮށްފައި އޮންނާނެ، ކެބިނެޓުން ނިންމާފައި، މިފަދަ ފުރުޞަތުތައް ލިބޭނެ ގޮތް. މި މަހުގެ ތެރޭގައި، ރަސްމީކޮށް ކައުންސިލްތަކަށް ފުރުޞަތު ލިބޭނެ އެ ގަވާއިދުގެ ތެރެއިން ކައިރިން އިޚްތިޞާޞް ތެރޭގައި އޮތަސް، ނެތަސް، ދާއިރާގެ ތެރޭގައި އޮތަސް، އަދި އެހެން ދާއިރާއަކުންވިޔަސް، އެހެން އަތޮޅަކުން ވިޔަސް، ރަށް ހޯދުމުގެ ފުރުޞަތު. ރަށް ހޯދުމުގެ ފުރުޞަތު އިޤްތިޞާދީ މަސައްކަތް ކުރަން. މިސާލަކަށް ދެންމެ ފާހަގަކުރެއްވި ރަށް، ކައިރީގައި އޮތް ރަށް، ކޮންމެވެސް ސަބަބަކާ ހުރެ، މައްސަލަ ކޯޓުގައި އޮތީ. ނޫނީ އެހެން ކަމެއް ވެގެން ނުލިބޭ ކަމަށްވަންޏާވެސް ތިޔަބޭފުޅުން ހުށަހަޅުއްވާ އެހެން ރަށެއް، އެ ރަށެއް ހިމެނޭ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ހުއްދަ ލިބޭ ކަމަށްވަންޏާ ދަނޑުވެރިކަން ކުރުމަށްޓަކައި އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. އެ ޔަޤީންކަން ދެން. އެހެންވީމާ، ތިޔަބޭފުޅުންގެ އަތްޕުޅުގައި މި އޮތީ.
މިރަށުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ކައުންސިލުން ވާހަކަ ދައްކަވައިގެން، އިތުރު ރަށެއް ހޯދަން، މިތާ ކައިރިން ތިޔަ ވިދާޅުވާ ރަށް ވިޔަސް، އަދި އެހެން ރަށެއް ވިޔަސް، ހޯދުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ތިޔަބޭފުޅުންގެ އަތްޕުޅުގައި މިހާރު މިއޮތީ. ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ތިޔަބޭފުޅުން ހުށަހަޅުއްވާ އެޕްލިކޭޝަންގެ ދަށުން، ޕުރޮޕޯޒަލްގެ ދަށުން، މި ކައުންސިލަށް ހަވާލުކުރެވެން އޮތް އެންމެ އަވަހަކަށް ހަވާލުކުރެވެން އޮތް ރަށެއް ހަވާލުކޮށްދޭނެ ވާހަކަ ދަންނަވަން.
އާދެ، އެހެންވީމާ، އާމްދަނީ ހޯދުމުގެ ރަނުގެ ފުރުޞަތުތައް، ކައުންސިލްތަކަށް މި ދެނީ. ކައުންސިލްތަކުގެ އަތްމަތީގައި ދެން އޮންނާނީ، މަސައްކަތް ކުރުން. ސަރުކާރުން މަގުފަހިކޮށްދޭނަން. ޖެހިގެން އޮންނަ ރަށް ވިޔަސް، ތަންކޮޅެއް ދުރުގައި އޮތް ރަށެއް ވިޔަސް، އަދި އެ އަތޮޅުން ބޭރުން އެހެން އަތޮޅަކުން ވިޔަސް، އެ ގަވާއިދުގައި އޮތް ހަމަތަކުގެ މަތިން، ކައުންސިލުން ހުށަހަޅައިފިއްޔާ ކަން ކޮށްދޭނަން. އިރާދަކުރެއްވިއްޔާ ކައުންސިލްތައް ބާރުވެރިކޮށްދޭނަން. އެ ގަވާއިދުގައި އޮންނާނެ، އެހެން ނަގާ ރަށްތަކުގައި ކުރާ މަސައްކަތްތައް ކުރަންވާނީ، އެ ރަށުގެ ރައްޔިތުން މެދުވެރިކޮށޭ. ރައްޔިތުން ބައިވެރިކޮށްގެންނޭ. އެ ރަށުގެ ވިޔަފާރިތަކާއި، އެ ރަށުގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ރައްޔިތުންނަށް އެކަންޏޭ ފުރުޞަތު ދޭންވާނީ. އޭގެ ބޭނުމަކީ، ރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން.
އެހެންވީމާ، ވަރަށް ބޮޑު ދޮރެއް މި ހުޅުވައިދިނީ. އެ ދޮރުން ވަދެ، ފުރިހަމަ ނަފާ ހޯދުމަކީ، ރައްޔިތުންނާއި ކައުންސިލްތަކުގެ އަތްމަތީގައި އޮތް ކަމެއް. ސަރުކާރުން އެކަމަށް ޚާއްޞަ މިނިސްޓްރީއެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިހިރީ. ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ. ފުލް ޓައިމް، ރައްޔިތުންނަށް، ކައުންސިލްތަކަށް ދޭންޖެހޭ އެހީތެރިކަން ސަޕޯޓް ދޭން އުފައްދައިފައި އޮތް މިނިސްޓްރީއެއް. އެހެންވީމާ، މިނިސްޓަރުވެސް މިތާ އެބަ އިންނެވި.
އެހެންވީމާ، ތިޔަބޭފުޅުން ކުރައްވަންވީ ކަމަކީ، ކައުންސިލްތަކާއި ރައްޔިތުން ކުރައްވަންވީ ކަމަކީ، މީގެ ފުރިހަމަ ނަފާ ހޯއްދަވަންވީ. ފުރިހަމަ ބޭނުން ހިއްޕަވަންވީ. އެހެންވީމާ، ދަނޑުވެރިކަން މިރަށުގައި ކުރަނީ. އެހެން ރަށްތަކުގައި އެހެން ކަންކަން ކުރައްވާނެ. ކޮންމެ ކަމެއް ކުރަންވިޔަސް، ލިސްޓްކޮށްފައި އޮންނާނެ ކުރެވޭނެ ޒާތުގެ ކަންތައް. ވިއްސަކަށް ކަންތައް، ބާވީހަކަށް ކަންތައް އޭގައި އޮންނާނެ ލިސްޓްގައި. ގެޒެޓްކޮށްފައި އޮތް ގަވާއިދުގައި. އެހެންވީމާ، އޭގެ ދަށުން އަވަހަށް މަސައްކަތް ފަށްޓަވާ. އޭރުން މިރަށުގެ ދަނޑުވެރިކަމަށްވެސް ޖާގަ ލިބޭނެ. އަދި އެހެން ރަށްތަކުން ވިއްޔާ، އެ ރަށެއްގައި ކުރާ އެ ކަމަކަށްވެސް ފުރުޞަތު ލިބޭ ގޮތަށް މި އޮތީ.
އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުންސިލްތައް ފުރިހަމައަށް ބާރުވެރިކޮށްދީ، ރަށުގެ ރައްޔިތުން މުއްސަނދިކޮށްދޭނަން. މުއްސަނދިކުރަން ޖާގަ ހުޅުވައިދޭނަން. އެހެންވީމާ، މި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިއްޕެވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް.
އާދެ، ދެން ހަމަ ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ހުރި ހުރިހާ މަސައްކަތްތަކެއް، ޓޫރިޒަމް ކަމަށްވިޔަސް. ޓޫރިޒަމް މި އަތޮޅުގައި ފުޅާ ކުރެވޭނީ، އަދި ވަރަށް ގިނަ އިތުރު ކަންތައްތައް ސަރުކާރުން ކޮށްގެން. އެހެންވީމާ، އެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ. މުޅި އިޤްތިޞާދަށް އަންނަ ދިރުމުގެ ތެރެއިން ޓޫރިޒަމް ދެން ރާއްޖޭގައި އިތުރަށް ފުޅާވާނީ. އިތުރު އިންވެސްޓަރުން އަންނާނީ. އިންވެސްޓަރުންނަށް އެބަ ޔަޤީންކަން ލިބެންޖެހޭ. ކޮންފިޑެންސް ލިބެންޖެހޭ. އެހެންވީމާ، އެ ކޮންފިޑެންސް ގެނައުމަށް އިންޓަރނޭޝަނަލް ބޮޑީސްތަކުން، މިތަނަށް އައިސް އެ ކުރާ ދިރާސާތަކުން، އެ ނެރޭ ރަނގަޅު ރިޕޯޓްތަކާއި، މިކަންކަމުން ކޮންފިޑެންސް އިތުރުވެގެންދާނެ.
އެހެންވީމާ، މި ފެށޭ މަސައްކަތްތަކުގައި އުނދަގޫ، ދަތި، އިޤްތިޞާދީ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަނީ، ރައްޔިތުންގެ ޙައްޤުގައި. އެ އަޅާ ފިޔަވަޅުތަކުން އަންނަ ކޮންފިޑެންސާ އެކީގައި އިރާދަކުރެއްވިއްޔާ ރިޒޯޓް އިންޑަސްޓްރީތައްވެސް އިތުރަށް ފުޅާވާނެ. އިންވެސްޓް ކުރާނެ ފަރާތްތައް އަންނާނެ. މައި އެއަރޕޯރޓް ފުޅާ ކުރުމާއި، މި ހުރިހާ ކަމެއް މި ކުރަނީ އެ ބޭނުމުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އިތުރު ރިޒޯޓުތައްވެސް، ޓޫރިޒަމްވެސް މި އަތޮޅުގައި، މި ސަރަޙައްދުގައިވެސް، އިތުރުވެގެންދާނެކަން އަޅުގަނޑަށް ޔަޤީން.
އާދެ، ޖުމްލަކޮށް ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން، ކަނޑޫދޫގެ ލޮބުވެތި ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، އިރާދަކުރެއްވިއްޔާ ހިނިތުންވުން އަޅުގަނޑުމެން ގެނެސްދޭނަމޭ.
އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އުފާކުރަން މި ރަށަށް އާދެވުނީތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި މުސްތަޤުބަލެއް ލިބިގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ވަންދޫގެ ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސް، މުއައްސަސާތަކުގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަޅުގަނޑާ އެކީގައި ދަތުރު ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުން، މި ޖަލްސާ ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށުގައި ކުރަން ހުރި ބައެއް ކަންކަން ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވީ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އެންމެ އިސްކަންދޭ ކަންކަމަށް އަޅުގަނޑުމެންވެސް އިސްކަންދޭނަމޭ. ރައްޔިތުންނަށް އެންމެ މުހިންމު، އެންމެ ފުރަތަމަ ކުރަންހުރި ކަންކަން ކުރުމުގައި ސަރުކާރުންވެސް އެގޮތަށް ކަންކަން ތަރުތީބު ކޮށްދޭނެކަން.
އެހެންވީމާ، ރަށަށް އެންމެ ބޮޑަށް ދަތިވެފައި އޮތީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުންކަން ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަ ކުރެއްވީ. އޭގެ ސަބަބުން ދިމާވާ އުނދަގޫތަކާއި ދަތިތަކުގެ ވާހަކަ އެ ވިދާޅުވެދެއްވީ. އިރާދަކުރެއްވިއްޔާ އެކަމަށް ނިމުމެއް ގެނެސްދޭނަން. ވީ އެންމެ އަވަހަކަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ކަންތައްތައް ހުރިނެތްގޮތް ބަލައި، ބަޖެޓުގެ ތެރެއިން އެކަމަށް މަގުފަހިކުރެވޭނޭ ގޮތް ބަލައިހަދައިފައި ހަމަ އެންމެ އަވަހަށް އެ މަސައްކަތް ފެށޭނޭ ގޮތެއް ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަން.
އެހެންވީމާ، ވީހާ އަވަހަކަށް އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ، އިދާރީ، މާލީ، ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ މަސައްކަތް ފަށައި، ކައުންސިލާ ގުޅިގެން އެކަން ކުރިޔަށް ގެންގޮސް ޢަމަލީ ގޮތުން ހާސިލުވާނެގޮތް އިރާދަކުރެއްވިއްޔާ ހަދާނަން.
އާދެ، ބަނދަރު ހެދުމާ، ދެން ހުރި ކަންކަމުގައިވެސް އަޅުގަނޑު ހަމަ އެހެން ރަށްތަކުގައިވެސް މި ދަންނަވާ ފަދައިން، މި އަހަރުތެރޭގައި އެކި މަޝްރޫޢުތަކަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުއްވުމަށް ކައުންސިލުން ސަރުކާރުގެ އެ މަޝްރޫޢަކާ ގުޅޭ ވުޒާރާއާ އެކީގައި މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން. ކޮންމެ ގޮތެއްވިޔަސް، އެއްފަހަރާ ނުފެށޭނެކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. ހުއްޓިފައި ހުރި އެތައް މަޝްރޫޢެއް އެބަހުރި. އަލަށް ފަށަން ބޭނުންވާ މަޝްރޫޢުތައް އެބަހުރި. މާލީ، އިޤްތިޞާދީ ހާލަތު އޮތްގޮތް އެބަ އެނގޭ. އެކަންކަން ރަނގަޅު ކުރަން، މަޖުބޫރީ ހާލަތެއްގެ ތެރެއިންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިގެން މި އުޅެނީ. އެ ހާލަތުން އަރައިގަނެވުނީމާ، މާ ބާރަށް ކަންކަން ގެންދެވޭނެ. އެހެންނަމަވެސް، ރައްޔިތުން އެދޭ ކަންކަމުގައި ހަމަ ދާނީ ކުރިޔަށް.
ތަރުތީބު ކޮށްލީމާ އިރާދަކުރެއްވިއްޔާ މި އަހަރުގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް ފެށިގެންދާނެ. ކުރިޔަށް މިއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ ކިބައިން އަޅުގަނޑު އެދޭނީ، މިގޮތަށް އެ ރަށެއްގައި ކުރިޔަށް ގެންދަން ހުރި މަސައްކަތްތައް އަޅުގަނޑުމެންގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަސައްކަތްކޮށް ތަރުތީބުކޮށްލަދޭން. އޭރުން އެގޮތަށް އެ ކަނޑައެޅޭ އުސޫލުން އަޅުގަނޑުމެން ބަލާނަން، ހަމަ މި އަހަރުގެ ތެރޭގައި ފެށެން ހުރި ހުރިހާ މަޝްރޫޢެއް މި އަހަރު ފަށައިދޭން. މިއަންނަ އަހަރަށް ފޯލްވާނޭ މަޝްރޫޢުތަކަކީ ކޮބައިތޯ ކަނޑައަޅައި، އެގޮތަށް ފަށައިދޭން. ލަސްތަކެއްނުވެ މާލީ ހާލަތު ރަނގަޅު ކުރަމުން، އިޤްތިޞާދަށް ބުންވަރު އިތުރުކުރަމުން، ދައުލަތަށް އާމްދަނީ އިތުރުކުރަމުން، އިރާދަކުރެއްވިއްޔާ މި ކަންކަން ކުރަމުން ދާނަން.
އެހެންވީމާ، އެހެން ސަރަޙައްދެއްގައި މި ރަށުގައި ބަނދަރު ހަދަންޖެހޭކަން އެބަ އެނގޭ. އެންމެ މޫސުމެއްގައި ބޭނުންކުރެވި، އަނެއް މޫސުމުގައި ބޭނުންނުކުރެވި، މިހެން އޮތުމުގެ ބަދަލުގައި އަބަދުވެސް ބޭނުންކުރެވޭ ބަނދަރެއް ކައުންސިލުން މިހާރު މަސައްކަތް ކޮށްފައިވާގޮތަށް ކުރިޔަށް ގެންދިޔުމަކީ، ހަމަ އަޅުގަނޑުމެންވެސް ކުރާނޭ ކަންތައް. އެހެންވީމާ، ސަރުކާރުން ފުރިހަމަ އެއްބާރުލުން އެކަމުގައިވެސް ދޭނަން. އަދި، ސްކޫލްގެ މަސައްކަތް މިނިސްޓަރ އެ ވިދާޅުވިފަދައިން، ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމާ، މި ކަންކަން ހަމަ ކުރިޔަށް ދާނެ.
ހަމަ އެއާއެކީގައި، ދެން ހުރި މުހިންމު އަސާސީ ކަންކަންވެސް، ފެނާއި ނަރުދަމާގެ ތިޔަ ވިދާޅުވި ޚިދުމަތް ދިނުމަށް ކުރަން ހުރި ކަންކަމާއި، އަދިވެސް ޒުވާނުންނަށް މި ބޭނުންވާ ކުޅިވަރު ކުޅުމުގެ ފެސިލިޓީސް، ފުޓްސަލް ދަނޑު ހެދުން. އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ވަރަށް މުހިންމު ކަމެއް ހުރިހާ ރަށެއްގައިވެސް ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ އެކަހަލަ ވަސީލަތްތައް، ފެސިލިޓީތައް ގާއިމުކޮށްދިނުން. އެހެންވީމާ، ސްޕޯޓްސްއަށް ޚާއްޞަ މިނިސްޓްރީއެއް އަޅުގަނޑުމެން ހަދާފައި ހުންނާނީ. ހެދީ އެ ބޭނުމުގައި. ކުޅިވަރަށް، ފިޓްނަސްއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކަންތައްތަކެއް ރާވައިލައިގެން ކުރިޔަށް ގެންދިއުމަށް. އެހެންވީމާ، ކުޅިވަރުގެ ދާއިރާއިން މި ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމާއި، މީހުން ބިނާ ކުރުމާއި، މި ކަންކަން ކުރިޔަށް ގެންދެވޭނެ ކުރިޔަށްވުރެ މާ ބާރުމިނުގައި. އެހެންވީމާ، މި ރަށުގެ ފުޓްސަލް ދަނޑު ގާއިމު ކުރުމުގެ މަސައްކަތަކީވެސް އިރާދަކުރެއްވިއްޔާ ހަމަ އެގޮތުން ކުރިޔަށް ގެންދެވޭނެ ކަމެއް.
އެންމެ މުހިންމު ކަމަކީ، އާމްދަނީ އިތުރުކުރެވޭނެ ގޮތް ހަދައިދިނުން. މިހާރު އަޅުގަނޑުމެން ގެޒެޓްކޮށްފައި އޮންނާނެ މި ގޮތުން، ކައުންސިލްތަކަށް ފުރުޞަތު ދޭނެ ގޮތް ފަހިކޮށްދީފައި އޮތް އުސޫލެއް، ގަވާއިދެއް. އޭގެ ދަށުން، މިރަށު ކައުންސިލުންވެސް ކުރައްވަންވީ ކަމަކީ، އެޕްލިކޭޝަން ހުށަހެޅުއްވުން. ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް އޭގައި ހުންނާނެ. އެހެންވީމާ، އެ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކައުންސިލުން އެދޭ ގޮތަށް، އެންމެ ރަނގަޅަކަށް، ކައިރީގައި އޮތް ރަށެއް ވިޔަސް، އަދި ތަންކޮޅެއް ދުރުގައި އޮންނަ ރަށެއް ވިޔަސް، ހުސްކޮށް އޮތް ރަށެއް ކަމަށްވަންޏާ، ކައުންސިލާ ހަވާލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނަން.
އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެގޮތަށް ކުރިއަށް ގެންދަވާށޭ. އެ ގޮތަށް މި ފުރުޞަތު ދިނުމުގެ ބޭނުމަކީ، އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެގޮތް ހޯދައިދިނުން. އެގޮތަށް އެ ލިބޭ ފަޅުރަށް ބޭނުން ކުރެވޭނީ، ވަރަށް ސާފުކޮށް ގަވާއިދުގައި އޮންނާނެ، ރަށުގެ ރައްޔިތުން، އަމިއްލަ ފަރުދުން، އެތަނުގައި އިޤްތިޞާދީ މަސައްކަތް ކުރަންޖެހޭނެ. ވިޔަފާރި ކުރަންޖެހޭނެ.
އެހެންވީމާ، އެ ރަށަށް، ޢާއިލާތަކަށް، އޭރުން އެ ލިބެނީ ފައިދާ، އިޤްތިޞާދީ ކުރިއެރުން. އާމްދަނީ ލިބިގެންދާނެ. ވަކި އިންވެސްޓަރަކަށް މުޅި ރަށް ދީގެން، އެގޮތަކަށް ނުގެންދެވޭނެ. އެންމެންނަށް، މުޅި މުޖުތަމަޢަށް ފައިދާވާ ގޮތަށް، ކައުންސިލަށް އާމްދަނީ ވަންނަ ގޮތަށް. އެއީ، އެ މޮޑެލްއަކީ.
އެހެންވީމާ، މިއީ އަލަށް ކުރެވޭ ކަމެއް. މިއީ ވަރަށް ބޮޑު ފުރުޞަތެއް ދެވޭ ކަމެއް. އެހެންވީމާ، ތިޔަބޭފުޅުން ތިޔަބޭނުންފުޅުވާ ރަށް ވިޔަސް، އަދި އެހެން ރަށެއް ކަމުގައިވިޔަސް، އެ ގަވާއިދުގައި ކަނޑައަޅާފައި އޮތް ގޮތަށް ގެންދަވާ. މިހާރު ގަވާއިދު ގެޒެޓްކޮށްފައި އެ އޮތީ. އެއް މަސް ހަމަވާ ދުވަހުން ފެށިގެން ފުރުޞަތު ހުޅުވައިލެވޭނެ. އެހެންވީމާ، އެ ތާރީޚާ ހަމައަށް ދާންވާއިރަށްވެސް އެޕްލިކޭޝަންލުމަށް ތައްޔާރުވެލައްވައިގެން އަވަހަށް އެކަމައިގެން އުޅުއްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ މި ރަށަށް، މި ރަށުގެ މުޅި މުޖުތަމަޢަށް، އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ. އެކަމުގައި ފުރިހަމަ އެއްބާރުލުން ކައުންސިލަށް، ރައްޔިތުންނަށް، އަޅުގަނޑު ދޭނެ ކަމުގެ ޔަޤީންކަން އަރުވަން. އޭރުން އިރާދަކުރެއްވިއްޔާ މުޅި ރަށަށް މި ގެނެވޭ ޢުމްރާނީ ތަރައްޤީގެ އިތުރުން، އިންޑިވިޖުއަލް ފެމިލީޒަށް، އަމިއްލަ ފަރުދުންނަށް، ޢާއިލާތަކަށް، ކައުންސިލާ ގުޅިގެން އާމްދަނީ ހޯދޭނެ މަގު ފަހިވާނެ.
އެހެންވީމާ، އަޅުގަނޑު އެދެނީ، ރައްޔިތުން މީގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް. އޭރުން މި މުޖުތަމަޢުގައިވެސް ތިބޭނީ އާމްދަނީ ލިބި، އަމިއްލަ ފައިމައްޗަށް ތެދުވެފައި ތިބި، ބާރުވެރިކަން ލިބިފައިވާ ބައެއް. އަމިއްލަ ބާރުވެރިކަން ލިބުމަކީ ޙަޤީޤީ ކުރިއެރުން. އަމިއްލަ ފައި މައްޗަށް ތެދުވެ ޒުވާނުންނަށް، ޢާއިލާތަކަށް ކަންކަން ކުރެވޭ ގޮތް ހަދައިނުދެވެންޏާ، ޙަޤީޤަތުގައި އެއީ ތަރައްޤީ ހާސިލު ނުކުރެވެނީ. ބަނދަރެއް ހެދިޔަސް، ނަރުދަމާ އެޅިޔަސް، އެ އަކުންނެއް ސީދާ ރައްޔިތުންނަކަށް، އަމިއްލަ ފަރުދުންނަށް ލިބޭ މާބޮޑު އާމްދަނީއެއް ނޯވޭ. އެހެންވީމާ، މިގޮތަށް މި ހުޅުވައިލެވޭ ފުރުޞަތުތަކުގެ ބޭނުން ހިއްޕެވުމަށް އަޅުގަނޑު އެދެން. އާދެ، ހަމަ މިގޮތަށް، ކުރިޔަށް ގެންދެވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ހިތްވަރުދެން.
އެހެންވީމާ، މިރަށުގެ ތަރައްޤީއަށް ބޭނުންވެފައި އޮތް ރަށް ގިރުމުގެ އެންމެ މުހިންމު މައްސަލަ ޙައްލު ކުރުމުގެ ރިވެޓްމެންޓް މަޝްރޫޢު އެއީ، އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫޢު. ދެން ހުރި ކަންކަން ކައުންސިލުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ އެކީގައި، ތަރުތީބު ކޮށްލަދެއްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ އެގޮތަށް އެ ކަންކަން ގެންދާނަން. ދެން ސްކޫލާ ގުޅޭ ކަންކަމާއި، ދެން މިހިރަ ކަންކަން ހަމަ ދެންމެ މިނިސްޓަރު ވިދާޅުވިގޮތަށް ސްކޫލްގެ މަސައްކަތް ރޯދައަށް ފަހު ފެށިގެންދާނެ. އެންމެ އިސްކަން ދެއްވަންވީ، މި ދެންނެވި ފަޅު ރަށް ހޯދައިގެން ތިޔަބޭފުޅުން އާމްދަނީ ހޯދާނެ ގޮތެއް ހޯއްދެވުމަށް. އަޅުގަނޑުމެން އެކަން ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނަން.
އާދެ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ފެށިއިރުގައި، ދަންނަވައި ނުލެވުނު ނަމަވެސް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުހަބާ އަށްޓަކައި. ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވީ ތިޔަބޭފުޅުން ރެޔާއި ދުވާލު، ތައްޔާރުވެ ވަޑައިގަންނަވަން ކުރެއްވި މަސައްކަތް. އެކަމަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށް އަދި މުޅި ރާއްޖެއަށްވެސް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން. އާމީން!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ފަތުރުވެރިކަމާއި، އެކިއެކި އިންޑަސްޓްރީތަކުގެ މުއައްސިސުންނާއި، ހީވާގި ވެރިންނާއި، އެކިއެކި ވިޔަފާރިވެރިން، ދައުލަތުގެ ވަޒީރުން، އެއަރޕޯޓް ކޮމްޕެނީގެ ޗެއަރމަނާއި، މެނެޖިންގ ޑިރެކްޓަރާއި، ބޯޑު މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކާއި، އަދި މަތީ ފަންތީގެ ވިޔަފާރިތަކުގެ ވިޔަފާރިވެރިން، ވަޑައިގެން ތިއްބެވި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނާއި، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންގެ ކުރިމަތީގައި ދެންމެ މި އިފްތިތާޙު ކުރެވުނީ އިރާދަކުރެއްވިއްޔާ ދިވެހިންގެ އުންމީދު. ދިވެހިންގެ ރާއްޖޭގައި ދިވެހިން ދާން ބޭނުންވާ ހިސާބަށް ދިޔުމަކީ، ކިހާވަރެއްގެ އުންމީދެއް ކުރަންވީ ކަމެއްކަން އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ތަޞައްވުރު ކުރެވިގެން މިދިޔައީ. އަޅުގަނޑުމެންނަށް ކަންކަން ހާސިލުވެވޭނީ، ﷲގެ ވާގިފުޅާއި ނިޢުމަތާއެކު ކުރެވޭ ބުރަ މަސައްކަތުން. އެކުގައި މަސައްކަތް ކުރައްވަން ތިއްބެވި ހުރިހާ ބޭފުޅުންގެ ހީވާގިކަމާއި، ދިވެހި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، އަދި ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއި، އެންމެންގެ ބައިވެރިވުމާ އެކީގައި.
އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ދެންމެ މި އިފްތިތާޙު ކުރެވުނު ތަޞައްވުރާ އެކީގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ދިވެހިންގެ ރާއްޖޭގެ މި ތަޞައްވުރު ޙަޤީޤަތަކަށް ހަދާނަން. އިރާދަކުރެއްވިއްޔާ އެކަން މި އަހަރުގެ ތެރޭގައި، މިހާރު ހިނގަމުންދާ އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާއިރު، ދެންމެ ފެނުނު ގިނަ މަސައްކަތްތައް އަޅުގަނޑުމެން ޕެރަލަލީ އެކުއެކީގައި ފަށާނަން. އިރާދަކުރެއްވިއްޔާ، އެކަން ފެށިގެންދާނެ.
7 މިލިއަން، އިން އެންޑް އައުޓް ޓޯޓަލް ޕެސެންޖަރސް މިހާރުގެ ކެޕޭސިޓީ، މިއީ މިހާރު ކުރަމުންދާ މަސައްކަތުގެ، ނޫނީވިއްޔާ މިހާރުގެ ޕްރޮޖެކްޓްގެ ކެޕޭސިޓީއަކީ. އެހެން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު، ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި އޭގެއިތުރަށްވެސް ވިޔަފާރީގެ ދާއިރާވެސް ކުރިއެރުވެން އޮތްވަރަށް ބަލާއިރުގައި، އެއަށްވުރެ މާބޮޑަށް އެބައޮތް ކުރިއެރުވެން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ފަތުރުވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ އެކިއެކި ދާއިރާތަކުގެ ބޭފުޅުންގެ އެހީތެރިކަމާއި، ފަންނީ ބައިވެރިވުމާ އެކީގައި، އަޅުގަނޑުމެންނަށް މި ކުރެވުނު މަސައްކަތުން މި ދޭހަވެގެން މިދިޔައީ.
ދެންމެ މި އިފްތިތާޙު ކުރެވުނު ގޮތަށް، އެތައް ގުނައެއް ބޮޑަށް އާދެ، ތިންގުނައަށް ނޫނީ އެއަށްވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް އެބައޮތޭ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި މި މައި ދޮރާށި މިއަށްވުރެ ބޮޑަށް ފުޅާކޮށް ހުޅުވައިލެވެން.
އެހެންވީމާ، ދިވެހިންގެ އިޤްތިޞާދުގެ މި މައި ދޮރާށި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެންގެ މަސައްކަތާ އެކީގައި، މިހާރު މި ފެށިފައިވާ މަސައްކަތުގައި ހުޅުވޭވަރަށްވުރެ މަދުވެގެން ތިންގުނަޔަށް އަޅުގަނޑުމެން ހުޅުވާނަން. އިރާދަކުރެއްވިއްޔާ އެކަން ހާސިލުކުރާނަން.
އާދެ، ދެންމެ މިތަނުގައި އެމް.ޑީ.ވެސް ފާހަގަކުރެއްވި ފަދައިން، އެތައް މިލިއަން ޕެސެންޖަރުންނެއްގެ ޢަދަދު އިތުރުކުރުމަކީ، މީގެތެރެއިން ހާސިލުވެގެންދާ ކަމެއް. 25 މިލިއަނާ ހަމަޔަށް. އެއީ، އަޅުގަނޑުމެންގެ އަލްޓިމޭޓް ޓާގެޓް. އަޅުގަނޑުމެންގެ ތަރައްޤީގެ މާސްޓަރ ޕްލޭން މި ހަދަނީ، ދެ ދުވަހަކަށް، ތިން ދުވަހަކަށް ނޫން. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، ޚިޔާލާއި، މަޝްވަރާއާ އެކީގައި އަޅުގަނޑުމެން ނިންމާފައި މި އޮތްގޮތަށް ޕްލޭންގައި، މެނިފެސްޓޯގައި އިޢުލާނުކޮށް ވަޢުދުވެފައިވާ ގޮތަށް، 20 އަހަރުގެ މާސްޓަރ ޕްލޭނެއް އަޅުގަނޑުމެން މި ހަދަން މި މަސައްކަތް ކުރަނީ. އަދި އެ މާސްޓަރ ޕްލޭނަކީ، އެކަމަށް ޚާއްޞަ ޤާނޫނެއް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅުގަނޑުމެން ހަދައި، އެ ޤާނޫނުގެ ބާރުވެރިކަން ލިބިފައިވާ މާސްޓަރ ޕްލޭނަކަށް ހެދިގެންދާނެ. އޭގެތެރޭގައި، އިޤްތިޞާދީ ކުރިއެރުމުގެ މާސްޓަރ ޕްލޭން، އިޖުތިމާޢީ ކުރިއެރުމުގެ މާސްޓަރ ޕްލޭން، މުޅި ތަރައްޤީގެ ވަށާޖެހޭ ފުރިހަމަ މާސްޓަރ ޕްލޭން، ހުރިހާ ކަމެއް ހިމެނޭ ޕްލޭނަކަށް ވެގެންދާނެ. އެއީ، ރައްޔިތުންގެ ދިވެހިންގެ ރާއްޖޭގެ، ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ދާން ބޭނުންވާ މިޞްރާބު، 20 އަހަރު ދުވަހަށް ކަނޑައަޅާ މިޞްރާބު ކަނޑައަޅާ ޕްލޭން.
އޭގެތެރޭގައި، މި އަހަރުން ފެށިގެން އަޅުގަނޑުމެންގެ ޓާގެޓަކީ، ފަސް އަހަރުގެ ތެރޭގައި، މި އެއަރޕޯޓުގެ ބޮޑު ބައެއް ނިންމައި، ދިހަ އަހަރުގެ ތެރޭގައި އެކީގައި، ނޫނީވިއްޔާ އޭގެ އެންމެ ގިނަ ކަންތައްތައް ނިންމޭވަރަށް، ބޮޑު އިންސައްތައެއް ނިންމުން. އެހާތަނަށް ދިޔުމުގެ ކުރިންވެސް މިކަން ހާސިލުކުރެވޭނެ އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ފަހިކުރެވިގެން ގެންދެވިއްޖިއްޔާ. އެއާ ގުޅިފައިވާ ގްލޯބަލް އެތައް ކަންތައްތަކެއްވެސް އެބަ ހިމެނޭ.
އެހެންވީމާ، މި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވޭނަމަ، އަޅުގަނޑުމެންނަށް ހާސިލުކުރެވޭ ހިސާބުގައި ހުރި ކަންކަން މިއީ. އެހެންވީމާ، މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ޕްލޭންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު، މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ. އެއީ، ސީ ޕްލޭން ޓަރމިނަލް، އެ ބަދަލުކުރަންޖެހޭ ބަދަލުކުރުން. ސީ ޕްލޭން ޓަރމިނަލް އެހެން ތާކަށް ބަދަލުކުރުމުގެ މަގުފަހިކުރެވިގެން ދިޔައިމަ، އަޅުގަނޑުމެންނަށް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ.
އެއާ އެކީގައި ހިއްކަންޖެހޭ ޖާގަ، ދެންމެ ފެނިގެންދިޔަ، 2000 ޕެސެންޖަރުންނަށް ޑޮމެސްޓިކް ޓަރމިނަލްއަކުން ޚިދުމަތް ދެވޭވަރުގެ ފުޅާ، ބޮޑު، ޒަމާނީ ޕެސެންޖަރ ޓަރމިނަލްއާއި، ކާގޯ ފެސިލިޓީއާއި، ޖެޓް ޓަރމިނަލްއާ، މި ހުރިހާ ތަނެއް ހިމެނޭ ޖާގަ މި ހިއްކަނީ. އެހެންވީމާ، އެ ބިން ހިއްކުމުގެ މަސައްކަތާއި، މި ސީ ޕްލޭން ޓަރމިނަލް ބަދަލުކުރުމުގެ މަސައްކަތާއި، އެއާ ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ، ފުނަދޫގައި މިހާރުހުރި އޮއިލް ސްޓޯރޭޖް އެހެން ތާކަށް ބަދަލުކުރުން. އެކަމަކީވެސް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށި، އޭގެ ބޮޑު މަސައްކަތެއް ނިންމައި، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި، މި އަހަރުން ފެށިގެން، މި އަންނަ އަހަރުގެ މެދަކާ ހަމަޔަށް، ނޫނީ މި އަންނަ އަހަރު ނިމެންވާއިރަށް، އެންމެ ލަސްވެގެން 18 މަހާއި 24 މަހާ ދޭތެރޭގައި، ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި، އަޅުގަނޑުމެން މި އޮއިލް ސްޓޯރޭޖް، ފުނަދޫގައި މިހިރަ ފެސިލިޓީ، އެސް.ޓީ.އޯ.ގެ ފެސިލިޓީ އެހެން ތަނަކަށް ޕްރީލޮކޭޓް ކުރުމުގެ މަސައްކަތް ކޮށް ނިންމާނަން. ނިންމައި އަދި އެއާ އެކީގައި މިހާރު މި ފެށިފައިވާ އަޅުގަނޑުމެން އެސް.އީ.ޒެޑްގެ ތެރެއިން ފެށިފައިވާ މަސައްކަތުގެ ތެރެއިން އަދި އެއަށްވުރެވެސް ފުޅާކޮށް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްލޭންގެ ތެރެއިން އެތަނަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރއަކަށް ހެދުމަކީ، އެކަމަށް ފުރުޞަތު ހުޅުވައިލެވި، އެގޮތަށް އެތަން، ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ، އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަޞައްވުރުގައި ހިމެނޭގޮތް. އަދި އެ ފުނަދޫއާއި މާލެއާ، ފުނަދޫއާއި ހުޅުލެއާ ގުޅުވައިލެވިފައިވާ ބްރިޖެއް ޤާއިމްކުރެވި، އަދި ހުޅުލެއިން، ހުޅުމާލެއިން ސީ ޕްލޭން ޓަރމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓަރމިނަލަށް، ވަށާޖެހޭގޮތަށް ބްރިޖް އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޚާއްޞަކޮށް، ދެންމެ ފެނިގެންދިޔަކަހަލަ މޮނޮރެއިލް ސިސްޓަމެއް ޤާއިމްކުރެވި، ފަސޭހަކަމާ އެކީގައި ޕެސެންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ޤާއިމްކުރުން، ދެންމެ އަޅުގަނޑުމެން މި ތަޞައްވުރު ކުރިގޮތަށް.
އެހެންވީމާ، މީގައި މިހިރީ ގިނަ ކަންތައްތަކެއް އެއްފަހަރާ ޕެރަލަލްކޮށް ފެށޭ ކަހަލަ މަސައްކަތް. އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި، އެކިކަހަލަ ލުއި ފައިނޭންޝަލް ފެސިލިޓީޒްތައް ފަހިކުރުމާއި، މިފަދަ ކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ މިހާރުން ފެށިގެން ފަށަން ގަސްތުކޮށްފައިވާ ކަންތައްތައް. މިހާރުން މިހާރަށް މި ދެންނެވީ، ހަމަ މިއަދުން ފެށިގެންވެސް ފެށިފައިވާ ކަންކަން.
އަޅުގަނޑުމެން މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް. "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން. މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަގު މިވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް. މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަނީ ފެށިފައި. އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭ. އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް މިހާރުވެސް އެއްބާރުލުން ލިބޭނަމަ، މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނު ފާސްކުރެވޭނަމަ، އެކަމަށް ދެން ބޭނުންވާ ފުރިހަމަކަން ލިބިގެންދާނެ. އަދި އުންމީދު ކުރަން ލިބޭނެ ކަމަށްވެސް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޚާއްޞަ ޤާނޫނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން. ފާސްކޮށްގެން މި ދެންނެވި ގޮތަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމަކީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް.
އަދި ހަމަ އެއާއެކީގައި، ސީދާ އެއަރޕޯޓުގެ މަސައްކަތާ ސީދާ ނުގުޅުނަސް، އެހެން ނަމަވެސް، ކޮމްޕްލިމެންޓް ކުރާ ގިނަ ކަންތައްތަކެއް މިވަނީ ފެށިފައި. ގުޅިފަޅުގައި ހަދަން ނިންމާފައި އޮތް ޕޯޓް އެތަނަށް އެކަށީގެންވާ ތަނަކަށް ނުވާތީ، ތިލަފުށްޓަށް ބަދަލުކުރުމަކީ އަޅުގަނޑުމެން މިހާރު ނިންމާފައިވާ ކަންތައް. ތިލަފުށީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމްކުރާނީ އިންޓަރނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓް. އެތަނަށް އެ ގެނެވޭ ޑިވެލޮޕްމަންޓަކީވެސް އިރާދަކުރެއްވިއްޔާ މި އެއަރޕޯޓް ޑިވެލޮޕްމަންޓާ، މި ހުރިހާ ކަމެއް ގުޅިލާމެހިގެންދާއިރުގައި އަޅުގަނޑުމެން މި ތަޞައްވުރު ކުރާގޮތަށް، އެއީ، ރައްޔިތުން އެންމެ އެދޭގޮތަށް ޤާއިމްކުރެވިގެންދާ، އިޤްތިޞާދީ ގޮތުން ހުޅުވިގެންދާ ވަރަށް ފުޅާ ދޮރާށްޓެއް. އަދި ތިލަފުށީގައި މި ހިއްކޭ ބިމުގެ ތެރެއިން އަދި އެއާ ގުޅިފައިވާ ބިންތައް އެ ސަރަޙައްދުގައި ހިއްކޭ އެހެން ބިންތަކުގެ ބޭނުންކޮށްގެން، ރެސިޑެންޝަލް ޕަރޕަސްއަށް، ރައްޔިތުންނަށް ގެދޮރުވެރިކަމާއި، ބޯހިޔާވަހިކަމާއި، ބޭނުންވާ ހުރިހާ ކަމެއް ކަނޑައަޅާފައި، އިތުރަށް ހިއްކާ ބިމުން އިރާދަކުރެއްވިއްޔާ މިހާރު ކެބިނެޓުން ފާސްކޮށްފައި އަދި އެސްޓެބްލިޝް ކުރުމުގެ، ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ، އަޅުގަނޑުމެންގެ އާ ކުންފުނި، އެއީ މި ދެންނެވި ފްރީ ޒޯން، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ. އެ ކޮމްޕެނީ އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާގެ ކުރީކޮޅު ޤާއިމްކުރެވޭނެ. އެ ކޮމްޕެނީގެ ދަށުން ކުރެވޭ މަސައްކަތަށް 100 ވަރަކަށް ހެކްޓަރުގެ ބިން މި ދެންނެވި ސަރަޙައްދުން އަޅުގަނޑުމެން ކަނޑައަޅާނަން. ކަނޑައަޅައި ދެން އެ ފެށިގެން ދަނީ އިރާދަކުރެއްވިއްޔާ ރާއްޖެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މެޓީރިއަލްސްތައް. އެއީ ކޮންސްޓްރަކްޝަން މެޓީރިއަލް ކަމުގައިވިޔަސް، އަދި ކާބޯތަކެތި، ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ، އުފެއްދިދާނެ ބާވަތްތަކުގެ ހުރިހާ ކާބޯތަކެއްޗެއްގެ ބޮޑު އިންސައްތައެއް އުފެއްދުމާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް. އަދި ރީ-އެކްސްޕޯޓް ކުރުމަށްޓަކައި ވަރަށް މުހިންމު ސްޓްރެޓީޖިކް ލޮކޭޝަނެއް ކަމުގައިވާތީ، އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުޞަތުތަކުގެ ބޭނުންހިފައި، ރީ-އެކްސްޕޯޓް ކުރެވޭ އިންޓަރނޭޝަނަލް އެސް.އީ.ޒެޑް ޒޯނަކަށް އެތަން ހެދިގެންދާނެ.
އެހެންވީމާ، މިހިރަ ކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރަން ނިންމައި، އަޅުގަނޑުމެންގެ ހީވާގި ޓީމުން ކުރަމުންދާ މަސައްކަތް. މި ޓީމަކީ ވަރަށް ހީވާގި ޓީމެއް. ރެޔާއި ދުވާލު ހަމަ ލަފްޒީ މާނައިގައި ދަންނަވަންޏާ ދަނީ މަސައްކަތް ކުރަމުން. 24 ގަޑިއިރު ކަހަލަ ގޮތަކަށް. އަޅުގަނޑުމެން އިޤްތިޞާދީ މަސައްކަތަށް މި އިސްކަންދޭ މިންވަރަކީ، އިކޮނޮމިކް ކައުންސިލް، ދުވާލަކު އެއްފަހަރު އެބަ ބޭއްވޭ. ބައެއްފަހަރު ދުވާލަކު ދެފަހަރުވެސް އެބަ ބޭއްވޭ. މިއަދުގެ އިކޮނޮމިކް ކައުންސިލް ނިމުނީ މިރޭ 7 ޖެހިއިރު. ސޯޝަލް ކައުންސިލްވެސް ވަރަށް ގިނައިން އެބަ ބާއްވަން. ކެބިނެޓް ބައްދަލުވުންތައް ހަމަ ހަފްތާއަކު އެއްފަހަރު އެބަ ބާއްވަން. ކެބިނެޓްގައި އަޅުގަނޑު މި ކަނޑައަޅާފައި އޮތް ސްޕީޑްގައި ގެންދިޔުމަށްޓަކައި، ހަފްތާ 14 އަށް ކަނޑައަޅާފައި ހުރި ކަންތައްތައް ހާސިލުކުރުމަށްޓަކައި. ބާއްވަނީކީއެއް އެއްގަޑިއިރު، ދެ ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއް ނޫން. އެވަރަކުން ނުފުދޭ. ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރަކީ އެއެއް ނޫން. އަޅުގަނޑުމެން ކަންކަން ގެންދަން މި ޓީމުން ހިތްވަރާއެކީ ކުރާ މަސައްކަތުން މުޅި ދުވަސް އެކީގައި އެބަ ހޭދަކުރަން ކެބިނެޓުން ކަންތައްތައް ނިންމަންވެސް.
އެހެންވީމާ، އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ އަޅުގަނޑުމެން ޖައްސައިދޭނަން. އެހެންވީމާ، މިއަދު މި އިޢުލާނު ކުރެވުނު މި ތަޞައްވުރު، މި އިޢުލާނުކުރި ސަބަބަކީ، ރައްޔިތުންނަށް އެބަ އެނގެންޖެހޭ، އަޅުގަނޑުމެން މިކުރަނީ ކޮން މަސައްކަތެއްކަން. އިންވެސްޓަރުންނަށް އެބަ އެނގެންޖެހޭ، އަޅުގަނޑުމެންގެ ވިސްނުން މި ގެންގުޅެނީ ކިހާހިސާބެއްގައިކަން. ޚާރިޖީ އެކިއެކި ފަރާތްތަކަށް ފަހުމްވާން އެބަޖެހޭ، މި ރާއްޖެއަށް ޙައްޤު މިންވަރަކީ ކޮބައިކަން.
އަޅުގަނޑުމެންނަކީ ދިވެހި ޤައުމުދެކެ ފަޚުރުވެރިވާ ބައެއް. ދިވެހި ރައްޔިތުންނަށް އެންމެ ފައިދާއާއި ލާބަހުރި ކަންކަން އެއީ، އަޅުގަނޑުމެން އިސްކުރާނެ ކަންކަން ކަން. އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ކަންތައްތައް ފަހިކޮށްދޭ ކަމަށްވާނަމަ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްވާކަމުގެ ޔަޤީންކަމާއި، އެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިއްބައިދޭހާ ހިނދަކު، އެ ކޮންމެ ބަޔަކީ އަޅުގަނޑުމެންނާ ގާތް ބަޔަކަށްވާނެކަން، އެފަދަ ކޮންމެ ބަޔަކާ އެކީގައި އަޅުގަނޑުމެން މިތިބީ ފުރިހަމައަށް މަސައްކަތް ކުރަން ތައްޔާރަށްކަން ހުރިހާ ފަރާތްތަކަށް އެބަ އެނގެންޖެހޭ. އެއީ، އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން، ރައްޔިތުން ޒިންމާއެއް ހަވާލުކޮށްފައި.
އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ، ރައްޔިތުންގެ ޓީމު. ރައްޔިތުންގެ ޚާދިމެއް އަޅުގަނޑަކީ. ރައްޔިތުން އަޅުގަނޑާ މަސައްކަތް ހަވާލުކުރީ. ޒިންމާ ހަވާލުކުރީ. މި ބުރަ ޒިންމާ، މި ބޮޑު އަމާނާތް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް އަދާކުރުމަށްވުރެ އުފާވާ، ހިތްހަމަޖެހޭ ކަމެއް އަޅުގަނޑަކަށް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި ސަރުކާރުގެ މި ޓީމު، މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ފަރާތްތަކާއި އަދި މުޅި ދައުލަތުގެ ހުރިހާ އެންމެންގެ އެކުވެރިކަމާ އެކީގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދޭނަން. އެހެންވީމާ، މިއަދު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންތައްތަކެއް ފަހިކުރުމުގައި އެންމެން އެކައްޗެއް ކިޔަން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭގޮތަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަންވެގެން ދާނެ.
އަޅުގަނޑުމެން ހަމައެކަނި އަޅުގަނޑުމެންގެ ފަތުރުވެރިކަން މިހާރު މިއޮތް ވަރަށް ހަނިކޮށް ބާއްވާކަށެއް ކޮންމެހެން ނުޖެހޭ. ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އަޅުގަނޑުމެން ހެދީވެސް އެ ބޭނުމުގައި. އަޅުގަނޑުމެންގެ ތާރީޚަކީ، ސަގާފަތަކީ ވަރަށް މުއްސަނދި ތާރީޚާއި ސަގާފަތެއް. އެ ތާރީޚާއި ސަގާފަތުގައި ހުރި ކަންކަން ދެނެގަތުމަށްވެސް ރާއްޖެއަށް ޓޫރިޒަމް ފުޅާކުރެވޭނެ. ތަޢުލީމީ ދާއިރާ އަޅުގަނޑުމެން ފުޅާކޮށްގެން، އަޅުގަނޑުމެންނަށް އެ ދާއިރާ މެދުވެރިކޮށްވެސް އަޅުގަނޑުމެންގެ އިކޮނޮމީ ފުޅާކުރެވެން އެބައޮތް. ވިޒިޓަރސްއިން ޓޫރިޒަމް ފުޅާކޮށްގެން އެކަން ކުރެވެން އެބައޮތް. ހެލްތު ޓޫރިޒަމް، ޞިއްޙީ ދާއިރާއިން، މިހެން ގޮސް އެކިއެކި ދާއިރާތަކުން، ކުޅިވަރުގެ ދާއިރާއިން. އެހެންވީމާ، އެކިއެކި ދާއިރާތަކުން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންގެ ޓޫރިޒަމް، އަޅުގަނޑުމެންގެ ޞިނާޢަތްތައް އެބައޮތް ކުރިއެރުވެން. އެހެންވީމާ، މި މަސައްކަތްތައް ކުރުމަކީ މިއަދު އަޅުގަނޑުމެން ވިސްނާ ކަންތައްތައް.
އަޅުގަނޑުމެންގެ ނެޝަނަލް އެއަރލައިން، އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނަކީވެސް މިއަދު ވަރަށް ހާލުގައި އޮތް ނަމަވެސް އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތުން ފަޚުރުވެރިކަމާ އެކީގައި ވަރަށް ފައިދާވާ، ރައްޔިތުން އެދޭފަދަ ޚިދުމަތް ދޭ ތަނަކަށް އަޅުގަނޑުމެން ހަދާނަން. ވައިޑް ބޮޑީ އެއަރކްރާފްޓް ގެނެސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް މުހިންމު ޑެސްޓިނޭޝަންތަކަށް އިތުރަށް އުދުހި، އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް ޓޫރިޒަމް ފުޅާކުރުމަކީ، ފަތުރުވެރިކަން ފުޅާކުރުމަކީ، އެރައިވަލް އިތުރުކުރުމަކީ، އަޅުގަނޑުމެން މި ކުރަން ބޭނުންވާ މަސައްކަތް. އެ މަސައްކަތްވެސް އެދަނީ އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑްގައި.
އެހެންވީމާ، މިފަދަ ހުރިހާ ކަމެއް ކުރުމަށް ރޭވިފައި މިވަނީ ރައްޔިތުންނަށް ފުރިހަމަ ފުދުންތެރިކަމެއް، ޖީބަށް އެ އަންނަންޖެހޭ ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުދި ވިޔަފާރިތައް ފުޅާކުރެވުމަކީ، މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނެ.
މިދިޔަ ކެބިނެޓް ބައްދަލުވުމުގައި އަޅުގަނޑުމެން މިވަނީ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ކަންތައް، ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ނިންމާފައި. އެ މަސައްކަތް އެވަނީ ފެށިފައި.
އެހެންވީމާ، ޒުވާނުންނާއި، މަސައްކަތްތެރިންނާއި، އުފެއްދުންތެރިން އެއީ، ކޮންމެ ކަހަލަ ޓެލެންޓެއް ކަމުގައިވިޔަސް އުފައްދާ، މާކެޓްކޮށް، ވިއްކާ، އެއިން ނަފާ ހޯދައި، ވަރުގަދަ ކްރިއޭޓަރ އިކޮނޮމީއެއް ގާއިމުކުރުމަކީ، އަޅުގަނޑުމެން ފަހިކޮށްދޭނެ ކަންތައްތައް. މިކަމުގައިވެސް އެހީތެރިކަން ދޭންޖެހޭ ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ ޙަޤީޤަތުގައިވެސް. މަޖިލިސްތެރެއިން ދޭންޖެހޭ އެހީތެރިކަންވެސް ހުންނާނެ.
އެހެންވީމާ، މިހެން ހުންނަ ކޮންމެ ކަމަކީ، ޤައުމީ ވިސްނުމެއްގައި އަޅުގަނޑުމެން އެކައްޗެއް ކިޔަންޖެހޭ، އެއް ވާހަކައެއް ދައްކަންޖެހޭ ކަންތައްތައް. އޭރުން ފައިދާ މިވަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް. ދިވެހި ރައްޔިތުންނަށް. އެހެންވީމާ، ޒުވާނުންނަށްޓަކައި މި މަސައްކަތް ކުރާ މަގުތައް ފަހިކުރުމަކީ، އަޅުގަނޑުމެން އެންމެންގެ އަތްމަތީގައި އޮތް ޒިންމާއެއް މިހާރު. އެ މަސައްކަތް އެގޮތަށް ކުރުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަކީ، އަޅުގަނޑު ނުހަނު އެދޭ ކަމެއް. އޭރުން ހުރިހާ ފަރާތްތަކަށް، އެއީ އަންހެނެއް ކަމުގައިވިޔަސް، ފިރިހެނެއް ކަމުގައިވިޔަސް، ނުކުޅެދުންތެރިކަން ހުރި ބޭފުޅެއް ކަމުގައިވިޔަސް، އިސް ރަށްވެއްސެއް ކަމުގައިވިޔަސް، މަސައްކަތެއް ކުރަން ބޭނުންވާ ކޮންމެ މީހަކަށްވިއްޔާ، އަމިއްލަ ފައިމައްޗަށް ތެދުވެގެން، އެމްޕަވަރ ވެގެން، ފަޚުރުވެރިކަމާއި، އަބުރުވެރިކަމާ އެކީގައި އުޅުމުގެ ފުރުޞަތު ލިބިގެން އެބަދޭ. އެއީ، އަޅުގަނޑުމެން ދެކެން މި ބޭނުންވާ ދުވަހަކީ. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ.
އެހެންވީމާ، މި ކަންތައްތައް ކުރުމުގައި ދެބަސްވާންޖެހޭ ތަނެއް ނެތް. މި ކަންކަން ކުރުމުގައި އަޅުގަނޑުމެން އެންމެން އެކައްޗެއް އެބަ ކިޔަންޖެހޭ. އެކަތިގަނޑަކަށް ވުމަކީ އެއީ، ޤައުމަށްޓަކައިވާ އެކަތިގަނޑެއް. އެހެންވީމާ، މި ކަންކަމުގައި އެންމެން އެކައްޗެއް ކިޔައިގެން ކުރިޔަށް ދިޔުމަކީ، އަޅުގަނޑުމެން އެންމެން މިވަގުތު ނިންމަންޖެހޭ ނިންމުމެއް.
އުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކަކީ، މިގޮތުން ކުރެވޭ ކަންކަން. އަޅުގަނޑުމެން މާލެ ކައިރީގައި މަސައްކަތެއް ފެށީމާ، އެކަމަކީ މާ މުހިންމު ކަމެއް ނޫންކަމަށް ދައްކަން ވާހަކަތަކެއް ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް މި ދައްކަނީ ވަރަށް ސާފު ބަހުން، އެއްގޮތަކަށް އަބަދުވެސް. މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ ޕްލޭނެއް އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ މިއޮތީ. އެންމެ އުތުރުން، އެންމެ ދެކުނުން، މެދުރާއްޖެތެރެއިން، ހުރިހާ ސަރަޙައްދުތަކެއް ތަރައްޤީ ކުރެވޭނެ. އެގޮތުން އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އަޅުގަނޑުމެން ގާތު އެދިފައިވާ ކަންކަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އޭރުން އެ ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެން އެބަދޭ. ފުރިހަމަ ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ހަވާލު އެބަކުރެވޭ.
ހަމަ އެގޮތަށް، އެހެނިހެން ސަރަޙައްދުތަކުގައިވެސް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ކުރަން ނިންމާފައިވާ ކަންކަން މިދަނީ ވަރަށް ބާރު ސްޕީޑްގައި، އޭގެ ފުރަތަމަ މަރުހަލާގެ ކަންތައްތައް ކުރަމުން. އަދި މިވީ ސާޅީހަކަށް ދުވަސް ދޮގެއްތޯ، އަޅުގަނޑުމެން މަސައްކަތް ފެށިތާ. އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވާ މިންވަރަކީ، މިކުރެވޭ މަސައްކަތަށްވުރެވެސް އިތުރަށް މަސައްކަތް ކުރަން.
އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށްޓަކައި، ރައްޔިތުން އަޅުގަނޑުމެންނާ މި ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރުމުގައި، ރައްޔިތުން ތިޔަ ދެއްވާ އެހީތެރިކަމާ އެކީގައި ކުރިއަށް ދާނަން. މިކަމުގައި އަދިވެސް އެއްފަހަރު، ހަމަ ވިޔަފާރިވެރިން، އެކި ފަންތީގެ ވިޔަފާރިވެރިން ދެއްވާ އެހީތެރިކަމަކީ، ވަރަށް ފާހަގަކުރާ ކަމެއް. ހުރިހާ އިޤުތިޞާދެއްގެ، އިޤުތިޞާދީ ހުރިހާ ޞިނާޢަތްތަކެއްގެ ހުރިހާ ބޭފުޅުން އެކުއެކީގައި މަސައްކަތް ކުރައްވައިފިއްޔާ، އަޅުގަނޑުމެންނަށް ކަންކަން ހާސިލުވެގެންދާނެ.
އަޅުގަނޑު ވަޢުދުވެފައި ހުރި ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ، އެ ވީ ވަޢުދާ އެއްގޮތަށް ކޮށްދޭނަން. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްތެރިން އެންމެ ބޮޑަށް އެދުނު ކަންކަންވެސް ހަމަ ތަރުތީބު ކުރެވިފައި އޮތް ގޮތަށް ވަޢުދު ފުއްދަމުން ދާނީ. މި އަންނަ ހަފުތާގައި، ކެބިނެޓުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަޝްވަރާކުރާނަން އޭގެ ތެރެއިން އެއް ވަޢުދު. އެއީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ގެދޮރުވެރިކަމުގެ ޚާއްޞަ ކެޓަގަރީއެއް ގާއިމުކުރުމުގެ ވާހަކަ. އެއީ، ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މުވައްޒަފުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް. އެހެންހުރި ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމާނާތްތެރިކަމާއި، ތެދުވެރިކަމާއެކީގައި ރައްޔިތުންނަށްޓަކައި ފުއްދައިދެމުން ދާނަން.
އާދެ، މިރޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މި ވާހަކަތައް. އެންމެން އެކީގައި ޤައުމުގެ ޙައްޤުގައި، ޤައުމު ކުރިއެރުވުމުގައި ހިނގާށޭ މަސައްކަތް ކުރަން. މިތަނުގައި މި ތަޞައްވަރުކުރި ޕްލޭނަކީ އެ ވާހަކަ. މިތާ މި ދެއްކި ޕްލޭން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، ހަމަ އަދިވެސް އެއްފަހަރު ދަންނަވާނީ، ޙަޤީޤަތަށް ހަދާނަމޭ. މިއަދުން ފެށިގެން މި ފެށޭ މަސައްކަތް ބާރު ސްޕީޑްގައި، މިހާރު އެ ހިނގާ މަސައްކަތް ހިނގަމުން ދަނިކޮށް، ބިން ހިއްކުންވިޔަސް، ސީޕްލޭން ޓަރމިނަލް ބަދަލުކުރުން ކަމުގައިވިޔަސް، ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖް ބަދަލުކުރުން ކަމުގައިވިޔަސް، ދެން މިހެން ހުރި އެތައް ކަމެއް ތަރުތީބު ކުރެވިގެން، އެއަށް ބޭނުންވާ އިންވެސްޓްމަންޓަށް، އެއަށް ބޭނުންވާ އެކިއެކި ފައިނޭންޝަން ފެސިލިޓީޒްތައް ފަހިކޮށްގެން ފަށައި، ކުރިއަށް ގެންދާނަން.
އާދެ، އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންގެ ޤައުމު އުޖާލާ މިސްރާބަކަށް ދާނެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި
اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން! އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ ފަހި، ފާގަތި މާދަމައެއް މިންވަރު ކުރައްވާށި! އާމީން!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެއްވި ބަޔާން | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، އަޅުގަނޑުމެން މިއައީ، ޗައިނާގެ ރައީސް އަޅުގަނޑަށް ދެއްވި ފުރަމާނަ ދަތުރުކުރުމުގެ ދަޢުވަތުގައި ޗައިނާއަށް ފުރަމާނަ ދަތުރެއް ކޮށްފައި.
އާދެ، މިއީ، ޗައިނާގެ ރައީސް، ޗައިނާއަށް މި އަހަރު، 2024 ވަނަ އަހަރު ޤައުމެއްގެ ވެރިޔަކަށް ދެއްވި ފުރަތަމަ ދަޢުވަތު، އެ ޤައުމަށް ދަތުރެއް ކުރުމަށް ދެއްވި ފުރަތަމަ ދަޢުވަތު، އަޅުގަނޑަށް، އަދި ދިވެހިރާއްޖެއަށް ދެއްވި. އެކަމަށްޓަކައި އަޅުގަނޑު ޗައިނާގެ ރައީސަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިން. މިހާރުވެސް ޝުކުރު ދަންނަވަން. އެއީ، އެކަމުންވެސް ފާހަގަވެގެންދަނީ، ދެ ޤައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުން.
އަދި ހަމަ އެއާއެކީގައި، އަޅުގަނޑުގެވެސް ފުރަތަމަ ސްޓޭޓް ވިޒިޓް، ބޭރުގެ ޤައުމަކަށް ކުރާ ފުރަތަމަ ސްޓޭޓް ވިޒިޓް ކުރެވިގެން މިދިޔައީ ޗައިނާއަށް. އެހެންވީމާ، އެކަމަކީވެސް އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.
އާދެ، މި ދަތުރުގައި ފުރަތަމަ މަންޒިލަކަށް އަޅުގަނޑުމެން ދިޔައީ ޝިއާމަންއަށް. ޝިއާމަންގައި އަޅުގަނޑުމެން އެތާނގެ ފްރީ ޓްރޭޑް ޒޯންގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި، އެ ކަންތައްތަކުގެ މަޢުލޫމާތު ހޯދިން. އަޅުގަނޑުމެންގެ މި ޤައުމުގައި އިޤްތިޞާދު ފުޅާކުރުމުގެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކަނޑައަޅާފައި މިއޮތީ، ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކޮށް، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުން.
ދެން އެއާއެކީގައި، ދެން ހަމަ ފޫޖިއާން ޕްރޮވިންސްގެ، ވެރިކަން ކުރާ ސިޓީ، ފޫޖޯގައި އަޅުގަނޑުމެން ތިބީ. ފޫޖޯގައި އެންމެ މުހިންމު ކަމަކަށް ކުރެވުނު ކަމަކީ، އިންވެސްޓް މޯލްޑިވްސްގެ ނަމުގައި ވަރަށްބޮޑު، އަދި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު، އެންމެ ކާމިޔާބު އިންވެސްޓްމަންޓް ފޯރަމް، ވިޔަފާރި ފޯރަމް ބޭއްވިގެންދިޔަކަން. ޗައިނާގެ 300 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވި. އަދި ރާއްޖޭގެވެސް ބޮޑެތި ވަރަށްގިނަ ކުންފުނިތަކުން، ސަރުކާރު އަދި އަމިއްލަ އެކި ކުންފުނިތަކުން ބައިވެރިވި. އަދި ވަރަށްގިނަ މުޢާމަލާތްތައް ހިންގައި، ވަރަށްގިނަ ކަންކަމުގައި މަޝްވަރާ ކުރެވި، މަގުތަކެއް ފަހިވެގެންދިޔަ ފޯރަމަކަށްވި.
އޭގެއިތުރަށް، ހަމަ ފޫޖޯގެ އެންމެ ބޮޑު، ޗައިނާގައިވެސް އޮތް މަސްވެރިކަމާބެހޭ ޕްރޮސެސިންގ މަސައްކަތްކުރާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މަސައްކަތް ހިނގާގޮތް ބަލައިލަންވެސް އަޅުގަނޑުމެން ދިޔައީމު.
އާދެ، އެއަށްފަހު ދެން އަޅުގަނޑުމެން ދިޔައީ ބެއިޖިންގއަށް. ބެއިޖިންގގައި އޮތީ ރަސްމީ ބައިތައް. ފުރަމާނަ ދަތުރުގެ އެންމެ މުހިންމު ބައިތައް. އާދެ، ބެއިޖިންގގައި ޗައިނާގެ ރައީސާއި އަޅުގަނޑާ ބައްދަލުކުރަން ލިބުނު ފުރުޞަތުގައި، ރަސްމީ ޓޯކްސްގައި ވަރަށްގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދިޔަ. އަދި ވަރަށްގިނަ އެއްބަސްވުންތަކުގައި އަޅުގަނޑުމެން ސޮއިކޮށް، އެއްބަސްވުންތައް ހެދިގެންދިޔަ.
އާދެ، އަޅުގަނޑު ހަމަ ކުރުގޮތަކަށް ދަންނަވާލާނަން، މައިގަނޑު ދާއިރާތައް. ވިއްސަކަށް އެއްބަސްވުން ހެދިގެންދިޔައިރުގައި، ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުމާއި، ތަރައްޤީ ކުރުމުގެ ދާއިރާ ހިމެނޭ. އޭގެތެރޭގައި، މަސް ޕްރޮސެސިންގ ފެކްޓްރީތައް ހެދުމާއި، ޑިޖިޓަލް އިކޮނޮމީ ޑިވެލޮޕް ކުރުމުގެ ދާއިރާ ހިމެނޭ. އަދި އޭގެއިތުރަށް، ލޯ ކާބަން ގްރީން އިކޮނޮމީ، ގްރީން ޑިވެލޮޕްމަންޓްގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުންނާއި، އަޅުގަނޑުމެންގެ ޕަބްލިކް ސަރވިސް މީޑިއާ ތަރައްޤީ ކުރުމާ ބެހޭގޮތުންނާއި، އަދި ހަމަ އޭގެއިތުރަށް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން 1000 ސިވިލް ސަރވަންޓުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އެކިއެކި ދާއިރާތަކުން ފުލީ ފަންޑަޑް ޓްރޭނިންގ ޕްރޮގްރާމްތަކެއް، ސްކޮލަރޝިޕްތަކެއް ހަމަޖެހިގެން ދިޔުންވެސް ހިމެނޭ.
ދެން އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދާއިރާގައި އެކިއެކި ކަންތައްތައް ހިމެނޭގޮތުންނާއި، އަދި އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ދާއިރާއަކީ، އެގްރިކަލްޗަރގެ ދާއިރާ ކަމަށްވާތީ، އެ ދާއިރާއިން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި އަދި އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކޮށް، ތަރައްޤީ ކުރުމާ ގުޅޭގޮތުންނާއި، އަދި ހަމަ އޭގެއިތުރަށް، ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމާ ބެހޭގޮތުންވެސް އެއްބަސްވުންތައް ހެދިގެންދިޔަ.
އޭގެއިތުރަށް، ހިލޭ އެހީގެ އެއްބަސްވުންތައް ހެދިގެންދިޔަ. މިގޮތުން، ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ، އެއީ، ގާތްގަނޑަކަށް 130 މިލިއަން ޔޫ.އެސް.ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި. އެއީ، ރާއްޖޭގައި އަޅުގަނޑުމެން ކަނޑައަޅާ ތަރައްޤީގެ އެކި ކަންކަމާއި މަޝްރޫޢުތަކަށް ހޭދަކުރަން. އޭގެތެރެއިން އެންމެ ބޮޑު އެއްޗެއް ޚަރަދުކުރުމަށް ކަނޑައެޅިފައި ވަނީ މާލޭގެ މަގުތައް ހެދުމަށް. އަދި އޭގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް އޭގެތެރެއިން ކަވަރ ވެގެންދާނެ.
މީގެއިތުރަށް، ރަސްމާލޭގައި ތިރީސްހާސް ސޯޝަލް ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ އެއްބަސްވުމާއި، ވެލާނާ އެއަރޕޯޓް، އަޅުގަނޑުމެން މީގެ ދުވަސްކޮޅެއް ކުރިން އިފްތިތާޙުކުރި ކޮންސެޕްޓްގައިވާ ފެންވަރަށް، އެ ފުޅާމިނަށް ވެލާނާ އެއަރޕޯޓް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރުމާއި، މި ކަންތައްތައްވެސް އޭގެތެރޭގައި ހިމެނޭގޮތަށް އެއްބަސްވުންތައް ހެދިގެންދިޔަ.
އޭގެއިތުރަށް، ހުޅުމާލޭގައި ދެވަނަ ފިޔަވަހީގެ ކޮމާޝަލް ޑިސްޓްރިކްޓްގައި 7 ކޮމާޝަލް ބިލްޑިންގއެއް ހިމެނޭ، ކޮމާޝަލް ސްޕައިން ކިޔާ ސަރަޙައްދު ތަރައްޤީ ކުރުމަށްވެސް ޗައިނާގެ ކުންފުންޏަކާ އެއްބަސްވުން ހެދިގެންދިޔަ.
އޭގެއިތުރަށް، ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމަށްޓަކައި ވަރަށްގިނަ މަޝްވަރާތައް ކުރެވި، ވަރަށްގިނަ ކާމިޔާބީތައް ލިބިގެންދިޔަ. ޑައިރެކްޓް ފްލައިޓްތައް އިތުރުކުރުމަށްޓަކައި ވަރަށްގިނަ މަޝްވަރާތައް، އެންމެމަތީ ލެވެލްގައި ކުރެވިގެންދިޔަ. މި ދަތުރުގައި ޝިއާމަން އެއަރއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް، މި ސްޕްރިންގގައި ފެށުމަށްޓަކައި އެފަރާތުން ވަނީ ކަނޑައަޅާފައި. ޗައިނާގެ ޝިއާމަންއިން މާލެއަށް، މާލެއިން ޝިއާމަންއަށް ޑައިރެކްޓް ފްލައިޓްސް އޮންނާނެ. އޭގެއިތުރަށް، އެކިއެކި ދާއިރާތައްވެސް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެންދާނެ. ޑައިރެކްޓް ފްލައިޓްތައްވެސް އިތުރުވާނެ. އޭގެ ސަބަބުން އަދި އޭގެއިތުރަށް، މާކެޓިންގ އިތުރަށް ފުޅާކުރެވިގެންދާނެ، ޗައިނާގެ ޓޫރިސްޓުންނަށް. ކޯވިޑުގެ ކުރިން ރާއްޖޭގެ ނަންބަރ ވަން، އެންމެ ގިނަ ޓޫރިސްޓުން އައި ޤައުމަކީ ޗައިނާ ކަމަށްވާއިރުގައި، ކޯވިޑުގެ ކުރިންހުރި އަދަދުގެ ދެގުނަޔަށް، ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ގިނަވެގެން ދެ އަހަރުގެ ތެރޭގައި އަންނަ ވަރަށް އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެންދިޔަ.
ބޭންކިންގ ދާއިރާއިންވެސް، ރާއްޖޭގައި ޗައިނާއިން އެސްޓެބްލިޝް ކުރުމަށްޓަކައި މަޝްވަރާތައް ކުރެވިގެންދިޔަ. ފުނަދޫ، އަޅުގަނޑުމެންގެ އިކޮނޮމިކް އެއަރޕޯޓް، އިކޮނޮމިކް ޒޯންގެ ގޮތުގައި އިޢުލާނު ކުރެވިގެން، މީގެ ހަފްތާއެއްހާ ދުވަސް ކުރިންދިޔަ. ޕްލޭންގައި އޮތް ފުނަދޫ އިކޮނޮމިކް ޒޯން، އެތަނުގައި ހުރި ތެޔޮ ސްޓޯރޭޖް ފެސިލިޓީތައް، އެހެން ތާކަށް ބަދަލުކުރުމާ އެކުގައި، އެތަނުގައި އިކޮނޮމިކް ޒޯން ޤާއިމުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނު.
ތިލަފުށީގައި ޕޯޓް ޤާއިމުކުރުމުގެ މަސައްކަތްތަކާއި، އުތުރު ތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭވަރުގެ އެގްރިކަލްޗަރ އެސްޓެބްލިޝްމަންޓެއް ޤާއިމުކުރުމުގެ މަޝްވަރާ ކުރެވިގެންދިޔަ.
އަދި އޭގެއިތުރަށް، ސިސްޓަރ ސިޓީގެ ގުޅުންތައް، އެގްރީމަންޓްތައް ހެދުމުގެ މަޝްވަރާތައް ކުރެވި، އެކަމަށް އެއްބަސްވެވުނު. އެގޮތުން، އަޅުގަނޑުމެން ފުރަތަމަ ދިޔަ ފޫޖިއަން ޕްރޮވިންސްގެ ވެރިރަށް ފޫޖޯއާއި، މާލޭސިޓީއާއި، ސިސްޓަރ ސިޓީ އެއްބަސްވުން ވުމަށް ފޫޖޯގެ މޭޔަރ ސޮއިކުރެއްވުމުގެ އެ އެއްބަސްވުން ވަނީ ތައްޔާރުކުރެވި އަދި މާލެއާ އެކީގައި ސޮއިކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާނެ. އެހެންވީމާ، އެއީވެސް އެކަމުގެ ތެރޭގައި ކުރެވުނު، އެ ދަތުރުގައި ހާސިލުކުރެވުނު ކަމެއް.
ދެން ކުޅިވަރުގެ ދާއިރާއިން، ޗައިނާއިން ރާއްޖެއަށް އެހީވާން ނިންމި. އެގޮތުން، ރާއްޖޭގެ އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީތެރިކަން ސީދާ ދިނުމާއި، އަދި ވަކިވަކި އެތުލީޓުން ޓްރެއިން ކުރުމަށްޓަކައި އެކިކަހަލަ ފުރުޞަތުތައް ދިނުމާއި، ކްލަބުތައް ތަރައްޤީ ކުރުމަށް، ކްލަބުތަކުން ފަރިތަކޮށް، އިންޓަރނޭޝަނަލް ފެންވަރުގައި މެޑެލްތައް ހޯދޭ ފެންވަރަށް ޗައިނާއަށް ގެންގޮސް ތަމްރީނު ދިނުމާބެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ޗައިނާއިން ހުށަހަޅައި، އެކަމަށް އަޅުގަނޑުމެން އެއްބަސްވިން.
އަދި އޭގެއިތުރަށް، ރިނިއުބަލް އެނަރޖީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ސަރުކާރާއި އަދި ބޮޑެތި ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށް، އެކަމާ ބެހޭގޮތުން އަޅުގަނޑުމެންނާ ވާހަކަ ދެކެވުނު. ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް، ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމުނު. 17 ރަށެއްގައި ހުރި ޞިއްޙީ މަރުކަޒުތަކަށް، ލެބޯރެޓަރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީޒް، ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމުނު. 4 ރަށެއްގައި ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓް މެނޭޖްމަންޓްގެ ނިޒާމުތައް، ހިލޭ އެހީގެ ދަށުން ޤާއިމުކުރުމަށް ނިންމުނު.
އަދި އޭގެއިތުރަށް، ރަސްމާލެއާއި ގުޅިފަޅު ޑިޒައިން ކުރުމާއި، ކޮންސްޓްރަކްޝަން ހިމެނޭގޮތަށް، ކަރަންޓްގެ ނިޒާމު، ފެނުގެ ނިޒާމު، ނަރުދަމާގެ ނިޒާމު، ޑީ-ވޯޓަރިންގ ނިޒާމު، ފަޔަރ ނިޒާމު، ގޭސް ނެޓްވާރކް އަދި މަގު ހެދުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެވުނު.
އާދެ، މިކަންކަމުގެ އިތުރަށް، ޗައިނާއަށް ދައްކަން ޖެހިފައިވާ ފައިސާ، ސީދާ ޑައިރެކްޓް ލޯނުތައް ދެއްކުމަށްޓަކައި މިހާރު އޮތް ޕްލޭން، ނޫނީވިއްޔާ ޝެޑިއުލްއަށް ލުއިތަކެއް ގެނައުމާމެދުގައި، ދެ ޤައުމުގެ އެންމެ އިސް ލެވެލްގައި މަޝްވަރާ ކުރެވި، ޗައިނާގެ ރައީސަށް އަޅުގަނޑު އެ ކަންތައް ހުށަހެޅުމުން، ވަގުތުން ހަމަ ރަސްމީ ޓޯކްސްގައި، ކަމާބެހޭ އިސް ވެރިންނަށް، އެކަމާ ބެހޭގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި، ރާއްޖެއިން ޗައިނާއަށް ދައްކަންހުރި ފައިސާ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި ނުދައްކައި، ވީހާވެސް ބޮޑަށް ގްރޭސް ޕީރިއަޑެއްލައި، ދިގުދަންމާލައި، ފަސް އަހަރު ދުވަހުގެ ތެރޭގައި، ވީހާވެސް ލުއިގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އެތަނުގެ ފައިނޭންސް މިނިސްޓްރީއާއި، ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވާނެ. އެކަންވެސް ހަމަޖެހިގެންދިޔަ. އޭރުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ލުއިތަކެއް ލިބިގެން އެބަދޭ ލޯނުތައް ދެއްކުމުގައިވެސް.
އާދެ، މިކަންކަމަކީ ނިންމުނު ކަންކަން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޗައިނާއާއި ރާއްޖެއާ ދޭތެރޭގައި މި އޮންނަ ގާތް ގުޅުމަކީ، ވަރަށް ނަމޫނާ ގުޅުމެކޭ. ޙަޤީޤަތުގައި އިއްޔެއަކު މިއަދަކު އުފެދުނު ގުޅުމެއް ނޫން. ޒަމާންވީ ގުޅުމެއް. އެތައް ސަތޭކަ އަހަރެއްވީ ގުޅުމެއް ޙަޤީޤަތުގައި. ސިޔާސީ ގުޅުން އުފެދުނު ފަހުން ގުޅުން ވަރުގަދަވެގެން ގޮސްފައިވޭ.
އާދެ، އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ، މައިގަނޑު ހަތަރު ޕްރިންސިޕަލެއް، އަސާސެއްގެ މައްޗަށް. ނިއުޓްރަލް ރެސްޕެކްޓް، އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމް އަދާކުރުން އެއީ، އެއް އަސާސް. އަނެއް އަސާސަކީ، ސޮވްރިންގ އިކުއަލިޓީ.
ދެ ޤައުމު ވަރަށް ތަފާތު ސައިޒުގެ ގޮތުން. އަޅުގަނޑުމެން ވަރަށްކުޑަ. ޗައިނާ ވަރަށްބޮޑު. ދެ ޤައުމު ވަރަށް ދުރުގައި އޮތީ. އެހެން ނަމަވެސް، ސޮވްރިންގ އިކުއަލިޓީ، އެއް ޤައުމު އަނެއް ޤައުމުން ދެކެނީ ހަމަހަމަގޮތުގައި. އެއް ޤައުމު އަނެއް ޤައުމަކީ، ކައިރީގައި އޮތް ޤައުމަކަށް ވުމަކުން، އަދި ދުރުގައި އޮތް ޤައުމަކަށް ވުމަކުން ސައިޒް ތަފާތުކުރެވިގެން ނުވާނެ. ބޮޑު ޤައުމުން ކުޑަ ޤައުމަށް ތަފާތުކޮށް ހިތައިގެން ނުވާނެކަން. އެ ޕްރިންސިޕަލް އޮވޭ. އެއީ، އެންމެ މުހިންމު އަނެއް އަސާސް.
ޓެރިޓޯރިއަލް އިންޓެގްރިޓީ، އެއީ ދެ ޤައުމުން އިޙްތިރާމު ކުރާ އަނެއް އަސާސް. އަޅުގަނޑުމެން ފުރިހަމައަށް ގަބޫލުކުރަން، ވަން ޗައިނާ ޕޮލިސީ. އެކަމަށް ފަރމްލީ އަޅުގަނޑުމެން ސަޕޯޓް ކުރަން. ހަމަ އެގޮތަށް، ޗައިނާއިން ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ފުރިހަމައަށް ސަޕޯޓް ކުރޭ. އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށްބޮޑު ޤައުމެއް. 9 ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ޤައުމެއް. މި ކަނޑުގައި އެއް ޤައުމަކަށް، އެންމެބޮޑު ޙިއްޞާއެއް އޮތް ޤައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ޤައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ، މި ކަނޑު ނިސްބަތްވާ، ވަށާލެވިފައިވާ ހުރިހާ ޤައުމުތަކަކަށްވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ޤައުމަކަށް ނިސްބަތްނުވާ ސަރަޙައްދު މާބޮޑު. އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކް ޔާރޑްގައި އޮތް ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް.
އެހެންވީމާ، މި ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސަކީ، ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިޙްތިރާމު އަދާކުރާ އަސާސެއް. އަނެއް އަސާސަކީ، ނަން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއްނުވޭ. އެހެންވީމާ، އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މި ނުރަނގަޅު ގޮތް، އެއީކީއެއް ދެ ޤައުމެއްގެ ދޭތެރޭގައި ގުޅުން ބޭއްވުމުގައި އޮންނަންޖެހޭނެ ހަމައެއް ނޫން.
އެހެންވީމާ، މި ހަތަރު އަސާސްގެ މައްޗަށް ޗައިނާއާއި ރާއްޖެއާ ދޭތެރޭގައި ގުޅުން ޤާއިމުވެފައި ވަނީ. އެގޮތުގައި އަޅުގަނޑުމެން ދިވެހިރާއްޖެއިން ހުރިހާ ޤައުމަކާ ދޭތެރޭގައިވެސް، އަޅުގަނޑުމެން ގަބޫލުކުރާނެ ހަމަޔަކީ މިއީ. މި ހަތަރު އަސާސްގެ މައްޗަށް އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނާނެ ހުރިހާ ޤައުމަކާވެސް. އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމަކީ.
އަޅުގަނޑުމެންގެ އިޤްތިޞާދު އިރާދަކުރެއްވިއްޔާ މިހާރު މި ފުޅާކުރަން ނިންމާފައިވާ ގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންތައް ޤާއިމުކޮށް، އަޅުގަނޑުމެން މިހާރު އުފައްދާފައި މިވާ "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ" އިން ރާއްޖޭގައި އިރާދަކުރެއްވިއްޔާ ޤާއިމުކުރާ ފްރީ ޒޯންގައި، ބޭރުން ގެނެވޭ އެކިއެކި މުދާތައް އެއީ، ކާބޯތަކެއްޗާއި، ކޮންސްޓްރަކްޝަން މެޓީރިއަލްއާ، މި ހުރިހާ ތަކެތި ރާއްޖެއަށް ބޭނުންވާވަރަށް އުފެއްދި، ޤާއިމުކުރެވި، ގެނެވި އަދި އެހެން ދިމަދިމާއަށް ރީ-އެކްސްޕޯޓް ކުރުމުގެ ވިސްނުމުގައި އިކޮނޮމިކް ޒޯންއެއް ޤާއިމުކުރުމަށް ނިންމާފައި މިވަނީ.
އަޅުގަނޑުމެން އިހަށްދުވަހު ކެބިނެޓުން ނިންމީ، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީ" އުފައްދަން. އޭގެ ދަށުން އަޅުގަނޑުމެންގެ ޤައުމުގައި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ޤާއިމުވެގެންދާނެ. މިދިޔަ ސަރުކާރުން އަޅުގަނޑުމެން، ދިވެހި ރައްޔިތުން ވައްޓާލާފައިވާ ދަރަނި ދަންތުރައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަރައިގަންނާނީ މިފަދަ ކަންކަމުގެ ތެރެއިން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މިނިވަންކަން ޤާއިމުކުރާނަން. އަދި އެހެން ދާއިރާތަކުންވެސް އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން.
މިސާލަކަށް، މިހާރު އަޅުގަނޑުމެން ގަސްތުކުރަނީ، އަދި ނިންމާފައިވާނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫ.އޭ.އީ. އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް. އަދި އެތަނަށް ދާއިރުގައި އެތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސަސް އޭގައި ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އޭރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން، މި ޤައުމުގެ ހެލްތް ފެސިލިޓީ ތަރައްޤީވަންދެކަށް ދާނީ، މިހާރު އެދާ ތަންތަނަށްވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ އަދި ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް، އެކޮމޮޑޭޝަން އެކްސްޕެންސަސް ލިބިގެން، އާސަންދައިން ކަވަރވެގެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް މިކަންކަން އަޅުގަނޑުމެން ހަމަޖައްސައިދޭނަން.
އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ހަނޑޫ، ހަކުރު، ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކޮށްފައި މިހާރު. ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި. މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި. ފެބުރުވަރީ މަހު އަންނާނެ. ހަނޑޫ، ހަކުރު، ދެންވެސް ހުރި، ފިޔާ، ބިސް، އަދި އަލުވި، މިފަދަ ތަކެތި އެކި ޤައުމުތަކުން މިހާރުވަނީ ހަމަޖެހިފައި. އެ ތަކެތި އަންނާނެ.
އަދި ދަންނަވަންތޯ. ހަމައެކަނި ލިބޭގޮތަށް ހަމަޖެއްސީކީ ނޫން. މި ރޯދަމަހު، ފުރަތަމަފަހަރަށް އަޅުގަނޑުމެން ކޮންމެ ގޭބީސީއަކަށް ހިލޭ، ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި، 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ، ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް.
އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ޤައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ.
ބަލިމީހުން އުފުލަން އެއަރ އެމްބިއުލެންސް، 1 މާރިޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފައި. އެއިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން، ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސް، އެ ޑޭޝް 8 ގައި ދާނެ. އެއަރ އެމްބިއުލެންސްގައި ދާނީ. އެހެންވީމާ، އެ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއަރ އެމްބިއުލެންސްގެ ޚިދުމަތްވެސް ތަރައްޤީވަމުން އެ އަންނަނީ.
އަޅުގަނޑު ދެންމެ މި ދެންނެވި 9 ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަރވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ޤާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭގޮތަށް.
އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މިނިވަންކަމާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، އަޅުގަނޑުމެންގެ ދިވެހިންގެ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ޙަޤީޤީ މާނައިގައި އަޅުގަނޑުމެން ޤާއިމު މިކޮށްދެނީ.
އާދެ، ބަންގިވެސް ގޮވުމާ އެކީގައި، އަޅުގަނޑުގެ ވާހަކަ، މި ޕްރެސް ކޮންފަރެންސް ނިންމާލަން ގަސްތުކުރަން.
އާދެ، އެކަމަކު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް.
We maybe small. But that doesn’t give you the license to bully us.
ވަރަށް ބޮޑަށް ޝުކުރިއްޔާ! |
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މާލޭސިޓީގެ މޭޔަރ، މާލޭސިޓީގެ ކައުންސިލަރުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަދި މިތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން، އަދި އެކިއެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި، ވެރިންނާއި، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް މިރޭގެ އެންމެ ޚާއްޞަ ބޭފުޅުން ކަމަށްވާ، މިރޭގެ މި ދަރުބާރު އެ ބަޔަކަށްޓަކައި ޚާއްޞަ ކުރެވިފައިވާ މި މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި އަލަށް ހުވާކުރެއްވި ތިން ކައުންސިލަރުންނަށާއި، ޖުމްލަކޮށް، މުޅި މާލޭސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ އަރިސްކުރަން.
އާދެ، އަޅުގަނޑު ހަނދާންވަނީ، 2021 ވަނަ އަހަރުގެ މި މަހު، އަޅުގަނޑު ހިމެނޭގޮތަށް ކައުންސިލަރުންގެ ވަރަށް ތަފާތު މާޙައުލެއް އޭރު އޮތީ. އޭރުގައި ބޭއްވުނު ހުވާކުރުމާ ބެހޭގޮތުން. ކޯވިޑުގެ އެންމެދަތި ދުވަސްކޮޅު، އޮންލައިންކޮށް ގިނަ ކައުންސިލަރުން ތިބެންޖެހުނީ. އަޅުގަނޑު ވަކިން ކައުންސިލްގައި އިނދެ، އެހެން ހުރިހާ ކައުންސިލަރުން ގޭގައި ތިބެގެން. އޭރުގެ ޙާލަތު. އެކަންދިޔައީ. އެހެން ނަމަވެސް، ﷲ އަށް ޙަމްދުކުރަން. މިއަދު މިކަހަލަ ފުރިހަމަ ދަރުބާރެއް ބޭއްވި، މި މާލެއަށް އެންމެ އެކަށީގެންވާ ހައިސިއްޔަތު ދެވޭ ފެންވަރުގައި މިކަން ބޭއްވިގެންދާތީ. މާލޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އާދެ، މި މާލެއަކީ މި ރާއްޖޭގެ ވެރިކަން ކުރާ ރަށް. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅިފައިވާ އެތައް ކަމެއް އައިސް، މި ގުޅިގެން ދަނީ މި މާލެސިޓީއާ. ރާއްޖޭގެ ހުރިހާ ރަށަކުން ރައްޔިތުން މި މާލޭގައި ދިރިއުޅުއްވާ. މާލޭގެ ރަށްވެހިންގެ އިތުރަށް، މާލޭގައި، މި ގްރޭޓަރ މާލޭ ރީޖަންގައި ރާއްޖޭގެ ދެބައިކުޅަ އެއްބައި އާބާދީ އެބަ ދިރިއުޅޭ.
އެހެންވީމާ، މިހާރުގެ މި ކައުންސިލް މި ޚިދުމަތް ކުރަންޖެހެނީ ހަމައެކަނި މި ކޮންސްޓިޓުއެންސީގެ، ނޫނީވިއްޔާ މި ދާއިރާގެ ރައްޔިތުންނަށް އެކަންޏެއް ނޫން. މި ދެންނެވި ގާތްގަނޑަކަށް ދެ ލައްކައެއްހާ ރައްޔިތުންނަށް އެބަ ޚިދުމަތް ދޭންޖެހޭ. ހަވާލު މިވަނީ ވަރަށްބޮޑު ޒިންމާއަކާ. ހުރިހާ ކައުންސިލަރުންވެސް، މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށްވެސް މި ހަވާލުވަނީ ވަރަށްބޮޑު ޒިންމާއަކާ. އެއީ، ރައްޔިތުންނާ އެންމެގާތުން ޚިދުމަތްދޭންޖެހޭ ފަރާތްތަކަކީ، ކައުންސިލަރުން ކަމުގައިވާތީ، އެ ރައްޔިތުން، މާލޭގެ ކައުންސިލަރުން މި ހަވާލުވާން މި ޖެހެނީ، މި ދެންނެވި ބޮޑު ޒިންމާއާ. ދެ ލައްކައެއްހާ ރައްޔިތުންނަށް ވަރަށް އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާ އެކުގައި، ތަފާތުކުރުމެއްނެތި ޚިދުމަތް ދިނުމުގެ ޒިންމާ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ވާންޖެހޭނީ، މި ދެންނެވި ގޮތަށް، އިންތިޚާބު ކޮށްފައި ތިބި މީހުންވީމާ، އެ އިންތިޚާބުކުރި ކުރުން އެއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓާ ބަޔަކަށޭ. އަޅުގަނޑުމެންނާ ރައްޔިތުން މި ހަވާލު މިކުރަނީ، ވަރަށްބޮޑު އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. އެ އަމާނާތާއި، އެ ޒިންމާއާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެންމެ ހިނދުކޮޅެއްވެސް ހަނދާންނެތިގެން ނުވާނެ. ފަހަތަށްޖެހިގެން ނުވާނެ. ފަރުވާކުޑަކޮށްގެން ނުވާނެ. ކޮންމެ ރައްޔިތަކީ، ތިމަންނާގެ ކުރިމަތީގައި މުހިންމު ރައްޔިތަކަށް ވާންޖެހޭނެ. ހިތުގެ އެންމެ ފުންމިނުން އެ ރައްޔިތާ މެދުގައި ލޯތްބާއި، ކުލުނާއި، އަޅައިލުމާ އެކީގައި ޚިދުމަތް ދޭންޖެހޭނެ.
އެގޮތަށް އެކަން ކޮށްފިއްޔާ ރައްޔިތުން ބަލައިގަންނާނެ. ރައްޔިތުން ފެންނަންޖެހޭނީކީ، ވޯޓުލާއިރު އެކަންޏެއް ނޫން. ރައްޔިތުން ގާތަށް ދާންޖެހޭނެ އަބަދު. އަޅުގަނޑު މަސައްކަތް ކުރިން، އެގޮތަށް މަސައްކަތް ކުރެވޭތޯ. ރަސްމީ މަސައްކަތުގެ ތެރެއިން. މިތާ އެބަ ތިއްބެވި ހަމަ ވަރަށްގިނަ ކައުންސިލަރުން، އަޅުގަނޑުމެންނާ އެކީގައި. ޓައިމްޓޭބަލެއް ހަދައިގެން، އަޅުގަނޑުމެން ގޭގެޔަށް ދިޔައީ. އެކަން ކުރީމާ އެ ރައްޔިތުން އުފާވޭ. އެއީ ކީއްވެތޯ؟ އެ ރައްޔިތުންގެ ހާލު ބަލަން، ރައްޔިތުން އުޅޭ ހިސާބަށް ގޮސް، އެ ރައްޔިތުންނާ ހަމަޔަށް ވާސިލްވެގެން، ރައްޔިތުންގެ ކަންކަމަށް ޙައްލުތައް ގެނެސްދޭން މަސައްކަތް ކުރާތީވެ. ބައެއް ކަންކަން ނުވެދާނެ. ބައެއް ކަންކަމަކީ ޒަމާންތަކެއް ވެފައި ހުރި ކަންކަމަށް ވެދާނެ. އެހެން ނަމަވެސް، ކައިރިއަށް ދިޔައިމާ، ގާތަށް ދިޔައިމާ، އެ ލިބޭ އުފާވެރިކަން އެ ރައްޔިތަށްވެސް، އަދި އެ ކައުންސިލަރަށްވެސް، މޭޔަރަށްވެސް އެބަ ލިބޭ.
އެހެންވީމާ، އަޅުގަނޑު އެދެނީ، މިއަދު މި ހުވާކުރެއްވި މޭޔަރ އަދި ކައުންސިލަރުންވެސް އަދި ޖުމްލަކޮށް މުޅި މާލޭ ސިޓީގެ ހުރިހާ ކައުންސިލަރުންވެސް، އަދި ހަމައެއާއެކީގައި، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް މިގޮތަށް މަސައްކަތް ކުރެއްވުމަށް. އެ ކައުންސިލަރަކު، އެ ރަށު ކައުންސިލްގެ ރައީސަކު، އެ އަތޮޅު ކައުންސިލެއްގެ ރައީސަކު، ސިޓީތަކުގެ މޭޔަރަކު ކުރައްވަންވާނެ ކަމަކީ، އަޅުގަނޑު މި ދެންނެވި ގޮތަށް، ރައްޔިތުން ގާތަށް ވަޑައިގަތުމޭ. ރައްޔިތުން ގާތަށް ވަޑައިނުގެން، ހަމައެކަނި އޮފީހުގައި އިދާރާތެރޭގައި ކުރާ މަސައްކަތަކުންނެއް، މުޅިއަކުންނެއް ރައްޔިތުން އެދޭ ފެންވަރަކަށް، އެ ހިތްހަމަޖެހުމާ އެކީގައި ކަމެއް ކޮށްދެވޭ ކަމަކަށް ނުވާނެ.
އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް، މިގޮތަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވުން، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް. އޭރުން ޙަޤީޤީ މާނައިގައި ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަމުގެ ނިޒާމެއްގެ އިޙްސާސް ރައްޔިތުންނަށް ވެގެންދާނީ. ކައުންސިލަރުން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެ ކައުންސިލަރުން، ރައްޔިތުންގެ އިޙްސާސްތައް، ސަރުކާރާ ހަމަޔަށް ގެނެސްދީ، އަދި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ، ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ އިޙްސާސް އޮޅުންފިލުވައިގެން ގޮސް، މިގޮތަށް ގުޅިލާމެހިގެން މަސައްކަތް ކުރެވުނީމަ، އޭރުން އެ ހާސިލުކުރެވިގެންދަނީ އުފާވެރި، ހިތްހަމަޖެހޭ މުޖުތަމަޢެއްގެ ކާމިޔާބީ. އެހެންވީމާ، އަޅުގަނޑު އެދެނީ، އެގޮތަށް ހުރިހާ ރަށެއްގެ ކައުންސިލަރުންވެސް މަސައްކަތް ކުރެއްވުން. ހުރިހާ ސިޓީތަކެއްގެ ކައުންސިލަރުންވެސް މަސައްކަތް ކުރެއްވުން.
އާދެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ސަރުކާރުން ކައުންސިލްތައް، ފުރިހަމަ މާނައިގައި ބާރުވެރިކޮށްދޭނަން. މިދިޔަ ދެމަހެއްހާ ދުވަހުވެސް މަސައްކަތްކުރީ އެ މަގުން. ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ، އަޅުގަނޑުމެން އެންމެ އިސްކަންދޭނެ އެއް ކަންތައް. އަޅުގަނޑުމެން ބަލައިލިއިރުގައި، މާލޭގައި ހުރޭ އަތޮޅުފިހާރަތަކެއް. އެހެން ނަމަވެސް، އެ އަތޮޅުފިހާރަތަކަށް ލިބެމުންދިޔަ ފައިސާ އަތޮޅުތަކާ ހަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން ނިންމާފައި މިހާރު ވާނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، އެ އަތޮޅުފިހާރަތަކުން ލިބޭ ފައިސާ، އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާގޮތަށް. އޭރުން އަތޮޅު ކައުންސިލްތަކަށް، ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ. މިހާރުވެސް އެބަހުރި އެގޮތަށް ހަވާލުކުރަން ޖެހިފައި ހުރި، އެހެން ނަމަވެސް، ހަވާލުނުކޮށް ހުރި ފައިސާ. ކުރިއަށް އޮތް ތާނގައި އެކަން އިރާދަކުރެއްވިއްޔާ، ދެ ފުށް ފެންނަ ނިޒާމުގެ ތެރެއިން، އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއިން ހަވާލުކުރަމުންދާނަން.
ދެން ދެވަނަ ކަމަކަށް، އިންވެސްޓް ކުރުމުގެ ފުރުޞަތު. ނޫނީވިއްޔާ، ވިޔަފާރިއެއް ފެށުމުގެ ފުރުޞަތު ދިނުމަށްޓަކައި، ދެންމެ މިނިސްޓަރ އެ ފާހަގަކުރެއްވި ގޮތަށް، މިހާރު ކެބިނެޓުން ނިންމާފައި ވާނީ، ކޮންމެ ކައުންސިލަކަށްވެސް، އެ ކައުންސިލެއްގެ އިޚްތިޞާޞްތެރޭގައި ހިމެނުނަސް، އަދި ނުހިމެނުނަސް، ރަށެއް، ނޫނީވިއްޔާ ފަޅެއްވިޔަސް، ކެބިނެޓުން ފާސްކޮށް، އެ ޢާންމު ކުރެވޭ، ގެޒެޓް ކުރެވިފައިވާ އުޞޫލުގައިވާ ގޮތަށް، އާމްދަނީ ހޯދުމަށްޓަކައި ފުރުޞަތު ދޭނެ ގޮތެއް ހޯދަން. އެގޮތުން، ފަޅު ހޯދުން، ނޫނީވިއްޔާ ރަށެއް ހޯދައިގެން، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ގިނަ، އިޤްތިޞާދީ ތަފާތު މަސައްކަތްތައް ކުރުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. މިކަން ކުރުމުގައި މިސާލަކަށް، އެ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ދާއިރާތެރޭގައި، ފަޅުރަށެއް ނެތީ. އެ އުޞޫލުގައި އެބަ ބުނޭ، އެހެން ދާއިރާއެއްގައި އޮތް ފަޅު ރަށެއް، އެ ދާއިރާގެ ރައްޔިތުން އެކަމަށް އެއްބަސްވާނަމަ، އެ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން އޮޅުންފިލުވުމަށްފަހު، އެއްބަސްވާނަމަ، އެގްރީމަންޓް ހަދައިގެން، އެ އޮންނަ އުޞޫލުގެ ތެރެއިން އެ ރަށް ލިބޭނޭ. އެހެންވީމާ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އިރާދަކުރެއްވިއްޔާ، މި ދެންނެވި ގޮތަށް، އާމްދަނީ ހޯދޭނެ މަގުވެސް އިރާދަކުރެއްވީތީ އަޅުގަނޑުމެން މިވަނީ ފަހިކޮށްދީފައި. އެކަމުގެ ނަފާ އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ.
ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ މެދު އަދި ދުރު ރާސްތާ މާސްޓަރ ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާ އެކީގައި، 20 އަހަރު ދުވަހަށް ޕްލޭން ކުރެވޭ މާސްޓަރ ޕްލޭނެއްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެއީ، މެނިފެސްޓޯގައި ކަނޑައަޅައި، އަޅުގަނޑު ވަޢުދުވެފައިވާ ކަމެއް. އަޅުގަނޑު އިންތިޚާބުގައި ވޯޓު ކަންތަކުގައި ދިޔައިރުގައި، ރައްޔިތުންގެ އަރިހުގައި އެންމެ ބޮޑަށް ދެންނެވުނު އެއްކަމަކަށް އޮންނާނީ އެ ވާހަކަ. 20 އަހަރު ދުވަހަށް، ދުރު ރާސްތާއަށް ރާއްޖޭގައި ތަރައްޤީގެ ކަންތައްތައް ބައްޓަން ކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާނަން.
އޭގެތެރޭގައި، އެންމެ އުތުރާއި، އެންމެ ދެކުނުގައި އަރބަން ރީޖަންތަކެއް ޤާއިމުކުރުމާއި، މެދު ރާއްޖެތެރޭގެ އެކި ސަރަޙައްދުތަކުގައި، އަރބަން ސެންޓަރތައް، މި ދެންނެވި މަޝްވަރާގެ އަލީގައި ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އަދި އެކްސްޕަރޓުންގެ ލަފަޔާވެސް އެކީގައި، އަޅުގަނޑުމެން އެކަންކަން ކަނޑައަޅާނީ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަން ކުރުމަށް ކެބިނެޓްގައި ނިންމާފައިވާނީ.
އެހެންވީމާ، މި މަސައްކަތް ކުރުމަކީވެސް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން އަދި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކުރެވިގެންދާނެ ކަމަކަށްވާނެ. އެހެންވީމާ، އެ މަގުން އެކަންކަން ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު ކަމަކަށްވާނީ. އެއީ ކީއްވެތޯ؟ ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށްޓަކައި. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް. އަޅުގަނޑުމެން އަބަދުއަބަދު އެއްގޮތަކަށް އެއްކަމެއް އަބަދު ކޮށްކޮށް ތިބުމުން، އެ ސަސްޓެއިން ނުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހާސިލް ނުކުރެވި ދިޔައިމާ، ރައްޔިތުންނަށް އެންމެ އެދެވޭ ފެންވަރުގައި ޚިދުމަތް ނުދެވި އެބަދޭ.
އެހެންވީމާ، އަދި އިރުކޮޅުކޮޅާ ރާއްޖޭގެ ތަރައްޤީގެ މިޞްރާބު އެކިގޮތްގޮތަށް ބަދަލުކުރުމަކީވެސް ރައްޔިތުންނަށް އެންމެ ރަނގަޅު ކަމަކަށްނުވޭ. އެހެންވީމާ، މި ދެންނެވި ގޮތަށް، 20 އަހަރު ދުވަހަށް ހެދޭ މާސްޓަރ ޕްލޭނެއް، ރައްޔިތުން އެންޑޯޒް ކުރާ، ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ މާސްޓަރ ޕްލޭނެއް. އަދި އެ މާސްޓަރ ޕްލޭނަށް ޤާނޫނެއް ފަރުމާކޮށް، ރައްޔިތުންގެ މަޖިލީހުން އެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ޤާނޫނު ފާސްކޮށް، އެ ޤާނޫނުގައި އޮންނާނެ، އެ މާސްޓަރ ޕްލޭނަށް، ދެން ބަދަލު ގެނެވޭނެ ގޮތާއި، ކުރެވޭނެ ކަންކަންވެސް. އެ ހިމާޔަތް ލިބިގެންދާ މާސްޓަރ ޕްލޭނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން ރައްޔިތުންނަށް.
އާދެ، މާލޭގައި މިގޮތުން ކުރަންހުރި ކަންކަމަށް ބަލާއިރުގައިވެސް، އަދި މުޅި ރާއްޖޭގައިވެސް އެންމެ މުހިންމު ކަމަކަށް އޮންނާނީ، ގެދޮރުގެ މައްސަލައަށް ޙައްލު ގެނައުން. އާދެ، އަޅުގަނޑަށް އެންމެ ގިނަފަހަރު ދެވިފައި ހުންނާނީ، މާލޭގައި ހުރި ގޭގެޔަށް. ކެމްޕެއިން ތެރޭގައި ރަށްރަށަށްވެސް ދެވިފައިވޭ. އެހެން ނަމަވެސް، މޭޔަރު ކަމުގައި ހުރިއިރުގައި، މާލޭގައި ވަރަށް ގިނަ ގޭގެޔަށް ދެވިފައިވަނީ. އަދި އޭގެ ކުރިންވެސް ދެވުނު. އެންމެ ގިނަ މީހުންނަށް، އެންމެ ގިނަ ރައްޔިތުންނަށް ބޮޑުވެފައިވާ މައްސަލައަކީ، ގެދޮރުގެ މައްސަލަ. އެކަން ޙައްލުކުރުމަކީ، އަޅުގަނޑު ކެމްޕެއިންގައިވީ އެންމެ މުހިންމު ވަޢުދުކަން ހަނދުމަފުޅު ހުންނާނެ. އަޅުގަނޑު ދަންނަވަމުން އައީ، ޤައުމީ ބޮޑެތި މައްސަލަތަކާ ބެހޭ ކަންކަން ފިޔަވައި، މި ދެންނެވީ، މިނިވަންކަމާއި، އިސްތިޤްލާލާއި، ސިޔާދަތާ ގުޅޭ މުހިންމު މައްސަލަތައް ފިޔަވައި، އެންމެ އިސްކަމެއް ދޭނީ، ގެދޮރުގެ މައްސަލަ ޙައްލުކުރުމަށޭ. އެ ސިޔާސަތެއް ބަދަލެއްނުވާނެ. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ކުރުމަށް، ފުރަތަމަ ދުވަހުއްސުރެ މަސައްކަތް ފަށައިގެން މި އަންނަނީ.
އެހެންވީމާ، އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ ތަކުރާރުކޮށްވެސް އެ ޔަޤީންކަން. އެއީ، މާލެއަށް، މުޅި ރާއްޖޭގައި މި ފަސް އަހަރު ނިމޭއިރު، ގެދޮރުގެ ދަތިކަން ދިމާވެފައިވާ، ގެދޮރު ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު އިރާދަކުރެއްވިއްޔާ ނުހުންނާނެ. އެ ޔަޤީންކަން މިދެނީ ވަރަށް ސާބިތުކަމާ އެކީގައި. ހުރިހާ ކައުންސިލްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އެ މަސައްކަތް ކުރާނީ. މިއީކީ ސިޔާސީ ކަމެއްނޫން. މިއީ ޤައުމީ ކަމެއް. މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިއްޔާ، ރައްޔިތުންނަށް ލިބޭނީ ގެއްލުން. އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތަކީ، ފޭރާން ހެޔޮ ސިޔާސަތަކަށް ވާންޖެހޭނެ. މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި، މިންވަރެއްގައި ގެދޮރުގެ މައްސަލަ ޙައްލުކޮށްދޭވަރުގެ ސިޔާސަތެއް، އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި ވާނީ. ހަމައެކަނި މިތާ ކައިރީގައި، ހުޅުމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅާ، މިތަންތަނުން އެކަނި ޙައްލެއް ނުވޭ. އަދި އުތުރުތިލަފަޅުވިޔަސް، ހައްލެއް ނުވޭ، މާލޭގައި މިއޮތް ގެދޮރުގެ މައްސަލައެއް.
އަޅުގަނޑުމެން ބަލައިލިއިރުގައި، އަދި ކިރިޔާ މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅުގެ ޕްލޭން ހެދުމުގެ މަސައްކަތް ފުރިހަމަކުރެވިގެން އެދަނީ. ގިރާވަރުފަޅުގައި ނެތް، ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް. އަޅުގަނޑުމެން މަސައްކަތް ފެށިއިރު ހަދާފައި އެބައޮތް. އެހެންވީމާ، އެތަނުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަދި އިތުރު ބިންވެސް އެތަނުން އިރާދަކުރެއްވިއްޔާ، ފަންސާހަކަށް ހެކްޓަރު ހިއްކާނަން. އަދި ގުޅިފަޅުގައިވެސް އިރާދަކުރެއްވިއްޔާ، އެންމެ ފުންކޮށް އޮތް ބައިވެސް ހިމެނޭގޮތަށް ބިން އިތުރުކުރާނަން. އަދި ގުޅިފަޅުގައި ޕޯޓު އެޅުމަކީ، ފަންނީ އެއްވެސް މިންގަނޑަކުން ދުރު ރާސްތާއަށް ބަލާއިރުގައި، މި ދަންނަވާ 20 އަހަރުގެ މާސްޓަރ ޕްލޭނަށް ބަލާއިރުގައި، ރަނގަޅު ކަމަކަށް ނުވާތީ، ތިލަފުށްޓަށް އެ ޕޯޓް ބަދަލުކޮށް، ގުޅިފަޅުން ލިބެން އޮތް އެންމެބޮޑު ޖާގައެއް، ގެދޮރަށް ޚާއްޞަ ކުރެވިގެންދާނެ، މިހާރަށްވުރެ ބޮޑަށް. ތިލަފުށްޓަކީ، މާލޭގައި މިއޮތް ޕޯޓްވެސް ބަދަލުކުރެވޭ އަދި އިންޓަރނޭޝަނަލް ފެންވަރަށް ރަނގަޅު ޕޯޓަކަށް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ.
އާދެ، އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ ބިމެއް ގުޅިގެންދާނީ، ބުރިޖް އެޅިގެން. މިހާރު ފެށިގެން ކުރިއަށް އެދާ ބުރިޖް އަދި ދަނީ ތިލަފުށްޓާ ހަމަޔަށް. އޭގެއިތުރަށް، އެބަ ބޭނުންވޭ، ދެ ބުރިޖެއް، އުތުރު ތިލަފަޅާ ހަމަޔަށް ދާން. އެހެންވީމާ، އެ ދެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތައްވެސް، އަދި ކުރެހުމާއި، ތަފްޞީލުތަކުގެ މަސައްކަތްވެސް ފެށިފައި ވަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ ބުރިޖްތައްވެސް އަޅާނަން. އަދި މާލެއަށް ދިމާވެފައިވާ މި ގެދޮރުގެ މައްސަލައާއި، އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގަންޖެހޭ. ބޮޑެތި ރަށްތަކުގައި ތަރައްޤީ ގެންނަންޖެހޭ. މި ސަރަޙައްދަށް ބަލައިފިއްޔާ، އިތުރު ބިން ނުހިއްކައެއް މި މައްސަލަ ޙައްލެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ރަސްމާލޭގެ މަޝްރޫޢު ފަށާފައި މިވަނީ. އެހެންވީމާ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ޙައްލުވާން ނެތް މައްސަލަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް މި ފޭރާން ހެޔޮ ސިޔާސަތުން ގެދޮރުގެ މައްސަލަ މާލެއަށް ޙައްލުކޮށްދޭނަން.
ރަސްމާލެއާ ގުޅުވައިލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ ވަރަށްގިނަ މަސައްކަތްތަކެއް، އިނޮވޭޓިވް މަސައްކަތްތަކެއް ވާނީ ފަށާފައި. ވަރަށް ޤާބިލް ކުންފުނިތަކާއެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައިވެސް ފުރަތަމަފަހަރަށް ޤާއިމުކުރެވޭ އަންޑަރ ވޯޓަރ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް.
އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގެ ސަބަބުން، ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ޤާބިލްކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ، ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް. މިއީ، ރާއްޖެއަށް ޓޫރިސްޓުން އެތައް ގުނަޔަކަށް އިތުރުވާނެ މަޝްރޫޢެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، ލިންކް އެޅިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި، މާލެ ސަރަޙައްދުގައިވެސް މީހުން ދިރިއުޅޭނެ. އާދެ، މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ހަމަ އެއާއެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބުރިޖްގެ މަސައްކަތް ހިނގާނެ. އައްޑޫ ސިޓީގައި، އަޅުގަނޑުމެން ހަމައެކަނި އަނގަބަހަކުން ނޫން ބުރިޖްއަޅާނީ. ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ، ބުރިޖް އަޅާފައި ދައްކާނީ. މިހާރު އެކަމުގެ ފީޒިބިލިޓީ މަސައްކަތް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ފެންވަރަށް ހުރިހާ ތަފްޞީލެއް ނިންމޭނެ. ކުރެހުމާއި، އިންޖިނިއަރިންގ ޑިޒައިނެއް ނިންމާފައި، އެ ބުރިޖްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން. އަދި ހަމައެއާއެކީގައި، ދެންވެސް އަޅުގަނޑުމެން އަޅަން ނިންމާފައިވާ ލޭންޑް ލިންކްތައް، އެކިކަހަލަ ކޯޒްވޭތަކާއި، ބުރިޖްތައް ހުންނާނެ. ލޭންޑް ޔޫސް ޕްލޭން ހެދިގެންދާއިރުގައި، އެކި ރަށްތަކާ ގުޅިގެންދާ، އަދި ވަޢުދުވެވިފައި ހުރި ބުރިޖްތައް، ލޭންޑް ލިންކްތައް ހުންނާނެ. އެހެންވީމާ، އެ މަސައްކަތްތައް ކުރުމަށްޓަކައި އެކިއެކި ފަންނީ މަސައްކަތްތައް ވަނީ ފެށިފައި.
އާދެ، އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް މުހިންމު މި ހުރިހާ ކަމެއް، އަޅުގަނޑުމެން ޙައްލުކޮށްދޭނީ ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން. ކައުންސިލް ވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ރައްޔިތުންނާ ދޭތެރޭގައި އެހީތެރިވާ، މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ، ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ، ވަރަށް ޒިންމާދާރު ބޮޑީއަކަށް، މުއައްސަސާއަކަށް. އަޅުގަނޑު ޔަޤީންކުރަން، މާލޭސިޓީ ކައުންސިލުން އެ ޒިންމާ އަދާކޮށްދެއްވާނެ ކަމަށް. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުންވެސް އަދާކޮށްދެއްވާނެ ކަމަށް.
މިއީ ވަރަށްބޮޑު އަމާނާތެއް. އަޅުގަނޑު ފަށަމުން ދެންނެވި ގޮތަށް، އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުޞަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން. އަޅުގަނޑާ ރައްޔިތުން ހަވާލުކުރީ އެ ޒިންމާ. އެ ޒިންމާ އަދާކުރަން އަޅުގަނޑު މިހިރީ އިރާދަކުރެއްވިއްޔާ ތެދުވެ، ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާއި މަންދޫބުންނާ އެކީގައި، ރެޔާއި ދުވާލު ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރަން. އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ އެގޮތުގައި. މިކަމުގައި އަޅުގަނޑުމެން އެންމެ ތަންކޮޅެއްވެސް އިރާދަކުރެއްވިއްޔާ ފަރުވާކުޑައެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި، ކައުންސިލަރުން މަސައްކަތް ކުރަން ތިބިއްޔާ، އެ ކައުންސިލަރުންނާ އެކީގައި ރެޔާއި ދުވާލު މަސައްކަތް ކުރަން ތައްޔާރަށް. އިރާދަކުރެއްވިއްޔާ، އެކަން އެގޮތުގައި ކުރިއަށްދާނެ.
އެގޮތުން ބަލާއިރުގައި، މާލެއަށް ދެވަނައަށް އެންމެބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ، މަގުތަކާ ގުޅިފައި އޮތް އެކިއެކި މައްސަލަ. އޭގެތެރޭގައި މަގުތަކުގެ ފެންވަރު ދަށްވުން. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އަޅުގަނޑު ހުވާކުރިއިރުގައި، އޭގެ ކުރީގެ މޭޔަރު ޝިފާ ހުންނެވިއިރުގައި، ފެށިފައި އޮތް މަޝްރޫޢެއް އޮތް، މަގުހެދުމުގެ މަޝްރޫޢެއް. ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ބަޖެޓުގައިވެސް އޮތް. އަޅުގަނޑުމެން ބެލީ އެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް، ކުރިއަށްދިޔުމުގެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބުނު. ވަކި ހިސާބަކުން ޕްރޮޖެކްޓް މަޝްރޫޢު އަތުލެއްވީ. އަތުލީމާ މަސައްކަތެއް ނުކުރެވުނު. އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ އަނެއްކާވެސް އެ މަސައްކަތް ކުރަން. ސަރުކާރުން ބޭނުންވަނީ، ކައުންސިލް މެދުވެރިކޮށް، އެކަން ކުރިއަށް ގެންދަން.
އެންމެފަހުން އަޅުގަނޑުމެން ޗައިނާއަށް ކުރި ދަތުރުގައި، ހަމަޖެހިގެންދިޔަ ގްރާންޓް އެއިޑްގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫޢަކީ، މާލޭގެ މަގުހެދުން.
ދެވަނަ މަޝްރޫޢަކީ، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުން. މި ދެ މަޝްރޫޢު، އިރާދަކުރެއްވިއްޔާ، ޗައިނާއިން މި ހަމަޖައްސަވައި ދެއްވި ގްރާންޓް އެއިޑްގެ ތެރެއިން، ގާތްގަނޑަކަށް 900 އެތައް މިލިއަން RMB ގްރާންޓް އެއިޑްގެ ތެރެއިން އިރާދަކުރެއްވިއްޔާ، މި ދެ މަޝްރޫޢު ނިންމާނަން.
އެހެންވީމާ، މާލޭގެ ރައްޔިތުންނަށް، އެއީ، އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުވީމާ، މި ސަރަޙައްދަށް މީގެ އިމްޕެކްޓް އެންމެ ބޮޑަށް ބޭނުންވާނީ. އެހެންވީމާ، މިގޮތަށް ލިބުނު ހިލޭ އެހީ، އަޅުގަނޑުމެން މި އިސްކުރީ، އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާގޮތަކަށް ކަންކަން ކުރަން. އޭގެއިތުރަށް، އެކި ރަށްތަކުގެ ލެބޯރެޓަރީތައް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި، ބައެއް ރަށްތަކުގެ، ބައެއް އެހެންކަހަލަ އެންވަޔަރަންމަންޓަލް ރިލޭޓަޑް ބައެއް މަސައްކަތް ކުރުންވެސް އޭގައި ހިމެނޭ.
އެހެންވީމާ، މަގު ހެދުމުގެ މަސައްކަތަކީ ވަރަށް އިސްކަންދީގެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ މަސައްކަތެއް. އޭގެތެރޭގައި، ފެންބޮޑުވުމުގެ މައްސަލައާއި، ޑީވޯޓަރިންގގެ މައްސަލަވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އާދެ، މި މަސައްކަތަށް އިރާދަކުރެއްވިއްޔާ، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރަން. ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، މާލޭގެ މަގު ހެދުމުގެ މަސައްކަތަކީ، ވަރަށް އަވަހަށް ފެށިގެންދާނެ ކަމެއް.
ހަމައެއާއެކީގައި، މަގުތަކާ ދެން ގުޅިފައި މިއޮތީ، ޕާކިންގގެ މައްސަލަ. ވެހިކަލްތަކުގެ މައްސަލަ. މާލޭގެ ޕާކިންގގެ މައްސަލަ ޙައްލުކުރަން 6 ސަރަޙައްދެއްގައި، ޕާކިންގ ބިލްޑިންގ އަޅަން އޭރުގައި، މި ދެންނެވީ އަޅުގަނޑު މޭޔަރަކަށް ހުރިއިރު އުޅެއުޅެ މަގު ނުދެއްކެވި. ނުދެއްކީމާ ނުވެފައި އޮތް ކަމެއް، މިހާރު އިރާދަކުރެއްވިއްޔާ ކުރިއަށްދާ ގޮތަށް އެވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އެޕްރީލް މަސް ހިސާބުގައި، ޢަމަލީގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެ ކަމަށް. އެހިސާބަށް ވަނީ ގޮސްފައި.
އަޅުގަނޑު ޔަޤީންކުރަނީ، މީގެ ދޭތެރެއަށް، މެދަށް ސިޔާސީ ކަންކަން ނުވަންނާނެ ކަމަށް. ބިން ހަވާލުކުރުން ލަސްކުރުން. މިވެނި ކުރެހުމެއް ފާސްކުރުން ލަސްކުރުން. މި ހުންނަނީކީއެއް، އަޅުގަނޑު ކުރިން ދެންނެވި ސިޔާސީ ކުޅިސަމާސާގެ ތެރޭގައި ރައްޔިތުން ތާށިކުރެވޭނެ ކަންކަމެއް ނޫން. އެ ފުރުޞަތެއް ނުލިބޭނެ.
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގެ ރައްޔިތުންނަށް މި މުހިންމު ކަންކަން ކުރުމުގައި އަޅުގަނޑުމެން ކުރިއަށްދާނީ ކައުންސިލާ އެކީގައޭ. ފުރިހަމަ އެއްބާރުލުމާ އެކީގައި ބާރަށް ގެންގޮސް މިކަންކަން ހައްލުކުރާނަމޭ. މަގުތަކާ ގުޅިފައިވާ މި ބޮޑެތި މައްސަލަތައް، މަގުތައް ހެދުމާއި، ޕާކިންގގެ މައްސަލަ، މާލޭގައި، މި ފަސް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކުރާނަން.
ހަމައެއާއެކީގައި، އަޅުގަނޑު ކުރަންއުޅެ، ދެން ނުކުރެވުނު ކަންތައް އެއީ މަސް މާރުކޭޓް އެޅުން. ހަމަ ފުރުޞަތު ނުދެއްވި. ނުދިނީމާ އެކަންވެސް ނުވީ. އެ ފުރުޞަތު ނުދެއްވި ބޭފުޅުން، ކަން ދިމާކުރިގޮތުން، މިތާވެސް އެބަ ތިއްބެވި. އެ ފުރުޞަތު ނުލިބުނީމާ ނުވި ކަންތައް މިހާރު އެވަނީ ފަށަން ރެޑީވެފައި، ތައްޔާރުވެފައި. ރޯދަމަސް ހަމަ ނިމޭތަނުން، ލޯކަލް މާރުކޭޓް އެހުރި ތާނގައި ޢަމަލީގޮތުން އެ އިމާރާތް އަޅަން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑު ޔަޤީންކުރަނީ، ކައުންސިލުން މިކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް. ހަތަރު ބުރިއަށް ހަދާ އެންމެ ޒަމާނީ އިމާރާތެއް އެއީ. ބިމު އަޑީގައި ޕާކިންގ. އެ ތަނަށްދާ ކަސްޓަމަރުން އަދި މުވައްޒަފުންގެ ޕާކިންގ. ގްރައުންޑް ލެވެލްގައި، އެންމެ ޒަމާނީ ސްޓޭޓް އޮފް ދަ އާރޓް، މަސް މާރުކޭޓް. ފަސްޓް، ސެކަންޑް ފްލޯރ ލެވެލްގައި، ފްރެޝް ފުޑް، ދެން މި ކިޔާ އެކިކަހަލަ ކާބޯތަކެތި. ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި އެ ވިއްކާ ބާވަތްތަކުގެ ތަކެތި ވިއްކާގޮތަށް ހުންނާނެ. އަދި އެންމެ މަތީގައި އެކިކަހަލަ ވިޔަފާރިތައް. ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަ ޑިޒައިނެއް އެއީ. އެހެންވީމާ، އެއީ ކައުންސިލުން ފާސްކޮށްފައި އޮތް އެއްޗެއް. އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމުގައި، އިރާދަކުރެއްވިއްޔާ ކާމިޔާބީ ހާސިލްވާނެ.
ހަމަ އެގޮތަށް، ވިލިމާލޭގައި ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި. މާލޭގައި ކުރަންހުރި ގިނަ ކަންތައްތައްވެސް އަދިވެސް ހުންނާނެ. މާލޭގެ ސިނަމާލެ ސަރަޙައްދުގައި ގެދޮރު ބިނާކުރުމަށްޓަކައި ފަށަން ނިންމާފައި އޮތް މަޝްރޫޢުވެސް އޮތީ ކުރިއަށް ގެންދަން ފުރުޞަތު ނުދީފައި. އެކަންވެސް މިހާރު އެވަނީ އިރާދަކުރެއްވީތީ ކުރިއަށް ދެވޭނެގޮތް ހަމަޖެހިފައި. ހަމަ ދެންމެ އަޅުގަނޑު މި ދެންނެވި މުއްދަތުގައި ގާތްގަނޑަކަށް، އެޕްރީލް މަސް ހިސާބުގައި، އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި 5 އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ. އެ އިމާރާތް އަޅައި ނިމުނީމާ، މި 5 އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ، ބާވެފައި ހުރި މި ދެންނެވި 5 އިމާރާތް ތަޅައިލެވި، އެތަންތާނގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
ހަމަ އެގޮތަށް، ވިލިމާލޭގައި އެންމެ ބޮޑު މައްސަލައަކީވެސް ހައުސިންގއަށްވާތީ، ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތްވެސް، ހުއްދަ ނުދިނުމުން ނުފެށި އޮވެފައި، މިހާރު އެވަނީ ފެށޭގޮތަށް ހަމަޖެހިފައި. އެ މަސައްކަތްވެސް، އަޅުގަނޑު ދެންމެ ދެންނެވި މުއްދަތުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
އާދެ، ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެން މާލެތެރޭގައި އެންމެ އުނދަގޫވަނީ، ނޭވާލާ ނިޒާމަށް ދަތިވާކަހަލަ މަސައްކަތްތައް ހިންގާ އެކިކަހަލަ ވާރކްޝޮޕްތަކާއި، ގުދަންތަކާއި، މިކަހަލަ ތަންތަން ހުންނާތީ. މި ތަންތަން ބަދަލުކުރަން ނިންމާފައި އޮތް ތަން، އޭރުގައި ހަމަ އެއް ކަމެއްވެސް ކުރާނެ ފުރުޞަތު ކައުންސިލަށް ނުދިން ތަނެއް އެއީ، އިންޑަސްޓްރިއަލް ވިލެޖް. ދެން އެންމެ ރަނގަޅު، އެ ތަނުން އެއްބައި، ބުރިޖް އަޅަން ބޭނުންވާނެ. އެކަން އެވަނީ ހަމަޖެހިފައި. އެހެން ނަމަވެސް، ބާކީއޮތް ސަރަޙައްދަކީ، މި ދެންނެވި، މާލެތެރޭގައި ހުންނަން ނުޖެހޭ ގަރާޖު، ގުދަން، ވާރކްޝޮޕްތައް ބަދަލުކުރެވޭވަރުގެ ޖާގައަށްވާއިރުގައި، އަޅުގަނޑު އޭރު މޭޔަރަކަށް ހުރެގެން ހަމަ ކުރަން އުޅެއުޅެ، އެ ފުރުޞަތު ހިލާ ނުދެއްވީ. ނުދީ، ބިންވެސް އަތުލެއްވީ. އަތުލީމާ އެކަން ނުވެ އެއޮތީ. މިހާރު އަޅުގަނޑު މި ދަންނަވަނީ، އިރާދަކުރެއްވިއްޔާ ކައުންސިލުން އެކަން ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމޭ.
ސަރުކާރުގެ ސިޔާސަތަކީ، މި ދެންނެވި ގަރާޖުތަކާއި، ގުދަންތަކާއި، ވާރކްޝޮޕްތައް އެ ތަނަށް ބަދަލުކުރުމޭ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ވާނީ މިހާރު ފަހިކޮށްދީފައި. މަލްޓި ސްޓޯރީ، އެންމެ ޒަމާނީ އިންޑަސްޓްރިއަލް ކޮލިޓީ، އިންޑަސްޓްރިއަލް ވެއަރހައުސްތައް، މި ދެންނެވި ބާކީހުރި ބިންތަކުގައި، ބުރިޖަށް ނަގާފައި ބާކީހުރި ބިންތަކުގައި އަޅައިގެން، މާލެތެރޭގައި މިހިރަ އުނދަގޫވާ ހުރިހާ ގުދަން، ގަރާޖް، ވާރކްޝޮޕްތައް މާލަސްތަކެއްނުވެ ބަދަލުކުރަންވީއޭ. ކުރީމާ އެތައް ފައިދާއެއް އެބަވޭ. ނޭވާލާން ފަސޭހަކަން ލިބި، ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭ ތަންތަން ދުރަށްލެވި، އަދި ޓްރެފިކަށްވެސް ލުއި އެބަ ލިބޭ. އަބަދު ބަރުގޮނު އަޅަން މިޖެހެނީ، ކޮންމެވެސް ޕިކަޕެއް މި އޮންނަނީ، ކޮންމެވެސް ގަރާޖެއް، ކޮންމެވެސް ވާރކްޝޮޕެއް ކައިރީގައި މަޑުކޮށްގެން، އެއްޗެއް އަރުވައި ބާލަން. އެއަށްވެސް ފަސޭހަތަކެއް އެބަ އާދޭ. އެހެންވީމާ، ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދީގެން، އެކަން ކުރެވޭގޮތް މިވަނީ ފަހިވެފައި. އަޅުގަނޑު ޔަޤީންކުރަނީ، ކައުންސިލުން މި މަސައްކަތްވެސް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް.
އާދެ، މާލެއާ ގުޅޭގޮތުން ފަހު ކަމަކަށް، މި ޖަލްސާގައި ފާހަގަކޮށްލަން އޮތީ، ހުޅުމާލޭގެ ވާހަކަ. ހުޅުމާލެއަކީ ޤާނޫނުއަސާސީ ބުނާގޮތުން މާލޭގެ އެއްބައި. އެހެން ނަމަވެސް، ކުންފުންޏަކާ ހަވާލުކޮށްފައި އޮތީ މި އޮއްހާ ދުވަހަށް. އަޅުގަނޑު އިންތިޚާބުގައި ވާދަކުރިއިރުގައި، ވަރަށް ބާރުމިނުގައި ދެއްކި، އެކަން ނިމުމަކަށް ގެންނާނެ ވާހަކަ. ނަތީޖާ ނުކުތް ގޮތަކުން އެ ވާހަކަ ހުއްޓުނީ. އަޅުގަނޑުމެން އޭގެ ތަފާތު މި ދެއްކީ. އިންތިޚާބަކަށް ބެލުމެއްނެތި، އަޅުގަނޑު ވަޢުދުވީ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް އެވަނީ މާލޭސިޓީ ކައުންސިލާ ހަވާލުކޮށްފައި. އެއްލައްކައަށްވުރެ ގިނަ ރައްޔިތުންގެ ވާހަކަ މި ދަންނަވަނީ. އެ ރައްޔިތުންނަށް އެ ބޭނުންވާ މުނިސިޕަލް ޚިދުމަތް، ކައުންސިލުން ތަފާތުކުރުމެއްނެތި، ފޭސް 1، 2ގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޒިންމާދާރުކަމާ އެކީގައި ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަނީ. ހުރިހާ ވަސީލަތްތަކަކާ އެކީގައި ހަމަޖައްސައިދީފައި ވާނީ. މުވައްޒަފުންނަށް މުސާރަ ދޭކަށް ނުޖެހޭނެ. މުވައްޒަފުންނަށް އެޗް.ޑީ.ސީ. އިން މުސާރަ ހަމަޖައްސައިދީފައި ވާނީ. ވެހިކަލްތައް، ސައިޓް، ހުރހާ އާލާތްތަކެއް ހަމަޖައްސައިދީފައި ވާނީ. ކައުންސިލުން ކުރަންވީ ކަމަކީ، ޒިންމާދާރުކަމާ އެކީގައި ޚިދުމަތް ދިނުން. އަޅުގަނޑު ޔަޤީންކުރަން، އެކަން ކުރައްވާނެ ކަމަށް. ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެކަމުގައި ދޭނަން.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ފަށަމުންވެސް ދެންނެވި ގޮތަށް، އަޅުގަނޑުމެން، ރައްޔިތުންގެ އިތުބާރާއި ތާއީދާ އެކީގައި އިންތިޚާބުވެގެން މި އަންނަނީ، ރައްޔިތުންނަށް ލޯތްބާއި ކުލުނާ އެކީގައި ޚިދުމަތް ކުރުމަށޭ. ތަފާތުކުރުމެއްނެތި، ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަށޭ. އަޅުގަނޑު ޔަޤީންކުރަނީ، އެގޮތުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކުން މަސައްކަތް ކުރައްވާނެ ކަމަށް. އަދި އަޅުގަނޑުމެންވެސް، ސަރުކާރުންވެސް މަސައްކަތް ކުރަމުންދާނީ އެގޮތަށް. އަޅުގަނޑު ވަޢުދުވެސްވިން. އަދި ވަޢުދުނުވިނަމަވެސް، އަޅުގަނޑު ހަމަ ކަން ކުރާނެ ގޮތަކީވެސް ރައްޔިތުންނާ ގާތަށް ދިޔުން. ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަޅުގަނޑު ނިންމިން. އިރާދަކުރެއްވިއްޔާ، އެ ދަތުރުތައް މި އަންނަ ހަފްތާގައި އަޅުގަނޑު ފަށާނަން. ފަށައި، ވަގުތު ލިބޭވަރަކުން ހަމަ ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމާނަން. އަދި އެކަން ތަކުރާރުކޮށް، އިރާދަކުރެއްވިއްޔާ ވަގުތުވީވަރަކުން ކުރިއަށް ގެންދާނަން. މާލޭގައިވެސް ވީވަރަކުން މާލޭގެ ރައްޔިތުންނާވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
ސަރުކާރުން ކުރާ މަސައްކަތްތައް، އަޅުގަނޑުމެން ރައްޔިތުންނަށް، ގާތުން އޮޅުންފިލުވައިދިނުމަކީ، މީގެތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއްމަހު، ވަޒީރުން ރައްޔިތުންނަށް، ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި، ރައްޔިތުން ކުރަންހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުޞަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް، މި އަންނަ ހަފްތާގެ ތެރޭގައި އޮންނާނެ. އެއީ، ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް، އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުޞަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެންބަރސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް، އަޅުގަނޑުމެން މި ދެންނެވި، ދެ މަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން. ރައްޔިތުން ކުރަންހުރި ހުރިހާ ސުވާލެއް، ލިބޭ ދެ ގަޑިއިރުގެ ތެރޭގައި ކުރެވޭނެ. ހަމަ އެގޮތަށް، ތިން މަހުން އެއްމަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުޞަތު ދޭނަން. ޕަބްލިކް ފޯރަމެއް، މިފަދަ ދަރުބާރެއް ބާއްވައި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކެއް ކުރުމަށް ފުރުޞަތު ދޭނަން. ތިން މަހުން އެއްމަހު. އޭގެ ފުރަތަމަ ފޯރަމް، މި އަންނަ މަހު އޮންނާނެ.
އެހެންވީމާ، މިގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެ. އަޅުގަނޑުމެން ކުރަނީ، ރައްޔިތުން ހަވާލުކުރި މަސައްކަތް. ޤާނޫނުއަސާސީގައި އޮތް މަސައްކަތް. އެއަކުއެއް ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް. ފޮރުވަންޖެހޭނެ ކަމެއް. ނޭނގޭނެ ކަމެއް. ޒިންމާ ނުނެގޭނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރިއަށް ގެންދާނަން.
އާދެ، އަދިވެސް އެއްފަހަރު، މާލޭ ސިޓީގެ މޭޔަރަށާއި، މިރޭ ހުވާކުރެއްވި ތިން ކައުންސިލަރުންނަށް މަރުޙަބާ ދަންނަވަން. އަދި ހުރިހާ ކައުންސިލަރުންނަށްވެސް، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަރުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ސަރުކާރުން ރައްޔިތުންނަށްޓަކައި ފުރިހަމަކަމާއެކީގައި ޚިދުމަތް ދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެމިތިބޭނެ ވާހަކަ ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ޤައުމަށް އަދަށްވުރެ ފެހި މާދަމާއެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި ލައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު | ޑޮކްޓަރ މުޙައްމަދު މުޢިއްޒު | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ތ. ގުރައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި މި ރަށާއި މި އަތޮޅުގެ އެންމެހައި ވެރިން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެން މި ދިޔައީ، އިންތިޚާބު ކާމިޔާބުވުމަށްފަހު، އެންމެ ފުރަތަމަ މި ރަށަށް އާދެވުމުން. ފުރަތަމަވެސް އަޅުގަނޑަށް މުޅި ރާއްޖެއިންވެސް އެންމެބޮޑު އިންސައްތައަކުން އެންމެބޮޑު ތާއީދެއް ދެއްވީ ތިޔަބޭފުޅުން ކަމުގައިވާތީ، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ތަކުރާރުކޮށް އެންމެ ގިނައިން ވީ ވަޢުދަކަށްވާނީ، އަޅުގަނޑު ޕޯޑިއަމްގައި ހުރެ ދެންނެވި ކޮންމެ ވާހަކައަކީ، ކުރާނެ ކަމަށް ދެންނެވި ކޮންމެ ކަމަކީ، އިރާދަކުރެއްވިއްޔާ ތެދުވެރިކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި، ޙަޤީޤަތަކަށް ހަދައިދޭނެ ކަންކަމޭ. ބަހާއި ޢަމަލާ އަޅުގަނޑު ދިމާކުރާނެ ކަމަށް ވީ ވަޢުދު. އެގޮތުން، ވަރަށް އުފާކުރަން. ﷲ އަށް ޙަމްދުކުރަން. ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް، މިއަދު ތިޔަބޭފުޅުން ގާތަށް އާދެވުނީމަ.
އަދި އަޅުގަނޑާއި އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، މި ހޫނުގަދަ ވަގުތު ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ފަށްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ.
އާދެ، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދުތައް ފުއްދުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ތަރުތީބުކޮށް ޕްލޭނެއް އެކުލަވައިލައިގެން މަސައްކަތް ފަށާފައި މިވަނީ. އިއްޔެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައިވެސް އަޅުގަނޑު ތަފްޞީލްކުރި ފަދައިން، 14 ހަފްތާއަށް ފުރަތަމަ އަޅުގަނޑުމެން ޕްލޭން ހެދީ. އެ ޕްލޭންގެ ދަށުން މިހާތަނަށް ކަނޑައެޅި ހުރިހާ ކަމެއް، 9 ހަފްތާއާ ހަމަޔަށް ކާމިޔާބު ކުރަން، ނޫނީވިއްޔާ ފުއްދަން ކަނޑައެޅި ހުރިހާ ކަމެއް، އަޅުގަނޑުމެންގެ ޓީމުގެ ބުރަ މަސައްކަތާ އެކީގައި، އަދި އަޅުގަނޑުމެންނަށް ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާ އެކީގައި ވަނީ ފުއްދިފައި. އަދި 14 ހަފްތާ ހަމަވާންވާއިރަށް ކަނޑައަޅާފައި ހުރި ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ، ހަމަ އެ މަގުން އެބަ ކުރިއަށްދޭ.
އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން މި އަހަރަށް ބަޖެޓް ހުށަހެޅިއިރުގައި، މި ނިމިގެންދިޔަ ސަރުކާރުން އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެންނަށް ދިނީ ކުޑަކުޑަ ވަގުތުކޮޅެއް. އެހެން ނަމަވެސް، އެ ވަގުތު އަޅުގަނޑުމެން ވާނީ އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް ވީވަރަކުން ހިމަނަން ފޮނުވާފައި. ހަނދުމަފުޅު ހުންނާނެ، އެއްކަމަކަށް، އަޅުގަނޑުމެން ހިމެނި އެއް މަޝްރޫޢު އެއީ، މާލޭ ސަރަޙައްދުން އެންމެބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ހިންގުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަންވެގެން ހިމެނި ބޮޑު މަޝްރޫޢު. އެ ބޭފުޅުން އުނިކޮށްލެއްވީ. ރައްޔިތުންނަށް ފައިދާވާ ކަމެއްވިއްޔާ، ކުރާނެ ފުރުޞަތެއް ދޭކަށް ބޭނުމެއްނުވާކަން އެއިން އެނގިގެންދިޔަ. ނަމަވެސް، އަޅުގަނޑުމެން އެހެން ގޮތްގޮތް ހޯދައިގެން އަދި ބަޖެޓުން އުނިކުރިޔަސް، ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެކަން އިރާދަކުރެއްވީތީ، އެ މަޝްރޫޢުންވެސް ފެނިގެންދިޔަ. އަޅުގަނޑުމެން ވާނީ އެކަން ފަށާފައި.
އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ވަޢުދު ވީގޮތަށް އަދި އެ ބޭފުޅުން މި ރަށުގެ އެއަރޕޯޓް ހެދުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް، އިރާދަކުރެއްވިއްޔާ މި އަހަރު އެއަރޕޯޓުގެ މަސައްކަތް ފަށާނަމޭ. އަޅުގަނޑުމެންނަށް ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެގޮތް ހޯދޭނެ، ހޯދާނަން. ހޯދައި، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން. ތިޔަބޭފުޅުންނަށް އެންމެ މުހިންމު ކަމަށް، އަޅުގަނޑު ގާތު ވިދާޅުވި ކަމަކީ އެއީ. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަދިވެސް މުހިންމު ކަންތައްތައް ކުރަން އެބަހުރި. ހޮސްޕިޓަލްގެ މަސައްކަތް، މަގުހެދުން، ކުޅިވަރާ ގުޅޭ އެކިކަހަލަ ފެސިލިޓީޒްތައް ޤާއިމުކުރުން. މިހެންގޮސް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން.
އަޅުގަނޑު އިއްޔެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ވަރަށް ތަފްޞީލުކޮށް، ވަރަށް ތަފްޞީލުކޮށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތް ހާމަކުރިން، ނަންބަރުތަކާ އެކީގައި. ސްޓެޓިސްޓިކްސްއާ އެކީގައި. އެއީ، އަޅުގަނޑުމެން އެންމެންނަކީ އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވާ މީހުން ކަމުގައިވާއިރުގައި، ޙަޤީޤަތް ގަބޫލުކުރަންޖެހޭނެތީ. އަޅުގަނޑުމެން ބޭނުންވޭ، މި ޤައުމު ކުރިއަށް ގެންދަން. ރަށްރަށުގައި ފެށިފައި ހުރި، ފަށަންވެފައި ހުރި، ފަށަންޖެހޭ ހުރިހާ މަސައްކަތްތަކެއް، މަޝްރޫޢުތަކެއް ފަށަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ނިމިދިޔަ ސަރުކާރުން ވާރުތަވި އިޤްތިޞާދީ ޙާލަތު އޮތްގޮތް އެއީ، ޙަޤީޤަތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ދުވަހަކުވެސް ރާއްޖޭގެ އިޤްތިޞާދު ވައްޓާނުލާވަރުގެ އަނދަވަޅަކަށް ވައްޓާލާފައި އޮތްކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތް. އެކަން ވަރަށް ތަފްޞީލުކޮށް އިއްޔެ އަޅުގަނޑު ހާމަކުރިން. އަދި އެއިން އަރައިގަތުމަށްޓަކައި ޤައުމު ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ޖީބަށް އެއިން އިޤްތިޞާދީ ގޮތުން ފައިދާވާގޮތަށް، ރައްޔިތުން ފުދުންތެރިވާގޮތަށް، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން އަމިއްލައަށް ކުރިއަށްދާނެ ގޮތް ހޯދައިދެވޭނެ މަގަށް ގެންދިޔުމަށް ކުރާނެ ކަންކަން އަޅުގަނޑު ދެންނެވިން. އެހެންވީމާ، އެގޮތަށް ކަންކަން ކުރަން އަޅުގަނޑުމެން މަސައްކަތް ފަށާފައި މިހާރު މިވަނީ.
އަޅުގަނޑުމެންގެ މި ވާރުތަވި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަން ނިންމާފައި ހުރި ކަންކަން އެގޮތަށް ގެންދަންޖެހޭ. ގެންދާއިރުގައި މިގޮތަށް ފަށަންހުރި އަޅުގަނޑުމެންގެ ގިނަ މަޝްރޫޢުތައް، ތިޔަ ލޮބުވެތި ރައްޔިތުންނާއި، ރަށްރަށުގެ ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށްގެން ތަރުތީބުކުރާނަން. އެއީ، އަޅުގަނޑުވެސް ބޭނުންވޭ، ތިޔަބޭފުޅުންވެސް ބޭނުންވާނޭ ފަދައިން، އެއްފަހަރާ ހަމަ ހުރިހާ ކަމެއްވެސް ފަށަން. އެހެން ނަމަވެސް، އެބަޖެހޭ ތަރުތީބު ކުރަން.
މިހެން ކުރަން ލިސްޓްގައި ހުރި ކަންކަން، 10 ކަންތައް، 12 ކަންތައް، މިހެންގޮސް ރަށްރަށުގައި ނުކޮށް އެބަހުރި، މިދިޔަ ސަރުކާރު ނިމުނުއިރުގައި، އެކިއެކި ސަބަބުތަކާ ހެދި ނުހިނގާ ހުރި އެތައް ކަމެއް. ކުރަންވެފައި ހުރި އެތައް ކަމެއް. އެހެންވީމާ، އެބަޖެހޭ މި ދެންނެވި އިޤްތިޞާދީ ޙާލަތު އޮތްގޮތް ބަލައިގަނެ، އަޅުގަނޑުމެން ކުރިއަށްދިޔުމުގައި މިކަންކަން ތަރުތީބު ކުރަން.
މި ދަންނަވާ ވާހަކައަކީ، މިގޮތަށް މި ރަށުގައި ދެން ކުރަންހުރި ހުރިހާ ކަމެއްވެސް އަޅުގަނޑު ވަޢުދުވީ ފަދައިން ކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަކު އެބަޖެހޭ، ރައްޔިތުންނާ ސަރުކާރާ އެކީގައި މަޝްވަރާ ކުރެވިގެން، ކައުންސިލް މެދުވެރިކޮށް، މަޖިލިސް މެންބަރުން މެދުވެރިކޮށް، މި އޮންނަ އުޞޫލުގެ ތެރެއިން މަޝްވަރާ ކުރެވިގެން، އަޅުގަނޑުމެންގެ ލޯކަލް ގަވަރންމަންޓް މިނިސްޓްރީ އެބަހުރި. ކަމާގުޅޭ މިނިސްޓްރީތައް އެބަހުރި، ތަރުތީބުކޮށްލަން. ތަރުތީބުކޮށްދެއްވީމާ، ކޮން ކަމެއްތޯ އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ. އެގޮތަށް ތަރުތީބުކޮށްގެން އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ އެއަރޕޯޓް ވަޢުދުގޮތަށް، މި ރަށުގައި ދެން ކުރަންހުރި ހުރިހާ ކަމެއްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދީ ފުރިހަމަކޮށްދޭނެކަން. މި ޔަޤީންކަންދެން.
އެހެންވީމާ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް މިވަގުތު ގަބޫލުކުރަންވީ މި ޙަޤީޤަތް. ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސްދުވަސް އެންމެ އުނދަގުލީ، ކަންދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީ ހޯދުމުގެ ކަންތައްތައް ވަރުގަދަކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި، އެންމެ ޙައްޞާޞް ވަގުތު މިއީ.
އެހެންވީމާ، ކުރަން މި ނިންމާފައި ހުރި ކަންކަން ކުރުމުގައި ކުރިއަށްދާއިރުގައި، މި ދެންނެވި ބީދައިން އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، މި އަހަރުގެ ބާކީއޮތް ބައި، ދެވަނަ ކުއަރޓަރުން ފެށިގެން ގޮސް ތިންވަނަ ކުއަރޓަރަށް، ނޫނީވިއްޔާ މި ދަންނަވާހެން މޭ، ޖޫން، ޖުލައި ހިސާބު އަދި އެއަށްވުރެ ފަހަށް، ޖުލައިގެ ފަހަށް އިރާދަކުރެއްވިއްޔާ މާބޮޑަށް ފަސޭހަވެގެންދާނެ. އެކަމަކު މިހާރުން ފެށިގެންވެސް ފެށެންހުރި ކަންކަން ތަރުތީބުކޮށްލައިގެން، ހިންގަވާށޭ ކުރިއަށްދާން. އިރާދަކުރެއްވިއްޔާ، އެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކުރެވޭތޯ ބަލާނަން.
ކުންފުނިތައް އޮތީ އިންތިހާއަށް ދަރަނިވެރިކޮށްލާފައި ކަން އެބަ އެނގޭ. އިއްޔެ އެކަންވެސް އަޅުގަނޑު ފާހަގަކުރިން. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް އެކަނި ކިރިޔަ ކިރިޔާވެސް ސަލާމަތުން އޮތީ. ރައްޔިތުންގެ ކުންފުނިތައް އެއީ. ސަރުކާރުން ސަތޭކަ ޕަސެންޓް ޙިއްޞާވާގޮތަށް މި ހުންނަނީ ރައްޔިތުންގެ ކުންފުނިތައް. އެހެންވީމާ، އެ ކުންފުނިތައްވެސް ހަމަޔަކަށް، ހަމަމަގަށް އަޅުވަންޖެހޭ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޕެންޑިންގ ބިލްސް އެބަހުރި. މި ރަށުގައިވެސް ޔަޤީން މަސައްކަތްތައް ކޮށްފައި، ސަރުކާރު ކުންފުނިތަކުން ލާރި ލިބެންޖެހޭ އެތައް ބަޔަކު ތިބޭނެ. މިހެން ގޮސް އެބަހުއްޓޭ، ކުންފުނިތައް ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ދަރަނިވެފައި ހުރި. ހަމަ މިސް މެނޭޖްމަންޓް އިންތިހާއަށް ގޮސްފައި ހުރި ކުންފުނިތައް. މި ކަންކަމަކީވެސް ހަމަޔަކަށް އަޅުވަންޖެހޭ ކަންކަމޭ.
އެހެންވީމާ، އަޅުގަނޑު މި މަސައްކަތް ކުރަނީ އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެންނަން ކަމަށްވާތީ، މި ޙަޤީޤަތްތައް ގަބޫލުކޮށްގެން ކުރިއަށްދާ ކަމަށްވަންޏާ، ނުކުންނާނީ ރަނގަޅު ނަތީޖާ. އިންތިޚާބެއް ކުރިއަށް އޮތީމާ، މި ދެންނެވި ޙަޤީޤަތްތައް އެއީ، ޙަޤީޤަތް ނޫން ކަމަށް ބަލާފައި، ކުރީގައި ޢާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފީވިއްޔާ، އެ ނުވާނެ ނަތީޖާ ނުކުންނާނެ ކަމަކަށް. ޙަޤީޤީ މާނައިގައި ތަރައްޤީ ގެނެސްދޭން އަޅުގަނޑު ބޭނުންވަނީ.
އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ކުރިއަށްދާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ކަންކަން ދާނީ އުޖާލާކޮށް. މި ރަށުގައިވެސް ހަމަ އެގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ. އެހެންވީމާ، އަޅުގަނޑު އެދެނީ، މިގޮތަށް ކުރިއަށްދާން. އެއަރޕޯޓުގެ މަސައްކަތަށް އަޅުގަނޑު މި ދެންނެވީ، ވަކިން ދިން ފުރިހަމަ ޔަޤީންކަމެއް، މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނެކަން. ދެން ހުރި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ފަށާނަން. ހަމަ ތަރުތީބުކޮށްލަދީގެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ކުރާ މަސައްކަތުން ތަރުތީބު ކުރައްވައިގެން، ހަމަ މި އަހަރު ފެށެންހުރި ހުރިހާ ކަމެއް ފަށައި، ހުރިހާ ކަމެއް ކުރިއަށް ގެންގޮސްދޭނަން. އަދި އިތުރު ކަންކަންވެސް ހަމަ ޔަޤީނުންވެސް ހުންނާނެ ކުރަންޖެހޭ.
އެހެންވީމާ، އެގޮތުގެ މަތިން ކުރިއަށްދިޔުމަކީ، އަޅުގަނޑު މި ޖަލްސާގައި މިހެން ދެންނެވިޔަސް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަ އަޅުގަނޑު ދަންނަވާ ވާހަކައެއް. އެއީ، އެގޮތަށް އަޅުގަނޑުމެން ކުރިއަށްދިޔުން ނޫން ގޮތެއް ޚިޔާރުކޮށްފީވިއްޔާ، އަމިއްލައަށް އަމިއްލަ ނަފްސަށް ކަންކަން އޮޅުވާލާ ބީދައިން ކުރެވޭ ކަމަކަށްވާނީ. މި ދެންނެވި ގޮތަށް، މިދިޔަ ސަރުކާރުން މި ވާރުތަވި މުޅިން ހަލާކުކޮށްލާފައި އޮތް އިޤްތިޞާދު، މުޅިން ދަރަނިވެރިކޮށްލާފައި އޮތް މި އިޤްތިޞާދު، އެއީ، ޙަޤީޤަތް ނޫން ކަމަށް ގަބޫލުކޮށްގެން ދާން އުޅެފީވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ މޮޅެއް ނޯންނާނެ. އެހެންވީމާ، އެ މަގުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެން މަސައްކަތް ކުރާނީ.
އާދެ، އަދިވެސް އެއްފަހަރު ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަރަށް އުފާކުރަން މި ރަށަށް އާދެވުނީމަ. މި ދަތުރުގައި ކުރިއަށް މިއޮތް، މިއަދާ އެކީގައި ތިން ދުވަސް، މި އަތޮޅުގައި އަޅުގަނޑުމެންގެ ޓީމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޭދަކުރާއިރުގައި، 10 ރަށަށް ދަތުރުކުރަން މިއޮތީ ކަނޑައެޅިފައި.
އަޅުގަނޑު މިދިޔަ ދެ މަހާއި ބައި، ގާތްގަނޑަކަށް ރަށަކަށް ނުގޮސް ބޮޑަށް މި މަސައްކަތްކުރީ، ބޭރުގެ އެކިއެކި ޤައުމުތަކާއި، އެކިއެކި ޖަމުޢިއްޔާތަކާއި، އެކިއެކި އިންސްޓިޓިއުޝަންސްތަކާ އެކީގައި މަސައްކަތްކޮށްގެން، މި ދެންނެވި އިޤްތިޞާދީ ޙާލަތުން އަރައިގަނެވޭނެ ކަންތައްތަކެއް ފަހިކުރަން. އިރާދަކުރެއްވިއްޔާ، އެކަމަށް އަޅުގަނޑުމެންނަށް ވަރަށް އީޖާބީ ކަންތައްތަކެއް، ތުރުކީ އަދި ޗައިނާ، ދެ ޤައުމުގެ ވެރިންގެ ފަރާތްޕުޅުން ހަމަޖެހިގެން ގޮސްފައި މިވަނީ. އިރާދަކުރެއްވިއްޔާ އަދި މި މަހު އެއް ދަތުރު އެހެން ޤައުމަކަށް އަޅުގަނޑުގެ އެބައޮތް. އެ ދަތުރުންވެސް އިރާދަކުރެއްވިއްޔާ އެކަން އިތުރަށް ފުރިހަމަވެގެންދާނެ.
އެއާއެކީގައި، ދެން އެ ދަތުރަށްފަހު، މި މަހުގެ މެދުތެރޭގައި ކުރަން އޮތް ދަތުރަށްފަހު، ދެން އަޅުގަނޑު ގަސްތުކުރަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމަޔަށް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކުރުމުގެ ސިލްސިލާއެއް ކުރިއަށް ގެންދަން. އެއީ، އަޅުގަނޑު ވަޢުދުވިން، އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ، ރައްޔިތުންނާ ގާތުން ކަމަށް. އެއީ، އަޅުގަނޑު ކުރިންވެސް، ކުރިން ހުރި މަގާމުގައިވެސް މަސައްކަތްކުރި ގޮތް. ފިޒިކަލީ ރައްޔިތުން ގާތަށް ގޮސްގެން ރައްޔިތުންގެ އަޑުއަހައިގެން.
އެހެންވީމާ، މި މަހުގެ ފަހުކޮޅު، ތިންވަނަ ހަފްތާއިން ފެށިގެން ދެން މަހެއްހާ ދުވަސް ވަންދެން އަޅުގަނޑު ޕްލޭންކޮށްގެން މިއުޅެނީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް، ވީހާވެސް ގިނަ ރަށްތަކަށް ދަތުރުތަކެއް ކުރަން. ކޮށް، ވީހާވެސް ގިނަ ރައްޔިތުންނާ، ތިޔަބޭފުޅުންނާ އަޅުގަނޑު ހަމަ ބައްދަލުކުރަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފަށާނަން.
އާދެ، އަޅުގަނޑު ވަރަށް ޔަޤީންކަން މިދެނީ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ކޮށްދޭނަންކަން. އަދި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑާ އެކީގައި، އަޅުގަނޑުމެންގެ ސަރުކާރާ އެކީގައި ކުރިއަށްދިޔުމުގައި، އެންމެން އެކަތިގަނޑަކަށް ވެގެން، ތިޔަބޭފުޅުންގެ ތެރޭގައި ހުރި އެއްވެސްކަހަލަ ވާދަވެރިކަމެއް އެއްކިބާ ކުރައްވާފައި، އެއީ، ޢާއިލީ ވާދަވެރިކަމެއްވިޔަސް، ޒާތީ ވާދަވެރިކަމެއްވިޔަސް، އަދި އެނޫން ޚިޔާލުތަފާތުވުމެއްވިޔަސް، އެއްކައިރި ކުރައްވާފައި، އެއްފަރާތް ކުރައްވާފައި، އެންމެން އެކަތިގަނޑަކަށް ވެގެން، އަޅުގަނޑުމެން އެކުއެކީގައި، އެއް މިޞްރާބަކަށް، ކުރިއަށް އޮތް ދުވަސްކޮޅުގައި ވަޑައިގެން ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، އަދިވެސް އެއްފަހަރު، ގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އަދި މި ޤައުމަށް ﷲ ހެޔޮ ތައުފީޤު މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ފަރުމާ - އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ޗެއަރޕަރސަން އަޙްމަދު ޢަޒްމީ ޙަލީމް، ބާޗީ، ފަރުމާ - އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގެ ހުރިހާ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ޤައުމެއްގައި ނުވަތަ މުޖުތަމަޢެއްގައި ވިޔަސް، ތަހުޒީބާއި ތަރައްޤީގެ ސިފަތައް ޖެހިގެން ދަނީ، ކަންކުރަން ދަންނަ ފާޑުވެރިން ނުވަތަ ފަންނުވެރިން އެ ތަނެއްގައި އުފެދިގެން. މި ރާއްޖެއަކީ، އެކަމުގެ ވަރަށް ދިރިހުރި މިސާލެއް. ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއް.
ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށްވެސް، ދިވެހިންގެ ފާޑުވެރިކަމަށް ހެކިދޭ އެތައް އާސާރެއް ފެންނަން އެބަހުރި. މާލޭގެ ހުކުރު މިސްކިތާއި ޢީދު މިސްކިތް އެއީ އެފަދަ ބައެއް މިސާލުތައް. ގަލުވަޑާމުގެ ހުނަރާއި، ލާފެންކުރުމާއި، ތެދުއުއި ވަޑާމަށް ދިވެހި ކާބަފައިން އަރައި ތިބި މިންވަރު، އެތަންތަނުން ވަރަށް ސާފުކޮށް ރީއްޗަށް ފެންނަން އެބަހުރި. ދިވެހިންގެ އަމިއްލަ ވިސްނުމަށް، ދިވެހި މާވަޑިން ފަރުމާކުރި އޮޑިދޯނިފަހަރަށް ވުރެ ވަކިން ރީތި ކިއްސަރު ވަޑާމުގެ މަސައްކަތެއް ދުނިޔެއިން ފެންނާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ.
ދިވެހިންގެ ބޮޑުބެރަކީވެސް، ފަންނުވެރިކަމުގައި އެފަދަ ދެވަނައެއް ނެތް ނަމޫނާ އުފެއްދުމެއް. ދިވެހިންގެ ބަނޑިޔާ ޖެހުމާއި ދަނޑިޖެހުމަކީވެސް، ވަރަށް ޖޯޝީ ރޫޙެއް އެކުލެވޭ ހުނަރުތަކެއް. އެފަދަ ކިތަންމެ ފަންނެއްގައި ދިވެހިންނަކީ، ފިސާރި ހުނަރުވެރި ބައެއްކަން، އޭރުގެ ދިވެހިން ވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތުކޮށްދީފައި. އަދި މިހާރުގެ ދިވެހިންވެސް އަންނަނީ ސާބިތުކޮށްދެމުން.
އަޅުގަނޑުމެން މިއަދު ލިޔަމުން މިދަނީ ޒަމާނުގެ މުޅިން އައު ޞަފްޙާއެއް. ޖީލުތަކަކަށްފަހު ދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ. ދިވެހި ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން، މިއަދުގެ ޖީލަށް ވާރުތަވިއިރު، އެ ދަރިންގެ ކިބައިން ފެންނަނީ އަދި މުޅިން ތަފާތު ހުނަރުތަކަކާއި ފަންނުތަކެއް. ނަމަވެސް، ކަންކުރުމުގައި ދިވެހި ކާބަފައިން ގެންގުޅުނު ފާޑުވެރިކަން ކެނޑިގެނެއް ނުދޭ.
އާދެ، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހިންގެ ސަގާފަތާއި، ދިވެހިންގެ ތާރީޚަކީ، މި ދެންނެވި ކާބަފައިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމުން އުފެދުނު ޤައުމީ ތަރިކައެއް. މާދަމާގެ ޖީލަށް ވާރުތަވާން އޮތީ، މިއަދުގެ ހުނަރުވެރި ދިވެހިން ތާރީޚުގެ ތެރެއަށް ދޫކުރާ އެބައިމީހުންގެ ފަންނުވެރިކަން.
އަޅުގަނޑުމެން މިއަދު މި ކިޔާ ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން. ޤައުމީ ތަރައްޤީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން. ޤައުމު، ޤައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެ ތަނެއް ތަރައްޤީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން.
މި ފެސްޓިވަލްގައިވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީވެސް، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް.
ކެއްކުންތެރިން ކަމަށްވިޔަސް، ކުރެހުންތެރިން ނުވަތަ ފޮޓޮގްރަފީ ކަމަށްވިޔަސް، މިޔުޒީޝަނުންނާއި އަދި އެހެން ފަންނުތައް ކަމަށްވިޔަސް، މިއިން ކޮންމެ ފަންނަކީވެސް ޤައުމީ ތަރައްޤީގައި މިހާރުވެސް ޙިއްޞާވާ ދާއިރާތަކެއް. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޝާމިލުވާ މި ދާއިރާތަކުގެ ފަންނުވެރިން އަންނަނީ ޤައުމީ ތަރައްޤީގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރަމުން.
މީގެ ކުރިންވެސް، ކިތަންމެ ފަންނުތަކެއްގެ ހުނަރުވެރިން ރާއްޖޭގައި ތިބި. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ކުރި މަސައްކަތުގެ ތެރޭގައި، އެފަދަ ވަރަށް ގިނަ ހުނަރުވެރި ދިވެހިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެއްކޮށް ރޫޅާލައި ވަކިވަކި އެތިކޮޅުތަކަކަށް ހަދާފައި ހުރި އެ މިސްކިތް، އަލުން ރާވައި ބެހެއްޓުމުގައި، ކުރަންޖެހުނު މަރާމާތުތަކާއި، ކުރަންޖެހުނު ކަވި އަދި އެހާމެ ފަންނުވެރި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ހަމަ ދިވެހި ފަންނާނުން.
އެފަދަ ފަންނުވެރި ހުނަރުވެރިން ރާއްޖޭގައި ތިއްބަސް، އެމީހުންގެ ހުނަރުވެރިކަން ދައްކައިލުމުގެ ފުރުޞަތު، ދާދި ފަހަކާ ޖެހެންދެންވެސް އޮތީ ވަރަށް ހަނިގޮތެއްގައި. ނަމަވެސް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން އިންތިޒާމުކުރާ ތަފާތު މައުރަޒުތަކާއި މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން، އެ ފުރުޞަތު މިހާރު މިއޮތީ ކުރިއަށްވުރެ ބޮޑަށް ޒުވާނުންގެ ކުރިމަތީގައި ހުޅުވިފައި. އަދި ދެންމެ ބާޗީ އެ ވިދާޅުވި ފަދައިން، މިކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ޚާއްޞަ މިނިސްޓްރީއެއްވެސް މިހާރު އެބަހުރި. ފަންނުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި، ފަންނުވެރިންގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ މިނިސްޓްރީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން.
ރާއްޖޭގެ އެންމެ ޒަމާންވީ ސިނަމާ ނުވަތަ ތިއޭޓަރު، އާދެ، އޮލިމްޕަސް މިދިޔަ ފެބުރުވަރީ މަހު އަލުން ހުޅުވިއިރު، ވަރަށް މުހިންމު ބަދަލުތަކެއް އެތަނަށް ގެނެވިފައި ހުންނާނެ. ފެންވަރު ރަނގަޅު މިޔުޒިކް ޝޯތައް ބޭއްވޭވަރަށް އޮލިމްޕަސް ތަރައްޤީ ކުރެވިއްޖެ. މިހާރު އޮލިމްޕަސް އެހުރީ، ރާއްޖެއިން އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުޞަތުތައްވެސް ފަހިވާގޮތަށް. މިޔުޒިކް ފަރިތަކުރުމާއި، ނެށުންތައް ފަރިތަކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ޤާއިމުކޮށްފައި ހުންނާނެ.
އަޅުގަނޑުމެންގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން، އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން. ރާއްޖޭގައި ހީނަރުވެފައިވާ ނުވަތަ އުވެމުންދާ ބައެއް ފަންނުވެރިކަން އަލުން ދިރުވައި އާލާކުރުމަށްވެސް އަޅުގަނޑުމެން މި އަންނަނީ ފުރުޞަތު ތަނަވަސްކޮށްދެމުން.
މިރޭ މި ހުޅުވި ފެސްޓިވަލްގައި ބައިނަލްއަޤުވާމީ ފަންނުވެރިން ބައިވެރިވާކަމީ، ދިވެހި ފަންނުވެރިންނަށް ލިބޭ ވަރަށް ބޮޑު ފައިދާއަކަށް ވާނެ. އަދި ފަންނުވެރިކަމަށް ޝައުޤުވެރިވާ ދިވެހިންނަށް ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ދެކެން.
ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔައިން ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެޔޭ. ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ބަލައި، ތިމާ އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ތިޔަ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދޭނެ. ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީން އިންތިޒާމުކުރި މި ފެސްޓިވަލަކީ، ފަންނުވެރިކަމުގެ ދާއިރާއިން ތިޔަ ޒުވާނުންނަށްޓަކައި ފަހިކޮށްދިން ވަރަށް ފަހި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން.
ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތިޔަ ދަރިވަރުން ސްކޫލް ނިންމާ މަރުޙަލާއަށް ދާއިރު، އެ ކުއްޖަކު ކުރިއަށް ދިއުމަށް އެންމެ ޝައުޤުވެރިވާ ދާއިރާއެއް ޚިޔާރު ކުރައްވާށޭ. މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ދަންނަވައިލާނީ، ތިޔަބޭފުޅުންގެ ބެލެނިވެރިކަމުގެ ދަށުން ތަރުބިއްޔަތުކޮށް ބޮޑެތިކުރާ ކޮންމެ ދަރިއަކީވެސް ޤައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެދުމަށް މަސައްކަތް ކުރައްވައްޗޭ.
ސްކޫލްތަކުގެ އިސް ވެރިންނަށާއި މުދައްރިސުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ކިޔަވައިދެއްވާ ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެކަން ޤަބޫލުކުރައްވާށޭ. އެ ކުދިންގެ ކިބައިގައި ހުރި ހުނަރެއް ފާހަގަކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް އެ ކުދިންނަށް ހޯއްދަވައިދެއްވާށޭ.
މި ދެންނެވި މަގަށް އަޅުގަނޑުމެންގެ ދަރިވަރުންނާއި ޒުވާނުންގެ މިޞްރާބު ސީދާކޮށްދެވިއްޖިއްޔާ، އަޅުގަނޑުމެން ފަށާފައި މިވާ މީހުން ބިނާކުރުމުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަން މާގިނަ ދުވަސްތަކެއް ނުނަގާނެ. އަދި ޤައުމީ ތަރައްޤީގެ ދުވެލިވެސް މިހާރަށްވުރެ އެތައް ގުނައެއް ހަލުވިވެގެން ދާނެ.
މިފަދަ މުހިންމު ފެސްޓިވަލެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފަށާއި، މިނިސްޓްރީގެ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އަދި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ އެންމެހައި ހިންގުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ފެސްޓިވަލްގައި ބައިވެރިވާ ހުރިހާ ފަންނާނުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމުގެ ދެކަނބަލުން، ޑަބްލިޔޫ.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް އަޅުގަނޑުމެން މިރޭ މި ތަނަށް އެއްވެ ތިބިއިރު، މި އަހަރަކީ ވަރަށް ކުލަގަދަ ގޮތެއްގައި މި ދުވަސް ދުނިޔޭގައި ފާހަގަކުރާ އަހަރެއް. އާދެ، މި އަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ. އަށް 75 އަހަރު ފުރޭ އަލިމަސް އަހަރު.
އެހެންކަމުން މި އުފާވެރި މުނާސަބަތުގައި، ޑަބްލިޔޫ.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސްއަށާއި، އެ ޖަމްޢިއްޔާގެ އެންމެހައި ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އެ ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރަށްވެސް، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.
ޑަބްލިޔޫ.އެޗް.އޯ.އާއި ދިވެހި ރައްޔިތުންނާ ދެމެދު ވަރަށް ދުވަސްވީ ވަރަށް ގާތް ގުޅުމެއް އެބައޮތް. ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ރާއްޖޭގައި ހުޅުވުނީ، ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު. ނަމަވެސް، އޭގެ އެތައް އަހަރެއް ކުރިން، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބެމުން އައިސްފައިވޭ. އަދި އ.ދ. މަޖިލީހުގެ އިދާރާތަކުގެ ތެރެއިން ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ އިދާރާއަކީވެސް ޑަބްލިޔޫ.އެޗް.އޯ.
ޑަބްލިޔޫ.އެޗް.އޯ.ގެ 75 އަހަރުގެ ތާރީޚަށް ބަލާއިރު، ދިވެހިންނަށް ޞިއްޙީ ދުޅަހެޔޮކަން ހޯދައިދީ، ބަލިތަކާއި ވަބާތަކުން ދިވެހިން ސަލާމަތް ކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ. އަދާކުރި ދައުރު ވަރަށް މުހިންމު. ބަލިތަކާއި ވަބާތަކުން ދިވެހިން ރައްކާތެރިކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން އުފުލި ކޮންމެ ބުރައެއްގައި، އެންމެ ފުރިހަމަ އެއްބާރުލުމެއް ދިނީ ޑަބްލިޔޫ.އެޗް.އޯ.އިން ކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު މިރޭ ފާހަގަކުރަން. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑު. އޭގެ ބައެއް އެޗީވްމަންޓްތައް، ކާމިޔާބީތައް މިރޭގެ ޕްރެޒެންޓޭޝަންގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ.
އެގޮތުން މުޅި ދުނިޔެއިންވެސް، މެލޭރިއާ އެންމެ ފުރަތަމަ ނައްތައިލި ޤައުމަކަށް ދިވެހިރާއްޖެ 2015 ވަނަ އަހަރު ވެގެން ދިއުމާއި، ދެކުނު އޭޝިއާއިން ފައިލޭރިއާ 2016 ވަނަ އަހަރު ނައްތައިލި ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމާއި، އަދި މި ސަރަޙައްދުން ހިމަބިހި ނައްތައިލުމަށް މުޅި ޤައުމުތައް އަމާޒުހިފި 2020 ވަނަ އަހަރު އައުމުގެ ކުރިން، 2017 ވަނަ އަހަރު ހިމަބިހި ރާއްޖެއިން ނައްތައިލުން ވެގެންދިޔައީ، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު، އަޅުގަނޑުމެންނަށް ހޯދުނު ވަރަށްބޮޑު ކާމިޔާބެއް ކަމުގައި. އަދި މީގެ އިތުރުން، ޕޯލިއޯ އާއި ޓެޓްނަސް ވެސް ރާއްޖެއިން ވަނީ ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު ނައްތައިލެވިފައި.
އާދެ، 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެފަދަ ކާމިޔާބެއް ދިވެހިރާއްޖެ ޙާޞިލުކުރި. ރާއްޖެއަކީ، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗް.އައި.ވީ. އާއި ސިފިލިސް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީވެސް، ހަމަ މި ދެންނެވިހެން ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން. އަދި ރުބެއްލާ ބަލި ނައްތައިލެވިފައިވާ ޤައުމެއްގެ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެ ކަނޑައެޅުނީވެސް، ހަމަ ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު ދައުރަކާއެކު.
އެއަށްވުރެ ކައިރިއަށް ޖެހިލާއިރު، އަދި އަޅުގަނޑުމެންގެ ލޯމަތިން ނުގެއްލި އޮތް އަނެއް ގޮންޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަން. މި މާލަމުގައި މިރޭ އެއްވެ ތިބޭއިރުގައި، އޭގެ އިޙްސާސްތައް މީގެތެރެއިން ވަރަށް ގިނަ ބޭފުޅުން އަދިވެސް އިޙްސާސް ކުރައްވާނެ. ހަނދާނުގައި ހުންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އެ ވަބާއާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ވަރަށް ކުރު މުއްދަތެއްގައި ނަތީޖާ ޙާޞިލުކުރެވުނު. މުޅި އޭޝިޔާ ސަރަޙައްދުންވެސް، އެންމެ ފުރަތަމަ ކޯވިޑް ކޮންޓްރޯލް ކުރި އެއް ޤައުމަށް ރާއްޖެ ވެގެންދިޔައީވެސް، ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެންކަން، ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަން. ހަމަ އެއާއެކު، އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއި، ހެލްތު ސެކްޓަރ އާއި އަދި ވޮލެންޓިއަރ ކުރެއްވި ހުރިހާ ބޭފުޅުންނަށް މިރޭ، މި ދަރުބާރުގޭގައި މިތާނގައި ހުރެ އެކަން ފާހަގަކޮށް، އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު އަދާކުރަން.
ޚާއްޞަ ގޮތެއްގައި، ކޯވިޑް ވެކްސިން ދިނުމަށް މުޅި ރާއްޖޭގައި ހިންގި ކާމިޔާބު ޕްރޮގްރާމްގައި ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަދި އެ ބައްޔާ ދެކޮޅަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި ޑަބްލިޔޫ.އެޗް.އޯ.ގެ ފަންނީ ލަފާވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ.
އާދެ، ރާއްޖޭގައި އެންމެ ފުރަތަމަ ޑޮކްޓަރީ ފަރުވާގެ ބިންގާ އެޅުނީ، 1948 ވަނަ އަހަރު މާލޭގައި ހުޅުވި ޑަކްޓަރުގޭގައި. އެއީ ޑަބްލިޔޫ.އެޗް.އޯ. ވެސް އުފަންވި އަހަރު. މި ދެ ތާރީޚުވެސް އިއްތިފާޤުވުމަކީ ހެޔޮ ފާލެއްކަމަށް އަޅުގަނޑު ދެކެން. ދިވެހިންނަށް ޑަބްލިޔޫ.އެޗް.އޯ.ގެ ޚިދުމަތް ލިބެން ފެށިއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު އޮތީ ވަރަށް ފޭރާން ދެރަކޮށް.
ރާއްޖޭގައި ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ހުޅުވިފަހުން މިވީ 58 އަހަރުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ދާއިރާއިން، އެ ޖަމްޢިއްޔާއިން އަދާކޮށްފައިވަނީ ދިވެހި ކޮންމެ ރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ދައުރެއް.
އަދި މި އަހަރަށް ޑަބްލިޔޫ.އެޗް.އޯ އިން ކަނޑައަޅާފައިވާ ޝިޢާރަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އަޅުގަނޑުމެން އަމާޒު ހިފާފައިވާ މިސްރާބަށް މަގުދައްކައިދޭނެ ޝިޢާރެއް. އެ ޝިޢާރަކީ، "ޞިއްޙަތު އެންމެނަށް" ނުވަތަ (HEALTH FOR ALL). މިއީ އެ ޖަމްޢިއްޔާގެ 75 އަހަރުގެ ޚިދުމަތްތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޝިޢާރެއް.
މިއީ، ރާއްޖޭގައި އަލުން ފުޅާކުރުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިޢާރެއް. ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުގައިވެސް، ޕްރެޒެންޓޭޝަންގައި ހާމަކުރިފަދައިން، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުން.
ވަކި ފަރުދެއް، ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަޅުގަނޑުމެންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއް. އެއް ރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރުކުރަންޖެހޭ. އެހެންކަމުން، ދަތުރުފަތުރަށް ހުރަސްއެޅި، ކޯވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެންޖެހިއްޖެ ޙާލަތެއްގައިވެސް، ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވިގެން.
އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ނޭޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވޭ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ވަނީ ފެށިފައި. އޭގެ ތެރޭގައި، ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މިހާރު ދެވެމުން އެބަދޭ.
އާދެ، އޭގެ އިތުރުން އެކި އަތޮޅުތަކުގައި، އެކި ރަށްރަށުގައި، އަޅުގަނޑުމެން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އެގޮތުން 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި ޤާއިމުކުރަން އަޅުގަނޑުމެން ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބިޑިންގ މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭގައި، އެ މަސައްކަތް ކުންފުނިތަކާ އަޅުގަނޑުމެން ހަވާލުކުރާނަން. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގެ ހޮސްޕިޓަލްތައް. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ.
ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އެބަގެންދޭ.
ޞިއްޙީ ދުޅަހެޔޮކަމާ އެއްވަރަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު އެހެން ދާއިރާއެއްވެސް އަދި އެބައޮތް. އެއީ އެތައް އަހަރެއް ވަންދެން އިހުމާލުކުރެވިފައި އޮތް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ. މިވަގުތު ރާއްޖޭގައި އެންމެ ބޮޑަށް ފުޅާވެ އިތުރުވަމުން އަންނަ ޞިއްޙީ މައްސަލައަކީ މިއީ.
އެކަމަށް ވިސްނައި، 2019 ވަނަ އަހަރު އަޅުގަނޑުމެން ވާނީ، ނަފްސާނީ ފަރުވާ ދޭ މަރުކަޒެއް، އައި.ޖީއެމް.އެޗްގައި ޤާއިމުކޮށްފައި. އަދި ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސް ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ވަނީ ޤާއިމުކުރެވިފައި. އަދި މިހާރުވެސް މި ދާއިރާއަށް ޚާއްޞަ އިސްކަމެއްދީގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އަޅުގަނޑު ޤަބޫލުކުރަން. ހެލްތު މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތް ހަލުވިކަމާއެކު ފުޅާކޮށް ކުރިއަށް ގެންދިއުމަކީ، އަޅުގަނޑު މިރޭ އިލްތިމާސްކުރާ ކަމެއް.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުން މީގެ އަހަރުތަކެއް ކުރިއަށް ބައްލަވައިލައްވާއިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، ގިނަ ބަޔަކު މަރުވަމުން ދިޔައީ، ގައިން ގަޔަށް އަރާ ބަލިތަކުގައި. ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެ. މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުންދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއީ، އަޅުގަނޑުމެން ދިރާސާކޮށް، އެކަމުގެ ޙަޤީޤަތް ހޯދައި ބަލަންޖެހިފައިވާ ކަމެއް.
އެކަން ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔޫ.އެޗް.އޯ. ގުޅިގެން ފ. އަތޮޅުގައި މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތެއް ފަށާފައި. ފ. ނިލަންދޫގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ޕްރައިމަރީ ހެލްތު ކެއަރ ޑެމޮންސްޓްރޭޝަން ސައިޓަކީ، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރަން އަމާޒު ހިފާފައިވާ ތަނެއް.
ޑަބްލިޔޫ.އެޗް.އޯ.ގެ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓަޖީއަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. އެ ސިޔާސަތުގެ ދަށުން، ޔުނިވަރސަލް ހެލްތު ކަވަރޭޖް ކަށަވަރުކުރުމާއި، ޞިއްޙަތާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ.ގެ ފަންނީ ލަފާ މިހާރުވެސް ރާއްޖެއަށް ލިބެމުންދޭ. އަދި އެ ނޫން ކިތަންމެ ދާއިރާއަކުންވެސް ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ރާއްޖެއަށް ލިބޭ.
އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. އޭގެ ތެރެއިން އެއް ކަމަކީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށްވުރެ އިތުރުކުރުން. ފުޅާކުރުން. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން.
އެމަގުން ދާދިފަހުން އަޅުގަނޑުމެން ވާނީ ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައި. އެ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ. އަދި ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގު ފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންކަމުން، އެ އަމާޒަށް ވާޞިލުވުމަށްޓަކައި މި ގެނެވުނު ބަދަލުތަކާ ގުޅިގެން، އެ އޮނިގަނޑުގައި ފުރިހަމަކުރަންޖެހޭ ބައެއް ކަންތައްތައް އަދިވެސް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންކަމުން، އަޅުގަނޑުމެން މިދަނީ އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ޙައްލެއް ހޯދުމަށް. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންވެސް ތިޔަބޭފުޅުންނަށް ފެނިގެންދާނެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހާ ވަރަށް ފުޅާވަމުން. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނޭގޮތް ހަދައިދެވިއްޖެ. އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމީ ޔަޤީންކަމެއް.
އެ މަޝްރޫޢުތަކަކީ، ދިވެހި ޒުވާނުންގެ ކުރިމަތީގައި ހުޅުވިގެންދާ، ވަރަށް ތަނަވަސް ދޮރެއް. ރަށުގައި އަމިއްލަ ޢާއިލާ ކައިރީގައި ހުރެގެން، ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، އަޅުގަނޑުމެން މި ފަހިކޮށްދެނީ ރަނގަޅު ފުރުޞަތުތަކެއް. މަތީ ތަޢުލީމަށް ތައްޔާރުވެގެން ތިބި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން މިހާރުން ފެށިގެން ވިސްނައި، އެއަށް އަމާޒު ހިފާށޭ. އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވާށޭ. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް ނުކުންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ބަރަކާތް ލައްވައި، އެންމެހައި ދިވެހިންނަށް ހަށިހެޔޮކަމާއި ދުޅަހެޔޮކަން މިންވަރު ކުރެއްވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކުރުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުން، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މިރެއަކީ، ދިވެހި ދަރިންނަށް ކިޔަވައިދިނުމަށް ސަރުކާރުގެ ފަރާތުން މިކުރާ މަސައްކަތުގެ ތެރެއިން، އުފެދުނު އުންމީދީ ކުދިންކޮޅެއް ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވިގެންދާ ރެޔެއް. އަދި ތަޢުލީމު ޙާޞިލުކުރުމަށް އެ ކުދިން ކުރާ މިންނެތް މަސައްކަތަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދާ ރެޔެއް.
އެހެންކަމުން، މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލުކުރި 17 ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔައި، އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 138 ދަރިވަރުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަން.
މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް، ދައުލަތުގެ ފަރާތުން ދެނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އަދި އެހާ މުހިންމު ބޭނުމެއްގައި. އެއީ، މަތީ ސާނަވީ މަރުޙަލާގައި ރަނގަޅަށް ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުން.
މިއީ، ކިތަންމެ ގޮތަކުން ބަލާއިރުވެސް، ވަރަށް މުހިންމު ސްކޮލަރޝިޕެއް. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބުމަކީ އެއީ، އެ ދަރިވަރަކަށް ލިބޭ މަތިވެރި ފަޚުރެއް. އަނެއް ކަމަކީ، މި ސްކޮލަރޝިޕްގެ ދަށުން، މަތީ ތަޢުލީމް ޙާޞިލުކުރުމުގައި، އެ ދަރިވަރަކަށް ލިބޭ ޢިނާޔަތްތައް. ދުނިޔޭގެ ކޮންމެ ޤައުމެއްގައި، އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަގު ފަހިވުމަކީ، އެ ދަރިވަރަކަށް ލިބޭނެ ރަނުގެ ފުރުޞަތެއް.
ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަކީ ވެސް ހަމަ އެހާ ޚާއްޞަ ޒުވާނުންކޮޅެއް. ދުނިޔޭގެ އެންމެ ފެންވަރު މަތީ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުޞަތު ވެސް މި ސްކޮލަރޝިޕްގެ ދަރިވަރުންނަށް ލިބިގެންދޭ. އޯ.އީ.ސީ.ޑީ.ގެ 38 ޤައުމުން ކުރެ، އެ ދަރިވަރަކު ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ ވެސް، ވަރަށް ބޮޑު ނަސީބެއް.
މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު 155 ދަރިވަރުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ، ޤައުމުގެ އިންސާނީ ވަސީލަތް މުއްސަނދި ކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ތިޔަ ދަރިވަރުންނަކީ ވަރަށް އުންމީދީ ކުދިންކޮޅެކޭ. ތިޔަ ދަރިވަރުންނާ މެދު މި ޤައުމު ކުރާ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި.
އެއީ، ތިޔަ ކުދިންނަކީ ޤައުމު ދެކެ ލޯބިވާ، އަދި ޤައުމީ ތަރައްޤީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން. ތިޔަ ކުދިންގެ ކިބައިގައި އެ ޤާބިލުކަމާއި އެ ހިތްވަރު އެބަހުރިކަން، ތަޢުލީމީ ރޮނގުން ތިޔަ ކުދިން ޙާޞިލުކުރި ނަތީޖާއިން އެބަ ދައްކައިދޭ. އަދި ތިޔަ ކުދިންނަކީ، ސަރުކާރުން މިހާރު ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، މި ޤައުމު ބިނާކުރާނެ ކުދިންކަމާ މެދު އަޅުގަނޑު ޝައްކެއްވެސް ނުކުރަން.
ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބައޮތް. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން އެކަން ފާހަގަކުރެއްވި. އަދި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަރޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްތައް އެބަ ލިބޭ.
ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުޞަތު، މީގެ ކުރިން އޮތީ ވަރަށް ހަނިކޮށް. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ އެ ތަފާތުތައް ނައްތައިލުން. މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުޞަތު އެބައޮތް. އަޅުގަނޑުމެން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތަޢުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް. އަދި، ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ގޮތުންވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް.
އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރު. އޭގެ ފަހުން މިހާތަނަށް، އެ ޕްރޮގްރާމަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ. އަދި މިހާތަނަށް 17 ހާހަށްވުރެ ގިނަ ދަރިވަރުންނަށް، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ. އަދި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވަނީ ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައި.
ދިވެހި ދައުލަތުގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައިވެސް، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް އަޅުގަނޑުމެންނަށް މިހާރު އެބަ ހޯދައިދެވޭ. އެފަދަ ސްކޮލަރޝިޕް ސްކީމްތައް އިތުރުކޮށް، މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް މިހާރުވެސް ހުރީ ތަނަވަސްކުރެވިފައި.
ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގައްޔާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީގެ ދަށުން، ތަފާތު 25 ޤައުމެއްގައި، އެކި ސްކޮލަރޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ކުރިއަށް އެބަ ގެންދޭ. މިފަދަ ސްކޮލަރޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިއްޖެ.
ލޯނު އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑުތަން ވަނީ އިތުރުކުރެވިފައި. މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ވަނީ ހުޅުވައިލެވިފައި. އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދެވިފައި.
މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަގެންދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަންވެސް ވެފައި.
މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުޞަތަށްވެސް 1507 ދަރިވަރުން ކުރިމަތިލި. މިހާރު ކުރިއަށް އެދަނީ އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުޙަލާ. ސްޓޫޑެންޓް ލޯން ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ.
އަޅުގަނޑު ދެކޭގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމަންޓެއް. އަދި އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް.
އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުން. އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން. އެހެންކަމުން، އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން.
މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅަމުން މިދަނީ މިންތީގެ ހަމަހަމަކަމާއެކު. މިރޭ ސްކޮލަރޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް.
ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަށް ބަލާއިރު، އަންހެން ފިރިހެން ތަފާތުނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ސަބަބަކީ، ޙަޤީޤީ ތަރައްޤީއަކީ ތަޢުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމަޢަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށް ވާކަން.
މަތީ ތަޢުލީމް ޙާޞިލުކުރުމަށް އަދިވެސް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މިހާރުވަނީ އިތުރު ގޮތްތަކެއް ހޯދާފައި. އެއީ "މެރިޓް ސްކޮލަރޝިޕް"ގެ ނަމުގައި، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަލަށް ފަށާ ސްކޮލަރޝިޕް ސްކީމެއް.
މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް. މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ޚާއްޞަކުރާ ސްކޮލަރޝިޕެއް. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަރަށް އަވަހަށް ޢާންމު ކުރައްވާނެ.
މިފަދަ ފުރުޞަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ޒަމާނީ ތަޢުލީމުން ތަރައްޤީކުރަން. ސްކޮލަރޝިޕްތަކާއި، ލޯނު ސްކީމްތަކާއި، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ އެއީ. އެކަމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތަޢުލީމީ ނޫރުން ދިވެހި އުންމަތް އުޖާލާވެގެން ދިއުމުގެ ނަސީބު މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.
އަޅުގަނޑުގެ އުންމީދަކީ، މިރޭގެ މި އުފާވެރި ޙަފްލާއިން މިފެންނަ އުންމީދީ މޫނުތަކަކީ، ދިވެހި އުންމަތުގެ ކުރިމަގަށް އަލިކޮށްދޭނެ ޢިލްމީ ދަންމަރުތަކެއް ކަމުގައި ވެގެން ދިއުން. ތިޔަ އެންމެހައި ދަރިވަރުންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ ކިޔަމުން، ތިޔަ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިން އުފުއްލެވި ބުރައަށްޓަކައި ނިހާޔަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތިޔަ ދަރިވަރުންނަށް އުނގަންނަވައިދެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މަތީ އަރުތަވެރިންގެ އިނާމު ޙާޞިލްކުރާ ހުރިހާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ޓީޗަރުން، ދަރިވަރުންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިރޭގެ މި އުފާވެރި ބައްދަލުވުމުގައި އަޅުގަނޑަށް ބައިވެރިވެވޭކަމީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
މިދިޔަ 10 އަހަރުގެ ތެރޭގައި ތިޔަ ދަރިވަރުން ކުރި މިންނެތް މަސައްކަތާއި، މައިންބަފައިންނާއި ބެލެނިވެރިން ދެއްވި ފުރިހަމަ އެއްބާރުލުމާއި، ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އަދި އަރުތަވެރި މަންޒިލަކަށް ތިޔަ ކުދިން ގެންދިޔުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ޓީޗަރުންނާއި މުދައްރިސުން އެ ކުރެއްވި ބުރަ މަސައްކަތްވެސް އެއީ އުފާކުރުން ޙައްޤު މަސައްކަތެއް.
އެކަމަށްޓަކައި، ތިޔަ އެންމެހައި ދަރިވަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަން. އަދި ސްކޫލްތަކުގެ އިސް ވެރިންނާއި ޓީޗަރުންނަށް އަދި މައިންބަފައިންނާއި ބެލެނިވެރިންނަށް، ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރަން. އާދެ، އަދި މިހާރު މި ހޯދަމުންދާ ކާމިޔާބީއާއި ކުރިއެރުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާ، އެ ދާއިރާ ހަވާލުވެވަޑައިގެން ހުންނެވި ޑޮކްޓަރ ޢާއިޝަތު ޢަލީއަށާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.
ތިޔަ ދަރިވަރުންނަކީ، މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، ޤައުމީ ފެންވަރުގައި އެންމެ ގަދަ 10ގައި ހިމެނުނު ދަރިވަރުން. އަދި ކޭމްބްރިޖް އިމްތިޙާނުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ކޭމްބްރިޖްގެ ހައި އެޗީވްމަންޓް ޙާޞިލްކުރާ 6 ދަރިވަރަކު ވެސް މިފަހަރުގެ ލިސްޓުގައި ހިމެނޭ.
ތަޢުލީމީ ރޮނގުން ތިޔަ ދަރިވަރުން ތިޔަ ހޯދި ފުރިހަމަ ނަތީޖާއިން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތަޢުލީމު ދީ، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް. އެކަން ޙާޞިލްކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ ގޮތްތައް ހޯދައިދޭން.
ތިޔަ ދަރިވަރުންނަށް ވެސް އަދި އެންމެހައި ދިވެހި ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، ތަޢުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުޞަތުތަކުގެ ބޭނުން، ވީ އެންމެ ފުރިހަމައަކަށް ހިފުމަށް. އަދި ދިވެހި ޤައުމާއި، ތިޔަ ދަރިވަރުންގެ ޢާއިލާތައްވެސް ފަޚުރުވެރިވާނެ ފަދަ، ޢިލްމީ އަދި ހެޔޮލަފާ ކުދިންތަކަކަށްވުމަށް ވެސް، އަޅުގަނޑު އިލްތިމާސް ކުރަން.
ތިޔަ ދަރިވަރުން ދެން ކުރިމަތިލާނީ މަތީ ސާނަވީ މަރުޙަލާއާ. އެއީ ތިޔަ ދަރިވަރުންގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ ބިންގާ އަޅައިދޭނެ މަރުޙަލާ. މަތީ ސާނަވީ ފުރިހަމަކުރާ ދަރިވަރުންނަށް ވެސް އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުންނަށްވެސް، އަޅުގަނޑު ދަންނަވަން އޮތީ، އެ ކުއްޖެއްގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒު ހިފާށޭ.
މިއީ ތިޔަ ދަރިވަރުން ކުރިއަށް ދާނެ ރޮނގަކާ މެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފަންވީ ދުވަސްވަރު. ތިޔައިގެ ތެރޭގައި ތަފާތު ފަންނުތަކުން ކުރިއަށް ދެވޭނެ ހުނަރުވެރި އެތައް ދަރިވަރުންނެއް ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން. އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ތިޔައިން ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.
ޤައުމީ ތަރައްޤީގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކަން. އެހެން ނަމަވެސް، އެއީ އޭގެ ޒާތުގައި ޤައުމަށް މެދުވެރިވާ ކަމެއް ނޫން. ތަރައްޤީއަކީ، ޤައުމުގެ ފަރުދުންގެ އަމިއްލަ ޒާތަށް އަންނަ ޢިލްމީ ހޭލުންތެރިކަމާއި، ތަހުޒީބީ ކުރިއެރުމުގެ ޒަރީޢާއިން ޤައުމަށް ގެނެވޭ ބަދަލުތަކެއް. މި ވަގުތު ޤައުމު އޮތް ޙާލަތަށް ވިސްނައި، މާދަމާ ޤައުމު އޮންނަން ބޭނުންވާ ގޮތް، ސިކުނޑިއަށް ތަޞައްވަރުކޮށްދެނީ، އެ މީހެއްގެ ކިބައިގައި ހުންނަ ޢިލްމީ ޤާބިލުކަމަކުން.
ތިޔައިން ކޮންމެ ދަރިވަރަކު މަސައްކަތް ކުރަންވީ، މި ދެންނެވި ޢިލްމީ ޤާބިލުކަން ހޯދުމަށް. ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް. ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، އެ ފުރުޞަތު މިއަދު އޮތީ ތަނަވަސްވެފައި. ތަޢުލީމުން އެ މީހެއްގެ ސިކުނޑި މުއްސަނދިވާ ވަރަކަށް، އެ މީހެއްގެ ފަރާތުން ޤައުމަށް ކުރާ މަންފާ އިތުރުވާނެ.
އަޅުގަނޑުމެން މި އެދޭ ތަރައްޤީގެ މަންޒިލަށް ޤައުމު ގެންގޮސްދޭނެ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި، ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެން. ސްކޫލްތަކުގައި އެފަދަ މާޙައުލެއް ޤާއިމުވާނީ، އެ ތަނެއް ހިންގަން ތިބޭ ވެރިންނާއި، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރަން ތިބޭ ޓީޗަރުންގެ ކިބައިގައި ޢިލްމީ ޤާބިލްކަމާއި ހުނަރު އިތުރުވެގެން. ޖުމްލަކޮށް ދަންނަވާނަމަ، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.
އެހެންކަމުން، ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެ ގެންދަނީ. އަދި ސްކޫލްތަކުގައި މަސައްކަތް ކުރާނެ ހެލްތު އޮފިސަރުންނާއި، ކައުންސެލަރުން ހަމަކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދޭ.
ހަމަ އެއާއެކު، ސްކޫލްތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް. މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގިއްޖެ. މިރޭގެ ވީޑިއޯ ޕްރެޒެންޓޭޝަނުންވެސް އޭގެ ބައެއް ކަންތައްތައް ހާމަވެގެން ހިނގައްޖެ. އެތައް ރަށެއްގައި އިތުރު ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލްތައް ޢިމާރާތް ކުރެވިއްޖެ. ކޮމްޕިއުޓަރ ލެބްތަކާއި، ސައެންސް ލެބްތައްވެސް ޤާއިމު ކުރެވިއްޖެ. އަދި މިހާރުވެސް މިފަދަ އެތައް މަޝްރޫޢުތަކެއްގެ މަސައްކަތްތައް ކުރިއަށް އެބަދޭ.
ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހެދިއްޖެ. އެ ސްކޫލްތަކުގެ ތެރެއިން މި ވަގުތަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައްވެސް މިހާރުވަނީ ދެނެގަނެވިފައި. އަދި އެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުން.
ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަމަށް ބޭނުންވާ ސްކޫލްތައް ވެސް މިހާރު ވަނީ ދެނެގަނެވިފައި. އެފަދަ ސްކޫލްތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާކުރުމުގެ މަސައްކަތްތަކެއްވެސް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ.
ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ފަސް އަހަރު ކުރިން އަޅުގަނޑުމެން ނުކުތްއިރު، ބައެއް ރަށްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، އެ ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުން ވަނީ ހުއްޓާލާފައި. އެ ރަށްރަށުގެ ކުދިން ކިޔަވަން ދާންޖެހެނީ، ކަނޑު ދަތުރުކޮށްފައި އެހެން ރަށްރަށަށް.
އެހެން ނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރީ، ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް. އެހެންކަމުން، އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް ޤާއިމުކޮށް، އެކަން މިހާރު ވަނީ ޙައްލުކުރެވިފައި.
މިނޫނަސް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަގެންދޭ. އަދި މި ދާއިރާގެ މުވައްޒަފުން ވަޒީފާގައި ހަރުލެއްވުމަށްވެސް، އެކަށީގެންވާ މަސައްކަތްތަކެއް އެބަ ކުރެވޭ.
އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ލަހެއްނުވެ ފެންނާނެ. ރާއްޖޭގެ ލޮބުވެތި ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުން ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް އަޅުގަނޑުމެން މިކުރާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ދެން ނުނަގާނެ.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ދީ، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އެންމެހައި ދިވެހި ދަރިންނަކީ ޢިލްމު ހޯދުމަށް ލޯބިކުރާ އަދި އެކަމަށް ގަދައަޅާ މަސައްކަތް ކުރާ ހީވާގި ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ރާއްޖެއަކީ އެންމެންނަށް ވެސް އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި ލައްވައި، އެންމެހައި ދަރިވަރުންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ، ޑެޕިއުޓީ ވައިސް ޗާންސެލަރުން، ޔުނިވަރސިޓީގެ ކައުންސިލް މެންބަރުން، ފެކަލްޓީތަކުގެ ޑީނުންނާއި، އެންމެހައި ލެކްޗަރަރއިން، އަދި ހީވާގި މުވައްޒަފުންނާއި، މިރޭ ދަސްވެނިވާ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މި ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާއެއްގައި، 2019 ވަނަ އަހަރު ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެއީ މި މަޤާމާ އަޅުގަނޑު ޙަވާލުވުމަށްފަހު، އަޅުގަނޑު ބައިވެރިވި، ދަސްވެނިވުމުގެ ފުރަތަމަ ޙަފްލާވެސްމެ. އެ އަހަރު މި ޔުނިވަރސިޓީން 575 ދަރިވަރުން ދަސްވެނިވި.
އޭގެ 4 އަހަރު ފަހުން އަނެއްކާވެސް މި އުފާވެރި ޙަފްލާގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް މިވަނީ ލިބިފައި. މި އަހަރު މި ޔުނިވަރސިޓީން 709 ދަރިވަރުން އެބަ ދަސްވެނިވޭ. އަހަރުން އަހަރަށް މި ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންގެ ޢަދަދު އެ އަންނަނީ އިތުރުވަމުން.
މިއީ އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުވާ ކަމުގެ ރަމްޒެއް. އެކަމުގެ އުފާ އަޅުގަނޑަށް އިޙްސާސް ކުރެވޭ. އަދި އެއަށްވުރެ ބޮޑަށް އުފާވާ އެހެން ކަމެއްވެސް އެބައޮތް. އެއީ އަޅުގަނޑުމެން ކުރަން ބޭނުންވެފައި އޮތް ވަރަށް މުހިންމު މަސައްކަތެއް ޙަޤީޤަތަކަށް ވެގެންދާތަން ފެނުން.
މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން ވެފައިވާ ވަޢުދެއް އޮންނާނެ. އަޅުގަނޑުމެން އެ ވަޢުދުވީ، މުޅި މުޖުތަމަޢަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންތަކެއްގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި އެ ބޭފުޅުންގެ މަޤާމު މަތިވެރިކޮށްދިނުމުގެ މަޤްޞަދުގައި.
އެ ވަޢުދަކީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުން. އެ ވަޢުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، މި ޔުނިވަރސިޓީން ފެށްޓީ 2020 ވަނަ އަހަރު. އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭ 78 އިމާމުން އެބަ ދަސްވެނިވޭ. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެއިތުރުން، މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ.
މިފަދަ ދާއިރާތަކުގެ ބޭފުޅުންނަށް އިތުރު ތަޢުލީމް ދިނުމުން ނުކުންނާނެ އެތައް ރަނގަޅެއް އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވޭ. ދީނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަދި އަޚްލާޤީ ގޮތުން ވެސް، ކިތަންމެ އިޞްލާޙީ ބަދަލުތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް އަންނާނެ. އޭގެ ތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތައް މަދުވުމަށް މަގު ފަހިވެގެންދާނެކަން.
އެހެންކަމުން، މިރޭގެ މި ޙަފްލާގައި އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މި ރަސްމިއްޔާތުގައި، ބެސްޓް ސްޓޫޑެންޓް އެވޯޑް ޙާޞިލުކުރާ 9 ދަރިވަރުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން.
އަދި އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދު ޙާޞިލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލިސް މެންބަރުންނަށާއި، އެންމެހައި ހިންގުންތެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށާއި، ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއަށް، ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، މި ޔުނިވަރސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް.
ޔުނިވަރސިޓީގެ ޢުމުރުން މިވީ އެންމެ 8 އަހަރު ކަމަށްވިޔަސް، މި ޔުނިވަރސިޓީގެ ޙަޤީޤީ މަސައްކަތް ފެށިފައި ވަނީ، މީގެ 43 އަހަރު ކުރިން. އެ ފެށުމަކީ އިސްލާމީ ޢަރަބި ތަޢުލީމް ފެތުރުމަށް ހުޅުވި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ. މަޢުހަދު ކުއްލިއްޔާއަކަށް، އަދި މިހާރު ޔުނިވަރސިޓީއަކަށް ބަދަލުވިޔަސް، ތަނަކީ އެއް ތަނެއް. އައި ބަދަލަކީ ތަރައްޤީވެ ފެންވަރު މަތިވުން.
މި ޔުނިވަރސިޓީއަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޔުނިވަރސިޓީއެއް ނޫން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެދުމާއެކު، ޚާއްޞަކޮށް، ދީނީ ޢިލްމުވެރިން، އިސްލާމިކް ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފެއްދުމަށް އަޑުއުފުލަމުން ގެންދިޔައީ. އެހެން ނަމަވެސް، އޭރުގެ ސަރުކާރުގެ ސިޔާސަތަކު ދެވަނަ ޔުނިވަރސިޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް. އެއާއެކުގައި، އޭރު މަޖިލީހުގައި ހިމެނިވަޑައިގެންނެވި މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ، މަޖިލީހަށް ބިލެއް ހުށަހެޅުއްވި. އަޅުގަނޑު އޭރު ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮތުން އުޅުނިން. އެ ބިލު މަޖިލީހުގައި ބަޙުޘް ކުރުމެއްނެތި، ދެ އަހަރެއްހާ ދުވަހު ބާއްވާފައި އޮތް. އެހެން ނަމަވެސް، އެއަށްފަހުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ބަޙުޘް ކުރުމަށްފަހުގައި، ޚާއްޞަ ކޮމިޓީއެއް ނަގައި، ބިލު ކޮމިޓީއަށް ފޮނުވުނު. ކަންދިމާކުރި ގޮތުން، އެ ކޮމިޓީގެ މުޤައްރިރަކަށް އިންނަންޖެހުނީ އަޅުގަނޑު. އާދެ، އެއަށްފަހު މަޖިލީހުން މި ބިލު ފާސްވެ، ޤާނޫނަކަށް ވެގެންދިޔައީ.
މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން. އެ އަމާޒަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި. ދެންމެ ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައިވެސް މި ޔުނިވަރސިޓީއަށް ގެންނަވާ ބަދަލުތައް ކޮންމެވެސްވަރަކަށް ވިދާޅުވެދެއްވައިފި. މި ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތް ވާހަކަ އަޅުގަނޑު ދަންނަވަން.
މި ވަރުގަދަ ޢިލްމީ ހިޔަލުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ޙަވާލުވެފައިވާ ފަރުދެއް. ދަސްވެނިވުމަށް ފަހު، ކޮންމެ މައިދާނެއްގައި މަސައްކަތް ކުރިޔަސް، ތިޔަބޭފުޅުންގެ އެންމެ އިސް ވާޖިބަކަށް ހައްދަވަންވާނީ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުން.
ތިޔައިން ކޮންމެ ބޭފުޅަކީ، ޤައުމަށް ލިބުނު އަގުހުރި ތަރިކައެއް. ތަފާތު ދާއިރާތަކުން ޑިޕްލޮމާ، ބެޗްލަރ އަދި މާސްޓަރޒް ޙާޞިލުކުރީ، ޤައުމުގެ ކުރިމަގާ މެދު ތިޔަ ދަރިވަރުން ވެސް ދެކެމުން އައި ހުވަފެންތަކެއް އޮތީމަ. އަޅުގަނޑުމެން އެންމެން ވެސް ޤައުމުގެ ކުރިމަގާ މެދު ދެކޭ ހުވަފެންތަކެއް އަދި ކުރާ އުންމީދުތަކެއް ވެސް އެބަހުރި.
އެއީ މުޅި ރާއްޖެ ތަރައްޤީ ކުރުން. މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ، ޒަމާނީ ޢިލްމުން ރައްޔިތުންގެ ސިކުނޑިތައް މުއްސަނދި ކުރެވިގެން. އެއީ، އެ އަތޮޅެއް އަދި އެ ރަށެއް މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، މާދަމާ އޮންނަންވީ ގޮތް ކަނޑައެޅޭނީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީގެން ކަމަށް އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރަން.
އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ބަލަބަލާ. ދުނިޔެއަށް އަވަސް ބޮޑެތި ބަދަލުތައް އެބަ އާދޭ. ރަނގަޅު ބަދަލާއި، ނުރަނގަޅު ބަދަލުވެސް އެބަ އާދޭ. ދުނިޔެއަށް އަންނަ މިފަދަ ބަދަލުތަކަށް ރަނގަޅަށް ލޯ ހުޅުވި، އޭގެ ތެރެއިން މި ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށް. އެ މިންވަރަށް ތައްޔާރުވެ ތިބެވޭނީ، ޒަމާނީ ޢިލްމު ހޯދައި، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކޮށްގެން.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ޤައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުން. މި އަހަރުގެ ބަޖެޓުން ވެސް އަޅުގަނޑުމެން ވަރަށް ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެ.
އެއީ މުޅި ބަޖެޓުގެ ޖުމްލައިގެ 10.9 އިންސައްތަ، ނުވަތަ 4.6 ބިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ، ޓަރޝަރީ އެޑިޔުކޭޝަން ނުވަތަ މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް. މިއީ ތަޢުލީމީ ދާއިރާއަށް ހޭދަކުރާ ފައިސާއަށް ވިޔަސް، ޙަޤީޤަތުގައި މިއީ ތަރައްޤީގެ ހުރިހާ ދާއިރާއަކަށް ކުރެވޭ ބޮޑު އިންވެސްޓެއް.
ފެންވަރު ރަނގަޅު ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، އިންޖިނޭރުން، ލޯޔަރުން، ޕައިލެޓުން، އަދި މި ނޫނަސް ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެން. އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް މިއަދު އެ ޙަޤީޤަތް އެބަ ޤަބޫލުކުރޭ. ހިލޭ ޑިގްރީ ޕްރޮގްރާމަށާއި، ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ލިބޭ ބޮޑު ތަރުޙީބަކީ އެކަމުގެ ހެއްކެއް.
މި ދެންނެވި މަޤްޞަދު ޙާޞިލުކުރުމުގައި، މި ޔުނިވަރސިޓީއަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ޚާއްޞަ ގޮތެއްގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދިވެހި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި، މި ޔުނިވަރސިޓީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. އަދި އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކު، މި ޔުނިވަރސިޓީން ވަރަށް އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.
މީގެ އިތުރުންވެސް، މިއަދު މި ޤައުމު ކުރިއެރުވުމަށް ބޭނުންވާ އެތައް ދާއިރާއަކުން މީހުން ބިނާކުރުމުގެ ވަރަށް ފުރިހަމަ މަސައްކަތްތަކެއް، މި ޔުނިވަރސިޓީ ވެސް އަންނަނީ ކުރަމުން. އަދި ތަޢުލީމީ ދާއިރާގެ އެހެން މުއައްސަސާތަކުން ވެސް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އަޅުގަނޑު އުފަލާއެކު ޤަބޫލުކުރަން.
ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތަކެއް، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. ވައިސް ޗާންސެލަރ ވިދާޅުވި ފަދައިން، މި ދާއިރާގެ މުސާރައަށް ގެނެވުނު ބަދަލު. ހެޔޮ ބަދަލެއް އަޅުގަނޑުމެންނަށް ގެނެވިއްޖެ. އެހެން ނަމަވެސް، އަދިވެސް އިޞްލާޙް ކުރަންޖެހޭ ކަންތައްތައް އެބަހުރި. މި ޔުނިވަރސިޓީގެ ލެކްޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން.
އަދި އޭގެއިތުރުން، މިރޭ ޑިގްރީ ޙާޞިލުކުރި އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް. އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ޚިލާފަށް، ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވަރޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް. ޚިދުމަތްތެރިންތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ޙިއްޞާކުރަން.
އަދި އޭގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ދޭން ނިންމި އެލަވަންސް، އިރާދަކުރެއްވިއްޔާ، އެ އިޢުލާނުކުރި ގޮތަށް، ޖޫން މަހުގެ ތެރޭގައި ދޭން ފަށާނެ ވާހަކަވެސް އަޅުގަނޑު އުފަލާއެކުގައި މިރޭ އިޢުލާނު ކުރަން.
އަޅުގަނޑުގެ އުންމީދަކީ، މި ހިޔާ ބޮޑު ތަޢުލީމީ މުއައްސަސާގެ ހިޔަލުގައި ގިނަ ޒުވާނުންތަކެއް ތަޢުލީމު ހޯދައިގެން، ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުން. ދިވެހި ދަރިންނަށް އިސްލާމީ ޒަމާނީ ތަޢުލީމު ފޯރުކޮށްދިނުމުގައި، މި ޔުނިވަރސިޓީގެ މުވައްޒަފުން ކުރައްވާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އެ ބޭފުޅުންނަށް ހެޔޮ ދަރުމަ ދެއްވުން އެދި ދުޢާކުރަން. އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދަމަހައްޓަވައި، ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރު ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ފ. ދަރަނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި ދަރަނބޫދޫ ތަމްސީލު ކުރައްވާ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްމުޙްސިން ޙަމީދު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލްޙަމީދު އާދަމް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، އަދި ޚާއްޞަކޮށް، މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން، ކުދި ބޮޑު ހުރިހާ ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަޅުގަނޑަށް މި ރަށަށް އާދެވުނު. އެއީ، ދެ ނަމާދު ދޭތެރޭގައި. އަޅުގަނޑުމެން ދެ ނަމާދު ދޭތެރެއޭ ކިޔަނީ، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދޭތެރެއަށް. އެއީ، ވިއްސާރަ ދުވަހެއް. ވަރަށް ކަނޑުގަދަ ދުވަހެއް. މި ރަށަށް ވަންނަން އަޅުގަނޑުމެން ބޭރުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު މަޑުކުރަންޖެހުނު. ކަނޑުގަދަވެގެން ނުވަދެވިގެން. އެހެން ނަމަވެސް، މި ރަށުގެ ރައްޔިތުން އެ ދުވަހުވެސް ބަނދަރުމަތީގައި މަޑުކޮށްގެން ތިބި. އެ ވިއްސާރައިގައި އަޅުގަނޑުމެން މި ރަށަށް ފައިބައި، ރައްޔިތުންނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ ހުށަހެޅުންތައް ރައްޔިތުންނަށް ހުށަހެޅި. އަދި ރައްޔިތުން އެ ދުވަހު ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑުމެންނަށް ކައުންސިލަރުންނާއި އަދި ހާޒިރުވެވަޑައިގެން ތިއްބެވި ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި. އެންމެބޮޑު ކަމަކަށް އެ ދުވަހުވެސް ހުށަހެޅީ، ބަނދަރުގެ ވާހަކަ. އަދި އޭގެފަހުން 2019 ވަނަ އަހަރުގެ ތެރޭގައި، މި ރަށުގެ ކައުންސިލާ އަޅުގަނޑަށް ބައްދަލުކުރެވުނު. އެ ދުވަހުވެސް ކައުންސިލްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއްގެ ގޮތުގައި ހުށަހެޅީ، ބަނދަރުގެ ވާހަކަ. އެއާއެކުގައި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި.
އާދެ، ރާއްޖެ ތަރައްޤީ ކުރުމުގައި މީގެކުރިން ސަރުކާރުތަކުން ގެންގުޅެމުން އައިގޮތް، ދެންމެ ކައުންސިލްގެ ރައީސް ވަރަށް ސާފުކޮށް އެ ވިދާޅުވީ. ސަރުކާރުގެ އިސް މަގާމެއްގައި މީހަކު ހުންނަންޖެހޭ. ނޫނީވިއްޔާ އެ ދާއިރާގެ މެންބަރަކީ، ސަރުކާރަށް ނިސްބަތްވާ މެންބަރަކަށްވާންޖެހޭ. ނޫނީވިއްޔާ، ދެން ފަހުން އައިސް ޕާޓީތައް އުފެދުމުން، އެ ސަރުކާރުގައި އޮންނަ ޕާޓީއަކަށް ތާއީދުކުރާ މެންބަރުން ތިބެންޖެހޭ. އެހެން ނޫނީވިއްޔާ އެ ދާއިރާއެއް، ސަރަޙައްދެއް، އެ ރަށެއް އެއީ ބާކީވެފައި އޮންނަ ރަށެއް.
އެކަހަލަ ގޮތެއް ދިމާވެފައި ހުރި ވަރަށްގިނަ ރަށްރަށް އެބަހުރި. އެނގިވަޑައިގަންނަވާނެ، ދަރަނބޫދޫއަކީ އާބާދީ ކުޑަ ރަށެއް. މިތާ ތިއްބެވި ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، މި ރަށުގައި އޭރު އެ އޮންނަ ގޮތުން، 40 މީހުން ހަމަނުވެ، 50 މީހުން ހަމަނުވެގެން ހުކުރު ނުކުރެވުނު ހަނދާން. އެހެން ނަމަވެސް، އެ ސަބަބުތަކަށްޓަކައި ހުރެ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތަކީ، ކުދިކޮށް ހުރި ރަށްރަށް، އެއީ މީހުން ދިރިއުޅުނަސް، މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުއްދައިދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ބަލައިގަތުން. ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން އެއީކީއެއް. ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން. އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވި ފަދައިން، މި ރަށަކަށް އެކަންޏެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ތަފާތުކުރުމެއްނެތި ކުރިއަށްދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
ދަރަނބޫދޫއަށްވީ ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑުމެން ގެންގުޅުނީ އެ ވިސްނުން. މި ދާއިރާގެ މެންބަރަކީ މިއަދާ ޖެހެންދެން އެމް.ޑީ.ޕީ.ގެ ސަރުކާރަށް ނިސްބަތްވާ މެންބަރެއް ނޫން. ދަރަނބޫދޫގެ ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކީ އެމް.ޑީ.ޕީ. އަށް ތާއީދުކުރާ ބައެއް ނޫން. ކައުންސިލްގައިވެސް، މިއަދުވެސް ކައުންސިލްގެ ރައީސްވެސް އަދިވެސް ތިއްބެވި ބޭފުޅުންނަކީ އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ބޭފުޅުންނެއް ނޫން. ކުރިއެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް ލިސްޓުގެ ފަހަތަށް ޖައްސާފައި އަޅުގަނޑުމެންނާ އެކީ ތިބި ރަށްރަށަށް އެކަނި މަސައްކަތްކޮށްދީގެން އަޅުގަނޑުމެންނަށް ކުރިއަށްދެވުނީސް. ނަމަވެސް، އެއީކީއެއް ސަރުކާރަކުން ކަން ކުރަންވާނެ ގޮތެއް ނޫން. އެހެންކަމުން، އެ ވިސްނުން ދުރުކޮށް، ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ކަންތައްތައް ކޮށްދިނުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ފަށައިގަތީމު. ނަމަވެސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި ވަރަށްބޮޑު ގޮންޖެހުމެއް ކުރިމަތިވި.
ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ޢާލަމީ ވަބާއާ ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތުތައް، އަޅުގަނޑުމެންގެ މަޝްރޫޢުތައް، ޕްލޭންތައް ކުރިއަށް ގެންދިޔުމުގައި މަޑުޖައްސާލަން ޖެހުނު ބައެއް ކަންތައްތައް. މި ރަށުގެ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަތީ، 2020 ވަނަ އަހަރުގެ މިއަދު. މޭ މަހުގެ 27 ވަނަ ދުވަހު. އެހެން ނަމަވެސް، ކޯވިޑާ އެކީގައި ބައެއް ކަންތައްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ކުޑަކޮށް ފަހަތަށްޖައްސާލަން ޖެހުނު. އެހެން ނަމަވެސް، މިއަދު ހަމަ އެ ދުވަހު އިރާދަކުރެއްވިއްޔާ އޭގެ ތިން އަހަރު ފަހުން އަޅުގަނޑުމެން މިތިބީ މި ބަނދަރު ހުޅުވަން. މިދިޔަ އަހަރު މަސައްކަތް ނިމިއްޖެ. އެހެން ނަމަވެސް، ރަސްމީގޮތުން ހުޅުވުމުގެ ޖަލްސާގައި. މި މަސައްކަތް ކޮށްދެއްވި އެމް.ޓީ.ސީ.ސީ. އާއި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނަށް އަދި ޚާއްޞަކޮށް، މި ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރުގައި، ކައުންސިލްގެ ފަރާތުން އެ ދެއްވި އެއްބާރުލެއްވުމާއި އަދި ގެންނަންޖެހުނު ބަދަލުތައް ރައްޔިތުން އެދޭގޮތަށް ގެނައުމުގައި، މި ދެންނެވިހެން ޕްލޭނިންގ މިނިސްޓްރީން ކޮށްދެއްވި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަން.
މި ރަށުގެ އާބާދީގައި މިހާރު 400 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެބަ. ރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވޭ، ފެނާއި ނަރުދަމާގެ ނިޒާމު މި ރަށުގައި ޤާއިމުވެފައި އޮތުން. ޞިއްޙީ ޚިދުމަތް ކައިރިން ލިބުން. ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައި އޮތުން. އަޅުގަނޑު ހިތުން އެ ދުވަހު ކައުންސިލުން އެދިވަޑައިގެން ގޮތަށް، ފެނާއި ނަރުދަމާގެ ނިޒާމު މިހާރު ކުރިއަށްދާކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އަދިވެސް ރައްޔިތުން ބޭނުންވާނެ ކިތަންމެ ކަމެއް ހުންނާނެ. އެހެން ނަމަވެސް، ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވީ، އެންމެ ކަމެއްގެ ވާހަކަ. އައުޓް ޑޯ ވޮލީބޯޅަ ކޯޓެއްގެ ވާހަކަ. އަޅުގަނޑު ހިތުން އެއަށްވުރެވެސް ގިނަ ކަންތައްތައް ހުންނާނެ. ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން.
އަދި މި ދަތުރުގައި ކައުންސިލާ އެކީގައި އަޅުގަނޑުމެން ބައްދަލުކުރާއިރުގައި، މީގެ އިތުރުން މި ރަށަށް ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ހުށަހަޅާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. މިހެން މި ދެންނެވީ، ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު. އަޅުގަނޑުމެން މިދަނީ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުން. މި ރަށަށް މިވަގުތު ބޭނުންވެފައި ހުރި ހުރިހާ ކަމެއްގެ ވާހަކަ ތިޔަބޭފުޅުން ތަފްޞީލުކޮށް އަޅުގަނޑުމެންނާ ޙިއްޞާކޮށްދިނުމަކީ އަޅުގަނޑުގެ އެދުމެއް. އިރާދަކުރެއްވިއްޔާ، މި ނިމިގެންދާ އަހަރު މި މަސައްކަތް ކުރިގޮތަށް، ތަފާތުކުރުމެއްނެތި މި ރަށަށްވެސް އަޅުގަނޑުމެން ދެންވެސް ވާ ވަޢުދުތައް ކޮށްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، ވޭތުވެދިޔަ ފަސް އަހަރަކީ، އޭގެ ކުރިއާ އަޅައިބަލާއިރު، ތިޔަބޭފުޅުން އަމިއްލައަށް ވަޒަންކޮށްލައްވަން އަޅުގަނޑު ދޫކޮށްލާނަން. އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު، ރާއްޖޭގައި އޭރު އޮތް ޙާލަތު، ހަލަބޮލިކަމާއި، ހަމަނުޖެހުމާއި، ބިރުވެރިކަމާއި، ތިޔަ ވިދާޅުވާހެން ތަފާތުކުރުންތަކާ އެކީގައި ސަރުކާރުން ކުރަމުން ގެންދިޔަ ކަންތައްތައް. ދަންނަވަންތޯ، ހަމަޖެހުމެއްނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ. އެންމެ ފުރަތަމަ ކަމަކީ، ޤައުމުގައި ހަމަޖެހުން އުފެއްދުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ އެންމެ މުހިންމު އަމާޒަކަށްވާނީ، ރާއްޖޭގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. ހަމަޖެހުން ޤާއިމުކުރުން. ތަފާތު ޚިޔާލުގެ މީހުން އުޅޭނެ. ތަފާތު ފިކުރުގެ މީހުން އުޅޭނެ. އެހެން ނަމަވެސް، އެ ފިކުރުތަކާ އެކީގައި، އެ ވިސްނުމާ އެކީގައި، އެ ޚިޔާލުތަފާތުވުންތަކާ އެކީގައި ކުރިއަށް ދިޔުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ. އެ ޖާގަވެސް ދޭންޖެހޭނެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަންވާނީ، އެ ޚިޔާލުތަފާތުވުންތަކާ އެކީގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް.
އާދެ، ހަމައެއާއެކީގައި، އަޅުގަނޑުމެން ކުރަމުންގެންދާ އަނެއް ކަމަކީ، އިންސާނީ ވަސީލަތް ބިނާކުރުން. ޤައުމު ކުރިއަށްދާނީ، އަދި މި ގެނެވޭ ތަރައްޤީއާ އެކީގައި ރަށްރަށުގައި ވަޒީފާތަކާ އެކީގައި. އެ ވަޒީފާއަށް އެކަށީގެންވާ މީހުން ބިނާކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވަޒީފާއެއްނެތި، އާމްދަނީއެއް ނެތި، ރަށެއްގައި ދިރިއުޅޭނީ ކިހިނެއްތޯ؟ މާލެއަށް ބަޔަކު ހިޖުރަ ކުރަންޖެހުނު އެންމެބޮޑު ސަބަބަކީ އެއީ. ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް، ވަޒީފާއެއް ހޯދަންޖެހުނަސް، މި ދާންޖެހެނީ މާލެއަށް. އެހެން ގޮސް މާލެއަށް މީހުން އަރައި، އަރައި، އަރައި މިހާރު އެއޮތީ ބަންޑުންވާވަރަށް. އެކަމަށް އޮތް އެއް ޙައްލަކީ، މާލެ ނޫން ސަރަޙައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. އެއީ، އަޅުގަނޑުމެން މިކުރާ އެއްކަމަކީ. މާލެއަށް ލުޔެއް ލިބޭނީ އޭރުން.
މީހުން ބިނާކުރުމަށް މި ހިންގާ ހިލޭ ޑިގްރީގެ ޕްރޮގްރާމާއި، ސްކޮލަރޝިޕްގެ ޕްރޮގްރާމްގެ ތެރެއިން މި ރަށުގައި މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 36 ދަރިވަރަކު ހިލޭ ޑިގްރީ ކިޔަވައި ނިންމައިފި. 400 މީހުން އުޅޭ އާބާދީއެއްގައި އަޅުގަނޑު ހިތުން ކުރިއަށް މި އޮތް ތަނުގައިވެސް މި ރަށުން މިކަހަލަ އެތައް ދަރިވަރުންނެއް ކިޔަވައި ނިމިގެން ނުކުންނާނެ. މި ރަށުގެ މުސްތަޤްބަލް އެބައޮތް. ބޭނުންވަނީ، މި ދެންނެވިހެން ޒަމާނަށް މި އަންނަ ބަދަލާ އެކީގައި، އެ ވިސްނުމާ އެކީގައި، ރަށް ކުރިއަރުވާނެ ބަޔަކު ރަށުގައި ދިރިއުޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތަކާ އެކީގައި ރަށްރަށުގައި ދިރިއުޅޭނެ، ހަމަޖެހިގެން ވަޒަންވެރިވެއުޅޭނެ ބަޔަކު އުފެއްދޭނެ. އޭރުން އަޅުގަނޑުމެން މި ދަންނަވާ، މުޅި ރާއްޖެއަށް މި ބޭނުންވާ ތަރައްޤީ ފެނިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށާއި މި އަތޮޅަށާއި، މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަން މި ބޭނުންވާ ބަދަލު ގެނައުމުގައި މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި، އެކަމާއިގެން އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި އަދި ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތައް | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ހުރިހާ ބޭފުޅުންނަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް މަރުޙަބާ ދަންނަވަން.
އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، މިއަދު އިޓްލޮސް، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ ގައި ނިމިގެންދިޔަ ރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން ނިންމި ނިންމުމާ ބެހޭގޮތުން ތިޔަބޭފުޅުންގެ އެއްވެސް ސުވާލެއް އަދި އޮޅުންފިލުވަން ބޭނުން އެއްވެސް ކަމެއް އޮތް ކަމަށްވަންޏާ، އެ ކަމެއް ސާފުކޮށްލަދިނުމަށް.
މީގެ ކުޑައިރުކޮޅެއްގެ ކުރިން، އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި މިއަދު އިޓްލޮސްގައި އެ ނިމިގެންދިޔަ ނިމުމާ އެއްގޮތަށް، ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން ޢަމަލުކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނު.
އެގޮތުން، ފުރަތަމަ ކަމަކަށް، އެ އީ.އީ.ޒެޑް ބެލެހެއްޓުން، ކޯސްޓްގާޑުން އަޅުގަނޑުމެންގެ އުތުރުގައި މިހާރުވެސް އީ.އީ.ޒެޑް ބަލަހައްޓާ ގޮތަށް، ވަށައިގެން ބަލަހައްޓާ ގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމުނު. އަދި އޭގެއިތުރުން، ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާއި އަދިވެސް ކަމާ ގުޅުންހުރި މިނިސްޓްރީތަކުން މި ސަރަޙައްދުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، މިހާރުން ފެށިގެން ކަން ކުރަންވީގޮތާ ގުޅިގެން މަޝްވަރާ ކުރެވުނު.
އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ސަރަޙައްދު، ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ކަނޑައެޅިފައި އެބައޮތް. އެއީ، ރާއްޖޭގެ ކޯސްޓަލް އެޖުން ފެށިގެން 12 ނޯޓިކަލް މޭލު، ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައި އެބައޮތް. އޭގެއިތުރުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް، ކޮންމެ ޤައުމަކަށްވެސް އެބަ ލިބޭ. އެގޮތުން، ރާއްޖޭގެ އުތުރާއި، އިރު އުތުރާއި، ހުޅަނގުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ވަނީ ކަނޑައެޅިފައި. ރާއްޖޭގެ އުތުރާއި، އިރު އުތުރުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެންދިޔައީ، 1976 ވަނަ އަހަރު. އެހެން ނަމަވެސް، ދެކުނުގެ ސަރަޙައްދު މިހާތަނަށް އައިއިރުވެސް އޮތީ ކަނޑަނޭޅި. ދެކުނުގައި 200 ނޯޓިކަލް މޭލު، ރާއްޖެއިން މިންއަޅާއިރުގައި، މޮރިޝަސްގެ ސަރަޙައްދާ ފުށުއަރާ ބައެއް އެބައޮތް. މިއަދު ނިމިގެން އެދިޔައީ، އެ ސަރަޙައްދާ ބެހޭގޮތުން ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތަށް، ޤާނޫނުތަކާ އެއްގޮތަށް ކަނޑައަޅަންޖެހޭ ކަނޑައެޅުމެއް.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަނީ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި ބައިވެރިވެފައި. "އަންކްލޯޒް" ގައި. އޭގައި ބުނާގޮތުން، އެއްވެސް ސަރަޙައްދެއްގައި، އީ.އީ.ޒެޑް ފުށުއަރާ ކަމަށްވަންޏާ، އެ ފުށުއަރާ ސަރަޙައްދެއް، މި ބަހަނީ މެދުން ހަމަޔަށްވާގޮތަށް. އެ އަޅުގަނޑުމެން ވަނީ ބައިވެރިވެ، ރެޓިފައި ކޮށްފައި. ރައްޔިތުންގެ މަޖިލީހުން އެއަށް ރުހުންދީ، އެއަށް ޢަމަލުކުރަން އެއްބަސްވެފައި. 2000 ވަނަ އަހަރު އެ ވަނީ ތަންފީޒު ކުރަން ފަށާފައި.
އެހެންވީމާ، މިއަދު އެ ނިމިގެންދިޔަ ދިޔުމަކީ، އަޅުގަނޑު ދަންނަވާނީ، ޤާނޫނީ ހަމަތަކާއި މިންތަކުގެ ތެރެއިން ރާއްޖޭގެ އިން ވަކިކުރެވި، ފުރިހަމަވެގެންދިޔަ ދިޔުމެއް ކަމަށް. ރާއްޖެއަކީ މި ދެންނެވި ގޮތަށް، ބައިނަލްއަޤްވާމީ ހަމަތަކާއި މިންތަކާ އެއްގޮތަށް، އިން ވަކިކުރެވިފައި އޮތް، ފުރިހަމަ ބައުންޑަރީ އޮތް ޤައުމަކަށް މިއަދު ބަދަލުވެގެން އެދިޔައީ.
އަޅުގަނޑު ހިތުން މީގައި ރާއްޖޭގެ ބަންޑާރަ ނައިބާއި، އަޅުގަނޑުމެންގެ ޤާނޫނީ ޓީމު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައި އެބަހުރި. އެ ބޭފުޅުން މަސައްކަތްތައް ކުރެއްވީ، މި މައްސަލަ އައުމާއެކީގައި، ވަޒީރުންގެ މަޖިލީހަށް މި މައްސަލަ ގެންގޮސް، މަޝްވަރާކޮށް، ވަޒީރުންގެ މަޖިލީހުންވެސް ލަފާ ދީފައިވާ ގޮތަށް.
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، މި ސަރުކާރަށާއި، އަޅުގަނޑުމެން އެންމެންނަށް ލިބުނު ރަނގަޅު ކާމިޔާބެއް ކަމުގައި.
އަޅުގަނޑުގެ މި އޯޕަނިންގ ސްޓޭޓްމަންޓް ތިޔަބޭފުޅުންނަށް މި ދަންނަވާލީ. އެއަށްފަހުގައި، ޚާރިޖީ ވަޒީރު މިނިސްޓަރ ޝާހިދު، މިކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުވުމަށްފަހުގައި، ތިޔަބޭފުޅުންނަށް ފުރުޞަތަށް ހުޅުވައިލާނަން.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
ވަރަށް ބޮޑަށް ޝުކުރިއްޔާ، ޢިއްޒަތްތެރި ރައީސް.
މިއަދު އަޅުގަނޑުމެން، ދިވެހިރާއްޖޭގައި ފާހަގަވެގެން މިދަނީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދަށުން ރާއްޖެއަށް ލިބުނު އެންމެބޮޑު އެއް ކާމިޔާބީ ލިބިގެންދާ ތާރީޚީ ދުވަހުގެ ގޮތުގައި.
1965 ވަނަ އަހަރު ރާއްޖެ މިނިވަންވުމަށްފަހު، އަޅުގަނޑުމެންނަށް ރާއްޖޭގެ އިން ކަނޑައެޅުމުގައި، ބައިނަލްއަޤްވާމީ އުޞޫލުތަކާއި، އިންޓަރނޭޝަނަލް ކަސްޓަމަރީ ލޯއާ އެއްގޮތްވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ދެންމެ ވިދާޅުވިގޮތަށް، 1976 ވަނަ އަހަރު ވަނީ އަޅުގަނޑުމެންގެ އުތުރުގެ ބައުންޑަރީތައް ކަނޑައެޅިފައި. އެހެން ނަމަވެސް، ތަފާތު ސަރުކާރުތަކުން އެކިއެކި މަސައްކަތްތައް ކުރައްވާފައިވި ކަމުގައިވިޔަސް، އެއްވެސް ސަރުކާރަކުން ދެކުނުގެ ބައުންޑަރީ ކަނޑައެޅުމުގެ މަސައްކަތް ނިންމަވާފައެއް ނުވޭ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދަށް ބޭރުގެ ފަރާތްތަކުން ވަދެ، އަޅުގަނޑުމެންގެ ސަރަޙައްދުން ނުޙައްޤު ފައިދާތައް، ބޭރުގެ ފަރާތްތަކުން ހޯދަމުން ގެންދިޔަ.
މިއަދު އިރާދަކުރެއްވިއްޔާ މިވަނީ ރާއްޖެ، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ސަރަޙައްދު ފުރިހަމައަށް ކަނޑައެޅިފައި. މި ސަރުކާރުގެ ނިންމުމެއް ކަމުގައި އޮތީ، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލިބެން އޮތް އެންމެބޮޑު މިން، މި ރާއްޖެއަށް ހޯދުން. އެންމެ ވެލިފުކެއްގެ މިންވަރުވެސް ދޫނުދިނުން.
މިއަދު އިޓްލޮސްގެ ފަނޑިޔާރުންގެ އިއްތިފާޤުން އެ އިއްވެވި ޙުކުމުގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މޮރިޝަސްއިން ހުށަހެޅި އެއްވެސް ކަމެއް ކާމިޔާބެއްނުވި. އަޅުގަނޑުމެންނަށް، ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ހުށަހެޅުއްވި ހުރިހާ ކަމެއް ދިވެހިރާއްޖެއަށް ކާމިޔާބު ވެގެންދިޔައީ. އެއީ، ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ލިބުނު ނަޞްރެއް، ފަތަޙައެއް.
އެހެންވީމާ، މި ސަރުކާރުގެ ދުރުވިސްނޭ ޚާރިޖީ ސިޔާސަތު، ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދުނިޔޭގެ އެންމެމޮޅު ލޯޔަރުން މެދުވެރިކުރައްވައި، އެ ކުރެއްވި މަސައްކަތް ކާމިޔާބުވެގެން ގޮސްފައި އެވަނީ.
އަޅުގަނޑު އަދިވެސް އެއްފަހަރު، ރައީސުލްޖުމްހޫރިއްޔާއަށް، ބަންޑާރަ ނައިބަށް، އެ މަނިކުފާނުގެ ޤާބިލް ޓީމަށް މަރުޙަބާއާއި ޝުކުރު ދަންނަވަން. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެއްވެސް ސުވާލެއް އެބައޮތްތޯ؟
އަޅުގަނޑު ފުރަތަމަ ފުރުޞަތު އަރުވާނަން، ރާއްޖެ ޓީ.ވީ. އަށް.
އިދުހާމް ނަޢީމް - ރާއްޖެ ޓީ.ވީ:
މިހާރު މިއަދުގެ ނިންމުމާ އެއްކޮށް ދެން ޗާގޯސް މިލްކުވެރިކަމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟ ދެން އެކަމާމެދު ސަރުކާރުން ކިހިނެއްތޯ ވަކާލާތު ކުރައްވާނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޗާގޯސްއަކީ، ކޮން ބައެއްގެ ތަނެއްކަމާމެދު މީގެކުރިން ވަނީ ގޮތްތަކެއް ނިމިފައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ފުރަތަމަ ކަމަކަށް، ރާއްޖޭގެ އެއްވެސް ޒަމާނެއްގައި، އެއްވެސްއިރެއްގައި ޗާގޯސްއަކީ ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް. އަދި ޤާނޫނުއަސާސީ ލިޔެވެން ފެށި، 1932ން ފެށިގެން މިހާތަނަށް ސަރަޙައްދު ކަނޑައެޅިގެން އައިއިރުގައިވެސް، އެއިން އެއްވެސް ޤާނޫނުއަސާސީއެއްގައި، އަޅުގަނޑުމެންގެ ސަރަޙައްދުތެރޭގައި ޗާގޯސް ހިމެނިފައެއް ނެތް. އެހެންކަމުން، މިހާހިސާބަށް އައިއިރުގައި، ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ދަޢުވާ ކުރެވޭނެ، ބުނެވޭނެ އެއްވެސް ތާރީޚީ ހެތްކެއް އަދި ޤާނޫނީގޮތުންވެސް އެކަން ބެލެވޭނެ ޖާގައެއް ފެންނާކަށް ނެތް.
ޗާގޯސްގެ މިލްކުވެރިކަމާ ދޭތެރޭގައި އުފެދިގެން އުޅުނު މައްސަލައަކީ، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައި އުފެދިފައި އޮތް މައްސަލައެއް. މޮރިޝަސް، އިނގިރޭސީންގެ އަތްދަށުގައި އޮތުމަށްފަހުގައި، 1965 ވަނަ އަހަރު، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، މޮރިޝަސްގެ ސިޔާދަތުގެ ތެރެއިން، މޮރިޝަސްގެ ބައެއްގެ ތެރެއިން ޗާގޯސް އިނގިރޭސީން ވަކިކުރި. އެއަށްފަހުގައި، 1967 ގައި މޮރިޝަސްއަށް މިނިވަންކަން ލިބިގެންދިޔައީ. އެހިސާބުން ފެށިގެންވެސް މޮރިޝަސްއިން ޗާގޯސްގެ މައްޗަށް މިލްކުވެރިކަން އޮތްކަން، ބާރު އޮތް ކަމަށް ވަކާލާތު ކުރަމުން ގެންދިޔައީ. އެހެންގޮސް، 2017 ވަނަ އަހަރު މި މައްސަލަ މިވަނީ އ.ދ. އަށް މޮރިޝަސްއިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީން މި މައްސަލަ، އައި.ސީ.ޖޭ. އަށް ފޮނުވަން ނިންމާފައި. އެއާ ގުޅިގެން އައި.ސީ.ޖޭ. އިން މިވަނީ ގޮތެއް ނިންމާފައި. އެއީ، މޮރިޝަސްގެ ބައެއް ކަމަށް ކަނޑައަޅާފައި. އަދި އެއީ، އިސްތިޝާރީ ލަފައެއް، ޤާނޫނީ ލަފައެއް. މިތާ އެބަ ތިއްބެވި ޤާނޫނީ ވަކީލުން. އެ ބޭފުޅުން އިތުރަށް މީގެ ތަފްޞީލު، ތިޔަބޭފުޅުން ބޭނުންފުޅުވަންޏާ ދެއްވާނެ.
އެއަށްފަހުގައި، އ.ދ.ގެ ޖެނެރަލް އެސެމްބްލީ، ޢާންމު މަޖިލީހުން ވޯޓަކަށް އެހި. އަހައިގެން 6 ޤައުމު ފިޔަވައި، ހުރިހާ ޤައުމެއް ވޯޓުދިނީ، އެއީ، މޮރިޝަސްގެ ތަނެއް ކަމަށް، އައި.ސީ.ޖޭ. އިން ނިންމި ނިންމުމާ އެއްގޮތަށް. އެ ނިންމި ނިންމުމުގައި، އަޅުގަނޑުމެން އެ ދުވަހު ވޯޓުދިނީ، އެ ނިންމުމާ އިދިކޮޅަށް. އަޅުގަނޑު ތަންކޮޅެއް ތަފްޞީލުކޮށް މި ދަންނަވަނީ. އެކަމަކު މީގެކުރިންވެސް އެތައްފަހަރަކު މި ވާހަކަތައް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ހާމަކޮށްފައި އޮންނާނެ. އެ ދުވަހު ވޯޓު ދެމުންވެސް އަޅުގަނޑުމެން ބުނެފައި ވާނެ، އަޅުގަނޑުމެން މި ވޯޓުދެނީކީ، އެ ހުށަހެޅިފައި އޮތް މައްސަލައަށް، އަޞްލު މައްސަލައާ އިދިކޮޅަކަށް ނޫނޭ. އެއީ، އިޓްލޮސްގައި އޭރު އޮތް މައްސަލައެއް، މޮރިޝަސްއިން ދަޢުވާކުރާ މައްސަލައެއް. ޗާގޯސްގެ އީ.އީ.ޒެޑް ކަނޑައެޅުމާ ބެހޭގޮތުން. އަޅުގަނޑުމެން އެއަށް އޮންނާނެ، އޭރު މައްސަލައެއް ލާފައި. އެ މައްސަލައަކަށް މޮރިޝަސްގެ މައްޗަކަށް، އެ މައްސަލަ ކުރިއަކަށް ގެންދިޔުމަކަށް ފުރުޞަތެއް ނެތް ކަމަށް. އެހެން އޮތީމާ، އެއަށް ބާރުދިނުމުގެ ގޮތުން އަޅުގަނޑުމެން ދިން ވޯޓެއް އެއީ، އެއާ އިދިކޮޅަށް.
އެހެން ނަމަވެސް، އޭގެފަހުން އިޓްލޮސްއިން ނިންމުމެއް އެބައޮތް ނިންމާފައި. އައި.ސީ.ޖޭ.ގެ ނިންމުމާ އެއްގޮތަށް، މޮރިޝަސްއިން އެ ހުށަހަޅާފައި އޮތް މައްސަލަ ބެލޭނެ ކަމަށް. މާނަޔަކީ، އިޓްލޮސްއިން އެ ނިންމި ނިންމުމަކީ، މޮރިޝަސްއަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އެބައޮތޭ. އޭގައި ސަރަޙައްދު ކަނޑައެޅުމަށް ހުށަހަޅާފައި އޮތް މައްސަލަ ތިމަންނާމެން ބަލާނަމޭ.
އެހެންވީމާ، އަޅުގަނޑުމެންނަކީ ކުރިންވެސް ދެންނެވި ފަދައިން، މި މުޢާހަދާތަކުގައި ބައިވެރިވެފައި ތިބި ބަޔަކަށްވާތީ އަދި ތަންފީޒު ކުރަން، ރެޓިފައި ކޮށްފައި ތިބި ބަޔަކަށްވާތީ، މޮރިޝަސްގެ ޗާގޯސްއާ ބެހޭގޮތުން އިޓްލޮސްއިންނާއި، އައި.ސީ.ޖޭ. އިން އެ ނިންމާފައި އޮތް ނިންމުމަކީ، އޭގައި ބައިވެރިވެފައިވާ ޤައުމުތަކުން ތަބާވާންޖެހޭ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެން.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
ޝުކުރިއްޔާ ރައީސް.
ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް، އިދިކޮޅު ފަރާތްތަކުން މޮރިޝަސްގެ ސިޔާދަތީ ޙައްޤު އޮތް ޗާގޯސްއާ ބެހޭގޮތުން ވާހަކަތައް އެބަ ދެކެވޭ. އެހެން ނަމަވެސް، ދެންމެ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ފަދައިން، ދިވެހިރާއްޖެއިން އެއްވެސްއިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅާފައެއްނުވޭ. ރާއްޖޭގެ ޤާނޫނުއަސާސީތައް އެހެރީ ސާފުކޮށް ފެންނަން. ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ކަނޑައެޅިގެން ލިބިފައި ހުރި ސަރަޙައްދުތައް އެނގެން. 1932 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤާނޫނުއަސާސީ ލިޔެވެން ފެށީއްސުރެ މިއަދާ ހަމަޔަށް ނެތް އެ ވާހަކައެއް. އަދި އޭގެ ކުރީގެ ޒަމާންތަކަށް ބަލާއިރުވެސް ނެތް. އަޅުގަނޑުމެން އޭގެ ތަންކޮޅެއް ފަހަތަށް ޖެހިލައިފިއްޔާ، 1965 ގައި ދިވެހިރާއްޖެ މިނިވަން ދައުލަތަކަށްވީއިރު، އެ ދެކެވުނު ވާހަކަތަކުގައިވެސް، އަދި އޭގެ ފަހުން ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބެލިކަމުގައިވިޔަސް، ޗާގޯސް އެއީ، ދިވެހިރާއްޖޭގެ ބައެއް ކަމަށް ބަލައިގެން ކޮށްފައި ހުރި އެއްވެސް މަސައްކަތެއް ނެތް.
އަޅުގަނޑުމެންނަށް ދެން ފެންނަން އޮތީ، 1992 ގައި ރައީސް މައުމޫންގެ ރިޔާސީ ދައުރުގެ ތެރޭގައި، 1992 ގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދޭތެރޭ ބައްދަލުވުންތަކެއް ބޭއްވިފައި އޮތް. އެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ސޮއިކުރެވިފައި އެބަހުރި. އެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، ވާހަކަދެކެވި، އެއްބަސްވެވިފައި ވަނީ، ޗާގޯސްއާއި ދިވެހިރާއްޖެއާ ދޭތެރޭގައި ދެބަޔަށް ހަމަހަމަވާގޮތަށް، ރޮނގެއް ދަމައި، އެއްބަސްވުމަކަށް އައުމަށް އެއްބަސްވި ކަމަށް. އެ ލިޔެކިޔުން، ދިވެހި ސަރުކާރުގެ އަރކައިވްސްގައި އެބަހުރި.
ދެން އަޅުގަނޑުމެންނަށް ފެންނަން އޮތް އަނެއް ޙަޤީޤަތަކީ، 2010 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައި، ދިވެހިރާއްޖެއިން ހުށަހެޅި އެކްސްޓެންޑަޑް ކޮންޓިނެންޓަލް ޝެލްފްގެ ޗާޓުތައް އ.ދ.އަށް ހުށަހެޅިއިރު، ޗާޓް ކުރަހާފައި އޮތްއިރު، އޭގައި ޗާގޯސް އެއީ، ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެއް ނެތް. އެ ޗާޓުތައް އެހެރީ އ.ދ.ގެ އަރކައިވްސްގައި. 2010 ގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހުށަހެޅި ޗާޓުތައް. އަދި ހަމައެއާއެކު، 2011 ވަނަ އަހަރު ރައީސް ނަޝީދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖޮއިންޓް ކޮމިއުނިކޭގައި، މޮރިޝަސްއާއި ދިވެހިރާއްޖެއާ ގުޅިގެން ޗާގޯސްގެ ސަރަޙައްދުގައި، އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައި އެބައޮތް. އަދި އިނގިރޭސީން އެ ސަރަޙައްދުގައި ޤާއިމުކޮށްފައި އޮތް، އިންޑިއަން އޯޝަން ޕްރޮޓެކްޓަޑް މެރިޓައިމް ޒޯނުގެ، އެއީ، އަޅުގަނޑުމެން ދެކޮޅުހަދަންޖެހޭނެ އެއްޗެއް ކަމަށް، ސަރަޙައްދެއް ކަމަށް އެއްބަސްވެފައި އެބައޮތް.
ދެން އަޅުގަނޑުމެންނަށް ފެންނަން އޮތީ، 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަނަކަށް ގެންދިޔުމަށް ވޯޓަށް އެހީ. އެ ވޯޓުގައި އަޅުގަނޑުމެން، ދިވެހިރާއްޖެއިން ވޯޓުލީ އިދިކޮޅަށް. އެހެން ނަމަވެސް، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލަ ހިނގަމުންދިޔައިރު، ދިވެހިރާއްޖޭގެ ފަރާތުން ޗާގޯސް އެއީ ދިވެހިރާއްޖޭގެ ތަނެއް ކަމަށް ބުނެ، މި މައްސަލައިގައި ތަދައްޚުލުވެފައެއް ނެތް. ލިޔެކިޔުންތަކަށް ބަލާއިރު، ތާރީޚީ ޓައިމްލައިނަށް ބަލާއިރު، އެއީ އެންމެފަހުން ލިބުނު ފުރުޞަތު. ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ކޯޓެއްގައި ނުވަތަ ޖަލްސާއެއްގައި، ދިވެހިރާއްޖޭގެ ތަނެއް ކަމަށް ބުނެ އަޑު އުފުލުމުގެ. އެ ފުރުޞަތު ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުންކުރައްވާފައެއް ނެތް. އެއީ، އެކަން އެ މަގުން ހިނގާފައި މިހިރީ، އެއްވެސް ސަރުކާރަކުން ޙަޤީޤަތުގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުނުކުރައްވާތީ.
އެހެން ނަމަވެސް، އިދިކޮޅު ޕާޓީތަކުން، އިދިކޮޅުގައި ތިއްބަވާއިރު، އިދިކޮޅު ވާހަކަ ދެއްކުން އެއީ ކުރައްވާ ކަމެއް. މިސާލަކަށް ދަންނަވަންޏާ، 2017 ވަނަ އަހަރު، އޭރުގެ ސަރުކާރުން، ރައީސް ޔާމީންގެ ސަރުކާރުން ވޯޓު ދެއްވީ، މި ދެންނެވި ޤަރާރާ އިދިކޮޅަށް. 2019 ގައި މި ސަރުކާރުން ވޯޓުދިނީ ހަމަ އެގޮތަށް. ވޯޓު ދިނީމާ، މިހާރުގެ އިދިކޮޅު ޕާޓީ، ޕީ.ޕީ.އެމް. އިން ޖަލްސާ ބާއްވާފައި، ބުނެފައި މިއޮތީ، މޮރިޝަސްއާ ދެކޮޅަށް ވޯޓުދިނީތީ، ސަރުކާރުން މަޢާފަށް އެދެންޖެހޭނެއޭ. އެހެންވީމާ، މޮރިޝަސްއާ އިދިކޮޅަށް ވޯޓުދިން ކަމަށްވީ.
ދެން މިހާރު މި ދައްކާ ވާހަކައަކީ، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނީމާ، އެއީ އަނެއްކާ އަޅުގަނޑުމެން މިގޮތް ބަދަލުވީއޭ. އެހެންވީމާ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީ.ޕީ.އެމް. އޮވެގެން، މިކުރާ މަސައްކަތަކީ، އަބަދުވެސް އިދިކޮޅުހެދުން. އެ ބޭފުޅުން ވިދާޅުވިގޮތަށް، ކަންކުރިޔަސް އިދިކޮޅު. ވިދާޅުވީ، އެ ބޭފުޅުން ކަން ކުރެއްވި ގޮތަށް ކަންކުރިޔަސް އިދިކޮޅު. އެހެންވީމާ، އެއްވެސް ހާލެއްގައި ނެތް، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ޗާގޯސް، އެއްވެސް ސަރުކާރަކުން، ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކުން ގަބޫލުކޮށްފައި، އެކަމަށް އަދި އެތަން ހޯދަން މަސައްކަތެއް ކޮށްފައިވެސް. ޝުކުރިއްޔާ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީ:
އާދެ، މިއަދު މި ރާއްޖޭގެ އިމުގެ ކަންތައް ޚާއްޞަކޮށް، ދެކުނުގައި، އިން ކަނޑައެޅިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން، ކޯސްޓްގާޑާ މި ހަވާލުވެފައި އޮންނަނީ، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން. އެހެންވީމާ، ޔަޤީންކަމާ އެކީގައި، ކިހާ ހިސާބަކުންކަން އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅެނީ، އެ އެނގުމަކީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ކުރިއެރުމެއް. ސަރަޙައްދު ބެލެހެއްޓުމުގައިވެސް އަދި އޭގެއިތުރަށް، ސަރަޙައްދަށް އެހެން ބަޔަކު ވަދެގެން އުޅުނު ކަމުގައިވިޔަސް އަދި ކަނޑުތަކުން މަސް ބާނަމުންދިޔަ ކަމުގައިވިޔަސް، ކުރީގައި އެ ޙައްޤެއް ނޯވޭ، އެ އޮންނަ އިން ރަނގަޅަށް ކަނޑައެޅިފައި ނޯންނާތީ، އެގޮތަށް އެ މީހުން ބޭރަށް ޖައްސައި، އެހެން ހެދުމުގެ. އެހެންވިޔަސް މިހާރު ހަމަގައިމުވެސް، މިއަދު އެ ނިންމި ނިންމުމުން، އިމުގެ، އެ ސަރަޙައްދު ރީއްޗަށް ކަނޑައެޅިގެން ދިޔައިމާ، ދެން އެ ކަނޑުގެ ސަރަޙައްދު، މި ރާއްޖޭގެ ހުރިހާ ދިމާއަކުންވެސް ބެލެހެއްޓުމަށް ހަމަގައިމުވެސް ފަސޭހަވެގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިނިސްޓަރ ޙުސައިން، އެއްޗެއް ވިދާޅުވާނަންތޯ؟
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް.
އަޅުގަނޑުމެން ދެކޭގޮތުގައި މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. ސަބަބަކީ، ރައީސް ފާހަގަކުރެއްވި ފަދައިން، ދިވެހިރާއްޖެއަކީ، ރާއްޖޭގެ ހުރިހާ ބިތަކުން އިން ވަކިކުރެވިފައި އޮތް، އ.ދ.ގެ ޔޫ.އެން. ކޮންވެންޝަން ފޮރ ދަ ލޯ އޮފް ދަ ސީއާ އެއްގޮތަށް، އިންތައް ކަނޑައެޅިފައި އޮތް ޤައުމެއްގެ ގޮތުގައި މިއަދު ހަމަޖެހިގެން މިދިޔައީ. މިއަދު އިޓްލޮސްއިން އެ ނިންމުން ނިންމަންދެން، ރާއްޖޭގެ ދެކުނުގައި އޮތް ސަރަޙައްދުގެ އިންއޮތީ ކަނޑަނޭޅި. ދެން އެކަން ކުރުމަށްޓަކައި އެނގިވަޑައިގަންނަވާނެ، ހަމަ އިނގިރޭސީންނާއެކީ ވާހަކަތަކެއް ދެކެވި، މަޝްވަރާ ކުރެވެމުންދިޔަ. އެކަމަކު އެއްވެސް ނިންމުމެއް ނިންމައި، އަޅުގަނޑުމެންނަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނެތް.
ދެން މިއަދު އަޅުގަނޑުމެންނަށް މި ނިމިގެންދިޔައީ، ޔޫ.އެން. ކޮންވެންޝަން އޮފް ލޯސް އޮފް ދަ ސީން ކަނޑައެޅިފައި އޮތްގޮތަށް، އޭގައި ރިޢާޔަތް ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައި ހުރި ހުރިހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ގޮތުން އެކަށައަޅާފައި އޮތް ކޯޓަކުން މިއަދު ނިންމައި އެދިނީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ އިމަކީ ކޮބައިކަން ރާއްޖޭގެ ދެކުނުން. އެހެންވީމާ، ޢާންމު ގޮތެއްގައި އެ އިން ކަނޑައަޅާއިރު ބަލަނީ، އިކުއި-ޑިސްޓެންސްކޮށް، ހުރިހާ ޤައުމެއްގެ ފުށުއަރާ ސަރަޙައްދު ހަމަހަމަވާގޮތަށް ނިންމަން. އެކަމަކު މިއަދު އެކަން ނިމިގެންދިޔައީ، ރާއްޖޭގައި ޚާއްޞަ ބޭނުންތަކާއި ކަންކަމަށް ރިޢާޔަތް ކުރުމާއެކީ، އެ ފުށުއަރާ ސަރަޙައްދުގެ ބޮޑުބައި ރާއްޖެއަށް ލިބޭގޮތަށްކަން، ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެހެންވީމާ، މިނިސްޓަރ މާރިޔާ އެ ވިދާޅުވި ފަދައިން، ރާއްޖޭގެ ދެކުނުގައި އަޅުގަނޑުމެންނަށް މިހާތަނަށް، މިއަދާ ހަމަޔަށް މި އިން ކަނޑައަޅަންދެން އޮންނަނީ ސިޔާސީ ސަރަޙައްދުގެ 12 މޭލު. އެހެންވީމާ، އެ 12 މޭލުގެ ތެރޭގައި، ބަޔަކުއައިސް މަސްވެރިކަން ކުރަންޏާ، އަޅުގަނޑުމެންނަށް އެ މީހުން ހިފެހެއްޓޭނެ. އަދި އެ މީހުން އެ 12 މޭލުގެ ތެރޭގައި މަސްވެރިކަން ކޮށްފައި ނުކުމެގެން ދަންޏާ، އިތުރު 12 މޭލު، އެއީ ގުޅިފައި އޮތް ކަނޑުގެ 12 މޭލު، ކޮންޓިގުޔަސް ޒޯން ތެރޭގައި އަޅުގަނޑުމެންނަށް އެ މީހުން ހިފެހެއްޓޭނެ. އެކަމަކު 24 މޭލުން ބޭރުވީމަކާ، އަޅުގަނޑުމެންނަށް އެ މީހުން ހިފެހެއްޓޭ ކަހަލަ ގޮތެއް ޤާނޫނަކު ނެތް. އެއީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި، މި ބުނި ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައި ނެތީމާ، އަޅުގަނޑުމެންނަށް އެކަން ނުކުރެވެނީ. އަޅުގަނޑުމެން އޮތީ، އީ.ޒެޑް ކްލޭމް ކޮށްފައި. އެކަމަކު އެ ކްލޭމަކީ، ޞައްޙަ ގޮތުގައި، ބައިނަލްއަޤްވާމީ ގޮތުން މިއަދާ ހަމަޔަށް، ހަމަޖެހިގެންދިޔަ ތަނަކަށް ނުވާތީ، އެހެން އެކަންވަނީ.
އެހެންވީމާ، ރާއްޖޭގެ އެ ސަރަޙައްދު ބެލެހެއްޓުން އޮތީ އުނދަގުލަކަށް ވެފައި. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަދު ކަނޑައެޅި އިމާ ހަމަޔަށް އެއީ، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ހުރިހާ ބާރުވެރިކަމެއް އޮތް އިމެއް ކަމުގައި ވާނެ. އަދި ދިވެހިރާއްޖޭގެ މަސްވެރިންނަށް ޔަޤީންކަން މިއަދު އެބަ ލިބޭ، ހަމަ ރާއްޖޭގެ އިމުގެ ތެރޭގައި، މި ބޭރުގެ މަސްބޯޓުފަހަރަށް ވަދެނޫޅެވޭނެ ކަމާއި، ވަދެފިއްޔާ އަޅުގަނޑުމެންގެ ކޯސްޓްގާޑުން ހިފަހައްޓާނެކަން.
ދެން މިއަދު ދެންމެ ރައީސް ވިދާޅުވި ފަދައިން، ރައީސް މިއަދު އިންސްޓްރަކްޝަން ދެއްވައިފި، އިރުޝާދު ދެއްވައިފި، އެމް.އެން.ޑީ.އެފް. އަށް އަދި ކަމާގުޅޭ އެހެން ފަރާތްތަކަށް. އެ އިޤްތިޞާދީ ސަރަޙައްދު، ދެކުނުގެ އިޤްތިޞާދީ ސަރަޙައްދަށް ވަނުން ބަލަހައްޓައި، އެކަން ރައްކާތެރިކޮށް ހިފެހެއްޓުމަށްޓަކައި، އަދި އެކަމަށް ބޭނުންވާ ރިސޯސްވެސް ހޯއްދަވައި ދެއްވާނެކަން. އަޅުގަނޑަށް ގަބޫލުކުރެވޭ އެކަން. އަޅުގަނޑަށް ޔަޤީންވެސްމެ.
އެހެންވީމާ، މިއަދަކީ ވަރަށްގިނަ ގޮތްގޮތުން ވަރަށް މުހިންމު ދުވަހެއް. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ދެކުނުގެ ސަރަޙައްދުގެ އިންތައް، އީ.ޒެޑް.ގެ އިން ކަނޑައެޅިގެން މިދިޔައީ. އެއީ، އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް. ރާއްޖެ މިނިވަންވުމަށްފަހު، 1965 ގައި މިނިވަންވުމަށްފަހު، މިވޭތުވެދިޔަ 58 އަހަރުގެ ތެރޭގައިވެސް މިކަން އޮތީ ހަމަނުޖެހި. އިރާދަކުރެއްވިއްޔާ މިއަދު ރާއްޖެއަކީ ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން، ހަމަ ބަރާބަރަށް، އިން ކަނޑައެޅިފައިވާ، ފުރިހަމަ ހުރިހާ ބާރެއް ލިބިގެންވާ ޤައުމެއް. އަޅުގަނޑުމެންގެ އިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހާރު މިއޮތީ އެނގެން. އެހެންވީމާ، އަޅުގަނޑުމެން އެ އިންތައް ދިފާޢުކޮށް، އެ ކަނޑުން ލިބެން އޮތް އެންމެބޮޑު ފައިދާއެއް ދިވެހިންނަށް ހޯދުމުގެ ފުރުޞަތު މިއަދު ތަނަވަސްވެގެން މިދިޔައީ.
މި ފުރުޞަތުގައި، މިކަން ކުރެއްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެކަމުގައި ޝާމިލްވާ ހުރިހާ ބޭފުޅުންނަށް ދެއްވި އިރުޝާދު އަޅުގަނޑު ފާހަގަކުރަން. އެކަމަށްޓަކައި އެ މަނިކުފާނަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި މިކަމުގައި އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު އަދާކުރެއްވި ދައުރަށްޓަކައި އެ މަނިކުފާނަށްވެސް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އެޓަރނީ ޖެނެރަލާއި އެ މަނިކުފާނުގެ ލީގަލް ޓީމުން މި ކުރެއްވި ތާރީޚީ މަސައްކަތް އަޅުގަނޑު ބަލައިގަނެ، އެ ކަމަށްޓަކައި ދިވެއްސެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ވާހަކަވެސް ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަދި އަޅުގަނޑު އެއް ފުރުޞަތު އަރުވާނަން، މިނިސްޓަރ ޝައިޚް ޢިމްރާނަށް. އެއަށްފަހުގައި ދެވަނަ ސުވާލަށް.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ:
އާދެ، ދެންމެ ކުރެވުނު ހަމަ ސުވާލާ އެކުގައި، "ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތުމާމެދު ފެންނަނީ ކިހިނެއްތޯ؟" އެ ސުވާލުގެ މައިގަނޑު އަމާޒެއް އައީ.
އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަމަ ކޮށްލަންޖެހޭ ސުވާލެއް އެއީ. ދެންމެ އެހެން ބޭފުޅުންވެސް، ރައީސް އަދި ފޮރިން މިނިސްޓަރ ވިދާޅުވި ފަދައިން، ރާއްޖޭގައި 1932 ގައި ޤާނޫނުއަސާސީ ލިޔެވެން ފެށީއްސުރެ ފެށިގެން މިއަދާ ހަމަޔަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ހަތަރު ބޭފުޅުން، އާދެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ފަސް ބޭފުޅުން، ދުނިޔޭގައި ތިއްބެވި. ކުރީގައި ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ދުވަސްވަރު، ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ކަނޑައެޅުމަށް، އެއްވެސް މަސައްކަތެއް ކުރައްވާފައި އެބައޮތްތޯ އަދި އެ ވާހަކަ ދައްކަވާފައި އެބައޮތްތޯ، އަޅުގަނޑުމެން ބަލައިލައިފިއްޔާ، ހަމަ ޔަޤީނުންވެސް އެއްވެސް ބޭފުޅަކު އެކަމަށް ކްލެއިމްކޮށް، ރާއްޖޭގެ ތަނެއް ކަމަށް ކަނޑައެޅުމަކަށް، ރާއްޖޭގެ ފެންވަރުގައިވެސް އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މަސައްކަތެއް ކުރެވިފައެއް ނުވޭ.
މިއަދު އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބުން ފާހަގަކުރެވޭ ކަމަކީ، މޮރިޝަސްއާއި ރާއްޖެއާ ދެމެދުގެ ޒޯން ކަނޑައެޅިގެންދިޔައިރުގައި، ރާއްޖޭގެ ސަރުކާރުން، މިއަދުގެ ސަރުކާރުން މިކުރި މަސައްކަތް ނުކުރިނަމަ، ގެއްލުމުގެ ފުރުޞަތު އޮތް ބައެއް އަޅުގަނޑުމެންނަށް ލިބިގެންދިޔުން. އެއީ، މިއަދު އަޅުގަނޑުމެން އުފާކުރާ ކަމަކީ. އަޅުގަނޑުމެންނަށް ކާމިޔާބެއް ލިބުނުކަން ގަބޫލުކުރާ ކަމަކީ. އެއީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރެއްވި މުހިންމު ބޮޑު މަސައްކަތެއް. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު ދެ ޤައުމުގެ ސަރަޙައްދީ އިން ކަނޑައެޅިގެންދިޔައިރު، އަޅުގަނޑުމެންނަށް މުހިންމު ބައެއް ލިބިފައި މިވަނީ. އެއީ، މި ސަރުކާރުން ހޯދި ކާމިޔާބީއެއް. ކުރެވުނު ވަރަށްބޮޑު މަސައްކަތެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެވަނަ ފުރުޞަތު އަރުވާނަން ދައުރަށް، މުޒައްޔިން.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:
އާދެ، ޝުކުރިއްޔާ ރައީސް.
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މިއަދު މި ޙުކުމާ ގުޅިގެން ރާއްޖެއަށް ގެއްލުންވާނެ ކަމަށް ބައެއް ފަރާތްތަކުން އެބަ ބުނޭ. ދެން ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެމް.ޑީ.ޕީ.ގެ ރައީސް މުޙައްމަދު ނަޝީދު އެބަވޭ ގޮވާލާފައި، ޙުކުމް ބަލައިނުގަތުމަށް. އެއީ ކަމަށް ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ. ކޮބައިތޯ ރައީސްގެ ކޮމެންޓަކީ މިކަމާ ގުޅޭގޮތުން.
އާދެ، ދެވަނަ ސުވާލަކަށް. ރައީސްވޭ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވާފައި، ޗާގޯސްއަކީ، މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމާފައިވާ ކަމަށް ބުނެ. އަޅުގަނޑުގެ ސުވާލަކީ، ކޮބައިތޯ އެ ސިޓީ ފޮނުއްވުމުގެ ބޭނުމަކީ، ރައީސް އެ ދަނޑިވަޅުގައި. އަދި އެ ސިޓީގެ ސަބަބުން ކޮބައިތޯ ރާއްޖެއަށް ލިބޭނެ ފައިދާއަކީ؟ ދެން ސޯޝަލް މީޑިއާގައިވެސް އެބައުޅޭ، ސިޓީއެއް ލީކްވެގެން. އެ ސިޓީގައިވާ ގޮތުން، އެބަވޭ، ރައީސް ވިދާޅުވެފައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް މޮރިޝަސްގެ ބޯޓުތައް ވަނުމުގެ ހުއްދަވެސް ދީފައިވާފަދަ މޭރުމަކުން. ކޮބައިތޯ މި ސުވާލާ ގުޅިގެން ރައީސްގެ ކޮމެންޓަކީ؟ އެ ސިޓީ ފޮނުއްވުމުގެ ބޭނުމަކީ ކޮބައިތޯ އަދި ކޮން ފައިދާއެއްތޯ ރާއްޖެއަށް ވަނީ އެ ސިޓީ ފޮނުވުމާ ގުޅިގެން.
ތިންވަނަ ސުވާލަކީ، މިއަދު މި ޙުކުމާ ގުޅިގެން، ދެކުނުގެ މަސްވެރިންނަށް ވަރަށް ގެއްލުންވާނެ ކަމަށް ބައެއް ފަރާތްތަކުން އެބަ ބުނޭ. އެއީ، ކުރިން މަސްވެރިކަމަށްދިޔަ ތަނަށް މިހާރު ނުދެވޭނެ ކަމަށް. ކޮބައިތޯ އެކަމުގެ ޙަޤީޤަތަކީ، އަދި ދެކުނުގެ މަސްވެރިންނަށް ސާފުކޮށްދެއްވިދާނެތޯ މި ވާހަކަ. އަދި އޭގެއިތުރަށް، މޮރިޝަސްއަކީ ޢާންމު ގޮތެއްގައި އެ މީހުންގެ ކަނޑުގެ ސަރަޙައްދު، އެހެން ޤައުމުތަކަށް ވިއްކާލައިގެން މަސްވެރިކަން ކުރާ ބައެއް. ކޮބައިތޯ އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އެއްވެސްކަހަލަ އަސަރެއް ކުރާނެތޯ، މި ޙުކުމާ ގުޅިގެން. ޝުކުރިއްޔާ.
ދެން އަދި ފަހު ސުވާލު އިނގޭތޯ. އަދި އެންމެފަހު ސުވާލު. ފަހު ސުވާލަކަށް މި ކޮންޓިނެންޓަލް ޝެލްފްގެ މި 200 މޭލުގެ މައްސަލަ، 26 ޖޫން 2019 ގައި އެބަވޭ ކޮމިޝަނަށް ހުށަހަޅާފައި. އެއީ، ސީ.އެލް.ސީ.އެސް. އަށް. މި މައްސަލަ އަވަސްކުރުމަށް ކޮބައިތޯ ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތަކީ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ރާއްޖޭގެ ކަނޑުގެ ދެކުނުގެ ސަރަޙައްދު މިއަދު ކަނޑައެޅިގެންދިޔަ ދިޔުމާ ގުޅިގެން ރާއްޖެއަށް ގެއްލުންވާނެތޯ، ކުރެވުނު ސުވާލު ފުރަތަމަ ދޮގެއްތޯ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ރާއްޖެއަށް ގެއްލުންވާނެއޭ.
ފުރަތަމަ ކަމަކަށް، މިހާތަނަށް އައިއިރުގައި، ރާއްޖޭގެ ދެކުނުގެ އީ.އީ.ޒެޑް ކަނޑައެޅިފައެއް ނެތް. ދެންމެ ޑޮކްޓަރ ޙުސައިން ރަޝީދު އެ ވިދާޅުވި ފަދައިން، އެއީ މިހާތަނަށް ދެކުނުގައި އަޅުގަނޑުމެންނަށް މިއޮތީ ޤާނޫނުއަސާސީގައި މި ބުނާ 12 މޭލުގެ ސަރަޙައްދު. އޭގެ ބޭރުން ދާވެސް އަޅަންވީ. އެހެން ގޮތްގޮތަށް މަސްވެރިކަންވެސް ކުރަންވީ. އިލީގަލް ކިތަންމެ ކަމެއް އެތަނުން ހިނގިޔަސް، އަޅުގަނޑުމެންނަކަށެއް ނޯވޭ އެއްވެސް ބާރެއް.
ދެން ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި. އެހެން ނަމަވެސް، މިއަދު އެ ނިންމި ނިންމުމާ އެކީގައި، އަޅުގަނޑުމެންނަށް 200 ނޯޓިކަލް މޭލު ލިބިގެން އެދިޔައީ. 200 ނޯޓިކަލް މޭލު މި އޮންނަނީ. އެކަމަކު މޮރިޝަސްގެ ސަރަޙައްދާ ފުށުއަރާ ހިސާބުން ބައިކުރެވިގެން މިދިޔައީ. ޢާންމު އުޞޫލަކީ އެހެން ފުށުއަރާ ކަމަށްވަންޏާ، މެދުން ބައިކުރުން. އެހެން ނަމަވެސް، އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުންތަކަށް ބުރަވެ، އެ ކަނޑައެޅިގެންދިޔައިރުގައި، ރާއްޖެއަށް އިތުރަށް ލިބޭގޮތަށް މިއޮތީ ކަނޑައެޅިގެން ގޮސްފައި.
އެހެންވީމާ، އަޅުގަނޑު ހިތުން މިއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް. ދެން ހަމަގައިމުވެސް މި ސަރަޙައްދުގައި އެކަހަލަ ކަމެއް ކުރިޔަނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ކޯސްޓްގާޑުން ބަލަހައްޓަމުން ގެންދާނެ، އެހެން ތަންތަން ބެލެހެއްޓި ގޮތަށް. އަދި ރާއްޖޭގެ މަސްވެރިންނަށްވެސް އިތުރު ފައިދާތަކެއް މިއިން ވާނެ.
އަނެއްކާ މިއަދުގެ ހުށަހެޅުން ނިންމިއިރުގައި، މޮރިޝަސްއިން އެބައޮތް ހުށަހެޅުމެއް ހުށަހަޅާފައި. ޗާގޯސްގެ އެ ސަރަޙައްދަކީ، ތިމަންނާމެން ޕްރޮޓެކްޓަޑް އޭރިއާއެއްގެ ގޮތުގައި ބަލަހައްޓާނަމޭ. އެހެން ކަމަށްވަންޏާ، އެއީ ރާއްޖޭގެ މަސްވެރިންނަށް ލިބިގެންދާނެ ފައިދާއެއް. އެހިސާބުގައި އެހެން ކަމެއް ނުކުރެވޭ ކަމަށްވަންޏާ، ރާއްޖޭގެ ސަރަޙައްދުން ރާއްޖޭގެ މަސްވެރިންނަށް މަސްބޭނޭނެ.
އެއާ ގުޅިގެން އަޅުގަނޑު މި ދެންނެވީ، އެންވަޔަރަންމަންޓް މިނިސްޓްރީން ދެން ކުރަންޖެހޭ ކަންތައްތައް، ބައިނަލްއަޤްވާމީ ފަރާތްތަކާ އެކީގައި އަދި މޮރިޝަސްއާ އެކީގައިވެސް ކުރަންޖެހޭ ކަންތަކެއް ކޮށް، އެކަން އެއީ ހިމާޔަތް ކުރެވިފައި އޮތް ސަރަޙައްދަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ.
އެހެންވީމާ، އަޅުގަނޑު ދެކެނީ، މިއީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ސަރަޙައްދުގެ ތެރެއިން އެއްވެސް ތަނެއް އުނިވެގެން ދިޔައީކީ ނޫން. އަދި ކިރިޔާ އިން ކަނޑައެޅިގެން މިދިޔައީ. ދެން މީގެތެރެއިން ތަނެއް އުނިވާ ކަމަށްވަންޏާ، އެ ވާނީ އަޅުގަނޑުމެންގެ އަތުން ތަނެއް ގެއްލިގެންދިޔައީ ކަމަށް.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެން ބައިވެރިވެފައި އޮތް، ތަޞްދީޤު ކޮށްފައި އޮތް، ޢަމަލުކުރާ ބައިނަލްއަޤްވާމީ މުޢާހަދާއެއް އެބައޮތް. އެއީ، އެހެން ފުށުއަރާ ސަރަޙައްދުތައް ބައިކުރުމުގައި ޢަމަލުކުރާ ގޮތެއް އެބައޮތް. އެއަށް ޢަމަލުކުރާނެ ކަމަށް އަޅުގަނޑުމެން މިތިބީ އެއްބަސްވެ ސޮއިކޮށްގެން. އަނެއްކާ ދިވެހިރާއްޖޭގެ ކަނޑާބެހޭ ޤާނޫނުގައި އެބައޮތް އެ ވާހަކަ ލިޔެފައި. މިހެން ފުށުއަރާ ސަރަޙައްދެއް އޮވެއްޖިއްޔާ، އެ ދެބައި ހަމަޔަށް އެ ބެހުމާ ދޭތެރޭގައި ކަން ކުރަންވީގޮތް. އެއީ އެކަން ކުރަންވާގޮތް ކަމަށް އެބައޮތް.
އެހެންވީމާ، މިއަދު ނިމިގެން އެދިޔަ، އަޅުގަނޑުމެން ޑިފެންޑް ކުރީ، އަޅުގަނޑުމެން ބައިވެރިވެފައި އޮތް މުޢާހަދާއާ އެއްގޮތަށް އަދި ރާއްޖޭގެ ޤާނޫނު އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެބޮޑު ބައި ހޯދުމަށްޓަކައި.
ކޮންޓިނެންޓަލް ޝެލްފާ ބެހޭގޮތުން، ތިޔަ ވިދާޅުވާހެން، ސީ.އެލް.ސީ.އެސް. އަށް އަޅުގަނޑުމެން 2010 ވަނަ އަހަރު އެބައޮތް ހުށަހަޅާފައި ހުށަހެޅުމެއް. މޮރިޝަސްއިން އެއަށް އެބައޮތް ކްލެއިމެއް ލާފައި. އިޢުތިރާޒެއް ލާފައި. އޮއްވައި މޮރިޝަސްއިން އަނެއްކާ އިޓްލޮސްއަށްވެސް ހުށަހަޅާފައި، މިކަން ނިންމަދޭށޭ ބުނެފައި އެބައޮތް. 2019 ވަނަ އަހަރުއޭ އަޅުގަނޑު ހަނދާންވަނީ. މިއަދުގެ ނިންމުމުގައި އެއާ ދޭތެރޭގައިވެސް އެބައޮތް އިޓްލޮސްއިން ގޮތެއް ނިންމާފައި. އެންމެފަހުން، ކޮންކްލޫޝަނަކީ، ތިމަންނާމެން އެއާ ދޭތެރެއަކު ގޮތެއް ނުނިންމާނަމޭ. މިހާރު ހުށަހަޅާފައި އޮތް ޓްރައިބިއުނަލްގައި، ދެފަރާތުން އެއަށް ގޮތެއް ހުށަހަޅައިގެން ކުރިއަށް ގެންދާށޭ.
ދެން އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ޢާންމު އުޞޫލަކީ، އެ ހުށަހެޅިފައި އޮތް ތަރުތީބުން އެ މައްސަލައަކަށް މިޖެހެނީ. 2022 ވަނަ އަހަރު މި މައްސަލަ ކެބިނެޓުގައި އަޅުގަނޑުމެން މަޝްވަރާ ކުރިއިރުގައި، ރާއްޖެ އޮތީ 53 ވަނައިގައި. އެހެންވީމާ، އެ ޢާންމު އުޞޫލަކީ އެ ތަރުތީބުން ދިޔުން ކަމަށް މިވަނީ. އެހެންވީމާ، އޭގައި އަވަސްކުރެވެން އޮތީ ކޮން އުޞޫލެއްތޯ، ކޮބައިތޯ އެކަން ކުރެވޭނެ ގޮތަކީ، އަޅުގަނޑުމެން ބަލާނަން. ފޮރިން މިނިސްޓްރީ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން.
ދެން އޮތީ އަޅުގަނޑު ފޮނުވި ސިޓީ ދޮގެއްތޯ. އަޅުގަނޑު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވިން. މިއަދުގެ ޙުކުމުގެ ތަފްޞީލީ ބަޔާނުގައި ކޮންމެވެސްވަރަކަށް، އަޅުގަނޑު ހިތުން އޭގައި ލިޔެފައި ހުރި ހުރިހާ ވާހަކައެއް އެބަހުރި. އެއްކަމަކީ އަޅުގަނޑުމެން ކުރީގައި 2019 ވަނަ އަހަރު އެ މައްސަލަ އައިމާ، އެ ވޯޓުދިނީ ކީއްވެގެންކަން، މީގެކުރިންވެސް އަޅުގަނޑު ދަންނަވައިފިން. އެއްވެސް ހާލެއްގައި އެ ހުށަހެޅިފައި އޮތް ހުށަހެޅުމާ އިދިކޮޅަށް ދޭ ވޯޓެއް ނޫނޭ. އަޅުގަނޑުމެންނަކީ ޑިކޮލޮނައިޒޭޝަނާ އެއްކޮޅަށް ތިބި ބައެކޭ. އެއްވެސް ހާލެއްގައި އިސްތިޢުމާރީ ބާރުތަކަކަށް، ބައެއްގެ އިސްތިޢުމާރުގެ ދަށުގައި ޤައުމުތައް ތިބުމަކަށް، އެއްއިރެއްގައިވެސް އަޅުގަނޑުމެން ތާއީދެއް ނުކުރަން.
އެހެން ނަމަވެސް، އޭރު އަޅުގަނޑުމެންގެ ކްލެއިމެއް އޮތޭ، އިޓްލޮސްގައި، މޮރިޝަސްއިން ޗާގޯސްއާއެކު ކޮށްފައި އޮތް ކްލެއިމަކީ ކުރެވޭނެ ކްލެއިމެއް ނޫން ކަމަށް. އެހެންވީމާ، އެއަށް ކުރާ ޕްރޮޓެސްޓެކޭ މިއީ. އެހެން ނަމަވެސް، އޭގެފަހުން ނިންމައިފިއޭ، އިޓްލޮސްއިން، މޮރިޝަސްއިން އެ ހުށަހަޅާފައި އޮތް ކްލެއިމް، ޗާގޯސްގެ މައްޗަށް ހުށަހަޅާފައި އޮތް ކްލެއިމް ކުރެވޭނެއޭ. ތިމަންނާމެން ކުރިއަށް ގެންދާނަމޭ. އޭގެ މާނައަކީ، ޗާގޯސްއަކީ މޮރިޝަސްގެ ތަނެކޭ. އެ ވާހަކަ އަޅުގަނޑު ބުނެފައި އޮންނާނީ. ދެން އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން ޢަމަލުކުރާނީ އެގޮތަށޭ. އެއީ، އިނގިރޭސީންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ.
އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެންނާ ގާތް އަވަށްޓެރި ޤައުމަކަށްވާތީ، ކަން އޮތްގޮތް ހާމަކުރީ. ދެން އެއަކު ލިޔެފައެއް ނޯންނާނެ، ތިޔަ ވިދާޅުވާ ހަނގުރާމަމަތީ ބޯޓުތައް، އަޅުގަނޑުމެންގެ ސަރަޙައްދުތެރެއަށް ވަންނާނެ ވާހަކައެއް. އެއީ، ހަމަ ދިމާއަށް ދޮގު. އަނެއްކާ ޢާންމުވެގެން ތިޔައުޅޭ ސިޓީއަކީވެސް އެ ސިޓީއެއް ނޫން. މިއަދުގެ ޙުކުމުގައި އެއޮތީ އޭގައި ލިޔެފައި އޮތް ދެ ވާހަކަ ބަރާބަރަށް.
ތިން ސުވާލު ތިޔަ ކުރެއްވީ. ހަތަރު ސުވާލަށް އަޅުގަނޑު ހިތުން އަޅުގަނޑަށް ޖަވާބު ދެވިއްޖެ. ފިޝަރީޒް މިނިސްޓަރ އެބަ އިންނެވި. މަސްވެރިކަމާ ބެހޭގޮތުން އެއިން ގެއްލުމެއްވަންޏާ، އެ ވާހަކަ ވިދާޅުވާނެ. އަނެއްކާ އިޓްލޮސްގައި މި މައްސަލަ ކުރިއަށްދިޔައިރުގައި، އަޅުގަނޑުމެން މަޢުލޫމާތު އެއްކުރިން. ފިޝަރީޒް މިނިސްޓްރީންނާއި ކޯސްޓްގާޑުން. ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައި އެބައޮތް. އެ ސަރަޙައްދުގައި، އެ ވިދާޅުވާ 200 ނޯޓިކަލް މޭލް، މައްސަލަ ޖެހިގެން މިއުޅޭ ހިސާބަކަށް ދިވެހިންނެއް މަސްވެރިކަމެއް ނުކުރެއޭ އެއްވެސް ޒަމާނެއްގައި. ކޯސްޓްގާޑުން ވިދާޅުވެފައި އެބައޮތް، އެކަމެއް ނުކުރެއޭ. އެހިސާބަކަށެއް ދިވެހި މަސްވެރިންނެއް ގޮސްފައެއް ނެތް. ނެތޭ ތިމަންނާމެންނަކަށް އެއްވެސް ރެކޯޑެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ލިބުނު 200 ނޯޓިކަލް މޭލަކީ އަޅުގަނޑު ދަންނަވާނީ، ދިވެހި މަސްވެރިންނަށް ލިބުނު ވަރަށްބޮޑު ފައިދާއެކޭ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން:
ރައީސް ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޞްލުގައި މިއަދުގެ ޙުކުމާ ގުޅިގެން ދެން އަޅުގަނޑަށް ހީވަނީ ސުވާލުގެ މަޠްލަބަކީ، ރާއްޖޭގެ މަސްވެރިކަމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާނެތޯ. އަޅުގަނޑު ދަންނަވާނީ، ފުރަތަމަ ބަލަމާ ހިނގާ، އަޅުގަނޑުމެން ކުރަނީ ކޮންކަހަލަ މަސްވެރިކަމެއްކަން. އަޅުގަނޑުމެން ކުރާ މައިގަނޑު މަސްވެރިކަމަކީ، ކަޅުބިލަމަހުގެ މަސްވެރިކަން. އެހެންވީމާ، ކަޅުބިލަމަހަކީ އޭގެ ޒާތުގައި ދުރު ރާސްތާއަށް ހިޖުރަކުރާ މަހެއް. އެއީ ފާނަ ކަހަލަ، ފަރުމަސް ކަހަލަ ގޮތަށް އެއް ތަނެއްގައި ހިފެހެއްޓިފައި ހުންނަ މަހެއްނޫން. އެހެންވީމާ، ކަނޑުގެ އެއްވެސް ސަރަޙައްދެއް އިނގޭތޯ. ވަކިގޮތަކަށް މި ދެންނެވީ، ބަޔަކު ކޮންޓްރޯލް ކުރަންޏާ، ނޫނީ ކަނޑުގެ އެއްވެސް ތަނަކުން ދެމެހެއްޓެނިވި ނޫންގޮތުގައި ބަޔަކު އާދަޔާޚިލާފަށް ގިނައިން މަސް ނަގަންޏާ، ކަނޑުމަސްވެރިކަމަށް އަސަރުކުރާނެ. އެއީ، ކޮންމެހެން މޮރިޝަސްގެ ސަރަޙައްދުން، ނޫނީވިއްޔާ ޗާގޯސް އައިލެންޑްސްގެ ސަރަޙައްދު ކަމަށްވާކަށްނުޖެހޭ. ހަމަ ހައި ސީސްގެ ތެރެއިން ނެގިޔަސް، އިންޑިއާ ކަނޑުގެ ކޮންމެ ތާކުން އާދަޔާ ޚިލާފަށް މަސް ނެގިޔަސް، އޭގެ ނޭދެވޭ އަސަރު ކުރާނެ.
ދެން އެކަމަކު އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ، މިއަދު މޮރިޝަސްއިން ފާހަގަކުރި، މިހާރުވެސް އިނގިރޭސީން އެ ސަރަޙައްދުގައި ޤާއިމުކޮށްފައި އޮތް ކޮންޒަރވޭޝަން ޒޯން، ހަމަ އެގޮތަށް ދަމަހައްޓާނެކަން. އެހެންވީމާ، އެގޮތަށް ދެމެހެއްޓުމަކީ، އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ކަމެއް. އެގޮތަށް ދަމަހައްޓަންޏާ އެތަނުގައި މަސްވެރިކަން، އާލާވާ މަސްވެރިކަން ހިޖުރަކުރޭ، ރާއްޖޭގެ ސަރަޙައްދުތެރެއިންވެސް. އެހެންވީމާ، އެއީ، ރާއްޖެއަށް ރަނގަޅު ކަމަކަށްވާނީ. އެކަމަކު މި ޙުކުމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނެ ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ. ސަބަބަކީ، އެތަން ކޮންޒަރވޭޝަން ޒޯނެއް ގޮތަށް ބަލަހައްޓާނެތީ. އަދި އެތަނުގައި މިހާތަނަށްވެސް، މި ދެންނެވީ ޗާގޯސް ސަރަޙައްދުގައި ނެތް، ދާޖަހައިގެން މަސްވެރިކަން ކުރާކަށް އެއްވެސް ބަޔަކަށް ލައިސަންސް ދީފައެއް. އަދި ގަބޫލުކުރާ ގޮތުގައި، ދޭކަށް މޮރިޝަސް ސަރުކާރަކުން މަސައްކަތެއް ނުވެސްކުރޭ. އެގޮތަށް އެއްބަސްވާނެ ކަމަށް މިއަދުގެ ޙުކުމުގައިވެސް އަޅަގަނޑުމެންނަށް ފާހަގަވެގެންދިޔައީ.
މީގައި ދަންނަވަން އޮތީ، އިންޑިއާ ކަނޑުގެ ކޮންމެ ތަނެއްގައިވެސް ދާޖަހައިގެން މަސް ނަގާއިރުގައި، ކުދިމަސް ބޮޑުވުމުގެ ކުރިން ނަގަންޏާ، އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ކުރާނެއޭ އިނގޭތޯ. އެއީ ކޮންމެހެން ޗާގޯސް ސަރަޙައްދަށްވާކަށް ނުޖެހޭ. އެހެންވީމާ، އަޅުގަނޑުމެން ޖެހެނީ، ޔޫ.އެން. ކޮންވެންޝަން އޮފް ލޯ އޮފް ދަ ސީގެ ދަށުން އިންޑިއަން އޯޝަން ޓިއުނާ ކޮމިޝަން މެދުވެރިކޮށް މިހާރު މިއަޅާ މަސްވެރިކަން ދެމެހެއްޓުމުގެ ފިޔަވަޅުތައް އަޅަން އިނގޭތޯ. އެކަމުގައި މޮރިޝަސްވެސް އަދި އެހެން ޤައުމުތަކުގެވެސް އެއްބާރުލުން ދިވެހިރާއްޖެއަށް ލިބެމުންދޭ.
ދެން މިއަދު، ކުރިން އަޅުގަނޑު ފާހަގަކުރިހެން، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމަކީ، ކުރިން އަޅުގަނޑުމެންގެ ސަރަޙައްދަށް، މި ދެންނެވީ ސިޔާސީ ސަރަޙައްދަށް 12 މޭލުގެ ތެރެއަށް ބޭރުގެ އުޅަނދުފަހަރު ވަނަސް، އަޅުގަނޑުމެންނަށް އެ އެއްޗެހި ފަހައިލެވެނީ އިތުރު 12 މޭލާ ހަމަޔަށް، 24 މޭލާ ހަމަޔަށް. އޭގެ އެކޮޅަކަށް ގޮސް، އެ މީހުން ހައްޔަރުކޮށް ފިޔަވަޅެއް ނޭޅެ އަޅުގަނޑުމެންނަކަށް. ހޮޓް ޕަރސިއުޓެއް ނެހެދޭ. އެކަމަކު މިހާރު މިގޮތަށް ހަމަޖެހުނީމާ، އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއަށް އެއްވެސް ބަޔަކު ވަދެ، މި ދެންނެވީ ދާއެޅިޔަސް އަދި އެހެން ކަމެއް ކުރިޔަސް، ޤާނޫނު ހުއްދަނުކުރާ ކަމެއް ކުރަންޏާ، އަޅުގަނޑުމެންނަށް އެކަން ހުއްޓުވޭނެ އިނގޭތޯ. އެހެންވީމާ، އެއީ އެގޮތުން ބަލާއިރުގައި މަސްވެރިކަމަށް ލިބުނު ކުރިއެރުމަކަށް ވާނެ އިނގޭތޯ.
އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މިއަދު ރާއްޖޭގެ ކަނޑުގެ މައްޗަށް، މި ދެންނެވީ ދެކުނުގެ ކަނޑުގެ މައްޗަށް ރާއްޖޭގެ ދައުލަތަށް އޮތް ބާރު އިތުރަށް ބަދަހިވެގެން މިދިޔައީ. އެކަން ކޮންޓްރޯލްކޮށް، ބަލަހައްޓައި، އޭގެ ނަފާ ހެޔޮގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ދިވެހިންނަށް މާބޮޑަށް އިރާދަކުރެއްވިއްޔާ ތަނަވަސްވެގެން މިއަދު މިދިޔައީ. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިނިސްޓަރ ޝާހިދު، އެއްޗެއް އެޑްކޮށްލައްވަން ބޭނުންފުޅުތޯ؟
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
އާދެ. ޝުކުރިއްޔާ ރައީސް. ދެންމެ ކުރެއްވި ސުވާލުގައި ވިދާޅުވެލެއްވި، މިހާރު އިޓްލޮސްގެ މި ނިންމުން ގަބޫލުނުކުރުމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަ. އިޓްލޮސްއަކީ އަޅުގަނޑުމެން ބައިވެރިވެފައި އޮތް ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން އުފެދިފައި އޮތް ޓްރައިބިއުނަލެއް. އެ ޓްރައިބިއުނަލްގެ ނިންމުންތައް އެއީ، އޭގައި އެ ޙުކުމް ކުރެވުނު ދެ ޕާޓީ، މޮރިޝަސްއާއި ރާއްޖެއާ ދެބައިމީހުންގެ މައްޗަށް ލާޒިމް ޙުކުމްތަކެއް. އަދި އެކަން އިޢުލާނު ކުރެއްވިއިރު ވިދާޅުވި. ޖަޖުން ވިދާޅުވި. މި ކުރެވުނު ޙުކުމުގެ ލިޔުން ޑިޕޮޒިޓް ކުރެވިފައި ހުންނާނީ، ދިވެހިރާއްޖޭގައާއި މޮރިޝަސްގައާއި، އ.ދ.ގައޭ. އެހެންވީމާ، އެއީ އެކަން ބައިނަލްއަޤްވާމީ ގޮތުން ހިނގާ ގޮތަކީ.
ދެން ބައިނަލްއަޤްވާމީ ގޮތުން މިގޮތަށް ފާސްކުރާ ކަންތައްތަކާ ދެކޮޅަށް ޢަމަލުކުރާ ޤައުމުތައް ހުރޭ. ފަރިތަފުޅުވާނެ އިޒްރޭލް މިސާލަކަށް. އިޒްރޭލުން އެއްވެސް ބަޔަކު ބުނާގޮތެއް ނަހަދާނެ. ދެން ހަމަ ފަލަސްޠީނުގެ ސަރަޙައްދު ހިފުމަށް ކުރަމުންގެންދާ މަސައްކަތްތައް ކުރިއަށްގެންދޭ. އެހެންވީމާ، އެ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ނުދަންނަވާނަން. އެހެން ނަމަވެސް، ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި އޮތީމާ، ހަމަ އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާލާނަން. 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު، އޭރުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޝަހީދު އަދި މޮރިޝަސްގެ ކެބިނެޓް ސެކްރެޓަރީ މާލޭގައި، ފޮރިން މިނިސްޓްރީގައި ބައްދަލުވުންތަކެއް ބާއްވަވާފައި، އެ ބައްދަލުވުންތަކުގައި ސޮއިކުރައްވާފައި އެބަހުރި.
ދެން އަޅުގަނޑު މިއަދު ފާހަގަކޮށްލަން. މިއަދުގެ މި ނިންމުމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޝަހީދު މަރުޙަބާ ވިދާޅުވެ، ޓުވީޓް ކުރައްވާފައި އެބައޮތް. އެ މަނިކުފާނު އެކަން ކުރައްވާފައި އެވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ މަނިކުފާނު އެ ގެންގުޅުއްވާ ޕްރިންސިޕްލްޑް އުޞޫލުތަކުގެ މައްޗަށް ބިނާކުރައްވާ. އެހެންވީމާ، އެ ދުވަހު، 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު، އެ މަނިކުފާނު ސޮއިކުރައްވާފައި އޮތް ލިޔުންތަކުގައިވެސް ހުރީ ހަމަ ގާތްގަނޑަކަށް މި ވާހަކަތައް. އެ އަޅުގަނޑު ދަންނަވާލަދޭނަން.
Minister Shaheed stated that the Government of Maldives was not at present holding talks with the Government of Great Britian and Island regarding the Chagos. He assured Mauritius, that he would keep Mauritius side informed of any such discussion, if and when such talks takes place. He also agreed that both sides will work jointly on the area of overlap. Both sides also agreed to exchange coordinates of their respective base points as soon as possible in order to facilitate the eventual discussion on the maritime boundary.
އެހެންވީމާ، މީގައި، ދިވެހިބަހުން ދަންނަވަންޏާ، މިނިސްޓަރ ޝަހީދު ވިދާޅުވެފައި މިއޮތީ، މިވަގުތަކު ތިމަންނާމެން އިނގިރޭސިވިލާތާ އެއްކަކު މަޝްވަރާތަކެއް ކުރަމަކުން ނުގެންދަމޭ. އެހެން ނަމަވެސް، ޔަޤީންކަން އަރުވަމޭ މޮރިޝަސްއަށް. ތިމަންނާމެން އެފަދަ މަޝްވަރާތަކެއް ކުރަންޏާ، އެކަމުގެ މަޢުލޫމާތުތައް ދޭނަމޭ. އަދި އިނގިރޭސީން ބުނަމުންދާ ގޮތަށް، އެންމެފަހުން ޗާގޯސް ލިބިގެންދާނީ، މޮރިޝަސްއަށް ކަމަށްވާތީ. ދެން މިއޮތީ
.Both sides also agreed to exchange coordinates
އެ ދެ ޤައުމުގެ ކޯރޑިނޭޓްސް، ރެސްޕެކްޓިވް ބޭސް ޕޮއިންޓްސް، ދެ ޤައުމުގެ ދޭތެރޭގައި ތިމަންނާމެން ހަމަޖައްސައިދޭނަމޭ. މިކަމާ ބެހޭގޮތުން ދެ ޤައުމުގެ ތެރޭގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް.
އެހެންވީމާ، ދެ ޤައުމުގެ ދޭތެރޭގައި މި މެރިޓައިމް ބައުންޑަރީ ކަނޑައަޅަން މަޝްވަރާ ކުރުމަށް އެއްބަސްވެފައި ސޮއެއް ނުކުރާނެތާ، ރައީސް ނަޝީދުގެ ސަރުކާރަކުންނެއް، މިތަނަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައިވަންޏަކާ. މި ދެންނެވީ 2010ގެ އޮކްޓޫބަރު 21 ގައި ޑޮކްޓަރ ޝަހީދު ހުންނެވީ، ރައީސް ނަޝީދުގެ ޚާރިޖީ ވަޒީރަކަށް. އެ ޚާރިޖީ ވަޒީރު މި ދެންނެވީ، މިއަދުގެ މި އިޓްލޮސްގެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައި މިހާރު ޢާންމުކޮށް އެއޮތީ އެ ވާހަކަ ވިދާޅުވެފައި.
އެހެންވީމާ، ބައިނަލްއަޤްވާމީ މިފަދަ ނިންމުންތަކަށް ބޯނުލެނބުމަށް ގޮވާލާ ވާހަކަ ދެއްކުން އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ބައިނަލްއަޤްވާމީ އުޞޫލުތައް ތަންދޭ ކަމެއް ނޫން.
މުޙައްމަދު މުޒައްޔިން ނާޒިމް - ދައުރު ނޫސް:
ކޮބައިތޯ ރައީސް ޞާލިޙުގެ ކޮމެންޓަކީ، ރައީސް ނަޝީދު އެގޮތަށް، އެ ޙުކުމް ބަލައިނުގަތުމަށް ގޮވާލެއްވުމާ ގުޅިގެން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެންނެވީ، ދެންމެ މިނިސްޓަރ ޝާހިދު އެ ވިދާޅުވި ފަދައިން، އެ އަންކްލޯޒް މުޢާހަދާއަކީ، އަޅުގަނޑުމެން ބައިވެރިވެފައި އޮތް މުޢާހަދާއެއް. ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީގައި ފާސްކޮށްގެން، އަޅުގަނޑުމެން ޢަމަލުކުރަމުންގެންދާ މުޢާހަދާއެއް. އެ މުޢާހަދާގައި އޮންނަގޮތުން ވެއްޖިއްޔާ، އެ މުޢާހަދާގެ ދަށުން ނިންމާ ނިންމުންތަކަށް އަޅުގަނޑުމެން ބޯލަނބާނަމޭ ކިޔާފައި މިއޮތީ ނިންމާފައި. އެހެންވީމާ، އޭގެ ދަށުން އެ ނިންމާ ނިންމުންތައް ހުރިހާ ޤައުމުތަކުން ބަލައިގަންނަންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ.
އަޅުގަނޑު ތިންވަނަ ފުރުޞަތު އަރުވާނަން، ޙަސަން މުޙައްމަދު، ޢަދަދު.
ޙަސަން މުޙައްމަދު - ޢަދަދު:
ޝުކުރިއްޔާ އިނގޭތޯ ރައީސް. މިއަދު އިޓްލޮސްގެ އެ ނިންމުމުގައި ފާހަގަކުރައްވާފައި އެބައޮތް، މޮރިޝަސްގެ ބޮޑުވަޒީރު ރާއްޖެ ހުރަސްކޮށް، ޗާގޯސްއަށް ދަތުރުކުރަން މަނިކުފާނު އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމުގެ އެޝުއަރެންސް މަނިކުފާނު ދެއްވި ކަމަށް. މިކަމުގެ އެއްވެސް ތަފްޞީލެއް ލިބިދާނެތޯ؟
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ފާޑުކިޔާ ބޭފުޅުން އެބަ ވިދާޅުވޭ، މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްއަށް އޮތް ކަމަށް. ކުރިން މި މައްސަލަ، މިއަދު ނިންމި މައްސަލަ ހިނގަމުންދަނިކޮށް، ރާއްޖެއިން އެއްބަސްވީމާ، އޭގެ ސަބަބުން އިންފްލުއެންސްވެއޭ މިއަދުގެ ޙުކުމަށް. އެކަމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟
މާރިޔާ އަދި ހޯމް މިނިސްޓަރުވެސް އިންނެވުމާ އެކީގައި، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ބައިވެރިއެއް މޮރިޝަސްއަކީވެސް. އެ މީޓިންގްސްތަކުގައި އެއްވެސްވަރަކަށް މި މެރިޓައިމް ބައުންޑަރީއާ ބެހޭގޮތުން ވާހަކަ ދެކެވުނުތޯ. ސެކިއުރިޓީ އެއްވެސް ވާހަކައެއް ދެކެވުނުތޯ، އެ އޭންގަލްއިން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް އެއޮތީ ނިންމާފައި. އިޓްލޮސްއިންވެސް އެކަން ގަބޫލުކޮށް، މިއަދު މުޅިން ބޭނުންކުރަމުން ގެންދިޔައީވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދުގައި އޮތް ސަރަޙައްދީ ބައުންޑަރީ ކަނޑައެޅުމުގެ ވާހަކަ. އެހެންވީމާ، މޮރިޝަސްގެ ވެރިޔަކު، އެ މީހުންގެ ތަނަކަށް ދަތުރުކުރާއިރުގައި، އަޅުގަނޑުމެންގެ އެބައޮތް، ޑިޕްލޮމެޓިކް ރިލޭޝަނާ އެއްޗެހި. އޮއްވައި، ރާއްޖެއަކަށް ނާދެވޭނެއޭ ބުނުން އެއީކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެ ވާހަކަ އޭގައި އެއޮތީ. އެނޫން އިތުރު އެހެން އެއްވެސް ވާހަކައެއް ނޯންނާނެ. ދެން ދެންމެ މުޒައްޔިންކަންނޭނގެ ފާހަގަކުރެއްވީ، އެ ލީކްވެގެން އެއުޅޭ ޞައްޙަ ނޫން ސިޓީއެއް، އެ ފެތުރެމުންދާ، އޭގައި މިލިޓަރީ ބޯޓުފަހަރާ އެއްޗެހި ވަންނަ ވާހަކަ، އޭގައި އޮތް ވާހަކަ. އެކަހަލަ އެއްވެސް އެއްޗެއް ނޯންނާނެ.
އެހެންވީމާ، އެ އުޞޫލުން އަޅުގަނޑުމެންގެ ދޭދޭ ޤައުމުތަކުގައި، އެއް ޤައުމެއްގެ ވެރިޔަކު، އެ ޤައުމެއްގެ އެހެން ތަނަކަށް ދަތުރުކުރާއިރު، މިތަނުގައި މަޑުކޮށްލަން ޖެހިއްޖިއްޔާ، އެ ފުރުޞަތު އަޅުގަނޑުމެން ފޯރުކޮށްދޭ ވާހަކަ އޭގައި އެއޮތީ.
ދެން އެ ސިޓީގެ ސަބަބުން މިއަދުގެ ޙުކުމަށް އިންފްލުއެންސެއް، އެއްވެސްކަހަލަ ނުފޫޒެއް ފޯރާފައި އޮތްތޯ. ފޯރާނެ ކަމަށް އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކެވި. މުޅިން ދެ ކަމެއް ނޫންތޯ މިއީ. އެއް ކަމެއްގައި މި ދައްކަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ ވާހަކަ. ސިޔާދަތީ ބާރުގެ ވާހަކަ. އަނެއް ކަމަކަށް މި ދައްކަނީ ސަރަޙައްދު ބެހުމުގެ ވާހަކަ. އެ ގުޅުމެއް އޮތް ކަމަށްވަންޏާ، އެކަން އޮތީސް މިއަދުގެ ޙުކުމުގައި. މުޅިން ދެ ވާހަކައެއް މި ދެ ކަމަކީ.
އެހެންވީމާ، މިއީކީއެއް އެއްވެސް ގުޅުމެއް އޮތް ކަމަކަށެއް އަޅުގަނޑެއް ނުދެކެން. އަނެއްކާ އެ ތަނުގައި އެ ތިއްބެވި ފަނޑިޔާރުން، އަޅުގަނޑު ހިތުން ނިންމާއިރުގައި، އެ ހުރިހާ އެއްޗަކަށް ބައްލަވާނެ. އެހެންވީމާ، އަޅުގަނޑު ނުދެކެން، އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެއަކާ މިއަކާ މި ދެކަމުގައި އެއްވެސް ގުޅުމެއް އޮތް ކަމަކަށް.
ދެން މިނިސްޓަރ މާރިއަށް އެޑްރެސް ކުރައްވައި ސުވާލެއް ކުރެއްވި ދޮގެއްތޯ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ:
އާދެ، މޮރިޝަސްއާއި ދިވެހިރާއްޖެއާ އޮތް ބައުންޑަރީގެ މައްސަލައަކީ، ބައިލެޓްރަލް މައްސަލައެއް. ދެ ޤައުމެއްގެ ދޭތެރޭގައި ހިނގާ ކަމެއް. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވަކީ މިހާރުވެސް ހަތަރު ޤައުމެއް އެކުލެވޭ ސެކިއުރިޓީ ކޮންކްލޭވެއް. އެހެންކަމާއެކީ، މިކަހަލަ ބައިލެޓްރަލް ޓޯކްސްއެއް، އެ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައެއް ނުހިމެނޭ. އެ ވާހަކައެއް އެގޮތަކަށް ނުދައްކާ.
ޙަސަން މުޙައްމަދު - ޢަދަދު:
މޮރިޝަސް ބައިވެރިވީ ކޮން ހައިސިއްޔަތަކުންތޯ؟
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ:
މޮރިޝަސްއާއި ސްރީލަންކާއާއި އިންޑިއާއާއި އަޅުގަނޑުމެންނާ، ހަތަރުބައި މީހުން އެއީ ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެންބަރުން. އެ ހައިސިއްޔަތުން ބައިވެރިވެފައި އޮތީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން، އެސް. މީޑިއާ މުޙައްމަދު ނާއިލް. ސަން މީޑިއާ ދޮގެއްތޯ.
މުޙައްމަދު ނާއިލް ޙަފީޒް - ސަން:
އަޅުގަނޑުގެ ސުވާލަކީ، ރައީސްގެ ވާހަކަފުޅުތަކުން އަޅުގަނޑަށް ވަރަށް ބޮޑަށް އެނގިގެން މިދިޔައީ، ޗާގޯސް އައިލެންޑްސްގެ މައްޗަށް ރާއްޖެއަށް ސިޔާދަތީ ބާރު އޮތް ކަމަށް، އަޅުގަނޑުމެންނަކަށް ވަކާލާތު ކުރެވޭކަށް ނެތޭ. ދެން ރައީސްގެ ސިޓީފުޅުގައި، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވިދާޅުވެފައި އެބައޮތް. ވިދާޅުވި ކަމަށް، ރައީސް ދެންމެ ތިޔަ ވިދާޅުވީ. ރާއްޖެއިން ގަބޫލުކުރާނެ ކަމަށް މޮރިޝަސްއަށޭ، ޗާގޯސް އައިލެންޑްސްއަށް ސިޔާދަތީ ބާރު ފޯރުވުމުގެ ޙައްޤު އޮތީ. އެފަދަ ނިންމުމެއް ނިންމެވިއިރު، ކީއްވެގެންތޯ ރައީސް އެ ސިޓީފުޅު ފޮނުއްވުމުގެ ކުރިން، މަޖިލީހުގައި އެކަމުގެ ރުހުމަށް އެދިވަޑައިގެންފައި ނުވަނީ؟ ދެން ކޮބައިތޯ އަޞްލު މީގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް އެއިން އަންނާނެ ގެއްލުމެއްގެ ގޮތުގައި ގަބޫލުކުރަނީ.
ދެން ވަރަށްގިނަ ބަޔަކު މިއަދު ހަމަ ފާހަގަކުރާ ކަމެއް، އަޞްލު ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ބަދަލުގައި މިއީ ރާއްޖެއަށް ލިބުނު ގެއްލުމެކޭ. އެ ސަބަބަކަށް ވަނީ، ކުރިން އޮތް ސަރަޙައްދަށްވުރެ ކުޑަ ސަރަޙައްދެކޭ އަދި މޮރިޝަސްއާ ބަލާފައި އަޅުގަނޑުމެންނަށް ލިބުނު ސަރަޙައްދު ބޮޑުކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ލިބުނު ސަރަޙައްދު، ކުރިއާ ބަލާފައި ކުޑަވެގެން އެބަދޭ. އެއީ، ރާއްޖެއަށް ލިބުނު ގެއްލުމެއްގެ ގޮތުގައި އެބަ ފާހަގަކުރޭ. ކޮބައިތޯ މިކަމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތަކީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ހިތުން ކުރިން އަޅުގަނޑުމެންނަށް ދެކުނުން އޮތީ 12 މޭލު. މިއަދުގެ ނިންމުމާ އެކީގައި، އެ 200 މޭލަށް ބޮޑުވެގެން އެދިޔައީ. ދެން އޭގައި ތިޔަބޭފުޅުން ނިންމަވަންވީ އެއީ ކުޑަތޯ، ބޮޑުތޯ.
މުޙައްމަދު ނާއިލް ޙަފީޒް - ސަން:
ކުރިން ބޭނުންކުރޭ، އެއަށްވުރެ ބޮޑު ސަރަޙައްދެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިހާރު އަޅުގަނޑުމެންނަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ކަނޑައެޅިގެން މިދިޔައީ. ކުރިއަކުން ނެތް. ކުރީގައި އެއީ އެންމެން ބޭނުންކުރާ ސަރަޙައްދެއް. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް ކަނޑައެޅިގެން މިދިޔަ 200 ނޯޓިކަލް މޭލަކީ 12 މޭލަށްވުރެ ކުޑަތޯ. އަޅުގަނޑު ހިތުން ބޮޑު ސަރަޙައްދެއް އެއީ. އެހެންވީމާ، އެގޮތުން ބަލާއިރުގައި، އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. ޙަޤީޤަތުގައި އަޞްލު އަދި މި ކަނޑައެޅިގެން މިދިޔައީ ދެކުނުގައި. ދެން މިއިން ބައެއް ގެއްލޭ ކަމަށްވަންޏާ، ދެން ވާނީ އަޅުގަނޑުމެންނަށް އެއްޗެއް ގެއްލުނު ކަމަށް.
ދެން ވިދާޅުވީ، މަޖިލީހަށް ކަންތައްތައް ލަފާ ހޯދުމަށް ފޮނުވަންޖެހޭ ގޮތްތައް ޤާނޫނުއަސާސީގައި އެބައޮތް. އަޅުގަނޑު މިސާލަކަށް ދަންނަވާފާނަން އިނގޭތޯ. ކުރީގެ ސަރުކާރުތަކުން ވެރިން ކޮށްފައި ހުރި ކަންތައްތަކުގެ ވާހަކަ، ވެރިޔަކަށް ހުރެ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން އަޅުގަނޑު ދެކޭގޮތުގައި. ވެރިޔަކަށް ހުރެ އޭރަކު ސަރުކާރަކުން ކަމެއް ނިންމާއިރުގައި، ވަރަށްގިނަ ގޮތްގޮތަށް ބައްލަވާފައި ނިންމަވާނީ. ހުންނާނެ އެކިއެކި ވަގުތު ވަގުތު. އެހެންވީމާ، ވެރިން ކުރައްވާފައި ހުންނަ ކަންތައްތަކުގެ ވާހަކަ، އެހެން ވެރިޔަކު، ޚާއްޞަކޮށް، ވެރިކަމުގައި އިންނަ މީހަކު ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އަދި މިތަނުން އަޅުގަނޑު ގޮސްވެސް، ދެން ކުރިން ވެރިން ކޮށްފައި ހުރި ކަންތަކުގެ ވާހަކަ އެހެން ދެއްކުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެ.
އެހެން ނަމަވެސް، މިސާލަކަށް ބައްލަވާ، ކޮސޯވޯ. މިނިވަން ދައުލަތަކަށް، ސަރބިއާގެ ބައެއްގެ ގޮތުގައި އޮވެފައި، އ.ދ.އިން ނެގި ވޯޓެއްގައި، ރާއްޖެއިން ވޯޓުދިނީ ކޮސޯވޯއަކީ މިނިވަން ދައުލަތެއް ކަމަށް. އެއްވެސް ތަނެއްގައި ނެތް އެ މަޝްވަރާއެއް ކޮށްފައެއް. ވަޒީރުންގެ މަޖިލީހަކުވެސް ނެތް. ރައްޔިތުންގެ މަޖިލީހަކުވެސް ނެތް. އަނެއްކާ 2017 ވަނަ އަހަރުގައި ލީ ވޯޓެއްގެ ވާހަކަ، މިނިސްޓަރ ޝާހިދު އެ ވިދާޅުވީ. އޭރަކުވެސް ނެތް، އެއިން އެއްވެސް ކަމެއްގައި، ވަޒީރުންގެ މަޖިލީހުގެ ލަފައެއްވެސް ހޯއްދަވާފައެއް. ރައްޔިތުންގެ މަޖިލީހުގެ ލަފައެއްވެސް ނެތް. އ.ދ. ގައި އެހެން ނަގާ ކޮންމެ ވޯޓެއްގައި، ލަފާ ހޯދުން އެހެން. އެއީކީއެއް މިހާތަނަށް ކުރަމުން އައި ކަމެއް ނޫން. އެހެން ނަމަވެސް، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަންޖެހޭ ކަމެއް އޮތް ކަމަށްވަންޏާ، އެ ކަމެއް އަޅުގަނޑުމެން ކުރާނަން.
މި މައްސަލައިގައިވެސް އިނގޭތޯ. އަޅުގަނޑު މި ދެންނެވީ، ޗާގޯސްގެ މައްސަލައިގައި ދެފަހަރު ރައްޔިތުންގެ މަޖިލީހާ އަޅުގަނޑުމެން މަޢުލޫމާތު ޙިއްޞާކުރިން. 2022 ވަނަ އަހަރުގައިވެސް އޮންނާނެ. ކެބިނެޓުގައި މިކަމާ ދޭތެރޭގައި ކުރި ކޮންމެ މަޝްވަރާއެއް، އެޓަރނީ ޖެނެރަލް މެދުވެރިކޮށް އަޅުގަނޑު އޮންނާނެ، ރައްޔިތުންގެ މަޖިލީހާ ޙިއްޞާކޮށްފައި. އަޅުގަނޑު އަތުގައި މިހާރުވެސް މިއޮތީ، އެއީ 17 ފެބުރުވަރީ 2022 ގައި އެއްފަހަރު، އެއީ ފުރަތަމަ މި މައްސަލައިގައި ބަޙުޘް ކުރަން ފެށުމާއެކީ. އޭގެފަހުން އަނެއްކާ ފޮނުވާފައި އެބައޮތް. އަޅުގަނޑުމެން އެތަނުގައި ދޭނެ ޖަވާބަށް ދާންދެން. ދައްކާނެ ވާހަކަތަކަށް ދާންދެން. އެ ހުރިހާ އެއްޗެއް ޙިއްޞާކޮށްފައި ހުންނާނީ. ކޮށްގެން ކުރިއަށް މިގެންދިޔައީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން ހަތާވީސް އޮންލައިން.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެވެސް ސުވާލަކީ ހަމަ މި ސިޓީގެ ވާހަކަ، މި އެންމެ ބޮޑަށް މި ދެކެވެމުން ދަނީ، މި ސިޓީއެއްގެ ވާހަކައެއްވީމާ. ޚާއްޞަކޮށް، މި ސިޓީއާ ގުޅިގެން ވަރަށް ބޮޑެތި ތުހުމަތުތައް ސަރުކާރަށް އަދި މަނިކުފާނަށް އެބަ ކުރެވިގެންދޭ. އެހެންވީމާ، އެއްވެސްވަރަކަށް ވިސްނުން އެބަހުރިތޯ. މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، މި ޙުކުމުގައި ނުވަތަ މި މައްސަލައިގައި މިއަދު މި ނިންމި ނިންމުމުގައި އެބަހުއްޓޭ، މަނިކުފާނު ފޮނުއްވި ސިޓީގައި ހުރި ކަންކަން. ޕޮއިންޓްތައް އެބަހުއްޓޭ. އެހެން ނަމަވެސް، ސަރުކާރުގެ ނުވަތަ މަނިކުފާނުގެ އެއްވެސް ވިސްނުމެއް އެބަހުރިތޯއޭ، މި ސިޓީ ޢާންމު ކުރައްވަން. ސަބަބަކަށްވަނީ މި ސިޓީއާ ގުޅިގެން ވަރަށް ތަފާތު ވާހަކަތައް އެބަ ދެކެވޭ. ތަފާތަކީ ފިތުނަ ބައެއް ފަރާތްތަކުން އެބަ އުފައްދާ. ސަރުކާރުން ވަކި އަދަދެއްގެ ރިޝްވަތު ނެގި ވާހަކަ. ޑީލްތަކެއް ހެދި ވާހަކަ. އެހެންވީމާ، ޢާންމުންނަށް މިކަމުގެ އޮތް އިތުބާރު ބޮޑުކުރުމަށްޓަކައި ސަރުކާރުން އެއްވެސްވަރަކަށް ވިސްނަންތޯއޭ، މި ސިޓީ ޢާންމުކުރަން. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ހިތުން ރިޝްވަތާ ބެހޭގޮތުން މިނިސްޓަރ ޝާހިދު ޖަވާބު ދެއްވާނީ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
އާދެ، ޝުކުރިއްޔާ. އަޅުގަނޑުމެންނަށް އިއްޔެ ފެނިގެންދިޔަ، މޮރިޝަސްގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި އޮތް ވާހަކަ. ތިމަންނާމެންގެ ސަރުކާރުން އެއްވެސް ބަޔަކަށް ފައިސާއެއްދީ ނުވަތަ ރިޝްވަތެއްދީ ހަދާފައެއް ނުވެއޭ. އަދި ކީއްކުރަންހޭ، ތިމަންނާމެންނަކީ ދިވެހި ސަރުކާރުގެ މައްޗަށް ބާރުފޯރުވޭވަރުގެ ބައެއްވެސް ނޫނޭ އިނގޭތޯ. އިދިކޮޅުން އެއްވެސްކަހަލަ އަސާސެއްގެ މައްޗަށް ނުބަލައި، އެއްވެސްކަހަލަ ޕްރޫފެއްގެ މައްޗަށް ބިނާނުކޮށް، ހަމަ ހިތުހުރިހާ އެއްޗެއް ގޮވުމުގެ ގޮތުން، އަބުރު ކަތިލުމުގެ ގޮތުން ދައްކާ އެތައް ވާހަކައެއް އޭގެތެރޭގައި ހުރޭ. އަދި އެންމެދެރަ ކަމަކީ، އެ ވާހަކަތައް ދައްކަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައި ހުރި، ޤާނޫނުއަސާސީން ދީފައި ހުރި އިމްތިޔާޒުތަކުގެ ނިވާފަތްގަނޑުގައި ތިބެ ފިނޑިކޮށް. ފިނޑިކަމުގެ މަތީގައި ކުރާ ޢަމަލެއް އެއީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ވަދެ ތިބެނީ ޤާނޫނުއަސާސީ ޙިމާޔަތް ކުރުމަށް. އޭގެތެރެއިން ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި އޮންނާނެ، ކޮންމެ ދިވެހި ރައްޔިތެއްގެ އަބުރު ރައްކާތެރިވެގެންވާ ވާހަކަ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު އެތާ އެ އިންނަވަނީ ޤާނޫނުއަސާސީ ނެގެހެއްޓުމަށް ހުވާކުރައްވައިގެން.
އެހެންވީމާ، ޤާނޫނުއަސާސީން ދީފައި އޮތް އިމްތިޔާޒުތަކެއް ބޭނުންކޮށްގެން، ދިވެހި ރައްޔިތެއްގެ އަބުރު ކަތިލުމަށް އެފަދަ ބަދުއަޚްލާޤީ ޢަމަލު ހިންގުން އެއީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއް ނޫން. އޭގައި އެބަޖެހޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާދާރުވާން. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ބިއްދޮށުގައި ތިބެ، އެކަހަލަ ވާހަކައެއް ނުދެއްކޭނެ.
އާދަމް ނަޒީރު - ހަތާވީސް އޮންލައިން:
ރައީސް ކޮބައިތޯ ސިޓީ ހާމަކުރުމުގެ ވިސްނެވުމަކީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ތިޔަ ރިޝްވަތާ ދޭތެރޭ އެއްވެސް ތުހުމަތެއް، އަޅުގަނޑުމެން އެއްވެސް މީހަކާ ދޭތެރޭގައި، އެއްވެސް ބޭފުޅަކު ކުރައްވާ ކަމަށްވަންޏާ ހުށަހަޅުއްވާ، ހުށަހަޅުއްވަންޖެހޭ ތަނަކަށް. ބައްލަވާ. މިނިވަންކަމާއެކު ބައްލަވާ. މިކަމުގައި އެކަންޏެއް ނޫން. އެހެން އެއްވެސް ކަމެއްގައިވެސް. އެއްވެސް ކަހަލަ ތުހުމަތެއް ކުރެވިއްޖިއްޔާ. އެއީ އަޅުގަނޑާ ދޭތެރޭގައި ކަމަށްވިޔަސް، އެހެން ބޭފުޅަކާ ދޭތެރޭގައި ކަމަށްވިޔަސް ހުށަހަޅުއްވައިގެން ކުރައްވާ.
ދެން އޮތީ ސިޓީ ހާމަކުރާނެތޯ، ނޫންތޯ ދޮގެއްތޯ. އެއް ވެރިޔަކު އަނެއް ވެރިޔަކަށް ފޮނުވާ ސިޓީ މިހާތަނަކަށް ޢާންމުކޮށްފައެއް ނެތް. އެހެން ނަމަވެސް، އޭގެ މަޢުލޫމާތުތައް އެބަހުރި ދީފައި. އެގޮތުން، އަޅުގަނޑު މި ދެންނެވިހެން އެ ސިޓީގައި ހުރި މަޢުލޫމާތުތައް އަޅުގަނޑު ހަމަ އަކުރުން އަކުރަށް ޙިއްޞާކޮށްފާނަން. އެއަކު ހަމަ އެއްވެސް ޖެހިލުމެއް ނެތް. އެ ކުރަންޖެހޭ ކަމެއް ކަމަށް ވެއްޖިއްޔާ ކުރާނަން. އެކަމަކު މިހާތަނަށް ވެރިން، އެއް ވެރިޔަކު އަނެއް ވެރިޔަކަށް ފޮނުވާ ސިޓީ ހާމަކޮށްފައެއް ރާއްޖެއަކު ނެތް. އެހެން ކުރަން ފަށްޓައިފިއްޔާ، އަޅުގަނޑު ހިތުން އެ ހުޅުވިގެންދަނީ. ދެން އޮންނާނީ ޕަބްލިކް ޑޮމެއިންގައި ހުރިހާ ސިޓީއެއް އަޅުގަނޑުމެން ފޮނުވަންޖެހޭނީ އެއްބަޔަކު އަނެއް ބަޔަކަށް. އެކަމަކު މިހާތަނަށް ކޮށްފައި ނެތީމާ އެ ވާހަކަ މި ދެންނެވީ. އެކަމަކު މި ދެންނެވިހެން އޭގައި ހުރި ހުރިހާ މަޢުލޫމާތެއް އަޅުގަނޑު ހާމަކޮށްފާނަން. އެއަކު ހަމަ އެއްވެސް ޝައްކެއްނެތް. މިހާރުވެސް ޙުކުމުގައި އޮތީ އޭގެ އެބައި އައިސްފައި. އެބަހުރި. އޭގެ އިތުރު އެހެން އެއްވެސް އެއްޗެއް ނޯންނާނެ.
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން އަޒާން، ދިޔަރެސް.
އަޙްމަދު އަޒާން - ދިޔަރެސް:
ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެވެސް ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ ރައީސްވެސް ވިދާޅުވި ފަދައިން، މިއަދު މި ނިންމި ނިންމުމުގައި މިއޮތީ ހަމަ މެދު ރޮނގެއް ދަމައި، ހަމަހަމަޔަށް ބައިކޮށްފައި. އަޅުގަނޑުގެ ސުވާލަކީ، ކީއްވެތޯއޭ ހަމަހަމަޔަށް ބަހަން، އެގޮތަށް ރާއްޖެއިން މި ކްލެއިމް ކުރީ. އެއީ ބައެއް ޤާނޫނީ މާހިރުން އެބަ ވިދާޅުވޭ، މިކަހަލަ ނިންމުންތަކުގައި ޢާންމުކޮށް ހަމަހަމަޔަށް ބެހުން ނޫން އިތުރު ގޮތްތައްވެސް އެބަހުރޭ. އެއީ، ހަމަހަމަޔަށް ބެހުމަކީ ބައެއްފަހަރު އިންޞާފުވެރި ގޮތަކަށް ނުވޭ. މިސާލަކަށް، ބައެއް ކޭސްތަކުގައި، ރޮމޭނިއާ، ޔޫކްރެއިންގެ މެދު ބެހިއިރުވެސް އަދި އެމެރިކާ، ކެނެޑާ، މި ޤައުމުތަކުގައިވެސް ބެހިއިރު، އެހެން ކަންތައްތަކަށް ރިޢާޔަތްކޮށްފައި އެބަހުރި. އެތާ މަސްވެރިކަން ކުރަނީ ކޮންބައެއްކަމާއި، އެކަހަލަ ބައެއް ކަންތައްތަކަށް ބަލާފައި އެބަހުރި. އެހެންވީމާ، ކީއްވެތޯއޭ ރާއްޖެއިން މި ކްލެއިމް ނުކުރެއްވީ، މި ކޭސްގައި، ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރާ، މަސްކަނޑާ ވަރަށް ކައިރި ސަރަޙައްދެއް. އަނެއްކާ މޮރިޝަސްގެ އެއްވެސް ފަރާތަކުން އެއްވެސް ގޮތަކަށް މިހާތަނަށް ބޭނުންކުރަމުން އަންނަ ސަރަޙައްދެއް ނޫން. ދިވެހިރާއްޖެއާ ބޮޑަށް ކައިރީވެސް. އެހެންވީމާ، މި ހަމަހަމަޔަށް ބެހުމުގެ އުޞޫލަށް ދިޔުމުގެ ބަދަލުގައި، ކީއްވެތޯއޭ އިންޞާފުވެރިކޮށް ބަހަން ދިވެހިރާއްޖެއިން މި ކްލެއިމް ނުކުރެއްވީ ކީއްވެތޯއޭ؟
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ފިޝަރީޒް މިނިސްޓަރވެސް ވިދާޅުވެއްޖެ، މަސްވެރިކަމަށް މާބޮޑު އަސަރެއް ނުކުރާނެއޭ. އެކަމަކު ހަމަ މޮރިޝަސްއަކީ ދާއަޅައިގެން މަސްވެރިކަން ކުރާ ޤައުމެއް. ޑިސްޓެންސް ފިޝިންގ ނޭޝަންސް ޔޫރަޕިއަން ޤައުމުތަކަށް ދާއަޅައިގެން މަސްވެރިކަން ކުރަން ފުރުޞަތު ދޭ ޤައުމެއް. އެހެންވީމާ، ކޮން ޔަޤީންކަމެއްތޯއޭ ތިޔަބޭފުޅުންގެ އޮތީ، އެ ބޭފުޅުން އެތަން އެ ކޮންޒަރވް ކޮށްފައި އޮތް ސަރަޙައްދެއްގެ ގޮތުގައި، އެގޮތަށް ބާއްވާނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއްތޯއޭ އޮތީ؟ އަދި ދާއަޅައިގެން މަސްވެރިކަން ކުރަން ފަށައިފިނަމަ، ދެން އެ ކުރިމަތިވާނެ ގެއްލުންތަކަށް ކޮބައިތޯ ސޮލިއުޝަނަކީ؟ އެކަމާ އެއްވެސް ގޮތަކަށް ވިސްނާފައި އެބައޮތްތޯއޭ؟
އަޅުގަނޑުގެ ތިންވަނަ ސުވާލަކީ، މިނިސްޓަރ މާރިޔާވެސް ވިދާޅުވެއްޖެ. ދެން ކުރިއަށް އޮތް ތާނގައި އަދި ފަސޭހަވާނީއޭ ކަނޑުގެ ސަރަޙައްދު މިގޮތަށް އިން ކަނޑައެޅުނީމާ ބަލަހައްޓަން. އެކަމަކު މީގެކުރިން މާރިޔާ ވިދާޅުވެފައި އެބަވޭ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޮޑުކަމުން، އަޅުގަނޑުމެން އިންޑިއާގެ މަނަވަރުތަކާއި ހެލިކޮޕްޓަރުތައް ގެންނަންޖެހިފައިއޭ މިއޮތީ ކަނޑުގެ ސަރަޙައްދު ބަލަހައްޓަން. އެހެންވީމާ، މިހާރު އަލަށް މި ލިބުނު ސަރަޙައްދު، ރައީސް ތިޔަ ވިދާޅުވާ ގޮތަށް، އަލަށް މި ބޮޑުވި ސަރަޙައްދު، އަނެއްކާ މަނަވަރުތަކާއި ހެލިކޮޕްޓަރުތަކާ މިތަނަށް ގެންނަން ޖެހިދާނެތޯއޭ؟
ދެން އަދި ރައީސް ކުރިން އަޅުގަނޑު ކައިރީގައި ވިދާޅުވީމު ނޫންތޯ، އިންޑިއާ ބޭންކުން ނެގި ބޮންޑުގެ ކޫޕަން ރޭޓް ހާމަކުރައްވާނެ ކަމަށް. އެ މިހާރު ހާމަކުރެއްވިދާނެތޯ މިރޭ.
ދެން އަޅުގަނޑުގެ ފަހު ސުވާލަކީ، ވަރަށް ބޮޑަށް މި ސިއްރު ކަންތައްތައް ކުރުމުގެ ޘަޤާފަތެއް މިހާރު ސަރުކާރުގެ ތެރޭގައި މިއޮތީ. އެ ސިޓީވެސް ސިއްރު. މިނިސްޓަރ ޝާހިދު އެ ވިދާޅުވި، ފޯރމިއުލަރ އަށް އެދުނު ޤައުމުތަކުގެ ބޭފުޅުންވެސް ސިއްރު. އަނެއްކާ ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތުވެސް ސިއްރު. ޔޫތު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަންތައްވެސް ސިއްރު. ކީއްވެތޯ މިހާ ބޮޑަށް ސިއްރުން ވެރިކަން ކުރައްވަން ތިޔަ އުޅުއްވަނީ؟ ހާމަކުރުމުގެ ސިޔާސަތަކައިގެން ނޫންތޯ، މަނިކުފާނު ވެރިކަމަށް ވަޑައިގަތީ؟
ދެން އަދި އެއް ސުވާލު އިނގޭތޯ. ރައީސް ދެން ވަރަށްގިނަ ދުވަސްކޮށްލާފައި ނޫންތޯ ވަޑައިގަތީ. އެހެންވީމާ، މިއީ ފަހު ސުވާލު އިނގޭތޯ. ފަހު ސުވާލަކީ، މިއަދު ހަމަ ކުއްލިގޮތަކަށް ސަރުކާރުން މިވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމަވާފައި. އަޅުގަނޑުގެ ސުވާލަކީ، މީގެކުރިން ތަކުރާރުކޮށް ރައީސްވެސް، ހައުސިންގ މިނިސްޓަރުވެސް ވިދާޅުވެފައި އެބަވޭ. އެއީ، ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނޭ. ކުޑަ ކުއްޔެއްގައި، ކުރީ ސަރުކާރުން ނިންމިގޮތަށް، ކުޑަ ކުއްޔެއްގައި ދިނުމަކީ. އަދި ކުރީ ސަރުކާރުން އެގޮތަށް ނިންމި ކަމަށް ބުނެވެސް އެ ފަތުރަނީ ދޮގު ވާހަކައެކޭ. އެޗް.ޑީ.ސީ.ގައިވެސް ނެތޭ އެވަރުގެ ޤާބިލްކަމެއް. ކީއްވެތޯ މިއަދު ކުއްލިއަކަށް ފަސްހާސް ރުފިޔާއަށް ކުލި ކުޑަކުރަން ތިޔަ ނިންމެވީ. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ފުރަތަމަ ހަމަހަމަޔަށް ބަހަން ނިންމީ ކީއްވެގެންތޯ. ތެދުފުޅެއް. ކުރިން އެބަހުރި ހަމަހަމަޔަށް ބަހަން ވާހަކަތަކެއް ދެކެވިފައި. ފުރަތަމަ އިނގިރޭސިވިލާތާ އެކީގައި އެބައޮތް، އެ ޗާގޯސްގެ އެ ފުށުއަރާ ސަރަޙައްދު ހަމަހަމަޔަށް ބަހަން އެއްބަސްވެފައި. އަދި 2010 ވަނަ އަހަރު މޮރިޝަސްއާ އެކީގައިވެސް، ދެން މިނިސްޓަރ ޝާހިދު ވިދާޅުވި ފަދައިން، ދެކެވުނު ވާހަކަތަކުގައި އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑުމެން ބުނީ "ނޯ" އޭ. ހަމަހަމަޔަށް ބަހާކަށް އަޅުގަނޑުމެން އެގްރީމަންޓެއް މޮރިޝަސްއާ އެއްކަކު ނަހަދާނަމޭ. ދެން އިޓްލޮސްއަށް ދިޔައީ. އެއީ، އިޓްލޮސްއަށް ދިޔަ ހިސާބަކީ. އަޅުގަނޑުމެން ވަކާލާތު ކުރަމުން ގެންދިޔައީ، އަޅުގަނޑުމެންނަކީ މަސްވެރި ޤައުމަކަށްވާތީ. އެކަހަލަ ކިތަންމެ ވާހަކައެއް މިއަދުވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ލޯޔަރުންގެ ޕްރެސްގައިވެސް ވިދާޅުވި. ދެން ޑީޓެއިލްކޮށް ތިޔަ ވަރޑިކްޓް ވިދާޅުވީމާ، އޭގައި ދައްކާފައި ހުރި ވާހަކަތައް ފެނިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ހަމަހަމަޔަށްވުރެ އިތުރަށް އެ ލިބުނީވެސް، ނިންމި ނިންމުމުގައިވެސް. އެނގިވަޑައިގަންނަވާނެ، އެއޮތީ މޮރިޝަސްއިން އެ ކްލެއިމް ކުރި އެއްވެސް ކަމެއް ކާމިޔާބުނުވި ކަމާއި، އަޅުގަނޑުމެންނަށް ބެހިއިރުގައި، ލިބެންވާ ވަރަށްވުރެ، އެ ހަމަހަމަ ރޮނގަށްވުރެ އިތުރަށް ލިބުނުކަމަށް. އެހެންވީމާ، މުޅިން ހަމަހަމަޔަކަށް ނޫން އެއޮތީ ބެހިފައެއް. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އޭގައި ކާމިޔާބެއް ލިބިގެން އެދިޔައީ.
ދެން މިއަދުގެ މައުޟޫޢާ ނުބެހޭ ދެތިން ސުވާލެއް ކުރެއްވި. އަޅުގަނޑު އަތަކު އަދިއެއް ނެތް އެ ކޫޕަން ރޭޓް. އެކަމަކު އަޅުގަނޑު ހޯދާލާނަން އިނގޭތޯ.
ހިޔާ ފްލެޓާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އެއީ، ހިޔާ ފްލެޓްގެ ޔޫނިއަންގެ ބަޔަކު އަޅުގަނޑުމެންނާ ބައްދަލުކުރި. އަދި އަޅުގަނޑުމެން ޢާންމެއް ނުކުރަން އެކަމެއް. އެއަށް ގެނައި ބަދަލުތަކެއް. އެކަމަކު ބަދަލުތަކެއް، ލުޔެއް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެއީކީއެއް މިހާރު ކޮށްފައި އޮތް އިންވެސްޓްމަންޓަށް ގެއްލުމެއްވާ ގޮތަކަށް ނޫން. ސަރުކާރަކަށްވެސް ގެއްލުމެއް ނުވާނެ. އެކަމަކު ހިޔާ ފްލެޓްތައް ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ގޮތްތަކެއް ހޯދިދާނެ. އޭގެ މާނައަކީ، އެތަނަށް ކޮށްފައި ހުރި ޚަރަދުން ފްލެޓަކަށް ޖެހޭ އަގު ކުޑަވީކީނޫން. ކުރީގައިވެސް ގޮސްފައި އޮތް ޚަރަދު އެއީ އޮތް ޚަރަދު. އެއަށް ބަދަލުއައީކީ ނޫން. އެ މަހަކަށް ބެހީމާ، 25 އަހަރަށް، އަހަރަކު 12 މަސްދުވަހަށް ކަމަށް ބަލާފައި ބެހީމާ، ޖެހޭ ޢަދަދު އަދިވެސް އަންނަނީ. އެކަމަކު އެހެން ގޮތްގޮތް ހުންނާނެ ނޫންތޯ އެ ކުޑަކުރެވޭނެ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާކޮށްފައި ހޯދުނު ފޯރމިއުލަރއެއް އެއީ.
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ހަމަ ރަނގަޅު ހެޔޮ ބަދަލެއް އަންނާނެއޭ. އޭގެ ސަބަބުން، ކުލި ދައްކާ ފަރާތްތަކަށް ވަރަށްބޮޑު ލުއިތަކެއް ލިބިގެންދާނެ. އެކަމަކު އެއެއް އަދި އަޅުގަނޑު ހާމައެއްނުކުރަން. ތިޔަ ޢާންމުވެގެން ތިޔަ އުޅެނީ ކޯއްޗެއް ކަމެއް އަޅުގަނޑަކަށް އަދި ނޭނގެ.
މިނިސްޓަރ މާރި އެއްޗެއް ވިދާޅުވެލައްވާ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ:
އާދެ، އަޅުގަނޑުމެންގެ އީ.ޒެޑް ސަރވެލިއަންސް އެއީ ޒަމާނުއްސުރެ ހަމަ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކީގައި ކުރަމުން އަންނަ ކަމެއް. މަހަކު އެއްފަހަރު ހަމަ ކުރިއްސުރެ އެ ސަރވިލިއަންސްތައް ހަދާ މިތަނަށް އައިސް. އެއީކީ އަލަށް ކުރާ ކަމެއް ނޫން. އަބަދުވެސް ކުރާ ކަމެއް އެއީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ވަރަށް ގިނަ ޤައުމުތަކުގެ އެކުވެރިކަމުގެ ދަތުރުތަކުގައި މަނަވަރު އަންނާނެ. އެކަމެއް އަދި ނުހުއްޓުވަން އަޅުގަނޑު. އެއްވެސް ޤައުމަކުން.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން:
ވަރަށް ބޮޑަށް ޝުކުރިއްޔާ. ސުވާލުކުރެއްވީ، ކޮން ޔަޤީންކަމެއްތޯ އޮތީ އެ ސަރަޙައްދުގައި. މި ދެންނެވީ ޗާގޯސް ސަރަޙައްދުގައި ދާނާޅާނެ ކަމަށް ދޮގެއްތޯ. މިހާރު އަޅުގަނޑު ދަންނަވަން އޮތީ، މިއަދަކު ނޫން ހަމަޖެހިގެން މިދިޔައީ ޗާގޯސް ސަރަޙައްދަކީ، މި ދެންނެވީ މޮރިޝަސްގެ ސަރަޙައްދެއް ކަމަށް. އެއީ ދެން އައި.ސީ.ޖޭ. އިން ނިންމި ނިންމުމާއި، އަދި އޭގެފަހުން ހިނގި ކަންތައްތަކާ ގުޅިގެން. މިއަދު އިޓްލޮސްގައި ދެކެވުނު ހުރިހާ ވާހަކައެއް ދެކެވުނީ، ޗާގޯސްއަކީ ހަމަ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އެގޮތަށް މޮރިޝަސްއާއި ރާއްޖެއާ ދޭތެރޭގައި އޮތް އީ.ޒެޑް ޑިލީނިއޭޓް ކުރުމުގެ ވާހަކަ ދެކެވުނީ. އެހެންވީމާ، އެގޮތުން މި ދެންނެވީ ސިޔާދަތީ ބާރު ލިބިގެންވާ ޤައުމަކުން، އެ މީހުންގެ އިޤްތިޞާދީ ސަރަޙައްދެއްގައި ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން، ހުއްދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެއީ، އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށްނުވާތީ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ، އެ މީހުން ދައްކާ ވާހަކަ. އަދި ޕްރެކްޓިކަލީ މިކަން ހިނގާއިރު ވަނީ ކިހިނެއްތޯ. އަޅުގަނޑަށް ފެންނަ ތަނުގައި އެ ތަނުގައި އެތިބީ އެމެރިކާ މީހުން، މިލިޓަރީ ބޭސްއެއް ހަދައިގެން. އަދި މިހާރުވެސް މޮރިޝަސް ސަރުކާރުން ދާކަމަށް ޚަބަރުތަކުން އިވެނީ، ހަމަ 99 އަހަރަށް އެމެރިކާއަށް ދީގެން އެތާނގައި އެކަން ކުރަން. އެމެރިކާއިން އެކަހަލަ މިލިޓަރީ ބޭސްއެއް އެތާ ހިންގާއިރު، އެތާ ސަރަޙައްދުގެ ތެރެއަށް މަސްވެރިކަން ކުރަން އުޅަނދުފަހަރު ވަދެގެން އެކަން ކުރުމަކީ، އެމެރިކާ މީހުން ބޭނުންވާނެ ކަމެއް ނޫން. ޙަޤީޤަތުގައި އިނގިރޭސީން ކޮންޒަރވޭޝަން ޒޯނެއް ކަނޑައެޅި އެއް ބޭނުމެއް ކަމަށްވެސް ބައެއް މީހުން ދެކޭ، އެއީ، މި ދެންނެވި ހަމަ މިލިޓަރީ ސަރަޙައްދެއްވީމަ، މަސްވެރިން އެހިސާބަށް ގޮސް އުޅުމުގެ ފުރުޞަތު ނުދިނުން ކަމަށް.
އެހެންވީމާ، އަޅުގަނޑަށް ފެންނަ ތަނުގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ސަރަޙައްދު އަދިވެސް އޮންނާނެއޭ، މިލިޓަރީ ސަރަޙައްދެއްގެ ގޮތުގައި. އަދި ކޮންޒަރވޭޝަން ބޭނުމަށޭ އޮންނާނީ. އެކަމަކު އޭގައި ޓެކްނިކަލީ އޮތީ މޮރިޝަސްގެ އިޤްތިޞާދީ ސަރަޙައްދެއްގައި ކަންތައް ކުރާނެ ގޮތަށް. ވަކިގޮތަކަށް ކަންތައް ކުރުމުގެ ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނުދެވޭނެއޭ. އެކަމަކު އޭގެ ބްރޯޑަރ ޕޮއިންޓަކީ، އިންޑިއަން އޯޝަންގެ ކޮންމެ ތަނެއްގައިވެސް އިނގޭތޯ. ދެމެހެއްޓެނިވި ގޮތް ނޫންގޮތަކަށް، މިސާލަކަށް، ދާއަޅައިގެން ކުދިމަސް ނަގަންޏާ، ހަމަ ދިވެހިރާއްޖޭގެ މަސްވެރިކަމަށް ގެއްލުންވާނެ. އެއީ، ހައިސީސްގެ ކޮންމެ ސަރަޙައްދެއްގައި ކުރިޔަސް، އަދި ޤައުމެއްގެ އީ.ޒެޑްގައި، މި ދެންނެވީ މަސްވެރިކަން ކުރިޔަސް، އެ ދެމެހެއްޓެނިވި ނޫންގޮތުގައި ޕަރސެއިންކޮށްގެން، ކަނޑުގައި ދާޖަހައިގެން ކުދިމަސް ނަގަންޏާ މަސްވެރިކަމުގެ ސްޓޮކަށް ގެއްލުންވާނެ. މިހާރުވެސް ސިލޯފީން ސްޓޮކަށް އޮތީ ގެއްލުންވެފައި އިނގޭތޯ. އެހެންވީމާ، އެއީ ދަންނަވަން އޮތް ޖަވާބަކީ.
ދެން އޮތީ، މިއަދު މިކަން ހަމަޖެހުމުގެ ކުރިން، ދިވެހިރާއްޖެއިން ސިޔާދަތީ ބާރު އޮތީ ހަމައެކަނި 12 މޭލާ ހަމަޔަށް. ދެން ރާއްޖޭގެ 12 މޭލުގެ، ސިޔާސީ ސަރަޙައްދުގެ 12 މޭލުގެ ތެރޭގައި، ޣައިރު ޤާނޫނީ ޢަމަލެއް ކޮށްފިއްޔާ، އިތުރު 12 މޭލަށް އަޅުގަނޑުމެންނަށް ހޮޓް ޕަރސިއުޓް ކުރެވޭ، ގުޅިފައި އޮތް ސަރަޙައްދު ކަނޑުގެ 12 މޭލަށް. އެހެންވީމާ، 24 މޭލާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވެނީ. އެކަމަކު މިއަދު މި ލިބުނީ 200 މޭލާ ހަމަޔަށް އަޅުގަނޑުމެންގެ ބާރުވެރިކަން އިނގޭތޯ. އެހެންވީމާ، މި 200 މޭލުގެ ތެރޭގައި، 200 މޭލުން އިސްތިސްނާވާންޖެހޭނެ، އަޅުގަނޑުމެން އިކުއި-ޑިސްޓެންސް ޕްރިންސިޕަލުން ރާއްޖެއަށް އެކަމަކު ބޮޑުބައި ލިބޭގޮތަށް މިއަދު ބެހިބައި އިނގޭތޯ.
އެހެންވީމާ، ރާއްޖެއަށް އަޞްލުގައި މިއަދު ބާރުވެރިކަން އިތުރުވެގެން އެދިޔައީ ވަރަށް ބޮޑަށް އިނގޭތޯ. މިހާރު އޭގެކުރިން ރާއްޖެއިން 200 މޭލުގެ ސަރަޙައްދެއް ކުލެއިމް ކުރަނީ. އެ ކްލެއިމް އެއީކީ އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންގެ ސަރަޙައްދެއް ކަމަށް އަޅުގަނޑުމެން ބުނަނީ. ބައިނަލްއަޤްވާމީ ގޮތުން ގަބޫލެއްނުކުރޭ އިނގޭތޯ. އެހެންވީމާ، ޑިސްޕިއުޓް ކުރެވޭ އެތަން. އެހެންވީމާ، އެ ސަރަޙައްދުގެ ތެރޭގައި ބައެއްކަހަލަ ބޯޓުތައް ވަދެ، ޣައިރު ޤާނޫނީ ކަންތައް ކުރޭ އިނގޭތޯ. އެކަން އެބަހުރި. މި ދެންނެވީ އިނގިރޭސި މަނަވަރުތަކުން ހިފަހައްޓާފައި، އެ މީހުންގެ ސަރަޙައްދުތަކުގައި ހިފަހައްޓައި، ބަލަހައްޓާފައިވެސް އެބަހުރި. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް ފާހަގަ މިކުރެވެނީ މި ކަންތައް.
އަޞްލު ޔޫ.އެން. ކޮންވެންޝަން ލޯ އޮފް ދަ ސީގައި ކަނޑައަޅާފައިވާ، ވަރަށް ފަންނީ އިޖުރާތުތަކެއްގެ ދަށުން މި ފުށުއަރާ ސަރަޙައްދު މިއަދު މި ކަނޑައެޅިގެންދިޔައީ. މިއީ އަޞްލުގައި ސިޔާސީ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑު ދެކޭނީ ހަމަ މިއީ ވަރަށް ޓެކްނިކަލް ޕްރިންސިޕަލްތަކެއްގެ މައްޗަށް، ވަރަށް ސައިންޓިފިކް އަދި ފަންނީ ލެވެލްގައި ޤާނޫނީ ބޭފުޅުން ބަޙުޘްކޮށްފައި، ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެކޭ.
މީގައި އަޅުގަނޑު ފާހަގަކުރަން، އަޞްލުގައި މި ދެންނެވީ، ރާއްޖެއިން ވަކާލާތު ކުރީކީ ހަމަހަމަޔަށް ބަހާކަށް ނޫން. އަޅުގަނޑުމެން ވަކާލާތުކުރީ އިންޞާފުވެރިކޮށް ބަހަން. ރައީސް ވިދާޅުވިގޮތަށް، އެހެންވީމާ، ރާއްޖެއަށް ބޮޑުވާގޮތަށް މިކަން ކުރެވިގެންދިޔައީ. ބްލޭންހެއިމް ރީފްގެ އެ ބޭފުޅުން ހުށަހެޅުއްވީ ޕޮއިންޓްތަކަކުން މިންއަޅައިގެނެއް ނޫން މިން ނެގީކީ އިނގޭތޯ. އެހެންވީމާ، އެއީ، ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ކުރާތީއާއި، ރާއްޖޭގެ އިޤްތިޞާދީ ބޭނުމަށްޓަކައި އެ ކަނޑުގެ ސަރަޙައްދު ބޭނުންވާ ކަމަށް ރިޢާޔަތްކޮށް، ރާއްޖެއަށް ބޮޑުވާގޮތަށް އެކަން ނިންމީ އިނގޭތޯ. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކުރަން. ޝުކުރިއްޔާ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
އާދެ، މަޢުލޫމާތު ހޯދުމާ ބެހޭގޮތުން ކުރެއްވި ސުވާލުގައި، މި ސަރުކާރުން ކީއްވެގެންތޯ ކަންކަން ފޮރުވައިގެން ކުރުމުގެ ގޮތެއް ގެންގުޅެނީ. އަޅުގަނޑު ދަންނަވާނީ، ތިޔަ ވިދާޅުވީ ނުޙައްޤު ބަހެކޭ. މި ސަރުކާރަށްވުރެ ބޮޑަށް މަޢުލޫމާތު ފާޅުކޮށް ހުޅުވައިލައިގެން އެންމެންނަށް، ނޫސްވެރިންނަށް ޚާއްޞަކޮށް ދީގެން މަސައްކަތްކުރާ ސަރުކާރެއް ނެތް. ސަރުކާރުގެ ހިސާބުތައް އޮންލައިންކޮށް ފެންނަން އެހެރީ. ބޭންކް. އެމް.އެމް.އޭ.ގެ ހިސާބުތައް އޮންލައިންކޮށް ފެންނަން އެހެރީ. ކުރާ ހުރިހާ ކަމެއް. އަޅުގަނޑު މިސާލަކަށް ކުރެވޭ ދަތުރެއްވިއްޔާވެސް، އަޅުގަނޑު ތަނަކަށް ދަންޏާވެސް ޓުވީޓްކޮށްފައި ދަނީ. ގޮސް އެތަނަކަށް އަރާފައި އެބަ ބުނަން، މިތަނުގައޭ މިހާރު މިހިރީ. އަނެއްކާ ބާއްވާ ހުރިހާ ބައްދަލުވުންތަކާ އެއްޗެހި އެބަ ޓުވީޓް ކުރަން. އެކަހަލަ ގޮތަކަށް އަޅުގަނޑު އުޅެނީ. އަޅުގަނޑު ބަލައިލާއިރު، މުޅި ސަރުކާރުން މިއޮތީ ހުޅުވައިލެވިފައި. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ އިމުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުޅުވައިލެވޭނީ. އެއަށްވުރެ ބޮޑަށް ހުޅުވައިލާކަށް އެއީކީ އެ އަނެކާގެ ޙައްޤަށް އަރައިގަންނަ ހިސާބަށް އެދަނީ. އެހެންވީމާ، އެ ފުރުޞަތެއް ނޯންނާނެ.
އެކަމަކު ހަނދުމަފުޅު ކުރައްވަންވާނެ. މި ޤާނޫނު ފާސްވެގެން އައިސް، ފުރަތަމަ ކުރީ ސަރުކާރުން، ރައީސް ޔާމީންގެ ސަރުކާރުގެ ކޮމިޝަނަރަކު ޢައްޔަން ކުރެއްވި. އެ ކޮމިޝަނަރު ހުންނެވި މުޅި މުއްދަތުގައި. އެ ކޮމިޝަނަރު އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަން. އެއީ، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިނދެ ފާސްކުރި ޤާނޫނެއް. އެ ޤާނޫނާ އިދިކޮޅަށް ހަމައެކަނި ވޯޓުލެއްވި މެންބަރު ފުރަތަމަ ކޮމިޝަނަރަކީ. އެހެންވީމާ، ދެން އެ ޤާނޫނު، އެ ފަސް އަހަރުގެ ތެރޭގައި ހިނގާފައި އޮންނާނެ މިންވަރު ހިތްޕުޅަށް ގެންނަވަންވީ. އަޅުގަނޑުމެން އެބަ އެންމެންވެސް ފަރިތަވާންޖެހޭ، އަނެކާގެ ޙައްޤުތަކާ ބެހޭގޮތުން.
އަދި ހަމައެއާއެކު، ބައިނަލްއަޤްވާމީ އުޞޫލުތަކާ. ބައިނަލްއަޤްވާމީ އުޞޫލުތަކުގެ ތެރޭގައި އެބަހުރޭ، ޤައުމުތަކުގެ ދެމެދުގައި ހިނގާ ކޮރެސްޕޮންޑަންސަށް އިޙްތިރާމު ކުރުން. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ، ބޭރު ޤައުމެއްގެ ކޮންމެ ވެރިޔަކަށް ފޮނުއްވާ ސިޓީއެއް، މީޑިއާގައި ޖަހަން ފަށައިފިއްޔާ، އަޅުގަނޑުމެންނަކާ ވާހަކަ ދައްކާނެ ބަޔަކު ނުވާނެ. އަޅުގަނޑުމެން ސެކިއުރިޓީ، ނޭޝަނަލް ސެކިއުރިޓީއާ ބެހޭގޮތުން ކުރާ މަޝްވަރާތަކާ އެއްޗެހި، ޕަބްލިކްގައި ކުރަން ފަށައިފިއްޔާ، އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ކަންތައްތައް ކުރާނެ ޤައުމުތަކެއް ނުވާނެ. އަޅުގަނޑުމެން އެކަންޏެއް ނޫން ދުނިޔޭގައި އޮތީކީ. އަޅުގަނޑުމެން ނޫން ބައިވަރު ޤައުމުތައް އެބައޮތް. އަޅުގަނޑުމެންނަށްވުރެ މާބޮޑަށް މިކަހަލަ ކަންތައްތަކަށް ފަރިތަ ޤައުމުތައް އެބައޮތް. ހުޅުވައިލެވިފައި ހުރި ޤައުމުތައް އެބައޮތް. އެމެރިކާ، އިނގިރޭސިވިލާތް، މިހިރަ ތަންތަނުގައި. އެތަންތާނގައި ހިނގާ ހުރިހާ ކޮރެސްޕޮންޑެންސެއް، ތަނުގެ ބޮޑުވަޒީރާއި ދުނިޔޭގެ ޤައުމުތަކާ ދޭތެރޭގައި ހިނގާ ހުރިހާ ކޮރެސްޕޮންޑެންސެއް ހުންނަނީކީ ޕަބްލިކަކު ނޫން. ޓުވީޓްކޮށްފައެއް ނޫން ހުންނަނީ. އެ އޮންނަ އުޞޫލުތަކެއްގެ ދަށުން ލިބޭނީ. އެމެރިކާގައި އެ އޮންނަ އުޞޫލުތަކެއްގެ ދަށުން ނޫނީވިއްޔާ އިދާރީ މުވައްޒަފުންނަށްވެސް އެނގެން ނުޖެހޭނެ މަޢުލޫމާތުތައް ނުލިބޭނެ ގޮތަށް ޤާނޫނުތައް ފާސްކޮށްގެން އެ ދައުލަތްތައް ހިންގަނީ. އެއީ، ދައުލަތްތައް ހިންގާ ގޮތަކީ.
އަޅުގަނޑުމެން މި ހިންގޭތޯ މަސައްކަތް މިކުރަނީ، ފަރިތަވާން މިއުޅެނީ ދައުލަތެއް ހިންގޭނެ، ޑިމޮކްރެޓިކް ދައުލަތެއް ހިންގޭނެ އުޞޫލަށް. އަނެއްހެން ބަސްގަދަ މީހާ، އެއްޗެހި ބުނަން ފަރިތަ މީހާ، ހަމައެކަނި އެއްޗެހި ބުނެގެން، އަނެކާގެ އަބުރު ކަތިލައިގެން އުޅޭ ޖަންގަލީގެ އުޞޫލަށް ހިނގާ ދައުލަތެއްގެ ގޮތް ކަނޑާލެވޭތޯ މި ސަރުކާރުން މަސައްކަތް ކުރައްވަނީ.
އެހެންވީމާ، އެ އުޞޫލުތައް އެދަނީ. އަޅުގަނޑުމެންނެއް، އިންފޮމޭޝަން ކޮމިޝަނަރަކީ ނުވަތަ ކޮމިޝަނަކީ، ވާކޮށްލާފައި އޮތް ތަނަކަށް ނުހަދާންވެގެން އެތަނުގައި ކުރީގައި އެ ހުންނެވި ކަހަލަ ކޮމިޝަނަރަކު ނުލެއްވީ. މި ދެންނެވިހެން ހަމައެކަނި ޤާނޫނާ އިދިކޮޅަށް ވޯޓުލީ މީހާ ގެނެސް، ކޮމިޝަނަރަކަށް ހެއްދެވީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން، މާހަތު، ސަންގު ޓީ.ވީ.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
ޝުކުރިއްޔާ ރައީސް. އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވަނީ، ތަކުރާރުކޮށް ސިޓީއާ ގުޅޭގޮތުން. ދެން އަޅުގަނޑުމެން މީގެކުރިންވެސް ފޮރިން މިނިސްޓަރ ހަމަ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި ސުވާލުކޮށްފައި ވާނެ. ޙަޤީޤަތުގައި ސިޓީއެއް ފޮނުވަންޖެހުނު ސަބަބަކީ ކޮބައިތޯ. ކޮންކަމަކާ ގުޅޭގޮތުންތޯ، އިނީޝިއޭޓް ނެގީ ކޮން ބަޔަކުތޯ، ރާއްޖެއިންތޯ، މޮރިޝަސްއިންތޯ. ހަމަގައިމުވެސް އަޅުގަނޑަށް ހީވާގޮތުންނަމަ، ސިޓީއެއް ދާކަމަށްވާނަމަ، ސިޓީ ދާނީ، ކޮންމެވެސް އެއް ސިފައެއްގައި މަޝްވަރާތަކެއް ކުރެވިގެން. އެއީ، ނުރަސްމީ ގޮތެއްގައިވިޔަސް، ނުވަތަ ރަސްމީ ސިފައެއްގައި ނަމަވެސް، ކޮންމެވެސްކަހަލަ މަޝްވަރާތަކެއް ކުރެވިގެން. އެހެންވީމާ، ކޮންކަހަލަ މަޝްވަރާތަކެއްގެ ސަބަބުންތޯ، މި ސިޓީ ފޮނުވަންޖެހުނީ. އެއީ، ފުރަތަމަ ސުވާލަކީ.
ދެން އަޅުގަނޑު ހަމަ އަޒާން އެ ކުރި ސުވާލު ތަކުރާރުކޮށްލާނަން. އެއީ، އިކުއި-ޑިސްޓެންސް އުޞޫލުން ދޫކުރާ ކަމަށްވާނަމަ، ރާއްޖެއަށް އެ ލިބެންޖެހޭ ވަރަށްވުރެ ކުޑަ ބައެއް ކަމަށް ދެކޭނީ، ހަމަ ބަންޑާރަ ނައިބުންވެސް. ކުރީގެ ބަންޑާރަ ނައިބުން އެބަހުރި ވަކިން ފާހަގަކުރައްވާފައި. އޭގެތެރޭގައި، ޢާޒިމާ ފާހަގަކުރެއްވި. ޑޮކްޓަރ މުނައްވަރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންކަމަށްވާނަމަ، މީގެ އެންމެ ރަނގަޅު ގޮތަކީ، އެކްރެޑިބަލް އުޞޫލުން ދޫކުރުން ކަމަށް ބައެއް ބޭފުޅުން ވަނީ ފާހަގަކުރައްވާފައި. އެހެންވީމާ، ރާއްޖެއިން އެގޮތަށް ވަކާލާތު ނުކުރެއްވި ސަބަބަކީ ކޮބައިތޯ. މީގެކުރީގައި ވަކިގޮތަކަށް ވަކާލާތު ކުރެވިފައި ހުރި ކަމަށްވީނަމަވެސް، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާނަމަ، އެކަމާ ގުޅޭގޮތުން ވާހަކަ ނުދެކެވުނީ ކީއްވެގެންތޯ؟
ދެން މައުޟޫޢުން ބޭރު ސުވާލެއް. އެހެން ނަމަވެސް، ދެންމެ ފޮރިން މިނިސްޓަރވެސް ފާހަގަކުރައްވައިފި. ސަރުކާރުން ވަރަށް ހާމަކަންބޮޑު ގޮތެއްގައި މި މަޢުލޫމާތުތަކެއް ފޯރުކޮށްދެމުންދާ ވާހަކަ. އަޅުގަނޑަށް ހަމަ ފާހަގަކުރެވޭ، ބައެއް މަޢުލޫމާތުތަކެއް ހޯދުމަށްޓަކައި އައިކޮމްއަށް ހުށަހެޅުމާ އެކީގައި، އެ މަޢުލޫމާތުތަކެއް ނުދޭންވެގެން ބައެއްފަހަރު ކޯޓާ ހަމަޔަށްދާތަން އެބަ ފެނޭ. ނުވަތަ މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދާނެ. ފޮރިން މިނިސްޓްރީގެ އަޑުއެހުމުންވެސް އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވިގެންދިޔަ. އެއީ، ކޮން ގޮތަކުންތޯ ތިޔަ ވިދާޅުވަނީ، ސަރުކާރުން ހާމަކަންބޮޑު ގޮތެއްގައި، އެ މަޢުލޫމާތުކެއް ފޯރުކޮށްދޭ ކަމަށް. ގިނަފަހަރަށް އެ މަޢުލޫމާތުތައް ހޯދުމުގައި ވަރަށްބޮޑެތި ދަތިތަތަކާ ކުރިމަތިލާން އެބަޖެހޭ. މިނިސްޓްރީއަކުން ކަމަށްވީނަމަވެސް، އިދާރާއަކުން ކަމަށްވީނަމަވެސް ނުވަތަ އިތުރު އެހެން ތަނަކުން ކަމަށްވީނަމަވެސް. ޝުކުރިއްޔާ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
އާދެ، މަޢުލޫމާތު ހޯދުމާ ބެހޭގޮތުން ދެއްކެވި ވާހަކައިގައި، ހަމަ ވަރަށް ސާފުކޮށް ކުރިންވެސް އަޅުގަނޑު މި ދެންނެވީ. ޤާނޫނީ އިމުގެ ތެރެއިން އެކަން މި ހިނގަނީ. ޤާނޫނުގައި އެބަ ފުރުޞަތުދޭ، އިންފޮމޭޝަން ކޮމިޝަނަރު، މަޢުލޫމާތަށް އެދޭ ފަރާތުން މަޢުލޫމާތަށް އެދުނީމާ، އެ މިނިސްޓްރީއަކަށް ހުށަހަޅުއްވަން ނުވަތަ އިދާރާއަކަށް ހުށަހަޅުއްވަން. އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް އެބަ ފުރުޞަތު ލިބޭ، އެ މަޢުލޫމާތު ދިނުމުގައި ކަން ކުރަންވީގޮތް. އެ ދެވެން ނެތް ޙާލަތު، އެ ޤާނޫނުގައި ބުނާ އިމުގެ ތެރެއިން، ދެވެން ނެތް ޙާލަތެއް އަތުވެއްޖިއްޔާ، އެ ނުލިބޭނެ ކަމަށް ދެންނެވުން. އޭގެފަހުން އެޕީލް ކުރުން. އެޕީލް ކުރީމާ، އަނެއްކާ އެ އޯޕަން ހިޔަރިންގ ބޭއްވުން. އޯޕަން ހިޔަރިންގއަށްފަހު ދެން ޢަމަލުކުރެވޭނީ ހައިކޯޓުގެ ނިންމުމަށް ކަމަށް. މި ހުރިހާ ކަންތައްތަކެއް އެބަހުރި.
އެހެންވީމާ، މި ދަންނަވާ ވާހަކައަކީ، ހަމަގައިމުވެސް ފޮރިން މިނިސްޓްރީއަށް ބަލައިފިއްޔާ، ފޮރިން މިނިސްޓްރީން ގާތްގަނޑަކަށް ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށް އަޅުގަނޑުމެން މަޢުލޫމާތު ދެމުން އެބަ ގެންދަން. ދެވެންހުރި ހުރިހާ މަޢުލޫމާތެއް އެބަދެން. މި އެކަނި ކަންނޭނގެ މިހާރު މި ދޫނުކުރެވިގެން މިއުޅޭ މަޢުލޫމާތަކީ އިނގޭތޯ.
އެހެންވީމާ، މަޢުލޫމާތު ހޯއްދަވަން އެދިވަޑައިގަންނަވާ މީޑިއާގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ، ކިހާވަރަކަށްކަން ފޮރިން މިނިސްޓްރީން މަޢުލޫމާތުތައް ދޫކުރަމުން ގެންދަނީ. އެހެން މިނިސްޓްރީތަކުން ދޫކުރައްވާވަރު އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ. އެހެން ނަމަވެސް، އެ އިދާރީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނޫންތޯ އެކަން ހިނގާނީ. އެހެންވީމާ، އެގޮތަށް ދާނީ. އެހެންނޫނީ ޤާނޫނު އުވާލައްވާ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނު އުވާލައްވާފައި ދެން ހިތުހުރިގޮތަކަށޭ ކަންތައް ކުރާނީ. އަނެއްހެން އުޞޫލުތަކެއްގެ ތެރެއިން ދައުލަތެއް ހިންގުން، ޤާނޫނީ އިމުގެ ތެރެއިން ދައުލަތެއް ހިންގުން. އެއަށް މިގެންދަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ސިޓީއާ ބެހޭގޮތުން އަޅުގަނޑަށް ހަމަ ތަކުރާރުކޮށް އެބަ އާދޭ. އެކަން ކުރިގޮތް އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވައިފިން. އަޅުގަނޑުމެން ފުރަތަމަ އެއާ އިދިކޮޅަށް ވޯޓުލާންޖެހުނު ސަބަބާއި، އެގޮތް ބަދަލުކުރަން ނިންމި ސަބަބު، އަޅުގަނޑު ދެތިންފަހަރަކު މިހާރު ހާމަކޮށްފިން. އެ ސަބަބު އަޅުގަނޑު ހާމަކޮށްދިނީ. އެއީ، އަޅުގަނޑާއި އަޅުގަނޑުމެން، މިނިސްޓަރ ޝާހިދުވެސް އިންނެވި. އަޅުގަނޑުމެން ބައްދަލުވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކައެއް. ކީއްވެގެންހޭ އޭރު އަޅުގަނޑުމެން އެއާ އިދިކޮޅަށް ވޯޓުދިނީ ޕްރައިމް މިނިސްޓަރު އެއްސެވި. އަޅުގަނޑު ބުނިން އޭރު، ދެން އަޅުގަނޑު ކުރިން މި ދެންނެވި ގޮތަށް، އޭރު އިޓްލޮސްގައި އަޅުގަނޑުމެން އެއާ އިދިކޮޅަށް މޮރިޝަސްއަށް އެކަން ނުކުރެވޭނެ ކަމަށް، އެ ކްލެއިމް ނުކުރެވޭނެ ކަމަށް އޮންނާނެއޭ އަޅުގަނޑުމެން ލާފައި. އެހެންވީމާ، އެއަށް އިޙްތިޖާޖު ކުރުމުގެ ގޮތުންނޭ، ޔޫ.އެން. ޖެނެރަލް އެސެމްބްލީގައި އެ ދުވަހު ވޯޓުދިނީ. އެއްވެސް ހާލެއްގައި އެއީ، އިނގިރޭސީންގެ ތަނެއް ކަމަށް ދެއްކުމުގެ ގޮތުންނެއް ނޫނޭ. އެހެން ނަމަވެސް، މިހާރު އޮތީ އެކަން ބަދަލުވެފައޭ. އެއީ، އިޓްލޮސްއިން ނިންމައިފިއޭ، މޮރިޝަސްއަށް ކްލެއިމް ކުރެވޭނެ ކަމަށް. މޮރިޝަސްއިން ލާފައި އޮތް މައްސަލަ ބަލަމުންދާކަން. އެހެންވީމާ، މިހާރު ދެން އެ މައްސަލަ ޔޫ.އެން. ޖެނެރަލް އެސެމްބްލީއަށް އަތުވެއްޖިއްޔާ އަޅުގަނޑުމެންނަށް ވޯޓުލެވޭނެއޭ އެގޮތަށް. އެއަކު ނެތޭ ހުރަހެއް މިހާރު. އެއީ، އެ ސަބަބަކީ.
ދެން އިކުއި-ޑިސްޓެންސްގެ ވާހަކަވެސް އަޅުގަނޑު ހިތުން އެއަށް، ދެންމެ މީގެކުރިން ޖަވާބު ދެވިއްޖެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
އާދެ، ދެންމެ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ވާހަކަފުޅުގެ އިތުރުން އަޅުގަނޑު ދަންނަވާލާނަން. އ.ދ.ގައި ވޯޓުލާއިރު، އެ ފިތާ ކުލައާއި އަޞްލު ވޯޓާ ތަފާތުވެދާނެ އިނގޭތޯ. އަޅުގަނޑުމެން ވޯޓު މިލީ ރަތް ނުފެންނަ ކަމަށް. 2019 ގައި. އެކަމަކު ވޯޓުލާފައި އަޅުގަނޑުމެން މިދެނީ އެކްސްޕްލެނޭޝަނަލް ވޯޓެއް. އެ ޢާންމު މަޢުލޫމާތުގެ ގޮތުގައި ހުންނާނެ ފެންނަން. ބައްލަވައިލައްވާފައި މިހާރު ތިޔަބޭފުޅުން އޮންނާނީ. ތިޔަބޭފުޅުންވެސް އެއަށް ފަރިތަވާނެ. އޭގައި އަޅުގަނޑުމެން ބުނެފައި އޮންނާނެ. މި ވޯޓުލީކީ މި ޤަރާރާ ދެކޮޅުހަދާތީކީ ނޫނޭ. އެހެންވީމާ، ޤަރާރަށް އަޅުގަނޑުމެން ތާއީދުކުރަމޭ. އެކަމަކު މި ވޯޓު މިލީ އަޅުގަނޑުމެންނާ މޮރިޝަސްއާ އޮތް އެހެން ޚިޔާލުތަފާތުވުމެއްގައި އަޅުގަނޑުމެންގެ ޕޮޒިޝަން ދައްކާށޭ. އެހެން ނަމަވެސް، އިޓްލޮސްއިން އެ މައްސަލައިގައި ވަކިގޮތެއް ނިންމާފައި، މުޅި އެފްރިކާ އެއްއަތަށް އަރާފައި، އަދި އަޅުގަނޑުމެންނަށް އިތުރަށް އިނގިރޭސި ސަރުކާރުން މޮރިޝަސްއާ އެކީ ވާހަކަ ދައްކަން ނިންމާފައި އޮތްކަން އެނގުމާއެކު، އިތުރަކަށް އަޅުގަނޑުމެން މީގައި އިދިކޮޅުހެދުމުގެ ފުރުޞަތެއް ކޮންމެހެން އޮންނާކަށް ނުޖެހޭތާ. އަޅުގަނޑުމެންނަކީ އެންމެ ކުރިންވެސް މި ޤަރާރުގައި އޮތް އެއްޗަކާ ދެކޮޅުހަދައިގެން ވޯޓުލާ ބައެއް ނޫން. އެހެންކަން އެބަ އެނގޭ، މި ދަންނަވާ އެކްސްޕްލެނޭޝަނަލް ވޯޓުން. އަޅުގަނޑުމެން އެބަ ފަރިތަވާންޖެހޭ، އ.ދ.ގައި އެ ވޯޓުލާއިރު، ރަތްކުލަ ނޫނެކޭ ބުނެފައި، އެބަ ފްލޯރ ނަގާފައި ބުނޭ، ނޫނެކޭ ނޫނޭ މި ބުނީކީ. އެއީ، އ.ދ. ހިނގާގޮތް. ދެން ބައެއް ބޭފުޅުން ވިދާޅުވާނެ ވަރަށް ހެއްވާކޮށްނޭ. އެ ހެއްވަޔަސް، ހެއްވާނޫނަސް، އެއީ އެތަން ހިނގާގޮތް. ފެހި ކުލައިގެ ވޯޓެއްލާފައި، އާނއެކޭ ބުނެފައި އެބަ ބުނޭ، އާނއެކޭ މިބުނީ މިއަކަށް ނޫނޭ އިނގޭތޯ. އެހެންވީމާ، ރާއްޖޭގެ ޕޮޒިޝަން ބަދަލުވީކީވެސް ނޫން. ރާއްޖެއިން އެއްވެސް ކަމެއްގައި ގެންގުޅުނު އުޞޫލުތައް ބަދަލުކުރީކީވެސް ނޫން.
ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ކުރީ ރޭވެސް އަޅުގަނޑު ދަންނަވާލިން، ތިޔަބޭފުޅުންނާ ބައްދަލުކުރިއިރު، މި ޤަރާރަށް ދެކޮޅުހަދާފައި އޮތީ އިނގިރޭސިވިލާތާއި، އެމެރިކާއާއި، އޮސްޓްރޭލިޔާއާއި، ހަންގެރީއާއި، އިޒްރޭލާއި، ރާއްޖެއާ އިނގޭތޯ. ދެން އެމެރިކާ މީހުންނާއި އިނގިރޭސީންނާއި މޮރިޝަސްއާ ވާހަކަ ދައްކަން ފަށާ ހިސާބުން އަޅުގަނޑުމެން އެ މައްސަލައިގައި އެތަނުގެ ސިޔާދަތީ މައްސަލައިގެ ތެރޭގައި ދެކޮޅުހަދައިގެން ތިބޭކަށް ނުޖެހޭ. އަޅުގަނޑުމެންނަކީ އެއްއިރެއްގައިވެސް އެއަށް ދެކޮޅުހެދި ބައެއް ނޫން. އަޅުގަނޑުމެންނަކީ ރާއްޖެ މިނިވަންވީއްސުރެ، 1965ން ފެށިގެން އ.ދ.ގެ ޑީކޮލޮނައިޒޭޝަނާ އެއްކޮޅަށް، ކޮލޮނައިޒޭޝަނާ އިދިކޮޅަށް ވަކާލާތު ކުރަމުން އައި އެންމެ ވަރުގަދަ އެއް ޤައުމު.
އެހެންވީމާ، އަޅުގަނޑުމެންގެ ޒަމާންވީ ޕޮޒިޝަން ހިފަހައްޓާފައި އެއޮތީ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައި އޮތީވެސް އެ ވާހަކަ. ރާއްޖެ އަބަދުމެ ގެންގުޅެމުން އަންނަ ކޮލޮނައިޒޭޝަނާ އިދިކޮޅު ސިޔާސަތުގެ ދަށުން ތިމަންނާމެން މިގޮތަށޭ ދެން ވޯޓުދޭނީ. ހަނދުމަފުޅު ހުންނާނެ، 3 ނޮވެންބަރު 2022 ގައި އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގައި ފޮރިން ސެކްރެޓަރީ ތެދުވެވަޑައިގެން ވިދާޅުވި. ތިމަންނާމެން މިހާރު މޮރިޝަސްއާ ވާހަކަ ދައްކަމުންނޭ މިގެންދަނީ، ޞުލްޙަވެރި ޙައްލެއް، ޗާގޯސްއާ ބެހޭގޮތުން ހޯދަން. އެމީހުންނެއް އަޅުގަނޑުމެންނަކާ ވާހަކައެއް ނުދައްކައޭ. އެއީ ކީއްވެގެންތޯ؟ އަޅުގަނޑުމެން ވާހަކަ ނުދައްކަނީ، އަޅުގަނޑުމެންގެ ދައުލަތުން ނެތޭ އެއްވެސްއިރެއްގައި ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނެކޭ ބުނެ، އެއްވެސް ތަނެއްގައި އަޑުއުފުލާފައެއް. މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން ކަމުގައިވިޔަސްވެސް، ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅުން ކަމުގައިވިޔަސް، އެ ހުރިހާ ބޭފުޅުންނަށްވެސް އެ ފުރުޞަތު ލިބިވަޑައިގަތޭ. ދިވެހިންގެ ޙައްޤުގައި ނުކުމެވަޑައިގެން، މޭގައި މިހެން ހަމަ އަތްޖައްސަވާފައި ވިދާޅުވާން، މިއީ ތިމަންނާމެންގެ ތަނެކޭ. ނުކުރައްވައޭ އެކަމެއް އޭރަކު. މިއަދު ކީއްވެގެންތޯ. ކުއްލިއަކަށްތޯ ޗާގޯސް މި އުފަންވީ. ކުއްލިއަކަށްތޯ ދިވެހިންގެ ތެރޭގައި ދިވެހި ލޭ މި ހިނގައިގަތީ. އެ މަގާމުތަކުގައި ތިއްބެވިއިރު، ދިވެހި ލޭ ހިނގަންވީ ނޫންތޯ. ނުކުރައްވައޭ އެކަމެއް. ހަމަ ކުރައްވާފައި އޮތްހާވެސް ކަމަކީ، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ބޯލެނބުމާއި، ބައިނަލްއަޤްވާމީ ޤާނޫނަށް ބޯލަނބަމޭ ވިދާޅުވެ، ހަމަ މިހާރުވެސް ކަންކުރާގޮތަށް ކުރެއްވުން. އެނޫން ގޮތަކަށް ނުކުރައްވާ.
ޝަފްރާޒް އަޙްމަދު - ވޮއިސް:
السَّلَامُ عَلَيْكُمْ.
ގިނަ މިނިސްޓަރުންތަކެއްވެސް ތިއްބެވުމާއެކު، ތަފާތު ދެ ސުވާލެއް ކޮށްލާނަން. އެއްކަމަކަށް، ބޯހިޔާވަހިކަމާ ގުޅޭގޮތުން. މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި މި އަޅާ ފްލެޓުތައް، ކޮންއިރަކުތޯ ލިސްޓުތައް ހާމަކުރާނީ؟ ދެން ފަހި ދިރިއުޅުމަށް މި އަޅާ ފްލެޓުތައް، 13 ޓަވަރު، އޮގަސްޓު މަހާ ހަމަޔަށް ނިމޭނެތޯ؟
ދެން އަނެއް ސުވާލެއްގެ ގޮތުން، ތިމާވެށީގެ ގޮތުން މިހާރު ވަރަށްފަހުން ޕްލާސްޓިކް ޓެކްސްއެއް މި ނަގަން ފެށީ. ޓެކްސް ނެގުމާ ބެހޭގޮތުން ބޮޑަށް، މިނިސްޓަރ ޝައުނާއަށް. ރޯމަސް މި އަޅާ ކޮތަޅަށް ޓެކްސް ނުނެގޭ. ކުކުޅު ކޮށާފައި މި އަޅާ ޕްލާސްޓިކް ކޮތަޅުން އެބަ ޓެކްސް ނެގޭ. މި ކިހިނެއްތޯ މި އުޞޫލުތައް ހަދާފައި މިހިރީ. ބޮޑަށް ސަރުކާރުން މިހާރު މި ފެންނަނީ ޕްލާސްޓިކް ވިއްކުމާ ދިމާއަށް މިޞްރާބު ޖަހާފައި އޮތްތަން. ކިހިނެއްތޯ ޕްލާސްޓިކް ހުއްޓުވުމަށް، ކިހިނެއްތޯ މިއިން ބާރު ލިބެނީ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ބޯހިޔާވަހިކަމާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް މިގެންދާ މަޝްރޫޢުގެ ލިސްޓުތައް ހާމަކުރުން، އަޅުގަނޑު ހިތުން ރިޔާސީ ބަޔާނުގައި އަޅުގަނޑު ވާނެ، ޖޫންގެ ނިޔަލަށް ހާމަކުރާނެ ވާހަކަ ބުނެފައި. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ޖޫން މަހުގައި އެ ހާމަކުރުމަށް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ. މިހާރު ގޯތި ދިނުމާ ބެހޭގޮތުން ފޯމުތައް ބަލައި، ޝަރުޠު ހަމަވާ މީހުންނާއި ނުވާ މީހުންނާ ނިމުމަކާ ހިސާބުގައި ގާތްގަނޑަކަށް އެއުޅެނީ. އެއަށްފަހުގައި ދެން އަދިވެސް އިތުރަށް އަޅުގަނޑުމެން ބަލާނަން، އޭގައި ހަމަ އެންމެ ރަނގަޅަށް، އެ ބޭނުންވާ ފަރާތަށް އެ ދިނުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ކުރާނަން.
ޝަފްރާޒް އަޙްމަދު - ވޮއިސް:
ޙާލަތު ބެލުމަށް މިހާރު ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވޭތޯއޭ. ފޯމުގައި ހުރި މަޢުލޫމާތުގެ މައްޗަށްތޯ މިފަހަރު ދެއްވާނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އޭގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް އެބަ އިންނެވި. އަޅުގަނޑު ފުރުޞަތު އަރުވާނަން އިކޮނޮމިކް މިނިސްޓަރަށް. އޭރަށް ޓަވަރުތައް ނިމޭނެ ތާރީޚަކާ އެއްޗެހިވެސް ވިދާޅުވެދެއްވާނެ ކޮންމެވެސްވަރަކަށް. އަޅުގަނޑުމެން އުންމީދު މި ކުރަނީ، މި ދައުރު ނިމުމުގެ ކުރިން، ނޮވެންބަރު މަހުގެ ތެރޭގައި، މި ދައުރު ނިމޭނެ. އޭގެކުރިން ފްލެޓުތަކަށް މީހުންނަށް އިރާދަކުރެއްވިއްޔާ ވަދެވޭނެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް:
ޝުކުރިއްޔާ ރައީސް.
އާދެ، އަޅުގަނޑުމެން މި ބަލަނީ އޮގަސްޓު ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗަރ ނިމޭނެ. އަދި އެއިން 8 ޓަވަރަށް މީހުންނަށް ވަދެވޭވަރު ކުރުމަށް އިނގޭތޯ. ދެން ގޯތީގެ ކަންތަކުގައި، ގޯތީގެ ކަންކަން ބެލުމަށް އުފެދިފައިވާ ކޮމިޓީން އެ ނިންމާނީ، އިތުރަށް ބަލަންޖެހޭ ކަމެއް އޮތިއްޔާ ބެލުމާ، އެ ހުރިހާ ކަމެއް ކުރިއަށްދާނީ އިނގޭތޯ.
ދެން އަޅުގަނޑަށް ފުރުޞަތު ލިބުނީމާ ރައީސް، މި ދެކެވުނު ވާހަކަތަކާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް އަޅުގަނޑުވެސް ދަންނަވާލަން ޤަޞްދުކުރަން.
ފުރަތަމަ ކަމަކަށް، އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ސާފުވާން އެބަޖެހޭހެން. މިދިޔަ އަހަރުގެ ބަޖެޓް ދުވަސްވަރުގައި، ކުރިއަކުންނެއް ޗާގޯސްއަކީ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ގޮތަކަށް ދުވަހަކުވެސް ވާހަކަ ދެކެވިފައެއް ނެތް. އެއްވެސް މީހަކު، ސިޔާސީ މީހެއްވިޔަސް، ޢާންމު ރައްޔިތަކުވެސް. އެކަން އެބަ ސާފުވޭ. ކުރީގެ ހުރިހާ ރައީސުންގެ ނިންމުންތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޢަމަލު ކުރައްވާފައި ހުރި ގޮތުން، ދިވެހިރާއްޖެއަކުން އެއްވެސްއިރެއްގައި ޗާގޯސްއަކީ، ދިވެހިރާއްޖޭގެ ތަނެއް ކަމަށް ނުދެކޭކަން އެބަ ހާމަވޭ.
އެގޮތުން، 2019 ވަނަ އަހަރު، ޗާގޯސް، މޮރިޝަސްއާ އިދިކޮޅަށް އަޅުގަނޑުމެންގެ ސަރުކާރުން ޔޫ.އެން.ގައި ވޯޓުލީމާ، ޕީ.ޕީ.އެމް. އިން ނެރުނު ބަޔާނުގައިވެސް، އެބަ އެނގޭ، ޕީ.ޕީ.އެމް.ގެ ފަރާތުންވެސް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް. އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ ތަނެއް ގޮތަށް ނުދެކޭކަން. އެހެންވީމާ، އެއީ ފުރަތަމަ ކަމަކަށް، ވަރަށް ސާފުވާންޖެހޭ ކަމެއް.
ދެން މިދިޔަ އަހަރު ބަޖެޓް މަރުޙަލާގެ ތެރޭގައި، ޗާގޯސްއަކީ ކުއްލިއަކަށް ދިވެހިރާއްޖޭގެ ތަނެއްގޮތަށް، އަޅުގަނޑު އޭރު ހިތަށްއެރި، ބަޖެޓް ހަދަމުންދިޔައިރު، ފެނާއި ނަރުދަމާ ޗާގޯސްގައި އެޅުމުގެ ބައެއް މަޖިލިސްތެރެއިން ނާންނާނެބާވައޭ. އެކަން ކުރަންޖެހޭނެތާ، އަޅުގަނޑުމެންގެ ތަނެއްގައި ވެއްޖިއްޔާމު. އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން އުޅޭ ތަނެއްގައި. ދެން އަނެއްކާ އެތާނގެ ރައްޔިތުން މުސްލިމް ކުރަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ ކަމަށް އޭރު އަޅުގަނޑު ހިތަށްއެރި. އެކަމަކު އެކަމެއް ދެން ކުރައްވާ ވާހަކައެއް ނުދައްކަވާ.
ދެން އޮތީ، އީ.އީ.ޒެޑްގެ ވާހަކަ. އެއްވެސްއިރެއްގައި އަޅުގަނޑުމެންނަށް 200 މޭލު ކަނޑައެޅިފައެއް ނެތޭ އިނގޭތޯ. ވަރަށް ބޮޑަށް ހަމަ ހުރިހާ ބޭފުޅުން ތިޔަ އޮޅުވައިލައްވަނީ. އީ.އީ.ޒެޑް އަޅުގަނޑުމެންނަށް ކަނޑައެޅިފައި އޮތީ އުތުރުގައި. އެހެންވީމާ، ދެކުނުގައި 24 މޭލާ ހިސާބަށް، މިއަދާ ހިސާބަށް ކޮންމެ ޤައުމަކުން އައިސް އެތާނގައި ދާވެސް އެޅޭ. ދާއަޅަމުން ދަނީވެސް. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އެކަމަކު މިއަދުން ފެށިގެން އެ ދާއެޅުން، 25 މޭލުންނާ ހިސާބުން ދެނެއް ދަލެއްނޭޅޭނެ، އަޅުގަނޑުމެންގެ ހުއްދަ ލިބިގެން ނޫނީވިއްޔާ އިނގޭތޯ.
އެހެންވީމާ، އަލަށް އަދި ދިވެހިރާއްޖެއަށް ބާރު ލިބިގެން މިދިޔައީ. އަޅުގަނޑުމެންގެ އީ.އީ.ޒެޑް ކަނޑައެޅިގެން، އެ އީ.އީ.ޒެޑްގެ ތެރޭގައި ދިވެހިރާއްޖޭގެ ހުއްދަނެތި، އިޤްތިޞާދީ ކަންތައްތަކެއް، މަސްބޭނުން ކަމަށްވިޔަސް، ދާއެޅުން ކަމަށްވިޔަސް، އެހެން ކަމެއްވެސް ކުރެވޭނީ. އެހެންވީމާ، މޮރިޝަސްއާ ހިސާބުން، ނޫނީ ޗާގޯސްއާ ހިސާބުން އަދި ދާއަޅާ ވާހަކައިގެ ކުރިއަށް، މިއޮއްހާ ދުވަހު މިދަނީ، އަޅުގަނޑުމެންގެ 24 މޭލު ބޭރުންވެސް ދާއެޅުން ހުއްދަ ކަމެކޭ އެއީ. އަޅުގަނޑުމެންނަކަށް މަނާކުރެވޭނެ ކަމެއް ނޫން އެއީކީ. އެހެންވީމާ، އެ ވާހަކައަށްވެސް ކުޑަކޮށް ވާނެ ތިޔަބޭފުޅުން ބައްލަވައިލައްވަން.
ދެން މިއާ އެއްކޮށް އަޅުގަނޑުމެންނަށް އެ ބާރު ލިބިގެން އެދިޔައީ. އަޅުގަނޑުމެންނަށް 200 މޭލޭ މި ދަންނަވާއިރުގައި، އަޅުގަނޑުމެން ދެން ކޮންމެފަހަރަކު އެ ވާހަކަ ހާމަނުކުރިޔަކަސް، އެއީ، އެ އިކުއި-ޑިސްޓެންސުން އެ ކެނޑުނު ތަންކޮޅު ކަނޑާލާފައި، 200 މޭލު ފަސޭހައަކަށް މި ކިޔަނީ. އެ ތަންކޮޅުން ގެއްލޭ ތަންކޮޅެއް އޮންނާނެ. އަބަދުވެސް އެބަ ވަރަށް ސާފުވޭ، މޮރިޝަސްއާ އަޅުގަނޑުމެންނާ ދޭތެރޭގައި 400 މޭލެއް ނެތްކަން. އެހެން ކަމަށްވަންޏާ، ކޮންމެވެސް ހިސާބަކުން ބަހަން އެބަޖެހޭ. ދެން މިތާ އެކިފަހަރު ވާހަކަ ދެކެވިއްޖެ، އިކުއި-ޑިސްޓެންސްގެ ވާހަކަ. ސަންގު ޓީ.ވީ. މާހު ވިދާޅުވިކަންނޭނގެ، ކީއްވެހޭ އިކުއި-ޑިސްޓެންސަށް ވަކާލާތު ނުކުރީ. އިކުއި-ޑިސްޓެންސަށް ވަކާލާތު ކުރިނަމަ، އަޅުގަނޑުމެންނަށް ލިބޭނީ ކުޑަކޮށް. އަޅުގަނޑުމެން ވަކާލާތު ކުރީ އިކުއި-ޑިސްޓެންސަކަށް ނޫން. އަޅުގަނޑުމެން ބުނީ، އެއްވަރަށްވުރެ އިތުރަށް ލިބެންޖެހެއޭ. މިއަދު ލޯޔަރުންގެ ވާހަކައިން ވަރަށް ބޮޑަށް ސާފުވެގެންދިޔަ، ހިސްޓޯރިކަލް ފެކްޓްސްއާ ބެހޭގޮތުންވެސް ވާހަކަ ދެއްކިކަން. އަދި އެތަނުން އެއް ބޭފުޅަކު ވަރަށް ސާފުކޮށް ވިދާޅުވި. ޔަޤީންކަމާއެކީ ކާމިޔާބުވާން އޮތީ، އެ ބްލޭންހެއިމް ރީފް، އެ އިޝޫގެ ވާހަކަ ދައްކައިގެންނޭ. ހިސްޓޯރިކަލް ވާހަކަ ދައްކައިގެންނެއް މިހާހިސާބަކަށް ނެތޭ އަޞްލުގައި، އެއްވެސް ކޭސްއެއްގައި ކާމިޔާބުވެފައެއް. ދެން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވީނަމަވެސް، ނަތީޖާ މިއޮތީ އެއްގޮތަކަށް އައިސް އިނގޭތޯ.
ދެން އިތުރު ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަނީ، އިރާދަކުރެއްވިއްޔާ މިއަދު ކެބިނެޓުގެ ނިންމުމާ އެއްގޮތަށް، އަޅުގަނޑުމެންނަށް މި ލިބުނު 200 މޭލު، ނޫނީ އެއިން އެތަންކޮޅު ކަނޑާލާފައި، އެތަނުގައި އިޤްތޞާދީ ގޮތުން ކުރެވެންހުރީ ކޮންކޮން ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. އެތާނގައި އަޅުގަނޑުމެންނަށް އެތަނުގެ އަޑީގައި މަޢުދަން ހުރީވިއްޔާ އެކަމެއްވެސް އަޅުގަނޑުމެންނަށް ބެލޭނެ. އަދި ކިރިޔާ އަޅުގަނޑުމެންގެ އަތަށް މި ލިބުނީ އެތަނުގައި އިޤްތިޞާދީ މަސައްކަތެއް ކުރަން. 12 މޭލުން ބޭރުން އަދި ކިރިޔާ މި ލިބުނީ. އަނެއްކާވެސް ހަމަ ވަރަށް ސާފުކޮށް ތިޔަބޭފުޅުން ވިސްނަވާ. ލިބިފައި އޮތް ތަނަކުން އެއްޗެއް ގެއްލުނީކީ ނޫން. އާދެ، އަޅުގަނޑުމެންނަށް އަލަށް އެއްޗެއް ލިބިގެން މިއުޅެނީ. ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކާ ވާހަކައެއް. އެހެންވީމާ، އެކަން ސާފުކޮށްލަދިނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިނިސްޓަރ ޝައުނާ އެއްޗެއް ވިދާޅުވެދެއްވުން.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ:
އަޅުގަނޑުމެން ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެއް އެކުލަވައިލީ، އެނގިވަޑައިގަންނަވާނެ، މީގެ ދެ އަހަރު ކުރިން. ފާއިތުވި ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދި އެ އެކުލަވައިލި ޕްލޭންގައި ހުރި 13 އައިޓަމެއްގެ ތެރެއިން 12 އައިޓަމް އަޅުގަނޑުމެންނަށް ރާއްޖޭގައި އެތެރެކުރުމާއި، އުފެއްދުމާއި އަދި ބޭނުންކުރުންވެސް އެކީ ފޭސްއައުޓް ކުރެވިއްޖެ. މި ހުރިހާ ކަމެއް ކުރިއިރުގައި، ޢާންމު ރައްޔިތުންނަކަށް ބޮޑު ތަކުލީފަކަށް ވެގެނެއްނުދިޔަ. ސަރުކާރުގެ ވިސްނުމަކީ، ދެން އޮތް މަރުޙަލާވެސް، އަޅުގަނޑުމެން މަސައްކަތްކުރާއިރުގައި، ނުއުފުލޭވަރުގެ ތަކުލީފަކަށް މިކަން ވެގެން ނުދިޔުން.
އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ ގާތްގަނޑަކަށް ބޭނުންކުރާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ޤައުމެއް. އަދި މިކަން ކުރާއިރުގައި އަޅުގަނޑުމެންނަށް އެބަ އެނގޭ، ހަމައެކަނި މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަޙައްދުން މި އުފެދޭ ކުންޏަށް އަޅުގަނޑުމެން ބަލާއިރުގައި، ގާތްގަނޑަކަށް ދުވާލަކު 800 ޓަނުގެ ކުނި އެބަ އުފެއްދޭ، މި ދެންނެވި ތިން ރަށުން ހަމައެކަނި އިނގޭތޯ. މި ކުނީގެ 12 ޕަސެންޓަކީ ޕްލާސްޓިކް ކުނި. އެންމެ ރެޔަކުންނެއް އަޅުގަނޑުމެންނަކަށް މިކަމެއް ޙައްލެއް ނުވާނެ.
އެހެންވީމާ، ތިޔަ ވިދާޅުވި ކަންކަމުގައި، އަޅުގަނޑުމެންނަށްވެސް އެނގޭ، އަޅުގަނޑުމެން މި އެކުލަވައިލި ސިޔާސަތުތަކުގެ ތެރޭގައި، ބައެއް ކަންކަމުގައި އިސްތިސްނާވާ ޙާލަތްތަކެއް އެބަހުރި. އެގޮތުން، ތިޔަ ފާހަގަކުރެއްވި އެއްކަމަކީ، ރޯމަސް ބޭނުންކުރުން. އަދި އޭގެއިތުރަށްވެސް، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ބިލް ހުށަހެޅިއިރުގައި، ހަނޑޫ، ހަކުރު، ފުށް ގަންނައިރުގައިވެސް، މި ބޭނުންކުރާ ކޮތަޅު، އިސްތިސްނާވާ ޙާލަތްތަކުގެ ތެރޭގައި ހިމަނަން. ހިމަނަން ޖެހުނު އެއް ސަބަބަކީ، މި ދެންނެވިހެން ޢާންމު ރައްޔިތުންނަށް ނުއުފުލޭވަރުގެ ތަކުލީފަކަށް މިކަން ވެގެން ދިޔައިމާ، ޢާންމު ރައްޔިތުންގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތަކެއް ދިރިއުޅުމުގައި ޖެހޭނެ. އަޅުގަނޑުމެން ބޭނުންވަނީ، މި ދެންނެވި 13 އައިޓަމެއްގެ ތެރެއިން 12 އައިޓަމް އަޅުގަނޑުމެން ފޭސްއައުޓް ކުރިގޮތަށް، ކޮތަޅު ބޭނުންކުރުންވެސް ފޭސްއައުޓް ކުރަން. ނުއުފުލޭވަރުގެ ތަކުލީފަކަށް މިކަން ހަދައިގެން މިކަން ކުރާކަށެއް ނޫން ބޭނުންވަނީކީއެއް.
އަޅުގަނޑުގެ އުންމީދަކީ، މިފަދަ ސިޔާސަތަކާ އެކީގައި، ކޮންމެވެސްވަރެއްގެ ތަކުލީފެއް އަޅުގަނޑުމެން އުފުލަންޖެހުނު ކަމުގައިވީނަމަވެސް، މީހުންގެ ބިހޭވިއަރއަށް ޗޭންޖް ގެނެސްގެން، ޢާންމު ރައްޔިތުންގެ އެއްބާރުލުމާ އެކީގައި މިކަން ކުރަން. އެހެންކަމުން، އަޅުގަނޑުގެ އުންމީދަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް މި ހުށަހަޅާފައި އޮތް އިޞްލާޙާ އެކީގައި، މި ދެންނެވި އުޞޫލަށް މިކަން ބަދަލުވެގެން އައުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ނިންމާލަންވީ އިނގޭތޯ. ކުރުކޮށްލަންވީ އިނގޭތޯ. އަދި އެބައުޅޭ ބައެއް ބޭފުޅުން، އަޅުގަނޑަށް ފުރުޞަތު ނޭރުވޭ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ:
އާދެ، ޝުކުރިއްޔާ. އަޅުގަނޑުމެން ރާއްޖޭގެ 70 ރަށެއްގައި ސިންގަލް ޔޫސްޑް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ ބެހޭގޮތުން ވާނީ އެވެއަރނަސް ޕްރޮގްރާމް ހިންގާފައި. އަދި އޭގެއިތުރުން، މާލެ ސަރަޙައްދުގައި، ފާއިތުވި ދެ މަސްދުވަހު މީރާއާއި، ވެމްކޯއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން، މާލެ، ހުޅުމާލެ އަދި މި ސަރަޙައްދުގައިވެސް ވަނީ އެކިއެކި ޕްރޮގްރާމްތައް ހިންގިފައި.
ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން، ރަސް އޮންލައިން، މާޝާ.
އާމިނަތު މާޝާ މިދުޙަތު - ރަސް އޮންލައިން:
ޝުކުރިއްޔާ. އަޅުގަނޑު ސުވާލު ވަރަށް ކުރުކޮށްލާނަން.
ޗާގޯސްގެ މައްސަލައިގައި ރާއްޖެއަށް ފައިދާހުރި ގޮތަކަށް ނިންމުމުގައި، މީގެކުރީގެ ސަރުކާރުތަކަށް ލިބިފައި ހުރި ފުރުޞަތުތަކާއި، އެ ފުރުޞަތުތަކުން އެއްޗެއް ގެއްލިފައިވާނަމަ، ނުވަތަ ހޯދަން އޮތްނަމަ، މިފަހަރު ޗާގޯސް މައްސަލަ ކުރިއަށް ގެންދިޔުމުގައި، އެކަންކަމަށް ކިހާވަރަކަށް ރިޢާޔަތް ކުރެވި، މަސައްކަތް ކުރެވިފައިވާނެތޯ؟ އަދި ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރަށް ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށް ސަރުކާރުން ފާހަގަކުރެއްވި ނަމަވެސް، އިދިކޮޅުން މިކަން ސިފަކުރަނީ އެގޮތަކަށް ނޫން. މިއީ ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށް މަނިކުފާނު ސިފަކުރައްވާ އަދި ގަބޫލުކުރައްވާ މައިގަނޑު ސަބަބުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށް ގިނައިން ތަކުރާރުކޮށްފިން. މީގެކުރިން މި ސަރަޙައްދު ބެހުމުގައި، ކުރީގެ ސަރުކާރުތަކުން ކަންތައްތައް ކުރައްވަމުން އައިގޮތް. ފުރަތަމަ 1992 ވަނަ އަހަރު، އޭރުގެ ސަރުކާރުން އިނގިރޭސީންނާ އެކީގައި ވާހަކަތަކެއް ދެކެވި، އެއްބަސްވުމަކަށް އާދެވި، އޮތީ ފައިނަލް އެގްރީމަންޓާ ހިސާބަށް ގޮސްފައި. އޭގައިވެސް ވާހަކަ ދެކެވުނީ، ފުށުއަރާ ސަރަޙައްދު މެދުން ބަހަން ހަމަހަމަޔަށް. އެއަށްފަހުގައި، 2010 ވަނަ އަހަރު މޮރިޝަސްއާ އެކީގައި، އޭރު އޮތް ސަރުކާރުން ވާހަކަ ދެކެވުނީވެސް އެގޮތަށް. އަދި ކޮންޓިނެންޓަލް ޝެލްފް އިތުރަށް ކްލެއިމް ކުރި، ފުރަތަމަ ކުރި ކުރުން އެއީ، މުޅިން ރަނގަޅަށް ކުރެވުނު ކަމަކަށް ނުވާތީ، މޮރިޝަސްއިން ހުށަހަޅާފައި އޮތް ގޮތަށް ބަދަލުކޮށް، ހަމަހަމަޔަށް ބަހަން ހުށަހަޅާނެ ކަމަށް، ދެންމެ މިނިސްޓަރ ޝާހިދު އެ ވިދާޅުވީ، އެބަހުއްޓޭ އެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ސޮއިކުރެވިފައި.
އެހެންވީމާ، އަޅުގަނޑު ހިތުން މިހާތަނަށްވެސް އެކި ސަރުކާރުތަކުން މި ފުށުއަރާ ސަރަޙައްދު ބެހުމުގައި ޢަމަލުކޮށްފައި އޮތް އުޞޫލު އެއީ، އަޅުގަނޑުމެން ބައިވެރިވެފައި އޮތް މުޢާހަދާގައިވެސް އޮތްގޮތް. އަޅުގަނޑު ހިތުން މި ބެހިގެންދިޔައިރުގައި، އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން، ކުރިންވެސް ދެންނެވި ފަދައިން، މިވަނީ މެދަށްވުރެ އިތުރަށް ލިބިފައި. އެހެންވީމާ، އަޅުގަނޑު މި ދެންނެވީ އެއީ، ލިބުނު ކާމިޔާބެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ވާހަކަ.
އަދި އޭގެއިތުރުން، މި ދެންނެވިހެން ކުރީގައި ދެކުނަކީ، އީ.އީ.ޒެޑް ކަނޑައެޅިފައި އޮތް ތަނެއް ނޫން. 12 މޭލަށް އަޅުގަނޑުމެންނަށް މި ކްލެއިމް ކުރެވިފައި މިއޮތީ. އެހެންވީމާ، މިހާރު މި ލިބުނު ސަރަޙައްދަކީ، ހަމައެކަނި ދިވެހިންނަށް އިޤްތިޞާދީ މަސައްކަތް ކުރެވޭގޮތަށް ލިބިފައި އޮތް ސަރަޙައްދަކަށްވާތީ، މިއިން ލިބޭނެ އިތުރު ވަރަށްގިނަ ފައިދާތައް ހުންނާނެ.
ދެންމެ މިނިސްޓަރ ފަޔާ އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެން ކުރިއަށް މިއޮތް ތަނުގައި، އެ ސަރަޙައްދުގައި އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ލިބެންހުރި ފައިދާތަކަކީ ކޮބައިތޯ، ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ދެން އިދިކޮޅު ފަރާތްތަކުން، މިނިސްޓަރ ޝާހިދު އެ ވިދާޅުވި ފަދައިން، އަބަދުވެސް ދައްކަވާނެ ވާހަކަ. ދެކޮޅު ހަދާނެ. އަޅުގަނޑުމެން ރަނގަޅޭ ބުނެފީވިއްޔާ، ރަނގަޅެއް ނޫނޭ ބުނާނީ. މިވެނި ކަމެއް ގޯހޭ ބުނެފީވިއްޔާ، ބުނާނީ ރަނގަޅޭ. އެއީ، މިހާތަނަށް ކުރަމުން އައިގޮތަކީ.
އެހެންވީމާ، ތިޔަބޭފުޅުންވެސް މި ނިންމި ނިންމުން ރަނގަޅަށް ދިރާސާ ކުރައްވައި ބެއްލެވީމާ، ޙަޤީޤަތުގައި މިއިން ނުކުތް ނަތީޖާ ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންވެސް މީގެ ޙަޤީޤަތް ރައްޔިތުންނަށް ނޯޅޭގޮތަށް ހާމަކޮށްދެއްވުން.
އިތުރު ވާހަކައެއް އެބައޮތްތޯ؟
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން، ޢާއިޝަތު ނަޖާ، ބޮންތި.
ޢާއިޝަތު ނަޖާ - ބޮންތި ނިއުސް:
އަޅުގަނޑުގެ ފުރަތަމަ ސުވާލު މި ކޮށްލަން ބޭނުންވަނީ، ފިޝަރީޒް މިނިސްޓަރަށް އިނގޭތޯ. ޖޭ.ޕީ. އިން އެބަވޭ، އިޓްލޮސްގެ މި މައްސަލަ، ދައުލަތުން ޢަމަލުކުރާ ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިޓްލޮސްއަށް ސިޓީއެއް ފޮނުވާފައި.
ދެން ހަމަ މިއަދުގެ ނިންމުމާ ގުޅިގެން، ރާއްޖެއަށް ލިބޭނީ ގެއްލުން ކަމަށް، ޖޭ.ޕީ.ގެ އިސް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. ފިޝަރީޒް މިނިސްޓަރަކީ، ޖޭ.ޕީ.ގެ ސްލޮޓެއް ދޮގެއްތޯ. ދެން ޕާޓީގެ ސްޓޭންޑާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟
ދެން އަޅުގަނޑުގެ ދެވަނަ ސުވާލު ރައީސަށް އިނގޭތޯ. ހޯމް މިނިސްޓަރ ޢިމްރާންގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ، އަންހެނަކު ވަނީ މަނިކުފާނާ މުލީއާގޭ ކުރިމަތިން ދިމާކޮށް އެކަން ބަލައިދިނުމަށް އެދިފައި ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި މިވަނީ. އެކަން ބަލާނެކަމަށް އެ ދުވަހު މަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި، އެ މައްސަލަ ބައްލަވަމުން އެބަ ގެންދަވަންތޯ؟ ބައްލަވާނަމަ، ކޮބައިތޯ އަޕްޑޭޓަކީ. ކިހާވަރަކަށް ބެލިއްޖެތޯ މައްސަލަ.
ތިންވަނަ ސުވާލަކީ، ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރީމާ، ކާކުގެ ޙައްޤެއްތޯ މި ގެއްލެނީ؟ އަދި އަމީނީމަގު އެއްބަސްވުން ހާމަނުކުރައްވަނީ ކީއްވެގެންތޯ؟
ހަތަރުވަނަ ސުވާލަކީ، ޑްރަގް ވިއްކައިގެން އުމުރަށް ޖަލަށްލާފައި ހުރި ހިންނަވަރު މުޙައްމަދު ރިޝްވާން ޖަލަށްލީތާ ތިންމަސްނުވެ، މަނިކުފާނު ވަނީ އަދަބު ލުއިކޮށް މިނިވަންކޮށްފައި. މިއީ ކީއްވެގެން ކުރި ކަމެއްތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޖޭ.ޕީ. އާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާނަންތޯ؟ މިނިސްޓަރ ޙުސައިން ބޭނުންފުޅުވަންޏާ ވިދާޅުވޭ. އެހެންނޫނީވިއްޔާ މައްސަލައެއް ނެތް، ކޮންމެހެން ނުކުރެއްވިޔަސް.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން:
އާދެ، ރައީސް، އަޅުގަނޑު އޮންލައިންކޮށް އަޅުގަނޑުވެސް އެބަ ފާހަގަކުރަން. އަޅުގަނޑުމެންގެ ޕާޓީގެ، ޕާޓީން އަޅުގަނޑަށް އެނގޭ ސިޓީއެއް ފޮނުވިކަން. އިޓްލޮސްއަށް، އެ ކަންބޮޑުވުންތަކެއް ހާމަކުރައްވާފައި. ދެން ޖުމްހޫރީ ޕާޓީއަކީ ސިޔާސީ ޕާޓީއެއް. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ މީހުން ކަންބޮޑުވާ ކަމެއް އޮތިއްޔާ، ހަމަ އެކަން އެއޮތީ ކޮށްފައި.
ދެން މީގައި މިހާރު ތިޔަ ސުވާލު ކުރައްވަނީ، އަޅުގަނޑު އެ ޕާޓީގެ ސްޓޭންޑާމެދު ދެކެނީ ކިހިނެއްތޯ. މިހާރު ޖުމްހޫރީ ޕާޓީއަކީ ޑިމޮކްރެޓިކް އުޞޫލުން ކަން ހިނގާ ޕާޓީއެއް. ޕާޓީގެ ތެރޭގައި، ޕާޓީގެ ކަންކަމާ ޚިޔާލުތަފާތުވުމަކީ، އަޅުގަނޑުމެން އެކަކު އަނެކަކަށް މި ދެންނެވީ، އަނެއްހެން އެއްޗެއް ނުބުނެވޭކަހަލަ ގޮތަކަށް އޮންނަ ޕާޓީއެއް ނޫން. އެހެންވީމާ، މިކަމުގައި މިއަދު އަޅުގަނޑު އެއްޗެއް މި ދަންނަވަނީ، އިޓްލޮސް އިން މި މައްސަލަ ނިންމިގޮތާމެދު އަޅުގަނޑު ހިތްހަމަޖެހޭތީ. އަދި އެކަމަކީ ވަރަށް ޓެކްނިކަލްކޮށް އޮތް މައްސަލައެއްގެ، ޓެކްނިކަލްކޮށް އެކަން ނިންމި އިޖުރާތްތައް އެއީ، އަންކްލޯޒް، އަޅުގަނޑު ދަންނަ ގޮތުން، އަންކްލޯޒްގައި ހުރި ވަރަށް ފަންނީ އަދި ސައިންޓިފިކް އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމަކީ މި ދެންނެވީ، އެ އިޖުރާތްތަކާ އެއްގޮތަށް ނިމިގެންދިޔަ ކަމަކަށްވާތީ. އަދި އޭގައި އެކަން ނިމުނުއިރުގައި، އިކުއި-ޑިސްޓެންސްކޮށް ހަމައެކަނި ޕިއުލީކޮށް ބަދަލުގައި އިކުއެޓަބަލްކޮށް ރާއްޖެއަށް ފައިދާވާގޮތަށް ރާއްޖެއަށް އެއިން، ތިޔަބޭފުޅުންނަށްވެސް ފާހަގަކުރެއްވޭނެ، ބޮޑުބައެއް ލިބޭގޮތަށް ނިންމި ނިންމުން އެއީ، އަޅުގަނޑު އުފާކުރާ ކަމެއްކަން ފާހަގަކުރަން.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއިން ކޮންމެ ކަމެއްގައިވެސް ރާއްޖެއަށް ލިބޭ ބައި ބޮޑުވަންޏާ، އަޅުގަނޑު އުފާކުރަންޖެހޭނެ ކަމެއް އެއީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ޕާޓީގެ މީހުންވެސް އުފާވާނެކަން، ރާއްޖެއަށް ލިބޭ އެއްޗެއް ބޮޑުކޮށް ލިބެންޏާ އިނގޭތޯ. އޭގެ ސްޓޭންޑް މި ދެންނެވީ. އަޅުގަނޑު އުފާކުރަން، މި ދެންނެވީ އީ.ޒެޑް ކަނޑައެޅިގެންދިޔައިރުގައި، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ހަމަޖެހިގެންދިޔައީތީ.
ދެން އަޅުގަނޑުމެންގެ ޕާޓީއަކީ ހަމަ ސިޔާސީ ޕާޓީއެއް. އެނގިވަޑައިގަންނަވާނެ، ހުރިހާ ޕާޓީއެއްގެ ތެރޭގައިވެސް އެކިއެކި ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުރޭ. އެއީކީ އެ މީހުންނަށް އެއް އޮޑިއެއްގައި ދަތުރުނުކުރެވޭ ކަހަލަ ކަމަކަށްނުވޭ ދޮގެއްތޯ. އެއީ، އަޅުގަނޑު ދަންނަވަން އޮތް އެއްޗަކީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު މީހުންނަށް މަޢާފް ދިނުމުގައި، ބަލަމުން ގެންދަނީ، ޤާނޫނުގައި އެކަން އޮތްގޮތް. ވަކި މީހަކަށް ނޫން. އޭގެ ހަމައިން އަޅުގަނޑު ހަމައަޅަނީ. ދެން ކްލެމެންސީ ބޯޑުން އަންނާނެ، އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް. ތި ވަކިން ވިދާޅުވި ކަން، އަޅުގަނޑު ޖެހޭނީ ތަފްޞީލުކޮށް ބަލައިލަން. އެކަން ހިނގާފައި އޮތްގޮތް. އެކަން ކޮށްފައި އޮތްގޮތް އަޅުގަނޑު ހާމަކޮށްދޭނަން.
ދެން ވިދާޅުވި ކަމަކީ، ތަންކޮޅެއް ކުރީގެ ކަމެއްކަންނޭނގެ. އަޅުގަނޑު ޖެހޭނީ އޭގެ ތަފްޞީލުތައް ހޯދާލަން. މިވަގުތު ސީދާ އެކަން ގޮސްފައި އޮތް ހިސާބެއް، ނޫނީވިއްޔާ ވެފައި އޮތް ގޮތެއް އަޅުގަނޑަކަށް މިވަގުތު މިތާ އިނދެފައެއް ނުދެންނެވޭނެ.
އަޅުގަނޑު ދެން ފުރުޞަތު އަރުވާނަން، މަރްޔަމް ލަހުފާ، ޗެނަލް 13.
މަރްޔަމް ލަހުފާ - ޗެނަލް 13:
ޝުކުރިއްޔާ. އަޅުގަނޑުވެސް ތިން ސުވާލެއް އެބައޮތް. އެންމެ ފުރަތަމަ ކަމަކަށް، މައިގަނޑު ގޮތެއްގައި މިއަދުގެ މި މައްސަލަ ނިމުމާ ގުޅިގެން، މި އުފެދިފައި މިއޮތް ބަޙުޘަކީ، މިއަށްވުރެ ރާއްޖެއަށް ފައިދާ ބޮޑުގޮތަކަށް މިކަންކަން ކުރެވިދާނެ ކަމަށް. ރާއްޖޭގައި އެބަ ތިއްބެވި ހަމަ ޤާނޫނީގޮތުން ފުންނާބު އުސް ބޭބޭފުޅުން، މިގޮތަށް ހަމަ ވަކާލާތު ކުރައްވަމުން ގެންދަވާ.
އަޅުގަނޑުގެ ސުވާލަކީ، މިއަށްވުރެ ރާއްޖެއަށް ފައިދާ ބޮޑު ގޮތަކަށް މިކަން ނިންމުމަށް އެ ބޭބޭފުޅުންގެ މަޝްވަރާ ހޯއްދަވައި، އެބަ ވިދާޅުވޭ ހަމަ އެކްސްޕަޓީޒް ދެއްވާނެ ކަމަށް. ހޯއްދަވައިގެން އެޕީލް ކުރައްވާނެތޯ. އެ ފުރުޞަތު އަދި ރާއްޖެއަކަށެއް ނުގެއްލޭ. އެހެންވީމާ، އެ އެޕީލް ކުރައްވައިގެން، މިއަށްވުރެ ރަނގަޅު ގޮތެއް ހޯއްދެވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާނެތޯ، މިހާ ހިސާބުން މި މައްސަލަ އަދި އެކީ ނިންމަވައިނުލައްވާ.
ދެން އަދި ހަމަ އޭގެއިތުރުން، މި މައްސަލައިގައި އެބަ ތުހުމަތުތަކެއް އެބައޮތް. ޑީލެއްގެ ވާހަކަ އެބަ ދެއްކެވޭ. 500 މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް. ސަރުކާރު ހިންގާ މައި ޕާޓީ، އެމް.ޑީ.ޕީ. އިން މި ތުހުމަތު މި ކުރަނީ، އިދިކޮޅަށްވުރެ ބޮޑަށް. އެގޮތުން، ހަމަ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ.ގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވޭ، މި ޑީލް ހައްދަވާފައި މިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކަމަށާއި، އެ މަނިކުފާނު 500 މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް.
އެހެންވީމާ، އަމިއްލަފުޅު ޕާޓީން މިގޮތަށް މި ތުހުމަތު މި ކުރަނީ ކީއްވެތޯ، އެއްކަމަކަށް. ދެން މިއީ ދޮގެއް ކަމަށްވާނަމަ، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ އަބުރުފުޅު ސަލާމަތް ކުރުމަށްޓަކައި އަބުރުގެ ދަޢުވާ ކުރައްވާނެތޯ މި މައްސަލައިގައި.
ދެން ހަމަ އޭގެއިތުރުން، މި މައްސަލައިގައި ހަމަ ވިދާޅުވޭ. ދާއެޅުމުގެ ކަންތައްތައް، އެ ނުހިނގާނެ ކަމެއްކަމުގެ ޔަޤީންކަން ދެވެން ނެތް ކަމަށް މިހާތަނަށް އައިއިރުގައި، އެ މިނިސްޓަރ އެބަ ފާހަގަކުރައްވާ. އެހެންވީމާ، މި ދާއެޅުމުގެ މައްސަލަ ނުހިނގާނެ ކަމަށް ނުވަތަ ދިވެހި މަސްވެރިންނަށް އެފަދަ ތުރެޓެއް ނޯންނާނެކަހަލަ ގޮތަކަށް މިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެއްވެސްކަހަލަ މަސައްކަތެއް ކުރައްވާނެތޯ. އެކަހަލަ އެއްބަސްވުމެއް ނުވަތަ ބައިނަލްއަޤްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައި އެހީތެރިކަން ހޯއްދަވައިގެންވެސް އެކަހަލަ މަސައްކަތެއް ތިޔަބޭފުޅުން ކުރައްވާނެތޯ، ޔަޤީންކަން ހޯދުމަށް މި ސަރަޙައްދުގައި ދާނޭޅޭނެ ކަމަށް. އެއީ، ދާއަޅަން ފަށައިފީވިއްޔާ ހަމަ ޔަޤީނުންވެސް މަސްވެރިކަމަށް ބުރޫއަރާނެ ކަމަށް އަދި މި ޞިނާޢަތަށްވެސް އޮތް ތުރެޓެއްގެ ގޮތުގައި ކަމަށް ފާހަގަކުރައްވަމުން ގެންދަވާތީ، އެކަން އަޅުގަނޑު ފާހަގަކޮށްލަން. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން ދެންމެ ވިދާޅުވި، މިއަށްވުރެ އަދި ފައިދާހުރި ގޮތެއް ހޯދިދާނެ ކަމަށް، ރާއްޖޭގައި ތިއްބެވި ބައެއް ފުންނާބު އުސް ވަކީލުން ވިދާޅުވާ ވާހަކަ. އަދި އެ ބޭފުޅުން އެކަމުގައި އެހީތެރިވެދެއްވަން ތިއްބެވި ކަމަށް. އަޅުގަނޑުމެން މުޅި މައްސަލަ ނިންމިގޮތް ދިރާސާކުރާނަން، ބަންޑާރަ ނައިބު ވަޑައިގަތުމާއެކު. ކޮށްފައި އަދި އިތުރަށް މީގައި އަދި ކުރެވޭނެ ކަމެއް އެބައޮތްތޯ. ބަލާފައި، ތިޔަބޭފުޅުން މިއަށް އެހީތެރިވެދެއްވަން ތިއްބެވި ބޭފުޅުން ތިއްބެވި ކަމަށްވަންޏާ، އޭގެ ބޭނުން އަޅުގަނޑުމެން ހިފާނަން. މީގެކުރިންވެސް މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން، އެހީތެރިވެދެއްވަން ތިއްބެވި ބޭފުޅުންނާއި، އަދި މިކަމުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދާފައި ވާނީ. އަޅުގަނޑު ހިތުން މިއަދު މިހާތަނަށް މި ނިންމުނު ނިންމުމަކީ ހަމަ ބޮޑު ކާމިޔާބެއް. އަދި އަޅުގަނޑުވެސް ބޭނުންވަނީ، ހަމަ އެންމެބޮޑު ކާމިޔާބު. އެންމެ ފުރިހަމައަށް ކަންތައްތައް ކުރަން. އެހެންވީމާ، އޭގައި އެ ފުރުޞަތު އޮތް ކަމަށްވަންޏާ، އެކަމުގެ ބޭނުން ނުހިފަންވީ ސަބަބެއް ނެތް. އެހެންވީމާ، ބަންޑާރަ ނައިބާއި އަޅުގަނޑުމެންގެ ލީގަލް ޓީމާ އެކީގައި ތިކަމުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން.
މަރްޔަމް ލަހުފާ - ޗެނަލް 13:
އެއްވެސްކަހަލަ ފުރުޞަތެއް ލިބިއްޖެ ކަމަށްވާނަމަ، ނުވަތަ އެކަހަލަ ފުރުޞަތެއް ރާއްޖެއަށް އޮތް ކަމަށްވާނަމަ، މި މައްސަލަ ހަމަ އިޓްލޮސްގެ އެޕީލް ޗެމްބަރަށް އެޕީލް ކުރައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނުކުރަންވީ ސަބަބެއް ނެތެއް ނޫންތޯ. އަޅުގަނޑުމެން ބޭނުންވަނީ ހަމަ އޭގައި މިހާރުވެސް ލިބެންއޮތް އެންމެ ރަނގަޅަކަށް ރާއްޖެއަށް ފައިދާވާގޮތަށް ނިމިގެންދިޔުން. މިހާތަނަށްވެސް މަސައްކަތް ކުރަމުން މިއައީ އެގޮތަށް. އެހެންވީމާ، އެޕީލިންގ ޕްރޮސެސްއެއް އޮތްތޯ، އެ ޖާގަ އޮތްތޯ އަދި މިއަށްވުރެ ރަނގަޅަށް އަދި ޗާގޯސްގެ ކޯސްޓްލައިނާ ހިސާބަށް އަޅުގަނޑުމެންނަށް ލިބެން އޮތްތޯވެސް އަޅުގަނޑުމެންނަށް ބެލިދާނެ. އަޅުގަނޑުމެންނަށް ރަނގަޅީ އެ ހިސާބުވެސް ލިބުނީވިއްޔާ.
ދެން ދެންމެ، މި 500 މިލިއަން ޑޮލަރެއް ނެގި ވާހަކަ އެބަ ދައްކަވާ. އަޅުގަނޑު ކުރިންވެސް ދެންނެވިން، އަޅުގަނޑުމެން އެއްވެސް މީހަކާ ދޭތެރޭގައި އެއްވެސްކަހަލަ ތުހުމަތެއް، އެއްވެސް ބޭފުޅެއްގެ އޮތް ކަމަށްވަންޏާ ކުރިއަށް ވަޑައިގަންނަވަންވީ، ހުށަހަޅުއްވަންވީ، ބައްލަވަންވީ. އަޅުގަނޑުމެން ޖަވާބުދާރީވާނަން. ހަމަގައިމުވެސް އަޅުގަނޑެއް، މިތާ މި ތިއްބެވި އެއްވެސް ބޭފުޅެއް އެކަހަލަ ކަމެއް ނުކުރައްވާނެ. މިކަހަލަ ޑީލެއްގައެއް ބައިވެރިވެވަޑައިގެންފައެއް ނޯންނާނެ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު:
ދެންމެ ސުވާލު ކުރެއްވިއިރު ވިދާޅުވި، އަޅުގަނޑު އަބުރުގެ ދަޢުވާ ކުރާނަންތޯ އިނގޭތޯ. ދެން މާ ސާފުކޮށް އެނގިވަޑައިގަންނަވާނެ ތިޔަބޭފުޅުންނަށް، މިކަހަލަ ކަންތައް މި ކުރާގޮތް. އެއީ، މި ކަންތައްތައް މި ކުރަނީ ޤާނޫނުއަސާސީން ދީފައި ހުންނަ އިމްތިޔާޒުތަކެއްގެ ފަހަތުގައި ފިނޑިކޮށް ފިލާ ތިބެގެން. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކައަކާ ބެހޭގޮތުން އެއްވެސް ކޯޓަކުން ދަޢުވާއެއް ނުކުރެވޭ. އެއްވެސް ތަޙުޤީޤީ އިދާރާއަކުން ސުވާލެއް ނުކުރެވޭ. އެހެންވީމާ، ހަމަ މައިކެއް ލިބިފައި އޮތީމާ، ޤާނޫނުއަސާސީގެ އެ އިމްތިޔާޒު ލިބިފައި އޮތީމާ، ޤާނޫނުއަސާސީ ޙިމާޔަތް ކުރަން، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑަށް ދީފައި އޮތް ޙައްޤު ކަތިލަނީ. އެއީ، އަޅުގަނޑަށް އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނެތީމަ އިނގޭތޯ. އެއްވެސްކަހަލަ އިތުރު ހެތްކެއް، އެއްވެސް ބަހެއް ބުނުމުގެ އިތުރަށް، ހަމަ ތެދުވެ ހަމައެކަނި މި ބުނަނީ، މިވެނި މީހަކު ހުރީ މިތައް މިލިއަން ޑޮލަރު ނަގައިގެންނޭ. ނިމުނީ. ދެން އެއޮތީ ހެޑްލައިންތަކެއް ލިބިފައި އިނގޭތޯ.
ދެން އަދި އަބުރުގެ ދަޢުވާ ކުރާނަންތޯ، ނޫންތޯ. މީގައި މި ދެންނެވީ ފުރަތަމަ ކަމަކީ އަބުރުގެ ދަޢުވާ ކުރެވޭކަށް ނެތް. ދެން ތިޔަބޭފުޅުން ހަނދުމަފުޅެއް ނުހުންނާނެކަންނޭނގެ. އެހެން ނަމަވެސް، އަޅުގަނޑު ހަނދާން އެބަހުރި. ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އަބުރުގެ ދަޢުވާ އެއީ ކްރިމިނަލައިޒްކޮށް، ކްރިމިނަލައިޒް ކަމެއް ކަމަށް ހަދާފައި، ނޫސްވެރިންގެ ތެރެއިން އެތައް ބައެއްގެ މައްޗަށް ޖިނާއީ ދަޢުވާކުރި. ހަނދުމަފުޅު ހުންނާނެ، ތިޔަބޭފުޅުންގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ޓޭޕް އަޅުއްވައިގެން ވަޑައިގެން ރައީސް އޮފީސް ދޮރުމަތީގަޔާއި، މިހިރަ ވެލާނާގޭ އިމާރާތް ކުރިމަތީގައި ބިންމަތީގައި އޮށޯވެވަޑައިގެން ތިއްބެވި ބޭފުޅުންވެސް މިތާ އެބަ ތިއްބެވި، އެ މައްސަލައިގައި ދޮގެއްތޯ. އެކަމަކު އެ މާއްދާ އުނިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އަޅުގަނޑު. އަޅުގަނޑު އެ މާއްދާ އުނިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ.
އަޅުގަނޑުގެ ރައްޔިތުންގެ މަޖިލީހުގެ ފަސް ދައުރުގެ، 1995ން ފެށިގެން 2018 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގައި އުޅުނުއިރު، އެންމެފަހުން ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު އިސްވެ ހުށަހެޅި މައްސަލައަކީ، ތިޔަބޭފުޅުންގެ ޙިމާޔަތުގައި ހުށަހެޅި އިޞްލާޙެއް. އެއީ، އަބުރުގެ ދަޢުވާ އެއީ، ޖިނާއީ ދަޢުވާއެއް ގޮތަށް ނުކުރެވޭ ގޮތަށް.
އެހެންވީމާ، އަޅުގަނޑު ނޫސްވެރިންނަށް ދަންނަވަން އޮތީ، ތިޔަބޭފުޅުން، ތިޔަބޭފުޅުންނަށް ލިބިފައި އޮތް ބާރުގެ ބޭނުންކުރައްވާށޭ، ޤާނޫނުއަސާސީގެ ރައްޔިތުންގެ ޙައްޤުތައްވެސް ޙިމާޔަތްވާ ގޮތަށް. އެއީ، އެ ރައްޔިތުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭ. ރައީސުލްޖުމްހޫރިއްޔާވެސް ހިމެނިވަޑައިގަންނަވާ. އަދި އެހެން ބޭފުޅުންވެސް. އަދި އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަހަތުގައި ޢާއިލާތަކަކާއި ދަރިންނާ އެންމެން ތިބޭ. އެހެންވީމާ، ހަމަ ހިތުހުރިހާ އެއްޗެއް ހިތުހުރިގޮތަކަށް އަސާސެއްނެތި ވިދާޅުނުވާށޭ.
ރައީސުލްޖުމްހޫރިއްޔާ ދެންމެ އެ ވިދާޅުވިގޮތަށް، ޤާނޫނީ އިމުގެ ތެރޭގައި އެބަހުރި، މައްސަލަތައް ބެލޭނެ ގޮތްތައް. ރައްޔިތުންގެ މަޖިލީހުން ބައްލަވާ. އެންޓި-ކޮރަޕްޝަނުން ބައްލަވާ. ބައްލަވާފައި، މި ކަންތައްތައް ސާބިތުކުރައްވާ. ސާބިތު ހެކީގެ މައްޗަށް ވިދާޅުވޭ. އަޅުގަނޑު މިތާ އިނދެފައި އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރަޝީދާ ދިމާއަށް ނުވަތަ އޭނާގެ ޢާއިލާއާ ދިމާއަށް އެއްޗެއް ބުނެފީވިއްޔާ، ޤާނޫނީ އިމުގެ ތެރެއިން އަޅުގަނޑުގެ މައްޗަށް ދަޢުވާ ކުރެވޭނެ. އަޅުގަނޑު ގެންގޮސް ހިފައި ހައްޔަރު ކުރެވޭނެ. އެހެން ނަމަވެސް، އިބްރާހީމް ރަޝީދު މި އިންނަވަނީ ޤާނޫނުއަސާސީން އެ މަނިކުފާނަށް ލިބިވަޑައިގެންފައި އޮންނަ ޙިމާޔަތުގެ ދަށުގައި. ފިނޑިކޮށް ފިލާ. އެ ދޫކޮށްލައްވަންވީ. ދޫކޮށްލައްވާފައި ހަމަ ރީތިކޮށް ތެދުވެރިކަމާ އެކީގައި، އެ ކުރައްވައިގެން ހުންނެވި ހުވާ، އެ ހުވާގައި އޮތީ ޤާނޫނުއަސާސީ ޙިމާޔަތް ކުރައްވާނެ ކަމަށް. އެ ހުވާގައި އެބައޮތޭ އަޅުގަނޑުގެ ޙައްޤުތައްވެސް ޙިމާޔަތްކޮށްދެއްވަން. އެ ފުރުޞަތުގެ ބޭނުންކުރައްވަން ޖެހޭނީ އެގޮތަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު ފުރުޞަތު އަރުވާނަން. އެންމެފަހު ފުރުޞަތު. ދިވެހި ޗެނަލް.
ޢާއިޝަތު އިނާޝާ - ދިވެހި ޗެނަލް:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މޮރިޝަސްއަކީ، 68 އިންސައްތަ އިންޑިއާގެ ދަރިކޮޅު މީހުން ދިރިއުޅޭ ޤައުމެއް. ދެން ރާއްޖޭގެ މި ނިންމުމަށް އިންޑިއާގެ އެއްވެސް ނުފޫޒެއް އޮތްތޯ.
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދިވެހިންގެ ތެރޭގައި ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ގަބޫލުކުރާ ބަޔަކު އެބައުޅޭ. ދެން ޗާގޯސްއާއި ރާއްޖޭގެ އިޚްތިޞާޞް އޮތް ކަމުގައިވާނަމަ، ރާއްޖެއިން ދަޢުވާ ކުރަން ޤަޞްދު ކުރައްވަންތޯ އިތުރަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ކުރިންވެސް ދަންނަވައިފިން ދޮގެއްތޯ. އަޅުގަނޑުމެން ބެލި ބެލުމުގައި، ތާރީޚުގެ ތެރެއިންވެސް، ޤާނޫނުގެ ތެރެއިންވެސް ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ފެންނާކަށް ނެތޭ. އަދި މިހާތަނަށް ވެރިކަން ކުރި އެއްވެސް ވެރިޔަކު، އެއްވެސް ސަރުކާރަކުން މިކަމުގައި ރަސްމީކޮށް ނެތޭ ކްލެއިމް ކޮށްފައެއް އަދި އެ ފުރުޞަތު އެންމެފަހުން އަޅުގަނޑުމެންނަށް، ދެންމެ މިނިސްޓަރ ޝާހިދު އެ ވިދާޅުވި ފަދައިން، ލިބިފައި އޮތް 2017 ވަނަ އަހަރު ހިސާބުގައި. އެއީ، އައި.ސީ.ޖޭ. އިން އެ މައްސަލައިގައި އެ ދެއްވި އިސްތިޝާރީ ލަފާ ހުށަހެޅި ވަގުތު. އެކަމަކު އެއާ ދޭތެރެއަކުވެސް އޭރުގައި އޮތް ސަރުކާރަކުންނެއް އެއްޗެއް ވިދާޅެއްނުވޭ. ދެން އިޓްލޮސްއިން އެއާ ގުޅިގެން އެންމެފަހުން ނިންމައިގެން އެދިޔައީ، ޗާގޯސްގެ ސިޔާދަތަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި. އެހެންވީމާ، އެ ފުރުޞަތު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މިހާރު މިއޮތީ ގެއްލިފައި، ނޫނީވިއްޔާ ވަރަށް ހަނިވެފައި. އަޅުގަނޑަކަށް ނުދެންނެވޭނެ އަދި އެ މިހާރު އޮތެކޭ.
ޢާއިޝަތު އިނާޝާ - ދިވެހި ޗެނަލް:
ދަޢުވާ ކުރައްވާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޤާނޫނީ ލަފައެއް އަޅުގަނޑު ހޯދާނަން.
ދެން ވިދާޅުވީ، އަޅުގަނޑުމެންގެ މި ނިންމުމުގައި އިންޑިއާގެ ނުފޫޒެއް އޮތްތޯ. އެއްވެސް ޤައުމެއްގެ ނުފޫޒެއް ނެތް. އަޅުގަނޑުމެން ވަކާލާތުކުރީ، އަޅުގަނޑުމެން މަސައްކަތް ކުރީ، ރާއްޖޭގެ މަޞްލަޙަތު، ދިވެހިންގެ މަޞްލަޙަތު އެއީ، އެންމެ އިސްކަމެއްގެ ގޮތުގައި ދެކިގެން.
މިނިސްޓަރ ފަޔާ އެއްޗެއް ވިދާޅުވެލައްވަން ބޭނުންފުޅުވާތީ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް:
އާދެ، އަޅުގަނޑު ހަމަ އެއްޗެއް ސާފުކޮށްލަން. ދެންމެ އަޅުގަނޑު މިތާ ދެކެވުނު ވާހަކައާ ގުޅޭގޮތުން ދިޔަރެސްއިން ވަޑައިގެންނެވި އަޒާން އެބައޮތް ޓުވީޓެއް ކުރައްވާފައި. ވަރަށް ބޮޑަށް އޮޅޭގޮތަށް ވިދާޅުވެފައި ވަނީ. އަޅުގަނޑު ދެންނެވީ، ދިވެހިރާއްޖެއަށް މި ލިބުނު ސަރަޙައްދުގައި މިހާރުވެސް ދާއަޅާ ވާހަކަ. ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، މޮރިޝަސްއަށް ނުވަތަ މިއޮއްހާ ދުވަހު އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ތަންތަން ޙިމާޔަތް ކުރެވިފައި އޮތް ވާހަކަ. އެހެންވީމާ، އެކަން އަޒާނަށްވެސް ސާފުކޮށްލަދޭން.
ދެން އަދި ހަމަ އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުން. ދިޔަރެސްއިން ރިޕޯޓް ކުރައްވާ ގޮތުން، އެކަހަލަ ތަމްރީނެއް އަޅުގަނޑުމެންނަށް ދެވިދާނެ އެއްވެސް ފުރުޞަތެއް އޮތްތޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން:
އަޅުގަނޑާ ކުރިން އަޒާން ކުރެއްވި ސުވާލުގައި އެއްސެވި. ދާއެޅުމުގެ މައްސަލައިގައި ދާއެޅުން ހުއްޓުވަން ކޮން ކަމެއްތޯ ކުރާނީ އަޅުގަނޑުމެން. އޭގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ، މިހާރުވެސް ދާއެޅުން އިންޑިއާ ކަނޑުގައި އިނގޭތޯ، މިހާރުވެސް ދާއަޅައިގެން މަސްވެރިކަން ކުރޭ. އަޞްލުގައި އިންޑިއާ ކަނޑުން ނަގާ ކަޅުބިލަމަހަށް ބަލަންޏާ، އޭގެ އެންމެބޮޑު ބައި ނަގަނީ ޕަރސައިން ކޮށްގެން ދާޖަހައިގެން. އޭގެ ދެވައްތަރުގެ ދާ އެބަ ބޭނުންކުރޭ. އެއީ، ގިލްނެޓާއި އަދި ޕަރސައިންއާ އިނގޭތޯ. ދާއެޅުން ކޮންޓްރޯލް ކުރަން ރާއްޖެ އިސްނަގައިގެން މަސައްކަތްތައް އެބަ ކުރޭ.
މީގެ އެއް ވާހަކައަކަށް ދަންނަވާނަން. އެންމެފަހުން ބޭއްވި ކޮމިޝަންގައި ދިވެހިރާއްޖެ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި، ދިވެހިރާއްޖެއިން ހުށަހަޅައިގެން އޮޔާދާ ކަނދުފަތި ޕަރސައިން ކުރާއިރު އަޅާ މިންވަރު މަދުކުރަން އޮތީ ރިޒޮލިއުޝަނެއް ފާސްކޮށްފައި. އޭގެ ނަތީޖާއެއްގެ ގޮތުން ކުދިމަސް ދާއަޅައިގެން ނެގުން މަދުވެގެންދާނެ.
އެހެންވީމާ، ރާއްޖެއިން މިހާރުވެސް މި ދެންނެވީ އިސްނަގައިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ހާވެސްޓް ކޮންޓްރޯލް ރޫލްސް އެބަހުރި. އެއީ ކިހާވަރަކަށްތޯ އެކިއެކި ކަނޑުމަހުގެ ސްޓޮކުން ނެގޭނީ އިނގޭތޯ. މިއީ ހަމަ ރާއްޖެ އިސްނަގައިގެން އެހެން ޤައުމުތަކުގެ ތާއީދު ހޯދައިގެން ކުރާ ކަމެއް. އަދި ދުނިޔޭގެ ފެންވަރުގައި މިކަމަށް ދިވެހިރާއްޖެއަށް ރީތި ނަންވެސް ލިބެމުންދާ ކަންތައް.
އެހެންވީމާ، ރާއްޖެ ހިމެނެނީ އިންޑިއާ ކަނޑުގައި ކަމަށްވާތީ، ކަނޑުމަހަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ހުއްޓިފައި ނުހުންނަ އެއްޗަކަށްވާތީ، އަދި އެއްވެސް ޤައުމެއްގެ އީ.ޒެޑްގައި ހުއްޓިފައި ހުންނަ އެއްޗަކަށް ނުވާތީ، ކަނޑުމަހުގެ މައްސަލަ ޙައްލުކުރަންޏާ މަސައްކަތް ކުރަންޖެހޭނީ ހުރިހާ އެންމެން ގުޅިގެން ހުރިހާ ސަރަޙައްދެއްގައި. އެހެންވީމާ، މިހާރުވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އަދި އެކަމަށް އިރާދަކުރެއްވިއްޔާ، ކާމިޔާބުވެސް ލިބެމުންދަނީ.
ދެން ރާއްޖެ ސަޕޯޓެއް ނުކުރޭ، ދާއަޅައިގެން މަސްވެރިކަން ކުރާކަށް. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި، ދަލުގެ މަސްވެރިކަން ކުރުން އޮތީ މަނާވެފައި. އެކަން ހަމަ ވަރަށް ކޮންޒަރވޭޝަން. ރާއްޖެއަކީ އެންމެ ބޮޑަށް ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ޤައުމުގެ ގޮތުގައި ބަލައިގަނެފައި އޮތީ. ދުނިޔޭގެ އެހެން ހިސާބުތަކުން ރާއްޖެއަށް އެބަ ޒިޔާރަތްކުރޭ، ރާއްޖޭގައި ކުރާ މަސްވެރިކަން ދަސްކުރަންވެސް.
އެހެންވީމާ، މިހާރުވެސް އަޅުގަނޑުމެން އިސްނަގައިގެން މަސައްކަތްތައް ކުރަމުން އެބަދޭ. އަދި ފާހަގަކޮށްލެވޭނެ. މޮރިޝަސްއިން އެބަ ބުނޭ، ތިމަންނާމެން ބޭނުންވެއޭ އަދިވެސް މި ޗާގޯސްއަށް ލިބުނު ސަރަޙައްދުވެސް ކޮންޒަރވޭޝަން ޒޯނެއްގެ ގޮތުގައި ބަހައްޓަން. އެބޭފުޅުން އެގޮތަށް މަސައްކަތް ކުރަންޏާ އަޅުގަނޑުމެން މަސައްކަތް ކުރާނަން އެބޭފުޅުންނާ އެއްކޮށް އެކަން ދަމަހައްޓަން. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް. ދެން އަޅުގަނޑު ހިތުން މިހާރު ދެގަޑިއިރުވެގެން އެދިޔައީ. މިހިސާބުން އަޅުގަނޑު ދެން މިރޭ ނިންމާލާނަން.
އަޅުގަނޑު ހިތުން މިއަދު އިޓްލޮސްއިން ނިމިގެން އެދިޔަ ނިންމުމަކީ، ބައިނަލްއަޤްވާމީ ހަމަތަކާއި، އުޞޫލުތަކާއި، މިންތަކާ އެއްގޮތަށް ރާއްޖޭގެ އިން ފުރިހަމަޔަށް ވަކިކުރެވިގެންދިޔަ ދިޔުން. އަޅުގަނޑުމެންނަކީ މިނިވަން އަދި ސަރަޙައްދު މުޅިން، މި ދެންނެވިހެން ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ވަކިކުރެވިފައި އޮތް ޤައުމަކަށް މިއަދު ވެގެން މިދިޔައީ. އަޅުގަނޑު ހިތުން މިއީ ދިވެހިރާއްޖެއަށާއި ދިވެހިންނަށާއި، އަޅުގަނޑުމެން އެންމެންނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.
އަޅުގަނޑުމެންނަށް މި ކަނޑައެޅިގެންދިޔަ ސަރަޙައްދު ޙިމާޔަތްކޮށް، މިއިން ލިބެން އޮތް އެންމެބޮޑު ފައިދާއެއް ރާއްޖެއަށާއި ދިވެހިންނަށް ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނަން.
އަދިވެސް އެއްފަހަރު، މި މަޢުލޫމާތުތައް ތިޔަބޭފުޅުން ރައްޔިތުންނާ ހިސާބަށް ރަނގަޅަށް ގެންގޮސްދޭނެކަމުގެ ޔަޤީންކަމާ އެކުގައި އަޅުގަނޑު މިރޭ ނިންމާލާނަން. |
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ދެކަނބަލުން، ދިވެހި ފުލުހުންގެ އިސް ވެރިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުނު މި އުފާވެރި މުނާސަބަތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ އެންމެހައި ފުލުހުންނަށާއި، ހުރިހާ މުވައްޒަފުންނަށް، އަދި ފުލުހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ދިވެހި ފުލުހުންގެ ޚިދުމަތުގެ މިދިޔަ 90 އަހަރުގެ ތެރޭގައި، މި ޚިދުމަތް ތަރައްޤީކޮށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރެއްވި، ކުރީގެ ޕޮލިސް ކޮމިޝަނަރުންނަށާއި، މި އިދާރާގެ ހީވާގި ހިންގުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަދި މިރޭ ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑެލް ޙާޞިލުކުރެއްވި ހުރިހާ ފުލުހުންނަށް ތަހުނިޔާ ދަންނަވަން. އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވައިގެންނާއި، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ހުރިހާ މުވައްޒަފުންނަށް ވެސް ތަހުނިޔާ ދަންނަވަން.
ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި، މި ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އަތުވެއްޖެ. އެންމެ މުހިންމު އެއް ބަދަލަކީ، ޢަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުން. އެބަދަލަށް މާގިނަ ދުވަސްތަކެއް ނުވިޔަސް، އަޅުގަނޑުމެން މި ބޭނުންވާ ޒަމާނީ ތަރައްޤީއާއި ކުރިއެރުން މިއަދު ފުލުހުންގެ ތެރެއިން ފެންނަމުން އެބަދޭ.
ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނަންޖެހޭ ޚިދުމަތެއް. އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީ ކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް.
ރައްޔިތުންގެ އުންމީދަކީ ހަމަޖެހުމާއި ޞުލްޙަވެރިކަން. ފުލުހުންގެ މަސައްކަތަކީ، ހަމަޖެހުމާއި ޞުލްޙަޔަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލުން. ރައްޔިތުން އެދެނީ، އެ މީހުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދޭން. ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަނީ، އަދި ރޭގަނޑުގެ އަރާމު ނިދި ދޫކޮށް، ޑިއުޓީއަށް ނުކުމެ އެ ތިބެނީ، ރައްޔިތުންނަށް އެ ޔަޤީންކަން ދޭން.
އެކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށްވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަރހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން.
އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް. މިކަމަށް ބޭނުންވާ ފުލުހުން ހޯދުމަށް އަޅުގަނޑުމެން މިހާރުވާނީ އެޕްރޫވްކޮށް، ފިނޭންސް މިނިސްޓްރީއާ އެކަން ހަވާލުކޮށްފައި.
ދިވެހިންގެ ވިސްނުމަށް އައި ހެޔޮ ބަދަލާއެކު، އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ޒަމާނީ ޓެކްނޮލޮޖީ އާއި ތަޢުލީމުގެ ވަރަށް ފަހި ރާސްތާއަކަށް. ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއެކު، ޢާންމު އެތައް ޚިދުމަތެއް މިހާރު ހުރީ އަތުގެ އިނގިލި ކުރިއަށް ތިލަވެފައި. ދިވެހި ފުލުހުންގެ ޚިދުމަތް ވެސް ކުރިއަރައި ތަރައްޤީވަމުން އެ އަންނަނީ އެ ބަދަލުތަކާ ފައިހަމަކުރަމުން.
އަޅުގަނޑުގެ އަމާޒަކީ، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭގޮތުން ތަޢުލީމާއި ތަމްރީނު ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެދުން. މީގެ އެއް އަހަރު ކުރިން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީނު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ، ވަރަށް ބޭނުންތެރި މުއައްސަސާއެއް.
ދިވެހި ފުލުހުންގެ ތެރޭގައި ވަރަށް ތަޢުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރުވެސް އެބަ ތިއްބެވި. ފުލުހުންގެ ތަޙުޤީޤުތައް މިހާރު ކުރިއަށް އެ ގެންދަނީ، ޒަމާނީ ޓެކްނޮލޮޖީ އާއި، އެ ބޭފުޅުންގެ ތަޢުލީމާއި ތަޖުރިބާގެ އަލީގައި. މިހެން ދަންނަވާއިރު ވެސް، ފުލުހުންގެ ތަޙުޤީޤާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް.
ތަޙުޤީޤު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަޙުޤީޤުގެ ހޯދުންތައް ޢާންމު ނުކުރާތީ، ނުވަތަ ތަޙުޤީޤު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއްފަހަރު ތަޙުޤީޤެއް ލަސްވުމަކީ، އެ ތަޙުޤީޤެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށް އެ ގެންދަވަނީ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި. ވަގުތު ނެގިޔަސް، އިންޞާފު ޤާއިމުކުރެވޭ މިންވަރަށް ތަޙުޤީޤު ފުރިހަމަކުރުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ފުލުހުންނަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެއްބޮޅު. އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް. އެއް ޤައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ޤައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް، މި ޒަމާނުގައި ކުރެވިދާނެ ކަމެއް. ބޯޑަރުތަކާއި ސަރަޙައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާޙައުލު ދަންނަ އެއްޗެއް ނޫން. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މި ރާއްޖެއަކަށް ނޫން. ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ.
އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެއަކީ ވެސް، ބައިނަލްއަޤުވާމީ ޢާއިލާގެ އެއްބައެއް. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން، އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުރޭ.
ދިވެހި ފުލުހުންނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި، ތައްޔާރީ ޙާލަތުގައި ތިބޭ ބައެއް. ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ، ފިކްސްޑް ނެޓްވަރކް ޑޭޓާބޭސް އާއި، ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމް، 2019 ވަނަ އަހަރުން ފެށިގެން ވަނީ ގުޅައިލާފައި. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ވެސް، 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައި.
މި ދެންނެވި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަރޕޯލް ގުޅައިލުމުން، ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ލިބެމުން ދާނެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މަޢުލޫމާތު، އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް، އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެ.
އަދި ފުލުހުންގެ ފްރޮންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މަޢުލޫމާތު، އިންޓަރޕޯލްގައި ހުރިނަމަ، އެ މަޢުލޫމާތެއްވެސް، އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް މިހާރު ފެންނާނެ. އަދި ރާއްޖޭގައި މި ވަގުތު ހުރި ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި ވެސް، މި ނިޒާމު ބޭނުންކުރެވޭނެ އިންތިޒާމު މިހާރު ހުރީ ހަމަޖެހިފައި. މިއީވެސް، ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި، ޓެރަރިޒަމާއި، އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށްވެސް، ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެއް.
އަޅުގަނޑުމެން އެންމެން ވެސް އުޅެމުން މިދަނީ ވަރަށް އަވަސްއަވަހަށް އަންނަ ބަދަލުތަކެއްގެ ދުނިޔެއެއްގައި. ކޮންމެ ރަނގަޅު ބަދަލަކާ ވިދިގެން ނުރަނގަޅު ބަދަލެއް އައުމަކީ ދުނިޔަވީ ސުންނަތެއް. ޒަމާނީ ޓެކްނޮލޮޖީއަކީ ޞިނާޢީ އިންޤިލާބު މިހާތަނަށް ގެނެސްދިން އެންމެ ހެޔޮ ބަދަލު. އެއާއެކު އެ ލިބުނު ރަނގަޅުގެ ނާޖާއިޒު ބޭނުން ހިފައިގެން، ކުށުގެ ވެށި ފުޅާކުރުމަކީ، އިންސާނުން ހަދާ އެންމެ ބޮޑު ގޯސް.
ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކާއި، މީހުންގެ ފުރާނަ އާއި މުދަލާއި، ފައިސާއަށް ދޭ ގެއްލުންތަކަކީ، މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އެފަދަ ކުށްތައް ދަނީ އިތުރުވަމުން. އަދި އޭގެ ބާވަތްތައް ވެސް ދަނީ ތަފާތުވަމުން. މިއީވެސް މި ޒަމާނުގެ ފުލުހުންގެ ޚިދުމަތްތަކުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމެއް.
މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރަމުން މި އަންނަނީ، ޒަމާނީ ޓެކްނޮލޮޖީއާއި، އައު ވިސްނުންތަކުގެ އަލީގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ މުއައްސަސާއެއްގެ ގޮތުގައި. އެގޮތުން، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން މިހާރުވަނީ، ބޮޑީ ވޯން ކެމެރާ އާއި، ޓޭޒަރ ގަން ބޭނުންކުރަން ފަށާފައި. މިކަމުގެ ސަބަބުން ކުށުގެ ވެށީގައި ޢާންމު ރައްޔިތުންނަށާއި، ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ކުރިއަށްވުރެ ފުޅާވެއްޖެ. އަދި ފްރޮންޓްލައިނަށް ނުކުންނަ ފުލުހުން ޒިންމާދާރު ކުރުވުމުގެ ދާއިރާވެސް ފުޅާވެއްޖެ.
އަދިވެސް ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް އެބަހުރި. އަދި ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައްވެސް އެބަހުރި. ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.
ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން. އެގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވިއްޖެ. މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރަރއިންގެ މުސާރައަށް ވެސް، މިދިޔަ މާރިޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިއްޖެ.
އިރާދަކުރެއްވިއްޔާ އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. އެ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ޕޭ ކޮމިޝަނުންނާއި، ހެލްތު މިނިސްޓްރީން މާދަމާ އިޢުލާނު ކުރާނެ.
އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލެއް ގެނެސްދޭނަން. އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން. މި ދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ.
ޢާންމު ރައްޔިތުންގެ ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން. ފުލުހުންނާއި ސިފައިންނަށްވެސް އެ ދަތިކަން އެބައޮތް. ޚާއްޞަކޮށް، ރަށުން ބޭރުގައި އަދި ޢާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިޙްސާސް ވަކިން ބޮޑަށް ކުރެވޭނެ. ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެ ފްލެޓްތައް ހަވާލުކުރެވޭއިރު، ރަނގަޅު ހެޔޮ ބަދަލެއް އަގަށް އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.
ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑު އަބަދުވެސް އެދެނީ، ފާގަތިކަމާއި ކުރިއެރުމަށް. އަޅުގަނޑުގެ އުންމީދަކީ، ދިވެހި ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ދިވެހި ފުލުހުން ހެދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ވީހާވެސް އަވަހަކަށް ފެނިގެންދިޔުން. ދިވެހި ފުލުހުންނަކީ ދިވެހި ދައުލަތަށް ވަފާތެރި، އަދި ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ތިބޭ ބައެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހި އުންމަތަށް ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި، ތަރައްޤީއާއި އުފާ ފާގަތިކަން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އާދެ، މާދަމާއިން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ. އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް، އެކަން ކުރެވިދާނެކަން މިއަދު އިޢުލާނު ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
މީގެ ކުރިން، ތަޢުލީމީ ދާއިރާގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް، އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެނެސްފިން. ޞިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައި ވަނީ އިންސާނީ ވަސީލަތްތަކާ. ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެ ބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން.
ރާއްޖޭގެ ޞިއްޙީ ނިޒާމަށް އާ ޚިދުމަތްތަކާއި ވަސީލަތްތައް އަޅުގަނޑުމެން މި އަންނަނީ ތަޢާރަފް ކުރަމުން. ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އެބަ ކުރިއަށްދޭ. ނަމަވެސް، މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިން މަދުވުން. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތިވުން. ޚާއްޞަކޮށް، ތަމްރީނު ލިބިފައިވާ ދިވެހިން މި ދާއިރާތަކަށް ނުލިބުން.
އަޅުގަނޑުގެ އުއްމީދަކީ، ޞިއްޙީ ދާއިރާގެ މުސާރައަށް މި ގެނެވޭ ހެޔޮ ބަދަލާއެކު، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން.
އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަކަށް ޙައްލު ލިބިގެންދާނެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުން. މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތް ކުރާ ބައެއް. އެ ފަންނުތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިވުމަކީ މި ދާއިރާއަށް ލިބޭނެ ކުރިއެރުމެއް.
ޞިއްޙީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެންނައިރު، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކުން، ކުރިއަށްދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރައެއް މިހާރު ވާނީ ކަނޑައެޅިފައި.
މީގެ ކުރިން، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރުގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20,459 ރުފިޔާ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29,271 ރުފިޔާ ލިބޭނެ. އަދި ސްޕެޝަލިސްޓް ނަރުހުންގެ މުސާރަ މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 41,976 ރުފިޔާގެ ގޮތުގައި ކަނޑައަޅާފައި.
މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރުގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28,727 ރުފިޔާ. މިހާރު މި ގެނެވޭ ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41,541 ރުފިޔާ ލިބޭނެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތަޢާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރުގަޑީގެ އެލަވަންސް ނުލައި 98,137 ރުފިޔާ ކަނޑައަޅާފައި. އިތުރުގަޑީގެ އެލަވަންސާއެކު، މި ދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެ.
މި ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓަރންޝިޕް ފުރިހަމަކުރާ ބޭފުޅުންނަށް އިންޓަރން އެލަވަންސެއް ދިނުމަށް އަޅުގަނޑުމެން ނިންމައިފިން. ރޭޑިއޭޝަން ތެރަޕިސްޓުންނާއި، މެޑިކަލް ފިޒިސިސްޓުންނާއި، ފާމަކޮލޮޖިސްޓުންނާއި، ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަޤާމުތަކުގައި މިވަގުތު ދިވެހިންނެއް ނެތް. އެހެން ނަމަވެސް، މިއީ ފަންނީ ދާއިރާތަކެއް. އަދި މުސާރަ ބޮޑު ވަޒީފާތަކެއް. ޞިއްޙީ ދާއިރާއިން ދިވެހިން މަދު މިފަދަ ފަންނުތަކުން މީހުން ބިނާކުރުމަށް ސްކޮލަރޝިޕާއި، ލޯނު ޕްރޮގްރާމްތައް ތަޢާރަފުކުރުމަށް ވެސް އަޅުގަނޑުމެން ވަނީ ނިންމާފައި.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މޭ 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވަރކަރުންނާއި، ސޯޝަލް ސަރވިސް ވަރކަރުން ހިމެނޭގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ނިންމައިފިން.
ސޯޝަލް ވަރކަރަކަށް މީގެކުރިން އިތުރުގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12,944 ރުފިޔާ. މި ބަދަލާއެކު، އިތުރުގަޑީގެ އެލަވަންސް ނުލައި އެވްރެޖްކޮށް މަހަކު 21,585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް.
ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި ގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާނެ.
މުސާރަތަކަށް މި ގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ކަމާބެހޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާ ޙިއްޞާ ކުރައްވާނެ.
ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި، ސަލާމަތީ ޚިދުމަތްތަކާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.
އަޅުގަނޑުގެ އުއްމީދަކީ، ޞިއްޙީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެންދިޔުން. އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވުން.
ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރާކަތް ލައްވައި، އެންމެހައި ދިވެހިންނަށް ފުރިހަމަ ޞިއްޙަތާއި، ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރަން ތާޖު ޤުރްއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، ރާއްޖެ ޓީ.ވީ.ގެ މެނެޖިންގ ޑިރެކްޓަރ، ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، ރާއްޖެ ޓީ.ވީ.ގެ ޗެއަރމަން އަކްރަމް ކަމާލުއްދީން، ރަން ތާޖު ޤުރްއާން މުބާރާތުގެ އެންމެހައި ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އެންމެ ފުރަތަމަވެސް ރަން ތާޖު ޤުރްއާން މުބާރާތުގެ ރަން ވަނަތައް ޙާޞިލު ކުރެއްވި ހުރިހާ ބައިވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މި މުބާރާތުގެ އޮޑިޝަންގައި ވާދަކުރެއްވި ހުރިހާ ބައިވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި ޚާއްޞަކޮށް މިރޭ ރަން ތާޖު ޙާޞިލު ކުރެއްވި، މި މުބާރާތުގެ 1 ވަނަ ހޯއްދެވި މުޙައްމަދު ސާއީ މުބާރިކް، ހޮޅުދޫ ސަރާ މަންޒިލަށް ވަރަށް ޚާއްޞަ މަރުޙަބާއަކާއި ހެޔޮއެދުންތައް ފޮނުވަން. ސާއީއާ އަޅުގަނޑާ މީގެކުރިން ބައްދަލުވި، ޤުރްއާން މުބާރާތެއްގެ އިނާމު ދިނުމުގެ ޖަލްސާއެއްގައި. އެރޭ އަޅުގަނޑު ކައިރީގައި ސާއީ ވިދާޅުވި. އަދި ރައީސޭ، ރަން ތާޖު މުބާރާތުގެ 1 ވަނައާ އެކީގައި ރައީސާ ބައްދަލުކުރާނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ބޮޑަށް މަރުޙަބާ.
އާދެ، ރަން ތާޖު ޤުރްއާން މުބާރާތަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު، މިފަދަ އެންމެ ކާމިޔާބު މުބާރާތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. މިފަދަ މަތިވެރި އަދި ބަރަކާތްތެރި މުބާރާތެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޔޫތު މިނިސްޓްރީއަށާއި، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށާއި އަދި ރާއްޖެ ޓީ.ވީ. އަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކުރިމަގުގައި މިއަށްވުރެ ވެސް ފުޅާގޮތެއްގައި އަދި މިއަށްވުރެ ވެސް ފުރިހަމައަށް މި މުބާރާތް އިންތިޒާމު ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
މި މުބާރާތުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި ފަންނު ލިބިފައިވާ ވަރަށް ގިނަ ޒުވާނުންތަކެއް ރާއްޖޭގައި އެބަތިބިކަންވެސް ސާބިތުވެއްޖެ. އެ ޒުވާނުންނަށް ބޭނުންވަނީ، އިތުރު ތަމްރީނާއި ތަޖުރިބާ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި، އެތައް ޙާފިޡުންނެއް އަޅުގަނޑުމެންގެ ތެރެއިން އުފެދިގެންދާނެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެފަދަ ހުނަރުވެރި ޙާފިޡެއް، ރާއްޖެއަށް ވަރަށް ރީތި ނަމެއް ހޯދައިދީފި. އާދެ، އެއީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 8ގެ ދަރިވަރު، ޢުމުރުން 14 އަހަރުގެ ފާޠިމަތު ޝާޔާ ޒާހިރު. މިޞްރުގެ އައުޤާފް މިނިސްޓްރީން އިންތިޒާމު ކުރި، ކީރިތި ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤުވާމީ 29 ވަނަ މުބާރާތުން، ޙާފިޡުންގެ ބައިން ފާޠިމަތު ޝާޔާ ވަނީ ފަޚުރުވެރި ދެވަނަ ޙާޞިލްކޮށްފައި. މިއީ އެންމެ މަތީ ފެންވަރުގެ ޤާރީންނާއި ޙާފިޡުން ވެސް ވާދަކުރި މުބާރާތެއް. އެހާ މަތީ ފެންވަރުގެ މުބާރާތަކުން އެހާ ފަޚުރުވެރި ވަނައެއް ހޯދިކަމަށްޓަކައި، ފާޠިމަތު ޝާޔާއަށާއި، ޝާޔާގެ މައިންބަފައިންނަށް ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.
ރަން ތާޖު މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް، ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައި އެބައޮތް. މިއީވެސް ރަން ތާޖު މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް. އާދެ، މި މުބާރާތުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި މީގެކުރިން ވާހަކަ ދެއްކެވި އަލްޤާރީ އިބްރާހީމް ޝިފާޢު ވިދާޅުވި ފަދައިންވެސް، އަޅުގަނޑުމެންގެ ތެރޭގައި އެތައް ހުނަރެއް ހުރި މޮޅު ދަރިވަރުންތަކެއް، ކުދިންތަކެއް ތިބިކަން ފާހަގަކުރައްވައިފި. އަދި މި މުބާރާތް މިއަށްވުރެ ފުރިހަމައަށް ބޭއްވޭނެ ގޮތްތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އަދި ބޭރުގެ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި، އަޅުގަނޑުމެން ކަން ކުރަންވީގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި.
އާދެ، މި މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން، އެފަދަ މުބާރާތްތަކުގައި ވާދަކުރެވޭނެ ޤާރީންނާއި ޙާފިޡުންނަކީ ކޮބައިކަން ފަނޑިޔާރުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. އެފަދަ ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީ، އިތުރު ތަޖުރިބާތައް ހޯދައިދީގެން، ކުރިއަށް ހުރި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް، ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.
ރަން ތާޖު މުބާރާތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، އަޅުގަނޑަށް މި މުބާރާތް ސިފަކުރެވެނީ، ހަމައެކަނި ބައިވެރިން ވާދަކުރާ ގޮތަށް އޮތް މުބާރާތެއް ނޫންކަމަށް. މިއީ، އެއަށްވުރެ މާ މާތް މަޤްޞަދުތަކެއް ޙާޞިލުކުރެވޭ ގޮތަށް، މާ ފުޅާ ދާއިރާއެއްގައި އިންތިޒާމުވެގެން ދިޔަ މުބާރާތެއް. އޭގެ ތެރެއިން އެއް ކަމަކީ، ޓްރެއިނަރުން ކަނޑައަޅައިގެން، މުބާރާތުގެ ބައިވެރިންނަށް ތަމްރީނު ދީފައިވުން. މީގެ ސަބަބުން މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
މި މުބާރާތުގައި ޤުރްއާނުގެ ޢިލްމުގެ ބަޔާއި، ޤުރްއާން ތަފްސީރުގެ ބައި ހިމަނާފައި އޮތުމަކީ، މި މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ އަނެއް ސަބަބު. މި ދެ ދާއިރާއަކީ، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތުގެ ތެރެއިން، ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ދެ ދާއިރާކަމަށް އަޅުގަނޑު ދެކެން.
ފުރިހަމަ މާނައިގައި ކީރިތި ޤުރްއާން އުނގެނުމަކީ، ޤުރްއާނުގެ ޢިލްމާއި، ޤުރްއާނުގެ ތަފްސީރު ވެސް އުނގެނި ދަސްކުރުން. ކީރިތި ޤުރްއާނުން އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަށް ލިބެންވާ އާރޯކަމާއި ތާޒާކަން އެންމެ ފުރިހަމަގޮތުގައި ލިބޭނީ، އެ ދެބައި ވެސް އުނގެނި ދަސްކޮށްގެން. އެހެންކަމުން، އެ ދެ ދާއިރާގެ ޢިލްމު ފުޅާކުރުމަށް، ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން.
މި މުބާރާތުގައި ވާދަކުރި ހުރިހާ ބައިވެރިންނަށާއި، ރަން ވަނަތައް ޙާޞިލުކުރި ބައިވެރިންނަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމަކީ، ހަމައެކަނި މުބާރާތެއްގައި ވާދަކުރުމަށް، ނުވަތަ ރަން ވަނައެއް ހޯދުމަށް ކުރާ ކަމަކަށް ނުހަދައްޗޭ. އެއީ އެއަށްވުރެ މާ މަތިވެރި، މާ މުޤައްދަސް އަޅުކަމެއް. ޤުރްއާނުގެ އަހުލުވެރިއަކަށް ވާންވީ، އޭގެ ހިޔަލުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފިޔަވަޅުތައް އަޅަމުން ދިއުމަށް. ކީރިތި ޤުރްއާން އުނގެނި ދަސްކުރަންވީ، އެ މަތިވެރި ފޮތުގެ ނޫރުން އަޅުގަނޑުމެންގެ ދެ ދުނިޔެ ހުޅުދާން ކުރުމަށް.
މިފަދަ ޤުރްއާން މުބާރާތްތަކުން އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ އުފާވެރި އަނެއް ކަމަކީ، ޤުރްއާން ކިޔެވުމާއި، ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވާ ކުޑަކުދިންނާއި ޒުވާނުންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން. އަދި ބޮޑެތި ބޭފުޅުންގެ ތެރޭގައިވެސް އެ ޝައުޤުވެރިކަން އަންނަނީ އިތުރުވަމުން. މިއީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް އަޅުގަނޑު ދެކެން.
މި މުހިންމު މުބާރާތް ވަރަށް ފުރިހަމަ އިންތިޒާމެއްގެ މަތިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ރާއްޖެ ޓީ.ވީ.ގެ ހިންގުންތެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ރާއްޖެ ޓީ.ވީ.އަކީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު އިތުބާރަކާއި، ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީޑިއާއެއް.
އަދި ކީރިތި ޤުރްއާން ކިޔެވުމުގެ މިހާ ފުރިހަމަ މުބާރާތެއް، މުޅި ރާއްޖެއަށް ހުޅުވާލައިގެން، ކުރިއަށް ގެންދިއުމާއެކު، ރައްޔިތުންގެ ހިތްތަކުގައި ރާއްޖެ ޓީ.ވީ. އަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ކަމަށް އަޅުގަނޑު ދެކެން. މިއީވެސް ރައްޔިތުންނަށްޓަކައި ތިޔަބޭފުޅުން ކޮށްދެއްވާ އަގުހުރި ޚިދުމަތެއް. ރައްޔިތުންނާ ގުޅުންހުރި މިފަދަ ދާއިރާތަކުން ރާއްޖެ ޓީ.ވީ.ގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ހިތްވަރާއި ހެޔޮ ތައުފީޤު ތިޔަބޭފުޅުންނަށް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
އާދެ، މާދަމާ އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ މި އަހަރުގެ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް. އެހެންކަމުން، މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ މަސައްކަތްތެރިންނަށާއި، މަސައްކަތްތެރިންގެ ޢާއިލާތަކަށްވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު މިރޭ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، ރަން ތާޖު މުބާރާތުގެ ހުރިހާ ބައިވެރިންނަށާއި، ރަން ވަނަތައް ޙާޞިލު ކުރެއްވި ހުރިހާ ބައިވެރިންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، މިފަދަ ފެންވަރު މަތީ މުބާރާތްތަކުން އަޅުގަނޑުމެންގެ ހިތްތަކުގައި ކީރިތި ޤުރްއާނާ މެދު ލޯބި އިތުރުވެ، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ވަރުގަދަވެގެން ދިއުން.
އަޅުގަނޑުގެ ދުޢާއަކީ، ކީރިތި ޤުރްއާނާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި އިތުރުކޮށް، ދެ ދުނިޔޭގެ ނަސީބުވެރިން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން
އެންމެންނަށް މިންވަރު ކުރެއްވުން. އިސްލާމްދީން ގެނެސްދިން، ޞުލްޙަ މަސަލަސްކަމާއި، އަމާންކަމާއި، ހަމަޖެހުމުގެ ތެރޭގައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، ރާއްޖެއަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، އެ ކަމަނާގެ ފިރިކަލުން، ދައުލަތުގެ ވަޒީރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 130 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ހުރިހާ ރޭންކުތަކުގެ ސިފައިންނަށާއި، ސިފައިންގެ ޢާއިލާތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މީގެ ކުރިން ޢަސްކަރިއްޔާގައި ޚިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށްވެސް، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
އާދެ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިން. ދިވެހިންގެ ލޭގައި ހިނގާ މިނިވަންކަމުގެ ވިންދަކީ، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން. ދިވެހި ޤައުމިއްޔަތުގެ ދިރުމަކީ، ޤައުމަށްޓަކައި ޤުރުބާންވާން ތިޔަ ހިތްވަރުގަދަ ފަހުލަވާނުންގެ ހިތްތަކުގައި ސާބިތުކޮށްފައިވާ ދެގޮތެއްނުވާ ވަރުގަދަ ޢަޒުމް.
ހިންދު ކަނޑުގެ ތެރެއިން މަހަލްދީބުގެ ތާރީޚު ލިޔަން ފެށީއްސުރެ މިއަދާ ހަމައަށްވެސް، ދިވެހިންގެ ކުރިމަތީގައި އެންމެ އަގުބޮޑު އެއްޗަކީ މި ރާއްޖޭގެ މިނިވަންކަން. އެ މިނިވަންކަން ދިފާޢުކޮށްދެނީ އެއިރަކު މި ރާއްޖޭގައި ތިބޭ ޢަސްކަރީންގެ ޤައުމީ ޖިހާދު. ޢަލީ ރަސްގެފާނުގެ ޒިކުރާ އަޅުގަނޑުމެން މިހާރުވެސް އާކުރަމުން މި އަންނަނީ، މި ދެންނެވި ޤައުމީ ޖިހާދުގެ ސަބަބުން.
އުތީމު މަހާރަދުންނަށް ޝުކުރުގެ ޖިޒީތައް މިއަދުވެސް އަޅުގަނޑުމެން ބަރުތީލަކުރަނީ، ހަމަ ދިވެހި ޢަސްކަރިއްޔާގެ ޤައުމީ ޖިހާދުން ލިބިދޭ މަދަދުން. ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވަނީ، އެއިރުގެ ދިވެހި ސިފައިންގައި ހުރި ފަންވަރާއި ހިތްވަރުގެ ސަބަބުން.
ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމާއި، ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި، ނަން ފެވިގެންދިޔަ ދިވެހި ސިފައިންނަކީ، މި ދެންނެވި ޤައުމީ ބަޠަލުންނާއި ހިތްވަރުގަދަ ދިވެހި ފަހުލަވާނުންގެ ވިންދާއި ދިރުން، އަޅުގަނޑުމެންގެ މި ޖީލަށްވެސް ވާރުތަވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް.
އާދެ، މިއަދު އެ މަތިވެރި ޤައުމީ ވާޖިބާ ޙަވާލުވެ ތިބީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިން. ބަވަނަވަމުން މިދާ ދުނިޔޭގައި، ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މި ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރުވެސް، މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި.
ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން. ޓެރަރިޒަމްގެ އުކުޅުތައްވެސް ދަނީ ބަދަލުވަމުން، ނުރައްކާތެރިކަން އިތުރުވަމުން. އެތެރެއާއި ބޭރުންވެސް އެ ނުރައްކާތައް އަންނަނީ އަޅުގަނޑުމެންނާ ކުރިމަތިވަމުން.
އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ތިޔަ ހިތްވަރުގަދަ ސިފައިން. އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެން.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން، މަދަނީ އެތައް ޚިދުމަތްތަކެއްވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ވަރަށް ވަރުގަދަ ޤައުމީ މުއައްސަސާއެއް. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމާއި، މަސްވެރިން ޙާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކޯސްޓްގާޑުން އަދާކުރަމުން އަންނަނީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެއް. ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައިވެސް ދިވެހި ސިފައިން ދެމުން އަންނަނީ ވަރަށް އަގުހުރި ޚިދުމަތެއް.
ވައިގެ މަގުންނާއި ކަނޑުމަގުން، އެކި ތަންތަނަށް ބަލިމީހުން އުފުލައިދިނުމުގައިވެސް ދިވެހި ސިފައިން ކުރަމުން އަންނަނީ އަގުނުކުރެވޭހާ ބުރަ މަސައްކަތްތަކެއް. މިދިޔަ އަހަރު އެކަނިވެސް، މެޑިކަލް އިވެކުއޭޝަންގެ 16921 އޮޕަރޭޝަން، ދިވެހި ސިފައިން ވަނީ ކާމިޔާބުކަމާއެކު ހިންގާފައި. އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ސަލާމަތްކުރުމުގައިވެސް، އެންމެ މުހިންމު މަސައްކަތެއް ކުރަމުން އަންނަނީ ދިވެހި ސިފައިން.
އެނގިވަޑައިގަންނަވާނެ، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ރަށްރަށަށް އުދައަރާ މިންވަރު ވަރަށްބޮޑުތަން އިތުރުވެއްޖެ. އުދައަރައިގެންނާއި ވާރޭވެހިގެން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތައްވެސް އިތުރުވެއްޖެ. އެފަދަ ޤުދުރަތީ ހާދިސާތަކުގައިވެސް، މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ސަލާމަތްކުރުމުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުން އަންނަނީ ދިވެހި ސިފައިން.
ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހު ކުރި ބުރަ މަސައްކަތްތަކުގައި، ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި ދިވެހި ސިފައިން ވަނީ ވަރަށް ފުރިހަމަ ދައުރެއް އަދާކޮށްފައި. އެ ޙަރަކާތްތަކުގެ ލޮޖިސްޓިކް ގިނަ މަސައްކަތް ކޮށްދިނީ ސިފައިން. ބަލިމީހުން އެކަހެރިކޮށްގެން ބަލަހައްޓާނެ ފެސިލިޓީތައް ބިނާކޮށްދިނުމާއި، ކަރަންޓީނު ކުރަންޖެހޭ މީހުންނާއި، އެކަހެރިކުރަންޖެހޭ މީހުން ބައިތިއްބާ ފެސިލިޓީތައް ހިންގުމުގައިވެސް ސިފައިން އަދާކުރެއްވި ދައުރު، ދިވެހި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ.
ސިފައިންގެ ސެނެހިޔާ ޢަސްކަރީ ހޮސްޕިޓަލުން ހިންގި ފުލޫ ކްލިނިކަކީ، ރާއްޖޭގައި ކޯވިޑް-19 އާ ގުޅިގެން މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްދިން ފުލޫ ކްލިނިކް. ކޯވިޑުން ދިފާޢުވުމަށް ސަރުކާރުން ހިންގި ވެކްސިން ޕްރޮގްރާމްގައިވެސް، ދިވެހި ސިފައިންވަނީ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާފައި.
އަޅުގަނޑު މިހެން ދެންނެވިޔަސް، ކޯވިޑުގެ ތެރޭގައި ދިވެހި ސިފައިން ރައްޔިތުންނަށް ކޮށްދެއްވާފައިވަނީ، ބަޔާންނުކުރެވޭހާ ފުރިހަމަ އިންސާނީ ޚިދުމަތެއް. ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލް-ކޯވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް އަޅުގަނޑު ވާނީ މީގެކުރިން ނިންމާފައި.
ޢަސްކަރިއްޔާއެއްގެ ވާޖިބުތަކާއި ޒިންމާތަކަކީ ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ނިމިގެންދާ މަސައްކަތެއް ނޫން. ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ޤައުމީ ޚިދުމަތުގައި ސިފައިން ސާބިތުވެ ތިބުމުގެ ފަހަތުގައިވަނީ، ސިފައިންގެ ޢާއިލާތަކުން ވަމުންދާ މަތިވެރި ޤުރުބާނީ. ޢާއިލާއާ ވަކިން އެތައް ދުވަހެއް ވަންދެން ޤައުމީ ޚިދުމަތުގައި ސިފައިން ދެމިތިބޭއިރު، ކެތްތެރިކަމާއެކު ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.
އެފަދަ އެއް ބަޔަކީ، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގައި ޚިދުމަތް ކުރުމަށް މިވަގުތު ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ސިފައިން. އެ ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، ދިވެހި ސިފައިން ކުރަމުން އެ އަންނަނީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ދާއިރާއިން ވަރަށް މުހިންމު މަސައްކަތްތަކެއް. މި ދެންނެވި ސިފައިން ޤައުމުން ބޭރުގައި ޚިދުމަތް ކުރަމުން އަންނައިރު، އެ ބޭކަލުންގެ ޢާއިލާތަކުން ވަމުން އެ އަންނަނީ ވަރަށް މަތިވެރި ޤުރުބާނީއެއް.
އާދެ، ބައިނަލްއަޤްވާމީ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގަޔާއި، ދިވެހި ރައްޔިތުންނަށް މަދަނީ ޚިދުމަތްތައް ދިނުމުގައި ދިވެހި ސިފައިން ބައިވެރިވަމުން އެ އަންނަނީ، ޢަސްކަރިއްޔާއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި، އުފުލަންޖެހޭ ޒިންމާތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން.
ދިވެހިރާއްޖޭގެ މިނިވަންކަމުގެ މަރުކާއަކީ، ފަޚުރުވެރި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން. އެހެންކަމުން ޢަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ.
ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި. ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން.
މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި. ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 1989 ވަނަ އަހަރު. އޭރު އަންހެން ސިފައިންނަށް އޮތް ޒިންމާއަކީ އިދާރީ މަސައްކަތްތައް ކުރުން. ނަމަވެސް، މިއަދުގެ އަންހެން ސިފައިންނަކީ، އެންމެފަހުގެ ޢަސްކަރީ ތަމްރީނުތައް ހޯދައިގެން، ޤައުމުގެ ދިފާޢުގައި އެންމެ ކުރީ ސަފަށް ނުކުންނަން ތައްޔާރަށް ތިބި ބައެއް.
އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށްވެސް މިހާރު ކުރިއަށް ދެވޭނެ. އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް އަޅުގަނޑުމެން ފުރުޞަތު ދޭނަން. ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރު ވަނީ އަންހެން ސިފައިން ހަމަޖައްސާފައި. އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ، ސިފައިންގެ ލަފާދޭ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން.
ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރަޙްމަތްތެރި ހެޔޮއެދޭ ޤައުމުތަކުން މިކަމުގައި ވެދޭ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން. ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އަޅުގަނޑުމެން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައި.
އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެ ރަޙްމަތްތެރިކަމުގެ ތަރަހައަކީ އިޙްތިރާމާއި އިތުބާރާއި ޔަޤީންކަން. ސިޔާސީ ގުޅުންތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބެނީ އިޙްތިރާމާއި ޤަދަރު. އިތުރަށް ކަށަވަރުވަމުން ދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އެ ޤައުމުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަން.
ތިޔަ ހިތްވަރުގަދަ ސިފައިންވެސް، އެންމެ މުޤައްދަސް ވާޖިބެއް ކަމުގައި ދެކޭނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުންކަން އަޅުގަނޑަށް ޔަޤީން. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް. އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އަޅުގަނޑުމެން ދިވެހިންވެސް އަދާކުރަންޖެހޭ ދައުރެއް އެބަވޭ. މިއަދުގެ ދިވެހި ޢަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ޤަބޫލުކުރަން.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި. އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ. އެއަށްވުރެ މަތީ ޒިންމާއެއް ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައެއް ނޯންނާނެ.
އިދާރީ ހިންގުންތެރިކަމުގެ ރޮނގުންވެސް ދިވެހި ޢަސްކަރިއްޔާ ޒަމާނީ ކުރުމުގެ މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރުތަކުގައި ކުރެވިއްޖެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ސިފައިންގެ ތެރޭގައި ޢަސްކަރީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުން. ސިފައިންގެ އަދަބު އަޚްލާޤު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިއަދު އަޅަމުން އެ އަންނަނީ އެ ނިޒާމުގެ ތެރެއިން.
ފަންނީ ގޮތުންނާއި ޢަސްކަރީ ޤާބިލުކަމުގެ ގޮތުން ދިވެހި ޢަސްކަރިއްޔާ ޒަމާނީކުރުމަށް، މިދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެ ރޮނގުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދުދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ކުރައްވާ ބުރަ މަސައްކަތްތައް އަޅުގަނޑަށް ވަރަށް ގާތުން ފެނޭ.
އެ ބޭފުޅުންނާއެކު ޖެނެރަލް އޮފިސަރުންވެސް ކުރައްވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއްކަން އަޅުގަނޑު ފާހަގަކުރަން. ހަރުދަނާ ވެރިންތަކެއްގެ އިރުޝާދުގެ ދަށުން، މުޅި ޢަސްކަރިއްޔާ މިއަދު މަސައްކަތް ކުރަމުން އަންނަނީ، ވަރަށް ބަދަހި އެއް ޢާއިލާއެއްގެ ގޮތުގައި.
އެކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އަދި ޖެނެރަލް އޮފިސަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ވަރުގަދަ ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ދެމިއޮތުމަށް، އެއް ޢަޒުމެއްގައި ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ހުރިހާ ރޭންކުތަކުގެ ސިފައިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ. ދިވެހިންގެ ނަޞްރާއި ނަޞީބާއި ކާމިޔާބުގެ ރަމްޒަކީ ހިތްވަރުގަދަ ދިވެހި ސިފައިން. ދިވެހި ކޮންމެ ފަރުދަކުވެސް، ދިވެހި ޢަސްކަރިއްޔާއަށް އެދެނީ ކުރިއެރުމާއި ކާމިޔާބީ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ރައްކާތެރިކުރުމުގައި ސާބިތުވެ ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންނަށް، اللهُ سُبْحَانَهُ وَتَعَالَى އަބަދުވެސް ނަޞްރު ދެއްވުން. އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ދިވެހި ސިފައިން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ދިވެހި ސިފައިންނަށް ހިތްވަރާއި ސާބިތުކަން މިންވަރުކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޖީހާން، ޔުނިސެފުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މަހާސިންތާއެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި މަހާސިންތާގެ އެންމެހައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ތިޔަބޭފުޅުންގެ މަސައްކަތަށް ފުރިހަމަ ކާމިޔާބަށް އެދެން.
މި އަހަރުގެ ތެރޭގައި އަޅުގަނޑު ވަރަށްގިނަ ބައްދަލުވުންތަކަށް، ވަރަށްގިނަ ކޮންފަރެންސްތަކަށް، މަހާސިންތާތަކަށް ދެވިއްޖެ. އެހެން ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް މި އަހަރުގެ ތެރޭގައި އާދެވުނު އެންމެ މުހިންމު، އެންމެ ބޭނުންތެރި ބައްދަލުވުމަކީ މިއީ.
އަޅުގަނޑުމެން މި ދައްކަނީ ރާއްޖޭގެ މުސްތަޤްބަލް އޮންނާނެ ގޮތް. ރާއްޖޭގެ މުސްތަޤްބަލް ބިނާކުރާނެ ގޮތުގެ ވާހަކަ. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރެވި، ކުޑަކުދިންނަށް ރަނގަޅު މާޙައުލެއްނެތި، ޤައުމުގެ މުސްތަޤްބަލެއް ރަނގަޅަކަށް ބައްޓަން ކުރެވިގެނެއް ނުދާނެ. އެކަމަށްޓަކައި މި މަހާސިންތާ އިންތިޒާމު ކުރެއްވި ކަމަށްޓަކައި، އަދިވެސް އެއްފަހަރު ނިޢުމާތު ޝަފީޤަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
މި މަހާސިންތާއަކީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. މި މަހާސިންތާ މި ބޭއްވެނީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައި. އަދި ކުޑަކުދިންގެ ޙައްޤުތަކާ މެދު ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ ދުވަސްވަރެއްގައި. ހަމައެފަދައިން، ކުޑަކުދިންގެ ޙައްޤުތަކުގެ ޙިމާޔަތުގައި މަދަނީ ޖަމުޢިއްޔާތަކުން ކުރާ މަސައްކަތްވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައި.
ޙަޤީޤަތުގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު، އެތައް ދުވަހެއް ވާންދެން ބަދަލެއް ނުގެނެސް އޮތުމަށްފަހުގައި ގެނެވުނު ބޮޑެތި ބަދަލުތަކާ އެކުގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިކުރާ މަސައްކަތުގައި، ހުރިހާ ފަރާތަކަށް އުންމީދެއް ލިބިއްޖެ. ކަންތައްތަކެއް ކުރެވިދާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނަށާއި ބެލެނިވެރިންނަށާއި، ޖަމުޢިއްޔާތަކަށް ލިބިއްޖެ. އެހެންކަމުން، މިފަދަ ދުވަސްވަރެއްގައި މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ވަރަށްބޮޑު ހެޔޮ ފާލެއް. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ. ކުޑަކުދިންގެ ޙައްޤުތަކަށް ކުރިމަތިވާ ހުރަސްތަކަކީ ކޮބައިކަން، ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވޭނެ. ބައިވެރިންގެ މަޝްވަރާތަކާއި ޚިޔާލުތައް ފުރޭނި، އަޅުގަނޑުމެން ބޭނުންވާ އަރަގުކޮޅު ހޯދައިގަނެވޭނެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމުގައި އަޅުގަނޑުމެން ކަންކަން ކުރަމުން މި އަންނަނީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައި. އެއީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ.
މިފަދަ މަހާސިންތާއެއްގައި ހުންނައިރު، އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މިފަދަ މަސައްކަތްތަކެއް މިހާރު ފަށްޓައިގެން ކުރިއަށް އެބަގެންދޭ. "އިބަމަ"އިގެ ނަމުގައި "އިޖުތިމާޢީ ބަދަހި މަދަދުވެރި"ގެ ނަމުގައި ފަށައިގެން ކުރިއަށް އެގެންދާ މަސައްކަތަކީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ހުރިހާ މުއައްސަސާއެއްގެ ބައިވެރިން އެއްތަންވެ، އެކުގައި މަސައްކަތް ކުރުމަށް އިންތިޒާމު ކުރެވިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް. މިކަމުގައި ޔުނިސެފްގެ ފުރިހަމަ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުންދާކަން އަޅުގަނޑު މިއަދު ފާހަގަކޮށް، ޔުނިސެފަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
މި މަހާސިންތާގެ ބައިވެރިންގެ މެދުގައި ވަރަށް ބަދަހި ގުޅުމަކާއި ގާތްކަމަކާއި އެކުވެރިކަމެއް އޮތް ތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޝާމިލުވާ ހުރިހާ މުއައްސަސާތަކެއްވެސް، ކޮންމެ ދުވަހަކުވެސް ހަމަ މިހާ އެކުވެރި ރޫޙެއްގައި މަސައްކަތް ކުރުން.
ކިތަންމެ ގިނަ ޤާނޫނުތަކެއްވެސް ހެދިދާނެ. އަދި ޤަވާޢިދުތައްވެސް ހަރުކަށި ކުރެވިދާނެ. ނަމަވެސް، އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނެރެވޭނީ، މުޅި ދައުލަތް އެކުގައި މަސައްކަތް ކޮށްގެން. ރައްޔިތުންވެސް، ސަރުކާރުގެ މުއައްސަސާތައްވެސް، ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތައްވެސް، އަދި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައްވެސް، އެއް ވާނެއްގައި މަސައްކަތް ކޮށްގެން.
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމާ ގުޅޭގޮތުން ޤައުމީ ސިޔާސަތުތައް އެކަށައަޅާއިރުވެސް، ސަމާލުކަން ދޭންޖެހޭނީ، ކުޑަކުދިންނަށް އެންމެ މަޞްލަޙަތު ހުރި ގޮތަކަށް އިސްކަންދިނުމަށް. ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދުމަކީ ވަރަށް މުހިންމު ކަމެއް.
ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލާއިރު، އަޅުގަނޑުމެން މިހާރުވެސް މި އަންނަނީ ދަރިވަރުންގެ މަޝްވަރާއާއި ޚިޔާލު ހޯދަމުން. މިނޫން ދާއިރާތަކުންވެސް ސިޔާސަތުތައް އެކުލަވައިލުމުގައި ކުޑަކުދިން ބައިވެރިކޮށް، އެ ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށްދިޔުމުން، ޙާޞިލުކުރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
މި މަހާސިންތާގެވެސް އެންމެ މުހިންމު އެއް ބޭނުމަކީ، ކުޑަކުދިންގެ ޙައްޤުގައި ކުރާ މަސައްކަތްތައް ރާވައި އިންތިޒާމު ކުރުމުގައި، ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމުގެ ރޫޙު އާލާކުރުން. ހަމައެފަދައިން، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުން.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހޭ. މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ސަލާމަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ. މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެހުމުން، އިތުރު އެތައް ކުށްތަކަކަށް އެ ކުދިން ހުށަހެޅިގެން އެބަދޭ. އެކަމުގެ ސަބަބުން، ޒުވާން ޢުމުރުގައި ލިބެންޖެހޭ އެތައް ޙައްޤުތަކަކުން އެ ކުދިން އެބަ މަޙްރޫމްވޭ.
ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިންވެސް މަދެއް ނޫން. ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާ ލިބޭ ކުދިން އެބައުޅޭ. ނަފްސާނީ އަނިޔާތައް ތަޙައްމަލުކުރާ ކުދިންވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބި. އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން. މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް.
މިއަދު ތިޔަބޭފުޅުން އެއްތަންވެ، މަޝްވަރާއަށް ތައްޔާރުވެގެން ތިޔަ ތިއްބެވީ، މުޅި ނިޒާމު އެކުގައި ޙަރަކާތްތެރިވެ، ކުޑަކުދިން ރައްކާތެރި ކުރެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށް. އަދި މި ދެންނެވި ޒިންމާ މުޅި މުޖުތަމަޢުން އުފުލުމުގައި ޢަމަލުކުރަންވީ ގޮތްތައް ކަނޑައެޅުމަށް.
އާދެ، ދިރިހުރުމުގެ ޙައްޤާއެކު، ކުޑަކުއްޖަކަށް ލިބެންޖެހޭ އެންމެ މުހިންމު އެއް ޙައްޤަކީ، މައިންބަފައިންގެ ލޯތްބާއި އަޅާލުމާއެކު، ހެދި ބޮޑުވުމުގެ ފުރުޞަތު ފަހިވުން. އެ ކުދިންގެ ދިރިއުޅުން ސީދާވުމާއި ނުވުން ބިނާވެފައި މި އޮންނަނީ އެކަމުގެ މައްޗަށް. އެހެންވިޔަސް، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ މަދު ކުދިންކޮޅެއް ނަމަވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބި.
ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން، އެ ލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ. އެފަދަ ޙާލަތަކަށް ކުޑަކުދިންތަކެއް ދިޔުމުގައި، އެ ކުދިންގެ މައިންބަފައިންނަށް މެދުވެރިވި ބައެއް ޙާލަތްތަކާއި، އެނޫން ވަރަށް ގިނަ ސަބަބުތައްވެސް އެބަހުރި.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، އެކަމަށް އޮތް ޙައްލެއް ނޫން. މިހާރަށްވެސް އަދި އެ ކުދިންގެ ކުރިމަގަށްވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖުތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން. ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި، ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެށްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައި.
ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން. ޢާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވިވަރަކުން. އެހެންކަމުން، ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް އެބަ ހިންގަން.
މައިންބަފައިންނާ ވަކިން ދިރިއުޅޭ އިތުރު ކުދިންތަކެއް ދެކޭކަށް އަޅުގަނޑުމެން އެކަކުވެސް ނޭދޭނެ. އެ މައްސަލަ ޙައްލު ކުރެވޭނީ، އެ ކުދިންގެ ޙައްޤުތައް ގެއްލުމަށް މެދުވެރިވާ ހުރިހާ ހުރަސްތަކެއް ނައްތައިލައިގެން. މިއަދުގެ ކުޑަކުދިން، މާދަމާގެ ހަރުދަނާ މައިންބަފައިންގެ ގޮތުގައި ފެންނާނީ، ކުށުގެ ވެށިން އެ ކުދިން ދުރުކޮށް، ރިވެތި އަޚްލާޤުގެ މަތީގައި، އެ ކުދިން ތަރުބިއްޔަތުކޮށްގެން.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އުފެއްދުމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ކުޑަކުދިންގެ ޙައްޤުގައި ސަރުކާރުން ކުރާ ކަންކަން، ގާތުން ބަލައި ފާރަވެރިވާނެ މިނިވަން މުއައްސަސާއެއް އޮތުމުން، ސަރުކާރުން ކުރާ މަސައްކަތްތައް، ހަރުދަނާ ގޮތެއްގައި ރަނގަޅު މިޞްރާބަކުން ގެންދިޔުމަށް ވަރަށް ބޮޑު ބާރަކަށްވޭ.
މި މަހާސިންތާއަކީ އެގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންގެ މަޝްވަރާތަކުގައި، މިފަދަ ހުރިހާ ކަންކަމާމެދު ވިސްނަވައި، އެކަށީގެންވާ ޙައްލުތަކެއް ހޯއްދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ތިޔަބޭފުޅުން ނިންމަވާ ކަންތައްތައް ތަންފީޒު ކުރުމުގައި، ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ބައިވެރިވުން އެންމެ ފުރިހަމައަށް ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެން އެންމެންނަކީވެސް، ކުޑަކުދިން ދެކެ ލޯބިވާ، އެ ކުދިންނާ އޯގާތެރިކަމާއެކު މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރައްވައި، އެކަމަށް މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަޙީދާ، ކޮމިޝަންގެ މެންބަރުން، ދިވެހި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިރެޔަކީ އަޅުގަނޑަށްވެސް ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވޭ ރެއެއް. އަޅުގަނޑުގެ ޙަޔާތުގެ ވަރަށް މުހިންމު ދުވަސްތަކެއް، އާދެ، އެންމެ ޒުވާން ދުވަސްވަރު އަޅުގަނޑުވެސް ހޭދަކުރީ ބްރޯޑްކާސްޓިންގގެ ދާއިރާގެ ތެރޭގައި. އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި ވަރަށްގިނަ ބޭފުޅުން މިތަނުން އެބަ ފާހަގަކުރެވޭ. މަރްޔަމް، ޠައްޔިބު، މޮންދު، ޚަލީލް. އަދިވެސް އަޅުގަނޑަށް ދުރުން ނަމަވެސް ވަރަށްގިނަ ބޭފުޅުން އެބަ ފާހަގަވޭ. އަޅުގަނޑުގެ ފުރަތަމަ ބޮސްއަކީވެސް، ވެރިޔަކީވެސް ބްރޯޑްކާސްޓިންގ ދާއިރާގެ ބޭފުޅެއް. ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރެއްވި މަޝްހޫރު ޙުސައިން ޝިހާބަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ ބޮސް. އަދިވެސް އެ އިޙްތިރާމާއި، އެ ޤަދަރު ޙުސައިން ޝިހާބާ ދޭތެރޭގައި އަޅުގަނޑުގެ އެބައޮތް. ޙުސައިން ޝިހާބުގެ ފަރާތުން ގިނަ ކަންތައްތަކެއް އަޅުގަނޑަށް ދަސްވެގެންދިޔަ.
އާދެ، 60 އަހަރު ފަހުން ނަމަވެސް، ލަސްވިޔަސް، މިއީ ކުރަން ޖެހިފައި އޮތް ކަމެއް. މިކަމަށްޓަކައި މިކަން އިންތިޒާމުކޮށް، ފަށައިގެން ކަމަށްޓަކައި މިހާރުގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުރިހާ މެންބަރުންނަށް، ޚާއްޞަކޮށް، އެ ކޮމިޝަންގެ ރައީސަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ރާއްޖޭގައި ބްރޯޑްކާސްޓިންގ އުފެދިގެން އައި ގޮތުގެ ރިޕޯޓް، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ރާއްޖޭގައި ބްރޯޑްކާސްޓިންގ ފެށިގެން އައީ، އޭގައި ބުނިގޮތުން ކަމަށްވަންޏާ، ރާއްޖޭގެ ދެކުނުގައި އުފެދުނު ގަޑުބަޑެއްގެ ވާހަކަ، ސަރުކާރުން ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައި. އެހެން ނަމަވެސް، އޭގެ ފަހުން ބްރޯޑްކާސްޓިންގގެ ދާއިރާއިން ރާއްޖޭގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެން ހިނގައްޖެ.
ބްރޯޑްކާސްޓިންގއަކީ، ހަޤީޤަތުގައި އިންސާނުންގެ ބަހުރުވައާއި ބަސްމޮށުންތެރިކަމާ ގުޅިފައިވާ އެއްޗެއް ނުވަތަ ކަމެއް. ފަހުޒަމާނަށް ދުނިޔެ ބަދަލުވާން ފެށިއިރު، ބްރޯޑްކާސްޓިންގގެ ގޮތުގައި ފެށުނީ، ރޭޑިއޯގެ ޚިދުމަތް. ދުނިޔޭގެ ތާރީޚު މިއަދާ ހަމައަށްވެސް، ގިސްލާ އެއްކަމަކީ، ދެވަނަ ބޮޑު ހަނގުރާމަ. އެ ހަނގުރާމައިން އިންސާނިއްޔަތަށް ދިން ގެއްލުމާއި، ހަލާކު ބޮޑު. ހަމަ އެގޮތަށް، ދެވަނަ ބޮޑު ހަނގުރާމަ ދިން ފިލާވަޅުތައްވެސް ގިނަ. އެ ހަނގުރާމައިން، އިނގިރޭސިން މޮޅުވުމަށް ބޭނުންކުރި އެންމެ ވަރުގަދަ، އެއް ހަތިޔާރަކީ ރޭޑިޔޯ. އޭރުގެ އިނގިރޭސި ބޮޑުވަޒީރުގެ ދުވަސް ފަށްޓަވަނީ، ރޭޑިޔޯ މެދުވެރިކުރައްވާ. މެދުނުކެނޑި، ކެނޑިނޭޅި ކޮންމެ ދުވަހަކު، އެތައް ފަހަރަކު އިނގިރޭސި ލަޝްކަރުތަކަށް، ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް، ރޭޑިޔޯ މެދުވެރިކުރައްވައި މުޚާތަބު ކުރެއްވި. ޗާރޗިލްގެ ހިތްވަރާއި، ފަންވަރާއި، ޤައުމީ ޖޯޝުން ފުރިގެންވީ ތަޤްރީރުތައް، އިނގިރޭސި ސިފައިންގެ ކަންފަތް ފަހަނައަޅައި، ހިތްތައް ފަތަޙަކުރި.
އެއަށްފަހު ދޭއް، ތިނެއްގައިވެސް، މިސާލު ދެއްކެން އޮތީ، ހަނގުރާމައިން. ވިއެޓްނާމް ހަނގުރާމަޔަށް ބޭނުންކުރެވުނު އެއް ވަނަމަކީ، "ޓެލެވިޒަން ވޯ،" ނުވަތަ "ޓީ.ވީ. ހަނގުރާމަ." އެއަށްފަހު ފެނުނީ، ގަލްފް ހަނގުރާމަ. ހަނގުރާމަ ފެށުމަށް ޞައްދާމް ޙުސައިން، ޢިރާޤުގެ ފައުޖްތަކާ މުޚާތަބު ކުރެއްވީވެސް، ރޭޑިޔޯއާއި ޓީ.ވީ. މެދުވެރިކޮށް. ހަމައެގޮތަށް، އެމެރިކާގެ ރައީސް ހަނގުރާމަ އިޢުލާނު ކުރެއްވީވެސް، ޓީ.ވީ. އާއި ރޭޑިޔޯ މެދުވެރިކޮށް. އެ ހަނގުރާމައިން ފެށިގެން، ނޫސް ކްރޫ ތިބެނީ ފުރިހަމަ ހަނގުރާމަމަތީ ހެދުމުގައި، ލަޝްކަރުތަކާއެކު، ހަނގުރާމަ ލައިވް ކުރުމަށް.
އެ ދުވަހު އާދެ، އެމެރިކާގެ ސިފައިން ބަޣްދާދަށް އެރި ދުވަހު، އެމެރިކާގެ ސިފައިން ބަޣްދާދަށް ފެތުރިގަންނަ ތަން، ޓީ.ވީ.ގެ އެއްފަޅިން ފެނޭ. ހަމަ އެވަގުތު، އަނެއްފަޅިން ދައްކަނީ، ޢިރާޤުގެ އިންފޮމޭޝަން މިނިސްޓަރ، އަލް ސައްޚާފް ދެއްވާ ލައިވް ނިއުސް ކޮންފަރެންސެއް. ވިދާޅުވީ "ބަޣްދާދް އިޒް ސޭފް" ކަމަށް. ނޫސްވެރިޔާއަށް ވިދާޅުވީ "ކަލޭ ތިހުރީ ބިރުންހެއްޔޭ. ތިމަން މަނިކުފާނުގެ އެއްވެސް ބިރެއް، ކަންބޮޑުވުމެއް ނެތޭ. އެމެރިކާ ސިފައިންގެ އެންމެ ޓޭންކަރެއްވެސް ނެތޭ. ތިޔަބޭފުޅާވެސް ކަންބޮޑުނުވާށޭ." އޭރު ޢިރާޤުގެ ފިރްދައުސް މައިދާނުގައި ހުރި، ޞައްދާމް ޙުސައިންގެ ބޮޑު ބުދު ދަނީ އެމެރިކާއިން ތަޅާ ރޫޅަމުން. މި ދެންނެވި ނިއުސް ކޮންފަރެންސްގެ ލައިވް ފީޑް ކެނޑުނުގޮތް، މިވަގުތު އަޅުގަނޑުގެ ހަނދާނަކު ނެތް. ހަމަ ޔަޤީނުންވެސް، އެދުވަހަށްފަހު ސައްޚާފެއް ނުފެނޭ.
ޒަމާނާއެކު، ބްރޯޑްކާސްޓިންގގެ ދާއިރާއަށް މިވަނީ، ވަރަށް ބޮޑު ބަދަލުތަކެއް އައިސް ތަރައްޤީވެފައި. ޓެކްނޮލޮޖީ ގެނެސްދިން ތަރައްޤީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގ އަށް. ރޭޑިޔޯއިން، ޓީ.ވީ. އިން، އިންޓަރނެޓުން، ވެބްސައިޓާއި ބްލޮގްތައް. އަދި އޭގެފަހުން ޕޮޑްކާސްޓްގެ ޒަރިއްޔާއިން، މިހާރު ކޮންމެ މީހަކީވެސް ޚަބަރު ފަތުރާ މީހެއް. މުނިފޫހިފިލުވައިދޭ މީހެއް. އާޓިސްޓެއް ނުވަތަ ފަންނާނެއް.
1962 ވަނަ އަހަރު، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ފެށުނު. އެހެން ނަމަވެސް، ދައުލަތުގެ މީޑިޔާގެ ގޮތުގައި، އެ ޚިދުމަތް ހަމައިސްކޮޅަށް ހިންދެމިލީ، ހެންވޭރު އަޑިޕާކުގައި ޖެހި ދިގު އެންޓެނާތަކާއެކު، 1966 ވަނަ އަހަރު.
ރޭޑިޔޯގެ ޒަރިއްޔާއިން، ދިވެހިންނަށް ލިއްބައިދިން ރަނގަޅު، ގުނާ ޢަދަދު ނުކުރެވޭ، ތަފާތު ދީނީ ޕްރޮގްރާމްތަކާއި، ތާރީޚާއި، ސަގާފަތާއި، މުނިފޫހިފިލުވުން އަދި އުގަންނައިދިނުން ގުޅިފައި އޮތީ ރޭޑިޔޯއާ. މިހާރުވެސް، އަޅުގަނޑުގެ ހެނދުނުގެ ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދަނީ، ދިވެހިރާއްޖޭގެ އަޑުގެ، ބާއްޖަވެރި ހެނދުނާއެކު. ކުރިންނަމަ އެއީ އަޅުގަނޑުމެންގެ ސޯނާގަޑި. ސްކޫލަށް ދާން ތައްޔާރުވުމާއި، އޮފީހަށް ދާން ތައްޔާރުވަނީ އެ ޕްރޮގްރާމްގެ އަލީގައި. އާދެ، ފަތިސް ނަމާދަށްފަހު ގެނެސްދޭ، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ. ބާއްޖަވެރި ހެނދުނަކުން، ޚަބަރު ފީތާއިން، އެހުންތެރިންގެ ހޮވުމުން، އަލީގެ މައްޗަށް އައްޔެއް. ކީރިތި ރަސޫލާގެ ސީރަތާއި، ފިނިމައިޒާނާއި، ޚިޔާލީ ފޮލާއާއި، އެބައުޅޭ އެބައުޅޭއިން ގޮސް، އަދި ގިތެޔޮގުޅިން ނެގި ލޯބި، ހިނިފުޅުވަޑުވައިލުމަށްޓަކައި ޕްރޮގްރާމާއި، މިހެން ގޮސް ދުވަސް ނިމެނީ، ރޭގަނޑުގެ ވަކިވުމުގެ ކުރިން، ޕްރޮގްރާމުން.
މިރޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ، ސަމަރުބްލޫ އިބްރާހީމް މަނިކާއި، އަލްމަރްޙޫމާ ޒާހިދާ އިބްރާހީމަކީ، މި ދެންނެވި ވާހަކަތަކުގެ ރަމްޒެއް.
އެބޭފުޅުންގެ ޚިދުމަތުގެ ދުވަސްތަކަކީ، ރާއްޖޭގެ ހުރިހާ ކަމެއް ފުރޮޅެމުން، ބަދަލުވަމުން އައި ދުވަސްވަރު. އިޖުތިމާޢީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން، އަދި ޞިއްޙީ ދާއިރާއިންނާއިން، ތަޢުލީމީ ދާއިރާއިންވެސް ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ދުވަސްވަރެއް. އެ ބަދަލުތަކަށް ޢާންމު ރައްޔިތުން އަހުލުވެރިކުރުވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، ބްރޯޑްކާސްޓިންގގެ ޚިދުމަތް.
1978 ވަނަ އަހަރުގެ މާރިޗު އޮނަތިރީސް ވަނަ ދުވަހު، ދިވެހިރާއްޖެއަށް ޓީ.ވީ.ގެ ޚިދުމަތް އަލަށް ލިބުނު. އޭރު އަވަށްޓެރި ސިލޯނަށް، ޓީ.ވީ.ގެ ޚިދުމަތެއް ނުލިބޭ. ދިވެހިންނާ، ޓީ.ވީ. ޚިދުމަތާ ގުޅި، ބަދަހިވެދިޔަގޮތް ބޮޑުވެފައި ވަރަށް އަވަސް. ޓީ.ވީ. އިން ގެނެސްދިން މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި، "مُحَمَّدُ رَسُوْلُ اللهِ"، "ހޭޔަންބޯ"، "ސްކޫލް ކުދިންގެ ލަވަ މުބާރާތް"، ފަހުންނަމަ، "މޯލްޑިވިއަން އައިޑޮލް"، "އެހާރާއި މިހާރު" ފަދަ މުހިންމު ޕްރޮގްރާމްތައް އެއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ހުރި ޕްރޮގްރާމްތަކެއް.
އާދެ، ވަރަށް ގިނަ ތަކުލީފާއި ދައްޗާއެކު، ސްކްރީން ރީތިކުރުމަށް، ޓީ.ވީ. މުވައްޒަފުން ކުރި، ބުރަ މަސައްކަތް އަޅުގަނޑަށް އެނގޭ. އަދި މިހާރު، ރާއްޖޭގެ ވަރަށް ގިނަ ޕްރައިވެޓް ޓީ.ވީ. ޗެނަލްތަކުން، އެ ކުރައްވާ ޤައުމީ ޚިދުމަތުގެ އަގު، އަޅުގަނޑު ވަޒަންކުރަން. މުހިންމު ޕްރޮގްރާމްތަކެއް، ޕްރައިވެޓް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުން، ޓެލެކާސްޓް ކުރަމުން ގެންދާކަން އަޅުގަނޑު ފާހަގަކުރަން. އެގޮތުން، ރާއްޖެ ޓީ.ވީ. އިން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ބޭނުންތެރި މަޢުލޫމާތުތަކެއް، ކޮންމެ ދުވަހަކު އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދޭ ޕްރޮގްރާމެއް.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެވޯޑް ފަށައިގަނެވޭ، މި ރަސްމިއްޔާތުގެ ޝުޢޫރު ތަފާތު. މި މަރުޙަލާއަށް އާދެވުނީ ކޮންކަމެއް، ކިހިނެއް ހިނގުމުންތޯ، އެބަ ވިސްނާލެވޭ. އަޅުގަނޑުގެ ނަޒަރުގައި، މިރޭގެ މި ފެށުން ފެށޭ ސަބަބު، ގުޅިފައި ވަނީ އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާ.
އަމިއްލަ މާދަރީ ބަހާއި، އަދަބިއްޔާތުގެ ތަފާތު ބަހާގައި، ދިވެހިންގެ ތޫނުފިލިކަން އަބަދުވެސް ބޮޑު. ބަހަވީ ފަންނުވެރިކަމުގައި، ދިވެހިންގެ ހުނަރު އަބަދުވެސް ބޮޑު. ބުނަން ބޭނުންވާ ވާހަކައާއި، ހާމަކުރަން ބޭނުންވާ އިޙްސާސާއި ޝުޢޫރުގައި، ދިވެހިންނަކީ މިނިވަނުން.
ޅެންފަރިއްސާއި، ބަންޖާއި ރައިވަރާއި، ކާ އިން، ކާބަފައިން ތިބީ ހިތްފުރިފައި. އެއީ، ލިޔެކިޔޭ ކިޔުމާއި، ބޮންތިއާއި، ދެލިގުރާބާއި، ވޮށުފިލާއިން. ލޯމާފާނާއި، ބޮޑުތާހީދާއި، ސިޔަރަތުގެ ބައިތަކުގެ ފުރިހަމަކަން ބޮޑު.
އެހެން ނަމަވެސް، ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ، ބައިނަލްއަޤްވާމީ ގުޅުންތައް، ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުން. އިސް ރަށްވެއްސެއްގެ އުމުރާއި، ޤައުމުގެ މި ދެންނެވި މާޒީއާ ދާދި އެއް އިސްކޮޅު. ފަހުން އަންނާން ފެށި ބަދަލާއެކު ފާހަގަވި އުނިކަމަކީ، ކުރިންވެސް، އަދި ފަހުންވެސް އޮތް އުނިކަމެއް. މި ދެންނެވީ ބްރޯޑްކާސްޓިންގގެ، މުހިއްމު އެއް ދާއިރާ ކަމުގައިވާ، ނޫސްވެރިކަމުގެ މިނިވަންކަން. ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު.
ބަދަލުގެ ރޯޅި، އެއްދިމާއަކަށް ފަހިވީ، ވީބަޔަކު ވަރަށްބޮޑު ޤުރްބާނީއެއް ވެގެން. އެ ރޯޅި އަރާ ފައިބައިގެން ދިޔައިރު، ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައި. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޑިމޮކްރަސީއާއި، އެއްވެ އުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިފައި.
އެދި އެދި ތިބި، ނެތް އެއްޗެއް އަލަށް ލިބުމުން، އެކަމުން އަލާކެނޑެން، ވަގުތު ނަގާނެ. ހަނދި ޙަސަނަށް، މޫދު ހިތަކަށް ލިބުނު ދުވަހުވެސް ވީގޮތް، ކޮންމެ ކަމެއްގައިވެސް ވާނެ.
ކޮންމެ ޤައުމެއް ނަމަވެސް، އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގައި، ހުރިހާ އެންމެންނަށް އޮންނަ އާކަން، ނޫސްވެރިންނަށްވެސް އޮންނާނެ. ސިޔާސީ ޕާޓީތަކާއި، ސަރުކާރު އުފެދުމާއި ނިމުމާ، މިނިވަން މުއައްސަސާތަކުންވެސް އެކަން ފާހަގަވާނެ. މިވަގުތުގެ މަންޒަރު އެންމެ އެއްގޮތްވާނީ، ރޯލު އަވަސްވެފައިވާ، 1940ގެ ކަޅާއި ހުދުގެ ވީޑިއޯ ފިލްމަކާ. 2008ގެ ފަހުން، ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށްފަހު، ކުރިމަތިވި ކަންތައްތަކުން އެކަނިވެސް، މި މަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީ.ވީ. ޗެނަލްގެ ޢިމާރާތް، އަންދާ އަޅިއަށް ހަދާލި. އެތައް ނޫސްވެރިންނަކަށް، ނުރައްކާތެރި ޙާލަތްތަކާ ކުރިމަތިވި. ސިޔާސީ މީހުން ނޫސްވެރިންނަށް، އަދި ނޫސްވެރިން ސިޔާސީ މީހުންނަށް، ބަދަލުވާ އަވަސް މަންޒަރު ފެނޭ.
ބަސް ބުނުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ މުހިއްމު ތަނބެއް. ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެ. ސުވާލަކީ، ވަކި މިންގަނޑެއް، މިކަމުގައި އޮންނަންޖެހޭތޯ ކުރެވޭ ސުވާލު.
ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަންކަމެއް. އެހެނަސް، ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިޙްތިރާމް ކުރެވޭ ޚިޔާލަކަށް. އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ.
ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެ. އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ، ގޯސް ކަމަކަށް ވެގެންނެއް ނޫން. ނަމަވެސް، އެ ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް.
ތިމާގެ ބާރުހުރި އަތް، ހޫރާލުމުގެ ޙައްޤު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ، ރަނގަޅަކަށް ނޫން. ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުމެއްނުވޭ. މިއީ ނޫސްވެރިކަމުގެ އެތިކްސް.
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވާ ދުވަހަކީ، މާބޮޑު އުފަލެއް ލިބޭ ދުވަހަކަށް ހަދައިގެން ނުވާނެ. އަވަށްޓެރި ޤައުމަކަށް ކުރިމަތިވި ހިތާމަވެރި ޙާލަތެއް، ތިމާގެ ޤައުމަށް ކުރިމަތިނުވެގެން، ލޮލުފިޔަ ނުޖެހިފައި ތިބެގެން ނުވާނެ. ސަރުކާރާ ޚިޔާލު ތަފާތުވެވިދާނެ. އަޅުގަނޑާ ނުރުހި، އިދިކޮޅުވެސް ވެވިދާނެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް، ޤައުމަކާ ދެކޮޅެއްނުވެވޭނެ. ނެތް ކަމެއް އޮތް ކަމަކަށް، އަދި އޮތް ކަމެއް ނެތް ކަމަކަށް، ހަދައިގެންވެސް ނުވާނެ.
ރާއްޖޭގެ ނޫސްވެރިކަން، އަންނަން އޮތް ޖީލަށް، އަމާނާތްތެރިކަމާއެކު، ރައްދު ކުރެވެންޖެހޭނެ. ރާއްޖޭގެ ގިނަ ނޫސްވެރިން، އެކަމަށް ގަދައަޅައި ކުރައްވާ މަސައްކަތް، އަޅުގަނޑު ފާހަގަކުރަން.
ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ޙަރަކާތްތެރިވާނެ ފުރުޞަތު މިއަދު އެބައޮތް. ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް.
ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ. މާލީ ދަތިކަން ހުރިކަން، އަޅުގަނޑުވެސް ގަބޫލުކުރަން. އެހެން ނަމަވެސް، ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް، ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން، އެ މަންޒަރާއި އަޑު، ޢާއިލީ ސިޓިންގރޫމްތަކަކަށް ނުފެތޭ. އެއްވެސް ޙާލެއްގައި ފިޔަވަޅު އަޅާ ތަޙުޤީޤު ކުރަންޖެހޭ ކަމަކަށް ނުދަންނަވަން. ބޭނުންވާ ތަމްރީނާއި، އެހެނިހެން ފުރުޞަތުގެ ޒަރީޢާއިންވެސް، އިޞްލާޙުވާންޖެހޭ ކަމެއް، އިޞްލާޙު ކުރެވެންޖެހޭ. ވަކިބަޔަކަށްޓަކައެއް ނޫން. މި ޤައުމަށްޓަކައި.
ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ތަމްރީނު، ރާއްޖޭގެ ނޫސްވެރިންނަށް ލިއްބައިދިނުމަށް، އިހުނަށްވުރެ އިތުރަށް، މަސައްކަތް ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. މިކަމުގައި ސަރުކާރާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ދައުރު މުހިއްމު.
ނޫސްވެރިކަމަށް ކުރިމަތިވާ ޤާނޫނީ ހުރަހެއްގެ ގޮތުގައި، ކުރިން އޮތް ޤާނޫނު ނަންބަރު 2016/15 މިހާރަކު ނެތް. އަޅުގަނޑު ސަރުކާރާ ޙަވާލުވެ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އޮތް، އެ ޤާނޫނު އުވާލިން.
މިދިޔަ ޖުލައި މަހު ތަޞްދީޤުކުރި، ހެތްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިޞްލާޙާމެދު މީޑިއާގެ ކަންބޮޑުވުމެއް އެބައޮތް. މިކަމާ ގުޅޭގޮތުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު މަޝްވަރާ ކުރިން. މިކަމުގައި ޙައްލެއް ހޯދުމަށް، އެ ޤާނޫނު އަލުން އިޞްލާޙު ކުރުމަށް، އަޅުގަނޑު މިހުރީ ނިންމައިގެން.
ޚިޔާލު ފާޅުކުރުމާއި، މަޢުލޫމާތު ފެތުރުމަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާބޮޑު. އެއީ ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުން. ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންކަމަށް، ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސީދާކޮށްދިނުން. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތާރީޚުންވެސް ސާބިތުކޮށްދެނީ އެ ޙަޤީޤަތް.
ދިވެހި ނޫސްވެރިންނަށް ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރައްވާށި. ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވާށި. ދިވެހިރާއްޖެއަށް ނަޞްރާއި ނަޞީބާއި، ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
____________________________ |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއަރޕަރސަން މުޙައްމަދު ޝަރީފް، ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހިދު ޢަލީ، ދައުލަތުގެ ވަޒީރުން، އެމް.ޕީ.އެލް.ގެ ބޯޑް މެންބަރުން، އެމް.ޕީ.އެލް.ގެ އެންމެހައި މުވައްޒަފުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، ވިޔަފާރި ބަނދަރުތަކަކީ ޤައުމުގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ. އެއް ޤައުމު އަނެއް ޤައުމާ ގުޅުވައިދޭ މައި ފާލަމަކީވެސް ބަނދަރުތައް. މުޅި ދުނިޔެއަށް ބަލާއިރުވެސް، ތަރައްޤީއާއި އިޤްތިޞާދުގެ ބަހާތައް، އެއް ބައްރުން އަނެއް ބައްރަށް، އެއް ޤައުމުން އަނެއް ޤައުމަށް ހިޖްރަކޮށްފައިވަނީ ބަނދަރުތަކުގެ ޒަރީޢާއިން.
އިހު އެވޭލާ ޒަމާނުގައި ބަނދަރުތަކުގެ ދައުރު މިހާރަށްވުރެވެސް މާ ފުޅާ. އެއް ވަންހައެއްގެ ސަގާފަތް އަނެއް ވަންހަކަށް ނަގުލުވެ، ބަހުރުވަތަކާއި އަދަބިއްޔާތާއި ފަލްސަފާތައް، އިންސާނީ މުޖުތަމަޢުތަކާ ލާމެހިގެން ދިޔައީވެސް ބަނދަރުތަކުގެ ޒަރީޢާއިން.
މި ދެންނެވި ޙަރަކާތްތަކުގައި ޖުގުރާފީ ގޮތުން ރާއްޖެއަށް ލިބުނު ނަސީބު ވަކިން ކުޑައެއް ނޫން. ޢަރަބި ކަރައިން އަސޭ ކަރައަށާއި ސީނު ކަރައަށް ދަމައިލެވޭ ވިޔަފާރި ރޮނގުގެ މެދުގައި އޮތީ ރާއްޖެ. އެފްރިކާ ބައްރުން ހިންދު ކަރައަށާއި އޮޅުދޫ ކަރައަށް ކުރަހައިލެވޭ ވިޔަފާރި ރޮނގުވެސް، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ބީހިލާފައި ނޫނީ ދެވޭނެ ގޮތެއް ނޯވޭ.
އޭގެ ސަބަބުން މުޅި ރާއްޖެއަކީވެސް އޭގެ ޒާތުގައި، ހިންދު ކަނޑުގެ މެދުގައި އޮތް ވަރަށް އަމާން ބަނދަރެއް. މި ސަރަޙައްދުގެ ކަނޑުމަތީގައި ހިނގި ހުރިހާ ރަނގަޅަކާއި ނުރަނގަޅެއްގެ އަސަރު ރާއްޖެއަށް ފޯރީވެސް އެ ސަބަބާ ހުރެ.
އެ ހުރިހާ ކަންކަމުގެ ތެރެއިންވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު މަންފާއަކީ، އިންޑިއާ ކަނޑުގައި ކުރި ވިޔަފާރި ދަތުރުތައް. ދުނިޔޭގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް، ކަރަގޮނޑުން ދަތުރުކުރި ކޮންމެ ބަނގަލާ ބޯޓަކާއި، ކޮންމެ ނާޒޯނގެއް، ރާއްޖެއަށް ނަގިލި ލީ ކޮންމެ ފަހަރަކު، ދިވެހިންނަށް އެތައް މަންފާއެއް ލިބުނު. ހަމައެކަނި ވިޔަފާރި މުދަލާއި، އަންނައުނާއި ކާޑެއް ނޫން. ޢުމްރާނީ ފަންނުވެރިކަމާއި، ޢިލްމާއި ސަގާފަތާއި، ޙަޟާރަތުގެ އިތުރުން، ތަހުޒީބާއި ތަމައްދުންގެ ރީތި ސިފަތައްވެސް ދިވެހިންނަށް ލިބިގެންދިޔަ.
އެއީ އެ ޒަމާން. މިއީ ބަނދަރުތަކުގެ ދައުރާއި ޒިންމާތައް މުޅިން ތަފާތު ޒަމާނެއް. އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ 36 އަހަރަކީ، ރާއްޖޭގެ އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތާރީޚަށް ބަލާއިރުވެސް، މާ ހަގު މުނާސަބަތެއް. އެމް.ޕީ.އެލް. އުފެދުނީ 1986 ވަނަ އަހަރުގައި ކަމަށްވިޔަސް، ރާއްޖޭގައި ބަނދަރުގެ ޚިދުމަތް ދެމުން އަންނަތާ އެއަށްވުރެ މާގިނަ ދުވަސްވާނެ.
އެހެން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވަމުންދިޔަ މިންވަރާ ގާތަށްވެސް ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްޤީވަމުން އައިސްފައެއް ނެތް. މިއީ އެމް.ޕީ.އެލް.ގެ ވެރިންނާއި މުވައްޒަފުންނާއި ދިވެހި ކޮންމެ ރައްޔިތަކު ގަބޫލުކުރާ ޙަޤީޤަތެއް. އަޅުގަނޑުވެސް އެކަން ގަބޫލުކުރަން. އެހެން ދިމާވެފައި އޮތީ، ދުރު ރާސްތާގެ ޕްލޭނެއް ނެތި، އެވަގުތު ޖެހޭ ކަމެއް ޙައްލުކުރުމަށް ބަނދަރަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމުގެ ސަބަބުން. ވިޔަފާރި ބަނދަރު ތަރައްޤީނުވެ އޮތުމަކީ، މުޅި ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް.
އިންޑިއާ ކަނޑުގައި ރާއްޖެ މިއޮތް ތަނުގެ ގޮތުން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ޙާޞިލުކުރެވޭނެ. ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް ރާއްޖޭގައި ތަރައްޤީވެފައި އޮތްނަމަ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިހާރު ހުންނާނީ މިއަށްވުރެ މާމަތީގައި.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން މިހާރުވެސް ވަރަށް ބޮޑު. އެކަމުގެ ސަބަބުން، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި ވަރަށް ގިނަ ދަތިތަކެއް އެބަ ކުރިމަތިވޭ. ބޭރުން ގެންނަ މުދާ، ވިޔަފާރިތަކާ ހަމައަށް ފޯރުމުގައި ގިނަ ވަގުތު ހޭދަވުމަކީ، އިޤްތިސާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރި ބަނދަރަކަށް އެކަށީގެންވާ ޖާގައެއް މާލެއަކު ނެތް. އަދި ބަނދަރު ބޮޑުކުރެވޭކަށްވެސް މާލެއަކު ނެތް.
މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުމެން ޤައުމު ހިންގުމާ ޙަވާލުވިއިރު، މާލޭ ވިޔަފާރި ބަނދަރު އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައި. އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި، ބަނދަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އޮތީ ގެންނަންޖެހިފައި. އެމް.ޕީ.އެލް. ހިންގުމާ ޝާހިދު ޙަވާލުވެވަޑައިގެން، ބަނދަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ.
ޝާހިދުގެ ވާހަކައިގައިވެސް ފާހަގަކުރެއްވި ފަދައިން، މާލޭގެ އިތުރުން، ކުޅުދުއްފުށްޓާއި ހިތަދޫގައިވެސް އެމް.ޕީ.އެލް.ގެ ފަރާތުން ހިންގާ ދެ ވިޔަފާރި ބަނދަރު އެބައޮތް. އެ ދެ ބަނދަރު ތަރައްޤީ ކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢު ނިމި، ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ.
ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް އަޅުގަނޑުމެން އެބަ ތަރައްޤީކުރަން. އެ މަޝްރޫޢަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާއެކު، މިހާރު ފުރިހަމަކުރަންޖެހޭ ކަންތައް ނިމުނުހާ އަވަހަކަށް، އެ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރެވޭނީ، މާލެއިން ބޭރަށް، އަދި ޖާގަ ބޮޑު ތަނަކަށް ބަނދަރު ބަދަލުކޮށްގެން. އަޅުގަނޑުމެން ގުޅީފަޅު ޚިޔާރުކުރީ އެ ސަބަބަށްޓަކައި. ގުޅީފަޅުގެ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު އެއޮތީ ހިކިފައި. އިތުރަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ފެށިގެންދާނެ.
މާލެއިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅީފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅީފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭގެ އުތުރު ބަނދަރާއި، މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭގޮތަށް.
މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތަކެއް، އެމް.ޕީ.އެލް. އިން ދޭން މިހާރު އެ އަންނަނީ ތައްޔާރުވަމުން. ހިލަޔާއި ހިލަވެލި ގެނެސް ބޭލުމަކީ މިހާތަނަށް، މާލޭގެ ވިޔަފާރި ބަނދަރުން ދިން ޚިދުމަތެއް ނޫން. ތިލަފުށީގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ބަލްކް ޓަރމިނަލް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ނިމުމުން، ހިލަޔާއި ހިލަވެލި އެތެރެކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށްވެސް އަދި ޢާންމުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.
މި ބަދަލުތައް ގެނައުމުން ނުކުންނަ އެހެން ފައިދާތަކެއްވެސް އެބަހުރި. އެއް ކަމަކީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވުން. އަނެއް ކަމަކީ، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވުން.
ވިޔަފާރި ބަނދަރެއްގެ ކާމިޔާބީ ގުޅިފައި އޮންނަނީ، އެ ތަނެއްގައި ޚިދުމަތް ދެއްވާ މުވައްޒަފުންގެ ހީވާގިކަމާއި އިޚްލާޞްތެރިކަމާ. ބަނދަރެއްގެ ބޭނުމާއި، އެ ބަނދަރަކުން ޙާޞިލްކުރެވޭ ނަތީޖާ ބިނާވަނީ، މުވައްޒަފުން ރެޔާއި ދުވާލު ކުރާ ބުރަ މަސައްކަތުގެ މައްޗަށް. ރާއްޖޭގެ ތަރައްޤީގައިވެސް އަދި ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގައިވެސް ތިޔަބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު، އަދި އެހާމެ މުހިންމު.
ކޯވިޑް-19 އިން ރައްކާތެރިވުމަށް، މިދިޔަ ދެ އަހަރެއްހާ ދުވަހު، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި ކުރި މަސައްކަތުގައި އެމް.ޕީ.އެލް. މުވައްޒަފުން އަދާކުރެއްވީ ވަރަށް މުހިންމު ދައުރެއް. އެންމެ ހަލުވިކޮށް ކޯވިޑް ފެތުރެމުންދިޔަ ދުވަސްވަރުވެސް، އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ވިޔަފާރި މުދާ އެތެރެކުރުމުގައި، ބަނދަރުތަކުގެ މުވައްޒަފުން ކުރެއްވި މިންނެތް މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަން.
ތިޔަބޭފުޅުން ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ތިޔަ ހޭދަކުރައްވަނީ ޤައުމީ ޚިދުމަތުގައި. ރައްޔިތުންނާއި މުޅި މުޖުތަމަޢަށް ޚިދުމަތް ކުރެއްވުމުގައި. އެކަމަށްޓަކައި އެމް.ޕީ.އެލް.ގެ ބޯޑު މެންބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް އަދި ތިޔަބޭފުޅުންގެ ލޮބުވެތި ޢާއިލާތަކަށްވެސް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން.
ތިޔަބޭފުޅުންނަށްވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުން އެކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބޭނެ. އެހެން ނަމަވެސް، ފްލެޓްތަކުގެ އަގާމެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި. މުވައްޒަފުންގެ ތެރެއިން ބަޔަކު އަޅުގަނޑާވެސް ބައްދަލުކުރި. އެކަމުގެ ކަންބޮޑުވުންތައް އަޅުގަނޑާ ޙިއްޞާކުރި. އެކަމާ ބެހޭގޮތުން ކުންފުނީގެ ވެރިންނާ އަޅުގަނޑު މަޝްވަރާ ކުރިން.
އަޅުގަނޑު އުންމީދު ކުރަނީ، ކުންފުނީގެ ބޯޑުން މިހާރު އެ ގެންނަވާ ބަދަލުތަކުން، ފައިސާ ދެއްކުމުގައި ކޮންމެވެސްވަރެއްގެ ލުއިތަކެއް، ޙައްލުތަކެއް ތިޔަބޭފުޅުންނަށް ލިބިގެންދާނެ ކަމަށް. އަދިވެސް އެކަމުގައި އުނދަގޫތަކެއް ހުރިކަމަށްވާނަމަ، ބޯޑުން އެކަމާ ދޭތެރޭގައި ވިސްނެވުމަކީ އަޅުގަނޑުގެ މިރޭގެ އެދުމެއް.
އަޅުގަނޑުގެ އުންމީދަކީ، މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްޤީއަށް މިކުރާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަލުވިވެގެން ދިޔުން. އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދިޔުން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި، ސަރުކާރާއި ރައްޔިތުން އެކުގައި މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެ ރޮނގުން ރާއްޖެއަށް އިތުރު ކުރިއެރުމާއި ހެޔޮ ގޮތްތައް މިންވަރު ކުރެއްވުން. ދިވެހިންގެ މެދުގައި ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރައްވައި، އުފާ ފާގަތިކަން އަބަދުވެސް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ހދ. ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ނައިވާދޫ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ނައިވާދޫގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ފުރަތަމަ ކަމަކަށް، މި ހޫނު ވަގުތު އަޅުގަނޑުމެން މި ރަށަށް އައުމުން، ނައިވާދޫގެ ލޮބުވެތި ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންނަށް ވިދާޅުވި މަރުޙަބާއަށްޓަކައި، އަޅުގަނޑާއި އަޅުގަނޑާ އެކުގައި މި ރަށަށް އައި ޓީމުގެ ފަރާތުން ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.
އާދެ، މިއަދު ނައިވާދުއަށް އަޅުގަނޑުމެން އައިސް މިތިބީ ޒަމާންތަކެއް ވަންދެން މި ރަށަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ފެށުމުގެ ރަސްމީ އިޙްތިފާލުގައި ބައިވެރިވުމަށް. ނައިވާދުއަކީ ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް، ސާފު ބޯފެން އަދި ނަރުދަމާގެ ނިޒާމު މިހާތަނަށް އައިއިރުގައި ނުލިބި އޮތް ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި އެ ވާހަކަ އެ ދެއްކިގޮތަށް، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މި ވާހަކަ މިގޮތަށް ދެއްކުމަށްފަހު، ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ޢަމަލީ މަސައްކަތް ފަށައިގަތީމު.
ނައިވާދުއަކީ ވެރިކަންކުރާ މާލެއާ 299 ކިލޯ މީޓަރު ދުރުގައި އޮތް ރަށެއް. އަޅުގަނޑަކީ ޅ. އަތޮޅު ހިންނަވަރަށް އުފަން މީހެއް. ޕްލޭނިންގ މިނިސްޓަރ އަސްލަމަކީ ގދ. ފަރެސްމާތޮޑާއަށް އުފަން ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަސްލަމް، އެއީ ހިތަދޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެއް. މިނިސްޓަރ މާރިޔާ، ސީދާ މާލެއަށް ނިސްބަތްވާ ބޭފުޅެއް. އެހެން ނަމަވެސް، އަޅުގަނޑުމެންވީ ވަޢުދަކީ، އެންމެބޮޑު ވަޢުދަކީ ތަފާތުނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުން.
އެމީހަކު އުޅޭ ރަށެއް، އަތޮޅެއް، ސިޓީއެއް ތަފާތުނުކޮށް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ހަމަހަމަޔަށް އެންމެންނަށް ފޯރުކޮށްދިނުން. މިއީކީއެއް މެނިފެސްޓޯއެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މެނިފެސްޓޯއަކު ނޯންނާނެ، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްދޭނެ ވާހަކައެއް. އެއީ، އެއަށްވުރެ އަސާސީ ކަމަކަށްވާތީވެ. ޤާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް. ތަފާތުނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެތާ އިންނަވާ ފަނޑިޔާރު ކުރައްވަންޖެހޭ ކަމެއް ނޫން. އަދި ފުލުސް އޮފީހަށް ހުށަހެޅޭ ތަޙުޤީޤެއް ކުރުމުގައި، ހަމައެކަނި އެތާ އިންނަވާ ތަޙުޤީޤުކުރާ ބޭފުޅަކު ކުރައްވަންޖެހޭ ކަމެއް ނޫން. އެއީ، އެއިރަކު ރައްޔިތުން އިންތިޚާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ކުރަންޖެހޭވެސް ކަމެއް. އަޅުގަނޑުމެން ވީ ވަޢުދަކީ އެއީ. ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންޞާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުން. އިރާދަކުރެއްވިއްޔާ، އެ ބޮޑު ވަޢުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުން ގެންދާނަން.
މި ރަށަށް ދިމާވެފައި ހުރި ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެބޮޑު، އެންމެ މުހިންމު އެއްކަމަކީ ފެނުގެ ދަތިކަމުގެ ވާހަކަކަން، ކައުންސިލްގެ ރައީސް ޢަލީ ރަޝީދު މުޙައްމަދާއި، ސްކޫލްގެ ޓީޗަރު މުޙްސިނާ ޢަބްދުލްޣަނީ ވަރަށް ސާފުކޮށް އެ ވިދާޅުވީ. ބައެއް ދުވަސްވަރު ފެނަށްޖެހި، އެއްގޮތަކަށްވެސް ފެންފޮދެއް ނުލިބޭ ހިސާބަށްދިޔަ ދުވަސްތައް އެބަހުރި. އެހެން ނަމަވެސް، މިއަދު މި ފެށޭ ފެނުގެ ނިޒާމު ރައްޔިތުންނާ ހިސާބަށް ލިބެން ފެށުމުން، އަޅުގަނޑު ހިތުން މިކަމަށް ވަރަށްބޮޑު ޙައްލެއް ރައްޔިތުންނަށް ލިބިގެންދާނެ.
އަޅުގަނޑުމެން މި މަސައްކަތްތައް ފަށައިގަތީ ކޯވިޑުގެ ދަތިކަމުގެ ތެރޭގައި. އަޅުގަނޑުމެން މިއިން ކޮންމެ ކަމަކަށް ބޭނުންކުރާ ކޮންމެ އެއްޗެއް ގެންނަންޖެހެނީ ބޭރުން. ހިލަޔަކަސް، ހިލަވެއްޔަކަސް، ވަޅުލާ ހޮޅިޔަކަސް، ފިޓިންގއަށް ބޭނުންވާ ކޮންމެ އެއްޗަކަސް، ގެންނަން ޖެހިފައި އެއޮތީ ބޭރުން. އެހެން ނަމަވެސް، ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުވުމާ ގުޅިގެން، މި ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ވަރަށްބޮޑެތި ހުރަސްތަކެއް އެޅިގެންދިޔަ. އެހެން ނަމަވެސް، އެ ދައްޗާ އެކީގައި ޕްލޭނިންގ މިނިސްޓްރީއާއި އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެން އެ ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވަޢުދުތައް މި އަންނަނީ ދުވަހުން ދުވަހަށް ބަރާބަރަށް ފުދެމުން.
މި މަސައްކަތް މިހާ ރަނގަޅަށް ކޮށް މި ނިންމާލެވުނީ، މިކަމަށް އެކަށީގެންވާ ރަނގަޅު ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރެވިފައި އޮތީމަ. އިތުބާރާ އެކީގައި މިފަދަ މަސައްކަތް ކުރާ ރާއްޖޭގައި އޮތް އެއް ކުންފުންޏަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް. މި މަސައްކަތް މިހާ ފުރިހަމައަށްކޮށް ނިންމައިދެއްވި ކަމަށްޓަކައި މެނޭޖިންގ ޑިރެކްޓަރ ސަވާދަށް މިއަދު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
މި ރަށަށް އަދި ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. ރިޔާސީ އިންތިޚާބުގައި ކަންތައްތަކެއް ކޮށްދޭން އަޅުގަނޑު ވަޢުދުވީން. އަޅުގަނޑު ފާހަގަޖަހަމުންދާއިރުގައި، އެ ވަޢުދުތަކުގެ ތެރެއިން މިހާތަނަށް ނުފެށި އޮތް މަސައްކަތަކީ ބަނދަރުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ދައުރުގައި ލަސްތަކެއްނުވެ އެ މަސައްކަތްވެސް ފަށައި، މި ރަށުގެ ބަނދަރަށް ދިމާވެފައި އޮތް ދަތިކަން އަޅުގަނޑުމެން ޙައްލުކޮށްދޭނަން.
އޭގެއިތުރުން، މި ރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއްގެ ވާހަކަ ދެންމެ ކައުންސިލްގެ ރައީސް އެ ވިދާޅުވީ. ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ދަނޑު ނިމިގެންދާއިރުގައި، ކައުންސިލްގެ ރައީސް އެ ވިދާޅުވިގޮތަށް، އެތާ ޓާރފް އެޅި، ރޭގަނޑު ކުޅެވޭގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން.
ރަށް ޙިމާޔަތް ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް. މިނިސްޓަރ އަސްލަމް އެކަމާ ދޭތެރޭގައި ޕްލޭނެއް އެބަ ގެންގުޅުއްވާ. މިހާރު ސްޓަޑީއެއް ހެދުމަށްފަހުގައި އެއާބެހޭ ފީޒިބިލިޓީއާ އެކީގައި މަސައްކަތް ކުރިއަށް ގެންދިޔުމާ ހަމައިގައި މިވަގުތު އޮތީ. އެއީ، މި ރަށުގައި ދިމާވެފައި އޮތް ދައްޗެއް ކަމަށް އަޅުގަނޑުމެން ދެކި، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން.
މި ރަށުގެ ޞިއްޙީ މަރުކަޒު އެއީ، އަޅުގަނޑުމެން މަޖިލިސް އިންތިޚާބުގައި މި ރަށަށް ކޮށްދޭން ބުނި ކަމެއް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ބޭނުންވާ އަޕްގްރޭޑިންގގެ މަސައްކަތް މިހާރުވަނީ ނިމިފައި. އެކަމަކު އަދިވެސް ރާއްޖޭގެ އެކި ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް އެއް ދާއިރާއަކީ، ޞިއްޙީ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށް އަޅުގަނޑުމެން ގަބޫލުކޮށް، މިހާރަށްވުރެވެސް ރަނގަޅަށް އެ ޚިދުމަތްތައް ރަށްރަށުގައި ދިނުމާ ބެހޭގޮތުން އަޅުގަނޑުމެން މަސައްކަތްތަކެއް ފަށައިގެން އެބަ ގެންދަން.
އަޅުގަނޑު ހިތުން މި ރަށުގެ ޞިއްޙީ މަރުކަޒުވެސް އަޕްގްރޭޑް ކުރި ނަމަވެސް، އަދިވެސް ހުންނާނެ ބޭނުންވާ ކިތަންމެ ކަމެއް. އަޅުގަނޑުމެން މިއަދު ކައުންސިލާ އެކީގައި ބައްދަލުވުންވެސް އެބަ ބާއްވަން. އެހެންވީމާ، އެކަން ހޯދައި މި ރަށުގައި ހުރި އެހެން ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވި ގޮތްތަކެއް ހޯދުމަށް މަސައްކަތް ފެށިގެންދާނެ.
ރާއްޖޭގެ ދަތުރުފަތުރަށް އެންމެ ބޮޑު ބަދަލެއް ގެނުވާ އެއްކަމަކީ އާރު.ޓީ.އެލް.ގެ ޚިދުމަތް. އެއް ރަށުން އަނެއް ރަށަށް ރައްޔިތުންނަށް ދެވި، ޚިދުމަތްތައް، އެއް ރަށުން ނުލިބޭ ޚިދުމަތް އަނެއް ރަށުން ހޯދައި، ޞިއްޙީ ޚިދުމަތް އަދި އެނޫންވެސް އެކިއެކި ކަންތައްތަކަށް އެއްރަށުން އަނެއް ރަށަށް ދެވޭގޮތް ހަދައިދިނުމަކީ އަޅުގަނޑުމެން ވީ އެންމެ ބޮޑު ވަޢުދު. އިރާދަކުރެއްވިއްޔާ، ބޮޑު ތިލަދުންމަތީގައި އެ މަސައްކަތް ފެށި، މިހާރު އެދަނީ ކުރިއަށް.
މި ރަށުގައި ހުރެ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އެދުވަހު ބުނި ވާހަކަ ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން. "ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ހަލުވި ސްޕީޑްގައި އެއް ރަށުން އަނެއް ރަށަށް ޚިދުމަތް ހޯދުމަށާއި، ވަޒީފާގެ ބޭނުންތަކަށް ދެވޭނެގޮތް ހަމަޖައްސައިދޭނަން." މިއީ، އެ ދުވަހު މި ރަށުގައި ހުރެ އަޅުގަނޑު ދެއްކި ވާހަކައިގެ ކުޑަ ތަންކޮޅެއް. އިރާދަކުރެއްވިއްޔާ އެ ކަންތައްތައް މިދަނީ ރަނގަޅަށް ފުރިހަމަވެ، އަޅުގަނޑު ހިތުން މިހާރު މިތަނުން މި ފެންނަ އާރު.ޓީ.އެލް.ގެ ފެރީ ހަޓުން ފަސޭހަކަމާއެކީގައި ލޯންޗަށް އަރައި، އެއް ރަށުން އަނެއް ރަށަށް، 41 ރަށް އެކީގައި ގުޅުވާލެވިފައި މިއޮތް، މި ސަރަޙައްދުގައި ފަސޭހަކަމާ އެކީގައި ދަތުރު ކުރުމުގެ ނިޒާމު މިވަގުތު މިވަނީ ހަމަޖެހިފައި. އެކަމަށްޓަކައި މި ބުރަ މަސައްކަތް ހަވާލުވެވަޑައިގެން ކުރައްވާ އެމް.ޓީ.ސީ.ސީ.ގެ ހީވާގި ސީ.އީ.އޯ.އަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަބަދުވެސް ހުންނާނެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ މަސައްކަތް. އެއީ ހުއްޓުމެއް ނެތް ކަމެއް. އަބަދުވެސް އިތުރަށް ބޭނުންވާ ކަންތައްތައް ހުންނާނެ. ދެންމެ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު އެ ވިދާޅުވިފަދައިން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮންމެ ރަށަކަށްވެސް އެ ބޭނުންވާ ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، ނައިވާދުއަށާއި މި އަތޮޅަށް މިއަށްވުރެ އުފާވެރި ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އިފްތިތާޙް ކުރުމާއި،
ފިނޭގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި ފިނޭ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފިނޭ ކައުންސިލްގެ ރައީސް ޢަދުނާން ޢަބްދުﷲ، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ކުންފުނިތަކުގެ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިން، ފިނޭގެ ލޮބުވެތި ރައްޔިތުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ހދ. ފިނޭގައި އަޅުގަނޑު މިތާ މިހުރީ ހިތްހަމަޖެހުމާއެކު. އަޅުގަނޑުމެން ވެރިކަމަށް އައިސް ވީ ވަޢުދުތައް ފުއްދަމުން ދިޔުމުގައި މިއަދަކީ އަނެއްކާވެސް އަޅުގަނޑު މިދެންނެވިހެން ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށް ލިބޭ ދުވަހެއް. ޙަޤީޤަތުގައި މިއަދު ފިނޭ ބަދަލުވެގެން މިދަނީ އިންސާނުން ދިރިއުޅޭ ރަށަކަށް. ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކޮށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް. މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޒަރޫރީ ޚިދުމަތްތަކެއް ހުރޭ. ފެނާއި ބޯފެން ލިބުން. ތަޢުލީމާއި ޞިއްޙަތު ލިބުން. ލަފާފުރުން ފަސޭހަވުން. އަދި މިނޫންވެސް ކަންތައްތައް ހުރޭ. މިގޮތުން، މިއަދު މި ރަށުގައި ފުރިހަމަވެގެން މިދަނީ މި ދެންނެވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ތިން ކަންތައް.
ފިނޭގެ ފެނުގެ ނިޒާމު މިއަދު ހުޅުވިގެން މިދިޔައީ. ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިއްޖެ. ކަރަންޓުގެ ޚިދުމަތް ފެނަކައިން ފޯރުކޮށްދޭން މިއަދު އެ ފެށީ. ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙު ކުރަމުން، އަޅުގަނޑު އެ ދުވަހު ދެންނެވި ވާހަކައެއް އަޅުގަނޑު ތަކުރާރުކޮށްލާނަން. އެދުވަހު އަޅުގަނޑު ދެންނެވިން. "ދެން ވާން އޮންނާނީ ހަމަ އެންމެ ގޮތެކޭ. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްޤީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖެ އެކުއެކީ ހިނގާން ފެށުމޭ." އިރާދަކުރެއްވިއްޔާ މި ރަށުގައި އެކަން ޢަމަލީގޮތުން ފެށިގެން މިއަދު މިދަނީ.
އަޅުގަނޑުގެ ކަނާތްފަރާތުން މި ފެންނަނީ އެ ޒަމާން. ދެން މި ފެންނަނީ މި ޒަމާން. ބަދަލުވަމުން އައިގޮތުގެ ވަރަށްރީތި މިސާލެއް. 18 އަހަރު ކުރިން މި ރަށުގެ އިންޖީނުގެ ހުރިގޮތާއި، މިއަދު ފެނަކައިން އެ ގެނައި ބަދަލު ތިޔަބޭފުޅުންނަށް ތަޞައްވުރުވެގެން އެދަނީ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި މަންޒަރު އިރާދަކުރެއްވިއްޔާ ފެންނާނެ. އަޅުގަނޑުމެންގެ މި ފަސް އަހަރު ނިމުމުގެ ކުރިން ޚިދުމަތް ފުރިހަމަކޮށްދީ ރައްޔިތުންނަށް ފޯރުކޮށްދޭނަން.
އަޅުގަނޑުމެންގެ މި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ފެނަކައަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެއް. ބުރަ މަސައްކަތްތަކެއް ދައްޗާއި އުނދަގުލުގައި ރެޔާއި ދުވާލު މެދުނުކެނޑި ކުރައްވަމުން އެބަ ގެންދަވާ. މިކަމުގައި އެންމެ އިސްކޮށް ހުންނެވި ފެނަކައިގެ އެމް.ޑީ. އަޙްމަދު ސަޢީދަށާއި އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ފަށްފަށުން ޝުކުރު އަދާކުރަން.
ފެނަކައިގެ މަސައްކަތް އެގޮތަށް ނުކުރެވޭ ކަމަށްވާނަމަ، އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީއެއް މި ސްޕީޑަކު ރަށްރަށަކަށް ނުގެނެވުނީސް. އޭގެއިތުރަށް، ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފެނަކައިން ދިނުމުގެ އިތުރަށް މިހާރު އިތުރު މަސައްކަތެއް އަޅުގަނޑުމެން ހަވާލުކޮށްފިން. އަޅުގަނޑު އެ ވާހަކަ ފުރަތަމަ ދެއްކީ ފޯކައިދޫގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން. އަޅުގަނޑު އެ ދުވަހު ދެންނެވިން. "ފެނަކައިގެ އޮފީސްތައް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުއްޓޭ." ރާއްޖޭގެ ގިނަ ރަށްރަށަކީ މަސްވެރިން ދިރިއުޅޭ ރަށްރަށަށްވާތީ، މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެގޮތެއް ހެދުމަށްޓަކައި މިކަން އެންމެ ފަސޭހައިން ކޮށްދެވޭނީ ފެނަކައިން ކަމުން، އެކަން ފެނަކައާ ހަވާލުކުރުމަށް އަޅުގަނޑު އެ ދުވަހު ގޮވާލިން. އިރާދަކުރެއްވިއްޔާ މިހާރު އެވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ފެނަކައިން ހަވާލުވެ އެ ޚިދުމަތް ދޭން ތައްޔާރުވެފައި. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް ފެނަކަޔާ ދޭތެރޭގައި. ދެން ކުރިއަށް މި އޮތް ތަނުގައި ދަތިނުވެ ހުރިހާ މަސްވެރިންނަށް އެ ރަށަކުން އެ ހުރި ސެންޓަރަކުން އައިސް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަމަށްޓަކައި އަދިވެސް އެއްފަހަރު ފެނަކައަށް އަޅުގަނޑު ޝުކުރު އަދާކުރަން.
އާދެ، ތަފާތުނުކުރުން، ހަމަހަމަކޮށް ކަންތައް ކުރުން މިއީ، އަޅުގަނޑުމެންގެ މެނިފެސްޓޯއަށްވުރެ ކުރީގައި އޮތް ކަމެއް. އަޅުގަނޑުމެން ވީ ވަޢުދުތަކަށްވުރެވެސް ބޮޑު ވަޢުދެއް. ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް މިކުރަނީ މެނިފެސްޓޯ ތަންފީޒު ކުރުމުގައިވެސް، ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑު މި ދެންނެވި ދެ ކަންތައް އިސްކޮށްގެން ކުރިއަށް ގެންދަން. ތަފާތުނުކުރުން، ޚިދުމަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން.
މިއަދު ފިނޭގައި ހުރެ އަޅުގަނޑު މި ވާހަކަ ދައްކާއިރުގައި ހިތްހަމަޖެހުން ލިބޭ އެންމެބޮޑު ސަބަބަކީ އެއީ. ދިރިއުޅެން ފައްކާވެފައި އޮތް ރަށެއް. ހަނިމާދޫ އެއަރޕޯޓް މިއޮތީ 10 މިނިޓާއި 15 މިނިޓާ ހިސާބުގައި. ދުއްވާލާފައި ދެވޭ ހިސާބުގައި. މި ރަށުގެ ތަރައްޤީއަށް ލޯކަލް ޓުއަރިޒަމް ވިޔަސް، ދަނޑުވެރިކަންވެސް ފަށައިގެން ކުރިއަށް ގެންދަންވީ. ސަރުކާރުން އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ބޭނުންވާ މި ކަންތައްތައް ކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް.
ކުރިންވެސް ދެންނެވި ފަދައިން، ފެނަކައިން އެ އަންނަނީ ބުރަ އުނދަގޫ މަސައްކަތްތަކެއް ކުރަމުން. އެ ޒަމާނުގައި ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ދިނުމާއި، ނަރުދަމާގެ ޚިދުމަތް ދިނީ، ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގެން އެގޮތަކަށް ނޫން. ކޮންމެ ރަށެއްގައިވެސް ކަރަންޓުގެ ޚިދުމަތް ދޭން އޭރު ފެށީ އެ ރަށުގައި ހުންނަ ކޮންމެވެސް ތަނަވަސް މީހެއް. ނަރުދަމާގެ ނިޒާމުވެސް އޮތީ ހަމަ އެގޮތަށް. ނޫނީވިއްޔާ އެ ރަށެއްގެ ކައުންސިލުން، ނޫނީވިއްޔާ އެ ރަށެއްގައި އޮންނަ ކޮންމެވެސް ކްލަބަކުން އިސްނަގައިގެން، ފައިސާ ހޯދައިގެން އެކަން ކުރަމުން އައީ. އެއީކީއެއް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތަކު ސަރުކާރަކުންނެއް އޭރަކު ނުދެކޭ.
އެ ވިސްނުމުގައި މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ރާއްޖެ ތަރައްޤީ ކުރެވޭނީ މި ދެންނެވިހެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އެއިރަކު އޮންނަ ސަރުކާރަކުން ފޯރުކޮށްދީގެން. ޚަރަދުވެސް ހިނގާނެ. އެހެން ނަމަވެސް، ވަށައިގެން ދެން އަންނަ ކަންތައްތަކުގެ ސަބަބުން އަޅުގަނޑު މި ދެންނެވި ތަރައްޤީއާ އެކީގައި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ކުރިއަށް މިއޮތް އަހަރުތަކުގެ ތެރޭގައި މި ރަށުންވެސް އެކަން ބޮޑުތަނުން ފެނިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
ދާއިރާގެ މެންބަރު މިހާރުވެސް އެ ހުންނެވީ މި ރަށުގެ ޚިދުމަތުގައި. ވަރަށް ބޮޑެތި އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންތައްތައް ނިންމުމުގައި ފުރިހަމަ އެއްބާރުލުމާއި އިތުބާރު، ޔަޤީންކަން އެ މަނިކުފާނު އަޅުގަނޑުމެންނަށް ދެއްވާ. ތިޔަބޭފުޅުން ހޮއްވަވައިގެން ތިޔަ ހުންނެވީ މިކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު. އެގޮތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަތީމާ، މި ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރުމުގައި އެއްވެސްކަހަލަ ހުރަހެއް ނޯންނާނެ. އެކަމަށްޓަކައި ދާއިރާ ތަމްސީލު ކުރައްވާ ޢަބްދުލްޣަފޫރު މޫސާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
ކައުންސިލްގެ ރައީސް ޢަދުނާން ޢަބްދުﷲ ދެން އިތުރަށް ވިދާޅުވީ، ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލުގެ ވާހަކައާއި، ސްކޫލްގެ ކްލާސްރޫމްތަކުގެ ވާހަކަ. އޭގެއިތުރަށް، ޒުވާނުން ކުޅިވަރު ކުޅެން ބޭނުންވާ ދަނޑުތަކާއި ޖިމް ނެތުމުގެ ވާހަކަ. އަދި އެއަށްވުރެ ބޮޑަށް ފާހަގަކުރެއްވީ، ރަށުގެ ބަނދަރުގެ ވާހަކަ. އަޅުގަނޑު ހިތުން މި ރަށުގެ ބަނދަރަކީ މިހާރު ބޮޑުކުރަންޖެހިފައި، ބަދަލުކުރަން ޖެހިފައި އޮތް ތަނެއް. މި ދެންނެވި ތަރައްޤީ މި ރަށަށް އަންނާނީ، ދެން ބަނދަރަށް ބަދަލެއް ގެނެސްގެން. އަޅުގަނޑު އުންމީދު ކުރަނީ، ޕްލޭނިންގ މިނިސްޓްރީން މިކަމާ ދޭތެރޭގައި ގޮތްތަކެއް ހޯއްދަވާނެ ކަމަށް.
ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް އެބަހުރި. އެހެންކަމުން، އޭގެތެރޭގައި މި ރަށުގެ ބަނދަރުގެ މަޝްރޫޢުވެސް އަޅުގަނޑުމެން ހިމަނާނަން. މިއަދު މިވެނި ތާރީޚެއްގައި ފެށޭނެއޭ އަޅުގަނޑަށް ޔަޤީންކަމާއެކީގައި ނުދެންނެވުނު ނަމަވެސް، އެއީ އިސްކަންދޭނެ ކަމެއް ކަމުގައި އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން.
އާދެ، ވަރަށް ހޫނުގަދަ ވަގުތެއް. ތިޔަބޭފުޅުން އިންތިޒާރު ކުރައްވަމުން ތިޔަ ގެންދެވި ތިން މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދު ހުޅުވިގެން އެދިޔައީ.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ފިނޭއަށާއި، ހދ. އަތޮޅަށް މިއަށްވުރެ ބޮޑު ތަރައްޤީއެއް މާދަމާ ﷲ މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި މެންބަރުން، އަދި ހއ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، އުތީމުގެ ލޮބުވެތި ރައްޔިތުން އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ޤައުމީ ދުވަހުގެ އުފަލަކީ ތަފާތު އުފަލެއް. 1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލަށް އުތީމަށް އާދެވުމުން، އަޅުގަނޑަށް ލިބޭ އުފާ އަދި މާ ތަފާތު. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު ކިޔަސް، އުތީމު މަހާރަދުން، ނޫނީ ޣާޒީ ރަދުންގެ ނަން ދިނަސް އެއީ މި އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރު. ރަށަކުން ނުވަތަ އަތޮޅަކުން ޤައުމަކަށް ދޭނެ އެންމެ ބޮޑު ހަދިޔާ ދިވެހިރާއްޖެއަށް ދިނީ، މި ފިޔަވަޅުމަތީގައި އަޅުގަނޑު މިހުރި އުތީމުގެ ފަސްގަނޑުން. ވައި ފެން ހެޔޮ މި ބޮޑު ތިލަދުންމަތިން.
ބޮޑުތަކުރުފާނޭ ބުނުމުން ހިތަށް ސިފަވެފައި އޮންނަނީ އެއީ ހަރު އުމުރުގެ ވަރަށް ދޮށީ ބޭފުޅެއް ކަމުގައި. ޙަޤީޤަތުގައި އޭރު އެއީ އުމުރުން ހަގު ޒުވާން ބޭފުޅެއް. އެ ހަށިކޮޅުގައި ހިނގީ ޒުވާންކަމުގެ ހޫނު ލޭ. އެއްވެސް ދެވަނައެއް ނެތި، އެ ޙިކުމަތާއި ވިސްނުމާއި، ހިތްވަރާއި ޖޯޝް، އެ ހަށިކޮޅުގައި ހިނގަން ފެށި ސިއްރެއްވާނެ. ރާއްޖެއާމެދު އޮތް އިލާހީ ޢިނާޔަތާއި މަދަދުގެ މެދުވެރިޔަކަށް އެ ތަކުރުފާނު ނުވިނަމަ، މި ވާހަކަ ދައްކާނެ މި ދުވަސް އަޅުގަނޑުމެންނަށް ލިބުން ނާދިރު.
ދުނިޔޭގެ ގަދަފަދަ ބާރަކުން މުޅި ސަރަޙައްދު އޮތީ އިސްތިޢުމާރުކޮށްފައި. މީސްގިނަ ބޮޑެތި ބައްރުތައް އޮތީ ކުރުގެޅި، އިނދަޖެހި، ހިރިނުލެވިފައި. ކަނޑުގެ ބާޒުގެ ނަމުން ޕޯޗްގީޒުން ދެއްކި ގަދަޔަށް ރައްދު ދެވޭނީވެސް ކަނޑުގެ ބާރަކުން. އެކަމަށް ބޭނުންވާ ވިސްނުމާއި ހުނަރުހުރި ކަނޑުގެ ބާރަކީ ދިވެހިންކަން ބޮޑުތަކުރުފާނު ދެނެވަޑައިގެންނެވި. ވަކަރުގެ އާރު ވަތަށްވާގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް ކަޅުއޮއްފުންމި ބަނދެ ނިންމީ، ވަކަރުފުށް ބޭރަށް. ބޭނުމަކީ ދުވެލި ބާރުކުރުން. އެއީ އާދައިގެ ވިސްނުމެއް ނޫން. ޙަޤީޤަތުގައި ވަތަށް އޮންނަންޖެހޭ ވަކަރުފުށް ބޭރަށްޖެހި، ކަޅުއޮއްފުންމީގެ ފުރަތަމަ މަޑުލާއެކު ޕޯޗްގީޒުން ވަތަކުތޯ ޖެހިއްޖެ. ކަނޑުގެ ބާޒު ބަލިކުރެވޭނީ ކަނޑުގެ ދަރިންނަށް. އެކަން ކުރީ ދިވެހިން. އަޅުގަނޑުމެންނަކީ ޖަޒީރާވަންތަ ކަނޑުގެ ދަރިން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަޙައްދަކީ އަދި ޤައުމެއް ނޫން. ޤައުމެއް ނެތަމަ ޤައުމިއްޔަތެއް ނޯންނާނެ. ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން. ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ޤައުމިއްޔަތުގެ ތަރުތީބު. ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ، ވެވަޑައިގެންނެވި އެންމެބޮޑު ޤުރުބާނީއަކީ ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކޮށްދެއްވުން.
މިވަގުތު އަޅުގަނޑަށް މި ހުރެވުނީ ރާއްޖޭގެ އެންމެ އުތުރުގެ އިން ކަމުގައިވާ ތުރާކުނާ މާ ދުރަކުނޫން. އެ ތުރާކުނުން ފެށި އައްޑޫ ގަން، ދެކުނު މުއްޔާ ދެމެދުގައިވާ ހުރިހާ ސަރަޙައްދަކީ މި ދިވެހިރާއްޖެ. ދިވެހި ކާބަފައިން އެކީ އެއް ހަމައެއްގައި އުފުލައި ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާއަކީ، މި ޤައުމާއި ދިވެހި ޤައުމިއްޔަތު. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ނަޖާތު ކަމުގައިވި މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާއި ތާރީޚާއި އާދަކާދައާއި ސަގާފަތް. ދިވެހިންގެ އަދަބު އަޚްލާޤާއި ސުލޫކު ޤައުމިއްޔަތުގައި ޝާމިލްވޭ.
ބޭނުންވާ އެއްޗެއް ބޭރުން އެތެރެކުރެވިދާނެ. އެހެން ނަމަވެސް، ޤައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން. ދިވެހިންނަކީ އަޞްލާއި ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ޤައުމެއް. އާދައާއި ބަހުރުވަ އެކައްޗެއް. އެކަންކަން، އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ޙިއްޞާވި ޤައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް. ދިވެހި ޤައުމިއްޔަތު ޒީނަތްވެދާ މި ދެންނެވި ބޮޑު އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގައި މަދުވާނެ.
ޤައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާޤާއި، ރިވެތި އުޅުމާއި ސުލޫކު. އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު. ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯބި. ވަށައިގެންވާ މާޙައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ޙަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ޤައުމިއްޔަތަށް އޮތް ލޯބި.
އެ ޒަމާން، އެ ޒަމާނުގެ ގޮތުގައި ފާއިތުވެ، މި ޒަމާން އައިއިރުވެސް ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ އެބަ ހެކިވޭ. ފަތުރުވެރިކަން ރާއްޖެއަށް ފެތުރުނުތާ 50 އަހަރު މި އަހަރު މި ފުރެނީ. މެހްމާންދާރީއާއި އޯގާތެރިކަމާއި ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލް ކަމުގައި ރާއްޖެއަކަށް ނުވެވުނީސް. ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތާ، އިޙްތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއް. މި ދެންނެވި ޤައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމާއި، އެ ދީނުގެ ޞައްޙަ ޢަޤީދާއަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ޙަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނައި، ފަރުހިލައި، ވަލުފުރާގުން ދަރިން ބޮޑެތިކުރީ ދިވެހި ކާބަފައިން. އެއީ އުމުރަށް ނަމާދު ޤާއިމުކޮށް، ރޯދަ ހިފައި، ޒަކާތްދީ، ޙަރާމަށް ބިރުވެތިވެ، ޙަލާލަށް ރައްކާތެރިވި ދިވެހިން. ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާއެކު މުޢާމަލާތު ކުރެވި، ޞުލްޙަމަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް.
ޤައުމިއްޔަތަކީ ތަފާތެއްނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން. މި ދަތުރުގައި އަޅުގަނޑު މިއައީ ފިނޭއަށް ގޮސްފައި. އަޅުގަނޑުމެން އަލުން އަނބުރާ އިޢާދަކުރަން މަސައްކަތް މި ކުރާ ދިވެހި ޤައުމިއްޔަތުގެ ހަމަ ތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުން. ބިންގަނޑު ރަނގަޅު، ފެހިކަންގަދަ، ކުނބުރެއްގެ މިސާލުގައި އޮތް ފިނޭއަކީ އެކަހެރިކޮށް އޮތް ރަށެއް. މާބޮޑު ފަޅެއްނެތި، މާކަނޑުގެ މެދުން ހިކިފައިވާ ޖަޒީރާ މުތެއް. މެދުމިނުގެ އާބާދީއެއް އޮތް ރަށެއް. އެ ރަށުގެ ފެނާއި ނަރުދަމާ ފުރިހަމަވެއްޖެ. ބަރާބަރަށް ޚިދުމަތްދެވޭނެ އިތުބާރު ހަކަތައިގެ ޔަޤީންކަން ފިނޭއަށް ލިއްބައިދެވިއްޖެ. އެ ރަށުގެ ފެރީ ހަޓް މެދުވެރިކޮށް ފަސޭހަކަމާއެކު ތުރާކުނުން ފެށިގެން މާއުނގޫދުއާ ހަމަޔަށް އުނދަގުލެއްނެތި ފިނޭ ފެތުރި ފުޅާވާނެ. ކުޑައެއް، ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ ފަސޭހަ މި ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހުއޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުން.
ޞިއްޙަތާއި ތަޢުލީމާއި އާމްދަނީއަށް ވާސިލްވެވޭނެ އަވަސް އަދި ފަސޭހަ މަގުތައް ކޮށައި އަލިކުރުމަށް ފަށާފައިވާ މި މަސައްކަތް ނުނިންމައި ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހެނީ އަމިއްލަ ތާރީޚު. ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭނެ. ތާރީޚާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓެންޖެހޭނެ.
އުތީމުގައި ހުރެ މި ވާހަކަ ދައްކާއިރު ދަންނަވަންޖެހެނީ، ހުރި ކިތަންމެ މުއްސަނދި އާސާރަކަށް އިހުމާލުވެ ނެތިދިޔަ ހިތާމަވެރި ވާހަކަ. އުތީމު ގަނޑުވަރު ނޫނީ ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ މިފަދަ އާސާރެއް، ހަނދާނެއް އަދި ތާރީޚެއް، ބިނާއެއް ނެތޭވެސް ދެންނެވިދާނެ. ކަޅުވަކަރު މިސްކިތް އަތުޖެހިފައި އެވަނީ ކުރި ވަރަށްބުރަ މަސައްކަތުން. ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު އޮތީ އެ ލިސްޓަށް އަރާފައި. މާލޭގައި ހުރި ތާރީޚީ ބިނާތައް މާލެތެރޭގައި ގިނަވެ، ބިކަވެ، އެގޮތްމިގޮތް ވެގެންދިޔައީ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީޚީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖެއަށްޓަކައި ކުރަންޖެހޭނެ ކަމެއް. ވަކި ސިޔާސަތަކާއެކު ސަރުކާރުން މި އަންނަނީ އެކަން ކުރަމުން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
ދުނިޔޭގެ އަރިހުރަހަށް ހިނގާ އެކި ބާވަތުގެ އޮއިވަރު މިއަދު ތަފާތު. ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަޤްވާމީ ދުނިޔެއާ އެއް ސަފުގައި ރާއްޖެ ފައިހަމަކުރަންޖެހެނީ. ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ މަންފާއާއި، އޭގެ އަނެއްކޮޅުވެސް އެބައޮތް. އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އެ އަންނަނީ، އަޅުގަނޑުމެން ބޮޑެތިވިފަދަ ދުނިޔެއަކު ނޫން. އެ ކުދިންގެ ވިސްނުމާއި، އުންމީދާއި، ބޭނުންތައް ވަރަށް ބޮޑަށް ތަފާތު. އެހެން ނަމަވެސް، ހަމަ މަގުގައި އިންސާނަކަށް ހުރެވޭނީ، އޭނާއަށް ލިބޭ ޢިލްމަކާއި ހުނަރަކުން. ރަނގަޅާއި ނުބައި ދަސްވެ، އަމިއްލަ ސިކުނޑިން ވިސްނި މިންވަރަކުން. ދަރިންނަށް އެކަށޭނަ ރަނގަޅު ޞިއްޙަތާއި، ފުރިހަމަ ތަޢުލީމެއް ހޯދޭނެ ފުރުޞަތު ފަހިކުރުމަކީ، ޤައުމަށްޓަކައި ކުރާ ކަމެއް. އެ ކުދިންގެ ޤާބިލުކަމާއި ޒިންމާދާރުކަމުން މެނުވީ، މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއްނުވާނެ. އެ ދަރންގެ ތަރުބަވީ ހިޔާވައްސަކީ މަދަރުސާ. އެހެން ނަމަވެސް، ޤައުމަށްޓަކައި ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮ ކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން.
މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ ނަމޫނާ އެ ކުދިންނަށް ގާތުން ފެނުން. މިންތީގެ ހަމަހަމަކަމާއި، ގެވެށި އިންޞާފު އެ ކުދިންނަށް ދަސްވުން. މޫސުމާއި، ތިމާވެށްޓަށް އަންނަ ބަދަލާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާމެދު ވިސްނައި އެގޮތަށް ޢަމަލުކުރުން.
ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެހައި އޮފިސަރުން؛
ޤައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލެއް، ފަޚުރެއް. އެހެން ނަމަވެސް، ޤައުމީ ދުވަސް ޒީނަތްތެރިވެ، ޝަރަފްވެރިވެ، ތަކުރާރުވާ ސަބަބަކީ ތިޔަ އޮފިސަރުން. ތިޔަބޭފުޅުން މިސާލު ނަންގަވަންޖެހޭ ޝަޚްޞިއްޔަތަކީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން. އެއީ އަޅުގަނޑުމެންގެ ދާއިމީ ކޮމާންޑަރ އިން ޗީފް. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލުގެ އަބަދީ ރަމްޒު. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ޤައުމުގެ ޙިމާޔަތުގައިވާ ޙަޤީޤީ އެކަތައިގެ ފާރަކީ، ތިޔަ ބަދަހި ސަފުތައް.
އަޅުގަނޑުގެ ދުޢާއަކީ اللَّـهُ سُبْحَانَهُ وَتَعَالَىٰ ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިން، 68 ވަނަ އަސާސީ ތަމްރީނު ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނާއި، ކޯހުގެ ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދު އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، ސިފައިންގެ ޚިދުމަތާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ތިޔަ ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކްބާދީ ދެންނެވުން. ތިޔަ ޒުވާން ސިފައިން މިއަދު ކުރެއްވި ހުވަޔަކީ، ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއްގައި ދެމިތިބުމަށް ކުރެއްވި ހުވައެއް. އެހެންކަމުން، ތިޔަ ސިފައިންގެ އެންމެ ފަހު ވިންދާ ޖެހެންދެން ވެސް، ޤައުމީ ޖިހާދުގެ މައިދާނުގައި ސާބިތުވެ ތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ސިފައިންގެ މީހަކަށް ވުމަކީ އޭގެ ޒާތުގައި އެ މީހަކަށް ލިބޭ ވަރަށް ޝަރަފުވެރި ޤައުމީ މެޑެއްޔެއް. އެ ޝަރަފާއި ފަޚުރު ދެމިއޮންނާނީ، ޤައުމުގެ ދިފާޢަށްޓަކައި އެމީހަކު ޤުރުބާންވާ މިންވަރެއްގެ މައްޗަށް. މިއަދު ތިޔަ ކުރެއްވި ހުވަޔާ އެއްގޮތަށް، ޤައުމުގެ މިނިވަންކަމާއި ސަލާމަތާއި އަމަންއަމާންކަމުގެ ދިފާޢުގައި ސާބިތުވެ، ޢަމަލާއި ބަހުން އެކަން ސާބިތުކޮށްދެވިއްޖެ ނަމަ، މުޅި ޤައުމު އެކަމުގެ އަގު ވަޒަންކުރާނެ.
ތިޔަ ޒުވާނުން ސިފައިންގެ ޚިދުމަތާ ގުޅުނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ތިޔަ ސިފައިންގެ ހިތްތަކުގައި ޢަސްކަރީ ޚިދުމަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން. ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިންގެ މި ޤައުމު ޙިމާޔަތްކޮށް ދިފާޢުކުރުމަށް ތިޔަ ސިފައިންގެ ހިތްތަކުގައިވާ ޢަޒުމެއްގެ ވަރުގަދަކަމުން.
ދިވެހި ޒުވާން ލޭގައިވާ ޤައުމީ ޖޯޝާއި ހޫނަށް، ދިވެހި އުންމަތް މިއަދު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި. ތިޔަ ސިފައިން ފުރިހަމަކުރި ތަމްރީނު ކޯހުގައި، ޤައުމިއްޔަތެއްގެ މުހިންމުކަމާއި، ޤައުމިއްޔަތުގެ ދިފާޢުގައި ޒުވާނުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން އުނގެނި ދަސްކޮށްފައިވާނެ.
ތިޔަ ޒުވާނުން މިއަދު ކުރެއްވި ހުވަޔާއެކު ތިޔަ ފަށަނީ ވަރަށް މުހިންމު ދަތުރެއް. އެއީ ފަސް އެނބުރި ބެލުމެއް ނެތް ދަތުރެއް. ސިފަވަންތަކަމުގެ އެންމެ މަތީ ހަމައަކީ، ކަމެއް ކުރުމަށް ކުރިމަތިލުމަށް ފަހު، ކޮންމެ ފަދަ ޙާލަތެއް މެދުވެރިވިޔަސް، ކެތްތެރިކަމާއި ހިތްވަރާއެކު އެކަމެއް ކާމިޔާބުކުރުމަށްޓަކައި ކުރިއަށް ފިޔަވަޅު އެޅުމުގައި ދެމިތިބުން. ފަހަތަށް ނުޖެހި ސާބިތުވެ ތިބުން. ޤައުމީ ކޮންމެ ކަމެއްގައި ވެސް ދަމަހައްޓަންޖެހެނީ އެ އުޞޫލާއި އެ ސުލޫކު.
މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ، ހަމައެކަނި ހަނގުރާމައިގެ އުކުޅުތަކާއި ހުނަރުތަކުގެ މައްޗަށް ބިނާވެފައިވާ ތަންތަނެއް ނޫން. މިއަދުގެ ޢަސްކަރިއްޔާތަކަކީ ޓެކްނޮލޮޖީއާއި އީޖާދީ ޢަސްކަރީ އުފެއްދުންތަކާއެކު ތަރައްޤީވަމުންދާ ތަންތަން. މިއަދު އެންމެ ކުރިއަރާފައިވާ އެންމެ ވަރުގަދަ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް. މިއީ އަޅުގަނޑުމެންގެ ދިވެހި ސިފައިންވެސް މިއަދު ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް.
ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިޔުމުގެ އެތައް ފުރުޞަތެއް، ދިވެހި ޢަސްކަރިއްޔާގައި މިއަދު އެބައޮތް. ހުރިހާ ފަންނުތަކާއި، ހުރިހާ ދާއިރާތަކުގެ މީހުން ސިފައިންގެ ތެރެއަށް ބޭނުންވޭ. އިންޖިނޭރުންނާއި، ޕައިލެޓުންނާއި، ޑޮކްޓަރުންނާއި، އާކިޓެކްޓުންނާއި، އެތުލީޓުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެނޫން ކިތަންމެ ދާއިރާއެއްގެ ފަންނުވެރިންނާއި ހުނަރުވެރިން ދިވެހި ސިފައިންގެ ތެރޭގައި މިއަދު އެބަތިބި.
ސިފައިންގެ މީހަކަށް ވުމަކީ، އެހެނިހެން ދާއިރާތައް އެމީހެއްގެ ކުރިމަތީގައި ބަންދުވާ ކަމެއް ނޫން. ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ސިފައިންގެ ޚިދުމަތަށް މިހާރުވެސް ބޭނުންވޭ. އެފަދަ ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދިވެހި ޢަސްކަރިއްޔާ މަރުޙަބާ ކިޔާނެ.
ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަސްކަރިއްޔާތަކުގެ ބޭނުން މިއަދު ހިފަމުންދަނީ ހަމައެކަނި ހަނގުރާމަ ކުރުމަކަށް ނޫން. ދެ ވަނަ ބޮޑުހަނގުރާމައިން ދުނިޔެ ދަސްކުރި އެންމެ ބޮޑު ފިލާވަޅަކީ، ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްހަ ދެމެހެއްޓުމަށްޓަކައި ޢަސްކަރިއްޔާގެ ބޭނުންތެރިކަން ބޮޑުކަން. މި ސަރަޙައްދުގެ ޢަސްކަރިއްޔާތައް ވެސް މިއަދު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށް.
އަޅުގަނޑުމެންގެ ދިވެހި ޢަސްކަރިއްޔާ ވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުން. ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަޔަށްޓަކައިވެސް އަޅާ ފިޔަވަޅެއް.
ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ވެސް އެބަހުރި. އެކަން ތިޔަ ޒުވާނުން ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަންވާނެ. ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތް ކުރުން. ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހަކު ވެގެން ނުވާނެ.
އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ސިފައިންނަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރަން ތިބި މީހުން. ސިފައިންނަކީ ޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައި ވެގެން ދަނީ، ސިފައިންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އެކުވެރިކަމުގެ ސަބަބުން. އެހެންކަމުން، ސިފައިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ޕްރޮފެޝަނަލް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް، ތިޔަ ސިފައިން ޢަޒުމް ކަނޑައަޅަންވާނެ.
އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި ސިފަޔަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަން. އޭރު ހަތިޔާރާއި ސިފައިންގެ ޢަދަދު ގިނައީކީ ނޫން. އަދި ހަތިޔާރުތައް މޮޅުވެފައި، މާމޮޅު ތަމްރީނުތަކެއް ލިބިފައި ތިބީކީ ވެސް ނޫން. ނަމަވެސް، ބޮޑުތަކުރުފާނާއެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ޤައުމު ދިފާޢުކުރުމުގެ ނުގުޑާ ފަދަ ޢަޒުމަކާއި، ޤައުމަށްޓަކައި ޝަހީދުވުމުގެ ކެރުމާއި ހިތްވަރު ހުރި. ދޮންބަންޑާރައިންނާ އެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ހިތްވަރާއި ފަންވަރާއި ކުޅަދާނަކަން ހުރި.
މިއަދު ތިޔަ ޒުވާނުން ފުރިހަމަކޮށްގެން ތި ތިބީ، މި ޒަމާނުގެ ޢަސްކަރީ އުކުޅުތަކާއި ހަނގުރާމައިގެ ތަމްރީނުތައް. ސިފައިންގެ ތަމްރީނު ކޯހުން ތިޔަ ޒުވާނުންނަށް ލިބުނު ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ފިކުރީ ޤާބިލްކަމާއި ޢަސްކަރީ ހުނަރުގެ ޙަޤީޤީ ބޭނުމެއް ޤައުމަށް ކުރާނީ، އެއް ޢާއިލާއެއްގެ ގޮތުގައި ހުރިހާ ސިފައިން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން.
އަޅުގަނޑު މިހެން ދަންނަވާއިރު، އެ މުހިންމު ސިފަތައް ދިވެހި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ދިވެހި ޢަސްކަރިއްޔާގެ މިހާރުގެ ވެރިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން އަޅުގަނޑު ދެނަހުރިން. ޚާއްޞަކޮށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ކުރައްވާ މަސައްކަތް އަޅުގަނޑަށް ވަރަށް ގާތުން ފެނޭ.
އެ ބޭފުޅުންނާއެކު ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެހެނިހެން އޮފިސަރުން ވެސް، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ދެމެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އެހެންކަމުން ސިފައިންގެ އިސް ވެރިންނަށާއި، ސިފައިންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ވަރުގަދަ ޢަސްކަރިއްޔާއެއްގެ ބިންގަލަކީ، އެ ތަނެއްގެ ސިފައިންނަށް ދެވޭ ތަމްރީނާއި ތަރުބިއްޔަތު. މި ޒަމާނުގެ ތަޢުލީމާއި ޢަސްކަރީ ހުނަރާއި ސިފަވަންތަ އަޚްލާޤުގެ މަތީގައި ސިފައިން ހާނުވައި ތަމްރީނުކުރުމުގެ މުހިންމު ޒިންމާ އަދާކުރާ މަރުކަޒަކީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް. އެހެންކަމުން ސިފައިން ތަމްރީނުކޮށް، ދިވެހި ޢަސްކަރިއްޔާ ހަރުދަނާ ކުރެއްވުމަށް، ޑިފެންސް ކޮލެޖުގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި އެ ކޮލެޖުގެ އެންމެހައި މުދައްރިބުންނަށާއި އިންސްޓްރަކްޓަރުންނަށް ވެސް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން.
ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހި ސިފައިންނަށް ސާބިތުކަމާއި ކާމިޔާބު މިންވަރު ކުރައްވާށި. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ އާއި ދިވެހިންގެ ދިފާޢުގައި ދެމިތިބުމުގެ ހިތްވަރާއި ސާބިތުކަން ދިވެހި ސިފައިންނަށް ދެއްވާށި. ދިވެހި ސިފައިންނަށް އަބަދުވެސް ކާމިޔާބާއި ކުރިއެރުމަށް އެދެން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
އެލް.ޖީ.އޭ. ބޯޑުގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. ފާޠިމަތު އަފްޝަން ލަޠީފް، ޔޫ.އެސް. އެމްބަސީ، ޔޫ.އެން.ޑީ.ޕީ. އަދި އައި.އާރު.އައި.ގެ އިސްވެރިން، މި ކޮންފަރެންސް، އެބަޔަކަށް ޚާއްޞަވާ ރާއްޖޭގެ ކައުންސިލްތަކުގެ ރައީސުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ހިލާ ޢަމުދުން ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށްވެސް ލިބިއްޖެ. މިއަދުގެ މި އިޙްތިފާލާ ހަމައިން އަޅުގަނޑަށް ފެންނަ އެންމެބޮޑު އެއް ކާމިޔާބީއަކީ އެއީ. މި ކޮންފަރެންސް މި ބޭއްވެނީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކުރެވިގެން ހައްދުންމަތީ ގަމުގައި. އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، ވަރަށްބޮޑު ތަފާތެއް މިހާރު ފެނޭ. ދިމާ ދޮރުމަތިން ތިމާ ގޭ ހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން އަދި މުޅި ރާއްޖެއިންވެސް މިހާރު މި ދެންނެވި ބަދަލު ފެންނާނެ. އަތްލެވޭނެ، ބެލޭނެ.
ލާމަރުކަޒީ ނިޒާމަކީ، މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެބޮޑު އިދާރީ ބަދަލު. މިއިން އަތޮޅެއް، ރަށެއްގައި މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއްޖެހީ މަރުކަޒީކޮށް، މި ރަށްތައް ގުޑިނުލެވޭވަރުކޮށްފައި. އެހެން ނަމަވެސް، މިހާރު މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއް ކަމުގައިވިޔަސް، އެއީ އެ ރަށަކަށްޓަކައި ކުރާ ކަމެއް. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގައިވިޔަސް، މީގައި ވަކި ތަފާތެއް ނެތް.
މި ހިނގާ ކޮންމެ ސިޔާސަތަކީ، ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްޤީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު އިޚްތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއި، ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުން. އެ ރަށުގައި ނެތް، މި ރަށުގައި ހުރި ކިތަންމެ ފުރުޞަތަކާއި، ޚިދުމަތަކާއި، ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި. މީގެ ކޮންމެ ދެ ރަށެއް އާރު.ޓީ.އެލް.ގެ ޒަރީޢާއިން ދުވާލަކު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ. އޭރުން އެވާގޮތަކީ، ދިރިދިރި ހިނގަހިނގާ އޮތް އިޤްތިޞާދެއްގެ ތަނަވަސްކަން އެންމެންނަށް ލިބުން.
މި ދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރޭ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ޚިލާފު މާދަރީ އުފެއްދުން ހުރޭ. އާރު.ޓީ.އެލް. މެދުވެރިކޮށް މި ތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެ.
އިސްދޫ މުލީގައި އަޅާ އިޤްތިޞާދީ އޮއިވަރު، މާވަށް ގުރައިދޫ ކަނޑުއޮޅިއަށް ވާޞިލުވޭ. އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭނެ. އެއީ ވިއަވަތި ޖަޒީރާ ރާއްޖެ ހިންގަންޖެހޭގޮތް. އާ ގޮތަކުން މާމޮޅު އަނެއްގޮތް ގެނެސްދެނީ މި ނިޒާމު. ތިޔަބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވެ ތިޔަ ތިއްބެވީ، ތަރައްޤީގެ މި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު މި މަގާމުގައި ދެމި މިހުންނަނީ މި މަސައްކަތް މުޅިން ނިންމައި، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަޞައްވުރެއް އަޅުގަނޑުގެ ނެތް.
އާރު.ޓީ.އެލް.ގެ ބާރު ދުވެއްޔާއި، އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅައި، އަމުނައި، ގަތައި ބަދަހިކޮށްފި. އަޅުގަނޑު މި ދެންނެވި ގޮތަށް، އެ ސަރަޙައްދުގެ 41 ރަށް އެދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުން. ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރިން ކުރި ދަތުރު، ފަސްދޮޅަހަށް، ސަތޭކައަށް ތިރިވެއްޖެ. މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ދަތުރަށް އަރައިފި. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް، މި ނިޒާމުން ގުޅައިލުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެދަނީ ކުރިއަށް.
ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށްގިނަ. އެއާއެކުވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން އައި ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާއި ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް އަމާޒު ކުރެވިފައިވަނީ، އެ ޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް.
ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤު. ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެ. ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ. ޤާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް އަޅުގަނޑުމެން ނައްތާލައިފިން.
ސަރުކާރުން ގެނައި މި އިންޤިލާބީ ހެޔޮ ބަދަލަކީ، ކޮންމެހެން ކުރަންޖެހި، ނުވެ އޮތް ކަމެއް. މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަކުރެއްވިއްޔާ، އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް. ރަށްތަކުގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ބަދަލު، މި އަހަރުގެ ހައި އެޗީވަރސް އެވޯޑް ޙާޞިލްކުރި ދަރިވަރުންގެ ޢަދަދުން ފެނިގެން ހިނގައްޖެ. އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ސިއްސައިގެންދާވަރުގެ މަތީ ނަތީޖާ އެ ހޯދީ މުޅި ދުނިޔެއާ ވާދަކޮށް. ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާ ކުދި ސްކޫލްތަކުން އެކަން އެވަނީ ސާބިތުކޮށްދީފައި.
ކަރަންޓާއި ފެނާއި ނަރުދަމާއަކީ އަސާސީ ކަންކަން. އެއީ ހުރިހާ ރައްޔިތުންނަށް ލިބިދިނުން މަޖުބޫރު ޚިދުމަތްތައް. ޚިދުމަތް އަސާސީ ނަމަވެސް، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމުގައި މުޅި ރާއްޖޭގެ ތަރައްޤީ އޭގެ މައްޗަށް ބިނާވާ އަސާސަކީވެސް އެއީ. 2018އާ ހަމަޔަށް އައިއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާއެއް ނެތް. މި ފަސް އަހަރު އަމާޒުކޮށްފައި މިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިންމުމަށް. ގެޔަކަށްފަހު ގެއެއް، ރަށަކަށްފަހު ރަށެއްގައި އެދަނީ މި ޚިދުމަތް ފުރިހަމަވެ ނިމެމުން.
ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ، މިދިޔަ ދެތިން އަހަރު ދެގުނަ ކުރެވިއްޖެ. ބާވެ، ހަސްނެތި، އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާއި، ބޯ ދުމުން ރައްޔިތުން މިންޖުކުރުމުގެ ބޮޑު މަޝްރޫޢު ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާއެކު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާ އިންޖީނުގެތަކުގައި އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި އިޢާދަކުރަނިވި ހަކަތައަށް ސަރުކާރުން މިވަނީ އަމާޒު ހިފާފައި.
ދާދި މިދާކަށްދުވަހު މުލަކަތޮޅުގެ ފަސް ރަށަކަށް އަޅުގަނޑު ދަތުރުކުރިން. ރައްޔިތުންނާ ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑު ހޯދިން. ބޭނުމަކީ ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުން އެދޭގޮތާއި، ބޭނުންވާގޮތް ސާފުކޮށް އެނގުން. ސަބަބަކީ، ރައްޔިތުންގެ ކަންކަން ކުރަންޖެހޭނީ، މަޝްވަރާ ކުރެވިގެން، އެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވާތީ.
ކުޑައެއް ބޮޑެއް، ކުލައެއްގެ ތަފާތެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަވާންޖެހޭތީ، އެ ދަތުރުގައި ރަތްމަންދޫ ރައްޔިތެއްގެ އިޙްސާސްތަކާއި ތަޞައްވުރު އަޅުގަނޑާ ޙިއްޞާކުރި. ރާއްޖެ ތަރައްޤީވާންޖެހޭ ގޮތާއި، އޭނާގެ ވިސްނުމުގައި އެވާގޮތް ނުހަނު އެއްގޮތް. ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަށް ރައްޔިތުން އެދި ތިބޭ މިންވަރު، އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް ސާފުވޭ. އޭނާގެ އެންމެބޮޑު ބޭނުމަކީ، އެކަށޭނަ ރަނގަޅު ތަޢުލީމީ ފުރުޞަތު، ރަތްމަންދޫގެ ބިމުން އޭނާގެ ދަރިންނަށް ލިބުން. ބައްޔެއްވުމުން ބޭސްކުރެވޭނެގޮތް، ރަށު ޞިއްޙީ މަރުކަޒުގައި ހަމަޖެހިފައި އޮތުން. ޞިއްޙަތާއި ތަޢުލީމުގެ އިތުރު ފުރުޞަތު، ކައިރީގައި އޮތް މުލިން ލިބޭނެގޮތްވުން. އެކަށީގެންވާ ތަޢުލީމެއް ލިބުމުން، އެއާ އެކަށޭނަ އުޖޫރައެއް، ނުވަތަ އާމްދަނީއެއް ހޯދޭނެ މަގެއް، ރަށް ނުވަތަ ރަށާ ކައިރިން ފަހިވެފައި އޮތުން. އޭނާގެ ވާހަކައިން އޮހޮރިގެންދިޔައީ، ޖަޒީރާވަންތަ، އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުގެ ޝުޢޫރު. އަމިއްލަ ފަސްގަނޑު ދޫކޮށް، ހިޖުރަ ކުރުމުގެ ދުރުކަމާއި، އޭގެ ހިތިކަން އޭނާގެ ޢާއިލާއިން ބޭނުންނުވާ މިންވަރު. ޙަޤީޤަތުގައި ސަރުކާރުން މިކުރާ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ އުފާވެރި ތަޞްވީރުގެ ކުލަޗާޕް އެއޮތީ އޭނާގެ އަތުގައި.
ސަރުކާރުން މިކުރާ މަސައްކަތަކީ އެއީ. ރާއްޖެ ލާމަރުކަޒުކޮށް، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ފުރުޞަތުތައް، އަމިއްލަ ރަށާއި އަތޮޅާއ، ސަރަޙައްދާ ގާތްކޮށް އަތުރައި ފަތުރައިލުން. ރަތްމަންދޫން އަޅުގަނޑަށް އެ ލިބުނީ، އަޅުގަނޑުމެން ކިތަންމެ ޒަމާނަކު އަޑުއަހައި ދަސްވެފައިވާ އަޅުގަނޑުމެންގެ ވާހަކަ. ޚުދު އަޅުގަނޑަކީ އަދި އަޅުގަނޑުމެން އެންމެންނަކީވެސް އެ ވާހަކަ ދައްކާ މީހުން. ކޮންމެ ރަށަކުން ކޮންމެ ރައްޔިތަކާ ދިމާވިޔަސް އެ އުންމީދު. ދެކެނީ އެ ހުވަފެން.
އަޅުގަނޑަށް ވިސްނުނީ، ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު އިޞްލާޙު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިންވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި ތާށިވެފައިވާ ކަމަށް. މިހާރު ހިނގަމުންމިދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި، ހިނގަމުން އެދަނީ އޭގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ކަނޑައަޅައިގެން. އެއީ އެ ޚިދުމަތާއި މި ޚިދުމަތް، އެ ވިޔަފާރިއާއި މި ވިޔަފާރި އަދި އެ ރަށާއި މިރަށް ގުޅައި ލާމެހިގެން ހިނގާ އުފާވެރި ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް. ތަނަވަސްކަމާއި ބާއްޖަވެރިކަން މި ރަށްތައް ލާވަށައިލުން.
މި ކޮންފަރެންސަށް އެއްވެ މިތިބީ ރާއްޖޭގެ ބޮޑު ދެކުނަށްވުރެވެސް ބޮޑުކޮށް ނިސްބަތްވާ ހުރިހާ ކައުންސިލަރުންނާއި، މޭޔަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން. ހައްދުންމަތިން ފެށިގެން ގޮސް އައްޑުއަށް ނިމުނީ އެކަންޏެއް ނޫން. ކޮޅުމަޑުލާއި، ނިލަދެކުނުންވެސް ވަޑައިގެން ތިޔަ ތިއްބެވީ މި ހޯލުގައި. ލާމަރުކަޒީ ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސްގެ ރަސްމީ ބައިވެރިންގެ ގޮތުގައި. މި މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ، ގެނެވުނު ޤާނޫނީ ބަދަލު ތަންފީޒު ކުރަމުންދާ ގޮތް ބަލައި ދެނެގަތުން. މިކަން މި ހިނގަނީ ރައްޔިތުން އެދޭގޮތަށްތޯ ކަށަވަރު ކުރުން. ލިބޭ އާ ޚިޔާލާއި، އިތުރު މަޝްވަރާތަކުގެ އަލީގައި، އެކަންކަން ބަދަލުކޮށް، އިޞްލާޙުކޮށް ފުރިހަމަކުރުމަށް. އުކުޅަހުން ގަމަށް މިކުރި ދަތުރުގައި، އެކަށީގެންވާ ރަނގަޅު ފޮނި ނަތީޖާތަކަކާއި ކުރިއެރުންތަކެއް ލިބިއްޖެ.
މިއީ ޤައުމީ ފެންވަރުގައި ކަންކަމާމެދު މަޝްވަރާކޮށް، ގޮތްތައް ނިންމުމަށް ލިބޭ ފުރުޞަތެއް. ރާއްޖޭގެ ތަރައްޤީގެ ކަންކަން ވިލަރެސް ކުރުމުގައި، މި ކޮންފަރެންސްގެ ނިންމުންތަކަށް ރިޢާޔަތް ކުރެވި، އެއަށް ޢަމަލީ ސިފަ އަންނާނެކަމީ ޔަޤީން ކަމެއް.
ރާއްޖެ ލާމަރުކަޒު ވަމުންދާއިރު، ސަރުކާރާއި ކައުންސިލްތަކުން ރިޢާޔަތް ކުރަންޖެހޭ އިޖުތިމާޢީ މައްސަލަތަކުގައި ވަނީ ބޮޑު ތިން ކަންތައް. ޒަމާންތަކަކަށް ވޮޑެމުން އައި އަކިރިގަނޑަކަށް ގޮށްރާޅުއެރުންފަދަ ކަމެއް. އެއީ އެއްވެސް އެއްބަޔަކަށް އެކަނި ޙައްލުނުކުރެވޭނެ ކަމެއް. ސަރުކާރުން ކަމަށްވިޔަސް، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.އާއި، ޖަމުޢިއްޔާ، ޖަމާޢަތްތަކާއި، ދައުލަތުގެ އަނެއް ދެ ބާރު ކަމުގައިވިޔަސް، މިކަމުގައި ތިބެންޖެހޭނީ އެކުގައި. ޚާއްޞަކޮށް، ކައުންސިލްތަކުން ސަރުކާރާއެކު އެންމެބޮޑަށް އަތާއިއަތް ގުޅާލަންޖެހޭނީ މިކަމުގައި.
ހަރުކަށި ފިކުރާއި، ގޭންގް ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގެ އިޖުތިމާޢީ އުފާފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ހިޔަނި. މިކަމާމެދު ފުޅާ ދާއިރާއެއްގައި ކަވި މަސައްކަތްތަކެއް މި ބައްދަލުވުމުގައި ހިންގަވައި ދެއްވުން އަޅުގަނޑު އެދެން. މިފަދަ ކޮންމެ ބައްދަލުވުމަކުންވެސް ޙާޞިލްވުން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެ.
އެގޮތުން މި ބައްދަލުވުންތަކުންވެސް ހޯދެންޖެހޭ ނަތީޖާތަކެއް އެބަވޭ. ހުރިހާ ކައުންސިލްތަކުން މިހާތަނަށްވެސް ފާހަގަކުރައްވާ އެއްކަމަކީ، ލިބޭ ބްލޮގް ގްރާންޓްގެ ޢަދަދު، ނުވަތަ މިންވަރުގެ ފަރަޤު. ބޭނުންވާވަރާއި ލިބޭ މިންވަރުގައި ހުރި ތަފާތު. ގްރާންޓް ދޫކުރާ ފޯމިއުލަރ އަށް ބަދަލުތަކެއް ގެނައުމުގެ ހުށަހެޅުންތައް މި ބައްދަލުވުމުގެ މޭޒަށް އަންނާނެ. މި ހުށަހެޅުންތަކަށް ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ކޮންމެހެން ބޭނުންވޭ. މިކަމުގައި ތިޔަބޭފުޅުންގެ ބިނާކުރަނިވި އީޖާބީ ވިސްނުން އިސްކުރައްވާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
މީގެއިތުރަށްވެސް ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަޙުޘް ކުރެވި، ނިންމުންތަކަށް ވާސިލްވެވޭނެ ކަމުގައި އަޅުގަނޑު ދެކެން. ކައުންސިލްތަކުގެ ހިންގުމާއި، ރަށުގެ ތަރައްޤީއާއި، އިޖުތިމާޢީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑު. މައްސަލައެއް ޙައްލުކުރުމަށް ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގައިވިޔަސް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންގެ ދައުރު އޮންނަންޖެހޭނެ. ޑަބްލިޔޫ.ޑ.ސީ.އާއި ކައުންސިލް އަދި ސަރުކާރު އެކުގައި ތިބެ ކުރާ މަސައްކަތުގެ ނަތީޖާ މާ ފޮނިވާނެ.
ޤައުމުގެ އަދި އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންނަށް ބައިކުޅަބައި ދީގެން، މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ. ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަންޖެހޭނީ ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި. ދުވަހަކުވެސް މި ނިޒާމާއި މި ބާރުތައް ރައްޔިތުންގެ އަތުން ދެން އަނބުރާ ފިރުކައިނުގަނެވޭނެ މިންވަރަށް. ވިއަވަތި ރާއްޖެ ކޮންފަރެންސް، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއެކު މި ބާއްވަނީ އެ ބޭނުމުގައި.
ދިވެހިރާއްޖޭގެ އުތުރާއި، ދެކުނު، އިރާއި ހުޅަނގުގައިވާ ހުރިހާ ރަށްތަކާއި ރައްޔިތުންގެ ދިރިއުޅުމުގައި އުފާފާގަތިކަމާއި ބަރަކާތް ލައްވާށި. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިންނަށް ގަދަކަން ދެއްވައި، ދެ ދުނިޔެ އަމާންކުރައްވާށި. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު ދެއްވައި ރަޙްމަތް ލައްވާށި. ދިވެހިންގެ ވިއަވަތި ރާއްޖެއަށް، މި މަސައްކަތަށް ނަޞްރާއި ނަޞީބާއި ކާމިޔާބު ދެއްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ވިއަވަތި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، ކައުންސިލްތަކުގެ ރައީސުން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ. ތަމްސީލު ކުރައްވާ ރައީސުން އަދި މެންބަރުން، ކުންފުނިތަކުގެ އިސްވެރިން، އެމް.އެން.ޑީ.އެފް. އާއި ޕޮލިސްގެ ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އާދެ، މިކަމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވި އައި.އާރު.އައި، އަދި ޔޫ.އެސް.އެއިޑް، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑު ހަނދާނެއް ނުނެތޭ އެލް.ޖީ.އޭ.ގެ ދައުރު މިކަމުގައި. އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. އަފްޝަން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސް ނިމުމަކާ ހިސާބަށް މިއަދު މިއައީ. އުކުޅަހުން ގަމަށް މިކުރި ދަތުރުގައި، އަޅުގަނޑު ހިތުން ރަނގަޅު ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ހާސިލު ކުރެވިއްޖެ. ހުކުރު ދުވަހުގެ ހަވީރު އަޅުގަނޑުމެން މި ފެށި މަސައްކަތް މިއަދު ނިންމާލާއިރުގައި، އެ ދުވަހުގެ ކުޅިވަރުގެ ޙަރަކާތްތަކުގައި ތިޔަ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން އެ ދެއްކެވި އެކުވެރިކަމާއި ބައިވެރިވުމާ އެކީގައި، މިއަދު ނިމެމުންދާއިރުގައިވެސް އެކަން އަޅުގަނޑަށް މިތަނުން ފާހަގަވެގެންދޭ. އެ ދުވަހުގެ އެ ކުޅިވަރުގެ ޙަރަކާތްތަކުގައި ތަފާތު ހުނަރުތައް ޢަމްރޫމެންފަދަ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔަތަން އަޅުގަނޑު ފާހަގަކޮށްލަން.
ހަމައެއާއެކު، މިއަދުގެއާއި އިއްޔެގެ އެކި ބަޙުޘްތަކުގައި ތަފާތު ކައުންސިލަރުން އަޅުގަނޑު މި ދެންނެވީ ރީނދޫ ކުލައާއި، ވައިލެޓް ކުލައާއި، ރަތް ކުލައާއި، ވަކި ކުލައަކަށް ހިމެނިވަޑައިނުގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެން، އެ ފާޅުކުރެއްވި ޚިޔާލުތައް އަޅުގަނޑުމެން ބަލައިގަންނަ ވާހަކަ.
އާދެ، މި ކޮންފަރެންސްގައި، މި ބައްދަލުވުމުގައި މުހިންމު ވާހަކަތަކެއް ދެކެވިއްޖެ. މިންތީގެ ހަމަހަމަކަމާ ބެހޭގޮތުން ފުރަތަމަ ސެޝަންގައި އަޅުގަނޑުމެން މަޝްވަރާ ކުރިން. ބިނާވެށި ޕްލޭނާ ބެހޭގޮތުން ވާހަކަ ދެކެވުނު. މާލީގޮތުން ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ. ބާރުވެރިކުރުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިއްޖެ. ވިލުންތެރި މުޖުތަމަޢެއް، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ގެއްލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރެވިއްޖެ. އަދި އޭގެއިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ތިޔަބޭފުޅުންނާ ޙިއްޞާ ކުރެވިއްޖެ. ކުންފުނިތަކާ އެކުގައި ބައްދަލުވުން ވަކިން ބޭއްވިއްޖެ. އަޅުގަނޑު ހިތުން މިއިން ކޮންމެ ބައްދަލުވުމެއްގައި ރަށު ފެންވަރުގައި ހުރި މައްސަލަތަކާއި، އަތޮޅު ފެންވަރުގައި ހުރި މައްސަލަތަކާ ބެހޭގޮތުން ވަރަށް ރަނގަޅަށް ވާހަކަ ދެކެވިއްޖެ.
ޑަބްލިޔޫ.ޑީ.ސީ.ގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ ބެހޭގޮތުން އެ ދެކެވުނު ވާހަކަތަކުގައި އަޅުގަނޑު ހިތުން ބުރަދަނެއް އެބަހުރި. މިހާރު މިއޮތްގޮތަށް ކުރިއަށްދާއިރުގައި، ދިމާވާ އެންމެބޮޑު ދައްޗެއް ކަމަށް އެބޭފުޅުން މި ފާހަގަކުރައްވަނީ، ބަޖެޓުގެ ދަތިކަން. ހަމައެއާއެކުގައި، މަސައްކަތް ކުރާނެ ރަނގަޅު މާޙައުލެއް ނެތުމުގެ ވާހަކަ. އޭގެއިތުރުން، ޕާޓްޓައިމް ތަނެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުމުން، ކުރިމަތިވާ ބައެއް އުނދަގޫތަކާއި ދަތިތައް ހުރި ވާހަކަ. މިސާލަކަށް ދަންނަވަނީނަމަ، ރަމަޟާން މަހުގެ ޢިނާޔަތް ނުލިބުމާއި، މެޓަރނިޓީ ލީވް އެބޭފުޅުންނަށް ހަމަނުޖެހުމުގެ ވާހަކައާއި، ކައުންސިލްތަކުން ބަޖެޓް ދިނުމުގައި ހުރި ދަތިތަކުގެ ވާހަކަ ދެކެވުނު. ތަފާތު ޚިޔާލުތައް އަތުވެއްޖެ.
އަޅުގަނޑަކަށް ނުފެނޭ، ޑަބްލިޔޫ.ޑީ.ސީ އުވާލާފައި ކައުންސިލާ އެކީގައި އެއްކޮށްލަންޖެހޭ ހިސާބަށް އަދި ދިޔަކަމަކަށެއް. އަޅުގަނޑަށް ފެންނަނީ މިހާރު މިއޮތްގޮތަށް ކުރިއަށް އަދި ގެންދެވޭތޯ މަސައްކަތް ކުރަން. އެގޮތުން، އެންމެ ފުރަތަމަ އަޅުގަނޑު ހިތުން ކުރަންވީ ކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުން. އަޅުގަނޑު ހިތުން ވަރަށްބޮޑު ޙައްލެއް އޭރަށް އަންނާނެ. ގިނަ ކައުންސިލްތަކުން އަޅުގަނޑު ހިތުން އެބަ ފޯރުކޮށްދޭ. ޚާއްޞަކޮށް، އަޅުގަނޑަށް ރޭގައި އެއް މޭޒެއްގައި ކެއުމުގައި އައްޑޫސިޓީގެ މޭޔަރާއި ފުވައްމުލައް ސިޓީގެ މޭޔަރާ އެކީގައި ވާހަކަ ދައްކާލަން ފުރުޞަތު ލިބުނު. އެބޭފުޅުންގެ ވާހަކައިގައި ވަރަށްބޮޑު އެހީތެރިކަމެއް، ވަރަށްބޮޑު ބޭނުންތަކެއް ފުދިގެންދާކަން ފާހަގަކުރެއްވި ޑަބްލިޔޫ.ޑީ.ސީ. މިހާރު އޮތްގޮތަށް އޮވެ މަސައްކަތް ކުރީމަ.
އަޅުގަނޑުމެން ކުރަންވީ ކަމަކީ، މި ދެންނެވި ގޮތަށް މާލީގޮތުން ހުރި ދަތިތައް ޙައްލުކޮށްދީ، މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުން. އެއާއެކީގައި، ފުލްޓައިމްކޮށް ތިބި ބަޔަކު އިންތިޚާބު ކުރެވޭ ތަނަކަށް ހެދުމާ ދޭތެރޭގައި ވިސްނުން ގެންގުޅެން އަޅުގަނޑަށް ފެނޭ. އެހެން ނޫނީވިއްޔާ، އެބޭފުޅުން އެ ވިދާޅުވި ފަދައިން، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވަމުން، ވަޑައިގެން އޭގައި ސޮއިކޮށްލާފައި، އެ ނަންގަވާ ޢިނާޔަތް ލިބުމުން، ދެން ތިބި މެންބަރުންނާ ދޭތެރޭ ކުޑަ ތަފާތެއް އަންނަކަން މި ފާހަގަވެގެންދަނީ. އެހެންވީމާ، އެއީ ޤާނޫނަށް ގެންނަންޖެހޭ ބަދަލެއްތޯ ބެއްލެވުމަށްފަހުގައި، އެކަން ޙައްލުކުރުމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަން.
ބިނާވެށި ޕްލޭން، ލޭންޑްޔޫސް ޕްލޭން އެއީ، އުކުޅަހުގައި އޮތް އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ. އެހެން ނަމަވެސް، މިއަދު މި ބައްދަލުވުން ނިމިގެންދާއިރުގައި، އަޅުގަނޑު ހިތުން މިއޮތީ މިއަށް ވަރަށް ރަނގަޅު ޙައްލެއް ގެނެވިފައި. އުކުޅަހުގައި އެ ނިންމި ނިންމުމާ އެކީގައި ޕްލޭންތައް ހެދުމުގެ މަސައްކަތް ކައުންސިލްތަކުން ކުރައްވަމުން އެބަ ގެންދަވާ. ދެން އޮތީ ހުއްދަ ދިނުމުގައި ގެންގުޅޭނެ އަވަސް ގޮތްތަކެއް ހޯދުން. އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިއްޖެ، ކޮންޑިޝަނަލް އެޕްރޫވަލްއެއް ދިނުމަށް. ބައިބައި ވަކިން ހުއްދަ ދޭކަހަލަ ގޮތަކަށް ހަމަޖެހިގެންދިޔުން. މިހާރުވެސް ޓޫރިޒަމް ސެކްޓަރަށް، ޓޫރިޒަމް ޤާނޫނުގެ ދަށުން ރަށްރަށުން އެ ކަނޑައަޅާ ބަޔަށް، ސެކްޓަރަށް ހުއްދަ ލިބޭގޮތަށް އަޅުގަނޑުމެން މިހާރުވާނީ ބަދަލުކޮށްފައި. އެހެންވީމާ، އަޅުގަނޑު ހިތުން އުކުޅަހުގައި އެންމެ ކުރީގައި އޮތް އެ މައްސަލައަށް މި ކޮންފަރެންސް ނިމިގެންދާއިރުގައި، ރަނގަޅު ބަދަލުތަކެއް ގެނެވޭނެ.
މާލީގޮތުން ބާރުވެރިކުރުވުން މިއީ އެންމެބޮޑު މައްސަލަ. އެންމެ މުހިންމު ކަންތައް. ފުރަތަމަ ވިސްނަންޖެހޭ ކަމަކީ، ކޮންމެ ރައްޔިތަކަށްވީތީ، ވަކި ތަފާތެއްނެތި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން. އެއީ، ކޮންމެ ރަށެއްގައި އުޅުނަސް، ކޮންމެ ސިޓީއެއްގައި އުޅުނަސް، ކޮންމެ ގެއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ. ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އެކަމަށް. އޭގެތެރޭގައި، ފެނާއި ނަރުދަމާ ހަމަހަމަކޮށް ލިބުން. ދަރިންނަށް ތަޢުލީމު ލިބޭނެގޮތް ހަމަޖައްސައިދިނުން. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން. އެއަށްފަހުގައި، ދެންހުރި ކަންތައްތައް ތަރުތީބުވާންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ.
ދެން އޭގެއިތުރުން، އަޅުގަނޑުމެން އިސްކަންދޭންޖެހޭނީ، އެ އުފެދިފައި އޮންނަ ގޮތުން ކުޑަރަށަކާއި، ބޮޑު ރަށަކާ ދޭތެރޭގައި ނޫނީވިއްޔާ ޤުދުރަތީ ގޮތުން އެހުރި މައްސަލަތައް ޙައްލު ކުރުމަށް ތަފާތުކުރަންޖެހޭ ތަފާތުކުރުންތައްކޮށް، ދޭންޖެހޭ ބަޖެޓް ސަޕޯޓްދީ، އިތުރުކުރަންޖެހޭ ކަންކަން އިތުރުކުރުމަށް. މިގޮތުން ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރެވިގެންދިޔައީ. އަޅުގަނޑު ހިތުން މި ބަދަލު އަޅުގަނޑުމެން ގެންނަންޖެހޭނެ. ކޮންމެ ރަށަކަށް ހަމަހަމަކޮށް އެއްގޮތަކަށެއް އެ ފައިސާއެއް ދިނުން އެއީ، އަޅުގަނޑު ހިތުން އިންޞާފަކަށް ނުވެދާނެ. ޤުދުރަތީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ރަށްރަށް އެބަހުރި. ލަފާފުރުމުގެ ދަތިކަން ހުރި، މައްސަލަ ހުރި ރަށްރަށް އެބަހުރި. ޗަސްބިން އޮތް ރަށްރަށް އެބަހުރި. ގޯތިދިނުމާއި އެހެން ކަންކަން ކުރުމުގައި ހުރި ދަތިތައް.
އެހެންވީމާ، މިކަމަށް ވިސްނައިގެން ގްރާންޓް ކަނޑައެޅުމުގައި ގޮތްތަކެއް ހޯދަން އަޅުގަނޑަށް ފެނޭ. ސިޓީތަކަށް ފައިސާ ބެހުމުގައިވެސް އެބަޖެހޭ ވިސްނުންތަކެއް ގެންގުޅެން. ހުށަހެޅިގެންދިޔަ، މާލޭސިޓީ ވަކިކޮށްފައި، ދެންހުރި ސިޓީތަކަށް ވަކިގޮތަކަށް އެ ފައިސާ ބެހުމުގައި އުޞޫލެއް ކަނޑައެޅުމަށް. އަޅުގަނޑު ހިތުން ހަމަ ރަނގަޅު ވިސްނުމަކަށްވާނެ. އެއާއެކީގައި ސިޓީގެ ގޮތުގައި ހުރި ވަކިވަކި ރަށްރަށާއި، ގިނަ ރަށްތަކެއް އެކުވެގެން ހެދޭ ސިޓީތަކާވެސް ތަފާތުތަކެއް ގެންގުޅެންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
އެހެންވީމާ، އަޅުގަނޑު ހިތުން ސިޓީތަކަށް މިހާރު އޮތީ 20 ޕަސެންޓް ކަންނޭނގެ ގްރާންޓްގެ. އަޅުގަނޑަށް ނޯޓްކުރެވިފައެއް ނެތް. އެ ދޭއިރުގައި މިބައިވެސް އަޅުގަނޑު ހިތުން އަދި ބައިކޮށްލަންވީ. ބައިކޮށްލާފައި މާލެއަށް ވަކިގޮތެއް، ވަކިން އޮންނަ ސިޓީތަކަށް ވަކިގޮތެއް، ގިނަ ރަށްތައް އެކުލެވިގެން އޮންނަ ސިޓީތަކަށް ވަކިގޮތެއް ހެދުމަކީ ރަނގަޅު ގޮތަކަށް ވެދާނެ. އަޅުގަނޑު ހިތުން މިހާރު އައްޑޫސިޓީ އެކަނި އެގޮތަށް މިއޮތީ. ބައިވަރު ރަށްތަކެއް އެކުވެގެން އުފެދިފައި އޮތް.
ރަށު ކައުންސިލާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ވާހަކަ އައި. މިހާރު ޤާނޫނުގައި އޮތް ގޮތުން މިއޮތީ ރަށު ކައުންސިލްގެ އިޚްތިޞާޞް ކަނޑައެޅިފައި. އަތޮޅުތަކުގެ ނެތް. އެކަމަކު ރާއްޖެ އުފެދިފައި މި އޮތްގޮތުން އަޅުގަނޑަކަށް ހިއެއްނުވޭ އަތޮޅުތައް ބާކީއެއް ކުރެވޭނެހެނެއް. އެއީ ޒަމާނުއްސުރެ ރާއްޖެ ބައިކުރެވިފައި އޮތްގޮތް. ވަކިވަކި ދާއިރާތަކެއް އެބަހުރި. އެހެންވީމާ، އަތޮޅުތަކަށް އަޅުގަނޑުމެންނަށް އިޚްތިޞާޞެއް ކަނޑަނޭޅުނަސް، އެ އުވިގެން ނުދާނެގޮތަށް އަޅުގަނޑުމެންގެ އުޞޫލުތަކާއި ޕްލޭންތައް ރާވަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. އެއީ، ޤުދުރަތީ ގޮތުން އަޅުގަނޑުމެން އުފެދިފައި އޮތްގޮތް. އެ ބަދަލުކުރަން އުޅޭކަށް އަޅުގަނޑަކަށް ނުފެނޭ.
ގްރާންޓް އެއިޑް ފިނޭންސް މިނިސްޓްރީން ދޫކުރުމުގައި މަހުން މަހަށް ފައިސާ ދޫކުރުމުގެ ބަދަލުގައި، ކައުންސިލްތަކަށް ކުއާރޓަރލީކޮށް އެ ފައިސާ ދޫކުރުން އެއީ، ފަސޭހަ ގޮތަކަށް ވެދާނެ ކަމަށް ކައުންސިލްތަކުން ހުށަހެޅި. އަޅުގަނޑު ހިތުން އެއަށް ޕޮޒިޓިވް ޖަވާބެއް ފިނޭންސް މިނިސްޓަރު މިއަދުގެ ޕެނަލްގައި ދެއްވާފައި ވަނީ. ކުރިއަށް އޮތް އަހަރުގައި ބަޖެޓު ދެމުން ގެންދާއިރުގައި އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ބަދަލުކުރާނެ ވާހަކަ ދަންނަވަން.
އަތޮޅުފިހާރަތައް ޑިވެލޮޕް ކުރުމުގެ ވާހަކަ ގެނެވުނު. މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއިރުގައި، މުޅި އެ ސަރަޙައްދު ތަރައްޤީ ކުރުމުގެ ޕްލޭނެއް މިނިސްޓަރ އަސްލަމް އެބަ ގެންގުޅުއްވާ. އޭގެތެރޭގައި ބޮޑު ތަރައްޤީއެއް، ބޮޑު ބަދަލެއް އަންނާނެ ތަނެއްގެ ގޮތުގައި އަތޮޅު ފިހާރަތައް ޑިވެލޮޕް ކުރެވިގެންދާނެ. އެހެން ނަމަވެސް، މިހާރު އެ އޮތްގޮތަށް އޭގެ މަންފާ، އަޅުގަނޑު ހިތުން ލިބެންވާނީ އެ އަތޮޅު ކައުންސިލަކަށް، ސަރުކާރަށް ނުނަގާހާހިނދަކު. އަޅުގަނޑު ހިތުން އެ ނެގުން އެއީ ރަނގަޅު ކަމެއް ނޫން. އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔުން އެއީ، އެންމެ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ.
ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނެގުމުގެ ވާހަކަ އައި. އަޅުގަނޑަކަށް ނުފެނޭ އެކަން ކުރާކަށެއް. އަޅުގަނޑަށް ފެންނަނީ، މިހާރު އޮތްގޮތަށް ތިޔަބޭފުޅުންނަށް ދެއްވެން އޮތިއްޔާ ވީހާވެސް ފަސޭހައިން ޔުޓިލިޓީ ކުންފުނިތަކަށް ބިން ދޫކުރުން. އެކަމަކު ޚިދުމަތްތައް ރަނގަޅަށް ދެއްވަންވާނެ. އަދި ޑިސްކައުންޓް ދޭންޖެހޭ ޚާއްޞަ ޚިދުމަތްތަކަށް، ފެނަކައިންނާއި ސްޓެލްކޯއިންނާއި އަދި އެހެން ކުންފުނިތަކުންނާއި، ޚިދުމަތްދޭ ކުންފުނިތަކުން ލުއި ގޮތްތަކެއް ހަމަޖައްސަވައި އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
މިއަދުގެ އެންމެފަހު ސެޝަންގައި ވިލުންތެރި ރާއްޖެއަށް ތިމާވެށްޓާ ބެހޭގޮތުން މިނިސްޓަރ ޝައުނާ އެ ހުށަހެޅުއްވީ އަޅުގަނޑުމެންގެ ޕްލޭން އޮތްގޮތް. އޭގެތެރޭގައި، ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތަކެއް ހުރިކަމާއި، ކުނި މެނޭޖް ކުރުމާއި، މިހެންގޮސް ސޯލަރ ހަކަތައަށް ބަދަލުކުރުމާ، މި ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ރާވާފައި އޮތް ޕްލޭންތައް އެ ޙިއްޞާ ކުރެއްވީ. އަދި އެއާއެކީގައި ކުނި މެނޭޖް ކުރުމަށްޓަކައި، ކުނި ނައްތާލުމަށްޓަކައި ގްރީން ޓެކްސްގެ ތެރެއިން، ވަކި ޕަސެންޓެއް މި އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދެއްވާނެ ކަމަށް އެ ވިދާޅުވީ. އަޅުގަނޑު ހިތުން އެއީ، ތިޔަބޭފުޅުންގެ އެދިވަޑައިގަތުމެއް. މީގެކުރީގެ ސެޝަންތަކުގައި އެކަން ހުށަހަޅުއްވާފައި އޮތީ. އަޅުގަނޑު ހިތުން ރަށްރަށުގެ ކުނި މެނޭޖް ކުރުމުގައި މިކަމުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.
ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ތިން ކަންތަކުގެ ވާހަކަ އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ އޯޕަނިންގ ސްޕީޗްގައި. އެއީ، މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގް ކުށްތަކުގެ ވާހަކައާއި، ހަރުކަށި ފިކުރުގެ ވާހަކަ. މި ކަންތައްތަކާ ބެހޭގޮތުން އެމް.އެން.ޑީ.އެފް. އިންނާއި ޕޮލިހުން ކަންތައް ކުރަމުން ގެންދާގޮތް، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް އެ ބޭފުޅުން ހާމަކުރެއްވި. ރާއްޖޭގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހުރަސްކުރުމަށްޓަކައި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ޙިއްޞާ ކުރެއްވީ. ކައުންސިލް ފެންވަރުގައި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މީގެ މިސާލެއް، އެއޮތީ ގެމަނަފުށިން ފެންނަން. އެ މިސާލު ތިޔަބޭފުޅުން ނަންގަވައިގެން، ޕޮލިސްއާ އެކީގައި މަސައްކަތްތަކެއް މިއަދުން ފެށިގެން ކުރައްވަން ފަށްޓަވާ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ. އަރައިގަނެވޭނީ މި ދެންނެވިހެން ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކާއި އަދި އަމިއްލަ ފަރުދުންގެ ފެންވަރުގައި މިކަމުގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރެވިގެން.
ކުންފުނިތަކާއެކު ބައްދަލުކުރެވިއްޖެ. އެސް.ޓީ.އޯ، އެއީ ރަށްރަށުގައި ވަރަށްބޮޑު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއް. ފެނަކަ، އެމް.ޓީ.ސީ.ސީ. އާރު.ޑީ.ސީ. އައިލެންޑް އޭވިއޭޝަން، އެގްރޯ ކޯޕަރޭޝަން، އެސް.އެމް.އީ. ބޭންކް އަދި ބީ.ސީ.ސީ. މި ހުރިހާ ކުންފުނިތަކާ އެކީގައި މަޝްވަރާ ކުރެވިއްޖެ. ރަށްރަށުން ދަތިނުވެ ބޭސް ލިބޭނެގޮތް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް. އެސް.ޓީ.އޯ.ގެ ފާމަސީތައް ރަށްރަށުގައި މިހާރު އެބަހުރި. އަޅުގަނޑު ހިތުން މިހާރަށްވުރެ ރަނގަޅަށް އެ މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ކޮންމެ ރަށަކުން ނޫނަސް، ވަރަށް ގިނަ ރަށްރަށުން މި ޝަކުވާ އާދޭ. އެހެންވީމާ، މިއަށްވުރެ ކައިރިން ބައްލަވައިގެން، ރަށްރަށުން ފަސޭހައިން ބޭސް ލިބޭނެގޮތެއް ފޯރުކޮށްދޭން އެބަޖެހޭ.
ފެނަކައިން ކުރައްވަމުން އެ ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް. އަޅުގަނޑު ފަށަމުން ދެންނެވި ފަދައިން، އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ރާއްޖޭގެ ރަށްރަށުގެ 70 ޕަސެންޓަށް އޮތީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި. ބޯފެން ރަނގަޅަށް ނުލިބި. އެހެން ނަމަވެސް، އަމާޒަކީ އަޅުގަނޑުމެންގެ މި ދައުރު ނިމޭއިރުގައި، ހުރިހާ ރަށަކަށް އެ ޚިދުމަތް ދިނުން. އޭގެ ޕްރޮޖެކްޓްތައް އެބަ ހިނގާ، އެކި ކުންފުނިތަކާ ހަވާލުކޮށްގެން.
މަޝްރޫޢުތައް ނިމުމަށްފަހުގައި، ޚިދުމަތް ދޭން ޙަވާލުކުރާނީ ފެނަކައާ. ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެ. އަގުވެސް ވާންޖެހޭނީ އަތްފޯރާފަށުގައި ހުރި އަގަކަށް. ފެނަކައިގެ ވިޔަފާރި ޕްލޭން އެގޮތަށް ބައްޓަން ކުރުން އަޅުގަނޑު އެދެނީ. ފެނަކައަކީ އަސާސީ ޚިދުމަތެއްދޭ ތަނެއްގެ ގޮތުގައި ދެކި، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށް ދެކިވަޑައިގެން އެކަން ކުރިއަށް ގެންދެވުން އަޅުގަނޑު އެދެން.
އެމް.ޓީ.ސީ.ސީ. ވަރަށްބޮޑު މަސައްކަތެއް ކުރައްވަނީ. ބަނދަރުތައް ހެދުން އަދި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވައިލުމުގެ މުހިންމު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އަދި ރަށްރަށުގައި ބަސްދަތުރުތައްވެސް ކުރައްވަމުން އެބަ ގެންދަވާ.
މާލޭ ސިޓީގައި ދާދިފަހުން އަޅުގަނޑުމެން ޓްރައަލް ބަސް ދަތުރުތައް އެ ފެށީ. ކައުންސިލްތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުން. އަދި މާލޭގެ މަގު ހެދުންވެސް އާރު.ޑީ.ސީ. އިން ފަށައިގެން އެބަ ގެންދޭ. ކައުންސިލްތަކާ ވަރަށް ބޮޑަށް ގުޅިފައި ހުރި މަސައްކަތެއް. ފަށައިގެންއިރުގައި މާލޭ ސިޓީގެ އެހީތެރިކަމެއް އެހާ ރަނގަޅަކަށް ނުލިބޭ އަޅުގަނޑުމެންނަކަށް. އެހެން ނަމަވެސް، މިގޮތަށް މަޝްވަރާ ކުރެވި، އެއް ތަނެއްގައި ތިބެގެން ވާހަކަ ދެއްކިގެން، މި ދެ މަޝްރޫޢު މާލޭގައި ހިންގުމުގައި ކައުންސިލްގެ އެހީތެރިކަން މިހާރު ލިބޭކަން އަޅުގަނޑު ފާހަގަކުރަން.
އަޅުގަނޑަށް އެނގޭ އެކިއެކި ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން މިތާ ތިއްބަވާނެ. އެހެން ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދެއްވައި، އެއީ ރައްޔިތުންގެ ރަށުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވުމަކީ ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުން އަޅުގަނޑު މިއަދު އެދޭ އެދުމެއް.
އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ދޭ އެހީއާއި، ފޯރުކޮށްދޭ ކަންތައްތަކުގެ ވާހަކަ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެ ޙިއްޞާ ކުރެއްވީ. އަދި ގެވެށި އަނިޔާ ނައްތާލުމަށްޓަކައި ރަށްރަށުގެ ފެންވަރުގައި ކުރަން ރާވާފައި ހުރި މަސައްކަތްތަކުގެ ތަފްޞީލުވެސް ދެއްވައިފި. މިކަމުގައިވެސް ކައުންސިލްތަކުގެ އެހީތެރިކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ ދަންނަވަން.
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ޢިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ، ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.
މާލެއަށް ހިޖުރަކުރާ މީހުން މަދުނުވާ ވާހަކަ އެބަ ފެނޭ ހެޑްލައިންތަކުން. ތެދެއް އަދިއެއް ނުވޭ މަދެއް. މަދުނުވާ ސަބަބު އެނގޭ އަޅުގަނޑަށްވެސް. ކޮންމެ ކަމެއް ކުރަން ޖެހުނަސް، ކޮންމެ ބޭނުމެއްގައިވެސް އަދިވެސް ދާން މިޖެހެނީ މާލެއަށް. އެކަން ބަދަލުކުރެވޭނީ ރަށްރަށުގައި މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދެވިގެން. ރައްޔިތުންނަށް ޔަޤީންކަން އޮންނަން އެބަޖެހޭ، ރަށުގައި ހުރެގެން ތިމަންނާއަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ. ފެނާއި ނަރުދަމާ ހިސާބުން ފެށިޔަސް،
އެ ޔަޤީންކަން ކޮންމެ ރަށެއްގައި އޮންނަން އެބަޖެހޭ. ދަރިފުޅަށް ތަޢުލީމު ދެވޭނެކަމުގެ ޔަޤީންކަން އޮންނަންޖެހޭ. ޞިއްޙީ ޚިދުމަތް ކައިރިން ލިބޭނެކަމުގެ ޔަޤީންކަން އޮންނަންޖެހޭނެ. ކައިރިން ވަޒީފާ ހޯދެންޖެހޭނެ. މިއީ ބުރަ މަސައްކަތެއް. ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއް. ސަރުކާރުގެ ބަޖެޓުތައް މިދިޔަ ދެތިން އަހަރު ބޮޑުވާ ވާހަކަ ދައްކާނެ. ރަނގަޅު. އަޅުގަނޑުމެންނަށް އެއްފަހަރާ މި ހުރިހާ ކަމެއް ކުރަން ޖެހުނީމާ، ޕްރޮޖެކްޓްތައް ހިންގަން ޖެހުނީމާ ޚަރަދުތައް ބޮޑުވާނެ. އެހެން ނަމަވެސް، މި ރާއްޖެއަށް އަދި ޚާއްޞަކޮށް މާލެއަށް މިއޮތް ތޮއްޖެހުން ދުރު ރާސްތާގައި ކުޑަވެގެން އަންނާނީ މި ކަންތައްތައް ކޮށްގެން. އެހެންވީމާ، މި ސަރުކާރުގެ ޕްލޭނަކީ ހަމަ މި ޖަޒީރާ ތަރައްޤީގައި މިގޮތަށް ރަށްރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުން.
މިތާ ތިއްބަވާނެ ބައްޕަމެން، ކާފަމެން ދިރިއުޅުނުގޮތް ހަނދާން ހުންނާނެ ބައެއް ޢާއިލާތައް. މި ސަރަޙައްދަށް ބެއްޔަސް ފުދުންތެރި ދިރިއުޅުމެއް އުޅުނު ރަށްރަށް އެބަހުރި، އައްޑޫސިޓީ، ފުވައްމުލައް، ތިނަދޫ މިހެންގޮސް ހަމައެކަނި މި ސަރަޙައްދަށް ބެއްޔަސް. ސީދާ އެ ރަށަކުން ކޮޅުނބަށް އިންޑިޔާއަށް ދަތުރުކޮށް މުދާ ގެނެސް، މުދާ ވިއްކައި، ހަމަޖެހޭ ދިރިއުޅުމެއް، ރަނގަޅު އިޤްތިޞާދެއް އެ ރަށެއްގައި އުފައްދައި ކުރިއަށްދިޔަ ރަށްރަށް އެބަހުރި. އެހެން ނަމަވެސް، އޭރުގެ ސަރުކާރުން، މީގެކުރީގައި އޮތް ސަރުކާރުތަކުން، ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، ސިޔާސަތުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން މާލެއަށް ދާން މަޖުބޫރުވެފައި މިއޮތީ. މިއީ މިވަގުތު އެހާ ބޮޑަށް ޑިބޭޓަކަށް ދާން ބޭނުން ވާހަކައެއް ނޫން. އަޅުގަނޑު ބޭނުންވަނީ، މިހެންހުރި ކަންތައްތައް ރަނގަޅު ކުރަން. ރަނގަޅުކޮށް، ރަށްފުށުގެ ތަނަވަސް ދިރިއުޅުން އަލުން އަނބުރާ އިޢާދަކުރަން.
ދެން އަޅުގަނޑުމެން ދަތުރުހިފާނީ އެންމެ އުތުރަށް. ކުޅުދުއްފުށި ސިޓީއާއި، އެންމެ އުތުރުގެ އަތޮޅުތަކާ އެކީގައި އިރާދަކުރެއްވިއްޔާ، މިފަދަ ކޮންފަރެންސެއް، ރާއްޖޭގެ ހަތަރުވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހުގެ ތެރޭގައި މިކަމަށް އަޅުގަނޑުމެންނަށް ތައްޔާރުވެވި، ހަމަ މިފަދަ، މިއަށްވުރެ ރަނގަޅު ބައްދަލުވުމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބާއްވާނަން. އަދި މިވޭތުވެދިޔަ ތިން ކޮންފަރެންސުން އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި އަޅުގަނޑަށް އެބަ ފެނޭ، އަދިވެސް މިއަށް އިތުރުކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރިކަން. އަދި އިތުރަށް ވަގުތުވެސް ބޭނުންވާނެ. ބައެއްކަހަލަ އިޝޫތަކުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވި، ޚިޔާލުފާޅުކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ބައެއް ބޭފުޅުންނަށް އަޅުގަނޑުމެންނަށް ފުރުޞަތުވެސް ނުދެވުނު. އެހެން ނަމަވެސް، މި ހުރިހާ ކަމެއްގެ އަލީގައި އިރާދަކުރެއްވިއްޔާ ދެން އަންނަ ބައްދަލުވުމެއް މިއަށްވުރެ ފުރިހަމަކޮށް ބޭއްވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
ނިންމާލުމުގެ ކުރިން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިފަދަ ބައްދަލުވުމެއް މިގޮތަށް ރަށެއްގައި ބޭއްވޭނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެން. ލ. އަތޮޅު ކައުންސިލާއި، ލ. ގަން ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން އަދި ލ. ފޮނަދޫ ކައުންސިލާއި، ފޮނަދޫގެ ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން ދެއްވި މެހްމާންދާރީއާއި، އެ ދެއްވި އެހީތެރިކަމަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން.
ފުލުހުންނާއި ސިފައިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ. އެކަމަށްޓަކައި އެ ދެ މުއައްސަސާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެމް.ޓީ.ސީ.ސީ، ފެނަކަ، އާރު.ޑީ.ސީ، އައިލެންޑް އޭވިއޭޝަން، އެމް.ޑަބްލިޔޫ.އެސް.އީ.ގެ ފަރާތުން ކުރި މަސައްކަތްވެސް އަޅުގަނޑު ފާހަގަކުރަން. އަދި ޕްލޭނިންގ މިނިސްޓްރީގެ ޕަބްލިކް ސަރވިސްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، މި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު އަދާކުރަން. އައި.އާރު.އައި، އަދި ޔޫ.އެސް.އެއިޑާއި، ޔޫ.އެން.ޑީ.ޕީ. އިން މި ކޮންފަރެންސް ބޭއްވުމަށް ވެދެއްވި އެހީތެރިކަމަށްޓަކައި އަދިވެސް އެއްފަހަރު އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. އާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ހަނދާނެއްނުނެތޭ. އެބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން. މިކޮންފަރެންސް އިންތިޒާމު ކުރުމުގައި ރައީސް އޮފީހުގެ ފަރާތުން ޕޮލިސީ އޮފީހާއި، ކޮމިއުނިކޭޝަންސް އޮފީހާއި، ސެކްރެޓޭރިއަޓް އޮފް ދަ ޕްރެޒިޑެންޓުން ކޮށްފައިވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް. |
2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއީ ވަރަށް އުފާވެރި ރަސްމިއްޔާތެއް. އަޅުގަނޑުގެ ކުރިމަތިން ފެންނަމުން މިދަނީ، ވަރަށް އުފާވެރި މޫނުތަކެއް. ޙަޤީޤަތުގައިވެސް މިއީ ތިޔަ ކުދިން އުފާކުރަންވީ ދުވަހެއް. މިކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް އުފާކުރަންވީ ދުވަހެއް.
އާދެ، ތިޔަ ދަރިވަރުން ތިޔަ ހޯދި ކާމިޔާބަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ކިޔަން. އަދި ތިޔަ ކުދިންގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވި، ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިންނާއި، މުދައްރިސުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.
މިރޭ ތިޔަ ކުދިން ތިޔަ ޙާޞިލްކުރީ އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ފޮނި މޭވާ. އަޅުގަނޑަށް ހަމަ ޔަޤީން، މިހާރު ތިޔަ ކުދިންގެ އުންމީދަކަށް އޮންނާނީ، ޘާނަވީގައި ލިބުނު ކާމިޔާބަށްވުރެ މާ ފުރިހަމަ ކާމިޔާބެއް، މަތީ ޘާނަވީގައި ހޯދުން. ދިވެހި ޤައުމުވެސް ތިޔަ ކުދިންގެ ފަރާތުން ކުރަނީ ހަމަ އެ އުންމީދު.
މިރޭ އިނާމު ޙާޞިލްކުރާ ކުދިންގެ ނަތީޖާއަށް ބަލާއިރު، އެކަން ޙާޞިލް ނުކުރެވޭނެ ހަމަ އެންމެ ދަރިވަރަކުވެސް މިތަނަކު ނެތް. މި ކުދިންގެ ތެރޭގައި، މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުން އެބަތިބި. ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރަކު އެބަތިބި. ތިޔައީ ވިސްނުން ތޫނު މޮޅު ކުދިން.
ޘާނަވީ އިމްތިހާން ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، މިކަމުގައި ފާހަގަކޮށްލެވޭ އެހެން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެއީ، ޘާނަވީ އިމްތިޙާން ނިންމާ ކުދިންގެ ތެރެއިން، މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާ މައްސަލަ.
މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ޘާނަވީ އިމްތިޙާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެ ތެރެއިން، މަތީ ޘާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން. އާދެ، ޘާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ޘާނަވީ ހަދަން ބޭނުންނުވާކަން.
މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން. އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް.
ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫން. ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެން. ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން.
ތިޔަ ކުދިންނަށްވެސް އެނގޭނެ، ވަރަށްދަތި އުނދަގުލުގެ ތެރޭގައި، އަޅުގަނޑުމެން ދޮޅު އަހަރެއްހާ ދުވަސް ހޭދަކޮށްފިން. ތިޔަ ކުދިންގެ އެއް އަހަރުގެ ކިޔެވުންވެސް، ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެންދިޔައީ. ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ތިޔަ ކުދިންނަށް އޮންލައިން ކްލާސްތައް ނަންގަވައިދެއްވި ޓީޗަރުންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭނެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ސްކޫލަށް ހާޒިރުވެގެން ކިޔަވައިދެއްވުމުގައިވެސް، ޓީޗަރުން ކުރެއްވީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް.
ކޯވިޑް-19ގެ ދަތިތައް އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައިގެނެއް ނުދޭ. މިހާރުވެސް އަޅުގަނޑުމެން މިއުޅެނީ، އެ ދަތިތަކާއި ނުރައްކަލުގެ ތެރޭގައި. ނަމަވެސް، އަޅުގަނޑުމެން ހިތްވަރާއެކު މަސައްކަތް މި ކުރަނީ، އެ ދަތިތަކުން އަރައިގަނެވޭތޯ. ޤައުމު ބިނާކުރެވޭތޯ.
ހަމަ އެ ޢަޒުމުގައި، ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާޔަށް. މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި.
ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެ. އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް. މި މަރުޙަލާއަށް ކުދިން ދާއިރުވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން.
ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެ.
ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުން. އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިއްޖެ. ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުޞަތުގައި، ހީނުކުރާހާ ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް.
ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ. ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ.
އުނގެނުމުގަޔާއި، އެނޫން ގޮތްގޮތުންވެސް ޚާއްސަ އެހީއަށް ބޭނުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ތަޢުލީމު ޙާޞިލް ކުރުމުގައިވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް. އަޅުގަނޑުމެން އުފެއްދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުން.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް ތަންފީޒު ކުރަން ފެށީ، ހިނގަމުންމިދާ 2021 ވަނަ އަހަރުގެ ތެރޭގައި. މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ޢަމަލުކުރަން ފެށީވެސް، ހަމަ މި އަހަރުގެ ތެރޭގައި. މިއީވެސް މުޅިން އަލަށް ރާއްޖޭގައި ޢަމަލުކުރަން ފެށި ޤާނޫނެއް.
އާދެ، މި ދެ ޤާނޫނުގެ ބޭނުމަކީވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުން. އެއްވެސް ތަފާތުކުރުމެއްނެތި، ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނުދީ، އިސްލާމީ ޢަޤީދާއާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަކީވެސް މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް.
ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން، ޔުނެސްކޯގެ އެހީގައި އެކުލަވައިލި އައި.ސީ.ޓީ. މާސްޓަރ ޕްލޭންވެސް މިހާރު އޮތީ ނިމިފައި. އިރާދަކުރެއްވިއްޔާ، މި އަންނަ ޖަނަވަރީ މަހުގެ ތެރޭގައި، އެ މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށޭނެ.
މިއަހަރުގެ ތެރޭގައިވެސް މުޅިން އައު ކަމެއް ތަޢުލީމީ ދާއިރާއަށް އެބަ ތަޢާރަފް ކުރަން. އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން. ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށެއްގައި، މި އަހަރުގެ 2 ވަނަ ޓާރމްގައި، މި ޕްރޮގްރާމް ފެށޭނެ. އާދެ، އެއީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫ.
އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން.
މިފަދަ މުހިންމު ބަދަލުތައް ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކުރުން. ޤައުމު ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.
އަޅުގަނޑުގެ އުންމީދަކީ، މިރޭ އެވޯޑް ޙާޞިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް، މަތީ ޘާނަވީ ފުރިހަމަކޮށް އަދި މަތީ ތަޢުލީމުގެ މަރުޙަލާތައްވެސް ފުރިހަމަކޮށްގެން، ޤައުމު ކުރިއެރުވުމަށްޓަކައި، ޤައުމުގައި ޚިދުމަތް ކުރާނެ ކުދިންތަކެއް ކަމުގައިވުން. ޒަމާނީ ތަރައްޤީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި، ތިޔަ ކުދިންގެ ޚިދުމަތަށް ޤައުމު އޮތީ ވަރަށް ބޮޑަށް ބޭނުންވެފައި.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، މިރޭގެ ޙަފްލާގައި އިނާމުތައް ޙާޞިލްކުރާ ހުރިހާ ދަރިވަރުންނަށް، އަދިވެސް އެއްފަހަރު މަރުޙަބާ ކިޔަން.
އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް ތިޔަ ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބާއި ހެޔޮގޮތްތައް މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ދައުލަތުގެ ވަޒީރުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި ޝަރަފުވެރި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މި ރަސްމިއްޔާތުގައި، ދެންމެ ދަސްވެނިވި ހުރިހާ ދަރިވަރުންނަށް، އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔުމަކީ، އެއަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ލިބޭ ކަމެއް.
އާދެ، ތިޔަބޭފުޅުން ދަސްވެނިވެވަޑައިގަތީ ވަރަށް މުހިންމު ދާއިރާތަކަކުން. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ޤަދަރުކުރެވޭ ދެ ދާއިރާއިން. ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި، މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަކީ، ކާބަފައިންގެ ޒަމާނުން ފެށިގެން، މުޖުތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއް.
ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު، އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދާ. މުޅި މުޖުތަމަޢު އެމީހުންގެ ބަސް ޤަބޫލުކުރޭ. އޭރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ދަރަޖައަކަށް އެ އިޙްތިރާމު އޮތް. މުޖުތަމަޢުގައި ޞުލްޙަޔާއި ހަމަޖެހުން އޮތް. އޭރު ދިވެހިން އުޅެމުން އައީ، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެ، އެހީތެރިވާ އެއް ޢާއިލާއެއްގެ ގޮތުގައި.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް އެ އާދަތައް އެބަ ބޭނުންވޭ. އެ އަޚްލާޤު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. އެ ހަމަޖެހުމާއި، އެ އުފާވެރިކަން އަލުން އަނބުރާ އެބަ ގެންނަންޖެހޭ. އެކަން ކުރުމުގައި ތިޔަބޭފުޅުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.
ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރީތި ރާގުތަކާއި، ތަޖުވީދު މަގުން ޤުރްއާން ކިޔެވުމަކީ، އަޑުއަހާ މީހުންގެ ހިތްތަކަށް ވަރަށްބޮޑު ފިނިކަމެއް ލިއްބައިދޭ ކަމެއް. އަދި އެއީ ދަރުމައާއި ޘަވާބުވެސް އިތުރުވާނެ ކަމެއް.
ހަމައެއާއެކު، ކީރިތި ޤުރްއާނުން ހިފޭނެ އެއަށްވުރެ މާގިނަ ބޭނުންތައް ހުންނާނެކަން އަޅުގަނޑަށް ޔަޤީން. އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ، އަޅުގަނޑުމެންގެ ޢަމަލީ ދިރިއުޅުމުގައި، ކީރިތި ޤުރްއާން ތަންފީޒު ކުރަން ދަސްކޮށްގެން. އާދެ، އެއީ ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް، ކީރިތި ޤުރްއާނުގެ އަޚްލާޤުން ޙައްލު ލިބެން އެބަހުރި.
އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަޚްލާޤު ދަންނަ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާޢީ ޢަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުޞޫލުތައް. ބައިބައިވުމާއި ވަކިވަކިވުމެއް ނޫން. އިސްލާމީ އަޚްލާޤު ދަޢުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ، އެއްބައެއްގެ ގޮތުގައި އުޅުމަށް.
އާދެ، އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން، ކީރިތި ޤުރްއާނުގެ ޢިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް، އެ ޢިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ޤުރްއާން ޓީޗަރުންނާއި، ޙާފިޡުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ.
އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރްއާނުގެ ޢިލްމުތައް ފެތުރުން. ޤުރްއާނުގެ ޢިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ޤުރްއާނުގެ ޢިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ ޢިލްމީ ހޯދުންތައްވެސް، ކީރިތި ޤުރްއާނުގެ ޢިލްމީ ޙަޤީޤަތްތަކުން އިތުރު ފުރިހަމަވެގެންދާނެކަން ޔަޤީން.
އެހެންވީމާ، އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ޤުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ޙަޤީޤީ ފައިދާ ލިބޭނީ އޭރުން.
މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ޤުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ ޢިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
މިރޭ ދަސްވެނިވި ޤުރްއާން މުދައްރިސުންނާއި އިމާމުންވެސް، އެބޭފުޅުންގެ ޢަމަލީ މަސައްކަތުގައި އިސްކަން ދެއްވަންވީ، އެ ބޭފުޅުން އެ އުނގެނިވަޑައިގެންނެވި އެއްޗެއް، ޢަމަލީ ދިރިއުޅުއްވުމުގައި ތަންފީޒު ކުރެއްވުމަށް. ހަމައެއާއެކު، އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދެއްވައި، ޤުރްއާނުގެ ތަރުބަވީ އަޚުލާޤުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުއްވުމަށް.
މިކަމުގައި ޤުރްއާން މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމުގައި އަޅުގަނޑު ދެކެން. އެ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކަކަށް އުނގަންނައިދެއްވުމުގެ ޒިންމާ އަދާކުރައްވާނެ ބޭފުޅުން. އެ ބޭފުޅުން ޤުރްއާން ކިޔަވައިދެއްވާއިރު، އެ ބޭފުޅުންގެ އަޚްލާޤުވެސް ހުންނަންވާނީ، ކީރިތި ޤުރްއާނުގެ އަޚްލާޤީ އިމުގެ ތެރޭގައި ކަމަށް އަޅުގަނޑު ދެކެން.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، ދީނީ ޢިލްމު، ޤުރްއާނުގެ ޢިލްމު، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ. ޖަޒީރާ ތަރައްޤީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ ޢިލްމު އުނގަންނައިދީ ފެތުރުން. މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، މިރޭ ދަސްވެނިވި ހުރިހާ ބޭފުޅުންނަށް، އަދިވެސް އެއްފަހަރު، ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް ދަންނަވައި ތަހުނިޔާ އަދާކުރަން. ތިޔަބޭފުޅުންނަކީ މުޖުތަމަޢަށް ހުރި ނަމޫނާ ބޭފުޅުންތަކެއް ކަމުގައި ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މެދުގައި ޞުލްޙަވެރިކަމާއި، އަމާންކަމާއި ހަމަޖެހުން ދަމަހައްޓަވައި، ތަނަވަސްކަމާއި ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"ރިވެލި އެވޯޑް 2021" ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ވެރިންނާއި މުވައްޒަފުން، މިރޭ "ރިވެލި އެވޯޑް" އަދި "ރިވެލި ތަރި" ޙާޞިލް ކުރެއްވި ފަރާތްތައް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަޅުގަނޑުމެން މިރޭ އެއްވެ މިތިބީ، އަޅުގަނޑުމެންގެ ހިތްތަކުގައި، ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެއްގެ އަގު ވަޒަންކުރުމަށް. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ މީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރައްވާ ޚިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭވަރަށްވުރެ، މާ ފުރިހަމަ އަދި އެހާމެ މަތިވެރި ޚިދުމަތްތަކެއް.
އެހެން ނަމަވެސް، އެ މުހިންމު ޚިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އަދި އެ ޚިދުމަތްތަކަށް ހިތްވަރު ދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑުގެ އެންމެ މުހިންމު މަޤްޞަދަކީ، މި ދެންނެވި ޚިދުމަތުގެ އަގު ވަޒަންކުރުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޤަދަރާއި އިޙްތިރާމް ފާޅުކުރުން.
އެހެންކަމުން، މިރޭ ރިވެލި އެވޯޑާއި ރިވެލި ތަރި ޙާޞިލު ކުރެއްވި ހުރިހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދު ދަންނަވަން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ދަންނަވަން.
އާދެ، އަޅުގަނޑުމެން އެންމެން އަދިވެސް މިއުޅެނީ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށްދަތި އުނދަގޫ ތަޖުރިބާތަކެއްވެސް އަޅުގަނޑުމެން ކޮށްފިން. ނަމަވެސް، ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް އަދި މާގިނަ. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންވެސް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި.
މިކަންކަމަށް ރިއާޔަތްކޮށް، ސަރުކާރުން ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވައިލައި، މިދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ކޯވިޑުގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރިއިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށްބޮޑުކަން ފާހަގަކުރެވުނު.
ބައެއް މީހުންގެ ވަޒީފާ ގެއްލިގެންދިޔަ. ވަޒީފާގައި ދެމިތިއްބަސް، އާމްދަނީ ވަރަށް ބޮޑަށް ދަށަށްދިޔަ މީހުންވެސް މަދެއްނޫން. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް، ފެނަކައިން އިތުރަށް ވަޒީފާ ދިންކަން، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.
އަޅުގަނޑުމެން އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. އަދި ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް. މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއުޅެވެނީވެސް، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދޭތީ. އެހެންކަމަށްވަންޏާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއް.
ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީގެން، އަދި ހަމަޖައްސައިދިނުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އެފަދަ އެއްކަމަކީ، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް. އެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވާނީ އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެނެވިފައި.
މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، 18.2 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކުރެވިއްޖެ.
އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި. އެހެން ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް، ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު.
މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އެކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާއި މަޝްވަރާ ސަރުކާރުން ހޯދިން. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވާނީ އެކުލަވާލައިފައި.
އަޅުގަނޑަށް ފެންނަ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް، އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ޙާޞިލް ކުރެވޭނީ އޭރުން.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިރޭ އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، އަދި މިދިޔަ އަހަރު އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި. އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުން.
އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްޤީވެ، މުޖުތަމަޢަށާއި މުޅި ޤައުމަށްވެސް، މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުޞަތަކަށްވާނެ.
މިނޫނަސް، އެފަދަ ބޭފުޅުންގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަންތައްތައް އެބަހުރި. އަޅުގަނޑަށް ފެންނަ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށްވުރެ ފުރިހަމައަށް އެބޭފުޅުންނަށް ދިނުން. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހެދުން.
އޭރުން އެބޭފުޅުންގެ ޙަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް، މާ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ. މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތައް ލިބިގެންވާކަމާއި، ތަފާތުކުރުމެއް ނުގެންގުޅޭކަން އިޙްސާސް ކުރެވޭނެ. މިއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާނުލައި، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ވަރަށް މުހިންމު ޙިއްޞާއެއް. ނަމަވެސް، އެ ޙިއްޞާ ފުރިހަމަވެގެންދާނީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކޮށްގެން. އެ ނިޒާމު ފުރިހަމަކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަން ޤަބޫލުކޮށް، އެކަމަށް މަސައްކަތް ކޮށްގެން.
އަޅުގަނޑުގެ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް، ސަރުކާރުން މި ކުރާ މަސައްކަތް، މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައި، މިހާރަށްވުރެ ފުރިހަމަވެގެންދިޔުން. އަދި އަޅުގަނޑުމެން އެންމެންނަކީވެސް، މުޖުތަމަޢުގައި ތިބި އެފަދަ މީހުންނާއި ކުދިންނަށް އެހީތެރިވެ އެއްބާރުލުން ދޭ ބަޔަކު ކަމުގައިވުން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ލޯތްބާއި އިޙްތިރާމާއި، އޯގާތެރިކަމާ އެކުގައި މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް އަދި ކައުންސިލަރުން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނާއި އޮޑިވެރިން، ގާފަރުގެ ރައްޔިތުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަޅުގަނޑުމެން މި ރަށަށް މި ކުރި ޒިޔާރަތުގައި، ގާފަރުގެ ރައްޔިތުން ކިޔުއްވި ހޫނު މަރުޙަބާއާއި، ދެއްވި މެހްމާންދާރީއަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. މަސްވެރިކަމުގެ ޞިނާޢަތުގެ އެކި ދާއިރާތަކުން ހަނދާނީ ފިލާ މިރޭ ހާސިލު ކުރެއްވި ހުރިހާ މަސްވެރިންނަށް މަރުޙަބާ ދަންނަވަން. އަދި ރާއްޖޭގެ ހުރިހާ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކާއި،
މި ޞިނާޢަތުގެ ބައިވެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަން.
ރަސްމީކޮށް ފާހަގަކުރަން ފެށި ފަހުން، މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް. ޙަޤީޤަތަކީ ދިވެހިންގެ ޙަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކުވެސް ނާދޭ. މޫސުމާއި، ނުމޫސުމުގައިވެސް، ދިވެހިން ކަނޑުފަޅު ނުފީނާ ދުވަހެއް، ފާއިތުވެ ގޮސްފައެއް ނުވޭ. އެހެން އެއްވެސް ވަސީލަތެއް، މަގެއް ފެނިފައި ނެތް ދުވަހު، އޮތް ހަމައެކަނި މަގަކީ، ވަށާ ފެތުރި މި އޮތް މާސިންގާ ކަނޑު. މުނާޖާ ކޮނޑުއަޅައިގެން، މުލުހާލު ތުނބަށް މަސްވެރިން ހޭލާ. ފަތިސް ފަތިހުން ފެށިގެން މުޅި ދުވާލު، ދޭހާ އަތްވާއި، ވެހޭހާ ވާރޭގައި، ވިއްސިހާ ވަޔަކާއި، ބުރުއްސިހާ ލޮނަކު، ކުޅުފޫދުނީ ދިވެހި މަސްވެރިން. މި ދެންނެވި މަސްވެރިންނައިގެން މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެޔަށް ގެނައިމާ، މަސްލާރިއަށް ހަދަނީ، މަސްވެރި ދިވެހި އަންހެނުން.
ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާއި ރާއްޖެ ހުއްޓިގެންދިޔަ. ނުހުއްޓި ހިނގަހިނގާ އޮތް އިޤްތިޞާދުގެ ލޭނާރަކަށްވީ މަސްވެރިކަން. މި ޞިނާޢަތުގެ ވަރުގަދަކަމާއި، މަސްވެރިކަމާއި ދިވެހިންނާ އޮތް ގުޅުމަކީ، ސިޔާސީ މީހުންގެ އިންތިޚާބީ ހަތިޔާރަކަށް މަސްވެރިކަން ހަދާ ސަބަބު. އެހެންނަމަވެސް، މަޢުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާއެކު، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތަކަށް ދެވިފައި އޮތް ސަމާލުކަން ކުޑަ. މި ސަބަބަށްޓަކައި، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ، ހިފި މިޞްރާބު ތަފާތުވާނެ. ހިސާބު ޢަދަދުން ބެލިޔަސް، އޭގެ ވަރަށް ބޮޑު ފަރަޤު ފެންނަން މިއަދު އެބަހުރި. އަޅުގަނޑުމެންގެ ސިޔާސަތުން ފެންނަ ބަދަލު، ގޮސް ނިމެނީ، އިހަށް ކުރަންވާ ކަންތައްތައް އިހަށް ނިންމާ އުޞޫލުން.
މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ، އަޅުގަނޑުމެންގެ ތަރުތީބުގައި ނަންބަރު 1. ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައިއިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތެއް ކުރުމުގެ ބޭނުމަކީ، އެއާ އެކަށޭނަ އަގު، ނުވަތަ އުޖޫރަ ލަސްނުވެ ލިބުން. ދުވަހުން ދުވަހަށް - މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާއި ތަކުލީފު، މަސްވެރިން އުފުލަން ޖެހުމަކީ، ވެގެންވާނެ ގޮތެއް ނޫން. އެތައް ދުވަހަކު ކަނޑު ތަޙައްމަލް ކުރުމަށްފަހު، ޢާއިލާއާއެކު ރަށުގައި ހުންނަ ދުވަހު، އެ ފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ. އެ ދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ، ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުގައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ - އަދިހަމަ ނުބެޔަސް ނުދީ.
އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު، ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން. މަސްވެރިންނަށް ފައިސާ ނުދީ، އެ ފައިސާވެސް ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ ނުހޯދުން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްޤު، ޙަލާލު މި ދެންނެވި ފައިސާ، ދީ ޚަލާސް ކުރުން. އިރާދަކުރެއްވީތީ އެކަންވަނީ ކުރެވިފައި. ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ޚިޔާނާތެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެނެއްނުދާނެ.
އަގު ދިނުމާ އެއްވަރަށް، ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ، އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން. މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމު ހަމަޖެއްސުމަކީ، ވިޔަކޮށް، ހިސާބު އަކުރުން ހޯދަން ޖެހުނު ޙައްލެއް. ފުރަތަމަ ޖެހުނީ، މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދަން. ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށް ބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، އެ ކުންފުނި ހިންގޭނެ މަގެއް ހޯދުން. މި މަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދެއްވީ، ރާއްޖޭގެ މަސްވެރިން. އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު އަޅުގަނޑުމެން ގެނައި ވަގުތީ ބަދަލުގެ ބުރަ އުފުއްލަވައިދެއްވީ މަސްވެރިން ކަމުގައިވާތީ. ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއެކުވެސް، ކުރު މުއްދަތަކަށް އެ ހިތި ބޭސް، މަސްވެރިން ބޭނުންކުރެއްވުމުން، ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހާ ގާތުގައި.
ދެން އިރާދަކުރެއްވިއްޔާ، ވާން އޮތް ރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑުރަނގަޅު. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ. އެ ބަދަލު އަންނާނެ ވާހަކަ، އަޅުގަނޑު މިއަދު މި ދެންނެވީ އެކަމަށްޓަކައި އެތައް ކަމެއް ސަރުކާރުން ކުރަމުންދާތީ. އަދި އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު އަޅުގަނޑަށް ލިބިފައިވާތީ. ރަނގަޅެއް ހޯދުމަށް މަސްވެރިންނާއި ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނި ނަތީޖާ، ފުރަތަމަ ފަހަރު ފެންނަން ފަށާނީ އެ ދުވަހު.
މަހުގެ އަގާ ގުޅޭ އެންމެ ބޮޑު އެއްކަމަކީ މަހުގެ ކޮލިޓީ. އެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް މިދަނީ ބިނާކުރަމުން. އެގޮތުން، މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް އެބަ ކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރެވޭ. މިރަށާއި ރ. މަޑުއްވަރީގެ އައިސްޕްލާންޓްގެ މަސައްކަތް މިހާރު މިވަނީ ނިމިފައި. އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްވެސް އެވަނީ ނިމިފައި. ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ޤާއިމުކުރެވިފައި. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދުގެ ދައުރު ވަރަށްބޮޑު. އެކަމަށްޓަކައި މިނިސްޓަރ ޒަހާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.
މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި، ޖުމުލަ 18 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
އަލަށް މި ހުޅުވުނު އައިސްޕްލާންޓްތަކާއެކު، އަދި އިތުރަށް ޤާއިމުކުރެވޭ، ކުރިން މި ދެންނެވި އައިސްޕްލާންޓްތައް ނިމުމުން، ހެޔޮ ބަދަލަކުން ބޮޑު ތަފާތެއް ފެންނާނެ. އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށްވުރެ ގިނައިން އައިސް އުފެއްދޭނެ ޤާބިލުކަން، ދިވެހި މަސްވެރިކަމުގެ ޞިނާޢަތަށް އިތުރުވެގެންދާނެ.
ދިވެހިން ބާނާމަސް ޕްރޮސެސް ނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމަކީ، ޒަމާނުއްސުރެ ކަން ހިނގާ ގޮތް. ނަތީޖާއަކަށްވީ މި ޞިނާޢަތު ތަރައްޤީވާންޖެހޭ މިންވަރަށް ތަރައްޤީނުވުން. ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން، ޤައުމުގެ އެތެރޭގައި ހިފެހެއްޓި، ހުއްޓުން އަރާފައި އޮތުން. ދިވެހި މަހުގެ ފައިދާ އެހެން ޤައުމުތަކުން ނެގުން. މިކަން މިގޮތަށް ކޮށްލަ ކޮށްލާ - ނޫނީ ގާނާލަ ގާނާލާ ތިބީ އެކަން ކުރި ބަޔަކަށް، އޭގެ ގެއްލުން ނޭނގިގެންނެއް ނޫން. އެގޮތުގައި ދެމިތިބުމުން، ޤައުމުގެ މަސްވެރި ޞިނާޢަތަށާއި، ދިވެހި މަސްވެރިންނަށް ގެއްލުން ބޮޑުކަން، އެބަޔަކަށްވެސް އެނގޭނެ. އެހެން ނަމަވެސް، އެކަމުގައި އުޅޭ ބަޔަކަށް ބޮޑު ފައިދާއެއް ނެގޭނީ އެގޮތުގައިކަން ވަރަށް ސާފު. އަޅުގަނޑުމެން މިދަނީ، މި ދެންނެވި ގެއްލުން ބޮޑު ޒަމާންވީ އާދަ އިންޤިލާބުކޮށްލަން. މިހާރު ހިފާފައިވާ އަމާޒާއި މިޞްރާބުން، ދިވެހި މަސްވެރި ޞިނާޢަތުގައި އެޅުވިފައިވާ މި ދެންނެވި ތަޅު ނެއްޓޭނެ.
މަހުގެ ޞިނާޢަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ، ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން. އޭގެ ބަދަލުގައި، ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން. މިކަމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ސަރުކާރުން މިދަނީ ކުރަމުން. އެގޮތުން، ދެންމެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިފަދައިން، ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ފެލިވަރުގެ ޕްރޮސެސިންގ ކެޕޭސިޓީ، ދެގުނައަށް އިތުރުކުރެވޭނެ. އެއީ މުޅިން އަލަށް ދުވާލަކަށް އިތުރު 100 ޓަނު ޕްރޮސެސް ކުރުމުގެ ގާބިލުކަން އެ ކާރުޚާނާއަށް ލިބިގެން ދިޔުން. ފެލިވަރުގައި މިކަމަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ޕްރޮސެސިންގ ޕްލާންޓްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.
މީގެއިތުރުން، ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދުއާއި، މުލަކުގައި، ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން މި އަންނަ އަހަރު ކުރިއަށްދާނެ. އެއީ ޖުމުލަ ކެޕޭސިޓީ 9000 ޓަނަށްވުރެ އިތުރުވެގެންދާނެ މަޝްރޫޢެއް. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ އަތުން މަސް ގަނެވޭ މިންވަރު، ދުވާލެއްގެ މައްޗަށް 61 އިންސައްތަ މިހާރަށްވުރެ އިތުރުކުރުމުގެ ޤާބިލުކަން މިފްކޯއަށް ލިބިގެންދާނެ.
ބޮޑުކަންނެލީގެ މަސްވެރިކަމަކީ، ބޮޑު އަގު ލިބޭ މައިގަނޑު ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިއަކަށްވާތީ، އެވިޔަފާރި ކުރިއަރައި ފުޅާވުމަކީ މުހިންމު ކަމެއް. އަދި ސަރުކާރުން އެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ވިސްނައި އިސްކަންދެން. މިކަމުގައި އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވެފައި އޮންނަނީ، މިކަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުން. އެއާއެކު އެ މަގުގައި ކުރިއަށް ދިޔުމަށް ސަރުކާރަށް، އެހިނދަކަށް ވެވެންއޮތް އެންމެބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އަބަދުވެސް ދެމުން ގެންދިޔުން.
ޙަޤީޤަތުގައި ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް ނަފާ އިތުރުކުރެވޭނީ، އެކުވި-އަގުގެ އުފެއްދުންތެރިކަން އިތުރުކުރެވިގެން. ރާއްޖޭގައި ޕްރޮސެސް ކުރުން މަތިކުރެވިގެން. މިކަމަށްޓަކައި ކަނޑުއޮތްގިރި އިތުރަށް ތަރައްޤީކޮށް، ސްޓޯރޭޖާއި ޕެކޭޖިންގ ކެޕޭސިޓީ އިތުރުކުރުމަށް މި އަންނަނީ ތައްޔާރުވަމުން. މި މަސައްކަތް ނިމުމުން، އަމިއްލަ ފަރާތްތަކަށް މި ފެސިލިޓީގައި ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް ޕެކޭޖިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ، ބާނާމަސް ނުކިރި އުކާލަންޖެހުމުގެ ޝަކުވާ. މަސް ނުކިރެނީ، ކިރާމަސް ފިނިކޮށް، ޕްރޮސެސް ކުރާނެ ޖާގަ ފުލްވާތީ. އެ ޖާގަ އިތުރުވުމަކީ، އެ ޝަކުވާ މަދުވެގެންދިޔުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް.
ހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، ވަގުތީ ޙައްލުތަކެއްވެސް ގެނެވިއްޖެ. މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައި. ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ. އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް، މުޅިން އަލަށް ހޯދައި، ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައި. އަދި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެ ގެނެސްފައި. ނިމެންމިދާ 2021 ވަނަ އަހަރަކީ، ރެކޯޑް ޢަދަދަކަށް މިފްކޯއަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެ. މިއަހަރުގެ މިހާތަނަށް 50,000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް މިފްކޯއަށް ވަނީ ކިރާފައި.
މި އަހަރުގެ މިހާތަނަށް 775 މިލިއަން ރުފިޔާ ވާނީ މަސްވެރިންނަށް ދީފައި. މިއީ އަތުން އަތަށް، ސީދާ މަސްވެރިންނަށް މިފްކޯއިން ދީފައިވާ ޢަދަދު. މިއީ މި ފާއިތުވީ 15 އަހަރު ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސް ގަނެފައިވާ އަހަރު. ހަމަ ޔަޤީނުންވެސް ފާއިތުވެ މިދިޔަ ދަތި ދުވަސްތަކުގައި، ކަނޑުރޯދިން ފަހިވި އިލާހީ ރަޙްމަތްފުޅު ކިތަންމެހާވެސް ބޮޑު.
މި އަހަރުގެ ތިންވަނަ ކުއަރޓަރގެ ނިޔަލަށް، މަހުގެ އެކްސްޕޯޓްވެސް މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި. 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓް ކޮށްފައިވާ މިންވަރު 37.9 ޕަސެންޓަށް އިތުރުވެއްޖެ.
އައިސް އަޅައިގެން ނުވަތަ ކޯލްޑް ސްޓޯރޭޖްގައި މަސް ބެހެއްޓެނީ، ނޫނީ އެކްސްޕޯޓް ކުރެވެނީވެސް މަސްބޭނިގެން. މަސްބޭނުމަށްޓަކައި އޮއިވާލި ކަނދުފަތީގެ މުހިންމު ކަމާއި، އެކަމަށް މަސްވެރިން އެދެމުންދާ ދިޔުމަށް ސަރުކާރުން އިޖާބަދެން. ކަނދުފަތީގެ ފަސޭހަތަކާއި، އޭގެ ސަބަބުން ތެލަށް ކުރާ ޚަރަދު ލުއިވާ މިންވަރު ބޮޑު.
އޮއިވާލި ކަނދުފަތި ވުޖޫދުވީ ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް އެޅިފައި ވަނީ 56 ކަނދުފަތި. 56 ކަނދުފަތީގެ މި ވިއުގައަށް 30 އިތުރުކޮށް، ޖުމްލަ 86 އޮއިވާލި ކަނދުފަތިން މަސްކަނޑުތައް ގަތާލައި ގުޅާލުމަކީ، އަޅުގަނޑުމެންގެ އަމާޒު. މި މަސައްކަތް އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ފެށޭނެ. މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރި ދިވެހިރާއްޖެއަކަށް، ވިސްނުން ހިޖުރަ ކުރަން އެބަޖެހޭ. ކުރެވެން ހުރި ކަންކަމާއި، އެކުވި-އަގުގެ އުފެއްދުންތައް ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުން މުހިންމު. މަސްވެރިކަން، އިތުރު އާ މާކެޓްތަކަށް އުފުލައިލާ، ހުޅުވައިލުމުގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުން އާމްދަނީ ދަށްވި މަސްވެރި ފަރާތްތަކަށް، އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދިނިން. އެގޮތުން ކަޅުބިލަ މަހާއި، ބޮޑުކަންނެލީގެ ޞިނާޢަތުގެ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާގެ އެހީވެވުނު. ފަރުމަހުގެ މަސްވެރިކަން ކުރާ 1394 ފަރާތަކަށް، ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދިނިން. އަދި ހުއިފިލަނޑައާއި، އިހީގެ ފަރުވެރިކަމުގައި އުޅުނު 362 ފަރާތަކަށް، 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދޫކޮށްފައިވޭ. މި ދެންނެވި 1854 ފަރާތަށް، ޖުމްލަ 39.3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދެވުނުކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އަދި މިއާއެކު، ބޮޑުކަންނެލީގެ މަސްގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދިނިން. އެއީ ބަލިމަޑުކަމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި. އަދި ހަމަ އެހެންމެ، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، މަސްވެރިކަމުގައި ޙަރަކާތްތެރިވާ 102 ފަރާތަކަށް 144.3 މިލިއަން ރުފިޔާގެ ލޯނު، ސަރުކާރުން ވަނީ ދޫކޮށްފައި. މި ދެންނެވީ، މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް މި ހިސާބު އޮތްގޮތް.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއް. ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ. ބައިނަލްއަޤްވާމީ ބޮޑެތި ޑްރަގް ނެޓްވާރކްތަކުން، އަބަދާއި އަބަދު ހަރަކާތްތެރިވޭ. ޓެރަރިޒަމާއި އެހެނިހެން ވަގުވިޔަފާރިއާއި، ހަތިޔާރުގެ ޣައިރު ޤާނޫނީ މުޢާމަލާތްތައް ހިންގާ ފަރާތްތައް، މި ސަރަޙައްދުގައި ޙަރަކާތްތެރިވޭ. އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، މި ދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަޙައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެވަރުގެ މަދަދެއް، ރާއްޖެއަށް ލިބުމަކީ، ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު، މި ދެންނެވި ބޭނުންތަކަށް ދުލެއްނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަކީ، މަސްދޯނިފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެސްދޭނަން.
އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَىގެ ތަނަވަސް ރަޙްމަތާއި ބަރަކާތާއި ރޯދި އަޅުގަނޑުމެން އެންމެންގެ މައްޗަށް ވެއްސަވައި ތަނަވަސް ކުރެއްވުން. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ނަޖާތު ލެއްވުން. އަޅުގަނޑުމެން އެންމެންގެ ނިޔަތް ހެޔޮކުރައްވައި - ނުނިޔަތް ނެތިކުރެއްވުން. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު އަބަދުގެ އަބަދަށްމެ ލެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލާ މަރްޔަމް މުނާ، ކޮމިޝަންގެ މެންބަރުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖީހާން މަޙްމޫދު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، މި އަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. އެއީ ޑިސެންބަރު 10 ވަނަ ދުވަސް. އާދެ، އެ ދުވަސް އިއްތިފާޤުވެފައި މި އޮންނަނީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހާ. މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ޙައްޤު ދަމަހައްޓައިދޭ އެންމެ ޒަމާންވީ ޞިނާޢަތު. އެހެންވީމާ، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު އިއްތިފާޤެއް.
މިރޭގެ މި ޖަލްސާގެ އަނެއް މުނާސަބަތަކީ، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުން. އެހެންކަމުން، ދުވަހުގެ މުނާސަބަތުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް ހޫނު މަރުޙަބާއެއް އަޅުގަނޑު ދަންނަވަން. އަދި ހަމައެއާއެކު، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ފާރަވެރިވެ، އެކަން ކުރިއަރުވަން މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކަށާއި، އެ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ދުވަހުގެ ތަހުނިޔާ އަޅުގަނޑު ފޮނުވަން.
މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އ.ދ. މަޖިލީހުން ކަނޑައަޅާފައި އޮތީ ވަރަށް މުހިންމު ޝިޢާރެއް. އެއީ އިންސާނީ ޙައްޤުތަކާމެދު އަޅުގަނޑުމެން އަބަދުވެސް މި ގެންގުޅޭ ފަލްސަފާ. އާދެ، އެޝިޢާރަކީ "All human, all equal".
މި ޝިޢާރަކީ މުޅި ދުނިޔެ މިއަދު އޮތް ޙާލަތާވެސް ވަރަށް ގުޅޭ ޝިޢާރެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގައި، މި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް މިހާރު ޤަބޫލު ކުރެވެނީ، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން.
މި ބަލިމަޑުކަމުން އަރައިގަނެވޭނީ، މިބައްޔާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާ ދެމެދު، އަދި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު، ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެންކަން ބައިނަލްއަޤްވާމީ މުޖުތަމަޢު މިއަދު ޤަބޫލުކުރޭ.
ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި، ސަރުކާރުން ގެންގުޅެމުން މިއަންނަ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުން. ރާއްޖޭގައި މިހާތަނަށް 365332 އަށްވުރެ ގިނަ މީހުން، ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި. އޭގެ ތެރޭގައި 79313 ބިދޭސީންވެސް ހިމެނޭ. ވެކްސިން ދިނުމުގައިވެސް، އަދި ކޯވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ އަޅުގަނޑުމެން ތަފާތެއްނުކުރަން. ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގައި.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދުނިޔެމަތީގައިވެސް އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން. ކޯވިޑުގެ ދަތިތަކުން އަރައިގަތުމުގައި، އެކަށީގެންވާ ކާމިޔާބެއް ޙާޞިލްކުރެވި، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމުގެ ނަސީބު ލިބިފައި މިވަނީވެސް، މި ދެންނެވި ހަމަހަމަކަން ޤާއިމުކޮށް، ތަފާތުކުރުމެއް ނުގެންގުޅުމުގެ ސަބަބުން.
އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އިންސާނީ ޙައްޤުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުން އެކަންޏެއް ނޫން. އެންމެ ބޮޑު ބޭނުމަކީ، ޤާނޫނުއަސާސީންނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ލިބިދިނުމުގައި، ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ބާރުއެޅުން.
އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ދައުލަތުގެ ބާރުތަކަށްވުރެވެސް ކުރިން ޖާގަ ހޯދާފައިވަނީ އަސާސީ ޙައްޤުތައް. އެ ޙައްޤުތަކަކީ، އެންމެ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް. އެ ޙައްޤުތައް ހޯދުމަށްޓަކައި، އެތައް އަހަރެއް ވަންދެން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލި.
ދިރިހުރުމުގެ ޙައްޤާއި، ރަނގަޅު ކާނާއާއި، ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި، ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިދިނުންފަދަ، ފަރުދުންގެ ޒާތީ ކިތަންމެ ޙައްޤުތަކެއް، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ. މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް ބަޔާންކޮށްފައި އެބަހުރި. ހަމައެފަދައިން، ޤައުމަކަށްވީތީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް އެބަހުރި.
މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ވަރަށް ތަޢުލީމީ ޒުވާން ޖީލެއް. އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވޭ، ވަރަށް ހޭލުންތެރި ޖީލެއް. އަޅުގަނޑުމެންގެ ޒުވާނުން، މި ދެންނެވި ހުރިހާ ޙައްޤުތަކެއްވެސް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަން ބޭނުންވޭ. ޒުވާނުންގެ ކިބައިގައި ހުރި އެ ވިސްނުމަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ލިބިދިނުމުގެ ވަރަށް ބޮޑު ބާރަކަށްވޭ.
އެ ޙައްޤުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައި ލިބިދިނުމަކީ ދައުލަތުގެ ވާޖިބެއް. ދިވެހި ޒުވާން ޖީލުގެ އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެ ޤައުމެއްގެ ރައްޔިތުން. ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ޙައްޤުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސް. މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށްވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއްދިޔަ. އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވިއްޖިއްޔާ، ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު.
ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ، އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއްނެތި. ސިފައިންނާއި ފުލުހުން މިއަދު އެތިބީ، މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން.
މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. މީގެ އަހަރުތަކެއް ކުރިން، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި. މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާއެއްގެ ކަމަކީ، ނޫސްވެރިންނާއި، ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން.
ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ.
ޚިޔާލު ފާޅުކުރުމަކީ ޙައްޤަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީވެސް، ކޮންމެ މީހެއްގެ ޒާތީ ޙައްޤެއް. އެހެންކަމުން ޚިޔާލު ފާޅުކުރަންވާނީވެސް، އަދި ނޫސްވެރިކަން ކުރަންވާނީވެސް، އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށްވެސް ރައްކާތެރިވެގެން.
އިންސާނީ ޙައްޤުތައް ފެށިގެން އަންނަނީ، ދިރިހުރުމުގެ ޙައްޤާ ހަމައިން. ދިރިހުރުމުގެ ޙައްޤު ފުރިހަމަވަނީ، އަސާސީ އެތައް ޙައްޤުތަކެއް ގެތި ލާމެހިގެން. އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެންމެ މުހިންމު އެއް ޙައްޤު. މި ޙައްޤު ލިބިދިނުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އިރާދަކުރެއްވިއްޔާ ހިނގަމުން އެބަދޭ. އަދި އިތުރު މަޝްރޫޢުތައް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން.
މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ، އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޚިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫޢުތަކެއް. އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރުވެސް، އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އަޅުގަނޑުމެން މި އަންނަނީ އެ ޚިދުމަތްތައް ޤާއިމުކުރަމުން.
އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. މިދިޔަ ދެ އަހަރަކީ، މި ފަހުގެ ތާރީޚުގައި ރާއްޖެ ނުދެކޭފަދަ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހުނު ދެ އަހަރު. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް މެދުކެނޑުމެއްނެތި މިގެންދަނީ ކުރިއަށް.
މި ދެންނެވި ޙައްޤުތަކަކީ މީގެ ކުރިން ހަމައެކަނި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ޙައްޤުތަކެއް. އާދެ، ލިޔުމުގައި އޮންނަ، ކިޔުމުގައި ނޯންނަ ޙައްޤުތަކެއް. މިއަދު އަޅުގަނޑުމެންގެ އަމާޒަކީ، މި ދެންނެވި ޙައްޤުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކެއް ކަމުގައި ހެދުން.
މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން. އިންސާނީ ޙައްޤުތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން. އަދި އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ، އެކަމެއް ނައްތައިލުން.
އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނީ، އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްގެން. އެންމެ ނާޒުކު ޙާލަތުގައި ތިބި އެފަދަ މީހުންނަށް އަނިޔާކުރުމާއި ގޯނާކުރުމަކީ، އަޅުގަނޑުމެން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން. ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެމީހުން ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ.
ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކަކީ، އަންހެނުންގެ ސިޔާސީ އަދި މަދަނީ ޙައްޤުތައް ލިބިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ 33 އިންސައްތައަށްވުރެ މަތީ ނިސްބަތެއް މިހާރު ޙިއްޞާކުރަނީ އަންހެނުން.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ އަދި ސަރުކާރުން މުސާރަދޭ ބަޔަކަށް ހެދުމަކީވެސް މުހިންމު ފިޔަވަޅެއް. މިބަދަލުގެ ސަބަބުން، އަންހެނުން ބާރުވެރިކުރެވި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެކަން އަޅުގަނޑަށް ޔަޤީން.
ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަކީވެސް، އިންސާނީ އަސާސީ ޙައްޤުތަކުގެ ޙިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެ ވާހަކަ ބަޔާންކޮށްފައި އެބައޮތް. މާކަނޑުގެ ރާޅުތަކާއި، ގަދަ އޮއިވަރާއި، އުދަބާނިތަކުން، މި ޖަޒީރާތައް ރައްކާތެރިކޮށްގެން ނޫނީ، ދިރިހުރުމުގެ ޙައްޤުވެސް އަދި ބަނޑުފުރާނަ މުއްތިކުރުމަށް އާމްދަނީ ހޯދުމުގެ ޙައްޤުވެސް ރައްކާތެރިއެއް ނުކުރެވޭނެ.
އާދެ، ކުރުކޮށް ދަންނަވާނަމަ، އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާޙައުލުގެ އެންމެހައި ކަންކަމަކީ، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ކަންކަން. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދޭންޖެހޭނެ.
މި ދެންނެވި ހުރިހާ ޙައްޤުތަކެއް ރައްޔިތުންނަށް ލިބިދިނުމަކީ، ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެ ޒިންމާ ސަރުކާރުން އަދާކުރާ މިންވަރު ބެލުމަށް އުފެއްދި ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަން. އެ ކޮމިޝަނަށް މި ފުރުނީ 18 އަހަރު. ޤާނޫނުއަސާސީ ބުނާގޮތުންނަމަ، ބޮޑު މީހަކަށްވެ، ޒިންމާތަކާއި، ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އިތުރުވެގެންދާ އުމުރަށް އެ އެޅީ.
ނަމަވެސް، ކޮމިޝަންގެ ވޭތުވެދިޔަ ތާރީޚުގައި ކުރިމަތިވި ސިޔާސީ ފިއްތުންތަކެއްގެ ސަބަބުން، ކޮމިޝަންގެ ޙަޤީޤީ ޒިންމާ އަދާކުރެވިފައިވާ ކަމަށް ދެންނެވޭކަށް އަޅުގަނޑަކަށް ނެތް. މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް މި ކޮމިޝަނަށް، އަދި އެހެން މިނިވަން މުއައްސަސާއަކަށްވެސް ނޯންނާނެކަން އަޅުގަނޑު ޔަޤީންކަމާއެކުގައި ދަންނަވަން. ސަރުކާރުގެ ފަރާތުން މި ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙައްޤުތައް ލިބިދޭ މިންވަރާމެދު ސަރުކާރު ޒިންމާދާރު ކުރުމުގައި،
މި ކޮމިޝަންގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން. އެއީ ހެޔޮ ފާލެއް.
ކޮމިޝަންގެ ރިޕޯޓުގައި، މީގެކުރިން، ކޮމިޝަންގެ ރައީސް ވިދާޅުވިފަދައިން، ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގައި ތިބި ތަންތަނަށް ޒިޔާރަތްކޮށް ފެނުނު ކަންތައްތަކުގެ ރިޕޯޓް ހުށަހެޅި ވާހަކަ ވިދާޅުވި. އަޅުގަނޑު ޔަޤީންކޮށް މިރޭ ތިޔަބޭފުޅުންނަށް އަރުވަން. އެ ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެޓެންޑްވެ، އެ ކަންތައްތައް ކުރިއަށް ގެންދާނެ ވާހަކަ.
އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުން. އަޅުގަނޑުމެން މި ބޭނުންވާ ޙައްޤުތައް ލިބެނީ ވަށައިގެންވާ މާޙައުލުންކަން އަޅުގަނޑުމެންގެ ސިކުނޑިތަކުގައި މިހާރަށްވުރެ ބޮޑަށް އެބަ ހަރުލައްވަންޖެހޭ.
އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގައި އުޅޭ ހަމަ ކޮންމެ މީހަކަށް، އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބީ ދެއްވުން. އަޅުގަނޑުމެންނަކީ އަމިއްލަ ނަފްސަށް ލޯބިކުރާ ފަދައިން، އަނެކުންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އަދި ލޯތްބާއި އޯގާތެރިކަމާ އެކުގައި މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، މި ރާއްޖެއަށް އަބަދުވެސް ތަނަވަސްކަމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލްތަކުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި ޙަފްލާގައި އިތުރަށް އެއްޗެއް ދެންނެވުމުގެ ކުރިން، އެންމެ ފުރަތަމަވެސް މި މުހިންމު މަޝްރޫޢަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ބީލަން ކާމިޔާބުކޮށްގެން، މި މަޝްރޫޢު ހިންގުމަށް ކަނޑައެޅިފައިވާ ސްޕެއިންގެ އުރުބާސާ ކުންފުންޏަށް މަރުޙަބާ ދަންނަވަން.
އެނގިވަޑައިގަންނަވާނެ، މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ކުނިއަޅަމުން އަންނަ ފަޅު. އާދެ، އެ ކުނިތަކުން ހިކިގެން އުފެދިފައިވާ މިހާރުގެ ތިލަފުށި. އޭރު ކުނި ނައްތައިލުމަށް ކުރިހާވެސް ކަމަކީ ކުނި އެންދުން. ތިލަފުށީގައިވެސް އަދި ރަށްރަށުގައިވެސް ކުނި އެންދީ.
އޭގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމަކަށް އޭރު މާބޮޑަކަށް ބެލިފައެއް ނެތް. ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށްވެސް އޭރަކު ނުބެލޭ. ހުޅަނގު މޫސުން ލައިގެންފިއްޔާ، މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް، ނުބައި ވަހާއި، ދުމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވޭ. ވިލިމާލޭ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އަދި މާބޮޑު.
ރަށްރަށުން ތިލަފުށްޓަށް ކުނި ގެނައުމުގައިވެސް، އެކަން ކުރަމުން އައީ، ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެންނެއް ނޫން. މާލެއިން ތިލަފުށްޓަށް ކުނި އުފުލުމުގައިވެސް، ތިމާވެށި ރައްކާތެރިކުރުމަށް މާބޮޑު ސަމާލުކަމެއް އޭރަކު ދެވިފައެއް ނެތް. އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި، ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭގޮތްވެސް އޭރު މެދުވެރިވޭ. މިއީ ކުނި ރަނގަޅަށް މެނޭޖް ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތްނަމަ، ވެގެންވާނެ ގޮތެއް ނޫން.
އޭރު އެކަން ކޮށްފައި އޮތީ، މި ދެންނެވި ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ. ފަހަރުގައި އޭރު އެއީ އެކަން ކުރެވެން އޮތްގޮތް ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަކަށް އެގޮތަށް އެކަން ކުރަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް.
އާދެ، ޤައުމު ތަރައްޤީ ކުރަންވާނީވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން. އަދި އަމުދުން ރާއްޖެ ފަދަ ބިން ތިރި ޤައުމެއްގައި، ޤުދުރަތީ ވެށްޓާއި މާޙައުލީ ނިޒާމުގެ ޙިމާޔަތަށް ދޭންޖެހޭ ސަމާލުކަން އަދި ވަކިން މާބޮޑު.
މާތް ﷲގެ ވާގިފުޅާއެކު، މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަމަށް ޙައްލެއް ގެނެވިއްޖެ. ހަމަގައިމުވެސް މިހާރު ތިލަފުށިން ދުމެއް ނާރާނެ.
ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުމެއް ނޫން. ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް. އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި މަނާކުރުމުގެ ސިޔާސަތު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވާނީ ތަންފީޒު ކުރަން ފަށާފައި.
ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް. މިއަދު މި އިފްތިތާޙް ކުރާ "ވޭސްޓް ޓު އެނަރޖީ" މަޝްރޫޢަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ، ވަރަށް މުހިންމު މަޝްރޫޢެއް. މިއީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢު.
މި ޕްރޮޖެކްޓާއި މި މަޝްރޫޢާބެހޭ ވަރަށްގިނަ ތަފްޞީލުތަކެއް، މިނިސްޓަރ ޝައުނާއާއި އަދި އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ހާމަކުރައްވައިފި. އާދެ، ދިވެހި ސަރުކާރާއި، ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، ކުރިންވެސް ދެންނެވި ފަދައިން، 304 މިލިއަން ޑޮލަރު. މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވާކަން. ޙަޤީޤަތުގައިވެސް ހަމަ ކުނި ނައްތައިލަނީ. މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ.
ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއްވެސް ބޭރެއްނުވާނެ. މި މަޝްރޫޢުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ. އާދެ، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.
ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއްވެސް ނޫން. މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ދިރިއުޅުމުގެ ޙާލަތަށްވެސް އަންނަނީ ބަދަލު އަންނަމުން. ޢުމްރާނީ މަސައްކަތްތައްވެސް އަންނަނީ އިތުރުވަމުން. ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ޙަރަކާތްތައްވެސް މިދަނީ އިތުރުވަމުން. މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރުވެސް އިތުރުވޭ.
އަޅުގަނޑުމެން މި ތިބެންޖެހެނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަޅުގަނޑުމެންނަކީ އަބަދުވެސް ރަށްރަށް ކުނިކަހައި، ރީތިކޮށް ބަލަހައްޓާ ބަޔަކަށްވާއިރު، ރަށު ފަތުރުވެރިކަން ފުޅާވެ، ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރުފްވާއިރު، ރަށްރަށުގެ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއްވެސް ދޭން އެބަޖެހޭ. ރަށްރަށުގެ މާޙައުލީ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމަށްވެސް، ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭނެ.
ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީ އެއީ. އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް، ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ.
މީގެ ސަބަބުން، ރަށްރަށުގައި ކުނި އެންދުން ހުއްޓުމަކަށް އަންނާނެ. މާނައަކީ ރަށުގައި އުފެދޭ ކުނިން، އެ ރަށެއްގެ މީހުންނަށް އިތުރު އުނދަގޫތަކަކާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުމަކަށް ގެނައުން.
Now I would like to say a few words in English for the benefit of the foreign dignitaries and officials here with us today.
There is no denying the fact that proper waste management has always been challenging for the Maldives. Our islands are small, making on-site waste management difficult. Additionally, our islands are remote and dispersed over a wide geographical area, adding unique challenges to safely transporting waste.
Solving these problems require innovative and ambitious projects such as this. As we begin the second phase of this project, I would like to acknowledge the hard work done by all the key stakeholders thus far. Through this project, significant improvements have been made to the way in which we collect, transfer and dispose of waste in the Greater Male’ region and other areas. This project is already starting to make a difference. I look forward to seeing the second phase in action, and for the Maldives to be placed on the map as a global leader in sustainable waste management.
Finally, I wish to express my sincerest gratitude to the Asian Development Bank, Japan Fund for Poverty Reduction, Asian Infrastructure Investment Bank, Japan Fund for the Join Crediting Mechanism, Technical Assistance Special Fund and the Islamic Development Bank for their generous assistance. Without such timely assistance, it would be near impossible for the Maldives to attempt such ambitious projects. Thank you very much.
މި ދެންނެވި ފަރާތްތަކުގެ ދީލަތި އެހިތެރިކަން ނުލިބުނުނަމަ، މިވަރުގެ ބޮޑު މަޝްރޫޢެއް ފެށުމަކީ، އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ޤުދުރަތީ ވެށްޓާއި، އަޅުގަނޑުމެންގެ ޞިއްޙަތު ރައްކާތެރި ކުރެވޭނެ ގޮތަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތައުފީޤާއި ކާމިޔާބީ މިންވަރު ކުރެއްވުން. ދިވެހިރާއްޖެއާއި ދިވެހިންނަށް އަބަދުވެސް ފާގަތިކަމާއި ތިޔާގިކަން މިންވަރު ކުރައްވައި، ތަރައްޤީއާއި ކާމިޔާބީގެ މަގަށް އަޅުގަނޑުމެންގެ ވިސްނުން ސީދާކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
2021 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޔާސިރު ޢަބްދުއްލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޖަމްޝީދު މުޙައްމަދު، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް، މިރޭ ޒުވާނުންގެ އެވޯޑް ޙާޞިލުކުރި ހުރިހާ ޒުވާނުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހިރާއްޖޭގެ މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. އަދި މިރޭ ޒުވާނުންގެ އެވޯޑް ޙާޞިލު ކުރެއްވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ދަންނަވައި، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަން.
އަޅުގަނޑުމެން ޒުވާނުންގެ ދުވަސް މިހާރު މި ފާހަގަކުރަނީ، ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ވަރަށް މުހިންމު ޙައްޤުތަކެއް، ދިވެހި ޒުވާނުންނަށް ލިބުނު ދުވަހެއްގައި. އެއީ، އުމުރުން 18 އަހަރުވުމުން، އިންތިޚާބުތަކުގައި ވާދަކުރުމާއި، އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު، ދިވެހި ޒުވާނުންނަށް ލިބިދިން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރި ދުވަސް. އާދެ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް.
މި ދެންނެވި މުހިންމު ޙައްޤު، ޒުވާނުންނަށް ލިބިދިނުމުގެ ބޭނުމަކީ، ޤައުމު ބިނާކުރުމުގެ ކަންކަމުގައި ބައިވެރިވުމާއި، އެފަދަ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު، ބަސް ބުނުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުން. ރާއްޖޭގެ އާބާދީގެ ވަރަށް މަތީ އިންސައްތައަކީ ޒުވާނުން. ޤައުމުގެ ކުރިމަގު ނެގެހެއްޓުމާ ޙަވާލުވާން އޮންނަ ޖީލަކީ އެއިރެއްގައި ތިބި ޒުވާނުން.
އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ސިޔާސީ އަދި ޑިމޮކްރެޓިކް ޙަޔާތުގައި މިއައި މުހިންމު ބަދަލުތައް ބުރަވެފައިވަނީ، ދިވެހި ޒުވާނުންގެ ނިންމުންތަކުގެ މައްޗަށް. މިއިން އެނގެނީ، ކޮންމެ ދާއިރާއަކުންވިޔަސް، އަމާން މިސްރާބަކަށް ރާއްޖެ ދަތުރުކުރުމަކީ، ޒުވާނުން އެންމެ ބޭނުންވާ ގޮތްކަން.
މިރޭ އެވޯޑް ޙާޞިލުކުރި 10 ޒުވާނުން، އެވޯޑް ޙާޞިލުކުރި ދާއިރާތަކުންއެ ކުރެއްވި މަސައްކަތްތަކުންވެސް، ޤައުމުގެ ކަންކަން ރަނގަޅު ކުރުމުގެ ޢަޒުމް، ދިވެހި ޒުވާނުންގެ ކިބައިގައި ވަރަށް ރަނގަޅަށް އެބަހުރިކަން ސާބިތުވޭ. މިރޭ އެވޯޑް ޙާޞިލުކުރި ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ޙިމާޔަތްކުރުން، ދަނޑުވެރިކަން ކުރިއެރުވުން، އަދި މަސްވެރިކަމާއި ފަންނުވެރިކަމުގެ ދާއިރާވެސް ހިމެނޭ.
އެ ޒުވާނުންނާބެހޭ ވީޑިއޯ ތަޢާރުފެއް އަޅުގަނޑުމެންނަށް ދެންމެ ފެނިގެން އެދިޔައީ. އެ ވީޑިއޯއިން އެނގުނީ، މި ދެންނެވި ފަދަ ދާއިރާތައް ތަރައްޤީ ކުރުމުގައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފް ކުރެއްވުމަށް، އެ ޒުވާނުން ކުރައްވާ މަސައްކަތް. ޒަމާނީ އާ ގޮތްތަކުން ޤައުމު ތަރައްޤީ ކުރުމުގެ ވިސްނުން ޒުވާނުންގެ ކިބައިގައި ހުރިކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.
ހަޤީޤަތުގައި މިއީ އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން. މަސްވެރިކަންވެސް އަދި ދަނޑުވެރިކަމާއި، އެހެނިހެން މަސައްކަތްތައްވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މިހާރަށްވުރެ މާބޮޑަށް މާ ލުއިފަސޭހަކޮށް، ތަރައްޤީކޮށް ކުރިއެރުވޭނެ.
ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް މިއަދު އެބަކުރަން. އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތުގެ ހުނަރު ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މި އަހަރު ފަށައިގެން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް.
އެ ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކުން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްގެންދޭ. އަދި އިތުރު ކުންފުނިތަކާ މަޝްވަރާކޮށް، ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓްކޮށް މަސައްކަތް ކުރުމަށް އެ ކުންފުނިތަކާއެކު އެދަނީ ކުރިއަށް ގެންދަމުން. މިއީ ތިންހާސް ރުފިޔާގެ އެލަވަންސެއް ދީގެން، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ ހުނަރާއި ތަމްރީނު ހޯދައިދޭ ޕްރޮގްރާމެއް.
ޤައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫޙު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއްވެސް މިހާރު ކުރިއަށް އެބަދޭ. މި އަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި، މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީނު ފުރިހަމަކޮށް މިހާރު އެ އަންނަނީ ޤައުމީ ކަންކަމުގައި ބައިވެރިވަމުން. ކޯވިޑް ފެސިލިޓީތަކުގައިވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ޚިދުމަތްތަކެއް އެބަ ކުރައްވާ.
ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މިއަދުވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްސަލަ. ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ، ވަށާޖެހޭ ޕްރޮގްރާމްތަކެއް، ވަރަށް އަވަހަށް ފެށުމަށް ހެލްތު މިނިސްޓްރީން އެ އަންނަނީ މަސައްކަތް ކުރަމުން.
ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ އަސާސްތަކަށް ޙުރްމަތްތެރިކޮށްހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން.
މި ބިލުގެ އަނެއް އަމާޒަކީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުން. ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީވެސް މި ބިލުގެ ވަރަށް މުހިންމު މަޤްޞަދެއް. މި ބިލުގެ ސަބަބުން، ޤައުމު ކުރިއަރުވައި، ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައިދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުކުރެވޭ.
މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި. ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި.
އެނގިވަޑައިގަންނަވާނެ، މުޅި ރާއްޖޭގެ އަމާޒު މިހާރު ހުރީ، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ލިބުނު އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް. ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް މިސްރާބު ޖަހާފައި ހުރީ، މި ދެންނެވި އަމާޒަށް. މިދުވަސްވަރު ޒުވާނުންނާމެދު ޚާއްޞަ ގޮތެއްގައި ވިސްނަންޖެހެނީ މި ސަބަބުތަކަށްޓަކައި.
އަޅުގަނޑުމެންގެ ތެރޭގައި، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން.
ދެންމެ ކުޅުދުއްފުށީ ސިޓީގެ މޭޔަރ ޢާޠިފް ފާހަގަކުރެއްވި، ބޮޑުތިލަދުންމައްޗަށް، މި ސަރަޙައްދަށް އޮތް އެންމެބޮޑު އެއް މައްސަލައަކީ، ވަޒީފާގެ ފުރުޞަތު ނެތުންކަމަށް. ތެދުފުޅެއް، ތިބެދާނެ. މި ސަރަޙައްދަކީ، ބޮޑުތިލަދުންމައްޗަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދުގެ ވަރަށްކުޑަ މިންވަރެއް އަދި ޙިއްޞާކުރާ ތަނެއް. އަޅުގަނޑު މި ދެންނެވީ ޓޫރިޒަމްގެ ވާހަކަ. ސަރުކާރުގެ ސިޔާސަތެއް، އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފަތުރައިލުން. މިކަން ކުރެވެން އަންނަނީ، މިއަށްވުރެ ފަސޭހައިން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރެވިގެން.
އެގޮތުން އެނގިވަޑައިގަންނަވާނެ، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، ރާއްޖޭގައި ފަށާ ހައި ސްޕީޑް ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން މި އަންނަނީ ބޮޑު ތިލަދުންމަތިން. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ހައި ސްޕީޑް ފެރީގެ މަސައްކަތްވެސް ފެށިގެންދާނެ. ޓޫރިޒަމާއި އަދި އޭގެއިތުރުން، މި ރަށުގައި މި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، އަދިވެސް އެނޫން ކަންތައްތަކުގެ ސަބަބުން މި ރަށުގަޔާއި، މި ސަރަޙައްދުގައި އިތުރު ވަޒީފާތައް އުފެދިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން.
ކުރިންވެސް ދެންނެވި ފަދައިން، ކޯވިޑް-19 އިން އަރައިގަނެ، އިޤްތިޞާދު އާރާސްތު ކުރުމަށް މިކުރާ މަސައްކަތުގައި، ރާއްޖޭގެ ރިޒޯޓުތައް އެދަނީ ހުޅުވެމުން. ވަޒީފާ އިންތިހާއަށް ބޭނުންވޭ. ކުރިއަށް އޮތ ސީޒަނަކީ ރާއްޖެ އިރާދަކުރެއްވިއްޔާ މިއިން ދުވަހަކު ނުދެކޭވަރުގެ ރަނގަޅު ޓޫރިސްޓް ސީޒަނަކަށް ވެދާނެކަމުގެ ޢަލާމާތްތައް، ފޯކާސްޓް މިއަދު އެބަ ކުރެވޭ. އަޅުގަނޑުމެން ޒުވާނުން ނުކުމެ ރިޒޯޓުތަކުގަޔާއި އަދި މިއާ ގުޅުންހުރި ކަންތައްތައްކުގައި، ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައި އޮތް ވަގުތެއް މިވަގުތަކީ.
ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރާނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފަން ފެށުމަށް. ޒުވާނުން ވިސްނަންވީ، ތިޔައީ މި ޤައުމުގެ ހިންގުމާ މާދަމާ ޙަވާލުވާން ތިބި މީހުން ކަމަށް. ރާއްޖެ ކުރިއަރުވައި ތަރައްޤީ ކުރުމުގެ ހުރިހާ ޒިންމާއަކާ، މާދަމާ ޙަވާލުވާން ތިބީ މިއަދުގެ ޒުވާނުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެ ދުވަސް އަންނަންވާއިރަށް، ތިޔަ ޒުވާނުންނަކީ މި ދެންނެވި ޤައުމީ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް ބަޔަކަށް ހެދުމަށް.
ހުރިހާ ޒުވާނުންވެސް ވިސްނަންވީ، މިހާރު ތިޔަ ހޭދަކުރަނީ ޢުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން. އެ މީހެއްގެ ޙަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ، ޒުވާން ޢުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް ތަފާތު ހުނަރުތަކަކާއި، ތަފާތު ޤާބިލުކަމެއް އެބަހުރި. ޤައުމު މިއަދު އެދި ގޮވަނީ، ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް.
އަޅުގަނޑު އަދި ވާހަކަ ނިންމާލުމުގެ ކުރިން، ކުޅުދުއްފުށީ ސިޓީގެ މޭޔަރ އިޝާރާތް ކުރެއްވި އެއް ކަންތައް، މި ރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކައަށް އަޅުގަނޑު ކުޑަ އެއްޗެއް ދަންނަވާލާނަން.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އެބަ ހިންގަން. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުން އެކަނި ސީދާ މި ރަށަށް 400 ހައުސިންގ ޔުނިޓް މިހާރުވާނީ ރިޒަރވް ކޮށްފައި. އަދި އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން.
އާދެ، އަޅުގަނޑުގެ އުންމީދަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމަށް ޚިދުމަތްކުރާ މީހަކަށްވުމުގެ ޢަޒުމް، ތިޔަ ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުމަށް. ދިވެހި ޒުވާނުންގެ ހިތްތަކުގައި، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފައްދައި، ދެ ދުނިޔޭގެ ކާމިޔާބީއަށް، ދިވެހި ޒުވާނުންނަށް މަގު ފަހިކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކުރިއެރުމާއި ތަރައްޤީއާއި ތިޔާގިކަން ދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މީގެ 54 އަހަރު ކުރިން އައި މި ދުވަހަކީ އަޅުގަނޑުމެން މިއަދު މިތިބި ގޮތުގެ އެހެން ފެށުމެއް. އެއީ، ޖުމްހޫރިއްޔަތަށް ފުރޮޅުމަށް ރާއްޖެ ހޭލާން ފެށި ވަގުތު. އެއީ، އޭގެ ކުރިން ވާރުތަވަމުން އައި ވެރިކަމުގެ ނިޒާމް ނިމުމުގެ ފެށުން. ވެރިކަމަކަށްޓަކައި ކުރާ ވެރިކަން އުވި، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމަކަށް ރުހި، އެގޮތުގައި ދެމިތިބުމަކީ ޖުމްހޫރިއްޔަތު. އެހެން ނަމަވެސް، އެއްޗެއްގެ ނަންބޯޑަކީ، އޭގެ އަޞްލާއި ޙަޤީޤަތް ނޫންކަން އަބަދުވެސް ތަޖުރިބާވެ ތަކުރާރުވޭ. އެކި ދުވަސްވަރު، ރާއްޖޭގެ ހިންގުންދިޔައީ އެކި ދުވެލީގައި، އެކި މަގުން. ކަސިޔާރުނުވެ އޮތް އަމާޒަކަށްވީ، ރައްޔިތުންގެ އުންމީދާއި އެދުން. އަމާޒަށް ވާޞިލުވުމަށް، އެ ރައްޔިތުންގެ ކިބައިގައި އޮތް ޢަޒުމް. ނަޞްރާއި ނަޞީބާއި، ކާމިޔާބުގެ ރަމްޒުގެ ހިޔަލުގައި، ޖުމްހޫރީ މައިދާނުގެ މި ފަޚްރުވެރި މަގާމުގައި ހުރެ، 54 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.
ދިވެހި ލޮބުވެތި ރައްޔިތުން؛
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ މި ޖަލްސާގައި، އެންމެ މުހިންމު އެއްކަމަކަށް ހަމަޖެހިފައި މިވަނީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުން. ދެންމެ އެފަދަ 30 ބޭފުޅަކަށް އަޅުގަނޑު އެ ޝަރަފު އަރުވައިފިން. އަދި މި ޖަލްސާގައި، އިތުރު 87 ބޭފުޅަކަށް އެ ޝަރަފު އެރުވޭނެ. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން ނަމަވެސް، މިއީ މިފަދަ 30 އަކުން، ނުވަތަ 80 އަކުން ނިމެން އޮތް ލިސްޓެއް ނޫން. އެއަށްވުރެ ގިނަ ޚިދުމަތްތެރިންގެ ޚިދުމަތުން މާޒީގައި މި ރާއްޖެވަނީ ޒީނަތްކޮށްފައި.
ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމަކީ، ވަޒަންކުރެވޭ ވަރަށްވުރެ މާ އަގުބޮޑު ކަމެއް. މި ޝަރަފް އެރުވުމުގައި، އެ ބޭފުޅަކު ވަޒީފާ އަދާކުރީ، ކޮން މަގާމެއްގައިތޯ ނުބަލަން. ބެލީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި ޒިންމާދާރުކަމާއެކު ކުރި މަސައްކަތަށް.
ދެންމެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ފަސް ބޭފުޅަކު ހިމެނިވަޑައިގަންނަވާ. އެ ބޭފުޅުންނަކީ، އަލްފާޟިލާ ފާއިޒާ ޢަބްދުލްޤާދިރު، އަލްފާޟިލް އިބްރާހީމް ޒަކީ، ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކު، ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދު، އަދި އަލްފާޟިލް އިބްރާހީމް ޙަލީމް.
މި ފަސް ބޭފުޅުންގެ އިތުރުން، ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ރައީސްކަމުގެ ދައުރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ 9 ބޭފުޅުން އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަން.
މީގެތެރެއިން، އަލްފާޟިލް އިބްރާހީމް ޒަކީއާއި، އަލްފާޟިލް އިބްރާހީމް ޙަލީމަކީ، ތަފާތު ދެ ބޭފުޅުން. ދެވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުން. މިއަދާ ހަމައަށްވެސް ހަމަ އެ ޚިދުމަތުގައި، ވެރިންގެ އަރިހުގައި އެގޮތުގައި ދެމިތިއްބެވި އިޚްލާސްތެރިކަމުގެ ނަމޫނާ މިސާލެއް. ވެރިންގެ އަރިހުން ޢާންމު ލޯތަކަށް ނުފެންނާނެ އެތައް އިޙްސާސަކާއި، ހިތާމައާއި، އުފާ އަދި ހައްސާސީ އެތައް ކަމެއް ވަރަށް ގާތުން ދެކެވަޑައިގެންނެވި ދެ ބޭފުޅުން.
ޒަމާން ދެއްކި ކޮންމެ ކުލައަކާއި، އައި ކޮންމެ އުސްގަނޑެއްގައި، އެ ބޭފުޅުން ތިއްބެވީ ޖުމްހޫރީ ޚިދުމަތުގައި. މި ޖުމްހޫރިއްޔާ މި ހިސާބަށް ވާޞިލުވުމުގެ އާރުކާޓީންނަކީ، މި ޚިދުމަތްތެރި ޢިއްޒަތްތެރި ބޭފުޅުން. މިފަދަ ޚިދުމަތްތެރި އެތަކެއް ހާސް ބޭފުޅުންގެ ޚިދުމަތް ވަނީ މި ދިވެހި ޖުމްހޫރިއްޔަތާ ގުޅިފައި. ޖުމްހޫރީ ނަވުގެ ރިޔަލުގައި ފައްސިޔަ ވަޔަކީ، އެ ބޭފުޅުންގެ ޚިދުމަތް. ދިވެހި ދައުލަތާއި، ދިވެހި ސަރުކާރާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދިވެސް އެއްފަހަރު، ފަށްފަށުން ޝުކުރާއި ތައުރީފު، އެ ބޭފުޅުންނަށް ރައްދުކުރަން.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމަށް، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރަން. އެ ކޮމިޓީގެ ޗެއަރޕަރސަނަށާއި، ކޮމިޓީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ދިވެހި ލޮބުވެތި ރައްޔިތުން؛
ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން އަނބުރާ މަންޒިލް ހޯދާ ބަޔަކީ، ދިވެހި ލޮބުވެތި ރައްޔިތުން. ފާއިތުވި ތިން އަހަރު، ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ކުރަންޖެހުނު ވަކި ޚާއްޞަ ކަންތައްތަކެއް ހުރި. އެއީ ޑިމޮކްރަސީ އިޢާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް. ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ. އެއީ ވަކިވެގަތުމާއި، ބައިބައިވެ، މުޖުތަމަޢު ރޫޅިދިޔުން ނޫންކަން، ލޯތަކަށް ފެންނަންޖެހޭ. ޑިމޮކްރަސީއަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައި އޮތް ގާމަތީރަށްވެސް، ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތައް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ.
ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫން. ނުރުހޭ އެތައް ކަމަކާއި، އަހަން ބޭނުންނުވާ އެތައް އަޑަކާއި، ދެކެން ބޭނުންނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ، އެ ހުރިހާ ބައިތައް ހިމެނިގެން. ގަދައަޅައި ހިފަހައްޓަންޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައް. އެއީ، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތް. އެއީ ހުރަސްނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން.
ދިވެހި ލޮބުވެތި ރައްޔިތުން؛
ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން. ސިވިލް ސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ، ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް، އޭގެގޮތުގައި ތަންފީޛު ކުރެއްވުން. އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ޤައުމީ ޚިދުމަތުގެ ފައުޖު.
ދިވެހި ލޮބުވެތި ރައްޔިތުން؛
ވަކި ފަރުދެއް - ވަކި ރަށެއް ފަރަޤުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ، އިޖުތިމާޢީ އިންސާފު. ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައިވާނީ، އެ ހަމަ ހިފެހެއްޓުމަށް. ސަބަބަކީ، ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާ ނަމެއް. އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ.
ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، ދުލާއި ޤަލަމުގެ މިނިވަންކަން، ރާއްޖޭގައި މިއަދު އެބައޮތް. އަދި އޮންނާނެވެސްމެ. ވަކި ރައްޔިތަކު، ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ، އޮންނާނެ އެއްޗަކީ އެންމެންގެ ލާބަ. ޤައުމީ މަޞްލަޙަތު. ހާސްފަހަރު ގޮތްދޫކޮށް، ރައްޔިތުން އެދޭގޮތަށް ދީލާލުމަށްވުރެ، ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެ. އެހެންނަމަވެސް، މުޅި ޤައުމުގެ މަޞްލަޙަތާއި، އެންމެންގެ ލާބައާއި، ޤައުމިއްޔަތުގެ ރުކުންތަކުގައި ބަދަލުނުވާނެ އަދި ގުޑުވައިނުލެވޭނެ ކަންކަން ހުންނާނެ.
ދިވެހި ލޮބުވެތި ރައްޔިތުން؛
ފާއިތުވި ތިން އަހަރަކީ، މި މަގުން ސަރުކާރު ހިންގުމުގައި ވަރަށް ބޮޑު އިސްކަމެއް ދިން ތިން އަހަރު. ދާދިފަހުން އަޅުގަނޑު އަރިއަތޮޅުގައިވެސް ދެންނެވިފަދައިން، ރަނގަޅު ކުރަންޖެހޭ ކަމެއް އޮތިއްޔާ، ސަރުކާރަށް އެކަން ފާހަގަކޮށްދެއްވާ. އެކަކު ދެކޭ ރަނގަޅު އެއީ އަނެކާއަށް ގޯހަކަށް ވެދާނެ. އެހެން ނަމަވެސް، ޖުމްހޫރިއްޔަތޭ ކިޔަނީ، އެ ހުރިހާ ބައިތަކެއް އެކުވެގެން އެމުނުމުން. ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭ. އަދި އަހައި އަޅުގަނޑުމެން ރިޢާޔަތް ކުރާނަން. ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ، ރައްޔިތުން އެދޭގޮތަށް. އެންމެންނަށް ލާބައާއި މަންފާ ހުރިގޮތަށް.
ޖުމްހޫރީ ޙަޔާތުން ރާއްޖެ ކަޑައްތުކުރި 54 އަހަރުގެ ތެރެއިން، މި ފާއިތުވި ތިން އަހަރު، އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ، ލާމަރުކަޒީ ނިޒާމް. ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތަކަކީ، ޖުމްހޫރިއްޔަތު ހެދިފޯދުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަސް. އަތޮޅުތަކުގެ ކުރިއެރުމާއި ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ ކަންކަމުގައި ބަސްބުނެ، ރައްޔިތުންނަށް ގޮތް ނިންމެންޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ، ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް. އަދި އަންނާނެ އުނިކަމެއް. މިއަދު މިވަނީ ކައުންސިލްތަކަށް ޤާނޫނީ ބޮޑެތި ބާރާއި، އިޚްތިޔާރާއި، އިމްތިޔާޒުތައް ދެވިފައި. ކައުންސިލް ބައްދަލުވުންތަކާއި، ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް، ކަންކަމުގައި އެބަ ހޯދޭ. ނިންމުންތަކުގެ މަރުޙަލާގައި،
އެ ބައްދަލުވުންތަކަށް ރިޢާޔަތް އެބަ ކުރެވޭ. މިއީ ޖުމްހޫރިއްޔަތުގެ ޙަޤީޤީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއް. ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ، ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ. ލާމަރުކަޒީ މި ފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަވަމުން ދިޔުން.
ޖުމްހޫރިއްޔަތު ސީދާގޮތުން ރަމްޒުކޮށްދެނީ ފަރުދުން، ނުވަތަ ރައްޔިތުން. އެ ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނައެއްނުކުރެވޭނެ. މީހުން ބިނާކުރުމަކީ، ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު މަޝްރޫޢުތަކުގެ، އެންމެ ވަރުގަދަ ބިންގާ. ތަޢުލީމާއި، ތަމްރީނާއި، ޞިއްޙަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް. އެ ރައްޔިތުންގެ ޤާބިލުކަމާއި، އަރާ އަރަފޯދުމާއި، ކެރިފޯރުންތެރިކަން ބިނާވާނީ، މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމަޢަކާއި، ޖޯރުހުރި އިޤްތިޞާދެއްގެ ފެށުމަކީ، ތަޢުލީމާއި ހުނަރު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭ-ލެވެލް އަށް ކިޔަވައިދެވޭ. ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިއްޖެ. ސްޓޫޑަންޓް ލޯން ސްކީމް ފުޅާކުރެވިއްޖެ. އެއް ދަންފަޅީގެ ތަޢުލީމީ ނިޒާމަށްޓަކައި، 1000 އަށްވުރެ ގިނަ ކްލާސްރޫމްގެ މަސައްކަތް ހިނގަމުން އެބަދޭ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ފުރަބަންދަށްފަހު، ދުނިޔޭގައި އެންމެ އަވަހަށް ސްކޫލްތައް ހުޅުވި 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ.
ލޮބުވެތި ރައްޔިތުން؛
ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދޭ އަނެއް ފަށަލައަކީ، ސަރަޙައްދީ ތަރައްޤީ. ދިރިއުޅޭ ސަރަޙައްދާ ގާތުން ފެންވަރު ރަނގަޅު ޒަމާނީ ޞިއްޙީ ފަރުވާ ލިބިދިނުމަކީ، މި ފަށަލައިގެ ފެށުން. ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނާދޭ. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތަކަށް، މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯރޓްރީ ޚިދުމަތާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭނެގޮތް ހެދިއްޖެ. އަންނަ އަހަރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ. ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރާއިރު، ރަނގަޅު ކުރަން ވަރަށްގިނަ ކަންކަން އަދިވެސް އެބަހުރި.
ދިވެހި ލޮބުވެތި ރައްޔިތުން؛
ވޭތުވި ތިން އަހަރަށް ފެށުމުގެ ކުރިންވެސް، އަޅުގަނޑު ދެންނެވި ވާހަކައެއް، މިއަދުވެސް ހަނދާނުގައި އެބަހުރި. އެއީ، ތަރައްޤީގެ ވާހަކަ ދައްކަން ފެށޭނީވެސް، ގައިން ތާހިރުވެ ތިބެގެންކަން. ދިވެހި ޖުމްހޫރިއްޔަތުގެ ތެރެއިން، އަޅުގަނޑު ފާއިތުކުރި ތިން އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާއި، ނަރުދަމާގެ މަސައްކަތް ހިންގުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ އަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި، މި ފަސް އަހަރު ވެގެންދާނެ.
ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައި ވަނީ، އިޤްތިޞާދީ ޙަރަކާތް. އިޤްތިޞާދީ ޙަރަކާތް ގުޅެނީ، ފުދުންތެރި މުޖުތަމަޢަކަށް. ފުދުންތެރި މުޖުތަމަޢަކުން އުފެދެނީ، އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަޤިއްލު ޤައުމެއް. ދިވެހިރާއްޖެއައިގެން އަޅުގަނޑުމެން މިދަނީ އެ މިޞްރާބަށް. ދިވެހިރާއްޖެ އޮތްދިގަށް، ސަރާސަރު ރާސްތާއެއްގައި، ވައިގެ މަގުން ގުޅައިލެވޭނެ. ކަނޑުދަތުރުގެ ވިހިތިރީސް މިނިޓްގެ ދަތުރަކަށްފަހު، ކޮންމެ ރަށެއްގައި ހުރި، ކޮންމެ ރައްޔިތަކަށްވެސް އުދުއްސައިގަނެވޭނެ. ވައިގެ އެ ވިއުގަ އެދަނީ އެމުނެމުން، ގެތި ތަރުތީބުވަމުން.
ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ހުއްޓުމެއްނެތި ހިނގާނެ. ހައިސްޕީޑް ފެރީ ނެޓްވާރކްގެ ހަރުފަތްތައް ދާނީ ގިރާކުރަމުން. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު، ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ، ސަރުކާރުން ދެމުންދާނެ. ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި ހިނގާނެ. އަދި އިޢާދަކުރަނިވި ހަކަތައާއެކުއެކީ، ކަރަންޓުގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް، ކުރިއަށް އެބަދޭ. މާތް ﷲގެ ވާގިފުޅާއެކު، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ތަރައްޤީގެ ކަންކަން، ހުއްޓުމެއްނެތި، މި ސަރުކާރުން ކުރިއަށް ގެންދާނެ.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު، އަޅުގަނޑުމެންގެ އޮތީ މާބޮޑު އެހެން މަސްއޫލިއްޔަތެއް. އެއީ ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްވުމުގެ މަސައްކަތް. މާތްﷲގެ ވާގިފުޅާއެކު، އެ ކުރެވުނު މަސައްކަތުގެ ސަބަބުން ރާއްޖެއަކީ، މިއަދު އާބާދީގެ ބޮޑު ބަޔަކަށް، ވެކްސިން ޖެހިފައިވާ ޤައުމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ހުޅުވައިލެވި، މަސައްކަތް ފެށި، އައު ޢާންމު ޙާލަތަށް ރުޖޫޢަވުމުގެ މަސައްކަތް، ބާރު ސްޕީޑްގައި މިދަނީ ކުރަމުން. އަހަރު ނިމޭއިރަށް، އަންދާޒާ ކުރެވޭ ފަތުރުވެރިންގެ ޖުމްލަ ހުރީ 1.3 މިލިއަންގައި. ކުރެވޭ އަންދާޒާތަކުން، ފަތުރުވެރިކަން، އަންނަ އަހަރުވެސް ދާނީ އިތުރަށް ކުރިއަށް. ނަތީޖާއެއްގެ ގޮތުން، އިޤްތިޞާދީ މާލީ ދިރާސާތަކުގެ މާހިރުން ރާއްޖެއާމެދު ކުރާ އުންމީދު ވަރަށް ބޮޑު.
ދިވެހި ލޮބުވެތި ރައްޔިތުން؛
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާކުރަންޖެހެނީ، މި ފަސް އަހަރަށްވީ ވަޢުދުތައް ފުއްދައި ނިންމުމަށް. 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ، އެ މިޞްރާބަށް ވާޞިލުވުމުގެ އަމާޒުގައި. ކޯވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ، ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ދެން ނެތް.
އަންނަ އަހަރު، އިޖުތިމާޢީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާނެ. ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް، އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ވާނީ ބަޖެޓް ކުރެވިފައި.
ނަފްސާނީ ބަލިތަކާމެދު ނަފްސުތައް ހޭލެވެން ފެށިއިރު، އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތިކަމަކަށް. އައި.ޖީ.އެމް.އެޗް.އިން އެޕޮއިންޓްމެންޓެއް ހަދައިގެން، ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް، އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްޤީ ކުރެވޭނެ.
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާއާއި، އަނިޔާގެ މައްސަލަ، މީގެކުރިން ވަޅުލެވި، ހިނދިގެންދާ ދިޔުމަށް މިހާރު ހުއްޓުންއަރަން ފަށައިފި. ހޭލުންތެރިކަން އިތުރުވެ، މައްސަލަތައް ފެންމަތިކޮށް، ރިޕޯޓް ކުރުމުގެ ހިތްވަރާއި އާދަ ދަނީ އަށަގަންނަމުން. ކުރިއަށް އޮތް ތަނުގައި، މިފަދަ އިޖުތިމާޢީ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތަކާއި، ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ.
ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް މާބޮޑަށްވެސް އަވަސްކުރަން އެބަޖެހޭ. އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއްކަމަކީ އެއީ. ޚިދުމަތްތައް، އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް، އަންނަ އަހަރު މަސައްކަތް ފެށޭނެ. ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، އަންނަ އަހަރަށް ވަރަށްބޮޑު އިސްކަމެއްދީގެން ބަޖެޓް ކުރެވިފައިވާނެ.
ލޮބުވެތި ރައްޔިތުން؛
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ތާށި ފިލުވުމަށް ކުރަންޖެހޭ ކަންކަން ގިނަ. ގްރޭޓަރމާލެ ސަރަޙައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރެވެމުންމިދާ ހައުސިންގ ޔުނިޓްތަކަކީ މުޅިން ޙައްލެއް ނޫން. ބިން އުފެއްދުމާއި، އުފެދިފައި ހުރި ބިންތައް ގުޅުވައިލުން މުހިންމު. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ، ކުރިއަށް އޮތް ތަނުގައި ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައި.
މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް، މިދިޔަ ތިން އަހަރު ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު. އަތުލައިގަނެވޭ މަސްތުވާތަކެތީގެ ޢަދަދު އިންތިހާއަށް މަތި. އެހެނަސް، މަސްތުވާތަކެތީގައި ޖެހި، މުޖުތަމަޢުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެންނަންޖެހޭ. މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތް ކުރުމަކީ މުހިންމު، އަދި ބުރަ މަސައްކަތެއް. މުޖުތަމަޢާ ގުޅިގެން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ގާތުން ފަރުވާދިނުމަކީ، މިކަމުގައި ސަރުކާރުން އިސްކަމެއްދޭ ސިޔާސަތެއް. ކޮމިއުނިޓީ ބޭސްޑް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު އެވަނީ ބަޖެޓް ކުރެވިފައި. އެ ޒުވާނުންނަށް ރީހެބިލިޓޭޝަނާއި، ކުޅިވަރާއި، ވަޒީފާއާއި، ހުނަރު ލިއްބައިދިނުން ވަރަށް މުހިންމު. ކުރިއަށް އޮތް ތަނުގައި ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކަށް ސަރުކާރުގެ ނަޒަރު އިހުނަށްވުރެ ސީދާކުރެވޭނެ.
ދިވެހި ލޮބުވެތި ރައްޔިތުން؛
އިޤްތިޞާދީ އިންޖީނުގެ އެންމެ މުހިއްމު ސޯބުތައް ހިމުންވެ ގުޅިލާމެހެނީ ވިޔަފާރިއާއި މަސައްކަތްތެރިންނާ. އުފާވެރި، ވިޔަވަތި، ތާހިރު ދިރިއުޅުމަކަށްޓަކައި، އެމީހަކު ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމަށްވުރެ ބޮޑުކަމެއް ނޯންނާނެ. އެހެން ނަމަވެސް، އެއީ ޒަމާނުއްސުރެ ނުވެއޮތް ކަމެއް.
މި ޖުމްހޫރީ ދުވަސް ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ، އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، ސަރުކާރުން ކަނޑައެޅި އެޅުން. މަސައްކަތްތެރިއަކަށް ދޭންޖެހޭ އެންމެ ބޮޑު ޙައްޤަކީ، އޭނާއަށް ޙައްޤު އުޖޫރަ. ޖުމްހޫރިއްޔަތުގެ ހިޔަލުގައި ފިނިކަމެއް އެކުލެވޭނީ، މަސައްކަތްތެރީންނަށް ޙައްޤު ލިއްބައިދީގެން.
މިނިމަމް ވޭޖް ތަންފީޛުވުމުން، އޭގެ ހެޔޮ ބަދަލު، ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެނިގެންދާނެ. އެންމެ ބޮޑު ބަދަލެއް، ނުވަތަ ރަނގަޅެއް ފެނިގެންދާނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް. މިއާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ، ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް މި ހެޔޮ ބަދަލު އަންނާނެ.
މިނިމަމް ވޭޖްގެ ވަޢުދު ފުއްދުމުގެ މަސައްކަތް ކުރެވިފައި ވަނީ، ގިނަ މަޝްވަރާތަކަކަށްފަހު. މަސައްކަތްތެރީންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާއި ހުށަހެޅުންތައް ހުރި. މިނިމަމް ވޭޖް ކަނޑައެޅުމުގައި، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ މަސްލަޙަތާއި، ޙައްޤުތަކަށް ސަރުކާރުން ވިސްނިން. އެކަށީގެންވާ މުސާރައެއް ކަނޑައަޅާއިރު، ވިޔަފާރިތައް ފުނޑި ބަނގުރޫޓްވިޔަ ނުދިނުމަށްވެސް ސަރުކާރުން ވިސްނިން. އޭގެ މައްޗަށް ބިނާކޮށް، މިހާރު މިވަނީ ފުރަތަމަ ފަހަރަށް، މިނިމަމް ވޭޖް ކަނޑައަޅާފައި. މިއީ ދިވެހި ތާރީޚުގައި، މަސައްކަތްތެރިންނަށްޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގާ. މީގެ ސަބަބުން، ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް މި ސިޔާސަތު ބާރުއަޅާނެ.
ވަޒީފާ ނެތް ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއެއް ހޯދޭނެ މަގެއް އޮންނަންޖެހޭ. ވަޒީފާދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު ރެކްރޫޓްމަންޓް ޕްރޮސެސްއެއް ފަހިކޮށްދިނުމަށް، ސަރުކާރުގެ ސިޔާސަތެއް އެބައޮތް. މީގެދަށުން، ޖޮބް ސެންޓަރުގެ އޮފީސްތައް، އަތޮޅުތެރޭގައި ޤާއިމުކުރުމަށް އެވަނީ ބަޖެޓުގައި ހިމެނިފައި.
ދިވެހި ލޮބުވެތި ރައްޔިތުން؛
ރާއްޖޭގެ ސިޔާސީ، އަދި އިޖުތިމާޢީ މަސްރަޙުގައި އުފެދިފައި ހުރި ހަލަބޮލިކަމާއި ނުތަނަވަސްކަން، މީގެ ތިން އަހަރު ކުރިން އަޅުގަނޑުމެން ދުށީމު. ސިޔާސީ ވާދަވެރިކަން ފެނުނީ، ހަތުރުވެރިކަމާއި ޢަދާވާތްތެރި ކަމުގެ ގޮތުގައި. އެންމެ ހެޔޮކަމަކީ އަނެކާއާމެދު އެންމެ ނުބައިކޮށް ކަންކުރުން ކަމުގައި އޭރު ޤަބޫލުކުރެވޭފަދަ. އެއީ ޤައުމެއް، ޖަމާޢަތެއް، އަދި ޖުމްހޫރިއްޔަތެއްވެސް ދެމެހެއްޓޭނެ ގޮތެއްނޫން. އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާއަކީ، ދެބަސްވުމަށް އެއްބަސްވުން. ހުރި ތަފާތުތަކަކާއި، ފުށުއެރުމާއި، ފަރަޤުތައް ހިފައިގެންވެސް އެކުގައި ކުރިއަށްދިޔުން. ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި، ހޭދަކުރާންޖެހޭ ވަގުތާއި ހަކަތައިގެ މިންވަރު ބޮޑު. މި ދެންނެވި އިޖުތިމާޢީ މަޞްލަޙަތު ހިފަހައްޓައި ދެމެހެއްޓުމަށް، ވޭތުވި ތިން އަހަރު ވަރަށް ބޮޑު އިސްކަމެއް ދިނިން. އަދި ކުރިއަށް އޮތް ދެ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުން.
މާތް ﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެންގެ ހުރިހާ ވަގުތަކާއި، މަސައްކަތަކާއި، ހަކަތަ ހުސްކުރާނީ، ދިވެހިރައްޔިތުންގެ އުފާފާގަތި ކަމަށްޓަކައި. ދިވެހި ޖުމްހޫރިއްޔަތަށްޓަކައި. ދިވެހި ޖުމްހޫރިއްޔަތުގެ ފަޚްރުވެރި، ފެއްސާއި ރަތާއި ހުދުގެ ފޭރާމުގައި، ތާއަބަދަށްމެ ރާއްޖެ ލައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
މޯލްޑިވްސް އެކައުންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލް ޙުސައިން ނިޔާޒީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންނަށް ފެނުނީ، ޤައުމުތަކުގެ އިޤްތިޞާދު އިނދަޖައްސައިލި ވަބާއެއްގެ ގޮތުގައި. ނަމަވެސް ދޮޅު އަހަރަށްފަހު، މިހާރު ފެންނަނީ ދުނިޔޭގެ އިޤްތިޞާދު އަނެއްކާވެސް މަޑުމަޑުން ހަށިފޮޅާލާފައި ތެދުވަމުން އަންނަ މަންޒަރު. ރާއްޖޭގެ އިޤްތިޞާދުވެސް ހަމަ މިމޭރުމުން ހިންދެމިލާ މަންޒަރު މިއަދު އެބަ ފެނޭ.
އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީވެސް، މި ދެންނެވި އިޤްތިޞާދީ ބަދަލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ފެށުމުގެ ގޮތުން. އާދެ، ޗާޓަޑް އެކައުންޓެންޓުންގެ މި އަހަރުގެ ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާއަށް. އެހެންކަމުން، މި ފޯރަމް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް، ޙުސައިން ނިޔާޒީއަށް އަދި އެ އިންސްޓިޓިއުޓްގެ އިންތިޤާލީ ކައުންސިލްގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވަން.
ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތައް، ޚާއްޞަކޮށް، ދައުލަތުގެ މާލީ މުޢާމަލާތްތައް، އޮޑިޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެށިފައި ވަނީ، މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން. މިއަދާ ހަމައަށް އައިއިރު، އޮޑިޓިންގއާއި އެކައުންޓެންސީގެ ދާއިރާ މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އަދި ކޮންމެވެސްވަރަކަށް ތަރައްޤީވެސް ވެފައި.
އެހެން ނަމަވެސް، މި ދާއިރާގައިވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ، ބިދޭސީ އެކައުންޓެންޓުން. ދެންމެ އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް ވިދާޅުވި ފަދައިން، މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ. އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިންގ ދާއިރާގެ މީހުން.
ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ބޭންކިންގ ދާއިރާއާއި، އިޤްތިޞާދީ ޞިނާޢަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އަންނަނީ އުފެދެމުން. ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރުވަނީ ވަރަށް ބޮޑުވެފައި.
އެ ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ޤާބިލް އެކައުންޓެންޓުން. އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައްވެސް ތަނަވަސްކޮށްދޭނެ.
އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް. މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ.
ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށީ ވަރަށް މުހިންމު ބޭނުމެއްގައި. އެއީ، އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީ ކުރުން. އަދި މި ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުން.
އެހެންކަމުން، އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް، މި އިންސްޓިޓިއުޓުން އަވަސް މަސައްކަތްތަކެއް ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑު ދެކޭގޮތުގައި، އެ މަސައްކަތް އަވަސްކުރުމަކީ، އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަޤީންކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.
އެކައުންޓިންގގެ މަސައްކަތަކީ، ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތެއް. ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ދައުލަތުގެ ބޭންކިންގ ނިޒާމާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް. މި ސަބަބަށްޓަކައި، އެކައުންޓެންސީއާއި އޮޑިޓް ދާއިރާއިން ދިމާވާ މައްސަލަތައް، މި ދާއިރާގެ އެންމެހައި ފަރާތްތަކާ މަޝްވަރާކޮށްގެން، ޙައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް.
މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، މިހާރުވެސް އެކައުންޓިންގ ދާއިރާގެ ކޯސްތައް އެބަ ހިމެނޭ. އަދި މީގެއިތުރުންވެސް، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި، މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ކޮށްދީ، މަގުފަހިކޮށްދޭނަން.
ރާއްޖޭގެ ތަރައްޤީގެ ދުވެލި، މާތް ﷲގެ ވާގިފުޅާއެކު މިހާރު ހުރީ ރަނގަޅު މިޞްރާބުގައި. ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީވެސް އުންމީދު އާކޮށްދޭ ގޮތެއްގައި. އަޅުގަނޑު ދެކޭގޮތުގައި މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައި.
އެކައުންޓިންގ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުޤުވެރިކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، މި އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް. އެކަމަށް ހުރި ގޮންޖެހުންތަކާމެދު މި ފޯރަމްގައި މަޝްވަރާ ކުރައްވައި، ޙައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް.
އާދެ، އެކައުންޓެންސީ ދާއިރާއާމެދު ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަކީ، މި އިންސްޓިޓިއުޓްގެ ފަރާތުން އަޅުގަނޑުމެން އެދޭ ވަރަށް ބޮޑު އެދުމެއް. މި ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަޚްލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެން.
މި ފޯރަމަކީ، ރާއްޖޭގައި މަސައްކަތް ކުރައްވާ އޮޑިޓަރުންނާއި އެކައުންޓެންޓުން އެއްތަނަކުން ބައްދަލުވެ، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެއް. އަދި އެ ކަންބޮޑުވުންތަކާމެދު، މި ދާއިރާގެ ޙިއްޞާދާރުންނާ އެކުގައި މަޝްވަރާ ކުރައްވައި، އެއްބަސްވެވޭ ޙައްލަކަށް މިޞްރާބު އަމާޒުކުރެވޭނެ ފޯރަމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
މިއީ ވަރަށް ކާމިޔާބު ފޯރަމަކަށްވުމުގެ އުންމީދުގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން. އަޅުގަނޑުގެ ދުޢާއަކީ، އެކި ރޮނގުރޮނގުން ރާއްޖޭގެ ހިންގުމުގެ ދާއިރާ އިޞްލާޙު ކުރުމަށް މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ރާއްޖޭގައި ތިޔާގިކަމާއި ބާއްޖަވެރިކަން ޢާންމުކުރައްވައި، ޞުލްޙަޔާއި އަމާންކަމުގައި ދިރިއުޅުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"ގޯލްޑް 100" އެވޯޑް ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދައުލަތުގެ ވަޒީރުން، މި ޙަފްލާ އިންތިޒާމު ކުރައްވާ އިސްބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ގޯލްޑް ހަންޑްރެޑް އެވޯޑް ޙާޞިލްކުރި ވިޔަފާރިތަކުގެ، އަގުހުރި ޚިދުމަތްތައް ފާހަގަކުރުމަށް މިރޭ މި ބާއްވާ ޙަފްލާގައި، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް އެއްޗެއް ދެންނެވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަން.
އަޅުގަނޑުމެން މިއަދު ދިރިއުޅެމުން މި އަންނަނީ، މީގެ ދެ އަހަރު ކުރިން ދުނިޔެ އޮތް ޙާލަތާ އަޅައިބަލާއިރު، ވަރަށް ތަފާތު ދުނިޔެއެއްގައިކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ. ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި. ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު ފުނޑުފުނޑުވެގެންދިޔަ. ރާއްޖޭގެ ކުޑަކުޑަ އިޤްތިޞާދުވެސް މިކަމުން ސަލާމަތެއްނުވި.
އާދެ، ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔަ. ފުރަބަންދަކަށްފަހު ފުރަބަންދެއް އިޢުލާނު ކުރުމުން، ހޮޓާތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކުރަން ޖެހުނު. ވިޔަފާރިތައް ހީނަރުވެގެންދިޔަ.
މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް، އުންމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޯވިޑުގެ ކުރިން ޢާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި.
ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މަޑުމަޑުން އެބަ ފެނޭ. އިޤްތިޞާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން. އައު ވިޔަފާރިތައްވެސް އަންނަނީ މަޑުމަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިޤްތިޞާދު އަލުން އިޢާދަކުރަމުން.
ކޯވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިނިން. ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށްވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައިން. އަދި ހަމަ އެ ދަތި ހާލުގައިވެސް، އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް، ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.
އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި.
މިރޭގެ މި ޙަފްލާގައި އެވޯޑް ޙާޞިލްކުރާ ވިޔަފާރިތަކަކީ، ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް. އެއީ، ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން. އެއީ، އީޖާދީ އުފެއްދުންތެރިކަމާއެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް.
މި ޙަފްލާގައި، އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރެވިގެން އެދަނީ، މި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކޮށްފައިވާތީ. އެ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޤައުމީ ތަރައްޤީއަށް ކޮށްފައިވަނީ، ގުނައި ޢަދަދު ނުކުރެވޭހާ ގިނަ ފައިދާތަކެއް. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާއާއި ލާބަ ވަކިން ބޮޑު.
މި ޙަފްލާގައި އެވޯޑް ޙާޞިލްކުރާ ވިޔަފާރިތަކަކީ، ވަރަށް ފުރިހަމަ އަދި ކާމިޔާބު ވިޔަފާރިތަކެއް ކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ތިޔަ ހުރިހާ ވިޔަފާރިވެރިންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
ނިންމާލުމުގެ ކުރިން، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ކޯޕަރޭޓް މޯލްޑިވްސްއިން އިސްނަންގަވައިގެން ކުރައްވާ މިންނެތް މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ކުރައްވާ މަސައްކަތުގެ ސަބަބުން ކާމިޔާބު ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން، އައު ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދޭ.
މިރޭ މި އެވޯޑުތައް ޙާޞިލް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި ހުރިހާ ވިޔަފާރިތަކަށް، އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
66 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޅ. ކުރެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން އިބްރާހީމް، ޖެނެރަލް އޮފިސަރުން، ސިފައިންގެ އެހެނިހެން ރޭންކްތަކުގެ އޮފިސަރުން، ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ ކަމުގައިވާ ލޮބުވެތި ދިވެހި ސިފައިން، އަދި ދިވެހި ސިފައިންގެ ލަޝްކަރާ އަލަށް ގުޅިވަޑައިގެންނެވި އެންމެހައި ފަހުލަވާނުން.
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދެންމެ މަޤާމުގެ ހުވާ ކުރައްވައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި ލަޝްކަރާ ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
މިއަދަކީ ތިޔަ ސިފައިންގެ ޙަޔާތުގައި ވަރަށް ޚާއްޞަ ދުވަހެއް. ޙަޔާތުގެ މުޅިން އައު ޞަފްޙާއެއް ލިޔަން ފަށާ ދުވަހެއް. މުޅިން ތަފާތު ހައިސިއްޔަތަކުން، ޤައުމުގެ އެންމެ އަގުހުރި ޚިދުމަތަށް ނުކުންނަ ދުވަސް. ތިޔަބޭފުޅުންގެ ޒުވާންކަމުގެ ތާޒާ ލޭގެ ވިންދާއެކު، މިއަދު ތިޔަ ކުރިމަތިލައްވަނީ، މިޤައުމުގެ އެންމެ މަތިވެރި ޒިންމާތަކާ.
ތިޔަ ސިފައިން ދެންމެ ކުރި ހުވަޔަކީ، ތިޔަ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް.
މިވޭތުވެދިޔަ ތިން މަސްދުވަހު، މި މަރުކަޒުގައި ތިޔަ ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މިދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ، ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލުކުރުމުގެ ތަމްރީނު.
އޭގެ ތެރެއިންވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން. ދެންމެ ކުރި ހުވަޔާ އެއްގޮތަށް، ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫޙު އުފެދޭނީ، މި ދެ ސިފަ ހުރެގެން. އިސްލާމް ދީނާއި ޤައުމުގެ ޙައްޤުގައި ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި، އެކަންކުރެވޭނީވެސް މި ދެ ސިފަ ހުރެގެން.
މިއަދަށްފަހު، ތިޔައިން ކޮންމެ މީހަކީ، ދިވެހި ޢަސްކަރިއްޔާގެ ކޮންމެވެސް ޔުނިޓަކާ ގުޅޭނެ މީހެއް. އެހެންކަމުން އެމީހަކު ޢަމަލީ ޚިދުމަތަށް ނުކުންނަ ދާއިރާއަކާ ގުޅޭގޮތުން، އިތުރަށް ތަޢުލީމު ޙާޞިލުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީން ފުރުޞަތުތަކުގެ ބޭނުން ހިފައި، ތިމާގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން.
ދިވެހި ޢަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއް. މި ޤައުމުގެ ނަން ކިލަނބުކޮށްލައި، ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މި މުއައްސަސާއިން އުފެއްދި ޤައުމީ ބަޠަލުން. އެހެންކަމުން، ތިޔަ ސިފައިންނަކީ، ފަޚުރުވެރި ދިވެހި ޢަސްކަރިއްޔާގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓާނެ ސިފައިންކަމާމެދަކު ޝައްކެއްނެތް.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިޔަ ސިފައިންނަކީ، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި ޢަސްކަރިއްޔާގެ މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސްނުޖެހޭ، ހިތްވަރުގަދަ ހުޝިޔާރު ބައެއް. ހަމައެފަދައިން ޖެހިލުން ކުޑަ، ޢަޒުމް ވަރުގަދަ ބައެއް.
ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއް. އެ ތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ތިޔައިން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައިވެސް ފެންނަންޖެހޭނެ. ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި، ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަޚްލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ ޢަޤީދާގައި، ޢަމަލާއި ބަހުން ސާބިތުވެ ހުރުން. ދެވަނަ ކަމަކީ، ކޮންމެ ޙާލަތެއްގައިވެސް، ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިންވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސިފައިންގެ ޢާއިލާއާ ގުޅުމަށް، ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ، ތިޔަބޭފުޅުންގެ މުޅި ޙަޔާތުގައިވެސް ނިންމެވި، އެންމެ ފުރިހަމަ އަދި އެންމެ ފަޚުރުވެރި ނިންމުން. މިއަދު ތިޔަ ކުރެއްވި ހުވަޔާއެކު، ޙަޤީޤަތުގައި ތިޔަ އިޖާބަދެވުނީ، ޤައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި އާނއެކޭ ބުނުމަށް.
މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާޢު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ޞުލްޙަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް ޢަޒުމެއްގައި އެއް އަމާޒަކަށް.
ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން. އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކަކު އަނެކަކުދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް ޢާއިލާ. އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު އެއްފަރާތްކޮށް، މުޅި ޢަސްކަރިއްޔާގެ މަޞްލަޙަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް.
ތިޔަބޭފުޅުންގެ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެގޮތް ދަސްކުރިއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށްއެރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން. ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ، ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި.
މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ ޢަމަލުތައް. ބައިނަލްއަޤްވާމީ ޞުލްޙަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް. ތިޔަ ސިފައިން ޙާޞިލުކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީނުތަކެއްކަން އަޅުގަނޑަށް ޔަޤީން.
ސިފައިންގެމީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް.
އެފަދަ ބަޠަލުންގެ ހަނދާންތައް، އެ ޤައުމެއްގައި އަބަދުވެސް އާކުރެވޭނެ. ހުރިހާ ޖީލުތަކެއްގައިވެސް އެމީހުންނަށް ހެޔޮދުޢާކުރެވޭނެ. ޝަހީދު ޢަލީ ރަސްގެފާނު، އުތީމު ބޮޑުތަކުރުފާނު، އަދި ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމް ފަދަ ބަޠަލުންގެ ނަންފުޅުތައް، ޤައުމީ މުނާސަބާތަކުގައި އަބަދުމެ ގުގުމަމުން ދަނީ އެ ސަބަބަށްޓަކައި.
އެފަދަ ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މި ރާއްޖޭގެ ދިފާޢުގައި، ދިވެހި ދަރިންގެ ޙައްޤުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް އޮތް، ޤާބިލް ޢަސްކަރީ ފައުޖެއް، މިއަދުވެސް މި ރާއްޖޭގައި ޤާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން.
މިދެންނެވި ޤާބިލުކަން އިތުރުކޮށް، ސިފައިންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން މި އަންނަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން. އަދި އެކަމުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ދެއްވާ ސަމާލުކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވަން. އަދި ޒަމާނީ ޤާބިލް ޢަސްކަރިއްޔާއެއް ބިނާކުރުމަށް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ޖެނެރަލް ޝަމާލަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އަދި އެކަމުގައި އެހާމެ މުހިންމު އެހީތެރިކަމެއް ދެއްވާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަށާއި، ސިފައިން ތަމްރީންކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނެވި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދަށާއި، ޖެނެރަލް އޮފިސަރުންނަށްވެސް ޝުކުރު ދަންނަވަން. އަދި ސިފައިންގެ ވަކިވަކި ޔުނިޓްތަކުގެ އިސް ވެރިންނަށްވެސް ޝުކުރު ދަންނަވަން.
ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށްވިޔަސް، މަދަނީ އަދި އިޖުތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއްވެސް ސިފައިންގެ ޚިދުމަތާ ލާމެހިފައިވާކަން އަޅުގަނޑުމެން ހަނދާންކުރަން. އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމުގައިވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް.
މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމުގައިވެސް، އެންމެ ކުރީ ސަފުގައި ވަރަށް ގިނަ ޢަދަދެއްގެ ސިފައިން އެބަ މަސައްކަތްކުރޭ. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމާއި، ޞިއްޙީ ޚިދުމަތްދޭނެ ވަގުތީ ތަންތަން ޢިމާރާތްކުރުމުގައިވެސް، ސިފައިން އެ އަދާކުރަނީ ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް.
އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ސިފައިންގެ ޢާއިލާއާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށްވެސް، ވަރަށް ކާމިޔާބު، ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން.
އަޅުގަނޑުގެ ދުޢާއަކީ، އެންމެހައި ޢުދުވާނީ ޢަމަލުތަކާއި ނުރަނގަޅު އެންމެހައި ކަންކަމުން، ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް، ދިވެހި ސިފައިން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބު މިންވަރުކުރެއްވުން. ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރައްވައި، ފުރިހަމަ ޞިއްޙަތާއި ރައްކާތެރިކަން ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، ދިވެހި ޢަސްކަރިއްޔާއަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް، ލ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް، ގަމު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން މުޙައްމަދު ރަޝީދު އަދި މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޢަލީ ނަޝީދު، ގަން/ފޮނަދޫގެ ލޮބުވެތި ރައްޔިތުން އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މިއަދަކީ، ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ނިމި، ރައްޔިތުންނަށް ޚިދުމަތްތައް ލިބެން ފަށާ ދުވަހެއް. މިއަދު ފުރިހަމަވެގެން މިދަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން މިރަށުގައި ހިންގި ވަރަށް މުހިންމު ތިން މަޝްރޫޢެއް. ނަމަވެސް، މި އުފާވެރި މުނާސަބަތުގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެންނަށް މަރުޙަބާ ދެންނެވުމަށް، މި ރަށުގެ ރައްޔިތުން ހަމަޖައްސަވާފައިވާ މި ފުރިހަމަ އިންތިޒާމުތަކަށްޓަކައި، ގަމުގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑު މި ރަސްމިއްޔާތަށް މި ތަނަށް އައުމުގެ ކުރިން މިއައީ ސެންޓްރަލް އޭރިއާ ކޮމާންޑްގައި، އެމް.އެން.ޑީ.އެފް. އާއި، އިނގިރޭސިވިލާތުގެ ރޯޔަލް މެރިންސްއާ އެކީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކެއް ނިމުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެފައި. މިއީ 32 އަހަރުގެ މެދުކެނޑުމަށްފަހުގައި، އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއެކީގައި ބޭއްވުނު ތަމްރީނުތަކެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއިން ދޭހަވެގެން މިދިޔައީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުގެ ފުރިހަމަކަން. މި ފުރުޞަތުގައި އިނގިރޭސި ދައުލަތަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، ރައްޔިތުންގެ ނަމުގައި، އަޅުގަނޑުމެންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.
މިއަދު މި އިފްތިތާޙުކުރެވެނީ، މި ރަށާއި މި އަތޮޅުގެ ތަރައްޤީއަށް ހިންގުނު ވަރަށް މުހިންމު ތިން މަޝްރޫޢެއް. އޭގެތެރެއިންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން މި ގެނެވޭ މުހިންމު ބަދަލުތައް.
މިއަދު މި ފެށޭ ސީޓީ ސްކޭންގެ ޚިދުމަތަކީ، މި ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު މުހިންމު ޚިދުމަތެއް. މީގެ ސަބަބުން މި ޚިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ މިއަތޮޅުން، ޚިދުމަތް ހޯދުމުގެ ފުރުޞަތު މިވަނީ މި ސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައި.
އޭގެ އިތުރުން، އޯ.ޕީ.ޑީއަށް އިތުރުކުރި ކޮޓަރިތައްވެސް މިހާރު އެހުރީ ނިމި ބޭނުންކުރަން ތައްޔާރުވެފައި. ޑިޖިޓަލް އެކްސްރޭއާއި، މެމޮގްރާމާއި، ދަތުގެ ފަރުވާއަށާއި، ފިޒިއޯތެރަޕީއަށް ބޭނުންވާ ސާމާނާއި، ލެބޯޓެރީ ސާމާނުވެސް މިހާރު އެހުރީ ހޮސްޕިޓަލަށް ގެނެވިފައި. އެ މެޝިންތައް އިންސްޓޯލްކޮށް، ވަރަށް އަވަހަށް ޚިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި މި ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި، ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް، ހެލްތު މިނިސްޓްރީގެ ފަރާތުން މިހާރު އެގެންދަވަނީ ކުރައްވަމުން.
މިއިން ކޮންމެ ބަދަލަކާއެކު އުފެދިގެން އެ އަންނަނީ ވަޒީފާގެ އެތައް ފުރުޞަތެއް. މި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުން، ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ވަރަށް ތަނަވަސް ފުރުޞަތުތަކެއް މިއާއެކުގައި އުފެދިގެންދާނެ.
ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުން މި އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ފުރަބަންދުކުރަން ޖެހުމުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެ. އަދި މިއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް މިވަނީ ގަބޫލުކުރެވިފައި.
ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެގޮތްތައް ހޯދައިދިނުން. ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ، އައު ޢިމާރާތުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ފެށޭނެ. އެ ޢިމާރާތް ނިމި، ޓާޝަރީ ފެންވަރަށް ޚިދުމަތް ދޭން ފެށުމާއެކު، މި ޞަރަޙައްދުގެ ޞިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ.
އަޅުގަނޑުމެން ސަރުކާރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ތެރޭގައި، ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އެބައޮތް. ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، މި ހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އެޅުން. މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުގައި އަޅާ ހޮސްޕިޓަލެއްކަމުން، މިއާބެހޭ ލިޔެކިޔުންތައް، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ވާނީ އިންޑިއާ ސަރުކާރާ ޙިއްޞާކޮށްފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިންމި، މި ރަށުގައި އެ ހޮސްޕިޓަލް ޢަމަލީގޮތުން އެޅުމުގެ މަސައްކަތް، މި އަންނަ އަހަރުން ފެށިގެންދާނެ.
އާދެ، މިއަދު މިއިފްތިތާޙުކުރި، ގަމު މަރުކަޒީ އިންޖީނުގޭގެ ޚިދުމަތަކީވެސް، މި ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ މަންފާތަކެއް ކުރާނެ ޚިދުމަތެއް. އޭގެ އެންމެ މުހިންމު ފައިދާއަކީ، ގޭގެއަށް ބޭނުންވާ ހަމަ މިންވަރަށް ކަރަންޓު ލިބުން. އަދި ޞިނާޢީ މަސައްކަތްކުރާ ތަންތަނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި، ކުރިން ހުރި ދަތިތައްވެސް މިއަދުން ފެށިގެން ޙައްލުވެގެންދާނެ.
މިރަށުގެ އިންޖީނުގެއަށް މި ގެނެވުނު ބަދަލަކީ، ތިމާވެށީގެ ގޮތުންނާއި، ޚަރަދުގެ ގޮތުން ބަލާއިރުވެސް، ވަރަށް ރަނގަޅު ބަދަލުތަކެއްކަން، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ވީޑިއޯއިން ހާމަވެގެން ހިނގައްޖެ. އެހެންކަމުން، ފެނަކަ ކޯޕަރޭޝަން ހިންގުމުގައި އިސްކޮށް ތިއްބެވި ޗެއަރމަން މުޙައްމަދު ރަޝީދަށާއި، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދަށާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަޙީދަށާއި، ކުންފުނީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.
އާދެ، މިއަދު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މިތަނަށް ވަޑައިގެން އިންނެވީ، މި ސަރަޙައްދުގެ ޔުޓިލިޓީ ޚިދުމަތްދޭ 50 ކުންފުނީގެ ތެރެއިން އެންމެ ޚިދުމަތް ރަނގަޅު މެނޭޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި ހޮވިވަޑައިގެން. އެކަމަށްޓަކައިވެސް މެނޭޖިންގ ޑައިރެކްޓަރަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިއަދު މި އިފްތިތާޙުކުރެވުނު އަނެއް ކަމަކީ، އަޅުގަނޑުމެން އެއްވެ މިތިބި ބޯޅަދަނޑު. ފީފާގެ މިންގަނޑަށް ތައްޔާރުކުރި މި ދަނޑުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު. ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައިވެސް، އެއްއަހަރުގެ ތެރޭގައި، މި މަޝްރޫޢު ފުރިހަމަކޮށްދެއްވިކަމަށްޓަކައި، އެމް.ޓީ.ސީ.ސީއަށާއި، އަމިން ކޮންސްޓްރަކްޝަނަށް، ގަމު ރައްޔިތުންގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިތަނުގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް އިންނެވުމާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރުވެސް، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށް ގެންދެވުން. ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ އޭރުން.
ތަރައްޤީ ލާމަރުކަޒު ކުރުމުގެ ވަރަށް ގިނަ މަޝްރޫޢުތައް، މި އަންނަ އަހަރުގެ ތެރޭގައިވެސް މި ރަށާއި މި އަތޮޅުގައި ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ޕްލޭންކޮށްފައި. އޭގެ ތެރެއިން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އަޅުގަނޑު ދަންނަވާލާނަން.
ލ. ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތް މިހާރުވާނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވިފައި. ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް، އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓުކުރެވިފައި. އަދި މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބޭނުންވާ ސާރވޭގެ މަސައްކަތްތައްވެސް މިހާރު އޮތީ ނިމިފައި. އަދި މި ރަށުގައި ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އޮތީ، އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުޅުވައިލުމުގެ މަރުޙަލާގައި.
މިއަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ޤާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައިވެސް، އެ ޚިދުމަތް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ކާރިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މި ސަރަޙައްދުގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ.
އޭގެ އިތުރުން، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ. ފޮނަދޫ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމާއި، ފޮނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރު ފެށުމަށް މިހާރުވާނީ ބަޖެޓުކުރެވިފައި. އަޅުގަނޑުމެންގެ އަމާޒަކީ، އިޤްތިޞާދީ ހަބެއްގެ ގޮތުގައި، ގަން/ފޮނަދޫ ތަރައްޤީކުރުން. އާދެ، މީގެ އިތުރުން، މި ސަރަޙައްދަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނެ އެއް ސަރަޙައްދު ކަމަށްވާތީ، އެ ވިސްނުމުގައިވެސް މި އަންނަނީ ކަންތައްތަކެއް ކުރަމުން.
މަސްވެރިންގެ ލުއިފަސޭހައަށްޓަކައި، ލ. މާބައިދޫގައި، އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން، ސަޢުދީ ފަންޑުގެ އެހީގައި، ލ. މާމެންދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް، މި އަންނަ އަހަރު ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން. މީގެ އިތުރުންވެސް، މި އަތޮޅުގެ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އެބަހުރި.
ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އިޤްތިޞާދީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވި. އެކަންކަމަށް ވިސްނައި، އަންނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ މަޝްރޫޢުތައް ހިމަނާފައިވާނީ، ﷲގެ ރަޙްމަތްފުޅާއެކު، ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދާއެކު.
ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޓޫރިޒަމްގެ ޞިނާޢަތު، ކޯވިޑް-19ގެ ސަބަބުން މުޅިން ހުއްޓުމަކަށް އައިސް، އެތައް މަހެއް ހޭދަވުމަށްފަހު، މިއަދު ޓޫރިޒަމަށް ދިރުން އަންނަކަމުގެ ނިޝާންތައް އެބަ ފެނޭ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ޓޫރިސްޓް ސީޒަނަކީ، އުންމީދީ ދުވަސްތަކެއް ކަމަށް ވަރަށް ބޮޑަށް މިހާރު ޤަބޫލުކުރެވޭ.
އާދެ، ކޯވިޑުގެ ބަލިން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެކީގައި ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އެބަދޭ. އެގޮތުން، އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުޙަލާތައް ނިމި، ރައްޔިތުންނާ ހިސާބަށް އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް، ގިނަ ޤައުމުތަކުގައި ކުރަމުން އެބަދޭ. ސަރުކާރުގެ ސިޔާސަތަކީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން.
މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޢާއިލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖުތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއް. މިއީ، އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅައިނުލެވި، ޙައްލުނުކުރެވި އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކީ، އެ ބޭނުންކުރާ މީހުންނަށް ހަމައެކަނި އަދަބުދީގެން ޙައްލުކުރެވޭނެ ކަމެއްނޫން. އެހެންކަމުން، ސަރުކާރުން މި އަންނަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން.
ސަރުކާރުން މިކަމަށް އެކުލަވައިލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވަރކްތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ. ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ޝަރީޢަތުން އަވަސްކުރުމަކީވެސް އެ އެކްޝަން ޕްލޭންގެ ވަރަށް މުހިންމު ބައިތަކެއް.
ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް، މި އަތޮޅު ކަޅައިދޫގައި ޤާއިމުކުރުމަށް. އެ މަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައްވެސް އެތަނުގައި ޤާއިމުކުރެވޭނެ. ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން މި ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށް. މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށްވުރެ ބޮޑު ޙިއްޞާއެއްވެވޭނެ ޞިނާޢަތެއްކަން ހަމަ ޔަޤީން. ހަމައެގޮތުން، ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއްދީ، މިހާރަށްވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން މިދަނީ ހާމަވަމުން.
އަންނަ އަހަރަށް މަޖިލީހުން ފާސްކުރި، 34.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، މި ދެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި. ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މި ސަރަޙައްދުގެ މަރުކަޒު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ.
މިހާރު ޤައުމަށް ކުރިމަތިވެފައި މިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވޭ. ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އަޅުގަނޑުގެ އުންމީދަކީ، ކޯވިޑް-19ގެ މި ނުރައްކާތަކުން ސަލާމަތްވެ، ރައްޔިތުންގެ ކުރިއެރުމާއި، ޤައުމުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތައް، ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ އަވަސް އަލިމަގެއް ފެނިގެން ދިޔުން. އެކަމުގައި اللهُ سُبْحَانَهُ وَتَعَالَى ގެ ހެޔޮ ތައުފީޤާއި މަދަދު އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީ.ޓީ. ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް، ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން، ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިން، އެޗް.ޑީ.ސީ. ކުންފުނީގެ އިސްވެރިން، އަދި އެސޯސިއޭޝަންތަކުގެ ވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހި ޒުވާނުންނާއި ކުޅުންތެރިން ބިނާކުރުމަށް ބޭނުންވާ، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި، މިއަދަކީވެސް ވަރަށް ޚާއްޞަ ދުވަހެއް. މިއަދު އަޅުގަނޑުމެން މިތާ މިތިބީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް މުހިންމު ދެކަމެއްގެ ނިމުން ފާހަގަކުރުމަށް.
ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެންގެ އުންމީދުތައް ހުރީ ވަރަށް އުހުގައި. ކުޅިވަރުގެ ރަން ވަނަތައް ބޭނުންވޭ. އެކަމަކު އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ކުޅިވަރު ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޓްރެކްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް އަދިއެއް ނެތް.
އެކަމަކު ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ، ޙަޤީޤީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން. ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުން.
ކުޅިވަރު ތަރައްޤީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ތަރައްޤީކޮށްދިނުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ކުޅުންތެރިންނަށް ހޯދައިދިނުން. އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން މިތިބީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް.
ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ، މި ސަރުކާރު އުފެދުނުތާ 24 ގަޑިއިރުވެސް ނުވަނީސް، ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެގެން، "ދުޅަހެޔޮ ހަށިހެޔޮ ޢީދު"ގެ ނަމުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑު ޙަރަކާތްތަކެއް އަޅުގަނޑުމެން ބޭއްވިން. އާދެ، އަޅުގަނޑުމެން މި ސަރުކާރު ފެށީ، ދުޅަހެޔޮ ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތާ އެކުގައި.
ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން، މިއަދު މި ހުޅުވޭ އާ ވަސީލަތްތަކަކީ، ޓީ.ޓީ. އާއި މާރޝަލް އާރޓްސްއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުޞަތުތަކެއް. މިއަދު މި ހުޅުވޭ ޤައުމީ މާރޝަލް އާރޓްސް ސެންޓަރުގެ އިތުރުން، މާރޝަލް އާރޓްސް އެސޯސިއޭޝަނެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޤާއިމުކުރެވިގެންދާނެ.
އެ އެސޯސިއޭޝަން ޤާއިމުވެ، މާރޝަލް އާރޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަމުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ވަރަށް ގިނަ ޒުވާނުން އެބަތިބިކަން އަޅުގަނޑަށް ހަމަ ޔަޤީން. އެފަދަ އުންމީދީ މޫނުތަކެއް، މިތަނުންވެސް އަޅުގަނޑަށް އެބަ ފެނޭ.
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި، ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީ އަޅުގަނޑުމެންގެ ހަނދާނުގައި މިއަދުވެސް އެބަހުރި. ޚާއްޞަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް އަޅުގަނޑު ފާހަގަކޮށްލަން. އޭގެ ތެރެއިން ތިން ރަން މެޑެލް ހޯދައިދިނީ، އަޅުގަނޑުމެންގެ ޒުވާން އަންހެން ޓީ.ޓީ. ޓީމު.
އަޅުގަނޑު އުންމީދުކުރަނީ، މިއަދު މި ހުޅުވޭ ޓީ.ޓީ ހޯލަކީ، ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެ އިތުރު ކުޅުންތެރިން އުފައްދާނެ ތަނަކަށް ވާނެކަމަށް. މީގެ އިތުރުން، މާލޭގައި ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ޤާއިމުކުރުމަށް، މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. އޭގެ ތަފްޞީލުތަކުގެ ވާހަކަ، ދެންމެ ޔޫތު މިނިސްޓަރުވެސް ވިދާޅުވެދެއްވައިފި. އަދި އެ މަސައްކަތް، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން.
މީގެ ކުރިން ބައިނަލްއަޤްވާމީ ބައެއް ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވައިފި. އަޅުގަނޑުމެންގެ އަމާޒަކީ، ދެންމެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވިފަދައިން، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ މުބާރާތެއް ބޭއްވުން. އެ ފުރުޞަތު ލިބޭތޯ، މިނިސްޓަރ މިހާރުވެސް އެބަ ގެންދަވާ މަސައްކަތް ކުރައްވަމުން.
މި އެކުވެނީގައި ހުރި، ބިލިއަޑް ހައުސްއަކީވެސް މިދިޔަ ޖުމްހޫރީ ދުވަހު ހުޅުވި ތަނެއް. އެއީ މީގެ ކުރިން، މާލޭގައި ބިލިއަޑް ކުޅެމުން އައި ނޭޝަނަލް ބިލިއަޑް ސެންޓަރަށްވުރެވެސް، ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވިފައި ހުރި ތަނެއް. މިހާރު ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުން އެ ގެންދަނީ، ވާރލްޑް ޗެމްޕިއަންޝިޕް ބޭއްވޭ ފެންވަރަށް މާލޭގައި ހުރި ބިލިއަޑް ސެންޓަރު ތަރައްޤީ ކުރުމަށް.
ރާއްޖޭގައި ވަރަށް ކުރިއްސުރެވެސް ޗެސް އެސޯސިއޭޝަނެއް އެބައޮތް. ނަމަވެސް، އެ ކުޅިވަރު ކުޅެވޭނެ ރަސްމީ އިންތިޒާމެއް، ކުޅުންތެރިން ފަރިތަކުރާނެ ރަނގަޅު ތަނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޗެސް އާކޭޑް ހުޅުވުމާ ހަމައަށްވެސް ރާއްޖޭގައި ހަމަޖެހިފައެއް ނެތް.
މިދިޔަ މަހު އޮންލައިންކޮށް ބޭއްވި، ބައިނަލްއަޤްވާމީ ޗެސް މުބާރާތެއް، އާދެ، "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޮރ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020"ގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ރަން މެޑެލް ހާސިލުކޮށްފައި. އެއީ، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވާ، ޢުމުރުން 12 އަހަރުގެ މަރިޔަމް މިޝްކާ މިޤްދާދާއި، ތާޖުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވާ، ޢުމުރުން 14 އަހަރުގެ މަރިޔަމް ލައިސާ ޢަބްދުއްރަޝީދު.
މިއީ ބައިނަލްއަޤްވާމީ ޗެސް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ލިބުނު ފުރަތަމަފަހަރު. އެހެންކަމުން، އެ ދެ ކުޅުންތެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ކިޔަން. މިއިން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ކުޅިވަރު ވަސީލަތްތައް ފަހިކޮށްދެވޭވަރަކަށް، ދިވެހި ޒުވާނުންގެ ކަރުގައި އެޅިގެންދާ ރަން މެޑެލްތައް އިތުރުވެގެންދާކަން.
އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ. އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި.
ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތް.
މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިނިސްޓަރ ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.
އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދީގެން.
އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން.
ކުޅިވަރުގެ މައިދާނުގައި ޤައުމީ ފެންވަރުގަޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި، މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގެ ޙަޤީޤަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް. މިކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން އަދާކުރާ މުހިންމު ދައުރު އަޅުގަނޑު ޝުކުރުވެރިކަމާއެކު މިއަދު ފާހަގަކުރަން.
އަދި ބެލެނިވެރިން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް، ކުޅިވަރާބެހޭ ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ މަޚްލޫފް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ހުރިހާ ޒުވާނުންނާއި، ކުޅުންތެރިންގެ ނަމުގައި އެ މިނިސްޓަރަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑު މިއަދު ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް އިލްތިމާސްކުރަނީ، ސަރުކާރުން މި ތަރައްޤީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް. ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށް. އަދި ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤެއްގެ މަތީގައި ސާބިތުވެހުރުންކަން ޤަބޫލުކޮށް، ކޮންމެ ކުޅުންތެރިއަކީވެސް، ދީނީގޮތުންނާއި އަޚްލާޤީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް އަޅުގަނޑު ގޮވާލަން.
ދިވެހި ޒުވާނުންނާއި ދިވެހި ކުޅިވަރަށް އަބަދުވެސް ކުރިއެރުމާއި ތަރައްޤީއަށް އެދެން. ކުޅިވަރުގެ ދާއިރާއިން ދިވެހި ޒުވާނުން ބިނާކުރުމަށް، ސަރުކާރާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި ބެލެނިވެރިން ކުރާ މަސައްކަތް ކާމިޔާބުކުރައްވައި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ބަޔަކު ކަމުގައި ދިވެހި ޒުވާނުން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ނޫސްވެރިންނާއި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިރެއަކީ ދިވެހި ނޫސްވެރިންގެ އެންމެ އުފާވެރި މުނާސަބާ ފާހަގަކުރެވޭ ރޭ. މިރޭގެ މި ޙަފްލާގައި، ނޫސްވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރުގެ އެންމެ މޮޅު އެންމެ ކުޅަދާނަ، އަދި އެންމެ އުންމީދީ ނޫސްވެރިންގެ އެވޯޑް ހާސިލުކުރާ ހުރިހާ ނޫސްވެރިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.
ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް. އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް. މި ދެންނެވި މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ވަރަށް ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް.
އެއީ ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުރުން. އެއީ ފަހަރެއްގައިވެސް، އިވޭ ކޮންމެ ވާހަކައެއް، އިވުނު ގޮތަކަށް ލިޔެ ޢާންމުކުރުމެއް ނޫން. ޒިންމާދާރުވުމަކީ، އިވޭ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށްފަހު، އަދި އެއީ މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ، ނުވަތަ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށްފަހުގައި ޢާންމުކުރުން.
ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ.
މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް.
ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބަކީ، ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރުން. ނޫސްވެރިކަމަކީ، މިދެންނެވި ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވާ، ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާނަމަ، ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން.
މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުމޭ. ނުވަތަ އެ ނޫސްވެރިއަކު ޝައުޤުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗަރއެއް ލިޔެލުމޭ.
ނަމަވެސް ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާ. ނޫސްވެރިންގެ ޒިންމާވެސް އެއަށްވުރެ މާބޮޑު. އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީވެސް، ނޫސްވެރިންގެ ޒިންމާއެއް. މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައް.
އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ.
މިހާރު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ އަނެއްކަމަކީ، ކޯވިޑް-19ގެ އަޑިގަނޑަށްފަހު، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ މަސައްކަތް. މިއީވެސް، ޤައުމީ ފެންވަރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ނޫސްވެރިން އަދާކުރެއްވި ދައުރަށްވުރެވެސް، ފުޅާ ދައުރެއް މިކަމުގައި އަދާކުރައްވާނެ ކަމަށް.
އަޅުގަނޑު ޤަބޫލުކުރަނީ، މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، ތިޔައިން އެއްވެސް ބޭފުޅަކު ހަނދުމަފުޅުނުނެތޭނެ ކަމަށް. އަދި ތިޔައިން އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް.
މީގެ ދެ އަހަރު ކުރިން، މިކައުންސިލްގެވެސް، އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން. ނަމަވެސް މިއަދު އެ ޘަޤާފަތް މުޅިން ބަދަލުވެއްޖެ.
ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައޭ. މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އޭނާ އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން.
ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ.
ދިވެހި ނޫސްވެރިކަމަށާއި ދިވެހި ނޫސްވެރިންނަށް އަޅުގަނޑު އެދެނީ ކާމިޔާބާއި ކުރިއެރުން. ދިވެހި ޤައުމަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި، ދިވެހި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ރައްޔިތުންނަށް ރަނގަޅު މަގު ދައްކާ ބައެއްކަމުގައި، ދިވެހި ނޫސްވެރިން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. ރާއްޖޭގެ އުފާވެރި ޤައުމީ ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ، ވަރަށް މަތިވެރި ޤައުމީ ބަޠަލެއް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއްވި ވަރަށް މަތިވެރި ޖިހާދަކާ.
އާދެ، މިއަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް، އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އަޅުގަނޑުމެން އައުކުރާ ދުވަސް. އެހެންކަމުން، އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން، އެރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ދުޢާކުރަން.
ހަމައެފަދައިން، ރާއްޖޭގެ ޤައުމީ ޙަޔާތުގެ އެކި ދުވަސްވަރު، ދިވެހިންގެ މިނިވަންކަމަށްޓަކައި، ޤައުމީ ޖިހާދުގައި ޤުރްބާންވެވަޑައިގެންނެވި، އެންމެހައި ޤައުމީ ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ބަޠަލުންނަށް ހެޔޮދުޢާ ކުރުމަކީވެސް، މިފަދަ ޤައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޤައުމީ ވާޖިބެއް.
ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މަތިވެރި ޤަދަރެއް ދެވިފައިވާ ދުވަހަކީ ޤައުމީ ދުވަސް. ޤާނޫނުއަސާސީގައިވެސް، ވަކި ތާރީޚެއްގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހަމައެކަނި މުނާސަބަތަކީވެސް، މިއަދު އަޅުގަނޑުމެން މިފާހަގަކުރާ، ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ.
ޤައުމީ ދުވަހަށް މިހާ މަތިވެރި ދަރަޖައެއް ދެވިފައިވަނީ، ރާއްޖޭގެ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަޞްރެއް ލިބިފައިވަނީ، އެ ދުވަހު ކަމަށްވާތީ. އާދެ އެއީ، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުން އައިތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސް.
އެހެންކަމުން، ޤައުމީ ދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިސްތިޢުމާރީ ބާރެއްގެ ދިގު އަޅުވެތިކަމަކުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާ. އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނޭވާލުމުގެ މަތިވެރި ނިޢުމަތް ލިބިފައިވުން.
މިއަދުވެސް އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ޤައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި، ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިޤައުމުގައި ސާބިތުވެ އޮތްކަން. މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާނެ ކަމެއް.
އެކާވީސް ވަނަ ސައްތައިގެ ފިކުރިއްޔާތަކީ، އަދި މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމަޢު. އަޅުގަނޑުމެންގެ މި ރާއްޖެއަކީވެސް، މި ދެންނެވި މުޖުތަމަޢުގައި ހިމެނޭ އެއް ޢާއިލާ، ނުވަތަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއް ގޭބިސީ.
އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޔަޤީންކަމާއެކު ދަންނަވަން ބޭނުންވަނީ، ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް އަޅުގަނޑުމެން ހަރުދަނާކުރަމުން މިއަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަން.
ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު.
މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި. އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު.
ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން. ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް.
މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން.
އެކަމަށްޓަކައި، ރާއްޖެއަށް އެހީތެރިވެދިން، އަދި މިހާރުވެސް އެހީތެރިވެދެމުން އަންނަ ހުރިހާ ޤައުމުތަކަށާއި، ވަކިވަކި ފަރުދުންނަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، އަޅުގަނޑު ޝުކުރު ދަންނަވަން.
ދިވެހިންގެ ޤައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިޢުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަންޖެހޭ. އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިޢުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުން.
އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްޞާކުރާ ބަޔަކަށްވުމީ، ދިވެހިންގެ ޤައުމީ ފަޚުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް. މިއީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ޤައުމީ އަމާނާތެއްކަން ޤަބޫލުކޮށް، ޤައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުޚާޠަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް.
ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ މި ދެންނެވި ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެން. ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް.
ޤައުމިއްޔަތަކީ، ޤުރުބާނީތަކުގެ ބިމުގައި، ޤައުމީ ބަޠަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ޤައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް ހަރުލައްވައިގެން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި މި ލޮބުވެތި ވަޠަނަށާއި ދިވެހިވަންތަކަމަށް އޮތް ލޯބި އިތުރުކޮށްދެއްވައި، މި ޤައުމުގެ ފަޚުރުވެރި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންނަށް ދެއްވުން. އަދި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމީ ބަޠަލުންގެ އުޖާލާ ޒިކުރާތަކުން، ދިވެހިންގެ ހިތްތައް ދިރިގެން ދިޔުމުގެ ހެޔޮ ނަޞީބަށް އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه |
ރާއްޖެ ޓީ.ވީ.ގެ "ފަށާއިރު" ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި އިންޓަރވިޔު | އިބްރާހީމް މުޙައްމަދު ޞާލިޙް | * މި އިންޓަރވިޔުގައި، ރާއްޖެ ޓީ.ވީ.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ސުވާލުތައް ދެންނެވީ އެތަނުގެ ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމެވެ.
ޢާމިރު ސަލީމް:
السَّلَامُ عَلَيْكُمْ.
ޕްރޮގްރާމްގެ މިހާހިސާބުން އަޅުގަނޑާއެކު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.
މަރުޙަބާ އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ ޢާމިރު، މި ޕްރޮގްރާމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ.
ފުރަތަމަ ކަމަކަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖެ ޓީ.ވީ.ގެ ހުރިހާ މުވައްޒަފުންނަށާއި، މި ޕްރޮގްރާމް ބައްލަވާ އަދި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ފަރާތުން އަރިސްކުރަން.
ޢާމިރު ސަލީމް:
އާދެ. ދެން އަޅުގަނޑުމެންގެ ފަރާތުންވެސް އިނގޭތޯ، އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ފަރާތުން، ރާއްޖެ ޓީ.ވީ.ގެ ފަރާތުން މަނިކުފާނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން އިނގޭތޯ. ދެން އަޅުގަނޑުމެންވެސް ވަރަށް އުފާވޭ އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ މަޢުލޫމާތު ގޯސްނޫނިއްޔާމު، ވެރިކަމަށް ވަޑައިގެންނެވިފަހުން ލައިވް ޕްރޮގްރާމަކަށް ދެފަހަރު ވަޑައިގެންނެވީ. ދެފަހަރުވެސް ތިޔަ ވަޑައިގެންނެވުނީ ރާއްޖެ ޓީ.ވީ. އަށް އިނގޭތޯ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން އަޅުގަނޑުމެންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ހަމަ ޝުކުރު ދަންނަވަން އިނގޭތޯ ރައީސަށް.
އަޅުގަނޑުގެ ސުވާލުތައް ފެށުމުގެ ކުރިން ހަމަ ހިތަށްއަރަނީ ދަންނަވާލާނަމޭ. ރައީސްގެ ވެރިކަމުގެ ދެވަނަ އަހަރު ފާހަގަކުރެއްވުން ނޮވެންބަރު 11 އަށް މިހާރު ބަދަލުކުރެއްވީތޯ؟ އެއީ 17 ގައި ދެ އަހަރު ފުރެނީ ދޮގެއްތޯ. ވަޢުދުފުޅެއްވެސް ކަންނޭނގެ. އެހެން ނޫންތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އެ ވާހަކަ ދައްކާފައި އޮންނާނެ. ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11. އެހެންވީމާ، އަޅުގަނޑުމެން ފާހަގަކުރަމުން ގެންދާނީ ނޮވެންބަރު 11، ކޮންމެ ޖުމްހޫރީ ދުވަހެއްގައި. އެހެންނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން، އޭރު ވެރިކަމުގައި ހުންނެވި ބޭފުޅަކު ޢަމަލުކުރެއްވި ގޮތުން، ހަމަ އެ ދުވަސް އަޅުގަނޑުމެންނަށް މިވަނީ ކައްސާލައިގެން ދުވަސް ފަހަތަށް ގޮސްފައި. އެހެންވިޔަސް، ރާއްޖޭގެ ޖުމްހޫރީ ތާރީޚަށް ބަލާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި ފާހަގަކުރުން އެންމެ އައުލާކަންބޮޑީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް. އެހެންވީމާ، އަޅުގަނޑު އެގޮތަށް ކުރިއަށް މިގެންދަނީ.
ޢާމިރު ސަލީމް:
މި ދައުރު ނިމޭއިރުގައި ގާތްގަނޑަކަށް 7 ދުވަސްވަރު އުޅޭނީ އިނގޭތޯ. އެހެންވީމާ، އޭގައި ހިފަހައްޓަވައިގެން ނުހުންނަވާނަމޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު އޮންނާނީ އެ ވާހަކަ އެގޮތަށް ދަންނަވާފައި. އެހެންވީމާ، އެއަށް ޤާނޫނީ ޙައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރާނަން. އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް، ނޮވެންބަރު 11 އަކީ އެއީ ދައުރު ބަދަލުވާ ދުވަސް ކަމަށް ހަދަން. އެހެންނަމަވެސް، އެކަން ކުރެވޭނީ ޤާނޫނީގޮތުން ހުރި ބައެއް ހުރަސްތައް ނައްތާލައިގެން. އެހެންވީމާ، އެހާހިސާބަށް ދާއިރުގައި، އަޅުގަނޑު އެ މަސައްކަތް ފަށާނަން.
ޢާމިރު ސަލީމް:
ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފި، މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި. އެކަމަކު ދުނިޔެއަށް މި ދިމާވި ބޮޑު ރޯގާއާއެއްކޮށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ވަރަށްގިނަ ކަންތައްތަކަށް މަޑުޖެހުން އައިސްފައި ހުންނާނެއޭ. ވަރަށްގިނަ ކަންކަން ބޭނުންފުޅުވެފައި، ނުކުރެވިފައިވެސް ހުންނާނެއޭ. ޖުމްލަގޮތެއްގައި މިދިޔަ ދެ އަހަރުގެ ތެރޭގައި މަސައްކަތްޕުޅު ކުރެއްވުނުގޮތާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގެންތޯ ތިޔަ ހުންނެވީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު ހިތްހަމަޖެހޭ އިނގޭތޯ. ދެން ޢާމިރު، އެނގިވަޑައިގަންނަވާނެ، ދައުރެއް ނިމި، ދައުރެއް ފެށިގެން މި ކުރިއަށްދާގޮތް. ނޮވެންބަރު މަހުގައި މި ބަދަލުވަނީ. އޭރު އޮންނަނީ އަހަރު ނިމެން ގާތްގަނޑަކަށް ދޮޅުމަހަށްވެފައި. ބަޖެޓާ އެއްޗެތި އެ އޮންނަނީ، ކުރީގައި އޮންނަ ސަރުކާރުން ތައްޔާރުކޮށް ފާސްކުރުމުގެ ހިސާބުގައި. އަލަށް އަންނަ ސަރުކާރަކަށެއް އެ ބަޖެޓަށް ބަދަލުތަކެއް ގެންނާކަށް މާބޮޑު ފުރުޞަތެއް ނުލިބޭ.
އެއާއެކީގައި ދެން ކުރިމަތީގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ވެރިކަމުގައި ތިބޭ ބަޔަކު، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެހެންވީމާ، ސަރުކާރުގެ މުޅި ފޯކަސް އެ އެނބުރިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އެ ކެމްޕެއިނަށް. އެ ކެމްޕެއިން ނިމި، މަޖިލިސް ހޮވި، ފަށައިގަނެވެނީ މޭ މަހުގެ ތެރޭގައި. އެހާހިސާބަށް ދާއިރުގައި އަދި ސަރުކާރުން އެ ވެފައިވާ ވަޢުދުތައް ފުއްދުމުގެ މާބޮޑު މަސައްކަތްތަކެއް ނުކުރެވޭ. މިއީ ކޮންމެ ސަރުކާރަކަށްވެސް ހަމަ ދިމާވާ ކަމެއް. އެނގިވަޑައިގަންނަވާނެ، ކޮންމެ ސަރުކާރެއްގެވެސް ފުރަތަމަ އަހަރު މަސައްކަތްތައް ލަސްވާކަމަށް ރައްޔިތުންނަށް ފެނިގެން، އެ ވާހަކަ އަބަދުވެސް ދައްކާނެ. ތިޔަބޭފުޅުން ނޫސްތަކުގައިވެސް، ރޭޑިއޯގައިވެސް، ޓީ.ވީ.ގައިވެސް އެ ވާހަކަ ދައްކަވާނެ.
ދެން އެހެން އޮއްވާ، އަޅުގަނޑުމެންނަށް އަނެއްކާ މި އަހަރު މި ދިމާވީ ވަރަށްބޮޑު ދަތިކަމެއް. ކޯވިޑް-19އާ ގުޅިގެން ގާތްގަނޑަކަށް ހަމަ ހުރިހާ ކަމެއް ހުއްޓިގެން މިދިޔައީ. މިދިޔަ ގާތްގަނޑަކަށް 6 މަސް، 7 މަސް މިދިޔައީ، ހަމައެކަނި ކޯވިޑް-19ގެ ރޯގާއިން، ބަލިމަޑުކަމުން ސަލާމަތްވުމަށް މުޅި ފޯކަސް އަނބުރާލަންޖެހުނު ދުވަސްތަކަކާ. އެހެންވީމާ، އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މި ލިބުނީ ދޮޅުއަހަރޭވެސް ދެންނެވިދާނެ އަދި މަސައްކަތް ކުރަން. އެ ދޮޅުއަހަރުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރުގައި އަޅުގަނޑު ހިތްހަމަޖެހޭ.
ޢާމިރު ސަލީމް:
ހުންނާނެ އިނގޭތޯ، ފާހަގަކޮށްލެއްވޭނެ ތަންކޮޅެއް ބޮޑެތި ކަންކަންވެސް. ތަންކޮޅެއް ކުދިކުދި ކަންކަންވެސް ހުންނާނެ ކުރެއްވިފައި. ކޮބައިތޯ މިދިޔަ ދެ އަހަރުގެ ތެރޭގައި މަނިކުފާނު ފާހަގަކޮށްލައްވަންޏާ، ކޮށްލައްވާނެ އެންމެ ބޮޑެތި ކަންކަމަކީ ކުރެއްވުނު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، މީހުން ބިނާކުރުމަށް އަޅުގަނޑުމެންނަށް ކުރަން މި ފެށުނު މަސައްކަތް. އެގޮތުން، ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވައިލެވުނު ފުރުޞަތާއި، ސްކޮލަރޝިޕްތަކަށް ރާއްޖެއިން ބޭރަށްދާ ދަރިވަރުންނަށް ލުއި ލޯނު ދޫކުރުމަށް ފެށުނު މަސައްކަތް މިއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ.
މިއަދު މިހިސާބަށް އާދެވުނުއިރުގައި، ރާއްޖޭގައި ހިލޭ ޑިގްރީއަށް އެބަ ކިޔަވާ، 8200 އެއްހާ ކުދިން. ރާއްޖެއިން ބޭރުގައި ލޯނުގެ އެހީގައި ކިޔަވަމުން އެބަގެންދޭ 1000 އަށްވުރެ ގިނަ ކުދިން. އަދި އޭގެއިތުރުން، ސަރުކާރުގެ ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން 250 އެއްހާ ކުދިން ރާއްޖެއިން ބޭރުގައި ކިޔަވަމުން އެބަދޭ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ތަރައްޤީއަށްވެސް، ކުރިމަގަށްވެސް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، މީހުން ބިނާކުރުން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ވަޒީފާ އެބަހުރި. ވަޒީފާއަށް މީހުން ތައްޔާރުކުރެވިފައި ނެތުމުގެ ދަތިކަން އެބަ ފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި ފެށި މަސައްކަތުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި މި ހުރި އިސް މަގާމުތަކަށް، ޓުއަރިޒަމް ދާއިރާ ކަމަށްވިޔަސް އަދި ކޮންސްޓްރަކްޝަން ދާއިރާ ކަމަށްވިޔަސް، މިހެން ހުރި ދާއިރާތަކަށް ބޭނުންވާ މީހުން ތައްޔާރުކުރެވިގެންދާނެ. މީގެ އަޞްލު ނަތީޖާ، ރަނގަޅު ފޮނި ނަތީޖާ ފެނިގެންދާނެ، މީގެ ތިން އަހަރު، ހަތަރު އަހަރު ފަހުން. އިރާދަކުރެއްވިއްޔާ އެއީ ރާއްޖެއަށް އަންނަ ބޮޑު ބަދަލަކަށް ވެގެންދާނެ. މިއީ އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ.
އަނެއް ކަމަކަށް، ލާމަރުކަޒު ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުން އެބަދޭ. އެގޮތުން، ފުރަތަމަ ކަމަކަށް، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން، ކުރިއަށް މިގެންދަނީ. 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރެވިގެންދަނީ. އެހެންދާއިރުގައި އެ 5 ހޮސްޕިޓަލް ވެގެންދާނެ، ތަފާތު ދާއިރާތަކަށް ޚާއްޞަ ކުރެވިފައި ހުރި ތަންތަނަށް. އެހެންވީމާ، އޭގެ ސަބަބުން، މާލެއަށް މި ކުރާ ބާރު ކުޑަވެގެން ގޮސް، ރައްޔިތުންނަށް ސީދާ ކައިރިން ޚިދުމަތް ލިބުމުގެ މަސައްކަތްތައް ފެނިގެންދާނެ. އަޅުގަނޑު ހިތުން މިއީ މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑަށް ކުރެވުނު އެންމެ މުހިންމު ކަންތައްތަކަކީ.
ޢާމިރު ސަލީމް:
ހުންނާނެ ދެން ވަރަށް ބޮޑަށް ބޭނުންފުޅުވެ، ނުކުރެއްވިފައި ހުންނަ ކަންކަންވެސް، ދެން ކޮންމެވެސް ސަބަބަކާހުރެ. ބައެއްފަހަރު ދެން ފުރަތަމަ އަހަރު ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިފައި ހުރި ކަންކަންވެސް ހުރެދާނެ، ކޮންމެވެސް ސަބަބަކާހުރެ ނުކުރެއްވިފައި. އެކަމެއްގެ ސަބަބުން ކުޑަކޮށް ހިތްޕުޅަށްވެސް މިހެން އުނދަގޫފުޅުވާ ކަންކަންވެސް ހުންނާނެ. ދެން މިކަން މިހެން ނުވެއޮތީމާ ދެރައޭ. އެހެން ހިތްޕުޅަށްއަރާ ކަންކަންވެސް ހުންނާނެ. އެބަހުރިތޯ، އެގޮތަށް ބައެއް ކަންކަން ކުރައްވަން ވަރަށް ބޭނުންފުޅުވި، އެކަމަކު ދެން ނުކުރެއްވުނު ކަމަށް ގަބޫލުކުރައްވާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެބަހުރި އިނގޭތޯ، ދަތިތަކާހެދި، އަޅުގަނޑު ބޭނުންވި ސްޕީޑްގައި އަދި ބޭނުންވި ހިސާބަށް ނުގެންދެވި ހުރި ބައެއް މަސައްކަތްތައް. އެގޮތުން، އެއްކަމަކަށް އަޅުގަނޑު ފާހަގަކުރާނަން، އަޅުގަނޑު އެކުލަވައިލިން، ހަމަ ފުރަތަމަ ދުވަހު ދެ ކޮމިޝަނެއް. އެއީ އެއް ކޮމިޝަނަކީ، ވާނުވާއެއް ނޭނގި ގެއްލިފައި ތިބި މީހުންނާއި، މަރާލެވިފައިވާ މީހުންގެ މަސައްކަތް ބެލުމަށް އެކުލަވައިލި ކޮމިޝަނެއް. އަދި އެއާއެކީގައި، ޚާއްޞަކޮށް، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް އަޅުގަނޑު ކޮމިޝަނެއް އެކުލަވައިލިން. އެއީ ދެން ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް އޮތް ދެ މައްސަލަ. އެ މަސައްކަތް އަޅުގަނޑުވެސް ހީކުރި ސްޕީޑަކު ނުގެންދެވޭ. އެބަހުރި ދަތިތަކެއް. އެ މަސައްކަތް ފަށައިގަތީމާ އަޅުގަނޑަށް ފެނުނީ އޭގައި ހުރި ދަތިތައް. މިއިން ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު، ވަރަށް ވަރަށް ބައިވަރު މަސައްކަތްތައް ހުރިކަން ފާހަގަކުރެވޭ. އެ ކޮމިޝަނުން އަޅުގަނޑަށް ލިބެމުންދާ އަޕްޑޭޓްތަކަށް ބަލާއިރުގައި، ދަތި އުނދަގޫ މަސައްކަތެއް. އެހެންނަމަވެސް، އޭގައިވެސް މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. ހަމަ ރަނގަޅު މަސައްކަތްތަކެއް. އެކަމަކު ރައްޔިތުން އެ ބޭނުންވާވަރަށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެން މި ކިޔާ މަރު ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިފައި ހުރި ޢާއިލާތަކުގެ ކަންބޮޑުވުންތައް އެއީ، ހަމަ އަޅުގަނޑަށް ވަރަށް ބޮޑަށް އުނދަގޫވަމުންދާ ކަމެއް. އެހެންނަމަވެސް، ވަރަށް ކައިރިން ބަލަމުން، އެ މަސައްކަތްވެސް ހަލުވިކުރެވެން ހުރި ގޮތްތައް ހޯދަމުން މިދަނީ.
ދެވަނަ ކަމަކަށް، އެނގިވަޑައިގަންނަވާނެ، މާލެ މި އޮތްގޮތް. ތޮއްޖެހިފައި މިއޮތްވަރު. މާލޭގެ ރައްޔިތުން އުޅެމުންދާ ހާލު. އަޅުގަނޑުމެންވީ ވަޢުދެއް އެއީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގެ މަސައްކަތް ފަށައިގެން، އެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ވާހަކަ. އެހެންނަމަވެސް، އެ މަސައްކަތްވެސް އަޅުގަނޑު ހީކުރި ސްޕީޑަކު، މިދިޔަ ދެ އަހަރަކު ނުދޭ. އެހެންނަމަވެސް، ކުރިއަށް އޮތް އަހަރު، އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ، ބޯހިޔާވަހިކަން ނެތް މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. މި އަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ، މި މަހާއި މި އަންނަ ޑިސެންބަރު މަހުގެ ތެރޭގައި، އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާތަން ފެންނާނެ. އެގޮތުން، ގާތްގަނޑަކަށް 3000 ފްލެޓެއްގެ ބިންގާ އެޅިގެންދާނެ، މި މަހާއި މި އަންނަ މަހުގެ ތެރޭގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ނުކުރެވި ހުރި މަސައްކަތްތަކަށް ފޯކަސްކޮށްގެން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނަން.
ޢާމިރު ސަލީމް:
އަނެއްހެން ދެން ހަނދުމަފުޅުނެތީކީ ނޫނޭ، އެބަހުއްޓޭ ދޮގެއްތޯ. ދެން މިދިޔަ ދަތިތަކާހެދި ނުކުރެވިފައި ހުރީއޭ ދޮގެއްތޯ. ކޮމިޝަންތައް ބަދަލުކުރައްވައިފިއްޔާ ސްޕީޑް އަވަސްވެދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑަކަށް ހީއެއްނުވޭ، މާބޮޑު ތަފާތެއް އަންނާނެހެނެއް. އޭރަށްވާނެގޮތަކީ އަނެއްކާވެސް އަލުން ފަށައިގަންނަން ޖެހޭނީ. އެނގިވަޑައިގަންނަވާނެ، އެ ކޮމިޝަންތަކަށްވެސް ކޯވިޑާ ހެދި ހުރަސްތަކެއް އެޅިގެންދިޔަ މަސައްކަތް ކުރުމުގައި. ގާތްގަނޑަކަށް 6 މަސް، 7 މަސް ފާއިތުވެގެން މިދިޔައީ. މިސާލަކަށް، މަރު ކޮމިޝަނުން ކަމަށްވަންޏާ، އެބޭފުޅުންނަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި، އަމިއްލައަށް އިސްނަގައިގެން، ގާތްގަނޑަކަށް 28 ކޭސްއެއް ބަލަމުން އެބަގެންދޭ. އޭގެތެރެއިން، އަޅުގަނޑަށް އެންމެފަހުން މަޢުލޫމާތު ލިބިފައި އޮތްގޮތުން، 9 މައްސަލައެއް މުޅިން ނިންމައި، ފައިނަލް ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އެދަނީ. އަދި އެއާއެކީގައި، ފޮރިން އެކްސްޕަރޓެއްގެ އެހީތެރިކަމާއެކީގައި މަސައްކަތް ކުރަމުން ގެންދާތާ އެއްމަސްދުވަސް ވެއްޖެ. އެއީ ދެން މި މަސައްކަތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމަކާއި އެހީތެރިކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު އުއްމީދު ކުރަނީ، އޭގެ ސަބަބުން ރައްޔިތުން އިތުބާރުކުރާ، އަދި އެ ޢާއިލާތަކުން ހިތްހަމަޖެހޭފަދަ ރިޕޯޓެއް، އެ ކޮމިޝަނުން އެކުލަވައިލައި ކުރިއަށްދާނެ ކަމަށް.
ޢާމިރު ސަލީމް:
މާނަޔަކީ ކޮމިޝަންތަކަށް އިތުބާރުވެސް ކުރައްވަމޭ ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު ކުރަން. ދެން އެ އިތުބާރު ނުކުރެވޭ ކަމަށްވަންޏާ، އެ ގެންނަންޖެހޭ ބަދަލެއް އަޅުގަނޑު ގެންނާނަން. މިހާރުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑަށް އެހެން ކުރަންޖެހޭ ކަމެއް މި އަންނަނީ ކުރަމުން.
ޢާމިރު ސަލީމް:
ކޯލިޝަނެއްގެ ތެރެއިން ވެރިކަން ތިޔަ ކުރައްވަނީ އިނގޭތޯ. އަޅުގަނޑުމެންނަށް ރައީސްގެ ވެރިކަން ފެށިގެން އައިތާ ކައިރީގައި ފެނުނު، ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުން، ވަކި އުސޫލަކުން ބައްދަލުކުރަމުން ގެންދިޔައީ. އޭރު ދެން މަޢުލޫމާތު ލިބުނުގޮތުން ވެއްޖިއްޔާ އެގޮތަށް އިންތިޒާމު ކުރެވިގެން ހިނގަމުންދިޔައީ. އެގޮތަށް ރޭވިފައި އޮތީވެސް. ގަވާއިދުން އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސް، ސަރުކާރު ހިންގެވުމުގައި ކޯލިޝަންގެ 4 ލީޑަރުން ވާހަކަފުޅު ދައްކަވައިގެން ގެންދަވާނެ ކަމަށް. ވަކިހިސާބަކުން ދެން ބައްދަލުވުންތައް ހުއްޓިއްޖެ އިނގޭތޯ. ދެން އެކިފަހަރު އެކި ވާހަކަތައް އަޑުއިވޭ، އެކި ލީޑަރުންގެ ފަރާތުން. ކީއްވެތޯ މިހާރު އެއްކޮށް އެކަންތައް ނިމުނީތޯ؟ ކޯލިޝަން ރަނގަޅުތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ކޯލިޝަން އޮންނާނެ އިނގޭތޯ. އިރާދަކުރެއްވިއްޔާ ކޯލިޝަން ރޫޅިގެން ނުދާނެ. ތިޔަ ވިދާޅުވާހެން އަޅުގަނޑުމެން ފަށައިގެންއިރުގައި، ބައްދަލުވުންތައް ބާއްވަމުން ގެންދިޔައީ. ދެ ބައްދަލުވުން، ނޫނީވިއްޔާ އަނެއްހެން އެންމެން އެއްތަނަކަށް އެއްވެ، ދެ ބައްދަލުވުމެއް ބޭއްވިން އަޅުގަނޑުމެން. އެއަށްފަހުގައި ބައެއް ލީޑަރުން ރާއްޖެއިން ބޭރުގައި އުޅުއްވަންޖެހުމާއި، އެކި މަސައްކަތުގައި ބުރަވެގެން ބައެއް މީޓިންގތައް ފަސްކުރެވިފައި ހުންނާނެ. ދެން އެނގިވަޑައިގަންނަވާނެ، މިދުވަސްވަރަކީ އެއްވެސް މީހަކަށް، އެކަކު އަނެކަކަށް ފަސޭހައިން ބައްދަލުކޮށް އުޅެވޭ ދުވަސްވަރެއް ނޫން. އެހެންވީމާ، މިހާރު އަޅުގަނޑު އެ މަސައްކަތް ކުރަމުން މިގެންދަނީ ވަކިވަކިން ލީޑަރުންނާ ފޯނުން ގުޅައިގެން ވާހަކަ ދައްކައިގެން. އަޅުގަނޑަށް ލިބޭ ހުރިހާ ލީޑަރުންގެ ފަރާތުންވެސް މަޝްވަރާއާއި އިރުޝާދު. އަދި ހަމަ އެގޮތުން، އެމް.ޑީ.ޕީ.ގެ އެއް ލީޑަރު ރައީސް ނަޝީދާއި، އެމް.އާރު.އެމް.ގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އަދި ޢަދާލަތު ޕާޓީގެ ޝައިޚް ޢިމްރާނުގެ މަޝްވަރާ އަޅުގަނޑަށް ލިބޭ ކަންތައްތަކުގައި. އަދި އަޅުގަނޑުވެސް ބައެއް ކަންތައްތަކުގައި އިސްވެ ގުޅައި މަޝްވަރާ ހޯދަމުންވެސް ގެންދަން. އެހެންވީމާ، ކޯލިޝަން ހަމަ އޭގެ ޒާތުގައި ދެމިއެބައޮތް. އިރާދަކުރެއްވިއްޔާ، މި 5 އަހަރު ދެމިއޮންނާނެ.
ޢާމިރު ސަލީމް:
ބައެއް ފަރާތްތަކުން ގަބޫލުކުރަނީ، ރައީސް ޞާލިޙް ނޫން ބޭފުޅަކަށް ކޯލިޝަން ވެރިކަމެއް ނުހިންގެވޭނެ ކަމަށް އިނގޭތޯ. އެއީ ވަރަށް ފަސޭހަ ކަމެއް ނޫނޭ ކުރާކަށެއް އިނގޭތޯ. ވަރަށްދަތި ކަމެއް. އެންމެ އުނދަގޫ ކަންތަކޭ ވެރިކަމެއްގައި ކުރާނެ، ކޯލިޝަނެއް ހިންގުން. ދެން މަނިކުފާނު އެކަން އެބަ ކުރައްވައޭ.
ކޯލިޝަނާއި މި ޕާޓީތަކާ އެއްބަސްވުމެއް ހެދިގެންހެން އަޅުގަނޑަށް ހީވަނީ ކެބިނެޓުގެ މަގާމުތައްވެސް އެކި ޕާޓީތަކަށް މި ދެވެނީ. ބައެއް ޕާޓީތަކުގެ ލީޑަރުން ރަސްމީ ހައިސިއްޔަތުން، ނޫނީ ނުރަސްމީ ހައިސިއްޔަތުންވެސް ވާހަކަފުޅު ދައްކަވާތީ އަޑުއިވޭ، އެއްބަސްވެވުނު ގޮތަކަށް ނޫނޭ މިހާރު މަގާމުތައް ކެބިނެޓުން ދެވެނީކީއެއް. މިސާލަކަށް، ޖެންޑަރ މިނިސްޓްރީ ފަހުން ބަދަލުކުރެވުނުއިރު، ޢަދާލަތު ޕާޓީއަށް އޮތް ސްލޮޓެއް، އެހެން ޕާޓީއަކަށް ދެވުނީއޭ. ހައުސިންގ މިނިސްޓްރީ ބަދަލުވެގެންދިޔައީ އެކަހަލަ ގޮތަކަށޭ. ފަހުން ހެލްތު މިނިސްޓްރީއަށްވީ އެކަހަލަ ގޮތެކޭ. ބައެއް ބޭފުޅުންގެ ހިތްޕުޅުހަމަނުޖެހުން ހުރޭކަންނޭނގެ. އެހެންވީމާ، އެއީ ރަނގަޅަށްތޯ، އެއްބަސްވުމާ އެއްގޮތަށް، އެބޭފުޅުންގެ ރުހުމާ އެއްގޮތަށްތޯ ބަދަލުތައް އެ އަންނަނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ފުރަތަމަ ކަމަކަށް އިނގޭތޯ. އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑަކީ ހަމަ ވަރަށްގިނަ މީހުންނާ މަޝްވަރާކޮށްގެން ކަންތައްތައް ކުރާ މީހެއް. އަދި ވާދަވެރި ފަރާތްތައް، އިދިކޮޅު ފަރާތްތަކާވެސް އަޅުގަނޑު ހުންނާނީ ކަންތައްތަކުގައި މަޝްވަރާކޮށްފައި. ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މި ހޭދަކުރި ގާތްގަނޑަކަށް 25 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑާ މައްސަލައެއް އޮތް މެންބަރެއް އަޅުގަނޑަކަށް ދިމައެއްނުވޭ. އަދި ސިޔާސީ ދާއިރާގައިވެސް އަދިވެސް ހުރިކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، އަޅުގަނޑުގެ މިޒާޖުގައި ހުރި ކަމެއް، އަޅުގަނޑުގެ ސިޔާސީ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި އޮތްގޮތް އެއީ އެހެން މީހުންނާ އެކީގައި މަސައްކަތްކޮށްގެން ކުރިއަށްދިޔުން. އަޅުގަނޑު ހިތުން އަޅުގަނޑު މި މަގާމަށް ރައްޔިތުން ހޮވާފައިވެސް މިހުރީ އަޅުގަނޑަކީ އެގޮތަށް ކަންތައްކުރާ މީހެއްކަން އެނގިގެން. އެމް.ޑީ.ޕީ. އިން އަޅުގަނޑަށް ޓިކެޓް ދިންއިރުގައިވެސް އެމް.ޑީ.ޕީ.ގެ ލީޑަރޝިޕަށްވެސް، އެމް.ޑީ.ޕީ.ގެ ހުރިހާ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތް. އެހެންވީމާ، އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށްފައި، ވަކި މީހަކު ދުރަށްލާފައި ކަންތައް ކުރާނެ މީހެއް ނޫން. އަބަދުވެސް ކަންތައްތައް ނިންމަމުންދާނީ މަޝްވަރާކޮށްގެން. އޭގެތެރޭގައި، އަޅުގަނޑުމެންނާ އެކީގައި ތިބި ފަރާތްތަކާއި، ވަކިން ތިބި ފަރާތްތައް ހިމެނޭނެ. އެހެންވީމާ، ކޯލިޝަނެއް ގޮވައިގެން ކުރިއަށްދިޔުމަކީ، އެއީ އަޅުގަނޑަކަށް އެހާ ދަތިކަމަކަށްނުވޭ.
ދެން ތިޔަ ވިދާޅުވީ، ސަރުކާރުގެ މަގާމުތައް، ޚާއްޞަކޮށް ކެބިނެޓް ބެހުމުގައި. ތިޔަ ވިދާޅުވާހެން އަޅުގަނޑުމެންގެ އެބައޮތް އަންޑަރސްޓޭންޑިންގއެއް، އެއްބަސްވުމެއް އެކި ޕާޓީތަކަށް އެކިވަރަށް މަގާމުތައް ދޭން. އެގޮތަށް އަޅުގަނޑު ފަށައިގަތީ. އެހެންނަމަވެސް، ވަކިހިސާބަކުން ބައެއް މަގާމުތައް، 4 މިނިސްޓްރީގެ ޕޯސްޓަށް ބަދަލުތަކެއް ގެންނަންޖެހިއްޖެ. އެއިން ކޮންމެ ފަހަރެއްގައި އަޅުގަނޑު ނިންމާފައިވާނީ، ޑިސިޝަން ނަގާފައިވާނީ އެ ޕާޓީއެއްގެ އިސް ލީޑަރުންނާ ވާހަކަ ދައްކާފައި. ޢަދާލަތު ޕާޓީން މަގާމެއް ހުސްވެގެން ފުރަތަމަ ބަދަލުގެންނަންޖެހުނީ. އަދާލަތު ޕާޓީއާ ވާހަކަ ދައްކާފައި އަޅުގަނޑު ހަމަ ރުހުމުގައި އެކަންކުރީ. ދެން އޮތީ އެމް.އާރު.އެމް.ގެ ހައުސިންގ މިނިސްޓަރ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ ގެނައި ބަދަލުވެސް އަޅުގަނޑު ގެނައީ ހަމަ މަޝްވަރާއާ އެކީގައި. ދެން އެ މިނިސްޓްރީއެއް ނެތް މިހާރަކު. އެހެންވީމާ، އެއަކަށް އިތުރު ޖާގައެއް އެމް.އާރު.އެމް. އަށް ލިބޭގޮތެއްނުވި. ދެން އެންމެފަހުން ޓޫރިޒަމް މިނިސްޓްރީ. އަޅުގަނޑު ބަދަލުކުރީ ހަމަ ޓޫރިޒަމް މިނިސްޓްރީގެ، އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓަށް، ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ޢައްޔަނުކޮށްފައި މިވަނީ. ދެން އެންމެފަހުން މިދިޔަ ހެލްތު މިނިސްޓްރީގެ ކަންތަކުގައި، އެއީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ފަށައިގެންއިރު. އެކަމުގައި އަޅުގަނޑު އޮނަރަބްލް ޤާސިމް އިބްރާހީމާ މަޝްވަރާކުރިން. ޤާސިމް ބޭނުންފުޅުވެވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް އެ ސްލޮޓް ދެއްވަން. އަޅުގަނޑަށް ނަންތައްވެސް ފޮނުއްވި. ދެން ފޮނުއްވީމާ އަޅުގަނޑު އަނެއްކާވެސް ޤާސިމާ ވާހަކަދެއްކިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް މި ފުރުޞަތު މިފަހަރު ދޫކޮށްލައްވައިދެއްވާށޭ. އެއީ އެ ދާއިރާއަކީ ވަރަށް ކައިރިން އަޅުގަނޑު ބަލައިގެން ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާއެކޭ. އެހެންވީމާ، އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ. ވިދާޅުވީ މައްސަލައެއް ނެތޭ. ތިމަންނާ ބޭނުންވަނީ ޤައުމުގައި ހުރި ކަންތައްތައް އިޞްލާޙުކޮށް، އަޅުގަނޑުމެންގެ މެނިފެސްޓޯ، އެންމެ ރަނގަޅަށް އަޅުގަނޑަށް ތަންފީޒު ކުރެވޭގޮތަކަށް ކަންތައްތައް ރާވައިގެން ގެންދިޔުމޭ. އެގޮތުން އަޅުގަނޑަށް ފެންނަ މީހަކު އެ މަގާމަށްލުމުގެ ފުރުޞަތު ޤާސިމް ދެއްވި. އަޅުގަނޑު ހިތުން އަޅުގަނޑަށް ފެނިގެންދިޔައީ، އޮނަރަބްލް ޤާސިމް އިބްރާހީމް، އެބޭފުޅާގެ އަމިއްލަ މަޞްލަޙަތާއި ޕާޓީގެ މަޞްލަޙަތަށްވުރެ ބޮޑަށް ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ޤައުމުގައި ހުރި ކަންތައްތައް ޙައްލުކުރުމަށް އިސްކަންދެއްވި މިންވަރު. އެކަމަށްޓަކައި އަޅުގަނޑު މިއަދުވެސް ޤާސިމަށް ޝުކުރުވެސް ދަންނަވަން. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާނީ ހަމަ އެގޮތަށް. ކުރީގައި ވަކިގޮތަކަށް އެއްބަސްވެފައި ހުރި ކަންތައްތައްވެސް، ބަދަލުތަކެއް ގެންނަންޖެހިއްޖެ ޙާލަތެއްގައި، އަޅުގަނޑު ހިތުން މަސައްކަތްތައް ހަލުވިކޮށް، އެ ޑެލިވަރ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި ހަމަ ކޯލިޝަނުގެ ޕާޓްނަރުންގެ މަޝްވަރާއާއެކީގައި އެ ބަދަލުތައް ގެނައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ޢާމިރު ސަލީމް:
މިނިސްޓްރީތަކުގެ ވާހަކަ ދެއްކެވީމައާވެސް އެކީގައި އިނގޭތޯ، އަޅުގަނޑު ހިތަށްއަރަނީ މިހާތަނަށް މަނިކުފާނު ބަދަލުގެންނެވި މިނިސްޓްރީތަކުގެ ތެރެއިން ވަކިކުރެއްވި ބޭފުޅަކަށް ހުންނާނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު. އެއީ ރަނގަޅަށް ނެންގެވުނު ޑިޒިޝަނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެއީ ރަނގަޅު ޑިޒިޝަނެއް އިނގޭތޯ. އެއީ އަޅުގަނޑާ ހިސާބަށް އެ މައްސަލަ އައީމަ، އެ ބަލާފައި އެވަގުތު އަޅުގަނޑަށް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރީ. އަޅުގަނޑު ހިތުން އޭރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވެސް އެކަން ގަބޫލުކުރައްވާނެ. ދެން މިއަދު އެ މައްސަލަ އެއޮތީ އެކަމުގެ މުޅިން އެހެން ހިސާބެއްގައި. އެ ކުރިއަށްދާނެ އެ ނިޒާމުގެ ތެރެއިން. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް ޢަލީ ވަޙީދަށް ރަނގަޅު ގޮތްތައް އެދެން. ޢަލީ ވަޙީދަކީ މުސްތަޤްބަލެއް އޮތް، ސިޔާސީ މުސްތަޤްބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓިޝަނެއް. އެހެންވީމާ، ޢަލީ ވަޙީދުގެ މުސްތަޤްބަލް، ޢަލީ ވަޙީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެންވެސް ކުރާނެ ކަމެއް. އެހެންވީމާ، އެވަގުތު އަޅުގަނޑު އެ ނަގަންޖެހުނު ޑިޒިޝަނަކީ، އަޅުގަނޑު ހިތުން އެވަގުތު ކުރަންޖެހޭނެ ކަމެއް. އެހެންނޫންނަމަ، އޭގެފަހުން ކުރިމަތިވާނެ މައްސަލަތައް މާބޮޑުކަމަށް އަޅުގަނޑަށް ފެނުނީ. އެކަން ކުރިއިރުގައި، އެކަމުގެވެސް މަޝްވަރާތަކެއް އަޅުގަނޑު ކުރިން. ހަމަ ޖުމްހޫރީ ޕާޓީގެ ލީޑަރާވެސް އަޅުގަނޑު އޭގެކުރިން ވާހަކަ ދައްކާފައި، އެ ޑިޒިޝަން އަޅުގަނޑު ނެގީ.
ޢާމިރު ސަލީމް:
ކެބިނެޓަށް އެކި ދިމަދިމާއިން މިހެން ޙަމަލާ އަންނަ ވާހަކަ އިނގޭތޯ. އެއީ ދެން ބައެއް މީހުން ފާހަގަކުރޭ. ކޮންމެވެސްވަރަކަށް މިހެން މަންޒަރުތައް ފެންނަގޮތުންވެސް ހީވޭ އެކަހަލަ ކަމެއް އުޅޭހެން. ވަކި ވަޒީރުންތަކެއް ވަކިކުރަން، ނޫނީ ދުރުކުރަން އެއްވެސް ބޭފުޅަކު، ނޫނީ އެއްވެސް ފަރާތަކުން އެއްވެސްކަހަލަ ނުފޫޒެއް މަނިކުފާނަށް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑުމެންގެ މަގާމުތަކުގައި ތިބޭ މީހުންނާ ދޭތެރޭގައި ފާޑުކިޔާނެ ނޫންތޯ. ކިޔަންވެސްޖެހޭނެ އިނގޭތޯ. އަޅުގަނޑާ ދޭތެރޭގައިވެސް ކިޔާނެ. ކިޔަންވެސްޖެހޭނެ. އެގޮތުން، ކެބިނެޓުގައި އެ ތިއްބެވި ބޭފުޅުންނާ ދޭތެރޭގައިވެސް ހަމަ ފާޑުކިޔާނެ. އެކަކަށް ރަނގަޅުވާ މީހާ، އަނެކަކަށް ރަނގަޅެއްނުވާނެ. އެގޮތުން، ބައެއް ވަޒީރުންނާ ދޭތެރޭގައި އަދި ހުރިހާ ވަޒީރުން އޭގެތެރޭގައި ހިމެނޭގޮތަށް އަޅުގަނޑު ދަންނަވާނީ. އަދި އަޅުގަނޑުވެސް ހިމެނޭގޮތަށް. ނައިބު ރައީސްވެސް ހިމެނޭގޮތަށް. ހުރިހާ މީހުންނާ ދޭތެރޭގައި އެބަހުރި ފާޑުކިޔުން. އެބައޮތް އަޅުގަނޑުމެންގެ ވާދަވެރި ފަރާތެއްވެސް. އަދި އަޅުގަނޑުމެންގެ ތެރޭގައިވެސް ހުންނާނެ، ކޯލިޝަނެއްގެ ތެރޭގައިވީމާ، ބައެއްފަހަރު އެކަހަލަ ކަންތައް. އެހެންވީމާ، އެގޮތުން އެކިއެކި ވަޒީރުންނާ ދޭތެރޭގައާއި، އަޅުގަނޑާ ދޭތެރޭގައިވެސް އެ ޝަކުވާތައް އާދޭ އިނގޭތޯ. އަޅުގަނޑު އިސްތިޢުފާދޭންވެސް ގޮވަނީނޫންތޯ. އެހެންނޫންތޯ. ހަމަ އެގޮތަށް ވަޒީރުންގެވެސް ހުންނާނެ. އެހެންނަމަވެސް، ވަކިމީހަކު އަނެއްހެން ވަކިކުރާކަށެއް ބޮޑު ޕްރެޝަރެއް އަޅުގަނޑަކަށެއް ނާދޭ. އެހެންނަމަވެސް، އަޅުގަނޑަށް އަންނަ ޝަކުވާތަކާއި، އަޅުގަނޑާ ހިސާބަށް އަންނަ ޚިޔާލުތަކުގެ އަލީގައި އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ކުރާނަން. އެކަން ކުރާނީ އެއީ ސަރުކާރަށާއި ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަމެއް ކަމަށް އެކަމެއްވާނަމަ.
ޢާމިރު ސަލީމް:
ކޯލިޝަން ދެން މިހެން ބެހިފައި އޮންނަ ގޮތުން، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ ސާޅީހަކަށް ޕަސެންޓޭ އެމް.ޑީ.ޕީ. އަށް އޮންނަނީ އިނގޭތޯ. މަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެމް.ޑީ.ޕީ ޓިކެޓެއްގައި. މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ވަރަށްފާޅުކަންބޮޑުގޮތެއްގައި ވަރަށްގިނަފަހަރު ވިދާޅުވާތީ އަޑުއިވޭ، މިއީ އެމް.ޑީ.ޕީ.ގެ ސަރުކާރެއް ނޫނޭ. އެމް.ޑީ.ޕީ ސަރުކާރެއްތޯ މިއީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތްގޮތް އަޅުގަނޑުމެން ފުރަތަމަ ބަލައިލަންޖެހޭނެ. އެއްވެސް ޕާޓީއަކަށް ރާއްޖޭގެ ރައްޔިތުންގެ 50 ޕަސެންޓް އަޣްލަބިއްޔަތެއް ނެތް. އެހެންނަމަވެސް، އެމް.ޑީ.ޕީ.އަކީ އެންމެބޮޑު ޕާޓީ. އަޅުގަނޑުމެންނަށް މި ދެވެނީ ގާތްގަނޑަކަށް 45 ޕަސެންޓާއި 48 ޕަސެންޓާ، އެދޭތެރޭގެ ތާއީދު އަބަދުވެސް އޮންނަ ކަމަށް އެބަ ފެނޭ. 2008 ވަނަ އަހަރުވެސް އަޅުގަނޑުމެން ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން. އަދި ދެން އައި ވެރިކަންވެސް، ރައީސް ޔާމީނުގެ ވެރިކަންވެސް އައީ ކޯލިޝަނެއްގެ ތެރެއިން. ދެން މިފަހަރު، 2018 ގައި އަޅުގަނޑު ވެރިކަމަށް މިއައީވެސް ކޯލިޝަނެއްގެ ތެރެއިން. އެހެންވީމާ، އެނގިގެންމިދާ އެއްޗަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ރައްޔިތުން ދެކޭގޮތުގައި އެބަހުރި ތަފާތުތަކެއް. އެހެންނަމަވެސް، އަޅުގަނޑު ކުރިން މިދެންނެވި ފަދައިން، އެމް.ޑީ.ޕީ.އަކީ ރާއްޖޭގައި އޮތް އެންމެބޮޑު ޕާޓީ. އެހެންވީމާ، މި ސަރުކާރަކީ އެމް.ޑީ.ޕީ.ގެ ވަރަށްބޮޑު އަޣްލަބިއްޔަތެއް އޮތް ކޯލިޝަނެއް، ސަރުކާރެއް. ޖުމްލަގޮތެއްގައި، އަޅުގަނޑު ދަންނަވާނީ މިއީ ރައްޔިތުންގެ ސަރުކާރެކޭ.
ޢާމިރު ސަލީމް:
އެމް.ޑީ.ޕީ.ގެ ސަރުކާރު، ނޫނީ މިއީ ވަކި ޕާޓީއެއްގެ ސަރުކާރު، އެގޮތަށް އެހެން ދެން ވަރަށްގިނަ ފަރާތްތަކުން މިއަށް ނަންކިޔައި އުޅޭނެ ދޮގެއްތޯ. ދެން އަޅުގަނޑު ހިތަށްއަރަނީ، 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި މި އޮންނަނީ. ދެން އަޅުގަނޑުމެން އެންމެންވެސް ކިޔަނީ، އެއްބާރު އަނެއްބާރާ މިހެން، ވަކި އެއްބާރު އަނެއްބާރުގެ މައްޗަށް އަރައިނުގަނެ، އެއްބާރު އަނެއްބާރަކަށް މިހެން ފާރަވެރިވެ ބަލަހައްޓައިގެން ކަންކަން ހިންގާ ނިޒާމެކޭ އަޅުގަނޑުމެން ބޭނުންވަނީ. އެގޮތަށޭ މިއުޅެނީ. އެކަމަކު ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް މާބޮޑަށް ވަންނަކަމަށް، ވަރަށްގިނައިން ވާހަކަ ދެކެވޭތީ އަޑުއިވޭ. ވަރަށް ގިނައިން ސަރުކާރު ހިންގުމުގެ ތެރެއަށް ވަދެ، ސަރުކާރު ހިންގަން އުޅޭހެންހީވެއޭވެސް ބައެއް ފަރާތްތަކުން ބުނޭ. ރައްޔިތުންގެ މަޖިލީހުން ވަދޭތޯ، ސަރުކާރުގެ ތެރެއަށް މާބޮޑަށް؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް، 3 ބާރުގެ ދާއިރާ، އިން ވަކިކޮށްފައި، އެ ބަޔަކު ކުރަންޖެހޭ ކަންތައް. ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުތައް ހަދާ ފަރާތްކަމާއި، އަދި ސަރުކާރު ޖަވާބުދާރީކުރުވާ ފަރާތް. ސަރުކާރަކީ ތަންފީޒީ ބާރު. ދެން މި އޮންނަނީ ޖުޑީޝަރީ. އެއީ އިންޞާފު ޤާއިމުކުރުމުގެ ބާރު މި އޮންނަނީ ޖުޑީޝަރީއަށް. އެބައެއްގެ އިމުގެތެރޭގައި މަސައްކަތް ކުރެވިގެންދާތަން ފެނުން އަޅުގަނޑު ބޭނުންވަނީ. ދެން އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރި މީހަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގެ ތެރޭގައި، އެންމެ ރަނގަޅަކަށް ޕަރފޯމް ކުރުމުގެ ފުރުޞަތެއް ލިބިގެނެއްނުދިޔަ. ވެރިކަމުގެ ނުފޫޒު ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއަށް ވެރިވެފައި އޮތީ. ޤާނޫނީގޮތުން ލިބިފައި އޮތް މަސައްކަތް ނުކުރެވޭހާ ހިސާބަށް ބައެއް ވަގުތުދިޔަ. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލާނަން. އަޅުގަނޑުމެން 2008 ގައި ވެރިކަމުގައި ތިބިއިރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވީ އޮނަރަބްލް ޢަބްދުﷲ ޝާހިދު. އޭރު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް، ސަރުކާރަށް ނިސްބަތްވަނީ. އެހެންވިޔަސް، ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރައްވަމުން ގެންދެވިތަން އަޅުގަނޑު ދުށިން. ގަވާއިދުން އިމުގެ ތެރޭގައި. އަދި މިހާރުވެސް. މިހާރު ހުންނެވި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ. އަޅުގަނޑު ހަމަ ދެކެން ބޭނުންވޭ، ރައްޔިތުންގެ މަޖިލިސް ވަރަށް ރަނގަޅަށް ޕަރފޯމް ކުރާތަން. އެގޮތުން، ވަރަށްގިނަ ރަނގަޅު މަސައްކަތްތަކެއް އެބަކުރޭ. އެހެންނަމަވެސް، އަދި މިއަށްވުރެ ރަނގަޅަށް އެ މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިހެން ދަންނަވާއިރުގައި، ބައެއްފަހަރު ދަތި އުނދަގޫވާ ބައެއް ކަންތައްތައް ހުރޭ. އެކަންތައްތައް އަޅުގަނޑު ހިތުން ހަމަޖެހިގެންދާނެ، މަޖިލިސް ކުރިއަށްދާވަރަކަށް. މިސާލަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަމަ ވަރަށް ބާރަށް ކުރައްވާ. މި ސަރުކާރު ވާނެ، އެންމެ ރަނގަޅަށް ޖަވާބުދާރީވާ ސަރުކާރަކަށް، ރައްޔިތުންގެ މަޖިލީހަށް އަދި ރައްޔިތުންނަށްވެސް. މިސާލަކަށް، ބައެއް ދުވަސްދުވަހު ބައެއް ވަޒީރުން އެންމެ ސުވާލަކަށް މަޖިލީހަށް ވަޑައިގެން، ދޮޅުގަޑިއިރު ފްލޯރގައި އެބަ ހޭދަކުރައްވާ. ވަށައިގެން ހުރި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވަމުން އެބަ ވަޑައިގަންނަވާ.
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ މަޖިލިސް އަދި މިހާރަށްވުރެ ރަނގަޅަށް އަދި ސަރުކާރަށްވެސް މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އަދިވެސް.
ޢާމިރު ސަލީމް:
ކިހިނެއްތޯ، ވަރަށްގިނަ ހިލޭ އެހީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ހޯއްދަވައިފި އިނގޭތޯ. ރައްޔިތުންގެ މައްޗަށް ވަރަށްގިނަ ޚަރަދު ކުރައްވައިފި، ވަރަށްދަތި ދަނޑިވަޅެއްގައި، ވަރަށްދަތި ދުވަސްވަރެއްގައި އިނގޭތޯ. ކިހާ ހިލޭ އެހީއެއް ހޯއްދެވިއްޖެތޯ، މިދިޔަ ދެ އަހަރުގެ ތެރޭގައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ރާއްޖެއަށް، މި ސަރުކާރަށް ފައިސާގެ ގޮތުގައި ލިބިފައި ހުރި ހިލޭ އެހީ އެބަހުރި. އަދި ތަކެތީގެ ގޮތުގައި ލިބިފައި ހުރި ހިލޭ އެހީ އެބަހުރި. އޭގެއިތުރަށް، ހަމަ ސޮފްޓް ލޯނާއި، ހަމަ ކޮންސެޝަނަލް ލޯނާއި، ގްރާންޓާ އެކީގައި ލިބިފައި ހުރި އެހީތައް އެބަހުރި. ނަގުދު ފައިސާގެ ގޮތުގައި، ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށްވަންޏާ އަޅުގަނޑު ހަނދާންވަނީ 360 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު، ކޭޝް ލިބިފައި ހުރީ. އޭގެއިތުރުން، ކާބޯތަކެއްޗާއި، ބޭހާއި، އަދި މި ކޯވިޑާ ގުޅިގެން މި ލިބުނު ތަކެތީގެ އަގުކޮށްލާނަމަ، ހަމަ ފުދޭވަރެއްގެ ބޮޑު އަދަދެއް އެއަށް އަރާނެ. އޭގެއިތުރުން، ސޮފްޓް ލޯނާއި، ކޮންސެޝަނަލް ލޯނާ ގްރާންޓާ އެކީގައި 1.5، 1 ބިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެންނަށް، ހިލޭ އެހީއާއި ލޯނާ އެކީގައި ލިބިފައި އެބަހުރި.
ޢާމިރު ސަލީމް:
ވަރަށްގިނަ ޕްރޮޖެކްޓްތައްވެސް ހިންގައިފި އިނގޭތޯ ޤައުމުގައި. ކޮބައިތޯ އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ފާހަގަކުރައްވާނެ ދެކަމެއް؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ފަށަމުންވެސް ދެންނެވި ފަދައިން، އަޅުގަނޑަށް ހިންގުނު، މި ސަރުކާރަށް ހިންގުނު، ފަހަރުގައި ފައިސާގެ ގޮތުން އެންމެބޮޑު ޕްރޮޖެކްޓަށް ނުވެދާނެ. އެންމެބޮޑު އިމާރާތަށް ނުވެދާނެ. އެކަމަކު މީހުން ބިނާކުރުމަށް އަޅުގަނޑުމެން މި ފެށި ޕްރޮޖެކްޓް އެއީ އެންމެ މުހިންމު ޕްރޮޖެކްޓްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި ޑިގްރީއާ ހިސާބަށް ހިލޭ ކިޔަވައިދެވޭނެގޮތް ފަހިކޮށްދިނުމާއި، ސްކޮލަރޝިޕަށް ރާއްޖެއިން ބޭރަށް ދެވޭނެގޮތް ހޯދައިދިނުން އެއީ އެންމެ މުހިންމު، އެންމެބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.
އޭގެއިތުރުން، ލާމަރުކަޒީ ކުރުމުގެ މަސައްކަތް ފެށިގެން މިދަނީ. އެއީ ފައިސާގެ ގޮތުން ބަލާކަމަށްވަންޏާ، ބޮޑު ޕްރޮޖެކްޓްތަކެއްގެ ގޮތުން، ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ބަލާކަމަށްވަންޏާ، މާލޭ ޕޯޓް ބަދަލުކުރުމާއި، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ، މިއީ ތިލަފުށްޓާ އެކީގައި ފަށާ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، މި އަންނަ އަހަރު ފެށިގެންދާނެ. އެ ވާނެ، އެ ފެންނާނެ، އެއީ ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެބިޔަ، ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި، މީހުންގެ ލޮލަށް ފެންނާނެ ވަގުތުން.
ޢާމިރު ސަލީމް:
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައިވެސް ވަރަށް ގިނަ ކަންކަން ހުންނާނެ އިނގޭތޯ ރާއްވަވާފައި. އަޅުގަނޑު ހިތަށްއަރަނީ ރައްޔިތުން މިހެން ޙައިރާންވާކަހަލަ، ނޫނީ ވަރަށް އުފާވާކަހަލަ ކަމެއް، ވަރަށް ތަފާތު ކަމެއް އޮންނާނެތޯ، މި އަންނަ ތިން އަހަރުގެ ތެރޭގައި. ވަރަށް ސަރޕްރައިޒިންގ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑުގެ މެނިފެސްޓޯގައި އެހުރީ އަޅުގަނޑު ކުރަން ނިންމާފައި ހުރި ކަންތައްތައް އިނގޭތޯ. އޭގެތެރޭގައި ހަމަ އެންމެ އިސްކަމެއް އަޅުގަނޑު ދޭނީ މީހުން ބިނާކުރުމަށް އިނގޭތޯ. އެއީ ރާއްޖެއަށް ބޭނުންވެފައި އޮތް ކަމަކީ. އޭގެއިތުރުން، ލާމަރުކަޒު ކުރުން. މާލޭގައި މިއޮތް ތޮއްޖެހުމަށްވެސް ޙައްލެއް އޮތްގޮތަކީ އެއީ. މާލޭގައި ބިނާކުރެވިދާނެ ކިތަންމެ ފްލެޓެއްވެސް. މާލެ ކައިރީގައި ހަމަ އެޅިދާނެ ކިތަންމެ އިމާރާތެއްވެސް. އެހެންނަމަވެސް، އޭގެ ޙައްލެއް ނުފެންނަކަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
ތަޢުލީމީ ދާއިރާގެ 5 ސްކޫލެއް، ފުރަތަމަ 5 ސްކޫލަކަށް އަޅުގަނޑުމެން އަމާޒުކޮށްގެން މިގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި. އެއާއެކީގައި، ޓިވެޓް ޕްރޮގްރާމްތައް ހިންގުމަށް އިންސްޓިޓިއުޝަންތަކާއި، ޖޫނިއަރ ކޮލެޖުތައް ހެދުމުގެ މަސައްކަތް، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް ފެނިގެންދާނެ. އެއީ އަޅުގަނޑަށް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހިންގޭނެ އެންމެ މުހިންމު ޕްރޮޖެކްޓް ކަމަށް އަޅުގަނޑު އަދިވެސް ދެކެނީ.
ޢާމިރު ސަލީމް:
އަދި އިނގޭތޯ. ބައެއް މީހުންނަށް ގަބޫލުނުކުރެވިގެން އުޅޭހެން ހީވަނީ އިނގޭތޯ، ހަމަ ސަރުކާރަށް ކެރޭނެހެއްޔޭ، ލާމަރުކަޒީ އެ އޮންނަ ހުރިހާ ބާރެއް، ހުރިހާ ކަމެއް ކައުންސިލްތަކަށް ދޫކޮށްލަން. ހަމަ އެ ހުރިހާ ގޮތަކަށް، ހަމަ އޭގެ އެންމެ ފުރިހަމަ މާނައިގައި އެކަން ދޫކޮށްލަން ހަމަ ކެރޭނެހެއްޔޭ. ބައެއް މީހުން އަދިވެސް ސުވާލު އުފައްދާ ކަމެއް. ހުރިހާ ބާރަކާއެއްކޮށް ދޫކޮށްލައްވާނަންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެއޮތީ ނޫންތޯ ޤާނޫނު އެގޮތަށް ހަދާފައި. އަޅުގަނޑުމެން އެހުރީ ހަމަ ޤާނޫނުގެ ހުރިހާ ކަމެއް ދީފައި، މިހާރުވެސް މިދަނީ، ބަޖެޓުގެ ތެރެއިންވެސް، ދެން ހަމަ ޤާނޫނު ފާސްކުރި ދުވަހުން ފެށިގެން އޭގައި އޮތް ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ބާރުތައް ދޫކުރަމުން އަޅުގަނޑުމެން މިދަނީ. އަޅުގަނޑަށް ކެރޭނެ އެކަން ކުރަން. އަޅުގަނޑު ހިތުން މި ރާއްޖޭގެ ޙަޤީޤީ ތަރައްޤީއަކީ އެއީ ލާމަރުކަޒު ކޮށްގެން ގެނެވޭނެ އެއްޗެއް. މާލޭގައި ހުރިހާ ބާރުތަކެއް މިހެން އޮވެގެން އެއީކީއެއް މި ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ގޮތެއް ނޫން.
ޢާމިރު ސަލީމް:
ރައީސް ޔާމީނުގެ ވެރިކަމުގައި، ބައެއް ޤައުމުތަކާ ގުޅުން ކަނޑާލިތަން ފެނުނު. ރައީސް ފާހަގަކުރެއްވި، ކުރީގައި ރައީސްގެ ކެމްޕެއިންގެ ތެރޭގައިވެސް، ޤައުމުތަކާ އަލުން ގުޅުން ޤާއިމުކުރައްވާނެ ވާހަކަ. އަދިވެސް ބައެއް ޤައުމުތަކާ ގުޅުން ޤާއިމުނުކުރެވި އެބަހުރި ކަމަށް ވަރަށް ގިނައިން ފާޑުކިޔާތީ އަޑުއިވޭ، އިދިކޮޅު ފަރާތްތަކުން. ކޮބައިތޯ މިހާރު ގުޅުން ޤާއިމުނުކުރެވި ހުރި ފަރާތްތަކަކީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ރައީސް ޔާމީން ކުރެއްވި ވަރަށް ގޯސްކަމެއް އެއީ އެ ޤައުމުތަކާ ގުޅުން ކަނޑާލުން. އެސޯސިއޭޝަންތަކުން، ޖަމުޢިއްޔާތަކުން ވަކިވުން. ރާއްޖެއަށް ވަރަށް ވަރަށް ގެއްލުންވާގޮތަށް ކުރެއްވި ކަމެއް އެއީ. އަޅުގަނޑުމެން މިދަނީ އެކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ، ރާއްޖޭގެ މަޞްލަޙަތު އެންމެ އިސްކޮށް. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިގެންދާނީ. ކަންތައްތައް ނިންމަމުންދާނީ. އެހެންދާއިރުގައި އަޅުގަނޑުމެންގެ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ. އަޅުގަނޑުމެން ހިމެނޭ ޖަމުޢިއްޔާ ޖަމާޢަތްތައްވެސް އެބަހުރި. އޯ.އައި.ސީ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް. އަދި އޭގެއިތުރުން ބައިވެރިވާ ބައެއްކަހަލަ އޯގަނައިޒޭޝަންތައް އެބަހުރި. އެހެންވީމާ، އޭގެތެރޭގައި ވިސްނުން ހުރިގޮތާއި، އެ އެއްޗެތި ބަލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު، ކުރިއަށް އޮތް ތާނގައިވެސް ގެންދާނީ ރާއްޖޭގެ މަޞްލަޙަތު އެންމެ އިސްކޮށްގެން.
ޢާމިރު ސަލީމް:
އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަތައް ބަލައި، އެކަމަށް އިންޞާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. އެއްގޮތަކަށްވެސް އެހެނެއްނުވޭ އަދި އިނގޭތޯ. އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ބެލުމަށްޓަކައި އެކުލަވައިލި ކޮމިޝަނުން އެ ކުރައްވަނީ ވަރަށްބޮޑު މަސައްކަތެއް ވަރަށްބުރަ މަސައްކަތެއް. އޭގެ މަސައްކަތް ފަށައިގަތީމާ އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. އެ ބައްލަވައިލެއްވީމާ. ދޭތެރެއަކުން މަހަކު އެއްފަހަރު އަޅުގަނޑަށް އޭގެ އަޕްޑޭޓް ލިބެމުންދޭ. ފުރަތަމަ އެބޭފުޅުން ކުރައްވަމުން ގެންދެވި ގޮތަކީ، މި ދައްކަނީ 37 ރަށާއި 12 ފަޅު ދޫކޮށްފައި އޮތްގޮތުގެ ވާހަކަ. އެކަން ކޮށްފައި އޮތީ ޤާނޫނާ އެއްގޮތަށްތޯ، ނޫންތޯ. ދެން އޭގެ ހަމަ އަގުގައިތޯ އެކަން ކޮށްފައި އޮތީ. ނޫނީވިއްޔާ ޤާނޫނީ އިމުން ބޭރުންތޯ، ނޫންތޯ. އެބައި އެ ބެއްލެވީ. ދެން އޭގެތެރެއިން މިހާރު މި ފެންނަން އޮތް 77 މިލިއަން ޑޮލަރު، ދައުލަތަށް ނުވަދެ، އަމިއްލަ އެކައުންޓްތަކަށް ވަދެފައި އޮތް ކަމަށް އެ ބެއްލެވީ. ދެން މި ބެލީ އެ ފައިސާ ލިބިފައި ހުރީ، އޭގެ މަންފާ ލިބިފައި ހުރީ ކޮންކޮން ފަރާތްތަކަކަށްތޯ. އެ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެއް. މި ދެންނެވިހެން ފުރަތަމަ ބުރުގެ އެ ބައި ނިންމާފައި، ދެން އަދި އިންސްޓިޓިއުޝަންތަކާއި ބޭންކުގައި ހަރުދަނާކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް އެބައޮތް އަޅުގަނޑަށް ލިބިފައި.
އެހެންވީމާ، ބޭންކް އޮފް މޯލްޑިވްސްވެސް އަދި ހުރިހާ ބޭންކްތަކެއްގައިވެސް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އޭގެތެރޭގައި އޮތް، ނަހަމަ މުއްސަނދިކަން މީހުންނަށް ލިބިފައި ހުންނަގޮތް ބެލުމަށްޓަކައި ޤާނޫނެއް ހަދަންޖެހޭ ވާހަކަވެސް. މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. މިހާރު ކޮމިޝަނުން ކުރައްވަމުން އެގެންދަވަނީ، ވަކިވަކި ފަރުދުންނަށް މީގެ ފައިދާ ލިބިފައި ހުރީ ކިހާވަރަކަށްތޯ، ދިން ފައިސާ ދީފައިހުރީ ކިހާވަރެއްތޯ. އެއީ ފަސޭހަކަމެއް ނޫން ބަލާކަށެއް. އެ ފައިސާ ހުންނާނެ، ބައެއް މީހުންގެ އެސެޓްސްއަށް ވެފައި. ހަމަ ނަޤުދު ފައިސާގެ ގޮތަކުނޫން ހުންނާނީ. އަނެއްބައި މީހުން ހުންނާނެ، އެފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފައިވެސް. މިހާތަނަށް މި ބެލި ބެލުމުގައި، އަޙްމަދު އަދީބް، އެއްބޭފުޅަކަށް މީގައި އެންމެ އިސްކޮށް މި އުޅުއްވީ، ފެނުނީ އަޅުގަނޑަށް. ޙުކުމް ކުރެވިފައި އެހުރީ. ދެން ރައީސް ޔާމީނުގެ މައްޗަށް ޙުކުމެއް އެބައޮތް. ދެން ޒިޔަތުގެ މައްޗަށް މިވަގުތު އެބައޮތް. އަޅުގަނޑުމެންނެއް ނޫން. ކުރީގެ ސަރުކާރުން ކޯޓަށް ހުށަހަޅައިގެން ޙުކުމެއް އައިސްފައި އެބައޮތް.
ދެން މިފަރާތްތަކާއެކު ކުރެވުނު ތަޙުޤީޤުގެ އަލީގައި އެބަހުރި ވަރަށްގިނަ މީސްމީހުންގެ ނަންތައް ދީފައި. އަޅުގަނޑު ހިތުން އެއީ 200، 300 މީހުންގެ ނަން އެބައޮތް. ތިމަންނާ މިވެނި މީހަކަށް މިހެން މިހެން ދިނީމޭ. އެކަމަކު އެ ހަމަ ލިސްޓު އެކީގައި އަޅުގަނޑުމެންނަކަށެއް ޕީ.ޖީ.އަކަށް ނޫނީ ޝަރީޢަތަކަށެއް ފޮނުވައެއްނުލެވޭނެ. އޭގެ ޙަޤީޤަތް އަޅުގަނޑުމެން ދެނެގަންނަންޖެހޭނެ. އެ ދައްކަނީ ރަނގަޅު ވާހަކައެއްތޯ. އަޙްމަދު އަދީބް، ނޫނީވިއްޔާ އައްލާމް ދޮގެއްތޯ. އަޅުގަނޑުމެން ކިޔަނީ މޮހޯ. މޮހޯ، ނޫނީވިއްޔާ ދެން އުޅެނީ މުޙައްމަދު ޙުސައިން، އޮއިއްޓޭ. މިކަހަލަ ފަރާތްތަކެއް މިއުޅެނީ އިސްކޮށް. ތިމަންނާ މިވެނި މީހަކަށް މިވެނި ލާރިއެއް މިވެނި ދުވަހަކު ދީފީމޭ. އެހެން ބުނެފައި އޮންނަ އެއްޗެއް އަދި އަޅުގަނޑުމެންނަކަށެއް ޕީ.ޖީ.އަކަށް ފޮނުވައެއްނުލެވޭނެ. އެހެންވީމާ، އެއީ ވެރިފައި ކުރަމުން، އެއީ އަޞްލު ހިނގާފައި އޮތް ކަމެއްތޯ ބަލައިގެން ކުރިއަށް މިގެންދަނީ. އޭގެތެރެއިން ފުރަތަމަ 30 ފަރާތެއް ނަގާފައި، އެ 18 އަށް ކުޑަކޮށްފައި، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ކުރިއަށް މިއޮތް ހަފްތާއެއް، ދެ ހަފްތާއެއްގެ ތެރޭގައި 4 ފަރާތެއް ޕީ.ޖީ. އަށް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ފޮނުވާނެ.
އަނެއްކާ ޢާމިރު، މީގައި އަޅުގަނޑުމެން ބަލަންޖެހޭނެ، މީގައި ކުށްނުކުރާ މީހާ ސަލާމަތް ކުރުންވެސް އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އަދި މީހަކު އެހެން ބުނެލާ ބުނެލުމަކަށް އަޅުގަނޑުމެން ނުވާނެ، މީހެއްގެ މައްޗަށް ވައްކަމުގެ، ނޫނީވިއްޔާ ރިޝްވަތުގެ، ކޮރަޕްޝަނުގެ ނަމެއް، ޓެގެއް އެޅުވިއްޖިއްޔާ، އެ ދެން މުޅި އުމުރަށް އެ އޮންނާނެ. އެކަން އަދި ޝަރީޢަތަށް ސާބިތުނުވިޔަސް. އެހެންވީމާ، މީހެއްގެ ނަމެއް އަޅުގަނޑުމެން ހާމަކުރަންވާނީ، އެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބުނީމާ.
ޢާމިރު ސަލީމް:
ތިޔައިން އެއްވެސް ލިސްޓެއްގައި މަނިކުފާނުގެ ނަން އޮންނާނެތޯ؟ އެއްވެސްވަރަކަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާއަށް މަނިކުފާނު އަތްލެއްވިންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. ނޫން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ. ހަމަ އެއްވެސް ފައިސާއެއް ނުލިބޭ. އަޙްމަދު އަދީބާ އަޅުގަނޑާ ބައްދަލުވި އިނގޭތޯ. އެއީ ދެން އެނގިވަޑައިގަންނަވާނެ، އެއީ ކޮން ކަމެއްކަން، އަޅުގަނޑުމެން އޭރު ބައްދަލުކުރަންޖެހުނީ، އޮޕޮޒިޝަންގައި ތިބިއިރުގައި. އެކަމަކު ފައިސާގެ އެއްވެސް ވާހަކައެއް ދެކެވިފައެއްވެސް ނޯންނާނެ. އަދި އެއްވެސް ލާރިއެއްވެސް ލިބިފައެއް ނޯންނާނެ.
ޢާމިރު ސަލީމް:
ދެންމެވެސް ފާހަގަކުރައްވައިފި، ރައީސް ޔާމީން ހަމަ ތިޔަ ވިދާޅުވާ މައްސަލައިގެ ތެރެއިން، ޙުކުމެއްގައި މިހާރުވެސް ހުންނެވި ވާހަކަ. އެއްވެސް ޑީލެއްގެ ދަށުން ރައީސް ޔާމީން ދޫކޮށްލައްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޙުކުމް ތަންފީޒުކުރާ ފަރާތްތަކާ ދޭތެރޭގައި، ވެރިޔަކަށް ހުންނަ މީހަކު ޢަމަލުކުރަންޖެހޭގޮތް އެބައޮތް، ޤާނޫނުގައި ލިޔެވިފައި. މިހާރު އޮންނަގޮތުން ވެއްޖިއްޔާ، ރައީސަކަށް ހުންނަ މީހަކަށް މަޢާފެއް ނުދެވޭ. ލުއިކޮށްދެވޭ. އަޅުގަނޑަށް އަދި އެހިސާބަށް ދެވޭނީ، ވެރިޔަކަށް، ރައީސަކަށް ހުންނަ މީހަކަށް އެހިސާބަށް ދެވޭނީ، ހުރިހާ މަރުޙަލާއެއް ނިމިގެން. ރައީސް ޔާމީނުގެ އެއް މައްސަލަ އަދި އެއުޅެނީ ހައިކޯޓުގައި. އަނެއް މައްސަލަ ދަށުކޯޓުގައި. އެހެންވީމާ، އަޅުގަނޑަށް ރައީސް ޔާމީނުގެ މައްސަލައާ ބެހޭގޮތުން ކަމެއް ކުރެވޭނީ، ސުޕްރީމް ކޯޓުން މި މައްސަލަ ވަކިގޮތަކަށް ނިމުނީމާ. އެހެންވީމާ، އޭގެ ބޭރުން އަޅުގަނޑަކަށް އޭގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. ބަންދެއްގައި ހުރި މީހަކު އެއްވެސް ޑީލެއްގެ ދަށުން ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން.
ޢާމިރު ސަލީމް:
ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ވާހަކަ ވަރަށް ގިނައިން ދައްކާތީ އަޑުއިވޭ ދުވަސްވަރެއް އިނގޭތޯ. މި ވެރިކަން ނިމުމުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުވެދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ފުރަތަމަ ކަމަކީ، މިއީ ރައްޔިތުން 5 އަހަރަށް އިންތިޚާބުކޮށްފައި އޮތް ވެރިކަމެއް. އެހެންވީމާ، ރައްޔިތުންގެ ނިންމުން، ރައްޔިތުން އެހެންގޮތަކަށް ބަދަލުނުކުރާހާ ހިނދަކު އޮންނަންވާނެ. ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއޭ އަޅުގަނޑު ހަނދާންވަނީ. [ރައްޔިތުންގެ ބާރު]އޭ ކިޔާ މާއްދާއެއް އޮންނާނެ. އޭގައި އޮންނާނެ، ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ. އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިންނޭ. އެހެންވީމާ، އެއީކީއެއް އަޅުގަނޑަކަށް، ޢާމިރަކަށް ކުރެވޭނެ ކަމެއްނޫން. އެ ނިންމުން ނިންމާނީ ރައްޔިތުން. އަޅުގަނޑުގެ މިވަގުތުގެ ހުރިހާވެސް ވަގުތެއް ހޭދަކުރަމުން މިގެންދަނީ އަޅުގަނޑު ވެފައި އޮތް ވަޢުދުތައް ފުރިހަމަކުރުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި ކަން ވާންޖެހޭނެވެސްގޮތަކީ، ރައްޔިތުންގެ އެ ނިންމުން އެ އޮތްގޮތަށް ދެމިއޮންނާނެ. އެއަށް ބަދަލެއް ގެންނަންޏާ ގެންނާނީ ރައްޔިތުން.
ޢާމިރު ސަލީމް:
ދެން އަނެއްހެން ހަމަ ވިދާޅުވާނެ އެއްޗެއް ގާތްގަނޑަކަށް ދެން އެނގޭ، އެކަހަލަ ސުވާލެއް އަޅުގަނޑު ކޮށްލަފާނަން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ކޮންކަހަލަ ސުވާލެއްތޯ؟
ޢާމިރު ސަލީމް:
އެއީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން އެބަހުރިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ވެރިކަމަށް އަންނަ މީހަކު، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ފުރަތަމަ ދުވަހު ނިންމާކަމަށްވަންޏާ، އެއީ ކުރާނެ އެންމެ ގޯސް ކަންތައް. އެއީ، ރައްޔިތުންނަށް ވެވޭނެ ވަރަށްބޮޑު ގޯސްކަމެއް. އަޅުގަނޑު ވެރިކަމަށް އައިސްފައި އަޅުގަނޑު ކުރަންޖެހޭނެ ކަމަކީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރުން. ދެން އޮންނަ ދައުރަކަށް ކުރިމަތިލާން ނިންމައިގެން މަސައްކަތް ކުރާކަމަށްވަންޏާ، އެ ވާނީ ވަރަށް ޚުދުމުޚްތާރު މީހަކަށް. އޭރުން ކުރާނީ އަޅުގަނޑު ބޭނުންގޮތަށް އަޅުގަނޑު ބޭނުންވާ ކަންތައް. އެހެންވީމާ، ރައްޔިތުންނަކަށް ނޫން އޭރުން ޚިދުމަތް ކުރެވޭނީކީ. މިހާރު ހެޔޮވެރިކަމެއް ކުރަން ބޭނުންކަމަށްވަންޏާ، އަޅުގަނޑު ކުރަންޖެހޭނީ، އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތް.
ޢާމިރު ސަލީމް:
ބައެއް ކަންކަމުގައި މަނިކުފާނަށް ވަރަށް އަވަހަށް ކީރިތިފުޅު ކުރެއްވޭތަން ފެނޭ. ދެން ބައެއް މީހުން އެކަން ފާހަގަވެސްކުރޭ. އެއީ ކީއްވެ ވާކަމެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. އަޅުގަނޑަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫން އިނގޭތޯ. އިމޯޝަންސް، އަޅުގަނޑަށް އެތެރޭގައި ހިފެހެއްޓޭ މިހާތަނަށްވެސް. އެއީ އަޅުގަނޑުގެ އިޙްސާސްތަކަކީ އަޅުގަނޑު އެހާބޮޑަށް ބޭރުކުރާ އެއްޗެއް ނޫން. އަދި ޚާއްޞަކޮށް، އަޅުގަނޑުގެ ޒާތީ ކަންތައްތަކުގައި އަޅުގަނޑަށް އެ އިޙްސާސްތައް ހިފެހެއްޓޭ. ހިފަހައްޓަން އަޅުގަނޑު.
އަޅުގަނޑު ހިތުން ޢާމިރު ތިޔަ އިޝާރާތް ކުރައްވަނީ، މާލޭގައި ކޯވިޑް ފެތުރުނު ދުވަހު، ފުރަތަމަ ކޭސްއާ ގުޅިގެން އަޅުގަނޑު ދިން ސްޕީޗްގެ ވާހަކަ ކަންނޭނގެ. އެއީ ދެން ހަމަ އަޅުގަނޑު ހިތަށްވެސްނާރާ އިނގޭތޯ. ލައިވްކޮށް ގެންދިޔަ ސްޕީޗެއް އެއީ. ކުއްލިއަކަށް ހަމަ އޮޓޮމެޓިކުން އައި އިމޯޝަނެއް އެއީ ހަމަ. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެވެސް ހިފެހެއްޓޭތޯ. އެހެންނަމަވެސް، އެދުވަހު ދިޔައީ އެގޮތަށް. އެހެންނަމަވެސް، އަޅުގަނޑަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫން.
ޢާމިރު ސަލީމް:
ހުވާކުރެއްވި ދުވަހު، ވެރިކަމަށް ފުރަތަމަ ހުވާކުރެއްވި ދުވަހު، އެ ދުވަހު ކީރިތިފުޅު ކުރެއްވުނުތޯ؟ ބައެއް ފަރާތްތަކުން ފާހަގަކުރި، އެކަހަލަ އިމޯޝަންސްއެއް ހުރި ވާހަކަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. އަޅުގަނޑު ވަރަށް ހަމަޖެހިގެން ހުރީ އިނގޭތޯ. އަޅުގަނޑުގެ އެކަހަލަ އެއްވެސް ކަމެއް ނެތް. ހަމައެކަނި އަޅުގަނޑު މި ދަންނަވާހެން، ދެން އަންނާނެ ހިތާމަވެރި ކަންތައް އިނގޭތޯ. ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި އަންނާނެ ދެރަވާ ވަގުތާ އެއްޗެހި. އެހެންނަމަވެސް، އެއީކީއެއް އަޅުގަނޑު ހާމަކުރާ ކަންތައްތަކެއް ނޫން ޕަބްލިކަށް. ހަމައެކަނި އެ ސްޕީޗްގައި އެދުވަހު އެކަނި.
ޢާމިރު ސަލީމް:
ތިޔަ ފާހަގަކުރެއްވިހެން ދެން ކޮންމެ މީހަކަށްވެސް ހަމަ ދިމާވާނެ ކަންކަން ދޮގެއްތޯ. އެކަމަކު މަނިކުފާނު ކޯފާވެފައި ހުންނަވާތަން ވަރަށް ނުފެނޭ. ޢާންމުކޮށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭބޭފުޅުން ހަމަ ކޯފާވެފައި ހުންނަވާތަން ފެނިފައި އެބަހުރި. ބައެއްފަހަރު ސްޕީޗް ދެއްވާއިރު. ބައެއްފަހަރު ޕްރެސް ދެއްވާއިރު، ވަރަށް ކޯފާވެގެން ވާހަކަފުޅު ދައްކަވާތަން. ރައީސް ޞާލިޙް އަޅުގަނޑުމެންނަށް ވަރަށް ނުފެނޭ އިނގޭތޯ. ކޯފާވިތޯ މިދިޔަ ދެ އަހަރުގެ ތެރޭގައި. އެވަރުގެ ކަމަކާ ދިމާވިތޯ، ވަރަށް ކޯފާވި ދުވަހަކާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. ނާދޭ އިނގޭތޯ. އެހެނެއް ނޫން. އަޅުގަނޑަށް އުނދަގޫވާ، ހިތްހަމަނުޖެހޭ ކަންތައްތައް، ވެރިކަމުގެ ތެރޭގައި ދިމާވޭ. އެހެންނަމަވެސް، އަޅުގަނޑު ރުޅިއައިސްގެން ވަކިމީހަކާ ދިމާއަށް އެއްޗެއް ބުނެފައެއް، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެރިކަމުގެ ތެރެއަކުވެސް ނޯންނާނެ އިނގޭތޯ. އެހެންނަމަވެސް، ހިތްހަމަނުޖެހޭ ކަންތައްތައް އަންނާނެ. ބައެއްފަހަރު ހަމަ ތިޔަ ވިދާޅުވާހެން، ބައެއް ވެރިން އެ ކަންތައް ކުރައްވާހެން ހަމަ ބުނެލާ ކަހަލަ ވަގުތު އާދޭ. އެހެންނަމަވެސް، ހަމަ ދެވަނަފަހަރަށް ވިސްނާލާފައި، އަޅުގަނޑުގެ އެތެރޭގައި ބަހައްޓާފައި ހަމަ މަސައްކަތާއިގެން ކުރިއަށް ދަނީ.
ޢާމިރު ސަލީމް:
އެކަހަލަ ވަގުތެއް ދިމާނުވަނީކީ ނޫން ދޮގެއްތޯ. ވާހަކައަކީ ކޯފާ މަޑުކުރައްވާފައި، ދެން ވިސްނާލައްވަނީ ދޮގެއްތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ. ކޮންމެ މީހެއްގެވެސް ހުންނާނެ ނޫންތޯ. އެކަހަލަ ވަގުތު އަންނާނެ، ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވީމާ.
ޢާމިރު ސަލީމް:
އަނބިކަނބަލުންނާއި މަނިކުފާނާ ދެބޭފުޅުންނަކީވެސް ވަރަށް ކަސްރަތުގެ ދެބޭފުޅުން. ވަރަށް ކުޅިވަރުގެ ދެބޭފުޅުން. މިހާރު ދެން ވަރަށް ބުރަކޮށް ތިޔަ އުޅުއްވަނީ. އަޅުގަނޑަށް ހީވަނީ މިހާރު ވަރަށް ވަގުތުވެސް ނުވާނެހެން ކަސްރަތު ކުރައްވަން. ކާކުތޯ ބޮޑަށް ފިޓްވާނީ؟ އަނބިކަނބަލުންތޯ، މަނިކުފާނުތޯ މިހާރު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑަކަށް ނުވޭ އެހާ ވަގުތެއް އިނގޭތޯ. ދެން އަޅުގަނޑުގެ އަންހެނުން ފަޒޫ، މެރަތަންގައި މިހާރު އެ އުޅުއްވަނީ އިނގޭތޯ. އެއަށް ޓްރެއިން ކުރެއްވުމުގައި އަބަދުވެސް އެ އުޅުއްވަނީ. އެހެންވީމާ، ވަރަށްގިނަ ވަގުތު އެކަމުގައި ހޭދަކުރައްވާ. އެގޮތުން އަޅުގަނޑަށްވުރެ މާގިނައިރު މާދުރަށް ދުވާނެ. އެއީ ޔަޤީންކަމެއް އިނގޭތޯ. އަނެއްހެން ފިޓްނަސް ހިފެހެއްޓުމަށް އަޅުގަނޑުވެސް ކުރަން. ދެން އަޅުގަނޑަށް އެންމެ ގިނައިން މި ހޭދަކޮށްލެވެނީ ބައިގަޑިއިރު، ސާޅީސް ފަސް މިނިޓް، ވަގުތު އޮންނަގޮތުން. ޓައިމްކޮށްގެން ނޫނީ އަޅުގަނޑަކަށް މިހާރު ދުވާލެއްގެ ވަގުތުތަކެއް ހޭދައެއްނުކުރެވޭ. އެހެންޏާ އޮންނަނީ ޝެޑިއުލުން ނައްޓާލާފައި. އެހެންވީމާ، އެގޮތުން ފިޓްނަސް ހިފެހެއްޓުމަށް އަޅުގަނޑުވެސް މަސައްކަތް ކުރަން. އެހެންނަމަވެސް، މި ދަންނަވާހެން ދުވަން ނުކުމެއްޖިއްޔާ އަޅުގަނޑަށްވުރެ މާގިނައިރު ދުވާނެ ފަޒޫ. އަޅުގަނޑަކަށް މިހާރަކު ނުހިފެހެއްޓޭނެ އިނގޭތޯ.
ޢާމިރު ސަލީމް:
ކުރިންނަމަ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ކުރިންނަމަ ވާނެ އިނގޭތޯ. ފުރަތަމަ އަޅުގަނޑަށް ވަގުތު އޮވެގެން ކުރިއިރުގައި، ހަމަ މަސައްކަތް ކުރޭ. އަޅުގަނޑު ހިތުން އަދިވެސް ހަމަ ފިޓްނަސް ހިފެހެއްޓޭނެ އިނގޭތޯ.
ޢާމިރު ސަލީމް:
ބުރަކޮށް އުޅުއްވާފައި ދެން ސްޓްރެސް، ނޫނީވިއްޔާ ހާސްކަން ދުއްވާލަން އެކިމީހުން އެކި ކަންތައް ކުރޭ. މިހާރު ދެން އެއްވެސް ކަމެއް ކުރައްވަންތޯ، މުނިފޫހިފިލުވުމުގެ ގޮތުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ވަރަށް ވަގުތުނުވޭ އިނގޭތޯ. ދުވާލުގެ ޕްރޮގްރާމްތައް ހުންނަ ގޮތުން. ހެނދުނު އެކީގައި މަސައްކަތް ކޮށްފައި، ރޭގަނޑުވެސް އޮވޭ އެކިއެކި މީޓިންގތަކާ އެއްޗެހި. އެހެންނަމަވެސް، ހުކުރު ދުވަސް އަޅުގަނޑު ހުސްކުރަން. ހަމަ ގާތްގަނޑަކަށް ގިނަވަގުތު ހަމަ ފޯނާވެސް ދުރުގައި. ވަރަށް މަދުން ނޫނީވިއްޔާ ފޯނެއްވެސް ނުނަގަން. ދެން އެދުވަހު އަޅުގަނޑު ހަމަ ޚާއްޞަކޮށް، ހެނދުނު ހުސްކުރަނީ ހަމަ ފޮތް ކިޔުމުގައި. އެއަށްފަހުގައި ދެން ޓީ.ވީ. ޢާމިރުގެ އެއް ޕްރޮގްރާމް އަޅުގަނޑު ބަލަން ފަށައިފިން ވަރަށްކުރިން. އެހެންވީމާ، އެ ވަގުތުވީވަރަކުން ހެނދުނުކޮޅު ބަލަން. މިދޭތެރެއަކުން، ކުރީގައި އެ ބެލިހެން ކޮންމެ ކޮންމެ ދުވަހަކު ނުބެލޭ. ބައެއް ދުވަހު ވާގޮތަކީ، ދޭތެރެއަކުން އަޅުގަނޑުގެ އެކްސަރސައިޒް ބަދަލުކޮށްލިން ހެނދުނަށް. ކޮށްލީމާ ވާގޮތަކީ ދިމާނުވަނީ. އެހެންވީމާ، ޢާމިރު އެބަޖެހޭ، ކޮންމެވެސް އެއްގޮތެއް މީގައި ހައްދަވަން. ތަންކޮޅެއް ފަސްކޮށްލުން. ކުރީގައި ތަންކޮޅެއް އަވަހަށް ނޫންތޯ ފަށްޓަވަނީ.
ޢާމިރު ސަލީމް:
ހަގަޑިބައިގައި. ކިހިނެއްތޯ، އަޅުގަނޑު އަވަސްކުރަންވީތޯ، ފަސްކުރަންވީތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ތިޔަ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް އިނގޭތޯ. ތިޔަބޭފުޅުން ތިޔަ ދައްކަވާ ވާހަކަފުޅުތައް، ޤައުމުގައި އެއިރަކު ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވީމާ އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު މަޢުލޫމާތަކަށްވޭ. އެހެންވީމާ، ކޮންމެވެސް ގޮތެއް އެބަ ހަދަންޖެހޭ މީގައި، މިކަން ބެލޭނެގޮތަށް. މިއަދުވެސް ބެލިން އަޅުގަނޑު އިނގޭތޯ. އިއްޔެވެސް ބެލިން.
ޢާމިރު ސަލީމް:
ވަރަށް ޕްރެޝަރުގައިތޯ، މިދިޔަ ދެ އަހަރު ތިޔަ ވެރިކަން ކުރެއްވީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. ޕްރެޝަރަކު ނޫން އިނގޭތޯ. އެކަމަކު ފަސޭހަކަމެއް ނޫން ވެރިކަން ކުރުމަކީ. ހަމަ އުނދަގޫ. އެކަމަކު އަޅުގަނޑު ވިސްނައިގެން ނެތް ކަމެއް އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑަކަށް ކުރިމައްޗެއްނުވޭ. އެންމެ ކަމެއް އިނގޭތޯ. އެންމެ ކަމެއް. އެއީ މި ކޯވިޑް-19ގެ މައްސަލަ. އެހެންނޫނީވިއްޔާ ހަމަ ސިޔާސީ ކަންތައްތަކުގައި އަޅުގަނޑަށް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުގެ ވިސްނުމުގައި ހުރި ކަންތައްތައް އަދި މިހާތަނަށްވީ. މިއަށްވުރެ އަޅުގަނޑަށް އުނދަގޫ، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރިއިރު. މާ ޕްރެޝަރުގައި މަސައްކަތްކުރީ. އޭރު ފުރަތަމަ އަޅުގަނޑުމެންގެ ވެރިކަމުގައި، 2008 ގައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ތިބީ 27 މެންބަރުންނާއެކީ. އެއީ ކިރިޔާ ތްރީ ކުއަރޓަރސް އެކޮޅަށް. އިމްޕީޗް ކުރުމަށް ބޭނުންވަނީ އޭރު އެންމެ ވޯޓެއް، އަޅުގަނޑުމެންގެ ވެރިކަމުގައި އިދިކޮޅުގައި އޮތް. އެ ގަޑީގައި ސަރުކާރުން ހުށަހަޅާ ލެޖިސްލެޓިވް އެޖެންޑާ، ޤާނޫނުތައް ފާސްކުރުމާއި، ފޮނުވާ ނަންތައް ފާސްކުރުމަށް އަޣްލަބިއްޔަތު ހޯދުމަށްޓަކައި ކުރަންޖެހުނު މަސައްކަތް މިއަށްވުރެ މާބޮޑު. މާ ޕްރެޝަރ. ހިތަށްއަރާ އަޅުގަނޑަށް މިކަހަލަ ބޮޑު މެޖޯރިޓީއަކާ އެކީގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކޮށްލަން ލިބުނުނަމައޭ އިނގޭތޯ. އެއީ ދެން ހަމަ މިހާރުވެސް ހިތަށްއަރާ ކަމެއް. ވަރަށްކޮށްލާހިތްވާ ކަމެއް.
މި ދަންނަވާހެން މިހާރު އަޅުގަނޑު ވެރިކަމުގައި މިހުރީކީއެއް، ތިޔަ ވިދާޅުވާހެން އެހާ ޕްރެޝަރަކު ނޫން.
ޢާމިރު ސަލީމް:
ވަރަށްގިނަ ވަގުތު ދެއްވައިފި އިނގޭތޯ. ގާތްގަނޑަކަށް ދެން ހަމަ ގަޑިއެއްހާއިރު ތިޔަ ހޭދަކުރެއްވީ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ، ތިޔަހާ ގިނަ ވަގުތު ހޭދަކޮށްދެއްވައި ވަރަށްގިނަ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވީތީ.
ޖުމްހޫރީ ދުވަސްވީމައާ އެއްކޮށް، ދެން އަދި އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަޑައިގެން ހަމަ ލައިވްކޮށް ރައްޔިތުންނާ ބައްދަލުކޮށްލެއްވީތީ، އެބައޮތްތޯ ފާހަގަކޮށްލައްވާނެ ކަމެއް، ނޫނީ ދެއްވާނެ މެސެޖެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެނގިވަޑައިގަންނަވާނެ، ޤައުމު މިއަދު މިއޮތީ ވަރަށްދަތި ޙާލަތުގައި އިޤްތިޞާދީ ގޮތުން. ކޯވިޑް-19އާ ގުޅިގެން، އަޅުގަނޑުމެން ހީނުކުރާވަރުގެ ދަތި އުނދަގުލަށް އިޤްތިޞާދު ވެއްޓިގެން ހިނގައްޖެ. އަދި ކުރިއަށް މިއޮތް ތަނުގައިވެސް ދުވަސްތަކެއް އޭގައި ނަގާނެ. ހަމައެކަނި މިއިން ސަލާމަތްވެވެން އަންނަނީ، ކޯވިޑް ރަނގަޅުވެ، އިޤްތިޞާދު ރަނގަޅަށް ހިނގައިގަނެގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓޫރިޒަމް މިހާރު އެދަނީ ރަނގަޅު މިޞްރާބަށް. މިވަގުތު 15 އެއަރލައިނަކުން ރާއްޖެއަށް ފްލައިޓް އެބަ ޖައްސާ. އަދި ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އިތުރު 11 އެއަރލައިނެއް އެބަ ފަށާ. އެހެންވީމާ، އޭގެ ސަބަބުން ޓޫރިޒަމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ.
އެހެންވީމާ، ކޯވިޑުން ސަލާމަތްވުމަށްޓަކައި އެޗް.ޕީ.އޭ. އިން ނެރުއްވާފައި ހުރި ގައިޑްލައިންތަކާ އެއްގޮތަށް ރައްޔިތުން މަސައްކަތް ކުރުން އެއީ، އަޅުގަނޑުގެ މިއަދުގެ އެންމެބޮޑު އެދުމަކީ. އެނގިވަޑައިގަންނަވާނެ، ފުރަތަމަ ބުރުގައި އަޅުގަނޑުމެން ކޮންޓްރޯލްކޮށްގެން ލޮކްޑައުންއަކަށް ގޮސް، ޖުލައި 15 ގައި އަޅުގަނޑުމެން ދޫކޮށްލީ. ދޫކޮށްލީމާ ވަރަށްބޮޑަށް ފެތުރިގެންދިޔަ. އެކަން ދިމާވީ، ބައެއް ފަރާތްތަކުން މާބޮޑަށް ފަސޭހަކޮށް އެ ނަގާ، ކުރިއަށް ގެންދިޔައިމާ.
މިވަގުތު ދުނިޔޭގައި ކޯވިޑް ކޮންޓްރޯލް ކުރެވިފައި އޮތް މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ އެބަ ހިމެނޭ. އެހެންވީމާ، މި ލިބުނު ރަނގަޅާ އެކީގައި އަޅުގަނޑުމެން ފަސޭހަކޮށްނުލާންވީ އަދިވެސް އިނގޭތޯ. އަދިވެސް ހަމަ މާސްކް އަޅުއްވަންވީ. އަތް ދޮންނަންވީ. އެންމެން އެއްތަނަކަށް އެއްނުވާންވީ. އިރާދަކުރެއްވިއްޔާ، މިއިން އަރައިގަނެވި، ޢާންމު ދިރިއުޅުމަށް ދެވޭތަން އަޅުގަނޑަށް އެބަ ފެނޭ. އެކަމަކު މި މަސައްކަތް މިގޮތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ފެނިގެން މިކަން ވާނީ.
ދެން އޮތް ކަމަކީ، ތިޔަބޭފުޅުންނަށް އިނގޭތޯ، ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއްކަންތައް.
އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ރައްޔިތުންގެ ވަރަށްގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވޭ. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ކުރި ކަމަކީ، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޑިމޮކްރެޓިކް ވެރިކަމެއް، ޖުމްހޫރީ ވެރިކަމެއް ހިންގުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް، މި ދޫކޮށްލެވުނު މިނިވަންކަމުގެ ތެރޭގައި، ނޫސްވެރިންނަށް ޤައުމު ގެންދެވިދާނެ ކޮންމެ ދިމާއަކަށްވެސް. ކޮންމެ މިޞްރާބަކަށްވެސް. ހަލަބޮލި، ހަމަނުޖެހޭ ތަނަކަށްވެސް މި ޤައުމު ހަދާލެވިދާނެ. ހަމަ ޞުލްޙަވެރި، އަމާން ތަނެއްގެ ގޮތުގައިވެސް ރާއްޖެ ބޭއްވިދާނެ. ތިޔަބޭފުޅުންނަކީ ވަރަށް ބާރުގަދަ ބާރެއް އިނގޭތޯ. ވަރަށް ވަރަށް ބާރުގަދަ ބާރެއް. މިކަހަލަ މިނިވަން ކަމެއްގެ ތެރޭގައި ހަމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ.
އެހެންވީމާ، ދޮގު ޚަބަރުތައް ނުފަތުރަންވީ. އެހެން ދެކެވޭ ވާހަކަ، ޔޯލަ ޔޯލަ ވާހަކަތަކުގެ މައްޗަށް ޚަބަރުތައް ގެނެސްނުދީ، ޙަޤީޤަތް ހާމަކޮށްދެއްވާށޭ އަޅުގަނޑު ދަންނަވާނީ. އޭރުން މި ޤައުމު ދާނީ ހަމަ ރަނގަޅު ދިމާއަށް.
ދެން އަދިވެސް އެއްފަހަރު، އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ، ރާއްޖެ ޓީ.ވީ.ގެ ހުރިހާ ބޭފުޅުންނަށް، ޢާމިރަށް ޝުކުރުވެސް ދަންނަވަން. އަދި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް، 53 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ފޮނުވަން.
ޢާމިރު ސަލީމް:
އާދެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ރައީސް.
ދެން އަޅުގަނޑުމެންގެ ޕްރޮގްރާމް މި ނިންމާލާނީ. ނިންމާލާފައި ވަކިވެލަނީ. އިރާދަކުރެއްވިއްޔާ މާދަމާވެސް "ފަށާއިރު"ގެ މުޅިން އާ ޕްރޮގްރާމަކާއެކު ބައްދަލުކޮށްލާނަން. އެންމެ ބޭފުޅުންނަށްވެސް ބާއްޖަވެރި، ރައްކާތެރި ދުވަހަކަށް އެދެން. ޝޯ ބެއްލެވީތީ ޝުކުރިއްޔާ.
وَالسَّلَامُ عَلَيْكُمْ. |
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަސް. މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. އަދި ދިވެހި ޖުމްހޫރިއްޔާގެ ދެ ބަޠަލުން ކަމަށްވާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށާއި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަން.
މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންނަށް މި ތިބެވުނީ، ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ވެރިކަމަށް، ދެ އަހަރު ފުރުމާ އެންމެ 6 ދުވަހާ ގާތަށް އާދެވިފައި. ރައްޔިތުން ކުރި އިތުބާރާއެކު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ، ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން.
ނަމަވެސް، މުޅި ދުނިޔެ ބަނަކުރަމުންދިޔަ ކޯވިޑް-19ގެ ވިލާގަނޑު، މިއަހަރުގެ މާރިޗު މަހު ރާއްޖެއަށް ހިޔަނި އެޅުމާ ގުޅިގެން، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ހުރަސްއެޅިގެންދިޔަ. ކޯވިޑް-19 އަޅުގަނޑުމެންނާ ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫން. މީގެކުރިން މުޅި ދުނިޔެވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާފަދަ، އިޤްތިޞާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި.
އޭގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނު. ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެންވިޔަސް، ސަރުކާރުގެ މަޤްޞަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި، ރައްޔިތުންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ޤައުމު ހިންގަމުން ދިޔުން.
ކޯވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން.
ކޯވިޑްގެ މި ޙާލަތުގައިވެސް މާތް ﷲގެ ހެޔޮ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް ވަރަށް ބޮޑު. ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތް. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާވަރުގެ ބޮޑު ދަތިކަމަކާ ކުރިމައްޗެއްނުވޭ.
ކޯވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން. އަދި، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން. އެކަމަށްޓަކައި، ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މުޅި ޓީމުގައި ހިމެނޭ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އެހެންނަމަވެސް، މި ހޯދުނު ކާމިޔާބީ އެގޮތުގައި ދެމެހެއްޓޭނީ، އަދި މިބަލި ރާއްޖެއިން ނައްތައިލެވޭނީ، އެޗް.ޕީ.އޭ.ގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް، ލޮބުވެތި ރައްޔިތުންގެ ޢަމަލުތައް ކުރިމަގުގައިވެސް ބަހައްޓަވައިގެން.
ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދެން. ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އެބަދޭ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް.
ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުން. އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ.
މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީ ކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށޭނެ.
މަތީ ތަޢުލީމުގެ ދާއިރާއިން އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއްކަމަކީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ތަޢާރުފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމް. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދީފި. އަދި މިސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯނުގެ ލުއިތަކާއެކު، 23 ޤައުމެއްގައި، 1082 ދަރިވަރަކު މިހާރު އަންނަނީ މަތީ ތަޢުލީމް ހާސިލުކުރަމުން.
މީގެ އިތުރުން، މިދިޔަ ދެ އަހަރުވެސް، ބައިނަލްއަޤްވާމީ ދާއިރާއިން، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވުނު. މި ދާއިރާއިން އެންމެ ފާހަގަކޮށްލެވެނީ، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ގާތް ގުޅުމެއް އުފެދިގެންދިޔަކަން. އޭގެ ހެޔޮ ނަތީޖާވެސް އަންނަނީ ފެންނަމުން.
އިޖުތިމާޢީ ހަމަޖެހުމަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ރައްޔިތުން ތިބީ، ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި. މާރާމާރީއާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، އިޖުތިމާޢީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި. ރައްޔިތުން އަޅުގަނޑުމެންގެ ފަރާތުން އެދެމުން ދިޔައީ، ހަމަޖެހިގެން ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް.
އަޅުގަނޑު ދެކޭގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ، އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކޮށްދެވުން.
މިކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސިފައިންނާއި ފުލުހުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރަން.
ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައި ހުރި، ގިނަ މައްސަލަތަކެއްގެ ވާހަކަ މިއަދު ދެކެވެން ފަށައިފި. ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި، އަންހެނުންނަށް ކުރާ ގެވެށި އަނިޔާތަކުގެ ވާހަކަ މިއަދު ހަރުއަޑުން އެބަ ދެކެވޭ. ކޮރަޕްޝަންގެ ވާހަކަތައް ހާމަކުރަން ފަށައިފި.
މީގެ ސަބަބަކީ މިފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ޤާއިމުކޮށްދިނުން. އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއްނެތި، މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްދޭނެކަން.
އިޤްތިޞާދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިންވަނަ އަހަރަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު. މާތް ﷲގެ ވާގިފުޅާއެކު، އަންނަ އަހަރުގެ ތެރޭގައިވެސް، ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ.
އެގޮތުން، ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދެވޭނެ. އޭގެ ތެރެއިން، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލްތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ.
ކޯވިޑް-19އާއެކު، އަނެއްކާވެސް އަޅުގަނޑުމެންނަށް ޔަޤީންވެގެން ދިޔައީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން. މިއީ އަބަދުވެސް ދެކެވޭ ވާހަކައެއް. ނަމަވެސް މިއީ، ޢަމަލީގޮތުން ޙައްލެއް ހޯދުމަށް މިހާތަނަށް ބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއް.
އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ. މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް މި އަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައްވެސް ކުރިއަށްދާނެ.
ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ދިނުމަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މި އަންނަ އަހަރު ޢަމަލީ މަސައްކަތް ފަށަން. އަދި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމަށް.
ހަމަމިއާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް، ޤައުމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ފެށިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި. އެ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެ. މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވާ ކޯވިޑުގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށްދޭ ސަމާލުކަން ވަނީ އިތުރުކުރަން ޖެހިފައި.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން. މި މަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް މި އަންނަނީ ފަހިކޮށްދެމުން.
ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރާއިރު، އަޅުގަނޑުމެންގެ އަމާޒުން މާލެ ކައްސާލައިގެނެއް ނުދޭ. ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްޞަ މަޝްރޫޢުތަކެއް މާލެ ސަރަޙައްދުގައި ފެށުން.
ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން. ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ވަރަށް ހަރުދަނާ ގޮތެއްގައި މިއަންނަނީ ކުރަމުން. އޭގެ ސަބަބުން، ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުން. ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި.
ތަރައްޤީގެ މަގުގައި ޤައުމެއްގެ ހައިސިއްޔަތުން ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަކީ، މިހާރަށްވުރެ ރަނގަޅު ޙާލަތެއްގައި، ކުރިމަގުގެ ޖީލަށް ޤައުމު ގެންގޮސްދިނުން. މިއަދުގެ ދިރިތިބީންގެ އެންމެ މުހިންމު ވާޖިބަކީވެސް އެއީ. އެކަން ކުރެވޭނީ، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރާއްޖެ ރައްކާތެރިކޮށްގެން.
ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން މި އަންނަ އަހަރު ކުރާނެ އެންމެ މުހިންމު ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭން ތަންފީޒުކުރަން ފެށުން. މި ޕްލޭން ތަންފީޒު ކުރުމުން، 2023 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް، އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ވެގެންދާނެ. ސަރުކާރުން މި ފަށާ މުހިންމު މަސައްކަތުގައި، ދިވެހި ހުރިހާ ރައްޔިތުން، ޢަމަލީގޮތުން ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން.
ކޯވިޑް-19އާއެކު އަޅުގަނޑުމެންނަށް މި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ. މިބަލީގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް. އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް.
ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތަކަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ. އަދި އަލަށް ތަޢާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ.
މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައި. އަޅުގަނޑު މި މަގާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން.
ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް. ހަމަނުޖެހުމެއްގެ ތެރެއަށްވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ސުލްހަ މަސަލަސްކަންވެސް ޤައުމުގައި ފަތުރާލެވިދާނެ.
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަންދީގެން.
މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބައޮތް. އެއީ އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއްދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން.
އަދިވެސް އެއްފަހަރު، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންގެ ހިތްތަކުގައި މިލޮބުވެތި ވަޠަނަށާއި ދިވެހިރާއްޖެއަށް އޮތް ލޯބި އިތުރުކޮށްދެއްވައި، މިޤައުމަށް ހެވާއި ލާބަހުރި އެންމެހައި ކަންކަން ކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރަމުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމު ތަރައްޤީ ކުރުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ލޮނުޒިޔާރަތް ޕާރކް ހުޅުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
އާދެ،
"ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ
ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ"
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް ޢުމަރު ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙްމަދު ނަސީމުގެ ދެކަނބަލުން، މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މާލޭ ސިޓީ ކައުންސިލުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދުގެ މި އުފާވެރި ވަގުތުގައި، ލޮނުޒިޔާރަތްކޮޅުގެ މި ހިތްގައިމު ބަގީޗާގައި ހުރެ، ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނަށާއި، މާލޭގެ ރައްޔިތުންނަށް، އަދި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.
މި ޕާރކަށް ވަދެލުމުން އަޅުގަނޑަށް އިޙްސާސް ކުރެވެނީ، ވަރަށް އުފާވެރި ބަދަލުތަކެއްގެ އިޙްސާސް. ޒަމާނީ ޑިމޮކްރެސީގެ ދަށަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ދިޔުމުގެ، އުފާ ފާޅުކުރުމަށް މާލޭގެ ރައްޔިތުން، އެއްވީ މި ބިމަށް. އާދެ، މިދެންނެވީ، 2008 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި، އެމް.ޑީ.ޕީ.ގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދަށް، ކާމިޔާބު ލިބިވަޑައިގަތުމުގެ އުފާ އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔަ ބިމުގެ ވާހަކަ. އެހެންވީމާ، މިއީ އުންމީދާއި ބަދަލުވުމާއި ހިތްހަމަޖެހުމާ ވަރަށް ގުޅިފައި އޮތް ބިމެއް.
އޭގެ މާކުރިން ފެށިގެންވެސް، މާލޭގެ ލޮނުޒިޔާރަތްކޮޅަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުމާ، އަބަދުވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް ތަނެއް. މޭޔަރ ޞިފާ، އޭރުގެ އިޙްސާސްތައް، އެހާ ތަފްޞީލުކޮށް ނޫންނަމަވެސް، ދެންމެ ވިދާޅުވެދެއްވައިފި. މިތަނުގައި މި ފެންވަރުގެ ޕާކެއް ނެތްއިރުވެސް، މި ބިމަކީ މާލޭގެ ހުރިހާ ޢުމުރުފުރައެއްގެ މީހުން، އެތަނަކަށް އެންމެ ގިނައިން އެއްވެ، ހިތްއުފާކުރާ ބިމެއް.
ފަތިހުގެ ފިނިކަމުގެ ތެރޭގައި، އިރު އަރައިގެން އަންނަ މަންޒަރު ބަލަން، އެންމެ ގިނަ މީހުން އެއްވެ ތިބެނީ މި ޕާރކުތެރޭގައި. ދުވާލުގެ ގަދަ ހޫނަށްފަހު، ހަވީރުގެ ފިނި ރޯޅިތައް ޖައްވަށް ފެތުރިގަންނަ ވަގުތުވެސް، ހިތް އުފާކޮށްލުމަށް އެންމެ ގިނަ ބަޔަކު އެއްވެ ތިބެނީ މި ބިމަށް.
އެހެންކަމުން، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިހާ ނަލަ، މިހާ ހިތްގައިމު ޕާރކެއް ތަރައްޤީ ކުރުމުން، ނުތަނަވަސްކަމާއި ހާސްކަން ފިލުވާލައި، ނަފްސު ތާޒާކޮށްލުމަށް، މިތަނަށް އަންނަ މީހުންގެ ޢަދަދު، ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް.
މީގެ ކުރިން މިތަން އޮތްގޮތް ފެނި، މިތަން މިހާރު އޮތްގޮތް ފެންނަމުންދާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލެ މިހާރު އޮތް ޙާލަތުގައިވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ، ކުރެވިދާނެ ކަމެއްކަމަށް. އެކަން އެންމެ ބޮޑަށް ގަބޫލުކުރައްވާނެ އެއް ބޭފުޅަކީ، ދެންމެ މި ޕާރކް ހުޅުއްވައިދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު.
އެމަނިކުފާނަކީ، މި މާލެ މިއަދު މި ދެކޭ ބަދަލުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. މާލޭ މުނިސިޕަލްޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށްވިޔަސް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ނުވަތަ ޕަބްލިކް ވާރކްސް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވިޔަސް، މާލެ ތަރައްޤީ ކުރުމުގައި، ޢަމަލީގޮތުން އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.
މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން، ރަނގަޅު ފެންވަރަށް މަގުތައް ހަދައި ނިންމީ، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައި. މާލޭގެ މަގުތަކުގައި ގަސް އިންދުމާއި، ޕާރކުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް ކޮށްފައި ހުރީ އެމަނިކުފާނުގެ ލަފާގެ މަތިން. އަދި އަޅުގަނޑުމެންގެ ހުޅަނގުން މި ފެންނަ ތިލަފުށި ހިއްކުމާއި، އިރުމަތިން މި ފެންނަ ހުޅުމާލެ ހިއްކުމުގައިވެސް އެންމެ މުހިންމު، އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ހަމަ ޢުމަރު ޒާހިރު.
މާލޭގެ ތަރައްޤީގައި އެހާ ފުޅާގޮތެއްގައި ޙިއްޞާވެވަޑައިގެންފައިވާ ޢިއްޒަތްތެރިއަކު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވައި، މި ޕާރކް ހުޅުއްވައިދެއްވިކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެކަމަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު ޝުކުރުވެސް ދަންނަވަން.
ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ އަޅުގަނޑުމެން ޙަވާލުވުމަށްފަހު، އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ އެއްކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުން. މި ޕާރކަކީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް.
ލޮނުޒިޔާރަތްކޮޅުގައި ޕާރކެއް ތަރައްޤީ ކުރުމަށް، ސަރުކާރުން ނިންމި ދުވަހުން ފެށިގެން، މި މުޅި ޕްރޮޖެކްޓްގެ މަސައްކަތް ރާވައި ފަރުމާކުރައްވައި، މިކަން ޙަޤީޤަތަކަށް ހެއްދެވުމުގައި، އެއްވެސް ވަރުބަލިކަމެއްނެތި، ރެޔާއި ދުވާލު މިކަމަށް ވަގުތު ހުސްކުރައްވައިގެން، ވަރަށް ހީވާގި މަސައްކަތްތަކެއް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރ، އަދި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް.
މިނިސްޓަރ ނަސީމް މި މަސައްކަތް ކުރެއްވީ، އެމަނިކުފާނުގެ އަމިއްލަފުޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން. އެކަމަށްޓަކައި މިނިސްޓަރ ނަސީމަށް، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، މާލޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. އަދި މި ޕާރކް ތަރައްޤީ ކުރުމުގައި، ޕްލޭނިންގ މިނިސްޓްރީން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މިނިސްޓަރ މުޙައްމަދު އަސްލަމަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.
ވަރަށް ފެހިކަން ގަދަ، ވަރަށް ހިތްފަސޭހަ ގޮތަކަށް، މި ޕާރކް ތަރައްޤީ ކުރުމުގައި، މިނިސްޓަރ ނަސީމުގެ ލަފަޔާއި އިރުޝާދުގެ ދަށުން، އެންމެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވީ މާލޭ ސިޓީ ކައުންސިލުން. އެހެންކަމުން، މާލޭގެ މޭޔަރ ޞިފާ މުޙައްމަދަށާއި، ސިޓީ ކައުންސިލުގެ މެމްބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.
މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން.
މާލެފަދަ ކުޑަކުޑަ ބިމެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، ޢާންމު ޞިއްޙަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ނޭދެވޭ އަސަރު ފޯރާ ކަމެއް. އެހެންކަމުން މާލޭގައި ހުސްބިންތައް އުފައްދައި، ޢާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ މައިޒާންތަކާއި ޕާރކުތައް ހުރުމަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެއް.
އަޅުގަނޑުމެން މިއަދު މިތިބީ، ކޯވިޑް-19ގެ ސަބަބުން ވަރަށް ދަތި އުނދަގޫ ޙާލަތެއްގައި. މިފަދަ ޕާރކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ފުރުޞަތެއް މިހާރަކު ނެތް. އެހެން ނަމަވެސް، ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން، ވީވަރަކުން މިފަދަ ތަންތަނުގެ ބޭނުންހިފުމަކީ، މިހާރުވެސް ވަރަށް ބޭނުންތެރި ކަމެއް.
ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ ޢަދަދު އިތުރުވެފައި. މިފަދަ ޕާރކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ.
މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި. އެއީ ހަމައެކަނި ޕާރކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުމެއްވެސް ނޫން. މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ، ވަރަށް އަވަސް ޙައްލެއް.
މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ޢަމަލީބައި ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ، އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ.
އަޅުގަނޑު އުންމީދުކުރަނީ، މި ޕާރކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް، ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށް. މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން ރޭވިފައި އެބަހުރި. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައިވެސް، މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ.
އަދިވެސް އެއްފަހަރު، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ކަޅުވަކަރު މިސްކިތާއި މިސްކިތް ވަށައިގެން އޮންނަ ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދަކީ، ރާއްޖެ އިސްލާމްވި ފަޚުރުވެރި މުނާސަބާ ފާހަގަކުރާ ދުވަސް ކަމަށްވާތީ، އެމަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަމުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި މިމަތިވެރި ނިޢުމަތުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީވެސް އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ. އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދެނީވެސް ދީނީ އެއްބައިވަންތަކަން. މިއީ މި މުހިންމު ޒިކުރާ އާކުރާއިރު، އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް.
މި މުހިންމު ތާރީޚީ ދުވަހު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ، ވަރަށް މުހިންމު މަސައްކަތެއްގެ ނިމުން ފާހަގަކުރުމަށް. ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ތެރެއިންވެސް ވަރަށް މުއްސަނދި ތަރިކައެއް، ތާރީޚުގެ އަނދިރިކަމުގެ ތެރެއަށް، ފަހުނޭވާ ދޫކޮށްލަމުންދަނިކޮށް، އަލުން އަނބުރާ ސަލާމަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް.
މި މުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިތާ، ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤަށާއި، އަދި މި މަސައްކަތުގައި އުޅުއްވި ދިވެހި ފަންނުވެރިންގެ ޒުވާން ޓީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަ ގޮތެއްގައި މި މަސައްކަތް ކުރަމުންދިޔައިރުގައި، އެންމެ އިސްކޮށް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި މަޢުރޫފް ޖަމީލުވެސް އަޅުގަނޑު ޚާއްޞަގޮތެއްގައި މިއަދު ފާހަގަކުރަން.
ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް. އެއް ތަނުން އަނެއް ތަނަށް ބަދަލުވަމުން އައި މިސްކިތެއް. އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުންތަކެއް ދިންއިރުވެސް، އަޅުގަނޑުމެންނާ ވަކިވާން ބޭނުންނުވި މިސްކިތެއް. ދިވެހިންގެ އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ، ތާރީޚީ ޚަޒާނާއެއްވެސްމެ.
ނަމަވެސް، ޤާއިމުވެ ހުންނާނޭ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރުނުވެ، 230 އަހަރަށްވުރެ ގިނަ ދުވަސްވަންދެން، މާލޭގެ ރައްޔިތުންނާއެކު އުޅެމުން އައި މިސްކިތެއް. އަޅުގަނޑު އުންމީދުކުރަނީ، މި ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން މި ބިމަކީ، މި މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެންދާނެކަމަށް.
ވާނުވާ ނޭނގޭ އަނދިރިކަމެއްގައި ވަނިކޮށް، ސަރުކާރުން މި މިސްކިތް އަލުން މި ބިނާކުރީ، ޤާނޫނީގޮތުންވެސް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޢަމަލުކުރަން ފެށި، ޡަޤާފީ ތަރިކައިގެ ޤާނޫނު ބުނާގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެވެސް ޒިންމާއެއް.
މި ދެންނެވި ޤާނޫނުގައި 4 ބާވަތެއްގެ ޘަޤާފީ ތަރިކަ ބަޔާންކޮށްދީފައި އެބައޮތް. އެއީ، އުފުލޭ ޘަޤާފީ ތަރިކައާއި އާސާރީ ބިނާތަކާއި އާސާރީ ސަރަޙައްދުތަކާއި މާނަވީ ޘަޤާފީ ތަރިކަ. މިދެންނެވި ބާވަތްތައް، މި ޤާނޫނުގައި މާނަކޮށްދީފައި އޮތްގޮތަށް ބަލާއިރު، ކަޅުވަކަރު މިސްކިތަކީ، މި ދެންނެވި ހަތަރު ބާވަތުގެ ތަރިކައިގެ ގޮތުގައިވެސް ހިމެނޭ ބިނާއެއް.
މި ސަބަބަށްޓަކައި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، މިފަދަ ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް. މި މިސްކިތް ދިވެހިންގެ ތާރީޚުގައި ޚާއްޞަވަނީ ހަމައެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށް ވާތީއެއްނޫން.
ޢިމާރާތް ކުރުމުގެ ފަންނުވެރިކަމަށް ބެއްޔަސް، މިއީ ވަރަށް މުހިންމު މިސްކިތެއް. އަދި މި މިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެއްޔަސް، މިއީ ވަރަށް ނާދިރު މިސްކިތެއް. އާދެ! ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ މި މިސްކިތް.
ވަކިން ޚާއްޞަކޮށް މި މިސްކިތަކީ، ރާއްޖޭގެ ބަހަވީ ތަރިކައާވެސް ވަރަށް ބޮޑަށް ގުޅިފައިވާ އާސާރީ ބިނާއެއް. މިސްކިތަށް ވަންނަ ދޮރުގެ ކަނާތްފަރާތުގައި، ހިރިގަލުގައި ބިންވަޅު ނަގާފައި އެހެރަ، ރީތި ނިޝާނަކީ، އައްސުލްޠާން ޙަސަން ނޫރައްދީން އެކެއްގެ ސިއްކަފުޅާ އެއްގޮތަށް، މުސްކުޅި ތާނައަކުރުން ލިޔެފައިވާ މާނަ ފުން ރަމްޒެއް.
އާދެ! މުސްކުޅި ތާނަ އަކުރަކީ، މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ތާނަ އަކުރުގެ އަޞްލު އުފެދުނުއިރު، އަކުރުތައް ހުރި ބައްޓަމާއި ސިފަތައް އަންގައިދޭ ތާނައިގެ މާދަރީ އަކުރު. މިއީ ތާނަ އަކުރުން ލިޔެފައިވާ ދުވަސްވީ ލިޔުމަކަށްވާތީ، ދިވެހިންގެ ލިޔެކިޔުމާއި ތާނައަކުރާ ވަރަށް ބޮޑަށް ގުޅިފައިވާ ތަރިކައެއް.
ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް، މި މިސްކިތުން އަޅުގަނޑުމެންނަށް އެބަފެނޭ. އެއްކަމަކީ ގަލުވަޑާމުގެ މަސައްކަތް. ދެން ފެންނަނީ ލަކުޑީގައި ކޮށްފައިވާ ތެދުއުއި ވަޑާމުގެ މަސައްކަތާއި، ހިރިގަލުގައި ކަނޑައިނަގައިގެން ކުރެހުމާއި ލިޔުން. އޭގެ އިތުރުން، ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތްވެސް މި މިސްކިތުން ފެނިގެންދޭ.
މި ހުރިހާ މަސައްކަތެއް، އޭގެ އެންމެ ފުރިހަމަ ދިވެހިވަންތަ ސިފަތަކާއެކު، މި ކުޑަކުޑަ މިސްކިތުން ފެންނަން އެބަހުރި. މިފަދަ ޘަޤާފީ ތަރިކައެއް އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދިޔަނުދީ ރައްކާތެރިކުރުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ރާއްޖޭގެ ތާރީޚީ ދިރާސާތަކަށްޓަކައިވެސް އެކަން އެބަ ކުރަންޖެހޭ.
މި މިސްކިތް އުފެދިގެން އައިގޮތަށް ބަލާއިރު، މިއީ ރާއްޖޭގެ ސިޔާސީ ޙަޔާތާވެސް، ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. މި މިސްކިތުގެ ތާރީޚާ ބެހޭގޮތުން ދެންމެ އަލާދީދީ ވަރަށް ރަނގަޅު ތަފްޞީލީ މަޢުލޫމާތުތަކެއް ދެއްވައިފި. އާދެ، މި މިސްކިތް އުފަންވެގެން އައީ، އަލާދީދީ ވިދާޅުވިފަދައިން، ދިވެހި ރަސްކަން، ދިޔަމިގިލީ ދަރިކޮޅުން، ހުރާ ދަރިކޮޅަށް ފުރޮޅިގެންދިޔަ ޙާދިޘާގެ ތެރެއިން. އާދެ، އޭރު އެ ވާދަވެރިކަމުގެ ތެރޭގައި، ތިމަންނާއަށް ރަސްކަން ލިބިއްޖެނަމަ، އޭރުހުރި ގަނޑުވަރު ރޫޅާލާފައި މިސްކިތެއް ބިނާކުރާނެ ކަމަށްވީ ނަދުރެއްގެ ގޮތުން ފެށްޓެވި މަސައްކަތެއް.
އާދެ، މި މިސްކިތް ބިނާކުރުމަށް ފެށްޓެވީ މުޙައްމަދު ޝަމްސުއްދީން IIގެ ވެރިކަމުގައި. މިސްކިތް ބިނާކުރުމަށް 16 އަހަރު ހޭދަވެގެންދިޔައިރު މިސްކިތް ނިންމައިލެވުނީ ޙަސަން ނޫރައްދީން Iގެ ވެރިކަމުގައި 1789 ވަނަ އަހަރު.
އާދެ، މި މިސްކިތަކީ، މީގެކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، އެއްތަނުން އަނެއްތަނަށް އެތައްފަހަރަކު ބަދަލުވެގެންދިޔަ މިސްކިތެއް. އަލާދީދީ ވިދާޅުވިފަދައިން، ބައެއް ލިޔުންތަކުގައި ހުރިގޮތުން މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވިގެންދިޔައީ ޗާނދަނީ މަގުގައި. އެއަށްފަހުގައި ހީނާމާގޭ ދެކުނުން ކަރަންކާމަގާއި މަޖީދީ މަގާ ގުޅުނުތަނަށް ބަދަލުވެގެންދިޔައީ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މިސްކިތް ނީލަންކިޔައި، ފުރަނަފުށްޓަށް އެ މިސްކިތް ބަދަލުކުރެވިގެންދިޔައީ. އެއާއެކީގައި، އޭރު ތަރިކައާއި ތާރީޚަށް ލޯބިކުރައްވާ ވަރަށްގިނަ ބޭފުޅުން ހަރުއަޑުން އެކަމާ އިދިކޮޅަށް އިޙްތިޖާޖު ކުރައްވަމުން ގެންދެވި. އަޅުގަނޑު އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ އެއްބޭފުޅަކީ، މަންދު މުޙައްމަދު ވަޙީދުގެ ނަންފުޅު. އެމަނިކުފާނުގެ ދިރާސީ މަސައްކަތުގައި އަތްގާތްކުރުމުގެ ކުޑަކުޑަ ދައުރެއް އަޅުގަނޑަށްވެސް ވަކިހިސާބަކުން ލިބިގެންދިޔަ.
އާދެ، އެއަށްފަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި، އެންމެ ފުރަތަމަވެސް ކުރެއްވި އެއްކަމަކީ، މިސްކިތް އަނބުރާ މާލެއަށް ގެނައުމުގެ މަސައްކަތް. އޭރު ފުރަނަފުށި ހިންގެވި ފަރާތުން ހިލޭ އެމިސްކިތް ދިނުމާއެކީގައި، ގެނެސް ސަލްޓަންޕާރކުގެ އިރު ދެކުނު ކަންމަތީގައި ރޭވިގެންދިޔަ. އެއަށްފަހުގައި، އާބާތުރަ ފިލުވުމަށްފަހުގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެ މިސްކިތް ބޭނުންކުރަން ފެށިގެންދިޔަ. އެއަށްފަހުގައި، 2016 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި، އެ މިސްކިތް ރޫޅައިލެވިގެންދިޔައީ، އެތަނުގައި ވިންޓަރ ޕާރކެއް ހެދުމުގެ ބޭނުމުގައި. އެކަމާ އިޙްތިޖާޖު ކުރުމުގެ ގޮތުން، އެ މިސްކިތް މާލޭގައި ބެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަތިއްބެވި ދެބޭފުޅަކު ކޯޓަށް ވަޑައިގެންނެވި. މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދާއި، މިހާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތާރިޤާ ދެބޭފުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި. ކޯޓުން ނިންމެވީ ޤާނޫނީ ހައިސިއްޔަތެއް އެބޭފުޅުންނަށް ނެތްކަމަށް، މި މިސްކިތް ހިމާޔަތް ކުރުމުގެ. އެއަށްފަހުގައި ދުވަސްތަކެއް ދިޔުމަށްފަހުގައި އަޅުގަނޑުމެންނާ ހިސާބަށް އަނެއްކާވެސް އިރާދަކުރެއްވީތީ މި މިސްކިތް އަނބުރާ އައިސްފައި މިއޮތީ.
ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، އެ މިސްކިތް ރޫޅައިލުމާ ގުޅިގެން އޭރު ހެރިޓޭޖުގެ މަސައްކަތާ ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސްބޭފުޅެއް މިއަދު އަޅުގަނޑުމެންގެ މިނިސްޓަރަކަށް މި ހުންނެވީ. ޔުމްނާ މައުމޫން ޢަބްދުލްޤައްޔޫމް. ސަރުކާރުން އިސްތިޢުފާ ދެއްވައި ގެޔަށް ވަޑައިގެންނެވީ. އެ ކަމަނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ އެކީގައި އެންމެ ފުރަތަމަ ފެށްޓެވި ކަމަކީ މިސްކިތް އަނބުރާ ހޯދައި މިތަނުގައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް. އެކަމަށްޓަކައި ޔުމްނާއަށާއި، މިނިސްޓްރީގެ ޓީމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި މިއަދު ޝުކުރު ދަންނަވަން.
އާދެ، މި ޒަމާނުގައި ތަރިކަ އަގު ކުރެވޭގޮތަށް ބަލާއިރު، ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއް. ޘަޤާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ޘަޤާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް.
މި ސަބަބަށްޓަކައި، މިއަދު އަޅުގަނޑުމެން ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން. ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށްޓަކައި، މިނިސްޓަރ ޔުމްނާއަށާއި އެކަމަނާއާއެކު މަސައްކަތް ކުރައްވާ ހީވާގި ޓީމަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަދިވެސް އެއްފަހަރު، ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމުން، މި ރާއްޖޭގެ ޘަޤާފަތާއި ތަރިކައަކީ ރާއްޖެއަށް ފައިދާކުރަނިވި ވަސީލަތެއްގެ ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، އަޅުގަނޑާއެކު މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ސަލީމް، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، އަދި ކައުންސިލްގެ މެންބަރުން، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް، ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަޅުގަނޑުގެ ވާހަކަކޮޅު ފަށަމުންވެސް ދަންނަވަން ބޭނުންވަނީ، ހޯރަފުށީ ރައްޔިތުންނަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. އަޅުގަނޑުމެންނަށް މަރުހަބާ ކިޔުމަށްޓަކައި މިއަދު ތިޔަބޭފުޅުން ތައްޔާރުވެވަޑައިގެން ތިޔަ ކުރެއްވި މަސައްކަތަށާއި އަދި އަޅުގަނޑާ މުޚާޠަބުކޮށް ތިޔަ ވިދާޅުވި ހެޔޮބަސްފުޅުތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ހޯރަފުށީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިހާ ދަތި އުނދަގޫ ދުވަސްވަރެއްގައިވެސް، މިހާ ފުރިހަމަ ތައްޔާރީތަކެއް ވެފައި މިއޮތީ ހަމައެކަނި އެއަރޕޯޓެއް ހުޅުވޭތީކީ ނޫން. މިތައްޔާރީތަކުން އަޅުގަނޑަށް ފެނިގެން ދަނީ، ތަރައްޤީއާމެދު ތިޔަބޭފުޅުންގެ ހިތްތަކުގައި އުފެދެމުން އަންނަ އާރޯކަމާއި ދިރުން.
ހޯރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ހުޅުވުމާ ހަމައަށް މި ކުރެވުނު މަސައްކަތުގައި، މި ރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާއި، މިކަމަށް ދެއްވި ސަމާލުކަން، އެއީ މި ޖަޒީރާ ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދުމާއި، ހިއްކި ސަރަހައްދުގެ ގޮނޑުދޮށް އެއްވަރުކުރުމާއި، ޓަރމިނަލްގެ އެކި މަސައްކަތްތަކުގައިވެސް މި ރަށު ރައްޔިތުންގެ ޙިއްޞާ ވަރަށް ބޮޑު. ރަންވޭގައި ދަމާފައި ހުރި ރޮނގުތައް ކުރެހުމުގައިވެސް، މި ރަށުގެ ފަންނުވެރި ޒުވާނުން ބައިވެރިވި.
ޖުމްލަކޮށް ދަންނަވާނަމަ، މި އެއަރޕޯޓުގެ މަސައްކަތްކުރި، އެމް.ޓީ.ސީ.ސީގެ ފަރާތުން އެދުނު ކޮންމެ ކަމެއްގައި، މި ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދިޔަ. މިކަންކަމަށް ބަލާއިރު، މިއީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްޤީކުރެވިފައިވާ އެއަރޕޯޓެއް. އަދި މިސަރަހައްދުގެ ރަށްރަށުގެ ވަރަށް ބޮޑު އެހީތެރިކަމެއްވެސް ލިބިގެންދިޔަ އެއަރޕޯޓެއް.
އަޅުގަނޑަށް އެނގިފައި އޮތްގޮތުން، ހޯރަފުށްޓަކީ އާދަޔާ ޚިލާފު އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު ދިރިއުޅޭ ރަށެއް. ޢިލްމީ ގޮތުން ކުރިއަރައި، ތަހުޒީބާއި ކުރިއެރުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް. ޚާއްޞަކޮށް، އަތު މަސައްކަތްތެރިކަމުގައި، 1950ގެ އަހަރުތަކުން ފެށިގެން މި ރަށަކީ ރާއްޖެއަށް މަޝްހޫރު ރަށެއް.
1958 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އަތްތެރިމަސައްކަތުގައި، މިރަށުގެ ތިން ބޭފުޅަކު އުފެއްދެވި، ފާރުގައި ހަރުކުރާ ބޮޑުގަޑިއަކީ، އެ އަހަރުގެ އެއްވަނަ އުފެއްދުން. ކެނބެއްގެ ގޮތުގައި ބޭނުންކުރި ޗޭނުކޮޅު ފިޔަވައި، ގަޑީގެ ހުރިހާ ބައިތަކެއް އުފައްދާފައި ހުރީ ލަކުޑިން. އެއީ މާގިނަ ވަސީލަތްތަކެއްވެސް އޮތް ޒަމާނެއް ނޫން.
އާދެ، މިއީ ހޯރަފުށީ ރައްޔިތުންގެ އިތުރުން، އިހަވަންދިއްޕޮޅު ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އެހެންކަމުން، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައިވެސް، މިހާ ބުރަ މަސައްކަތެއް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ފުރިހަމައަށް ކޮށްދެއްވިކަމަށްޓަކައި، އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
މި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވި ޚާއްޞަ ސަމާލުކަމަށްޓަކައި، މިނިސްޓަރ ޢާއިޝަތު ނަހުލާއަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި އެއަރޕޯޓް ހެދުމުގައި ޕްލޭނިންގ މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަކޮށް، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށާއި، ހުރިހާ މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދަންނަވަން. އަދި މި މަސައްކަތް ފުރިހަމަކުރުމުގައި ފެނަކައިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.
މި މަޝްރޫޢަކީ، ޤައުމީ ރޫޙާއި ޤައުމީ ޖޯޝް ވަރަށް ބޮޑަށް އެކުލެވޭގޮތަށް ފުރިހަމަވެގެންދިޔަ މަޝްރޫޢެއް. މި ދެންނެވީ، ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކޮށް ދިރުވުމުގަޔާއި، ޤައުމީ ޚިދުމަތުގައި މުޅި ޢުމުރު ހޭދަކުރެއްވި، މަޝްހޫރު ހޯރަފުށީ އާދަމް ސަލީމުގެ ޢާއިލާއިން މި މަޝްރޫޢަށް ދެއްވި ސަމާލުކަމުގެ ވާހަކަ.
އާދެ، މަރްޙޫމް އާދަމް ސަލީމުގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، މި މަޝްރޫޢުގެ އެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މިކަމަށް މި ދެއްވި ސަމާލުކަމަކީ، މި މަޝްރޫޢު ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް. ޢިއްޒަތްތެރި މެންބަރު، ދާއިރާގެ ކަންތައްތަކުގައި އަދި ޚާއްޞަކޮށް، މި އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި އަވަސްކުރުމަށްޓަކައި އަޅުގަނޑާ ފޯނުން ގުޅުއްވައި އަދި ބައްދަލުކޮށް، ކިތަންމެ ފަހަރަކު މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި އެބަހުރި. އެކަމަށްޓަކައި، މި ރަށުގެ ލޮބުވެތި ރައްޔިތުންގެ ނަމުގަޔާއި، ހޯރަފުށީ ދާއިރާގެ އެންމެހައި ރައްޔިތުންގެ ނަމުގައި، މެންބަރު ސަލީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން.
ހަމައެފަދައިން، މި މުހިންމު މަޝްރޫޢުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ރަށު ކައުންސިލުން މިކަމަށް ދެއްވި ސަމާލުކަމަށްޓަކައި، ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދަށާއި، ކައުންސިލްގެ މެމްބަރުންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
މިއަދު މި ހުޅުވުނީ ހޯރަފުށީ އެއަރޕޯޓް ކަމަށްވިޔަސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އަޅުގަނޑުމެން އެޅި ވަރަށް މުހިންމު ފިޔަވަޅެއް. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ، މާރަންދޫގެ ރައްޔިތުންވެސް، އުންމީދުކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް.
މި އެއަރޕޯޓާއެކު، މި ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ. އަދި މި އެއަރޕޯޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ.
ހޯރަފުށީ އެއަރޕޯޓަކީ، މި ސަރަޙައްދުގެ ފަތުރުވެރިކަމަށްވެސް ލިބުނު ވަރަށް ބޮޑު އުންމީދެއް. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތީ، މި ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި. މި ރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. ރަށު ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އަޅުގަނޑު މިއަދު ގޮވާލަން.
މިހާތަނަށް މި އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތަސް، މިއެއަރޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވެގެންދާނެ. އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެރަށުގެ އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު އެވަނީ ބީލަމަށް ހުޅުވައިލެވިފައި.
މީގެ އިތުރުން، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެ. އަދި އުލިގަމަށް ބަނދަރުކުރާ ޔޮޓްފަހަރުން، ކުރިން ނަގަމުން އައި ފީވެސް މިހާރުވާނީ ވަރަށް ބޮޑަށް ކުޑަކޮށްފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން، ކޯވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމާ ހިސާބަށް އުލިގަމަށް ވަނީ 38 ޔޮޓް އައިސްފައި. އަދި މިހާރު އުލިގަމުގައި ވާނީ ކަސްޓަމްސްއާއި އިމިގްރޭޝަންގެ ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިދެވިފައި.
ދެން އެންމެ އަވަހަށް ރިޒޯޓް ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅު ހިމެނޭނެ. އަދި އޭގެފަހުން، މި ރަށުގެ އުތުރުން މި އޮތް މެދަފުށިވެސް، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ. އޭގެ އިތުރުން، ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، މި އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެ.
ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު، އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަޙައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން. އެކަމަށްޓަކައި، ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށިގެންދާނެ. އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބަން ފަށާނެ. އަދި އޭގެއިތުރުން، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މ. އަތޮޅު މުލީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އެއަށްފަހު، ށ. އަތޮޅު ބިލެތްފައްސާއި، ބ. އަތޮޅު ތުޅާދޫގެ އެއަރޕޯޓުގެ މަސައްކަތް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.
އާދެ، ތަނެއް ތަރައްޤީވެ ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ، އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުން. އަޅުގަނޑުގެ އަމާޒަކީ، މީހުން އުޅޭ ކޮންމެ ރަށަކުންވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި، އެއަރޕޯރޓެއް އޮންނަ ގޮތަށް، ވައިގެ ބަނދަރުގެ ދަތުރުފަތުރުތައް، ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުން. އަދި އެއަރޕޯޓްތަކާ ކައިރީގައިވާ އެހެން ރަށްތައް، ރަނގަޅު ފެރީ ވިއުގައަކުން ގުޅާލަދިނުން.
އާދެ، މި ދެންނެވި ކަންތައްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ ޢިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިމާރާތް، އަންނަ އަހަރުގެ ބަޖެޓުގައި މިހާރުވާނީ ހިމަނާފައި.
އަދި އަޅުގަނޑު ހަނދާން އެބަހުރި، ކެމްޕެއިންތެރޭގައި އަޅުގަނޑު މި ރަށަށް ކުރި ދަތުރުގައި، އިތުރު ވަޢުދުތައް ވެފައިހުރިކަން. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ރަށުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
މި ދެންނެވި ކަންތައްތަކުގެ އިތުރުން، މި އަންނަ އަހަރު މި އަތޮޅުގެ ބައެއް ރަށްރަށުގެ ބިން ހިއްކުމާއި، މަގުތައް ހެދުމާއި، ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއި، ސްކޫލް ތަރައްޤީކުރުމާއި، މިސްކިތް ޢިމާރާތްކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، މަސް މާރުކޭޓާއި، ދަނޑުވެރިންގެ މާރުކޭޓު ތަރައްޤީކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެ. އަދި ރަށްރަށުގައި ފަށާފައި ހުރި ހައުސިންގ ޔުނިޓުތައް ނިންމުމަށްވެސް ބަޖެޓް ކުރެވިފައިވާނެ.
އާދެ، ކުރިއަށް އޮތް އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެއީ 34.6 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑު ދެކޭގޮތުގައި، އެ ބަޖެޓަކީ މިއަދުގެ ޙާލަތަށް ބަލާފައި، ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް. ދުނިޔެއަށް ދިމާވެފައި މިއޮތް ކޯވިޑްގެ ދަތި އުނދަގޫ ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި މިއޮތް ދަތި ޙާލަތުގައި، ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ މި އަހަރުގެ މިވޭތުވެދިޔަތަނުގައި އަޅުގަނޑުމެން މިއައީ ވަރަށް ރަނގަޅަށް އެކަން ކުރަމުން. ސަރުކާރުގެ، ދައުލަތުގެ މަސައްކަތުގައި ހުރި އެއްވެސް މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރަން. މުސާރައެއް ކުޑައެއްނުކުރަން. މަސް ނިމެންވާއިރަށް އެމީހަކަށް ދޭންވާ މުސާރަ އަޅުގަނޑުމެން ދީފައިވާނީ. މިއީ ދަތި ވަގުތެއް. އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިވަގުތަކީ ފައިސާ ހޯދައިގެން ނަމަވެސް މި ކަންތައްތައް ކުރަންޖެހޭނެ ވަގުތު.
ހުށަހެޅިފައި އޮތް ބަޖެޓުގައި، ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން ވާނެ 4 ބިލިއަން ރުފިޔާ ކަނޑައަޅާފައި. ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އެ ބަޖެޓުގައި ހިމެނިފައި އޮންނާނެ. އިޖުތިމާޢީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ ހިމެނޭނެ. ގެދޮރު ޢިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާއާއި، ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ ހިމެނިފައި އޮންނާނެ.
އާދެ، ރިކަރެންޓް ޚަރަދުގެ ގޮތުގައި ސަރުކާރުން، މި ދެންނެވި 34 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ރިކަރެންޓް ޚަރަދުގެ ގޮތުގައި ވާނީ މުސާރަތަކާއި، ހިންގުމަށް ހިނގާ ޚަރަދާއި، އާސަންދައާއި، ދުވަސްވީ މީހުންނަށްދޭ ޢިނާޔަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްދޭ ޢިނާޔަތްތަކާއި، އެކަނިވެރި މައިންނަށްދޭ ޢިނާޔަތްތައް. އޭގެއިތުރުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި ހުންނާނެ ބޮޑެތި މަޝްރޫޢުތަކެއް. އޭގެތެރޭގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުން ހިމެނޭނެ. އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުން އެބައޮތް. މާލޭ ބްރިޖް، މާލޭ ވިޔަފާރި ބަނދަރު. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އޮންނާނެ. 5 ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުން ހިމެނޭ.
އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަޙުޘް ކުރައްވަމުން ގެންދިޔައިރުގައި، ދައްކަވަމުން ގެންދެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ބަޖެޓް ކުޑަކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއްނޫނޭ. ސަރުކާރުން ކުރަންޖެހޭނެ ކަމަކީ، މި ދަނޑިވަޅުގައި އިޤްތިޞާދު ހިންގުމޭ. މިއީ ލިބިފައި ހުރި ފައިސާ ކަމަށްވާތީ، މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ދަރަނި ބޮޑު. ރާއްޖޭގެ ދަރަނި ބޮޑު. މި ވާހަކަވެސް ރަނގަޅަށް ސާފުކޮށް އެބަ އެނގިވަޑައިގަންނަވަންޖެހޭ. ރައީސް ޔާމީނުގެ ވެރިކަން ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާ. އެހެންނަމަވެސް، އެ މަނިކުފާނު ފައިބާވަޑައިގެންނެވިއިރުގައި، 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނިއަރައިފި، 5 އަހަރުގެ ތެރޭގައި. އަޅުގަނޑުމެން އަދި މިހާތަނަށް 15 ބިލިއަން ރުފިޔާ އަދި ދަރަނީގެ ގޮތުގައި މި ނެގީ. އަދި އޭގެކުރިއަށް ޖެހިލަމާ ހިންގަވާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވިއިރުގައި، އެމް.ޑީ.ޕީ ވެރިކަމާ ހަވާލުވިއިރުގައި ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާ. 3 އަހަރު ވުމަށްފަހު އަޅުގަނޑުމެން ވަކިވިއިރުގައި، 26 ބިލިއަން ރުފިޔާއަށް ދަރަނި އަރައިފި. އެހެންވީމާ، ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއްނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ.
އާދެ، ފައިސާ ހޯދަންޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒަރވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު. އަޅުގަނޑުގެ ފައިނޭންޝަލް ޓީމަށް، ފިނޭންސް މިނިސްޓްރީގެ ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއްނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކައި، މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން.
އާދެ، އަޅުގަނޑު މި ދަންނަވާލީ ބަޖެޓުގައި ހުރި ބައެއް މުހިންމު ކުދިކުދި ކަންތައްތައް. މިއީ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަންވީ ވަގުތު ނޫންނަމަވެސް، އަޅުގަނޑު ހިތުން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައް އެބަހުރި. އަދި މިހާހިސާބަށް އައިއިރުގައި، ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައޭ ހުރީ 85 ރަށް. ރިޒޯޓު ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީއެއް ނެތް. ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި، އެއްވެސް ފަޅުރަށެއް ރިޒޯޓު ހަދާކަށް އަދި ދޫކޮށްފައެއް ނޯންނާނެ. އަދި އެހިސާބުން ނިމުނީކީ ނޫނޭ އިނގޭތޯ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ، މި ދަތި ޙާލަތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދު ކުރެވޭނީ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ވަރަށްސާފު. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައިސް. މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭންޖެހޭނެ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް މިއަދު ދަންނަވާލަން ބޭނުންވަނީ މިކަމަށް އެހީތެރިވެދެއްވާށޭ. މިއީކީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތެއް ނޫން.
އަޅުގަނޑު އިއްޔެ އެމް.އެމް.އޭ.ގެ ގަވަރުނަރާ ބައްދަލުކުރިން. މިއީ ޑޮލަރު ދަތި ވަގުތެއް. އެމަނިކުފާނަށް އަޅުގަނޑު ފުރިހަމައަށް އިތުބާރު އެބައޮތް. އެއީ ޓެކްނިކަލް ބޭފުޅެއް. އެތަނުން އެއާ ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމާނެ. އެހެންނަމަވެސް، ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ރާވަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އޭގެ ސަބަބުން ހެޔޮ ގޮތްތަކެއް ޑޮލަރަށް ވެގެންދާނެ.
އަދި މިއަދުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާވެސް އަޅުގަނޑު މަޝްވަރާ ކުރިން. މި ބަޖެޓު ޖެހޭ އެބަ ފާސްކުރަން. އަޅުގަނޑުމެން ބޭނުން ދިއްދޫގެ ބަނދަރު ހަދަން. ބަޖެޓުކޮށްފައި އޮންނާނީ. މި ބަޖެޓް ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން. މި ބަޖެޓުގައި އޮންނާނެ. އެކަން ފާސްކުރަން އެބަޖެހޭ. ކެލާގެ ތަރައްޤީގެ މަޝްރޫޢުތައް ހުންނާނެ. މި ބަޖެޓް ފާސްކޮށްދެއްވާ. އެހެން ނޫނީވިއްޔާ އެކަމެއް ނުވާނެ.
އަޅުގަނޑު ހިތުން ބަޖެޓާ ބެހޭގޮތުން މި ވަގުތު މާދިގުކޮށްވެސް ވާހަކަ ދެއްކިއްޖެ. އަޅުގަނޑު ނިންމާލަމުން އަޅުގަނޑު އަދި ކުޑަ ވާހަކައެއް ދަންނަވާލާނަން.
އެއް ވާހަކައަކީ، މިހާރު އެނގިވަޑައިގަންނަވާނެ، ކުޅުދުށްފުށްޓަށް ސީދާ ކޮޗިންއިން ޑައިރެކްޓްކޮށް މުދާ އެބަ ގެނެވޭ. ހަމަ އެގޮތަށް އައްޑުއަށާއި ހުވަދުއަތޮޅަށް ސީދާ ޓުޓިކޮރިންއިން ބޯޓުފަހަރު އާދެވޭގޮތަށް، އެސް.ޓީ.އޯ.ގެ ޝިޕިންގ ކުންފުނިން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ފަށާނެ.
އޭގެއިތުރުން، މިވަގުތު މަސްވެރިންނަށް ދިމާވެފައި އޮތް ކަންބޮޑުވުމެއް އެބައޮތް. ހިކި ކަނޑުމަހާއި، ލޮނުމަސް، ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކަ. ހަމަ އެ އަޑު އިވުމާއެކީގައި އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ފެށްޓެވި އެއަށް ޙައްލެއް ހޯއްދެވުމަށް. އަޅުގަނޑަށް އިއްޔެ ފޮރިން މިނިސްޓަރު އެބައޮތް އޭގެ ރަނގަޅު ޚަބަރެއް ދެއްވާފައި. ސިލޯނުގެ ކަސްޓަމްސް އިން ފޮނުއްވާފައި އޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެ ސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ޙަވާލާދެއްވައި، ރާއްޖޭގެ އެކަހަލަ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ. އެހެންކަމުން، އިރާދަކުރެއްވިއްޔާ އެކަމަށް ދައްޗެއްނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރު މިހާރުވަނީ އަޅުގަނޑުމެންނަށް ދެއްވާފައި.
އާދެ، އަޅުގަނޑުގެ ވާހަކަ މިހާހިސާބުން ނިންމާލާނަން. މިއީ ކޯވިޑުގެ ދަތި އުނދަގޫ ވަގުތު. މި ވަގުތުގައި އަޅުގަނޑުމެން ދެމުންގެންދާ ލުއިތަކާއެކު، ތިޔަބޭފުޅުން އަޅަންވާ ރައްކައުތެރިކަމާ އެކީގައި ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު އެދެން. އުންމީދު ރަނގަޅު. ކުރިއަށް އޮތް ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި، ކޯވިޑުގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް. އެހިސާބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ.
އަދިވެސް އެއްފަހަރު ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާއަށާއި، އަޅުގަނޑާ ބެހޭގޮތުން ތިޔަ ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މީގެ އެއް އަހަރު، ނޫނީވިއްޔާ އެއް އަހަރާއި އެއްމަސް ކުރިއަށް އަޅުގަނޑުމެން ޖެހިލަމާ ހިނގާ. ރާއްޖެ އޭރު އޮތް ޙާލަތު. ރައްޔިތުން އޭރު އުޅެމުންދިޔަގޮތް.
އަޅުގަނޑުމެންގެ އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އޭރު ހުންނެވީ ނުޙައްޤު ޖަލު ޙުކުމެއްގައި ރާއްޖެއަށް ނާދެވި، ރާއްޖެއިން ބޭރުގައި. ހަމަ އެގޮތަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ހުންނެވީ ނުޙައްޤު، ބޭއިންޞާފު ޝަރީޢަތަކުން ކުރެވުނު ޙުކުމަކާ ގުޅިގެން ރާއްޖެއަށް ނާދެވި ބޭރުގައި. ހަމަ އެގޮތަށް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން، ނުޙައްޤު ޖަލު ޙުކުމެއްގައި ޖަލުގައި ދުވަސްތައް ގުނަމުން އޭރު ދަނީ. އަޅުގަނޑުމެންގެ އަނެއް ކޯލިޝަންގެ ލީޑަރު ޕީ.ޕީ.އެމް.ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އޭރު އިންނެވީ ނުޙައްޤު އަދަބެއްގައި ޖަލުގައި ދުވަސްތައް ގުނަން. އޭގެ އިތުރުންވެސް، އަޅުގަނޑުމެންގެ އެތައް އެތައް ބައިވެރިންނެއް، ފަހުލަވާނުންނެއް ތިބީ ޖަލުގެ ކުޑަގޮޅިތަކުގެ ތެރޭގައި. ނޫނީވިއްޔާ ރާއްޖެއިން ބޭރުގައި ރާއްޖެއަށް ނާދެވޭ ޙާލަތުގައި.
މިއީ މީގެ އެއް އަހަރާއި އެއްމަސް ދުވަހުގެ ކުރީގެ ރާއްޖޭގެ ޙާލަތު. އަޅުގަނޑުމެން އެ ދުވަހު ނުކުތީ އެ ކަންތައްތައް ބަދަލުކުރަން. ރައްޔިތުންނަށް އަޅުގަނޑުމެން ވަޢުދުތަކެއްވިން. އެ ވަޢުދުތައް މެނިފެސްޓޯއެއްގެ ސިފައިގައި އަޅުގަނޑުމެން އެކުލަވައިލީ. އެންމެ ފުރަތަމަ ކަމަކަށް، އެ މެނިފެސްޓޯ އެކުލަވައިލުމުގައި، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ ޓީމާއި އަދި ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތް، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން. އެއަށްފަހުގައި، ކޯލިޝަން ޕްލެޖެއްގެ ގޮތުގައި، އެ މެނިފެސްޓޯ ރައްޔިތުންނާ ހިސާބަށް ގެންދިޔުމަށްޓަކައި ކޯލިޝަންގެ ފަރާތުން އުފެއްދި މެނިފެސްޓޯ ޓީމުން ކުރެއްވި މަސައްކަތްވެސް އަޅުގަނޑު އުފަލާ އެކުގައި މިރޭ ފާހަގަކުރަން.
އަޅުގަނޑުމެން ފަސް ކަމެއްގެ މައްޗަށް ރައްޔިތުންނަށް ވަޢުދުވިން. މައިގަނޑު ފަސް ކަމެއް. އަޅުގަނޑުގެ ދެ ފަރާތުން ފެންނަން މިއޮތީ އެ ކަންތައްތައް. ހެޔޮވެރިކަން، ޖަޒީރާ ދިރިއުޅުން، ފަޚުރުވެރި ޢާއިލާ، އޯގާތެރި ސަރުކާރު، ނޫ އިޤްތިޞާދު. މިއީ މައިގަނޑު ގޮތެއްގައި ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން ގެނެސްދިން ކަންތައްތައް. މިއާއެކީގައި ރައްޔިތުން މި ކަންތައްތައް ގަބޫލުކޮށް، އިންތިޚާބުގައި އަޅުގަނޑުމެންނަށް ވޯޓުދީ، ވެރިކަމަށް ގެނައި.
މިއަދު އަޅުގަނޑުމެންގެ ޒިންމާއަކީ، ވާޖިބަކީ، މި ކަންތައްތައް އަމަލީގޮތުން ތަންފީޛު ކުރުން. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވުމާއެކީގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކެއް އަޅުގަނޑުމެން ނިންމިން. އިރާދަކުރެއްވިއްޔާ، 100 ދުވަހުގެ ތެރޭގައި މަސައްކަތްތަކެއް، ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. އެހެންނަމަވެސް، ކުރަންހުރި ވަރަށް ބައިވަރު މަސައްކަތްތައް އަޅުގަނޑުމެންގެ އެބަހުރި.
މިގޮތުން މިރޭ މި ހާމަކުރެވިގެން މިދިޔަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެވަނީ އެކަންތައްތައް ކުރާނެގޮތް ލިޔެވިފައި. ވަގުތު ކަނޑައެޅިފައި. ތަރުތީބު ކުރެވިފައި. ދެން އޮތީ މިކަންތައްތައް ކުރުން. މިކަމުގައި ފަހަރުގައި މީގައި ހުރެދާނެ، ބައެއް ބޭފުޅުން ނުގަބޫލު ކަންތައްތައް. ބައެއް ބޭފުޅުން ބޭނުންނުވާގޮތަށް ލިޔެފައި ހުރި ކަންތައްތައް.
އެހެންނަމަވެސް، އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންނާއި، ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ މުވައްޒަފުން، މި ކަންތައްތައް ތަންފީޛު ކުރުމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވުން. މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާ ވާހަކަ ދެކެވި، އެތައް މުއައްސަސާތަކަކާ ވާހަކަ ދެކެވި، ނިމިފައި ހުރި ކަންތައްތައް.
އެހެންވީމާ، ތިމާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވިޔަސް، އެކަންތައްތައް ތަންފީޛު ކުރުމުގައި ފަސްޖެހިވަޑައިނުގެން، އަޅުގަނޑާ އެކީގައި ކުރިއަށް ވަޑައިގަތުމަކީ އަދިވެސް އެއްފަހަރު، ހުރިހާ ވަޒީރުންގެ ކިބައިންނާއި، ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއް.
އާދެ، މި އެކްޝަން ޕްލޭންގައި، ދެ ކަމެއް އެބައޮތް. އެއްކަމަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކަން ކުރަންވީ ގޮތް މިއޮތީ ތަރުތީބު ކުރެވި ލިޔެވިފައި. އެކަންތައްތައް އޭގައި އޮތްގޮތަށް ކުރުން، އަޅުގަނޑުމެންގެ ކެބިނެޓުގެ ވަޒީރުންގެ ޒިންމާއަކަށްވާންވީ. އޭގައި އޮންނާނެ، ކުރަންވީ ކަންތައްތަކާއި، ތާރީޚާއި، ފައިސާ ހޯދާނެ ގޮތާއި، އެކަން ނިންމަންވާ ތާރީޚާ. ފާހަގަޖަހަމުން ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ. އެއްވެސް މައްސަލައެއް ނެތް. އޭރަށް ފަސް އަހަރުވާއިރުގައި، އަޅުގަނޑުމެންގެ ވަޢުދުތައް އޮންނާނީ ފުދިފައި.
ދެވަނަ ކަމަކަށް، މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން ލިބޭ އަނެއްކަމަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުން. މީގައި ހުރި ކަންތައްތައް، މީގައި އޮތްގޮތަށް ކުރޭތޯ ބެލުމަށް ވަރަށް ފަސޭހަވެގެންދާނެ. ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް، އަދި ކޮންމެ ފަރުދަކަށް، ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާ ސުވާލުކުރެވޭނެ. ކީއްވެގެންތޯ މި މަސައްކަތް ނުނިމި އޮތީ. ކީއްވެގެންތޯ މިކަން ފަސްޖެހިފައި އޮތީ. މިއީ މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން އަޅުގަނޑުމެން ރައްޔިތުންނާ ހިސާބަށް ގެނެސްދޭ ދެވަނަ ކަމަކީ.
އާދެ، މީގައި ހުރި ކަންތައްތައް ވަރަށް ތަފްޞީލުކޮށް، އަޅުގަނޑުމެންގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީ ދެންމެ ވިދާޅުވެދެއްވީ، އެކަން ތައްޔާރުކުރިގޮތާ އެކީގައި.
މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ހަމައެކަނި ސަރުކާރަކަށް ނޫން. މީގައި އެބަހުރި، ޝަރުޢީ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް. މީގައި އެބަހުރި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް.
އެހެންވީމާ، މިރޭ އަޅުގަނޑު އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ، ޝަރުޢީ ދާއިރާގެ ބޭފުޅުންނަށްވެސް، ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށްވެސް، އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައިނުގެން، އަޅުގަނޑުމެންނާއެކީ ކުރިއަށް ވަޑައިގަންނަވާށޭ.
އާދެ، ލިޔެފައި އޮތް ސްޕީޗް އެބައޮތް. އެހެންވީމާ، އެ އޮތްގޮތަށް ބާއްވާފައި، އަޅުގަނޑު ކުރިއަށް މިދަނީ. ދެން މާގިނަ ވާހަކައެއް އަޅުގަނޑު ދައްކާކަށް ނެތިން.
ނިންމާލަމުން، މި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު އަދާކުރަން. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރައީސް އޮފީހުގެ، ޕޮލިސީ އޮފީހުގެ ބޭފުޅުންނާއި، ޚާއްޞަކޮށް، ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއަށާއި، އަޅުގަނޑުމެންގެ ކޮމިއުނިކޭޝަން އޮފީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި މިރޭ ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ސްޓްރެޓީޖީކް އެކްޝަން ޕްލޭންގެ މައިގަނޑު އަމާޒަކީ، ފުދުންތެރި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރުން. އެކަން ކުރެވޭނީ، ނޫ އިޤްތިޞާދުގެ ތެރެއިން، ތަނަވަސް ޖަޒީރާ ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް ގެންދެވިގެން.
ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު. |
2019 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ކްރޮސްރޯޑްސް މޯލްޑިވްސްގެ ސީ.އީ.އޯ ކުންތިޓީ، ދައުލަތުގެ ވަޒީރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހަށްފަހު، މި ދާއިރާގެ ބޭފުޅުންނާ އަޅުގަނޑަށް ބައްދަލުކޮށްލެވޭ ފުރަތަމަ ފަހަރު. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއްގެ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއްވެސް އަދި މަރުޙަބާއެއްވެސް އަޅުގަނޑު ކިޔަން.
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން މި އަންނަނީ ވަރަށް ކުލަގަދަކޮށް. އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ، ވަރަށް ތަފާތު ޙަރަކާތްތަކެއް، ޓޫރިޒަމް މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ. އެކަމަށްޓަކައި މިނިސްޓަރ ޢަލީ ވަޙީދަށާއި، އެ މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
މި އަހަރަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިގެން މަސައްކަތްކުރާ އަހަރު. ދުނިޔޭގެ ބާޒާރަށް ދިވެހި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، އެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެ ކުންފުނީގެ އެމް.ޑީ، ޠައްޔިބު މުޙައްމަދަށާއި، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.
ރާއްޖޭގެ ޤައުމީ އާމްދަނީގެ އެންމެ މަތީ އިންސައްތައެއް، މިހާރު ޙިއްޞާކުރާ ޞިނާޢަތަކީ ޓޫރިޒަމް. އަދި ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ވަސީލަތަކީވެސް މި ޞިނާޢަތް. ހަމައެފަދައިން އެންމެ ގިނަ ވަޒީފާގެ ފުރުޞަތު އޮތީވެސް މި ޞިނާޢަތުގައި.
އެނގިވަޑައިގަންނަވާނެ، ކޮންމެ އަހަރެއްގެ ފަތުރުވެރިކަމުގެ ދުވަސް، ފާހަގަކުރަމުން މި އަންނަނީ، އެ ދުވަހަށް ޚާއްޞަ ޝިޢާރެއް ކަނޑައެޅިގެން. ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިޢާރަކީ،
“Tourism and Jobs: a better future for all”
މި ޝިޢާރުންވެސް އެނގެނީ، އަޅުގަނޑުމެން ދައްކަމުން މި އަންނަ ވާހަކައިގެ ތެދުކަން. ފަތުރުވެރިކަމުގެ މަންފާ ވީހާ ގިނަ ބަޔަކަށް ލިބޭނެގޮތަށް ކަންކަން ރޭވުމުގެ މުހިންމުކަން. ރާއްޖޭގެ ފަތުރުވެރިކަން، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއި، ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މި ޝިޢާރުން ހާމަކޮށްދޭ.
ރިޒޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ލިބުމަކީ، މި ޞިނާޢަތު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް. ރިޒޯޓް ވަޒީފާތަކުގެ ވަރަށް ޒިންމާދާރު މަޤާމުތަކުގައި މިހާރުވެސް ކޮންމެވެސްވަރަކަށް ދިވެހިން އެބަތިބި. އަޅުގަނޑުމެން ބޭނުންވަނީ، އެ ނިސްބަތް އެތައް ގުނައަކަށް އިތުރުކުރަން.
ދިވެހި ފަތުރުވެރިކަން އުފެދި ކުރިއަރައިގެން އައީވެސް ދިވެހިންގެ ބުރަ މަސައްކަތުން. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުޅިން އާ ބްރޭންޑެއްގެ ގޮތުގައި، ދިވެހި ފަތުރުވެރިކަން މަޝްހޫރުވެގެން އައީވެސް، ރާއްޖެއަށް މިކަން ތަޢާރަފް ކުރެއްވި ބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ސަބަބުން. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
މީގެ ކުޑަދުވަސްކޮޅެއް ކުރިން، އަޅުގަނޑު އޮފީހުގައި އިންދައި، ނަސީމް އަޅުގަނޑާ ބައްދަލުކުރައްވާފައި އަޅުގަނޑަށް ފޮތެއް ހަދިޔާކުރެއްވި. އެއީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރި އަދި އެންމެ ފުރަތަމަ އައި ކަމަށް ބެލެވޭ ޖޯޖް ކޯބިން ލިޔުއްވާފައި އޮތް ފޮތެއް. އެ ފޮތުގެ ފުރަތަމަ ޗާޕް، ކުރައްވާފައި އޮތީ 1973 ގައި. މި ވާހަކައަކީ، ރާއްޖެއަށް ޓޫރިޒަމް ފެށިގެން އައި ގޮތުގެ ވާހަކައަކީ، އާ ވާހަކައެއް ނޫން ނަމަވެސް، މިފަދަ ރެއެއްގައި ހަމަ އެ ވާހަކަ ތަކުރާރުކޮށްލުމަކީ، ބޭކާރު ކަމަކަށް ވެގެނެއްނުދާނެ.
އާދެ، އިޓަލީގެ ޓުއަރ އޮޕަރޭޓަރެއް، އެތަނުގައި އޭރު މަސައްކަތް ކުރަމުން ގެންދިޔަ ބޭކަލެއް، ޖޯޖް ކޯބިންއަކީ. އޭނާ ފުރަތަމަ ރާއްޖެއަށް އަންނަން ގަސްދުކުރި ކަމަށްވަނީ 1968 ވަނަ އަހަރު. އެއީ ހަމަ ރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ކުރެވިދާނެތޯ ބެލުމަށް ކުރަން ނިންމި ދަތުރެއް. އެހެންނަމަވެސް، އެ އަހަރު އޭނާއަށް ރާއްޖެ އާދެވޭގޮތެއްނުވި.
އެހެންނަމަވެސް، 1971 ވަނަ އަހަރު އޭނާ ރާއްޖެ އައުމަށްޓަކައި ސިލޯނަށް ދިޔަކަމަށްވަނީ. ގޮސް ރާއްޖެ އާދެވޭނެގޮތެއް ހޯދުމަށްޓަކައި ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރި. އޭރު އެމްބެސެޑަރަކަށް ހުންނެވި ޙުސައިން ޢަލީދީދީއާ ބައްދަލުކޮށް، އެކަމުގައި އެހީތެރިވުމަށް އެދިވަޑައިގެންނެވި. އެމްބެސެޑަރު ދެއްކެވީ އަޙްމަދު ނަސީމް. ނަސީމް އޭރު އުޅުއްވަނީ ފޮރިން މިނިސްޓްރީގައި. ދަތުރެއްގައި ކޮޅުނބަށް ވަޑައިގެން ހުންނެވީ. ނަސީމް ތަޢާރަފް ކުރެއްވުމަށްފަހުގައި ނަސީމް، ޖޯޖް ކޯބިން އަށް ދެންނެވީ ރާއްޖެ ވަޑައިގަތުމަށް. މިއީ އެ ފޮތުގައި ލިޔެފައި ހުރި ވާހަކަތައް. ނަސީމާއި ޖޯޖް ކޯބިން ރާއްޖެ އައީ އެމް.ވީ މޯލްޑިވްސް އެކްސްޕޯޓަރ ކިޔާ ކަނޑުބޯޓެއްގައި. އައިސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭތޯ ބެލުމަށްފަހުގައި، އެނބުރި އޭނާ ރާއްޖެއިން ގޮސް، 1972 ވަނަ އަހަރުގެ ފެބުރުވަރީ މަހު ފުރަތަމަ ޓޫރިސްޓް ގްރޫޕަކާ އެކީގައި ރާއްޖެއަށް ޒިޔާރަތްކުރި. 12 މީހުން ހިމެނޭ އިޓަލީގެ ޓޫރިސްޓް ގްރޫޕެއް ރާއްޖެ އައިސް މާލޭގައި، ނަސީމްގެ ޢާއިލާއަށް ނިސްބަތްވާ ލަކްސްވުޑާއި، މާގިރީގައި އަދި މުޙައްމަދު ޢުމަރު މަނިކުގެ ގެއެއް ކަމުގައިވާ، ޢާއިލާގެ ގެއެއް ކަމުގައިވާ ކަނީރުވިލާގައި އެމީހުން ތިބި ކަމަށް މިވަނީ. އެކަމުގައި އެންމެ ބޮޑަށް އެހީތެރިވި އެއް ބޭފުޅަކީ ޗަމްޕާ ޙުސައިން ޢަފީފް. އަދި އަނެއް ބޭފުޅަކީ ނަސީމުގެ ދައްތަ ސަލީމާ މުޙައްމަދު ކަލޭފާނު.
އެއަށްފަހުގައި، ރާއްޖޭގައި ފުރަތަމަ ޓުއަރ އޮޕަރޭޓަރ، ޓުއަރިސްޓް އޭޖެންސީ އުފެދިގެންދިޔައީ. އެއީ މުޙައްމަދު ޢުމަރު މަނިކާއި ނަސީމާ ދެ ބޭފުޅުން ޝެއަރވާ ކުންފުންޏެއް. އެއީ މިއުމަން އޭޖެންސީގެ ނަމުގައި. ޖޯޖް ކޯބިންގެ ލަފަޔާ އެއްގޮތަށް އުފެދި، ޖޮއިންޓް ވެންޗަރއެއް ޖޯޖް ކޯބިންއާ އެކީގައި ހެދިގެން ދިޔައީ.
ހަމައެއާއެކީގައި، ފުރަތަމަ ރިޒޯޓް ޤާއިމުކުރުމުގެ މަސައްކަތް، އެ އޭޖެންސީ އިން ފެށި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވެއްޖިއްޔާ، އެ މަސައްކަތަށް، އެ ރިޒޯޓް ތަރައްޤީ ކުރުމަށް ފައިސާއިން އެހީއެއްވީ ނަސީމުގެ ބައްޕަ މުޙައްމަދު ކަލޭފާނު. އެބޭފުޅުންނަށް ޙިއްޞާވާގޮތަށް، އަނބުރާ ފަހުން ފައިސާ ދައްކާގޮތަށް ނަސީމުގެ ބައްޕަ ދެއްވި ފައިސާއިން އެ ދެބޭފުޅުން އެ ރިޒޯޓު ޤާއިމުކުރީ. ރިޒޯޓް ހުޅުވިގެންދިޔައީ މީގެ 47 އަހަރު ކުރިން ހަމަ މިއަދު. 3 އޮކްޓޫބަރު 1972 ގައި. 30 ކޮޓަރީގެ 60 އެނދުގެ ރިޒޯޓެއްގެ ގޮތުގައި. ފުރަތަމަ މެނޭޖަރެއްގެ ގޮތުގައި އެ ރިޒޯޓުގައި މަސައްކަތް ކުރެއްވި ބޭފުޅަކީ ޗަމްޕާ ޙުސައިން ޢަފީފް.
ހަމަ އެއާއެކުގައި، ހަމަ އެ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ދެވަނަ ރިޒޯޓެއް ރާއްޖޭގައި ހުޅުވިގެންދިޔައީ. އިތުރު ރިޒޯޓެއް ހުޅުވިގެންދިޔައީ. އެއީ އޭރުގެ ވެރިކަމުގައި ހުންނެވި އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން އުފެއްދެވި ކްރެސެންޓް ޓުއަރިސްޓް އޭޖެންސީގެ ދަށުން އުފެދިގެންދިޔަ ރިޒޯޓެއް. އެއީ 20 ކޮޓަރީގެ 40 އެނދުގެ ރިޒޯޓެއް. އެ ރިޒޯޓުގެ ފުރަތަމަ މެނޭޖަރަކީ ހިކަރި އަޙްމަދު އާދަމް. އެއީ ފުރަތަމަ މެނޭޖަރު.
މިއީ އަޅުގަނޑުމެން މިއަދު މި ދެކޭ ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކޮށްދެއްވި މިކަމުގެ ފަޚްރުވެރި ޝަރަފު ލިބިގެންދާ އަޅުގަނޑުމެންގެ ދިވެހި ދަރީންތަކެއް.
ނަސީމުމެން އެ މަސައްކަތް، އެމް.ޔޫ މަނިކުމެން އެ މަސައްކަތް ފަށައިގަތީ، ރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ނުކުރެވޭނެ ކަމަށް އޭރުގެ ދިރާސާއަކުން ދައްކާފައި އޮއްވާ. ރާއްޖޭގައި 1965 ވަނަ އަހަރު އެއަރޕޯޓު ހުޅުވުމާ ގުޅިގެން، ޔޫ.އެން.ޑީ.ޕީ.ގެ އޮފިޝަލެއް ރާއްޖެއަށް ވަޑައިގެން ދިރާސާއެއް ހެއްދެވި. އެ ދިރާސާގައި ބުނެފައި މި އޮންނަނީ، މާލެ މި އޮތް ތަނުން ކަނޑުމަގުންނާއި، ވައިގެ މަގުން ދަތުރުކޮށް އުޅުމަކީ ޚަރަދު ބޮޑު އުނދަގޫ ކަމެކޭ. ރާއްޖޭގެ މޫސުމަށް ބަލާއިރުގައި، ރާއްޖޭގައި ޓޫރިޒަމް ތަރައްޤީކުރާކަށް ފުރްޞަތެއް ނެތޭ. ފީޒިބަލެއް ނޫނޭ. އެހެންނަމަވެސް، މި ކަންތައްތަކަށް ގޮންޖެހުމަށްފަހުގައި، މި ދެބޭފުޅުން ފެށްޓެވި މަސައްކަތުން މިއަދު މިވަނީ މި ރާއްޖެއަކީ ދުނިޔޭގައި އެންމެ މަޤްބޫލު އެއް ޑެސްޓިނޭޝަނަށްވެފައި.
އަދި ރާއްޖޭގައި މިވަގުތު މިވަނީ ދުނިޔޭގައި ނަން މަޝްހޫރު ހުރިހާ ހޮޓެލް ޗޭނެއްގެ ރިޒޯޓުތައް ހުޅުވިފައި. އޯވަރ ވޯޓަރ ބަނގަލޯރ އާއި، އަންޑަރ ވޯޓަރ ރެސްޓޯރެންޓާއި، މިހެންގޮސް ރާއްޖެއިން ނުފެންނަ ޓޫރިޒަމްގެ ވަސީލަތެއް، ދުނިޔޭގެ އެހެން ތަނަކުންނެއް ފެންނާނެ ކަމަކަށް އަޅުގަނޑު މިއަދަކު ނުދެކެން.
އާދެ، މި ޞިނާޢަތު މިހިސާބުން ކުރިއަށް ގެންދެވޭނީ، ހަމަ އަޅުގަނޑުމެން ދިވެހީންނަށް. އެހެންވީމާ، މި ދާއިރާގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުން ވަރަށް މުހިންމު. ދިވެހިން މި ދާއިރާގައި މަސައްކަތް ކުރަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައެއް ނޫން. އަދި ކުރަންޖެހޭނީވެސް އެގޮތުގައެއް ނޫން. އެއަށްވުރެ މާ މުހިއްމު އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރަންޖެހޭ ކަމެއް ޓޫރިޒަމް ދާއިރާ ތަރައްޤީ ކުރުމަކީ.
މި އަހަރުގެ މިހާތަނަށް ބަލާއިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ، އަޅުގަނޑުމެން ކުރިން އަންދާޒާކޮށްފައި އޮތް ވަރަށްވުރެ މާ ހަލުވި ދުވެއްޔެއްގައި. އޭގެ އެންމެ ބޮޑު ސަބަބަކީ، ސިޔާސީގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުން. ރާއްޖެއަށް ލިބުނު ހަމަޖެހުމާ ގުޅިގެން، ދިވެހި ފަތުރުވެރިކަމާމެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާއި ޔަޤީންކަން.
މި ދެންނެވި ބަދަލުތަކާއެކު، ރާއްޖޭގައި އިތުރު އެތައް ރިޒޯޓެއް ހުޅުވިއްޖެ. ކިތަންމެ ރަށެއްގައި ގެސްޓްހައުސްތައް އިތުރުވެއްޖެ. މި އަހަރުގެ މިހާތަނަށް 19 ރިޒޯޓާއި، އެއް ޔޮޓް މެރީނާ މިހާރު ވަނީ ހުޅުވިފައި. އެނދުގެ ޢަދަދަށް ބަލާނަމަ މިއީ 4127 އެނދު. ވަޒީފާގެ ގޮތުން ބަލާނަމަ މިއީ 10000 އަށްވުރެ ގިނަ ވަޒީފާ މި އަހަރު ޓޫރިޒަމް އިންޑަސްޓްރީން އުފެދިގެން މިއައީ.
ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުން އަންނަ ވަރަކަށް، އެ ދާއިރާތަކަށް ދިވެހި ޒުވާނުން އުފެއްދުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް. އާދައިގެ ވަޒީފާތަކަށް ޢާންމުކޮށް މީހުން ނެގުމުގައި މިހާރު ގެންގުޅޭ ޢާންމު އުޞޫލަކީ، ކައިރި ރަށަކުން ޒުވާނަކަށް ވަޒީފާދީފައި ރިޒޯޓަށް ގެނައުން. ދެން އެ ވަޒީފާގައި މަސައްކަތް ކުރަމުން، އެމީހަކު އަމިއްލައަށް ތަމްރީނު ލިބިގަތުން.
އަޅުގަނޑު ހިތުން މިއީ މިކަން އޮންނަންވާނެ އެންމެ ރަނގަޅު ގޮތެއް ނޫން. ވަޒީފާގައި މީހުން ހަރުނުލުމަކީވެސް، މިކަމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް. ކިތަންމެ އާދައިގެ ވަޒީފާތަކެއް ވިޔަސް، އެކަމާ ގުޅޭ ތަމްރީނާއި ތަޢުލީމާ އެކުގައި މީހުން ބިނާކުރުމުން، ވަޒީފާގައި ދެމިތިބޭ ނިސްބަތް އިތުރުކުރެވޭނެ.
ރާއްޖޭގެ ރިޒޯޓްތަކުގައި މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި އެބަތިބި. ހަމައެއާއެކު، ވަޒީފާނެތި ދިވެހި އެތައް ޒުވާނުންނެއް އެބައުޅޭ. ރިޒޯޓްތަކުގައި ބިދޭސީން މިހާރު ކުރަމުންދާ މަސައްކަތްތައް މާފުރިހަމައަށް ކުރާނެ ބައިވަރު ދިވެހިންވެސް އެބައުޅޭ.
ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުޤުވެރިކޮށް، ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އަޅުގަނޑުމެން ރޭގައި އިފްތިތާޙުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އެންމެ މުހިންމު އިސްކަމެއް ދީފައިވާނީ، ފަޚުރުވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުމަށް.
އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ސަރުކާރާއި އަމިއްލަ ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާތަކެއް އެބަހުރި. ޤައުމެއް ތަރައްޤީ ކުރެވެނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން. އެކަމަށްޓަކައި ވަކި ރޭވުންތަކެއް ރާވައިގެން މަސައްކަތްކުރާއިރު، ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް މިއަދު އެބަ ބޭނުންވޭ.
ހުރިހާ މައިދާނެއްގައިވެސް ރާއްޖޭގެ މިސްރާބު މިހާރު ހުރީ ތަރައްޤީއާއި ކުރިއެރުމަށް. ފަތުރުވެރިކަމަށް ބަލައިލިޔަސް، މި އަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް ފަތުރުވެރިން ރާއްޖެ އައި ޢަދަދުވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާބޮޑަށް އިތުރުވެއްޖެ. މިއީ ރައްޔިތުންނާއި ސިޔާސީ ބޭފުޅުން ގުޅިގެން ގެނައި ހެޔޮ ބަދަލުގެ ނަތީޖާ.
މިދިޔަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ، އެ އަހަރުގެ ސެޕްޓެމްބަރު މަސް ނިމެނިކޮށް. ނަމަވެސް މި އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އަޅުގަނޑުމެންނަށް، އެ ލަނޑުދަނޑި ވަނީ ހާސިލުކުރެވިފައި. އެހެންވީމާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ވާދަވެރިކަމާއެކުވެސް، ދިވެހި ފަތުރުވެރިކަން، މާތް ﷲގެ ވާގިފުޅާއެކު މިދަނީ ކުރިއަރަމުން.
މިކަންކަމަށް ބަލާއިރު، މި ޞިނާޢަތުގެ ކުރިމަގު، އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް. ނަމަވެސް، މި ޞިނާޢަތު އިތުރަށް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. ހަމައެއާއެކު، މި ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކެއްވެސް އެބަހުރިކަން ހަނދާނުގައި ބަހައްޓަންޖެހޭ.
ތިމާވެށީގެ މައްސަލަތައް އެއީ މި ދެންނެވި ގޮންޖެހުންތަކުގެ އެއްބައި. ޓެރަރިޒަމްގެ ނުރައްކަލަކީވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއް. އޭގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރު، ސީދާގޮތުންނާއި ނުސީދާގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރާ.
އިހަށްދުވަހު ބަނގުރޫޓުވެގެން އެ ދިޔައީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ ޓްރެވަލް އެއް އޭޖެންސީ ކަމަށްވާ ތޯމަސް ކުކް. އެތައް ބުކިންގތަކެއް އެއާއެކީގައި ކެންސަލް ވެގެންދިޔައީ. ނަމަވެސް އެ އޭޖެންސީ މެދުވެރިވެގެން ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް، އެއްވެސް ދައްޗެއްނެތި، އެމީހުންގެ ޗުއްޓީ ފުރިހަމަކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދެވިފައި.
އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށާއި، އެމިނިސްޓްރީގެ އިސް ވެރިންނަށާއި، އެމް.އެމް.ޕީ.އާރު.ސީ.ގެ ވެރިންނަށާއި، މަޓީގެ ހިންގުންތެރި ޓީމަށްވެސް އަދި ރިޒޯޓްތަކުގެ މެނޭޖްމަންޓްތަކަށްވެސް، އެބޭފުޅުން އެ ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަން.
އަޅުގަނޑުމެން ބޭނުންވާ ތަރައްޤީގެ ޙަޤީޤީ ތަޞައްވުރަކީ، މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތަކާއެކު، ކުރިމަގުގެ ޖީލަށް މި ރާއްޖެ ގެންގޮސްދިނުން. އެކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ، މިރާއްޖޭގެ ޤުދުރަތީ ވެށި. ފަތުރުވެރިކަން ކުރިއެރުވުމުގައިވެސް، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ މި ސަބަބުތަކަށްޓަކައި.
މި ރާއްޖޭގައި މާގިނަ އާސާރީ ތަންތަނާއި، މާގިނަ ސަގާފީ ތަރިކަތަކެއް ނެތް. ނަމަވެސް މަދު ޤައުމަކަށް ނޫނީ ލިބިފައިނުވާ ޠަބީޢީ ހިތްގައިމުކަމެއް މި ރާއްޖެއަށް ވަނީ ލިބިފައި. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކަކީ، މި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ މުއްސަނދިކަން.
ދޮންވެލި ގޮނޑުދޮށްތަކާއި، ތުނޑިތަކާއި، ހޭޅިފަށާއި، ވައުތަކާއި، ކުޅިތަކާއި، ފާތަކުގައި އެވާ ދިރުންތަކަކީވެސް، މި ރާއްޖޭގެ ޖަޒީރާވަންތަކަމުގެ ވަރަށް މުހިންމު ބައެއް. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ.
ތިމާވެށީގެ ޙިމާޔަތަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުން. ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމަކަށް ހަދަން. މިއީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަމެއް.
މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ފަރާތަކީ، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ފަރާތްތައް. ފަތުރުވެރިކަމާ ގުޅިފައިވާ މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް، ސަރުކާރާ ގުޅިގެން، ހުރިހާ ރިޒޯޓްތަކުން މަސައްކަތްކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް މުހިންމު އެދުމެއް. ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދުވެސް އެބައޮތް.
އާދެ، ރާއްޖޭގެ ޓޫރިޒަމް އިތުރަށް، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ފުޅާކުރުމަކީ، އަޅުގަނޑުމެންގެ އެއް ސިޔާސަތު. އެގޮތުން، ރާއްޖޭގެ އާ ޓޫރިޒަމް މާސްޓަރ ޕްލޭން ނިންމުމުގެ މަސައްކަތް މިހާރު އެދަނީ ކުރެވެމުން. އަދި އެއާއެކީގައި، އެ ތަރައްޤީ ކުރާނެ ރަށްތައް ފައިނަލް ކުރުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީން އެ ގެންދަނީ ކުރަމުން.
އެހެންވީމާ، މާސްޓަރ ޕްލޭން ނިމިގެންދާއިރުގައި، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްޤީ ކުރެވިގެންދާނެގޮތާއި، އަދި އޭގެއިތުރުން ރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އަދި މުޅި ރާއްޖޭގައިވެސް ވަޒީފާ އަދާކުރާ ފަރާތްތަކުގެ މިނިމަމް ވޭޖް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމި، އެކަން ތަންފީޛު ކުރެވިގެންވެސްދާނެ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ފަތުރުވެރިކަން އިޝްތިހާރުކޮށް ތަރައްޤީ ކުރުމަށް ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެ ކަމުގައި. ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ ހޭދަވެސް ސަރުކާރުން ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރުކުރާނަން.
އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރަށްވުރެވެސް ކާމިޔާބު ދުވަސްތަކެއް މާތް ﷲ މިންވަރުކުރެއްވުން. ހަމަޖެހުމާއި ޞުލްޙަވެރިކަމުގައި ދިރިއުޅޭ ފަޚުރުވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުމަށް، އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު މިންވަރުކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
އާދެ، ހުޅުދެއްޔަށް އަޅުގަނޑަށް އާދެވުނު ފުރަތަމަ ފަހަރު މިއީ. އަޅުގަނޑުމެން، އަޅުގަނޑާއި އަޅުގަނޑުގެ ޓީމު ހުޅުދެއްޔަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު ދަންނަވަން.
އަދި މި ދަތުރު ރޭވުމާ އެކީގައި މި ރަށުގެ ކައުންސިލުގެ މެންބަރުންނާއި، ރަށުގެ އިސް ބޭފުޅުން މިކަމަށް ތައްޔާރުވަމުންދިޔަ މިންވަރު އަޅުގަނޑަށް އެނގޭ. އެކަމަށްޓަކައިވެސް ކައުންސިލުގެ މެންބަރުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި، އާދެ، ޝުކުރު ދަންނަވަން.
އާދެ، ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވެފައި ހުންނަ ކަންތައްތައް ދެނެގަތުމަކީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު ކުރަމުން މި ގެންދަނީ އެ ކަންތައްތައް. މި ރަށަށްވެސް ބޭނުންވެފައި ހުރި ތަރައްޤީގެ ކަންތައްތަކެއް އެބަހުރި. އަސާސީ ޚިދުމަތްތައް. ބައެއް ޚިދުމަތްތައް ނުލިބިހުރިކަންވެސް އަޅުގަނޑު ފާހަގަކުރަން.
މި އަހަރުގެ ކުރީކޮޅު، އެޕްރީލް މަހުގައި، މި ރަށުގެ ކައުންސިލާ އަޅުގަނޑާ މާލެއިން ބައްދަލުކުރުމުގެ ފުރުޞަތު ލިބުނު. އެ ބައްދަލުވުމުގައިވެސް ރަށަށް ދިމާވެފައި ހުރި، މިހާރުން މިހާރަށްވެސް ކުރަންޖެހިފައި ހުރި ކަންތައްތަކުގެ ވާހަކަ، އެބޭފުޅުން އަޅުގަނޑާ ޙިއްޞާކުރި. އެގޮތުން ރަށުގެ ބަނދަރުގެ ވާހަކައާއި، ބިމުގެ ވާހަކަ، ޚާއްޞަ ގޮތެއްގައި ފާހަގަކުރި.
އަޅުގަނޑުމެން މި ރަށަށް ގެންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގެ ބަނދަރު ބޮޑުކުރުން އެބައޮތް. އިރާދަކުރެއްވިއްޔާ، މިހާރު މިދަނީ އެ ބިޑަށްލައި އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން. މި ރަށުގައި މިހާރު އޮތީ ސަތޭކަ ފަންސާސް ފޫޓް، ތިންސަތޭކަ ފޫޓުގެ ބަނދަރެއް. އިރާދަކުރެއްވިއްޔާ، ކައުންސިލުންވެސް އެދިފައި އޮތްގޮތަށް، މި ރަށުގެ ބަނދަރު، އިތުރަށް ތިންސަތޭކަ ފޫޓް ބޮޑުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދިވެސް އިތުރަށް ރައްޔިތުން ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުޞަތު އަދިވެސް އޮތް ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.
ތެދުފުޅެއް، މި ރަށަކީ މަސްވެރިކަމުގެ ރަށެއް. މަހަށް ރަނގަޅު އަގު ހޯދައިދިނުމަކީ، މި ސަރުކާރުން ވެފައިއޮތް ވަޢުދެއް. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އެބަ ގެންދަން. އެނގިވަޑައިގަންނަވާނެ، މި އަހަރަކީ ރާއްޖެއަށް ވަރަށް ރަނގަޅަށް މަސްވެރިކަން އައިސްފައި އޮތް އަހަރެއް. ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިކަން ރަނގަޅުވާނެކަމުގެ ނިޝާންތައް އެބަ ފެނޭ. ސަބަބަކީ، އިންޑިޔާ ކަނޑުގެ މަސްވެރިކަމަށް ދާއެޅުން. މީގެކުރިން ދާއަޅަމުން އައި މަސްވެރިކަމަށް މިހާރުވަނީ ކޮންޓްރޯލެއް ގެނެވިފައި. އެރެބިއަން ސީގައި ޚާއްޞަކޮށް، ދާ އަޅައިގެން މަސް މިހާރު ނެގެނީ ކޯޓަރއެއްގެ ދަށުން. މި އަހަރު އެއަށް ޢަމަލުކުރަން ފެށުމާ އެކީގައި، ވަކިވަރަކަށްވުރެ ގިނައެއްކޮށްނެތް، ކުރިންވެސް ދެންނެވި ފަދައިން، ދާއަޅައިގެން މަސްވެރިކަމެއް ނުކުރެވޭ.
އެހެންކަމުން، 1980ގެ އަހަރު ތެރޭގައިވެސް ރާއްޖެއަށް އެ އައިފަދަ ރަނގަޅު މަސްވެރިކަމެއް، ކުރިއަށް އޮތް ތަނުގައި އަންނާނެކަމީ މިހާރު ފެންނަން އޮތް ޙަޤީޤަތެއް.
އެހެންކަމުން، ސަރުކާރާއި އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން މިކަމަށް ވިސްނައި، ބަދަލުތަކެއް ގެންނަން އެބަޖެހޭ. މިފްކޯގެ ކެޕޭސިޓީ މިހާރަށްވެސް ކުޑަ. ސަރުކާރުން މިގެންދަނީ މިފްކޯއަށް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން ފެލިވަރާއި، ކޫއްޑޫ އިތުރަށް ބޮޑުކުރުމުގެ މަސައްކަތް، އިންފްރާސްޓްރަކްޗަރ އިތުރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިގެންދަނީ.
މިހާރު މިފްކޯއަށް މި ގަންނަ އަގުގައި ގަނެގެން، އޭގެ ފައިދާ ލިބޭގޮތުގައި، ދުނިޔޭގެ މާކެޓަކަށް ވިއްކޭކަށް ނެތް. އެހެންކަމުން، މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ އަޅުގަނޑުމެން މިފްކޯއަށް ގަންނަ މަސް، ވެލިއު އެޑްކޮށް، އެ ބަންދުކޮށް، ޕްރޮސެސްކޮށް، ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ، އޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މިފްކޯއިން ކުރަން ފަށާނެ. އެކަން ފެށުމާ އެކީގައި މިފްކޯއަކީ، ދެކޮޅުޖެހޭ ކުންފުންޏަކަށް ބަދަލުވެ، ގަންނަ މަހަށް، މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް، އެ ބޭފުޅުން ކުރައްވަމުން އެބަ ގެންދަވާ.
މިހާރުން މިހާރަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ފަދައިން ކުރަންޖެހޭ ކަމެއް އެބައޮތް. މި ރަށުގެ މަސްވެރިން ބާނާ މަސް، މި އަތޮޅުން، ނޫނީވިއްޔާ، މިހިސާބު ކައިރިން، މި ރަށުން، ކިރޭނެގޮތެއް އެބަ ހަދަންޖެހޭ. އަޅުގަނޑު މިފްކޯއަށް މި މައްސަލަ ގެންގޮސް، އިރާދަކުރެއްވިއްޔާ މިއަށް ރަނގަޅު ޙައްލެއް ގެނެސްދޭނަން.
އާދެ، އަޅުގަނޑުމެންނާ އޭރު ކައުންސިލުން ބައްދަލުކުރިއިރުގައި ދެއްކި، އިންޖީނުގޭގެ ވާހަކަވެސް. އަދި މި ރަށުގައި ސާފު ބޯފެން، ޑީސެލިނޭޝަން ޕްލާންޓެއް ބަހައްޓައިގެން ލިބޭނެ އުސޫލެއް އަދިއެއް ނެތް. އިރާދަކުރެއްވިއްޔާ މިހާރު އިންޖީނުގޭގެ މަސައްކަތް، ޢަމަލީ މަސައްކަތް ފެށުމާ ހިސާބުގައި އެއޮތީ. ދެންހުރި ކަންތައްތައްވެސް އަޅުގަނޑު މި ދެންނެވި ފަދައިން، ފެނުގެ ނިޒާމުވެސް އެއީ އަޅުގަނޑުމެން ސަރުކާރުން ވެފައި އޮތް ވަޢުދާ އެއްގޮތަށް، މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރަށަށްވެސް ފޯރުވިގެންދާނެ.
ސަރުކާރުން މިހާރު މި ދުވަސްކޮޅު، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެގޮތުން ދެ ހަފްތާ ކުރިން، އަޅުގަނޑުމެން ވާނީ ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިޢުލާނުކޮށްފައި. އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވީ ވަޢުދާއި، ތިޔަބޭފުޅުންގެ އެދުމާ އެއްގޮތަށް ރާއްޖޭގެ ރަށްރަށުން، އަތޮޅުތަކުން ރައްޔިތުން އެދިފައި ހުރި ކަންތައްތައް ތަންފީޒުކުރާނެ ގޮތްތަކެއް، ތާވަލެއް އެއޮތީ ރާވައި ނިމިފައި. ތިޔަ ހުރިހާ ބޭފުޅުންވެސް އެއަށް ބައްލަވައިލެއްވީމާ، މިވެނި ރަށެއްގައި، މިވެނި ކަމެއް ކުރާނީ ކޮންއިރަކުންކަން ވަރަށް ސާފުކޮށް އެނގިގެންދާނެ. އެގޮތުން މި ރަށަށްވެސް، މި އަތޮޅަށްވެސް ކުރަންހުރި ކަންތައްތައް، ވަރަށް ސާފުކޮށް އޭގައި ހިމަނާފައި ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އެ ކަންތައްތައް ތަންފީޒު ވެގެންދާއިރުގައި، ރައްޔިތުން މި ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ފަހިވެގެންދާނެ.
ހަމަ އެއާއެކުގައި، މިދިޔަ ހަފްތާ ނިމުނުއިރުގައި، އަޅުގަނޑުމެން ވާނީ ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ޤާނޫނު ހުށަހަޅާފައި. އެ އަންނަނީ ވަރަށް، ވަރަށްބޮޑު ބަދަލެއް ހިންގުމަށް. ސަރުކާރުން ކުރަމުން އައި ވަރަށްގިނަ ކަންތައްތައް، އަޅުގަނޑުމެން ކައުންސިލުތަކަށް އެބަ ދޫކޮށްލަން. ބާރުތައް އެބަ ދޫކޮށްލަން. މާލީގޮތުން ފުދުންތެރިކަން އެބަ ގެނެސްދެން.
ކުރިއަށް އޮތީ ކައުންސިލުގެ އިންތިޚާބު. ރައްޔިތުން ވިސްނުންތެރިކަމާ އެކީގައި އެކަން އެބަޖެހޭ ކުރަން. އަޅުގަނޑުމެން މި ދޫކޮށްލާ ބާރުތަކާއި، މާލީ ތަނަވަސްކަމުގެ ރަނގަޅު ފައިދާ ހެޔޮގޮތުގައި ރައްޔިތުންނާ ހިސާބަށް ގެނެސްދޭނެ ކައުންސިލެއް، ހަރަކާތްތެރި ކައުންސިލެއް އެބަޖެހޭ ހޯދަން. އަޅުގަނޑު ހިތުން ރައްޔިތުން، އެ އިންތިޚާބުގައި އެކަމާ ދޭތެރޭގައި ވިސްނައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަގުފަހިކޮށްދޭ ކަހަލަ ކައުންސިލެއް ހޮވައިދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މި ރަށުގައިވެސް އެބައޮތް.
އަޅުގަނޑުމެން އޭގެއިތުރުން، އިއްޔެ އެވަނީ އިންކަމް ޓެކްސްގެ ޤާނޫނުވެސް މަޖިލީހަށް ހުށަހަޅާފައި. މިއީވެސް ގެނެވޭ ވަރަށްބޮޑު ބަދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ރާއްޖޭގައި މިހުރި ޤުދްރަތީ ވަސީލަތްތަކާއި، ތަނަވަސްކަމުގެ ހަމަހަމަކަން، ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ގޮތް، އޭރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭނެ. މަސައްކަތްކުރަން ބޭނުންވާ މީހުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްފަހުގައި، އެ ލިބޭ އެއްޗެއް ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ހަމައަށް، ހަމަހަމަކޮށް ގެނެސްދިނުމުގެ މަސައްކަތް އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެން މިވަނީ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައި. ފަހި ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭނަން. ރާއްޖޭގެ، މި ދެންނެވި ޤުދްރަތީ ވަސީލަތްތަކުން ލިބޭ މަންފާ ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ އެއްކަމެއް އެއީ، ލިބޭ އާމްދަނީއިން ޓެކްސްއެއް ހޯދައި، އެ ރައްޔިތުންނާ ހިސާބަށް ގެނެސްދިނުން. އަޅުގަނޑުމެން ކުރަން މިއުޅެނީ އެކަންތައް.
އިރާދަކުރެއްވިއްޔާ، މި ޓެކްސް ތަޢާރުފުވެގެން ދިޔުމާއެކީގައި، އަޅުގަނޑުމެންނަށް ދައުލަތަށް ވަންނަ ފައިސާ މިހާރަށްވުރެ އިތުރުވެގެންދާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭން މި ބޭނުންވާ ކަންތައްތައް ކުރުމަށް، އިތުރު ފައިސާ، ސަރުކާރުގެ ބަޖެޓުގައި ހިމަނަން ފުރުޞަތު ލިބުން. އިރާދަކުރެއްވިއްޔާ، އެ ބިލުވެސް ފާސްވެގެން ދިޔުމާއެކީގައި، އަޅުގަނޑު މި ދެންނެވި ފަދައިން، ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭން ހުރި ކަންތައްތައް އިތުރަށް އަވަސްކޮށް، ހަލުވިކޮށް ކުރެވިގެންދާނެ.
މި ދެންނެވީ، މި ވަގުތަށް އަޅުގަނޑުމެން ކުރަމުންގެންދާ ބައެއް މުހިންމު ކަންތައްތައް. އޭގެ އިތުރުން، އަޅުގަނޑުމެންގެ މި ސަރުކާރުން އަބަދުވެސް ވިސްނާ އެއްކަމެއް އެއީ ހަމަޖެހުމާއި، އިންޞާފު ރާއްޖޭގައި ޤާއިމުވެފައި އޮތުން. ތަރައްޤީއަށްޓަކައި އެންމެ ބޭނުންވާ މުހިންމު އެއްކަމަކީ ހަމަޖެހުން. ހަމަޖެހުން ނެތް ތަނެއްގައެއް އިޤްތިޞާދެއް ކުރިއެއްނާރާނެ. އެހެންކަމުން، ސަރުކާރުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަޅުގަނޑު ދެކޭ އެއްކަމަކީ، ރާއްޖޭގައި ހަމަޖެހުން ޤާއިމުވެފައި އޮތުން. ރާއްޖޭގައި ޤާނޫނުއަސާސީ އިން ލިބިދީފައި އޮތް މިނިވަންކަން އޮންނާނެ. އެއަކަށް އަޅުގަނޑުމެން ހުރަހެއްނާޅަން.
އެހެންނަމަވެސް، ރާއްޖޭގައި ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް އަޅުގަނޑުމެން ހުއްޓުވާނަން. އެއީކީއެއް އަޅުގަނޑުމެން ފުރުޞަތުދޭނެ ކަމެއް ނޫން. ރާއްޖޭގައި އޮންނާނީ އިސްލާމްދީން. އިސްލާމްދީނަށް ގޮންޖަހާފައި، އެއަށް ބަދުބަސް ބުނެ، ރަސޫލާއަށް މަލާމާތްކޮށް، އެއީ އަޅުގަނޑުމެން ފުރުޞަތުދޭނެ ކަމެއް ނޫން. ހަމައެއާއެކީގައި، އިސްލާމްދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން.
އެނގިވަޑައިގަންނަވާނެ، އިހަށްދުވަހު އަޅުގަނޑުމެން ވާނީ އެންޓި-ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނެސްފައި. އެ އިޞްލާޙުތަކުގެ ބޭނުމަކީ، ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމެއްނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިޔާއަށް ގޮސް ހަނގުރާމަކުރާކަށް. އެއީކީއެއް ދިވެހީން ކުރަންޖެހޭ ކަމެއްނޫން. ސީރިޔާގައި، އަފްޣާނިސްތާނުގައި އެ ކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަތަކެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީކީ. އެހެންވީމާ، އެ ތަންތަނަށް ގޮސް އެކުރާ ހަނގުރާމަތަކުގައި ރައްޔިތުން ބައިވެރިވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އަދި އެކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯދައި، އެކަންވެސް އަޅުގަނޑުމެން ކުރާނަން. އެއީ ރާއްޖޭގެ ޞުލްޙައާއި، އަމާންކަމަށްޓަކައި އޭރަކު އޮންނަ ވެރިކަމަކުން ކުރަންޖެހޭ ކަމެއް.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެރިކަމަށް މި އައިގޮތް، ރައްޔިތުން އަޅުގަނޑުމެން ވެރިކަމަށް މި ގެނައި ސަބަބު، އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭތީ، ރައްޔިތުންގެ ހަމަޖެހުމާއި، އިންޞާފާއި، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އަޅުގަނޑުމެން ރާވައިގެން، އިންތިޒާމުކޮށްގެން، ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އޮތީ ރަނގަޅު އުފާވެރި މުސްތަޤުބަލެއް.
އަޅުގަނޑުމެންގެ ދުޢާއަކީ، މި ރަށަށާއި، މި ރަށުގެ ރައްޔިތުންނަށާއި، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ﷲ މިންވަރު ކުރެއްވުން.
އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޠާހިރު ޢަބުދުއްރާފިޢު، އަދި ހޮސްޕިޓަލްގެ މުވައްޒަފުން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުން، އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
އާދެ، މިރެޔަކީ ދ. އަތޮޅަށް، ވަކިން ޚާއްޞަކޮށް، ކުޑަހުވަދުއަށް ވަރަށް އުފާވެރި ރެޔެއް. ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި މި އަތޮޅާއި، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތަހުނިޔާއާއި މުބާރަކްބާދީވެސް ދަންނަވަން.
އަދި މިއުފާވެރި ޙަފްލާގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނަށާއި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި މުނާސަބަތަށް ވެފައިވާ ތައްޔާރީތަކަށްޓަކައި، މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، ވަރަށްވެސް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.
ފެންނަން ހުރި ޙަޤީޤަތަށް ބަލާއިރު މިއީ، ޞިއްޙީ ޚިދުމަތުގައި ވަރަށް ކާމިޔާބު ހޮސްޕިޓަލެއް. އެކަމަށްޓަކައި، މި ޚިދުމަތް މިރަށުގައި ފެށްޓެވި ބޭފުޅުންނަށާއި، މި ހޮސްޕިޓަލުގެ ތަރައްޤީއަށްޓަކައި، މިދިޔަ ބައި ޤަރުނުގައި ޚިދުމަތްކޮށްދެއްވި އެންމެހައި ބޭފުޅުންނަށްވެސް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން.
މި ހޮސްޕިޓަލަކީ، ރަށްރަށުގެ ތަރައްޤީއަށްޓަކައި، ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމުކަން، ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ހެތްކެއް. މި ހޮސްޕިޓަލް އުފަންވެގެން އައީވެސް، ވަކި އިންތިޒާމެއްގެ ތެރެއިން، ޞިއްޙީ ޚިދުމަތް ދޭންޖެހޭނެ ކަމަށް، މި ރަށުގެ ރައްޔިތުންނަށް ގަބޫލުކުރެވި، ރައްޔިތުން އެކަމަށް އިސްނަގައިގެން ކުރި މަސައްކަތުން.
އަދި ހޮސްޕިޓަލް މިހާރު މިހުރި ފެންވަރަށް ތަރައްޤީ ކުރުމުގައިވެސް، މި ރަށުގެ ރައްޔިތުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ. ވަކިން ޚާއްޞަކޮށް، އެކި ދުވަސްވަރު
މި ހޮސްޕިޓަލް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި އެކި ބޭފުޅުން ކުރެއްވި ޚިދުމަތްތައް، މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި.
އާދެ! މިއީ ރާއްޖޭގައި ހަތަރުވަނައަށް ހުޅުވުނު ޞިއްޙީ މަރުކަޒު. މި ދައްކަނީ މީގެ 50 އަހަރު ކުރީގެ ވާހަކަ. އޭރު ރާއްޖެ އޮތްގޮތް، މި އަތޮޅު އޮތް ގޮތް، އަދި މި ރަށް އޮތް ގޮތް، ރަނގަޅަށް ހަނދާން ހުރި ބޭފުޅުން، މި ތަނުގައި ކޮންމެވެސް ވަރަކަށް ތިއްބަވާނެ. ރައްޔިތުންގެ ހޭލުންތެރިކަމާއި، ޚިދުމަތްތަކާއި ވަސީލަތްތައް ހުރިގޮތް، މިހާރާ ބަލާއިރު ވަރަށް ތަފާތު.
އޭރު ރާއްޖޭގެ ގިނަ ރަށްރަށަކީ، ބޮޑެތި އެތައް ބަލިތަކެއްގެ ހާއްޔެއް. ފައިލޭރިޔާ، މެލޭރިއާ، ޕޯލިއޯ، ކެއްސުންބަލިފަދަ، ކިތަންމެ ބައްޔެއް ދިޔައީ ރަށްރަށުގައި ފެތުރެމުން.
އެ ބަލިތަކުގައި އެތައް ބަޔަކު މަރުވެގެންދިޔަ. އޭރު އެ ބަލިތަކަށް ބޭސްކުރަން ތިބި ބަޔަކީ، ޙަކީމީ ބޭސްވެރިން. ފަންޑިތަވެރިންނާއި ދިވެހި ބޭސްވެރިން. އެއީވެސް ވަރަށް މަދު ބައެއް.
މިހާރު މި ފެންނަ ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން ރާއްޖެއަށް ތަޢާރުފްވީ 1970ގެ އަހަރުތަކުގެ ތެރޭގައި. އޭގެފަހުން، މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް، އަދި މުޅި ޞިއްޙީ ނިޒާމަށް ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. އޭގެ ތެރޭގައި ވަރަށް ރަނގަޅު ބަދަލުތައްވެސް ހިމެނޭ. އަދި ނުރަނގަޅު ބަދަލުތަކެއް މިހާރުވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.
އެންމެ ރަނގަޅު ބަދަލަކީ، ކުރިން މިދެންނެވި ފަދަ، ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ރާއްޖެއިން ނައްތައިލެވުން. ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ތަރައްޤީ ކުރެވުން. ނަމަވެސް ދުޅަހެޔޮ ދިރިއުޅުމަކަށް އަޅުގަނޑުމެން ވިސްނާއިރު ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަ.
ތަފާތު ބަލިތަކުގައި ދިވެހިން މަރުވާ ނިސްބަތަށް ބަލާއިރު، މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީވެސް، ދެންމެ ހެލްތް މިނިސްޓަރ ވިދާޅުވި ފަދައިން، ގައިންގަޔަށް ނާރާ ބަލިތަކުގައި. އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ އެފަދަ ބަލިތަކުގައި. މި ދެންނެވީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް.
މީގެ ތެރެއިން ވަރަށް ގިނަ ބަލިތަކަކީ، ދުންފަތާ ވަރަށް ބޮޑަށް ގުޅިފައި ހުރި ބަލިތައް. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިންސައްތަ، އެންމެ މަތީ އެއް ޤައުމު. ރާއްޖެއަށް އަހަރަކު 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެބަ އެތެރެކުރޭ. އެއީ އަޅިޔަށް ހަދައި އިސްރާފުކުރެވޭ 1.6 ބިލިޔަން ރުފިޔާ.
އާދެ! ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ. އަޅުގަނޑު ހިތުން މިފަދަ ހޮސްޕިޓަލްތަކުން އެކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ.
ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ނައްތާލެވިފައި ވިޔަސް، ޞިއްޙީ ޚިދުމަތުގެ ތެރެއިން އަޅުގަނޑުމެން މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް، ކުރިންވެސް ދެންނެވި ފަދައިން މަދެއް ނޫން. ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކިތަންމެ ބައްޔަކާ، އަޅުގަނޑުމެން މިއަދު މިވަނީ ހަނގުރާމަ ކުރަން ޖެހިފައި.
ނަމަވެސް، އެފަދަ ބަލިތަކުގެ ހަމައެކަނި ފަރުވާއަކީ، ބޭސް ކަމުގައި ދެކިގެން، އެމައްސަލައަށް ޙައްލެއް ލިބޭކަށް ނެތް. އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި، ކެއުންބުއިމުގައި ޞިއްޙީ މިންގަނޑުތަކަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން.
ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމަޢުގެ ފަރުދުންނާއި ޢާއިލާތަކުގެ ޞިއްޙަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުން. އެކަން ހާސިލުކުރެވޭނީ، ރަށު ފެންވަރުގަޔާއި، އަތޮޅު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި އެކަމަށް މަސައްކަތް ކޮށްގެން. އާދެ! މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކޮށްގެން.
ގައިންގަޔަށް އަރާ ބަލިތައް، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ނައްތައިލެވުނީ ކީއްވެގެންތޯ ވިސްނައިލުން މިއަދު މުހިންމު. މިތާ ތިއްބެވި ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، އޭރުގެ ކޮމިޔުނިޓީ ހެލްތު ވަރކަރުންނާއި، ނަރުހުންނާއި، ޞިއްޙީ ޚިދުމަތްތެރިން، ގެއިން ގެޔަށް، ދޮރުން ދޮރަށް ހިންގަވައިގެން، ކުރެއްވި މަސައްކަތް.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ޙަޤީޤީ ކާމިޔާބީއަކީ އެއީ. މިއަދު އަޅުގަނޑުމެން ޢާންމު ޞިއްޙަތުގެ ވާހަކަ ދައްކާއިރު، ހޭލުންތެރި ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އިތުރުކުރަން އެބަޖެހޭ. ޢާންމު ޞިއްޙަތާމެދު ހޭލުންތެރިކުރުމަށް، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތް، އަލުން މިއޮތީ ފަށަން ޖެހިފައި.
އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން، އެކަން ފާހަގަކުރިޔަސް، އެންމެ އެކަށީގެންވާ ފެންވަރަށް އަދިވެސް ޞިއްޙީ ޚިދުމަތް ލިބެން ނެތްކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަމުގައި ވަރަށް ގިނަ ދަތިތައްވެސް އެބަހުރި. ވަސީލަތްތަކުގެ ދަތިކަމާއި، ޖާގައިގެ ދަތިކަން، އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އިންތިހާއަށް އެބައޮތް.
އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތީ، މި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް. މި ހޮސްޕިޓަލުގެ އާ ޢިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ވަނީ ބަޖެޓްކުރެވިފައި. އެހެންވީމާ، މިހޮސްޕިޓަލުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކުގައި، އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ކުރިއަށްދާނެ.
ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި، މިރަށަށްވެސް، މި އަތޮޅަށްވެސް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، އިމަރޖެންސީ ޙާލަތުގައި މާލެއަށް ގެންދަންޖެހޭ ބަލިމީހާ ގެންދިޔުމަށް ހުރި ދަތިތައް. ޚާއްޞަކޮށް، ވައިގެ މަގުން ބަލިމީހާ މާލެއަށް ގެންދިޔުމުގައި ހުރި ދަތިތައް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިއަދު ކައުންސިލާ އެކީގައި ވީ ބައްދަލުވުމުގައި ވާހަކަ ދެއްކިގޮތަށް، އެކަމަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް، އަޅުގަނޑުމެން ކުރާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން.
މިރަށަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއް. ވަސީލަތްތައް އެބަހުރި. އެކަށީގެންވާ އާބާދީއެއްވެސް އެބައޮތް. މިހާރުވެސް ރަޖިސްޓްރީއަށްވުރެ ގިނަ މީހުން، މި ރަށުގައި ދިރިއުޅެމުން އެބަދޭ. މަސްވެރި އަދި ފަތުރުވެރިކަންވެސް ފުޅާކޮށް، މި އަތޮޅުގައި އެބައޮތް. އެހެންކަމުން، މި ރަށް މިއޮތީ ތަރައްޤީއަށް ހަމަ ފައްކާވެފައި.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތަރައްޤީގެ ޕްލޭނުގައި މި ސަރަޙައްދުގައި ޤާއިމުކުރެވޭ އަރބަން ސެންޓަރެއްގެ ގޮތުގައި، އަޅުގަނޑުމެން މި ރަށް ތަރައްޤީ ކުރާނަން. އަދި އެފަދަ އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ، މިރަށުގައި ޤާއިމު ކުރެވިގެންދާނެ.
އެގޮތުން އަޅުގަނޑު މި ދެންނެވި ފަދައިން، ހޮސްޕިޓަލް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރަށް، ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާއި، ފެރީ ޓަރމިނަލް ހެދުމާއި، މިރަށަށް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓާއި، އަދި މި އަތޮޅުގެ މީހުން ބާނާ މަސް، ފަސޭހައިން ގަނެވޭނެ ގޮތްތައް އިންތިޒާމު ކުރެވިގެންދާނެ. އަދި މިރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާއިރުގައި، މިރަށުގައި ޒޯން ސްޓޭޑިއަމެއް ރަނގަޅަށް ތަރައްޤީ ކުރެވިގެންދާނެ.
މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކެއް ކަމުގައިވެސް އަޅުގަނޑު ދަންނަވަން.
އާދެ، އަޅުގަނޑުގެ ވާހަކަ މިހިސާބުން ނިންމާލަމުން، އަދިވެސް އެއްފަހަރު މިއަދަށް، މިކަމަށް ތައްޔާރުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، ޤައުމުގެ ތަރައްޤީއަށް އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވައި، ޞިއްޙީ ދާއިރާއަށް ކުރިއެރުމާއި ފާގަތިކަން، މާތް ﷲ މިންވަރުކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހިރާއްޖޭގެ މި އަހަރުގެ އުފާވެރި އަދި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ރާއްޖޭގެ ޤައުމިއްޔަތާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި، އެންމެހައި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެބަޠަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން] އެރުވުނު ދެބޭފުޅުންނަށް، އާދެ، ހެންވޭރު ހިކަރި އަޙްމަދު އާދަމަށާއި، ހެންވޭރު އާމުލީގޭ ޢަބްދުﷲ ޞާދިޤަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.
މި ޖަލްސާގައި ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރިޕޯޓުންވެސް އެބޭފުޅުން ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. އާދެ، އެ ދެބޭފުޅުންގެ ތެރެއިން އަޙްމަދު އާދަމަކީ، ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު ވަރުބަލިފުޅުވުމެއްނެތި، ޚާއްޞަކޮށް، އިންޖިނިއަރިންގގެ ދާއިރާއާއި، މަސައްކަތްތެރިކަމުގެ ދާއިރާއިން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް ހުނަރުވެރި ފަންނީ ބޭފުޅެއް.
ޢަބްދުﷲ ޞާދިޤަކީ، އެކި ރޮނގުރޮނގުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވައި، އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއް. އެހެންކަމުން، އެ ދެބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.
މިރޭގެ މި ޖަލްސާއަކީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާ ޖަލްސާ. އެހެންކަމުން، މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އެބޭފުޅުންގެ ތެރޭގައި، މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ތިން ބޭފުޅަކުވެސް ހިމެނޭ. އެހެންކަމުން، އެބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވައި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި، މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.
މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މިރޭ މި އިނާމު އެރުވޭ ހުރިހާ ބޭފުޅުންވެސް، އެބޭފުޅުން އެ ކުރައްވާ ޚިދުމަތުގައި އަދިވެސް އިތުރަށް ކުރިއަށް ވަޑައިގެން، ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
މި އަހަރުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، ކޮމިޓީގެ ޗެއަރޕަރސަން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަނީސާ އަޙްމަދަށާއި، ކޮމިޓީގެ ހުރިހާ މެމްބަރުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން އުވެމުން ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އެބަޖެހޭ. ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމަކީ، ދިވެހި ޤައުމިއްޔަތުގެ ވަރަށް މުހިންމު ބަހާއެއް. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައިވެސް ކުރަން ޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއް.
ރާއްޖޭގެ ޤައުމީ ދުވަހަކީ، ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރާ ހުރިހާ ދުވަސްތަކުގެ ތެރެއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް. ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާ އެންމެ ބޮޑަށް ގުޅިފައިވާ ދުވަހަކީ ޤައުމީ ދުވަސް.
ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން. މުސްތަޤިއްލު ޤައުމެއްގެ ނަމުގައި ބަޔަކު އުފަންވެ، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޭވާލުމުގެ ޙައްޤު ލިބިގެން އަންނަނީ، މި ދެންނެވި ސިފަތައް ފުރިހަމަވެގެން.
މި ރާއްޖޭގެ ލިޔެވިފައި އޮތް ތާރީޚު ހެކިދޭ ގޮތުން، ހިންދު ކަނޑުގެ ކުދި ޖަޒީރާތަކެއްގެ މާބަނޑުން، ދިވެހިރާއްޖެޔޭ މިކިޔާ ދައުލަތް އުފަންވެ ނޭވާލާން ފެށީ، މިދެންނެވި ހުރިހާ މިނިވަންކަމަކާއި ހުރިހާ ހައިސިއްޔަތެއް ލިބިގެން. އެއާއެކުވެސް، ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި، އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މި ދެންނެވި ސިފަތައް، އެތައް ފަހަރަކު ގެއްލިގެންދިޔަ.
ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް، ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި މި ފާހަގަކުރަނީ، ކީއްވެތޯ އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ. އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ ކޮބައިތޯވެސް އެބަ ބަލައިލަންޖެހޭ. އެހެނީ ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުންތައް. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، އަޅުގަނޑުމެން އެ ދީނެއް ގަބޫލުކޮށްގެން މިތިބަ، މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ މާދަރީ ބަހާއި، އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި ތަރިކަ.
އާދެ މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން، ޤައުމީ ޖިހާދަށް ނުކުމެވަޑައިގެންނެވިއިރު، މި ރާއްޖޭގެ ޤައުމިއްޔަތުން ނުގެއްލޭ އެންމެ ސިފައެއް، ނިގުޅައިނުގަންނަ އެންމެ މިނިވަންކަމެއް، އަދި ދިވެހިންގެ ކިބައިން ފޭރިނުގަންނަ އެންމެ ޙައްޤެއްވެސް ނެތް. މިއީ އެ މިނިވަންކަމާއި، އެ ޙައްޤުތަކާއި އެ ޤައުމިއްޔަތު އަނބުރާ ދިވެހިންނަށް ލިބުމުގެ އުފާވެރި ހަނދާންތައް އައުކުރާ ދުވަސް.
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށްފަހު، ފާއިތުވެގެން މިދިޔަ އަހަރުތަކުގައި ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަމަށް ލޮޅުންއެރި ބައެއް ޙާދިޘާތައް އަޅުގަނޑުމެންނާ ކުރިމަތިވި. އެއިން ކޮންމެ ފަހަރަކު މި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ދިފާޢުކުރުމަށް، ހިތްވަރުގަދަ، ކެރޭ ދިވެހި ދަރިންތަކެއް ވަނީ ނުކުމެފައި. މިއަދަކީ އެފަދަ ހުރިހާ ޤައުމީ ބަޠަލުންގެ ޒިކުރާ އައުކުރަންވީ ދުވަސް.
އާދެ! މަތިވެރިވި ދިވެހި އަޖްދާދުންނަށް މަތިމައްޗަށް ހުންނަ މި ސާބަސްތައް
ފަތިފައްޗަށް އަމުނައިގެން މިގޮތަށް، މަތިވެރި ޝުކުރު އަދާކުރަންވީ ދުވަސް.
21 ވަނަ ޤަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން އަންނައިރު، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިއްޖެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް މިވަނީ ލިބިފައި.
އޭގެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް އިންތިހާއަށް އެބަ ލިބޭ. ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފެށި. މިއަދު ހިތާމައާއެކު ދަންނަވަން ޖެހެނީ، އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ވާހަކަ. މިއީ ފެންނަން އޮތް ޙަޤީޤަތެއް.
ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދޭ. ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައިވެސް އެބަ ބުނޭ. އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދޭ.
އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ގޮތްތައް، ޢާންމު ދިރިއުޅުމުގެ ތެރެއަށް އެބަ ވައްދާ. ދީނުގެ ދިފާޢުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން އެބަދޭ. އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރަމުން އެބަދޭ. މިއަދު އެއްފަހަރާ އެއްއަޑުން އަޅުގަނޑުމެން އެންމެން މިކަންކަމަށް ނޫނެކޭ ބުނަން އެބަޖެހޭ.
މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
ހަމައެފަދައިން އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުޞަތު ނުދޭނެ ވާހަކަ ދަންނަވަން.
މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން. މިއީ މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއް. މިއަދު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މިއަދު މިކަންކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެދުވަހު ކޮބައިތޯ؟
މިކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބަޔަކު ތިބި. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަން އެބަޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ.
އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު،
މި ސަރުކާރުން ކުރާނެކަން.
ހަމައެފަދައިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްވެސް، ޤާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ފުރުޞަތު، ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭނެކަން އަޅުގަނޑު ޔަޤީންކޮށް އަރުވަން. މި ސަރުކާރުން އެ މިނިވަންކަމަށް ހުރަހެއްނާޅާނެ.
އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި އެކަމަށް ޤާބިލް ޢިލްމުވެރިން އެބަ ތިއްބެވި. އިސްލާމީ ރިސާލަތުގެ އަސާސަކީވެސް، ޙިކްމަތްތެރިކަމާއި ރިވެތި ނަޞޭޙަތުން މީހުންނަށް ކަންކަން ވިސްނައިދީ، ހެޔޮ މަގު ދެއްކުން.
ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާށޭ. އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވާށޭ.
އަޅުގަނޑުގެ ހިތަށްއަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!
މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން. މި ރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމިއްޔަތު، ދިރުވައި އާލާކޮށް، ދިވެހި އުންމަތުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަލްފާޟިލް ޢަލީ ހާޝިމް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެންބަރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ބޯޑު މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަޅުގަނޑުމެން މިހާރު ކަޑައްތުކުރަމުން މި އަންނަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާމެދު، ފުން ނަޒަރަކުން ވިސްނަން ޖެހިފައިވާ ދުވަސްވަރެއް. މިފަދަ ދުވަސްވަރެއްގައި، މިފަދަ ފޯރަމެއް ބާއްވާކަމަށްޓަކައި، މި ފޯރަމް އިންތިޒާމް ކުރެއްވި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެރިންނަށާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ފޯރަމްގައި ބައިވެރިވާ، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާވެސް ދަންނަވަން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޢުމުރުގެ މީހުން، ނުވަތަ މި ޖީލުގެ މީހުން ދުނިޔެއަށް ނޭވާލާން ފެށިއިރު، ރާއްޖެއަކީ ވަރަށް ފަޤީރު ޤައުމެއް. ނަމަވެސް، އަބަދުވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތަރައްޤީވެ ކުރިއަރަން މަސައްކަތް ކުރާ ޤައުމެއް. އޭގެ އެންމެ ބޮޑު ހެއްކަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައިގެންދިޔަ މިންވަރު.
މީގެ އެންމެ 8 އަހަރު ކުރިން، އާދެ، 2011 ވަނަ އަހަރާ ހަމައަށް ރާއްޖެ އޮތީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި. ނަމަވެސް، އެ އަހަރުގެ ތެރޭގައި ރާއްޖެ ވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ނުވަތަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް ހިޖުރަކޮށްފައި.
އެއީ، ބައިނަލްއަޤްވާމީ އިޤްތިޞާދީ މިންގަނޑުން ޤައުމުތައް ގިންތިކުރުމުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް. ނަމަވެސް، އެ ބަދަލުގެ ސަބަބުން، ރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ބައިނަލްއަޤްވާމީ ވިޔަފާރީގައި، އޭގެ ކުރިން ރާއްޖެއަށް ލިބެންހުރި ބައެއް ޢިނާޔަތްތައް ހުއްޓިގެންދިޔަ. އެ ދުވަސްވަރު އެކަން ތަޖުރިބާ ކުރެއްވި ކިތަންމެ ބޭފުޅުންނެއް މި ފޯރަމްގައިވެސް އެބަތިއްބެވި.
ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ، އޭގެ ޒާތުގައި ރާއްޖެއަށް ލިބުނު މާބޮޑު ކުރިއެރުމެއް ނޫން. ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ދެންނެވި ބަދަލުގެ ސަބަބުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދަން ރާއްޖެއަށް މަޖުބޫރުވޭ.
އަޅުގަނޑު ގަބޫލުކުރާ ގޮތުން، މި ފޯރަމަކީ އެކަމަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމެއް. ކެޕިޓަލް މާކެޓަކީ ރާއްޖޭގެ އިޤްތިޞާދަށް ހަކަތަ ފޯރުކޮށްދޭ މައި އިންޖީނު. ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.
ވަކިން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ފޯރަމަށް ކަނޑައަޅުއްވާފައިވާ ޝިޢާރު؛
Capital Market for Social Harmony
އާދެ! އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި، ކެޕިޓަލް މާކެޓަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ. ކޮންމެ މުޖުތަމަޢެއްގެވެސް ހަމަޖެހުމާއި އަމާންކަން ބިނާވެފައި މި އޮންނަނީ، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ފަރުދުންގެ ފުދުންތެރިކަމާއި ތިޔާގިކަމުގެ މައްޗަށް. ޒަރޫރީ ބޭނުންތައް ފުއްދޭވަރަށްވުރެ ފަޤީރުކަމާއި އަތްމަތި ދަތިކަން އިތުރުވުމުން، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް މަގު ފަހިވެގެންދޭ.
ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގައި ޢަމަލީ ގޮތުން ކޮންމެ މީހަކަށް ބައިވެރިނުވެވިދާނެ. ނަމަވެސް، ކެޕިޓަލް މާކެޓް މެދުވެރިކޮށް، ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވުމަކީ، ކޮންމެ ފަރުދަކަށްވެސް އޮތް ފުރުޞަތެއް. ޤައުމީ ޞިނާޢަތްތަކުގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، ކެޕިޓަލް މާކެޓުގެ ޙިއްޞާ ވަރަށް ބޮޑު.
މުޅި މުޖުތަމަޢުގެ ނިސްބަތުން ބަލާއިރު، ފަރުދުންގެ ފުދުންތެރިކަން ބިނާވެފައި އޮންނަނީ، ހަމައެކަނި ވަޒީފާއިން ލިބޭ އާމްދަނީގެ މައްޗަކަށް ނޫން. ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ދައުރު، މިކަމުގައި މާ ބޮޑު. ރާއްޖެއަށް ބަލާއިރު، އިޤްތިޞާދީ ވައްބުރުގެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް.
ރާއްޖޭގައި މިހާރުވެސް ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ ނިޒާމުވެސް އެބައޮތް. ނަމަވެސް، މި ވިޔަފާރިތަކަށް ކުރިއެރުމުގައި ދިމާވާ ގޮންޖެހުންތަކެއް އެބަހުރި. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ވިޔަފާރިތަކަށް އެކަށޭނަ މިންވަރަށް، ރާއްޖޭގެ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުން. ހަމައެކަނި ބޭންކިންގ ނިޒާމުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބޭކަށް ނެތް.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކުރާ އުޞޫލަށް ބަލާއިރު، ރާއްޖޭގެ މި މައްސަލައަށްވެސް އޮތް އެންމެ ރަނގަޅު ޙައްލެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ކެޕިޓަލް މާކެޓް. ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓް ހެދިދާނެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތަކެއް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، މި ދެންނެވި ސްކީމްތައް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް.
ރާއްޖޭގެ އާބާދީ ކުޑަވުމާއި، ކުދި ރަށްރަށަށް އާބާދީ ފެތުރިފައި އޮތުމަކީ، ތަރައްޤީގެ މަޝްރޫޢުތަކުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަކީން ބޮޑު ގޮންޖެހުމެއް. ނަމަވެސް، މާލީ އިދާރާތައް ގުޅިގެން މިކަމަށް އެދެވޭ ހައްލުތަކެއް ހޯދިދާނެ.
އިންވެސްޓްމަންޓް ބޭންކިންގ ތަޢާރަފްކޮށް، ސަރުކާރާއި ބޭންކްތަކާއި، އެހެނިހެން އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ކެޕިޓަލް މާކެޓުގައި ފަންޑުތައް ޤާއިމުކުރެވިދާނެ. އަދި "ޕަބްލިކް - ޕްރައިވެޓް ޕާޓްނަރޝިޕް"ގެ އުޞޫލުން އިންވެސްޓްމަންޓްތައް ބައްޓަންކޮށް، މިފަދަ ފަންޑުތައް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންޑު، ކެޕިޓަލް މާކެޓު މެދުވެރިކޮށް ފޯރުކޮށްދެވިދާނެ.
މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަޅުގަނޑު ވާނީ، "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދާފައި. މިއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް. ބޭނުމަކީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުން.
އަދި ރާއްޖޭގެ ސިނާޢަތްތަކުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. މި ދެންނެވި ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމަށް ކެޕިޓަލް މާކެޓަކީ ވަރަށް އެކަށޭނަ މުއައްސަސާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ ވަރަށް ބޮޑު ބައެއް، ރާއްޖޭގެ އިޤްތިޞާދުން ބޭރުވެގެން އެބަދޭ. އެއީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ރާއްޖޭގައި އިތުރަށް އިންވެސްޓްކުރެވޭނެ ވަސީލަތްތައް ހަމަޖެހިފައި ނެތުމުން.
ނަމަވެސް، މި ފައިސާ އިންވެސްޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި ތަޢާރަފްކުރުމަކީ، ރާއްޖޭގެ މާކެޓުން ލިބޭ ފަންޑު އިތުރުކުރުމަށް އޮތް ބޮޑު ފުރުޞަތެއް. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ކްރޮސް ބޯޑަރ ފްރޭމްވާރކްތައް ތަޢާރަފްކޮށްގެން، ބޭރުގެ އިންވެސްޓަރުންނަށް މިފަދަ ފަންޑުތައް ހުޅުވާލައި، ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ އަދަދަށް ފަންޑު ލިބޭނެ ގޮތްތައް ހޯދިދާނެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ކެޕިޓަލް މާކެޓުގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫތައް ހަލުވި ދުވެއްޔެއްގައި ހިންގިދާނެ. އޭރުން ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުން ވަރަށް ފަސޭހަވާނެ.
ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަޞައްވުރެއް. އެހެންކަމުން، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން.
ސަރުކާރުގެ އިސްނެގުމާއެކު، އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރެވެމުން. މި މަޝްރޫޢާއި އަދި މި ފަދަ އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ، ޢާންމުންގެ ބައިވެރިވުމާއެކު، އިސްލާމިކް ކެޕިޓަލް މާކެޓުގެ ތެރެއިން ހަމަޖެއްސުމަކީ، މި ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް.
ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު. ފަސްގަނޑު ތިރިވެފައި، ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ޤައުމެއް. އެހެންކަމުން، އަޅުގަނޑުމެން ތަރައްޤީގެ ރޮނގުން އެންމެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް އަޅުގަނޑު ދެކެން. އެންމެންވެސް އެއްބަސްވާ ޙަޤީޤަތަކީ ރާއްޖެ ދެމިއޮންނާނީ ތިމާވެށި ހިމާޔަތް ކުރެވިގެންކަން.
ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މާލީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މާލީ ދާއިރާއިން ތިމާވެށީގެ ހިމާޔަތުގައި ދެގޮތަކަށް ކުރިއަށް ދެވިދާނެ ކަމަށް ފެނޭ. އެއީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން. އަނެއް ގޮތަކީ ޚިދުމަތް ދިނުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަ ގޮތަކަށް ކުރިއަށްދިޔުން.
މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އަޅުގަނޑުމެން ތަރައްޤީ ހާސިލުކުރަން ބޭނުންވަނީވެސް ދެމެހެއްޓެނިވި ގޮތެއްގައި. އެކަން ކުރެވޭނީ، ވަގުތީ ޙައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ޙައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަންދީގެން. ތިޔަބޭފުޅުން މި ފޯރަމްގައި މަޝްވަރާ ކުރައްވާއިރުވެސް، ވިސްނުން އަމާޒުކުރައްވަންވީ ހަމައެކަނި މިއަދުގެ މައްސަލަތަކަކަށް ނޫން.
އަޅުގަނޑުމެން އެންމެންވެސް މި ކުރަނީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން ގުޅިގެން، އެއް ޢަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ނަތީޖާ ހާސިލުކުރުމަކީ މާ ދަތިކަމަކަށް ނުވާނެ.
އަޅުގަނޑުގެ އުންމީދަކީ، މި ފޯރަމް ކާމިޔާބުވެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިކުރެވޭނެ ގޮތްތަކެއް އުފަންވެގެން ދިޔުން. ރާއްޖޭގެ އިޤްތިޞާދަށް ފާގަތިކަމާއި ކުރިއެރުން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
2019 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުން، ދިވެހި ޢަސްކަރިއްޔާގެ ބަދަހި ސަފުތަކުގެ ފަހުލަވާނުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވަން. މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި، ދުޝްމަނުންގެ މައްޗަށް، މުޅި ދިވެހި އުންމަތަށް، اللهُ سُبْحَانَهُ وَتَعَالَى ދެއްވެވި މަތިވެރި ނަޞްރާއި ކާމިޔާބީގެ ހަނދާން އައުކުރާ ދުވަސް. އެފަދަ މަތިވެރި ނަޞްރެއް ދެއްވިކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.
އެ ދުވަހުގެ ނުރައްކާތެރި ޙަމަލާގައި، ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
ވަކިން ޚާއްޞަކޮށް، އެދުވަހުގެ ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަ ކަމުގައި ވެގެންދިޔަ ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި الله ُسُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ހަމައެފަދައިން، އެދުވަހު، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ޖިހާދު ކުރެއްވި، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި އެ ޢުދުވާނުގެ ކުރިމަތީގައި، ޢާންމު ރައްޔިތުން ދެއްކި، ނުގުޑާފަދަ ހިތްވަރާއި ޢަޒުމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އައްސަރިބަހާއި ސާބަސް ރައްދުކުރަން.
ދުވަހާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް، މިރޭ ހާސިލުކުރެއްވި ސިފައިންގެ 9 ބޭކަލުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ދާދިފަހުން މާލޭގެ ގެތަކެއް އަނދައިގެންދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ތިޔަބޭފުޅުން އެ ހިތްވަރު ނުދެއްކެވިނަމަ، އަދި އެ ނުރައްކާތަކާ ކުރިމަތިނުލެއްވިނަމަ، ޢާންމު ރައްޔިތުންގެ ތެރެއިން ކިތަންމެ ބައެއްގެ ފުރާނަ ގެއްލުމަކީ، ވަރަށް އެކަށީގެންވާ ކަމެއް.
ތިޔަބޭފުޅުން އެރޭ ސާބިތުކޮށްދެއްވީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ފުރާނައިން ޤުރްބާންވެވަޑައިގަތުމުގެ ހިތްވަރާއި ޢަޒުމް ތިޔަބޭފުޅުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާކަން. ސިފަވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެންފައިވާކަން. އަދި މިރޭ، ހިތްވަރުގަދަ ކަމުގެ ކުލަ ހާސިލުކުރެއްވި 11 ސިފައިންނަށްވެސް، މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.
މީގެ ކުޑަ އިރުކޮޅެއް ކުރިން ހުވާ ކުރައްވައިގެން، ސިފައިންގެ ޢާއިލާއާ ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށް ވަރަށް ހޫނު މަރުޙަބާއެއްވެސް ދަންނަވަން. ތިޔަ ސިފައިން، ﷲ ގަންދެއްވައި ދެންމެ ކުރެއްވި ހުވައިގައި، ވަރަށް މުހިންމު ތިން ކަމަކަށް ވަޢުދުވެވަޑައިގެންނެވި އަޑު އިވިއްޖެ. އެއީ، ޤާނޫނުއަސާސީ ދިފާޢުކުރުމާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުންމަތީ ދެމިތިއްބެވުން. އަދި ދުޝްމަނުންނާއި ބާޣީންގެ ކިބައިން، ދިވެހި ދައުލަތް ސަލާމަތް ކުރައްވައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ޖެހިއްޖެ ޙާލަތެއްގައި، ކެރިގެން ތިބެ ޤުރްބާންވުމަށްވެސް، މާތް ﷲ ގަންދީ ހުވާކުރެއްވި އަޑު އަޅުގަނޑުމެންނަށް އިވިއްޖެ.
އެ ހުވާގެ މަތީގައި ސާބިތުވެ ތިއްބަވައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމަށް، ތިޔަ ސިފައިންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އެ ހުވާގެ މަތީގައި ދެމިހުރިކަން، ތިޔައިން ކޮންމެ ބޭފުޅެއްގެ ޢަމަލާއި ބަހުން ސާބިތުކޮށްދިނުމަކީ، ތިޔަ ސިފައިންގެ ކޮނޑުގައި، މިރެއިން ފެށިގެން އެޅިގެންދާ ވަރަށް މަތިވެރި ޤައުމީ ޒިންމާއެއް.
އާދެ! މިރޭ އަޅުގަނޑުމެން އައުކުރަމުން މި އަންނަނީ، ތިޔަބޭފުޅުން ކުރެއްވި ފަދަ ހުވައެއްގެ މަތީގައި ސާބިތުވެ ތިބި، ނޫކަށި ފުރައިގެ ޒުވާނުންތަކެއް، ޙުއްބުލް ވަޠަންގެ ވިންދާއި ޤައުމީ ޖޯޝްގައި، ދިވެހި އުންމަތަށް ހޯދައިދިން ވަރަށް މަތިވެރި ނަޞްރެއްގެ ހަނދާންތައް.
އާދެ! ނޮވެމްބަރު 3 އެއީ، ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް، އެއަށްވުރެ މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުޞޫލުން، ނޮވެންބަރު 3 ވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާވެގެން ދިޔައީ، ދިވެހި އުޑުގައި، ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން. އާދެ، ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒަކަށް އެދުވަހު ވެގެންދިޔައީ، ޢަސްކަރިއްޔާގެ ހިތްވަރާއި ދިވެހި ރައްޔިތުންގެ ފަންވަރު.
އެ ދުވަހުގެ ނުރައްކާތެރި ޢުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ޙިކްމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަދި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަން. ހަމައެފަދައިން، އެ ނުރައްކާތެރި ޢުދުވާނުން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި އެހީތެރިވެދިން، ރަޙްމަތްތެރި ޤައުމުތަކަށް، އަޅުގަނޑުމެން ނިހާޔަތަށް ޝުކުރު އަދާކުރަން. ޚާއްޞަކޮށް، ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށް ޝުކުރު ދަންނަވަން.
ނޮވެމްބަރު 3ގެ ޢުދުވާނުން އަޅުގަނޑުމެންނަށް އެތައް ޢިބްރަތަކާއި ފިލާވަޅުތަކެއް ލިބިއްޖެ. އެ ހާދިސާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، ދެވަނަފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުން.
މި ދިވެހި ފަސްގަނޑަކީ، ޤައުމީ އެތައް ބަޠަލުންނެއްގެ، ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއް. މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވި ޢާންމު ފަރުދުން. ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައިވެސް، ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ސާބިތުކޮށްދިނީ، އެ ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމި އެބައޮތްކަން. އޭގެފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއް.
މި ލޮބުވެތި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ތައްޔާރަށް ތިބި، ފަޚުރުވެރި ރައްޔިތުންތަކެއް މި ޤައުމުގައި ދިރި އާލާވަމުން އަންނަކަމަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ އަލިގަދަ ހެތްކެއް. އެފަދަ ރައްޔިތުންތަކެއް އުފެދެމުން އަންނަނީ، ރައްޔިތުންނާއި ޢަސްކަރިއްޔާއާ ދެމެދު އޮންނަ ފުރިހަމަ އިތުބާރާއި ބަދަހި ގުޅުމުގެ ސަބަބުންކަން ޔަޤީން. އެ ގުޅުން އިތުރަށް ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި، ރައްޔިތުންނާ ވީހާ ގާތުން ޢަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، މިހާރަށްވުރެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.
ދުނިޔެ ދެކެމުން މި އަންނަ ޒަމާނީ ބަދަލުތަކާއި، އާ ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ ކުރިއެރުންތަކާއެކު، ޤައުމުތަކުގެ ޢަސްކަރީ އަދި ދިފާޢީ އިސްރާޖީއަށްވެސް ވަނީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައި. އެފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދިފާޢަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ތަފާތުވެއްޖެ. އަޅުގަނޑުމެންވެސް އެ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި އެކަންކަމަށް ތައްޔާރުވެ، ސިޔާސަތުތައް އަލުން ވިލަރެސް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.
ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައި އެބަހުރި. އަދި ސިފައިންގެ ވެލްފެއަރ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ޢަމަލީ ގޮތުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން. އެހެންކަމުން ދިވެހި ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި، ދިވެހި ޢަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމުގައި މި ފުރުޞަތުގައި ދަންނަވަން.
ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ކޯސްޓް ގާޑަކީ، ޢަސްކަރީ އަދި މަދަނީ ވަރަށް ގިނަ ޚިދުމަތްތަކަކާ ގުޅިފައިވާ ބައެއް. ރާއްޖޭގެ މި ބިޔަ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިން. ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައިވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ދިވެހި ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަންޖެހޭނީ، ތިޔަ ސިފައިން ކޮށްފައިވާ ހުވާ. ޢާންމު ރައްޔިތެއްގެ ހައިސިއްޔަތު ދޫކޮށް، ސިފައިންގެ މީހަކަށް ބަދަލުވުމާއެކު، ތިޔަ ސިފައިންގެ ކޮނޑުގައި އެޅިފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ނުރައްކާތެރި ޤައުމީ ވާޖިބެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ.
ރައްޔިތުންގެ އިތުބާރަކީ ތިޔަ ސިފައިން. އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސް އަށް ފުރިހަމައަށް ޢަމަލުކޮށް، ޢަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެން. އެހެންކަމުން، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.
ޢަސްކަރީ ޢުދުވާނެއް ކަމަށްވިޔަސް، ޤުދުރަތީ ކާރިޘާއެއް ކަމަށްވިޔަސް، ޤައުމާއި ރައްޔިތުން ދިފާޢުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ތިޔަ ހިތްވަރުގަދަ ސިފައިން. މި ސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.
އަޅުގަނޑުގެ ދުޢާއަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ދިވެހި އުންމަތުގެ ޝަރަފާއި ޢިއްޒަތް ތާއަބަދަށް ރައްކާތެރިކަމުގައި ދެމެހެއްޓެވުން. ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރުކުރައްވައި، ދިވެހި ޢަސްކަރިއްޔާއަށް ކާމިޔާބާއި ކުރިއެރުން ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގަންނުވައި، ނަޞްރާއި ނަސީބުގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ދިވެހި ޖުމްހޫރިއްޔާއަށް އަހަރެއް ފުރި، އާ އަހަރަކާ ކުރިމަތިލާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ޖުމްހޫރިއްޔާގެ ފަޚުރުވެރި އަހުލުވެރިން ކަމުގައިވާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރުން. އެއަށްފަހު، ކީރިތި ޤުރްއާން ހިތުދަސް ކުރައްވައިގެންނާއި، ސާނަވީ އަދި މަތީސާނަވީން، މުޅި ދުނިޔެއިން އެއްވަނަ ހާސިލުކޮށްގެން، ޚާއްސަ އިނާމު ހާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން.
އޭގެ އިތުރުން، ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދީގެން، ހަނދާނީ ފިލާ ހާސިލުކުރި ދެ ސްކައުޓުންނަށާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖާއި، ބޭޑްން ޕަވަލް ބެޖް ހާސިލުކުރި ސްކައުޓުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. އަދި ތަޢުލީމީ ރޮނގުން މަތީ ދަރަޖަ ހާސިލުކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.
މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން، މިރޭ މަތީ ދަރަޖައިގެ އިނާމު ހާސިލުކުރާ، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށާއި، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ޗެމްޕިއަންކަން ހޯދައިގެން، މަތީ ދަރަޖައިގެ އިނާމު ހާސިލުކުރާ ޤައުމީ ޓީ.ޓީ ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.
ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ، އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއް. އެފަދަ ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ގޮތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، އެފަދަ ޒުވާނުންނަށްވެސް އިނާމަށް ކުރިމަތިލެވޭނެ ގޮތަށް، މި އަންނަ އަހަރު ފުރުޞަތު ހުޅުވައިލުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރުންނަށް އަޅުގަނޑު މިހާރުވާނީ ދަންނަވާފައި.
މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަސް. ފުރަތަމަފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނީ، 1 ޖަނަވަރީ 1953 ގައި ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައި. މިހާރު ޤާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ އަޅުގަނޑުމެންނާ ބައްދަލުކުރީ، ސުމުއްވުލް އަމީރް އަލްމަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައި.
އެހެންކަމުން، ދިވެހި ޖުމްހޫރިއްޔާގެ ދެ ބާނީން ކަމަށްވާ، ސުމުއްވުލް އަމީރު މުޙައްމަދު އަމީނަށާއި، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރުގެ ފުރާނަފުޅަށް، ރަޙްމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުގައި ދުޢާ ދަންނަވަން.
ކޮންމެ ސަބަބެއް މެދުވެރިގެން ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމު މިވަނީ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެފައި. މިއީ ހެޔޮ ބަދަލެއް ކަމުގައި ދެކެންޖެހޭނެ. ކޮންމެއަކަސް ދައުލަތް ހިންގުމުގެ ނިޒާމަށް އެއައި ބަދަލާއެކު، ޤައުމަށް ވަނީ ތަފާތު ކުރިއެރުންތަކެއް ލިބިފައި. ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މިވަނީ ބޮޑު ތަނުން އިތުރުވެފައި.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، ފުރަތަމަ ޖުމްހޫރިއްޔަތާ ގުޅިގެން މުލީއާގޭ އެޑްރެހުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ބަސްކޮޅެއް މިރޭ އަޅުގަނޑު ތަކުރާރުކޮށްލާނަން. އެމަނިކުފާނު ވިދާޅުވަނީ؛ "މިއަދަކީ ދިވެހި ތާރީޚުގެ ވަރަށް ޚާއްޞަ ދައުރެއް، އެއަށްވުރެ ޚާއްޞަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ މުޅި މަޤްޞަދަކީ، ފަޚުރާއި އުފާވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނުހަދަމާ ހިނގާށެވެ."
ދެން ވިދާޅުވަނީ؛ "އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނާވެފައި އޮންނާނީ، ޤައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނެވެ. އަންނަ ބަދަލާ ގުޅިގެން، ދިވެހި ދަރިންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށެވެ."
އާދެ! ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތާއި، ބަދަލުވާން މެދުވެރިވި ސަބަބާއި، ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަގޮތް އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދިވެހި ޖުމްހޫރީ ވެރިކަން އަދި ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާ ކުރައްވަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން.
ކޮންމެއަކަސް، މި މަހުގެ 17 ވަނަ ދުވަސް ވެގެންދާނީ، ދިވެހި ޖުމްހޫރިއްޔަތުގެ ހަތްވަނަ ވެރިކަމަށް، އެއް އަހަރު ފުރޭ ދުވަހަށް. ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ. އަދި ރިއާސީ އިންތިޚާބުގައި، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެ.
ނަމަވެސް މި ސަރުކާރުން މަޝްރޫޢުތައް ހިންގުމާއި، ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީކޮށްގެން ނުވާނެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ސަރުކާރު ދެމިއޮންނާނީ، އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިކަން.
ސަރުކާރު ހިންގުމުގައި އަޅުގަނޑަށް ޚިޔާލާއި މަޝްވަރާ ދެއްވާ، ސަރުކާރު ކޯލިޝަންގެ ލީޑަރުން ކަމުގައިވާ، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، އޮނަރަބްލް ޤާސިމް އިބްރާހީމް އަދި އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މި ފުރުޞަތުގައި ޝުކުރު ދަންނަވަން.
ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބު ކުރެވި އިންތިޒާމު ކުރެވިފައި ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަޞްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް. ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދައިދިނުން.
މި ދެންނެވި ހުރިހާ ކަމެއްގެ، އުޞޫލީ ހުރިހާ ހަމަތަކާއި މިންގަނޑުތައް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ކަޅާއި ހުދުން އެހުރީ ލިޔެ އެކަށައެޅިފައި. އެއަށްފަހު ޤާނޫނުއަސާސީގައި އަޅުގަނޑުމެން ލިޔުނީ؛ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށް. އާދެ! އެހެންކަމުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ ބުނާގޮތުން، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައި ވެގެންއުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމަށްވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައިވިޔަސް، ޤާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ، މި ދެންނެވި ހަޤީޤަތް ޤަބޫލުކޮށްގެންހުރެ، ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން.
އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން، މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް. ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މި އަހަރު. ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށްވުރެ 50 އިންސައްތަ މަދުވެއްޖެ. މިދިޔަ 6 އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލެވިފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާއެކު ފާހަގަކޮށްލާނީ، ގޭންގް ކުށްތަކުގައި، އެންމެ މީހެއްގެ ފުރާނަވެސް މި އަހަރު ގެއްލިފައި ނުވާކަން.
މިއީ މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދާޚިލީ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކެއްގެވެސް ނަތީޖާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. ނަމަވެސް، މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ޞުލްޙަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ.
ޢަސްކަރީ ޒިންމާގެ އިތުރުން، ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި، ދިވެހި ސިފައިން އަދާކުރާ ދައުރުވެސް އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރަން. ވަކިން ޚާއްޞަކޮށް، މާލޭގައި ދާދިފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، މީހުންގެ ފުރާނައާއި ގެދޮރާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އެފަރާތަށް ދަންނަވަން.
ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، އާދެ، މާލެއަށް ޖަމާކޮށްފައި އޮތް އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީ ހާސިލުކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން. އެގޮތުން، މާލީ ގޮތުންނާއި ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް، ޤާނޫނަށް މިހާރު ވާނީ ބޮޑެތި އިޞްލާޙުތަކެއް ހުށަހަޅާފައި. އެ އިޞްލާޙުތަކާއެކު، ކައުންސިލްތަކުގެ ބަޖެޓް، ދެގުނަ ނުވަތަ ތިން ގުނައަށް އިތުރުވެގެންދާނެ. އޭގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އަންނަން ފަށާނެ.
ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓް، އާދެ، މި ސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު ވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެއީ ބޮޑު ބަޖެޓެއް. ބަޖެޓްގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖުތިމާޢީ ރައްކާތެރިކަމަށް. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ވާނީ ޚާއްޞަކޮށްފައި.
އަދި 2021 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީވެސް ބޮޑު ބަޖެޓަކަށް ވާނެ. ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރު ކަމުގައިވާ 2023 ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެ އަހަރު، އާދެ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށުން.
މި ސަރުކާރުން، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގާކަށް ބޭނުމެއް ނޫން. 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވައިލާފައިވާނީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް ބަލައި، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި.
އެހެންނަމަވެސް، ވިސްނުންތެރިކަމާއެކު، ތައްޔާރުނުވެ ތިބިއްޔާ 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެއީ ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް، އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭތީ. މިކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.
ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި. މިކަމުގެ ހެޔޮ ނަތީޖާ، އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެ.
ތަޢުލީމީ ދާއިރާއަށް މިދިޔަ އަހަރުގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު ހެޔޮ ބަދަލަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި މިހާތަނަށް 4736 ދަރިވަރުން ބައިވެރިވެފައިވޭ. އަދި 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯނު ދޫކުރެވިފައި.
ރަށްރަށުގައި އިތުރު މިސްކިތްތައް ޢިމާރާތްކުރުމާއި، މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އެގޮތުން، އިޢާދަކުރަނިވި ހަކަތައިން، 11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.
ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. ޖުމްލަ 34 ރަށެއްގެ ބަނދަރު މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި. 7 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މެދުނުކެނޑި ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި، 58 ރަށަކަށް ޖެނެރޭޓަރު ސެޓް މިހާރު ވަނީ ފޯރުކޮށްދެވިފައި.
އަދި 33 ރަށެއްގެ، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި. އަޅުގަނޑުގެ އަމާޒަކީ، ފެނާއި ނަރުދަމާ ނިޒާމު މަޝްރޫޢުތައް، މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގައި، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށުން.
ރައްޔިތުންނަށް އެންމެ އަވަސް ހައްލެއް ބޭނުންވާ، އަދި އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވާނީ ބަޖެޓް ކުރެވިފައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި އިތުރު ފްލެޓް އެޅުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
މިދިޔަ އަހަރެއްހާ ދުވަހަކީ، ޚާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއްކަން ޔަޤީން. ޚާރިޖީ އަދި އަވަށްޓެރި ރަޙްމަތްތެރިކަން، އޭގެ ޙަޤީޤީ މަގަށް އިޢާދަކުރެވި، ބައެއް ޤައުމުތަކާއެކު ގުޅުން ޤާއިމުކުރެވިއްޖެ. އަދި ހެޔޮއެދޭ ބައެއް ޤައުމުތަކުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފި. އަދި މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ.
ތަރައްޤީއާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްވެސް ވަރަށް ބޮޑަށް އިސްކަންދީގެން. އަވިން ހަކަތަ އުފެއްދުމަށް، 13 ރަށެއްގައި ސޯލަރ ޕަވަރ ސިސްޓަމް ޤާއިމުކުރެވިއްޖެ. ތިމާވެށީގެ ނާޒުކުކަމަށް ބަލައި، 14 ސަރަހައްދެއް އަޅުގަނޑުމެން ހިމާޔަތްކޮށްފިން. ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ހިމެނޭނެ. އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ.
ޓަރމިނަލްގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ، ރާއްޖެ ސިފަވާގޮތަށް ޑިޒައިނަށްވެސް ބަދަލު ގެނެސްގެން. ބޯޑިންގ ބްރިޖްތަކާއެކު ޓަރމިނަލް ނިމޭއިރު، އަހަރަކު ތިން މިލިއަން މީހުންނަށް ޚިދްމަތް ދެވޭވަރަށް، ޓަރމިނަލްގެ ޖާގަ އިތުރުވެގެންދާނެ.
އޭގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި، އިސްކަމެއްދީގެން ކުރިއަށް ގެންދެވޭނެ. އަދި ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރު މަޝްރޫޢުވެސް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އޭރުން، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަވަސްވެ، ޚަރަދު ކުޑަވުމުގެ ސަބަބުން، ބާޒާރުގައި ތަކެތީގެ އަގު ކުޑަވެގެންދާނެ.
އަޅުގަނޑު މި މަޤާމާ ހަވާލުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތުގެ މުއައްސަސާތަކުގައި، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެފައި އޮތުން. ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ، އެހެނަސް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ކޮރަޕްޝަން ނައްތާލުމުގައި މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުޙަލާގައި، އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް. އެހެންކަމުން، ބީލަމުގެ މައްސަލަތައް ބެލުމަށްޓަކައި، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަޤިއްލު ރިވިއު ކޮމިޓީއެއް އެކުލަވައިލައިގެން މި އަންނަނީ މަސައްކަތް ކުރަމުން.
އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުން. އަދި ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަވެސް ބަލައިދިނުމަށް އަޅުގަނޑުމެން ވަޢުދުވިން. އެ ވަޢުދުތައް ފުއްދުމަށް އެކުލަވައިލި ދެ ކޮމިޝަނުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަދޭ.
މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މަޢުލޫމާތުވެސް ހާމަކުރާނަން.
އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އެ އަންނަނީ، އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތުގެ މައްސަލަތައް. މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ، އެ ކޮމިޝަނުން އަންނަނީ ބަލަމުން. އެ މައްސަލަވެސް މުޅިން ބަލައި ނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް ޢަމަލުކުރާ އުޞޫލުން، ޢަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މި އަހަރު ނިމުމުގެ ކުރިން، އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް.
ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް. އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަޤާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއް. އަޅުގަނޑުމެން ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހަމުން. އަޅުގަނޑުމެން ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް.
އަޅުގަނޑުމެން ކަންކަން ހާސިލުކުރާނީ ރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެން. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާނީ، ސަރުކާރާއި ރައްޔިތުންގެ ފައިހަމަވާގޮތަށް.
އެކަމުގައި اللهُ سُبْحَانَهُ وَتَعَالَىގެ ފުރިހަމަ މަދަދާއި ތައުފީޤް ދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތައް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުކޮށްދެއްވައި، ދިވެހިންގެ މެދުގައި ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކުރައްވައި، ރާއްޖޭގެ ޖުމްހޫރީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ މަތިވެރި ނަޞީބު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
"ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ނެޝަނަލް ޑްރަގް އެޖެންސީގެ ސީ.އީ.އޯ އަލްފާޟިލް ޙަސަން ޝަހީލް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ އަޅުގަނޑުމެންގެ ޒުވާން ޖީލު، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު، ވަރަށް އިސްކަން ދެވިފައިވާ ސިޔާސަތެއް. އަޅުގަނޑުމެންގެ މި ދެންނެވި ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީނު ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް މި ޤައުމުގެ ދަރީންގެ މުސްތަޤްބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މި ދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ، އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މަސްތުވާތަކެތީގެ ވަބާ މި ޤައުމުން ފޮހެލުމުގައި މުޅި މުޖުތަމައުގެ، އަދި އަމިއްލަ ފަރުދުންގެ ދައުރު ވަރަށް މުހިންމު. މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، މުޅި މުޖުތަމަޢު ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. މިއީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ، މާ އަވަހަށް ހާސިލުވާނެ ކަމެއް.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން، އެކަމުން ސަލާމަތް ކުރުމަށްޓަކައި ހިންގޭ ފަރުވާގެ ޕްރޮގްރާމުގައި އަމިއްލައަށް އެދިގެން ބައިވެރިވެ، ފަރުވާ ހޯދަން ބޭނުންވާ މީހުން ވަރަށް ގިނަ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ލިސްޓުގައި މިހާރުވެސް 800 އަށްވުރެ ގިނަ މީހުން އެބަތިބި. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވީހާ އަވަހަށް ފަރުވާދިނުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމަށްވާއިރު، މިފަދަ ފަރާތްތަކަށް ފަރުވާދޭ ތަންތަން ހިންގުމަކީ، ސަރުކާރުން އެކަނި ކުރާ ކަމެއްގެ ގޮތުގައި އޮތުމަށްވުރެ، އަމިއްލަ ފަރާތްތަކަށްވެސް އެފުރުޞަތު ހުޅުވައިލުމަކީ، އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ ހާސިލު ކުރުމަށް މަގުފަހިވާނެ ކަމެއް. މި މަސައްކަތުގައި އަމިއްލަ ފަރާތްތައް ބައިވެރި ކުރުމަށްޓަކައި، މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުންނަށް ފަރުވާދޭ ރީހެބިލިޓޭޝަން ސެންޓަރުތައް އުފައްދައި، އަމިއްލަ ފަރާތްތަކުން ހިންގުމަށް މި އަހަރުގެ ތެރޭގައި ހުޅުވައިލާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވާލަން.
މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަޙުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ޤާއިމުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ޤާއިމުނުކޮށް އޮތް ނަމަވެސް، މި ސެންޓަރު ޤާއިމުކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާއި ޙާލަތާ ގުޅޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑު މިދަނީ މިހާރު ކުރަމުން. މި ޤާނޫނު މުރާޖަޢާކޮށް، މި ޒަމާނަށް ފެތޭގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް، މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ ގަސްދުކޮށްފައި.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީއަކީ، ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތުތަކަކާއި، ޚާއްޞަ ފަރުވާތަކެއް ދޭންޖެހޭ ބައެއް. މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ގާނޫނުން ލާޒިމުކުރާ މަރުކަޒު މިހާތަނަށްވެސް ޤާއިމުކުރެވިފައި ނުވާތީ، އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވާ ވާހަކަ ހިތާމައާއެކު އަޅުގަނޑު މިއަދު ފާހަގަކޮށްލަން. މިދެންނެވި ފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ. މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން، އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާއި، އެ ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ.
ނެޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، ޚިދުމަތް ފުޅާކުރުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް، ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި ގެނެވޭ ބަދަލާއެކު، ނެޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި، ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ޤާއިމުކުރެވޭނެ. މީގެއިތުރުން، ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމުތަކާއި، ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި، ޤައުމީ ދިރާސާ މަރުކަޒަކާއި، ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެ.
މަސްތުވާތަކެތިން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތަކީ ނުވަތަ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން. މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުން.
އަޅުގަނޑުމެން މި ދައްކަނީ ވަރަށްބޮޑު އުނދަގޫ ކަމެއްގެ ވާހަކަ. މި ދައްކަމުން ގެންދާ ވާހަކައަކީ، ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ. ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާ ގުޅިފައި. މިއީ ފެންނަން އޮތް ޙަޤީޤަތެއް. ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ.
އަޅުގަނޑު މި ދެންނެވިހެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަހުރި. ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ޙަޤީޤީ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މި ސަރުކާރުން މިހާތަނަށްވެސް ވާނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި، އެތަންތަން ބަންދު ކުރެވިފައިވާ ވާހަކަވެސް އަޅުގަނޑު މި ފުރްޞަތުގައި ދަންނަވަން.
މަސްތުވާތަކެތީގެ ވަބާއިން މި ޤައުމާއި އަޅުގަނޑުމެންގެ މި ޖީލާއި އަދި އަންނަން އޮތް މި ޤައުމުގެ ޖީލުގެ ދަރީން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ވާޖިބެއް. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީގެން އެމީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. މި މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތްލެއްވުމަށް އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. |
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު އަދި ނޫސްވެރިން ދެންނެވި ސުވާލުތަކާއި،
އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު | އިބްރާހީމް މުޙައްމަދު ޞާލިޙް | بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السَّلَامُ عَلَيْكُمْ.
ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ. އަދި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މި މަހުގެ 21 ވަނަ ދުވަހު އަޅުގަނޑު އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށް ފުރާ ވާހަކަ. އެ ބައްދަލުވުމުގައި، ޖެނެރަލް އެސެމްބްލީގެ އިތުރަށް އަދި އިތުރު ފަސް ބައްދަލުވުމެއްގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރްޞަތު ލިބިގެން އެބަދޭ. އަޅުގަނޑު އުއްމީދު ކުރަނީ، މި ދަތުރުގެ ސަބަބުން މިހާރަށްވުރެވެސް ބޮޑަށް ރާއްޖެ ދުނިޔޭގެ އެކިއެކި އެހެން ޤައުމުތަކާ އެކުގައި އޮތް ގުޅުން ބަދަހިވެ، ޚާއްޞަކޮށް، ތިމާވެށްޓާ ގުޅުންހުރި ކަންތައްތަކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ލިބި، އަދި އެހެނިހެންވެސް ތަރައްޤީގެ މަޝްރޫޢުތަކުގައި އަޅުގަނޑުމެންނާ އެކީގައި އަޅުގަނޑުމެންގެ ދުނިޔޭގެ ގާތް ރައްޓެހިންނާއި، އެހެން ފަރާތްތަކުން، ޖަމާޢަތްތަކުން ބައިވެރިވެގެންދާނެ ކަމަށް.
މީގެއިތުރުން، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު އުފެއްދި ދެ ކޮމިޓީއެއް އޮންނާނެ ދޮގެއްތޯ. އެއީ މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީއާއި، އެސެޓް ރިކަވަރީ ކޮމިޓީ. މިހާތަނަށް، މިއަދާ ހިސާބަށް އަޅުގަނޑަށް ލިބިފައި ހުރި އަޕްޑޭޓްތައް ތިޔަބޭފުޅުންނާ އަޅުގަނޑު ޙިއްޞާކޮށްލާނަން، ތިޔަބޭފުޅުންގެ ސުވާލުތަކަށް ދިޔުމުގެ ކުރިން.
މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީން ރިޟްވާނުގެ މައްސަލަ، އަންނަ ހަފްތާގައި ޕީ.ޖީ އަށް ފޮނުވޭވަރުވާނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. ޔާމީން ރަޝީދުގެ މައްސަލަ ބަލައި، ރިޕޯޓް ތައްޔާރުކޮށް ނިމިފައި އޮތް ނަމަވެސް، އެ މައްސަލައަކީ ޝަރީޢަތުގައި މިހާރު ހިނގަމުންދާ މައްސަލައަކަށްވާތީ، އެ މައްސަލަ ނިމެންދެން ހާމަނުކޮށް އޮތީ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި ވެއްޖިއްޔާ، މި އަންނަ މަހުގެ ކުރީކޮޅުގައި ޔާމީން ރަޝީދުގެ މައްސަލަ ޝަރީޢަތުން ނިމޭނެ. އެއަށްފަހުގައި، އަޅުގަނޑުމެން އެ ރިޕޯޓް ހާމަކުރާނަން.
ރ. މީދުއަށް އުފަން އަނަސްގެ މަރުގެ މައްސަލަ. އެ ރިޕޯޓުވެސް މިހާރުވަނީ މުޅިން ނިމިފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އަދި އެހެންނަމަވެސް، ދެ ފަރާތަކާ ކޮށްލަންޖެހޭ ބައެއް ސުވާލު ހުރުމުން، އެކަން ނިމުމާ އެކީގައި، އެ ރިޕޯޓުވެސް ހާމަކުރާނެ ވާހަކަ ދަންނަވާލަން.
އަދި ރައުދާ ޢާތިފުގެ މައްސަލަވެސް ބަލައި ނިމި، ރިޕޯޓް ހާމަކުރާ ހިސާބަށް ގޮސްފައި އޮތް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އޭގެއިތުރުން، ހަތަރު މައްސަލައެއް، އަދި ހަތަރު ފަރާތެއްގެ މައްސަލަ ބަލަމުންގެންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ.
އެސެޓް ރިކަވަރީ ކޮމިޓީއާ އިއްޔެ އަޅުގަނޑާ ބައްދަލުކުރެވުނު. މިހާތަނަށް އައިއިރުގައި، ގިނަ މަސައްކަތްތަކެއް އެ ކޮމިޓީންވެސް ކުރައްވާފައި އެބަހުރި. ގާތްގަނޑަކަށް ފަސްދޮޅަހަށްވުރެ ގިނަ ރަށް އެކިގޮތްގޮތުން ނުއަގުގައި އެކި ފަރާތްތަކަށް ދޫކުރެވިފައި ހުރި ކަމަށް ރިޕޯޓުން މިހާތަނަށް ހާމަކުރެވިފައި އެބައޮތް.
އެގޮތުން، އޮޑިޓް ރިޕޯޓުގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އޭރު ގެއްލުނު ކަމަށް ނިންމާފައި އޮތީ 91 މިލިއަން ޑޮލަރު. އެހެންނަމަވެސް، މިހާތަނަށް ބެލި ބެލުމުގައި، އެ ރަށްތަކުގެ އިކްއިޒިޝަން ކޮސްޓް، މިހާރު ހަމަޖެހިފައި އޮތްގޮތުން އަގުކުރީމާ، ގާތްގަނޑަކަށް 220 މިލިއަން ޑޮލަރަށް އޭގެ އަގު އެބަ އަރާ. މިއީ އަދި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނާ.
އެހެންވީމާ، އެ ރަށްތައް ލިބިފައި ހުރި ފަރާތްތަކުން ދެއްކި ކަމަށް އެ ބުނާ 91 މިލިއަން ޑޮލަރު ކެނޑީމާވެސް އަދި އެ ފަރާތްތަކުން ސަރުކާރަށް ދައްކަން އެބައޮވޭ 128 މިލިއަން ޑޮލަރު. މިއީ ހަމަ އަގު. އެހެންވީމާ، މިހާރު އެ ދޫކުރެވިފައި ހުރި ރަށްތައް، ހަމަ އަގަކު ނޫން ގިނަ ރަށްތައް ދޫކުރެވިފައި ހުރީ.
އެހެންވީމާ، އެސެޓް ރިކަވަރީ ކޮމިޓީގެ ރިޕޯޓް ފައިނަލްވުމާ އެކީގައި، އަޅުގަނޑުމެން އެ ރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. އަދި އެއާއެކުގައި މިހާރުން މިހާރަށްވެސް އެގްރީމަންޓް ބާޠިލުކުރެވެން އޮތް ރަށެއް އޮތް ކަމަށްވަންޏާ، އެކަންވެސް އަޅުގަނޑުމެން ކުރަމުން ގެންދާނަން. މިހާތަނަށްވެސް، މީގެ ދެ ދުވަސް ކުރިންވެސް އަޅުގަނޑު ވާނީ އޭގެ އެއް އެގްރީމަންޓް ބާޠިލުކޮށްފައި.
ދޫކޮށްފައި ހުރި ރަށްތަކުގެ ތެރޭގައި، 12 ރަށް މިހާރު އޮޕަރޭޓް ކުރޭ. މަސައްކަތް ކުރަމުންދާ 3 ރަށެއްގެ 50 ޕަސެންޓް މަސައްކަތް އެބަހުރި ކުރެވިފައި. އަދި 21 ޕަސެންޓާއި 49 ޕަސެންޓާ ދެމެދުގައި 3 ރަށެއްގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވަނީ.
މިހެންކަމުން މިކަމާ ދޭތެރޭގައި ފިޔަވަޅެއް އަޅާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ރަށްތައް ކުއްޔަށް ނަގައިގެން، ހަދަމުންދާ ރަށްތަކެއް ހުރި ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި އޮޕަރޭޝަންގައި ހުރި ރަށްތަކެއްގެ ވާހަކަ.
އެހެންވީމާ، ރާއްޖޭގެ އިންވެސްޓަށް ކޮންފިޑެންސް ނުގެއްލޭގޮތަށް މިކަމުގައި ޙައްލެއް ހޯދަން ސަރުކާރުން ޖެހޭކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
މިއަދު އެނގިވަޑައިގަންނަވާނެ، ޓެރަރިޒަމްގެ ޤާނޫނުގައި 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބައޮވޭ، ޓެރަރިސްޓް ޖަމާޢަތްތައް ހާމަކުރަން ލިސްޓެއް ހަދަންޖެހޭނެއޭ. ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާ އެކުގައި ރައީސުލްޖުމްހޫރިއްޔާ އެ އެކުލަވައިލަންޖެހޭ. މިއަދު އަޅުގަނޑު ވަނީ އެ ލިސްޓް އެކުލަވައިލާފައި. އިރާދަކުރެއްވިއްޔާ، މިއަދު އެކަން ހާމަކުރެވިގެންދާނެ. މީގެ ސަބަބުން ރާއްޖޭގެ އެކިއެކި ފަރާތްތަކުން ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން މި ހިންގާ ޓެރަރިސްޓް ޢަމަލުތައް ހުއްޓުވުމަށް މުހިންމު ބާރަކަށް މިކަން ވެގެންދާނެ.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެކަން ކުރާއިރުގައި، ޓެރަރިޒަމާ ބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާނެ. އެ ހުށަހެޅި ބަދަލުތަކާ އެކީގައި އެ އިޞްލާޙުތައް ގެނެވުމުން، އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، އެކިއެކި ޓެރަރިސްޓް ހަނގުރާމަތަކުގަޔާއި ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތައް ހޯދައި ދެނެގަނެ، ޤާނޫނީ ގޮތުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ފުރްޞަތު ލިބިގެންދާނެ ކަމަށް.
އަޅުގަނޑުމެން މިހާރު އަމާޒުކޮށްފައި ވަނީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށް. މިހާހިސާބަށް އައިއިރުގައި އަޅުގަނޑުމެންނަށް ޔަޤީންވެ ކަށަވަރުވަނީ އެ އަދަދު ފަހަނައަޅައި، އެއަށްވުރެ އިތުރަށް މި އަހަރު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް.
ރާއްޖޭގައި އޮތް ދެވަނަ އިޤްތިޞާދަކީ މަސްވެރިކަން. ރާއްޖޭގެ ތާރީޚުގައި ނުދެކޭފަދަ މަސްވެރިކަމެއް މި އަހަރު ރާއްޖެއަށް އެބައޮތް. ކުރިއަށް މި އޮތް ދެތިން މަހަށް ބަލާއިރުގައި، މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރަށް ވެގެންދިޔުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، މިހާތަނަށް އައިއިރުގައި، މިފްކޯގައި، ފެލިވަރާއި ކޫއްޑޫއާއި، އަދި އައްޑޫގައި ހަދާފައި އެހުރި ފެކްޓްރީގެ މަސައްކަތްތައް ހުރީއަކީ މިފަދަ ކަމަކަށް ތައްޔާރުވެފައެއް ނޫން. އެހެންކަމުން، ފުރަތަމަ އަޅުގަނޑުމެންނަށް މި ޖެހެނީ ވަގުތީ ޙައްލެއް ހޯދަން.
އެއާއެކުގައި ރާއްޖޭގެ މަސްވެރިކަން ކުރިއަރައި މި ދާއިރުގައި މިކަމަށް، މަސް ގަނެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ސަރުކާރުން ހަމަޖައްސަން. އެގޮތުން، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ވަގުތީ ހުއްދައެއް ދޭން މި ނިންމަނީ އެކިއެކި ސަރަޙައްދުތަކުން، އެސް.އެމް.އީ ކުންފުނިތަކުން މަސްގަނެވޭގޮތަށް. އެއަށްފަހުގައި ފެލިވަރު ފެކްޓްރީއާއި، ކޫއްޑޫއާއި، ހުޅުމީދޫގައި ހުރި ފެކްޓްރީ އަޕްގްރޭޑްކޮށް، އެތަންތަން ބޭނުންކުރެވޭގޮތް އަވަހަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިގެންދަނީ.
އިންޑިއާ ކަނޑުގައި މަސްވެރިކަން، ޚާއްޞަކޮށް، ރާއްޖޭގައި މަސްވެރިކަން ކުއިއަރަން އިތުރުވެގެންދިޔަ އެއް ސަބަބެއް ކަމަށް މި ބެލެވެނީ، އިންޑިއާ ކަނޑުގައި ދާ އަޅައިގެން މަސް ހިފުން މިހާރުވަނީ ކޯޓާ ސިސްޓަމަށް، އެކަން އެއްބަސްވެވި، އެއަށް ޢަމަލުކުރަން ފަށާފައި. އޭގެ ސަބަބުން ވަކިވަރަކަށްވުރެ ގިނައެއްކޮށްނެއް ދާ އަޅައިގެން އެއްވެސް ބަޔަކަށް އިންޑިއާ ކަނޑަކު މަސްވެރިކަމެއް ނުކުރެވޭ. އޭގެ ސަބަބުން އެރެބިއަން ސީ އިން ރާއްޖެއާ ދިމާއަށް މަސް އިތުރަށް އަންނަކަމާއި، އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިކަމުގެ މާހިރުން ވިދާޅުވޭ އެބަ.
ޕީ.އެސް.އައި.ޕީ.ގެ މަޝްރޫޢުތަކުގެ ތަފްޞީލު، ކަމާބެހޭ ވުޒާރާތަކުން ތިޔަބޭފުޅުންނަށް ހާމަކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް އެ މަޝްރޫޢު ކުރިއަށް އެބަދޭ. ތިޔަބޭފުޅުން އެއިން ކަމަކާ ކަންބޮޑުވާ ކަމެއް އޮވެއްޖިއްޔާ، އެ ސުވާލެއް ކުރެއްވީމާ، އަޅުގަނޑު އެއަށް ޖަވާބު އަރުވަމުން ގެންދާނަން.
އަޅުގަނޑުމެންގެ އެއް އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ މިހާރަށްވުރެ ހަރުދަނާ ކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރުގައި، ބޮޑު ބަދަލެއް ޞިއްޙީ ދާއިރާއަށް ފެނިގެންދާނެ. އައި.ޖީ.އެމް.އެޗަށް ބޮޑު ބަދަލުތަކެއް އައިސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ހުޅުވިގެންދާނެ. އޭގެއިތުރުން، ކެންސަރ ހޮސްޕިޓަލެއްގެ މަޝްރޫޢު ވަރަށް އަވަހަށް ހުޅުމާލޭގައި ފެށިގެންދާނެ. ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ.
މަޖިލީހަށް ކުރިއަށް އޮތް ދައުރުގައި ފޮނުވުމަށް ފާހަގަކޮށްފައި އޮތް މުހިއްމު ދެ ތިން ބިލެއް އެބައޮތް. ލާމަރުކަޒީ ޤާނޫނުގެ ބިލު، ބޮޑެތި އިޞްލާޙުތަކަކާ އެކުގައި، ކުރިއަށް އޮތް ދައުރަށް މަޖިލީހަށް ހުށަހެޅިގެންދާނެ. އިންކަމް ޓެކްސް ޤާނޫނުގެ ޑްރާފްޓް މިހާރު ވަނީ ނިމިފައި. ކަމާބެހޭ ފަރާތްތަކާ އެކުގައި މަޝްވަރާ ކުރުމަށްފަހުގައި، ކުރިއަށް އޮތް ދައުރަށް އިންކަމް ޓެކްސް ބިލު ހުށަހެޅިގެންދާނެ.
ހަމަ އެގޮތަށް، މިނިމަމް ވޭޖްގެ ބިލު، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅައި ފާސްކުރާނަން.
އަޅުގަނޑު މިހިސާބުން އަޅުގަނޑުގެ ވާހަކަ ކުރުކޮށްފައި، ތިޔަބޭފުޅުންނަށް ފުރްޞަތު އަރުވާނަން.
އަޙްމަދު ޒާހިރު - ސަން މީޑިއާ ގްރޫޕް:
މަނިކުފާނު ނިންމެވި ހިސާބުން އަޅުގަނޑުގެ ސުވާލު ދަންނަވާލާނަން ފުރަތަމަ. ވިދާޅުވެއްޖެ، އިންކަމް ޓެކްސްއާއި، މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ބިލު، މަޖިލީހަށް ފޮނުއްވާ ވާހަކަ. ކިހާވަރެއްގެ މިނިމަމް ވޭޖެއްތޯ، ސަރުކާރުގެ ވިސްނުމުގައި ހުރީ؟
ދެން އަނެއް ސުވާލަކީ، އިންކަމް ޓެކްސް ނަގާނީ ކޮން ބްރެކެޓްތަކެއްގެ އިންކަމް ލިބޭ ބައިތަކަކުންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އިންކަމް ޓެކްސް، ތިން ބްރެކެޓެއް، އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ. އެކަމަކު އަޅުގަނޑު އޭގެ ތަފްޞީލުތައް ހާމަކުރާނަން. އެއީ ސްޓޭކް ހޯލްޑަރުންނާ އެކީގައި އަޅުގަނޑު ހިތުން އަދި އެއްފަހަރު އެބަޖެހޭ އިށީންނަން. އެއީ މީގައި ބޮޑަށް އަމާޒު ކުރެވިފައި މިއޮތީ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް. މީގެ ބޮޑުބައި ދާނީ އިނގޭތޯ.
އެހެންވީމާ، އެ ފަރާތްތަކާ އެކީގައި އަޅުގަނޑުމެން އަދި އެ ބައްދަލުވުން ބާއްވާނަން. ޚާއްޞަކޮށް، މަޓީއާއި، މަސީއާއި، މިހެން ތިއްބެވި ވިޔަފާރިވެރިންނާ އެކީގައި. އަޅުގަނޑަކަށް ހީއެއްނުވޭ މާބޮޑު ރިޒަރވޭޝަނެއް އެބޭފުޅުންގެ އޮންނާނެހެނެއް މިއަކު. އެހެންވީމާ، އެ ފާސްވެގެންދާނެ.
މިނިމަމް ވޭޖްވެސް ހަމަ މިހާރު އެ ދަނީ މަޝްވަރާގެ މަގުމަތީގައި. މަޓީއާ އެކީގައި ބޭއްވިއްޖެ. މަސީއާ އެކީގައި ބޭއްވިއްޖެ. ދެން މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާއާވެސް އަޅުގަނޑުމެންނަށް ބައްދަލުކުރެވިއްޖެ. ދެން އޮތީ ފައިނަލް ކުރުމުގެ މަރްޙަލާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރަށް އަވަހަށް އެ މަޢުލޫމާތު ހާމަކުރާނަން އިނގޭތޯ.
ޒަހީން ޢަބްދުﷲ - ވަގުތު އޮންލައިން:
އަޅުގަނޑުގެ އެބައޮތް ހަމަ އެންމެ ސުވާލެއް. ސުވާލަށް ދިޔުމުގެ ކުރިން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަނިކުފާނު މީޑިއާތަކާ ތިޔަ ބަހައްޓަވާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ސުވާލަކީ، މީގެކުރީގެ ޕްރެސްއެއްގައިވެސް މަނިކުފާނު ވިދާޅުވެފައި އެބައޮތް، ސީރިއާގައި މިތިބި، އަލް-ހޯލް ކޭމްޕްގައި މިތިބަ ކުދިން ރާއްޖެ ގެންނާނެ ކަމަށް. އަދި އެ ޢާއިލާތަކާ ބައްދަލުކޮށް އެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާނެ ކަމަށް. އަޅުގަނޑުގެ ސުވާލު ތަކުރާރުކޮށް އަމާޒު މިވަނީ އަޅުގަނޑުގެވެސް ޢާއިލާގެ ކުއްޖަކު އެތާނގައި ހަމަ ހުރުމާ އެކީގަޔާއި، އޭނާގެވެސް ފިރިމީހާ މަރުވެ، ކުޑަ ދެކުދިންނާއެކީ ވަރަށް ހާލުގައި އެތާ ދިރިއުޅެމުންދާތީވެ.
އެހެންވީމާ، ކޮބައިތޯ އެ މަސައްކަތުގައި މިހާތަނަށް އައިއިރު ހޯދިފައި ހުރި ކުރިއެރުންތަކަކީ؟ ކިހާ ދުވަހެއްގެ ތެރޭގައި، އެންމެ ލަސްވެގެން އެ ކުދިން ގެނެވޭނެތޯ ރާއްޖެއަށް؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ސީރިއާގައި ތިބި މީހުންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް މި ގެންދަނީ. މި މަހުގެ ފަހު ހަފްތާގައި ބޭރުގެ ޤައުމަކުން އެބަ ޒިޔާރަތްކުރޭ ރާއްޖެއަށް. ދެ ޤައުމަކުން. މިކަން ކުރިއަށް ގެންދިޔުމަށް ފަށްޓަންވެގެން.
ހަމަ އެއާއެކީގައި އެމީހުން ގެނެސް، ވަގުތީގޮތުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ޢަމަލީގޮތުން އަޅުގަނޑުމެން ފަށައިފިން.
އެހެންވީމާ، އެތަން ނިމޭނެ ކަމަށް އަޅުގަނޑުމެން އަމާޒުކޮށްގެން މިތިބީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އެތަން ނިންމައި، އެމީހުން ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. އޭގެކުރިން ސީރިއާއިން، ކޭމްޕްތަކުގައި އެތިބި މީހުން އެތަނުން ނެރޭނެ އިނގޭތޯ. ނެރެ އެހެން ޤައުމަކަށް ގެންގޮސް، އެތަނުން ރާއްޖޭގައި މި ސެޓަޕް ހަދައި ނިމުނީމާ، އަޅުގަނޑުމެން މިކޮޅަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
އެނގިވަޑައިގަންނަވާނެ، އޭގެތެރޭގައި އެބަތިބި ބައެއް ކުދިން، އެއީ ކޮން ޤައުމެއްގެ ބައެއްކަން ނޭނގޭ. އެހެންވީމާ، އައިޑެންޓިޓީއެއްވެސް އެބަ ބައެއް ކުދިންނަށް ހަދަންޖެހޭ. ދެން އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް ޓެރަރިސްޓް ހަނގުރާމައެއްގެ ތެރޭގައި އުޅެފައި ތިބި ބައެއް. ހަމަ ސީދާ ގެނެސް، މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެންނާ އެކީގައި މި އެހީތެރިވާން މިތިބި ޖަމުޢިއްޔާތަކުންވެސް އަދި ޤައުމުތަކުންވެސް އެކަމަށް އެއްބާރުލުން އެބަދޭ. ގެނެސް މުޖުތަމަޢަށް ދޫކުރުމުގެ ކުރިން ދޭންވާ ފަރުވާދީ، އަހުލުވެރިކުރުވަން އެބަޖެހޭ މުޖުތަމަޢަށް ނެރުމަށް.
އެހެންވީމާ، އެ މަސައްކަތާ އެކީގައި، އެންމެ ލަސްވެގެން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އަޅުގަނޑު މި ބަލަނީ އޭގެތެރޭގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ގެނެވޭނެގޮތް.
މާހަތު ޙުސައިން ރަޝީދު – ސަންގު ޓީ.ވީ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ވިދާޅުވެފައި އެބައޮތް. މަޖިލީހުގެ މަސައްކަތްތަކާ އެއްވަރަށް ސަރުކާރު ކުރިއަށްނުދާ ކަމަށް އެމަނިކުފާނަށްވެސް ހީވާކަމަށް. އެހެންކަމުން، މަނިކުފާނަށް އެއްވެސްވަރަކަށް ގަބޫލުކުރެއްވޭތޯ، މަޖިލީހުގެ މަސައްކަތްތަކާ އެއްވަރަށް ސަރުކާރުގެ ސްޕީޑް ކުރިއަށްނުދާކަމަށް.
ދެން އާދެ، ދެވަނަ ސުވާލަކީ، މަނިކުފާނުގެ ސަރުކާރުގެ ތެރޭގައި، ސަރުކާރު ފެށުނުފަހުން މިހާތަނަށް ސޮއިކުރެއްވި ޢަމަލީ މަސައްކަތް ފެށުނު އެއްވެސް އާ މަޝްރޫޢެއް އެބައޮތްތޯއޭ؟ އަދި އެކަހަލަ އެއްވެސް މަޝްރޫޢެއް ވާކަމުގައިވާނަމަ، އޭގެ ތަފްޞީލު ވިދާޅުވެދެއްވިދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ މިއީ ވަރަށް ތަފާތު ދެ މަސައްކަތްކުރާ ދެ ތަނެއް. އަޅުގަނޑު ގަބޫލުކުރަން، މަޖިލީހުގެ ކުރިއާ އަޅައިބަލާއިރުގައި ވަރަށް ބުރަކޮށް ވަރަށްގިނަ މަސައްކަތްތަކެއް މަޖިލީހުގައި ވޭތުވެދިޔަ ދައުރުގައި ކޮށްފި. ހަމަ އެގޮތަށް ސަރުކާރުންވެސް މިވޭތުވެދިޔަ ތަނުގައި މަޖިލީހަށް އެއްބާރުލުން ނުދޭވަރަށް، ސަރުކާރުން އެއްބާރުލުން ދީފައި އަޅުގަނޑުމެން އޮންނާނީ. މަޖިލީހުގެ ތާރީޚަށް ތިޔަބޭފުޅުން ބެއްލެވީމާ އެނގިވަޑައިގަންނަވާނީ. އަދި އެންމެފަހުގެ ޤާނޫނުއަސާސީ، ފެހި ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށްފަހުގައި، ދެން މަޖިލިސް ކުރިއަށްދިޔައިރުގައި ކަންތައް ވެގެންދިޔަގޮތަށް. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށާއި، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވިވަރު އެއީ ރެކޯޑު އަދަދެއް. ޖަވާބުނުދޭ އެއްވެސް ކަމެއް ނޯންނާނެ.
އެހެންވީމާ، މަޖިލީހުގެ މަސައްކަތުގެ ތެރޭގައި، ސަރުކާރުން ދިން އެއްބާރުލުން ވަރަށްބޮޑު. އެހެންވީމާ، އެކަން ފާހަގަކުރުމަށްފަހުގައި، އަޅުގަނޑު، އަޅުގަނޑުމެންގެ މަސައްކަތްތައް މިހާރު ހުރިގޮތުގެ ބައެއް ތަފްޞީލު ތިޔަބޭފުޅުންނަށް، ތިޔަ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާލާނަން.
6 ރަށެއްގެ ބަނދަރުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި. ނޮވެންބަރު ނިމުމުގެ ކުރިން، 21 ރަށެއްގެ ބަނދަރު އަޅުގަނޑުމެން ފަށާނަން. 4 މިސްކިތެއްގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. މަގުހެދުމުގެ 6 ރަށެއްގައި ޢަމަލީ މަސައްކަތް ފެށިގެން އެބަދޭ. ދެ ރަށެއްގެ އިތުރު ކޮންޓްރެކްޓް ހަވާލުކުރެވިފައި މިހާރު ވަނީ. ފެނާއި ނަރުދަމާގެ 20 ރަށެއްގެ ކޮންޓްރެކްޓް ހަވާލުކުރެވިފައި. އިތުރު 14 ރަށެއް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ތައްޔާރުކުރެވިފައި. މަދުވެގެން 20 ރަށުގެ ޢަމަލީ މަސައްކަތް ނޮވެންބަރުގައި ފެށޭނެ. 12 ސްކޫލްގެ ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް މި އަހަރު ފެށިގެން އެބަދޭ. އޭގެއިތުރުން، 4 ސްކޫލްގެ ކޮންޓްރެކްޓް މިހާރުވަނީ ހަވާލުކުރެވިފައި. ޖުމްލަ 35 މަޝްރޫޢެއްގެ މަސައްކަތް ސްކޫލްތަކުގައި ނޮވެންބަރު މަހު ފެށިގެންދާނެ.
ކަރަންޓްގެ ޚިދުމަތަށް ބަލާއިރު، ފެނަކައިން ފޯރުކޮށްދެވިއްޖެ މިހާރު 53 ޖަނަރޭޓަރު އެކި ރަށްރަށަށް. އެއީ ގާތްގަނޑަކަށް 150 މިލިއަނަށްވުރެ ބޮޑު ޚަރަދެއްކޮށްގެން. އިންޖީނުގެ ރިލޮކޭޓް ކުރުން. ހުރިތަން ބަދަލުކުރުން، 16 ރަށެއްގައި ކުރިއަށް އެބަދޭ. މުޅި ޖުމްލަ 67 ރަށެއްގައި ތަރައްޤީއާ ގުޅޭ 77 މަޝްރޫޢުތައް، އަލަށް ފަށައިގެން ހިނގަމުން އެބަދޭ.
އިތުރު ތަފްޞީލެއް އަދި ބޭނުންވޭތޯ؟
ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް ނިއުސް:
މަނިކުފާނު ތިޔަ ޙިއްޞާކޮށްލެއްވި ވާހަކަފުޅުތަކުގެ ތެރެއިން އަޅުގަނޑުވެސް ބައެއް ސުވާލުތައް މަނިކުފާނަށް ދަންނަވާލާހިތްވޭ. މިގޮތުން، ކޮންމެވެސްވަރަކަށް މަނިކުފާނު ޙިއްޞާ ކުރައްވައިފި، މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ ކޮމިޓީގެ ނުވަތަ އެ ކޮމިޝަންގެ ބައެއް މަޢުލޫމާތުތައް. ދާދިފަހުން މާލެއާއި އަދި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އަދި ކަނޑުމަތީގައިވެސް ބަލައި ފާސްކުރުމުގެ ބައެއް ކަންކަން ކުރިއަށް ގެންދެވި. އަދި ފުލުހުން ހާމަކުރާގޮތުން، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވޭ.
ކޮބައިތޯ އެ ކުރިއަށް ގެންދިޔަ ފާސްކުރުންތަކުގެ ނަތީޖާއަކީ؟ އެއްވެސް ފައިންޑިންގްސްއެއް ހޯދިފައިވޭތޯ، ނުވަތަ އޭގެ ނަތީޖާއެއް މަނިކުފާނު ޙިއްޞާކޮށްލައްވަދެވިދާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެ ކޮމިޝަނުގެ އެދުމުގެ މަތިން ކުރިއަށްދިޔަ ޙަރަކާތްތަކެއް އެއީ އިނގޭތޯ. މިހާތަނަށް އޭރު ހޯދިފައި ހުރި ހެކިތަކަށް އިތުރު ބާރު ހޯދުމުގެ ގޮތުން ބަލައި ފާސްކޮށް، ބޭނުންވާ ތަކެތި އެ ހޯދީ. އެނގިވަޑައިގަންނަވާނެ، މިހާރު ޤާނޫނު އޮންނަގޮތުން، ބަންދުގައި ބަހައްޓައިގެން މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް މި ލިބެނީ 30 ދުވަސް. ކޮމިޝަނުން އޭރު އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވީ، އޭރު އެކަން ކުރިއަށް ގެންދިޔަނަމަ، 30 ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި ދަޢުވާ ކުރުމަށް ފަހަރުގައި ދަތިވެދާނެއޭ. އެއީ ރިސްކެކޭ. އެހެން ވެއްޖެ ކަމަށްވަންޏާ، އެއިން އެއްވެސް މީހެއްގެ މައްޗަށް ދެން ދަޢުވާ ކުރުމުގެ ފުރްޞަތެއް ލިބިގެނެއް ނުދޭ.
އެހެންވީމާ، ރަނގަޅަށް ބަލައި، ތަޙުޤީޤުކޮށް ނިންމައި، ޝަރީޢަތަށް ހުށަހެޅޭވަރަށް ހެކި ހޯދުމަށްފަހުގައި ނޫނީވިއްޔާ މީހަކު ބަންދުކޮށްގެން ތަޙުޤީޤު ކުރުމަކީ ދަތިކަމަކަށްވެފައި އޮންނަނީ.
އެއާ ގުޅިގެން މި ހުށަހެޅިފައި އޮތް ޓެރަރިޒަމްގެ ޤާނޫނަށް ގެނެވޭ ބައެއް ބަދަލުތަކުގެ ތެރޭގައި، އެކަންވެސް އަޅުގަނޑުމެން ވާނެ ބަދަލުކުރަން އެދިފައި. އެއީ ޙަޤީޤީ ޓެރަރިސްޓުންނަކީ ކޮން ބައެއްކަން ދެނެގެން، އެ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އެޅުމަށްޓަކައި ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުގެންނަން ހުށަހެޅީ.
މި ސަބަބުތަކަށްޓަކައި އަދި ދާންވީ ސްޕީޑްގައި ބައެއް ބޭފުޅުންނަށް އެކަން ދާތަން އެ ނުފެންނަނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، އެ ކޮމިޓީގެ މަސައްކަތް ހަމަ ވަރަށް ރަނގަޅަށް، ވަރަށް ބާރަށް ކުރިއަށް އެބަދެއޭ.
ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް ނިއުސް:
ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވީމާ އަޅުގަނޑު ހިތަށްއަރަނީ، މަޖިލީހަށް ބިލު ހުށަހެޅުއްވުމާ އެކީގައި، މަޖިލީހުގެ ވަރަށްގިނަ މެންބަރުންގެ ކަންބޮޑުވުންތަކެއް ފެނިގެންދިޔަ. މަޖިލީހަކީ އެމް.ޑީ.ޕީ.ގެ އަޣްލަބިއްޔަތު، ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކަށްވެފައި، ސަރުކާރުން ހުށަހަޅާ ބައެއް ބިލުތަކާމެދު އެމް.ޑީ.ޕީ.ގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ފެނިގެންދިޔަތަން ފެނިގެންދޭ. އެގޮތުން، މި ބިލުތައް މި ހުށަހަޅަނީ އެއްވެސްވަރަކަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓަރީ ގްރޫޕާ މަޝްވަރާއެއްނެތިތޯއޭ ހުށަހަޅުއްވަނީ؟ މިފަދަ ޚިޔާލުތަފާތުވުންތަކެއް މަޖިލީހުގެ ތެރެއިން ފެނިގެން މިދިޔައީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙުތައް ގެނައުމަށްފަހުގައި، އޭގެ ކުރު ޚުލާޞާއެއް އަޅުގަނޑުމެން ޕާލަމެންޓަރީ ގްރޫޕަށްވެސް ފޮނުވިން. އެހެންނަމަވެސް، އެއްވެސް ކަމަކީ އެންމެން އެއްބަސްކިޔާނެ ކަމެއްނޫން. އެހެންވީމާ، ޚިޔާލު ތަފާތުވުމަކީ އަޅުގަނޑު ހިތުން މައްސަލައެއް ނޫން. އޭގައި އެކީގައި އިށީނދެ މަޝްވަރާކޮށްލީމާ، އޭގެ ރަނގަޅު ގޮތް ފެނިގެންދާނެ. އެގޮތުން، ޕާލަމެންޓަރީ ގްރޫޕާ އެކީގައި، އޭ.ޖީ އާއި އަޅުގަނޑުމެންގެ އޮފީހުން 21 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާނެ. އެއަށްފަހުގައި، ޙަޤީޤަތުގައި މީގައި ހުރި ކަންތައްތައް މި ކުރަނީ ކީއްވެގެންކަން ވަރަށް ބޮޑަށް ސާފުވެގެންދާނެ. މިހާރުވެސް އަޅުގަނޑުމެން އެ ފޮނުވާފައި އޮތް ލިޔުން ރަނގަޅަށް ބައްލަވައިލެއްވީމާ ވަރަށް ރަނގަޅަށް އެނގޭނެ، އެކަން މި ކުރަނީ ކީއްވެގެންކަން. އެހެންނަމަވެސް، ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެ ހުންނަނީ މިހާތަނަށް އެ ޤާނޫނު ބޭނުންކޮށްގެން ހިންގާފައި ހުރި ކަންތައްތަކާ ކަންބޮޑުވާތީ.
އެނގިވަޑައިގަންނަވާނެ، ޓެރަރިޒަމްގެ ޤާނޫނު މިހާތަނަށް ބޭނުންކޮށްފައި ހުރީކީއެއް ޙަޤީޤީ ޓެރަރިސްޓުންނަކަށް އަމާޒުކޮށްގެނެއް ނޫން. އޭގެ އަމާޒުކޮށްފައި ހުރީ ސިޔާސީ ވާދަވެރިންނަށް. އޭގެ ގެއްލުން އައީ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ވެރިންނަށް. އަދިވެސް އެހެން އެކަން ހިނގާފާނެކަމުގެ ބިރުގައި އެ ކަންބޮޑުވުން އެ އޮންނަނީ. އެހެންނަމަވެސް، އަޅުގަނޑުމެންނެއް ހަމަގައިމުވެސް ޓެރަރިޒަމްގެ ޤާނޫނެއް އެގޮތަކަށް ބޭނުމެއްނުކުރާނެ.
ނާޒިމް ޙަސަން - އަވަސް އޮންލައިން:
އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، މަނިކުފާނާއި ރައީސް ނަޝީދާ ދެމެދު ޚިޔާލުތަފާތުވުންތަކެއްގެ އަޑު. ދެން ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގެ ނުތަނަވަސްކަމެއްވެސް އެބަހުރިކަމަށް. އޭގެ އެއްވެސް ޙަޤީޤަތެއް އެބައޮތްތޯ، މަނިކުފާނާއި ރައީސް ނަޝީދާ ދެމެދު އެއްވެސްކަހަލަ ނުތަނަވަސްކަމެއް އެބައުޅޭތޯ؟
ދެން އޭގެއިތުރަށް، މަނިކުފާނު ޕްރެސްތަކުގައި އެބަ ވިދާޅުވޭ، ކޯލިޝަން ލީޑަރުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް. އެކަމަކު މިހާތަނަށް އެ ބައްދަލުވުންތަކެއް އަޅުގަނޑުމެންނަކަށް ނުއެއް ފެނޭ. ދެން ކޯލިޝަން ލީޑަރުންނާ އެއްކޮށް ބައްދަލުނުވެވިގެން އުޅެނީ ކީއްވެގެންތޯ؟ ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކާއި ނުތަނަވަސްކަން އޮތީތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ރައީސް ނަޝީދާއި އަޅުގަނޑާ ދޭތެރެއަކު ނެތް އެއްވެސް މައްސަލައެއް. މިއަދުވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން، ހަމަ ބައެއް ކަންތައްތަކުގައި. އެހެންވީމާ، އެއީކީއެއް އެއްވެސް އިޝޫއެއް ނޫން. އެއީކީ މައްސަލައެއް ނޫން. އެއީ އޮޅުވާލައިގެން ބަޔަކު ހަމަ ގަސްތުގައި ދައްކާ ވާހަކަތަކެއް. އަޅުގަނޑަކާއި ރައީސް ނަޝީދަކާ މައްސަލަޖެހޭނެ ކަމެއް ނޯންނާނެ. އެއީ ޔަޤީންކަމެއް.
ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުން އަޅުގަނޑު އިރާދަކުރެއްވިއްޔާ އިންތިޒާމު ކުރާނަން، އަޅުގަނޑު ޔޫ.އެން. އަށް ގޮސްފައި އައިސް. އެއީ މި އަންނަ މަހުގެ ކުރީކޮޅުގައި އޭގެ ބައްދަލުވުމެއް އަޅުގަނޑު އިންތިޒާމުކުރާނަން. މިހާތަނަށްވެސް ބައްދަލުނުވެވިގެން މިއުޅެނީ އެންމެން މާލޭގައި އެކީގައި ތިބޭ ވަގުތެއް ހަމަ ދަތިކަމުން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއާލައި ވަގުތުދީފައި އަޅުގަނޑު އެކަން އިންތިޒާމުކުރާނަން.
ޠަހާރަތު މުޙައްމަދު ވަޙީދު - ރާއްޖެ ޓީ.ވީ:
ދެންމެ ވިދާޅުވެއްޖެ، ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާއިރުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންޖެހޭނެ ކަމަށް ޓެރަރިސްޓް ޖަމާޢަތަކީ ކޮބައިތޯ؟ ދެން މިއަދު އެކަން ހާމަކުރައްވާނެ ކަމަށް. ހަމައެއާއެކު، އެ ބިލުގައި އެބަ ހިމަނާފައިވޭ، ހަނގުރާމަވެރި ސަރަޙައްދުތަކަކީ ކޮބައިތޯ. އެ ހަނގުރާމަވެރި ސަރަޙައްދުތަކަކީ ކޮބައިތޯވެސް މިއަދު މަނިކުފާނު ކަނޑައަޅުއްވާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު މިހާރު މި ޢަމަލުކުރަނީ މިހާރު އޮތް ޤާނޫނަށް. މިހާރު އޮތް ޤާނޫނުގައި އޮތީ ހަމައެކަނި ލިސްޓުތައް ހަދާ ވާހަކަ. އަޅުގަނޑުމެން ހުށަހެޅި އިޞްލާޙުގައި އޮންނާނީ އެ ސަރަޙައްދުތައް ކަނޑައަޅަން. އެހެންވީމާ، ޤާނޫނަށް އެ އިޞްލާޙު ގެނެވުނީމާ، އޭގައި އޮތްގޮތަށް އަޅުގަނޑު ޢަމަލުކުރާނަން. މިހާތަނަށްވެސް ޤާނޫނީގޮތުން ކުރަން ޖެހިފައި، ނުކޮށް އޮތް ކަމެއް އެއީ ލިސްޓު ހެދުން. ވަރަށް ސާފުކޮށް، ޞަރީޙަކޮށް ޓެރަރިޒަމްގެ ޤާނޫނުގައި މިހާރުވެސް އެބައޮވޭ އެ ވާހަކަ. އަދި ކުރިން ފުރަތަމަ އެ ޤާނޫނު ފާސްވިއިރުގައި، 2005 ވަނަ އަހަރު ފާސްވިއިރުގައި އޮންނަނީ ލިސްޓު ހަދާފައި، އެ ހާމަކުރަންޖެހޭނެ ކަމަށް. އެހެންނަމަވެސް، 2016 ވަނަ އަހަރު ޤާނޫނަށް އިޞްލާޙެއް، އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންނެވި. ގެނެސްފައި އޭރު ނިންމެވީ، ރައީސުލްޖުމްހޫރިއްޔާ ލިސްޓެއް ހެދުމަށްފަހުގައި، އެ ލިސްޓް، ޤައުމީ ސަލާމަތުގެ މަޖިލީހުގެ މަޝްވަރާގެ މަތިން ހެދުމަށްފަހު، ސިފައިންގެ ބެލުމުގެ ދަށުގައި ބަލަހައްޓަންވާނެއޭ. އެހެންނަމަވެސް، އަޅުގަނޑުމެން އިހަށްދުވަހު ޤައުމީ ސަލާމަތާބެހޭ މަޖިލިސް ބައްދަލުކޮށްފައި ނިންމީ، ލިސްޓެއް ހަދާކަމަށްވަންޏާ، އެ ލިސްޓް ހާމަކުރަންވާނެއޭ. އެހެން ނޫނީވީއްޔާ އެހެން މީހުންނަކަށް ނޭނގޭނެ އޭގައި ބައިވެރިވެވުނަސް. އަޅުގަނޑު ފޮރުވާފައި ލިސްޓެއް އޮތަސް، ކާކަށްތޯ އެނގޭނީ އެއީ ޓެރަރިސްޓް ޖަމާޢަތެއް ކަމެއް. މިސާލަކަށް، އަލް ޤަޢިދާ، އަޅުގަނޑުމެން މި ނިންމަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި. ނޫނީވިއްޔާ އައި.އެސް. އަޅުގަނޑުގެ ހިތުގައި އެ އޮތަސް، އެއަށް ދާ މީހާއަށް ނޭނގެންޏާ އެ ޓެރަރިސްޓް ޢަމަލެއްގައި ބައިވެރިވަނީކީ ނޫނެއް ނޫންތޯ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ލިސްޓް ހަދާފައި ލިސްޓް ހާމަކުރަން.
އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދު އެ ލިސްޓް ހާމަވެގެންދާނެ.
މަރްޔަމް ނިމާ ޙަސަން ދަ ޕްރެސް:
ހުމާމް ދޫކޮށްލަން ޔޫ.އެން.ގެ ބައެއް ފަރާތްތަކުން ބާރުއަޅާ. އެކަމުގައި ރައީސަށް މިހާތަނަށް އޮތް ޕްރެޝަރަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑަކަށް ނެތް އެއްވެސް ޕްރެޝަރެއް. ރަސްމީކޮށް ސަރުކާރަކަށް ނެތް އެއްވެސް ލިޔުމެއް އައިސްފައެއް ހުމާމް ދޫކުރުމަށް. ހުމާމުގެ މައްޗަށް ކުށެއް ސާބިތުވެ، އެ ޙުކުމް ތަންފީޒު ކުރަމުން އަދި އަޅުގަނޑު ހިތުން އޮތީ މިހާރު އެޕީލް ޕްރޮސެސްގައިހެން އަޅުގަނޑަށް ހީވަނީ. އެ ނުނިމި އޮތީ.
ފަޒީނާ އަޙްމަދު - މިހާރު ނޫސް:
ފުރަތަމަ ސުވާލެއްގެ ގޮތުން، ރައީސް ޓެރަރިސްޓް ޖަމާޢަތުގެ ގޮތުގައި ކަނޑައެޅުއްވި ލިސްޓުގައި ހިމެނެނީ ކިތައް ޖަމާޢަތްތޯ؟ އަދި އެއީ ކޮންބައެއްތޯ މިހާރު ހާމަކުރެއްވިދާނެތޯ؟ އެއީ ފުރަތަމަ ސުވާލު.
ދެވަނަ ސުވާލެއްގެ ގޮތުން އެމް.އެމް.ޕީ.އާރު.ސީ މައްސަލައިގައި ރަށްތަކެއް ފާހަގަކުރައްވާފައި އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުއްވާފައި އޮތް ކަމަށް ރައީސް ތިޔަ ވިދާޅުވީ. ދެން އޭގައި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް. އެއީ އޭގެ އެއްބައި. އަނެއްބަޔަކީ ފައިސާ ލިބުނު މީހުން، އޭގެ މަންފާ ލިބުނު މީހުން. އޭގެ މީހުންތަކެއް މިހާރުވެސް މިނިވަންކޮށް އެބަތިބި. އެމީހުންގެ މައްސަލަތައް އެބަ ބަލާތޯ. އެކަންކަމާ ގުޅޭގޮތުން ކޮމިޝަނުން އެބައޮތްތޯ ރައީސަށް އެއްވެސް ލަފައެއް ދީފައި. އަޅުގަނޑުމެންނަށް މި ފެންނަނީ މި މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ޝަރީޢަތް ހިނގާތަން. އެކަމަކު ފައިސާ ބޭނުންކުރެއްވި އެހެން މީހުންގެ މައްސަލަތައް ކުރިއަށްދާތަނެއް ނުފެނޭ. ދެން ރައީސް ގަބޫލުކުރައްވަންތޯ މި ކޮރަޕްޝަން މައްސަލަތަކުގެ ގޮތުގައި ނަސަންދުރަ މައްސަލައާއި ދެން އައި.ޖީ.އެމް.އެޗް.ގެ އާ އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ މައްސަލައަކީވެސް ރައީސް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައި ހުރި ކަންކަން. އެކަމަކު އެންމެ ދެ ފުށް ފެންނަ ގޮތަކަށް ކޮމިޝަނުން އެ މައްސަލަ ބަލައި ޢާންމުންނަށް އެކަންކަން ހާމަކުރާތަނެއް އަޅުގަނޑުމެންނަކަށް ނުއެއް ފެނޭ. އެހެންވީމާ، ރައީސް އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށްތޯ މި ކޮމިޝަންގެ މަސައްކަތް މިދަނީ. ދެ ފުށް ފެންނަ ގޮތަށް ކަމަށް ގަބޫލުކުރައްވަންތޯ.
ދެން ދެވަނަ ކަމެއްގެ ގޮތުގައި، މަނިކުފާނު އިސްކަން ދެއްވާ ކަމެއް، ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ. މި ސަރުކާރު އައިފަހުން ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް އިޢުލާނުތަކެއް ކުރައްވާފައި ވަނީ. އެކަމަކު މަޝްރޫޢުތަކެއް ފެށިގެން މިހާރު ކުރިއަށްދާތަނެއް ނުފެނޭ. ފްލެޓް ކޮމިޓީއެއް މަނިކުފާނު ހެއްދެވި. އެކަމަކު އޭގައިވެސް އެންމެ އެދެވޭ ގޮތެއްގައި، ރައްޔިތުން ބޭނުންވާ ސްޕީޑްގައި އެކަންކަން ނުދާކަން އެނގެނީ ބައެއް މެންބަރުން އިސްތިޢުފާ ދެއްވުމާއި، އެ ބަދަލު އައުން. ކިހިނެއްތޯ މިހާރު ބާވީސްހާސް މީހުން ފޯމު ހުށަހަޅާފައި، އިންޞާފުގެ އިންތިޒާރުގައި އެބަތިބި. އެހެންވީމާ، މަނިކުފާނު ދެއްވާނެ ޖަވާބަކީ ކޮބައިތޯ؟ މި އިންޞާފާ ހަމަޔަށް ވާސިލުވެވޭނީ ކިހާ މުއްދަތެއްގައިތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ފުރަތަމަ ކަމަކަށް، ޓެރަރިސްޓް ޖަމާޢަތްތަކުގެ ތެރޭގައި 17 ޖަމާޢަތެއް މިއަދު އަޅުގަނޑުމެން މި އިޢުލާނު ކުރަނީ. އެއީ ބަދަލުގެނެވޭނެ އަދަދެއް. އިތުރުވެސް ކުރެވިދާނެ. މަދުވެސް ކުރެވިދާނެ. އެހެންވީމާ، މިއަދުގެ ލިސްޓުގައި އޮންނާނީ 17 ޖަމާޢަތެއްގެ ނަން. ދެން އަޅުގަނޑުގެ އަތަކު މިވަގުތަކު ނެތް. ލިސްޓެއް އޮތްނަމަ ކިޔާލެވުނީސް.
ދެން އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައިގައި އަޅުގަނޑު ދެންނެވި ފަދައިން، އެ ކޮމިޝަނުން އެ ކުރަނީ ވަރަށް ވަރަށް ވަރަށް ބުރަ މަސައްކަތެއް. ވަރަށް އުނދަގޫ މަސައްކަތެއް. ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށް އެބަހުރި އެގްރީމަންޓެއް ނެތި، ފައިސާ ނުނަގައި ދީފައި. އަދި ކާކަށްކަން ދިނީ ނޭނގޭވެސް އެބައުޅޭ 9 ނޫނީ 10 ވަރަކަށް ރަށް. އަދި އެއް ރަށް ދެ މީހުންނަށް ދިނުމާއި، ދެ މީހުންނަށް އެއް ރަށް ދިނުމާއި، މިހެންގޮސް ހުރި އޮޅުންބޮޅުންވެފައި އޮތް ކަމެއްގެ ތެރެއަށް ވަދެ އެ މަސައްކަތް ކުރަމުން އެ ގެންދަނީ. އަޅުގަނޑަށް ގަބޫލުކުރެވެނީ، މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށް.
ދެން މިކަމުގައި ރައީސް ޔާމީނުގެ މައްޗަށް ތިޔަ ވިދާޅުވާގޮތަށް ޝަރީޢަތް އަދި ކުރެވެނީ. އެކަމަކު އަޅުގަނޑަށް އިއްޔެ މަޢުލޫމާތު ލިބުނީ މި މަހުގެ ފަހު ހަފްތާގެ ތެރޭގައި، އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮމިޝަނުން ފޮނުވާނެ ކަމަށް. އަދި އެ ފައިސާ ލިބުނު މީހުންގެ ލިސްޓް ބަލައި، އޭގެ ތަފްޞީލަށް ގޮސް، އޭގެ ޙަޤީޤަތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ.
އަޅުގަނޑު މިހާރުވެސް ގަބޫލުކުރަނީ އައި.ޖީ.އެމް.އެޗް.ގެ މައްސަލައިގައި މައްސަލަ އެބައުޅޭ ކަމަށް. އެތަނަށް ޚަރަދުކޮށްފައި އެހުރީކީއެއް ކުރަންވީވަރަކަށް ނޫންކަމަށް. އެއީ ކަނޑައެޅިގެން އެނގޭ ކަމެއް. އައި.ޖީ.އެމް.އެޗް.ގެ މައްސަލަ ބަލަމުން އެ ގެންދަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން. އަޅުގަނޑު ހިތުން އަލުން އެ މައްސަލަ ބެލުމަށް، އަލަކުން ނޫން، މިހާރުވެސް އޮތް ހިސާބުން ކުރިއަށް ގެންދިޔުމަށް، އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިޔުމަށް އެ ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ނަސަންދުރަ މައްސަލަވެސް ބަލާނަން އިނގޭތޯ. އެއީ ނުބަލައި ދޫކޮށްލާނެ މައްސަލައެއް ނޫން. ހަމަގައިމުވެސް އެތަނަށް ބިން އިތުރުކޮށްފައި އޮތީކީއެއް އެއްވެސްކަހަލަ ހަމަޔަކުން އުޞޫލަކުންނެއް ނޫން. އެހެންވީމާ، އެއީ ހަމަގައިމުވެސް ބަލަންޖެހޭނެ ކަމެއް.
ފްލެޓް ކޮމިޓީން ދެ ބޭފުޅަކު އިސްތިޢުފާ ދެއްވި. އިސްތިޢުފާ ދެއްވީކީ އެތަނުގެ މަސައްކަތް ނުހިނގައިގެނެއް ނޫން. އެބޭފުޅުންގެ މަސައްކަތްތައް ހުރިގޮތުން، ވަގުތު ނުދެއްވިގެން. ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަނީ. އެ ކޮމިޓީގެ މަސައްކަތް ޑިސެންބަރު މަހުގެ 15 އަށް ނިންމައިލެވޭތޯ ކުރަމުން އެ ގެންދަނީ. ފޯމު ހުށަހަޅާފައި ހުރި ފަރާތްތަކުގެ ތަންތަނަށް ގޮސް އެތަންތަން ބެލުމުގެ މަސައްކަތް މިހާރު އެ ކުރަނީ. ވަރަށްބުރަ މަސައްކަތެއް އެއީ. ކޮންމެ މީހެއްގެ ގެޔަށް ގޮސް، އެމީހާގެ ޙާލަތު ބަލައި، އެކަން އެ ދެނެގަންނަނީ. އެހެންވީމާ، އުނދަގޫ މަސައްކަތެއް އެ ކުރަނީ. އެކަމަކު އެކަން ކުރިއަށް ގެންދާނެ އިނގޭތޯ.
ދެން މީގެތެރޭގައި އެއްވެސް މަސައްކަތެއް އަދި ބޯހިޔާވަހިކަމުގެ ނުފެށޭ ވާހަކަ ތިޔަ ވިދާޅުވިއިރުގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް ކުރިއަށް އެބަދޭ. ނޮޅިވަރަންފަރުގައިވެސް އެބަ ކުރިއަށްދޭ. އަދި ތިމަރަފުށި، އަދި ނައިފަރުގައިވެސް ފެށުމުގެ މަސައްކަތް ކުރިއަށް އެދަނީ. ހަމައެކަނި މާލެއަކަށް ނޫން ބޯހިޔާވަހިކަން ބޭނުންވެފައި އޮތީކީ.
މާލޭގެ ޙާލަތަށް ބަލާއިރުގައި، ވަރަށް ސާފުކޮށް ފެންނަން މިއޮތީ. މިސާލަކަށް، އަޅުގަނޑުމެން އައިސް ކުރަން މި ފަށްޓަނީ ސޯޝަލް ހައުސިންގގެ ގޮތުގައި މާލޭ ސަރަޙައްދަށް 4200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް. ނޮވެންބަރުގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށޭނެ. އަތޮޅުތަކުގައި 5000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި ގެންދަނީ. އެކި ދާއިރާތަކަށް ބަހައިގެން. އެގޮތުން ލ. ފޮނަދޫގައި 50 ޔުނިޓް. ގދ. މަޑަވެލީގައި 22 ޔުނިޓް. ފުވައްމުލަކުގައި 200 ޔުނިޓް. ހުޅުމީދޫގައި 48 ޔުނިޓް. ގދ. ގައްދޫގައި 50 ޔުނިޓް. މިހެންގޮސް ހިތަދޫގައި 264 ޔުނިޓް. ވިލިނގިލީގައި 52 ޔުނިޓް. ގދ. ހޯނޑެއްދޫގައި 40 ޔުނިޓް އެޅުމުގެ މަޝްރޫޢެއް ކުރިއަށް އެބަ ގެންދޭ.
އަދި އޭގެއިތުރުން، ނުހެދި ހުރި ބައެއް ގޭގެ ގޯތިތައް ހެދުމަށް ފައިސާ ދޭގޮތަށްވެސް މި މަޝްރޫޢުގެ ތެރޭގައި ކުރިއަށް އެބަގެންދޭ.
އެނގިވަޑައިގަންނަވާނެ، މިހާރުވެސް 6860 ހައުސިންގ ޔުނިޓް ކުރީގެ ސަރުކާރުން އަޅައި، އަޅުގަނޑުމެން ކުރީގެ ޕްރެސްއެއްގައިވެސް ވާހަކަ ދެއްކިން. އޭގައި މައްސަލަތަކެއް ހުރި ވާހަކަ. އެތަނަށް ވަދެ ދިރިއުޅެން ދަތި ހާލެއްގައި ހުރި ވާހަކަ. އަދި އޭގެ އަގުތައް ބޮޑު ވާހަކަ.
އަޅުގަނޑުމެން މިހާރު އެޗް.ޑީ.ސީ.އާ އެކީގައި މަޝްވަރާކޮށްފައި އޮންނާނެ. ރަނގަޅު އަގުގައި، އަޅުގަނޑުމެން މި ދަންނަވާ ހަހާސް ރުފިޔާގެ ތެރޭގައި، ހަތްހާހަށްވުރެ ބޮޑުނުވާގޮތަށް ދެވޭނެގޮތެއް ތިޔަބޭފުޅުން ހޯއްދަވައިދެއްވާށޭ. އެއީ މުއްދަތު އިތުރުކޮށްގެން ނަމަވެސް.
އެހެންވީމާ، ރައްޔިތުންނަށް އެ ލުއި ދިނުމަށްފަހުގައި އެގޮތަށް ބަދަލުކޮށްގެން، އެ ތަންތަނަށް ބަދަލުގެނެސް އެކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ފެށެނީ.
އަދި ހައުސިންގގެ ވާހަކަ ދައްކާއިރުގައި، މިހާރު ކުރިއަށްދާ މިޑް ރޭންޖް ހައުސްތަކަށް ދިމާވެފައި ހުރި ގޮތްވެސް ތިޔަބޭފުޅުން ޗެކްކޮށްލައްވަންވާނެ.
މިހާރު 7491 ހައުސިންގ ޔުނިޓް ނުވިކި އެބަހުރި. އަޅައި ނިމެމުން އެދަނީ. ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ތެރޭގައި ނިމޭނެ އިނގޭތޯ. މީގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ. މިއީ އެއްފަހަރާ ފައިސާދީފައި ގަންނަން ހުޅުވާލާފައި ހުރި ހައުސިންގ ޔުނިޓްތަކެއް. އެއީ ސަރުކާރުންނާއި، ސަރުކާރު ބައިވެރިވެގެންނާއި، އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫޢެއް. މީގެ އަގު މިއުޅެނީ 2.2 އާއި، 3.2 މިލިއަން ރުފިޔާ. މާކެޓްގައި ބޭންކްތަކުގައި މިވަރަށް ފައިސާ ހުރިތޯ، ނޫންތޯ، އެއީ އުފެދޭ ސުވާލަކީ. ބީ.އެމް.އެލް.ގައި މިކަމަށް ފައިސާހުރީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެމީހުން އެލޮކޭޓް ކޮށްފައި ހުރީ ހަތަރު ބިލިއަން ރުފިޔާ.
އެހެންވީމާ، 12 ބިލިއަން ރުފިޔާ އެބަ މަދުވޭ، މި ހައުސިންގ ޔުނިޓްތައް ގަންނަން. ކިހިނެއްތޯ މި ޙައްލު ހޯދާނީ؟ މި ހައުސިންގ ޔުނިޓްތަކަށް ވާނީ ކިހިނެއްތޯ ދެން؟ މިއީ އަޅުގަނޑުމެން ސަރުކާރުގައި ތިބޭއިރުގައި ވިސްނަންޖެހޭ ކަމެއް.
އެހެންވީމާ، އަޅުގަނޑުމެން ކުރަމުންގެންދާ އެއް މަސައްކަތެއް، ފައިސާ ހޯދުމުގެ މަސައްކަތް. ފަސޭހައިން މި ހައުސިންގ ޔުނިޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަން. ތިން މިލިއަން ރުފިޔާ ދީފައި، ދެ މިލިއަން ރުފިޔާ ދީފައި ފްލެޓެއް އެއްފަހަރާ ގަނެވޭނެ މީހަކު މަދުވާނެ ރާއްޖޭގައި. އަޅުގަނޑު ނުދަންނަވާނަން، ފައްސަތޭކަ މީހުންވެސް އުޅޭނެއެކޭ. އުޅެދާނެ. އެއްހާހެއް ގައިމުވެސް ނޫޅޭނެ. އަޅުގަނޑު މި ދަންނަވަނީ 7400 ހައުސިންގ ޔުނިޓް ހުރި ވާހަކަ މި އަގުގައި. 16 ބިލިއަން ރުފިޔާ ބޭނުންވާ ވާހަކަ. ބީ.އެމް.އެލް.ގައި އެކަމަށް ޚަރަދުކުރަން ހުރީ 4 ބިލިއަން ރުފިޔާއޭ އެ ބޭފުޅުން އެ ވިދާޅުވަނީ. ކޮންމެވެސް ތާކުން ފައިސާ ހޯދައިގެން ނޫނީވިއްޔާ މިއަކަށް ނެތް ޙައްލެއް ހޯދޭކަށް. މިހިރީ މީގައި ދިމާވާ މައްސަލަތަކަކީ.
މިއީ އަޅުގަނޑު ދަންނަވާނީ އުޞޫލެއްނެތި، ޕްލޭނެއް ނެތި ކަން ކުރީމާ ވާގޮތޭ. ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވޭ. ވަރަށް ބައިވަރު އެބަތިބި. އެހެންނަމަވެސް، މިގޮތަށް ކުރީމާ ދެކޮޅެއްނުޖެހޭ. މިއަށް ޙައްލު ހޯދަން އެބަޖެހޭ.
ދެން އެނގިވަޑައިގަންނަވާނެ، ގުޅީފަޅުން ފްލެޓް ގަތް މީހުން. ގެ ގަތް މީހުންގެ މައްސަލަ އެބައޮތް. ޓާޓާ ހައުސިންގ އިން ފްލެޓް ގަތް މީހުންގެ މައްސަލަ އެބައުޅޭ އަޅުގަނޑުމެންގެ ކުރިމަތީގައި. ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް އަޅުގަނޑުމެން މިހާރުވެސް އޮންނާނެ ގޮތެއް ނިންމާފައި. އެއީ ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދައްކާފައި ތިބި ކޮންމެ މީހަކަށް އެންމެ ފުރަތަމަ އަޅުގަނޑުމެން އަޅާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ފްލެޓް ދޫކުރާނަމޭ. އޭގައި އެޑްވާންސަށް ދައްކާފައި ހުރި ފައިސާ އެއިން ކަނޑާފައި، ދެން ދައްކަންޖެހޭ ބައި ފަސޭހަގޮތަކަށް، ލުއިގޮތަކަށް އެކަން ކޮށްދޭނަމޭ.
ދެން ޓާޓާ ހައުސިންގ އިން ކުރީގައި އޮތް ވަރަށްވުރެ ބޮޑު އަގުގައި ވޭތުވެދިޔަ ސަރުކާރުން މީހުން އަތުން ފައިސާ ނަގާފައި އޮތީ. އެމް.އެމް.އޭ.އާ ވާހަކަ ދައްކައިގެން އެއަށް ލުއިގޮތެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، އެއަށް އަޅުގަނޑުމެންނަށް ޙައްލު ހޯދޭނެ.
ޝައުފާ ޙުސައން - މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑް:
އަޅުގަނޑުގެ ސުވާލަކީ ރައީސް ވިދާޅުވެއްޖެ، އެސެޓް ރިކަވަރީގެ މަސައްކަތަށްފަހު ފާހަގަކުރެވިފައި ނުއަގުގައި ރަށްތައް ދޫކުރެވިފައި ހުރި ކަމަށް. މީގެ ދެ ދުވަހެއް ކުރިން އެއް ރަށެއްގެ އެގްރީމަންޓް ބާޠިލުކުރި ކަމަށް. އެއީ ކޮން ރަށެއްތޯއޭ؟ ކޮންކަމަކާތޯއޭ އެގްރީމަންޓް ބާޠިލުކުރެވުނީ؟
އަނެއް ސުވާލަކީ ވަގުތީގޮތުން މަސްކިރަން ބަދަލުތަކެއް ގެންނަ ވާހަކަ. ވަގުތީ ހުއްދައެއް ދީގެން މަސް ކިރުމުގެ ކަންތަކަށް. އެއީ ސަރުކާރުންތޯ އެ ކުންފުނިތައް ކަނޑައަޅާނީ. ނޫނީ އެކަމަށް ޝައުޤުވެރިވާ ބަޔަކަށްތޯއޭ؟
އަޅުގަނޑުގެ އަނެއް ސުވާލަކީ، އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން މިފްކޯގެ ޙާލަތު ބަލައިލުމުގެ ފުރްޞަތު ލިބިގެންދިޔަ. ރާއްޖޭގެ މަސްވެރިންގެ މަސްދޯނިފަހަރަށްވުރެ މިފްކޯގެ ޙާލަތު ހުރީ ހަމަ ދަށުގައޭ ދެންނެވޭނީ. ކޮބައިތޯ މިފްކޯ ތަރައްޤީ ކުރަން ސަރުކާރުން ގެންގުޅުއްވާ ޕްލޭނަކީ؟ އެއީ ވަރަށް އަވަސް ބަދަލެއް ގެނެސްގެން ނޫނީ މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނައިރެއްގައި މަސް ކިރައިގެން އެ މަހުން ލިބޭނެ މަންފާ ހޯދޭނެ ގޮތަކަށް ނޫން މިފްކޯގެ ޙާލަތު ހުރީކީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޝުކުރިއްޔާ އިނގޭތޯ. ތިޔަ ވިދާޅުވާހެން މަސް ކިރަން އަޅުގަނޑުމެން މި ހުޅުވައިލަނީ. ސަރުކާރަކުންނެއް ނޫން ލިސްޓް ހަދާނީކީ. އެކަމަށް ޝައުޤުވެރިވާ ކޮންމެ ބަޔަކަށް މަސް ގަނެވޭގޮތަށް މި ހުޅުވައިލަނީ. އަދި ރާއްޖެއިން ބޭރުވެސް ކުރެވޭގޮތަށް އެ ފުރްޞަތު ހުޅުވާލައި، އަޅުގަނޑުމެން ވަގުތީ ޙައްލެއް މި ދެނީ. އެހެންވީމާ، މިވަގުތު މިފްކޯގެ އެވްރެޖްކޮށް ދުވާލަކު 200 ޓަނު އެބަ ވަދޭ. އެކަމަކު އެވަރަށް ކިރޭނެ ޖާގައެއް މިފްކޯއަކު ނެތް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ 110 ޓަނު ދުވާލަކު މަސް ގަނެވެނީ. އެހެންވެއްޖިއްޔާ އެބައުޅޭ، ދެން އެކިގޮތްގޮތް ހަދައިގެން މިވަގުތު ޙައްލުކުރަނީ. އެކަމަކު މިހާރުވެސް މި މަހުގެ 25އާ ހިސާބަށް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކިޔޫގައި އެބައޮތް މީހުން މަސް ބާނައިގެން އައިސް.
އެހެންވީމާ، ވަރަށް ވަރަށް އެހެންކަހަލަ ވަގުތެއް މިއީ. މިވަގުތު އަޅުގަނޑުމެން މިކަހަލަ ޑިޒިޝަނެއް ނުނަގައިފިއްޔާ، މަސްވެރިންނަށް ވަރަށްބޮޑު ގެއްލުމެއް ކުރިމަތިވާނެ.
ދެން އޭގެއިތުރުން، އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން ހަމަ މަސްބާނާ ފަރާތްތަކަށް، މަސްދޯނި ފަހަރަށް ވަގުތުން ހަމަ ފައިސާ ދޫކުރުމަށް. އެކަން އިރާދަކުރެއްވިއްޔާ ދަތިނުވެ އެބަ ގެންދެވޭ. އެކަމަކު މިދާ ސްޕީޑްގައި ދަންޏާ އެއަށްވެސް ހަމަ އުނދަގޫތަކެއް ކުރިމަތިވެދާނެ. އެކަމަކު އަޅުގަނޑުމެން އެކަމަށް ހޭލާ މިތިބީ.
ދެން ތިޔަ ވިދާޅުވާހެން ރާއްޖޭގައި އެހުރި މިފްކޯގެ ޚާއްޞަކޮށް ފެލިވަރު އޮތީ ވަރަށް ރަންޑައުންވެފައި. ކޫއްޑޫވެސް އެ ހާލުގައި އެއޮތީ. އެންމެފަހުން ހުޅުމީދޫގައި އެ ހެދި ފެކްޓްރީއެއް. އެތަނަކަށް ނެތް ވަދެވޭކަށް ދޯނިފަހަރަކަށް ފުންނުކޮށެއް. އެ ވަންނަންވާ މަގު އޮތީ ވަރަށް ބޮޑަށް ތިލަކޮށް. އެހެންވީމާ، މިހާރުން މިހާރަށް ދެކުނަށް މަސްވެރިކަން ދާންވާއިރަށް އަޅުގަނޑުމެން މި ބަލަނީ އެތަނުގެ މަސައްކަތް ފެށޭތޯ. އެހެންވީމާ، ވީހާވެސް އަވަހަކަށް ފަޅު ފުންކުރުމުގެ މަސައްކަތް އެތަނުގައި ކުރެވިގެންދާނެ.
އޭގެއިތުރުން، މަސް ސްޓޯރޭޖްކުރާ އަދަދު ފެލިވަރުގަޔާއި ކޫއްޑޫގައި އިތުރުކުރުމުގެ ޕްލޭނެއް އެބައޮތް. އަޅުގަނޑުމެންނަށް އޭގެ ފައިސާވެސް އިރާދަކުރެއްވިއްޔާ، ސަޢޫދީ ސަރުކާރުން ހުރީ ހަމަޖެހިފައި.
އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ މި އަންނަ މަހުގެ ތެރޭގައި ނަމަވެސް އެކަން ފަށައިގަނެވޭތޯ. ދެން އޭގެ ޕްލޭނެއް އެބައޮތް މިފްކޯއިން އަޅުގަނޑަށް ގެނެސްދީފައި. އެހެންވީމާ، އިކޮނޮމިކް ކައުންސިލުގެ މަޝްވަރާއާ އެކީގައި އެކަން ކުރިއަށް މިގެންދަނީ.
ދެން ތިޔަ ވިދާޅުވި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާފައި އޮތް އެއް ރަށް. އެ ރަށް އަޅުގަނޑު އެ އެގްރީމަންޓް ބާޠިލުކުރަން އަޅުގަނޑު އެންގީ، އެ ދައްކަން އޮތް އިކްއިޒިޝަން ކޮސްޓް. ދައްކަންޖެހޭ ފައިސާ ނުދައްކައި އަދި މުއްދަތު އިތުރުކުރަން އެދުނީމާ، އޭރު މުއްދަތު އިތުރުކޮށްގެންވެސް އެ ފައިސާ ނުދެއްކީމާ އެހިސާބުން ވަކިކުރަން އަޅުގަނޑު ނިންމީ އެކަން. އެހެންވީމާ، އެ ނަން އަޅުގަނޑު ހާމަކޮށްލާނަން އިނގޭތޯ. އަޅުގަނޑު އަތުގައި މިއަދު މި ގަޑީގައި ނެތީ އެ.
ޢާއިޝަތު ޝިއުރާ - ވީ މީޑިއާ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަނިކުފާނު ފާހަގަކުރެއްވި އެއްކަމެއް އެއީ، ރައީސް ޔާމީނުގެ ސަރުކާރުގައި މި ސިޔާސީ ގުޅުން ކަނޑާލާފައި ހުރި ޤައުމުތަކާއެކު ސިޔާސީ ގުޅުން ބާއްވާނެ ކަމަށް. އެގޮތުން އެއް ޤައުމު އެއީ ޤަޠަރު. އެހެންވީމާ، ޤަޠަރާއެކު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކަންކަން މިހާރު ކިހާ ހިސާބެއްގައިތޯ އޮތީ؟
ދެން ދެވަނަ ސުވާލަކީ، ފާހަގަކުރައްވައިފި އަންނަ މަހުގައި އަނެއްކާވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދަވާނެ ކަމަށް. ދެން އެ ބައްދަލުވުންތަކުގެ ތެރޭގައި، މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަވެގެން މިދިޔައީ ކޯލިޝަންގެ ތެރޭގައި ދެބަސްވުން އުފެދިގެން މިދިޔައީ، އިންތިޚާބަށް ނުކުންނާނީ ކޯލިޝަނުންތޯ، ނޫނީ ވަކިވަކިންތޯ. އެހެންވީމާ، ކުރިއަށް މިއޮތީ ލޯކަލް ކައުންސިލް އިންތިޚާބު. ކޮންގޮތަކަށްތޯ ނުކުންނާނީ ކޯލިޝަނުން. ވަކިގޮތެއް ކަނޑައަޅާނެތޯ އެ ބައްދަލުވުންތަކުގައި. ދެން ހަމަ މިހާރު ޙާލަތު މި އޮތްގޮތުން ކޯލިޝަން ސަރުކާރު ކުރިއަށް މަނިކުފާނުގެ މި އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އޮންނާނެ ކަމަށް މަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތޯ؟
ދެން އޮތް ސުވާލަކީ ރައްޔިތުންގެ ތަފާތު އެކި ޝަކުވާތަކާއި ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް މަނިކުފާނު އެކިއެކި ކޮމިޓީތަކެއް އުފައްދަވާފައި އެބަވޭ. އޭގެތެރެއިން ބައެއް ކޮމިޓީތަކުގެ މަސައްކަތްތައް މަނިކުފާނު ހާމަވެސް ކުރައްވައިފި. ދެންހުރި ކޮމިޓީތަކުގެ މަސައްކަތްތައް މަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފެންވަރަކަށް އެބަ ކުރިއަށްދޭތޯ. ރައްޔިތުންގެ ޝަކުވާތައް ބެލުމުގެ ކަންކަން މަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ފެންވަރަށް ކުރިއަށްދޭތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ކޮން ކޮމިޓީއެއް، ނޫނީވިއްޔާ ކޮން ކޮމިޝަނެއްތޯ ޝަކުވާއެއް މިސާލަކަށް.
ޢާއިޝަތު ޝިއުރާ – ވީ މީޑިއާ:
މިސާލަކަށް، ވަޒީފާ ގެއްލިފައި ތިބި ފަރާތްތައް މިދިޔަ ސަރުކާރުގެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެ ކޮމިޓީގެ މަސައްކަތް، އަޅުގަނޑު ކުރިންވެސް އޭގެ ތަފްޞީލެއް އަޅުގަނޑު ތިޔަބޭފުޅުންނަށް އެރުވިން. ޖުމްލަ 811 މައްސަލަ އެތަނަށް ހުށަހެޅުނީ. އޭގެތެރެއިން ބެލެވޭނެ ކަމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ 365 އެ ކޮމިޓީން ނިންމީ. ބަލައި ނިންމާފައި ފޮނުވި މައްސަލަތަކުގެ ތެރެއިން 111 ފަރާތަކަށް އަޅުގަނޑުމެންނަށް މިހާރު ވަޒީފާ ދެވިއްޖެ.
ދެން އަދިވެސް، ދެން ބައެއް ފަރާތްތަކަށް ވަޒީފާ ހޯދުމަށް ރައީސް އޮފީހުން އެންގީމާ، އެބަ ހުއްޓުންއަރާ. ޚާއްޞަކޮށް، ބައެއް ކުންފުނިތަކުގައި. އެހެން ދިމާވާ އެންމެ މުހިއްމު އެއް ސަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަވެފައި މި އޮންނަނީ، ބައެއް ކުންފުނިތަކުގައި އަދިވެސް އެކަމާ ހަވާލުވެ ތިބީ އޭރު އެކަންކުރި ފަރާތްތައް. ވަޒީފާއިން ވަކިކުރި ވެރިޔަކު މި ހުންނަނީ އެޗް.އާރު.ގައި ނަމަވެސް. ދެން އޭނާއާ ހިސާބަށް ފޮނުވާފައި ވަޒީފާދޭށޭ ބުނީމާ، އޭނާއަކަށް ނުފެނޭ، ވަޒީފާ ވަކިކޮށްފައި އޮތީކީ ގޯސްކޮށް ކަމަކަށެއް. އެހެން ދިމާވެގެން ހުރި ބައެއް މައްސަލަވެސް އެބަހުރި.
އެހެންވީމާ، އަޅުގަނޑަށް ޕްރެޒިޑެންޝަން އެކްޝަން ކޮމިޓީގެ މަސައްކަތް ލަހެއްނޫން ކުރިއަށްދާލެއް. އެހެންނަމަވެސް، ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކަށް ވަޒީފާ ނުލިބިދާ ކޮންމެ ދުވަހަކީ އެމީހުންގެ ބޮޑު ޝަކުވާއަކަށްވާނެ. އަޅުގަނޑު ގަބޫލުކުރަން އެ ޝަކުވާ. އެއީ ހަމަ ކުރާނެ ޝަކުވާއެއް. އަދި އެއަށް ޙައްލު އަޅުގަނޑަށް ހޯދައިދެވޭތޯވެސް ބަލަންޖެހޭނެ ޝަކުވާއެއް އެއީ.
އާދެ، އަޅުގަނޑު އިންތިޚާބުގެ ތެރޭގައި ބުނިން، ކޮމަންވެލްތާ ގުޅުން ބަދަހިކުރާނަމޭ. ޤަޠަރާ އެކީގައިވެސް އަޅުގަނޑުމެން އަލުން އަނބުރާ ގުޅުން އާކުރާނަމޭ. އެ މަސައްކަތުގެ ކުރަންޖެހޭ ކަންތައްތައް ފޮރިން މިނިސްޓްރީން ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުމެން އަބަދުވެސް ޤައުމުތަކާ އެކީގައި އަލުން ގުޅުން އުފައްދަމުން މިގެންދަނީ ޤައުމަށް އެންމެ ފައިދާހުރި، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް އިސްކޮށްގެން. އެހެންވީމާ، އެގޮތުގެ މަތިން ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނީ.
ކޯލިޝަނުގެ ބައްދަލުވުމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި އަންނަ މަހުގެ ކުރީކޮޅުގައި އަޅުގަނޑު ބާއްވާނަން. އަދި އެ ބައްދަލުވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭގޮތުން އަޅުގަނޑުމެން މަސައްކަތް ކުރާނަން. ދެން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ކޯލިޝަން ނޯންނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. ރައްޔިތުން އިންތިޚާބުކުރީ ކޯލިޝަން ސަރުކާރެއް. އެހެންވީމާ، އެއަށް އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަޅުގަނޑުމެންގެ ހުރިހާ ޕާޓީއަކުންނާއި، ހުރިހާ ވެރިންނާއި، އަޅުގަނޑު އެއަށް ޢަމަލުކުރަންޖެހޭނެ.
ނަޖާހް މަސްޢޫދު – ސަން މީޑިއާ ގްރޫޕް:
މަނިކުފާނު ވިދާޅުވެއްޖެ، މިއަދު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ލިސްޓް އެކުލަވައިލެއްވި ކަމަށް. ދެން އަޅުގަނޑުމެންނަށް އެނގިގެންދިޔަ، ރިޟްވާނުގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން ހެދި ރިޕޯޓުން ރާއްޖޭގައި ޓެރަރިޒަމަށް ފައިނޭންސްކުރާ ވިޔަފާރިތަކެއް އުޅޭ ކަމަށް. މަނިކުފާނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަނިކުފާނަށް ތަފްޞީލުވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ގަބޫލުކުރާގޮތުން އެ ވިޔަފާރިތަކުގެ. ދެން ނޭނގިނަމަވެސް ދިވެހި ރައްޔިތުންނަށް ވިޔަފާރި މި ކުރެވެނީ މިފަދަ ވިޔަފާރިތަކުން. އެހެންވީމާ، މިއީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް. މަނިކުފާނު ދެކެވަޑައިގަންނަވަންތޯ، އެއްވެސްއިރެއްގައި އެފަދަ ވިޔަފާރިތަކުގެ މަޢުލޫމާތު ޢާންމުކުރަންޖެހޭކަމަށް.
ދެން ދެވަނަ ސުވާލުގައި އަޅުގަނޑު ދަންނަވާނީ، ޓެރަރިޒަމްގެ ޤާނޫނަށް މި ގެންނަ އިޞްލާޙުގެ ދަށުން 48 ގަޑިއިރު ވަންދެން ކޯޓު އަމުރަކާ ނުލައި، މީހަކު ހައްޔަރުކުރެވޭ ބާރު އެބަދޭ. މީގެކުރިންވެސް ޓެރަރިޒަމްގެ ޤާނޫނު ބޭނުންކޮށްފައި އެބަވޭ، އެ ނަހަމަގޮތުގައި ފުޅާ މާނަތަކެއް ނަގައިގެން އެކިގޮތްގޮތަށް. ދެން މަނިކުފާނު ވިދާޅުވެއްޖެ، މަނިކުފާނު އެފަދަ ގޮތަކަށް ބާރުތައް ބޭނުމެއް ނުކުރައްވާނެ ކަމަށް. އެހެންނަމަވެސް، އެ ޤާނޫނަކީ މިހާރު އެކުލަވައިލާފައި އޮތްގޮތަށް ފާސްކޮށްފިނަމަ، އިޚްލާޞްތެރި ނޫން ބައެއްގެ އަތްމަތީގައި ނުރައްކާތެރި ހަތިޔާރަކަށް ވެދާނެފަދަ ޤާނޫނެއް ކަމަށް ބައެއް މީހުން ދެކޭ. އެހެންވީމާ، މަނިކުފާނު ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ އެ ޤާނޫނާމެދު؟
ދެން އަޅުގަނޑަށް ހީވަނީ ވަރަށް ބައިވަރު މީހުން، ދިވެހިން އެނގެން ބޭނުންވާނެ ކަމެއްހެން، މަނިކުފާނު ޔޫ.އެން.ގައި ތަޤްރީރު ކުރައްވާނީ ކޮން ބަހަކުންތޯ. ދިވެހިބަހުންތޯ، ނޫނީ އިނގިރޭސި ބަހުންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޓެރަރިޒަމްގެ ލިސްޓެއް އަޅުގަނޑު ހާމަކުރަން މި ޖެހޭ ސަބަބަކީވެސް އެއީ. އޭރަށް އެނގޭނީ ޓެރަރިޒަމްގެ ޖަމާޢަތްތަކަށް އެހީވަނީ ކޮން ބައެއްކަން. އެނގުނީމާ އެބަޔަކާ ދޭތެރޭގައި ފިޔަވަޅު އެޅޭނީ އިނގޭތޯ. މިހާރަކު ނެތް ބުނެވޭކަށެއް. މިހާރު އޮތްގޮތުން މިވާގޮތަކީ އެއިން ޖަމާޢަތަކާ ގޮސް ގުޅި، ހަނގުރާމައެއްގައި އުޅެފައި އަޔަސް ކޯޓަށް އެ މައްސަލަ ލީމާ، އެމީހެއްގެ މައްޗަކަށެއް ކުށެއް ސާބިތު ކުރެވޭނެ ޙުއްޖަތެއް އޮތް ކަމަކަށް ކޯޓަކުން ނުދެކޭ. ބޭރަށް ގޮސް ހަނގުރާމައެއްގައި ބައިވެރިވެގެން އައިމާ. ހަމަ އެގޮތަށް ފައިސާގެ އެހީވިޔަސް، އެކަން ސާބިތުކުރެވޭ ތަނެއް ނާދޭ.
އެހެންވީމާ، ޓެރަރިޒަމާ ގުޅޭ ޖަމާޢަތްތަކަކީ ކޮބައިކަން ޤާނޫނުގައި ކަނޑައެޅުމަށްފަހުގައި، ދެން އެއަށް ޚަރަދުކުރާ ފަރާތްތަކާއި، އޭގައި ބައިވެރިވާ ފަރާތްތަކާ ދޭތެރޭގައި އަޅާނެ ފިޔަވަޅުތައް ޤާނޫނުގައި ހުންނާނެ. އެހެންވީމާ، އެ ފަރާތްތައްވެސް ހާމަވެސް ކުރެވެންޖެހޭނެ. އެހީވާ ފަރާތްތައްވެސް ހާމަކުރެވެންޖެހޭނެ. އެކަމުގައި ބައިވެރިވަނީ ކޮން ފަރާތްތަކެއްކަންވެސް އެނގެންޖެހޭނެ. އެއީކީއެއް ސިއްރުކޮށްފައި ބާއްވަންޖެހޭނެ އެއްޗެއް ނޫން. އެހެންވީމާ، އެގޮތުން އަޅުގަނޑު ފުރަތަމަ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް މި ހާމަކުރީ. އެއަށްފަހުގައި މިއާ ގުޅިގެން މިކަމަށް އެހީވާ ފަރާތްތަކާއި، މިކަމުގައި ބައިވެރިވާ ފަރާތްތައް އެނގުނުވަރަކުން އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން އިނގޭތޯ.
ދެން ޔޫ.އެން.ގައި އަޅުގަނޑު ތަޤްރީރު ކުރާނީ ކޮން ބަހަކުންތޯ. ތިޔަ ސުވާލު ވަރަށް ގިނައިން އެބަ އާދޭ. ހަމަ ބަހާބެހޭ އަޅުގަނޑުމެންގެ މި އޮންނަ އެކެޑަމީންވެސް އެބައޮތް ފޮނުއްވާފައި، ދިވެހިބަހުން ތަޤްރީރު ކުރުމަކީ ދިވެހިން ވަރަށް ފަޚްރުވެރިވާނެ ކަމެކޭ. އެކަމަކު އަޅުގަނޑުމެން ނުނިންމަން އަދި. އަޅުގަނޑުގެ އެ ސްޕީޗް އަދި ލިޔެފައި އޮތީ އިނގިރޭސިބަހުން.
ޓެރަރިޒަމްގެ ޤާނޫނަށް ގެންނަން ހުށަހަޅާފައި ހުރި އިޞްލާޙުތަކަކީ މި ވަގުތަށް ގެންނަންޖެހޭ އިޞްލާޙުތަކެއް. ފަހުން އަދި ބަދަލުކުރަން ކަމަށްވިޔަސް، މިވަގުތު އެ އިޞްލާޙުތައް ނުގެނެސް، ކުއްލިއަކަށް އަޅުގަނޑުމެން މި ކުރަން ބޭނުންވާ ކަންތައްތަކެއް ނުކުރެވޭނެ. އަނެއްކާވެސް ދިގުލައިގެންދާނީ. އެހެންވީމާ، އެ ގެންނަން ހުށަހަޅާފައި ހުރި ކަންތައްތަކަކީ ހަމަ ރަނގަޅު ކަންތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު ޚިޔާލުތަފާތުވާ ބޭފުޅުން އެބަ އުޅުއްވާ. މިސާލަކަށް، ޤާނޫނުއަސާސީގައި އޮންނަ މާއްދާއެއް އެބައުޅޭ. އެހެންވީމާ، މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ 24 ގަޑިއިރުއޭ. ދެން މީގައި އެބައޮވޭ 48 ގަޑިއިރަށް ބަންދުކުރާ ވާހަކަ. އެއީ ޤާނޫނުއަސާސީއާ ތަޢާރުޒުވުމެއް ކަމަށް ބަލަން ޖެހޭނީ އަޅުގަނޑުމެން. އެހެންވީމާ، އެއަށް ޙައްލެއް ހޯދަންޖެހޭނެ މަޖިލީހުގެ ތެރޭގައި. އަޅުގަނޑު ހިތުން އެއީ ވިސްނާލަންޖެހޭ ބައެއް.
އަޙްމަދު ޒާހިރު – ސަން މީޑިއާ ގްރޫޕް:
އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. އަޅުގަނޑު ދަންނަވާލާނަން ފުރަތަމަ. މަނިކުފާނު ޖޭ.އެސް.ސީ. އަށް ހުށަހެޅުއްވީ މަފާޒް ކިޔާ ބޭފުޅެއް. ޖޭ.އެސް.ސީ. އިން އަނބުރާ ފޮނުއްވާފައި މިއޮތީ ދެ ބޭފުޅެއްގެ ނަން އެއް ރޭޓެއް ދެއްވާފައި. މަނިކުފާނުގެ ސްޓޭންޑަކީ އޭގައި ކޮބައިތޯ؟ ދެން އަނެއް ސުވާލަކީ، އަޅުގަނޑު ދަންނަވާލާނަން. އެއީ އަޅުގަނޑުގެ ކުރިންވެސް އެހެން ބޭފުޅުންވެސް ފުރްޞަތު ބޭނުންކުރައްވާފައި ހުރީ އެގޮތަށް. މަނިކުފާނު ވަރަށް ބޮޑަށް ޕްރޮމޯޓް ކުރެއްވި [ޖަޒީރާ ރާއްޖެ] ގޮތުގައި. [ޖަޒީރާ ރާއްޖެ] ގޮތުގައި ޕްރޮމޯޓް ކުރެއްވިއިރު، އަޅުގަނޑުމެންނަށް އަދިވެސް ޕްލޭނިންގގެ ބަދަލުތައް ނާންނާތީ ފެންނަނީ އަތޮޅުތަކުގެ ރަށްތައް ހަމަ ވަރަށް ބޮޑަށް މާލެ ކޮޕީކޮށްގެން ކުދިކުދި ބިންތަކުގައި ފޮތިފޮތިފޮއްޗަށް ކަފައި، މި ސަކަރާތެއްޖަހާތަން. އެހެންވީމާ، ސަރުކާރުގެ އޯވަރއޯލް ޕްލޭނަކީ ކޮބައިތޯ؟ މި ޖަޒީރާވަންތަ ގޮތުގައި ރަށްތައް ޑިވެލޮޕް ކުރުމުގައި ގެންގުޅުއްވާނެ.
ދެން ޕީ.ޖީއާ ދޭތެރޭގައިވެސް ވަރަށްގިނަ ބޭފުޅުންގެ ކޮންސަރން ނޫނީ ޚިޔާލުތަފާތުވުންތަކެއް ހުންނަތަން ވަރަށް ޕަބްލިކް މީޑިއާއާއި ވަރަށްގިނަ ދިމާއިން އެބަ ފެނޭ. ކިހިނެއްތޯ މަނިކުފާނު އެކަމާ ދެކެވަޑައިގަންނަވަނީ؟ ޕީ.ޖީ މިހާރު ހުންނެވި ކަމަނާ ބެހެއްޓުމާ ދޭތެރޭގައި.
ދެން އަދިވެސް ހަމަ ޑްރަގް ރީހެބިލިޓޭޝަން މިއީ ޕްރަވަޓައިޒް ކުރައްވަންވެގެން ސަރުކާރުގެ ސްޓޭންޑެއް ގޮތުގައި އެބައޮތް އިޢުލާނު ކުރައްވާފައި. މިއާ އެއްކޮށް ކުރީގައި އަޅުގަނޑުމެން 1980ގެ ތެރޭގައި ޑްރަގަށް ތަންކޮޅެއް ބޮޑަށް ހޭލުންތެރިކުރުމަށް ހިންގި ކެމްޕެއިނެއްގެ ނަތީޖާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ، ރާއްޖޭގައި ޑްރަގް ޢާންމުވުމަކީ. އެހެންވީމާ، އެ ވިޔަފާރި އުޞޫލުން އެކަން ފޫއަޅުވައިލައިފިއްޔާ، އޭގެން ނުކުމެދާނެ ކޮންސިކުއެންސީއަކީ ކޮބައިތޯއޭ؟ މި ދެންނެވީ މިސާލަކަށް، ފައިދާ ނެގުމުގެ ބޭނުމުގައި ވިޔަފާރި ކުރާނީ. އެހެން ވެއްޖިއްޔާ އެކަމާ ދޭތެރޭ ސަރުކާރުން ކިހާވަރަކަށްތޯ ވިސްނާފައި އޮތީ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ތިޔަ ވިދާޅުވާހެން ޖޭ.އެސް.ސީ އަށް އަޅުގަނޑު ފޮނުވި އެއް ނަން އެއީ. އަޅުގަނޑަށް ގަބޫލުކުރެވުނު ނަމަކީ އެއީ. އޭގެއިތުރުން، ޖޭ.އެސް.ސީ އަށް އަމިއްލަގޮތުން ކުރިމަތިލެއްވި އިތުރު ބޭފުޅުން. އޭގެތެރެއިން އެއް ހަމައެއްގައި ދަރަޖަކޮށްފައި ދެ ނަމެއް އެބައޮތް ފޮނުއްވާފައި ޖޭ.އެސް.ސީ އިން. އަދި ހަމައެއާއެކީގައި، އިތުރު ތިން ނަމެއްވެސް އެބައޮތް. މީގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމުގެ އިޚްތިޔާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު ޤާނޫނުން ދީފައި. އެހެންވީމާ، އަޅުގަނޑަށް ފޮނުވިދާނެ އެއް ނަންވެސް. އަޅުގަނޑަށް ފޮނުވިދާނެ ދެ ނަންވެސް. އަޅުގަނޑަށް ފޮނުވިދާނެ ފަސް ނަންވެސް. އެއީ ހަމަ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަށް އެކަށީގެންވާ ބޭފުޅުން. އަޅުގަނޑު އަދި ނުނިންމަން، އެއް ނަންތޯ ފޮނުވާނީ، ދެ ނަންތޯ ފޮނުވާނީ. އެކަމަކު މަޖިލިސް ހުޅުވޭއިރަށް އަޅުގަނޑު އެ ނަން ފޮނުވާނަން.
އިތުރަށް ޕްރޮސިކިއުޓަރ ޖެނެރަލް ބެހެއްޓުމާ ބެހޭގޮތުން. ރައްޔިތުންގެ މަޖިލީހުން ނިންމާނީ އެކަން. ވަކިކުރުމާއި ޢައްޔަނު ކުރުން. ޢައްޔަނު ކުރުމުގައި އަޅުގަނޑުގެ ދައުރު އެބައޮވޭ. ވަކިކުރުމުގައި މިއޮތީ ރައްޔިތުންގެ މަޖިލީހަށް، ކޮމިޓީއަށް، އެތާ އޮންނަ ކޮމިޓީއަކަށް ފެނިގެން ދެން އެކަން ކުރަން ޖެހިއްޖެ ޙާލަތެއްގައި މަޖިލީހުގެ ފްލޯއަށް ގެންގޮސް ވޯޓަކުން ނަގާގޮތަށް. އަޅުގަނޑުގެ ދައުރެއް އެއަކުއެއް ނެތް. އެހެންވީމާ، އެކަން އެގޮތަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ޑްރަގް ރީހެބިލިޓޭޝަން ޕްރަވަޓައިޒް ކުރުން. އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން ކުރަމުން އަންނަގޮތް. ހަމައެކަނި މަސްތުވާތަކެތިން ރައްޔިތުން ސަލާމަތް ކުރުމުގެ ދައުރު އެއީ ހަމައެކަނި ސަރުކާރަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެއް. އެހެންވީމާ، މީގައި ސަރުކާރާއި އަމިއްލަ ޖަމާޢަތްތައް އެކުގައި ބައިވެރިވެގެން މިކަން ކުރުން މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ކުރަމުން އަންނަ ގޮތް. އޭގެ ފައިދާވެސް ފެނިފައި އެބަހުރި. ދެން ތިޔަ ވިދާޅުވާހެން ބަލަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުންނާނެ. ރާއްޖޭގެ ކުރީގެ ތަޖުރިބާއަށާއި އަދި މިހާރު އެކަން ފެށްޓީމާ ވާނެގޮތާއި، ދެން އޭގެ އަލީގައި އަޅުގަނޑުމެން ދިރާސާތަކެއް ކުރުމަށްފަހުގައި އެކަން މި ކުރަނީ. އިރާދަކުރެއްވިއްޔާ، މީގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެނީ.
ތެދުފުޅެއް. "ޖަޒީރާ ރާއްޖެ" އަޅުގަނޑުމެންގެ މެނިފެސްޓޯގެ ނަމަކީ. އަދި އަޅުގަނޑުމެން ބޭނުންވަނީވެސް އެހެން ރާއްޖެ ތަރައްޤީކުރަން. އަޅުގަނޑުމެންގެ މުޅި ޕްލޭން، އޯވަރއޯލް ޕްލޭން ތިޔަ ވިދާޅުވި. މިހާރު އޮތީ ތައްޔާރުކޮށް ނިމުމަކާ ހިސާބުގައި. ޕްލޭނިންގ މިނިސްޓްރީން އެކަން ކުރައްވާ އެބަ. އޭގައި ތިޔަ ވިދާޅުވާގޮތަށް އަޅުގަނޑުމެންގެ މެނިފެސްޓޯއާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް އެކުލަވައިލެވިފައި އެބަހުރި. އެ އަޅުގަނޑު ޢާންމުކުރާނަން ވަރަށް އަވަހަށް.
ޢަބްދުﷲ މުޢާޒް – ޕީ.އެސް.އެމް ނިއުސް:
އަޅުގަނޑު ހަމަ މި ފުރްޞަތުގެ ބޭނުންހިފައިގެން ހަމަ އެންމެ ސުވާލެއް މަނިކުފާނަށް އަމާޒުކޮށްލާނަން. އަޅުގަނޑުގެ ސުވާލަކީ މިވަގުތު އެންމެ ބޮޑަށް މިހާރު ދެކެވޭ އެއް ވާހަކައެއް މިއީ ބިދޭސީންގެ މައްސަލަ. ދާދިފަހުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކުގެ ތެރެއިން ދެ ބިދޭސީއަކު މިވަނީ ޑީޕޯޓްކޮށްލާފައި. އަދި އެމީހުންނަކީ ބައެއް ދިވެހިންނާ ގުޅިގެން މަނީ ލޯންޑްރިންގ އަށް ތުހުމަތުކުރެވޭ ބައެއް ކަންކަންވެސް ކުރަމުން އަންނަ ބައެއްގެ ގޮތުގައި މިވަނީ ފާހަގަކޮށްފައި. އިމިގްރޭޝަނުން އެފަރާތްތައް ޑީޕޯޓްކޮށްލިއިރުގައި، އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ނޭނގި ހިނގާފައިވާ ކަންކަމުގެ ގޮތުގައި ކަމަށް. މިކަމުގައި އިމިގްރޭޝަނުން ޢަމަލުކުރިގޮތަކީ މަނިކުފާނަށް އެނގިވަޑައިގެން ޢަމަލުކުރެއްވި ގޮތެއްތޯ؟ މި ދެންނެވީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަރާތަށް ނޭނގި މީގައި ޑިޒިޝަން ނަގާފައިވާ ކަމަށް ވިދާޅުވެފައި. ދެން ހަމަ މިއާއެކީގައި ކޮބައިތޯ މަނިކުފާނު ގެންގުޅުއްވާ ސްޓޭންޑަކީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ރާއްޖެއަށް ބިދޭސީން އެތެރެވާވަރު ކޮންޓްރޯލް ކުރުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅައި، އެ ތަންފީޒު ކުރުމުގެ މަސައްކަތް އިއްޔެ އެ ފެށީ. އެގޮތުން ކޮންމެ ރަށަކުންވެސް ވަކިވަރަކަށްވުރެ ގިނައިން މީހުން އެތެރެނުކުރެވޭގޮތް ފުރަތަމަ އަޅުގަނޑުމެން މި ހެދީ. އެއީ އެއްލައްކަ ފަންސާސް ހާސް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި އެބައުޅޭ، އެއް ޤައުމެއްގެ ގާތްގަނޑަކަށް، ވަރކް ޕަރމިޓް ނަގައިގެން އުޅޭ އެއްލައްކަ ތޭރަހާސް މީހުން. އަދި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން އެބައުޅޭ، ގަވާއިދާ ޚިލާފަށް އުޅޭ މީހުން. މިއީ ބަންގްލަދޭޝްގެ މީހުން މިތާ. ރާއްޖެއަށް ބޭނުންވޭ މީހުން. ލޭބަރ ފޯސްއަށް ބޭނުންވޭ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރުގައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދެލައްކައަށްވުރެ ގިނަ މީހުން، ދެލައްކަ ފަންސާސް ހާހެއްހާ މީހުން ލޭބަރ ފޯސްއަށް ނެތިއެއް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކެއް ނުހިންގޭނެ. އަދި މިހާތަނަށް ރާއްޖެ ތަރައްޤީވުމުގައިވެސް ބޭރު ލޭބަރ ފޯސްގެ ދައުރު ވަރަށް މުހިއްމު.
އެހެންވީމާ، އެ ކަންތައްތަކަށް ވިސްނައިގެން ފުރަތަމަ އަޅުގަނޑުމެން މި ކުރާ ކަމަކީ ލީގަލައިޒް ކުރުން. ރާއްޖޭގައި މި އުޅޭ މީހުން ޤާނޫނުގެ ތެރެއަށް، ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި ފެށީ. އެގޮތުން، އެއްލައްކަ ފަންސާސްހާސް ކަނޑައަޅާފައި، ބަންގްލަދޭޝް އިން މިވަގުތަށް މީހުން ގެނައުން ހުއްޓުވާފައި، ރާއްޖޭގައި މިހާރު މި އުޅޭ ފަސްދޮޅަސް އެތައް ހާހެއްހާ މީހުން އަލުން މި ވިސާ ތެރެއަށް ވައްދައި، އެކަން ޙައްލުކުރެވޭތޯ މި ބަލަނީ. މުރާޖަޢާ ކުރަމުން އަޅުގަނޑުމެން ގެންދާނަން. މިއުޅެނީ އިތުރަށް ބަޔަކު ގެންނާކަށެއް ނޫން. މި ޙައްލުކުރަން. ވަރަށް އުނދަގޫ، ވަރަށް ވަރަށް އުނދަގޫ މައްސަލައެއް އަނެއްކާވެސް މި ފެށީ. އެހެންނަމަވެސް، އޭގެ ނަތީޖާ އަޅުގަނޑު މި ބަލަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް. އެއް އަހަރުގެ ޕްރޮގްރާމެއް އަޅުގަނޑުމެން މި ހިންގަނީ މިކަން ހަމަޔަކަށް އެޅުމަށް.
މިކަން ކުރާއިރުގައި ދެން ވަރކް ޕަރމިޓް ހުއްދަ ދޭއިރުގައި އެމީހުން ބައިތިއްބާނެ ތަނާއި، ރަނގަޅު ފެންވަރެއްގައި އެތަން ހުރިތޯ އަޅުގަނޑުމެން ބަލާނަން. ނުބަލައެއް އެކަންވެސް ދެނެއް ނުކުރާނަން. ވަރކް ޕަރމިޓަކަށް، ކޯޓާއަކަށް އެދޭއިރުގައި، އެ ގެނެސް ބައިތިއްބާނެ ތަނެއް އަޅުގަނޑުމެންނަށް ދައްކަންޖެހޭނެ. ހަމަ ގެނެސް މަގުމައްޗަކަށް ދުލެއްނުކޮށްލެވޭނެ. ދެން އޭގެއިތުރުން، ވަގަށްވެސް އެބަ އެތެރެވޭ. އޭގެތެރޭގައި، ނެޓްވަރކެއް އެބައޮތް. އޭގެތެރޭގައި، އިމިގްރޭޝަނާއި، ކަސްޓަމްސްއާ، މިހެންގޮސް ނެތެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް މިހާތަނަށް އައިއިރު. އެމީހުންގެ ހަމަގައިމުވެސް އެކަހަލަ ކަންތައްތަކެއް ހިނގާފައި އެބަހުރި.
ދެން ދެންމެ ތިޔަ ވިދާޅުވި ބިދޭސީ ދެ މީހަކު ފުރުވައިލުމުގައި އަޅުގަނޑަކާ މަޝްވަރާއެއް ނުކުރޭ. އެއީ އެތާ އޮންނާނެ އެކަން ކުރަންވީގޮތް. ކުރެވޭނެގޮތް. ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެކަން ކުރަންވާނީ. އިކޮނޮމިކް މިނިސްޓްރީން ދެން ބައްލަވާނެ އެކަން ކޮށްފައި އޮތްގޮތެއް. އަދި އަޅުގަނޑުވެސް ބަލަމުން ގެންދާނަން އެކަން ހިނގާފައި އޮތީ ރަނގަޅަށްތޯ ފުރަތަމަ.
އެއް ސުވާލަށްފަހު އަޅުގަނޑު ނިންމާލާނަން.
ޝައުފާ ޙުސައިން - މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑް:
އަޅުގަނޑުގެ ސުވާލަކީ މަނިކުފާނުގެ ވަޢުދެއް މިއީ ކަރަންޓުގެ އަގުހެޔޮކުރުން. މަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ބަދަލެއްތޯއޭ، ކަރަންޓް ބިލުން ފެންނަނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑަށް މިވަގުތު ކުރެވެން އޮތްވަރު އެއީ. ކޮށްފައި އެއޮތީ. އަޅުގަނޑު ހިތްހަމައެއްނުޖެހޭ އަދި. އަދި އެއަށްވުރެވެސް ކުޑަވާންޖެހޭނެ. ދެން ކަރަންޓް އަގުހެޔޮކުރުމުގައި، ސޯލަރ އެނަރޖީއާއި، ވިންޑް އެނަރޖީ އެބަ ބޭނުންކުރަންޖެހޭ. ދެން މިހާރުގެ ތެލުގެ އަގު އެ ހުރިގޮތުން ދެން ދަށަށް އަޅުގަނޑުމެންނަށް ގެނެވޭނީ އެކަހަލަ ބަދަލުތަކެއް ގެނެސްގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ހަމައެކަނި ޑީސަލަށް ބަރޯސާވެގެން ކަރަންޓްދީގެން، ކަރަންޓް އެއް އަގެއްގައި ހިފެހެއްޓޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.
އެނގިވަޑައިގަންނަވާނެ، އިހަށްދުވަހު ސަޢޫދީގެ އަރަމްކޯގެ ތެޔޮ އުފައްދާ ކާރުޚާނާއަކަށް ދިން ޙަމަލާއާ ގުޅިގެން އަނެއްކާވެސް ތެލުގެ އަގު ދިހަ ޕަސެންޓް މައްޗަށް، މީގެ ދެ ދުވަސް ކުރިން އެ ދިޔައީ. އޭގެ އަސަރު ކުރާނެ އިންޖީނުތައް ހިންގާ ފަރާތްތަކަށް. ޖަނަރޭޓަރުތައް ހިންގާ ފަރާތްތަކަށް. އެ ބަދަލު، އެތަން ފައިދާގައި ހިންގާކަމަށްވަންޏާ، އަޅުގަނޑުމެން، ގެއްލުންނުވެ ހިންގާ ކަމަށްވަންޏާ އެ ބަދަލު ގެންނަންޖެހޭނެ.
އެހެންވީމާ، މީގައި އޮތް އެންމެ ރަނގަޅު ގޮތަކީ، އޯލްޓަރނޭޓިވް އެނަރޖީއަށް އަޅުގަނޑުމެން މިޞްރާބުޖެހުން. އޭރުން ޙައްލު ކުރެވޭނެ.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
އަޅުގަނޑުގެ ސުވާލަކީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި ސަބަބެއް ގޮތުގައި އެބައޮތް ފާހަގަކޮށްފައި، ދައުލަތުން މި ބަދަލުދޭން ޖެހުމާ ގުޅޭގޮތުން. އެހެންކަމުން، މިހާތަނަށް ބަދަލުދޭންޖެހޭ ބައެއް ކަންތައްތައް، ސޯޝަލް މީޑިއާގައިވެސް ހަމަ ބައެއް ވާހަކަތައް އެބަ ދެކެވޭކަންނޭނގެ. ކޮންއިރަކުންތޯ، މިހާތަނަށް އެ ޙުކުމްކޮށްފައި ހުރި ބަދަލުތައް ދިނުމުގެ އެ ޙުކުމްތައް ތަންފީޒު ކުރެވިގެންދާނީ ކިހާތާކުތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އޭގެތެރެއިން ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ގަބޫލެއްނުކުރެވޭ، އެރި އަގުތައް، ޙުކުމްތައް އިނގޭތޯ. އައިސްފައި ހުރި އަދަދުތަކެއް. އެހެންވީމާ، އެފަރާތްތަކާ އެކީގައި މަޝްވަރާވެސް އެބަ ކުރެވޭ. ކޮމިޓީއެއް ހަދައިގެން. އެހިސާބުގައި އެ އުޅެނީ. އެހެންވީމާ، ވަކި ތާރީޚެއްގައި އެކަން ކުރެވޭނެއެކޭ އަޅުގަނޑަށް ދަންނަވަން ދަތި. އެހެންނަމަވެސް، ދެފަރާތް އެއްބަސްވާގޮތަކަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަދި އޭގެއިތުރުން، އަޅުގަނޑުމެން އިސްތިއުނާފު ކުރަންޖެހޭ ކަންތައްތައްވެސް ހުރިކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ކުރަމުން ގެންދާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު ނިންމާލާނަން. |
ރިޔާސީ ބަޔާން 2019 | އިބްރާހީމް މުޙައްމަދު ޞާލިޙް | بسـم اللَّه الرّحـمٰـن الـرّحيـم
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި، އަޅުގަނޑު މިއަދު ހުއްޓި މިހުރީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާއިން، އަޅުގަނޑާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް. އެއީ، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރާނެ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މި ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި. އިޖުތިމާޢީ ފޭރާން އޮތީ، ވީދި ހަސްފަސް ނެތިފައި. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި، އިޞްލާޙަށް މަސައްކަތްކުރި ގިނަ ބަޔަކު ތިބީ، ނުޙައްޤު ޙުކުމްތަކެއްގައި ކަސްތޮޅު އެޅުވިފައި.
ނަމަވެސް މިއަދު މިނިވަން ސިޔާސީ ޙަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާޙައުލެއް ތަނަވަސްވެފައިވުމުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބިއްޖެ. ރައްޔިތުންގެ އުފާވެރިކަން އިތުރުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ފަށްފަށުން މާތް ﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވަން.
ރައްޔިތުން އަޅުގަނޑު މި މަޤާމަށް އިސްކުރީ، ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި. އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން، ޢަދުލު އިންޞާފުގެ މަގަށް ރުޖޫޢަވާން އެދޭތީ. ސިޔާސީ ބިރުވެރިކަން ނައްތާލައި، އިޖުތިމާޢީ އަމާންކަން ޤާއިމުވާން ބޭނުންވާތީ. މި ޖަޒީރާ ރަށްތަކުގައި ބިރުވެރިކަމެއްނެތި، ހިތްހަމަޖެހިގެން، އަމިއްލަ ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާތީ.
ހަމައެފަދައިން މިއަދާ ހަމައަށްވެސް ކަށަވަރުނުވެހުރި، އަސާސީ ބޭނުންތައް ކަމަށްވާ، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވާނެ ކަމުގެ ފޮނި އުންމީދުގައި. އެކަންކަން ފުރިހަމަކޮށްދިނުމަށް، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަޤީންކަން، މި ޢިއްޒަތްތެރި މަޖިލީހަށް މި ފުރުޞަތުގައި އަޅުގަނޑު އަރުވަން.
އަޅުގަނޑު ވެރިކަމާ ޙަވާލުވި ހިނދުން ފެށިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، އަޅުގަނޑުމެން ކުރަމުން މި އަންނަނީ ޤާނޫނުގެ ވެރިކަމެއް. ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިޞްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމަށް. ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް.
ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލިސްވެސް އޮތީ، ޤާނޫނުއަސާސީން މި މަޖިލީހާ ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަނުދީ، ކަސްތޮޅު އަޅުވާފައި. އެހެންކަމުން، ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ.
ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ.
ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން.
ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަނާ ގުޅޭ ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި. ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަޙުޤީޤުތައް ފަށާފައިވާއިރު، ބޭރު ޤައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން.
ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި، ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތަކުގެ ޙަޤީޤަތްތައް ހޯދާ ކޮމިޝަންގެ މަސައްކަތް މިހާރު މިޞްރާބު ކުރެވިފައި ހުރީ، ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި، އެހެނިހެން ގޮތްގޮތުން މިހާތަނަށް ލިބިފައިވާ ހެކިތައް، ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި، އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މަޢުނަވީ ނަތީޖާއަކާ ހަމައަށް ދިޔުމަށް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން، ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެހެންކަމުން، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މައްޗަށް.
ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ޕެންޝަން ފަންޑުން ފަރްޟު ޙައްޖުވުމަށް އެދޭ ފަރާތްތަކަށް، އެކަން ކުރުމުގެ ފުރުޞަތު، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް ފާސްވުމާއެކު، މާތް ﷲގެ ވާގިފުޅާއެކު ވަރަށް އަވަހަށް ހުޅުވައިލެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާވައިގެން ހިންގާ ކުށްތަކާއި މާރާމާރީތަކުގެ ސަބަބުން، ޢާންމު ދިރިއުޅުންވަނީ ނުރައްކަލަށް ހުށަހެޅިފައި. ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް، ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު މި އަންނަނީ ގެންނަމުން. އެގޮތުން، މުޅިން އަލަށް ނެއިބަރހުޑް ޕޮލިސް ތަޢާރުފުކޮށް، މިއަހަރުގެ ތެރޭގައި އަތޮޅުތަކަށްވެސް އެ ޚިދުމަތް ލިބެން ފަށާނެ.
ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި.
މި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދެވޭނެ.
މިދިޔަ އަހަރަކީވެސް، ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި، ދިވެހި ސިފައިންނާއި ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރި އަހަރެއް. މިނިވަން އިންޞާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމުގައި، އެ ދެ މުއައްސަސާގެ ދައުރު ވަރަށް މުހިންމު. ރައްޔިތުންގެ ނިންމުން އެގޮތުގައި ދަމަހައްޓައި، ޑިމޮކްރެސީ ނެގެހެއްޓުމުގައި ސިފައިންނާއި ފުލުހުން އަދާކުރި ޤައުމީ ވާޖިބާއި އުފުލި ޒިންމާ، މި ފުރުޞަޠުގައި އަޅުގަނޑު ފާހަގަކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދައުލަތުގެ ގާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، އަޅުގަނޑު މިހާރު ވާނީ، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، މިހާރު އޮންނާނީ މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި.
ސަރުކާރުން މި ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން މި ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން.
ސިޔާސީ މަޤްޞަދެއްގައި، މިދިޔަ ދައުރުގެ ތެރޭގައި، ވަކިބަޔަކަށް އަމާޒުކޮށް ބަދަލުކޮށްފައިވާ، 11 ޤާނޫނެއް ދިރާސާކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް 14 ބިލެއް ހުށަހަޅައި، އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 10 ބިލެއް އަޅުގަނޑު މިހާރު ތަޞްދީޤު ކޮށްފިން.
މި ޢިއްޒަތްތެރި މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލުތަކުގެ ތެރޭގައި، [ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލު] އާއި، [ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު] ހިމެނޭ. އަދި [ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު]ވެސް، ވީހާ އަވަހަކަށް ނިންމަވައިދެއްވުމަށް އަޅުގަނޑު އެދެން.
ކުޑަކުދީންގެ ޢަދުލުގެ ބިލެއް، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މި އަންނަނީ ތައްޔާރުވަމުން. ހަމައެފަދައިން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ޢާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ މިހާރުވަނީ ހޯދާފައި.
އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް. ޤާނޫނުއަސާސީއާއި ޤާނޫނުގައި، ވެރިކަމުގެ ނިޒާމު، ލާމަރުކަޒީ ކޮށްފައި އޮތަސް، އެ ނިޒާމުގެ ލަގަން އޮތީ، ސަރުކާރުގެ މުށުތެރެއަށް ލައި ފޮރުވާފައި.
ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި، ކައުންސިލްތަކުގެ ވަރަށް ގިނަ ބާރުތައް، މިހާރު ވާނީ ކައުންސިލްތަކަށް ދީފައި. ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް ލިބޭއިރު، މާލީ ބާރުވެރިކަމާއި، މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީ ކުރެވިގެންދާނެ. ހަމައެއާއެކު، ރަށު ތަރައްޤީގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ.
އަންހެނުންނަކީ އާބާދީގެ ދެބައިކުޅައެއްބަޔަށްވީ ހިނދު، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ، އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ 35 އިންސައްތައަކީ އަންހެނުންކަން އަޅުގަނޑު ފާހަގަކުރަން. ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ މިހާރަށްވުރެ އިތުރުކުރަންޖެހޭކަން ފާހަގަކޮށް، އެ މަގަށް ސަރުކާރުން މަސައްކަތް ކުރާނަން.
އަޅުގަނޑުމެންގެ އަންހެންކުދީން ބޮޑެތިކުރަން ބޭނުންވަނީ، ހަމަހަމަ ފުރުޞަތު ފަހިވެފައިވާ މާޙައުލެއްގައި. އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިވެރިވުމާއި، މާލީގޮތުން ބާރުވެރިކުރުވުމާއި، އިންސާފު ލިބިދިނުމުގައިވެސް، އަންހެނުންނަށްވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނަން.
ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުވެސް، ތަހުޒީބީ ޑިމޮކްރެޓިކް މުޖަތަމަޢުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، މަދަނީ އިޖުރާޢާތުގެ ބިލެއް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ގަސްދުކުރަން.
މިނިވަން މުއައްސަސާތަކުގެ ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައި. އެ މަސައްކަތް ނިންމައި، ޤާނޫނުތައް އިޞްލާޙު ކުރުމުގެ ބިލުތައް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.
ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަ މަގަށް އަޅުވައިދިނުމުގެ އެންމެ މުހިންމު ބައިވެރިޔަކީ، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް. ޤައުމުގެ އިޖުތިމާޢީ އޮނިގަނޑު ހަރުދަނާކޮށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ދައުލަތް ހިންގުމަށްޓަކައި، އެފަދަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން އިތުރުކޮށް، މަދަނީ ޖަމުޢިއްޔާތަކުގެ ބިލު އެކުލަވާލައި، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް މި އަންނަނީ ތައްޔާރުވަމުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ، މި ވެރިކަން ފެށުނުއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ، ވަރަށް ބޮޑަށް އެކަހެރިވެ ބާކީކުރެވިފައި. ނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު، ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަޤްވާމީ ޢާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި.
އަޅުގަނޑުމެންގެ އިޤްތިޞާދާއި ތަޢުލީމީ ކުރިއެރުމުގައި، ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މިހާރު ވާނީ އެ ޖަމާޢަތަށް ހުށަހަޅާފައި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ބައިވެރިންނާއެކުވެސް، ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.
ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ވަކިން ޚާއްޞަކޮށް ކިޔަވާކުދިންނަށް، ކޮންސިއުލަރ ޚިދުމަތްތައް، މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ. ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ޤައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް، ވިލާތުގެ ޤައުމުތަކުން ދިވެހިންނަށްވެސް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.
ލާމެހިފައިވާ ކުޑަކުޑަ މުޖުތަމަޢަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ކުޑަ ޤައުމަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން، ދެކުނު އެފްރިކާގަޔާއި، އެމެރިކާގެ ވޮޝިންގޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
މިހާރުގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، މިއަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ. އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށްވެސް ލަފާކުރެވޭ.
މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒަރވް، ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒަރވެއް.
މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒަރވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުވެފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު.
ސަރުކާރުން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒަރވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ޙާޞިލުކުރެވޭނެ.
ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ. އަދި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ. އެހެންކަމުން، މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި. ހަމަ އެހެންމެ، 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 58 އިންސައްތަ.
ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން.
ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. "ނޫ އިޤްތިޞާދު"ގެ ތަޞައްވުރަކީ ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ، އިޤްތިޞާދީ އައު މަޝްރޫޢުތަކަށްވެސް ޖާގަދިނުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ޤައުމުގެ އިޤްތިޞާދީ ސިޔާސަތަށް ބަލާއިރު، އަޅުގަނޑުމެން އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތަކަށް ވަނީ ލޮޅުންއަރާފައި.
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ ޚިލާފުވުމުގެ ސަބަބުން، ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިޞްލާޙުތަކަށް ބޭނުންވެފައި. އަތްނުފޯރާވަރަށް ޚަރަދުތައް މައްޗަށް ގޮސް، އިންތިހާއަށް ދަރަނި އިތުރުވެ، މަޝްރޫޢުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ޙާލަތާއި، ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި.
މި ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުން. އަދި މިދެންނެވި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދިނުމަށް، މިދިޔަ މަހު ޤާއިމުކުރި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، އަންނަ މަހުން ފެށިގެން އެސް.އެމް.އީ ލޯނު ދޫކުރަން ފަށާނެ. އަދި އެ ކުންފުންޏަށް މި އަހަރުގެ ތެރޭގައި ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވެގެންދާނެ.
ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދައިދީ، ރަނގަޅު އަގު ހޯދައިދިނުމަށްޓަކައި، އެކްސްޕޯޓް ކައުންސިލެއް މިހާރު ވަނީ އުފައްދާފައި. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް، ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދުމުގެ މަސައްކަތް، މި ކައުންސިލް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތަރައްޤީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަންޏެއް ނޫން. ސިޔާސީ ވިސްނުމާ ދުރު، އަމިއްލަ ކުންފުނިތަކުގައި، ތަރައްޤީގެ ވިސްނުން މާ ފުންވެފައި، މުއްސަނދިވާނެ. ރާއްޖެ ތަރައްޤީކޮށްދޭނެ މަޝްރޫޢުތައް، އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވަނީ ޤާއިމުކުރެވިފައި.
ޤައުމީ ތަރައްޤީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން، ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.
މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ޤައުމީ ތަރައްޤީއާ ގުޅޭ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދައި މެނޭޖް ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށްޓަކައި، "ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ޤާއިމުކުރެވިގެންދާނެ. މި ނިޒާމުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ނުހެދި ހުރި ރަށްތައް ތަރައްޤީކުރާނެ ފައިސާވެސް ހަމަޖައްސައިދެވޭނެ.
ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު. އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަން. މިދިޔަ އަހަރު ނިމުނުއިރު، ތަފާތު މަންޒިލްތަކުން ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި 145 ރިޒޯޓާއި، 521 ގެސްޓްހައުސްގައި، 44,860 އެނދު ހުރި.
މި އަހަރުގެ ތެރޭގައި އަލަށް ހުޅުވާ 20 ރިޒޯޓާއެކު، ޓޫރިސްޓް އެނދުގެ ޢަދަދު 47,000 އަށްވުރެ އިތުރުވެގެންދާނެ. އެ ރިޒޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން. ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި.
ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނާދިރު އަތޮޅެއް. އެކަންކަމަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްޤީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ. އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ދިރުމެއް އަންނާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގެ އިޤްތިޞާދުގެ ރޫފަ ހެޔޮކުރުމަށާއި، ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފެންވަރު މަތިކޮށް، ޖާގަ ތަނަވަސްކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. މިހާރު އެ އެއަރޕޯޓް ބޭނުންކުރާ ފަތުރުވެރިންނާއި ދަތުރުވެރިންގެ ޢަދަދުވަނީ، އެތަނުގެ ޖާގައަށްވުރެ ދެގުނަ އިތުރުވެފައި.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކޮންމެ އަހަރަކު އެތައް ރިޒޯޓަކާއި، އެތައް ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް، އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީ ނުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.
އެއަރޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ހިފޭކަށް ނެތް. އެހެންކަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.
އެއަރޕޯޓުގެ ތަރައްޤީއާ އެކުއެކީގައި، ރާއްޖޭގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރުގެވެސް ކެޕޭސިޓީ އިތުރުކޮށް، ޚިދްމަތް ރަނގަޅު ކުރަން ވަނީ ޖެހިފައި. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، މާލޭ ކޮމާރޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން، ވިޔަފާރިތަކަށްވަނީ ނުހަނު ދަތިތަކާ ކުރިމަތިލާންޖެހިފައި.
މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި، ލޮޖިސްޓިކް ޚިދްމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން، މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ވުޒާރާތަކުން މިހާރު ވަނީ ފަށާފައި.
މަސްވެރި ޢާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޑީސަލްގެ އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ކަނޑާލާފައި. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތެއްގެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީވެސް މިހާރު ވާނީ ކަނޑާލާފައި.
މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. މިގޮތުން މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް.
މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މިހާރަށްވުރެ މި އަހަރު އިތުރުކުރެވިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ޤައުމަށް ލިބޭ ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުންގެ އަތްމަތި ތަނަވަސްވުން. ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ. އެހެންކަމުން، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި އަންނަނީ މަޝްވަރާ ކުރަމުން.
މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި މިވަނީ، ޓެކްސް ނިޒާމު ތަޢާރުފްކުރުމުން. މުޅި ޤައުމުގެ އިޤްތިޞާދީ ނަފާއިން، ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް.
ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ޤަޞްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްޤީގެ ހިތްފަސޭހަކަން ލިބެން ފަށާނެ.
ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރީޢާއިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. މިކަމުގެ ސަބަބުން، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް، ވީހާވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ. އަދި ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވި، ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތް ދެވޭނެ.
ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ ޑިޖިޓަލް ވިއުގައިން ގުޅާލެވިފައި. ތަޢުލީމީ ނިޒާމަށްވެސް ވަނީ އެ ބަދަލު ގެނެވިފައި.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ.
މިއަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމު ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީނު ދޭނެ. އެއާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ހޯދައިދޭނެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައި. މި ބަދަލު އައުމުން، އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ ޢަދަދުން ގާތްގަނޑަކަށް 4000.00 ރުފިޔާ އުނިވެގެންދާނެ.
މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް، މި ދެންނެވި އިންޓްރެސްޓް ކުޑަ ލޯން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުޞަތުތަކަށް ވަރަށް އަވަހަށް ހުޅުވައިލެވޭނެ. މި ލޯން ސްކީމްގައި ސާރކް ޤައުމުތަކުގެ އިތުރުން، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއިން ކިޔެވޭނެގޮތް މި އަންނަނީ ހަމަޖައްސަމުން.
ހިނގަމުންމިދާ ދިރާސީ އަހަރުގެ ފުރަތަމަ ދުވަހާއެކު، ރާއްޖޭގެ 25 ސްކޫލެއްގައި ވަނީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާފައި. މި އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު، ރާއްޖޭގައި މިހާރު ހުރި 213 ސްކޫލްގައި ނާސްތާ ޕްރޮގްރާމް ކުރިއަށްދާނެ.
ވަށައިޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، 144 ސްކޫލެއްގައި މިހާރު އަންނަނީ އެއްދަންފަޅިއަށް ކިޔަވައިދެމުން. އަދި އިތުރު 69 ސްކޫލެއް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓެއް ހަދައި، އެކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް، މިހާރު އަންނަނީ ތައްޔާރު ކުރަމުން.
ދިވެހީންނަށް ވަޒީފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިއަހަރުގެ ތެރޭގައި، ދިވެހި 580 ޓީޗަރުން ވަޒީފާއަށް ނެރެވުނު. ރާއްޖޭގެ ސްކޫލްތަކުގައި މިއަދާ ހަމަޔަށް 7627 ދިވެހި ޓީޗަރުން އެބަތިބި. ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ 600 އަށްވުރެ ގިނަ މުދައްރިސުންނަކީ، ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ކިތަންމެ ގިނަ ފައިސާއެއް ހޭދަކޮށް، ކިތަންމެ ގިނަ ވަސީލަތެއް ބޭނުންކުރިޔަސް، ޤައުމީ ތަރައްޤީގެ ފަތިހަކަށް އަލިވިލޭނީ، އިންސާނާގެ ނަފްސާއި، އޭނާގެ ޒާތަށް ކުރިއެރުން ލިބިގެން. އިންސާނާގެ ޙަޤީޤީ ތަރައްޤީ ބިނާވެފައިވަނީ، އޭނާގެ ހަށިހެޔޮކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، ބުއްދީގެ ޤާބިލުކަމުގެ މައްޗަށް.
މިހާރުގެ ޙާލަތަށް ބަލާއިރު، ދިވެހީންގެ ވިސްނުމަށާއި ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްޙަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުންކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް. ޞިއްޙަތަށް ނުރަނގަޅު ކާބޯތަކެއްޗާއި، ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް.
އެފަދަ ބަލިތަކަށް މީހާ ވާޞިލުކުރާ އެކައްޗަކީ، ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް، ސުއްޓާ ވިއްކުން މަނާވާނެ.
ތެލަސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ.
އޭގެ އިތުރުން، ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން، މި އަހަރުގެ ތެރޭގައި ދޭން ފެށޭނެ. އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި، ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.
ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ޤާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ޤާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ.
ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ، އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށްވެސް، އެ ޤައުމުތަކުގެ ކަނޑައެޅޭ ވަކި ހޮސްޕިޓަލްތަކަކުން އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުގެ އިދާރާތަކުން މިހާރު އަންނަނީ ކުރަމުން. މިއާއެކު، ލަންކާގައި ދިރިއުޅޭ ދިވެހީންނަށް، އަންނަ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބެން ފަށާނެ.
ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް، ނުވަތަ އެލްޑަރލީ ހޯމްއެއް ހަމަޖައްސައިދިނުމަށްވެސް، މިހާރު މި އަންނަނީ މަސައްކަތް ކުރަމުން.
ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވެވޭނެ އެންމެ މުހިންމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން. ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުމަށްޓަކައި، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން، ސިވިލް ސަރވިސް އޮނިގަނޑަށް މިހާރުވާނީ، ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އަލަށް އިތުރުކޮށްފައި.
ކުޅިވަރުތައް ތަރައްޤީކޮށް އާލާކުރުމަކީވެސް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައި، މިހާރު ވަނީ އެކަން ހަމަޖެހިފައި. އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް ހަމަހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި.
މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ޖުމްލަ 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަން ވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަންމެ މަތީގައި ހުއްޓަސް، އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު، އަދިވެސް އިތުރެއްނުވޭ. ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުންވެސް މަޙްރޫމްވެފައި.
އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ.
މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މިޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތް، ޚާއްޞަ އިސްކަމެއްދީގެން
މި ސަރުކާރުން ކުރާނެ.
ދިވެހިރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށްވީ ހިނދު، މި ޤައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި، ފަރުތަކާއި، ހޭޅިފަށާއި، އެ ތަންތަނުގެ ދިރުމާ. ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލު ކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ތަރައްޤީގެ ހުރިހާ ކަމެއްވެސް ބައްޓަންކުރާނީ، މި ޤުދުރަތީ ރީތި ރާއްޖެ ދެމެހެއްޓޭނެ ގޮތަށް. ރައްކާތެރި އަދި ދެމެހެއްޓެނިވި ވެށްޓެއް ދިވެހިރާއްޖޭގައި ކަށަވަރު ކުރެވޭނީ، ޤުދުރަތީ މި އަގުހުރި ވަސީލަތްތައް، އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ބެލެހެއްޓިގެން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ނަން އަނެއްކާވެސް ފަވާލާނީ ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި.
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ، މި އަހަރުގެ ތެރޭގައި އެކުލަވައިލެވޭ ގްރީން ފަންޑަށް ޚާއްޞަކޮށް، އެ ފައިސާ ޚަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް.
ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ. އެ ރަށްރަށުގައި މި ނިޒާމު ޤާއިމުކުރުމުން، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިހާރާ އަޅައިބަލާއިރު
ދެ ގުނަ އިތުރުވެގެންދާނެ.
ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި، ޒަމާންވީ ސަގާފަތެއް އޮތް ޤައުމެއް. ރާއްޖޭގެ ސަގާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އެކަމާ ގުޅޭ ބިލް، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު ޤަޞްދުކުރަން.
ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަން ބެލެހެއްޓުން، ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރެވިގެންދާނެ. ޒަމާނީ ވަސީލަތްތަކާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން، ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، [ހައުސިންގ ނީޑް އެސެސްމަންޓް] ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށް، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރު ފެށޭނެ.
އެކި ރަށްރަށުގައި މި އަހަރު އަލަށް ފަށާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި.
މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ކުރީ ސަރުކާރުގެ [ހިޔާ] މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް.
މި މައްސަލަތަކުގެ އިތުރުން، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޙައްލުކޮށްދޭނަން. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ދެ ޤާނޫނެއްގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން. އެއީ، ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ [ޓެނެންސީ އެކްޓް] އާއި، އެއްމެދު ޢިމާރާތްތަކާ ބެހޭ އުސޫލުތައް ކަނޑައަޅައިދޭ [ކޮންޑޮމީނިއަމް އެކްޓް].
ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، [ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން]ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްދުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، މޯލްޑިވިއަން އިން ކުރާ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު މިހާރުވާނީ، 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި.
މާލެއަކީ ހިނގާބިނގާވާ މީހުންނަށްވެސް، އަމާން ތަނަކަށް ހެދުމުގެ ގޮތުން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފަށާފައި. އެކަމަށް ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެށްޓާ ރަޙްމަތްތެރި މިނީ ބަސް.
މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަންކަން. މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި، މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް، ހިތްފަސޭހަ އަމާން މާޙައުލަކަށް ހެދުމަށް، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި.
އެގޮތުން، މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި. އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އަމާންކަމާއެކީ އުޅެވޭފަދަ ޖަޒީރާ މާޙައުލަކަށް ބަދަލުކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ސަރުކާރުގެ މޫނުބަލާ ލޯގަނޑު ކަމުގައި އަޅުގަނޑު ގަބޫލުކުރާ، ނޫސްވެރިކަމުގެ މިނިވަންކަންވެސް، މި ވެރިކަން ފެށުނުއިރު އޮތީ، އަބުރުގެ ޤާނޫނުގެ ވަކިތަކުގެ ތެރޭގައި ކަސްތޮޅުއެޅި ޒަޚަމްވެފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު ވާނީ އެ ޤާނޫނު އުވާލައި، ނޫސްވެރިކަމަށް މިނިވަން ޖައްވެއް ޤާއިމުކޮށްދީފައި.
ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން. ކޮންމެ ޤައުމެއްގައިވެސް ދައުލަތެއްގެ ސިފަ ޖެހިގެންދަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ހިންގާ ވެރިކަމެއް އޮތުމުން. އެހެންވީމާ، ޙަޤީޤީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ ބަހާއަކީ، ކޮންމެ ބަޔަކުވެސް، އެބައެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުން.
އަޅުގަނޑު މަޤާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއްނެތި، ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނަން. އަދި މިއަދުވެސް އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް އެކަން ޔަޤީންކޮށް އަރުވަން.
ޤުދުރަތުގެ މަތިވެރި ނިޔާގެ މަތީން، މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާ، މިވަގުތު ޙަވާލުވެހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނާތް އަދާކުރުމުގައި، އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި، ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުގައި އިބްތިހާލްވެ ދަންނަވަން. އެކަލާނގެ މަތިވެރި ރަޙްމަތްފުޅާއެކު، އެ ޒިންމާ އަދާކުރުމުގައި، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަޤީންކުރަން.
މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި، ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން. ދިވެހި ރައްޔިތުންނަކީ، ޤައުމީ ސިޔާދަތާއި އެއްބައިވަންތަކަމާއި، ޞުލްޙަމަސަލަސްކަމާއި އަމާންކަމަށް ލޯބިކުރާ ބައެއް ކަމުގައި ދެމެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަން.
އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، ތަރައްޤީގެ މަގުގައި، އެއްދުވަހުން އަނެއް ދުވަހަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔުމުގެ ހެޔޮ ވިސްނުމާއި ޤާބިލުކަން އެންމެންނަށް ދެއްވާށި! ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށާއި، ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި، އެކަމުގައި ވާގިވެރިކަން ދެއްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަފީޤް، ޔޫ.އެން.ޑީ.ޕީ.ގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޢާއިޝަތު ރިޒްނާ، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން، އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިއަދަކީ، ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން، އަޅުގަނޑުމެން ދައްކަމުން މި އަންނަ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެގެންދާނެ ދުވަހެއް. އެއީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ވާހަކަ. ލާމަރުކަޒީ ހިންގުމުގައި އަންހެނުންގެ ދައުރު އިތުރުކުރާ ވާހަކަ.
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރިގޮތާއި، ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، ދެބަސްވުމެއްނެތި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރާން ޖެހިއްޖެކަން. އެހެން ނޫނިއްޔާ، 2050 ވަނަ އަހަރާ ހަމަޔަށް އަޅުގަނޑުމެން ދާއިރު، ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މި މާލޭގައި.
އެއީ ކުރެވޭނެ ކަމެއް ނޫން، އަދި ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫން. ހަމައެފަދައިން، އިޖްތިމާޢީ އެތައް މައްސަލަތަކެއްވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި، އިޖްތިމާޢީ ގިނަ މައްސަލަތަކުގެ އަސްލަކީވެސް، ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން.
ލާމަރުކަޒީ ނިޒާމަށް 10 އަހަރު ފުރެންދާއިރު، މި ނިޒާމުގެ ތެރެއިން ލޯކަލް ކައުންސިލްތައް ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފި. ކައުންސިލްތަކުގެ ތެރޭގައި، ވަރަށް ރަނގަޅަށް ހިނގާ ކައުންސިލްތައް އެބަހުރި. ހަމައެފަދައިން، އެންމެ އެދެވޭގޮތުގައި ނުހިނގާ ކައުންސިލްތައްވެސް އެބަހުރި.
އެކަން އެގޮތަށް މެދުވެރިވަނީ، ސިޔާސީގޮތުން ލާމަރުކަޒު ކުރެވިފައިވިޔަސް، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް، ތަންފީޒީ މަރުޙަލާގައި، ގިނަ ކަންކަން އަދިވެސް ލާމަރުކަޒު ނުކުރެވޭތީ. އޭގެ ތެރެއިން މި މަހާސިންތާ އަމާޒުކުރެވިފައި މިވަނީ، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް.
ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި، ކައުންސިލަރުންތަކެއް އިންތިޚާބު ކުރުން އެކަންޏެއްނޫން. އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި، މާލީ ބާރުވެރިކަން ދޭންޖެހޭ. ހަމައެފަދައިން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީވެސް ޙަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫން.
ޤާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެނޫން ގޮތަކަށް ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަކީ، ވަރަށް އުނދަގޫ ކަމަކަށް ވާނެ.
މިކަންކަން ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރަންޖެހޭ ވާހަކަ، އަޅުގަނޑުމެން މާކުރިންވެސް މި އަންނަނީ ދައްކަމުން. އެ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަކީ، އަޅުގަނޑުމެންގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މިއީ ސީދާގޮތުން ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ، ޢާންމުންގެ ޚިޔާލު ހޯދައި، ވަރަށް ފުޅާ ދާއިރާއެއްގައި މި އަންނަނީ މަޝްވަރާތައް ކުރަމުން.
ލާމަރުކަޒީ ޤާނޫނު އިސްލާޙު ކުރުމާ ގުޅޭގޮތުން، އަޅުގަނޑުމެން މިހާރު ވާނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަޝްވަރާތަކެއް ބާއްވާފައި. އެގޮތުން ހދ. ކުޅުދުއްފުށްޓާއި،
ށ. ފުނަދޫ، ރ. އަލިފުށި، ކ. ގާފަރު އަދި އައްޑޫ ސިޓީ އާއި މާލޭގައިވެސް އަޅުގަނޑުމެން މަޝްވަރާތައް ބާއްވައިފިން.
ރިޔާސީ ކެމްޕެއިންގެ ތެރޭގައިވެސް އަޅުގަނޑުމެން ރައްޔިތުންނާ އެންމެ ގިނައިން ކުރީ، ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމުގެ މަޝްވަރާތައް. މިހާރުވެސް އަޅުގަނޑުމެން ރަށްރަށަށް މިކުރާ ދަތުރުތަކުގައިވެސް ރައްޔިތުންގެ ޚިޔާލު މި އަންނަނީ ހޯދަމުން. މިހާރުވެސް އަޅުގަނޑަށް އެފަދަ ބައެއް ޚިޔާލުތައް ލިބިފައި އެބަހުރި. އޭގެތެރެއިން ބައެއް ކަންކަން އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލާނަން؛
• ކައުންސިލްތަކަށް ޤާނޫނީ ބާރުދީ، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން. މިއީ އެއްކަންތައް.
• ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނުން.
• ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން، ދެފުށް ފެންނަ ގޮތަކަށް، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން.
• ރަށާއި އަތޮޅުތަކުގެ އިޚްތިޞާޞްގައިވާ ތަންތަނުންނާއި، ބިންބިމުން ލިބޭ އާމްދަނީ
އެ ކައުންސިލްތަކާ ޙަވާލުކުރުން.
ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން، އަޅުގަނޑުމެންނާ އެންމެ ގިނައިން ކުރިމަތިވަނީވެސް، މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ސުވާލު. މާލީގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ނޫނީ، ލާމަރުކަޒީ ނިޒާމު ފުރިހަމައެއްނުވާނެ. ޙަޤީޤަތަކީވެސް އެއީ. އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުން ނަގާ ފީތަކަކީ، އެ ރަށްރަށުގެ އެފަދަ ޚިދުމަތްތައް ތަރައްޤީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ.
ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމާމެދު ސަރުކާރުން މި އަންނަނީ މަޝްވަރާ ކުރަމުން. ކެމްޕެއިނުގައިވެސް އަޅުގަނޑު ވައުދުވީ ފަދައިން، ގްރީން ޓެކުހުން ލިބޭ އާމްދަނީ ޚަރަދުކުރާނީ، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށާއި، ސާފު ބޯފެނާއި ނަރުދަމާ، އަދި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތްތަކަށް.
ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކޮށް ހިންގުމުގައި، ކައުންސިލްތަކުގެ ބައިވެރިވުން އޮތުމަކީ، އެ މަޝްރޫޢުތައް އަވަސްމިނުގައި ހިންގުމަށް މަގުފަހިވާނެ ކަމެއް. އަދި ރަށުގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް.
ޤައުމީ ތަރައްޤީގެ ޕްލޭނާއި، ސަރުކާރުގެ އެކްޝަން ޕްލޭނާ ފުށުނާރާގޮތަށް، ރަށްރަށާއި އަތޮޅުތަކުގެ ޕްލޭންތައް ހަދައި، އޭގައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި، މަޝްރޫޢުތައް ހިންގައި ވިލަރެސްކުރުމުގެ އިޚްތިޔާރު، ކައުންސިލްތަކަށް ހޯދައިދިނުމަކީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް.
ލާމަރުކަޒީ ޤާނޫނަށް 2017 ވަނަ އަހަރު ގެނައި، 7 ވަނަ އިޞްލާޙުގެ ދަށުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެންވާ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. ކައުންސިލްތަކުން އެ ބޯޑަށް އިންތިޚާބުކުރާ މަޤާމުތައް އުނިކޮށް، މުޅި ބޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މަޤާމުތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައި.
ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތެރިވާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަކީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތެއް. އެހެންކަމުން، މި ބޯޑަކީ ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ، އަދި މުޅި ނިޒާމުގެ މުސްތަޤްބަލްވެސް ބައްޓަން ކުރެވޭނެ ބޯޑަކަށް ވާންޖެހޭ. ސިޔާސީ މަޤްޞަދުގައި ކައުންސިލަރުން ވަކިކޮށް، ސަސްޕެންޑް ކުރުންފަދަ ކަންކަމުން ދުރުވާންޖެހޭ.
ލާމަރުކަޒީ ޤާނޫނަށް ގެނައި ތިންވަނަ އިޞްލާޙަކީވެސް، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތަޞައްވުރާ މުޅީން އިދިކީލި އިޞްލާޙެއް. އެ އިޞްލާޙުގައި މި ބުނަނީ، ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭނެ ޚިދުމަތްތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް. އަދި އެ ޚިދުމަތްތައް ފޯރުކޮށްދޭނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް.
މީގައި ކޮބައިތޯ ކައުންސިލްތަކަށް އޮތް ބާރަކީ؟ ކޮބައިތޯ ކައުންސިލްތަކަށް އޮތް އިޚްތިޔާރަކީ؟ މިގޮތަށް ކައުންސިލްތަކުގެ ބާރުތައް، މަރުކަޒީ ސަރުކާރަށް ނެގުމުން، ކައުންސިލްތަކުގެ ދައުރަކަށް ވަނީ އެއްވެސް މާނައެއް ނެތް ދައުރަކަށް ނޫންތޯ! މިއީ ހަމަގައިމުވެސް އަޅުގަނޑު ދަންނަ ލާމަރުކަޒީ ނިޒާމެއްގައި، ކަންކަން ހުންނަ ގޮތެއް ނޫން.
މި މަހާސިންތާގައި ތިޔަބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވައިގެން ގޮތްތަކެއް ކަނޑައަޅުއްވަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ ރެޕްރެޒެންޓޭޝަނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އަޅުގަނޑު އެދެން.
ޢާންމު ގޮތެއްގައި އަތޮޅުވެރިކަން މި އޮންނަނީ، އެ އަތޮޅެއްގެ އާބާދީ އެންމެ ބޮޑު ރަށުގައި. މި ދެންނެވި ރަށް، ދައުރުގެ މެދުތެރެއިން ސިޓީއަކަށް ބަދަލުވާ ޙާލަތުގައި، އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައަޅާނެ މިންގަނޑަކީ ކޮބައިކަން ދެނެގަންނާނީ ކޮންގޮތަކަށްތޯ؟ އެފަދަ ރަށެއްގައި ސިޓީ ކައުންސިލެއް ކަނޑައަޅާނީ ކިހިނެއްތޯ؟
ސިޓީ ކައުންސިލެއް އުފައްދާނެ ހަމައެކަނި މިންގަނޑަކީ އާބާދީތޯ؟ ސިޓީއެއްގައި ލިބެންޖެހޭނެ ޚިދުމަތްތަކަކީ ކޮބައިތޯ؟ މޭޔަރު އިންތިޚާބު ކުރާނެ ގޮތަކީ ކޮބައިތޯ؟ އަތޮޅު ކައުންސިލްތައް އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކޮންގޮތަކަށްތޯ؟ އަދި ކައުންސިލްތަކުގެ ދައުރުގެ މުއްދަތަކީ ކޮބައިތޯ؟
މިއީ އެކިއެކި ފޯރަމްތަކުގައި އަޅުގަނޑާ ހިއްސާ ކުރެވިފައި ހުރި ސުވާލުތަކެއް. އަޅުގަނޑު އެދެން، މި ސުވާލުތަކާމެދު ތިޔަބޭފުޅުން މަޝްވަރާ ކުރައްވައި، ފެނިވަޑައިގަންނަވާ ގޮތްތައް ސަރުކާރަށް ހުށަހެޅުއްވުމަށް. އޭރުން ލާމަރުކަޒީ ޤާނޫނު އިޞްލާޙުކުރާއިރު، މުޅި ނިޒާމު އެކުގައި އިޞްލާޙުވެގެންދާނީ.
ލާމަރުކަޒީ ޤާނޫނު ވުޖޫދުވެގެން އައިއިރު، އެ ޤާނޫނު ފުރިހަމަގޮތުގައި ހިންގުމަށް ހުރަސްއެޅޭގޮތަށް، ގިނަ ޤާނޫނުތަކެއް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވުނު. ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި، މި ދެންނެވި ގޮތަށް ހުރި ޤާނޫނުތައްވެސް އަޅުގަނޑުމެން އިސްލާޙު ކުރާނަން.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު، ޤާނޫނީ އޮނިގަނޑު އިޞްލާޙުވެގެން، ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގަތުމުން، ރަށްރަށަށް ދިމާވާ ގިނަ މައްސަލަތައް ޙައްލުކުރުމަށް، ދަތުރުހަދައިގެން ރައްޔިތުން މާލެ އަންނާކަށް ނުޖެހޭނެ.
ލާމަރުކަޒީ ކުރުމަކީ، ރަށު އޮފީހުގެ ނަން، ކައުންސިލް އިދާރާގެ ނަމަށް ބަދަލުކޮށްލުމެއް ނޫން. އަޅުގަނޑުމެންގެ ތަޞައްވުރުގައި ލާމަރުކަޒީ ނިޒާމަކީ، މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް، އެ ތަނެއްގެ ރައްޔިތުން ބޭނުންވާގޮތަކަށް ރާވައި ހިންގުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް، އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން.
އަޅުގަނޑުމެން ވެރިކަމަށް އިސްކުރީ، މި ރާއްޖޭގެ ރައްޔިތުން. އެއީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދިނުމަށް. ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްޤީގެ އައްސޭރި އަތުލަން. އިޤްތިޞާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުންދާއިރުވެސް، ތަރައްޤީގެ ދުވެލި ބަރުހެލިވެގެން މިއުޅެނީ، މަރުކަޒީ އުސޫލު ދޫކޮށް، ލާމަރުކަޒީ ކުރަން ނުކެރިގެން.
ނަމަވެސް އަޅުގަނޑުމެންގެ އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެން މިތިބީ ކައުންސިލްތަކަށް ބާރުތައް ދޫކުރަން. ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމަށް. ޖަޒީރާ ދިރިއުޅުން އެންމެ ފުރިހަމަގޮތުގައި ހޯދައިދޭން. އެއީ ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެދޭގޮތަށް، އެ ރަށެއްގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، ހިންގުމުގެ އިދާރީ އަދި މާލީ ބާރުވެރިކަން ދީގެން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން އެކަން ޙާޞިލުކުރާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ، ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ ބަޔަކު ކަމުގައި ލެއްވުން. މި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި ހެޔޮ ތައުފީޤް ދެއްވުން. މި ޖަޒީރާތަކުގެ ރައްޔިތުންނަކީ، އެބައިމީހުންގެ ކަންކަން އަމިއްލަށް ރާވައި ހިންގުމުގެ ވިސްނުމާއި ކުޅަދާނަކަން ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
[ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން] ކެމްޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙް
ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދައުލަތުގެ ވަޒީރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިސް ބޭފުޅުން، ރައީސް އޮފީހުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތަކީ، ހެޔޮ ވެރިކަމަކަށް މި ރާއްޖެ އަނބުރާ ގެނައުމަށް، މީގެ އެތައް އަހަރެއް ކުރިން ފެށިގެން، އަޅުގަނޑުމެން ދައްކަން ފެށި ވާހަކަތަކުގެ ޢަމަލީ ބައި. އެއީ، ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތް.
މި ސަރުކާރުގެ ފުރަތަމަ ދުވަހުވެސް، ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް، އަޅުގަނޑު އިޢުލާނު ކުރިން. އޭގެތެރެއިން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން، ވަކި އުޞޫލަކުން ހާމަކުރުން. އެކަން މިހާރު ވަނީ ފެށިފައި. އަދި ކުރިމަގުގައި މިކަން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ.
މިއަދު މި ފަށާ "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް، ތަހަމަލުނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއް. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައި.
ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުގެ ސިޔާސަތުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، ޚިޔާނާތާއި މަނީލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް. އެކަމަށްޓަކައި އުފެއްދި ކޮމިޝަންގެ މަސައްކަތްތައްވެސް މިހާރު ވަނީ ހިނގަން ފަށާފައި.
ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމުގެ ބިލް، މިހާރުވާނީ މަޖިލީހަށް ފޮނުވާފައި. އެ ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، ކުށްކުރާ ޙާލަތުގައި ލިބޭ އަދަބު ބޮޑުވާގޮތަށް.
ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީވެސް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލްވެސް މިހާރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި.
ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމަށްޓަކައި، ސަރުކާރުން މި ޤާއިމުކޮށްދިނީ، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްޕޯޓަލްއެއް. މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު، މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ. އަދި މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ، ބިރުގަނެ ޖެހިލުންވާކަށްވެސް ނުޖެހޭނެ. އެހެންކަމުން މިއީ، ވިސްލްބްލޯވިންގ އަށް މަގުފަހިކޮށްދޭނެ، މުހިންމު ވަސީލަތަކަށް ވާނެކަމަށް، އަޅުގަނޑު އުންމީދުކުރަން.
ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށްވެސް، އަޅުގަނޑު މިއަދު ގޮވާލަނީ، އަޅުގަނޑުމެން މި ހުޅުވައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން.
ޢާންމު ރައްޔިތުންވެސް، މި ޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙުކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިގެން.
ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން. މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހައްދަވަމާ ހިންގަވާ!
ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު. ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް.
އެ ތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް".
މަތީ މަޤާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ޚިޔާނާތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އިންތިޚާބީ މަޤާމުތަކަށާއި، ސަރުކާރުން އައްޔަނުކުރާ މަޤާމުތަކުގެ ބޭފުޅުންނަށް، އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމެއް، މި އޮފީހުން މިހާރުވަނީ ހިންގަން ފަށާފައި. އެ ޕްރޮގްރާމްގައި ކެބިނެޓްގެ ވަޒީރުންނަށް ޚާއްޞަކުރެވޭ ސެޝަން، މި ހަފްލާއަށްފަހު ކުރިއަށްދާނެ.
ގުޑް ގަވަރނަންސް ޕްރޮގްރާމަކީ، ތިޔަބޭފުޅުންގެ މިނިސްޓްރީތަކާއި، އޮފީސްތަކުގެ ތެރޭގައި ހިނގާ، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމުގައި އެހީތެރިކަން ލިބޭނެ ޕްރޮގްރާމަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި، ތިޔަ ހުރިހާ ވަޒީރުންގެ ފުރިހަމަ އެހީތެރިކަމަށް އަޅުގަނޑު އެދެން.
މިދިޔަ ދެ ދުވަހު ހިންގި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުންވެސް، މި ސިޔާސަތަށް ވަރަށް މުހިންމު ޚިޔާލުތަކެއް ވަނީ ލިބިފައި. އޭގެ ތެރޭގައި ޤައުމީ ފެންވަރުގައި އެކަށައަޅައި ތަންފީޒު ކުރެވިދާނެ ސިޔާސަތުތަކެއްވެސް ފާހަގަކުރެވިއްޖެ.
އެފަދަ އެއް ސިޔާސަތަކީ، މަޞްލަޙަތު ފުށުއަރާ ކަންކަމުގައި ބައިވެރިނުވުމުގެ ސިޔާސަތު. ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް ފަރުވާއެއް ހޯދިދާނެ. އެފަދަ ދެވަނަ ކަމަކީ، ކުރިން މީހަކު އަދާކުރި މަޤާމެއްގެ ނުފޫޒު، ފަހުން އޭނާ ޢައްޔަނު ކުރެވޭ ވަޒީފާގެ މަސައްކަތަށް ފޯރުވުން ހުއްޓުވޭނެ މިންގަނޑެއް ކަނޑައެޅުން.
އެފަދަ މިސާލެއް ދަންނަވައިލާނަން. އެއީ ކުރިންހުރި ވަޒީފާއިން ވަކިވިތާ ދެ އަހަރު ނުވަނީސް، ސަރުކާރުގެ ތެރެއިން ހިންގާ އެފަދަ މުޢާމަލާތެއްގައި ބައިވެރިނުވެވޭގޮތް ހެދުން. މިފަދަ ޤަރާރެއް، އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި ފާސްކޮށް، މިހާރު އަންނަނީ ތަންފީޒުވެސް ކުރަމުން.
ދައުލަތުގެ ސުލޫކީ މިންގަނޑެއް ކަނޑައަޅައި، ދައުލަތުގެ ހުރިހާ މުވައްޒަފުން މި މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން ލާޒިމު ކުރުމަކީވެސް ކުރެވިދާނެ ކަމެއް. މި މިންގަނޑުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުން ހަދިޔާ ލިބިގަތުމާއި، ކުރާ ދަތުރުތަކަށް ސްޕޮންސަރ ލިބިގަތުމާއި، ކެމްޕެއިން ޙަރަކާތްތަކުގައި، މުވައްޒަފުން ޢަމަލުކުރަންވީ ގޮތުގެ ގައިޑްލައިނެއްވެސް ކަނޑައެޅިދާނެ.
ވަޒީރުން މިއަދު ބައިވެރިވެވަޑައިގަންނަވާ ސެޝަންގެ ތެރެއިން، އަދި މިއަށްވުރެވެސް ހަރުދަނާ މުހިންމު ޚިޔާލުފުޅުތައް ފާޅުކުރައްވާނެކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންގެ މެދުގައި މިކަންކަމާމެދު މަޝްވަރާ ކުރައްވައި، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތު ތަންފީޒު ކުރެވޭނެ އެންމެ ބިނާކުރަނިވި ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމަކީ، ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، މަސްއޫލިއްޔަތު އުފުލާ އިޚްލާޞްތެރި ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. ހެޔޮވެރިކަމެއް ކުރުމުގެ ތައުފީޤާއި ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
[ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން] އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޢާއިޝާ ޚަލީލާ، ކޮލެޖްތަކުގެ އިސްވެރިން، ހުރިހާ ދަރިވަރުން، ޙާޒިރުވެ ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ލިއްބައިދޭ ދުވަހެއް. މި ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންވީ ވަޢުދުތަކުގެ ތެރެއިން ވަރަށް މުހިއްމު ވަޢުދެއް ފުދިގެންދާ ދުވަހެއް. ރައްޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ކުރިއެރުމަށްޓަކައި ކަމެއް ކޮށްދެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އަނެއްކާވެސް އިޙްސާސް ކުރެވޭ.
ތަޢުލީމު ހާސިލުކުރުމަކީ، މި ޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއްނޫން. މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ، ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި. ވަކިން ޚާއްޞަކޮށް، ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި، އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ތަޢުލީމު އުނގެނިގެން ތިބޭ ޒުވާނުން.
އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މި ކުރާ ކަމަކީ، ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް. ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީވެސް ތަރައްޤީގެ އެންމެ މުހިއްމު އަސާސަކީ، ތަޢުލީމީ ޖީލެއް ބިނާކުރުން ކަމުގައިވާތީ. މި ސަބަބަށްޓަކައި މި އަހަރުގެ ބަޖެޓުގައިވެސް އެންމެމަތީ އިންސައްތައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ ތަޢުލީމީ ދާއިރާއަށް. އެއީ 3.4 ބިލިއަން ރުފިޔާ. އެހެންނަމަވެސް، އެހެން އެއްވެސް ދާއިރާއަކަށް ބަޖެޓުގެ މިހާ މަތީ މިންވަރެއް ޚާއްޞަކުރެވިފައެއް ނުވާނެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބަޖެޓުގެ މިހާ މަތީ މިންވަރެއް ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު.
މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށްޓަކައި މީގެކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާފަދަ ރަނުގެ ފުރުޞަތެއް. ތިޔަ ހުރިހާ ދަރިވަރުންވެސް މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް އަޅުގަނޑު އުއްމީދު ކުރަން.
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެބޮޑު އެއް މަޤްޞަދަކީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށްދިނުން. މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކުލީފެއްނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.
ސަރުކާރުގެ ދެ ޔުނިވަރސިޓީގެ ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދާނެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށްމަތީ އިންސައްތައެއް ދައުލަތުން ދައްކައިދޭނެ. ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީވެސް މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ.
މަތީ ތަޢުލީމާ ކުރިމަތިލާ ޒުވާނުންގެ އަދަދު އަންނަނީ، އަހަރުން އަހަރަށް އިތުރުވަމުން. ސަރުކާރުގެ ދެ ޔުނިވަރސިޓީއާއި، އަމިއްލަ ކޮލެޖްތަކުގައި މިހާރުވެސް އަށްހާހަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އެބަދޭ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރްޞަތާއެކު މި އަދަދު، ނުވަހާހާ ދިހަހާހާ ދެމެދުގެ އަދަދަކަށް އިތުރުވާނެކަމުގެ އަންދާޒާއެއް ކުރެވޭ.
ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ ހާސިލު ކުރުމުގެ ފުރުޞަތު މިއަދު ހުޅުވިގެންދާއިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް މިހާރު ވާނީ ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައި. އެއީ އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދެއްކުމުގެ މުއްދަތު ފަންސަވީސް އިންސައްތައަށް އިތުރުކޮށްދިނުން.
ފުރަތަމަ ޑިގްރީ ހާސިލުކުރަން ބޭނުންވެ، އެކަން ނުފެށި ތިބި ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔަ ޒުވާނުން މި ހުރިހާ ދުވަހު ތިބި މާޔޫސްކަން މާތްﷲގެ ވާގިފުޅާއެކު، މިއަދު އިރާދަކުރެއްވިއްޔާ ފިލައިގެން މިދިޔައީއޭ. އެހެންވީމާ، މި އަގުބޮޑު ފުރުޞަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިޔަކަށް ވުމަށް ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު ގޮވާލަން.
އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް. ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން އެ މުޖުތަމަޢެއް ކުރިއަރައި ދިޔުމެއް ނޫނޭ. ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެކޭ.
އެހެންވީމާ، ޤައުމު ތަރައްޤީވާން ބޭނުންނަމަ، އެންމެ ފުރަތަމަ ތަރައްޤީ ކޮށްދޭންޖެހެނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. އަޅުގަނޑުމެން ތަރައްޤީ ކުރެވޭތޯ މި ބަލަނީ މި ޤައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ތިޔަ ޒުވާނުން. މާދަމާ މި ޤައުމު އޮންނަންވީ ގޮތުގެ ތަޞައްވުރު މިހާރުއްސުރެ ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާ ކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން. އޭރުން ދަސްވެނިމިގެން ނުކުންނައިރު، ތިޔަ ޒުވާނުން ތިބޭނީ ޤައުމީ ޚިދުމަތަށް ފައްކާވެފައި.
ޤައުމީ މައްސަލަތަކާމެދު މަޝްވަރާކޮށް، ބަސް ބުނެވޭވަރަށް ތިޔަ ދަރިވަރުންގެ ސިކުނޑިތައް ހުންނާނީ ފުރާފުރިހަމަވެފައި. ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާފަދަ ވިސްނުންތަކެއް އުފަންކުރެވޭނީ، ތިޔަ ދަރިވަރުންގެ ސިކުނޑިތައް ޢިލްމީގޮތުން ރޯފިލައިގެންދާ މިންވަރަކުން.
މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުޞަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އުފެއްދުންތެރި ޢިލްމީ ބަޔަކަށްވުމަށް. މި ފުރުޞަތުގެ ސަބަބުން މަތީ ތަޢުލީމު ހާސިލުކުރާ ޒުވާނުން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ތަޢުލީމީ ޤާބިލު ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަން އަޅުގަނޑަށް ޔަޤީން.
މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޢިލްމު އުނގަންނައިދިނުމަށް ޚާއްޞަ އިސްކަމެއް ދީފައިވަނީ، އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ހާސިލު ކުރުމަށްޓަކައި. އެއީ ދިވެހި ޒުވާނުންނަކީ ރަނގަޅު ތަޢުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަށް.
މިއީ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް. ސަރުކާރުގެ އަމާޒަކީ، މާލީގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން. މުސްތަޤްބަލުގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ޢިލްމަށް ލޯބިކުރާ، އަދި ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތްކުރާ ބައެއް ކަމުގައި މާތްﷲ ލެއްވުން. ދިވެހި ޒުވާނުންނަކީ ޤައުމަށް ތެދުވެރި، ވަފާތެރި އަދި އިޚްލާޞްތެރި ބައެއް ކަމުގައި ލެއްވުން. ޤައުމުގެ ޒުވާނުންނަށް ޢިލްމާއި ކުރިއެރުން ހޯދައިދިނުމަށް މި ކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވައި، ކާމިޔާބީއާއި ކުރިއެރުން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
[ޤަޟާއީ އަހަރު 2019] އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހީމް، ދައުލަތުގެ ވަޒީރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީން، އަދި މެޖިސްޓްރޭޓުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ހިނގަމުންމިދާ 2019 ވަނަ އަހަރަށް، ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ހަމަ އެފަދައިން، ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.
މިނިވަން ފަނޑިޔާރުގެއެއް ހުރުމަކީ، ޒަމާނީ ޑިމޮކްރެސީ، އެ މައްޗަށް ބިނާވެފައިވާ، އެންމެ މުހިންމު ރުކުން. ޑިމޮކްރެސީއެއްގެ އަމާޒަކީ، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ކޮށްދިނުން. ހެޔޮ ވެރިކަމެއްގެ ބޭނުމަކީ، އެއްވެސް އިސްތިސްނާއެއް ތަފާތުކުރުމެއްނެތި، ކޮންމެ ރައްޔިތަކަށްމެ، އެމީހެއްގެ ޙައްޤުތައް ލިބިދިނުން.
އެކަން ޙާޞިލުވެގެން މިދަނީ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުން. މީގެކުރިން ރާއްޖޭގައި ޢަމަލުކުރަމުން އައި ޤާނޫނުއަސާސީތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުވެސް އޮންނަނީ، ތަންފީޒީ ބާރުގެ ތެރޭގައި. ފަނޑިޔާރުގޭގެ ނިންމުންތަކުގައި، އެންމެފަހު ބަސް ބުނުމުގެ ބާރުވެސް އޭރު އޮންނަނީ، ތަންފީޒީ ބާރުގެ އެންމެ އިސް ވެރިޔާއަށް.
ނަމަވެސް މިހާރުގެ ޤާނޫނުއަސާސީގައި ފަނޑިޔާރުގެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް. އަދި ފަނޑިޔާރުންނަކީ، ވަކި މުއްދަތެއްނެތި، ދާއިމީ ގޮތެއްގައި އެ މަޤާމަށް ޢައްޔަނު ކުރެވޭ ބައެއް. އެހެންކަމުން، މި ދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން.
ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާއެކު ހިންގޭނެ ގޮތަށް. އެހެންވީމާ، ފަނޑިޔާރުގޭގެ ކޮންމެ ކަމެއްވެސް ހުންނަންވާނީ، އެކަމަށް ބުރޫނާރާނެފަދަ ގޮތަކަށް.
ސަރުކާރުގެ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ޙައްލުކުރުމަށް ދާން އޮތް ތަނަކީ ފަނޑިޔާރުގެ. ހަމައެފަދައިން ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކަށް، ޢަދުލުވެރި ޙައްލެއް ހޯދުމަށް ދާން އޮންނަ ތަނަކީވެސް ހަމަ އެއީ.
މިއީ ރައްޔިތުންގެ ވެރިކަން ހިނގާ ކޮންމެ ޤައުމެއްގައިވެސް، ދައުލަތުގެ ބާރުތައް ތަރުތީބުކުރެވި އިންތިޒާމު ކުރެވިފައި ހުންނަ ގޮތް. މި ރާއްޖޭގައިވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މި އޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަންވާންޖެހެނީ މި ސަބަބަށްޓަކައި.
މިރާއްޖޭގައި މިއޮތީ ރައްޔިތުންގެ ފަރާތުން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް. ޤާނޫނުއަސާސީ އެކުލަވައިލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް. އެހެންކަމުން، ފަނޑިޔާރުންނަކީވެސް ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރެވެންޖެހޭނެ ބައެއް.
ޝަރީޢަތްތައް ހިންގާންވާނީ، ޢާންމުކޮށް ހުޅުވާލައިގެން ހާމަކަމާއެކު ބާއްވާ އަޑުއެހުންތަކެއްގައި ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ބުނެފައި އެ އޮންނަނީވެސް މި ސަބަބަށްޓަކައި. އެހެންވީމާ، ޝަރީޢަތްތައް ހުޅުވައިލުމަކީ، ފަނޑިޔާރުގޭގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަމެއް ނޫން. އެއީ އިންޞާފު ހޯދަންދާ މީހާގެ ޙައްޤެއް. އެއީ މުޅި މުޖްތަމަޢުގެ ޙައްޤެއް.
ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ އަނެއް އުޞޫލަކީ، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބު ދިނުން. ރައްޔިތުންގެ މަޖިލީހަކީ، މިހާރުވެސް އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ އެއް ތަން. ހަމައެފަދައިން ފަނޑިޔާރުގެއަކީވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ.
ރައްޔިތުންގެ ވެރިކަމެއްކުރާއިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ. އެ ތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާންވާނީ، ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް. ސަބަބަކީ ރައްޔިތު މީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކިދޭނީ، އޭނާގެ ޙައްޤެއް ހޯދުމަށް ކަމަށްވާތީ.
ބާރުތައް ވަކިވެ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އަސާސަކީ، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުމެއް. އެކަން ބިނާވެފައި އޮންނަނީ، ފަނޑިޔާރުންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މައްޗަށް.
ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް، އޭނާގެ ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިމްތިޙާނުކުރެވޭ، ވަގުތެއް ނުވަތަ ޙާލަތެއް އަންނާނެ. އެ ޙާލަތުގައި ފަސާދައަށް ނޫނެކޭ ބުނެ، ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ، ނުފޫޒުން އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫން. ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުއްމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންޞާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން. ރައްޔިތުންގެ އެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން، މިވެއަތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ.
އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުގޭގެ ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުން. ދެވަނަކަމަކީ، އެންމެހައި ނުފޫޒުތަކުން ސަލާމަތްވެގެން ތިބެ، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މާޙައުލެއް، ފަނޑިޔާރުންނަށް ޤާއިމުކޮށްދިނުން. މިއީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތައް.
އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން މި އަންނަނީ، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް. އެގޮތުން، ނުޙައްޤުން ވަޒީފާއިން ވަކިކުރި މީހުންނަށް، ވަޒީފާ އިޢާދަކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ ފަށާފައި.
މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލައި، ޙަޤީޤަތް ދެނެގަތުމުގެ މަސައްކަތް، މުޅީން އައު ފެށުމަކުން ފަށައިގެން އެ ދަނީ ކުރިއަށް. ކޮރަޕްޝަން ހިމެނޭގޮތަށް ބޭއިންޞާފުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައްވެސް، އަލުން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.
ހަމައެފަދައިން ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ މަސައްކަތްވެސް، ޚާއްޞަ ކޮމިޝަނެއްގެ ބެލުމުގެ ދަށުން އެ އަންނަނީ ކުރަމުން. އޭގެއިތުރުން، ވަކި ބަޔަކަށް އަމާޒުކޮށް ހަދާފައިވާ ނުވަތަ ބަދަލުކޮށްފައިވާ ޤާނޫނުތައް، އިޞްލާޙު ކުރުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފެށިފައި.
މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮތީ، ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުން. އިންތިޤާލީ އިންޞާފު ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. އެނޫން އެހެން އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ނެތް. މިކަމުގައި ހަމަ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް އަޅުގަނޑު ނުގެންގުޅޭނަން.
އެހެންކަމުން، މިއަދު މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. މާދަމާ ފެށިގެންދާ [ޖުޑީޝަލް ކޮންފަރެންސް]ގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙު ކުރުމާމެދު މަޝްވަރާ ކުރައްވައި، ބިނާކުރަނިވި ނިންމުންތަކެއް ނިންމަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.
ހަމަ އެއާ ވިދިގެން، މި ހަފުތާ ބަންދުގައި ބާއްވާ ފަނޑިޔާރުންގެ މަހާސިންތާގައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، އަވަހަށް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން، ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރައްވައި، މުހިއްމު ގޮތްތަކެއް ނިންމަވާނެ ކަމަށް އުއްމީދު ކުރަން.
ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް. ރައްޔިތުންގެ އުއްމީދުތައް ޙާޞިލުވާނީ، ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން. ރައްޔިތުންގެ ޙައްޤުތައް ގުޅިފައިވަނީ ތިޔަ ފަނޑިޔާރުން އިއްވަވާ ޙުކުމްތަކާ.
ބައެއް ބޭފުޅުންގެ ނަޒަރުގައި، ފަނޑިޔާރުން ޢައްޔަނު ކުރުމާއި، ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަންޖެހޭ، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތަކީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް އެޅިފައިވާ ހުރަހެއް. އެހެންވީމާ، ޖޭ.އެސް.ސީ އެކުލެވިފައިވާގޮތާމެދު ފުންކޮށް ވިސްނައިލެއްވުން ރަނގަޅުވާނެ.
ޖޭ.އެސް.ސީ.ގައި މިހާރު ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ތިން މަރުޙަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް، ބަންޑާރަ ނައިބު، ޤާނޫނީ ވަކީލެއް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، އަދި އާންމުންގެ ތެރެއިން މީހަކާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މީހެއް.
މީގެ ތެރެއިން 8 ބޭފުޅުންނަކީ، އެ ބޭފުޅުންގެ މަޤާމުގެ ހައިސިއްޔަތުން، މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން. އޭގެ އިތުރުން ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން. މަތިމައްޗަށް ދެ ހުވައި ކުރައްވައިގެން ތިއްބަވާއިރު، އެންމެ ނަޒާހަތްތެރިވާންޖެހޭނީ އެބޭފުޅުން ނޫންތޯ؟
އަޅުގަނޑުމެންނަށް އެތައް ޤާނޫނަކާއި، އެތައް ޤަވާޢިދެއް ހެދިދާނެ. އިތުރު ނިޒާމުތަކެއްވެސް ރޭވިދާނެ. ނަމަވެސް ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ނޫން. ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަން.
ފަނޑިޔާރުންނަކީ، އެބޭފުޅުންގެ ކޮނޑުފުޅުގައި، ވަރަށް މަތިވެރި ޒިންމާތަކަކާއި ވާޖިބުތަކެއް އެޅިފައިވާ ބައެއް. ފަނޑިޔާރުގެއަކަށް މީހަކު ދާނީ، އޭނާގެ ކިބައިން ނިގުޅައިގެންފައިވާ ކޮންމެވެސް ޙައްޤެއް އަނބުރާ ހޯދުމަށް. ނުވަތަ ކޮންމެވެސް އަނިޔާއަކުން ނުވަތަ ބޭއިންޞާފަކުން މިންޖު ކޮށްދިނުމަށް އެދިގެން.
އެހެންވީމާ، ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ. ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ. މުޖްތަމަޢުގެ އުފާވެރިކަމާއި ފާގަތިކަން ބިނާވެފައިވަނީ، އެ މުޖްތަމަޢެއްގައި ޢަދުލުވެރިކަން ޤާއިމުވެފައި އޮންނަ މިންވަރެއްގެ މައްޗަށް.
އަނިޔާވެރިކަމާއި ބޭއިންޞާފުގެ ވާހަކަ ދައްކާއިރު އަބަދުވެސް ބުނެ އުޅޭ، ކޮންމެ އިހުމާލަކީ އަނިޔާއެކޭ. އެހެންކަމަށްވާނަމަ، ޙައްޤެއް ހޯދުމަށް ފަނޑިޔާރުގެއަށް ހުށަހެޅުމުން، އެކަމާމެދު އަޅައިލުމެއްނެތި، ތިން ހަތަރު އަހަރު ވަންދެން މައްސަލަ ބާއްވާއިރު، އެއަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެބާވައޭ، އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ.
ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރިއާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް.
ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމާ ބެހޭގޮތުން، 2014 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީން ހެދި ސާރވޭއިން ދައްކާގޮތުގައި، ރައްޔިތުންގެ ގާތްގަނޑަކަށް 71 އިންސައްތަ މީހުން ބޭނުންވަނީ، ކޯޓުތަކަށް ނުގޮސް މައްސަލަތައް ޙައްލުކުރަން. ސަބަބަކީ ކޯޓުތަކަށް އިތުބާރު ނުކުރެވުން. އެއީ އިންޞާފު ލިބޭނެކަމުގެ އިތުބާރު ނެތުން. އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވޭނެ ކަމުގެ އިތުބާރުވެސް ނެތުން.
އޭގެފަހުން މިވެއަތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޝަރުޢީ ނިޒާމުގެ ތެރޭގައި ކަން ހިނގާފައިވާ ގޮތް، އަޅުގަނޑަށްވުރެ މާ ރަނގަޅަށް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާދަމާ ފެށޭ [ޖުޑީޝަލް ކޮންފަރެންސް]ގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ތާވަލު ކުރައްވާފައިވަނީވެސް، ރައްޔިތުންގެ އިތުބާރު އަލުން ހޯއްދަވަންޖެހޭކަން ގަބޫލުކުރެއްވޭތީ ކަމަށް އަޅުގަނޑަށް ޔަޤީން.
ފަނޑިޔާރުގެ އިޞްލާޙުކޮށް، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މަގު ކޮށުމަކީ، އަޅުގަނޑުގެ ރިއާސީ ވަޢުދެއް. މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން އެ ވަޢުދު ފުއްދާނެ. އަޅުގަނޑުމެން އެކަން ކުރާނީ، ޤާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާވެސް ހޯދައިގެން.
އަޅުގަނޑު އުއްމީދުކުރާ ގޮތުގައި، މިއަދު މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައިވެސް، ފަނޑިޔާރުގެތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުންގެ އިތުބާރު ހޯދުމަށް. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ރައްޔިތުންގެ މައްޗަށް އޯގާތެރި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. މި ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި ކާމިޔާބީ މިންވަރު ކުރެއްވުން. މި ރާއްޖެއަށް ކުރިއެރުން ހޯދައިދިނުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
[މަސްދޯނި އެކައުންޓް] އިފްތިތާޙު ކުރެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، ދައުލަތުގެ ވަޒީރުން، ބޭންކް އޮފް މޯލްޑިވްސްގެ އިންޗާރޖް ޢާއިޝަތު ނޫރައްދީން، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ޝަރީފް، މިފްކޯ ހިންގުމާ ހަވާލުވެ ހުންނެވި އިސްމާޢީލް ފައުޒީ، މަސް ގަންނަ ކުންފުނިތަކުގެ އިސްވެރިން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިއަދަކީ، ދިވެހި މަސްވެރީންނާއި މަސްވެރި ޢާއިލާތަކަކަށް އުފާވެރިކަން، އެތައް ގުނައަކަށް އިތުރުވެގެންދާނެ ދުވަހެއް. މަސްވެރީން އެތައް އަހަރެއް ވާންދެން ކުރަމުންދިޔަ ޝަކުވާތައް ނިމުމަކަށް އައި ދުވަހެއް. ހަމައެފަދައިން މަސްވެރީން ކުރާ ބުރަ މަސައްކަތުގެ ޙަޤީޤީ ނަފާ ލިބިގެންދާ ދުވަސްވެސްމެ.
ރިޔާސީ ކެމްޕޭންގެ ތެރޭގައި، އަޅުގަނޑުމެންނާއި ރާއްޖޭގެ ހީވާގި މަސްވެރިންނާ ދެމެދު، ވަރަށް އެކުވެރި މާޙައުލެއްގައި ވާހަކަ ދެކެވި މަޝްވަރާތައް ކުރެވުނު. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުން. ދެން ހުރި އަނެއް ޝަކުވާއަކީ، ބޭންކު ނިޒާމުގެ ތެރޭގައި މަސްވެރީން ނުހިމެނޭ މައްސަލަ.
ކްރެޑިޓް ސްކީމްތަކުގަޔާއި، ލޯނު ސްކީމްތަކުގައި، ފަސޭހައިން ބައިވެރިވެވޭނެ ގޮތެއް ނެތުމަކީވެސް، މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މީގެ އިތުރުން، މަސްވެރި ރަށްރަށުގައި ފައިސާ ރައްކާކޮށް ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީވެސް މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް.
މި ޝަކުވާތައް އަޑުއެހުމަށްފަހު، އަޅުގަނޑުމެން ވަޢުދުވީ، މަސްދޯނި އެކައުންޓް ހުޅުވައިދީ، ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމަށް. އަދި ރަށުގައި ފައިސާ ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް. ހަމައެފަދައިން، ލޯނުތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް.
މާތް ﷲގެ ވާގިފުޅާއެކު، މިއަދަކީ އަޅުގަނޑުމެންގެ އެ ވަޢުދު ފުދިގެންދާ ދުވަސް. ބޭންކް އޮފް މޯލްޑިވްސްއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން، ދިވެހި މަސްވެރީންނަށްޓަކައި މިއަދު މި ތަޢާރުފުކުރި، "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތަކީ، މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ޚިދުމަތެއް.
އެކަމަށްޓަކައި، މި ރާއްޖޭގެ އޮޑިވެރީންނާއި، ކެޔޮޅުންނާއި، ހުރިހާ މަސްވެރީންނަށް، މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މިފަދަ މުހިއްމު ޚިދުމަތެއް ފަހިކޮށްދެއްވިކަމަށްޓަކައި، ބީ.އެމް.އެލް.ގެ ހިންގުންތެރި މެނޭޖްމަންޓަށާއި، ހީވާގި މުވައްޒަފުންނަށް، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، މަސްވެރިންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ހަމައެފަދައިން، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދަށާއި، އެ މިނިސްޓްރީގެ ހުރިހާ ވެރީންނަށާއި، މުވައްޒަފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މި ޚިދުމަތުގެ ސަބަބުން، ނަގުދު ފައިސާއާ ނުލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު، އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެ. މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭގޮތްވުމަކީ، ބޭންކިންގ ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށްވެސް މަގުފަހިވާނެ ކަމެއް.
"މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދެވޭނެ. ކެޔޮޅުގެ އެކައުންޓަށް ފައިސާ ޖަމާވުމާއެކު، އެ ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކޮށްދެވޭނެ.
އެހެންވީމާ، މީގެކުރީގައި ކަން ހިނގިގޮތަށް، މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ.
މި ކާޑުން ކުރެވޭ ބޭނުންތަކަށް ބަލާއިރު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ޚިދުމަތަކީ، މަސްކިރާ ކުންފުނިތަކުން ވަގުތުން ނަގުދު ފައިސާ ދިނުމަށްވުރެވެސް، މާ ރައްކާތެރި މާ ފުރިހަމަ ގޮތެއް. އަތުގައި ފައިސާ ގެންގުޅޭއިރު ދިމާވާ، ފައިސާ ގެއްލުމާއި ފައިސާ ވަގަށް ނެގުންފަދަ، އެތައް ކަމަކުން ރައްކާތެރިކަން ލިބިގެންދާނެ.
އޮޑިވެރީންނަށް މި ކާޑުން ލިބޭނެ އެންމެ މުހިއްމު ފަސޭހައަކީ، ތެޔޮ ގަތުމާއި، އައިސް ގަތުންފަދަ ކަންކަމަށް، އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހުން. އަދި މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެ.
މި ކާޑުން ހޯދޭނެ ޚިދުމަތްތަކާއި، ލިބޭ ފަސޭހަތަކަށް ބަލާއިރު، މިއީ، މާސިންގާ ކަނޑެއްގެ ތެރެއަށް ފެތުރިފައި އޮތް ޖަޒީރާ ޤައުމަކަށް، ވަރަށް އެކަށޭނަ ގޮތަކަށް ފައްކާ ކުރެވިފައިވާ ކާޑެއް. އަބަދާއިއަބަދު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހިފައިވާ ބަޔަކަށް، ނަގުދު ފައިސާއާ ނުލައި، ޑިޖިޓަލްކޮށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެގޮތްވުމަކީ، ވަރަށް ބޮޑު ރައްކާތެރިކަމެއް.
ޢާންމު އުޞޫލަށް ބަލާއިރު، ބޭންކުތަކުން ލޯނު ދޫކޮށް އުޅެނީ، އެމީހެއްގެ މާލީ ފުދުންތެރިކަމާއި ޤާބިލުކަމަށް ބަލާފައި. މަސްވެރީން މި ކާޑު ބޭނުންކުރަން ފެށުމުން، މަސްވެރިންގެ އާމްދަނީގެ ޙާލަތު ބޭންކަށް އެނގެމުންދާނެ. އޭރުން، އޮޑިވެރީންނާއި މަސްވެރީންނަށް ބޭންކުން ލޯނު ލިބުންފަދަ ކަންތައް ފަސޭހަވާނެ.
ހަމައެފަދައިން، މަސްވެރީންގެ އެކައުންޓްތަކުގައި ފައިސާ ރައްކާކުރެވި ދައުރުވަމުންދާ ކަމުގެ ޔަޤީންކަން އޮތުމުން، ތަފާތު ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ކުރިމަގުގައި މަސްވެރީންނަށް ލިބެން ފަށާނެ. އެހެންވީމާ، މިއަދު މި ތަޢާރުފްކުރި މަސްވެރިޔާ ކާޑަކީ، ކިރުވާ މަހަށް ވަގުތުން ފައިސާ ލިބުމުގެ އިތުރުން، އެތައް ޚިދުމަތްތަކެއް ލިބިގެންދާނެ ކާޑެއް.
މަސްވެރިޔާ ކާޑަކީ، ޢުމުރުން ދުވަސްވެ، މަސްވެރިކަމާ ވަކިވާންޖެހޭ ޙާލަތުގައިވެސް، ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭނެ އެއްޗެއް. މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުންދާނަމަ، ޕެންޝަން ސްކީމްފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެ.
ހަމައެފަދައިން، މަސްވެރިޔާ ކާޑު ބޭނުންކުރުމަށްޓަކައި، ބޭންކުގައި ހުޅުވާ މަސްވެރިޔާގެ އެކައުންޓަކީ، ފައިސާ ފަހަށް ރައްކާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ.
ބޭންކުގެ ނިޒާމުގެ ތެރެއަށް ވަނުމުގެ ވާހަކަ ދައްކާއިރު، ބައެއް އޮޑިވެރީންނާއި، ބައެއް މަސްވެރިން، ކޮންމެވެސްވަރަކަށް ކަންބޮޑުވުމަކީ އެކަށީގެންވާ ކަމެއް. އެއީ ކުރިން ނަގާފައި އޮތް ލޯނަކަށް އަދިވެސް ފައިސާ ދައްކާ ނުނިމޭތީ. އެހެންނަމަވެސް، މަސްވެރިޔާ އެކައުންޓަށް ޖަމާވާ ފައިސާކޮޅު، އެ ލޯނަކަށް ނުކަނޑާނެ.
މަސްވެރީންނަށްޓަކައި މިއަދު މި ތަޢާރުފްކުރި ޚިދުމަތަކީ، މަސްވެރީންނަށް ޚިދުމަތް ދޭ ކުންފުނިތަކަށްވެސް ވަރަށް ބޭނުންތެރި ޚިދުމަތެއްކަން ޔަޤީން. އެއީ، މަސް ކިރުވާ ދޯނިތަކަށް ދޭންޖެހޭ ނަގުދު ފައިސާ، އެއްތަނުން އަނެއް ތަނަށް އުފުލަން ނުޖެހުން. ނަގުދު ފައިސާ ގެންގުޅުމުން ދިމާވާ ނޭދެވޭ ކަންތައްތައް ހުއްޓުމަކަށް އަންނާނެ.
މަސްވެރިންނަށް ޚިދުމަތް ދޭ ކުންފުނިތަކަށްވެސް އަޅުގަނޑު މިއަދު ގޮވައިލަނީ، މަސްވެރި ޢާއިލާތަކުގެ ލުއިފަސޭހައަށްޓަކައި، ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުގެ ތެރެއިން، މަސްވެރީންނަށް ޚިދުމަތް ދިނުމަށް ތިޔަ ކުންފުނިތަކުންވެސް ތައްޔާރުވާން. މި ނިޒާމުގެ ތެރޭގައި ބައިވެރިވެ، މަސްވެރިން ކިރުވާ މަހަށް، ވަގުތުން ފައިސާ ދޭން ފެށުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި، މަސްވެރިން އުޅޭ މަސްވެރި ޤައުމެއް. ޒަމާނީ ބަދަލުތަކާއެކު، އިހުގެ ކިތަންމެ ކަމެއް ނެތިގޮސް، އައު ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ތެރެއަށް މިއަދު އަތުވެއްޖެ. ނަމަވެސް ދިވެހި މަސްވެރިކަން މިއަދުވެސް އަންނަނީ ދިވެހީންގެ ފުރާނަޔާ އެކުގައި ދިރެމުން އާލާވަމުން.
އެހެންވީމާ، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން، ތަރައްޤީކޮށް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިޞާދާއި، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އައު ޖީލަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް.
ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އެކަމުގައި ހުރިހާ މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ.
މަސްވެރިކަމުގެ ޞިނާޢަތަކީ އެއް ޢާއިލާއެއް. ސަރުކާރާއި މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކަކީވެސް، މި ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ، މި ޞިނާޢަތުގެ ބައިވެރިން. އެހެންވީމާ، އަޅުގަނޑުމެން އެންމެންގެ އޮންނަންވާނީ އެއް އަމާޒެއް.
އެއީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދިނުން. ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ އޭރުން. އަޅުގަނޑުމެންގެ އަމާޒަކީ، ޤައުމީ އާމްދަނީން ބޮލަކަށްޖެހޭ މިންވަރު އިތުރުކުރުން އެކަންޏެއް ނޫން. ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ މަސްވެރިކަމާއި އެންވެރިކަން ތިޔާގި ކުރައްވައި، ޙަލާލު ރިޒްޤު ހޯދުމަށް މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. ދިވެހި މަސްވެރިކަމާއި މަސްވެރީންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން. މުޅި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ދައުލަތުގެ ވަޒީރުން، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިރޭގެ މި ޙަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، މިއަދު ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހީންގެ މާދަރީ ބަހުގެ އަހުލުވެރީންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. ވަކިން ޚާއްޞަކޮށް، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
ހަމަ މި ނޭވާގައި، އަޅުގަނޑު މި ޖަލްސާއަށް އައުމުން، ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި އެކަމުގައި ބައިވެރިވި ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކު ޝުކުރު ދަންނަވަން.
ބައިނަލްއަޤްވާމީ ފެންވަރުގައި، ކޮންމެ އަހަރަކު މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައެޅީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ، ވަރަށް ގިނަ މާދަރީ ބަސްތަކާއި ވެހި ބަސްތައް މި ދުނިޔެ ދޫކޮށްފައިވާތީ. އަދި ބައެއް ބަސްބަސް ނެތިދާނެކަމުގެ ބިރު މިހާރުވެސް އުފެދިފައިވާތީ.
މީގެ އިރުކޮޅެއް ކުރިން، އަޅުގަނޑުމެންނަށް އަޑުއިވިގެން އެދިޔައީ، ޒާޔާ އަހްމަދު ކިޔައިދިން ވަރަށް ރީތި ވާހަކައެއް. ޒާޔާގެ އެ ހުނަރުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، މާދަރީ ބަސްތަކާއި ވެހިބަސްތައް ދިރުވައި އާލާކުރުމަށްޓަކައި އައު އުފެއްދުންތަކުގެ ބޭނުންހިފުމުގެ މުހިއްމުކަން.
ލޯފަން ކުދީންނަށް ތާނަ އަކުރުން ލިޔެކިޔޭނެގޮތް ފަހިކޮށްދިނުމަށްޓަކައި، ތާނަ ބްރެއިލް އީޖާދު ކުރެއްވި އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރަށް ވަރަށް ޚާއްޞަ ޝުކުރެއް، މި ފުރުޞަތުގައި ދަންނަވަން. އެއީ ދިވެހި ބަހާއި، ބަހުގެ އަދަބިއްޔާތު ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހަށް، އޭނާ ކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއް.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތާނަ ބްރެއިލްއަކީ، ދިވެހި ބަހުގެ އަދަބިއްޔާތުގެ އެކި ވާދީތަކަށް ޒިޔާރަތް ކުރުމަށް، ލޯފަން ކުދީންނަށް ލިބުނު މިޞްރާބު ރަނގަޅު ސަވާރީއެއް. އޭގެ ސަބަބުން، ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ލިޔުންތައް ކިޔުމުގެ ފުރުޞަތު އެކުދީންނަށްވެސް ލިބިގެންދާނެ.
ތާނަ ބްރައިލް މިހާރަށްވުރެ ފުޅާކޮށް، ވީހާ ގިނަ ބަޔަކަށް އޭގެ ބޭނުން ހިފަން ދަސްކޮށްދިނުމަށް އަޅުގަނޑު އެދެން. މިއީ ގިންތީގެ ތަފާތުތަކާއި މިންތީގެ ތަފާތަށް ބެލުމެއްނެތި ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، މި ސަރުކާރުން ތަރުޙީބުދޭނެ ކަމެއް.
އިންސާނުން މޮށެއުޅޭ ބަހަކީ، އެބައިމީހުންގެ ޙަޟާރަތާއި ތަހުޒީބީ އަރުތަތައް، ފަހުގެ ޖީލުތަކަށް ގެންގޮސްދޭ މައި އުޅަނދު. ކޮންމެ މުޖްތަމަޢަކާ ލާމެހިފައިވާ، އެތަނެއްގެ ވެހި ބަސްބަހަކީވެސް، ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް. އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް.
މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމުގެ އަނެއް މަޤްޞަދަކީ، ގިނަބައްސަ ތަޢުލީމު އަދި ބަހަވީ ސިންދަފާތު ޢާންމުކޮށް ފެތުރުމާއި ތަރައްޤީކުރުން. ސަބަބަކީ، ތަޢުލީމަކީ ތަރައްޤީގެ މައި ހަކަތަ ކަމަށްވެފައި، އެ ހަކަތަ ދަމަހައްޓައިދޭ ކާނާއަކީ، އެބަޔަކު މޮށެއުޅޭ މާދަރީ ބަސް ކަމުގައިވާތީ.
ޔުނެސްކޯއިން ކަނޑައެޅި، މިއަހަރުގެ މާދަރީ ބަހުގެ ޝިޢާރަކީ؛
Indigenous languages matter for development, peace building and reconciliation.
އާދެ، މާނައަކީ "ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމުކުރުމަށާއި ޞުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިންމު."
މިޝިޢާރުން އެނގޭގޮތުގައި، އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސް. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީވެސް މާދަރީ ބަސް.
މި އުޞޫލުން ބަލާއިރު، ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު. ނަމަވެސް، ތަރައްޤީގެ ފަހަތުން އިންސާނުން ހޭރިޔާކުރާއިރު، ތަރައްޤީގެ މޯހިރަށް މާދަރީ ބަސް ދޫކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ބަސްބަހާއި ބަހުރުވަތައް މިހާރުވެސް ވަނީ، ނޭވާހޮޅިއަށް އެޅިފައި.
ޔުނެސްކޯގެ [އެޓްލަސް އޮފް ދަ ވާރލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރ]ގެ އެންމެފަހު އިޞްދާރުގައި ބުނެފައިވާ ގޮތުން، 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައި. އަދި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދުގައި ނެތި ގޮސްފައި. އިންސާނުން މޮށެއުޅޭ 6000 އަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން ތަޢުލީމީ ނިޒާމާއި، ޢާންމު ޚިދުމަތުގައި އަހަންމިއްޔަތުކަން ދެވޭނީ ވަރަށްމަދު ބަސްބަހަށް. އަދި ޑިޖިޓަލް ވިއުގަގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށްވުރެވެސް މަދުބަސް. މިއިން އެނގެނީ އެފަދަ ބަސްބަހުގެ މާ އުޖާލާ ކުރިމަގެއް ނެތްކަން.
ބަހެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ބަހަކުން ލިޔެކިޔުމާއި، ލިޔެކިޔާން ބޭނުންކުރާ އަމިއްލަ އަކުރު. އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މާދަރީ ބަހަކީ، އެ ދެ ނަސީބުވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއް. އެހެންކަމުން، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަންޖެހޭނީވެސް އަޅުގަނޑުމެން ދިވެހިން.
ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކެން.
ތަޢުލީމީ މަރުޙަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް.
ދިވެހި ބަހުގެ ޤާނޫނެއް އޮންނައިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް. އެގޮތުން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރައްވަމުން.
ދިވެހިބަހުގެ ދިރާސާތަކާއި، ބަހުގެ ޢިލްމު ކުރިއަރުވާން ބޭނުންވާ މަޢުލޫމާތުތައް، ފަސޭހައިން ލިބިދިނުމަށްޓަކައި، ޤައުމީ ބަސްމާފާނެއް ނުވަތަ ލޭންގުއޭޖު ކޯޕަސްއެއް، ޤާއިމުކުރުމުގެ މަސައްކަތްވެސް ބަހުގެ އެކެޑަމީން މިހާރު ވަނީ ފަށްޓަވާފައި.
ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި ކުޑަކުދީންނަށް ޚާއްޞަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިނިސްޓްރީ އޮފް އާޓްސް އިން މިހާރުވެސް ކުރެވިދާނެ ކަމެއް.
އޭގެ އިތުރުން ކުޑަކުދީންނާއި ފުރާވަރު ކުދީންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަކީވެސް ކުރެވިދާނެ ކަމެއް. ބަހުގެ އަދަބުގެ ޢިލްމު އުނގެނޭނެ ފޮތްތައް އުފެއްދުމާއި، ރާއްޖޭގެ އެކި ބަހުރުވަތަކުގެ އަދަބީ ބަސްފޮތްތައްވެސް އެކުލަވައިލުން ވަރަށް މުހިއްމު.
ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް. ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިއްމު ކަމެއް. މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިން ކަމަށްވާތީ، ހުރިހާ ނޫސްވެރިންވެސް، މިކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފަންކުރުވާ އެއްޗަކަށްވާއިރު، ތަރައްޤީގެ ވިސްނުން އެކަކުގެ ފަރާތުން އަނެކާއަށް ފޯރުވައިދިނުމުގެ މެދުވެރިޔަކީ، އެބަޔަކު މޮށެ އުޅޭ ބަސް. އަދި ސިކުނޑީގައި އުފެދޭ ވިސްނުންތައް، ޙަޤީޤަތަކަށް ހަދައިދިނުމުގެ އެންމެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަނީ އެބަޔަކު ލިޔެއުޅޭ އަކުރުގެ ޒަރީޢާއިން.
އެހެންކަމުން، އެބައެއްގެ މާދަރީ ބަހަށް ލޯބިކޮށް، އެ ބަހެއް ދިރުވައި އާލާކުރުމަކީ، ކުރިއަރައި ދިޔުމަށް އެދޭ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަކީވެސް އަޅުގަނޑުމެންގެ މާދަރީ ބަހަށް ލޯބިކުރާ އަދި މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރާ ބައެއް ކަމުގައި ވާންޖެހޭނެ.
މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާއިރު ދިވެހިބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތަޢުލީމީ މަރްޙަލާތަކުގައި ދިވެހިބަހަށް އިސްކަންދީ، ޤަދީމީ ދިވެހިބަސް ދިރާސާކޮށްގެން. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އައު ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ އޭރުން. އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާމެދު ފަޚްރުވެރިވާ ފަދައިން، ދިވެހިބަހާމެދުވެސް ފަޚްރުވެރިވާންޖެހޭނެ. މި ދިވެހި ދައުލަތުގެ އެކި ޒަމާންތަކުން ފިރުކެމުން މި ޒަމާނާ ހަމަޔަށް އައީ ދިވެހިބަސް ކޮނޑުގައި އަޅައިގެން.
ވީމާ، ދިވެހި ދައުލަތުގެ މުސްކުޅިކަމާމެދު އުފެދޭ ފަޚްރުވެރިކަމަކީ ދިވެހިބަހާމެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައި ވާންޖެހޭނެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މާދަރީ ބަސް ރައްކާތެރިކޮށް ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤް މާތް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ތުއްތު ދަރީންނާއި ޒުވާނުންނަކީ ދިވެހި ބަހަށް ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ" ފެށުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ދައުލަތުގެ ވަޒީރުން، އަދި އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޒް ޝޯކޯ ނޮޑާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ޞުލްޙަޔާއި ސަލާމަތްތެރިކަން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް، އެންމެ މަތީ ފެންވަރުގައި ބާއްވާ މި ބައްދަލުވުމަކީ، ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ވަރަށް މުހިއްމު ބައްދަލުވުމެއް. އެހެންކަމުން، މި ބައްދަލުވުން އިންތިޒާމު ކުރެއްވި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރީންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ޞުލްޙަޔަށް ލޯބިކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކު ދިރިއުޅެމުން އައި ބައެއް. އަޅުގަނޑުމެންގެ މެދުގައި ނަސްލީ ތަފާތުތަކެއް ނެތް. ސަގާފީ ފުށުއެރުމެއް ނެތް. ޢަޤީދާގެ ބައިބައިވުމެއް ނެތް. ހަމައެފަދައިން މޮށެއުޅޭ ބަހުގެ ތަފާތުތަކެއްވެސް ނެތް.
ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖޭގެ އައިޑެންޓިޓީއަކީވެސް، މި ރާއްޖޭގެ ޞުލްޙަމަސަލަސްކަން. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަޅުގަނޑުމެން ވިއްކަނީވެސް، މި ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން. ދޮންވެލީގެ ގޮނޑުދޮށްތަކުގެ ސާފުކަމަށްވުރެވެސް، ސާފު ހިތްތަކެއްގެ ވެރި ބަޔަކު ދިރިއުޅޭ ޖަޒީރާތަކެއްގެ ގޮތުގައި.
މިއަދުވެސް ޙަޤީޤަތަކީ އެއީ. އަޅުގަނޑުމެން އެންމެންވެސް އެދެނީ، ޞުލްޙަމަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެން. ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުކޮށްދިނުން.
ނަމަވެސް، އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި.
އޭގެ ނަތީޖާ، އަޅުގަނޑުމެންނާ ދެގޮތަކުން އެބަ ބައްދަލުކުރޭ. އެއްގޮތަކީ، ޞައްޙަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުން. އަނެއްގޮތަކީ، ކަމުގެ ނުރައްކާތެރިކަމާމެދު ވިސްނައިލުމެއްނެތި، އިސްލާމްދީނަށް ކުޑައިމީސް ކުރެވޭފަދަ ޚިޔާލުތައް ފާޅުކުރުން.
އަޅުގަނޑުމެން ކިތަންމެ ދައްކަން ބޭނުންނުވިޔަސް، މިއީ ޤައުމީ ފެންވަރުގައި މިކަންކަމާމެދު މަޝްވަރާކޮށް، ދާއިމީ ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް. ރާއްޖޭގެ އާބާދީގެ 35 އިންސައްތައަށްވުރެ ގިނައީ، އުމުރުން 35 އަހަރުން ދަށުގެ މީހުން. އެ ޒުވާނުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް.
ޒުވާނުންނާމެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. ތަޢުލީމީ މަރުޙަލާތައް ފުރިހަމަކުރަމުން އަންނައިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނެއް ކަމުގައި ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް.
ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއް. މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް.
މިފަދަ ޢަމަލުތަކުގެ ސަބަބުން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދައިން، އިޖްތިމާޢީ ގޮތުން ލިބޭ ގެއްލުންވެސް އެހާމެ ބޮޑު. މުޖްތަމަޢުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭފަދަ، ހަރުކަށި ޢަމަލުތަކަށް ހިތްވަރު ދިނުމަކީ، އެއްވެސް ބައެއްގެ މަޞްލަޙަތު ހުރި ގޮތެއް ނޫން. އެހެންކަމުން، ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.
އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮންނަނީ، އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުންނުދާ ކޮންމެ ތަނަކީ، ޞުލްޙަ ޤާއިމުވެފައި އޮތް ތަނެއް ކަމަށް. ނަމަވެސް ޙަޤީޤީ ޞުލްޙައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ.
ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މި ރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ ތަނެއް ކަމަށް ދެކި، އެ އަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!
އަޅުގަނޑުމެން ދޭދޭ ފަރުދުންގެ މެދުގައި، މި ދެންނެވި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ޞުލްޙައެއް ނޯންނާނެ. ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ޙަޤީޤަތް.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މި ޙަފްލާގައި ބައިވެރިވެވަޑައިގެން ތިއްބެވި ބޭރުގެ މެހްމާނުންނާ މުޚާޠަބުކޮށް، ތިޔަބޭފުޅުންގެ އިޒުނަޔާއެކު، ދެތިން އެއްޗެއް ދަންނަވައިލާނަން.
This initiative for a “National Dialogue on Promoting Peace and Security, is a timely and useful one, given the particular context of the Maldives. Terrorism and extremist ideologies affect communities throughout the world, and initiatives such as this are useful to identify the causes of violent extremism and the best ways to address them.
A fundamental aspect of our outlook is respecting and accepting difference and promoting Islam’s central message of peace. There is much that needs to be done in this regard, and we are committed to it. I look forward to hearing from the experts this morning and I hope this dialogue will yield tangible policy measures, which would enable us to further the cause of peace and security, not just in the country, but our Indian Ocean region as well.
I thank the National Counter Terrorism Centre for organizing this conference. I also would like to thank Ms. Shoko Nodo UN Resident Coordinator and UNDP resident Representative for the support from UNDP Maldives. Collaborations of this nature are important, as terrorism and extremism require multi-stakeholder approaches. I am confident that you will continue to support the government in our efforts to ensure a peaceful and prosperous community in the Maldives.
Thank you.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ، އެކުވެރިކަމާއި ޞުލްޙަވެރިކަމާއެކު ދިރިއުޅެން ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުން. ހަރުކަށިކަން ދޫކޮށް، ލޯތްބާއި އޯގާތެރިކަމަށް އިސްކަންދޭ ބަޔަކު ކަމުގައި ލައްވައި، ދިވެހީންނަށް އަބަދާ އަބަދުގެ ފާގަތިކަމާއި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ދައުލަތުގެ ވަޒީރުން، މާފުށީ ކައުންސިލްގެ މެންބަރުން، މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި ބޭފުޅުން، މާފުށީގެ ލޮބުވެތި ރައްޔިތުން، އަދި މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ހީވާގި ހުރިހާ އަންހެނުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިއީ އަޅުގަނޑުމެންނާ ބައްދަލުކުރި ވަރަށް އުފާވެރި ދުވަހެއް. އިންސާނީ މުޖްތަމަޢު އެބަޔަކާ ނުލައި ފުރިހަމަނުވާ، އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހަކީ، މާރިޗު މަހުގެ 8 ވަނަ ދުވަސް. މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެނުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.
މީގެ ކުޑައިރުކޮޅެއް ކުރިން، މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި، ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ހަމައެފަދައިން، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.
ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ޙަރަކާތްތައް ފެށިފައިވަނީ، ނިމިދިޔަ ޤަރުނުގެ އެންމެ ކުރީކޮޅުގެ އަހަރުތަކުގައި. އެ ޙަރަކާތްތައް އެކި ޤައުމުތަކަށް ފެތުރެމުން އައިސް، އދ. މަޖިލީހުން އެ ދުވަސް ފާހަގަކުރަން ފެށީ، 1975 ވަނަ އަހަރު.
މި ދެންނެވި ތާރީޚުތަކަށް ބަލާއިރު، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް، އަޑު އުފުލަމުން އަންނަތާ ޤަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެ. އެހެންނަމަވެސް، އޭގެ ޙަޤީޤީ ނަތީޖާ ޙާޞިލުވާން އަދި ކައިރިވެސްނުވޭ.
މިދިޔަ ދިހަ އަހަރުގެ ދިރާސާތަކަށްފަހު، ވާރލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދީފައިވަނީ، ދުނިޔޭގެ އެންމެ ހަ ޤައުމުގައި. ޤާނޫނީ އަދި އިޤްތިޞާދީ ގޮތުން ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ކުރެވެނީވެސް އެހާމެ މަޑު ދުވެއްޔެއްގައި.
އަޅުގަނޑުމެން ޤަބޫލުކުރަން، އަންހެނުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިޞްލާޙުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށް. ޤާނޫނުތަކުން އެކަމަށް މަގުފަހިކުރުމަކީ ކުރަންޖެހޭ ކަމެއް. ހަމައެއާއެކު، އެކަން ކުރުމުގެ ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަން އެބަޖެހޭ. އަދި އެކަން ކުރުމުގެ ވަރުގަދަ ޢަޒުމެއްވެސް، އަޅުގަނޑުމެންގެ ކިބައިގައި އޮންނަންޖެހޭ.
ރާއްޖޭގެ ސިވިލް ސަރވިސް އަށް ބަލާއިރު، ތިންބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކަށް ތިބީ އަންހެނުން. އެއީ 61 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. އެކަމަކު ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތީގައި، ޙަޤީޤަތް އޮތީ މިއާ ދިމާ އިދިކޮޅަށް. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގެ 61 އިންސައްތަ ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން. މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ.
މިއީ އެއްވެސް ހަމަޔަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަން ޖެހިފައިވާ ޘަޤާފަތެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަޤާމުތަކުގައި، އަންހެނުންގެ ޙިއްޞާ، މިހާރަށްވުރެ ބޮޑަށް އިތުރުކުރަން.
އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް. މި ސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ 35 އިންސައްތައަކީ އަންހެނުން. އެމްބެސެޑަރުންނާއި، ޑެޕިއުޓީ އެމްބެސެޑަރުންގެ ގޮތުގައި 19 ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން 31.5 އިންސައްތައަކީ އަންހެނުން. އަޅުގަނޑު ހިތުން މިއީ، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް.
އެންމެފަހުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ 63 އިންސައްތައަކީ ފިރިހެނުން. އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ. މި ނިސްބަތް އެހާ ދަށްއިރު، ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު، ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތި.
މި ދެންނެވި ޙާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިޔަކު ލިބޭ ހިސާބުން. އެހެންކަމުން، ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް.
މި ރާއްޖޭގެ ފަޚުރުވެރި މާޒީގެ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަން. މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކީ ރާއްޖެ ކަމަށްވެސް އެބަ ބުނަން. ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަލާއިރު، ދެކުނު އޭޝިޔާގެ އެންމެ މުއްސަނދި ޤައުމަކީވެސް ރާއްޖެ ކަމަށް އެބަ ބުނަން.
ނަމަވެސް މި ޤައުމު، ޤައުމަކަށް ހަދައިދިން މީހުންގެ މަތިން ހަނދާންހުރީ، ކިތައް މީހުންތޯ؟ އަޅުގަނޑު މި ދަންނަވަނީ "މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެޔަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންގެ ވާހަކަ. އަޅުގަނޑުމެން ދައްކަން މިއުޅެނީ، "އަލި އުދަރެހުން ވިލޭއިރު، ބޮލި ހިލުމުގައި މަތީ ފަރު، ހެލިފެލިވަމުން އެދާ، ނަލަ ދިވެހި އަންހެނުންގެ ވާހަކަ.]
އެއީ އަޅުގަނޑުމެންގެ ރާއްޖެ ދުށް ފިސާރި ކަނބަލުންނަކީ. ރާއްޖޭގެ ކޮންމެ ދިމާޔަކުން މިއަދު އިވެނީ، އެފަދަ ކަނބަލުންތަކަކަށް އެދި މި ޤައުމު ގޮވާ އަޑު. އެ ގޮވައިލުމަށް އިޖާބަދީ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ޞިނާޢަތް ހިންގައި ބެލެހެއްޓުމުގައި، އަންހެނުންގެ ދައުރު ފުޅާކުރަން އެބަޖެހޭ. ޤައުމުގެ ތަރައްޤީއަށް އިތުރު ދިރުމެއް ލިބޭނީ އޭރުން.
[ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ] ބުނާ އަޑު، މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުމެއްނުވޭ. ބައެއް ރަށްރަށުގެ އަންހެނުން، މަސްކަނޑުތަކަށް ނުކުމެ، އެކަން ސާބިތުކޮށްދީފި. ފުނަށް ފީނުމުގެ ޞިނާޢަތުގައި، މަދު ނޫން ޢަދަދެއްގެ ދިވެހި އަންހެނުން އެބަތިބި. އިންޖިނޭރުންނާއި، ޕައިލެޓުންގެ ގޮތުގައިވެސް ދިވެހި އަންހެނުން އަންނަނީ ޙަރަކާތްތެރިވަމުން.
ސިޔާސީ އެންމެ މަތީ މަޤާމުތަކުގައިވެސް އަންހެނުން އަންނަނީ، ޤައުމުގެ ކަންކަން ކުރިއެރުވުމުގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން. މިނިސްޓަރުންނާއި، ސިޔާސީ އެކި މަޤާމުތަކުގައިވެސް ވަރަށް ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާމެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް.
އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި، ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން.
ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު. އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް، މުސާރައާ އެކުގައި ލިބޭނެ.
އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް، އެއްމަސްދުވަހުގެ ޕެޓަރނިޓީ ލީވްވެސް، މުސާރައާއެކުގައި ލިބޭނެ. މީގެ އިތުރުން، ހަ މަސް ނުވާ ދަރިން ތިބިނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށްވެސް، މި ސިޔާސަތުގެ ދަށުން ޗުއްޓީ، މިއަދުން ފެށިގެން ލިބޭނެ.
ސިޔާސީ މަސްރަޙަށް ބަލާއިރު، އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމުތަކުގައި މިހާރުވެސް ގިނައީ ފިރިހެނުން. ނަމަވެސް އެ އިންތިޚާބުތަކުގެ ކެމްޕެއިން މެޝިން ހިންގައިދޭ ގިނަ މީހުންނަކީ އަންހެނުން. ހުރަސްތައް ކުރިމަތިވަނީ، އަންހެން މީހާ ސިޔާސީ މަޤާމަކަށް ނުކުންނަން ބޭނުންވާ ހިސާބުން.
އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ، ލައްކަ ދުވަހު އަޅުގަނޑުމެންނަށް ދެއްކިއްޖެ. ގެވެށި އަނިޔާ ހުއްޓުވައި، ތަފާތުކުރުން ނައްތައިލާނެ ވާހަކަވެސް ވަރަށް ގިނައިން ދެކެވިއްޖެ. މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، ޢަމަލީ ގޮތުން އެކަންކަން ޙާޞިލު ކުރަން.
އެގޮތުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެންދާނެ. އެ އަމާޒު ޙާޞިލުކުރުމަށް، އެސް.އެމް.އީ ލޯނުގެ 20 އިންސައްތަ އަޅުގަނޑުމެން މި ޚާއްޞަކުރަނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް.
ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަކީ، އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްގެ ގޮނޑީގެ ވަކި އިންސައްތައެއް، ހަމައެކަނި އަންހެނުންނަށް ޚާއްސަކުރުމަށް، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފައި.
މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިހާރު ޤައުމު އޮތް ޙާލަތުން އެއަށްވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެން.
އިންސާނީ ނަސްލު ފުރިހަމަވެގެންދަނީ އަންހެނުންނާއެކު. އިންސާނީ ވަންހަ އެ މައްޗަށް ބިނާވެފައިވާ ތަރަހައަކީވެސް އަންހެނުން. އެހެންވީމާ، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއް. އެއީ ފިރިހެނުންވެސް ބާރުވެރިވުން.
މިފަދަ މުހިންމު ބަޔަކު ބާކީކޮށް، ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެ. އަންހެނުންނާމެދު ކަމޭހިތައި، އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.
މިއަދު މާފުށީގައި ހުރެ އަޅުގަނޑު ވާހަކަ ދައްކާއިރުގައި، މި ސަރުކާރުން ރާއްޖެ ތަރައްޤީ ކުރުމުގައި އަދި ޚާއްޞަކޮށް، މި ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރުމުގައި، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ނިންމާފައިވެސް ހުރި ގިނަ ކަންތައްތަކެއް އެބަހުރި. މާފުށްޓަކީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރާ ރަށެއް. މި ރަށުގެ ބިމުގެ މައްސަލައަކީ، ވަރަށްބޮޑު މައްސަލައެއް. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ދެވަނަ ކުއަރޓަރގައި، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.
އަދި ހަމަ އެއާއެކުގައި، މާލެއަތޮޅު ދެކުނުބުރީގައި މި އޮތް ގުޅި، ގުރައިދުއަށް ބަލާއިރުގައި، ގުރައިދުއަކީވެސް ބިމުގެ ދަތިކަން ނިހާޔަތަށް ބޮޑުވެފައި އޮތް ރަށެއް. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން. އަދި ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމު، މި އަންނަ ހަފްތާގެ ތެރޭގައި އިޢުލާނުވެސް ކުރެވިގެންދާނެ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަންހެނުންނާމެދު އޯގާތެރިކޮށް ހިތައި، އަންހެނުންނަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދޭން މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. މި ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ސިޔާސަތު ކަނޑައެޅުމުގެ ފަންތިއަށް އައުމުގެ ހިތްވަރާއި ކެރުން، ދިވެހި އަންހެނުންނަށް މިންވަރު ކުރައްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅު | އިބްރާހީމް މުޙައްމަދު ޞާލިޙް | بســم اللّـه الرّحمـن الرّحيــم
اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު، ދިވެހި އެމްބަސީގެ އިސް ބޭފުޅުން، މިޤައުމުގައި ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السّــلام عليــكم ورحـمــة اللّـه وبـركاتـه.
މިއަދަކީ އަޅުގަނޑަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ދުވަހެއް. އެއީ ކޮޅުނބުގެ މި ހިތްގައިމު މާޙައުލުން، އަނެއްކާވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަސީބު ލިބުނީތީ. އަޅުގަނޑަށް އެނގޭ، މީގެ މަސްތަކެއް ކުރިން، މި ޤައުމުގައި އަޅުގަނޑުމެން ކުރި ބުރަ މަސައްކަތްތަކުގެ ހަނދާންތައް، ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައިވެސް އާވެގެންދާނެކަން.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ މި ދަތުރަކީ، ސްރީލަންކާގެ މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށް އެދިވަޑައިގެން، މިޤައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދެއްވި ދަޢުވަތަކަށް އަޅުގަނޑު ކުރާ ދަތުރެއް.
ޙަޤީޤަތުގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އައުން ލަސްވެސްވެއްޖެ. ނަމަވެސް، މިފުރުޞަތު ލިބުނީތީ އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވޭ. އެއީ ނިމިދިޔަ ރިޔާސީ ކެމްޕޭންގެ ތެރޭގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވި ބުރަ، އަދި މިންނެތް މަސައްކަތަށްޓަކައި.
ސްރީލަންކާއަކީ، ރާއްޖޭގައި ޑިމޮކްރެސީގެ ރޫޙު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ޙިއްޞާދާރެއް. މާޒީގައިވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، އެއީ މީގެ 53 އަހަރު ކުރިން، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިން.
ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވީވެސް ސްރީލަންކާގައި. އެއީ މީގެ 113 އަހަރު ކުރިން، 1906 ވަނަ އަހަރު. 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު، އެ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ސްރީލަންކާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި. ހަމަ އެދުވަހު، ކޮޅުނބުގައި ރާއްޖޭގެ އެމްބަސީވެސް ހުޅުވިގެންދިޔަ.
ދެ ޤައުމުގެ ގުޅުން އޭރުވެސް އޮތީ އެހާ ގާތް ގޮތަކަށް. ރާއްޖޭގައި ޒަމާނީ ތަޢުލީމު ފެތުރުމުގައި، ވަކިން ޚާއްޞަކޮށް، އިނގިރޭސި މީޑިއަމަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރުމުގައި، ސްރީލަންކާ ސަރުކާރުން ވެދިން އެހީތެރިކަން އަޅުގަނޑުމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.
ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ޤާއިމުކުރުމަށް، ދެ ހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި، ދިވެހީންގެ ބަޔަކު ހަށިފޮޅާލާފައި ނުކުތް. އެފަހަރުވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް މަޖުބޫރުވީ ގާދޫކޮލުން ބޭރުވާން. އެފަހަރުވެސް، އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބުނު އައްސޭރިއަކީ ސްރީލަންކާ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ކަންކަން އިޞްލާޙު ކުރުމަށް ތެދުވި، ވަރަށް ގިނަ ސިޔާސީ ލީޑަރުންނަށް ޖެހުނީ، ކުރީފަހަރުގެވެސް ދަތުރު. ރާއްޖޭގައި އޮތް ޚުދުމުޚުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއް.
އެހެންކަމުން، މި ފުރުޞަތުގައި، ސްރީލަންކާގެ ސަރުކާރާއި، ސްރީލަންކާގެ ސިޔާސީ ލީޑަރުންނަށް، އަދި ޢާންމު ރައްޔިތުންނަށްވެސް، ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
މި ގުޅުމުގެ ތެރެއިން،ޞިއްޙީ ޚިދްމަތުގެ ރޮނގުންނާއި، ތަޢުލީމީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ މަންފާ، ޢާންމު ރައްޔިތުންނަށް އަންނަނީ ލިބެމުން.
ސްރީލަންކާގައި ދިރިއުޅުއްވާ ގިނަ ދިވެހިންނަކީ، ދަރީންނަށް ކިޔަވައިދިނުމަށާއި، ބޭސްފަރުވާގެ ކަންކަމަށް ވަޑައިގެން ތިއްބަވާ ބޭފުޅުން. މި ޤައުމުގައި ގާތްގަނޑަކަށް ބާރަވަރަކަށް ހާސް ދިވެހިން އުޅޭއިރު، ހަތް ހާހާއި އަށްހާހާ ދެމެދުގެ ޢަދަދެއްގެ ދިވެހިން، ސްޓޫޑެންޓް ވިސާގައި އެބަތިބި. އޭގެތެރޭގައި ޕްރީސްކޫލުން ފެށިގެން، މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ހިމެނޭ.
އަޅުގަނޑު އެންމެފަހުން ކޮޅުނބަށް އައިސް، ތިޔަބޭފުޅުންނާ ބައްދަލުކުރުމުންވެސް، ގިނަ ބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވީ، ސްޓޫޑެންޓް ލޯނާ ގުޅިގެން އުފުލަންޖެހޭ ތަކުލީފްތަކުގެ ވާހަކަ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ، ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، މިހާރުވާނީތިން އިންސައްތަ އަށް ކުޑަކޮށްދީފައި. އަދި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުވެސް، މިހާރުވާނީ ކުރިއަށްވުރެ ފަންސަވީސް އިންސައްތަ އިތުރުކޮށްދީފައި. އަދި މިހާރު ސްޓޫޑެންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ހަމަ މި ފަސޭހަތައް ވަރަށް އަވަހަށް ލިބިގެންދާނެ. ސަރުކާރުން މި ހޯދައިދިން ލުއި ފަސޭހައިގެ ބޭނުން، ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންވެސް ޒިންމާދާރުކަމާއެކީގައި ހިފުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.
ތިޔަބޭފުޅުން މިހާރު އެންމެ ބޮޑަށް އުންމީދު ކުރައްވާނީ، މި ޤައުމުގައި އުޅުއްވާއިރު، އާސަންދައިގެ ޚިދުމަތް ލިބޭނެގޮތްވުމަށް. އިރާދަކުރެއްވިއްޔާ، އެޕްރީލް 1 ގައި އެކަން ހަމަޖެހިގެންދާނެ. އަދި އަވަށްޓެރި އެހެން ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށްވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި އަންނަނީ މަސައްކަތް ކުރަމުން.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. ތިޔަބޭފުޅުންނަކީ، މި ޤައުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނެ މަންދޫބުން. އެހެންވީމާ، ތިޔަބޭފުޅުންގެ އުޅުއްވުމާއި ގުޅުންތައް ބަހައްޓަވަން ވާނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާފަދަ ގޮތަކަށް.
މިފަދަ ހުޅުވިފައިވާ މުޖްތަމަޢެއްގައި ދިރިއުޅުއްވާއިރު، އަޅުގަނޑުމެންނާ ވަކިވެގެންނުވާނެ ދިވެހިވަންތަ ސިފަތަކަށް، ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންވާނެ. ދިވެހީންގެ ރީތި އަޚްލާޤީ ސިފަތައް ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވަންވާނެ. ނުރަނގަޅު ފިކުރުތަކުގައި ޖެހި، ބައިބައިވުމަށް މަގުފަހިވާފަދަ ވިސްނުންތައް ނުގެންގުޅުއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް.
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރަށްވުރެވެސް ފުޅާވެ، މި ދެޤައުމުގެ ގުޅުން، މިހާރަށްވުރެވެސް ބަދަހިވެގެން ދިޔުން. ތިޔަބޭފުޅުން މި ޤައުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި، މާތް ﷲގެ މަދަދާއި ކާމިޔާބު މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވާށި! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ތ. މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި، މަޑިފުށީގެ ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމާއި، މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
ތަންކޮޅެއް އަވަސްކޮށް ކަންކަން މިދަނީ. އަޅުގަނޑުމެންނަށް ހަމަ އެއްވެސްކަހަލަ ފުރުޞަތެއް ނެތް. ހަމަ ވަކި ގަޑިއަކަށް ފުރަން މިއަދު މިއޮތީ. ދެން އެއީ އިއްޔެގެ ރަށުގެ ކަންތައް އަޅުގަނޑުމެންނަށް ނުގެންދެވުނީމާ. އެހެންވީމާ، ހަމަ ވަރަށް މަޢާފަށް އެދެން. މިހާ ފޯރިގަދަ ރަށެއްގައި، އެހާ ކުޑަކުޑަ ވަގުތުކޮޅެއް ހޭދަކުރަންޖެހޭތީ. އެހެންނަމަވެސް، ހަމަ މީގައި އަޅުގަނޑުމެންނަށް އެހެން އެއްވެސް ގޮތެއްނެތީމާ، ހަމަ ތަންކޮޅެއް އަވަސްކޮށްލައިގެން ގެންދެވޭތޯ ބަލަނީ. އަނެއްކާ ދާއިރާގެ މެންބަރު ބޭނުންފުޅުވޭ، މިރަށަކީވެސް ވިލުފުށްޓާ އެއްފެންވަރުގެ ރަށަކަށް ހައްދަވަން. އެހެން ނޫންތޯ. އެހެންވީމާ، ވިލުފުށީގައި ހުރި ހުރިހާ ކަމެއް މަޑިފުށީގައި، އެހެންވީމާ އަޅުގަނޑުމެންގެ މިނިސްޓަރަށް މިރަށަށް ވިލުފުށްޓޭ ވިދާޅުވެވުނީ އޮޅުމަކުންނެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އެހެންވީމާ، އެކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންގެ ވަގުތު މިދިޔައީ.
ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށަށް މިއައީ، މިރަށުގެ ރައްޔިތުންގެ މި އުފަލުގައި ބައިވެރިވާށޭ. މި ރަށުގައި ވަރަށްގިނަ ކަންތައްތަކެއް ނިމިގެން މިދިޔައީ. ބިން ހިއްކާފައި އޮތް ސަރަޙައްދު، ބިން ހިއްކައި ނިންމައި، ރިވެޓްމަންޓް ޖަހައި ޝޯ ޕްރޮޓެކްޝަން އެތަނުގައި އެ ނިމިގެން އެދިޔައީ. ހަމައެހެންމެ، މި ރަށުގެ ނަރުދަމާ މަޝްރޫޢު ނިމިގެން، އޭގެ ފަސޭހަ ލިބިގެން އެދަނީ.
ދެން ނިމެމުން އެދާ ބައެއް ކަންތައްތައް، ހަމަ ދާދި ކައިރީގައި ނިންމާ ހިސާބަށް ގޮސްފައި އެއޮތީ. ބަނދަރުގެ މަސައްކަތް ނިމުމާ ހަމައަށް ގޮސްފައި. ދެން އޭގެ ތަފްޞީލުތަކެއްވެސް އަޅުގަނޑުމެންނަށް ދެންމެ ރިޔާޒް ދެއްވައިފި. އެހެންވީމާ، އަޅުގަނޑު މާލެ ގޮސްފައި، މިނިސްޓަރުންނާއެކީ ވާހަކަ ދައްކާފައި، މިކަންކަން ޙައްލުކޮށްދެވޭނީ ކިހިނެއްތޯ އަޅުގަނޑު ދަންނަވާނަން.
ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ ކަމަކާއެކީ ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާން މި ރަށަށް އައިމާ، މިހާ ހޫނު ގަޑިއެއްގައިވެސް ތިޔަ ވިދާޅުވި ވަރުގަދަ މަރުޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ.
އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މި ދަތުރުގެ އިންތިޒާރުގައި ތިޔަބޭފުޅުން މި ރަށް ޒީނަތްތެރި ކުރައްވައި، ވަރަށްގިނަ މަސައްކަތް މިއޮތީ ކުރައްވާފައި. އަދި ކަންތައްތައް ދިމާވިގޮތުން، އިއްޔެގައި ކުރެވިފައި ހުރި މަސައްކަތް ޑަބަލްވެގެން މިދިޔައީ. ހަމަ އެކަމަށްޓަކައިވެސް ތިޔަބޭފުޅުންނަށް ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. މިއިންވެސް އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ، މި ރަށަށް އައިސްފައި ހުރި ތަރައްޤީއާއެކީ އަދި އެ ތަރައްޤީ ގެނެސްދީފައި މިހިރީ ރައީސް ޔާމީން ކަމުގައި ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާތީ، އަޅުގަނޑުމެންނަށް އޮތް ޝައުޤުވެރިކަން ތިޔަބޭފުޅުން ހާމަކޮށްދެއްވީކަން އަޅުގަނޑު ގަބޫލުކުރަން. މި މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން.
އާދެ، މަޑިފުށީގައި މިކަންކަން ނިމިގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މަޑިފުށީގައި ދެންހުރި ކަންތައްތަކާ ދޭތެރޭގައި، އެކަންކަމުގެ އިންތިޒާރުގައި ތިއްބަވާއިރު، ތިޔަބޭފުޅުން ގަބޫލުކުރައްވާށޭ، ތިޔަބޭފުޅުންގެ ތިޔަ އުއްމީދުތައްވެސް އިރާދަކުރެއްވިއްޔާ ހަމަ ކުލަ ޖައްސައިދޭނީ، ފުރިހަމަކޮށްދޭނީ އަޅުގަނޑުމެންނޭ. އެއީ މިހާތަނަށް މި ކުރެވިފައި ހުރި ކަންކަމަށް ބަލާއިރު، ދެންމެ މެންބަރުގެ ވާހަކަފުޅުގައި، ވަރަށްގިނަ ވާހަކަތައް އެ ވިދާޅުވެދެއްވީ. ކުރެވިފައި ހުރި ކަންކަމާއި، ކުރެވެމުންދާ ކަންކަމާއި، ދެން އިތުރަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަ އެ ވިދާޅުވީ.
އަޅުގަނޑު ހަމަ ދަންނަވާލާނަން. މި ހުރިހާ ތަފްޞީލަކަށް އަޅުގަނޑު ނުދާނަން، ހަމަ ވަގުތު ނެތީމަޔާއެކީ. އެހެންނަމަވެސް، ހިސާބު އަކުރަކުން އަޅުގަނޑު މީގެ ތަފްޞީލު ދަންނަވާލާނަން.
2013 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރު، ނޫނީވިއްޔާ އަޅުގަނޑުމެންގެ ޒަޢާމަތް، ސަރުކާރާ ހަވާލުވުމުގެ ކުރިން މުޅި މަޑިފުށްޓަށް މިކަހަލަ މަޝްރޫޢުތަކުގެ ޖުމްލަ ހޭދަވެފައި މިއޮތީ ފަސް މިލިއަން ރުފިޔާ. މިކަހަލަ ހުރިހާ ބޮޑެތި މަޝްރޫޢުތަކެއް ހިންގިފައި ހުރިތޯ، ނުހިންގި ހުރިތޯ، މި ޢަދަދުން ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! 2013ގެ ކުރީގައި ހިނގައިދިޔަ ދެ ސަރުކާރު، އެ ފަސް އަހަރުގެ ތެރޭގައި މަޑިފުށްޓަށް ހޭދަވެފައި މިއޮތީ އެންމެ ފަސް މިލިއަން ރުފިޔާ. މިއަދުގެ ސަރުކާރުން މިހާތަނަށް ނިމިފައި ހުރި މަޝްރޫޢުތަކުގެ ހިސާބު، ދެންމެ މެންބަރު ރިޔާޒުގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވީ. ދުއިސައްތަ ފަސްދޮޅަސް ތިން މިލިއަން ރުފިޔާ މަޑިފުށްޓަށް އެކަނި ހޭދަވެފައި.
އެހެންވީމާ، ދެންވެސް މަޑިފުށްޓަށް ހުރި ކަންކަން ކުރާނީ ހަމަ މި ސަރުކާރުންކަން، ތިޔަބޭފުޅުންނަށް ޝައްކު އުފެދޭތޯ؟ ދެން ސިޔާސީ ބައެއް ބޭފުޅުން، އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތަށް ތިއްބަވާ ބޭފުޅުން އެބަ ދައްކަވާ ވާހަކަތައް. ރައީސް ޔާމީންގެ މެނިފެސްޓޯގައި އަދި ހުރީ ގިނަ ކަންތައްތައް ނުވެޔޭ. ދިހަވަރަކަށް ޕަސެންޓް މަސައްކަތް އެކަންޏޭ ކުރެވުނީ.
އަޅުގަނޑު މަޑިފުށީގައި ދަންނަވާލަން ބޭނުންވޭ. ފަސް މިލިއަން ރުފިޔާ ހޭދަވެފައި އޮތް ރަށަކަށް، ފައްސަތޭކަ ޕަސެންޓް އިތުރުވާނެ ހަމަގައިމުވެސް. ދުއިސައްތަ ފަންސާހަށް ބެލިޔަސް. ދުއިސައްތަ ފަސްދޮޅަސް ތިން މިލިއަން ރުފިޔާ ހޭދަވެފައި އޮންނައިރު، މި ރަށަށް ކުރެވުނު މަސައްކަތުގައި، އަޅުގަނޑުގެ ވަޢުދުގެ ތެރެއިން މި ހޭދަކުރެވުނީ ދިހަ ޕަސެންޓްތޯ؟ އަޅުގަނޑަށް މި ފެނިގެންދަނީ ފައްސަތޭކަ ގުނައަށްވުރެ އިތުރުވެގެންދާތަން. އެހެންވީމާ، ހިއެއްނުވޭ މިއީކީ މެނިފެސްޓޯ ބަލާފައި، މެނިފެސްޓޯގައި ހުރި ކަންތައްތައް ދިރާސާކޮށްފައި، ކަމެއް ކުރެވުނުތޯ، ނޫންތޯ ބަލާ ބައެއްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. އެ ބަލާނަމަ ހަމަގައިމު މި ހިސާބު ސީދާކުރަން އެމީހުންނަށްވެސް ކިޔައިދޭން އެނގެންވާނެ. އޭގެތެރޭގައި ވަރަށްގިނަ ބޭފުޅުންނަކީ ކޮރަޕްޝަންގެ ޢަދަދުތައް، ޗާޓްތަކުން ވިދާޅުވެދެއްވި ބޭފުޅުން. އަދި އެބޭފުޅުންނާއެކީ އެބޭފުޅުން އެ މަސައްކަތް ކުރައްވަނީ.
އެހެންވީމާ، އެ ޢަދަދުތައް އެހާ ފަރިތަކަމާއެކީ، އެއީ މިލިއަނުން ހުރި ޢަދަދުތައް. މިލިއަނުން ހުރި ޢަދަދުތައް، އެހާ ފަސޭހަކަމާއެކީ، ފަރިތަކަމާއެކީ އެބޭފުޅުން ވިދާޅުވެ، ރައްޔިތުންގެ ތާއީދު ހޯއްދަވަން އެ މަސައްކަތް ކުރެއްވިއިރު، އަޅުގަނޑަށް ހީވަނީ މިކަހަލަ ކަންކަންވެސް އެބޭފުޅުން ދިރާސާއެއް ކޮށްލެއްވިނަމަ ފަސޭހަފުޅުވީސްކަންނޭނގެ.
މިރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ! މިރަށަކީ އަޅުގަނޑަށް ޞައްޙަ މަޢުލޫމާތު ކަމަށް، މުޅިން ތަފްޞީލު މަޢުލޫމާތަކަށްނުވެ ހިނގައިދާނެ. ބަރާބަރު އަދަދު ކަމަށް ނުވެ ހިނގައިދާނެ. އެކަމަކު މިރަށަކީ ގާތްގަނޑަކަށް ވިއްސަކަށް ހެކްޓަރުގެ ރަށެއް. ނަވާރަ، ނޫނީ ވިހި ހެކްޓަރުގެ ރަށެއް. ދެންމެ މިނިސްޓަރ މުޢިއްޒު އިޢުލާނު ކުރެއްވި، ހަތާވީސް ހެކްޓަރު މި ރަށަށް އިތުރުވެގެންދިޔަ ވާހަކަ. މިރަށުގެ އޮރިޖިނަލް ސައިޒަށްވުރެ މި ރަށް ބޮޑުވެގެން މިދިޔައީ.
އެހެންވީމާ، މި ރަށަށް ބިން އިތުރުކުރި މަޝްރޫޢަށް ބަލާކަމަށްވަންޏާ، ނަވާރަ ހެކްޓަރު އޮތް ތަނެއް، ހަތާވީސް ހެކްޓަރަށް އިތުރުވީމާ، އެ އިތުރުވީ ދިހަ ޕަސެންޓެއް ނޫންކަންނޭނގެ ދޮގެއްތޯ. އެހެންވީމާ، މެނިފެސްޓޯގައި ހުރި ކަންކަން މިދަނީ ދިހަ ޕަސެންޓުންތޯ އިތުރުވެގެން، ނޫނީވިއްޔާ ކިހިނެއްތޯ ވެގެންމިދަނީ، އަޅުގަނޑުމެން އެބަޖެހޭ ނޫންތޯ، ސިޔާސީ ގޮތުންވެސް ހަމަ ފިކުރުކޮށްލަން. އަދި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަކީ ތަންދޮރު ދަންނަ މީހުން. އެހެންވެގެން ދިވެހި ރައްޔިތުން އެހާ ވަރުގަދައަށް އެ ބުނަނީ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ނުބާއްވާނަމޭ. ބާއްވާކަށް ބޭނުމެއްނޫނޭ. ޖާގަދޭކަށް ބޭނުމެއްނޫނޭ. ހުރިހާ ޢިލްމުވެރިންވެސް އެ ވާހަކަ އެގޮތަށް ދައްކަވަނީ. އަދި މިހާރު އެމް.ޑީ.ޕީ.އާއެކީ ގުޅިގެން އުޅުއްވާ ބޭފުޅުންގެ ތެރެއިން ޤާސިމްވެސް އެހެން ވިދާޅުވާހެން ހީވޭ. އެކަމަކު ފާޅުކަން ބޮޑުގޮތެއްގައި އެކަހަލަ ވާހަކަ ވިދާޅުވާން ކެރިވަޑައިނުގަންނަވައިގެން އުޅުއްވާހެން ހީވަނީ. ޢަދާލަތުންވެސް އެކަން އެހެން ބާއްވަން ބޭނުންވާހެން ހީވޭ. އެކަމަކު ފާޅުކަން ބޮޑުގޮތެއްގައި އެ ވާހަކަ ނުދެއްކެވިގެން އުޅޭކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އެހުރިހާ ބޭފުޅުން އެ ވާހަކަ ދައްކަވާ ކަމަށްވަންޏާ، އަޅުގަނޑަށް ޔަޤީން ކަށަވަރު، އެމް.ޑީ.ޕީ އިންވެސް އެ ވާހަކަ ވާހަކަ ބުނާނެ. އެއީ މި އިންތިޚާބުގައި ނުކުމެ މިއުޅެނީކީ އެހެން ކެންޑިޑޭޓެއް ނޫން. މި އިންތިޚާބުގައި ނުކުމެ މިއުޅެނީ އެމް.ޑީ.ޕީ ކެންޑިޑޭޓް. އެހެންވީމާ، އިސްކޮށް މި މަސައްކަތް މި ކުރަނީ އެމް.ޑީ.ޕީ މީހުން.
އެހެންވީމާ، އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް، އެބޭފުޅުންގެ ކޯލިޝަންގައި ކަމަށް މިހާރު އެ ވިދާޅުވާ ބޭފުޅުންގެ އެއްވެސް ނުފޫޒެއް، އެއްވެސްކަހަލަ ޚިޔާލެއް ގަބޫލުކުރައްވާ ކަމަށްވަންޏާ، މި ހުރިހާ ބޭފުޅުން، ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ސަތޭކައިންސަތޭކަ ސަރުކާރެއް ކަމަށް ވިދާޅުވާއިރު، އަޅުގަނޑަކަށް ނުވިސްނޭ، އިދިކޮޅުގައި ނުކުމެވަޑައިގެން އުޅުއްވާ އެމް.ޑީ.ޕީ ބޭފުޅުންނަށް މި ވާހަކަ ވިދާޅުވާން އެހާ ލަދުވެތިވެގެން މިއުޅެނީ ކީއްވެގެންކަމެއް. އެހެންވީމާ، އެބައުޅޭ ދޮގެއްތޯ، އެބޭފުޅުން ކޯލިޝަން އުފެދުމުގެ ކުރިން އުޅޭ މައްސަލަތަކެއް.
އެހެންވީމާ، ދެންމެ އަޅުގަނޑު ދިޔަމިގިލީގައި ވާހަކަ ދައްކަމުން، އަޅުގަނޑު ދެންނެވިން، މިހާރު އެބޭފުޅުންގެ މެނިފެސްޓޯގައި ނިންމަވާފައި އެއޮތީ ކޯލިޝަންގެ ކަންކަން، އެއްބަސްވެފައި ހުރި ކަންކަން، ދެން ތިމަންނާމެން ރެގިއުލޭޓް ކުރަން ނިންމާނީ ޤާނޫނެއްގެ ތެރެއިންނޭ. އެހެންވީމާ، އެއީ އިތުބާރުކޮށްގެން، އެމީހުންގެ ލޯބި ހޯދައިގެން އަންނަ ބަޔަކު، އެ އިތުބާރު ދަމަހައްޓަން ބޭނުންވާ މިންވަރު، އެކަމުން އެ އެނގެނީ. އެކަން ކުރަނީ ޤާނޫނަކުން، މަޖިލީހުން ޤާނޫނު ފާސްކޮށްގެން.
އެކަމަކު އަޅުގަނޑު ހަމަ އެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް ދަންނަވާލާނަން. 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި، ރައީސް މައުމޫން ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެން، އޭރު ވޯޓު ނަގަން ވަރަށް ކައިރިވެފައި އޮއްވައި، އޭރު ޤައުމީ އިއްތިހާދުގެ ޕާޓީ، އެބޭފުޅުން ތިއްބެވީ އޭރު އެމް.ޑީ.ޕީ.އާއެކީ. އަދި އެ ޕާޓީގެ އިސް ބޭފުޅަކަށް ހުންނެވީ، ދިވެހިރާއްޖޭގެ ފެންވަރުން ވެއްޖިއްޔާ ފުންނާބު އުސް ލޯޔަރެއް. ޑޮކްޓަރ ޙަސަން ސަޢީދު. ރައީސް މައުމޫންގެ ސަރުކާރުގައި ބަންޑާރަ ނައިބުކަންވެސް ކުރެއްވި. ދެން ހުންނެވީ ޑޮކްޓަރ ޖަމީލް. މިއީވެސް ހަމަ ލޯޔަރެއް. ހަމަ ފުންނާބު އުސް ލޯޔަރެއް. ޢިލްމުވެރި ބޭފުޅެއް. މިބޭފުޅުން ދޮގެއްތޯ އެންމެ ވަރުގަދައަށް ވާހަކަފުޅު ދެއްކެވީ، ރައީސް މައުމޫން ޑީ.އާރު.ޕީ އިން އުޅުއްވަނީ، ޕީ.އޭ. ކިޔާ ޕާޓީއާއެކީ ކޯލިޝަނެއް ހަދައިގެންނޭ. މިއީ ޤާނޫނުއަސާސީގައި ތަންދޭ ކަމެއްނޫނޭ. ހަނދުމަފުޅުވޭތޯ؟ އެބޭފުޅުން އެންމެ ވަރުގަދައަށް އެ ވާހަކަފުޅު ދެއްކެވީ.
އަޅުގަނޑު މިކަހަލަ ހަނދާން މިވަނީ މިހާރު އެބޭފުޅުން އެ ދައްކަވާ ވާހަކަ، އެބޭފުޅުން ހަނދާން ނެތްކަމަށް، އެބޭފުޅުންނަށް މިހާރު ހީވާތީ. އެންމެ ވަރުގަދައަށް، އެއީ ޤާނޫނުއަސާސީ ތަންދޭ ކަމެއްނޫނޭ. ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއެއް އޮވެޔޭ، ރައީސުލްޖުމްހޫރިއްޔާއޭ މަޤާމުތައް ކަނޑައަޅާނީ. އެހެންވީމާ، ކޯލިޝަނަކީ އޮންނަ އެއްޗެއް ނޫނޭ. އެއީ ކުރެވޭނެ ކަމެއްނޫނޭ. އެންމެ ވަރުގަދައަށް އެ ވާހަކަ ދެއްކެވީ، ރައީސް މައުމޫންގެ ސަރުކާރުގެ ބަންޑާރަ ނައިބަކަށް ހުންނަވާފައި ވަކިވެވަޑައިގެންނެވި ބޭފުޅާ. އެއީ ޤައުމީ އިއްތިހާދު ޕާޓީ. އޭރު ރިޔާޒުވެސް ހުންނެވީ އެ ޕާޓީގައި. ރިޔާޒަށް ދަންނަވާ ވާހަކައެއް ނޫން މިއީކީއެއް. އެކަމަކު އެބޭފުޅުން އެންމެ ވަރުގަދައަށް ވަކާލާތު ކުރަމުން އައީ ނުކުރެވޭނެ ކަމެއް ކަމަށް، ރައްޔިތުންނަށް ވިސްނައިދިނީ.
އެހެންނަމަވެސް ދުވަސްކޮޅެއްފަހުން، އިރުކޮޅަކުން ފެނިގެންދިޔައީ، ޤާސިމް، ޤާސިމްގެ ޙައްޤު ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާ ވާހަކަ. އަޅުގަނޑުމެން ކޯލިޝަން ހެދީމާ ގޯސްވީ. އެކަމަކު އިދިކޮޅުގައި ކޯލިޝަނެއް ހެދިގެން ހިނގާތާ ކިތަންމެ ދުވަހެއް އޭރުވެސް. ޤާސިމް މަސައްކަތް ކުރެއްވީ އޭރު ތިމަންނާއަށް ލިބެންވާ އެއްޗެއް ތިމަންނާއަކަށް ނުލިބުނޭ، ސަރުކާރު އައިސްގެނެއް. އެމް.ޑީ.ޕީ ސަރުކާރުގެ ތެރޭގައި، ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިމަންނާ ބޭރުވެއްޖެއޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގުނު، އަޅުގަނޑުމެން އެކަން ކުރަން މަނާކުރެއްވިއިރު، އެބޭފުޅުން ތިއްބެވީ އޭރުވެސް ކޯލިޝަން ހައްދަވައިގެން. މިއަދު މި ދައްކަނީ، އެ ކޯލިޝަން ދެން ތިމަންނާމެން ހިންގާނީ ޤާނޫނެއްގެ ތެރެއިންނޭ.
އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ، އެބޭފުޅުން ދައްކަވާ ވާހަކަ، އެބޭފުޅުން ބޭނުންފުޅުވާ މިންވަރަކަށް އެޖަސްޓް ކުރަމުން، ބަދަލުކުރަމުން، އޮޅުވަމުން ގެންދެވުމަކީ، އެބޭފުޅުން ނޫން ދެވަނަ ބަޔަކަށް ހަމަ ކުރެވޭނެ ކަމެއްނޫންކަން. މިހެން ދައްކަވާ ވާހަކައިގައި ތިޔަބޭފުޅުން އެބަޖެހޭ ވިސްނާވަޑައިގެންނަވަން. ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވަން ޖެހެނީ. ވޯޓަކާ ހަމަޔަށްދާތީ، ކުރީގައި ދައްކާފައިހުރި ވާހަކަތަކާއި، ކުރީގައި ކަންކަން ކުރެވިފައިހުރި މިންވަރު، އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ. އަދި މިހާރު އެމީހުންގެ ތެރޭގައި އެ ދެކެވެމުންދާ ވާހަކައާއި، ކަންކަން ކުރާގޮތަކީ، އޭގެކުރީގައިވެސް ކަންތައް ކުރިގޮތަކާ ހަމަ އެއްވެސް ތަފާތުކަމެއްނޫން. މިހާރު ހަމަ ކޮންމެ ރަށެއްގައި ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، ވާހަކަފުޅު ދެއްކެވުމުން، އެބޭފުޅުން ދައްކަވާ ކޮންމެ ވާހަކައެއް އޮތްގޮތް، ރިޔާޒުގެ ވާހަކަފުޅުގައިވެސް އެ ހާމަކޮށްދެއްވީ. ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައިވެސް އެ ހާމަކޮށްދެއްވީ.
އަޅުގަނޑު ހަމަ އެއްވާހަކަ ދަންނަވާލާފައި އަޅުގަނޑުވެސް ވަގުތު ކުރުކޮށްލެވޭތޯ، ބަލާނަން. ޖަލްސާ ކުރުކޮށްލެވޭތޯ ބަލާނަން. އަޅުގަނޑުމެންގެ ސަރުކާރުގައި ޓޫރިޒަމް ތަރައްޤީކުރަން މިކުރާ މަސައްކަތަކީ، ޙަޤީޤަތުގައި ރަށްރަށަށް ޓޫރިޒަމް ތަރައްޤީ ކުރަމުންދާ ސަރަޙައްދުތަކަށް އާމްދަނީއާއި ތިޔާގިކަން އިތުރުކުރަން ކުރާ މަސައްކަތް. އަދި އޭގެ ބޭނުމަކަށްވަނީ، ޒުވާނުންނަށް އެތައްހާސް ވަޒީފާއެއް އުފައްދައިދިނުން. އެކަންކަން އަޅުގަނޑުމެން ކުރަމުން އަންނާތީ، އެންމެފުރަތަމަ އެއް ބޭފުޅަކު ވިދާޅުވީ، އެމް.ޑީ.ޕީ.ގެ ހަމަ އެންމެ އިސް ބޭފުޅަކު މި ވިދާޅުވީ، ރައީސް ޔާމީން ބަލައިނުލާ ރަށްރަށް ދޫކުރީމާ މިވާގޮތަކީ، މި ރަށްރަށް ހަދާނެ ބަޔަކު ނާދެއޭ. އަޅުގަނޑު އެއަށް ރައްދު ދެންނެވިން.
މިހާރު ހަމަ އަނެއްކާވެސް އިސް ބޭފުޅަކު ވިދާޅުވަނީ އަދި އެތަންތަން ނުހެދި ހުރީކީ، އެހެންވެގެން އެކަންޏެއްވެސް ނޫނޭ. މި ސަރުކާރަކުންނެއް އިންވެސްޓަރަކުން ކުރާ މަސައްކަތަށް ހުރަހޭއަޅަނީ. އެހެންވީމަކާ ރާއްޖެއަކަށް ބޮޑެތި އިންވެސްޓަރުންނެއް މި ރަށްރަށް ހަދާކަށް ނާންނާނޭ. މިއީ، އެންމެފަހުން އަޅުގަނޑުމެންނަށް އިވިގެންދިޔަ ވާހަކަ. ރަށްރަށް ގިނަކޮށް ޒުވާނުންނަށް ވަޒީފާ ހޯދައިދޭން މި ފުރުޞަތު އިތުރުކުރާ ވާހަކަ ދެއްކީމާ، މި ދައްކަވާ ވާހަކައަކީ، ފުރަތަމަ ވާހަކައަކަށް ވިދާޅުވީ، ރާއްޖެއަށް ތަކާވަރަކަށްނޫނޭ، ތިޔަ ރިޒޯޓު ދޫކުރަމުންދަނީ. އެހެންވެގެންނޭ ރިޒޯޓުތައް ނުހެދި އެހެރީ. އެއީ، އެންމެ ވަރުގަދަ ވާހަކަ. ދެން އެއަށް ތަފުޞީލެއް ގެންނަވަން ވިދާޅުވީ، އަދި އެ އެކަންޏެއްވެސް ނޫނޭ ސަބަބަކީ. ދެންއޮތް ސަބަބަކީ، ރިޒޯޓުހަދަން އިންވެސްޓްކުރާ މީހުންނަށް ހުރަސްއަޅާ ވާހަކަ. އަޅުގަނޑު ހަމަ ތަފާސް ހިސާބާއެކީ މިއަށް ޖަވާބެއް ދޭނަން. އެއިރުން އަނެއްކާވެސް އެ ބޭފުޅުން، އެބޭފުޅުން ދެއްކެވި ވާހަކަފުޅު ކޮންމެވެސްގޮތަކަށް ބަދަލުކުރެއްވޭތޯ ބައްލަވާނެ.
އަޅުގަނޑު ތަފާސް ހިސާބު ދަންނަވާލާއިރު، އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ ސަރުކާރުގައި މިހާތަނަށް ނިންމައިފީމު 30 ރިޒޯޓް. މިހާތަނަށް އަޅުގަނޑުމެން ނިންމައިފިން 30 ރިޒޯޓް. އަދި އިތުރު 21 ރިޒޯޓް މި އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ނިމޭނެ. އެ 21 ރިޒޯޓުގެ 70 ޕަސެންޓް މަސައްކަތްވަނީ ނިމިފައި.
އެހެންވީމާ، ކޮބައިތޯ ރިޒޯޓް ނުހެދިފައި. އެންމެގިނަ ރިޒޯޓް ހަދާފައި މިއޮތީ މި ފަސް އަހަރުގެ ތެރޭގައި. ގާތްގަނޑަކަށް 51 ރިޒޯޓް އެ ނިމެނީ ޑިސެންބަރު 31 އާ ހަމައަށް. އެހެންވީމާ، ރިޒޯޓުހަދަން މީހުން ނާދޭތޯ؟ ރިޒޯޓުހަދަން މީހުން އާދޭ. ރިޒޯޓުހަދަން ރަށް ދޫކުރީމާ ރިޒޯޓުހަދާނެ މީހުން ނުވޭތޯ؟ މީހުން އާދޭ. ދެން ރިޒޯޓުހަދަން ސަރުކާރުން ހުރަސްއަޅަންޏާ މިވަރަށް މީހުން އަންނާނެތޯ؟ ތިޔަބޭފުޅުން ސުވާލުކުރައްވާ! މީގެ ޖަވާބު އެބޭފުޅުންނާ ކުރިމަތިކުރައްވާ! މި ތަންތަނަށް ވަޑައިގަންނަވާނެ.
އަދިވެސް ދަންނަވާލަން އެބައޮތް ވާހަކައެއް. މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި އެންމެ އަގުބޮޑު ރިޒޯޓެއް ހަދަމުން މިގެންދަނީ މި އަހަރުގެ މި ފަސް އަހަރުގެ ތެރޭގައި. އެނބޫދޫފިނޮޅު ފަޅުގެ ތެރޭގައި، އެންމެ ކުޑަމިނުން އަޅުގަނޑުމެންނަށް އެނގޭގޮތުން ވެއްޖިއްޔާ 1000 މިލިއަން ޑޮލަރުގެ ރިޒޯޓް ފެސިލިޓީ ހެދެމުންދަނީ. ތައިލެންޑް ކުންފުންޏަކުން އެ ހަދަނީ، 1000 މިލިއަން ޑޮލަރުގެ ރިޒޯޓް. އެހެންވީމާ، ކޮބައިތޯ؟ އިންވެސްޓަރުން ރިޒޯޓް ނަހަދާތޯ؟ ނޫނީވިއްޔާ އިންވެސްޓަރުން ރިޒޯޓް ހަދަން މި ސަރުކާރުން ހުރަސްއަޅަންޏާ މިވަރުގެ ކަންތައް ކުރާނެތޯ؟ ނޫނީ ރައީސް ޔާމީންގެ އިޤުތިޞާދީ ސިޔާސަތާ ދޭތެރޭގައި ދޭސީކަމެއް އޮވެގެން، އެކަންކަމާ ދޭތެރޭގައި ޝައުޤުވެރިކަމެއްނެތި، ނޫނީ ސުވާލު އުފައްދާ ބަޔަކު، ބޭރުގެ މީހުން މިއީ. އެ މީހުން އައިސް މިކަން ކުރާނެތޯ؟ އެހެންވީމާ، ރިޒޯޓެއްވާ ނުހެދޭނޫންތޯ؟ ރިޒޯޓުހަދަން ބޭނުންވާ މީހުން އެއްގޮތަކަށްވެސް ނެތެއްނޫންތޯ؟
އަދި ރިޒޯޓު ހަދާއިރު، އިތުރު އެއް ވާހަކަ ދަންނަވާލާނަން. މިހާތަނަށް މި ފަހުގެ ތާރީޚުގައި، ނޫނީ ކުރީގެ ތާރީޚުގައިވެސް، ހަދާ ނިމިފައި އޮތް ރިޒޯޓެއް، އެންމެ ބޮޑު އަގުގައި ގަނެފައި އޮތީވެސް ހަމަ މި ސަރުކާރުގެ ތެރޭގައި. އަދި އެތާ ކައިރީގައި ބާރަ އަހަރު ވަންދެން، ބާރަ އަހަރު ވަންދެން، އަޅުގަނޑުމެން އިންތިޒާރުކުރި އެއަރޕޯޓެއް ނުހެދި އެދިޔައީ. އިއްޔެ ސިވިލް އޭވިއޭޝަންގެވެސް މިނިސްޓަރު، ޓޫރިޒަމުގެވެސް މިނިސްޓަރު. މި ދާއިރާއަށް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެ ވަޑައިގަތީ، ޓެސްޓް ފްލައިޓުގައި އެއަރޕޯޓް އިފްތިތާޙު ކުރަން. ރަންވޭ އިފްތިތާޙް ކުރަން. އެހެންވީމާ، އެއީ ބާރަ އަހަރު ވަންދެން، ތިން ސަރުކާރުން ހަދަން އުޅެ، ނުހެދުނު އެއަރޕޯޓު. އެތާ ކައިރީގައި އޮތް ރަށެއް، އެންމެ ބޮޑު އަގުގައި މިހާތަނަށް ހަދައި ނިންމާފައި އޮތް ރަށެއް ގަތީ. އެހެންވީމާ، ކޮބައިތޯ މި ބޭފުޅުން މި ދައްކަވާ ވާހަކައަކީ؟ ހަމަ އެއްވެސްވަރަކަށް ތަފާސް ހިސާބެއް ނޫނީވިއްޔާ، ރާއްޖޭގައި ކަންކަން ހިނގާވަރު، މިހާރު މި ބޭފުޅުން ސިޔާސީ ހަރަކާތުން އެހާ ދުރުވީމާ، ހަމަ އަޅުގަނޑުގެ ހިތަށްއަރަނީ ހަމަ ނުވިސްނެނީއޭ. ހަމަ އެބޭފުޅުންގެ ޚިޔާލުފުޅުގައިވެސް ނެތީ، އަޅުގަނޑުމެން މިކުރާ ކަންކަމާ ދޭތެރޭގައި ވިސްނުމުގެ ޖާގަވެސް އެބޭފުޅުންގެ ނެތީހެން އަޅުގަނޑަށް ހީވަނީ.
އެންމެ ގިނަ ރިޒޯޓު، އެންމެ އަގުބޮޑު ރިޒޯޓު، އެންމެ އަގުބޮޑުކޮށް ގަތް ރިޒޯޓު، މި ހުރިހާކަމެއް ހިނގާ ގޮސްފައި މިއޮތީ މިހާރު. މި ފަސް އަހަރުގެ ތެރޭގައި. މި ފަސް އަހަރުގެ ތެރޭގައި އެ އަންނަނީ، 51 ރިޒޯޓު.
އެހެންވީމާ، ކިހިނެއްތޯ، ރިޒޯޓު ހަދާ މީހުންނާ ދޭތެރޭގައި މި ބޭފުޅުން ވާހަކަފުޅު ދައްކަވާނީ ކިހިނެއްތޯ؟ ނުހެދި ހުރި އެއަރޕޯޓުގެ ވާހަކަ މި ދެންނެވީ، ބާރަ އަހަރު، ތިން ސަރުކާރު ނިމިގެން ދިޔައިރު، ނުހެދި އޮތް އެއަރޕޯޓު. އަޅުގަނޑުމެންގެ މި ސަރުކާރުގައި އެއް އަހަރު ނުވަނީސް އެއޮތް ހަދާ ނިމުނީ ނޫންތޯ. އެއް އަހަރުގެ މުއްދަތު، އެ ރިޒޯޓު އޮތް ފަރާތުން، އެ އެއަރޕޯޓު ހަދަން ނެގި ފަރާތުން، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، އެ ބޭފުޅުންވެސް ގަބޫލުވެގެން، ސަރުކާރަށް ދޫކޮށްލެއްވީ. އިހަށްދުވަހު ދޫކޮށްލެއްވީ. އަދި، އަހަރުނުވޭ އެ ދޫކޮށްލެއްވިތާ. އެތަނުގައި މަތިންދާބޯޓު ޖައްސަންފެށީ. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ، މަޑިފުއްޓަށް އަންނައިރު، އަޅުގަނޑު ވަދެގެން އަންނައިރު، އެއްކޮޅުން ޖައްސާ މަތިންދާބޯޓެއް، އަނެއްކޮޅުން ފުރާ މަތިންދާބޯޓެއް މި އަންނަނީ ކީއްވެގެންކަންވެސް އަޅުގަނޑަށް ގަބޫލުކުރެވޭ.
ދެން، އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލާނަން. ވަގުތުވެސް ތަންނުދޭތީއާއެކީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރު ދަންނަވާނީ، މަޑިފުށްޓަކީ، ދެންމެ ރިޔާޒުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް ސުނާމީގެ އިޙްސާޞްތައް ހުރި ރަށެއް. ވިލުފުށްޓަކީ ސުނާމީގެ އިޙްސާޞްތައް ހުރި ރަށެއް. އެހެންވީމާ، ރިޔާޒް ރަޝީދަކީ، ސުނާމީގެ އިޙްސާސްތައް ގިނަ ބޭފުޅެއް. ރިޔާޒު އެ ވިދާޅުވީ އޭގެ ތަފްޞީލުތައް. އެކަން އޮތްގޮތަށް އެ ވިދާޅުވީ. ސުނާމީގައި ރާއްޖޭގެ ކިތައް ރަށަށް، ކިތައް ރައްޔިތުންނަށް ގެއްލުން ލިބިގެންދިޔަތޯ؟ އެންމެ ބޮޑަށް ގެއްލުންވި ރަށްރަށުގެ ތެރޭގައި މަޑިފުށްޓާއި، ވިލިފުށްޓާއި، ކޮޅުފުށްޓާ، މި ރަށްރަށް ހިމެނޭ. އަދި، މީގެ ތެރެއިން ބައެއް ރަށްރަށް އެހެރ ހަމަ އެއްކޮށް ހަލާކުވެގެން ގޮސްފައި. އޭގެ ސަބަބުން، އޭގެ ނަތީޖާއެއްގެ ގޮތުން، ވިލުފުށި އެއޮތީ އެގޮތަށް މިހާރު އާރާސްތު ކުރެވިފައި.
މިރަށުގައި ހުރެގެން އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ކޮށްދޭން ބުނާ ކަންތައްތަކުގެ ބައިކުޅަބަޔެކޭ ފުދިގެންދިޔައީ، އެ ބޭފުޅުން ވިދާޅުވާއިރު، އެބޭފުޅުން ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވިއިރު، ސުނާމީގައި ބޯހިޔާވަހިކަން ނެތިގެން، ގެއްލިގެންދިޔަ މީހުންނަށް ބޯހިޔާވަހިކަން، އެ ބޭފުޅުންނަށް ކަށަވަރުކޮށްދެވުނުތޯ؟ ބަނދަރުތަކުގައި ޓެންޓް ޖަހައިގެން، ދިހަ އަހަރު ވަންދެން ސުނާމީއަށްފަހު މީހުން ތިބި. ދިހަ އަހަރު ވެގެންދިޔައިރުވެސް، ދާއިމީ ބޯހިޔާވަހިކަމެއް ނުގެނެވުނެއް ނޫންތޯ؟ އެކަމަކު އެ ބޭބޭފުޅުން މި ވިދާޅުވަނީ، ރައީސް ޔާމީން ދައްކާފައި ހުރި ވާހަކައާއި ވަޢުދުން ކަންކަން ނުފުދޭ ވާހަކަ. ރައީސް ޔާމީން އެކަންކުރީ ކިހިނެއްތޯ؟ އަޅުގަނޑު ބުނަމުން އައީ، އަޅުގަނޑުގެ ސަރުކާރެއްގެ ފުރަތަމަ ބާރަ މަސްދުވަހުގެ ތެރޭގައި ހުރިހާ އެންމެންނަށް ދާއިމީ ގެދޮރު ދޭނަމޭ. އެކަން ނުވޭތޯ؟
އެހެންވީމާ އެއީ، ރައްޔިތުންނަށް ކޮށްދޭން ބުނާ ކަންތައްތައް ކޮށްދިނުމުގެ ޕްލޭނެއް އޮވެގެން، އަދި އެކަން ކޮށްދިނުމުގެ ޝައުޤުވެރިކަން އޮވެގެން، އެވާހަކަ ބުނެފިކަމަށްވަންޏާ، އެ މީހަކު އެކަން ކޮށްދޭގޮތް. މިބޭފުޅުން ޖެހޭނީ ހަމަ މިކަހަލަ ވާހަކަ އަލުން މުރާޖަޢާކޮށް ހަނަދާން ކުރައްވަންޖެހޭނީ. މި ބޭފުޅުންނަށް މިއިން ކަމެއް ނުކުރެއްވުނު. އޭރަކުވެސް ނުކުރެއްވުނު. ފަހުންވެސް ނުކުރެއްވުނު. ދެންވެސް ނުކުރެއްވޭނެ. މިކަންކަން އެންމެ ރަނގަޅަށް އެނގޭނީ، ސުނާމީގެ ފިލާވަޅު ނަގާކަމަށްވަންޏާ، މަޑިފުށްޓަށާއި ވިލުފުށްޓަށް، ކޮޅުފުށްޓަށް.
އެހެންވީމާ، ކޮޅުފުށީން ނުކުމެވަޑައިގަންނަވާ ބޭބޭފުޅުންވެސް މިހާރު ލީޑަރުންނަށްވެގެން މި ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުން އަމިއްލަ ރައްޔިތުންގެ ހާލަތާ ދޭތެރޭގައި އެބޭފުޅުން ހަމްދަރުދީ ނުވަނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށްއަރާ. އަދި މިދެކެވޭ ވާހަކަ މިބޭބޭފުޅުން ދައްކަވާއިރު، ސަރުކާރުގެ މަޤާމުތަކުގައި، މިކަންކަމުގައި ރައްޔިތުންނަށް ފަސޭހަކަމާއެކީ މިކަންކަން ކޮށްދެވޭ ހިސާބުގައި ތިއްބެވި ބޭފުޅުންނަށް، އެކަންކަން ކޮށްނުދެއްވުނު ތަނުގައި، އެކަންކަން އެހެން މީހަކު ކުރީމާ، އެމީހަކު ރައްޔިތުންނަށް ޚިދުމަތް ކުރިކަންވެސް މިބޭފުޅުންނަކަށް ބޭނުންފުޅެއްނުވޭ ފާހަގަކުރައްވާކަށް. އެކަމަކު މިބޭފުޅުންގެ ކުލުނުވެސް މިހިރީ ރައްޔިތުންނާ ދޭތެރޭގައި. އެކަމަކު ރައްޔިތުންނަށް ވެފައި އޮތް ކަމެއްވެސް ފާހަގަކޮށްލާކަށްވެސް ބޭނުމެއްނުވޭ.
ދެން ހައްތާވެސް މި ދައްކަނީ، ވަރަށް ކުޑަކުޑަ ކަންފުޅެކޭ ރައީސް ޔާމީނު ބުނެފައިހުރި ކަންތައްތަކުގެ ތެރެއިންވީ. ވަރަށް ކުޑަކުޑަ ކަންފުޅެއްވީމާ ދޮގެއްތޯ، މިރަށުންވެސް ފުޓްސަލް ދަނޑުތަކުގެ ވާހަކަވެސް މި ދައްކަނީ. ކުރީގައި ކިތައް ފުޓްސަލް ދަނޑުތޯ އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިން އޮތީ؟ ދިހަވަރަކަށް ދަނޑު. ދިހަވަރަކަށް ދަނޑު މުޅި ރާއްޖޭގައި އޮތީ. ރާއްޖޭގެ އެކި ހިސާބަށް ފުޓްސަލް ދަނޑުތައް އެދަނީ އެޅެމުން. އެތައް ދަނޑެއް އަޅައިފި. އެތައް ދަނޑެއްގައި އަޅާފައިހުރި ފުޓްސަލް ޕިޗް، އެ ޕިޗް މިހާރު ޓާރފަށް ބަދަލުކުރަމުން އެދަނީ. އޭރު ހަދާފައިހުރި ފެންވަރު ކަމުނުދާތީ. ނޫނީ އޭރު ޓައިލްސް ޖަހައިގެން ހަދާފައިހުރި އެއްޗެތި މިހާރަށް ކަމުނުދާތީ.
އިހަށްރޭ ޖަލްސާއެއްގައި ދޮގެއްތޯ، ޔޫތު މިނިސްޓްރީން ބޭއްވި ޖަލްސާއެއްގައި ދޮގެއްތޯ، ސާޅީސް އެތައް ރަށެއްގައި ފުޓްސަލް ދަނޑު ނިމިގެން އިފުތިތާޙުކުރީ. މިއަދުވެސް އަޅުގަނޑު އުފާވެރިކަމުގެ ޚަބަރެއް ދަންނަވާނަން. ފުޓްސަލް ދަނޑުތައް، ނުހެދިހުރި ދަނޑުތައް، އެތައް ދަނޑުތަކެއް، ތިޔަބޭފުޅުންނަށް މީޑިއާއިން އެނގިވަޑައިގަންނަވާނެ، ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފި ހަދަން. ހަމައެހެންމެ، އެފް.އޭ.އެމް.އާވެސް ހަވާލުކޮށްފި. މިވެގެން އުޅޭ ކަމަކީ، ފުޓްސަލް ދަނޑުތައް ހަދާނެ ލާރި ނެތީކީވެސް ނޫން. އަދި ހަދާނެ ސާމާނު ނެތީކީވެސް ނޫން. މިކަންކަން ކުރާނެ މަސައްކަތްތެރިން ނެތީ. ރާއްޖޭގައި އެއަށްވުރެ މާބޮޑެތި މަސައްކަތުގައި އެންމެން މިއުޅެނީ. މިއަދު ބައްލަވާ، އެމް.ޓީ.ސީ.ސީ.ގެ ދަތުރު. އެމް.ޓީ.ސީ.ސީ އަކީ މީގެކުރިން މަސައްކަތް ނުނިމި، ވީރާނާވެ ބަނގުރޫޓުވެފައި އޮތް ކުންފުންޏެއް. މިއަދު އެމް.ޓީ.ސީ.ސީ.ގެ ޑްރެޖަރުތަކަށް އޮބިނޯންނަވަރަށް މަސައްކަތް އެ ކުރަނީ. އެހެންވެގެން ގުރައިދޫގައި ބިން ހިއްކުންވެސް އެހާ ލަސްވެގެން އެދިޔައީ. އެހެންވެގެން އަޅުގަނޑުމެން މަހާޖައްރާފާއެއްވެސް ހޯދަންޖެހެނީ. އެހެންވެގެން މިރަށުގެ މަލަމަތިންވެސް އަދިވެސް އެމް.ޓީ.ސީ.ސީ.ގެ ސާމާނު ނުގެންގޮސް އެހުރީ.
އެހެންވީމާ، އެމް.ޓީ.ސީ.ސީ އަށް ނުތަކާވަރަށް މަސައްކަތް އޮތީމާ، އަދި މި މަސައްކަތްތައް ކުރާނެ އަމިއްލަ ފަރާތްތައް ނެތުނީމާ، ދެން ސަރުކާރުގެ ކުންފުނިތަކުންވެސް ހަމަ އެބަޖެހޭ މި މަސައްކަތްތައް ކުރަން. ރައީސް ޔާމީނެއް ނޫން ވަރުބަލިވެގެން މިއުޅެނީ. މަސައްކަތްކުރާ ކުންފުނިތަކުގައި ހުރި މެޝިންތައް ވަރުބަލިވެގެން މިއުޅެނީ.
އެހެންވީމާ، ފުޓްސަލް ދަނޑުތަކުގެ ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެން ދަންނަވާލާނަން. މިކަންކަން ދަތިވެގެންދާތީ، ލަސްވެގެންދާތީ، އަޅުގަނޑު ޗައިނާ ސަރުކާރުގެ އެހީއަށް އެދުނިން. ދޮޅުމަސްދުވަސްނުވެ، މިހާރު މާލޭގައި އެހެރީ، މާލެއަށް ގެނެސް އަޅުގަނޑުމެން ކްލިއަރ ކޮށްފިން، އާ 46 ދަނޑު ހަދާ ހުރިހާ ސާމާނެއް އެހެރީ ގެނެސްފައި. ދެންމެ ނޫންތޯ، އަޅުގަނޑު ވާހަކަ ދައްކަން ހުއްޓައި، މިތަނުން ކަރަންޓް ދިޔައީ. އެކަމަކު ދަންނަވާނަން، ވިލުފުށީގައި ކަރަންޓް އެބަހުރި އިނގޭތޯ. ވިލުފުށީގެ ކަރަންޓެއް ނުވެސްދާނެ. މި ރަށުން ކަރަންޓް އެދިޔައީ. މި އިންނެވީ ފެނަކާގެ ސީ.އީ.އޯ. އަޅުގަނޑުމެން މާލެ ގޮސްފައި އިފްތިތާޙު ކުރަން މިއުޅެނީ، އަނެއްކާވެސް ވަރުގަދަ ފަންކްޝަނެއް.
އަޅުގަނޑުމެންގެ ސަރުކާރުގެ ސައުވީސް ގަޑިއިރުގެ ކަރަންޓް، މުޅި ރާއްޖެއަށް ޔަޤީންކޮށްދެނީ. އޭގެކުރީގައި ހަ ގަޑިއިރު ކަރަންޓް، ހަތް ގަޑިއިރު ކަރަންޓް، އަށް ގަޑިއިރު ކަރަންޓް. މިހެން ދިޔައީ. މި ރަށުގެ ރައްޔިތުން، އެކަންކަން ހަނދާން ހުންނާނެ. ސައުވީސް ގަޑިއިރުގެ ކަރަންޓް ގެނެސްދިނީ މި ސަރުކާރުން. ހަމަ ރައްޔިތުންނަށް މާލެއާ އެއް އަގެއްގައި ކަރަންޓް މި ގެނެސްދިނީ މި ސަރުކާރުން. މިހާރު ދެންމެއަކު އެދިޔައީ މި ރަށުގެ ކަރަންޓް ކެނޑިގެން. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މި ރަށަށް އެއަރޕޯޓެއް އައުމުގެ ކުރިން ކަރަންޓްގެ ކަންތައްކަން ފުރަތަމަ ރަނގަޅު ކުރަންޖެހޭނީ ދޮގެއްތޯ. އަޅުގަނޑުމެން މާލެ ގޮސްފައި، ވަރަށް އަވަހަށް އަޅުގަނޑުމެން މިކަން އޮތްގޮތް ދަންނަވައިދޭނަން. ހަމަ ރަސްމީ ބޮޑު ޖަލްސާއެއްގައި، ދާދިފަހުން އަޅުގަނޑުމެން މިގެނައީ 34 ޖަނަރޭޓަރު. ކަރަންޓް ބޭނުންވާ މިކަހަލަ ރަށްރަށަށް އަޅުގަނޑުމެން މިގެނައީ 34 ޖަނަރޭޓަރު. އެހެންވީމާ، މަޑިފުށިން ބަލަންވީ ނޫންތޯ، އޭގެތެރެއިން ޖަނަރޭޓަރެއް އާދޭތޯ، ނާދޭތޯ.
އެހެންވީމާ، އަޅުގަނޑުމެން ކަންތައްތައް ކޮށްދޭއިރު، ތަފާސް ހިސާބު ކިޔާފައި މިކަންކަން ކޮށްދިނީމާ، ދެން އެބޭފުޅުން ކީކޭތޯ ވިދާޅުވާނީ؟ އޭގެތެރެއިން ބައެއް ބޭފުޅުން ކުރެއްވި ކަންތައްތައް މިހާރު ކަމުނުގޮސްގެން، ނުވެގެން މި ސަރުކާރު އައިސްފައި މި ކުރަން މިޖެހެނީ. ސުނާމީ އައީ އަޅުގަނޑުގެ ސަރުކާރުގައިތޯ؟ ސުނާމީ އައިއިރު ރާއްޖޭގެ ވެރިންނެއް ނެތްތޯ؟ ރާއްޖޭގައި ނެތްތޯ ސަރުކާރު ހިންގާ މީހުންނެއް؟ ރާއްޖޭގައި ނެތީތޯ ވަޒީރުންގެ މަޖިލީހެއް؟ އެހުރިހާ ކަމެއް ވެދިޔައީ ނޫންތޯ. ކީއްވެގެންތޯ އެބޭބޭފުޅުންނަށް ސުނާމީގެ ވާހަކަ ދައްކާލަން ނުކެރިގެން އެއުޅެނީ؟ ކީއްވެގެންތޯ އޭރު ޖީ.އެމް.އާރަށް އެއަރޕޯޓް ވިއްކާލީމާ، އެންމެބޮޑަށް އިޙްތިޖާޖު ކުރި ބޭފުޅުން، މިއަދު އެ ވާހަކައިގެ މަތިން ހަނދާންނެތިގެން މިއުޅެނީ ކީއްވެގެންތޯ؟ އެހާ ލަދުގަންނަ ކުދިންކޮޅެއްތޯ އިދިކޮޅަށް ނުކުމެ މިއުޅެނީ؟ މާ ރަނގަޅުވާނެ ނޫންތޯ ބުރުގާ އަޅައިގެން ގޭގައި ތިބިއްޔާ. މިހާރު މިބޭފުޅުންނަށް ކެރިވަޑައެއްނުގަންނަވައޭ، އޭރު އެބޭފުޅުން ދެއްކެވި ވާހަކަ ދައްކަވާކަށް. އެއްގޮތަކަށްވެސް ކެރިވަޑައެއްނުގަންނަވާ، އޭރު ދެއްކެވި ވާހަކަ ދައްކަވާކަށް. އަޅުގަނޑުމެން ކިހާ މަސައްކަތެއްތޯ ކުރީ އެކަމުގެ އިޙްތިޖާޖުގައި. މަސައްކަތް ކުރަންޖެހުނީ ކީއްވެގެންތޯ؟ އެއީ ރިޔާޒް އަބަދު އެ ހަނދާންކޮށްދެއްވާ ގޮތަށް، ނުއަގުގައި އެއަރޕޯޓް ވިއްކާލީ. އަޅުގަނޑުމެންގެ މުދަލެއް، ނުއަގުގައި ވިއްކާލީމާ، އަޅުގަނޑުމެން 320 މިލިއަން ޑޮލަރު ދީފައި އެއަރޕޯޓް ހޯދަންޖެހުނީ. މިރަށުގެ ބަނދަރު ވާހަކަ މި ދައްކަނީ. 300 މިލިއަން ޑޮލަރަކީ 80 އެތައް ބަނދަރެއްގެ ލާރި. 80 އެތައް ބަނދަރެއްގެ ލާރި، 300 މިލިއަން ޑޮލަރަކީ.
އެހެންވީމާ، މި ލާރި އަޅުގަނޑަށް އެ އެއަރޕޯޓް ހޯދަން ޚަރަދުކުރަން ނުޖެހުނުނަމަ، މި ރަށްރަށުގެ ބަނދަރު ހަދާނީ އަޅުގަނޑު ލޯނު ނަގައިގެނެއް ނޫނެއްނޫންތޯ. ލޯނު ނެގީމާވެސް ކަންބޮޑުވަނީ އެބޭފުޅުން. ލޯނު ނެގީމާވެސް ކަންބޮޑުވަނީ އެބޭފުޅުން.
އެކަމަކު އަޅުގަނޑުގެ ވާހަކަ ނިންމާލާނީ ތަފާސް ހިސާބެއް ދަންނަވާފައި. އަޅުގަނޑުމެން އެކި މަސައްކަތް ކުރަމުން މިދަނީ. ކޮވެލިތަކަށް ފެނޭ، ކާޅު ހާލި ހަދާފައި ހުންނަ ތަން. ހަމަ ހުރިހާ ކޮވެއްޔަކަށް ފެނޭ، ކާޅު އައިސް ހާލި ހަދާފައި ހުންނަ ތަން. އެހެންވީމާ، އެބަޖެހޭތާ އެތަނުން ކޮންމެވެސް ކަމެއް ކުރަން. އެހެންވީމާ، ކޮންމެ ތަނަކަށް އެބޭފުޅުން ވަޑައިގެންފައި މި ވިދާޅުވަނީ، އެތަނުގައި އެބަ ކަމެއް ހިނގާހެއްޔޭ، ތިމަންނާމެންނަކަށް ނޭނގެއޭ. އެއަރޕޯޓެއް އޮތިއްޔާ ވިދާޅުވާނެ، އެއަރޕޯޓެއް އަޅާނަމޭ. ނަރުދަމާ އަޅާފައި އޮތިއްޔާ ވިދާޅުވާނެ، ނަރުދަމާ އަޅާނަމޭ. އަދި ކަންކަން ނިމެމުންދާއިރު ވިދާޅުވާނެ، ދެން ބާކީއޮތް މަސައްކަތްކޮޅު ތިމަންނާމެން ކުރާނަމޭ.
އެހެންވީމާ، މި ބޭފުޅުންނަކީ މައި މަސައްކަތެއް ކުރާ ބައެއް ނޫނެއްނޫންތޯ. މިބޭފުޅުންނަށް ކަމެއް ލިބިއްޖިއްޔާ ބާކީ މަސައްކަތެއް ނޫންތޯ ކުރާނީ. އެކަމަކު މެނިފެސްޓޯގައި އެއްވެސް ކަހަލަ، ރައްޔިތުންނަށް ބޭނުންވާވަރުގެ މަޝްރޫޢެއް ނުޖަހާ ނުކުތީމާ ކިހިނެއްތޯވީ؟ މިއިން ކޮންމެ ރަށަކަށް އަރައި ރައްޔިތުންނާ ބައްދަލުކުރާއިރު ބުނޭ، އުހުނ! ތިޔަ ދައްކާ ވާހަކަ ހުއްޓާލާށޭ. ޖަޒީރާ ވާހަކަ ނުދައްކާށޭ. ތިމަންނާމެންނަށް މިތަނުގައި އެއަރޕޯޓް އަޅައިދޭށޭ. ތިމަންނާމެންނަށް މިތާ ބަނދަރު ހަދައިދޭށޭ. ތިމަންނާމެންނަށް މިތާ މަގު ހަދައިދޭށޭ. ތިމަންނާމެންނަށް، އެތަން މިތަނަށް ބޭނުންވާ ކަންތައްތައް ކޮށްދޭށޭ. ދެން ކިހިނެއްތޯ މި ބޭފުޅުން ޖަވާބު ދެއްވާނީ؟ މިބޭފުޅުން ހަނިމާދުއަށް ވަޑައިގަތީމާވެސް ވިދާޅުވީ، މި ބޭފުޅުން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހަދާނަމޭ. އެކަމަކު ހަނދުމަފުޅެއް ނެތް، އޭގެ ހަފްތާއެއް، ނޫނީ ދެ ހަފްތާއެއް ކުރިން، ރައީސް ޔާމީން އެތަނަށް ކުރި ޒިޔާރަތުގައި ބުނިން، މިހާރު މިތާ އެބައޮތޭ އެއަރޕޯޓެއް. ބައިނަލްއަޤްވާމީ މަތިންދާބޯޓު ސީދާ ޖައްސާވަރުގެ އެއަރޕޯޓަކަށް، އެ އެއަރޕޯޓް ބޮޑުކުރާނަމޭ. އަދި ވަސީލަތްތައް ފުރިހަމަކުރާނަމޭ. އެ ސަރަޙައްދަކީ ޓޫރިޒަމްގެ އުއްމީދު އޮތް ސަރަޙައްދެކޭ. ހއ. ހދ. އަށް އަޅުގަނޑު އިތުރުކުރާނަމޭ 3000 އެނދު. މިހާރު އެ ވިދާޅުވަނީ ހދ. ކުޅުދުއްފުށީގައި ސިޓީ ހޮޓަލެއް އަޅާނަމޭ. ސިޓީ ހޮޓާތޯ އަޅުގަނޑުމެން އަޅަންވީ؟ މިހެން ވަޑައިގަންނަވައި، މިބޭބޭފުޅުން ކަންތައްތައް ކޮށްދެއްވޭނަމޭ މިހެން ވިދާޅުވާއިރު، އެބޭފުޅުންގެ ޚިޔާލުފުޅަކު ނެތް، މިއަށް ކިހާވަރެއްގެ ފައިސާއެއް އަރާނެކަމެއްވެސް. ރައީސް ޔާމީން ކަންތައްތައް ކުރާތީ އަގުބޮޑުވާ ވާހަކަ ދައްކަވަނީ. ރައީސް ޔާމީން ކަންތައްތައް ކުރާތީ، އޭގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ. މިހާތަނަށް ވަޑައިގެންނެވުނު ވިއްސަކަށް ރަށުން އެބޭފުޅުން ކޮށްދެއްވާނަމޭ ވިދާޅުވެފައި ހުރި ކަންތައްތަކުގެ އަދަދު. ލޯނެއް ނަގާކަށް ބޭނުމެއްނޫން. ސަރުކާރުގެ ދަރަނި އޮތީމާ، ދަރަނިވެރިވާކަށް ބޭނުމެއްނޫން. ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ބޭނުންވާކަން މިއަދު އެބޭފުޅުންނަށް މަޖުބޫރުރީ ހާލަތުގައި އެބަ ގަބޫލުކުރަންޖެހޭ.
އެހެންވީމާ، މިހާތަނަށް ވިއްސަކަށް ރަށަށް ވަޑައިގެން، ރައީސް ޔާމީން ކޮށްފައި ހުރި ކަންތައްތަކާ ގުޅިގެން އިތުރު ކަންތައްތައް ކޮށްދޭނަމޭ ވިދާޅުވީމާ، އެބޭފުޅުން ހިސާބު ކުރެއްވިއްޔާ ރަނގަޅުވާނެކަންނޭނގެ. އަޅުގަނޑު އެ ހިސާބުވެސް ކޮށްފިން. އެއްހާސް ފައްސަތޭކަ މިލިއަން ރުފިޔާ އެބައަރާ، މިހާތަނަށް ކޮށްދެއްވަން ވިދާޅުވި ކަންތައްތަކަށް. އެއްހާސް ފައްސަތޭކަ މިލިއަން ރުފިޔާ އެބައަރާ، މިހާރު ކޮށްދެއްވަން ވިދާޅުވި ކަންތައްތަކަށް. ދެން ވިދާޅުވޭ! އަޅުގަނޑަށް ޖަވާބު ދެއްވާ، އެބޭފުޅުންގެ ތެރެއިން ހިސާބު ހައްދަވާ ބޭފުޅުން. މި ފައިސާ ދައުލަތުން ހޯދާނީ ކިހިނެއްތޯ؟ ދައުލަތް މިއޮތީ ދަރަނިވެރިވެފައި. ދައުލަތް ދަރަނިވެރިވީމާ، އެކަމާ އެބޭފުޅުން ކަންބޮޑުވަނީ. ލޯނެއް ނަގައިގެނެއް ވާކަށެއްނެތް. ފައިސާ ހޯދައިގެން ވާކަށެއްނެތް. ފައިސާ ހޯދާނެ ކަމެއް ކޮށްގެނެއް ވާކަށެއްނެތް. ފައިސާ ހޯދާނެ ކަމެއް އެހެން މީހަކު ކޮށްފިއްޔާ، އެތަން ވިއްކާލަން ބޭނުންވޭ. އެހެންވީމާ، ދެންވެސް މި ފައިސާ ހޯދަން ހުރި ހުރިހާ އެއްޗެއް ވިއްކާލާނީ. ކާޅު ހަދާނީ ހާލި. ކޮވެލި އަޅާނީ ބިސް.
والسّــلام عليكم ورحمـة اللّــه وبركاتـه. |
ތ. ދިޔަމިގިލީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތްދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު، މި ހެނދުނުގެ އުފާވެރި ވަގުތު، ދިޔަމިގިއްޔަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭ ތިޔަ ބެހެއްޓެވި ގާތްކަން ހަނދާންކޮށް، ތިޔަބޭފުޅުން ތިޔަވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އާދެ، އަޅުގަނޑުގެ މި ދަތުރުގައި ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ދިޔަމިގިއްޔަށް ގެނެސްދެވޭތީ އަޅުގަނޑު އުފާވޭ. ދިޔަމިގިއްޔަށް ވަރަށް ޒަމާންވަންދެން ދަތިވެފައިއޮތްކަމެއް، އަދި ރާއްޖޭގައި މީހުންއުޅޭ ހަމަ ހުރިހާ ރަށްރަށަށްވެސް ޒަމާންތަކެއް ވަންދެން ދަތިވެފައިހުރި ކަންތައްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިންމައިދީ، އެކަމުގެ ފަސޭހަ މިއިން ކޮންމެ ރަށަކަށް ގެނެސްދިނުމަށްޓަކައި އަޅުގަނޑު މިކުރާ ދަތުރު، މި ފުރުޞަތު އަޅުގަނޑަށް ލިބޭކަމީ، ހަމަ ތިޔަބޭފުޅުންގެ އުފަލުގައިވެސް އަޅުގަނޑު ބައިވެރިވާ ވާހަކައެއް ކަމުގައި ދަންނަވާލާނަން.
އާދެ، ދިޔަމިގިއްޔަށް މިއަދު މިއައީ، ތިޔަބޭފުޅުންނާ މިއަދު މި ބައްދަލުކުރީ، ޒަމާންތަކެއް ވަންދެން ތިޔަބޭފުޅުންނަށް ދަތިވެފައި އޮތް މައްސަލައެއް މިއީ، ނަރުދަމާގެ މައްސަލަ. ﷲގެ ރަޙްމަތާއެކީ ދިޔަމިގިލީގައި ނަރުދަމާ ނިމި، ނަރުދަމާގެ ފަސޭހަކަން ލިބިގެން ދިޔުމަކީ، ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އުފާވެރިކަން ގެންނާނެ ކަމެއް. އެކަމުގެ އުފަލުގައި އަޅުގަނޑު ބައިވެރިވަން.
ދިޔަމިގިލީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެހެން ބައެއް ވާހަކަވެސް އެބަހުރި. މިކަހަލަ އާބާދީ މެދުވަރުގެ ނޫނީ ކުދި އާބާދީތަކަށް ބޭނުންވާ ވަރަށްގިނަ ކަންކަން ހުންނާނެ. މީގެކުރީގެ ސަރުކާރުތަކުގައިވެސް، އެ ސަރުކާރުތަކަށް ފަސޭހަ މިންވަރަކަށް، ނޫނިއްޔާ ސަރުކާރުތަކަށް އެކަށީގެންވީ މިންވަރަކަށް، ކެރުނު މިންވަރަކަށް، ނޫނިއްޔާ ފުދުންތެރިކަންހުރި މިންވަރަކަށް، ކަންކަން ކޮށްދެއްވަމުންވަނީ ގެންދަވާފައި. އެހެންނަމަވެސް، އަޅުގަނޑުމެން މި ރަށްރަށާ ހަމައަށް އަންނައިރު 187 ރަށެއްގައި މީހުން ދިރިއުޅެމުންދާއިރު، ހުރިހާ ރަށަކަށް ބޭނުންވާ މިކަހަލަ އަސާސީ ޚިދުމަތްތަކެއް އޭގެ ނަތީޖާއަކުން ފުރިހަމައެއްނުވޭ. އިދިކޮޅު ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގައާއި ޚާއްޞަ މަޖިލީހުގައާއި އެބޭފުޅުންގެ އަޑު އުފުލެމުންދިޔަ ވަގުތެއްގައި، ޤާނޫނު އަސާސީ އިޞްލާޙުވެގެންދިޔަ. މުޅިން އާ ޤާނޫނު އަސާސީއެއް ހެދިގެން ދިޔައިރު، މިކަހަލަ ކަންކަމަށް ރިޢާޔަތްކުރައްވައި އަދި އޭރުއޮތް ރައީސް މައުމޫނުގެ ސަރުކާރަށް މިކަހަލަ ކަންކަން ކޮށްދެއްވުމަށް ނުކުޅެދިފައިވާކަމަށް ވަކާލާތުކުރައްވަމުން، މިކަހަލަ ހުރިހާ އަސާސީ ޚިދުމަތްތަކެއް، ނޫނީ އަސާސީ ހުރިހާ ޙައްޤުތަކެއް ލިބުމަކީ، ރައްޔިތުންގެ ޙައްޤެއްކަމަށް ކަނޑައަޅާފައި ޤާނޫނުއަސާސީގައި އަޅުގަނޑުމެން އެ ވާހަކަތައް ލިޔެ ނިންމީ.
މިއަދު ސިޔާސީގޮތުން އަޑުއުފުއްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ ހަމަ ރައްޔިތުންގެ ޙައްޤެއްވެސްމެއޭ. އެހެންނަމަވެސް، ސަރުކާރުތަކުން އެކަންކަން ކޮށްދިނުމުގައި ސަރުކާރަށް ފައިސާ ތަނަވަސްވެގެންދާ މިންވަރުން ސަރުކާރުތަކުން އެކަންކަން ކޮށްދޭ. އެއީ، ރަށަކަށް ބޭނުންވަނީ އެންމެ ކަމެއްނޫން. ދިޔަމިގިލީގައި، ހާހެއްހާ މީހުން އަދި ހަމައެއްނުވޭ. ދިޔަމިގިލީގައި މިއަދުވެސް އަޅުގަނޑަށް އެނގިގެން އެބަދޭ، އަދި ނަރުދަމާ އެޅުމަކުން ދިޔަމިގިލީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެގެން ދިޔައީކީނޫން. އަޅުގަނޑުމެން ހަމަ ވަރަށް ގިނަ ރަށްރަށުގައި ވާހަކަ ދައްކަމުން އަޅުގަނޑުމެން މިއަންނަނީ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ވާހަކަދައްކަމުން، ރަށްގިރާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ވާހަކަ ދައްކަމުން. އަޅުގަނޑުމެން ދައްކަނީ ހަމައެކަނި ވާހަކައެއްނޫން. އެކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ދައްކާ ވާހަކައަކީ، މިތައް ރަށުގެ ގޮނޑުދޮށް މިހާވަރަށް ޙިމާޔަތްކޮށްދީފީމޭ.
ޠާރީޤްގެ ވާހަކަފުޅުގައި، މި ދަތުރުގައިވެސް އަދި މީގެކުރީގެ ދަތުރުތަކުގައިވެސް އޭގެ ތަފްޞީލުތައް ދެއްވަމުން އެ ގެންދެވީ. 31,000 ކިލޯމީޓަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު މިހާރު ސަރުކާރުންވަނީ ރާއްޖޭގެ އެކި ހިސާބުގައި ހިންގާފައި. އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުތަކުން މުޅި ރާއްޖޭގައި ކުރެވިފައިއޮތްކަމަށް އަޅުގަނޑު ހަނދާންވަނީ، ތަފާސް ހިސާބުން 7 ކިލޯމީޓަރު. އޭގެ ހަތަރު ގުނަ އިތުރު ޢަދަދު މިހާރު މިވަނީ، މި ސަރުކާރުގައި މި ހިނގާ 5 އަހަރުގެ ތެރޭގައި ކުރެވިފައި.
ދިޔަމިގިލީގެ ފަރާތުން މި ދާއިރާގެ މެންބަރު ދެންމެ ވާހަކަފުޅު ދެއްކެވިއިރުވެސް އެ ހުށަހެޅުއްވި، ދިޔަމިގިއްޔަށް ދަތިވެފައިހުރި ކަންކަމުގެ ތެރޭގައި މިރަށުގައިވެސް ރަށް ގިރާ މައްސަލަ. އެއަށް ޙައްލެއް ބޭނުންވާކަމަށް. އަޅުގަނޑު ހަމައުފަލާއެކު ތިޔަބޭފުޅުންނަށް އުފާވެރި ޚަބަރެއް ދޭން ބޭނުންވޭ. އެއީ، އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު އަބަދުވެސް އަޅުގަނޑަށް ފެނިގެންދަނީ، ކުރީގެ ނާއުންމީދުވެފައިހުރި އެތައްކަމަކަށް އުންމީދުތަކެއް ލިބިގެންދާކަން، އަދި އަޅުގަނޑުގެ ޒިޔާރަތަކުން ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭ، އެކަންކަން ފުދިގެންދާނެކަން.
މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑުމެންގެ އެކި ހިސާބުގައި އޮތީ، ނާއުންމީދު. މިއަދު ސިޔާސީގޮތުން އަޅުގަނޑުމެންނާ ވާދަކުރައްވާ ބޭފުޅުން، މިވާހަކަތައް އެބަ ދައްކަވާލައްވަންޖެހޭ. އެބޭފުޅުން އޭރު ކަންކަން ކުރެއްވީ ކިހިނެއްތޯ؟ މަގުމަގުގެ ކަންމަތީގައި ތިބެގެން ދެއްކީ، ކޮން ވާހަކައެއްތޯ؟ ޑިސެންބަރުން 23 ވަނަ ދުވަހެއްގައި، އިއްތިޙާދެއް ހަދައިގެން، އޭރުއޮތް ސަރުކާރު، އެމް.ޑީ.ޕީ. ގެ ސަރުކާރާ ދެކޮޅަށް، މިހާރު އެމީހުންނާ އެއްކޮށްތިބި އެންމެން ދެއްކީ ކޮންވާހަކައެއްތޯ އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ. އަދި އެބޭފުޅުންވެސް އެކަންކަން ޚިޔާލަށް ގެންނަވަން އެބަޖެހޭ. އެކަންކަން ޚިޔާލަށް ގެނައިމާ އަޅުގަނޑުމެންނަށް އެނގޭނެ، އޭރުއޮތް ސަރުކާރުން ރާއްޖޭގެ އެކި ހިސާބަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިނުދެވުމާ އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމެއްގެ ގޮތުގައި އޮތުމަށްޓަކައި ބޭނުންވާ މުހިންމު ބަހާތަކަށް ބަލައިލުމެއްނެތި އަރައިގަންނަމުންދާތީ، އެ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި ކުރެވުނު ވަރުގަދަ ޖިހާދެއްގެ ވާހަކަ އޭރު އަޅުގަނޑުމެން ދައްކަމުން ގެންދިޔައީ. އަދި މި މަސައްކަތް، މި އިޙްތިޖާޖު މިގޮތަށް ކުރަމުން ގޮސްފައި، އޭރުއޮތް ސަރުކާރު އިސްތިޢުފާ ދެއްވާފައި ދުރަށްވަޑައިގެންނެވިކަންވެސް، ހަމަ އަޅުގަނޑުމެންނާއެކީ އޭރު ތިއްބެވި ބޭފުޅުން، މިހާރު އެހެންނަމަވެސް، އިދިކޮޅުން ޖާގަ ހޯއްދަވައިގެން މުގޯލި އަޅުއްވާ ބޭފުޅުން އެވާހަކަތައް އެ ދައްކަވަނީ. މިހާރު މުޅިން މަންޒަރު ބަދަލުވީ.
އެކަމަކު އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޙަޤީޤަތާ އެއްގޮތަށް ކަންކަން ހުރިވާހަކަ. ސިޔާސީ މީހުން ވާހަކަ ދައްކާއިރު އެކިކަހަލަ ކުލަކުލަ، ދައްކާ ވާހަކައިގައި ޖައްސާނެ. އަދި ތަންދޮރު ދަންނަ ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު އެކަން އެއަށްވުރެ މޮޅަށް ކުރައްވާނެ. އެހެންނަމަވެސް، ދިޔަމިގިއްޔަށް އައިސްފައި، ދިޔަމިގިލީގެ ވާހަކަ ދައްކާއިރު، ނަރުދަމާގެ ފަސޭހަކަން ލިބިގެންދާއިރު، ހަމަތިޔަބޭފުޅުން އިޙްސާސް ކުރައްވާ އުނދަގުލެއްގެ ގޮތުގައި މިއޮތީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މައްސަލަ، ރަށްގިރާ މައްސަލަ.
އަޅުގަނޑު ދިޔަމިގިލީގައި މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މިކަމަށް ޙައްލެއް ހޯދައިދޭން ފުރުސަތު ހޯއްދަވައިދެއްވާށޭ. ތިޔަބޭފުޅުން، މި ފުރުސަތު ހޯއްދަވައިދެއްވީމާ އިރާދަކުރެއްވިއްޔާ ދެން އަންނަ 5 އަހަރެއްގައި އަޅުގަނޑުމެންގެ ސަރުކާރެއްގެ 5 އަހަރެއްގެ ކުރީކޮޅުގައި ދިޔަމިގިލީގެ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދޭނަން. އެހެން މިދަންނަވާ ސަބަބަކީވެސް، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދާފައި އޮތް ސަރުކާރަކީ މި ސަރުކާރު. އަޅުގަނޑުމެންގެ ސަރުކާރަށް އެނގޭ، ރަށްރަށަށް ޒިޔާރަތްކުރުމުގެ ކުރިންވެސް، ރަށްރަށުގައި ދަތިވެފައިހުރީ، ކޮންކޮން ކަންތައްތަކެއްކަން. އަދި ރަށްރަށުގައި ހިނގަމުންދަނީ، ކޮންކޮން މަޝްރޫޢުތަކެއްކަން. ރަށްރަށަށް ބޭނުންވާ ކަންކަން، ނޫނީ ޒުވާނުން ބޭނުންވާ ކަންކަމަކީ ކޮބައިކަންވެސް، އަޅުގަނޑުމެން ފުރަތަމަ މެނިފެސްޓޯ ހިފައިގެން ނުކުތްއިރުވެސް އަޅުގަނޑުމެންގެ ޚިޔާލުގައިހުރި.
އެއީ ދިރާސާތަކެއް ކޮށްފައި އެކަންކަން ކުރީމާ. އަދި މިއަދު އެކިއެކި ރަށްރަށަށް ބޭނުންވާ ކަންކަމާއި، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، އަސާސެއް ނެތިއެއް ނޫން. ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، އަދި ރާއްޖޭގެ އެކި ހިސާބުގެ ރައްޔިތުންނާ ބައްދަލުކޮށް، ބައްދަލުވި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ކަންތައްތައް ހިމަނާފައި އެހެރީ. އެހެންވީމާ، ގޮނޑުދޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރު އިސްކަންދޭ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި، ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަކީ، ޤުދުރަތީގޮތުން އޭގެ ޒާތުގައި އެކަމަށް ޙައްލެއް އަންނާނެ ކަމެއް ކަމަކަށް، އިދިކޮޅު ބޭފުޅުން ޤަބޫލުކުރެއްވިޔަސް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. އަޅުގަނޑުމެން ޤަބޫލުކުރަނީ، އެކަން ޙައްލުކުރަން މަސައްކަތްކޮށްގެން ތޮށިލެވިގެން، އެކަންކަން ޙައްލުވެގެންދާނެކަމަށް. އެހެންވީމާ، ދިޔަމިގިލީގައި ތިޔަބޭފުޅުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެވިއްޔާ މިކަންކަން ޙައްލުވެގެން ދާނެއޭ.
ދިޔަމިގިލީގައި ހުރެގެން ނަރުދަމާގެ ނިޒާމެއް ފަށްޓައިދީފައި، އޭގެ ފަސޭހަ ތިޔަބޭފުޅުންނަށް ލިބި، އެ އުފަލުގައި ތިޔަބޭފުޅުން ބައިވެރިވާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ދާދި ކައިރީގައި މިތާ މިއޮތީ ގާދިއްފުށި. ގާދިއްފުށްޓަކީވެސް، އާބާދީގޮތުން ދާދި އެއްވަރުގެ އާބާދީއެއް ދިޔަމިގިއްޔާ. އެހެންނަމަވެސް، އަޅުގަނޑުގެ މިދަތުރުގެ ކަންތައްތައް ހަމަޖެހިފައި ހުރި ގޮތުން، އަޅުގަނޑު ދާން ބޭނުންވާ ހުރިހާ ރަށަކަށް ނުދެވޭ. ދިޔަމިގިއްޔަށް އާދެވުނު ކަމުގައިވީނަމަވެސް ގާދިއްފުށްޓަކަށް ނުދެވޭ. އަދި މިތާ ކައިރީގައި މިއޮތީ ގުރައިދޫ. ދާއިރާގެ ޢިއްޒަތްތެރި މެންބަރުވެސް އެބަ އިންނެވި. އެހެންނަމަވެސް، އަޅުގަނޑަކަށް މިދަތުރުގައި ގުރައިދޫއަކަށްވެސް ދެވޭނެ ގޮތެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކުރާ ރަސްމީ މަސައްކަތްތައް މަޝްރޫޢުތައް ނިންމައި އެ މަޝްރޫޢުތައް ހުޅުވައިދޭން މިކުރާ ދަތުރުތަކެއް އަޅުގަނޑު މިހާރު މި ކުރަނީ. އެހެންނަމަވެސް، މިދަތުރުތަކުގެ ތެރެއިންނަމަވެސް އަޅުގަނޑުގެ އަމިއްލަ ދަތުރުތަކެއްގެ ގޮތުގައި، ސިޔާސީ މަސައްކަތުގެ ދަތުރުތަކެއްގެ ގޮތުގައި، ބައެއް ރަށްރަށަށް، އަޅުގަނޑު ޒިޔާރަތް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އޭގެ ތެރޭގައި، ހަމަ ގުރައިދޫ ކަހަލަ ރަށްރަށްވެސް، ހިމެނޭނެކަމަށް އަޅުގަނޑު ހަމަ ޙުސައިން މަނިކަށްވެސް ދަންނަވާލާނަން.
އާދެ، މިތާ ދާދި ކައިރީގައި ގާދިއްފުށި މިއޮތީ. މިރަށުގައި ނަރުދަމާގެ ޚިދުމަތް ލިބިގެންދާއިރުގައި، އުފަލުގައި ތިއްބަވާއިރު، އަޅުގަނޑު ގާދިއްފުށީގެ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އަންނަ ފަސް އަހަރެއްގެ، ހަމަ ކުރީކޮޅުގައި ގާދިއްފުށީގައި، ނަރުދަމާގެ ނިޒާމުވެސް ގާދިއްފުށީގެ ރައްޔިތުންނަށްޓަކައި ގާއިމު ކޮށްދޭނަމޭ. މިކަމާ ދޭތެރޭގައި ހަމަ އެއްވެސް ކަހަލަ ޝައްކެއް، އެބޭފުޅުންގެ ހިތްޕުޅުގައި ނުބާއްވަން އަޅުގަނޑު ދަންނަވަން.
ކޮންމެ ރަށަކަށް އައިސް އަޅުގަނޑުމެން މި ދައްކަނީ، ތަރައްޤީގެ ވާހަކަތަކެއް. ކޮންމެ ރަށަކަށް އައިސް އަޅުގަނޑުމެން މިދަންނަވަނީ، އަޅުގަނޑުމެން މި ދައްކަނީ، ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ. ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ފުދިގެން ދިޔުމާއި ތަރައްޤީއާ އޮންނަނީ ކިހާވަރެއްގެ ގުޅުމެއްކަން އަޅުގަނޑާ ވާދަކުރައްވާ އިދިކޮޅު ބޭފުޅުންނަށް އެބަޖެހޭ އެނގިވަޑައިގަންނަވަން. އަދި އެބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާ މިންވަރެއް ރައްޔިތުން ކައިރީގައި އެބަ ވިދާޅުވާންޖެހޭ، ރައްޔިތުންގެ އަރިހުގައި އެބަ ވިދާޅުވެދެއްވަންޖެހޭ. ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް އަޅުގަނޑުމެން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތަކާ ބެހޭގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެގެން މިއައީ، ސަރުކާރެއް ދެން ހިންގަން ޙަވާލުވާ ބަޔަކު ޙަވާލުވެގެންދާއިރު އެމީހުންނަށް އޮންނާނީ ބޮޑު ދަރަންޏެއް. އެހެންވީމާ، މި ދަރަނި އޮތްލެއް ބޮޑުކަމުން، މިބޭބޭފުޅުން ކަންބޮޑުވާ ވާހަކަ މި ހުރިހާ ބޭފުޅުން ދައްކަވަމުން ގެންދެވި. އެކަމަކު، ފަހަރުގައިވެސް ކީއްތޯވާނީ އެބޭފުޅުންގެ ޚިޔާލުފުޅަށް ގެންނެވިއްޔާ އެބޭފުޅުންގެ ވެރިކަމެއް ނިންމަވާފައި އެބޭފުޅުން ރައްޔިތުންނާ ވަކިވެގެން ވަޑައިގެންނެވިއިރު އެބޭފުޅުން ދޫކޮށްލެއްވީއޭ، ދެން އަންނަ ސަރުކާރުން ފޫބެއްދުމަށްޓަކައި ދެކޮޅުނުޖެހޭ ގޮތަށް ކޮށްފައިހުރި ކަންތައްތަކެއްގެ ނަތީޖާއެއްގެގޮތުން 29 ހާސް މިލިއަން، ނޫނިއްޔާ ދެ އަހަރު ބައިގައި މުޅި ރާއްޖެއަށް ވަންނަ ޖުމްލަ ފައިސާ، އެއީ ކިތައް ނަރުދަމާތޯ، ކިތައް މަގު ހެދުމުގެ މަޝްރޫޢުތޯ، ކިތައް ބަނދަރުތޯ، ކިތައް ސްކޫލްތޯ، މިހާ ބޮޑު ދަރަންޏެއް ދޫކޮށްލާފައި އެބޭފުޅުން ރައްޔިތުންނާ ވަކިވެގެން ދިޔައީ. 29 ހާސް މިލިއަން ރުފިޔާ.
29 ހާސް މިލިއަން ރުފިޔާގެ ވާހަކަ ދައްކާއިރު، އެއީ ކިހާ ބޮޑު އަދަދެއްކަން އަޅުގަނޑު ދަންނަވާލާނަން. މިރަށުގައި، ދިޔަމިގިލީގައި، މިހިންގި ނަރުދަމާގެ ނިޒާމަށް ޚަރަދުވެފައި މި އޮތީ، އެންމެ 28 މިލިއަން. އެންމެއޭ ދެންނެވިޔަސް، މިއީ ބޮޑު އަދަދެއް. އެންމެއޭ މި ދެންނެވީ ނިސްބަތުން 29 ހާސް މިލިއަނުގެ ނިސްބަތުން. އެހެންވީމާ، މިކަހަލަ އެއްހާސް ނަރުދަމާގެ ބޮޑު ދަރަންޏެއް އެބޭފުޅުން ސަރުކާރުން ވަކިވެގެން ދިޔައިރު ރައްޔިންގެ ކަންތައްތައް ބަލަހައްޓަން އައި ބަޔަކާ ދެން މަތިކޮށްފައި ދިޔައީ. އެހެންވީމާ، ދަރަންޏާ ދޭތެރޭގައި ކަންބޮޑުވާންވީ އެބޭފުޅުންތޯ. ދަރަންޏާ ދޭތެރޭގައި އެބޭފުޅުން ކަންބޮޑުވަންޏާ އެވަރުގެ ބޮޑު ދަރަންޏެއް ދުލެއް ނުކުރާނެ. އަދި އެވަރުގެ ބޮޑު ދަރަންޏެއް ދޫކޮށްފައި ދިޔައިރު، އަޅުގަނޑުމެން ބަލައިލަން ބޭނުންވޭ، ކިތައް ރަށުގެ ނަރުދަމާތޯ އަޅައިދެއްވީ. ކިތައް ރަށުގެ ބަނދަރުތޯ ހެދުނީ. ކިތައް އެއަރޕޯޓުތޯ ހެދުނީ. އަދި ކިތައް ރަށުގެ މަގު ހެދުނުތޯ، ނޫނީ ކިތައް ސްކޫލް އެޅުނުތޯ. މިކަންކަމަކަށް ޖަވާބު ނޯންނާނެ. އެއީ، އެބޭފުޅުން ގެންގުޅުއްވާ ތަފާސް ހިސާބަކުންވެސް އެ ފެންނާކަށް ނޯންނާނެ. އެކަމަކު، ޚިޔާލީ ވާހަކައިގެ ތެރޭގައި، ވަރަށް ގިނަ ވާހަކަ ދެއްކެވިދާނެ. އެކަމަކު ޢިމާރާތެއްކޮށްފައި ހުރިއްޔާ، އެ ޢިމާރާތް ފެންނަން ވާނެ. ޚަރަދެއްކޮށްފައި އޮތިއްޔާ، ތަފާސްހިސާބުން އެ ޚަރަދު ފެންނަންވާނެ. ތަފާސްހިސާބުން ޚަރަދުކޮށްފައި އޮތީމާ، އަދި އާމްދަނީ ހޯދާފައި އޮތީމާ، އަޅުގަނޑުމެން، ޖީ.އެމް.އާރަށް އެއަރޕޯޓް ވިއްކާލި ވާހަކަ މި ދައްކަނީ. އެއީ، އެބޭފުޅުންނަށް ވަރަށް އުނދަގޫ ވާހަކައަކަށް މިހާރުވެސްވެއްޖެ. އެކަމަކު ހަމަ އެބޭފުޅުންނާއެކު މިއަދު ތިއްބެވި ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނަން. ރައްޔިތުންގެ ޙައްޤުގައި އޭރު އެބޭފުޅުން އެއަރޕޯޓު ވިއްކާލި ވާހަކަ ދެއްކެވިގޮތަށް، މިއަދު އެވާހަކަ ދެއްކެވުމުގައި ހަނުހުންނަވަނީ ކީއްވެގެންތޯ.
އެއީ، ޤާނޫނާ ޝަރީޢަތުގެ ކުރިމައްޗަށް މީހަކު ގެންދިޔައިމާ ހަނު ހުރުމުގެ ޙައްޤު އޮންނަ އުސޫލުންތޯ އެކަން ކުރަނީ. ނޫނިއްޔާ މިއަދު އެ ބޭފުޅުން އެ ވާހަކަ ދައްކަވަން ލަދުފުޅު ގަންނަނީތޯ؟ ކީއްވެގެންތޯ އެބޭފުޅުން މިއަދު އެ ވާހަކަ ނުދައްކަވަންވީ. އެ ބޭފުޅުންނަކީ އަޅުގަނޑުމެންނާއެކީ މި އިޙްތިޖާޖުގައި އެންމެ އިސްކޮށް ނުކުމެވަޑައިގެންނެވި ބޭފުޅުން. އެމް.ޑީ.ޕީ. ސަރުކާރާ ދެކޮޅަށް އެންމެ ވަރުގަދައަށް ނުކުމެވަޑައިގެންނެވި. އެއަރޕޯޓު ޖީ.އެމް.އާރަށް، ބޭރުކުންފުންޏަކަށް ވިއްކާލި މައްސަލައިގައި އެންމެ ވަރުގަދަޔަށް ވަކާލާތުކުރައްވަން އަޅުގަނޑާއެކީ ނުކުމެވަޑައިގެންނެވި ބޭފުޅުން މިއަދު އެ ތިއްބެވީ. އެހެންވީމާ، ދެން ތިޔަބޭފުޅުން ވިދާޅުވޭ، އެ ބޭފުޅުންނަށް އޭގެތެރެއަށް ވަޑައިގަތަސް އެ ބޭފުޅުންނަށް ކޮންކަހަލަ ގުޅުމެއްތޯ، ކޮންކަހަލަ ކުލުނެއްތޯ، ކޮންކަހަލަ ރަޙުމެއްތޯ، އެމް.ޑީ.ޕީ. ސަރުކާރުން އޮންނާނީ.
އިންސާނުން މިކަހަލަ ކަންކަން ނިންމާއިރު، އިންސާނުން އިންސާނުންނާ ގުޅުން ހުންނަ އިޖުތިމާޢީ ކަންކަމުގައި، އެންމެ ބޮޑުކަމެއް ނިންމަނީ، އެމީހުންގެ ހަނދާނުގެ މައްޗަށް ބިނާކޮށް. ޙަސަދަވެރިކަމުގެ މައްޗަށް ބިނާކޮށް، ނޫނިއްޔާ ގުޅުމުގެ ރަޙުމަށް ބިނާކޮށް. މިކަންކަމަށް ވިސްނާއިރު އެމީހުންނަށް އެހާ ދަތިކޮށް، މި ކަންކަމުގައި މިހާ ވަރުގަދަ ވާހަކަ ދައްކާ، އަދި ނިމިގެން ދިޔައިރު، ސަރުކާރު ބަދަލުވި ބަދަލުވުމަކީވެސް، މިކަންކަމުގެ މައްޗަށް ބިނާކޮށް އޭރު ކުރެވުނު އިޙްތިޖާޖުކަމަށް އެމް.ޑީ.ޕީ.ގައި ތިއްބެވި ވެރިން ޤަބޫލު ކުރައްވާއިރު، މިއަދު އޭރު އަޅުގަނޑުމެންނާއެކީ މުގޯލި އެޅި ބޭފުޅުން ވަޑައިގެން އޭގެ ތެރެއަށް ވަދެވަޑައިގެން ތިއްބަސް، އެބޭފުޅުންނަކަށް އެއަކުން ނޯންނާނެ ހަމްދަރުދީއެއް. މިހާރު ބައި އަޅާގޮތް އެއޮތީ ވިދާޅުވެފައި. ކޭކުފޮއްޗެއް ލިބިއްޖެކަމަށް ވަންޏާ، ބައި އަޅާނެގޮތް ކިޔައިދެވިދާނެ، ކޭކު ފޮއްޗެއް ލިބެންދެން. އެކަމަކު ކޭކުފޮތި ލިބުނީމާ ބައި އަޅާގޮތް، ކިހާވަރަކަށްތޯ ކޭކުފޮތި ފަޅާ މީހާ ދަހިވެތިވަނީ، އެއީ އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިފައި ހުރި ކަންކަން.
އެހެންވީމާ، މިއަދު ކޮންމެ ބަޔަކަށް މިވެނި ޕަސެންޓޭޖެއް ކޭކުން ދޭނަމޭ ބުނެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މީގެ ޙަޤީޤަތްވެސް، މާ ދުރު މާޒީއަކު ނޫން އަޅުގަނޑުމެންނަށް ފެނިފައި އޮތީ. ކޭކުފޮތި ބައި އެޅުނުތޯ؟ ކޭކުފޮތި ބައި އެޅިގެން އެ ކޭކުފޮތި ކައިގެން އޭގެ ރަހަ ކަރުތެރޭގައި ހަރުލާކަމަށްވަންޏާ، ޤާސިމް އިބްރާހީމް ހޯމް މިނިސްޓަރުކަމުން ތިން ހަފްތާ ނުވަނީސް ވަކިވެގެން ދިޔައީސްތޯ؟ އެހެންވީމާ، ދެން މިއަދު މިކަހަލަ ވާހަކަ ދެއްކެވީމާ ހަމަ އަޅުގަނޑުވެސް ދަންނަވާނީ، އަޅުގަނޑުމެން މި ކަންކަމާ ދޭތެރޭ ވިސްނަންވެސް ޖެހެއޭ. އަދި އެ ބޭފުޅުން އެއުޅުއްވާ ޙާލަތާ ދޭތެރޭގައިވެސް އަޅުގަނޑު ހަމްދަރުދީވެސް ވެއޭ. ގައިމު މި އަޅާ ކޭކުފޮތީގެ ބައިއެޅުން ހަމަޖެހިގެން ނުދާނެތީ ދޮގެއްތޯ މިއަދު އިދިކޮޅުން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ވަޢުދުތަކުގެ ތެރޭގައި، ނޫނީ މެނިފެސްޓޯގައި، އެންމެ ވަރުގަދައަށް ދައްކަވާ އެއް ވާހަކައަކީ، ކޯލިޝަނެއް ހިންގުން ރެގިއުލޭޓް ކުރާނަމޭ ތިމަންނަމެން. ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ޤާނޫނެއްގެ ތެރެއިން މިކަންކަން ތިމަންނަމެން ހަމަޖައްސާނަމޭ. އެހެންވީމާ، މިއޮތީ އިތުބާރު އޮތް ހިސާބު. މިއޮތީ އިތުބާރު އޮތް ހިސާބު. އެހެންވީމާ، ޤާނޫނަކުން މިކަން ރެގިއުލޭޓް ކުރާ ހިސާބަށް ދިޔައިމާ އޭގެމާނައަކީ، ދެމީހުންގެ ދޭތެރޭގައި، ދެ ލީޑަރުންގެ ދޭތެރޭގައި އަނގަބަހުން އެއްބަސްވާ އެއްބަސްވުމަކަށް އެއްވެސް ކަހަލަ އިޙްތިރާމެއް ނޯންނާނެ ވާހަކަ. އަދި އެގްރީމެންޓު ހެދިފައި ސޮއި ކުރިޔަސް، އެއްވެސް ކަހަލަ ބަލައިލުމެއް ނޯންނާނެކަން.
އަޅުގަނޑުމެން ދުށިން އޭރު ވަރަށް ވަރުގަދައަށް އެ ބޭފުޅުން ދައްކަވަމުން ގެންދެވި ޚާއްޞަކޮށް ޖުމްހޫރީ ޕާޓީން ވިދާޅުވި، މިއޮތީ އެގްރީމެންޓެކޭ، ޞައްޙަ އެގްރީމެންޓެކޭ. ފިންގަރ ޕްރިންޓް އެބައޮތޭ. ތިމަންނަމެންނަށް ލިބެންވާ ބައި ހޯދުމަށް ޝަރީޢަތަށް ދާނަމޭ. ޝަރީޢަތަކަށްވެސް ނުދިޔަ. އެހެންވީމާ، މިއަދު މި ނުކުންނަނީ އެ މައްސަލަ. މިއަދު އެމް.ޑީ.ޕީ.ގެ ބޭފުޅުން އެބަ ވިދާޅުވޭ، ކޯލިޝަން ރެގިއުލޭޓް ކުރުމަށްޓަކައި، ނޫނީ ކޯލިޝަންގެ ކަންކަން ތިމަންނަމެން މިހާރު އެއްބަސްވާގޮތަށް ގެންދިޔުމަށްޓަކައި، ތިމަންނަމެން މިކަން ޤާނޫނަކުން ނިންމާނަމޭ.
ދެމީހެއްގެ ދޭތެރޭގައި ނުވަތަ ދެބައެއްގެ ދޭތެރޭގައި ހުންނަ މިކަހަލަ މުޢާމަލާތް، އިތުބާރަށް ކަމަށް ބުނެ، ބިނާކުރާ މުޢާމަލާތް ޤާނޫނަކުން އެކަންކަން ނިންމާ ހިސާބަށް ދިޔައިމާ އޭގެ މާނަ އެބަ އެނގޭ. އެގްރީމެންޓު ކުރުމާ ހަމައިން، އިތުބާރު ނެތްކަން އެބޭފުޅުން ޤަބޫލުކުރައްވާ ވާހަކަ އެ ވިދާޅުވަނީ. އެކަން އަދި އެބޭފުޅުން ދައްކަވައިވެސްފި. އެންމެ 18 މަސްދުވަހަށް ވަޑައިގަންނަވާ ވެރިއަކަށް، ވަޑައިގަންނަވަން އުޅުއްވާ ބޭފުޅަކަށް ކިހިނެއްތޯ މިކަހަލަ ކަންކަން ކުރައްވާނީ. އެކަންކަމެއް ނުކުރެއްވޭނެ.
އެއަރޕޯޓު ވިއްކާލި ވާހަކަ އަޅުގަނޑުމެން މިއަދު ދައްކަމުން ގެންދާތީ، މިއަށް އެބަ ކޮންމެވެސް ތަފްޞީލެއް ދެއްވާ. ނޫނެކޭ ތިމަންނަމެން ވިއްކާލީކީ ނޫނޭ. އެކަމަކު ތިމަންނަމެންނަށް އަތެއް ނުލެވޭނެއޭ، އެތަން ހިންގަންވާނެ ގޮތަކާ ދޭތެރޭ އެއްޗެއް ނުބުނެވޭނެއޭ، އެތަނުގައި ތިބެންވާނީ ދިވެހި މުވައްޒަފުންކަމެއް ނުބުނެވޭނެއޭ، އެތަނުން ނަގަންވާނެ ޓެކްސްގެ ޢަދަދެއް ނުބުނެވޭނެއޭ، އެތަނަށް ޖައްސަންވާނީ ކޮން ޤައުމެއްގެ އެއަރލައިނެއް ކަމެއް ނުބުނެވޭނެއޭ، ތިމަންނަމެންގެ އެއްޗެކޭ، އެކަމަކު ތިމަންނަމެންނަކަށް އެއްވެސް އެއްޗެއް ބުނުމުގެ ބާރެއް ނެތޭ. އެހެންވީމާ، ތިމަންނަމެން ދިނީ، ދިގު މުއްދަތަކަށް ކުއްޔަށޭ. ބާރު ނުފޯރާގޮތަށް، ރާއްޖޭގެ ސަރުކާރުގެ ސިޔާދަތު ނުހިނގާގޮތަށް ދޫކުރާ ކޮންމެ އެއްޗަކީ، އަޅުގަނޑުމެންގެ ބާރެއްނެތް، އެހެންބައެއްގެ ބާރު އޮންނަ ކޮންމެ އެއްޗަކީ، އެބަޔަކު އެ މުދަލަކަށް ތަޞައްރަފުކުރަން ބޭނުންވާ ގޮތަކަށް ތަޞައްރަފުކުރުމަށް ދޫކޮށްލެވޭ މުދަލެއް. އެއީ ވިއްކާލުމެއް. ދިގު މުއްދަތަކަށް ކުއްޔަށްދިނުމަކީ، ހަމަ އެގޮތަށް ވިއްކާލުމެއް.
ދެން އެވާހަކަ ދައްކާއިރު ދެކެވޭ ވާހަކައެއް އެބައޮވޭ. އޭރުގެ ބަންޑާރަނައިބަކަށް ހުންނެވި ބޭފުޅަކު، ނޫނީ ރައީސް ވަޙީދުގެ ސަރުކާރުގެ ބަންޑާރަނައިބަކަށް ހުންނެވި ބޭފުޅަކު އެބަ ވިދާޅުވެއޭ، ޢާޒިމާ ޝުކޫރުގެ ނަން ވިދާޅުވެފައި ވިދާޅުވަނީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ވަރުގަދަ ޤާނޫނީ ބޭފުޅެއް ޢާޒިމާއަކީ. އެހެންވީމާ، ޢާޒިމާ އެ ވިދާޅުވި ވާހަކައަކަށް، މިއަކުން ރައްދެއް ނުދެވެއޭ އެބޭފުޅުން ރައްދު ދެއްވަން ވިދާޅުވިޔަސް. ޢާޒިމާ ވިދާޅުވަމުން ގެންދެވީ، އެގްރިމެންޓް ކުރި ހިސާބުން އެއީ ޞައްޙަ ނޫން އެގްރިމެންޓެކޭ. ތެދެއްމެ، އެގްރިމެންޓްކުރި ހިސާބުން މިކަހަލަ ކަންކަމުގެ އުސޫލަށް ބަލާކަމަށްވަންޏާ، އެއީ ލޯޔަރެއްގެ އޮޕީނިއަން. އެއީ ޞައްޙަ އެގްރިމެންޓެއް ނޫނޭ ވިދާޅުވީ.
އެހެންވީމާ، ރައީސް ޔާމީން ކީއްވެގެންހޭ މިދައްކަނީ، 320 މިލިއަން ޑޮލަރު ބަދަލު ދޭންޖެހުނު ވާހަކަ. އެއީ، މިބޭފުޅުންގެ ހަމަ ހުންނަގޮތް. 320 މިލިއަން ޑޮލަރުގެ ބަދަލު ދޭންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަކީ އިންޑިޔާ ކަނޑުގައި، ބޭރުގެ އިންވެސްޓަރުން ގެނެސްގެން ބޭރުގެ ފަރާތްތަކާއެކީ މުޢާމަލާތު ކުރާއިރު، އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއާ ދޭތެރޭގައި ކުރިއަށް އޮތް ތާނގައިވެސް އޮތުމަށްޓަކައި، ޤާނޫނީ އުސޫލުން ކަންކަން ނިންމާ ބައެއް. އަޅުގަނޑުމެންނަކަށް އެފައިސާ ނުދައްކާ ދެކޮޅެއް ނުޖެއްސޭނެ. އަދި އެ އެގްރިމެންޓަކީ، އެހެންއޮތް އެގްރިމެންޓެއްކަމަށް ބައެއް ލޯޔަރުންގެ ނަޒަރުގައި އޮތް ނަމަވެސް، އެ އެގްރިމެންޓުގެ މާއްދާއާ ބެހޭ މައްސަލައެއްޖެހި އެއްވެސްކަމެއް ވެއްޖެކަމަށްވަންޏާ ދެ ފަރާތުން ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއެކީ ޙައްލެއް ހޯދައި ނުދެވިއްޖެ ކަމަށްވަންޏާ، ދާންވާނީ ބައިނަލްއަޤްވާމީ އާރބިޓްރޭޝަނަށޭ. އެހެންވީމާ، މިކަހަލަ ބޮޑެތި ވިޔަފާރީގެ މުޢާމަލާތްތައް ކޮށްފައި، އެ މުޢާމަލާތްތަކުގައި ކަނޑައަޅާފައި ހުންނަ ގޮތަށް ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނޯންނާނެ އެކަން ނިންމޭކަށް. މިއީ ދައުލަތެއް. މި ދައުލަތް މި ހިންގަނީ، ޤާނޫނާއި އެއްގޮތަށް. އަދި މި ދައުލަތް މި ހިންގަނީ ޤާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަންތައްތައް ދިވެހިރާއްޖޭގައި ކަށަވަރު ކޮށްދިނުމުގެ އިތުރަށް، ޤާނޫނުން ބޭރު މީހުންނަށް ދޭ ޙިމާޔަތް، ޚާއްޞަކޮށް ފޮރިން އިންވެސްޓަރުންނަށް، އިންވެސްޓްމެންޓްތަކަށް ދޭ ޙިމާޔަތްވެސް ކަށަވަރުކޮށްދެމުން. މި އިންވެސްޓްމެންޓަށް ދޭ ޙިމާޔަތް ކަށަވަރުކޮށްދޭތީ ދޮގެއްތޯ، މި ސަރުކާރުގައި، އެއަރޕޯޓާ ދާދި ކައިރީގައި 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހަދައިގެން އެ އުޅެނީ. އެއީ، މި ސަރުކާރުން އިންވެސްޓްމެންޓް ކަށަވަރުކޮށްދޭނެކަން އެނގޭތީ. މި ސަރުކާރުން ނާއިންސާފުން، ނޫނީ ޙައްޤެއް ނެތްގޮތުގައި މިމީހުންގެ މުދަލަށް އަރައިނުގަންނާނެކަމުގެ ގެރެންޓީ އޮންނާތީ. އެހެންވެގެން ރާއްޖެއަށް ބޭރުގެ މީހުން އަންނަނީ.
އެހެންވެ ޖީ.އެމް.އާރު.ގެ މައްސަލައިގައިވެސް މިވާގޮތަކީ، އެގްރިމެންޓުގައި އާރބިޓްރޭޝަނަށް ދާންޖެހޭނެކަމަށް އޮތީމާ، އެއީ އެއްކޮޅުން ސަރުކާރު ސޮއި ކޮށްފައި އޮތް އެގްރިމެންޓެއް. ދެން މިހެން ބުނާއިރަށް ވިދާޅުވާނެ، ނޫން، ސަރުކާރެއް ނޫނޭ އެމް.އޭ.ސީ.އެލް.އޭ. އެމް.އޭ.ސީ.އެލް.އަކީ ސަތޭކައިން ސަތޭކަ ސަރުކާރުގެ ކުންފުންޏެއް. އެހެންވީމާ، އެމް.އޭ.ސީ.އެލް.އިން އުފުލަންޖެހޭ ކޮންމެ ބުރައެއް، ޤާނޫނީ ކޮންމެ ޒިންމާއެއް އުފުލަންޖެހެނީ އާޚިރުގައި، ސަރުކާރުން. އެއީ، ސަރުކާރުގެ ސިއްކަޖެހިގެންދާ އެއްޗަކަށްވާތީ. އެހެންވީމާ، އާރބިޓްރޭޝަނަށް ދިޔައިމާ، އާރބިޓްރޭޝަނުގައި ތިބޭނީ އަޅުގަނޑުމެންގެ ފަނޑިޔާރުންނެއްވެސް ނޫން. ދުނިޔޭގެ މިކަހަލަ ކަންކަމަށް އެންމެ ފުންނާބު އުސް ލޯޔަރުންނާއި ފަނޑިޔާރުން ތިއްބަވަނީ. އެ ނިންމާ ނިންމުމެއް އަޅުގަނޑުމެން ޖެހޭނީ ގަބޫލުކުރަން. އެއީ، އަޅުގަނޑު ދަންނަވާލާނީ އެމް.ޑީ.ޕީ. ބޭފުޅުންނަށް، ކީއްވެގެންކަން އެބޭފުޅުން ކުރެއްވި މޮޅު ވިޔަފާރީގެ މުޢާމަލާތަކުން ނިމިގެންދިޔައިރު، މުޅިސަރުކާރު ދަރަނިވާވަރުގެ ބޮޑު އަދަދަކުން އަޅުގަނޑުމެން ބަދަލު ދައްކަންޖެހުނު ސަބަބު، މިދަންނަވާލީ.
އެހެންވީމާ، މިކަހަލަ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ސިޔާސީ މޫސުމެއް، ސިޔާސީ ދުވަހެއް ކުރިއަށް އޮތީ. ސިޔާސީ ދުވަހަކަށް ވީނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނީ، ސިޔާސީ ދުވަހަކަށްވަނީ، ރައްޔިތުންގެ ވޯޓަކަށް އަންނަ ދުވަސް. އެކަމަކު އެދުވަހުގެ ވޯޓުގެ ނަތީޖާއާ ދޭތެރޭގައި ވިސްނާކަމަށްވަންޏާ، އަޅުގަނޑު ހަމަ ދިޔަމިގިލީގައިވެސް ދަންނަވާލަން ބޭނުންވަނީ، އެއީ ސިޔާސީ ވޯޓެއްކަމަށް ވިސްނާވަޑައިނުގަންނަވާށޭ. އެއީ، އަޅުގަނޑުމެން ރައްކާތެރިކުރަން ބޭނުންވާ އެތައްބައިވަރު މަޞްލަޙަތުތަކަކާއި، އަޅުގަނޑުމެން ޙިމާޔަތްކުރަން ބޭނުންވާ ޤައުމީ އެތައް އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، އެކަންކަން އޮންނަންވީ ގޮތުގެ މިސްރާބު ކަނޑައަޅާ ދުވަސް. ދިވެހިރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ؟ ދިވެހިރާއްޖޭގައި ތިބޭނީ ސަތޭކައިން ސަތޭކަ އިސްލާމުންތޯ؟
އަޅުގަނޑު މިވާހަކަ ދައްކާތީ، އަޅުގަނޑުގެ އިދިކޮޅު ބޭފުޅުންނަށް ކަންބޮޑުވޭ. ކޮންކަމަކާތޯ މިކަމާ ކަންބޮޑުވަނީ؟ އެއިން ކޮންމެ ބޭފުޅަކު ޝަހާދަތް ޤާއިމުކުރައްވާ ކަމަށްވަންޏާ، ހަމަ ވިދާޅުވާންވީ ނޫންތޯ، ދިވެހިރާއްޖޭގައި ތިބޭނީ ސައްތައިންސައްތަ މުސްލިމުންނޭ. އަދި އެބޭފުޅުންނާއެކީ މަސައްކަތްކުރައްވާ ފައުޖުގެ ތެރޭގައި އެބަ ތިއްބެވި ޢިލްމުވެރިން. އެ ޢިލްމުވެރިންވެސް އެބޭފުޅުންނަށް ދަންނަވަންވާނެ ނޫންތޯ، ތިމަންނަމެން ބޭނުމެއް ނޫނޭ މިނޫން އެހެން ގޮތެއް. ތިމަންނަމެން ބޭނުމެއް ނޫނޭ، ދިވެހިރާއްޖޭގައި އެހެން ދީނަކަށް ޖާގަދޭކަށް. އަދި އެހެން ދީނުގައި އަޅުކަންކުރާ ފައްޅިތަކަށާއި، އެހެން ދީނުގައި އަޅުކަންކުރާ ޗަރޗްތަކަށް ތިމަންނަމެން ބޭނުމެއް ނޫނޭ ޖާގަދޭކަށް. ކީއްވެގެންތޯ ބުނަންނުކެރިގެން މިއުޅެނީ؟
އެހެންވީމާ، މިކަންއޮތީ ޙަޤީޤަތުގައިވެސް މިހެންކަމަށްވަންޏާ، ދިވެހި ރައްޔިތުންގެ ތާއީދާއި، ވޯޓު ހޯއްދަވަންޏާ އެބޭފުޅުން އެބަޖެހޭ ވިދާޅުވާން، ތިމަންނަމެންގެ ސަރުކާރެއްގައި، އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަމޭ. އަދި ތިމަންނަމެންގެ ސަރުކާރެއްގައި، ދިވެހި ދައުލަތުގެ ހުރިހާ މީހުންނަކީ، ސައްތައިންސައްތަ އިސްލާމުންގެ ގޮތުގައޭ ތިމަންނަމެން ބައިތިއްބަން ބޭނުންވަނީ. މިހެން ވިދާޅުވާންވާނެ. ކީއްވެގެންތޯ ވިދާޅުނުވެވިގެން އެއުޅުއްވަނީ؟
އެހެން ވިދާޅުނުވެވިގެން އުޅުއްވާ ސަބަބު، އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ވިސްނާ ކޮންމެ ބަޔަކަށް، ސުރުޚީތަކުން، ނޫސްތަކުން، ކަންކަންބަލާ މީހުންނަށް އެބަ ސާފުކޮށް އެބަފެނޭ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް، އެކިއެކި ދިމާއިން ފިއްތުންތައް މި އަންނަނީ؟ ރާއްޖޭގައި ހިނގާ ކަމަކުންތޯ ރާއްޖޭގައި މިއޮންނަ ސިޔާސީ، އިލެކްޝަނަކަށް، ނޫނީވިއްޔާ އިންތިޚާބަކަށް އަސަރު ފޯރަނީ؟ ބޭރުގެ ފިއްތުންތަކުން ރާއްޖޭގެ ސިޔާސީ އިންތިޚާބަކަށް އަސަރެއް ނުފޯރާތޯ؟ އަޅުގަނޑުމެން އެކްސްޕޯޓްކުރާ އެއްޗިއްސަށް ކޮންމެ އިރަކު، އެކްސްޕޯޓް ކުރުން މަނާވެދާނެކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަޅުގަނޑުމެންގެ އެކި ފެންވަރުގެ މީހުން، އެކި ޤައުމުތަކަށް ޒިޔާރަތްކުރުމަށް ހުރަސްއަޅާނެ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ޖަހަމުން އެބަދޭ. އަދި މިނޫންވެސް ދަތިކުރުމުގެ އެކިކަހަލަ ކަންތައްތައް ކުރެވިދާނެކަމުގެ އިންޒާރު ކުރަމުން އެބަދޭ. މިއީ، ނުފޫޒު ފޯރުވުމެއްނޫންތޯ އިންތިޚާބަކަށް؟ މިއީ، ޤައުމެއްގެ ދާޚިލީ ކަންކަމަށް ބާރު ފޯރުވަން ކުރާ މަސައްކަތެއް ނޫންތޯ؟
ކީއްވެގެންތޯ މި ކަންކަން ކުށްވެރި ނުކުރެވެންވީ. އިއްޔެ އަޅުގަނޑު ދުށިން ސުރުޚީއަކުން އަޅުގަނޑުމެންގެ އެމް.ޕީ.އަކު ދެއްވާފައި އޮތް އިންޓަރވިއުއެއް. ރާއްޖޭގެ ދާޚިލީ ކަންކަމަށް އެކިފަރާތްތަކުން މިހާވަރަށް ބެހެމުންދާއިރު، ކީއްވެގެންބާއޭ މިކަންކަން މި ހިނގަނީ ރަނގަޅަށްތޯ ނޫނީވިއްޔާ، މިކަން މިހެން ކުރެވިގެން ގޮސްގެން ނުވާނެކަމަށް މިކަން ކުށްވެރިކޮށް އިދިކޮޅު މެންބަރުން، އިދިކޮޅު ކެންޑިޑޭޓުން އެއްޗެއް ވިދާޅުނުވަނީ. ބަހެއް ވިދާޅުނުވަނީ ކީއްވެގެންތޯ. އެބޭފުޅުން ނުވިދާޅުވާނެ ބަހެއް. އެބޭފުޅުންނަކަށް އެ ބަހެއް ވިދާޅުވެވޭކަށް ނޯންނާނެ. ހަމަ އެ ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތަށް އޮންނަންވާނެކަމަށް އެ ބޭފުޅުންނަށް ވިދާޅުވާން ކެރިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ. އެކަމަކު މިތާ ތިބީ މުސްލިމުން. ތިޔަބޭފުޅުން ވިދާޅުވޭ، ތިޔައިން ބޭފުޅަކަށް މި ލަފުޒު ދުލުން ބޭރުކޮށްލަން އުނދަގޫތޯ؟ ހަމަ ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނެ. ތިމަންނާމެން ބޭނުމީ، ތިމަންނާމެންގެ ދައުލަތަކީ، ތިމަންނާމެންގެ ރާއްޖެއަކީ، ސަތޭކައިންސަތޭކަ އިސްލާމުން އުޅޭ އަދި އިސްލާމީ އުސޫލުތަކުގެ މައްޗަށް އެ ބަޔެއްގެ އާދަކާދަޔާއި އެބަޔެއްގެ އުޅުމާއި އެބަޔެއްގެ މުޢާމަލާތު، ދެމިއޮންނަ ތަނަކަށްވާށޭ ބޭނުންވާނީ. އެކަމަކު މިކަންކަން ކުރަންނުކެރިގެން މިއުޅެނީ.
ސިޔާސީ ވާހަކަ ދައްކާއިރު އަދިވެސް، ހަމަ އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް. އަޅުގަނޑުމެންގެ ސަރުކާރަށް އެންމެ ބޮޑަށް އަމާޒުވާ ކަންކަމާ ބެހޭގޮތުން އަޅުގަނޑު ވާހަކައެއް ދަންނަވާލާނަން. އެއްވާހަކައަކަށް މިއޮތީ، އަޅުގަނޑުމެން ހަދާ ބިނާކުރަމުންދާ ބައެއް ޢިމާރާތްތަކުގައި ކަރަޕްޝަން އުޅޭ ވާހަކަ. މިސާލަކަށް، ދަރުމަވަންތަ ހޮސްޕިޓަލް އެހާ އުސް ޢިމާރާތެއްގެ ގޮތުގައި އެހާ އަވަހަށް ނިމިގެންދިޔައިމާ، މިއީ، މި ބޭފުޅުންނަކަށް ހަޖަމުކުރައްވާކަށް މާ ފަސޭހަފުޅު ކަމަކަށްނުވި. އަދި މިތަނުން ލިބޭ ޞިއްޙީފަރުވާގެ ފުރިހަމަކަމުން މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ ގިނަ ދަތުރުތަކުގެ ނިމުމެއް އަންނާނެކަމަށް އަޅުގަނޑުމެން މި ވަކާލާތު ކުރަމުންދާތީ، މިއީ، އަޑުއަހާކަށް ފަސޭހަ ވާހަކައަކަށްނުވޭ. އެ އަޑުއަހަން ފަސޭހަނުވާ ގޮތަކީވެސް، އަޅުގަނޑު ދަންނަވާލާނަން. އެ ބޭފުޅުންގެ ތިން އަހަރުގެ ވެރިކަން ނިމިގެންދިޔައިރު، ރަށްރަށުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި ޞިއްޙީ މަރުކަޒުތައް ހުރި ފެންވަރު. ރަށްރަށުގެ ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަށްރަށުގައި ބޭސް ފިހާރައެއް، ސަރުކާރުގެ ބޭސްފިހާރައެއް ނެތްކަން. އަދި އާސަންދަ ހިނގާފައިއޮތް މިންވަރާ ނުހިނގާ މިންވަރު، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ.
އަޅުގަނޑުމެން މިތަންތަނަށް ޒިޔާރަތްކުރިން. އަޅުގަނޑުމެން ތަންތަނަށް ޒިޔާރަތްކުރީމާ، ޒިޔާރަތްކުރާއިރު، ހޮސްޕިޓަލުތަކުގައި ނޫނީވިއްޔާ ޞިއްޙީ މަރުކަޒުތަކުގައި ދޮރުތަކުން ބިއްލޫރިގަނޑު ނެއްޓުނީމާ ބިއްލޫރި ލައްވައިނުދެވިފައިހުރީ. ޕްލައިވުޑް ފިލައިން ބައްދާފައިހުރި ތަންތަންހުރީ. އަޅުގަނޑު ލޮލުން ދުށިން މިތަންތަން. އެހެންވީމާ، އެހާ ހާލަތުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ އޭރު އޮތީ. އެހެންވީމާ، މި ދާއިރާއަށް މި ދެންނެވި ކަހަލަ އުސް ތަރައްޤީއެއް އަންނަކަމަށްވަންޏާ އަދި އަޅުގަނޑުމެން ބަލައިލީމާވެސް ނުފެންނަ ވަރަށް އިސްނަގަންޖެހޭ ކަމަށްވަންޏާ އެބޭފުޅުންނަށް އުނދަގޫވާނެ. އެބޭފުޅުންނަށް އުނދޫވާނެ، އެހެންވީމާ، ބޭނުންފުޅުވެދާނެކަންނޭނގެ ފަހަރުގައި މިތަން ޞިއްޙީ ފަރުވާ ދޭތަނަކަށްނުވެ، މިނޫން އެހެން ކޮންމެވެސް ގޮތަކަށް ޓޫރިސްޓް ރިޒޯޓެއް ހަދަން، ޓޫރިސްޓް ހޮޓަލެއްހަދަން، ނޫނީ މިނޫން އެހެންވެސް މެހްމާންދާރީގެ ދާއިރާކަމަކަށް އެބޭފުޅުންގެ ބޭނުންވެދާނެ ޚާއްޞަ ކުރައްވަން.
އެކަމަކު މި ޢިމާރާތާ ދޭތެރޭގައި ދައްކަވާ ވާހަކައިގެ ތެރޭގައި ވިދާޅުވަނީ، މިއީ ހުސް ކަރަޕްޝަނޭ. އެންމެ ފަސޭހައީ ދުލުން ލަފުޒެއް ބޭރުކޮށްލުން. އަޅުގަނޑުމެންނަކީ ޤާނޫނު ހިނގާ ދައުލަތެއް. މިހުރިހާ ކަމެއް މިހިނގަނީ، ޤާނޫނާ ޚިލާފަށްކަމާ އިންޞާފައެއްނެތި ކަމަށް އެބޭފުޅުން ވިދާޅުވެ ވަކާލާތުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި އިންޞާފު ހޯދަންވީމާ، ތިޔަބޭބޭފުޅުން ކުރައްވަނީ ކީއްތޯ؟ އިންޞާފު ހޯދަންވީމާ އެބޭފުޅުން މިތަނުގައި ހަޑި އަޑުން ވާހަކަ ދައްކަވަނީތޯ؟ ނޫނީ އިންޞާފު ގެއްލިގެންދާ ކަމެއްގައި އިންޞާފުހޯދަން، އެ ހިނގެން އޮންނަ މަގުން ހިނގެނީކީ ނޫންތޯ؟ އެއިން ކޮންމެ ބޭފުޅަކު، ވަރި ކައިވެނި ސާބިތުކުރައްވަނީ ކިހިނެއްތޯ؟ އެބޭފުޅުން ކުރައްވާ އިޢުލާނަކުންތޯ؟ ހަމަ މިކަމަށް އޮންނަ ޤާނޫނީ އުޞޫލުގެ ތެރެއިން ނޫންތޯ މިކަންކުރަނީ. އެބޭބޭފުޅުންނަށް މުސާރަ ލިބެންވާ ވަރަށް މުސާރަ ނުލިބުނީމާ، އެބޭފުޅުން މުސާރަ ހޯއްދަވަނީ ކިހިނެއްތޯ؟ ވަޒީފާއިން ވަކިވީމާ، ލޭބަރ ޓްރައިބިއުނަލްއަށް ވަޑައިގަންނަވާނެ. ދުނިޔަވީ މިކަހަލަ ކޮންމެ ކަމެއްގައި އެބޭފުޅުން ވިދާޅުވާނެ، އިންޞާފު ނެތިއްޔާ ތިމަންނާމެން އިންޞާފު ހޯދާނަމޭ. އެއީ، ޗާޓުގެ ތެރޭގައި ނޫނީ ޤާނޫނާއި، އުފެދިފައި އޮންނަ އުޞޫލުތަކުގެ ތެރޭގައި ކަންތައްކުރާތީ.
އެހެންވީމާ، މިކަހަލަ ކަންކަމުގައި ބޮޑެތި ކަރަޕްޝަން ހިމެނޭކަމަށްވަންޏާ، އެންމެ ފަސޭހައިން ރައްޔިތުންނަށް ވިސްނައިދޭން ރައީސް ޔާމީނަކީ މިކަހަލަ ކަންކަން ޓޮލޮރޭޓުކުރާ، ނޫނީ މިކަހަލަ ކަންކަން ވިޔަސް އެންމެރަނގަޅު މީހެއްކަން ދެއްކުމަށްޓަކައި، ވޯޓުގެ ކުރިން އަޅުގަނޑު ބަލިކުރަން ފަސޭހަވާނީ، މިކަހަލަ މައްސަލަތައް ހިފައިގެން އޭ.ސީ.ސީ.އަށް ދިޔައިމާނޫންތޯ؟ އޭ.ސީ.ސީ.އަށް ގޮސްފައި ސާބިތުކުރައްވަން ވީނޫންތޯ އޭގައި ހިމެނޭ ކަރަޕްޝަނެއް. އެ ހިސާބުން އަޅުގަނޑު އެއަށް ޖަވާބުދާރީވާން ދަތިވާނެކަންވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެހެންވީމާ، އެބޭފުޅުންގެ ތެރެއިން ދޮގެއްތޯ؟ އެންމެ ބޮޑަށް އެމް.ޑީ.ޕީ. ސަރުކާރުގެ ތިއްބެވި ވަޒީރުންގެ ކަރަޕްޝަނުގެ ވާހަކަ ޗާޓުތައް ހައްދަވައިގެން ޖަލްސާތަކުގައި ދެއްކެވީ. އެބޭފުޅުން ދޮގެއްތޯ، އެކި ކުލަކުލައިގެ އެކި މީހުން ނަގައިފައިހުރި އެމީހުން ދީފައިހުރި ފައިސާގެ ވާހަކަ ދެއްކެވި މީހުން ދޮގެއްތޯ އެތާ ތިއްބެވީ. އެހެންވީމާ، މިކަހަލަ ކަންކަމުގެ ވާހަކަ މިހާރު އެހެން ވިދާޅުވެލެއްވިޔަސް، އަދި ފަރަކުނުޖެހޭނެ. މީގައި ރަނގަޅުގޮތަކަށްވާނީ، އެބޭފުޅުންވެސް ހިނގަން އޮންނަ މަގުން ހިންގަވާ. މި ސަރުކާރުގައި މިއުޅޭ މިކަހަލަ ކަންތަކުގެ ވާހަކަތައް އެބޭފުޅުން ދައްކަވާ. އެމް.އެމް.ޕީ.އާރް.ސީ.ގެ ވާހަކަ ދައްކަވާއިރު، އަޅުގަނޑު ހަމަ އެބޭފުޅުންނާވެސް ދިވެހި ރައްޔިތުންނާ ސުވާލުކޮށްލާނަން. އެމް.އެމް.ޕީ.އާރް.ސީ.ގެ ކަރަޕްޝަން އޮތްކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަކު ކަރަޕްޝަން އޮވެގެން އެއަށް ޙައްލެއް ހޯދަން ނޫނީ އެކަން ހުއްޓުވަން އެބޭފުޅުންތޯ ޝަރީޢަތަށްވަޑައިގަތީ. އެބޭފުޅުންތޯ މައްސަލަ ހުށަހެޅީ. ދިވެހި ރައްޔިތުންގެ ޙައްޤުގައި މިއިން އެއްވެސްކަމެއް އެބޭފުޅުން ނުކުރައްވައޭ. ހަމަ ސަރުކާރުން އެ މައްސަލަ ތަޙުޤީޤުކުރީވެސް، ސަރުކާރުން އެ މައްސަލަ ޝަރީޢަތަށް ފޮނުވީވެސް. އެވަރުގެ ބޮޑު ކަރަޕްޝަނެއް ދިޔައިރު، އަދި ރައްޔިތުންގެ ޙައްޤުގައި މިވަރު ކަންކަން ޙިމާޔަތްކުރަން ރައްޔިތުންނަށްޓަކައި މަންފާ ހޯދާނެ ކަންތައްތަކުގެ ވާހަކަފުޅު ދައްކަވާއިރު، އެއިން އެއްވެސްކަމެއް ހިނގައިދިޔައިރަކު، އެއިން ބޭފުޅަކު ބޭނުންފުޅެއް ނުވިއޭ، އެކަންކުރަން.
އެހެންވީމާ، މިއަދު ޕޯޑިއަމްތަކުގައި ތެދުވެވަޑައިގެން އިންޞާފެއްނެތޭ ވިދާޅުވީމާ، އިންޞާފު ޤާއިމުކުރާނީ ސިޔާސީ މީހުންނެއްނޫން. އަޅުގަނޑުމެންގެ ޢަދުލުގެ ނިޒާމު ނޫނީ ޤާނޫނުއަސާސީގައި އެކަން ކަނޑައަޅާފައި އޮތްގޮތަކަށް އިންޞާފު ޤާއިމުވެގެންދާނީ. އިންޞާފު ޤާއިމުވެގެންދާނީ ކޯޓުތަކުން. އެހެންވީމާ، ސިޔާސީ މީހުން ދައްކާ ވާހަކައަކުން އިންޞާފު ޤާއިމުވެގެންނެއް ނުދާނެ. އަދި ސިޔާސީ މީހަކު ތެދުވެ، މިވެނި މީހަކު އެއީނީ ޖަލުގައޭ އޭނާއަށް ޙުކުމެއް އައިއްސިއޭ. އެއީ، އިންޞާފެއް ނޫނޭ. އޭނާ ޖެހޭނީ ވީއްލާށޭ، ބުންޏަސް، އެކަން ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހަކަށް ފަސޭހަކަމެއްނޫން. އެއީ، ރައީސުލްޖުމްހޫރިއްޔާއަކީވެސް މިކަންކަން ޤާނޫނުގެ ތެރެއިން ކަންތައްތައްކުރަން ޤާނޫނު ލާޒިމުކުރާ ފަރާތެއް. އެހެންވީމާ، އިންޞާފު ނެތްވާހަކަ ދައްކަވަންޏާ، އިންޞާފުނެތްކަން ސާތިބުކޮށްދެއްވަންވީ ޕޯޑިއަމުގެ ފަހަތަކުނޫން. އެއަކުންނެއް ލިބޭނެ އިންޞާފެއް ނޯންނާނެ. އިންޞާފެއް ނެތްކަން ސާބިތުކޮށްދޭން ޖެހޭނީ ރައްޔިތުންނަށް ދަލީލުވާ ހާމަކަން ބޮޑުގޮތެއްގައި ކޯޓަށް ވަޑައިގަންނަވައިގެން އިންޞާފުނެތް މައްސަލައެއްގައި އިންޞާފު ހޯއްދަވަން ވަކާލާތުކުރައްވައިގެން، އެބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމުނީމާ. އެބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމުނީމާ ރައީސް ތަންފީޛު ކުރަންޖެހޭ ގޮތަކަށް އެކަންކުރާނެ.
ރައްޔިތުންނަށް މި މޫސުމުގައި އޮޅުވާލުމަށްޓަކައި މިކަހަލަ ވަރަށްގިނަ ވާހަކަ ދައްކާނެ. އެކަމަކު ރައްޔިތުން ޤަބޫލުކުރައްވަން އަޅުގަނޑު ހަމަ ތިޔަބޭފުޅުން އަރިހުން އެދޭކަމަކީ، މިހެން މި ދައްކާ ވާހަކަތައް ދައްކާއިރު، ކީއްވެގެންތޯ، އިންޞާފެއްނެތި އަނިޔާވެރިކަންއޮވެ، މި ހުރިހާކަމެއް ވެގެންދާއިރު، މި ސިޔާސީ އެންމެފަހު ދެތިން ހަފުތާއަކަށްވީމާ، މި ހުރިހާ ވާހަކައެއް މި އަންނަނީ. ކީއްވެގެންތޯ އެ މީހުން ރައްޔިތުންނަށް އެހާ ހެޔޮއެދޭ ކަމަށްވަންޏާ، ރާއްޖޭގެ މަޞްލަޙަތު އެހާބޮޑަށް ޙިމާޔަތްކޮށްދޭ ކަމަށްވަންޏާ، އަޅުގަނޑު މި ދެންނެވި ކަހަލަ ބޮޑެތި އުޞޫލީ މައްސަލަތަކާއި އަދި އިންޞާފު ނެތްވާހަކައާ ފަސާދައޮތްކަމަށް އެބޭފުޅުން ވަކާލާތު ކުރައްވާއިރު، އެކަންކަމަށް ރައްޔިތުންނަށް ޙައްލު ހޯއްދަވައިދެއްވަން މިއޮތްހާދުވަހު އެބޭފުޅުން ނުކުޅެދިފައި އެ ތިބީ ކީއްވެގެންތޯ؟ އެއިން އެނގެނީ އެބޭފުޅުން ރައްޔިތުންދެކެ ލޯބިވަނީ، ހަމައެކަނި ވޯޓުކައިރިވީމާކަން. ވޯޓު ކައިރީމާ، ލޯބިވާނެ މިކަހަލަ ވާހަކަ ދައްކާނެ. މިކަހަލަ ކިތައް ވާހަކަ ދެއްކިއްޖެތޯ، ކޮންމެފަހަރަކު ސަރުކާރު އަންނަން ކައިރިވާއިރު، ވޯޓެއް ނަގަން ކައިރިވާއިރު، ހަމަ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއިރުވެސް ސަރުކާރެއް އައިއިރު، އެބޭފުޅުންގެ ތެރޭގައި ވަރުގަދައަށް އެމް.ޑީ.ޕީ. އިން ވާހަކަ ދައްކަވަމުން ގެންދެވި ތިމަންނާމެންނަކީ، މިޑްޓަރމް އިލެކްޝަނެއް ބާއްވާނެ ބަޔެކޭ. އަދި މި ޖާދުލުގައި ޖެހިވަޑައިގެންނެވި ކިތަންމެ ބޭފުޅުންނެއް ފަހުން އެބޭފުޅުންނާ ވަކިވެގެންދިޔައީ، އެ މިޑްޓަރމް އިލެކްޝަނެއް ނުބާއްވައިގެން. އެހެންވީމާ، ކޯލިޝަނެއްގައި ކަން ހިނގާނެގޮތް މީގެކުރިންވެސް އެބޭފުޅުން އެހުރީ ދައްކަވާފައި.
އެހެންވީމާ، ކޮލީޝަނެއްގައި ކަންހިނގާނެގޮތް މީގެކުރިންވެސް އެ ބޭފުޅުން އެހެރީ ދައްކަވާފައި. ކޮލީޝަނެއްގެ ތެރޭގައި، ބައެއްގެ ހިތުރުހުން ހޯދަން ބޭނުން ކަމަށްވަންޏާ، އިދިކޮޅަށް ތިބޭ ބަޔަކަށް ހަމަ، އުޑުގައި އެހެރަ ތަރިތައްވެސް ގެނެސް އަތަށް ލައިދީފާނެ. ހަނދުވެސް ގެނެސް އަތުގައި ބާއްވައިދީފާނެ. އެކަމަކު، އެމީހުން ދާންވާ ހިސާބަކަށްގޮސް، އެމީހުންގެ ކަމެއް ޚާޞިލުވެގެން ދިޔައީމާ، ދެން ހަނދާނެއް ނުހުންނާނެ އެއްވެސް ކަމެއް. އެ ކަންކަން އެހެން ކުރުމަށްޓަކައި ވެރިކަމަށް އާދެވުމަށްފަހު ބާރުތަކެއް އޮންނަކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ. އެހެންވެ، މިހާރު ވާހަކަ ދައްކާ އެއްބަސްވެވޭގޮތަށް އިތުބާރު ނޯންނާނެކަން، މިއަދުވެސް އެ ބޭފުޅުން އެ ދައްކަވަނީ. އެހެންވެގެން، އެ ބޭފުޅުން ކޯލީޝަނުގެ ކަންތައްތައް ރެގިއުލޭޓް ކުރުމަށްޓަކައި، ޤާނޫނެއް ހަދައި، ޤާނޫނެއް ހިންގަންވާނެކަމަށް އެ ވިދާޅުވަނީ.
އެހެންވީމާ ކޮބައިތޯ، މުރުއްވަތްތެރިންގެ ގޮތަކީ، އިސް މީހުންގެ ތެރޭގައި، އެކަކު އަނެކަކަށް މިކަހަލަ ކަމެއްގައި ބަހެއް ދީފިކަމަށްވަންޏާ، ކުރީ ޒަމާނުގައި އެގްރީމެންޓުވެސް ލިޔާކަށް ނުޖެހޭ، ކަރުދާސްކޮޅެއްގައި ސޮއިކުރާކަށްނުޖެހޭ. މިއަދު ވެއްޖިއްޔާ ކަރުދާސްކޮޅެއްގައި ސޮއިކުރޭ. އެކަމަކު، އެ ކަރުދާސްކޮޅެއްގައި ސޮއިކުރާކުރުން ފުރިހަމަނުވާކަން، އެ ބޭފުޅުން ބޭނުންފުޅުވޭ އެބަދައްކަވަން. އެއީ، ޢާޒިމާ ވިދާޅުވާގޮތަށް، އެގްރީމެންޓު ކުރިއިރުވެސް، އެގްރީމެންޓް ބާޠިލް. މިކަމަށް އެއްބަސްވާއިރުވެސް، ހިތުގައި ތެދުވެރި ނިޔަތެއް ނެތްކަން އެ ބޭފުޅުން އެ ކަށަވަރު ކޮށްދެއްވަނީ.
އެހެންވީމާ، ސިޔާސީ ބޭފުޅުން މިކަހަލަ ވާހަކަފުޅު ދައްކަވާއިރު، ހަމަ މި ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެންނާއެކީ ކޯލިޝަން ހެދުނު. މިއަދާ ހަމައަށްވެސް އަޅުގަނޑުމެން ކޯލިޝަން ދެމެހެއްޓޭތޯ އެބަ މަސައްކަތްކުރަން. އަދި، އަޅުގަނޑުމެންނާއެކީ ކޯލިޝަނުގައި މިއަދާ ހަމައަށްވެސް އަދި އެބަ ތިއްބެވި އެމް.ޑީ.އޭ.ގެ ބޭފުޅުން. އެކަމަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ޖޭ.ޕީ.ގެ ބޭފުޅުން ވަޑައިގަތީ. އަޅުގަނޑުމެންނާއެކީ ކޯލިޝަނެއް ނެތް، ޢަދާލަތާ ދޭތެރޭގައި. އެހެންނަމަވެސް ޢަދާލަތަކީ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވި ބޭފުޅުން. ދެން އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ، އަޅުގަނޑުމެންނާއެކީ، ޕީ.ޕީ.އެމް.ގައި ތިބި މީހުން. ސިޔާސީ މީހުންގެ ތެރެއިން ލީޑަރަކަށްވާކަހަލަ ލީޑަރެއް ނޫނީވިއްޔާ، ޕާޓީގައި ލީޑަރަކަށް ހުރި އެންމެ ބޭފުޅަކު މިއަދު ޙުކުމެއް އެ ބޭފުޅެއްގެ މައްޗަށް ހިނގަމުންދާ، އެއީ ރައީސް ނަޝީދު. އެ ބޭފުޅާގެ މައްޗަށް އެއޮތީކީއެއް ސިޔާސީ ޙުކުމެއް ނޫން. އެ ބޭފުޅާގެ މައްޗަށް އައިސްފައި އެއޮތީ ޝަރުޢީ ޙުކުމެއް. ފަނޑިޔާރަކު ހިފާ ހައްޔަރު ކުރީމާ، ޤާނޫނާ ޚިލާފަށް ހައްޔަރު ކުރީމާ، އެކަމަށް އައި ޙުކުމެއް އައިސްފައި އެއޮތީ. އެކި މަރުޙަލާތަކުގައި މި އިސްތިއުނާފު ކުރެވިއްޖެ. އދ. އިންވެސް މި މައްސަލަ ބަލައިފި. އެކަމަކު، މި ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ނިމިފައި އޮތީމާ، އަދިވެސް އެ ބޭފުޅާއަށް މިފަހަރުގެ އިންތިޚާބުގައިވެސް ބައިވެރިވެ ވަޑައިނުގެންނެވޭ.
އެހެންވީމާ، ރާއްޖޭގައި ސިޔާސީ މީހުންތަކެއް ސިޔާސީ ކަމެއްކޮށްގެން ޖަލުގައި ތިބޭ ވާހަކަ ދައްކާ ކަމަށްވަންޏާ އެއީ، ރަނގަޅު ވާހަކައެއް ނޫން. އެތިބަ އެންމެންނަކީ، މި ސަރުކާރުގައި އަޅުގަނޑާއެކީ ޚިދުމަތްކުރި މީހުން. އެމީހުން ޖަލަށް ދިޔައިރުވެސް އެމީހުންނަކީ ޕީ.ޕީ.އެމް މީހުން. އަދި، އޭގެ ތެރެއިން، ޕީ.ޕީ.އެމް. އިން ވަކިވެގެން އެހެން ޕާޓީއަކަށް އަދި އެމީހުން ވަންކަމެއްވެސް އަޅުގަނޑަކަށް ނޭނގޭ. އޭގެ ތެރޭގައި، އަޅުގަނޑަށް ޚިދުމަތް ކުރި ނައިބު ރައީސުންގެ ދެ ބޭފުޅުން އެބައުޅުއްވާ. ވަކިވެގެން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރަކުވެސް އެބަ އުޅުއްވާ، އަދި އެހެން ބޭފުޅުންވެސް އެބަ އުޅުއްވާ. އެހެންވީމާ، ކިހިނެއްތޯ ބުނާނީ، މިއީ އިދިކޮޅު ސިޔާސީ ލީޑަރުންނޭ. އެ ބޭފުޅުން ސިޔާސީ ގޮތުން މަސައްކަތް ކުރެއްވީ މި ސަރުކާރު ގެންނަން. އަދި، ސިޔާސީ ގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސިޔާސީ ގޮތުން އެ ބޭފުޅުން ކުރެއްވި މަސައްކަތަކީ، މި ސަރުކާރު ބާރުވެރިކޮށް، މި ސަރުކާރަށް ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދުމުގެގޮތުން، ޢަމަލީގޮތުން އަދި ހަމައެހެންމެ، މުރާލިކަމާއެކީ، ރައްޔިތުންނަށް ސަރުކާރުން ދޭންބުނި ޚިދުމަތްތައް، މިކަހަލަ މަޝްރޫޢުތައް ހިންގުމުގައި، އެ ބޭފުޅުން ހަމަ ވަރަށް މުރާލިކޮށް އުޅުއްވި ބޭފުޅުން އެއީ. އެހެންނަމަވެސް، އެ ބޭފުޅުންގެ އަމިއްލަ ކަންކަން، އަދި އެ ބޭފުޅުންގެ އުއްމީދުތަކާ ހަމައަށް ވަޑައިނުގެންނެވޭ ހިސާބަށް ދިޔައިމާ، އެ ބޭފުޅުންގެ ހިތްޕުޅުގައި އުފެދުނު އުދާސް، މިއަދު، އެ ބޭފުޅުން ޖަލުގައި ތިއްބަވާ ނަތީޖާއަކީ.
މިއަދަކު ސަރުކާރަކުން މީހުން ޖަލަކަށް ނުލާނެ. ކޯޓުތަކުން ޙުކުމް ކުރާނީ، މީހުން ޖަލަށްލާން. ކޯޓުތަކުން މީހުން ޖަލަށްލާން ޙުކުމް ކުރީމާ، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީއާއި ޤާނޫނުތައް ލާޒިމުކުރަނީ، އެ ޙުކުމްތައް ތަންފީޒު ކުރަން. އެހެންވީމާ، އިންސާފު ނެތްކަމަށް ވިދާޅުވަނީ، މިހެންކުރާ ޙުކުމްތަކުގެ ތެރެއިން ވަކި ބައެއްގެ ޙުކުމް ތަންފީޒު ކޮށްފައި، އަނެއް ބައެއްގެ ޙުކުމް ތަންފީޒު ނުކުރާ ކަމަށްވަންޏާ، އަޅުގަނޑު ހިތަށް އަންނަނީ، އެއަށް ގޮވައިލާ މީހުންގެ އިންސާފަކީ ކޮބައިބާއޭ. އެކި މީހުންނަށް އެކި އިންސާފު އޮންނަންވާނެކަމަށް ގޮވައިލާ މީހުން މި ބުނަނީ، މިއަދު އިންސާފެއް ނެތޭ. އެހެންވީމާ، އެންމެ އަސާސީ ސުވާލަކީ، ކޯޓުތަކުގެ މަރުޙަލާއިން ބޭރުން ކަންކަން ނިންމަން، އެ ކަންކަމަށް ކުފޫ ހަމަނުވާ މީހުން އިންސާފެއް ނެތްކަމަށް ގޮވައިލީމާ، ޤާނޫނީގޮތުން ކުފޫ ހަމަނުވާމީހުން. އެއީ، އެމީހުންނަށް އެވަރުގެ ދައުރެއް ޤާނޫނުން ދީފައި ނުވާތީ. އެމީހުން އިންސާފެއް ނެތްކަމަށް ގޮވައިލީމާ، އެމީހުންގެ އިންސާފު އޮތްތޯ އަޅުގަނޑުމެން ސުވާލު ކޮށްލަންޖެހޭ. އެންމެ ކުޑަމިނުން އެ ގޮވައިލާ މީހުން ކައިރިއަކަށް ގޯއްޗެއް ބަހައިލަދޭންވެސް، ތަރިކަ މުދާ ބަހައިލަންވެސް، އަދި ވަރިކައިވެނި ސާބިތު ކުރާކަށްވެސް ދާން ނުޖެހޭކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކަމަކު އެއީ، އެމީހުން ދޭ ޚިޔާލު. ވެދާނެ އެއީ، އެމީހުންގެ ރައުޔުކަމަށް. ވެދާނެ އެއީ، އެމީހުންގެ ދިރާސާ ކަމަށް. އެކަމަކު، ޤާނޫނަކުން އެމީހުންނަކަށް އިޚްތިޔާރެއްނުދޭ، ޤާނޫނުދޭ އިޚްތިޔާރުގެ ތެރޭގައި ކަންކަން ތަންފީޒުވެގެންދަނީ. އެއީ، ޤައުމެއްގެ މުޖުތަމަޢެއްގައި ހަމަޖެހުން މިއޮތްގޮތަކީ. މި ހަމަޖެހުން ނަގައިލާފައި، އެކި މީހުންނަށް އެކި އިންސާފު އޮންނަން ވާނެކަމަށް މި ދެކެވޭ ވާހަކަ. އެ ވާހަކަތަކަށް އެޑްވޮކޭޓް ކުރާ މީހުން، ނޫނީވިއްޔާ އެ ވާހަކަތަކަށް ގޮވައިލާ މީހުން ގޮވައިލާ ގޮވައިލުމާ ހަމައިން އެމީހުންގެ އެއްވެސް އިންސާފެއް ނެތްކަން އަޅުގަނޑުމެންނަށް އެމީހުން އެ ސާބިތު ކޮށްދެނީ.
އެހެންވީމާ، ސިޔާސީ މިކަހަލަ ވާހަކަވެސް އަޅުގަނޑު ދައްކަންޖެހޭ. އެއީ، އަޅުގަނޑުމެން ދައްކާ ވާހަކައަށް އަޅުގަނޑުމެންގެ އިދިކޮޅު ބޭފުޅުން ރައްދުދެވޭތޯ މަސައްކަތްކުރައްވާތީ. އެކަމަކު ހަމަ ދަންނަވާލަން ޖެހެނީ، މިއަދު އިދިކޮޅު ބޭފުޅުންނަކަށް ހަމަ އަޅުގަނޑުމެން ދައްކާ ވާހަކައިގެ ރައްދުދިނުން ފިޔަވައި ހަމަ އެހެން އެއްވެސްކަމެއް ކުރައްވާކަށް ވަގުތު ހޯއްދެވޭކަމަކަށް ނުވޭ. ދެން އެގޮތުގައި ހަމަ ވަޑައިގަތުންވެސް ރަނގަޅުވާނެ. އެގޮތުގައި ވަޑައިގަތުންވެސް ރަނގަޅުވާނެ. އެކަމަކު ވޯޓާ ހަމައަށްދާއިރު، އަޅުގަނޑުމެން ދިޔަމިގިލީގައިވެސް ދަންނަވާލަން ބޭނުންވަނީ، ދިޔަމިގިއްޔަށް އިތުރު ކަންތައްތައް ކޮށްދިނުމަށްޓަކައި ތިޔަބޭފުޅުންނަށް އެހީވާން ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެހީވެދެއްވާށޭ. އެއިރުން ދޮގެއްތޯ، ތިޔަބޭފުޅުންގެ ޚިދުމަތުގައި އަޅުގަނޑަށް އަނެއްކާވެސް މި ރަށަށް ކަންތައްތައް ކޮށްދޭން ހުރެވޭނީ.
އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކުރާ މަސައްކަތުގައި މާތްﷲ ގެ ބަރަކާތް މިންވަރު ކުރައްވާށި!
والسّــلام عليــكم ورحـمــة اللّـه وبـركاتـه. |
ހދ. ނޮޅިވަރަންފަރު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.
ނޮޅިވަރަންފަރަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. މިއަދުގެ މި އުނދަގޫ ގަޑީގައި، ހޫނު ގަޑީގައި އަޅުގަނޑު އައުމުންވެސް ތިޔަބޭފުޅުންގެ ޝައުޤުވެރިކަން އަޅުގަނޑުމެންނާ ދޭތެރޭގައި ހުރިކަން ކިތަންމެހާވެސް ފާޅުކަން ބޮޑުގޮތެއްގައި ދައްކަވައިފި. ބަނދަރު ނިމުމުގެ ރަސްމިއްޔާތުން ތިޔަބޭފުޅުންނަށް ލިބުނު ފަސޭހަކަން ތިޔަބޭފުޅުންގެ ތިޔަ ޝައުޤުވެރިކަމުން އަޅުގަނޑުމެންނާ ކުރެއްވި އިސްތިޤުބާލުގައި ތިޔަބޭފުޅުން ދައްކަވައިދެއްވި ކަމަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ވަރަށް އިޚުލާޞްތެރިކަމާއެކީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑުމެން މިއަދު މިކުރާ ދަތުރަކީ، ބޮޑުތިލަދުންމައްޗަށް އަޅުނޑުމެން ކުރާ ދަތުރެއް. ބޮޑުތިލަދުންމަތީގެ ނޮޅިވަރަންފަރަށް އަދި ކުޅުދުއްފުށްޓަށް އަޅުގަނޑުމެން ކުރާ ދަތުރެއް. ވަރަށް މުނާސަބު ވާހަކަތަކެއް ބޮޑުތިލަދުންމަތީގައި ހުންނަވައިގެން ޢަބްދުއްރަޙީމް، ދެންމެ އެ ދެއްކެވީ. އަދި ހަމަ އެހެންމެ އެހާ އޯގާތެރި އިޚުލާޞްތެރި ބަސްފުޅުތަކެއް ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައިވެސް، އެ ހާމަކުރައްވަމުން ގެންދެވީ. މި ދެ ބޭފުޅުންވެސް އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރި ބަސްތަކަކުން ހަދިޔާކުރައްވާފައިވާތީ، ތިޔަ ދެ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
ނޮޅިވަރަންފަރަށް އައިސް، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާއިރު، އަޅުގަނޑު ހިތަށްއަރަނީ، ނޮޅިވަރަންފަރަށް އަޅުގަނޑަށް މިއާދެވުނީ، ޢީދުދުވަސް ދޫކޮށްލާފައި. ހުރިހާ ބޭފުޅުންނަށް ޢީދުގެ ތަހުނިޔާ ދަންނަވަމުން، އަޅުގަނޑު ދަންނަވާލާނީ، ތިޔަބޭފުޅުންނަށްވެސް، ޢީދުގެ އިތުރު އުފާތައް ލިބިގެން މިދަނީ، މި ރަށަށް އަންނަ ތަރައްޤީގެ ވަސީލަތްތައް ތިޔަބޭފުޅުންނާ ހަމައަށް އަންނާތީއޭ. ނޮޅިވަރަންފަރުގައި މިއަދު ނިމިގެން މިދިޔައީ، ތިޔަބޭފުޅުންނަށް، ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ބަނދަރެއްގެ މަޝްރޫޢު. އަދި ހަމަ އެހެންމެ މިތަނުގައި ނަރުދަމާގެ މަޝްރޫޢު ހިނގަމުން އެދަނީ. އަދި އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ނޮޅިވަރަންފަރަށް ދެ ހާހެއްހާ އާބާދީއާ ކައިރިކުރާ، އާބާދީއަށް ބޭނުންވާ އިތުރު ކަންތައްތައް ހަމަ ދާދި ފަސޭހަ ފަށުގައި، ކައިރި އަތްފޯރާ ހިސާބުގައި ހުރިހާ ކަމެއްހުރި ވާހަކަ، ދެންމެ މިނިސްޓަރ ޠާރިޤު އަޅުގަނޑަށް ކަށަވަރު ކޮށްދެއްވި.
ނޮޅިވަރަންފަރުގައި ތިޔަބޭފުޅުންނަށް ދަންނަވާލަން، ތިޔަބޭފުޅުންނަށްވެސް މިކަން އެނގިވަޑައިގެންފައި އޮންނާނެ. ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ފެނުގެ ނިޒާމުވެސް ހުރިހާ މަސައްކަތެއްނިމި، ފައިސާވެސް އެހުރީ ނިމިފައި. ޓެންޑަރ އެއްފަހަރު ކުރެވިފައި. އެހެންނަމަވެސް އެ އެވޯޑު ކުރުމުގައިހުރި މައްސަލަތަކާހެދި އެ މަޝްރޫޢު އެއޮތީ ހިފެހެއްޓިފައި. އަޅުގަނޑު ހަމަ ދަންނަވާނީ، ސެޕްޓެންބަރު 23 ގައި ވޯޓުގެ ކުރިންވެސް އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު މި ރަށުގައި ފެށިގެންދާނޭ. ފެނުގެ މަޝްރޫޢު ހަމަޖެހިގެން ދިޔައިމާ، ނަރުދަމާގެ މަޝްރޫޢު މިހާރު ހިނގަމުން އެދަނީ. ފެނުގެ މަޝްރޫޢު ހަމަޖެހިގެންދިޔައިމާ، ރަށަކަށް މި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް ނޮޅިވަރަންފަރަށްވެސް ހަމަޖެހިގެން ދިޔައީ.
ދެން ހުންނާނީ މީގެ އިތުރަށް ބޭނުންވާ އިތުރުކަންކަން. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އެދިވަޑައިގަންނަވާކަން، މި ރަށުގެ ބޮޑެތި މަގުތައްވެސް ހަދަން. އަދި ހަމަ އެހެންމެ، އަޅުގަނޑަށް އެނގޭ އޭ.ޓީ.އެމް. މެޝިނެއްގެ ފަސޭހަކަންވެސް ތިޔަބޭފުޅުން ބޭނުންފުޅުވާނެކަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނޮޅިވަރަންފަރުގައިވެސް މި ވާހަކަތައް ތަކުރާރުކޮށްލާނަމޭ. އަޅުގަނޑުގެ ދަތުރުތަކުގައި، މިކުރާ ދަތުރުތަކުގައި އަޅުގަނޑު ދަންނަވައިފިން، ކުރިއަށްއޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއާއި ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ކަށަވަރުކަމެއްދީ މަސައްކަތްތައް ފެށިގެން އެ ދަނީ. 1500 އަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. މެޝިން އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ.
އިރާދަކުރެއްވިއްޔާ މި ރިޔާސީ ދައުރުގެ ކުރީކޮޅު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު، އަޅުގަނޑަށް ނޮޅިވަރަންފަރާއި އަދި ރާއްޖޭގެ މީހުން ދިރިއުޅުއްވާ ހުރިހާ ރަށްރަށުން އަޅުގަނޑަށް ދެއްވައިފިނަމަ، އިރާދަކުރެއްވިއްޔާ މިކަންކަން ހަމަޖެހިގެންދާނެ. ނޮޅިވަރަންފަރަށް ދަތިވެފައިހުރި ކަންތައްތަކުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކަކީ، ބޮޑެތިކޮށް ހުރި ބައެއް ކަންތައްތަކަކީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ފަސޭހަކަމާއެކީ ހަމަޖެހިގެންދާނެ. އެހެންނަމަވެސް، ކަންކަން ނުކުރެވި ނޫނީވިއްޔާ، ކުޑަކޮށް ލަސްވާ ސަބަބުވެސް އަޅުގަނޑު ދަންނަވާލާނަން. ކުޑަކޮށް ލަސްވާ ސަބަބުތަކުގެ ތެރޭގައި ނޮޅިވަރަންފަރަކީ، 187 ރަށް. މީހުން އުޅޭ ރަށުގެ ތެރެއިން، އެއް ރަށް. ވަރަށްގިނަ ރަށްރަށުގައި ވަރަށްބޮޑެތި މަޝްރޫޢުތައް އެދަނީ. އަދި ވަރަށް ގިނަ މަޝްރޫޢުތައް ހިނގަމުންދާއިރު، ރަށްރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި، ދައުލަތުގެ އެކި ބޭނުންތަކަށް ރައްޔިތުންގެ ބޭނުންތަކަށް ބިން ދޫކުރަނީ ހަމަ ރަށްރަށުގެ ކައުންސިލުން.
ބައެއް ރަށްރަށުގެ ޒުވާނުން ޝަކުވާކުރަމުންދޭ، ފުޓްސަލްދަނޑު އަޅަން ބޭނުންވާ ސްޕީޑުގައި ނުދާތީ. އެކަމަކު މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޙަޤީޤަތުގައި މިހިނގާ ކަންކަމާ ދޭތެރޭގައި ރައްޔިތުންގެ ހަމަ ކޮންމެ ބޭފުޅަކު، ފަރުދީ ހައިސިއްޔަތުން އަދި ރަށްރަށުގެ ރަށުގެ އިޖުތިމާޢީ ފެންވަރުންވެސް ވިސްނާވަޑައިގަންނަވާށޭ މިކަންކަމާ ދޭތެރޭގައި. ފުޓްސަލްދަނޑުތައް އެޅުމަށް އެންމެ ބޮޑަށް ދިމާވި ދަތިތަކަކީ، އަޅުގަނޑުމެންގެ ފިކުރުނޫން އެހެން ފިކުރުގައި އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކުން ޙަޤީޤަތުގައިވެސް މިކަހަލަ ރަނގަޅު ބޭނުންތައް ބިން ދޫކުރުމުގައި ލަސްކުރަމުންގެންދާތީ. މިއަދުގެ ޙާލަތަކީވެސް އެއީ. ހަމަ ވަރަށް ވަރުގަދައަށް މަސައްކަތްކޮށްގެން، އެލް.ޖީ.އޭ. މެދުވެރިކޮށް، ހޯމް މިނިސްޓްރީ މެދުވެރިކޮށްގެން، އެކަހަލަ ބައެއް ދިމަދިމާއިން ފުޓްސަލްދަނޑު އަޅަން ބިން ލިބިގެން މިދަނީ.
މިއަދު ނޮޅިވަރަށްފަރުގައިވެސް އަޅުގަނޑު ދަންނަވާލާނީ، މިއީ، ނޮޅިވަރަންފަރަށް ދަންނަވާ ވާހަކައެއްނޫން. އެކަމަކު ނޮޅިވަރަންފަރުގައިވެސް ތިބީ ހަމަ ދިވެހި ރައްޔިތުން ކަމަށްވާތީ، ތިޔަބޭފުޅުންގެ ރަޙުމަތްތެރިން އެތިބީ، ރާއްޖޭގެ އެކި ހިސާބުގައި. މާލޭގައި، އައްޑުއަތޮޅުގައި. ދެން މިހެންގޮސް ހުރިހާ ދިމާއެއްގައި.
އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް އެބަގެންނަންޖެހޭ، ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް، ރައްޔިތުންގެ ބޭނުންތެރިކަމަށް، ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ސިޔާސީ ފިކުރު އެބަޖެހޭ ދުރަށްލާން. ސިޔާސީ ފިކުރު އެއްފަރާތުގައި ބާއްވާފައި، މިކަންކަން ކޮށްދިނިއްޔާ ނޫނީ މިކަންކަމެއްނުވޭ. ދެން މިޖެހެނީ، ސަރުކާރުން ނުކުމެ މިކަހަލަ ކަންތައްތައް ނުވީމާ، ކޮންމެވެސް ކަހަލަ ވަރުގަދަ ޤާނޫނީ ފިޔަވަޅެއްގެ ތެރެއިން އަޅުގަނޑުމެން މިކަންކަން ކުރަން. އަޅުގަނޑުވެސް ބޭނުންވޭ ރާއްޖޭގައި ޚިދުމަތްކުރާ ހުރިހާ ކައުންސިލްތަކަކީ، ކައުންސިލްތަކުގެ އެންމެ ފުންމިނުގައި، އެންމެ ފުޅާމިނުގައި އިޚުލާޞްތެރިކަމާއެކީ ޚިދުމަތްކުރާ ތަންތަނަށް ވެގެންދިޔުން. އެކަމަކު މިއަދުވެސް މި ދެންނެވި ގޮތަށް ފުޓްސަލްދަނޑުތަކުގެ ދަތުރު އަޅުގަނޑު މި ދަންނަވާލީ. ހަމަ އެގޮތަށް ސިޓީތަކުގެ މިހުންނަ ކައުންސިލްތަކުގެ ޙާލަތު ހުރިގޮތް، މީގެ ކުރީގެ ޖަލްސާއެއްގައި ޑޮކްޓަރ މުޢިއްޒުވެސް ވިދާޅުވެދެއްވައިފި. މާލޭސިޓީ ކައުންސިލުގައި މާލޭގައި ދިރިއުޅެމުންގެންދާ ރައްޔިތުންނަށް ބައެއްކަހަލަ ދިމާވެފައިހުރި ބޮޑެތި މައްސަލަތަކުގައި، އާދެ، މުނިސިޕަލް މައްސަލަތަކުގައި ކަންކަން ހިނގާފައިހުރިގޮތް އެ ވިދާޅުވީ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ. ކައުންސިލްތަކުން އެ ބާރު ނަގާފައި، ސަރުކާރުން އެކަންކަން އަމިއްލައަށް ކުރަމުން ގެންދިޔުން. އެކަންކުރަންޖެހޭ ސަބަބަކީ، ރައްޔިތުންނަކަށް އެހާ ބޮޑަކަށް ބަލާކަށް ބޭނުމެއްނުވާނެ، އޮޅުންފިލާކަށްވެސް ބޭނުމެއްނުވާނެ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ލިބެނީ، ނުވަތަ ނުލިބެނީ، ކައުންސިލެއް މެދުވެރިވެގެންކުރާ ދަތިންތޯ، ނޫނީ ކައުންސިލުން ފަސޭހަކޮށްދީގެންތޯ. މި ރަށްރަށަށްވެސް ބޭނުންވާނީ، މި ރަށްރަށަށް ބޭނުންވާ ކަންކަން. އަދި މާލޭސިޓީ ކައުންސިލުގައިވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުން މާލޭ މީހުންނާއި، ރަށްރަށުން މާލެއަށް ހިޖުރަކުރައްވާ ދިރިއުޅުއްވާ ހުރިހާ ރައްޔިތުންވެސް ބޭނުންވާނީ، އެ މީހުންނަށް ލިބެންވާ އަސާސީ ޚިދުމަތްތައް އެންމެ ފަސޭހަކަމާއެކީ، ލިބިގެންދިޔުން. މާލޭގައިވެސް ދިރިއުޅެމުންގެންދާ ރައްޔިތުން، ސަރުކާރުން ހަދާފައި ހުންނަ ފުލެޓްތަކުގައި ފުލެޓުތައް ކުއްޔަށްދީގެން އެ މީހުން އެތަންތަނުގައި ދިރިއުޅެމުންދާއިރު، އެތައް މަހެއްވަންދެން ފްލެޓްތަކުގެ ކުލި ނުނަގައި ތިބެފައި، އިންތިޚާބަށް މަހެއް ދެ މަހަކަށް ވީމައެއްނޫން އެއްފަހަރާ ކުލި ދައްކަން އަންގަންވާނީ. އަދި ކުލި ނުދައްކައިފި ކަމަށްވަންޏާ، ޖޫރިމަނާއާއެކީ، ފައިސާނަގާ ވާހަކަ ދައްކަންވާނީ. އެއީކީނޫން ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަންޖެހޭ ގޮތަކީ. ރައްޔިތުންނާ ދޭތެރޭގައި ކަންކަންކުރާއިރު، ރައްޔިތުންނަށް މިކަންކަން ކުރުމުގެ ފުރުޞަތު އެބަ ލިބެންޖެހޭ. މާލޭސިޓީގައި ނޫނީ މާލޭ ކައުންސިލުން މިކަންކަން ކުރައްވާފައި އޮތްގޮތުންވެސް، އެ ކައުންސިލުގައި ތިއްބެވީ، ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތޯ، އަދި އެ ބޭފުޅުން ރައްޔިތުންނާ ދޭތޭރޭގައި ކަންކަން ކުރައްވާގޮތް އެއޮތީ، ހާމަކަން ބޮޑުގޮތުގައި ފެންނަން. އެހެންވީމާ، އެގޮތަށް ކަންތައްކުރާކަށް މި ސަރުކާރަކުން ޖާގައެއްނުދޭނެ. އެހެންވީމާ، އެންމެފަހުން ކައުންސިލުން އެ ބާރުތައް ވަކިކޮށްފައި، ސީދާ ސަރުކާރުން އެ ޚިދުމަތްތައް ދޭންފެށީ. ރަށްރަށަށް ބޭނުންވާ ކަންތައްތައް ކުރުމުގައި، ދަތިތައް ދިމާވާ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.
އެހެންވީމާ، ކޮންމެ ރަށެއްގައިވެސް، ސިޔާސީ ނިންމުމަކާ ހަމައަށް އަންނައިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނީ، ކައުންސިލުތައް އޮވެގެން އިދިކޮޅު ފިކުރަކާއެކީ، ކައުންސިލްތައް ހިނގަމުންދިޔައިމާ، ރަށްރަށަށް ތަރައްޤީ ގެނައުމުގައި ކިހާވަރަކަށްތޯ، ކަންކަން ލަސްވެފައިހުރީ. އެކަންކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. ދާދީ ކައިރީގައި މިއޮތީ ކުޅުދުއްފުށި. ކުޅުދުއްފުށީގެ ރައްޔިތުން ކައިރީގައިވެސް އަޅުގަނޑު މިރޭ ދައްކަންހުރި ވާހަކައިން ބައެއް ވާހަކަ މި ދަންނަވައިލެވުނީ.
އަޅުގަނޑު ނޮޅިވަރަންފަރުގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ނޮޅިވަރަންފަރަށް އައިސް، ނޮޅިވަރަންފަރަށް ބޭނުންވެފައިހުރި ކަންކަން ފުދިގެންދާ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވާނެ، ދެ ހާހެއްހާ އާބާދީ އުޅޭ ރަށެއް މި ރަށަކީ. އެހެންނަމަވެސް، ސަރުކާރުތަކުގެ ވިސްނުމުގައި، ސަރުކާރުތަކުން ކަންތައް ކޮށްދޭން ރާވާ ތާވަލުގައި ނޮޅިވަރަންފަރަކީ، ދެ ހާހެއްހާ އާބާދީ އުޅޭ ރަށަކަށް ވެގެންދާއިރު، މީގެ ކުރީގައި ހަމަގައިމުވެސް، ނޮޅިވަރަންފަރަކީ އެހާބޮޑަށް އަޅައިލެވުނު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައެއް ނެތް. ފާހަގަކުރެވިފައި ނެތީމާ، މި ސަރުކާރު އައިސް، މި ސަރުކާރުގެ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި މި ހުރިހާ ކަމެއް ނޮޅިވަރަންފަރަށް ފުރިހަމަވެގެން މިދަނީ. އަޅުގަނޑު ތަފާސް ހިސާބުން މި އަދަދު ދަންނަވާލާނަން.
ނޮޅިވަރަންފަރަށް 2013، އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމުގެ ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި މުޅި ޖުމުލަ ނޮޅިވަރަންފަރަށް ހޭދަވެފައި ހުރީ 31 މިލިއަން. މުޅި ޖުމުލަ ނޮޅިވަރަންފަރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަވެފައިއޮތީ، 31 މިލިއަން ރުފިޔާ. މިއީ، ރަށްރަށުގެ ތަރައްޤީއަށް އޭގެ ކުރީގެ ސަރުކާރުތަކުން ފާސްކުރާ ބަޖެޓުތަކަށް ބަލާކަމަށްވަންޏާ، ފަހަރުގައި ވެދާނެކަންނޭނގެ އެކަށީގެންވާ އަދަދެއްކަމަށް. އެކަމަކު، ބަޖެޓަށް ފައިސާ ހޯދުމާއި، އިތުރު އާމްދަނީ، ލިބޭނެގޮތް ހޯދައިގެން ރައްޔިތުންނަށް ޚިދުމަތް ފޯރިކޮށްދިނުމަކީ، އަޅުގަނޑުމެން ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން ފައިސާ ހޯދައިގެން ކުރަމުންދާ ކަންތައްތަކަށް ބަލާއިރު، 31 މިލިއަނަކީ، ނިސްބަތުން، އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ކުޑަކުޑަ އެއްޗެކޭ. މިއަދު ނޮޅިވަރަންފަރުގައި މިހިނގާ މަޝްރޫޢުތަކަށް މިއަދުން މިއަދަށް ހިސާބުކޮށްލިކަމުގައި ވީނަމަވެސް، ނޮޅިވަރަންފަރަށް މި ސަރުކާރުން، 186 މިލިއަން ރުފިޔާގެ މަޝްރޫޢު މިހާރު މި ހިންގައި ނިމުނީ.
އަދި ފެނުގެ މަޝްރޫޢު ނިމިގެންދާއިރު، އެއީ ސާޅީސް އެތައް މިލިއަނުގެ މަޝްރޫޢެއް. ފެނުގެ މަޝްރޫޢު ނިމިގެންދާއިރު، ނޮޅިވަރަންފަރަށް އެކަނި 230 މިލިއަން، މި ސަރުކާރުގެ މި ފަސް އަހަރުގެ ތެރޭގައި ހޭދަވާނެ. އެހެންވީމާ، މީގެ ކުރީގައި 31 މިލިއަން ނޮޅިވަރަންފަރަށް ހޭދަވެފައި އޮތްއިރު، އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ނޮޅިވަރަންފަރަށް ދެ ހާސް އާބާދީ ހަމަނުވާ ރަށަކަށް އަޅުގަނޑު މި ދަންނަވަނީ، 230 މިލިއަން ހަމަޖެހިއްޖެއޭ. ހަމަވެފައޭ އެއޮތީ. މިކަހަލަ ވާހަކަތައް، މިކަހަލަ ވާހަކަތައް މި ބޯޑުން ފެންނަން މިއޮތް ރަށްވެހި ތަރައްޤީ ފޮތުގައި އަޅުގަނޑުމެން ލިޔާތީ، މިއަދު އަޅުގަނޑުމެން ހިތާމައާއެކީ، ދަންނަވާލަން ޖެހެނީ، މިއަދު މި ފޮތް އަޅުގަނޑުމެން އަޕްލޯޑުކޮށްގެން މިއުޅޭ ސައިޓުގެ ތެރޭގައިވެސް، މައްސަލަތަކެއް އެބައުޅޭ. މިހާރު މިވަނީ، ކޮންމެވެސް ބަޔަކު މި ސައިޓުތަކަށްވަދެ، މި ސިސްޓަމް ޝަޓްޑައުން ކޮށްފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މި އަޕްލޯޑުކޮށްގެން ރައްޔިތުންނަށް މީގެ ޙަޤީޤަތް ކިޔައިދޭން.
އެހެންވީމާ، މިއީ، އަޅުގަނޑުމެންނާ އިދިކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ވިސްނުމާއި، އެބޭފުޅުން ކަންތައްތައް ކުރައްވާނެގޮތް. އޭގެ ވަރަށް ގިނަ ތަފުޞީލު ދެންމެ، އަޅުގަނޑުމެން ޕާޓީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިތާ ހުންނަވައިގެން އެ ދެއްކެވީ. އަޅުގަނޑުމެން ތަފާސް ހިސާބު ފޮތެއްގައި، ނޮޅިވަރަންފަރަށް ކުރެވުނު މަސައްކަތް ނޮޅިވަރަންފަރަށް މިހާ މަޝްރޫޢު ހިންގިއްޖެއޭ. އަދި ބަނދަރުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އެކި ހިސާބަށް ދެންމެ އަޅުގަނޑުމެން ހާމަވެގެންދިޔައީ. ބަނދަރު ހަދައިދިނުމުގެ މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، މި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަތްދިހަ އެތައް ބަނދަރު ހަދައި ނިމުނީ. ހަތްދިހަ އެތައް ރަށެއްގެ ބަނދަރު ހަދައި ނިމުނީ. އަދި ބަނދަރު ފުންކުރުން މީގެތެރޭގައި ހިމަނާކަމަށްވަންޏާ، 108 ރަށުގެ ބަނދަރު ފުންކުރުމާއި ބަނދަރު ހަދައި ނިމުނީ. އަޅުގަނޑުމެން ކުރީގައި ތިއްބެވި، އެމް.ޑީ.ޕީ. ސަރުކާރުން 25 އަކަށް ރަށުގެ ބަނދަރު ހެދުނު ވާހަކަ އަޅުގަނޑުމެން ދެންމެ އިޢުލާނު ކުރަމުންދިޔައީ. މި ފޮތުގައި އެ ވާހަކަ އޮންނާނެ. އެހެންވީމާ، އެ ތަފާސް ހިސާބު ބަލާކަށް ބޭނުމެއްނުވާނެ. ދޮގެއްތޯ؟ އެ ތަފާސް ހިސާބު ބަލާކަށް ބޭނުމެއްނުވާނެ.
ނޮޅިވަރަންފަރަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، ނޮޅިވަރަންފަރުގައި 31 މިލިއަނޭ މީގެކުރިން ހޭދަވެފައިއޮތީ، އެކަމަކު މިއަދުގެ ސަރުކާރުން ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 230 މިލިއަން މި އަދަދު ޖަހާފައި އޮންނަތަން އިދިކޮޅު ފަރާތްތަކުން ބަލާކަށް ބޭނުމެއްނުވާނެ. ވާހަކަ އޮޅުވައިލެވިދާނެ. ވާހަކަ ދެއްކިދާނެ. އެކަމަކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ނުކުމެހުރި ކެންޑިޑޭޓް ތިޔަބޭފުޅުންގެ ކުރިމަތީގައި މިހުރީ ފެންނަން. އަޅުގަނޑު މިހުރީ ފެންނަން. އަޅުގަނޑު ދައްކާ ވާހަކަ ތަފާސް ހިސާބު ފޮތްތަކުގައި އެހުރީ ފެންނަން. އަޅުގަނޑު ހިންގާ މަޝްރޫޢުތައް، ރަށްރަށަށް ވަޑައިގެން ކޮންމެ ރަށަކުން ބައްލަވައިލެއްވިޔަސް، ފެނިވަޑައިގަންނަވާނެ. އިދިކޮޅު ކެންޑިޑޭޓުން މި ރަށަށް އަރާވަޑައިގަންނަވަން މި ބަނދަރު ބޭނުންކުރައްވަންޏާ އެނގިވަޑައިގަންނަވާނެ، ރައީސް ޔާމީން މިތަނަށް ކަމެއްކޮށްދީފިކަން. މިތަނުން ފެންފޮދެއް ބޯން ބޭނުންވެއްޖިއްޔާ އެނގިވަޑައިގަންނަވާނެ، ރައީސް ޔާމީން މިތާ ފެނުގެ ނިޒާމު، އެބަ ގޭގެއަށް ގޭގެ ޓެޕް ދޫކޮށްލީމާ ފެންލިބޭނެ ނިޒާމު، އެބަ ހަމަޖައްސައިދޭކަން. މިތަނުގައި ފާޚާނާ ކުރައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، އާނ! ނަޖިސް ބޭރުވެގެންދަނީ، މިތާ ރައީސް ޔާމީން އަޅައިދިން ނަރުދަމާ ނިޒާމުން. މިހުރީ ޙަޤީޤަތް. އެހެންވީމާ، ވާހަކަ އޮޅުވައިލައިގެން ދެއްކުމަކުންނެއް މި ޙަޤީޤަތެއް ބަދަލެއްނުވާނެ. ވާހަކަ އޮޅުވައިލުމާއި، ވެފައިހުންނަ ކަންތައްތައް އަންދައި އަޅިޔަށް ހަދާލުމާ، މިކަންކަންކުރާ ބަޔަކު އަބައުޅޭ. އެ ވާހަކަތައް ދެންމެ ޢަބްދުއްރަޙީމުގެ ވާހަކަފުޅުގައި އެ ދެއްކެވީ. 2005 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެންނާ ބައްދަލުކުރީ ކޮންކޮން ކަންތައްތަކެއްތޯ؟ އޭރު އަނދިރިވެފައި ހުރި ބައެއް ރަށްރަށް، ކަރަންޓު ނެތިގެން އަނދިރިވެފައި ހުރި ރަށްރަށް އަޅުގަނޑުމެންނަށް ދިއްލިފައި ފެންނާނީ، ސަރުކާރުގެ އެތާހުރި ދައުލަތުގެ ހުރި މުއައްސަސާތައް އަންދާލީމާ، އެ އުފެދުނު އަލިފާންގަނޑުން އަލިކަން އަންނާނީ.
އެކަމަކު މިއަދު، އަޅުގަނޑުމެންނަށް އުފަލާއެކީ ދަންނަވަންޖެހެނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ސައުވީސް ގަޑިއިރު ކަރަންޓޭ. މިއަދު ތަންތަން އަންދައިގެން، ތަންތަން އަލިކުރަން މަސައްކަތްކުރާނެ ކަމެއްނެތް. މިއަދުގެ އަލިކަން ފެނަކަ ކުންފުނިންނާއި، ސްޓެލްކޯއިން އެ ފޯރުކޮށްދެމެން ގެންދަނީ. ނޮޅިވަރަންފަރުގައި އައިސް، މިވާހަކަ ދައްކާއިރު އަޅުގަނޑު ބޭނުންވޭ، އަޅުގަނޑާއެކީ ވާދަކުރައްވާ ސިޔާސީ ބޭފުޅުންނަށް ވާހަކައެއް ދަންނަވާލަން. ރައީސް ޔާމީން ދައްކާ ވާހަކައާއި، ރައީސް ޔާމީން ގެންނަ ތަރައްޤީގެ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް އެހުރީ ފެންނަން. އަޅުގަނޑު ދައްކާ ވާހަކައަކީ، އަޅުގަނޑާ އިސްކޮޅާ ނުގުޅޭ ވާހަކައެއްވެސް ނޫން. އަޅުގަނޑު ދައްކާ ވާހަކަ އަޅުގަނޑު މި ދައްކަނީ، ގެންނަން ބޭނުންވާ މަޝްރޫޢުތަކުގެ ވާހަކަ މިދައްކަނީ، އަޅުގަނޑު އެ މަޝްރޫޢުތަކުގައި ގެންނަން ބޭނުންވާ ވާހަކައިގެ މާޒީއެއް އޮތީމާ. ފަސް އަހަރުގެ މާޒީއެއް އޮތީމާ. މާދުރަށް ކަނޑުފަޅު ފީނާކަށް ދާކަށް ނުޖެހޭނެ. ހަމަ ފަސް އަހަރުގެ ތެރޭގައި ކުރެވިފައިހުރި ކަންކަން އެހެރީ ފެންނަން. މާލެއިން، ރަށްރަށުން، އަދި ރާއްޖޭގެ ކޮންމެ ދިމާއަކަށް ޒިޔާރަތްކުރެއްވި ނަމަވެސް، އެހެރީ ފެންނަން. އަދި އެމް.ޑީ.ޕީ.ގެ މެޖޯރިޓީ އޮންނަ ރަށްރަށަށް ވަޑައިގަންނަވަފި ކަމަށްވަންޏާ، އެތަންތަން އެހެރީ ފެންނަން. މިސާލަކަށް ބައްލަވައިލައްވާ، ވަރަށް ގިނަ އަދަދަކަށް އެމް.ޑީ.ޕީ. ބޭފުޅުން އުޅުއްވާ ރަށްރަށްވެސް، އެހެރީ އެތައްހާސް މިލިއަން ރުފިޔާގެ މަޝްރޫޢުތައް އެހުރީ ފެށިފައި. މީގެ ރަށްރަށް ރާއްޖޭގެ ހުރިހާ ދިމާއެއްގައި ހުރީ.
އެހެންވީމާ، ވާހަކައަކުންނެއް ނޫން، އަޅުގަނޑުމެން މިކުރާ މަސައްކަތަށް ޖަދަލު ދެއްވޭނީ. އެބޭފުޅުން ނުކުމެވަޑައިގެން، އެބޭފުޅުން ހަމަ ވިދާޅުވާންވީ، ރައީސް ޔާމީން މެނިފެސްޓޯގައި ރައީސް ޔާމީން އެ ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ކޮންމެ މަޝްރޫޢެއް ފަށާފައި، ނުނިމިހުރި މަޝްރޫޢެއް ވެއްޖިއްޔާ، ތިމަންނާމެންނަށް މަޖުބޫރޭ ނިންމަން. އެހެންވީމާ އެގޮތުން ތިމަންނާމެން ނިންމާލަދޭނަމޭ. މިހާރު އެވާހަކަފުޅު އެ ދައްކަވަނީ. އަދި މިހާރު އެބޭފުޅުންގެ ވާހަކަފުޅު ބަދަލުވެގެންދާވަރު، އަޅުގަނޑުމެންނަށް އެނގިގެން މިދަނީ. އަޅުގަނޑު ދަންނަވާލިން، ސަރުކާރުގެ ކުންފުނިތަކުގެ ހަކަތަ ހުރި ވާހަކަ. އަޅުގަނޑު ސަރުކާރުގެ ކުންފުނިތަކުގެ ހަކަތަ ހުރި ވާހަކަ ދެއްކީމާ، އަދި އެސް.ޓީ.އޯ. ކަހަލަ ކުންފުނިތަކުން، އެސް.ޓީ.އޯ.އިން ސަރުކާރަށާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ވާހަކަ ދައްކާފައި، އަދި މިފަދަ ކުންފުނިތަކުގެ ހަކަތަ ހުރީމައޭ ކުންފުނިތައް ހިންގައި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މިހާ ބާރުމިނުގައި މިގެންދަނީ. ދެން، ދައްކާއިރު އޭގެ އަނެއްކޮޅުގައި ދައްކާ ވާހަކައަކީ، އެސް.ޓީ.އޯ.ގައި، މިސާލަކަށް، އެސް.ޓީ.އޯ ބޮލުގައި ބޮޑު މަރުތޭލައިން ޖަހާވާހަކަ. އަޅުގަނޑުމެން އެކަންކަން ނުކުރެވޭނެ ވާހަކަ ދެއްކީމާ، މިހާރު މުޅި ރާގު ބަދަލުވެގެން އެދިޔައީ. މުޅި ރާގު ބަދަލުވެގެން ގޮސްފައި، މިހާރު އެ ރާގު ބަދަލުވެގެން މިދަނީ، އެސް.ޓީ.އޯ.އިން ކުރާ މަސައްކަތަކަށް ބަދަލެއް ނުގެންނާނަމޭ. އެސް.ޓީ.އޯ.ގެ މެނޭޖްމަންޓަށް ބަދަލުގެންނަ ވާހަކަ. މިއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. ރައީސް ޔާމީން ލައްވާފައި ހުންނަ މީހަކު ކަމުނުދަންޏާ، އެހެން މީހަކު ބަދަލުކުރެވިދާނެ. އެކަމަކު އެތަނުގެ ނަތީޖާ އިތުރުވޭތޯ، އެސުވާލަށް ޖަވާބުދޭންވާނެ. މީގެކުރިން ދެއްކެވި ވާހަކައަކީ، އެސް.ޓީ.އޯ.ގެ ވިޔަފާރިތައް ކުޑަކުރާ ވާހަކަ. އެސް.ޓީ.އޯ.ގެ ވިޔަފާރިތައް ކުޑަކޮށްފައި، އެސް.ޓީ.އޯ. އަކީ ހަމައެކަނި އަސާސީ ވިޔަފާރި އެކަނި ކުރާތަނަކަށް ބަދަލުކުރައްވާނީ. މިއަދު، އެވާހަކަ ބަދަލުވެގެން މިއުޅެނީ. މިއަދު މުޅިން ތަފާތު ވާހަކައެއް އެ ދައްކަވަނީ.
އެހެންވީމާ، އަބަދުވެސް ޖެހޭނީ، އަބަދުވެސް އެބޭފުޅުން ފަށްޓަވާ ދަތުރުޖެހޭނީ، އެބޭފުޅުން ވަޑައިގަންނަވާ ބަނދަރަށް ވަޑައިގަތުމުގެ ކުރިން، ތިން ހަތަރު ދިމާއަކަށް ކައްޗަށް ދުއްވަންޖެހޭނީ. އެއީ އެބޭފުޅުންގެ ވާހަކަ ހުންނަގޮތަކީ. މިއަދު، ސަރުކާރު ކުންފުނިތަކުގައި ހަކަތަހުރިކަން މިއަދު މިތަނުން އެމް.ޓީ.ސީ.ސީ.އިން ދައްކައިދީފި. 70 އެތައް ބަނދަރެއް ހަދާވާހަކަ، ނޫނީ ހަދާ ނިމިފައިއޮތް ވާހަކަ ދައްކާއިރު، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. ދެންމެ އަޅުގަނޑަށް ކަށަވަރުކޮށްދެއްވި، ނޮޅިވަރަންފަރުގެ ބަނދަރާއެކީ، އެމް.ޓީ.ސީ.ސީ.އިން އެކަނި، 57 ބަނދަރު ހަދައި އެ ނިންމީ. މުޅި އެމް.ޑީ.ޕީ. ސަރުކާރުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި، އަދި އޭގެފަހުން އައި ދެ އަހަރުގެ ސަރުކާރާއެކީ، މިއޮތީ ފަންސަވީހަކަށް ބަނދަރު ހެދިފައި. އަޅުގަނޑުމެން މި ދައްކަނީ އެމް.ޓީ.ސީ.ސީ.އިން އެކަނި 57 ބަނދަރު ހަދައިފިޔޭ. އެހެންވީމާ، ކޮބައިތޯ ސަރުކާރު ކުންފުނީގެ ހަކަތަ ނެތިފައި. ސަރުކާރު ކުންފުނީގެ ހަކަތަ ހުރިކަން މިއިން އެނގެނީ. އެހެންވީމާ ސަރުކާރު ކުންފުނިތައް ވަރުގަދަވީމާ، މިކަންކަން ކުރެވެނީ. ސަރުކާރު ކުންފުނިތައް ވަރުގަދަނުވީމާ ވާގޮތަކީ، އަޅުގަނޑުމެން ޓެންޑަރުކޮށްފައި މިދޫކޮށްލަނީ، އަވަށްޓެރި ކޮންމެވެސް ޤައުމެއްގެ ކުންފުންޏަކަށް މަސައްކަތްކުރަން. އަވަށްޓެރި ކުންފުންޏަކާ، އަވަށްޓެރި ޤައުމެއްގެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރީމާ، ސަރުކާރުގެ ކުންފުންޏަކުން މަސައްކަތްކުރާގޮތަށް، އެ ބާރުމިނުގައި މަސައްކަތް ކުރާކަށް، ސަރުކާރަށް ކޮށްދެވޭނެ މާބޮޑުކަމެއް ނޯވޭ. ސަރުކާރަކަށް ބާރުއެޅޭނެ ގޮތެއްވެސް ނޯވޭ. ބޭރު ބަޔަކުއައިސް ކުރާ މަސައްކަތުގައި، އެމީހުން އެކަން ކުރާނެ ގޮތަކަށް އެކަން ކުރާނީ. އެމީހުންނަށް އެކަން ނުކުރެވިއްޖެ ކަމަށްވަންޏާ، އެ މައްސަލަ ސަރުކާރަށް ޙައްލުކުރަން ވަރަށް ދަތިވޭ. މި ތަޖުރިބާތައް ނޮޅިވަރަންފަރުގައި، ތިޔަބޭފުޅުންގެ ހައުސިންގ މަޝްރޫޢާ ބެހޭގޮތުން ތިޔަބޭފުޅުންގެ ސުވާލު އޮންނާނެކަން އަޅުގަނޑަށް އެނގޭ. މިއީ އަޅުގަނޑުމެން ބޭރު ކުންފުނިތަކާ ކަންކަން ހަވާލުކުރީމާ، އަޅުގަނޑުމެން އުފުލަންޖެހޭ ތަކުލީފަކީ. މިރަށުގެ ހައުސިންގ ޔުނިޓުތައް ނުނިމި އެހުރީ ކީއްވެގެންތޯ؟ އެ ހައުސިންގ ޔުނިޓުތަކަކީވެސް ސަރުކާރުން ކުރިކަމެއްނަމަ ސަރުކާރުން ހުންނާނީ ނިންމާފައި. މިރަށުގައި ބޭރު ބަޔަކު އެމަސައްކަތް ފަށައިގެން އެދިޔައީ. ބޭރު ބަޔަކު އެމަސައްކަތް ފަށައިގެންދާއިރު، ސަރުކާރާ އެމީހުންނާ ދޭތެރޭގައި އޮންނަ މުޢާމަލާތުގެ ތެރޭގައި، ނޫނީވިއްޔާ ހިންގަން އެއްބަސްވެފައި ހުންނަ މަޝްރޫޢުތަކުގެ ތެރޭގައި، ކިރިޔާވެސް މައްސަލަޖެހޭއިރަށް މިކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނީ. އެހެންވީމާ، މިރަށުގައިވެސް ދިމާވެގެން އުޅޭ ދައްޗަކީ އެއީ.
އެހެންވީމާ ކިހިނެއްތޯ ނަރުދަމާއާއި ބަނދަރާ، މިކަހަލަ ހުރިހާ މަޝްރޫޢުތަކެއް، އަޅުގަނޑުމެން އަވަށްޓެރި ޤައުމުތަކަށް މިހުރިހާ އެއްޗެއް ދީފިކަމަށްވަންޏާ، އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ހަމަ ޓައީ އަޅާފައި އޮފީހަށް ދާންވީ. މޭޒުގައި ތިބެންވާނީ ބޭރުމީހުން މަސައްކަތްކުރަން. ކާޑު ގެންނާނީ ބޭރު މީހުން. ބަނދަރު ހަދާނީ ބޭރުމީހުން. ނަރުދަމާ އަޅާނީ ބޭރުމީހުން. ފެން އުފުލާނީ ބޭރުމީހުން. އަދި މިހެންގޮސް ހުރިހާކަމެއް ކުރާނީ ބޭރު މީހުން. އެކަމަކު މިއީ ދައުލަތެއް. ކިހިނެއްތޯ މި ދައުލަތަކަށް ވާނީ. މިއީކީ ދައުލަތަކަށް ނުވާނެ އޭރަށް. އަޅުގަނޑުމެންނަކީ ތޮށިގަނޑެއް. އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއް ބޭރުމީހުންނަށް ކޮށްދޭން އަޅުގަނޑުމެން ދޫކޮށްލައިފި ކަމަށްވަންޏާ، މި ފަސްއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުގެ މިކުރި މަސައްކަތާ ކައިރިއަށްވެސް މަސައްކަތް ނުނިމޭނެ. މިތަނުގައި ހައުސިންގ މަޝްރޫޢު ފަށައިގެން މިއުޅެނީ، މިސަރުކާރަކު ނޫން. އޭގެ ކުރީގައި އޮތް ސަރުކާރެއްގައި. ކީއްވެގެންތޯ މިހާ ދުވަސްވެގެންދާއިރު ނުނިމި މިދަނީ؟ އެ ނުނިމި މިދަނީ މިދެންނެވިކަހަލަ ސަބަބުތައް ހުރީމާ. ބޭރު ކުންފުންޏަކުން މަޝްރޫޢު ނަގާފައި، އެ މަޝްރޫޢު ނުނިންމައިފި ކަމަށްވަންޏާ، ދިވެހި ސަރުކާރަކަށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނޯވޭ. އަޅުގަނޑުމެންގެ ކޯޓަކުން މައްސަލައެއް ނުނިންމޭ. އަޅުގަނޑުމެންގެ ކޯޓުން ނިންމާފައި، އެ ކޯޓުން ނިންމާގޮތަކަށް އެމީހުންނެއް ޢަމަލެއް ނުކުރާނެ. ދެން ޖެހޭނީ ބޭރުގެ ކޮންމެވެސް ތަނަކަށް، ބޭރުގެ ކޮންމެވެސް ކޯޓަކަށް ދާން. ނޫނީވިއްޔާ އަރބިޓްރޭޝަނަށް ދާން މިޖެހެނީ. އެހެންވީމާ، ބޭރުގެ ކުންފުނިތަކާއެކީ މަސައްކަތްކުރާއިރު، ކޮންމެ ކުންފުންޏެއްގެ ފަހަތުގައި އޮންނާނީ، އެ ކުންފުންޏެއް ނިސްބަތްވާ ސަރުކާރު. މިހެން ނުކުންނަ ވިޔަފާރީގެ މުޢާމަލާތްތަކުގައި، ސަރުކާރުތަކަކާއެކީ ހަނގުރާމަ ކުރުމަކީ އަޅުގަނޑުމެން ކުރާނެކަމެއް ނޫން. އެއީ ފަސޭހަކަމެއްވެސް ނޫން.
އެހެންވީމާ، މިއަދުވެސް އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ، އެމް.ޑީ.ޕީ.އިން ނުކުމެވަޑައިގެން އުޅުއްވާ ކެންޑިޑޭޓަށް. މީގެ ކުރީގައިވެސް އެބޭފުޅުން ކަނޑައެޅިގެން މެނިފެސްޓޯގައިވެސް އާންމުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅަކީ، ކުރީގެ ރިޔާސީ އިންތިޚާބުގައި އާންމުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅަކީ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، އެއަރޕޯޓް އަނބުރާ ޖީ.އެމް.އާރަށް ދޭނަމޭ. 2013 ވަނަ އަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވިއިރު، އެބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކައަކީ އެއީ. 2013 ވަނަ އަހަރު ވިދާޅުވީ، ތިމަންނާމެންނަށް ދެންވެސް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް އެނބުރި އަނެއްކާވެސް ޖީ.އެމް.އާރަށް ދޭނަމޭ.
އެހެންވީމާ، މިއަދު ކީއްވެގެންތޯ އެސުވާލަށް ޖަވާބުދެއްވަން ކެރިވަޑައިނުގަންނަވައިގެން އެ އުޅުއްވަނީ؟ މިއަދު އެބަޖެހޭ ރައްޔިތުންގެ ކުރިމަތީގައި މި ސުވާލަށް ޖަވާބު ދެއްވަން. އަދި މިއަދު އެބަޖެހޭ، ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެއްކަމަށް މިހާރު އޮންނަތާ، އެތައް ސަތޭކަ އަހަރެއް މިވަނީ. އަދި އަޅުގަނޑުމެންގެ ނަސީބަކީވެސް މިއީ އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނާތީކަން އަޅުގަނޑުމެން އެންމެން ހިތުގެއަޑިން ގަބޫލުކުރޭ. މިކަހަލަ ރަށްރަށުގެ ރައްޔިތުން، ވަކިންބޮޑަށް އެކަން ކަށަވަރު ކޮށްދެއްވާނެ. މާލޭގައި ތަޣައްޔަރުވެފައި ތިބި އެކިއެކި ފިކުރުތަކުގައި ތިބޭއިރު، އަޅުގަނޑުމެންގެ ދީނާ ދޭތެރޭގައި އެހާ އަޅައިލުންތެރިކަމާއި އޯގާތެރިކަން ނެތް މީހުން ފަހަރެއްގައި ތިބެދާނެ. ހަމަގައިމުވެސް ބައެއް މީހުންގެ ފޭސްބުކާއި، ޓްވީޓްތައް ކިޔާލީމާ އެކަންކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެކަމަކު މިއަދުވެސް އެބޭފުޅުން ޤިޞާޞް ތަންފީޛު ކުރާނެތޯ، ޤިޞާޞް ހިފާނެތޯ، މިއަދުވެސް އިދިކޮޅަށް ނުކުމެއުޅޭ ކެންޑިޑޭޓް އެއްޗެއް ވިދާޅެއްނުވާނެ. މިއަދުވެސް އެބޭފުޅުންނަށް އުނދަގޫފުޅުވާނެ ވިދާޅުވާން. އަބަދު ރައީސް ޔާމީން ދައްކާ ވާހަކައެއް، އިސްލާމްދީނަށް އޮންނަ ޤަދަރު ރައީސް ޔާމީނުގެ ސަރުކާރުގައި އަބަދުވެސް އުފުލިގެންދާނެއޭ ބުނީމާ، އެބޭފުޅުން ކީކޭތޯ ވިދާޅުވަނީ؟ ޤާނޫނުއަސާސީގައި ލިޔެފައި އޮތް ވާހަކައެކޭ މިއީ. ދެން ކީއްކުރަންހޭ އެވާހަކަ އިތުރަށް ދައްކަންވީ؟ ޝަހާދަތް އެއީ އަޅުގަނޑުމެން ލިޔެފައި އޮންނަ އެއްޗެއް ނޫންތޯ؟ އެކަމަކު ކޮންމެ ރެޔަކު ކުޑަކުއްޖާ ނިންދަވާއިރު މަންމަ އެކުއްޖާ ލައްވައި، ޝަހާދަތް ކިޔުއްވައޭ. މި ލިޔެފައި ހުންނަ އެއްޗެތި އަޅުގަނޑުމެން ކީއްވެތޯ ތަކުރާރު ނުކުރާންވީ؟ އިސްލާމުންނަކީ އަބަދުވެސް އިސްލާމުން ކުރާ ކަންތައްތައް ތަކުރާރުކުރާ ބައެއް. އޭގެމަތީގައި، އެ ނިޢުމަތުގެ މަތީގައި ތިބޭ ބައެއް. ޤާނޫނުއަސާސީގައި އަދި އެއްޗެއް ލިޔެފައި އޮތުމަކުން އޭގެ މާނައަކީ އެވާހަކަ އިތުރަށް ނުދައްކަންވީކީއެއް ނޫން. އެބޭފުޅުން އެބަޖެހޭ މިސުވާލަށް ޖަވާބުދެއްވަން. އެބޭފުޅުން އެބަޖެހޭ ވިދާޅުވެދެއްވަން، ދިވެހިރާއްޖޭގައި ތިމަންނާމެން އެހެން ދީނަކަށް ޖާގައެއް ނުދޭނަމޭ، އެބޭފުޅުން އެބަޖެހޭ ވިދާޅުވާން. އަދި ހަމައެހެންމެ، 18 މަސްދުވަހުގެ ވެރިކަމަކަށް ވަޑައިގަންނަވާ ބޭފުޅަކު، އެބަ ޖަވާބުދެއްވަންޖެހޭ. މިހާރުވެސް އެބޭފުޅުންގެ މެނިފެސްޓޯގައި ލިޔުއްވައިގެން އެ އުޅުއްވަނީ، ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީގައި އެކަން އޮތްގޮތާ ޚިލާފު ވާހަކައެއް. އޭގެމާނައަކީ ޤާނޫނުއަސާސީއާ ޚިލާފުވާ ވާހަކައެކޭ ދަންނަވަނީކީއެއް ނޫން. ޤާނޫނުއަސާސީގައި މިއޮތީ ރިޔާސީ ވެރިކަމެއް. އެބޭފުޅުންގެ މެނިފެސްޓޯގައި ފާޅުކަންބޮޑު ގޮތެއްގައި އެ ވިދާޅުވަނީ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެ ކަމަށްވަންޏާ، މިތަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނަމޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާ ކަމަށްވަންޏާ، އަނެއްކާވެސް ރައްޔިތުންނަށް އެތައްބޮޑެތި އިންތިޚާބުގެ ޚަރަދުތަކެއް ކުރަންމިޖެހެނީ. ބަރުލަމާނީ ނިޒާމެއްގައި މިވަނީ ކިހިނެއްތޯ؟ ރިޔާސީ އިންތިޚާބުގައި މިއަދު ބޭފުޅަކު ޢައްޔަނު ކޮށްފާނެ 18 މަސްދުވަހަށް. ނަމަވެސް، ބަރުލަމާނީ ނިޒާމު އަންނަ ހިސާބުން، ކޮންގޮތަކަށްތޯ އިދިކޮޅުން މިހާރު ނުކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށް ވިދާޅުވެވޭނީ، ތިމަންނާ ޕާޓީގެ ތެރެއިން ބަރުލަމާނީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރަން ރައްޔިތުން ތާއީދު ކޮށްފިކަމަށްވަންޏާ، ތިމަންނާގެ ޕާޓީގެ ތެރެއިން، ތިމަންނާއޭ ބަރުލަމާނީ ނިޒާމުގެ ޕްރައިމް މިނިސްޓަރަކަށް ހުންނާނީ، ބޮޑުވަޒީރަކަށް ހުންނާނީ ވިދާޅުވެވޭނެތޯ؟ ވިދާޅެއްނުވެވޭނެ. އެއީ އެބޭފުޅުންގެ ޕާޓީގައި މިހާރު ނުކުމެވަޑައިގެން ހުންނަވާ ކެންޑިޑޭޓަށްވުރެ ނުފޫޒުގަދަ އެތައް ނުފޫޒުތަކެއް އުޅޭތީ.
ދައުލަތެއް ނުހިންގޭނެ، ދައުލަތުގެ އެންމެ އިސް އަމާނާތް، ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ، ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސްކިޔާ އެތައްބަޔަކު، އޭނާގެ މައްޗަށް ބާރުހިންގާ ތަފާތު އެތައް ވެރިންތަކެއް ތިބެއްޖެކަމަށްވަންޏާ، ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގައެއްނުދެވޭނެ. އެހެންވީމާ، ދައުލަތް ހިންގައިދެވޭނީ، ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބުކުރާ މީހާއާ ހަމައިގައި، ހުރިހާ ބާރުތަކެއް އޮތިއްޔާ. އޭނާ ހަމައެކަނި، ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި، ޤާނޫނީ ސަރުކާރެއް ދެމެހެއްޓުމަށާއި، ޤާނޫނީ ނިޒާމު ދެމެހެއްޓުމަށާއި، އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި، އިންސާފު ޤާއިމުކުރުމަށް. ސިޔާސީ އެތައް ބައިވަރު ލީޑަރުން ބުނާ ބަސް އަހައިގެން، އޭނާ ވެރިކަން ކުރާކަމަށްވަންޏާ، އޭނާއަކަށް ވެރިކަމެއް ނުކުރެވޭނެ.
އެހެންވީމާ، މިއަދު އެބަ ވިދާޅުވެދެއްވަންޖެހޭ، އެބޭފުޅުންގެ ޕްލެޖްތަކުގެ ތެރޭގައި، އެބޭފުޅުންގެ މެނިފެސްޓޯގައި އެބަ ވިދާޅުވޭ، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެކަމަށްވަންޏާ، ބަރުލަމާނީ ނިޒާމަކަށް މިތަން ބަދަލުކުރާނަމޭ. އޭގެ މާނައަކީ، ފުރަތަމަ ސުވާލަކީ، ބަރުލަމާނީ ނިޒާމަށް ބަދަލުވެއްޖިއްޔާ، 2019 ގައި މިއޮންނަ އާންމު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ރައްޔިތުން އެބޭފުޅުންނަށް ދޭނެތޯ؟ އެމެޖޯރިޓީ ރައްޔިތުން އެބޭފުޅުންނަށް ނުދީފިކަމަށްވަންޏާ، ވެރިކަން ބަދަލުވީ. އެ މެޖޯރިޓީއަކީ ޕީ.ޕީ.އެމް.އިން، ޕީ.ޕީ.އެމް.ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ނަގާ އިންތިޚާބަކަށް ވެއްޖެކަމަށްވަންޏާ، އެބޭފުޅުންގެ ވެރިކަން ނިމިގެންދިޔައީ. 18 މަސްދުވަހު މަޑުކުރާކަށް ނުވެސްޖެހޭނެ. އެބޭފުޅުންނަށް މެޖޯރިޓީ ލިބިގެން، މިބަދަލު ގެންނަވައިގެން މިކަންކަން ކުރިއަށް ގެންދަވާ ކަމަށްވަންޏާ، މިހާރުވެސް އެބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ، ތިމަންނާމެންގެ ޕާޓީއިން ބަރުލަމާނީ ނިޒާމެއް އައިސްފިކަމަށްވަންޏާ، ތިމަންނާމެންގެ ޕާޓީއިން ބަރުލަމާނީ ނިޒާމެއްގެ އެންމެ އިސްމީހެއްގެ ގޮތުގައި، މަސައްކަތްކުރާ ބޮޑުވަޒީރަކަށް ތިމަންނާމެން ހަމަޖައްސާނީ މިހާރު ނުކުމެވަޑައިގެން ހުންނެވި ރިޔާސީ ކެންޑިޑޭޓު ކަމަށް ވިދާޅެއްނުވެވޭނެ. މިހާ ދެކޮޅުނުޖެހޭގޮތަކަށް އޮތް ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ، އެބޭފުޅުން ރައްޔިތުންނަށް ހާމަކަންބޮޑުގޮތެއްގައި، ސާފުކޮށްދެއްވާށޭ. މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއްނޫން. މިއީ، އެބޭފުޅުންގެ މެނިފެސްޓޯގައި، ލިޔުއްވާފައި އޮންނަ ވާހަކަތައް. އެހެންވީމާ، އެބޭފުޅުން ރައްޔިތުންނާ ހަމައަށް ވަޑައިގެން ވާހަކަފުޅު ދައްކަވާއިރު މިވާހަކަތައް އެބަޖެހޭ، އެބޭފުޅުން ސާފުކޮށްދެއްވާން.
ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވީ، 160 ރަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ތެރޭ ޓޫރިޒަމަށް ދޫކޮށްގެން، އެކަމާބެހޭގޮތުން އިދިކޮޅު ބޭފުޅުން ދެއްކެވި ވާހަކަފުޅު. އެބޭފުޅުންގެ ސަރުކާރުގައި މިކަހަލަ 400 އެތައް ރަށެއް، އެތައް ބިމެއް އެބައޮތް ދެއްވާފައި. އަދި އެތަންތަނުގެ ތެރެއިން ހެދުނީ ކިތައް ރިޒޯޓުތޯ؟ ދަތުރުފަތުރުގެ ނިޒާމާއި، މި އެކިކަންކަމަށް ބަރޯސާކޮށްފައި ދިން ބިންތަކަށްވީ ކިހިނެއްތޯ؟ ދަތުރުފަތުރުގެ ނިޒާމު ކޮބައިތޯ؟ އެ ނިޒާމެއް މިއަދަކު ނެތޭ. އޭގެ ބަދަލުގައި މި ސަރުކާރުން ދަތުރުފަތުރާ ބެހޭގޮތުންވެސް ކުރާ ކަންކަން މިކުރަނީ. އެހެންވީމާ، ދެން ކޮންމެ ތަނަކަށް ވަޑައިގެން، ކުޅުދުއްފުށީގައިވެސް ވިދާޅުވެދެއްވަން ޖެހޭނީ، މިތަނުގައި އެއަރޕޯޓެއް ހަދައިދޭނަމޭ. އެކަމަކު، ކުޅުދުއްފުށީގައި އެއަރޕޯޓު އެއޮތް ނިމެނީ. ނޮޅިވަރަންފަރުގައިވެސް އެބޭފުޅުން މިކަހަލަ ކޮންމެވެސް ވާހަކައެއް ދައްކަވާނެ. ނަރުދަމާވެސް އަޅައިދެއްވާނަމޭ. މިތަނުގައި ނަރުދަމާގެ މަސައްކަތް ހިނގައި، ނިމެން ކައިރިވަނީ.
މިވާހަކަތައް ދެއްކީމާ، މިއަދު އެބޭފުޅުން އަޅުގަނޑަށް ޖަވާބު ދެއްވަމުން އެ ވިދާޅުވާ ވާހަކަފުޅުތަކުގެ ތެރޭގައި ހިމެނެނީ، އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް، ރައީސް ޔާމީނާ މި ރިޒޯޓުތައް ދޫކުރާތީ، ވަރަށް ގިނަ ވާހަކަތައް ދެއްކިއޭ. ރައީސް ޔާމީން އޭނާއަށް ޖަވާބު ދިނޭ، ތިވަނީ، ޒާތީ ވަނީއޭ. މިއީ، މުޅިން ދޮގު ވާހަކަ. މިއީ، އޮޅުވާލައިގެން ދައްކާ ވާހަކަ. މިއީ، ދޮގު ވާހަކަ. ނިޔާޒު އިބްރާހީމް، އަޅުގަނޑުގެ ކައިރިއަކަށް، އޭރުގެ އޮޑިޓަރ ޖެނެރަލް ވަޑައެއްނުގަންނަވާ، އެ ވިދާޅުވާ، 160 ރިޒޯޓު ދޫކޮށްގެން އެ ވާހަކަ ދައްކާކަށެއް. ނިޔާޒު އިބްރާހީމް އަޅުގަނޑާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައަކީ، އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން. ރައީސޭ، ތިމަންނާ ކަންބޮޑުވާކަމެއް އެބައޮތޭ. އެއީ، އެމް.އެމް.ޕީ.އާރު.ސީ. އޭރުގެ ޓޫރިޒަމްގެ އެތައް ބައިވަރު ރަށެއް ހިންގާ ކުންފުނި، އެ ކުންފުންޏާއި، އެމް.ޕީ.އެލް. އާ ދޭތެރޭގައި މުޢާމަލާތުތަކެއް އެބަ ހިނގައޭ. މި މުޢާމަލާތުތަކާ ދޭތެރޭގައި ތިމަންނާ ހިތްހަމައެއްނުޖެހެއޭ. އެއީ، އެމް.ޕީ.އެލް. ރާއްޖޭގެ ޕޯޓްސް ސަރަޙައްދުގައި، ބޯޑު ކްލިއަރ ކުރަން އެ އޮންނަ ކުންފުނި. އެމް.ޕީ.އެލް. އިން ދިވެހިފައިސާ އިސްވެ އެބަދެއޭ، އެމް.އެމް.ޕީ.އާރް.ސީ.އަށް ޑޮލަރު ގަތުމަށްޓަކައި. އެހެންވީމާ، އެމް.އެމް.ޕީ.އާރް.ސީ.އިން ޑޮލަރު ދިނުމުގައި ދެފަރާތުން އެއްބަސްވެފައި އޮންނަ އެއްބަސްވުމާ އެއްގޮތަށް މި ކަންކަމެއް ނުހިނގައޭ. މިއީކީއެއް، ކުރެވިގެންވާނެ ކަމެއް ނޫނޭ. މިކަން އެބަ ހުއްޓާލަން ޖެހެއޭ. އެއީ، އަޅުގަނޑާ ދެއްކި ވާހަކައަކީ. 165 ރަށް ނެރޭތީ، ނޫނީވިއްޔާ ޓޫރިޒަމުން ރަށްތަކެއް ނުކުންނާތީ، އެ ވާހަކަ ދެއްކީކީއެއް ނޫން. އަޅުގަނޑާ އެ ވާހަކަ ދެއްކީމާ، އަޅުގަނޑު އޭނާއަށް ދިން ޖަވާބު، އޭރުވެސް ހަމަ ނޫސްތަކުގައި ޖަހާފައި އެހެރީ. އަދި، އަޅުގަނޑުމެންގެ ފަރާތުން ބުނަމުން މި ގެންދިޔައީ. އަޅުގަނޑު ބުނިން، ތިއީކީއެއް އަޅުގަނޑު ބެހޭނެކަމެއް ނޫނޭ. ކުންފުންޏެކޭ އެމް.ޕީ.އެލް.އަކީ. އެމް.ޕީ.އެލް.ގެ ބޯޑުން ނިންމާފައި، އެމް.ޕީ.އެލް.ގެ މަނީ ޗޭންޖަރސް ލައިސަންސެއް އޮތް ކަމަށްވަންޏާ، ބޭރު ފައިސާ މާރުކުރުމުގެ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސެއް އެމް.އެމް.އޭ.އިން ދީފައި އޮތް ކަމަށްވަންޏާ، ތިއީކީއެއް މައްސަލައެއްނޫނޭ. ޤާނޫނީ ގޮތުން، އަދި އެހެން ގޮތަކުންވެސް ތިއާދޭތެރޭގައި، އުފުލޭނެ ފިޔަވަޅެއް ނޯންނާނެއޭ. ދެން، ދެ ފަރާތުގައި މުޢާމަލާތު ހިނގާފައި އޮތްގޮތުން، ލަސްވެގެން ދާކަމަށްވަންޏާ، އެމް.ޕީ.އެލް. އިން އަޅާ ފިޔަވަޅެއް އަޅާނެއޭ. އެކަމަކުވެސް، އޭނާ ހިތްޕުޅުހަމަނުޖެހިގެން ވިދާޅުވީ، އެހެންނަމަވެސް، ތިމަންނާ އެބަޖެހެއޭ، މިވާހަކަ ދައްކަން. އަޅުގަނޑު ދެންނެވީ، ފެނިވަޑައިގަންނަވާގޮތަކަށް ތިޔަ ކަންތައް ކުރައްވާށޭ.
އެހެންވީމާ، ފެނިވަޑައިގަންނަވާގޮތަށް އެ ކަންތައް ކުރައްވާފައި، އެ ކަންކަން ނިމިގެން ދިޔައީމާ، އޭނާ މިއަދު މަޤާމުން ދުރުވެވަޑައިގެން އެ ހުންނެވީ. އެހެންވީމާ، މިއީކީއެއް އެއްގޮތަކަށްވެސް ޒާތީވެގެން، 160 ރަށް ނުކުމެގެން، ދެއްކި ވާހަކައެއް ނޫން މިއީކީއެއް. އެހެންވީމާ، ވާހަކަ އޮޅުވުމާއި، ވާހަކަ ބަދަލުކުރުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، ތަންތަން އެންދުމާއި، މިކަހަލަ ހުރިހާ ކަމެއް، އަޅުގަނޑުމެންނަށް ކުރިއަށްއޮތް ތަނުގައިވެސް ފެނިގެންދާނެ.
އެކަމަކު، މި ރަށްރަށަށް އައިސްފައި، އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު، އަޅުގަނޑު މި ވާހަކަ މި ދައްކަނީ، މުޅި ދިވެހިރާއްޖޭގެ ރައްޔިތުން މި ކަންކަމަށް، ސަމާލުކަންދޭނެކަމަށް ގަބޫލުކޮށްގެން. ނޮޅިވަރަންފަރުގައިވެސް ހަމަ ކޮންމެ ބޭފުޅަކުވެސް ވިސްނާވަޑައިގަންނަވަންވީ، އަޅުގަނޑުމެން ގަބޫލުކުރާ ޕާޓީތަކަށްވުރެ، ސިޔާސީ މީހުންނަށްވުރެ، މަތިވެރިކޮށް އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓޭ. އެއީ، ރާއްޖޭގައި އޮންނަންވީ ކޮންކަހަލަ ދީނެއްތޯ. ކޮން ދީނެއްތޯ އޮންނަންވީ. އެހެން ބަޔަކަށް ޖާގަ ދޭނަންތޯ. ރާއްޖޭގައި އިސްލާމީ އުސޫލުތައް ހިންގާނަންތޯ. ދީނަށް އިޙުތިރާމް ދެވެނީ ކިހާވަރަކަށްތޯ. މިކަހަލަ އެތައް ކަމެއް ވިސްނާފައި، ދެން އަޅުގަނޑުމެން ވިސްނަންޖެހޭނީ، މިކަހަލަ ރަށްރަށަށް އަޅުގަނޑުމެންނަށް ބޭނުންވެފައިހުރި ކަންކަމުގެ ތެރޭގައި، ހުރިހާ އެންމެންނާ ދޭތެރޭގައި އިންސާފާއި ޢަދުލު، ޤާނޫނާއި ޝަރީޢަތާ އެއްގޮތަށް ހަމަހަމަކަން ޤާއިމުކޮށްދޭނެތޯ. އަދި، މިކަހަލަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި، މަޞްލަޙަތާއި ރައްކާތެރިކަންއޮތީ، ކިހާ މިންވަރަކަށްތޯ. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ޙައްލުނުކުރެވޭވަރަށް، މިކަހަލަ ކަންތައްތަކެއް މީގެ ކުރީގެ ސަރުކާރުތަކުގެ ތެރޭގައި ފެނިފައި އޮތީމާ، ދޮގެއްތޯ ޤާނޫނު މި ދެންނެވިގޮތަށް ތަންފީޒު ކުރަން ފެށީ. އަދި، މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ވާހަކަ ދައްކައި އެއަށް ޢަމަލީ ސިފަ ގެންނާނެ ވާހަކަ ދައްކަންފެށީ، މުޅި ރައްޔިތުންގެ ޙައްޤުގައި. އެ ބޭފުޅުން އެބަޖެހޭ މިއަށް ޖަވާބު ދެއްވަން. އެބޭފުޅުން ހަމައެކަނި ސިޔާސީ ކުށްވެރިންތަކެއްގެ ވާހަކަ ދައްކަވައިގެން ދެކޮޅެއްނުޖެއްސޭނެ. އަޅުގަނޑު މި ދެންނެވި ކަހަލަ އެތައް ބައިވަރު ސުވާލަކަށް އެބަޖެހޭ، މިއަދު ކެންޑިޑޭޓު ނުކުމެވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވާއިރު، ޖަވާބު ދެއްވަން. އެ ޖަވާބު ދެއްވަންޖެހޭ ސަބަބަކީ، އެ ބޭފުޅުންނަކީވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން.
އަޅުގަނޑުމެންނަށް މީގެ ކުރީގައި ކަމުނުދިޔައީ، ދިވެހިރައްޔިތުންނަށް ކަމުނުދިޔައީ، 30 އަހަރުގެ ދިގު ވެރިކަމެއް، މާ ދިގުވެގެން ދިޔައީމާ. އަދި އޭގެފަހުން، ތިން އަހަރުގެ ވެރިކަމެއް، މާ ކުރުވެގެން ދިޔައީމާ ކަމުނުދިޔައީ. އެހެންވީމާ، 30 އަހަރާއި ތިން އަހަރާ، މި ދޭތެރޭގެ ޢަދަދެއް ނޫންތޯ ރައްޔިތުންނަށް ވެރިކަން ކުރަން ކަމުދަނީ. އަޅުގަނޑުގެ ޒަޢާމަތުގައި، އިރާދަކުރެއްވިޔާ، ފަސް އަހަރު ފުރިގެން މިދަނީ. ފަސް އަހަރު ފުރުމުގެ ކުރިން އިންތިޚާބެއް މިއޮންނަނީ. އެހެންވީމާ، 30 އަހަރު ހުރި މައްސަލަތަކެއްގެ ވާހަކަ ދެއްކެވި ބޭފުޅުން، މިއަދު އެ ބޭފުޅުން އެ ތިއްބެވީ އެއް ގޮނޑިއެއްގައި، އެއް ފަޅުވެރިންނާއެކީ. އަޅުގަނޑުމެންނަކީ އޭރުވެސް ތިން އަހަރުގެ ވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކި މީހުން. މިއަދުވެސް އަޅުގަނޑުމެން މި ކުރަންޖެހެނީ މި ހަނގުރާމަ ހަމަ އެކަނިމާއެކަނި. އަޅުގަނޑުމެންނާއެކީ ތިބީ އެމް.ޑީ.އޭ. އަޅުގަނޑުމެން މި ދަތުރު ފެށީވެސް އެމީހުންނާއެކީ. އިރާދަކުރެއްވިއްޔާ، މި ދަތުރު ނިމިގެން ފާގަތިކަމާއެކީ، ރައްޔިތުންނާއެކީ، ކުރިއަށްދާނީވެސް ހަމަ އަޅުގަނޑުމެންނާއި އެމް.ޑީ.އާ. ގުޅިގެން. އޭގެ އެހެން ސިޔާސީ ފިކުރުގައި ތިއްބެވި ބޭފުޅުންނަކީ، އެ ބޭފުޅުންގެ ފިކުރުތައް ޙަޤީޤަތުގައި، ޤަރުބަ ގަތުމުގެ ކުރިން، އެ ފިކުރުތައް މާ ކުރިއަށް ވެއްޓުނީ. ވެއްޓުނީމާ، އެ ކަންކަން ތަޙައްމަލު ނުކުރެވިގެން ކުށްތަކަށް އަރައިގަތީ. ކުށްތަކަށް އަރައިގަތީމާ، އެ ބޭފުޅުން މިއަދު އެ އުޅުއްވާގޮތަށް އުޅުއްވަން ޖެހިވަޑައިގަތީ. އެކަމަކު، ކޮންމެ މީހަކުވެސް އެމީހަކު ދާންވާ ހިސާބަށް ޤާނޫނާއި ޝަރީޢަތުގެ ތެރެއިން އޭނާ ދާން މަސައްކަތްކޮށްފި ކަމަށްވަންޏާ، އޭނާއަށް ދާންވާ ހިސާބަކަށް ދެވޭނެ. އިންތިޚާބަކަށް ވާދަކުރާނަމަ، މިއަދު ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުން 23 ސެޕްޓެންބަރުގައި، މިއަންނަ މަހު، މަހެއްހާ ދުވަސް މިއޮތީ، މަހެއްހާ ދުވަހު ނަގާ ވޯޓުގައި އެ ބޭފުޅުންގެ ނަންފުޅުތައް ޖެހުމަށް އެބޭފުޅުން މަސައްކަތް ކުރަމުން. އޭގެ ކުރީގައި މި ދެންނެވިގޮތަށް، މަސައްކަތް ކުރެއްވީމާ، ޢަދުލުއިންސާފު އެއްވަރަކަށް އެންމެންނަށް ހަމަހަމަކޮށް ޤާއިމުކޮށްދޭ ސަރުކާރެއްގައި، ހަމަ އެ ބޭފުޅުން ކުރެއްވިޔަސް، ހަމަ އެބޭފުޅުންނަށް ދިމާވާނެ ދަތިތަކެއް ހުންނާނެ. އެއީކީއެއް، ރައީސް ޔާމީން ކުރާކަމެއް ނޫން. ރައީސް ޔާމީނަކީ، ތަނެއްގައި ޤާއިމުވެފައި ހުންނަ ނިޒާމު ދަމަހައްޓަން މަސައްކަތްކުރާ މީހެއް.
އެހެންވީމާ، މި ވާހަކަ ރައްޔިތުންގެ އަރިހަށް ވަޑައިގެން ދެއްކެވިއަކަސް އަޅުގަނޑަކަށް ހިއެއްނުވޭ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި ވާހަކަ ދައްކާނެހެނެއް. ރައްޔިތުން މިއަދު ބޭނުންވަނީ، ތަރައްޤީ. ތަރައްޤީގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ރަށްރަށުން ފެންނަން އެހެރީ ތަރައްޤީ. މި ފޮތުން ފެންނަން އެހެރީ، އޭގެ ތަފްސީލު. ތަފާސް ހިސާބު. އެހެންވީމާ، މި ފޮތް އަދި ލައްޕާލިޔަސް، އަޅުގަނޑުމެންގެ ލޯތަކެއް އަދި މަޅައެއްނުލަން. އަޅުގަނޑުމެން މާލެއަށް ދިޔަޔަސް، ނޮޅިވަރަންފަރަށް އަޔަސް، ކުޅުދުއްފުށްޓަށް ދިޔަޔަސް، އުލިގަމަށް ދިޔަޔަސް، މި ފެންނަނީ، ތަރައްޤީގެ ބިނާތަކާއި، ތަރައްޤީގެ މަޝްރޫޢުތައް. މި ފޮތް ލައްޕާފައި ބާއްވާ. އެކަމަކު، ރައްޔިތުންގެ ހިތުގައި ރައްޔިތުންނަށް ލިބިފައިހުރި ކަންކަމާއި، މި ރަށްރަށުގައި ހިނގަމުންދާ ކަންކަން ރައްޔިތުންގެ ހިތަކުން ފިލައިގެންނުދާނެ. އެއަކަށް ޖަވާބެއް ނުދެއްވޭނެ. އެއަށް ހަމަ ވިދާޅުވާން އޮންނާނެ ވާހަކައަކީ، ތިމަންނާމެން ނުކުތީކީއެއް ފުރަތަމަ މިކަހަލަ މަޝްރޫޢުތަކެއް ހިންގާކަށްނޫނޭ. މިއަށްވުރެ މާ ނިޔަނެތިކޮށް، މިއަށްވުރެ މާ މަޢުޞޫމުކޮށް، ޖަޒީރާތަކެއްގައި ތިބެގެން ޤުދުރަތީގޮތުން އަންނަ ކަންކަމެއް ކުރާށޭ. އެކަމަކު، އެ ދަތުރު ބަދަލުވެއްޖެ. އެބަ އެނގިވަޑައިގަންނަވާ، މި އޮއި ބާރު ކަނޑެއްގައިކަން މި އުޅުއްވަނީ.
އެހެންވީމާ، ދެން ވިދާޅުވާންޖެހޭ ވާހަކައަކީ، އިންޑިޔާގެ ކަނޑަކީ، ތިމަންނާމެންގެ ސަރުކާރެއްގައި، ޚާރިޖީ ސިޔާސަތުގައި ވިދާޅުވާ ވާހަކައެއް. އިންޑިޔާގެ ކަނޑަކީ، ހަމަޖެހޭ އަމާން ތަނަކަށް ވާނެއޭ. އިންޑިޔާ ކަނޑަކީ މިއަދުވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ލިޔެވިފައި އޮތް ވާހަކައެއް އެ ވިދާޅުވަނީ. އިންޑިޔާގެ ކަނޑަކީ އެއްވެސް އިސްތިޢުމާރީ ބާރެއްގެ ނުފޫޒު ފޯރާނެ ތަނެއްނޫން. އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވޭ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި، އިންޑިޔާ ކަނޑަކީ އިސްތިޢުމާރީ އެއްވެސް ބާރެއްގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ނުވުން. އެއީ، އަޅުގަނޑުމެން ހުރިހާ އަވަށްޓެރި ޤައުމުތަކުގެ ސަލާމަތަކީ. އަދި އަމުދުން، ދިވެހިރާއްޖެ ކަހަލަ، ކުޑަކުޑަ ދައުލަތުގެ ސަލާމަތްކަން އޮތީ އެގޮތަށް. އެހެންވީމާ، އެ ބޭފުޅުން އެބަ ވިދާޅުވެދެއްވަންޖެހޭ، މިއަދު އެ ބޭފުޅުން ވިދާޅުވާ ވާހަކަތަކުގެ ތަފްސީލު.
އަޅުގަނޑުވެސް ހަމަ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ހަމަ ބޭނުންވަނީ، މިއަންނަ މަހު 23 ވަނަ ދުވަހު ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، އަޅުގަނޑު މި ދެއްކި ކަހަލަ ވާހަކަ ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. އަޅުގަނޑުމެން ސިޔާސީ ފިކުރާއި، ސިޔާސީ މީހުންނާއި، ސިޔާސީ ވިސްނުންތަކާއި، އަޅުގަނޑުމެން އެބަޖެހޭ ކުޑަކޮށް ދުރުގައި އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ގޮތެއް ނިންމަން. އެއީ، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ދައުލަތަކަށް އަމާންކަންއޮތީ ކޮން ގޮތެއްގައިތޯ. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ދައުލަތަކަށް މި އުޅެނީ، ދެ ސިޔާސީ ފިކުރެއް، އަޅުގަނޑުމެންގެ މިއޮތް ކުދިކުދި ރަށްރަށުގައި އަޅުގަނޑުމެންނަށް އަމާންކަމާއެކީ ނުގެންގުޅެވިގެން މިއުޅެނީ.
އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ، އިސްލާމީ ދައުލަތެއްގައި، އެހެން ދީންތަކުގެ ފައްޅި އަޅާނެ ޖާގަ އޮތްތޯ ސުވާލު ކުރެވެމުންދާއިރު، މިއިން ރަށެއްގައި ފައްޅި އަޅައިފި ކަމަށްވަންޏާ، ދެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއި، ދެން މި ތަންތަނުގައި އުފެދޭނެ ހަމަނުޖެހުމާއި ދޭތެރޭގައި ވިސްނާވަޑައިގަތީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު މި ދައްކާ ވާހަކަ ވަރަށް ސާފުވާނެކަންނޭނގެ. މިއުޅެނީ، ދެ ފިކުރެއް. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ގޮތަކަށް އިޙުތިރާމާއެކީ ނުގެންގުޅެވިގެން. އަޅުގަނޑުމެން ކަންކަން ކުރީމާ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންނަކީ އިސްވެ މީހުންނަށް ގޯނާކުރާ ބައެއްނޫން. އަދި، އެހެންނޫނަސް، އަޅުގަނޑުމެންނަކީ، މީހުންނަށް ގޯނާކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ ތަންތަން އަންދާ ބައެއްވެސްނޫން. އެކަމަކު، އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ރައްޔިތުންނަށް އެބަ ކަށަވަރުކޮށްދެއްވަން އެބަޖެހޭ، އެ ބޭފުޅުންނަކީވެސް ރައްޔިތުންނަށް ހެޔޮއެދުމާއި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ މަޞްލަޙަތާއި، އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި، ދިވެހި ދައުލަތް އެއްގޮތަކަށްވެސް ކޮމްޕްރޮމައިޒް ނުކުރާނެ ބައެއްކަން އެ ބޭފުޅުން އެބަޖެހޭ ވިދާޅުވެދެއްވަން. އެ ވާހަކަތައް ވިދާޅުވެދެއްވާފައި، ދެން އެބޭފުޅުން ކުރިއަށް ވަޑައިގަންނަވާށޭ. ދެން އެ ބޭފުޅުން ރައްޔިތުންނާ ކުރިމަތިލައްވައި، ދެއްވަންޖެހޭ ޖަވާބުތައް އަޅުގަނޑު މި ދަންނަވާލީ. ބައެއް ކަހަލަ ސުވާލުތައް މި ދަންނަވާލީ.
އެއަރޕޯޓުގެ ކަންތައް. ގިޞާޞް ހިފުމުގެ ކަންތައް. އިސްލާމްދީނަށް ކަމޭހިތުން. އަދި ހަމަ އެހެންމެ، އަދިވެސް އެ ބޭފުޅުން މަސައްކަތް ކުރައްވާނެތޯ، އެ ބޭފުޅުންގެ ސަރުކާރެއްގައިވެސް މިސްކިތްތައް ފިޔަވައި، އެހެން ދީންތަކުން އަޅުކަން ކުރާނެ، އެހެން ތަންތަން ފައްޅިތަކާއި، މިކަހަލަ ތަންތަނަށް މިތަނުން ޖާގަ ދޭނެތޯ. އެ ސުވާލު ކުރައްވާނެ. އެއަށް، އެބަޖެހޭ ރައްޔިތުންގެ ކުރިމަތީގައި، ޖަވާބު ދެއްވަން. މިކަހަލަ ކަންކަމެއް މިކަހަލަ މަޢުޞޫމު މުޖުތަމަޢުގައި އަޅުގަނޑުމެން އޮޅުންފިލުވަން ބޭނުންވަނީ. އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންނަށް އޮތް ހުރިހާ ނިޢުމަތެއް އޮތީ، ﷲގެ މަގުގައި އަޅުގަނޑުމެން ތިބެގެން. އެހެންވީމާ، މިވާހަކަ ދެއްކީމާ، މިއީ ހަމައެކަނި ޤާނޫނުއަސާސީގައި އޮތް މާއްދާއެއްގެ ދެ ފޮޅުވަތުން ފުއްދައިލެވޭނެ ކަމެއްކަމަށް ޖަވާބު ދެއްވީމާ، އެ ބޭފުޅުންގެ ވިސްނުންފުޅާއި ފިކުރު، އަޅުގަނޑު މި ދެންނެވި ކަހަލަ ކަންކަމުގައިހުރި މިންވަރު ރައްޔިތުންނަށް ހާމަކޮށް ބޮޑުކޮށް އެބަ އެނގޭ.
އަޅުގަނޑު އެދެނީ، ނޮޅިވަރަންފަރަށް އިތުރު ތަރައްޤީ އައުން. އަޅުގަނޑު މި ދަންނަވާލި މަޝްރޫޢުތައް ނޮޅިވަރަންފަރުގައި ހިނގަމުންދާކަން، ނޮޅިވަރަންފަރުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެންމެ އަވަހަށް، ދެން އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލާނަން ވޯޓުގެ ކުރިންވެސް، އިރާދަކުރެއްވިއްޔާ، މިތަނުގައި ފެނުގެ މަޝްރޫޢު ފެށްޓޭތޯ ބަލާނަން. އެކަމަކު، މަޝްރޫޢުތައް ޓެންޑަރކޮށްގެން، ބޭރުގެ ކުންފުނިތަކަށް ދިނީމާ، ދިމާވާ މައްސަލަތައް ހުރިކަން އަޅުގަނޑު މި ދަންނަވާލީ. މިކަހަލަ މަޝްރޫޢުތަކެއް އެކި ހިސާބުގަނޑުގައި ފެށީ. މި ރަށުގެ ހައުސިންގ މަޝްރޫޢަކީވެސް މިހެންއޮތް މަޝްރޫޢެއް. އެހެންވީމާ، މިކަހަލަ ބޮޑެތި މަޝްރޫޢުތައް ފަރާތް ފަރާތަށް ދޫކުރާއިރު، ސަރުކާރުން ވިސްނަންޖެހޭ ކަންކަން ހުންނާތީއާއެކީ، ފެނުގެ މަޝްރޫޢުވެސް މިތާނގައި ނުފެށި މިއޮތީ. އިރާދަކުރެއްވިއްޔާ، ހަމަގައިމުވެސް ވޯޓުގެ ކުރިން ފެށޭތޯ، ނޫނީވިއްޔާ، ހަމަގައިމުވެސް، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ފެށިގެންދާނެ. މި މަޝްރޫޢަކަށް ދަތިވާ އެހެން އެއްވެސް ކަމެއްނެތް. ހުރިހާ ފައިސާއެއް ހަމަޖެހިފައި. ހުރިހާ ކުރެހުންތަކެއް ނިމިފައި. އެއްފަހަރު ޓެންޑަރ ކުރެވިފައި. ހަމަ ރަނގަޅު، މިކަން ކުރެވޭ ވަރުގެ ޤާބިލު ބަޔަކު އަޅުގަނޑުމެންނަށް ލިބުނީމާ، މި މަޝްރޫޢުވެސް ފެށިގެންދާނެ. އެ ހިސާބުން ނޮޅިވަރަންފަރަށް ބޭނުންވާ ހުރިހާކަމެއް މި ވަގުތަށް ފުދިގެން ދިޔައީ.
ހަމައެއާއެކީ، އަޅުގަނޑުމެންނަށް ފަސް އަހަރު ދެއްވައިފި ކަމަށްވަންޏާ، ދެން އިރާދަކުރެއްވިއްޔާ، މި މަގުތަކުގައި އަޅުގަނޑުމެން ހިނގާނީ ތާރުގެ މަތީގައި. ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި، އަޅުގަނޑަށް ތިޔަބޭފުޅުންނަށް އެހީވުމުގެ ފުރުޞަތު އޮތީ. ތިޔަބޭފުޅުން މިކަންކަމުގައި އަޅުގަނޑުމެންނާއެކީ، ތިއްބަވައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ތަރައްޤީ މަޝްރޫޢު ހިންގުމުގައި އެއްގޮތަކަށްވެސް އަޅުގަނޑު ހަމަ މިއީ، ގޯޅިއަޅައިގެން ކަންކަންމަތީ ބަލާނެ މީހެއްނޫން. އަޅުގަނޑު މަޝްރޫޢުތަކާއެކީ، އަޅުގަނޑު ދާނީ ކުރިއަށް. އެއްގޮތަކަށްވެސް އެހެން މީހަކު، މި މަޝްރޫޢުތައް ހުއްޓުވަން ދައްކާ ވާހަކައަކީ، އަޅުގަނޑު އިޖާބަދޭނެ މަޝްރޫޢެއް ނޫން. އިޖާބަދޭނެކަމެއްވެސް ނޫން. އެކަންކަން މި ފެންނަނީ. 31 މިލިއަން ރުފިޔާ، 230 މިލިއަން ރުފިޔާ. އެއީ، ނޮޅިވަރަންފަރަށް އެކަނި ތަފާތު ފެންނަން ހުރިވަރު.
ވާހަކަކޮޅު އެއްސެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަޤުބަލަކީ، އަޅުގަނޑުމެންނަށް ފާގަތި މުސްތަޤުބަލެއް ކަމުގައި ﷲ ލައްވާށި!
وما توفيقى إلّا بالله عليه توكّلت وإليه أنيب.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـــالَمِـين، وَالصّـلاة وَالسّــلام علـى ســيّدنا محـمَّدٍ، خاتــم الأنبيــاء والمرســلين، وَعلـى آلـه وَصَحْبِــهِ أجمـعــين. ومن تبعهم بإحسانٍ إلى يوم الدِّين
ކުޅުދުއްފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން. އުފާވެރި ފިޔަވަޅެއްގެ މަތީގައި އަޅުގަނޑު ހުއްޓި މިހުރީ. ހިތްހަމަޖެހުމާއެކީ ތިޔަ ރައްޔިތުންނާ މި ބައްދަލުކުރަނީ، ތިޔަބޭފުޅުންގެ މި ޢީދުގެ އިތުރަށް، މި ރަށަށް ނިމިގެން މިދިޔަ ދެ މަޝްރޫޢު ފަށްޓައިދިނުމަށް އަޅުގަނޑު އައި އައުމުން ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ބެހެއްޓެވި ގާތްކަމާއި، އަދި ތިޔަބޭފުޅުން މިކަހަލަ މަޝްރޫޢުތަކަށް ޝައުޤުވެރިކަން ހުރި މިންވަރު ދައްކަވައިދެއްވުމުގެ ގޮތުން އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވި ތިއްބެވުމަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދެންނެވުމުގެ ގޮތުން.
އާދެ، ޝައްކެއްވެސްނެތް. މިރެޔަކީ ކުޅުދުއްފުށްޓަށް ވަރަށްވެސް އުފާވެރި ރެއެއް. މިއަދަކީ ވަރަށްވެސް އުފާވެރި ދުވަހެއް. ކުޅުދުއްފުށްޓަށް ވަރަށް ބޭނުންވެފައި އޮތް ދެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް މި ރަށަށް މިއައީ.
އާދެ، ކުޅުދުއްފުށީގެ ގޮނޑުދޮށް ގިރާ މައްސަލައަކީ، ޒަމާނުއްސުރެ ދަތިވެފައި އޮތް މައްސަލައަކަށްވާތީ، ﷲގެ ރަޙްމަތާއެކީ އެކަމަށް ޙައްލެއް އައިސް މިއަދު އެކަން އަޅުގަނޑުމެން މި ފާހަގަކުރަނީ. ހަމައެހެންމެ، ކުޅުދުއްފުށީގެ އަށާރަވަރަކަށް މަގުގެ މަގު ހެދުމުގެ މަޝްރޫޢު ނިމިގެން މިދިޔައީ. އަދި އެއާއެކީ، ތިޔަބޭފުޅުން އުއްމީދު ކުރައްވާ، އިންތިޒާރު ކުރައްވާ އިތުރު މަގުތަކެއް ހުރިކަމުގެ ވާހަކަ އަޅުގަނޑު ގާތުގައި ތިޔަ ވިދާޅުވީ.
އަޅުގަނޑު ކުޅުދުއްފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންގެ އަރިހުގައި ބައެއް ވާހަކަތައް ދަންނަވާލާނަން. އެ ވާހަކަތަކަކީ ޙަޤީޤަތުގައި އަޅުގަނޑުމެން ރައްޔިތުންނާ ކޮންމެ ރަށެއްގައިވެސް ޙިއްޞާ ކުރަމުންގެންދާ ވާހަކަ.
ރަށްރަށުގެ ރައްޔިތުން ބޭނުންވާނީ ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތަކެއް ފުދިގެންދިޔުން. ކުރީގައި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމަނާ ކަންކަމެއް ނޫން، އަޅުގަނޑުމެން މިއަދު އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމަނަނީ. ކުރީގައި އަސާސީ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން ހިމަނާ ކަންކަމުގެ ތެރޭގައި، ބޯފެން، ސާފު ބޯފެން، ރައްކާތެރި ބޯފެން މިގޮތަށް ގޭގޭގެ ޓެޕް ހުޅުވައިލީމާ ލިބޭ ވާހަކައެއް އަޅުގަނޑުމެން ނުދައްކަމު. މިދިޔަ ރިޔާސީ އިންތިޚާބުގެ ބަޙުޘްގައިވެސް އަޅުގަނޑާ މި ސުވާލު ކުރެވުނުއިރު، އޭރު އަޅުގަނޑުގެ ޚިޔާލުގައި އޮތީ އަޅުގަނޑަށް އޭގެ ޙައްލެއްގެ ގޮތުގައި އަޅުގަނޑު ވިސްނި ވިސްނުމަށް، މިހާރު އެމް.ޑީ.ޕީ. ގައި މަސައްކަތް ކުރައްވަމުން، އަދި އޭރުވެސް ގެންދަވާ އިސް ބޭފުޅަކު ވަރަށް މަލާމާތްވެސް ކުރެއްވި. އޭރު އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ވިސްނޭގޮތުގައި، 187 ރަށުގައި މިކަން ކުރުމަކީ ފަސޭހަކަމަކަށް ވެގެންނުދާނޭ. 187 ރަށުގައި މިކަން ކުރުމަކީ ފަސޭހަކަމަކަށް ވެގެންނުދާނޭ އަޅުގަނޑު ދެންނެވީ، އޭރު އަޅުގަނޑުމެންގެ އަތްމަތީގައި ހުރި ތަފާސް ހިސާބަށް ބަލާފައި. އަދި އޭރު ދައުލަތަށް ލިބޭ އާމްދަނީއާއި، ދައުލަތުން އާމްދަނީ ހޯދުމަށް ކުރެވިފައި ހުރި މަސައްކަތްތަކުން ލިބޭ އާމްދަނީއަށް ރިޢާޔަތްކޮށް އޭރު އަޅުގަނޑު ދެންނެވީ.
އެހެންވީމާ، ޢާންމު ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ރައްކާތެރި ކުރުމަށް ރިޔާސީ ބަޙުޘްގައި އަޅުގަނޑުގެ އޭރުގެ ވިސްނުމުން އަޅުގަނޑު ދެންނެވީ، ގިނަ ރަށްތަކަށް މިކަން ޙައްލުވެގެންދާނީ، ހަމަ އަނެއްކާވެސް ތާނގީތައް ބަހައްޓައިގެންނޭ. އަދިވެސް ކުދިކުދި ގިނަ ރަށްތަކުގައި އަޅުގަނޑުމެން އެކަން މި ކުރަނީ މިގޮތަށް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ ވިސްނުމަށް އައި ތަފާތަކީ، އަސާސީ ޚިދުމަތުގެ ތެރޭގައި، މިއަދު ކޮންމެ ރަށަކުންވެސް އެދެނީ ސާފު ބޯފެނުގެ ނިޒާމު ޤާއިމުވެގެންދިޔުން. އެ ނިޒާމަކީ ގޭގައި ބަދިގެއިން ޓެޕެއް ދޫކޮށްލީމާ، ސާފު ބޯފެން ލިބިގެން ދިޔުން. އެހެންވީމާ، އަޅުގަނޑުމެންގެ އަސާސީ ބޭނުމަށް އައިސްފައި އޮތް ބަދަލު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.
އަޅުގަނޑު މިރޭ ވާހަކަ ދައްކަން މިއުޅޭ މައުޟޫޢު އަޅުގަނޑަށް ފަސޭހަވެގެންދޭ، ކުޅުދުއްފުށީގައި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އުސްތާޛު ނަޝީދުގެ ވާހަކަފުޅުގައި ބައެއްކަހަލަ ސުވާލު އޯޑިއެންސަށް ދޫކުރައްވާފައި އެ ވަޑައިގަތީމަ. އަދި ހަމައެހެންމެ، އެމަނިކުފާނު އަޅުގަނޑާ ދޭތެރޭގައި ވިދާޅުވި އޯގާތެރި އިޙްސާންތެރި ބަސްފުޅުތަކަށާއި، އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ މުޢިއްޒު، މިނިސްޓަރ ޠާރިޤު، އެންމެފަހުން ޢަބްދުއްރަޙީމް، އެބޭބޭފުޅުން އެ ވިދާޅުވި ބަސްފުޅުތަކަށް އެބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައި، އަޟުޙާ ޢީދުގެ ޢީދު މުބާރަކް ދަންނަވާފައި، އަޅުގަނޑުގެ ވާހަކައާއިގެން ކުރިއަށް ދާނަން.
އަޅުގަނޑުގެ ވާހަކައިގައި، އިޤްތިޞާދީ ބައެއް ވާހަކަ ދަންނަވާނަން. އެކަމަކު އެއީ ރަށަކަށް ބޭނުންވެފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކުގެ، އަސާސީ ބޭނުންތަކާއި، އަދި އެ ބޭނުންތަކުގެ މައްޗަށް މި ދެންނެވި ކަހަލަ އިންފްރާސްޓްރަކްޗަރ ހަމަޖެހިގެން ދިޔައިމާ، ދެން ރަށްރަށަށް އަންނާނީ ކޮން ތަރައްޤީއެއްތޯ، ކޮންމެވެސްކަހަލަ ވިސްނުމެއް ބަޔަކު އެބަ އެނަލައިޒްކޮށްފައި، މި ވާހަކަތައް ކިޔައިދޭންޖެހޭ ނޫންތޯ، ދެންމެ އުސްތާޛު ނަޝީދުގެ ވާހަކައިގައި އެ ފާހަގަކުރެއްވީ.
އަޅުގަނޑު މީގެތެރެއިން ބައެއް ވާހަކަ ކުޅުދުއްފުށީގައި ދައްކާލާއިރު އަޅުގަނޑު ހަމަ ތަފާސް ހިސާބަކުން ފެށިޔަދެއްވާ! އަޅުގަނޑުމެން ތަފާސް ހިސާބެއްގައި މަޝްރޫޢުގެ އަދަދުތައް ކިޔާއިރު، ކޮންމެވެސްވަރަކަށް އޮޅުންއަރާނެ. އޮޅުންއެރިނަމަވެސް، ޖުމްލަ ތަފާސް ހިސާބުގެ ވާހަކަ އަޅުގަނޑު ދަންނަވާފައި، އަޅުގަނޑުގެ ވާހަކައާއިގެން ކުރިއަށްދާނަން.
ކުޅުދުއްފުށްޓަކީ ދިހަހާހާ ކައިރި އާބާދީއެއް އޮންނަ ރަށަކަށް ވެގެންދާއިރު، ކުޅުދުއްފުށީގައި މި ދެންނެވި ކަހަލަ ހުރިހާ މަޝްރޫޢުތަކެއް ނިމެންވާނެ ކަމަށް އަޅުގަނޑު ހަމަ ހެޔޮހިތުން ހިތުގެއަޑިން ގަބޫލުކުރަން.
އެއާއެކީ އަޅުގަނޑު ދަންނަވާލާނަން. ކުޅުދުއްފުށްޓަކީ ކުރީގެ އެމް.ޑީ.ޕީ ސަރުކާރުންވެސް ވަރަށް އަޅައިލި ރަށެއް. ކުޅުދުއްފުށީގެ އާބާދީ ބޮޑުވުމާއި، އަދި އެބޭފުޅުންގެ ތާއީދުވެސް މި ރަށުގައި ބޮޑު އަދަދަކަށް އޮތީމަޔާއެކީ މިކަން ހިމެނިގެންދިޔައީ. އެހެންނަމަވެސް، ހަމަ ޚިޔާލަށް ގެންނަވާ، އަޅުގަނޑު މި ދަންނަވާ ތަފާސް.
2013 ވަނަ އަހަރުގެ ކުރީގައި ހިނގައިދިޔަ ދެ ސަރުކާރު، ރައީސް ނަޝީދުގެ ތިން އަހަރާއި، ރައީސް ވަޙީދުގެ ދެ އަހަރާ، މި ފަސް އަހަރުގެ ޖުމްލަ ކުޅުދުއްފުށްޓަށް ހޭދަވެފައި މިވަނީ ދުއިސައްތަ ނުވަދިހަ މިލިއަން ރުފިޔާ. މިހާރު މިތަނުގައި ހިނގައި ނިމެމުންމިދާ މަޝްރޫޢުތަކާއި، އަދި އާ ބަނދަރެއް ހެދުމުގެ މަޝްރޫޢު މިއޮތީ ނޮވެންބަރު މަހުގައި ފަށާގޮތަށް، އޭ.ޑީ.ބީ.ގެ އެހީއާއެކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އާ ބަނދަރެއް ކުޅުދުއްފުށީގައި ހަދާ ވާހަކަ، ދެންމެ މިތަނުގައި ނަޝީދުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވީ. މި އާ ބަނދަރަށް ހިނގާނެ ސަތޭކަ ފަސްދޮޅަހަކަށް މިލިއަން ރުފިޔާއަކީ، މިހާރު މި ހިނގަމުންދާ މަޝްރޫޢުތަކަށް ތިންސަތޭކަ އަށްޑިހަ މިލިއަން ރުފިޔާ، މި އާ ބަނދަރުގެ ސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާއާއެކީ، މި އަދަދު އިތުރުވެގެން މިދަނީ. އިރާދަކުރެއްވިއްޔާ، މި ފަސް އަހަރުގެ ތެރޭގައި، ފައްސަތޭކަ ސާޅީސް މިލިއަނަށް.
އާދެ، ފިކުރުކުރައްވާ! އަދަދުގެ ގޮތުން ބަލާކަމަށްވަންޏާ، މިއީ ގާތްގަނޑަކަށް ހަމަ ދެގުނަ. ގާތްގަނޑަކަށް ދެގުނަ. ދިހަވަރަކަށްހާސް އުޅޭ އާބާދީއަކަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސް ކުރާނެ ކަމެއްނެތް، އެއްވެސްކަހަލަ ޑިބޭޓެއް، ބަޙުޘެއް އޮތް މައްސަލައެއް ނޫން. މިއީ އެއް ރަށަކަށް ކުރެވޭ ހޭދައަށް ބަލާކަމަށްވަންޏާ ވަރަށްބޮޑު ހޭދައެއް. އެހެންވީމާ، ގާތްގަނޑަކަށް ފައްސަތޭކަ ސާޅީސް މިލިއަން ރުފިޔާ ހޭދަވެގެންދާއިރު، ދިހަހާސް މީހުން އުޅޭ އާބާދީއަށް ބޭނުންވާ އަސާސީ މިކަހަލަ ގިނަ ޚިދުމަތްތަކެއް ފުދިގެންދާނެ.
އަޅުގަނޑު މީގެކުރީގައި ކުޅުދުއްފުށީގައި ވާހަކަ ދައްކަމުން ދިޔައިމު. ކުޅުދުއްފުށީގައި ވާހަކަ ދައްކަމުން ދިޔައިރު އަޅުގަނޑު ދެންނެވިން. ހއ. ހދ. އާދެ، ބޮޑުތިލަދުންމަތީގައި، މިއަތޮޅުތަކަށް ބަލާކަމަށްވަންޏާ، ކުޅުދުއްފުށްޓަކީ އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަމޭ. ހަމަ މި ވާހަކަ މިނޫނަސް ހަމަ މިފަދަ ބީދައަކުން އެހެން ބޭފުޅުންވެސް އެ ވިދާޅުވަމުން އެ ގެންދަވަނީ. ކުޅުދުއްފުށްޓަކީ އިޤްތިޞާދީ ގޮތުން ހަމަ ވަކި ރަށެއްގެ ގޮތުގައި، ހުރިހާ ކަމެއް، ކުޅުދުއްފުށީގެ ބޭނުންތައް ކުޅުދުއްފުށިން ފުދިގެންދާގޮތަށް ބައްޓަންވެފައި އޮތް އިޤްތިޞާދެއް. ޝައްކެއްވެސްނެތްގޮތުގައި، އުތުރުގައި ތަރައްޤީގެ ނާރެހަކީ ކުޅުދުއްފުށި. ކުރީގައި އަޅުގަނޑު ކުރި ދަތުރުގައި އަޅުގަނޑު ދެންނެވިން. ހއ. ހދ. އަށް އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ސަރުކާރެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ތިންހާސް އެނދު އިތުރުކުރާނަމޭ. މިއީ ތިންހާސް އެނދުގެ ރިޒޯޓްގެ ވާހަކަ. އެއްގޮތަކަށްވެސް މިއާ ގުޅިގެން، އެއަރޕޯޓް މިތަނުގައި ނިމިގެން، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އުއްމީދު މިކުރަނީ، ސެޕްޓެންބަރު 23 ގައި މި ނަގާ ވޯޓް، ކުރިއަށް މިއޮތް މަހެއްހާ ދުވަހު ނަގާ ވޯޓްގައި، މާލޭގައި ތިއްބެވި ކުޅުދުއްފުށީ ބޭފުޅުން، ކުޅުދުއްފުށްޓަށް ވަޑައިގެން ވޯޓް ލައްވަންޏާ، ވޯޓް ލައްވާނީ ޙަޤީޤަތުގައިވެސް މަތިންދާބޯޓުގައި ވަޑައިގެން. އެވަރަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން އުއްމީދު މި ކުރަނީ.
އެއަރޕޯޓެއް މިތަނުގައި ހެދުމުގެ ބޭނުން މި ދަންނަވާލަނީ. ތިންހާސް އެނދު، އެއީ ރިޒޯޓްގެ ޒަރީޢާއިން. އެކަމަކު އޭގެއިތުރަށް އިތުރުވެގެން މިދަނީ، ކުޅުދުއްފުށްޓަށް، ނޮޅިވަރަމަށް، ނޮޅިވަރަންފަރަށް، އަދި ކައިރީގައި ހުރި އެހެން ރަށްރަށަށް މި އުފެދިގެން ދަނީ ގެސްޓްހައުސްތައް އުފެއްދުމުގެ އިތުރު ޞިނާޢަތްތައް ފަހިވެގެން މިދަނީ. ހަނިމާދޫގައި ޝައްކެއްވެސްނެތްގޮތުގައި، ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެބައޮތް. އެހެންނަމަވެސް، ކުޅުދުއްފުށީގައި އެއަރޕޯޓެއް އޮންނަން ޖެހޭނެކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ، އަޅުގަނޑުމެން މި މަސައްކަތް ކުރީ. ދިރާސާތަކެއް ކޮށްފައި، މިހާރު ދިރާސާތަކެއްގެ ނަތީޖާގެ އަލީގައި ކުޅުދުއްފުށީގެ ރައްޔިތުން މިކަމަށް އެދިވަޑައިގަންނަވާކަން، އިދިކޮޅުގައި މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަތުމަކީ، އެބޭފުޅުން ކަންކަމާ ދޭތެރޭގައި، ޤައުމީ ނަޒަރަކުން، އާބާދީ ބޮޑެތި ރަށްރަށާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ ގޮތުގައި، ކޮންމެވެސްކަހަލަ ކަންފުޅެއް އުޅޭކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް.
އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު، މީގެ ދެ އަހަރު، ތިން އަހަރު ކުރިން ކުޅުދުއްފުށީގައި އެއަރޕޯޓެއް އޮންނަންޖެހޭކަން. ކުޅުދުއްފުށީގައި އެއަރޕޯޓް އޮންނަންޖެހޭ ސަބަބަކީ ހަމައެކަނި ކުޅުދުއްފުށްޓަށް، މާލެއާއި ކުޅުދުއްފުށްޓާ، އެހެން ރަށްރަށާ ދޭތެރޭގައި ވައިގެ ދަތުރުފަތުރު، އަޅުގަނޑުމެންގެ އެތެރޭގެ އުދުހުމަށް އަޅުގަނޑުމެންގެ ފަސިންޖަރުން ދަތުރުކުރުމަށް އެކަންޏެއް ނޫން. މިހިސާބަށް ތަރައްޤީ އަންނަން އެބަޖެހޭ. ދިވެހިރާއްޖޭގެ ތަރައްޤީގެ މައި ބަދައެއްގެ ގޮތުގައި، ނޫނީ މައި ޙަރަކާތެއްގެ ގޮތުގައި މިއޮތީ ޓޫރިޒަމްގެ ޞިނާޢަތް. މި ޞިނާޢަތް އުތުރަށް ތަރައްޤީ ނުކުރެވިގެން އުޅޭ އެންމެބޮޑު ސަބަބަކީ ޙަޤީޤަތުގައި އުތުރުގައި އެއަރޕޯޓްތައް މަދުވުން.
އެހެންވީމާ، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުޅުދުއްފުށްޓަށް އަޅުގަނޑު ކުރި ޒިޔާރަތެއްގައި މި ވާހަކަތައް ދެކެވުނު. އަޅުގަނޑުގެ ޚިޔާލަށް މިކަން އައި. އެހެންނަމަވެސް، ދެން އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ދަންނަވާކަށެއް ނޫން. އެހެންނަމަވެސް، އެހާ ކުރިން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު، ކުޅުދުއްފުށީގައި އެއަރޕޯޓެއް އޮންނަންޖެހޭކަން. އެހެންވީމާ، އެ ވާހަކަ އެހެން ބޭފުޅުން މިއަދު ވަޑައިގެން ދެއްކެވީމާ އެއީ ހަމަޖެހޭ ކަމެއްނޫން. އަނެއްކާ މިރަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މިތާ އޮންނަ ކުޅި ހިއްކައިގެން، އެއިން ބައެއް ހިއްކައިގެން މިތާ އެއަރޕޯޓެއް އެޅުމަށް، މިކަމާ ދޭތެރޭގައި ޖަދަލުކުރަމުން އައި މިންވަރު. ކޮންބައެއްގެ ޤަލަމަކުންތޯ ޖަދަލުކުރަމުން އައީ؟ ކޮންބައެއްގެ ޓްވީޓްތަކެއްތޯ އޭގައ ހުރީ؟ އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެން ހަމަ އެބަޖެހޭ، 23ގެ ވޯޓާ ހަމަޔަށްދާއިރު، މިކަންކަމާ ދޭތެރޭގައި ވިސްނާލަން.
މި އެއަރޕޯޓް ހެދިގެންދާއިރު، މި ދެންނެވި ގޮތަށް، މި ސަރަޙައްދަށް އިތުރުވެގެންދާ ރިޒޯޓްގެ އެނދާއި، އަދި ހަމައެހެންމެ، ގެސްޓްހައުސްތަކާއެކީ އަޅުގަނޑަށް އެނގޭ، ކުޅުދުއްފުށީގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވަނީ ވަޒީފާގެ ފުރްޞަތުކަން. މި ތަނުގައި އެންމެދަތީވެސް ވަޒީފާގެ ފުރްޞަތުކަން އެނގޭ. އެކަމަކު އަޅުގަނޑުގެ ތަރައްޤީގެ މުޅި މެނިފެސްޓޯގެ އަޞްލަކީ ޒުވާނުންނަށް ވަޒީފާ އުފައްދައިދިނުން. 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ވާދައިގައި، ވާދަކުރަމުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ އެންމެބޮޑު އަމާޒަކަށް އެބަވެޔޭ، ޒުވާނުންނަށް ކަންތައްތައް ކޮށްދިނުން. ޒުވާނުންނަށް ކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި، އެންމެ ބޮޑު ކަމަކަށް މިއޮތީ، ޒުވާނުންނަކީ ބާރުވެރި ބައެއް ކަމަށް ހެދުން. ޒުވާނުންނަކީ ޙަޤީޤަތުގައި މުޖުތަމަޢުގައި އިޙްތިރާމާ އެކީގައި އުޅެވޭ ބައެއް ކަމަށް ހެދުން. ޒުވާނުންނަކީ ކަރާމާތެއް އޮތް ބައެއްކަން، އަޅުގަނޑުމެން ދޮށީ މީހުންވެސް ގަބޫލުކުރާ ކުރުން. އެކަން ކުރެވެން މި އަންނަނީ ޒުވާނުންނަކީ ވަޒީފާ އަދާކުރާ ބަޔަކަށް ވެގެންދިޔުން. އަދި ޒުވާނުން މަގުން ކައްސާލައިގެންދާ ދިޔުމަށްވެސް އޮތް އެންމެ ރަނގަޅު ޙައްލަކީ މިއީކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާކަމަށްވަންޏާ، ބޮޑެތި ކުށްތަކުގައި، މަދުވެގެންދިޔަ އަދަދަށް ބަލާކަމަށްވަންޏާ، ސަތޭކައަކުން ތިރީސް ފަހެއް ކުޑަވެގެން މިދިޔައީ، މި ދެންނެވި ގޮތަށް ޒުވާނުންނަކީ ބޭނުންތެރި ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައިމާ. ބޮޑެތި ކުށްތަކަށް ބަލާއިރު، ތިރީސް ފަސް ޕަސެންޓް އުނިވެގެން ދިޔުން، ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި އުނިވެގެން ދިޔުމަކީ ވަރަށްބޮޑު މަސައްކަތެއް ޙަޤީޤަތުގައި. އެއީ ވަރަށްބޮޑު އެޗީވްމަންޓެއް.
އެހެންވީމާ، ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ދައްކަމުންދިޔަ ވާހަކައަކީ، ޒުވާނުން ބާރުވެރިކުރުވާނަމޭ. މިއީ ދެ ޖިންސުގެ ޒުވާނުން. ސަރުކާރުން އިސްވެ، އެފަރމެޓިވް މަސައްކަތްތަކެއް ކުރަމުން މިދަނީ ޒުވާނުން ބާރުވެރިކުރުވަން. ޒުވާނުން ބާރުވެރިކުރުވަން ކުރާ މަސައްކަތުގައި އެންމެ ބޮޑު ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ދެންނެވީ، ޒުވާނުންނަށް ވަޒީފާތަކެއް އުފެދެން އެބަޖެހެޔޭ. އަޅުގަނޑުމެންގެ ތަފާސް ހިސާބު ދައްކާގޮތުން ވެއްޖިއްޔާ، އެންމެ މަދުވެގެން އެންމެ ކޮންޒަރވެޓިވް ފިގަރއެއް ދަންނަވާ ކަމަށްވަންޏާ، ހަތްދިހަ ހާސް ވަޒީފާއަށްވުރެ އިތުރު ވަޒީފާ މިހާރު އެވަނީ އުފެދިފައި. މިއަތޮޅަށް ތިންހާސް އެނދާއި، ގެސްޓްހައުސްތަކެއް އުފެދިގެން ދިޔައިމާ، އަޅުގަނޑަށް އެބަ ކަށަވަރުވޭ ހިސާބުތަކުން، އެންމެ މަދުވެގެން ހަމަ ސީދާ މި ޞިނާޢަތުން އެކަނި ދިހަހާހަށްވުރެ ގިނަ ވަޒީފާ އުފެދިގެން އެބަދޭ. ކުޅުދުއްފުށިން އަޅުގަނޑަށް ދައްކަވާ، 18 އަހަރުން މަތީގެ ޒުވާނުން، ދިހަހާސް މީހުން ހަމަވާނެތޯ ކުޅުދުއްފުށީގައި؟ ނުވާނެ. އެހެންވީމާ، ޒުވާނުން މިތަނުގައި އިތުރުވެގެންދިޔަޔަސް، ކުޅުދުއްފުށީގެ ހުރިހާ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެންދާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެ ދޮރު މި ހުޅުވައިލެވުނީ. ކުޅުދުއްފުށީގައި މުޅި ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް ދިހަވަރަކަށްހާސް.
އެހެންވީމާ، ޒުވާނުންގެ އާބާދީއަށް ބަލާކަމަށްވަންޏާ، ކުޅުދުއްފުށިން ޒުވާނުން ހުސްވަންދެން، މި ދާއިރާގައި ވަޒީފާ އުފެދޭނެކަމުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، މިއީކީއެއް މިހާރު ކުރެވޭ ސަރވޭތަކުގެ ނަތީޖާއެއް ނޫން. ސިޔާސީ ލީޑަރުން މަސްއޫލިއްޔަތުތަކާ ހަވާލުވަނީ، ރައްޔިތުންގެ ކަންކަން ރައްޔިތުންނަށް ބޭނުންވާ މަގުން ހިންގައިދޭން ހަވާލުވަނީ އެމީހުންގެ ވިސްނުންތަކެއް ހުންނާތީ. ރައްޔިތުން އައިސް އަޅުގަނޑުމެން ކައިރީގައި ބުނަނީކީ ނޫން، މި މަސައްކަތަށް ނުކުމެދޭށޭ. އަޅުގަނޑުމެންގެ ވިސްނުންތަކެއް، އަޅުގަނޑުމެންގެ ހުވަފެންތަކެއް، އަޅުގަނޑުމެންގެ އުއްމީދުތަކެއް ހުންނަނީ، އަޅުގަނޑުމެންނަށް ލިބިފައި ހުރި ތަޖުރިބާއަކާއި، އަޅުގަނޑުމެންނަށް ލިބިފައި ހުރި ޤާބިލުކަމެއްގެ ތެރެއިން. އަޅުގަނޑުމެންގެ އުއްމީދުތަކެއް ހުންނަނީ، އަހަންނަށް ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް އެބައޮތްބާވައޭ؟ މިހާރު އަހަންވީ ރައްޔިތުން އަހަރުމެންނަށް ކަންތައް ކޮށްދޭ ވާހަކައެއް ނޫން. ދައުލަތުގެ މަސައްކަތެއް ކުރާކަމަށްވަންޏާ، އަޅުގަނޑުމެން ކޮންމެ މީހަކު ރައްޔިތުންނަށް ނަމޫނާ މީހަކަށް އެބަވާންޖެހޭ. ރޯލް މޮޑެލްއަކަށްވާން އެބަޖެހޭ. އުއްމީދުތަކެއް އެމީހަކާ ގުޅިފައި ހުރި މީހަކަށްވާން އެބަޖެހޭ. އަދި ރައްޔިތުން އެމީހަކާ ދޭތެރޭގައި އިތުބާރުކޮށް، އިޙްތިރާމުކޮށް، ތާއީދުކުރާ މީހަކަށް އެބަވާންޖެހޭ.
އެ ވާހަކަތައް ދައްކަން އަޅުގަނޑު 2013 ގައި ނުކުތީ. އަޅުގަނޑުގެ ވިސްނުންތަކެއް ހުރި. އަޅުގަނޑުގެ ހުވަފެންތަކެއް ހުރި. ރާއްޖެ ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުންތަކެއްގެ ފަހަރަކު ޞަފްޙާއެއް އަޅުގަނޑު އިޢުލާނު ކުރަމުން ގެންދިޔައިން. ފަހަރަކު މަޝްރޫޢެއް ހާމަކުރަމުން ދިޔައިމު. އޭރު ކަންތައް ހިނގައިދިޔައީ ކިހިނެއްތޯ؟ އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން ދެއްކެވީ ކޮން ވާހަކަތަކެއްތޯ؟ އެބޭފުޅުންގެ މަޝްރޫޢުތަކެއް ނެތޭ. އެބޭފުޅުންގެ މަޝްރޫޢުތަކެއް ނެތް. އެބޭފުޅުން އޭރުވެސް ގެންދެވީ އަޅުގަނޑުގެ މިނިމަސް ކާން މަސައްކަތް ކުރައްވަމުން. އޭރުވެސް އަޅުގަނޑުގެ އަބުރު ކަތިލަން ކުރެއްވި މަސައްކަތްތަކެއް ކުރެއްވީ. މިއަދުގެ ޙާލަތަކީވެސް އެއީ. މިއަދުވެސް މިއަކުން ތަފާތެއް ނާދޭ. މިއަދުވެސް ދުރުގައި ތިބެގެން މީހަކާ ބެހޭގޮތުން ޒާތީ އެތައް ވާހަކައެއް ދެއްކިދާނެ. އެކަމަކު ބުނާނެ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތޭ. ދިވެހިރާއްޖޭގައި ނޫސްތަކުގައި އެއްޗެތި ލިޔުމުގެ މިނިވަންކަމެއްނެތޭ.
މި ސަރުކާރުގައި ހަމައެކަނި ދެކަމަކަށް އަޅުގަނޑުމެން ބަދަލުގެނައީ. ނޫސްވެރިކަމަކީ މިނިވަން ނޫސްވެރިކަމެއް. މި ސަރުކާރުގައި ގެނައި ބަދަލަކީ، މިނިމަސް ކެއުން ހުއްޓުވުމަށް ގެނައި ބަދަލެއް. އެއީ، ޤާނޫނަށް ގެނައި އިޞްލާޙެއް. އެއްވެސްކަހަލަ އަސާސެއްނެތި މީހުންގެ އަބުރަށް އަރައިނުގަންނާށޭ. ކޮންމެ މީހެއްގެ އަބުރަކީ ކަރާމާތްތެރި އެއްޗެއް. ކުޅުދުއްފުށީގައި އަޅުގަނޑު ހަމަ މިސާލެއް ދަންނަވައިލާނަން.
ޒުވާން ޓީޗަރެއް. ޚާއްޞަކޮށް، ޒުވާން އަންހެން ޓީޗަރެއް. ވަރަށް މުހިއްމު ޓީޗަރެއް. އެ ޓީޗަރު މިތަނުގައި، ސްކޫލްގައި ނެތިއްޔާ، މިސާލަކަށް، ކެމިސްޓްރީ ޓީޗަރު. އެ މާއްދާ، ކުދިން ކިޔަވާނެ ގޮތެއް ނޯންނާނެ. ދައުލަތުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެ މަޤާމު ފުރަން ބޭރުން މީހަކު ހޯދައިގެން ގެންނާކަށް، އެމީހަކީ އެހާ ޤާބިލު މީހަކަށްނުވެ ހިނގައިދާނެ. ހަމަ ޒުވާން ޖިންސުއްލަޠީފެއްގެ ވާހަކަ މި ދަންނަވަނީ. އޭނާގެ އަބުރު ކަތިލެވިދާނެ ބަޔަކަށް. އެއްވެސްކަހަލަ އަސާސެއްނެތި، ރަޙުމެއް ނެތްގޮތުގައި އޭނާގެ އަބުރު ކަތިލެވިދާނެ. އޭނާ ސްކޫލަކަށް ނޫން، މުޖުތަމަޢުގައި ނުކުމެ އުޅެން ޢުޒުރުވެރިވާ ވަރަށް އޭނާގެ އަބުރު ކަތިލެވިދާނެ. އަޅުގަނޑުމެން މިކުރީ ކީއްތޯ؟ އަޅުގަނޑުމެންނަށް މިކުރެވުނީ ކީއްތޯ؟ އެއްވެސް އަސާސެއްނެތި ކުރާ ކަންކަން. ކޮބައިތޯ 2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާގައި ދެއްކި ވާހަކަ؟ ތިމަންނާމެންގެ އަތުގައި މިހިރީއޭ ކިތާބީ ހެކި. މިވެނި ކަމެއް، މިވެނި ބޮޑު ޖަރީމާއެއް ހިންގީ މިވެނި މިވެނި ބަޔެކޭ. ކޮބައިތޯ އޭގެ ކިތާބީ ހެކި މިއަދު؟
އެހެންވީމާ، ސިޔާސީ ލީޑަރުންގެ ގޮތުގައި ވަކާލާތު ކުރައްވާ ބޭފުޅުން ރައްޔިތުންނަށް އޮޅުވައިލަން، ނޫނީވިއްޔާ ރައްޔިތުންގެ ހަމްދަރުދީ، ނޫނީވިއްޔާ ރައްޔިތުންގެ ވޯޓު ހޯދަންވެސް ކްރޮސް ނުކުރާނެ ރޮނގެއް އޮންނަންވާނެކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން. އެއީ އަސާސެއް ނެތްގޮތުގައި މިކަހަލަ ކަންތައްތައް ކުރީމާ، އެމީހުންނާ ބައްދަލުވާ ނަތީޖާ ނުބައިވާނެތީ. އަޅުގަނޑުމެންގެ ޙަޔާތުގައި މިއީ އެއްދުވަސް. އަޅުގަނޑުމެންގެ ޙަޔާތުގެ ދިގު ޞަފްޙާތައް އާޚިރަތުގައި އޮތީ. ހުރިހާ ޢިލްމުވެރިން އެބަ އެއްބަސްވޭ، މިއީ ކުރެވޭނެ ކަމެއް ނޫންކަމަށް. އެއީ އަޅުގަނޑު ގެނައި ފުރަތަމަ އިޞްލާޙު. އެއީ އަޅުގަނޑުގެ އަބުރާ ބެހޭތީކީ ނޫން. އަޅުގަނޑުގެ އަބުރަށްވުރެ ބޮޑަށް އަރައިގަނެވޭ އެހެން މީހަކު ހުރި ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން، ދިވެހިރާއްޖެއަކު. އަޅުގަނޑަށް ކެތްކުރެވޭނެ. އެކަމަކު މި ދެންނެވި ކަހަލަ މުޖުތަމަޢެއްގައި، މަޢުޞޫމް މީހުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން މި އިޞްލާޙު ގެނައީ. އެއީ އިޖުތިމާޢީ ފޭރާން ވީދައި ކުދިކުދިވާ ވާހަކަ ނުދައްކާ ސިޔާސީ ވެރިއެއް ނުހުންނާނެ. އަދި އެ އިޖުތިމާޢީ ފޭރާން ހަލާކުކުރަން އެންމެ ވަރުގަދައަށް ވަކާލާތުކޮށް، އެ ހަލާކުވާ ކަމަށް އެންމެ ގިނަ ވަކާލާތުކޮށްފައި، އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން، އެބޭބޭފުޅުން މިހާރު އިޖުތިމާޢީ ފޭރާން ހަލާކުރުމުގެ ތެރޭގައި އުޅުއްވަނީ. އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކައާއި ކުރާ ކަންކަމާ ދެކޮޅުނުޖެހޭކަން މިއިން މި ފެންނަނީ.
އެހެންވީމާ، އެ އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް، އިޖުތިމާޢީ ފޭރާން ހެޔޮކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު މިކަން މިކުރީ. މީގެ ނަތީޖާތައް މި ފެނިގެން މިދަނީ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު، ސަތޭކައަކުން ތިރީސް ފަހެއް އުނިވެގެން ދިޔައީ. ގައިމު ކޮންމެވެސް ކަމަކަށް، ބަޔަކު މީހުންގެ އަބުރަށް، ބަޔަކު މީހުންގެ ކަރާމާތް ނަގާލަން، ބޮޑެތި މިކަހަލަ ކަންކަން ކުރެވުނީމާ ދޮގެއްތޯ، އަޅުގަނޑުމެންގެ ތެރޭގައި ރަޙުމެއް ނެތް ގޮތުގައި، މަޢުޞޫމް މީހުންތަކެއް ކަތިލައި ތިރިކޮށްލީ. އަޅުގަނޑުމެން ހަނދާންނެތިގެންތޯ މިއުޅެނީ އެކަން. ދެން މިއަދަކު އެބޭފުޅުންނެއް ނޫން ދޮގެއްތޯ ދައްކަވަންވީ، އެ ތަޙުޤީޤުތައް ނުހިނގާ ވާހަކަ. ނުހިނގާ އެއްވެސް ތަޙުޤީޤެއް ނޯންނާނެ. އަދި އިރާދަކުރެއްވިއްޔާ، އެ ތަޙުޤީޤުތައް ނިމިގެން، ފުލުހުންގެ ފަންވަރު ހުރެއްޖެ ކަމަށްވަންޏާ، އިންސާފާ ހަމަޔަށް މި މީސްމީހުންވެސް ގެނެވޭނެ. ރައީސް ޔާމީން ބޭނުންވާނެ، އެކަންކަން ކުރުވަން. ރައީސް ޔާމީން ބޭނުންވާނެ، އޭގެ ޙަޤީޤަތާ ހަމަޔަށްދާން. މި ދެންނެވި ޤާތިލުން ހޯދަން ބޭނުންވާނެ. އެހެންވެގެން ދޮގެއްތޯ، ރައީސް ޔާމީން ނޫން މީހަކަށް މިދިޔަ 60 އަހަރުގެ ތެރޭގައި، ސިޔާސީ ލީޑަރުންގެ ތެރެއިން އެއްވެސް މީހަކަށް ބުނަން ކެރުނުތޯ، އިސްލާމްދީނުގައި މި އޮންނަ ޤިޞާޞް، ނޫނީ މަރުގެ ޙުކުމް ތަންފީޒު ކުރާނަމޭ. މިއަދުވެސް ނުބުނާނެ، އިދިކޮޅަށް ނުކުމެ ތިބި މީހުންނެއް. އެކަމަކު އަޅުގަނޑުމެންނަށް އެބަ އެނގޭ، އިސްލާމީ ޝަރީޢަތުގައި މިކަން އޮންނަނީ މިގޮތަށްކަން. ދުނިޔެއާއި އިންސާނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން މިއުޅެނީ އެޖަސްޓްމަންޓްތަކެއް ހަދައިގެން. ފަސޭހަ ގޮތްތަކެއް ހަދައިގެން.
އެހެންވީމާ، މަރުގެ ޙުކުމް ތަންފީޒު ކުރާނެ ވާހަކަ، ޤިޞާޞް ހިފާނެ ވާހަކަ، މިއަދުވެސް އިދިކޮޅަށް ނުކުމެވަޑައިގެން އެ އުޅުއްވާ ބޭފުޅުން އެބަޖެހޭ ވިދާޅުވެދެއްވަން. ރާއްޖޭގައި އަނިޔާވެރިކަން ޙައްދުން ނައްޓާލައިގެން ގޮސް، މަރުގެ ހާދިސާތައް އެހާ ގިނަވެގެން ދިޔައިމާ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ މަޢުޞޫމް މުޖުތަމަޢެއްގެ ގޮތުގައި އޮތުމަށްޓަކައި، އަޅުގަނޑަށް އެނގޭ އެއީ ނުރައްކާތެރި ކަމެއްކަންވެސް. އޭގެ ނަފްރަތު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާއަށް އަތުވެދާނެކަންވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، އިސްލާމީ ޝަރީޢަތުގައި މި އޮންނަ ޤިޞާޞް ހިފާނެ ވާހަކައާއި، މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް އަޅުގަނޑު އިޢުލާނުކުރީ.
މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ކަންކަމުގައި އަދިވެސް އެބަޖެހޭ އިދިކޮޅު ބޭފުޅުން، މިއަށް ހަމަ ޖަވާބު ދެއްވަން. ޢަބްދުއްރަޙީމް މިތަނުގައި އެ ވިދާޅުވެދެއްވީ، އިދިކޮޅަށް ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ބައެއް ސުވާލުތައް. އަޅުގަނޑުގެ ސުވާލުތައް އެއަށްވުރެ މާގިނަވާނެ. މީގެކުރިންވެސް އަޅުގަނޑު ސުވާލުތަކެއް ކޮށްފީމު. އެ ސުވާލުތަކުގެ ޖަވާބު މި އޮންނަނީ 23ގެ ވޯޓްފޮށީގެ ނަތީޖާއިން. އެ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ. އެކަމަކު އަޅުގަނޑު ދަންނަވާލަން މިއުޅެނީ އެވަރަކުން ނުފުދެއޭ. ސިޔާސީ ލީޑަރުން ނުކުމެ ރައްޔިތުންނަށް، ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންގެ ތަރައްޤީއާ ދޭތެރޭގައި އެބޭފުޅުން ދެކެވަޑައިގަންނަވާ ހުވަފެންތަކެއް އޮންނަ ކަމަށްވަންޏާ، އެ ހުވަފެންތަކުގައި ކުލަ ޖައްސާނެގޮތް އެބަޖެހޭ ވިދާޅުވާން. އެއީކީ ރައްޔިތުންނަށް އޮޅުވައިލައިގެން، ވޯޓްގެ ނަތީޖާއިން މިކަން ނުކުތީމާ، މިކަން ވާނެއެކޭ ވިދާޅުވާންވީ ކަމެއްނޫން. މިހެން ސުވާލު ކުރެވޭ، މިހެން ލެވެލް ކުރެވޭ ކޮންމެ ސީރިއަސް ޗާޖަކަށް ޖަވާބު ދެއްވަންޖެހޭނެ. ކީއްވެގެންތޯ އެބޭފުޅުންނަށް ވިދާޅުވާން ދަތިފުޅުވަނީ؟ ޤާނޫނުއަސާސީގައި މި މާއްދާ އޮންނާތީ، ރައީސް ޔާމީނަށް ޤާނޫނުއަސާސީގައި މި މާއްދާ ނުފެނިގެންތޯ މިއުޅެނީ؟ ހަމަ ތިޔަ ޤާނޫނުއަސާސީ ހަދަމުންދިޔަ މަޖިލީހުގައި އަޅުގަނޑުވެސް އުޅުނީމޭ.
އެހެންވީމާ، ޤާނޫނުއަސާސީގައި، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގައި ލިޔެފައި ނެތް ވާހަކައެއް ނޫނޭ އަޅުގަނޑު މި ދައްކަނީ. އެކަމަކު ޤާނޫނުއަސާސީގައި މިހެން އޮންނަ އަސާސީ ކިތައް ކަންތައްތަކުގެ ވާހަކަތޯ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަޑަށްލެވުނު ބާރުމިނެއްލާފައި މި ދައްކަނީ. ޤާނޫނުއަސާސީގައި ނެތީތޯ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން؟ ޙުދޫދުގެ ތެރޭގައި އެކަން އެބައޮތޭ. އެއްވެ އުޅުމުގެ މިނިވަންކަމަށް ޖާގަނެތީތޯ؟ ޙުދޫދުގެ ތެރޭގައި އެބައޮވޭ. އެކަމަކު އެކަންކަމަށް އެބޭފުޅުން ވަކާލާތު ކުރައްވަނީ އެއީ ހަމައެކަނި ދުނިޔަވީ ކަންތައްތަކަށް ވެގެންތޯ؟ ނޫނީ ޤާނޫނުއަސާސީގައި އެ ވާހަކަ ނެތިގެންތޯ؟ ޤާނޫނުއަސާސީގައި އެހުރި ވާހަކަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ މުޙްތަރަމް، އަޅުގަނޑުމެން އެންމެ އެކަމަށް ކަރާމާތާއެކީ ރައްކާތެރި ކުރަންޖެހޭ ކަމަކީ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނޭ. ދިވެހިރާއްޖޭގައި އުޅޭނީ ސައްތައިންސައްތަ މުސްލިމުންނޭ ބުނާ ބަސް. މި މަސްދަރު އަޅުގަނޑުމެން ޙިމާޔަތް ކުރަން މިޖެހެނީ. މިއާ ބެހޭގޮތުން ވާހަކަ ދައްކަވަން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނެ. މިއާ ބެހޭގޮތުން ރައްޔިތުންނަށް އެބޭފުޅުން ޖަވާބުދާރީވާންޖެހޭނެ. އަދި ހަމައެހެންމެ، ދެންމެ އުސްތާޛު ނަޝީދުގެ ވާހަކަފުޅު ނިންމެވި ހިސާބުން އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ބައެއް ވާހަކަ ދައްކަން އަޅުގަނޑަށް ފަސޭހަވެގެންދެޔޭ.
އަޅުގަނޑުމެން ދުނިޔޭގައި ދައުލަތެއް ބާރުވެރިކުރުވުމަށް، ނޫނީ ދައުލަތަކަށް ލިބޭ އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، މައިގަނޑު ދެ މަސައްކަތް އޮންނާނެ. އެއް މަސައްކަތަކީ ކަންކަން ކުރާނެ، ވިސްނުން ތޫނު އަދި ޤާބިލު، މަޢުލޫމާތު، އެކި ފަންނުގެ މަޢުލޫމާތު ހުރި ދަރިން ބިނާކުރުން. އެއީ ހިއުމަން ރިސޯސް ފޯމޭޝަން. އޭގެ އަނެއްކަމަކީ، މި ދެންނެވި ކަހަލަ ބޮޑެތި މަޝްރޫޢުތައް ނިމިގެންދިޔުން. ބަނދަރު ނެތް ތަންތަނުގައި ބަނދަރު ހެދުން. އެއަރޕޯޓް ނެތް ތަންތަނުގައި އެއަރޕޯޓް ހެދުން. މަގު ހެދުން. މި ދެންނެވި ކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް ލިބޭ ފަސޭހަތަކުގެ އިތުރަށް، އެ ރަށްރަށް ތަރައްޤީ ކުރަން، އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރަން ކޮށްދެވޭ މަސައްކަތް.
މިއަދު އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން، ޓޫރިޒަމްގެ ވާހަކަ، 160 ރަށް ނުކުމެގެން، ޓޫރިޒަމްގެ ވާހަކަ، އުނދަގޫވެގެން އެ ވާހަކަ ދައްކަވާއިރު، އަޅުގަނޑު ދަންނަވާލާނަން. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ، ބ. އަތޮޅު ދަރަވަންދޫ ކިޔާ ރަށެއް އޮންނަކަން. ދަރަވަންދޫގައި އެއަރޕޯޓެއް އޮންނަކަން އެނގިވަޑައިގަންނަވާތޯ؟ ދަރަވަންދޫގެ އެއަރޕޯޓަށް ދުވާލަކު މަތިންދާބޯޓު، 20 މަތިންދާބޯޓު ދަތުރަށްވުރެ ގިނަ ދަތުރު އޮންނަކަން އެނގިވަޑައިގަންނަވާތޯ؟ މީގެކުރިން ދަރަވަންދުއަކީ ކޮން ތަނެއްތޯ؟ އެހެންވީމާ، މިއީ ނޫންތޯ އަންނަ ތަރައްޤީއަކީ؟ މިތަން، ކުޅުދުއްފުށި، އިޤްތިޞާދީ ނާރެހަކަށް ވެގެންދާއިރު، ޞިނާޢީ މަސައްކަތްތަކުގެ އިތުރަށް، އެންމެބޮޑު އަމާޒެއް މިއޮތީ ޓޫރިޒަމަށް ކަމަށްވެގެން މިދަނީ، މި ދެންނެވި ސަބަބުތައް ހުރީމާ. މި ދައްކަނީ ކެޕިޓަލް ފޯމޭޝަންގެ ވާހަކަ. ޒުވާނުންނަށް ވަޒީފާ ލިބުމާއެކީ، ޒުވާނުން ބާރުވެރިކުރުމާއި، އަދި އެ މަސައްކަތްތަކަށް ޢަމަލީގޮތުން ޒުވާނުން ނުކުތުން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ ޞިނާޢަތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ބޭރު މީހުންނަށް ވެގެންދާކަށެއް. އަދި އެކަންކަން ހިންގާ އިސް ވެރިންނަކީ ބޭރު މީހުންނަށް ވެގެންދާކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ.
ކުޅުދުއްފުށީގައި މި ވާހަކަ ދަންނަވާލީމާ، ތިޔަބޭފުޅުންނަށް ވަރަށް ފަސޭހަވާނެ މިކަން އަޑުއައްސަވަން. ބައެއް މަޝްރޫޢުތައް އަޅުގަނޑުމެން ގެންދަން ބޭނުންވާ ބާރުމިނުގައި ނުގެންދެވި އެ ހުންނަނީ ކީއްވެގެންތޯ؟ ބައެއް މަޝްރޫޢުތައް، ނޫނީ މިކަހަލަ ބޮޑެތި ކަންތައް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަތްމަތީގައި އަޅުގަނޑުމެންގެ މީހުން ލައްވައި ކުރުވަން މިޖެހެނީ ކީއްވެގެންތޯ، ތިޔަބޭފުޅުންގެ ހޮސްޕިޓަލާ ދޭތެރޭގައި ވިސްނައިލެއްވީމާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސަރުކާރުގެ މަޤްޞަދު ކިތަންމެހާ އިޚުލާޞްތެރި. ސަރުކާރުން ވަރަށް ރަނގަޅު ބަޔަކު ހޯދައިގެން ނިމްސް ހޮސްޕިޓަލާއެކީ އަޅުގަނޑުމެން ޖޭ.ވީ އެގްރީމަންޓެއް ހެދީ. އެއީ މިތަނުގައި ތިންވަނަ ދަރަޖައިގައި، ނޫނީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހެދުމަށްޓަކައި. މާލެ ނަގާފައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބޭ ތަނަކަށް މިތަނުގެ ހޮސްޕިޓަލް ހެދުމަށްޓަކައި. ކުޅުދުއްފުށްޓަށް އަޅުގަނޑުމެންގެ އިޚުލާޞްތެރި އެދުންތަކެއް ނޫނީ އިޚުލާޞްތެރި ހެޔޮދުޢާ، ކުޅުދުއްފުށީގެ ރައްޔިތުންނާއެކީވާތީ. އެ ކުންފުންޏަކީ، ނޫނީ އެ ހޮސްޕިޓަލަކީ، ނަން މަޝްހޫރު ހޮސްޕިޓަލެއް. އެމީހުން އެކަން ކުރަން ބޭނުމިއްޔާ، އެމީހުންނަށް އެކަން ކޮށްދެވޭނެ.
އެހެންވީމާ، ބޭރު ބަޔަކާއެކީ ކުންފުންޏެއް ހަދައިގެން ކުރާ މިކަހަލަ ކަންތައްތަކުގައިވެސް، އަޅުގަނޑުމެން ހޮސްޕިޓަލުގައި މައިގަނޑު ހުރިހާ މަސައްކަތެއް ނިންމައި ހިނގަމުންދާ ހޮސްޕިޓަލެއް އެއީ. ވޯޑުން ބައެއް ތަންތަން ތެޅީ، އެމް.އާރް.އައި. މެޝިން ބަހައްޓަން. އަދި އެހެން ކަންތައްތައް ކުރަންވެސް ތަންތަން ތެޅި. އެކަމަކު އާޚިރުގައި ނިމިގެން މިދިޔައީ ކިހިނެއްތޯ، އެމީހުން ދެކޮޅުހަދައި، މިކަން ޙައްލުކުރަން އަޅުގަނޑުމެންނާ ވާހަކަ ދައްކަން ރާއްޖެއަށް އަންނަންވެސް ދެކޮޅުހަދާ. މިއީ، މިކަމުގެ ޙަޤީޤަތަކީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން އެއްބަސްވެއްޖައިން. އެ އެގްރީމަންޓަކީ ނިންމަންޖެހޭ އެގްރީމަންޓެއް. އަޅުގަނޑެއް ގަބޫލެއްނުކުރަން، ބޭރުގެ ފަރާތްތަކާއެކީ މިކަހަލަ ކަންތައް ކޮށްގެން، މާ އެދެވޭ ނަތީޖާތަކެއް މިހާރު ލިބިފައި އޮތް ކަމަކަށް. ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެނީ، ދިވެހި ސަރުކާރުން. އެހެންވީމާ، ދިވެހި ސަރުކާރުން މިކަން ކުރާނީ. މިހާރު އެނގިވަޑައިގަންނަވާނެ، މި ހޮސްޕިޓަލުގެ ޙާލަތު. އެ ހިސާބަށް ގޮސްފައި އޮއްވައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވިގެން، މިހާރު ސްކޭނަރު މިތަނަށް އައިސްފި. އެމް.އާރް.އައި. މެޝިން ހޯދަނީ. ދެން މާލޭގައި ހުރި ޑައިގްނޯސްޓިކް ހުރިހާ ފެސިލިޓީޒްތަކެއް މީގައި ހަމަޖެހިގެންދާނެ.
އަދި އެއާއެކީ، އަޅުގަނޑު ކުޅުދުއްފުށީގައި ދަންނަވާލަން ބޭނުން. އަދި މިކަމަށް އިދިކޮޅު ބޭފުޅުން ޖަވާބުވެސް އެބަ ދެއްވަންޖެހޭ. ހޮސްޕިޓަލް ނިމިގެންދާއިރު، އަޅުގަނޑު ދެންނެވިން، ސަރަޙައްދީ ހުރިހާ ހަސްފަތާލުގައި، ޒުވާން ކުދިންނަކީ އެ ދާއިރާތަކުގައި އެންމެ ގިނައިން އުޅޭ އާބާދީ ކަމުގައި ވެގެންދާތީ، ޒުވާން ކުދިންނަށް ކުޅިވަރު ކުޅުމުގެ ތެރޭގައި އެކިކަހަލަ ގެއްލުންތައް ލިބެމުންދާނެތީ، މިތަންތަނުގައި އެންމެ ފެންވަރު ރަނގަޅު ސްޕޯޓްސް ފިޒިއޮތެރަޕީ ޑިޕާޓްމަންޓެއް އަޅުގަނޑު ޤާއިމުކުރާނަމޭ.
ކުޅުދުންފުށީގެ ހޮސްޕިޓަލް ނިމިގެންދާއިރު، ކުޅުދުއްފުށީގެ ހޮސްޕިޓަލުގައި ދަރިމައިވަންތަވުމުގެ ބޭނުމުގެ ޚިދުމަތާއި އަދި ޑައިގްނޯސްޓިކް ހުރިހާ ވަސީލަތްތަކުގެ އިތުރަށް، ޚާއްޞަ ބަލިތަކަށް ސްޕެޝަލައިޒް ވެގެންދިޔުމުގެ އިތުރަށް، އަޅުގަނޑު ހަމަ މި ދެންނެވި ޑައިގްނޯސްޓިކް ފެސިލިޓީ، މި ދެންނެވި ރީހެބިލިޓީ ފެސިލިޓީ، މިތަނުގެ ހޮސްޕިޓަލުގައި ހުންނާނެ. އަޅުގަނޑު ކުރާ ސުވާލަކީ މިއީ. މީގެކުރިންވެސް ވިދާޅުވެފައި އޮތީ، ޖީ.އެމް.އާރް. އަތުން އަޅުގަނޑުމެން އެއަރޕޯޓް ހޯދިން. އެއަރޕޯޓް ހޯދީމާ މީގެކުރީގައި 2013 ގައި އެބޭފުޅުން ނުކުމެފައި ވިދާޅުވީ ކޮން ވާހަކައެއްތޯ؟ އޭރު ވިދާޅުވީ ތިމަންނާމެންނަށް ވެރިކަމެއް ލިބިއްޖެ ކަމަށްވަންޏާ، އެއަރޕޯޓް އަނބުރާ ޖީ.އެމް.އާރަށް ދޭނަމޭ.
ދިވެހިރާއްޖޭގެ ދިދަ ބަހައްޓާފައި، ދިވެހިރާއްޖޭގެ ހުރިހާ އެއްޗެއް ބޭރު މީހުންނަށް ދޭންވީނޫންތޯ؟ އެއީތޯ، ކުރަން މިއުޅޭ ކަމަކީ. ކީއްވެގެންތޯ މި ސުވާލަށް ޖަވާބު ނުދެއްވަންވީ؟ މިހާރު އެބޭފުޅުންގެ ވިސްނުން އޮތީ، އަދިވެސް ހަމަ އެހެންތޯ؟ އެ ބީދައިން އެބޭފުޅުން އެބޭފުޅުންނާ ދޭތެރޭގައި ވިސްނުމަށް ޖާގަ އެބަ ދެއްވާ. ސަރުކާރުގެ ހުރިހާ ބޮޑެތި ކުންފުނިތައް ހުއްޓާލާ ވާހަކަ އެބަ ދައްކަވާ. ސަރުކާރުގެ ހުރިހާ ބޮޑެތި ކުންފުނިތައް، އަސާސީ ޚިދުމަތަށް އެކަނި ލިމިޓްކުރާ ވާހަކަ އެބަ ދައްކަވާ. ވަޒީފާތަކެއް މަދުވެގެންދާނެ ވާހަކަ، އެބޭފުޅުން އެބަ ވިދާޅުވޭ.
އަޅުގަނޑު ދައްކަމުން މިގެންދަނީ، ނޫނެކޭ، ވަރަށް ބާރުވެރިކޮށްފައޭ އެހުރީ. ކުންފުނިތަކަށް ވަޒީފާ އެބަ އުފައްދައޭ. ކުންފުނިތަކުން ކުރާ މަސައްކަތް އެބަ ގިނަވެއޭ. ކުންފުނިތަކުގެ ހަކަތަ އެބަހުއްޓޭ. އެހެންވީމާ، މިހާރު ކުރަންޖެހޭ ސުވާލަކީ، ހަމަ ޖީ.އެމް.އާރާ ބެހޭގޮތުން އެ ވާހަކަ ވިދާޅުވީމާ، މި ހޮސްޕިޓަލް އަޅުގަނޑު މި ފެންވަރަށް ގެނެސް ނިމުނީމާ، ދެން އެބޭފުޅުންނަށް ވެރިކަމެއް ﷲ މިންވަރު ކުރައްވައިފިއްޔާ، މި ހޮސްޕިޓަލް އަނެއްކާ ނިމްސް މީހުންނަށް ދެއްވާނީތޯ؟ މި ސުވާލު އަޅުގަނޑު އެބޭފުޅުންނާ ކުރަން ބޭނުން. ކުޅުދުއްފުށީގެ ރައްޔިތުން އެބަޖެހޭ މި ސުވާލު ކުރައްވަން. އެއީ، މިހާރު ބޭރުގެ ކުންފުންޏަށް ނުކުރެވުނު ހުރިހާ މަސައްކަތެއް މިކުރަނީ، ދިވެހި ސަރުކާރުގެ ބަޖެޓުން. މިއީ، ބަޖެޓުގައި އާންމުކޮށް ހިމެނިފައި ހުރި ފައިސާއެއްވެސް ނޫން. އެހެންނަމަވެސް، ކުޅުދުއްފުށްޓަށް ދިމާވެފައި އޮތް މައްސަލަ ޙައްލުކުރުމުގެ ގޮތުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.
އަދި މި މީހުންނާ ވަކިވެގެންދާއިރު، މި މީހުންނަށް ދޭންޖެހޭ ބަދަލަކީ، އަދި ވަކިއެއްޗެއް. ޖީ.އެމް.އާރް. އަތުން އަނބުރާ އެއަރޕޯޓް އަޅުގަނޑުމެން ހޯދީމާ ތިޔަ ހުރިހާ ބޭފުޅުންނަށް މީޑިއާގެ ޒަރީޢާއިން އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން 320 މިލިއަން ޑޮލަރު ހޭދަކޮށްފީމޭ. މިތަނުގެ ބަނދަރުގައި އަޅުގަނޑުމެން މި ދައްކަނީ، އާ ބަނދަރެއް ހަދާކަމަށްވަންޏާ، ސަތޭކަ ފަސްދޮޅަހަކަށް މިލިއަން ރުފިޔާގެ ވާހަކަ. އެއީ، ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ބަނދަރުތަކަށް ބަލާކަމަށްވަންޏާ، ދެ ބަނދަރު، ތިން ބަނދަރު، ހަތަރު ބަނދަރުގެ އަދަދު. އެންމެ ބޮޑުކޮށް ހަދާ ބަނދަރުތައް އަށްޑިހަވަރަކަށް މިލިއަން ރުފިޔާ، ނޫނީ ސާޅީހަކަށް މިލިއަން. ތިންސަތޭކަ ވިހި މިލިއަން ޑޮލަރު އަޅުގަނޑުމެން އަތުގައި ހޭދަކުރަން ނުޖެހި ހުރިނަމަ، މި ދައްކަނީ، އަށްޑިހަ ރަށުގެ ބަނދަރު. އެކަމަކު މުޢިއްޒު މިއަދުވެސް އަޅުގަނޑަށް ހަނދާންކޮށްދެއްވި. ދެން ބާކީ ނެތް އަށްޑިހަ ރަށެއް، ބަނދަރު ހަދަންޖެހޭ. މިހާރުވެސް އެތައް ބައިވަރު ރަށެއްގެ ބަނދަރު ހެދި ނިމިގެން ދިޔައީ. ހަތްދިހަ އެތައް ރަށެއްގެ ބަނދަރު އެހުރީ ހަދާފައި. ބަނދަރު ފުންކޮށްދީ ހަދާފައި ހުރި ރަށްރަށާއެކީ، ސަތޭކަ އަށް ރަށް އެއޮތީ ހެދިފައި. ދެން ބާކީއޮތީ ހިސާބުން ދިމާވާ ކަމަށްވަންޏާ އަށްޑިހަ.
އެހެންވީމާ، މި ތިންސަތޭކަ ވިހި މިލިއަން ޑޮލަރު އަޅުގަނޑުމެން ހޭދަކުރަން ނުޖެހުނުނަމަ، މި ބަނދަރުތައް ހެދިފައި މިއަދު ހުންނާނީ. އެހެންވީމާ، މިކަހަލަ ސުވާލުތަކެއް އެބޭފުޅުން ޖަވާބު ދެއްވަން އެބަޖެހޭ. ކީއްވެގެންތޯ މި ސުވާލުތަކަށް ޖަވާބު ދެއްވަން ދަތިފުޅީ؟ އަދި މި ރަށަށް ވަޑައިގަންނަވާއިރު، މި ރަށުގައި ބޭނުންވެފައި ހުރި، ދަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ އެބަ އަހަންޖެހޭ. ކުރީގެ މެނިފެސްޓޯއެއްގައި ހުރި ވާހަކަތަކެއް އަޅުގަނޑުމެން ނުދެކެމު. މެނިފެސްޓޯގައި އިޤްތިޞާދީ ވާހަކަތަކެއް ހުރިތަނެއް އަޅުގަނޑުމެން ނުދެކެމު. އެހެންވެގެން ދޮގެއްތޯ، ކޮންމެ ރަށެއްގައި އެ ވިދާޅުވަނީ، ރައީސް ޔާމީން ފަށާފައިހުރި މަސައްކަތްތައް ތިމަންނާމެން ނިންމާލަދޭނަމޭ. އެހެންވީމާ، އެއީތޯ އެކަން ކުރަންވީގޮތަކީ. ރައީސް ޔާމީން މަސައްކަތް ފަށާފައި ހުރެއްޖެ ކަމަންވަންޏާ، ރައީސް ޔާމީން މިގެންދަނީ އެ މަސައްކަތްތައް ނިންމަމުން.
އެހެންނަމަވެސް، މިއަދު، މިއަދު ރާއްޖޭގެ ދުވެއްޔަށް އައިސްފައި މިއޮތީ، ހަލުވި ދުވެއްޔެއް. ހަލުވިކަމެއް މިއޮތީ އައިސްފައި. ފަސް އަހަރުގެ ތެރޭގައި ކުރަން ޖެހިފައިހުރީ ސަތޭކަ އަށްޑިހަ ހަތް ރަށުގައި މިކަހަލަ ކިތައް މަސައްކަތްތޯ؟ މީގެކުރީގެ ސަރުކާރުތަކުގެ ބަޖެޓަކީ ގާތްގަނޑަކަށް ހަތަރުހާސް މިލިއަން. އުސްތާޛު ނަޝީދު ވަޒީރަކަށް އުޅުއްވިއިރު، ހަމަ ރަނގަޅަށް ހަނދުމަފުޅު ހުންނާނެ، އޭރު ރައީސް މައުމޫންގެ ސަރުކާރުގައި އަޅުގަނޑުމެން މުޅި ދައުލަތުގެ ބަޖެޓަށް ފޮނުވާއިރު، އަޅުގަނޑުމެންގެ މި އޮންނަނީ، ހަތަރުހާސް މިލިއަން، ނޫނީ ހަތަރު ބިލިއަން. ކުޅުދުއްފުށްޓަށް އެކަނި ހޭދަވި ވާހަކަ މި ދެންނެވީ، މީގެ އަށްބައިކުޅަ އެއްބައި.
އެހެންވީމާ، މިއަދު ދައުލަތުން ފައިސާ ހޯދާގޮތާއި، އަދި ދަރަންޏަށް ފައިސާ ނަގައިގެންވެސް އެބަ ހޯދޭ. އަދި އަލަށް ދިވެހިރާއްޖޭގައި ފުރަތަމަފަހަރު ދިވެހިރާއްޖޭގެ ސަރުކާރުގެ ދަރަނި ވިއްކައިގެން އިސްވެ ފައިސާ ނަގަނީ، ބޮންޑުގެ އުސޫލުން. މިއީ، ދިވެހިރާއްޖެއަށް އަލަށް ކުރާކަމެއް. އަދިވެސް ބޭރުގެ މާލީ އިދާރާތަކުން އަޅުގަނޑުމެންގެ އިޤްތިޞާދަށް ތާއީދުކުރޭ. މާލީ އިދާރާތަކުން އަދިވެސް ތާއީދުކުރާތީ، އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިންގ އަދިވެސް ބީ. ގައި އެއުޅެނީ. އެހެންވީމާ، ވަރލްޑް ބޭންކުން ރިޕޯޓެއް ނުކުތަސް، އެހެން ތަނަކުން ރިޕޯޓެއް ނުކުތަސް، އިޤްތިޞާދީ ގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނާ ދޭތެރޭގައި ސުވާލެއް ނުއުފައްދާ. އެކަމަކު އެމީހުންވެސް އެބަ ދައްކާ، ދަރަނި އުފެދިގެންދާއިރު، އެހެންނަމަވެސް، ދަރަނީގެ ވާހަކަ ދައްކާއިރު، އެބަބުނޭ، ދަރަނި އަދާކުރުމުގެ ޤާބިލުކަން އެބަ އުފައްދައޭ. އެއީ، މި ދެންނެވި ކެޕިޓަލް ފޯމޭޝަން.
މިރޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އަނެއް ވާހަކަ، އެއީ ދެންމެ މިތަނުގެ ދާއިރާގެ މެންބަރު އުސްތާޛު ނަޝީދުގެ ވާހަކައިގައި އެ ވިދާޅުވީ. މީގެ ޖަވާބަކީ ކޮބައިބާއޭ. މީގެ ޖަވާބަކަށް ވެގެންދާނީ، މި ދެންނެވި ގޮތަށް ދަރަވަންދޫގައި ދުވާލަކު ވިހި ފްލައިޓަށްވުރެ ފްލައިޓް އިތުރުވެގެންދާކަމަށްވަންޏާ، އެ ސަރަޙައްދަށް އެ އަންނަނީ ކޮންކަހަލަ ތަރައްޤީއެއްތޯ. ދުވަހަކު ގެސްޓްހައުސް ހަދައިގެން އެތަނުގައި ކާމިޔާބު ނުވާނެކަމަށް، ނޫނީ ޓޫރިސްޓް ރިޒޯޓުތަކެއް ހަދައިގެން ކާމިޔާބުނުވާނޭ. އެހާދުރުގައި އޮތީ މާލެއާ. އެކަމަކު އެތަންތަނުގައި މިއަދު އާރޯކަމެއް އެއޮތީ އައިސްފައި. އިޤްތިޞާދަށް، މީހުންގެ ދިރިއުޅުމަށް، މީހުންގެ ކުރިއެރުމަށް ވަޒީފާގެ ފުރުޞަތު. ޒުވާނުން ކުދިކުދި އަދަދުގެ ފައިސާ ހިފައިގެން ނުކުމެ މިއިން ކޮންމެ ކަމެއްކުރެވޭ.
ކުޅުދުއްފުށްޓަށް އަންނަ ތަރައްޤީއަކީވެސް ޙަޤީޤަތުގައި އެއީ. ކުޅުދުއްފުށްޓަށް ބޭނުންވާ ކަންކަމުގެ އިތުރަށް، މި ދެންނެވި ތަރައްޤީއާ ދޭތެރޭގައި އަޅުގަނޑު ވާހަކަ ދައްކަން. އަޅުގަނޑުގެ މިއަންނަ ފަސް އަހަރުގެ އަމާޒަކީވެސް، މުޅި އަމާޒަކީވެސް ރާއްޖެ އިޤްތިޞާދީ ގޮތުން ވަރުގަދަވެގެންދިޔުން. އިޤްތިޞާދީގޮތުން ވަރުގަދަވެގެންދިޔުމަކީ، މިއަދު އަޅުގަނޑުމެންނަށް ޤައުމީ މުއްސަނދިކަން ބޮލަކަށް ބަހައިލާއިރު، މި ޖެހެނީ ދިހަވަރަކަށްހާސް. ޑޮލަރު ކަމަށްވަންޏާ،އެ އަދަދު ދެ ގުނައަށް ޖެއްސޭތޯ. އަޅުގަނޑު މި ވާހަކަ ދެއްކީމާ، ހަމަ އަބަދުވެސް އަޅުގަނޑާ ދޭތެރޭގައި ފާޑުކިޔާ ބޭފުޅުން ވިދާޅުވާނެ، ތިޔަ ދެކެނީ ހުވަފެނޭ.
އެކަމަކު ހުވަފެން ފެންނަންޏާ، އަޅުގަނޑަށް ކަށަވަރުވަނީ، އަޅުގަނޑުގެ ދިރުމެއްވާކަން. ހުވަފެން ފެންނަންޏާ، އަޅުގަނޑަށް ކަށަވަރުވަނީ، އަޅުގަނޑަކީ ފުރިހަމަ އިންސާނެއްކަން. ހުވަފެނެއް ނުފެނޭ. ރީތި ހުވަފެނެއް ނުފެނޭ. ކުރިއަށްގެންދާވީ ގޮތެއް ނުފެނޭ. ހުވަފެނެއް ނެތިއްޔާ ކޮބައިތޯ މަރުވެފައި އޮތް މީހަކާ ތަފާތަކީ. އަޅުގަނޑުގެ ހުވަފެން، ތިޔަބޭފުޅުން އަޅުނގަނޑުމެންނާއެކީ ދެކެވަޑައިގަންނަވަނީ. އަޅުގަނޑުގެ ހުވަފެނުގައި ކުލަޖެހިގެންދާތަން މި ފެންނަނީ. އަޅުގަނޑުގެ ހުވަފެނުގައި ފެންނަނީ، މިކަހަލަ ކޮންމެ ޖަލްސާއަކުން ފިޔާތޮށިކުލަ ގިނަވެގެންދާތަން.
އެހެންވީމާ، އަޅުގަނޑުގެ ހުވަފެނުގައި ކުލަޖެހޭ އެބަ. އަޅުގަނޑުމެން ފުރަތަމަ ވާހަކަ ދައްކަމުން ދިޔައިން. އޭރު، އަޅުގަނޑުމެންގެ އާބާދީއަކީ ހަތަރުހާސް އެމެރިކާ ޑޮލަރު. އެއީ ބޮލަކަށް ޖެހޭވަރު. މިއަދު އަޅުގަނޑުމެން ބޮލަކަށް ޖެހޭވަރު، މި ދެންނެވީ ދިހާހާ ކައިރިކޮށްފައޭ. ނުވަހާސް ހަސަތޭކަ، ނޫނީ ނުވަހާސް ހަތްސަތޭކަ ކޮންމެވެސްވަރެއް.
އެހެންވީމާ، ދެން މިހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް ރޭވުނީމާ، ހިންގުނީމާ، އަދި ޓޫރިޒަމަކީ މައި ޞިނާޢަތް ގޮތަށް ގަބޫލުކޮށްގެން، އަޅުގަނޑުމެން އިތުރު ވަޒީފާތަކާއެކީ، އިތުރު ރިޒޯޓުތައް އުފައްދާފައި، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓަކީ އަށެއްކަ މިލިއަން މީހުންނަށް އާދެވޭ އެއަރޕޯޓަކަށް ވެގެންދިޔައިމާ، އަޅުގަނޑެއް ނޫން މި ސުވާލުކުރާނީ. އަޅުގަނޑުމެންގެ އާބާދީ ބޮލަކަށްޖެހޭވަރު ވިހިހާހަށް ޖެއްސޭނެތޯ. ވިހިހާހަކީ ކުޑަ އަދަދަކަށްވާނެ. އޭގެ މަންފާ ދެކޭނެ މީހުން އިރާދަކުރެއްވިއްޔާ ﷲ ދުނިޔޭގައި ލެހެއްޓެވި، އެންމެންނަށް އޭގެ މަންފާ ފެނިގެންދާނެ. ހަމަގައިމުވެސް، ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަށަވަރުވެގެންދާނީ، މިތާ އެއަރޕޯޓް ހުޅުވުމާއެކީ، މިތަނަކީ ދަތުރުފަތުރަށް ފަސޭހަ އަދި ޓޫރިޒަމުގެ ޞިނާޢަތެއްގެ ޙަޤީޤަތް އޮތް ތަނެއްކަން، މިތަނުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެ ނަފާ މިއަންނަނީ، ކެޕިޓަލް ފޯމޭޝަނުގެ ތެރެއިން. ރާއްޖޭގެ އެކި ހިސާބުގައި އެއަރޕޯޓް މި އަޅަނީ، ރާއްޖޭގެ އެކި ހިސާބަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭން. އާމްދަނީ ލިބޭނެ ގޮތްތައް ހޯދައިދޭން.
އެހެންވީމާ، އިޤްތިޞާދީ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އެއްޗަކީ، އަޅުގަނޑުމެންނަށް ވާހަކަ ދެއްކިދާނެ. އަޅުގަނޑުމެންގެ އަބުރާ ބެހެވިދާނެ. އަދި މިވެނި ކަންކަން ނުވެއޭ. އެކަހަލަ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ. އަދި އެބޭފުޅުން ހިތްވަރު ދެއްވާފައި، މިއަދުވެސް ޓްވީޓެއްގައި ވިދާޅުވި. ވަގުންނާ ދިމާއަށް ވަގުންނޭ ބުނެވޭނޭ. ކޮރަޕްޝަނާ ދިމާއަށް ކޮރަޕްޝަނޭ ބުނެވޭނެ. ޝައްކެއްވެސްނެތް، ބުނެވޭނެ. އެކަމަކު މައްސަލައަކަށްވަނީ، ވަގުންނާ ދިމާއަށް ވަގުންނޭ ބުނާއިރު، އެބަޖެހޭ ސިޔާސީ ލީޑަރުން ކަމަށްވަންޏާ ވިސްނާލަން. އެމީހެއްގެ ވައްކަން ސާބިތުކޮށްލައްވާ ފުރަތަމަ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުވާނެ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ނުވާނެ، އަޅުގަނޑުމެންގެ ތެރޭގައިހުރި ކަންކަމަށް ރިޢާޔަތްނުކޮށް، މި ވާހަކަ ދައްކާކަށް. އަޅުގަނޑު ދެން އޮންނަ ޖަލްސާއެއްގައި އިރާދަކުރެއްވިއްޔާ، އެބޭފުޅުން އެ ވިދާޅުވާ ވާހަކައަށް ރައްދުދޭނަން. އެބޭފުޅުން އެބަ ވިދާޅުވޭ، އެމް.ޑީ.ޕީ. ސަރުކާރެއްގައި ކޮރަޕްޝަން އޮތް ވާހަކަ ދައްކާއިރު، ތިމަންނާމެންގެ އެއްވެސް މީހަކު ގެންގޮސް، އެއްވެސް ކަހަލަ ތަޙުޤީޤެއްކޮށް، ކޯޓަކުން އަމުރެއްއައިސް، ނޫނީ ކޯޓުގެ ޙުކުމެއް އައިސްފައެއް ނެތޭ. ނޫން. މީގެ ހުރިހާ ތަފްޞީލެއް އަޅުގަނޑު ނަންނަން ކިޔާފައި އަރުވާނަން.
މިރޭވެސް ދަންނަވާލާނަން. މިރޭވެސް ހަމަ މީގެ ޕްރެލިއުޑް ގޮތަށް، ނޫނީ ދީބާޖާއެއް ގޮތަށް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން ކަންކަން ކުރަނީ، ޤާނޫނީ ހަމަތަކުގެ މަތިން. މީހެއްގެ ފައިސާގެ މައްސަލައެއް އޮތިއްޔާ، މީހަކު ފައިސާގައި ޖެހިފައި ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަންކުރާގޮތް އަޅުގަނޑުމެން ދަންނަވާނަން. ޤާނޫނުގައި އެކަންކުރަން މި އޮންނަނީ، އެމީހެއްގެ މައްޗަށް އެއީ ތަޙުޤީޤެއް، ނޫނީ އެކަމެއްގެ ތުހުމަތެއް އުޅޭކަމަށްވަންޏާ، ތަޙުޤީޤުކޮށްފައި އެކަން އެ މީހަކު ދައްކަންޖެހޭ ފައިސާއެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބަންޑާރަ ނައިބު، މަދަނީ މައްސަލައަކަށްވާތީ، ފުރަތަމަ ލިޔުމުން ސިޓީއެއް ފޮނުއްވާނެ. މިހާ ފައިސާ މަނިކުފާނު ދައްކަވަން އެބައޮތޭ. އެހެންވީމާ، މިއާ ދޭތެރޭގައި ވިދާޅުވަނީ ކީކޭތޯ، މި ފައިސާ ދައްކަވާނަންތޯ. ނުދައްކަވައިފި ކަމަށްވަންޏާ، އެ ސިޓީގައި ހަނދާންކޮށްދޭނެ. ދެން އަޅުގަނޑުމެން މި ފައިސާ ހޯދަން ދާންޖެހޭނީ ޝަރީޢަތަށޭ. އަޅުގަނޑުމެން ފައިސާ ހޯދަންދަނީ ޝަރީޢަތަށް. އަޅުގަނޑުމެން މީހުންގެ ގެދޮރު ވަކިކުރަން ދަނީކީ، މަޖިލީހުގެ ކުރިމަތީގައި ބިންމަތީގައި ކާޕެޓް އަޅައިގެން، ސިޓީ ކައުންސިލް ޖަލްސާތަކަކުން ނޫން. އަޅުގަނޑުމެން އެކަން ކުރާގޮތަކީ، އަޅުގަނޑުމެންގެ މައްސަލައެއް އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އިތުބާރުކުރަން، ޝަރުޢީ ނިޒާމަށް. ޝަރުޢީ ނިޒާމުގެ ތެރެއިން ކަންކަން ޙައްލުވެގެން ދާންވާނީ.
އެހެންވީމާ، މިހެން ހަމަ މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާނަން. އޭރުގެ ޚާރިޖީ ވަޒީރަކަށް ހުންނެވީ ޑޮކްޓަރ ޝަހީދު. ޑޮކްޓަރ ޝަހީދު ކުރެން އެބޭފުޅުން އައްސަވަންވީ ނޫންތޯ، އެމަނިކުފާނަށް ސިޓީއެއް ދިޔަތޯ؟ އަދި އެމަނިކުފާނުގެ ވުޒާރާގައި އެމަނިކުފާނު ޖެހިވަޑައިގެންނެވި ކަމަށް. ނޫނީވިއްޔާ އެއުޅޭ ޝޯރޓްފޯލެއް، ބަޖެޓް ރިޕޯޓުގައި އެއޮތް ފައިސާ އެމަނިކުފާނު ދެއްކެވިތޯ؟ މީގައި ހަމަ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން ސިޓީ ފޮނުވީމު. އޭނާވަނީ ފައިސާ ދައްކަވާފައި. އަޅުގަނޑުމެން އެހެން ބޭފުޅުންނަށްވެސް ސިޓީ ފޮނުވިން. އޭގެތެރެއިން ބައެއް ބޭފުޅުން ފައިސާ ދައްކަވާފައި. އަނެއްބައި ބޭފުޅުންގެ މައްސަލަތައް އެހުރީ މަދަނީ ކޯޓުގައި.
އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކަ ދައްކަނީ، އޭގައި ތަފާސް ހިސާބާއި، އޭގައި ޙަޤީޤަތް ހިމެނޭގޮތަށް. އެހެންވީމާ ކޮރަޕްޝަންގެ ވާހަކަ ދައްކާކަމަށްވަންޏާ، މިވާހަކަ އެންމެން ހިންގަވާ ދައްކާލަމާ. އަދި އެބޭފުޅުންނަށް މިހާރު ފައިސާ ލިބިވަޑައިގަންނަވާ ގޮތްވެސް އެބޭފުޅުން ވިދާޅުވާންވީ ނޫންތޯ؟ އެބޭފުޅުންނަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ، އަދީބު ނެންގެވި ފައިސާ، އެފައިސާއިން އެބޭފުޅުންނަށް އެއްޗެއް ލިބިވަޑައިގަންނަވާ ކަމަށްވަންޏާ، ނޫނީ ލިބިވަޑައިގެންފައި ހުރި ކަމަށްވަންޏާ، އެވާހަކަވެސް ވިދާޅުވާންވީ ނޫންތޯ. އަދި އެފައިސާ ފޮރުވާފައި ހުރި ތަނެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވަންޏާ، ކީއްވެގެންތޯ އޭ.ސީ.ސީ.އަށް ވަޑައިގެން އެވާހަކަ ވިދާޅުނުވަނީ. އެއީކީ ސިއްރު ވާހަކައަކަށް ވެގެނެއްނުވާނެ ދޮގެއްތޯ؟ އޭގެ ނަފައެއް އެބޭފުޅުންނަށް ލިބިފައި އޮތިއްޔާ، އެވާހަކައެއް ދައްކަވަންވީ ނޫންތޯ؟ އެހެންވީމާ، މިކަހަލަ ވާހަކަތަކެއް އަޅުގަނޑު ތަފްސީލު ކުރާނަން، ދެން އަންނަ ޖަލްސާއެއްގައި. ބައެއް ބޭފުޅުންގެ ނަންވެސް ދަންނަވާލާނަން. މިރޭވެސް ނަންފުޅެއް ނުދަންނަވަން ހުރެފައި، އެހެންނަމަވެސް މިއީ ހިނގާފައިހުރި ކަމެއްގެ ގޮތުގެ ވާހަކަ ދަންނަވަންވެގެން އަޅުގަނޑު މިވާހަކަ މި ދަންނަވާލީ.
އަޅުގަނޑު އަދިވެސް ވާހަކަ ދައްކާލާނަން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޚާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަށް ފެނިގެން މިއުޅެނީ އެންމެ ފޮޅުވަތެއް. ޚާރިޖީ ސިޔާސަތެއް ދިވެހިރާއްޖޭގައި ހިނގާތާ ލައްކަ ޒަމާންވެއްޖެ. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ، ނޫނީ ރައީސް މައުމޫނުގެ ސަރުކާރުން ފެށިގެން، އެއްވެސް ބޮޑު ބާރަކަށް ތަބާނުވާ، ނިއުޓްރަލްކޮށް އޮންނަ ނޮން-އެލައިންޑް ޤައުމެއްގެ ގޮތުގައި މި އޮންނަނީ. އެކަމަކު ދުނިޔޭގެ ޙަޤީޤަތްތައް މިއަދު ބަދަލުވެއްޖެ. ދުނިޔޭގެ ޙަޤީޤަތުގައި އޭރު އޮންނަ ބޮޑު ދެ ސެޓެލައިޓް ގޮތަށް ބެލެވޭ ދެ ޤައުމަކީ، އޭރު އަޅުގަނޑުމެން މިނާ މިންގަނޑުން މިނާނެ ތަންތަނެއް ނޫން. ދުނިޔޭގެ ވަރަށްގިނަ ސިޔާސަތުތައް މިހާރު ބައްޓަންވަނީ، ޚާރިޖީ ސިޔާސަތު މިހާރު ބައްޓަންވެގެން މިދަނީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަށް. އިޤްތިޞާދީ ގުޅުންތަކުގެ މައްޗަށް.
އެހެންވީމާ، މިއަދަކު މި ގުޅުންތަކުގެ މައްޗަށް ބިނާނުކޮށެއް ސިޔާސަތުގެ ވާހަކައެއް ނުދައްކާނެ. ޚާރިޖީ ސިޔާސަތުގެ ވާހަކައެއް ނުދައްކާނެ. އެކަމަކު ދިވެހިރާއްޖެ މިއަދާ ހަމައަށް އައިއިރު، ދިވެހިވަންތަ ސިފަތަކަކާއި، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމާއި، އަދި އަޅުގަނޑުމެންނާއި އަވަށްޓެރިންނަށް ދަތިނުވާގޮތަށް އިންޑިޔާ ކަނޑަކީ، ބޭރުގެ ބޮޑެތި އިސްތިޢުމާރުތަކުގެ ނުފޫޒުން ސަލާމަތުން އޮތް ތަނެއްގެ ގޮތުގައި، އަޅުގަނޑުމެން ކަށަވަރުކޮށްދީފީމު. އެކަން އިތުރަށް ކަށަވަރުކޮށްދެއްވާ ޖުމުލައެއް، އެބޭފުޅުންގެ މެނިފެސްޓޯގައި ލިޔުއްވާކަށް ނުޖެހޭނެ. އެބޭފުޅުންގެ ޚާރިޖީ ސިޔާސަތު ފެށޭ ހިސާބާއި ނިމޭ ހިސާބަކީ، އިންޑިޔާ ކަނޑުގެ މިދެންނެވިގޮތަށް އެހެން ބައެއްގެ ނުފޫޒު ނޯންނާނެ ވާހަކަ ދައްކަވާކަމަށްވަންޏާ، އަޅުގަނޑު ހަމަ އަނެއްކާވެސް ދަންނަވާނީ، ތިއީ އަޅުގަނޑުމެން ތަންފީޛު ކުރަމުން އަންނަ ޚާރިޖީ ސިޔާސަތުގައި އެތައް ޒަމާނެއް ވަންދެން ތަންފީޛުކޮށްފައި އޮތް ކަމެކޭ. އެވާހަކައަކީ މަންހަޖެއްގެ ގޮތުގައި، އާ ވާހަކައެއްގެ ގޮތުގައި އެބޭފުޅުން ލިޔުއްވާކަށް ޖާގައެއް ނެތް. އަޅުގަނޑުމެންނަކީ އަވަށްޓެރިންނަށް އިޙުތިރާމުކުރާ، އަދި އަޅުގަނޑުމެންނާ ސިޔާދަތީ ގުޅުން އޮންނަ، ނޫނީ ޚާރިޖީ ގުޅުން އޮންނަ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙުތިރާމުކުރާ ހުރިހާ ފަރާތްތަކާއެކީ އަޅުގަނޑުމެން ބޭނުންވޭ ރަޙްމަތްތެރިކަމުގެ ގުޅުމެއް ބާއްވަން. އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކަކީ، އަޅުގަނޑުމެންގެ ރަޙްމަތްތެރި ޤައުމުތަކަށްވާން. އަޅުގަނޑުމެން އެއްވެސް ބަޔަކާ ދޭތެރޭ ޙަސަދަވެރިކަމެއް ނޯވޭ.
އެހެންނަމަވެސް، އެއާއެކީ ދަންނަވާލަން ބޭނުންވޭ، މިއަދުވެސް އިދިކޮޅު ބޭފުޅުން އެބަ ޖަވާބު ދެއްވަންޖެހޭ، ޚާރިޖީ ސިޔާސަތުގައި ޖަވާބު ދެއްވަންޖެހޭ ސުވާލެއް އަޅުގަނޑު ކޮށްލަން ބޭނުންވޭ. ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ކީއްވެގެންތޯ، ބޭރުގެ ފަރާތްތައް ޝައުޤުވެރި ކުރުވައިގެން، ބޭރުގެ ފަރާތްތަކަށް ޖާގަ ދެއްވަނީ؟ އެބޭފުޅުންނަށް ރައްޔިތުން އެކަން ނިންމަވާފައި، އެކަން ހަވާލުކުރައްވައިފިއްޔާ، ދެންވެސް ދިވެހިރާއްޖޭގައި ދާޚިލީ ކަންކަން ޙައްލުކުރުމަށް، ނޫނީ ދާޚިލީ ކަންކަމަށް ބޭރު މީހުން ގެންނަވާނަންތޯ، އެ ސުވާލުގެ ޖަވާބު އެބަ ދެއްވަން އެބަޖެހޭ. އަދި ހަމައެހެންމެ، އެބޭފުޅުންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސް ނަޝީދު ފެބުރުވަރީ އެކެއްގެ ޙުކުމާ ގުޅިގެން، ތަކުރާރުކޮށް ގޮވާލަމުން އެދިޔައީ، ދިވެހިރާއްޖެއަށް މިލިޓަރީ އިންޓަރވެންޝަނެއް ހަދަން އެބަޖެހެއޭ. ދިވެހިރާއްޖެއަށް އަޞްކަރިއްޔާއެއް އެބަ އަންނަންޖެހެއޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްގެ ނަން ވިދާޅުވެފައި، މި ވިދާޅުވަނީ ތިމަންނާ ދަޢުވަތު އެބަދެމޭ. މިއީ ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން. އަދި މި ބޭފުޅުންނާއެކީ، އެއް ބޭންޑްވޭގަން އެއްގައި، ނޫނީ އެއް ޖަމާޢަތެއްގައި ތިއްބެވި ބޭފުޅުންނަކަށް މިކަމެއް ކްރިޓިލައިޒް ކޮށްލައްވާކަށް، ނޫނީ މިކަމަށް ފާޑުވިދާޅުވާކަށް ކެރިވަޑައެއްނުގަތޭ. މި ބޭފުޅުންނާއެކީ ތިއްބެވި ބޭފުޅުންގެ ތެރޭގައި، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެބަ ތިއްބެވި. ރާއްޖެ ނުދެކޭފަދަ މުއްސަނދި ބޭފުޅުން އެބަ ތިއްބެވި. އަދި ޤައުމުގެ ހަމަޖެހުން އޮންނަންވާނެކަމާއި، ޤައުމުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރަންވާނެކަމާއި، ޤައުމުގެ ޢަދުލު އިންސާފު ޤާއިމުކުރަންވާނެކަމާއި، އަދި އޭގެތެރޭގައި ތިއްބެވި، ވެރިކަން ލިބުނަސް، އަބަދުވެސް ރައީސް ނަޝީދު އިންނަންވާނީ ގޮޅީގައި ކަމުގައި ވިދާޅުވި ބޭފުޅުންވެސް. މިއިން އެއްވެސް ބޭފުޅަކަށް ކެރިވަޑައެއްނުގެންނެވިއޭ، މިކަން ކުށްވެރި ކުރާކަށް. މިބޭފުޅުންނަށް މިކަން އަލިވިލީ ކޮންއިރަކުތޯ؟ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫނޭ މިއީ. ދިވެހިރާއްޖޭގެ ކަންތައްތައް ޙައްލުކުރާކަށް ނުޖެހޭ ބޭރުން ބަޔަކު އަންނާކަށެއް. އަޅުގަނޑުމެން މިވާހަކަ ދައްކައި، ރައްޔިތުން ކަންބޮޑުވާ ވާހަކައަކަށް މިކަންވެގެން، މޫސުން ގެއްލުނުފަހުން، މީގެތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ، ތިމަންނާމެން ލައްކަ ވާހަކަ ދެއްކީމޭ. ލައްކަގިނަ ކަންތައްތަކަށް އެއްބަސްވީމޭ. އެކަމަކު މިހާރު އެ ދައްކާ ވާހަކައަކީ، ތިމަންނާމެން އެއަށް ތާއީދުކުރި ވާހަކައެއް ނޫނޭ. އެހެންވީމާ، އެއިންވެސް އެބަ އެނގޭ، އެ ޙުކުމެއް އައީ ކީއްވެގެންކަންވެސް. އެ ޙުކުމަކާ ގުޅިގެން ދެން މިލިޓަރީ އިންޓަރވެންޝަނެއްގެ ވާހަކަ މި ދެކެވުނުއިރު، އެ ސައްލާގައި މިބޭފުޅުން ބައިވެރިވިކަން އެނގޭ. ތާއީދު ނުކުރާ ވާހަކަ ވިދާޅުވީ.
އެހެންވީމާ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި، ދިވެހިރާއްޖޭގެ ލީޑަރުން ކަންތައްތައް ކުރައްވާފައިހުރި ގޮތް. މިއަދު ކީއްވެގެންތޯ ވިދާޅުނުވާންވީ، ޚާރިޖީ ސިޔާސަތެއް އޮންނަކަމަށްވަންޏާ، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުމީހުން އަތްބާނައި، މި ޚާރިޖީ އަޅުގަނޑުމެންގެ ދާޚިލީ ސިޔާސަތަށް ފޮށުނަކަ ނުދޭނަމޭ، ކީއްވެގެންތޯ ވިދާޅުނުވާންވީ؟ އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ހަމަޖެހުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮންނަ ހަމަޖެހުމަށްވާން. އަޅުގަނޑުމެން ބޭނުންވަނީ، ޤާނޫނީ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެން އުޅެން. އަދި ޤާނޫނީ މައްސަލަތައް ފައިޞަލާކޮށް، ޙައްލުކުރަން ޤާނޫނު އަސާސީއިން އުފައްދާފައިހުރި މުއައްސަސާތައް އެބަހުރި. އެކަންކަން ނިމިގެންދާނީ އެ އުސޫލުން. އަޅުގަނޑުމެންގެ ކަންތައްތައް ނިންމައިދޭކަށް އަޅުގަނޑުމެންގެ އެންމެ އިސް ފަނޑިޔާރުންގެ މަޖިލީހުގައި، ސުޕްރީމް ކޯޓުގެ ބެންޗުގައި ނުޖެހޭ، ބޭރުގެ މީހުން އައިސް ތިބޭކަށެއް. އަދި އެކަންކަން ނިންމާއިރު، އެއަށް ފާޑުކިޔާކަށްވެސް ނުޖެހޭ. ދުނިޔޭގެ އެހެން ދައުލަތްތަކުގެ ސުޕްރީމް ކޯޓުން ނިންމާ ކަންކަމާ ދޭތެރޭގައި، ނޫނީވިއްޔާ ޢަދުލު އިންސާފުގެ ދާއިރާއިން ނިންމާ ކަންކަމާ ދޭތެރޭގައި، ސަރުކާރުގެ ލެވެލްގައި، ކޮންބައެއްތޯ ފާޑުކިޔާފައި ހުރީ؟ ނުހުންނާނެ ފާޑުކިޔާފައެއް.
އެހެންވީމާ، ކޮންމެ ރަށަކަށްވެސް ވަރަށް ކަރާމާތްތެރި ކަމެއް، އެރަށެއްގެ ދާޚިލީ ކަންކަން އެރަށެއްގެ އަމިއްލަ މަޞްލަޙަތު ދެމެހެއްޓުމާ ގުޅުންހުރި ކަންކަން، އެބަޔަކު އަމިއްލައަށް ނިންމުން. އެކަން ކުރުމުގެ ޤާބިލުކަން ނެތިއްޔާ، ނޫނީ އެކަން ކުރުމުގެ ފޯރުންތެރިކަން، ނޫނީވިއްޔާ ކެރުން ނެތިއްޔާ، ކީއްކުރަންތޯ ތިންހާސް ކުދިންނަށް މިހާރުވެސް މި ސަރުކާރުން، މިއަހަރުވެސް މާލޭގައި ކިޔަވާ ރާއްޖޭގެ އެކި ހިސާބުގެ ކުދިންނަށް މިހާރުވެސް އެބަ ޕާރޝަލް ފީއާއެކީ ޓިއުޝަން ފީތައް އެބަ ޕޭ ކުރަން. ކީއްކުރަންތޯ މިކުދިންނަށް މަތީ ތަޢުލީމު އުގަންނައިދިނުމަށްޓަކައި ސަރުކާރުން މިވަރަށް ހޭދަކުރަންވީ؟ އަޅުގަނޑުމެންގެ ކުދިން، ބޭރުގެ ފާސްތައް ނަގައިގެން އަންނައިރު، ދުނިޔޭގެ އެންމެ މަތީ ފާސް ހޯދާ ކުދިންގެ ތެރޭގައި، އަޅުގަނޑުމެންގެ ކުދިން އެބަ ހިމެނޭ. އެކަމަކު، އަޅުގަނޑުމެންގެ ހިތްވަރެއް ނުހުރޭ، އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމާކަށް. އެވަރުގެ ޤާބިލު މީހުން ނެތީތޯ؟ އަޅުގަނޑުމެންނަށް ފުދޭ ވެށްޓެއް އަޅުގަނޑުމެން ބައްޓަންކުރާނީ. އެކަން އަޅުގަނޑުމެން އެހެރީ ޤާނޫނުތަކުގެ ތެރެއިން ކޮށްފައި. ދެން އެމައްސަލަތައް ނިންމާ ފައިޞަލާކުރަން ޤާނޫނުއަސާސީއިން އެހެރީ މުއައްސަސާތަކެއް އުފައްދާފައި. އެ މުއައްސަސާތައް ހެޑްކުރާނެ މީހުން، މުއައްސަސާތަކުގައި ތިބޭނެ މީހުން އުފައްދާނީ އަޅުގަނޑުމެން. އެކަން ކުރާކަށް އަޅުގަނޑުމެންނަކަށް ކަމަކުނުދާނެ، އެހެން ސައިޒެއްގެ ގަމީސް، ނޫނީވިއްޔާ ފަޓުލޫނު ލައިގެން އަންނަ މީހުން. އެމީހުން އައިސް އެކަންކުރީމާ އެއީކީ އަޅުގަނޑުމެންނަށް އޮތްގޮތެއް ނޫން.
އެހެންވީމާ، މިއަދު ޚާރިޖީ ސިޔާސަތުގެ ވާހަކަ ދައްކާއިރުވެސް، އެބަޖެހޭ މި ސުވާލުގެ ޖަވާބު ދެއްވަން. މިއީ ރައްޔިތުންނަށް ދެއްވަންޖެހޭ ޖަވާބެއް. ބޭރުން ފިޔަވަޅު އެޅީމާ، އަޅުގަނޑުމެންނަށް، މަސްވެރިންނަށް ދަތިވާނީ. ބޭރުގެ ބޮޑެތި ބާރުތަކުން މި ދެންނެވި ކަހަލަ އިސްތިޢުމާރީ ބާރުތަކުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާއިރު މިއީ، އަޅުގަނޑުމެން ފަޚުރުވެރިކަމާއެކީ ދައްކަންޖެހޭ ވާހަކައެއްތޯ؟ އެކަމަކު އަދުގެ ޙަޤީޤަތަކީ، އަދުގެ ހާލަތަކީ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ތެރެއިން ނޫސްތަކުގައިވެސް މިވާހަކަ ލިޔާކަން. މިއިން ކާކަށްތޯ އުފާވެރިކަން ލިބެނީ؟ މަސްވެރި ރަށަކަށް، މަސްވެރި ޢާއިލާއަކަށް، މަސްވެރި އާބާދީއަކަށް އެނގޭނީ، ދިވެހިރާއްޖެއިން މި ބޭރުކުރާ މަސްކޮޅު މިހާ އުނދަގުލުން ބޭރުކުރާއިރު، ދެން އަޅާ ފިޔަވަޅެއްގެ ނަތީޖާ، ފުރަތަމަ ބައްދަލުކުރާނީ ކޮންބަޔަކާތޯ؟ އެކަމަކު މިއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކާ ވާހަކަ.
އެހެންވީމާ، މިކަންކަމުން އަޅުގަނޑުމެންނަށް އުފަލެއް ނުލިބޭ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއެކީ ކުރިއަށްދާން. އަޅުގަނޑުމެން ބޭނުންވަނީ، މިކަހަލަ ބަނދަރުތައް ހަދައި، އެއަރޕޯޓްތައް ހަދައި، މަގުތައް ހަދައި ނިމުނީމާ އެއީ އިޤްތިޞާދީ ފައިދާ ސަތޭކައިންސަތޭކަ، ދިވެހީންގެ އަތްމަތީގައި، ދިވެހީންގެ އަތުގައި އޮންނަ. އެކަންކަން ކުރާކަށް ބޭރުމީހުން އަންނާކަށް ނުޖެހޭ. އަދި ބޭރުގެ ކުންފުނިތަކުން މިކަންކަން ކުރާއިރު، ކަންކަން ދިމާވާގޮތް އަޅުގަނޑުމެންނަށް އެހެރީ ފެންނަށް. އެހެންވީމާ، އަޅުގަނޑު ހައިރާނެއްނުވޭ، ޙަޤީޤަތާ ޚިލާފަށް ބައެއް ވާހަކަފުޅު ދައްކަވާއިރު. ދެންމެ ޠާރިޤު އެ ރަނގަޅު އެ ކޮށްދެއްވީ. ރާއްޖޭގެ ސަރުކާރުގެ ކުންފުނިތަކުގެ ހަކަތަ ހުރިވާހަކަ ދެއްކީމާ، އެބޭފުޅުން ވިދާޅުވަނީ، ކޮބައިހޭ އޮތް ހަކަތައަކީ؟
އެބޭފުޅުން ވިދާޅުވީ އެސް.ޓީ.އޯ.އޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، އެސް.ޓީ.އޯ.އެއް ނޫންކަން ނަރުދަމާތައް ހަދަން ނުކުމެ އެއުޅެނީކީ. ފެނަކައިންކަން ނުކުމެ އެއުޅެނީ. އެކަމަކު އެއީ ކީއްވެގެންތޯ، އެބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ. އެހެންތާވާނީ. އެއީ މިކަހަލަ ކަމެއްގައި ދުވަހަކު އުޅުނު ބޭފުޅުންނެއް ނޫން. އެބޭފުޅުންނަށް ހަމަ އެނގޭނީ، މަތިމަތިން ފޮތެއްގެ ސުރުޚީ ބަލައިލާފައި، އޭގައި ލިޔެފައި އޮތް އެއްޗަކާ ދޭތެރޭގައި ގޮތެއް ނިންމަން. މުޅި ޗެޕްޓަރު، މުޅި މާއްދާ، ނޫނީ މުޅި ޞަފްޙާ ކިޔައިލީމާ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބޭފުޅުން ނިންމި ނިންމުން ޙަޤީޤަތާ ކައިރިވެސް ނުކުރާކަން.
ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން، އަދި އެކުންފުނިން ކުރާ މަސައްކަތަކީ، ނަރުދަމާ ހެދުންކަމަށް ނުވަންޏާ، އެކުންފުނީގެ ބެލުމުގެ ދަށުން، ސަބްކޮންޓްރެކްޓް ކޮށްގެން، ބޭރުގެ ކުންފުނިތަކަށް ދޭނެ މަސައްކަތް. އެއީ އެ ކުންފުނީގެ ހަކަތަ ނެތީމައެއްނޫން. އެ ކުންފުނީގެ ހަކަތަ ހުރީމާ. އެހެން މި ދެނީ. އެއީ ސަރުކާރުން، ސަރުކާރާ ދޭތެރޭގައި ކޮންޓްރެކްޓް މިކުރަނީ ފެނަކައާ. އެހެންވީމާ ފެނަކައާ ހަވާލުވެގެން އުޅޭ، ފެނަކައިން ސަބްކޮންޓްރެކްޓް ކޮށްގެން އުޅޭ ބަޔަކަށް އެކަން ނުކުރެވިއްޖެ ކަމަށްވަންޏާ، ސަރުކާރުން ޖަވާބުދާރީ ކުރާނީ ފެނަކަ. ފެނަކައަކީ ސަތޭކައިންސަތޭކަ ސަރުކާރު ކުންފުންޏެއް. މީގައި އޮންނަ ދެވަނަ ޙަޤީޤަތަކީ، އަޅުގަނޑުމެންނަކަށް ފަސޭހައެއްނޫން މިކަހަލަ މަސައްކަތް ކުރަން އަންނަ ބޭރުގެ ފަރާތްތަކަކަށް، އެމީހުންގެ ފައިސާގައި މިކަންކަން ކުރީމާ، އަޅުގަނޑުމެންނެއް ނުދޭނަން ދިވެހި ދައުލަތަކުންނެއް، ދިވެހި ދައުލަތުގެ ސޮވްރިންގ ގެރެންޓީއެއް. އެއީ އަޅުގަނޑުމެން ދޭން ބޭނުންވާ އެއްޗެއް ނޫން. ބޭރުގެ ކުންފުނިތައް މިކަހަލަ މަސައްކަތް ކުރީމާ، އަޅުގަނޑު ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ މާލިއްޔާއަކުންނެއް ސޮވްރިންގ ގެރެންޓީ ދޭކަށް. އެކަމަކު، އަޅުގަނޑަށް ފަސޭހަ، ސޮވްރިންގ ގެރެންޓީ ދޭން ސަރުކާރުގެ ކުންފުންޏަކަށް. އެހެންވީމާ، މިހާރު އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެކަންނޭނގެ، ކީއްވެގެންކަން ފެނަކައަށް ހަވާލުކޮށްގެން މިކަން މިކުރަނީ. އެސް.ޓީ.އޯ.ގެ ހަކަތަ ނެތީތޯ؟ މިއަދުވެސް މާލިއްޔާގެ ހިސާބު ބަލައިލައިފި ކަމަށްވަންޏާ، މިއަދުވެސް، ސަރުކާރުގެ އެކި ފަރާތްތަކުން، އޭގެ ތެރޭގައި ހިމެނޭނެ، ފެނަކައާއި ސްޓެލްކޯއާ. ދައްކަން ހުރި ބިލްތަކާއި، ސަރުކާރުން އެސް.ޓީ.އޯ.އަށް ދައްކަންހުރި ފައިސާ، މިއަދު ހިސާބު ބަލައިލައިފި ކަމަށްވީނަމަވެސް، ދެހާސް މިލިއަނަށްވުރެ ކުޑައެއްނުވާނެ. ދެހާސް މިލިއަނުގެ ބޮޑު ދަރަންޏެއް ހިފައިގެން، ބޭންކުން ލާރި ނަގައިގެން، ވިޔަފާރިކޮށް، އެތައް ބޮޑެތި މަޝްރޫޢުތަކެއް ހިންގަވަންޏާ، އެއަށް ހަކަތަ ނޫން ކޯޗެއްތޯ ކިޔާނީ؟ އެއީ ހަކަތަ ހުރުން. ދައުލަތުގެ މާލިއްޔަތަށް ނުކުޅެދިގެންދާއިރުވެސް، އެސް.ޓީ.އޯ.އިން މިކަން އެބަކޮށްދޭ. އެސް.ޓީ.އޯ.އިން ރާއްޖެއަށް ބޭނުންވާ ހުރިހާ ތެޔޮ އެބަ އެތެރެކުރޭ. ރާއްޖޭގެ މި އިންޖީނުގެތަކާއި، ބޯޓުފަހަރުގައި ދުއްވާ ތެލާއި، މިހުރިހާ ކަމެއް މިކުރަނީ، އެސް.ޓީ.އޯ. މިދެންނެވި ބޮޑު އަދަދުގެ ފައިސާ ލިބެން އޮވެވެސް، އެސް.ޓީ.އޯ.އިން މިކަން ކުރާތީ. ކީއްވެގެންތޯ މިކަން ކުރަން އަމިއްލަ ވިޔަފާރިވެރިން ނޫޅެނީ؟
މިއަދު އެ ސުވާލު ކޮށްލައްވާ. ކީއްވެގެންތޯ އަމިއްލަ ވިޔަފާރިވެރިންނަށް ރާއްޖެއަށް ބޭނުންވާ ހުރިހާ ކާޑެއް ގެނެސްގެން ނުވިއްކެނީ؟ މަނާ ވިޔަފާރިއެއްނޫނޭ. ހުރިހާ ވިޔަފާރިއަކަށް ހުއްދަ އެބައޮތޭ. އެހެންވީމާ، ހަކަތަ ހުރީމާ ދޮގެއްތޯ އެއީ. އެއީ، ހަކަތަ ހުރީމާ. މިއަދު އަޅުގަނޑުމެންނަށް އިވިގެންދިޔަ، އެމް.ޓީ.ސީ.ސީ. އިން މިހާތަނަށް ރާއްޖޭގައި މި ހަދަމުންދާ ބަނދަރުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑު ތަފާސް، މިއަދު ހެނދުނު ހަނދާންހުރި ކަމަށްވަންޏާ، ފަންސާސް ހަތް ބަނދަރު ހެދީ އެމް.ޓީ.ސީ.ސީ.އިން. އެމް.ޓީ.ސީ.ސީ.ގެ ހިސާބުތަކަށް މިއަދު ބެލިޔަސް، ސަރުކާރުގެ އެކި ފަރާތްތަކުން ސަރުކާރުގެ މާލިއްޔާއިން، ނޫނީވިއްޔާ މިކަން ކުރައްވަނީ ހައުސިންގ މިނިސްޓްރީން ކަމަށްވަންޏާ، ހައުސިންގ މިނިސްޓްރީން ބަޖެޓު މިއަދުވެސް އޮންނާނެ، އެމް.ޓީ.ސީ.ސީ.އަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދޭންވެފައި. ކުންފުނިތަކުގައި ހަކަތަ ހުރީމާ މިކަންކަން މިކުރެވެނީ. އެހެންވީމާ، ކުންފުނީގައި ހަކަތަ ނެތީކީއެއްނޫން. އެހެންވީމާ، އަޅުގަނޑުމެން މި ދައްކާ ވާހަކައަށް ޖަވާބު ދެއްވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ލާޒިމު އެބަވޭ، ސިޔާސީ ވޯޓަކާ ހަމައަށް އަންނައިރު، އަޅުގަނޑުމެން މި ޖަވާބުތައް ދޭން.
ކުޅުދުއްފުށީގައި އަޅުގަނޑު މިއަދުވެސް ދަންނަވާލާނަން. ކުޅުދުއްފުށީގެ ޒުވާނުންނަށް އެންމެބޮޑަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ޒުވާނުންގެ ވަޒީފާގެ ވާހަކަ އަޅުގަނޑުމެން މިދަންނަވައި ނިމުނީ. އެކަމަކު، ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލާނަން. ދިހަހާހެއްހާ މީހުންގެ އާބާދީއެއް އުޅޭ ކަމަށްވަންޏާ، އާބާދީގެ ވަކިވަކި ފަރުދުން ނުވިސްނި ކަމުގައިވީނަމަވެސް، ރަށެއްގެ ހައިސިއްޔަތުން، މުޖުތަމަޢެއްގެ ނިސްބަތުން ވިސްނާކަމަށްވަންޏާ، އެންމެ ބޮޑު މައްސަލައަށް ވާނީ ކުނީގެ މައްސަލަ. ފަހަރުގައި ވެދާނެ، މިއީ އެކަކުވެސް އެއަށް ޒިންމާ އުފުލަންނުޖެހޭ، އެކަމަކު އެންމެންގެ ފަރާތުންވެސް ކުނި އުފެދޭ. ކުޅުދުއްފުށްޓަކީ ދިހަހާހެއްހާ މީހުން އުޅޭ އާބާދީއެއް ކަމަށްވަންޏާ، ލައްކަ ގިނަ ކުނި މިހާރުވެސް މިތާނގެ ކުނި ކޮށީގައި ޖަމާވެފައި ހުންނާނެ. އަޅުގަނޑު، އަންދާސީ ހިސާބު ދަންނަވާ ކަމަށްވަންޏާ، ކުޅުދުއްފުށީގައި މިހާރުވެސް އެބަހުރި ހަތަރުސަތޭކަ އާއި ފަސްސަތޭކަ ޓަނާ ދޭތެރޭ ގާތްކުރާ ޢަދަދެއް. މިއީ، ވަރަށް ބޮޑު ޢަދަދެއްގެ ކުނި. މިއީ، ރަނގަޅު ވާހަކައެއްނޫންތޯ. އެކަމަކު، މިތާ ތިއްބެވި އެއްވެސް ބޭފުޅަކަށް މިކަމުގައި ދަތިނުވެހިނގައިދާނެ. އެކަމަކު، މުޅި ރަށަށް ބަލައިފި ކަމަށްވަންޏާ، މުޅި ރަށުގެ ވެށި ތަޣައްޔަރުވެގެންދާ މިންވަރަށް ބަލާކަމަށްވަންޏާ، މިއީ ޙައްލުކުރަންޖެހޭ މައްސަލައެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ނިންމާފައި މިހާރު މިއޮތީ، އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި ފެށޭތޯ ބަލާނަން. ހަމަގައިމުވެސް، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު، ކުޅުދުއްފުށީ ގޭގެއިން ކުނި، ހަމަ މާލެއިން ނަގާގޮތަށް ވެމްކޯއިން މި މަސައްކަތްކޮށްދޭނެ. ކުޅުދުއްފުށީގެ ރައްޔިތުންނަކަށް، ކުނި ހިފައިގެންގޮސް ވަކި ތަނަކަށް ކުނި އުކާލާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ، ހަމަ ވެމްކޯއިން މި ޚިދުމަތް ޑޯ-ޓު-ޑޯ، ހަމަ ގެއިން ގެއަށް، މާލޭގައި ޒިޔާރަތްކުރާގޮތަށް މިކަންކުރާނެ.
އެހެންވީމާ، އަޅުގަނޑުމެން ހައިރާންވޭ، ވެމްކޯ އުވާލާ ވާހަކަ ދެއްކީމާ. ކުރީގައި އޮތްގޮތަށް ކުނި ބާއްވާ ވާހަކަ ދެއްކީމާ، އަޅުގަނޑު ހައިރާންވޭ. މާލެއަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާލޭގެ ސްކޫލުތައް، މަދުން ނަމަވެސް ހުންނާނެ، އެކި މޫސުމުގެ ތެރޭގައި ހުޅަނގު ދެކުނުން ވައި އަންނައިރު ހުންނާނެ، ރަށު ތެރެއަށް ވައި އަންނާތީ، ސްކޫލްތައް ބަންދުކޮށްފައި. ކުނީގެ އުނދަގޫ ބޮޑުވެގެން. މިއަދު ކޮބައިތޯ މާލޭގެ ކުނިކޮށި؟ މިއަދު މާލޭގެ ކުނިކޮށްޓެއް ނެތެއްނޫންތޯ. މިއަށް ތަރައްޤީ ނުކިޔަންޏާ، މިއަށް ކޯއްޗެއްތޯ ކިޔަންވީ. މިއީ، ކޮންކްރީޓުން ގެންނަ ތަރައްޤީ ކަމަށްވަންޏާ، އަޅުގަނޑު ބޭނުން މި ތަރައްޤީ.
އެހެންވީމާ، ކުޅުދުއްފުށީގައި އަޅުގަނޑު ދަންނަވާލާނީ. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، ހަމަ ވެމްކޯއިން މާލޭގެ ފެންވަރުގައި މިކަން ކުރާގޮތަށް އަޅުގަނޑުމެން ކުޅުދުއްފުށީގައި ކުރާނަން. ހަމައެއާއެކީ، ދަންނަވާލާނަން. މިހާރު ތިއޮތް ކުނިގޮނޑު ނެގުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިއަހަރުގެ ތެރޭގައި ފަށްޓާނަން. މި ހަތަރުސަތޭކަ ޓަނުގެ ކުނި، ނޫނީވިއްޔާ ފަސްސަތޭކަ ޓަނުގެ ކުނި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިތަނުން އުފުލައިގެން އަޅުގަނޑުމެން ރ. އަތޮޅު ވަންދުއަށް އުފުލުމުގެ މަޝްރޫޢުތައް އަޅުގަނޑުމެން މި ހިންގަނީ. މިއަށްދާ ފައިސާގެ ޢަދަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަޖައްސާނަން. އެހެންވީމާ، ކުޅުދުއްފުށީގައި ވަރަށް ގިނަ މިކަހަލަ ވާހަކަތައް ދެއްކިދާނެ އިނގޭތޯ. ކުޅުދުއްފުށީގައި މިކަހަލަ ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. މި ދައްކަނީ އިޤްތިޞާދީ ތަރައްޤީގެ ވާހަކަ. އިންސާނިއްޔަތާއި ހަމްދަރުދީއާ، މިކަހަލަ ބައެއް ވާހަކަ ދައްކާލަމާ ހިންގަވާ.
މި އުތުރުގައިވެސް ވަރަށް ގިނަ ނުކުޅެދޭ ކުދިން ތިބިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. މާލޭގައިވެސް، މާލޭ ސަރަޙައްދުގައިވެސް ނުކުޅެދޭ ކުދިން ވަރަށް ގިނަ. މިއަދު ނުކުޅެދޭ ކުދިންނަކީ، ފައިސާ ލިބުމުގައި، އެކުދިން މުޖުތަމަޢަށް ނުކުމެއުޅުމުގައި، ކުޅެދޭ މީހުންނާ ދާދި އެއް ފެންވަރަށް މިއައީ ކީއްވެގެންތޯ؟ ކޮން ސަރުކާރެއްގައިތޯ ހިތްވަރު ހުރީ، އެ ކުދިންނާ ދޭތެރޭގައި އަޅާލަން. ކޮން ސަރުކާރަކުންތޯ ދެނެހުރީ އެއީ، ދިވެހިރައްޔިތުންކަން. އެ ކުދިންނަކީ ވޯޓުލާ ބައެކޭ، އެ ކުދިންގެ ޙައްޤުތައްވާކަން، އެ ކުދިންގެ ކަރާމާތެއްވާކަން، ކޮން ސަރުކާރަކުންތޯ ދެނެހުރީ. މިއަދު، ކީއްވެގެންތޯ އެ ބޭފުޅުން އެ ވާހަކަ ނުދައްކަވަނީ. މިއަދު، އޭގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ ސަރުކާރުގެ ކުންފުނިތަކުގައި ހަމަ ހިއްސާދާރުންގެ ގޮތުގައި މަސައްކަތްކުރާ ކުދިން. މަސައްކަތުގެ ހިއްސާދާރުންގެ ގޮތުގައި.
އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި ޕްރޮގްރާމް މިއަށްވުރެ ވަރުގަދަކުރަން. އަޅުގަނޑު އިޢުލާނު ކުރިން، މީގެކުރީގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިއަންނަ މަހު، ސެޕްޓެންބަރު 23 ގެ ވޯޓަކީ އަޅުގަނޑުމެންނަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފާގަތި ނަތީޖާ ލިބިގެންދާނެ ވޯޓެއް ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލިން، އަޅުގަނޑުމެންގެ ތެރޭގައި [ޤާބިލު]ގެ ނަމުން ހިންގާ ޕްރޮގްރާމެއް ހިންގަން. ހުރިހާ މަސައްކަތެއްކޮށް ނިންމާފައި އެހެރީ. އެއީ، މައިކްރޯ ކްރެޑިޓް ސްކީމެއް. މި ސްކީމުގެ ދަށުން ކުއްޖާއަށް ވަޒީފާ ލިބެންދެން، ކުއްޖާއަށް ބޭންކުން ލޯނު ހޯދުމާއި، މިކަހަލަ ކަންކަން ކުރުމުގައި، ސަރުކާރުން އެހީވާނެ. ހަމަ ސަރުކާރުން އެހީވެގެން އެ ކުއްޖާއަށް ލޯނު ނެގުމުގެ މަގު ފަހިކޮށްދޭނީ. މިއީ، ނުކުޅެދޭ ކުދިންނަށް އަޅުގަނޑުމެން މަގުފަހިކޮށްދޭން ބުނެފައި އޮތް ކަމެއް. އަދި ހަމައެއާއެކީ، އަޅުގަނޑު އިޢުލާނު ކުރިން މީގެ ކުރިންވެސް، އިރާދަކުރެއްވިއްޔާ، ސެޕްޓެންބަރު 23 ން ކަށަވަރުވެގެންދާ ވޯޓަކީ، އަޅުގަނޑުމެންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވޯޓަކަށްވާ ކަމަށްވަންޏާ، ނުކުޅެދޭ ކޮންމެ ކުއްޖަކަށް، އިރާދަކުރެއްވިއްޔާ، ފަސްހާސް ރުފިޔާގެ އާމްދަނީއެއް، ކޮންމެ މަހަކު މި ސަރުކާރުން ދޭނެ.
އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އެއްވެ ހަޅޭއްލެވުމާއި، އަރާރުންވުމާއި، މީހުންގެ ގެދޮރުގައި ހުޅުޖެހުމާއި، އަދި އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ކުރުމާއި، މިއީތޯ އަޅުގަނޑުމެންގެ އިޙްސާންތެރިކަން ދައްކަންވާ ގޮތަކީ. މި ދޮގެއްތޯ އަޅުގަނޑުމެންގެ ސަޤާފަތެއްގެ ގޮތަށް މިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އައިސްފައި މިއޮތީ. އަދިވެސް، މިއުޅެނީ މިކަމުން އަރައިނުގަނެވިގެން. މިހާރުވެސް މި ފެންނަނީ ތަންތަން ރޯކުރާތަން. އެކަމަކު، އަޅުގަނޑުމެން ބޭނުންވޭ، މިކަހަލަ މުޖުތަމަޢުގައި މިއަންނަ ތަރައްޤީއަކީ ޙަޤީޤަތުގައިވެސް، އެ ތަރައްޤީގެ މަންފާ ލިބިގެންދާއިރު، މުޅި ރައްޔިތުންނަކީ، އުފާފާގަތިކަމުގައި އުޅޭ ރައްޔިތުންނަށް ވެގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮންނަންޖެހޭ. ސިޔާސީ ފިކުރަކީ ވަކި އެއްޗެއް. އެކަމަކު، ސިޔާސީ ފިކުރުގައި، އަޅުގަނޑުމެންނަށް ތަހައްމަލުކޮށްލަން ކެރެންވާނެ ވާހަކަދައްކަން. އަބުރާ ބެހުމަކީ ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންގެ ކުރިމަތީގައި. އަޅުގަނޑު މި ދައްކަނީ އިޤްތިޞާދީ ވާހަކަ. އަޅުގަނޑު މި ދައްކަނީ، އަޅުގަނޑުގެ ހުވަފެން ޙަޤީޤަތަކަށް ހަދަމުންގެންދާ ވާހަކަ. އަޅުގަނޑު މި ދައްކަނީ، ރަށްރަށަށް އައިސް، ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ. އަޅުގަނޑު މި ރަށްރަށަށް މި އަންނަންނީ، ކަޑަޖަހާދޭކަށެއް ނޫން. އަޅުގަނޑު މި ރަށްރަށަށް މި އަންނަނީ، ނިންމާފައިހުރި މަޝްރޫޢުތައް ފަށްޓައިދިނުމަށް. އަދި، ފެބުރުވަރީ އެކެއްގައި އެއައި ޙުކުމާ ގުޅިގެން ރަށު ބަންދުގައި އަޅުގަނޑު ހުރެއްޖައިން އެތައް ދުވަހަކު. މިހާރު، މިހާ ލަހުން މިކަން ކުރަންޖެހިގެންވެސް މިއުޅެނީ، އޭރު ރާއްޖެ އޮތް ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހުނު މަސައްކަތް.
އަޅުގަނޑުމެންގެ އިސް މީހުންގެ ތެރޭގައި ވިސްނުން އޮތީ ކިހިނެއްތޯ. ރާއްޖެއަށް ދިމާވީ ކޮންކަހަލަ ބޮޑު ނުރައްކަލެއްތޯ؟ ރާއްޖޭގެ ކަރާމާތާއި އެންމެ ޤަދަރު ލިބިގެންވާ ކޯޓުގެ ފަނޑިޔާރުންނާ ދޭތެރޭގައި ކޮންކަހަލަ ނުބައި ހީތަކެއްތޯ އަޅުގަނޑުމެން ކުރަމުން ދިޔައީ. ކޮންކަހަލަ ކަންކަމެއްތޯ މީގެ ތެރޭގައި ވަދެގެން ދިޔައީ. އެކަމަކު، މި ހުރިހާ ކަމެއް ޙައްލުކުރަން މިއަދު ރައްޔިތުންގެ ކުރިމަތީގައި އެހެން އެކަކުވެސް ނުކުރާ ހުވާކޮށްގެން ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެއިން ކޮންމެ މީހަކަށް، އެ މީހެއްގެ ދާއިރާއިން ކުރާކަމެއް ކޮށްލާފައި ގެޔަށް ދެވިދާނެ. އެކަމަކު، މިތާ ކަމެއް ދަމެއް ބޮޑުވެއްޖެ ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާއަކީ ނިދަން ގެޔަށް ދާނެ މީހެއްނޫން. ރައީސުލްޖުމްހޫރިއްޔާ ހޭދަކުރަންޖެހޭނީ ރައްޔިތުންގެ ޚިދުމަތުގައި. މިކަންކުރި މީހުންނާއި، މިކަން ކުރުމުން ނުކުތް ނަތީޖާއާއި، ފައިދާވާ މީހުންގެ ލިސްޓު އެމް.ޑީ.ޕީ. ބޭފުޅުން ވިދާޅުވެދެއްވާ! އޭގެ ތެރޭގައި ތިބީ މުޅިންވެސް ކުށްވެރިން. ކުށްވެރިންނަށް އިޙްސާންތެރިވެގެން ދޫކުރަންޏާ، އެއަށްވުރެ މާ އާދައިގެ ކުދިކުދި ކުށްތަކުގައި ތިބި މަޢުޞޫމް މީހުން ދޫކުރަންވީނޫންތޯ. މަޢުޞޫމް، މި ދެންނެވީ، ކޮށްފައިހުރި ކުށަށް ބަލާކަމަށްވަންޏާ. މިތަނުގައި މިތިބީ ބޮޑެތި ކުށްވެރިން. އެއީކީ، ސިޔާސީ ކުށްވެރިންނެއް ނޫން. އެކަމަކު، އެއީ ސިޔާސީ މީހުން. އެމީހުންނަށް އައިސްގެން އުޅެނީ ސިޔާސީ ޙުކުމެއްވެސް ނޫން. އަދި، އެމީހުން ބަންދުކުރީކީ ރައީސް ޔާމީނެއް ނޫން. އެމީހުންގެ މައްސަލަތައް އުފުލުނު. ތަޙްޤީޤުތައް ކުރެވުނު. ޕްރޮސިކިއުޓަރ ޖެނެރަލްގެ އަތްމަތީގައި އޮތީ، އެމީހެއްގެ މައްސަލަ ކޯޓަށް ގެންދާނަންތޯ، ނުގެންދާނަންތޯ. ފަނޑިޔާރުންގެ އަތްޕުޅުގައި އޮތީ، އެ މައްސަލަ ނިންމަވާނެގޮތެއް ނިންމެވުން. ކޮންމެ މީހަކަށް، ދައުލަތަށް، އަދި، މައްސަލަ ރައްދުވާ ފަރާތަށްވެސް އިސްތިއުނާފުގެ ދެމަރުޙަލާ ހިންގުމުގެ ޖާގަ އެބައޮވޭ. ކޮންމެ މީހަކަށް ލޯޔަރަކު އެބަލިބޭ. ކޮންމެ މީހަކަށް މުއްދަތަށް ތާވަލު ކުރާއިރު، އެބަ ބުނެވޭ، ތިމަންނާއަށް މިހާ ފުރުޞަތު ދޭށޭ، މައްސަލައަށް އިތުރަށް ތައްޔާރުވާން. ދެން މީގައި ރައީސް ޔާމީން ކުރީ ކޮންކަމެއްތޯ. އެކަމަކު، ރައީސް ޔާމީން ކުރިކަމަކީ، ފެބުރުވަރީ އެކަކުން އެ ނުކުތް ޢަމުރު ރާއްޖޭގައި ތަންފީޒު ކޮށްފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން އަޅުގަނޑަށް ވިސްނޭ. އަދި، އެ އަމުރަކީ ޤާނޫނީ ހުރިހާ އުސޫލުތަކަށް ބަލާއިރު، އެއީކީ ހިންގޭނެ އަމުރެއް ނޫންކަން ދުސްތޫރުން ޤާނޫނުން ބޭރު އަމުރެއްކަން އެނގޭތީ، އެ އަމުރު ތަންފީޒު ނުކުރާނަމޭ ބުނީ. ރައީސަކަށް ޖެހޭނެ މިކަހަލަ ވަރަށް ޓަފް ޗޮއިސްތައް ނަގަން. ވަރަށް ގިނަ، ވަރަށް އުނދަގޫ ކަންތައް ރައީސަކު ކުރަންޖެހޭނެ. ރައީސްކަން ކުރުމަކީ ފަސޭހަކަމެއްނޫން.
އެހެންވީމާ، މިއަދު އިދިކޮޅަށް ނުކުމެވަޑައިގަންނަވަން އުޅުއްވާ ބޭފުޅުންވެސް އެބަޖެހޭ، މިކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން. އެ ބޭފުޅުން ތާއީދު ކުރައްވަންތޯ ފެބުރުވަރީ އެކެއްގައި ނުކުތް ޙުކުމަށް. ކީއްވެގެންތޯ އެ ވާހަކަ ނުދައްކަވަނީ؟ އެ ބޭފުޅުން ތާއީދު ކުރައްވަންތޯ އެ ޙުކުމާ ބެހޭގޮތުން އެކިއެކި ޤައުމުތަކުން، އެކިއެކި ކަރަކަރައިން، އިސްތިޢުމާރީ ފަރާތްތަކުން، އަޅުގަނޑުމެންގެ ޙުކުމާ ބެހޭގޮތުން އެކި ކަންތައް ހިނގައިދިޔަގޮތާ ބެހޭގޮތުން ފާޑުކިޔަން ޖާގަ ދެއްވާނަންތޯ. އެ ބޭފުޅުން އެބަޖެހޭ ނޫންތޯ އެއަށް ޖަވާބު ދެއްވަން.
އަޅުގަނޑު ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންނަށްވެސް އެދެނީ އުފާފާގަތި މުޞްތަޤްބަލެއް. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުގެ މި ތަރައްޤީގެ ވިސްނުމާއެކީ، އަޅުގަނޑުމެން ގެންނަން ބޭނުންވާ ޓްރާންސްފޮމޭޝަން، އިޤްތިޞާދީ ބޮޑު ދިރުން، ނޫނީވިއްޔާ ކުރިއަށް ދާން ބޭނުންވާ ދިގު ފުންމުމުގެ ފިޔަވަޅު، އުސްތާޛު ނަޝީދުގެ ބަހުރުވައިން ވެއްޖެކަމަށްވަންޏާ، އެ ފިޔަވަޅު އެޅުން.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި، މެދު ޢުމުރުގެ މީހަކާ ބައްދަލުވިއޭ. އެ ބޭފުޅަކު ވިދާޅުވިކަމަށް، ރަށްރަށުން، ކުރީގައި ތިމަންނާމެންނަށް މަދުންނޭ މި ފެންނަނީ ހައިމާކެއް. އެކަމަކު މިއަދު ހުރިހާ ދިމާއެއްގައި ހައިމާކުތައް އެބައުޅޭ. އަޅުގަނޑު ކުޅުދުއްފުށީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ކުޅުދުއްފުށީގެ މަގުތައްވެސް އަދި އޮތީ ހަދާށޭ. އެހެންވީމާ، މިތަނަށް ހައިމާކުތައް އަންނަންޖެހޭނޫންތޯ. އެހެންވީމާ، މިރަށުންވެސް ހައިމާކުތައް ފެންނަންޖެހޭނޫންތޯ. އެކަމަކު، މިރަށުން ހައިމާކު ފެންނާނީ، 23 ގައި ލައްވާ ވޯޓަކީ، އަޅުގަނޑުމެން މިރަށުގެ ރައްޔިތުން ހައިމާކަށް ދެއްވާ ވޯޓަކަށް ވެގެން.
އަޅުގަނޑުމެންގެ މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
والســّلام عليــكم ورحـمــة اللّـه وبـركاتـه |
ރ. ހުޅުދުއްފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙުކުރުމާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތްދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
ނިޢުމަތްތަކުގެވެރި اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.
ހުޅުދުއްފާރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން؛
السّلام عليــكم ورحـمــة اللّـه وبـركاتـه.
އަޅުގަނޑުގެ މި ޒިޔާރަތަށް ތިޔަބޭފުޅުން ބުރަ އުފުއްލަވައިގެން، ތިހާބޮޑު ތައްޔާރީއެއް ވެވަޑައިގެންނެވިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި، ތިޔަބޭފުޅުން ކުރައްވަމުން ގެންދެވި އުއްމީދެއް ނިމިގެންއައިސް، އެ އުއްމީދުގައި ކުލަ ޖެހިގެން ދިޔައީ، އަޅުގަނޑުގެ ސަރުކާރުގެ މަސައްކަތުން ކަމަށް ތިޔަބޭފުޅުން ދެކެވަޑައިގެން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް ފަށްފަށުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ވާހަކައިގައިވެސް، ހަމަ ދަންނަވާލަން ބޭނުންވޭ، ދާއިރާގެ މެންބަރު ޖަޢުފަރުގެ ވާހަކަފުޅުގައި ދެއްކެވި ބައެއް ވާހަކަފުޅާއި، މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި ދެއްކެވި ބައެއް ވާހަކަފުޅު. ހުޅުދުއްފާރަކީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އަޅައިނުލެވި އޮތް ރަށެއްކަން، ޖަޢުފަރު ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެންދޭ. ދެ ރަށެއްގެ ރައްޔިތުން ހުޅުދުއްފާރުގައި މިވަނީ އާބާދުކުރެވިފައި. އެހެންނަމަވެސް، ހުޅުދުއްފާރުގައި ގިނަ ކަންކަމެއް، އަސާސީ ޚިދުމަތުގެ ގިނަ ކަންކަމެއް، މިދިޔައީ މި ދިގު ރާސްތާގެ ތެރޭގައި، ވިއްސަކަށް ތޭވީހަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުގެ ހިންގާ މީހެއްގެ ފަރާތުން ހަމަ ވަރަށް އިޚުލާޞްތެރިކަމާއެކީ، ހަމަ ތިޔަބޭފުޅުންނަށް މަޢާފަށް އެދެމުން އަޅުގަނޑު ދަންނަވާލާނީ، އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގައި ހުޅުދުއްފާރުގައި ދިރިއުޅޭ ރައްޔިތެއް އުޅޭކަން އަޅުގަނޑުމެން ދެނެގަތީމޭ. އަދި، ހުޅުދުއްފާރަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން، އެހެން ބައެއް ބޮޑެތި ރަށްރަށަށް، މިއަށްވުރެ ބޮޑެތި ރަށްރަށަށް ނުލިބިހުރި ބައެއް ޚިދުމަތްވެސް މިއަދު ފުރިހަމަވެގެންދިޔަކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހުޅުދުއްފާރުގައި މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރަނީ، ހުޅުދުއްފާރުގެ ރައްޔިތުން އުފާފުޅުން ތިޔަ ތިއްބެވީ، ފެނުގެ ނިޒާމުވެސް، ނަރުދަމާގެ ނިޒާމުވެސް ޤާއިމުވެގެންގޮސް، އެކަންކަމުގެ ފަސޭހަ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޖަލްސާއެއްގައި.
ޝައްކެއްވެސްނެތްގޮތުގައި، ފެނުގެ ނިޒާމުގެ ކަންތައްތައް އޮތްގޮތުގެ ވާހަކަ، ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ނަރުދަމާގެ ނިޒާމުގެ ކަންތައްތައް އޮތީވެސް ދާދި އެކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ސަރުކާރު އަންނަންދެން، ރާއްޖޭގެ އެކި ރަށްރަށުގައި، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަންކަން، ރާއްޖެތެރެއަށް، ރާއްޖޭގެ ރަށްރަށަށް އާންމުވެގެން ގޮސްފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ވަކި ސަރުކާރެއް ބަދުނާމު ކުރުމުގެ ގޮތުން ދަންނަވާ ވާހަކައެއްނޫން. އެހެންނަމަވެސް، ސަރުކާރުތަކުގެ މަސައްކަތްޕުޅު ހުރިގޮތުންނާއި، އަދި އެ ބޭފުޅުން ކަންކަން އެޖެންޑާ ކުރައްވާ ތަރުތީބުން ކުރައްވާ ގޮތުން، ކަންކަން މި ދެންނެވި ތަރުތީބުން ކައްސާލައިގެން ގޮސްފައި ހުރީމާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ހުޅުދުއްފާރަކީ ފަނަރަސަތޭކަ ވަރަކަށް އާބާދީ، ނޫނީވިއްޔާ މިރަށުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލާކަމަށްވަންޏާ ތޭރަސަތޭކަ، ސާދަސަތޭކަ ވަރަކަށް މީހުން. މެދު ފަންތީގެ ރަށެއް، ރ. އަތޮޅުގެ ރަށްތަކަށް ބަލާކަމަށްވަންޏާ.
އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ހުޅުދުއްފާރަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވިސްނުމުގައި، ހުޅުދުއްފާރަކީ ހަމަ އަޅުގަނޑުމެންނަށް ތާއީދުކުރާ ދިވެހިރައްޔިތުންގެ ހުރިހާ ޙައްޤެއް، އަސާސީ ޙައްޤުތަކެއް ލިބިފައި އޮތް ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަމޭ. އަޅުގަނޑުމެންގެ ސަރުކާރު އައުމުގެ ކުރިން، ދެންމެ ޖަޢުފަރުގެ ވާހަކައިގައި އެ ވާހަކަ އެ ވިދާޅުވީ. ކެޕިޓަލް މަޝްރޫޢެއްގެ ގޮތަށް، ނޫނީވިއްޔާ ބޮޑެތި ފައިސާ ހޭދަވާ މަޝްރޫޢެއްގެ ގޮތަށް، މިދިޔަ ސަރުކާރުތަކުގެ ތެރޭގައި ހުޅުދުއްފާރަކަށް ކަމެއް ކޮށްދެވިފައި ނެތްކަން، ފާހަގަކުރެވޭ ކަމެއް ނެތްކަމަށް އެ ވިދާޅުވީ. އަޅުގަނޑުވެސް މި ރަށްރަށަށް އައިސް މި ދައްކާ ވާހަކަތަކުގެ ތެރޭގައި، ރައްޔިތުންނާއެކީ ވާހަކަ ދައްކަމުން، އަޅުގަނޑުމެން ހަމަ ދަންނަވަން، އަޅުގަނޑުމެން ތަފާސް ހިސާބުން ރަށްރަށަށް އައިސްފައި، ނޫނީވިއްޔާ ރަށްރަށަށް ކޮށްދެވިފައިހުރި މަސައްކަތް. އެއީކީއެއް، އެއްގޮތަކަށްވެސް ރަށަކަށް ކަމެއް ކޮށްދެވުނު ވާހަކަ ދެންނެވުމުގެ މަޤްޞަދުގައި ދަންނަވާ ވާހަކައެއް ނޫން. އެކަމަކު، އެއީ، ރައްޔިތުންގެ އުއްމީދުތައް އިތުރަށް، ރައްޔިތުން އުއްމީދު އިތުރަށް ކުރެއްވުމަށްޓަކައި އަޅުގަނޑު ދަންނަވާ ވާހަކައެއް.
2013 ގެ ކުރިން، އެ ދިޔަ ފަސް އަހަރެއްހާ ދުވަހު، ދެ ސަރުކާރަކުން ކޮށްދެއްވާފައި ހުރި ޚިދުމަތްތަކަށް ބަލާކަމަށްވަންޏާ، ހުޅުދުއްފާރަށް މިއޮތީ ހަމަ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ބޮޑެތި މަޝްރޫޢު ހިންގިފައި. މިލިއަނެއްހާ ރުފިޔާގެ މަޝްރޫޢު މިއޮތީ ހިންގިފައި. ދެންމެ ޖަޢުފަރު އެ ވިދާޅުވި ލިސްޓުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުގެ އަތުގައި ހުރި ތަފާސް ހިސާބުތަކުން، އޭގެ ތެރެއިން ބައެއް ކަންތައްތައް މަދު. އެހެންނަމަވެސް، އަޅުގަނޑުގެ އަތުގައި ހުރި ތަފާސް ހިސާބުތަކަށް ބަލައިފި ކަމަށްވަންޏާ، ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި، ދެން ހުޅުދުއްފާރުގައި ކުރަންހުރި އެހެން މަޝްރޫޢުތަކަށް އަޅުގަނޑުގެ ސަރުކާރުގައި މި ހިނގާ ފަސް އަހަރުގެ ތެރޭގައި، 2013 އިން 2018 އަށް، މި ހިނގާ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި، ގާތްގަނޑަކަށް ހަތްދިހަ އެއް މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫޢު މިހުރީ ހިންގިފައި. މީގެކުރިން، އެއް މިލިއަން ރުފިޔާ، މިހާރު މި ފަސް އަހަރުގެ ތެރޭގައި ހަތްދިހަ އެއް މިލިއަން ރުފިޔާ.
އެހެންވީމާ، އަޅުގަނޑު މި ހިސާބުން ހުޅުދުއްފާރުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ހުޅުދުއްފާރަށް މިއައި އާރޯކަން، ނޫނީވިއްޔާ ހުޅުދުއްފާރުގެ ރައްޔިތުންނަށް މި ލިބުނު ކުރިއެރުން، ތިޔަބޭފުޅުން މި ކުރިއެރުން ކުރިއަށް ގެންދަން ބޭނުންވާނީ. އެއީ، އިންސާނީ ޠަބީޢަތް. ހުރިހާ އިންސާނުންވެސް ބޭނުންވާނީ މި ކަންކަން. ރާއްޖޭގެ ދަތިކަމަކީ، ރާއްޖޭގެ މީސްކޮޅު، އެތައް ރަށެއްގެ މައްޗަށް ބަހައިލެވިފައިވާތީ. ކޮންމެ ރަށެއްގައި އެ ރަށަކަށް ބޭނުންވާ ހުރިހާ ކަމެއް ކުރަންޖެހޭ. އަދި، އެ ރަށަކަށް ބޭނުންވާ ހުރިހާ ކަމަކީ، ހަމަ އެންމެ ރަނގަޅު ފެންވަރުގައި، އެންމެ ވަރުގަދައަށް ހިނގާ ރަށްރަށުގައިވެސް ހުންނަން ބޭނުންވާނެ ފެންވަރުގައި ކަމަށް، ކޮންމެ ރަށަކުންވެސް ގަބޫލުކުރާނެ. ހަމަ އަޅުގަނޑުގެ ކުރިމަތީގައިވެސް އަޅުގަނޑު އެކަން ގަބޫލުކުރާނީ، އެކަން އޮންނަންވާނީ އެހެން. އެހެންނަމަވެސް، ކަންކަން ތަރުތީބުވަމުންދާއިރު، ކޮންމެ ވެރިއަކަށްވެސް ލިބެނީ ފަސް އަހަރުގެ މުއްދަތަކަށް ވެގެންދާއިރު، 187 ރަށުގައި، އަދި 187 ރަށުގެ ތެރެއިން ބައެއް ރަށްރަށަކީ، ބޮޑެތި ރަށްރަށަކީ، ހުޅުދުއްފާރު ކަހަލަ އާބާދީގެ އަދަދަށް ބަލާކަމަށްވަންޏާ، ވިއްސަކަށް، ތިރީސް ރަށް ހިމެނޭވަރުގެ ރަށްރަށް، މީގެ ތެރޭގައި ހުންނަ ރަށްރަށް. އަދި، މި ރަށްރަށުގެ މީހުން ދިރިއުޅެނީކީވެސް، އެއް ސަރަޙައްދަކުވެސް ނޫން. ތަފާތު އެކި އަވަށްތަކުގައި. ތަފާތު އެކި ސަރަޙައްދުތަކުގައި. އެހެންވީމާ، މިއިން ކޮންމެ ތަނަކީ، ހުޅުދުއްފާރު ގޮތަށް މި ހުރިހާ ޚިދުމަތްތަކެއް ފުރިހަމަވެފައި ހުންނަންޖެހޭ ތަންތަން.
އެހެންވީމާ، އަޅުގަނޑު މި އަދަދު ދަންނަވައިލުމުގެ ބޭނުމަކަށްވަނީ، ދެންމެ ޖަޢުފަރު އެ ވިދާޅުވެދެއްވީ، ހުޅުދުއްފާރަށް ބޭނުންވެފައިހުރި ކަންތައްތައް. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ހުޅުދުއްފާރަށް އެހީވާން ބޭނުމޭ. ހުޅުދުއްފާރުގެ ރައްޔިތުން އެކަން ގަބޫލުކުރައްވާނީ، މި ދެންނެވި ތަފާސް ހިސާބުން. ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާނެ، އަޅުގަނޑު މި ވާހަކަ ދައްކަނީ ހުޅުދުއްފާރަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ސަރުކާރުން ކަންތައްތަކެއް ކޮށްދީފައިކަން. އެހެންވީމާ، ދެން އިތުރަށް، ހުޅުދުއްފާރަށް އަޅުގަނޑަށް ކަމެއް ކޮށްދިނުމުގެ ފުރުޞަތު، ފުރަތަމަ ޖެހޭނީ ތިޔަބޭފުޅުން އަޅުގަނޑަށް ހޯއްދަވައި ދެއްވަން.
އެހެންވީމާ، އަންނަ މަހުގެ 23 ގައި ނަގާ ވޯޓަކީ، މި ކަންކަމަށް ތިޔަބޭފުޅުންނަށް ފަހިކުރެއްވޭނެ ފުރުޞަތު. އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަބޭފުޅުންގެ އިޚުލާޞްތެރިކަން މިފަހަރު އަޅުގަނޑަށް ދައްކަވައިދެއްވަން. އެހެން އެކަން ވެގެން ނޫނީވިއްޔާ، ހުޅުދުއްފާރަކަށް އިތުރަށް މަސައްކަތް ކުރުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބޭނެ ދޮގެއްތޯ.
ހުޅުދުއްފާރުގެ އެންމެ ބޮޑު މައްސަލައިގެ ތެރޭގައި އެބައުޅޭ، ހުޅުދުއްފާރުގެ ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުމުގެ މަޝްރޫޢެއް. ނޫނީވިއްޔާ، ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުމުގެ އިލްތިމާސް އެބައުޅޭ. އެނގިވަޑައިގަންނަވާނެ، ޠާރީޤުގެ ވާހަކަފުޅުގައި، މިއަދު މިއީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިތާ ނިންމާ ދުވަސް ކަމުގައިނުވާތީ، އެ ވާހަކަ ވިދާޅުނުވީ. އެހެންނަމަވެސް، ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ، މި ސަރުކާރުން ހަމަ ވަރަށް އިސްކަންދީގެން ވަރަށް ގިނަ ރަށްތަކުގައި ހިންގާފައި އޮތް މަޝްރޫޢެއް. ހިންގަމުން ގެންދާ މަޝްރޫޢެއް. އެހެންވީމާ، ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ހުޅުދުއްފާރުގައި އަޅުގަނޑުމެންގެ، އިރާދަކުރެއްވިއްޔާ، ދެން އަންނަ ސަރުކާރެއްގައި އެންމެ ކުރީ ތިން އަހަރުގެ ތެރޭގައި ހުޅުދުއްފާރަށް ނިމިގެން، ފުދިގެންދާނެ ކަމެއްކަމުގައި ތިޔަބޭފުޅުންގެ ގާތުގައި އަޅުގަނޑު މިއަދު ދަންނަވާލަން.
އެއާއެކީ، ޖަޢުފަރު ވިދާޅުވި ވާހަކަފުޅުތަކުގައި ދެން ހުރި ކަންތައްތަކަކީ، ހަމަ ޙަޤީޤަތުގައިވެސް މިކަހަލަ ޖަލްސާއެއްގައި އަޅުގަނޑު ކޮންމެހެން އެވާހަކަ ދަންނަވަންވާވަރުގެ ކަންތައްތަކަށްވުރެ، މާ ކުދިކުދި ކަންތައްތައް. މިސާލަކަށް، ސްކޫލުގެ ޖާގައިގެ ދަތިކަން އޮވެއްޖެ ކަމަށްވަންޏާ، ޖާގައިގެ ދަތިކަން ފިލުވައިލަދޭނަމޭ، އަޅުގަނޑު ދަންނަވާކަށް ނުވެސްޖެހޭ. އެއީ، ހަމަ އާންމު އުސޫލުން ކުރެވެމުންދާ ކަންތައް. އެކަމަކު، ހުޅުދުއްފާރުން އެ ރިކްއެސްޓް އައީމާ، މަލްޓި-ޕަރޕަސް ހޯލަކާއެކީ، ހުޅުދުއްފާރުގެ ސްކޫލުގެ ޖާގަ އިތުރުކޮށްދޭނެ ވާހަކަ ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން.
އަޅުގަނޑުމެންގެ ސަރުކާރުގައި، މި ހިނގާ ހަތަރު ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖެއާއި މާލޭގެ އެކިއެކި ދިމައިގައި ސްކޫލުގެ ކްލާސް ރޫމާއި، މަލްޓި-ޕަރޕަސް ހޯލް ހިމެނޭގޮތަށް ކިޔަވައިދޭ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ކިޔަވާ ކުދިން އިތުރުވުމާއި، އަދި އެ ކުދިންނަށް ކިޔަވައިދޭ ފެންވަރު މަތިކުރުމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތްތައްވެސް އަޅުގަނޑު ދަންނަވާލާނަން. މިހާރު އަޅުގަނޑު މި ދަންނަވާ އަދަދަށްވުރެ، މި އަދަދު އިތުރުވެގެންވެސް ހިނގައިދާނެ. މިތަނުގައި ޖާގައިގެ ދަތިކަން އޮތީމާ، އެއީ ދާދި ފަސޭހަ ކަމެކޭ ދެންނެވުމުގެ މާނައިގައި އަޅުގަނޑު ދަންނަވާ ވާހަކައެއް މި ދަންނަވަނީ. އަޅުގަނޑުމެންގެ ސަރުކާރުން މި ހިނގައިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި، 770 އެތައް ކްލާސްރޫމެއް އިތުރުކޮށްދީފިން. އަދި، އޭގެތެރޭގައި ބައެއް ރަށްރަށުގައި ރާއްޖޭގެ އެކި ހިސާބުގައި، މާލޭގައި ހުރި ސްކޫލްތައް ފިޔަވައި، އައްޑުއަތޮޅުގައި ހުރި ބައެއް ބޮޑެތި ސްކޫލްތައް ފިޔަވައި، ހަމަ އެންމެ ބޮޑު ސްކޫލްވެސް އިމާރާތް ކުރެވިފައި މިވަނީ، އުތުރުގެ ރަށެއްގައި، ށ.މިލަންދޫގައި. އެހެންވީމާ، ސްކޫލަށް ބޭނުންވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަކީ، އިރާދަކުރެއްވިއްޔާ، ދާދި ފަސޭހަކަމެއް. އެކަމަކު، މިއިން ކޮންމެ ކަމެއް ކޮށްދިނުމުގައިވެސް ފުރުޞަތު ފުރަތަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެބަ ހޯއްދަވައި ދެއްވަންޖެހޭ.
އަޅުގަނޑު ހަމަ ސިޔާސީ ވާހަކަވެސް ދަންނަވާލާނަން. ތިޔަބޭފުޅުން ބޭނުންވެފައިހުރި ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. އަދިވެސް މި ނޫން އެހެން ކަންތައްތައް ހުންނާނެކަންވެސް އެނގޭ. މަގުވެސް ހެދެން ބޭނުންވާނެ. މަގު ހެދުމުގައިވެސް އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑަށް މިއަށް މުއްދަތެއް ދަންނަވަން ދައްޗޭ. އެއީ، އަޅުގަނޑު ދައްކާ ވާހަކަ އަޅުގަނޑު ދައްކަނީ ހަމަ، ކަންތައްތަކެއް ރާވާފައި، ތަރުތީބުތަކެއް ކޮށްފައި، ފައިސާ ހޯދާނެ ގޮތެއްވެސް ދަންނަވާފައި. މި ރަށުގައި ފެނާއި ނަރުދަމާ، މި ދެ ވަސީލަތް ޤާއިމުވެގެން ދިޔައީމާ، މަގުހެދުމުގައި އާންމުކޮށް ބޭނުންވާނެ ކަންކަމަށް ބަލާކަމަށްވަންޏާ، މި ދެ ކަންތައް ފުދުނީމާ، މަގުހަދަން ފަސޭހަވަނީ. އެހެންވީމާ، މަގުހަދާ ރަށްރަށުގެ ތަރުތީބަށް ބަލާކަމަށްވަންޏާ، ފެނާއި ނަރުދަމާ ޤާއިމުވެ ނިމުނީމާ، ހަމަގައިމުވެސް އެ ތަރުތީބުން މަގުހަދާ ރަށްރަށުގެ ތެރޭގައި އިސްކަން ދެވެންވާނެ. އެއީ، މަގުހަދަން އެދޭ އެހެން ބައެއް ރަށްރަށުގެ ތެރޭގައި، ފެނުގެ މަސައްކަތް ހިންގަމުން ހިނގައިދާނެ. ނަރުދަމާގެ މަސައްކަތް ނުފެށި އޮވެދާނެ. އެހެންނަމަވެސް، ފެނާއި ނަރުދަމާ، މި ދެ ނިޒާމު ޤާއިމު ކުރެވުނީމާ، މަގުހަދަން ފަސޭހަވެގެން މިދަނީ. ފެނުގެ ނިޒާމަށް ބަލައިލާ ކަމަށްވަންޏާ، ދެންމެ ޠާރިޤު އެ ހިސާބުތައް އެ ވިދާޅުވެދެއްވީ. މިހާރުވެސް ފެނުގެ މަޝްރޫޢު، ގޭގެއަށް ޓެޕް ހުޅުވައިލީމާ ފެން ލިބޭ 30 ރަށުގެ މަޝްރޫޢު އެއޮތީ ނިންމާފައި. އިތުރު 15 ރަށުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑު އުއްމީދު މިކުރަނީ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅު މި ހުރިހާ މަޝްރޫޢުތަކެއް ނިމިގެންދާނެ ކަމަށް.
މީގެކުރީގައި، ރާއްޖޭގެ ޙާލަތަކީ، މާލެއާއެކީ މުޅި ޖުމުލަ އޮތީ ހަ ރަށޭ. އެކަމަކު، ފަސް އަހަރަށް، އެއީ ދެން ދިގު ތާރީޚެއް ދޮގެއްތޯ. އެއީ، ގާތްގަނޑަކަށް 35 އަހަރު. 35 އަހަރުގެ ތާރީޚަށް ބަލާކަމަށްވަންޏާ، މިއޮތީ މާލެއާއެކީ އެންމެ ހަ ރަށް ކަމަށް މި ވިދާޅުވަނީ. އަޅުގަނޑަށް، ރައްޔިތުންނަށް ޚިދުމަތް ކުރަން މި ލިބުނީ ފަސް އަހަރު. އެ ފަސް އަހަރުގެ ތެރޭގައި މި އަދަދު އިތުރުވެގެން މި ދިޔައީ 45 އަށް. އެހެންވީމާ، ގުނަކުރާނެ ކަމެއްނެތް. ވައުދުގެ ދިހަ ޕަސެންޓް ފުދުނީމާ، ހިސާބު ކުރާނެ ކަމެއްވެސްނެތް. މިއީ ޙަޤީޤަތް. އެހެންވީމާ، މި ޙަޤީޤަތްތަކަށް ރައްޔިތުން ވިސްނައިވަޑައިގަތުމަކީ އަޅުގަނޑު އެދޭ ކަމެއް.
ނަރުދަމާގެ ނިޒާމުގެ ވާހަކަވެސް، ދެންމެ ޠާރިޤު އިބްރާހީމް އަޅުގަނޑުގެ ކައިރީ ވިދާޅުވި. ނަރުދަމާވެސް މިހާރު، އަޅުގަނޑުމެންގެ މި މަޝްރޫޢު ނިމުނީމާ، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ކުރީކޮޅަށް، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ނިމިގެންދާނީ. އަޅުގަނޑު ހަނދާންވަނީ ވިދާޅުވީ، ކުދިކުދި ރަށްރަށް މީގެ ތެރޭގައި، ގިނަ ރަށަކީ ނަރުދަމާ ނުހެދި ބާކީއޮތް، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް ބަލާފައި، 187 ރަށުގެ ތެރެއިން ބާކީ އޮންނާނީ އެންމެ 66 ރަށް ކަމަށް. އެހެންވީމާ، ނަރުދަމާވެސް ގައިމު އަޅައިދެވިއްޖެ ދޮގެއްތޯ؟
އަޅުގަނޑު މިރަށަށް މި އަންނަނީ، އަލިފުށި ނިންމާފައި. އަލިފުށީގައިވެސް އަޅުގަނޑުމެން ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި، ހުޅުވައިދީފައި މިއައީ. މިރަށަށް މިއައީ ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށްދީފައި. މި ދެ ރަށުގައިވެސް މި މަޝްރޫޢު ހިންގަވައިދެއްވާފައި މިއޮތީ އެމް.ޑަބްލިއު.އެސް.ސީ.ގެ ފަރާތުން. ދެން އަޅުގަނޑުގެ އިދިކޮޅު ބޭފުޅުން ވިދާޅުވާނެ، ޔާމީން ބުނާނެއޭ ސަރުކާރު ކުންފުނިތަކުގެ ހަކަތަ ނެތޭ. ކިހިނެއްތޯ މިވާހަކަ ގަބޫލުކުރާނީ. ކުންފުނިތަކުގެ ހަކަތަ އޮތީމާ ދޮގެއްތޯ، މިކަންކަން ކުރެވިގެން މިދަނީ. އޭގެ ކުރީގައި ކުންފުނިތަކުގައި މި ހަކަތަ ނެތީމާ، މި ދެންނެވި ގޮތަށް ފެނާއި ނަރުދަމާ، ރާއްޖޭގެ އެކި ހިސާބަށް ގޮސްފައި ނެތީ. އެކަމަކު އިރާދަކުރެއްވިއްޔާ، މިއަދު ސަރުކާރު ކުންފުނިތަކުގެ ހަކަތަ އެބަހުރި. އަޅުގަނޑު އެހެން ބައެއް ކުންފުނިތަކުގެ ވާހަކަ ދައްކަމުން ގެންދިޔައިން. ފެނަކައިގެ ވާހަކަ ދެއްކިން. އެސް.ޓީ.އޯ.ގެ ވާހަކަ ދެއްކިން. މިއަދު އަޅުގަނޑު މި ދަންނަވަނީ، އެމް.ޑަބްލިއު.އެސް.ސީ.ގެ ވާހަކަ.
ރ. އަތޮޅަށް މިފަހަރު މިކުރާ ދަތުރުގައި، އަޅުގަނޑު މި އަންނަ ދެ ރަށުގައިވެސް އެމް.ޑަބްލިއު.އެސް.ސީ.ގެ މި ހަކަތަ ހުރިކަން އަޅުގަނޑުމެންނަށް ކިތަންމެ ރަނގަޅަކަށްވެސް ދައްކުވައިދެއްވައިފި. އެހެންވީމާ، ކުންފުނިތަކުގެ ހަކަތަ އެބަހުރި. އެބޭފުޅުން އެކަންކަން ގަބޫލުފުޅު ކުރައްވަން ބޭނުންފުޅުނޫނީކަންނޭނގެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މިރަށްރަށަށް ވަޑައިގެން އެބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުން އިސްވެ ކަމެއް ކުރައްވަން އެއްވެސް ޚިޔާލެއް، ނޫނީ އެކަން ކުރައްވާނެ ގޮތެއް ރާވައިލައްވައިގެން، ތަރުތީބު ކުރައްވައިގެނެއް ނޫން ވަޑައިގަންނަވަނީ. އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ވާހަކަ މި ދަންނަވަނީ، ފަސް އަހަރުގެ ޚިދުމަތެއްގެ ރެކޯޑުގެ އަލީގައި. ފަސް އަހަރު ރާއްޖޭގެ އެކި ހިސާބަށް އެކިއެކި ކަންތައްތައް ކުރެވިފައި ހުރީމާ. ދެން އަޅުގަނޑުމެން މި ދަންނަވަނީ ރައްޔިތުން އެއަށްވުރެ އިތުރު އުއްމީދު ކުރައްވާށޭ.
އަޅުގަނޑު މީގެ ކުރީގައިވެސް އެހެން ދާއިރާއެއްގައި ވާހަކަ ދައްކަމުން އަޅުގަނޑު ދަންނަވާލިން، އަޅުގަނޑު ދައްކާ ވާހަކަ މި ދައްކަނީ، ހަމައެކަނި ވަކި ރަށަކަށް ޚާއްޞަކޮށްގެނެއް ނޫން. ކޮންމެ ރަށަކަށް ޚާއްޞަކޮށްގެން ދައްކާ ވާހަކައިގެ އިތުރުން، އަޅުގަނޑަށް ފަސް އަހަރެއް އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ރައްޔިތުންގެ ވިސްނުން އެގޮތަށް ހުރެއްޖެ ކަމަށްވަންޏާ، އެ ލިބިގެން ޚިދުމަތް ކުރާކަމަށްވަންޏާ، އަޅުގަނޑުގެ ފަސް އަހަރެއްގައި ކުރާ ކަންތައްތައް، މުޅި ރާއްޖޭގެ ސްޓޭޓަސް އުފުލިގެންދާނެ މިންވަރު، ނޫނީ ރާއްޖޭގެ ޚިދުމަތުގެ ފެންވަރު ފުޅާވެގެންދާނެ މިންވަރު، ނޫނީވިއްޔާ ރާއްޖެއަށް ބޭނުންވާ ތިޔާގިކަން، ރައްޔިތުންނަށް ބޭނުންވާ މުއްސަނދިކަން އިތުރުވެގެންދާނެ މިންވަރުގެ އެކި ވާހަކަ މި އަންނަނީ އެކި ތާނގައި ދައްކަމުން.
އަންހެން ބޭފުޅުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. ރާއްޖޭގައި މިއިން ކޮންމެ ރަށެއްގައި ހުންނަ ޞިއްޙީ މަރުކަޒެއްގައި ހޮސްޕިޓަލެއްގައި، ހަމަ ވަރަށް ގިނަ ތަންތަނުގައި، ބޭނުންފުޅުވާ ޚިދުމަތަކަށްވޭ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހުރުން. ޝައްކެއްވެސްނެތްގޮތުގައި، ހަމަ ގިނަ ތަންތަނަށް އަޅުގަނޑުމެން މިގެންދަނީ މިހެން ބޭނުންވާ ޚާއްޞަ ބަލިތަކުގެ ފަންނާނުން، ނޫނީވިއްޔާ ޚާއްޞަ ބަލިތަކަށް ބޭނުންވާ ކޮންސަލްޓަންޓުން ހަމަޖައްސައިދެމުން. އަންހެނުންގެ ބަލިތަކަށް ބޭނުންވާ، ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބުގައި ހުރި ޞިއްޙީ މަރުކަޒުތަކަށް މިދަނީ ހަމަޖައްސައިދެމުން. އަދި ހަމައެހެންމެ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންވެސް ހަމަ އެކި ތަންތަނަށް މިގެންދަނީ ހަމަޖައްސައިދެމުން. އަދި ބައެއް ހޮސްޕިޓަލްތަކުގައި، ބާރަ ގަޑިން ސޯޅަ ގަޑިއިރަށް، އަނެއްބައި ތަންތަނުގައި ސައުވީސް ގަޑިއިރަށް، މިރަށުގައި މިއީ، ސައުވީސް ގަޑިއިރަށް ބަދަލުވެގެން ގޮސްފައި އޮތް ތަނެއް. އެހެންނަމަވެސް، މިއީ، ހައްތަހާވެސް ބޮޑެތި މަސައްކަތް ހިނގާ ކަންކަން. މިއީ، ހައްތަހާވެސް ފައިސާ ބޭނުންވާ ކަންކަން. މި ހުރިހާ ކަންކަމެއް ކުރުމާއެކީ، ރާއްޖޭގެ އެކި ހިސާބުގެ ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކުގައި، ނޫނީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މިއަދަކު ނާހާ އެތަނުގެ އާބާތުރަ ފިލުވާ ވާހަކައެއް. މިއަދު ޢަބްދުއްރަޙީމް އެ ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓް ދައްކަވަމުން ގެންދަވާ ވާހަކަ. ތިމަންނާމެން ހަމަ ހައިރާންވެއޭ، ޞިއްޙީ ދާއިރާ މިހާބޮޑަށް ހަލާކުވެ އަނަރޫފަވެފައި އޮތީމާ. އެކަމަކު ޞިއްޙީ ދާއިރާ ހަލާކުވެ އަނަރޫފަވެފައި އޮތީމާ، އަޅުގަނޑުމެން މި އަންނަނީ ތަންތަނަށް ގައިނީ ޑޮކްޓަރުން ހަމަޖައްސާ ވާހަކައެއް ނޫން. މިއީ، ސްޕެޝަލިސްޓުން.
އަޅުގަނޑު ރާއްޖޭގެ ޒަޢާމަތާ ހަވާލުވުމަށްފަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ސުޕަރ ސްޕެޝަލިސްޓުންވެސް ފޮނުވައިދީފީން. ރާއްޖޭގެ އެތައް ޑޮކްޓަރުންނެއް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި ތަމްރީނުވެސް ވެއްޖެ. އަދި އެތަކެއް ޑޮކްޓަރުން ކިޔަވަމުން މިހާރުވެސް އެބަދޭ. އެހެންވީމާ، އަނަރޫފަވަމުން ނޫނީ ހީނަރުވަމުންދާ ދާއިރާއެއްގައި އަހާނީ އަޅުގަނޑު ކައިރީގައި، އެތަންތަނުގައި އާބާތުރަ ފިލުވުމަށް. ނޫނީ އެތަނުގައި ހުންނަ ޖެނެރަލް ފިޒީޝަނެއް ނެތިގެން، އެ ވާހަކަ ދައްކާނީ. އެމް.ބީ.ބީ.އެސް. ޑޮކްޓަރެއް ނެތިގެން، އެ ވާހަކަ ދައްކާނީ. އަޅުގަނޑު ކައިރިއަކު ނުބުނާނެ، ސިކުނޑީގެ ބައްޔަށް ޚާއްޞަ ފަރުވާ ބޭނުންވާ މީހުން، ބައެއް ތަންތަނުގައި ބައިތިއްބައިދޭށެކޭ. އަޅުގަނޑު ކައިރިއަކު ނުބުނާނެ، އަންހެނުންނަށް ޚާއްޞަ ޑޮކްޓަރުން ބައިތިއްބައިދޭށެކޭ. އޭގެ މާނައަކީ، މިތަންތަނަށް އައިސްފައި ޞިއްޙީ ދާއިރާއަށް އައިސްފައި ހުރި ތަރައްޤީ އަޅުގަނޑުމެންނަށް ވަޒަންކުރެވެއޭ. އެހެންނަމަވެސް އޭގެ މާނައަކީ، އެއްގޮތަކަށްވެސް އަޅުގަނޑު އެއްބަހެއްނުވަން. އޭގެ މާނައަކީ، މި ތަންތަނަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައި ހުރީއެކޭ ދަންނަވަނީކީއެއްވެސް ނޫން.
އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ހުރިހާ ކަމަކާއެކީވެސް އަޅުގަނޑު އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ދެވަނަ ފަސް އަހަރެއްގެ ތެރޭގައި، އަންހެނުންނާއި ކުޑަކުދިންގެ ހުރިހާ ބަލިތަކަށް ޚާއްޞަ ހަސްފަތާލެއް އަޅުގަނޑު ޤާއިމުކުރާނަމޭ. އެއީ ޝައްކެއްވެސްނެތްގޮތުގައި، ހުރިހާ އަންހެން ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް އުފާވެރި މެސެޖެއް. އަޅުގަނޑުމެން ގައިނީ ޑޮކްޓަރުން މިތަންތަނުގައި ޤާއިމުކުރި ކަމުގައިވީނަމަވެސް، ޚިދުމަތް ލިބޭގޮތަށް ހެދި ނަމަވެސް، އެ ހިސާބަކުން އަންހެނުންގެ ބަލިތަކަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބިގެންދަނީކީ ނޫން.
އެހެންވީމާ، މާލޭގައި، ހަސްފަތާލުގައި މިހުންނަ ކަހަލަ ޚާއްޞަ ޑިޕާޓްމަންޓްތައް، މިސާލަކަށް، ކާޑިއޯ ޑިޕާޓްމަންޓް، ކާޑިއޯ ލެބެއް އަޅުގަނޑުމެން ހަމަޖައްސައި، އުފެދިގެން އެ ދިޔައީ. އަދި އެހެން ޑިޕާޓްމަންޓްތަކެއްވެސް ހެދިގެން އެދަނީ. ޑައިލިސިސްއާއި ކިޑްނީގެ ބަލިތަކުގެ ޑިޕާޓްމަންޓްތައް އެހުރީ ހެދިފައި. އެގޮތަށް އަޅުގަނޑު ބޭނުންވަނީ، ކަނބަލުންނަށާއި ކުޑަކުދިންނަށް ޚާއްޞަ، ކުޑަކުދިންނަށާއި އަންހެނުންނަށް ދިމާވާ ހުރިހާ ބަލިތަކަކަށް ފަރުވާދެވޭވަރުގެ، އަދި އަޅުގަނޑުމެންގެ އެތެރެ، އަވަށްޓެރި ޤައުމުތަކުގެ އެތެރެވަރީގެ ޤައުމުތަކުން ލިބެން ހުންނަ ހަމަ އެންމެ ރަނގަޅު ފަރުވާ ލިބޭ ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ، ކަނބަލުންނަށާއި ކުޑަކުދިންނަށް އަޅުގަނޑު ޤާއިމުކޮށްދޭނަމޭ. އަޅުގަނޑުމެންނަށް މިކަހަލަ އުންމީދީ ވަރަށް ގިނަ ވާހަކަ ދެއްކޭނެ.
އަޅުގަނޑުމެންގެ ސަރުކާރުގައި، ފުރަތަމަ ފަހަރަށް، އުސޫލެއްގެ ގޮތަށް ޤާއިމުކޮށްގެން ކުރި އެއްކަމަކީ، މިއީވެސް ހަމަ ކަނބަލުންނަށް ދަންނަވާލާ ވާހަކަ. ރާއްޖޭގެ މަތީ ތަޢުލީމު ހާސިލުކޮށްގެން އަންނަ ނިސްބަތަށް ބަލާކަމަށްވަންޏާ، ފިރިހެނުންނަށްވުރެ އަންހެނުން ގިނަ. މިއީ މިކަމުގައި ޙަޤީޤަތް އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގައި ފުރަތަމަ ފަހަރު އިޢުލާނުކުރީ، އަޅުގަނޑުމެން މަސައްކަތެއް ކުރާނަމޭ، އިރާދަކުރެއްވިއްޔާ ސަރުކާރު ހިއްސާ އޮންނަ ހުރިހާ ކުންފުނިތަކުގެ ބޯޑުގައި، ކަންކަން ނިންމާ އެންމެމަތީ ކޮމިޓީގައި، ބޯޑުގައި އަންހެން ބޭފުޅުންގެ އަދަދު ވިހި ޕަސެންޓް ހިމަނަން އަޅުގަނޑު އިޢުލާނު ކުރިން. އަދި އިރާދަކުރެއްވިއްޔާ މިއަދު އުފަލާއެކީ އަޅުގަނޑަށް ދަންނަވާލަން ކެރިދާނެ، ހުރިހާ ކުންފުނިތަކަކަށް އެވްރެޖުކޮށް ބަލައިފި ކަމަށްވަންޏާ، މިއަދު ކުންފުނިތަކުގެ ބޯޑުގައި، ވިހި ޕަސެންޓް އަންހެން ބޭފުޅުން ތިއްބަވާނެ. އެއީ ވިޔަފާރީގެ ދާއިރާގައިވެސް، އަންހެން ބޭފުޅުންނަކީ ޚިދުމަތް ކުރެއްވޭނެ، އަދި އެބޭފުޅުންގެ ޢިލްމުގެ ބޭނުން ހިއްޕެވޭނެ ބޭފުޅުންކަން ދެންނެވުމަށް. އަދި އަންހެން ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަމޭހިތާ ބައެއްކަން، އެއްގޮތަކަށްވެސް ހަވާސާ ކުރެވިފައިވާ ބައެއް ނޫންކަން. އެކަށަވަރުކަން އަންހެން ބޭފުޅުންނަށް ދިނުމަށްޓަކައި.
މިއަދު އަޅުގަނޑު މި އިޢުލާނު ކުރަނީ، އިރާދަކުރެއްވިއްޔާ ދެން އަންނަ ފަސް އަހަރެއް ނިމިގެންދާއިރު، އަޅުގަނޑުމެންގެ ކުންފުނިތަކުގެ ބޯޑުގެ މި އަދަދު، އިރާދަކުރެއްވިއްޔާ ފަންސާސް ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް އަޅުގަނޑު ކަށަވަރުކުރާނަން. އަންހެން ބޭފުޅުންވެސް އެބަޖެހޭ، މި ކަހަލަ މަސައްކަތްތަކަށް ނުކުމެވަޑައިގަންނަވަން. އަންހެން ބޭފުޅުން އެބަޖެހޭ، ރާއްޖޭގެ އެކި ދާއިރާތަކުގައި އަންހެނުންގެ ހާލަތު ބަޔާންކޮށްދިނުމާއި، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް، ސިޔާސީ މައިދާނަށްވެސް ނުކުމެވަޑައިގަންނަވަން. އަންހެން ބޭފުޅުން އެބަޖެހޭ، ހިތްވަރެއް ކޮށްލައްވައިގެން، ދާއިރާތަކުން، އެ ދާއިރާތަކުގެ އަންހެނުންނާއި، ކުޑަކުދިންގެ ޙައްޤުތައް، އަޅުގަނޑުމެންގެ ކަންފަތްތަކާ ހަމައަށް ގެނައުމަށްޓަކައި، އަދި ބިލްތައް ފަރުމާކުރުމަށްޓަކައި، ބިލްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ މައްސަލަތަކަށް އެޑްރެސް ކުރެވޭނެ ގޮތް އެބަ ހަދަން ޖެހެއެއްނޫންތޯ.
އެހެންވީމާ، އަޅުގަނޑު މި ދެންނެވިގޮތަށް، ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި 50 ޕަސެންޓް އަންހެން ބޭފުޅުންނަށް ވެގެންދާއިރު، އަޅުގަނޑު އުއްމީދު ކުރަން ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައިވެސް، ގޮނޑިތަކުގެ ތެރެއިން، ގިނަ ގޮނޑިތަކަކީ، ނޫނީވިއްޔާ އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކަކީ، ރައްޔިތުންގެ މަންދޫބުންނަކީ، އަންހެން ބޭފުޅުންނަށް ވެގެންދިޔުން. އެކަމަކު މިއަކަށް އަޅުގަނޑު އަދަދެއް ނުދަންނަވާނަން. މިއީކީ، ރައީސް ނިންމާ ކަމެއްނޫން. މިއީ، އެ ރަށެއްގެ ރައްޔިތުން ނިންމަން އޮންނަ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ދެކެން ބޭނުންވަނީ، އަންހެން ބޭފުޅުން ސިޔާސީ މަސައްކަތުގައި، ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވައި އަދި މަޖިލިސްތަކުން ނިންމާ ޤާނޫނުތައް ހައްދަވާއިރު، އަންހެން ބޭފުޅުންގެ ޚިޔާލުތަކާއި، އަދި އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންކަމުގައި ހައްލު، އަންހެން ބޭފުޅުން ވިސްނާވަޑައިގަންނަވާ ގޮތްތައްވެސް މަޖިލީހުން ފާސްވެގެން އެދާ ބިލުތަކުގެ ތެރެއަށް އައިސް، ނިމިދިޔުން.
އަޅުގަނޑުވެސް މިރަށުގައި މާ ވާހަކަ ގިނައެއް ނުކުރާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މި ފުރުޞަތު ދެއްވުމަކީ، އަޅުގަނޑު ހަމަ ވަރަށް އެދޭ ކަމެކޭ. ހުޅުދުއްފާރަކީ ޚިދުމަތުގެ ގޮތުން އެކަހެރި ރަށެއް ކަމަށް އޮތް ނަމަވެސް އިރާދަކުރެއްވިއްޔާ، މިއަދު ހުޅުދުއްފާރަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޗާޓުގައި އެކަހެރިކޮށް އޮތް ރަށެއްނޫން. އަދި ހުޅުދުއްފާރަށް ކުރެވެންހުރި ކަންކަން ބަލާކަމަށްވަންޏާ، ހުޅުދުއްފާރަށް ހުރި ކަންތައްތަކެއް ފުދިގެންދާނެ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދެންނެވި ތަފާސްހިސާބު، ފެނުގެ މަސައްކަތްތައް، ނަރުދަމާގެ މަސައްކަތްތައް، ބިން ހިއްކުމުގެ މަސައްކަތްތައް، މިކަހަލަ ވާހަކަތަކެއް އަޅުގަނޑުމެން ދައްކަމުން މި އަންނަނީ. އެއީ ކީއްވެގެންތޯ މިކަހަލަ ވާހަކަތައް ރަށްރަށުގައި ދައްކަނީ؟ ހަމަ ދާއިރާގެ މެންބަރު އެއަށް ޖަވާބު ދެއްވި. މި ރަށްރަށުން މިފެންނަ ބައެއް ކަންތައްތަކީ، މީގެ ކުރީގައި ރަށްރަށުގައި ދިރިއުޅޭ ހަމަ ދިވެހި ރައްޔިތުން އެއް ޙައްޤެއް، އެއްވަރަކަށް ހިއްސާކުރާ މީހުން، ދުވަހަކުވެސް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަންކަމޭ މި ފެނިގެންދަނީ.
އެހެންވީމާ އަޅުގަނޑުމެން މިކަންކަން މިކުރަނީ. ޤާނޫނުއަސާސީގައި މި ވާހަކަތައް ލިޔެފައި އެބައޮތްމެ. އެކަމަކު މިކަންކަމަކީ މި ދެންނެވި ގޮތަކަށް ހުރިހާ ސަރުކާރުތަކަކުން ކޮށްދެވިފައި ހުރި ކަންކަމެއް ނޫން. އަޅުގަނޑު ނުދަންނަވާނަން، ސަރުކާރުތަކަކުން ކޮށްނުދެއްވަނީއެކޭ. ކޮށްދެވިފައި ހުރި ކަންކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން މިކަންކަން މެއިންސްޓްރީމް ކޮށްގެން މިގެންދަނީ، ހަމަ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ މީހުންގެ ޙައްޤުތަކެއް އުޅޭނެކަން. ހަމައެކަނި މިއަށް އަންނަ އަޅުގަނޑުމެންގެ ވިސްނުމަށް، ނޫނީ އަޅުގަނޑުމެންނަށް އަންނަ ހަމައެކަނި ދައްޗަކީ، ކޮންމެ މީހަކު ޚިދުމަތް މިކުރަނީ ފަސް އަހަރަށް. ފަސް އަހަރަށް ޚިދުމަތްކުރާ މީހަކަށް، އޭގެކުރީގައި ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެއްވިނަމަކަ، އަޅުގަނޑު މިތަނަށް އައިސް ކުރާނެ މާގިނަ މަސައްކަތްތަކެއް ނުހުންނާނެ. އަޅުގަނޑު ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި، ދެން އޮންނާނީ ހަމަ ޒުވާނުންގެ ވަޒީފާއަށް އެކަނި ޚާއްޞަކުރުން. އެކަމަކު ޒުވާނުންގެ ވަޒީފާއާއި، ޒުވާނުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކަންކަމާއި، މި ގިންތިތަކުގެ ތެރެއަށް ބަލާކަމަށްވަންޏާ، އަންހެން ބޭފުޅުންނަށް ބޭނުންވާ ކަންކަމާއި، އަދި ޙައްޤުތަކުން މަޙްރޫމްވެފައި ތިބި މީހުން، އަޅައިނުލެވިފައި ތިބި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮށްދޭންޖެހޭ ކަންތައްތަކާއި، މިކަހަލަ އެތައް ބައިވަރު ކަމެއް. ދޮށީ ރައްޔިތުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި، މިކަހަލަ އެތައް ކަންތައްތަކަކަށް އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ.
އެހެންވީމާ، އަޅުގަނޑުމެން ދައްކާ ވާހަކައަކީ، އެ ދައްކާ ވާހަކައިގެ ފަހަތުގައި ކަންތައްތަކެއް ކުރެވިފައި ހުރީމާ ދައްކާ ވާހަކަ. އަޅުގަނޑުމެން އައިސް ރައްޔިތުންނަށް ހަމަ ކަމެއް ކޮށްދޭނަމޭ ދަންނަވާފައި ދަނީކީއެއްނޫން. އަޅުގަނޑުމެން އެކަންކަން ކޮށްދީފައި ހުރީމާ، ރައްޔިތުންގެ އުއްމީދު މިހާރު ހުރި ވަރަށްވުރެ މައްޗަށް ޖައްސާލާށޭ. އެ ހިތްވަރު އަޅުގަނޑު މިދެނީ. އެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިއްޖިއްޔާ، އެކަންކަން ކުރެވޭނެތީ އަޅުގަނޑުމެން އެކަން މިކުރަނީ. މިތަނަށް މިދެންނެވި ތަފާސް ހިސާބުން ހުޅުދުއްފާރުގައި ދިރިއުޅުއްވާ ރައްޔިތުން މިކަމާ ދޭތެރޭގައި ސުވާލެއް ނުއުފައްދާނެ.
ޠާރިޤުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކިހިނެއްހެއްޔޭ މި ޠާރިޤު އެވިދާޅުވީ ކޮކްޓެއިލް ކޯލިޝަނެއްގެ ވާހަކަ. އެއީ، އެތައް ބައިވަރު ތަފާތު ވައްތަރުގެ އެތައް ގިންތިއެއްގެ އެއްޗެތި، އެކައްޗަކަށް އެޅީމާ ނުކުންނަ ނަތީޖާ، ކޮކްޓޭލަކީ.
އެހެންވީމާ، މިހާރު އިދިކޮޅަށް ނުކުމެވަޑައިގެން އުޅުއްވާ ކޯލިޝަންގެ ބޭބޭފުޅުންގެ، ނޫނީ ޕާޓީތަކުގެ އެބޭފުޅުންގެ ޕްލެޖުތަކުގައި، މަންހަޖުތަކުގައި ރައްޔިތުންނަށް ކޮށްދެއްވާނޭ ކަންކަމުގެ ތަޞައްވުރު ތަފާތުވެފައިހުރި ބައެއް ކަންކަން އެ ވިދާޅުވީ. ޝައްކެއްވެސްނެތްގޮތުގައި، އެއީ އެކަމުގެ ޙަޤީޤަތް. އެ ވާހަކަ އަޅުގަނޑުވެސް ދައްކައިފީމު. އެންމެ ބޮޑެތި އުސޫލީ މައްސަލަތަކުގެ ތެރޭގައިވެސް، ހުރިހާ އެންމެން އެއްބަހެއްނުވޭ. އަދި މިތަނުގައި އޮންނަންވީ ކޮންޒާތެއްގެ ވެރިކަމެއްކަމާ ދޭތެރޭގައިވެސް ހުރިހާ ޕާޓީތަކުން އެއްބަހެއްނުވޭ. މިހާރު މި ރަށްރަށަށް ވަޑައިގެން މިބޭބޭފުޅުން މި ވިދާޅުވަނީ، މިވެނިކަމެއް، މިވެނިކަމެއް ކޮށްދޭނަމޭ. އެ ވާގޮތަކީ، މި ތަންތަނަށް ވަޑައިގަތީމާ، މި ތަންތަނުގައި ކުރެވިފައިހުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ހަމަ މި ރަށުންވެސް، އެބޭފުޅުން ދަންނަވާނެ، މި ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދެއްވާށޭ.
އެހެންވީމާ، އެކަހަލަ ވާހަކަފުޅުތައް އެބަ ދައްކަވަންޖެހޭ. މިހާރު އެބޭފުޅުންނަކަށް ޖަޒީރާއެއްގައި އޮންނަ ނިޔަނެތިކަންމަތީގައި ތިބޭ ވާހަކަ ނުދެއްކެވޭނެ. އެބޭފުޅުން ގަބޫލުކުރައްވާ ގޮނޑުދޮށްތައް ޙިމާޔަތް ކުރަންޖެހޭނީ، ހަމަ ރޮކް ބޯލްޑަރ ޖަހައިގެންކަން. އެބޭފުޅުން ގަބޫލުކުރައްވާ، ޢިމާރާތްތައް އެބަ ބިނާކުރަންޖެހޭކަން. އަދި އެތަންތަނަކީ، ސިމެންތީގެ ތަރައްޤީކަންވެސް އެބޭފުޅުން މިއަދު މަޖުބޫރީ ޙާލަތުގައި އެބަ ގަބޫލުކުރައްވާ.
އެހެންވީމާ، މި ހުރިހާ ކަމަކީ، އެބޭފުޅުންނަށް އަންނަ ސުވާލު. އެކަމަކު ކީއްވެގެންތޯ، މި ކޮކްޓޭލަކަށް ވެގެން މިއުޅެނީ. އަޅުގަނޑުގެ މީގެ ކުޑަކުޑަ ދިރާސާއެއް އެބައޮތް. ތޯބެ، އަޅުގަނޑުގެ ދިރާސާއަކީ މިއީ. މީގެކުރީގައި އެކުވާން ތިބި ބައެއްނޫން. އެހެންވީމާ، ކޮންމެ މީހަކު ވަކިން މެނިފެސްޓޯ ހަދައިގެން މިއުޅެނީ. މި މީހުންނަކީ، މީގެކުރީގައި އެކުވާން ތިބި ބައެއްނޫން. ވަރަށްފަހުން ނޫންތޯ، މި އެންމެންނަށް އެއްބަސްވެގެން މިއީ، ލީޑަރަކާ ނޫނީ، އޮޕޮޒިޝަން ލީޑަރަކާއި ރަނިންގމޭޓަކާ ނެގުނީ ވަރަށްފަހުން ނޫންތޯ. އަނެއްކާ ރަނިންގމޭޓް ނެގިއިރު ކިހިނެއްތޯ؟ ޕާޓީގެ ލީޑަރު ވިދާޅުވީ، ތިމަންނާ އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފީމޭ.
އެހެންވީމާ، އޭނާގެ ފަހަތަކުނެތޭ ޕާޓީގެ ބެކިންގއެއްވެސް. ޕާޓީގެ ލީޑަރު އެއްބަހެއްނުވޭ، ޕާޓީއަށް ހޮވި ކެންޑިޑޭޓް، ނައިބު ރައީސެއްގެ މަޤާމަށް ޝެޑޯކުރަން ދެއްކެވި ބޭފުޅަކަށް، ޕާޓީގެ ލީޑަރުގެ ތާއީދު ނެތް ވާހަކަ ވިދާޅުވީ. އެކަމަކު ދެން މިއީ ޕާޓީތަކަށް ބަލާކަމަށްވަންޏާ، އާކަމެއްވެސްނޫން. ތަފްޞީލަކަށް ނުދާނަން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިބޭފުޅުން، ހުރިހާ ބޭފުޅުން އެއްބަސްވެ ތިއްބަވައިގެނެއް، މިބޭފުޅުން ދެން ހުރި ކަންތައްތަކުގެ ތެރޭގައި ހުރި މައްސަލަތަކެއް ޙައްލުކުރައްވާކަށް ނޫޅުއްވާ.
މިއިން ކޮންމެ ބޭފުޅަކު އުއްމީދު ކުރައްވަމުން ގެންދެވީ، ވަކި ވެރިކަމަކަށް. ކޮންމެ ޕާޓީއެއް ވަކިން އަންނަން. ޤާސިމް އިބްރާހީމުގެ ޕްލެޖުތަކުގެ ތެރޭގައި، ނޫނީވިއްޔާ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި، އެންމެ ވަރުގަދައަށް އޮތީ، އޭނާއަށް އެންމެ ދަތިވާ ކަންތައް. އެއީ، ރައީސްކަމަށް ކުރިމަތިލުމަށް ފަސްދޮޅަސް ފަސް އަހަރު، ޢުމުރު އޮތީމާ ޤާސިމަށް ދަތިފުޅުވޭ. އެހެންވީމާ، އޭނާ ޕާޓީން އެންމެ އިސްކަމެއް މެނިފެސްޓޯގައި ދެއްވާފައި އޮތީ، މި ޤާނޫނު އުވާލަން. އެކަމަކު މިއަށް އެމް.ޑީ.ޕީ. އެއްބަސްވާނެތޯ؟ އެއްބަހެއްނުވާނެ. ނުވެސްވި. އަދި އެމީހުންގެ ގުޅިފައި އޮތް މެނިފެސްޓޯގައި ލިޔަންވެސް ދެކޮޅުހެދި.
އެހެންވީމާ، މިބޭފުޅުން ވިސްނަވައިގެން ތިއްބެވީ، ހުރިހާ ކަމެއް ގޮސް ނިމިގެން، އެބޭފުޅުން އުއްމީދު ކުރެއްވި ގޮތަށް، ހުރިހާ އެންމެން ގުޅިގެން އުފެއްދި ޤަރާރަކީ، ފެބުރުވަރީ އެކެއްގައި ނުތް އަމުރު. އެ އަމުރުން އެބޭފުޅުން އުއްމީދު ކުރައްވައިގެން ތިބީ މިތަން ހަލަބޮލިވެގެންދާނޭ. ވެރިކަން ބަދަލުވެގެންދާނޭ. ރައްޔިތުން އެބަޔަކު އުޅޭނެގޮތަކަށް ލީޑަރުން ނެތިގެންއުޅޭނޭ. ހަމަ އެކި މީހުން އަނގަމައްޗަށް ޖަހައިގެން، އެކި މީހުންނާ ދިމާއަށް ދުވާނޭ. އެހިސާބުން ޤާސިމް، ޤާސިމުގެ ގޮތް. ރައީސް ނަޝީދު، ރައީސް ނަޝީދުގެ ގޮތް. އެއީ، ގިނަ ބަޔަކު ގަބޫލުކުރޭ، ރައީސް މައުމޫނާއި، ޤާސިމާއި، ޢަދާލަތާއި، އެމް.ޑީ.ޕީ.ގެ ކޮޅަށް ނާރައިފި ކަމަށްވަންޏާ، ރައްޔިތުންގެ އާންމު ވިސްނުމުގައި، ރައީސް ނަޝީދަށް، ނޫނީ އެމް.ޑީ.ޕީ. އަށް ތާއީދު ނެތްކަން އެންމެންވެސް ގަބޫލުކުރޭ. ކިރިޔާވެސް އެބޭފުޅުން ކުރައްވާފައި ހުރި ކަމަކަށް ސާފުކަމެއް ގެނެސްދެވޭކަމަށް އެބޭފުޅުން ދެކެވަޑައިގަތީ، ދެން ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް މައުމޫނާއި، ޢަދާލަތު ޕާޓީގެ ބޭފުޅުންނާއި، ޤާސިމް އިބްރާހީމާ މީގެތެރެއަށް ލައްވަން. އެ ލެއްވީމާ މި ކޮކްޓޭލް، ކޮކްޓޭލަކަށް ވެގެންމިއުޅެނީ. އެކަމަކު ފެބުރުވަރީ އެކެއްގެ އަމުރަކީ، އެބޭފުޅުން ވިސްނާވަޑައިގެންނެވި ގޮތުގައި މި ހުރިހާ ކަމެއް ނިމިގެން، ކޮންމެ މީހަކުވެސް، އެ މީހަކު ދުވަން ބޭނުންވާ ދުރުމިނަކަށް" އެމީހެއްގެ އަމިއްލަ ޚިޔާލުތަކެއް ހިފައިގެން ދުވަން އޮތް ވަގުތު ހޯއްދެވީ.
އެހެންވީމާ، ސަރުކާރާއި ރައްޔިތުންގެ ސިޔާސީ ކަންތައްތައް ދާނީ، ގަޑުބަޑުވެގެން. އެ ގަޑުބަޑުގެ ތެރެއިން ކޮންމެވެސްގޮތަކަށް ފެނިގެން އަންނާނެ. އެ ގަޑުބަޑު އެގޮތަށްވިނަމަ، އަޅުގަނޑު ދަންނަވާނީ، އެބޭފުޅުންގެ ތެރޭގައި އެއްބަހެއްނުވާނެ، އެމް.ޑީ.ޕީ. ލީޑުކުރާކަށް. އެބޭފުޅުންގެ ތެރޭގައި އެއްގޮތަކަށްވެސް އެއްބަހެއްނުވާނެ، އެމް.ޑީ.ޕީ. ލީޑުކުރާކަށް. އެއީ، ޤާސިމުގެ މެނިފެސްޓޯގައި ފަސްދޮޅަސް ފަސްއަހަރު އުމުރުއޮތް މައްސަލަ އުވާލަން ހުށަހެޅުއްވި ކަމަކީ.
އެހެންވީމާ، މިއީ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ކުރިމަތިކުރުވި ދަތި ކަންތައްތައް. އެކަމަކު ﷲ ގެ ތަޤްދީރުގައި ކަންކަން ހުރިގޮތް، އެއަށްވުރެ މާ މަތިވެރި. ﷲ، އަޅުގަނޑުމެންނަކީ އިސްލާމީ އުންމަތަކަށްވާތީ، އެކަހަލަ ދެރަގޮތެއް އަޅުގަނޑުމެންނަށް މިންވަރު ނުކުރެއްވީ. ކުރިއަށް އޮތްތާނގައިވެސް، ﷲ އެކަހަލަ ދެރަގޮތެއް އަޅުގަނޑުމެންގެ ދިވެހި އުންމަތަށް މެދުވެރިނުކުރައްވާށި!
އަޅުގަނޑުމެންގެ އިޚުލާޞްތެރި މަސައްކަތްކުރުންމަތީ ދެމިތިބެންވީ، މި ދެންނެވި ސަބަބަށްޓަކައި. އިޚުލާޞްތެރިކަމާއެކީ ވޯޓަކީ އަމާނާތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މި ސަބަބަށްޓަކައި. ﷲ އަޅުގަނޑުމެންނަށް ހިނގަންވީ މަގު ދައްކަވާފައި އެބައޮތް. އަޅުގަނޑުމެންނަށް އެންމެބޮޑު ވާޖިބުކަމެއް މި އަންނަނީ، މި ތަނުގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިނުން. އެ މަގުގައި އަޅުގަނޑުމެން ތިބޭކަމަށްވަންޏާ، އިދިކޮޅު މީހުންގެ ތެރެއިން މި ދައްކާ ވާހަކައާ ދޭތެރޭގައި، ހަމަ ކޮންމެ ފަރުދަކު، ފަރުދީ ޒިންމާއިން ވިސްނާލަންޖެހޭ. އޭނާ ހިމެނޭ މުޖުތަމަޢު، މުޅި މުޖުތަމަޢު މިނެކިރާލަން އެބަޖެހޭ، މި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްތޯ. އަޅުގަނޑުމެން ކުރާ ކޮންމެކަމެއް ނިމިގެންދާނީ، ﷲ އެކަން ނިންމަވަން، ﷲ ގެ ތަޤްދީރުގައި އެކަން އޮތް ގޮތަކަށް.
އެހެންވީމާ، އަޅުގަނޑުމެން ވޯޓުވެސް އަޅުގަނޑުމެންގެ ތެރޭގައި ތަފާތުގޮތަކަށް ލާން އަޅުގަނޑުމެން ވިސްނާނެކަމެއްނެތް. އޮޅުވާލަން ވިސްނާނެކަމެއްނެތް. ވޯޓަކީ، ވޯޓުލީމާ ނުކުންނަ ނަތީޖާ އަޅުގަނޑުމެންނާ އެނބުރި ބައްދަލުކުރަން އަންނާނެ. އެދުވަހު ނުކޮށްފި ކަމަށްވަންޏާ، ތިން އަހަރު ފަހުން އަންނާނެ. ތިން އަހަރު ފަހުން ބައްދަލުކުރާއިރު، އަޅުގަނޑުމެން އިންތިޚާބު ކުރާ މީހާ ގެޔަށްވެސްދާތަން އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި.
އެހެންވީމާ، ވޯޓުލުމަކީ އަމާނާތެއް، އިޚުލާޞްތެރިކަމެއް. އަޅުގަނޑުމެންގެ އިޚުލާޞްތެރިކަން އޮންނަންވީ، 23 ގައި މި ނަގާ ވޯޓަކީ، ﷲ ގެ މަގުގައި އަޅުގަނޑުމެން ދޭ ވޯޓެއް ކަމަށް. ޤައުމިއްޔަތު ޙިމާޔަތް ކުރުމަށް އަޅުގަނޑުމެން ދޭ ވޯޓެއް ކަމަށް. ދިވެހި އުސޫލުތަކާއި، އިސް ރަށްވެހިންނާއި އަދި މުޅި ރާއްޖެއިން އަނިޔާވެރިކަން ފިލުވައިލުމަށް އަޅުގަނޑުމެން ދޭ ވޯޓަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ.
ހުޅުދުއްފާރުގައިވެސް އަޅުގަނޑު ދަންނަވާނީ މި ވާހަކަ. ރ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އަޅުގަނޑު ދަންނަވާނީ އަދި މުޅި ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދަންނަވާނީ މި ވާހަކަ. ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! 2013 ގެ ކުރިން ހިނގައިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހަމައެކަނި އަޅުގަނޑުމެންނަށް ފަނަރަ އަހަރު، ވިހި އަހަރުގެ ތަރައްޤީއެއްނޫން މަޙުރޫމްވެގެން ދިޔައީ. އަޅުގަނޑުމެން ގަބޫލުކޮށް ތިބި ހުރިހާ ސިފަތައް އޮޔާދިޔައީ. އަޅުގަނޑުމެން ގަބޫލުކޮށްފައި ހުރި ހުރިހާ ކަންތައްތަކަށް ގޮންޖެހީ. އެހެންވެގެން އަޅުގަނޑުމެންނަށް ބަނަ ދުވަސްތަކެއް ﷲ މެދުވެރިކުރެއްވީ. އެ ފިލާވަޅު އަޅުގަނޑުމެން ނެގީމު. އެ ފިލާވަޅު އިއާދަނުކުރައްވާ.
އަޅުގަނޑުމެންނަކީ، އަބަދުވެސް ހިސާބު ބެލެވޭ، ނޫނީވިއްޔާ އަޅުގަނޑުމެން ކުރާ ކަންތައްތައް ބެލެވޭ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންވާނެ. މި ވޯޓަކީ އިޚުލާޞްތެރިކަމާއެކީ ދެއްވާ ވޯޓަކަށް ހުރިހާ ބޭފުޅުންވެސް ހައްދަވައިދެއްވާ.
والسّــلام عليــكم ورحـمــة اللّـه وبـركاتـه. |
ރ. އަލިފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
އަލިފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަޅުގަނޑާއެކީ މިދަތުރުގައި ބައިވެރިވަޑައިގަންނަވާ އެންމެހައި ބޭފުޅުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه.
އަލިފުށްޓަށް އައުމަކީ، އަބަދުވެސް އަޅުގަނޑުމެންނަށް ކިކް ލިބޭ ކަމެއް. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ކުރިންވެސް، އަލިފުށްޓަށް އަޅުގަނޑުމެން ދަތުރުކުރަން. ކޮންމެ ފަހަރަކުވެސް އަލިފުށިން އަޅުގަނޑުމެންނަށް ވިދާޅުވަނީ، ވަރަށް ވަރުގަދަ ވަރަށް ހޫނު މަރުޙަބާއެއް. ޝައްކެއްވެސް ނެތް ގޮތުގައި، އަލިފުށީގެ ރައްޔިތުންގެ ހިނގަނީ، ޕީ.ޕީ.އެމް.ގެ ލޭ. ކުރިއަށް ދިޔުމުގެ ރޫޙު. އަދި ކުޑަކުދިންވެސް މިއަދުވެސް އެބުނަނީ، ކުރިއަށްދިޔުމުގެ ރޫޙު ދައްކައިދޭ އެކިއެކި މެސެޖްތައް. އަޅުގަނޑުމެންނަށް މިއަދުވެސް އެކަން ފެނިގެން މިދިޔައީ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިޔަ އިސްތިޤްބާލު ވިދާޅުވީ، ވަރަށް ހޫނު އިޚްލާޞްތެރި އިސްތިޤްބާލެއްކަމަށް، އަޅުގަނޑުމެން ޤަބޫލުކުރަން. އަޅުގަނޑުގެ އިންތިޒާރުގައި ތިޔަ އެންމެހައި ބޭފުޅުން ބުރަ އުފުއްލެވީތީ، ޝުކުރުދަންނަވަމުން، ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އަލިފުށީގައި އައިސްހުރެ ވާހަކަ ދައްކާއިރު، އަދި ރ. އަތޮޅަށް އައިސް އަޅުގަނޑުމެން ތިބެ ވާހަކަ ދައްކާއިރު، ދެންމެ ޢަބްދުއްރަޙީމް ނިންމަވާލެއްވި ހިސާބުން އަޅުގަނޑު ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވަންޖެހޭނީ، މިއީ، އަޅުގަނޑުމެން މިކުރަނީ ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ކުރާ ވަރުގަދަ މަސައްކަތްތަކެކޭ، ޤައުމީ ޖިހާދެއްގެގޮތުން ކުރާ ވަރުގަދަ މަސައްކަތްތަކެކޭ. އަޅުގަނޑުމެންނަށް ރ. އަތޮޅު އިންތިޚާބުތައް ޚާއްޞަވެގެންދާ ސަބަބުތައް އެބަހުރި. ކަންކަންދިމާވީ، އޭރުގައި އިއްތިފާޤުތައް ދިމާވި ގޮތުން އަޅުގަނޑުމެން ރ. އަތޮޅަށް އައިސް މަސައްކަތްތައް ކުރަމުން ގެންދިޔައީ. ދެންމެ ޢަބްދުއްރަޙީމްވެސް އެވާހަކަ ވިދާޅުވި. އަލިފުށިން ހުސްވި އަތޮޅު ކައުންސިލް ގޮނޑިއަށް މަހީޝް ހޮވަން އަޅުގަނޑުވެސް އައިން. އަޅުގަނޑުމެން މިތާ މަޑުކުރީމު، އަޅުގަނޑުމެން އެތަކެއް ދުވަސްވަންދެން މަޑުކުރީމު. އަދި އޭރު އެއީ ކޮންމެވެސް ވަރަކަށް އެމް.ޑީ.ޕީ. ވަރަށް ވަރުގަދައަށް މަސައްކަތްކުރަމުން އައި ދުވަސްވަރެއް. އެހެންނަމަވެސް އަލިފުށީގެ ރައްޔިތުން އަޅުގަނޑުމެން ދެއްކިވާހަކަ ޤަބޫލުކުރެއްވި. އަދި އަލިފުށިން މަހީޝް ހޮވައި، މަހީޝް ގޮނޑީގައި ބޭންދީ.
ހަމައެއާއެކީ ރ. އަތޮޅަށް އަޅުގަނޑުމެން ކުރިން ދަތުރެއް. ރ. އަތޮޅަށް ކުރި ދަތުރަކީ، އިންތިހާއަށް އެމް.ޑީ.ޕީ.ގެ އަނިޔާވެރިކަން ރާއްޖޭގެ އެކި ހިސާބަށް، އޭރު ގޮސްފައި އޮތް ދުވަސްވަރެއްގައި ކުރި ދަތުރެއް. ރާއްޖޭގައި ހިނގާ ކަންކަމުގެ ވާހަކަ އޭރު ދެކެވެމުން އައީ، ދެންމެ ޢަބްދުއްރަޙީމް ވިދާޅުވިގޮތަށް، މިތަނުގައި މި ޕޯޑިއަމްގައި ހުންނަވާފައި، ރައީސް ނަޝީދު އަލިފުށީގެ ޕޯޑިއަމްގައި ހުންނަވާފައި ވިދާޅުވި ވާހަކަ ދެންމެ އިޝާރަތް ކުރެއްވީ. ރާއްޖޭގެ ހުރިހާ ދިމާއަށް މި ނާމާންކަމާ، މިކަހަލަ ނުރަނގަޅު ވާހަކަތައް އޭރު ދިޔައީ ފެތުރެމުން. މާލޭގައިވެސް އިންތިހާއަށް އަނިޔާވެރިކަން އިތުރުވަމުން ދިޔައީ. އެދިޔަ ވަގުތެއްގެ ތެރޭގައި، އެދިޔަ ވަގުތެއްގައި، ރ. އަތޮޅުގެ އަޅުގަނޑުމެންގެ ވަރަށް ފަޚުރުވެރި ލޮބުވެތި ދަރިޔަކު، ޝަހީދުކޮށްލެވިގެން ދިޔައީ. އަފްރާޝީމް ޤަތުލުކޮށްލެވުނު،. އޭރުވެރިކަމުގައި ހުންނެވީ، ރައީސް ވަޙީދު. އަފްރާޝީމްގެ ގޮނޑި ހޯދުމަށްޓަކައި، ނޫނީ އެދާއިރާގެ ގޮނޑި ހޯދުމަށްޓަކައި، އަނެއްކާވެސް އަޅުގަނޑުމެން ރ. އަތޮޅަށް އައިމު. އެ ދަތުރުގައި އަޅުގަނޑު ބައިވެރިވީން. އެއްފަހަރަށްވުރެ ގިނަ ފަހަރު އަޅުގަނޑުމެން ރ. އަތޮޅުގައި މަސައްކަތް ކުރީމު. ﷲގެ ރަޙްމާތާއެކީ އެފަހަރުވެސް، އެމް.ޑީ.ޕީ. އެހާ ވަރުގަދައަށް ރ. އަތޮޅުގެ އެ ދިމައިގައި އޮތްއިރުވެސް، ރައްޔިތުން އެ ގޮނޑި ދެއްވީ، އަޅުގަނޑުމެންނަށް. އެހެންވީމާ ރ. އަތޮޅަކީ، މިދެންނެވި އިންތިޚާބުތަކާއެކީ، ސިޔާސީ ގޮތުން އަޅުގަނޑުމެން ޕާޓީއަކީ، ވާދަވެރި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޗާޓުގައި ޖަހާލުމަށް ފުރުޞަތުދެއްވި އަތޮޅެއް. ރ. އަތޮޅުގައި މިއޮތީ، މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ ބައެއް. އެހެންވީމާ ރ. އަތޮޅުގައި އަޅުގަނޑުމެން، މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، ޚާއްޞަކޮށް އަލިފުށީގައި ހުރެގެން ދަންނަވާލަން ބޭނުންވަނީ، މި ފިކުރަށް ބަދަލު އަންނާނެ ހަމައެއްވެސް ވަސްވާހަކަށް ޖާގަނުދެއްވާށޭ. އިންތިޚާބެއް މިއޮތީ ކުރިމަތިވެފައި. އަންނަމަހުން 23 ވަނަ ދުވަހު ލައްވާ ވޯޓަކީ، މީގެ ކުރީގެ އިންތިޚާބުތަކަށްވުރެ މާބޮޑަށް ޤައުމީ ނަޒަރަކުން ވިސްނަންޖެހޭ ކަމެއް. މާބޮޑަށް ރައްޔިތުންގެ ކަންކަމާ ދޭތެރޭގައި ފިކުރުކުރާ ބަޔަކު ވިސްނަންޖެހޭ ކަމެއް.
ސިޔާސީ ވާހަކައަށް ޖެހިލުމުގެ ކުރީން، އަޅުގަނޑު މިއަދު އައިސް މިހިރީ މިތަނުގައި ނަރުދަމާ ނިޒާމު އަޅައި ނިމުނީމާ، ނަރުދަމާ ނިޒާމު ހުޅުވައި، އަދި އޭގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާއިރު، އެ ފަސޭހައިގެ، އެ ހިތްޕުޅު ހަމަޖެހުމުގައި، އަޅުގަނޑުވެސް ބައިވެރިވުމަށް އައިސް މިހިރީ. އަޅުގަނޑުގެ ސަރުކާރުން އަލިފުށީގެ ތަރައްޤީއަށް ކޮންމެވެސް ވަރެއްގެ ޙިއްޞާއެއް، އޭގެތެރޭގައިވާތީ. އަލިފުށީގެ ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވާލާނީ، ތިޔަބޭފުޅުންގެ އުފަލުގައި އަޅުގަނޑުވެސް ހަމަ ބައިވެރިވަމޭ. އަލިފުށީގައި އަދިވެސް ބޭނުންވެފައި ހުރި ކަންތައްތައް ހުންނާނެ. އަލިފުށީގައި ބޭނުންވެފައި ހުރި ކަންތައްތަކާއި ސިޔާސީ ވާހަކަ ދައްކާލުމުގެ ކުރީން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާލަން. ހެޔޮބަސްފުޅުތަކެއް ހަދިޔާ ކުރެއްވި، ޠާރިޤްވެސް، އަދި ހަމަ އެހެންމެ ޢަބްދުއްރަޙީމް ވަރަށް ގިނަ ވާހަކަފުޅު ދެއްކެވީ. ކަންކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދެއްވީ.
ރައްޔިތުންނަށް މިހާރު ކަންކަމުގެ ޙަޤީޤަތް، އޮޅުންފިލަންޖެހޭ ހިސާބަށް މިހާރު އަޅުގަނޑުމެން މިވަނީ ޕީ.ޕީ.އެމް.ގެ ނާރެސް ދަތުރުކޮށްފައި. ޕީ.ޕީ.އެމް. ތެރޭގައިވެސް ހިތްދަތި ކަންތައްތައް ދިމާވި. އެކަންކަންވެސް ރައްޔިތުންނަށް އޭގެ ސާފު މެސެޖް، ނޫނީ އެކަންކަން ހިނގައިދިޔަގޮތް، އެބަ އެނގެންޖެހޭ. އަޅުގަނޑު ހަމަ މިއަދުވެސް އަލިފުށީގެ ރައްޔިތުންގެ އަރިހުގައި ދަންނަވާލާނީ، އަލިފުށީގެ ރައްޔިތުންނަކީ ޕީ.ޕީ.އެމް.ގެ ފިކުރަށް، ނޫނިއްޔާ އަޅުގަނޑުމެންގެ އަލިފުށީގައި މި ތިއްބެވި ރައްޔިތުންނަކީ، އަޅުގަނޑުމެންނަށް ތާއީދުކުރައްވާ ރައްޔިތުންނަކީ، އަބަދުވެސް ބިނާކުރަނިވި ފިކުރެއްގެ މަތީ ތިބި ބަޔެއް. ބާރުލާފައި، ސާބިތުކަމާއެކީ، ރައީސް ނަޝީދުގެ ވެރިކަމަށާއި، އެ ފިކުރަށް ނޫނެކޭ ވިދާޅުވަމުން ގެންދެވި ބޭފުޅުން. އަލިފުށިން ކޮށްދޭންޖެހޭ ކަމަކީ، އެ ފިކުރު މިތާ އޮތްކަން މިފަހަރުވެސް ދައްކައިދިނުން. އިންތިޚާބުތަކާ ހަމައަށް އައިމާ، މި ޖައްވުގައި މި އަޅާ ވައިރަސްތަކަށް ޖާގަ ނުދެއްވާ. އަލިފުށްޓަކީ އެއަށްވުރެ މާ އިޚްލާޞްތެރި، ރައްޔިތެއް އޮތް ބައެއް. އެހެންވީމާ، އަލިފުށި، އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވަން އެބަޖެހޭ، އަލިފުށީގެ ރައްޔިތުން ނޫނީ އަލިފުށީގައި ހިނގާ ވިންދު، ނަތީޖާތަކުން އަޅުގަނޑުމެންނަށް، ދައްކަވައިދެއްވަން އެބަޖެހޭ. ރ.އަތޮޅުން، އަޅުގަނޑުމެންނަށް އެ ނަތީޖާ ފެންނަން އެބަޖެހޭ.
އަޅުގަނޑުމެން މިހުރިހާ ވާހަކައެއް ދައްކަނީ، ޤައުމަށް އިޚްލާޞްތެރި ބަޔަކަށްވާތީ. އަޅުގަނޑަށް މަސައްކަތް މިކުރެވެނީ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް މި މަސައްކަތް މިކުރެވެނީ، އިޚްލާޞްތެރިކަންމަތީގައި އަޅުގަނޑުމެން ތިބޭ ތިބުމުގައި، ރައްޔިތުންގެ ތާއިދު، އެކަމުގައި ދެއްވާތީ. އަޅުގަނޑުމެންނަށްވެސް ދެވޭނީ، ކޮންމެ ކަމެއްގައިވެސް ވޯޓެއް، ކޮންމެ އިންތިޚާބެއްގައި އެންމެ ވޯޓެއް. އެހެންވީމާ، ރައްޔިތުންނަކީ ބާރުވެރި ބަޔެއް. އެހެންވީމާ އެމް.ޑީ.ޕީ. އިން މީގެކުރީގައި ދައްކާފައިހުރި ވާހަކަތަކާއި، ޢަމަލުކޮށްފައިހުރި ގޮތާއި، ކޮށްދެވިފައިހުރިކަމަކާއި، ކޮށްނުދެވިހުރި ކަންކަން އެހެރީ ލޯ މަތިން ފެންނަން. އެހެންވީމާ، އަޅުގަނޑަކަށް ނުވިސްނޭ، އެމީހުން އައިސް އިތުރު ޖާދޫއެއްގައި ޖައްސާކަށް ތިޔަބޭފުޅުން އިތުރު ފުރުޞަތު ދެއްވަންޖެހޭ ސަބަބެއް، އަޅުގަނޑަށް ހަމަ އެގޮތަކަށްވެސް ނުވިސްނޭ. ރައްޔިތުން ބޭނުންވާނީ ތަރައްޤީ. މިއަދު ދޮގެއްތޯ އިސްތިޤްބާލުގައި ހުރި ކުޑަކުޑަ ކުއްޖަކު އަޅުގަނޑަށް ކުރަހާލާފައި، މި ތަނުގައި އެއަރޕޯޓެއް އަޅާލަދޭށޭ. މިއީ، އަޅުގަނޑުމެންގެ ވިސްނުން މިއަދު ހުރި ގޮތް، އަޅުގަނޑު ވަރަށް އުފާކުރަން. މިއީ ކުޑަކުޑަ ކުދީން. އަދި މިކުއްޖާފުޅަށް ނޭނގެ ބާރަވަރަކަށް އަހަރުވެސް ވީ ކަމެއް. އެހެންނަމަވެސް އެކުދިންނަށްވެސް އެބަފެނޭ. އެއަށްވުރެ މާ ތަޞައްރަފް ފުދި ރައްޔިތުންގެ ކަންތައްތައް ނިންމައިދިނުމަށްޓަކައި، ރައްޔިތުންނަށް ބަސް ކިޔުމަށްޓަކައި، ރައްޔިތުންގެ ލީޑަރުންގެ ގޮތުގައި، ދަތުރުފުޅުކުރައްވާ ބޭފުޅުންނަށް ރާއްޖޭގެ އެކިހިސާބަށް އައިސްފައިހުރި ތަރައްޤީ އެބަފެނޭ. މިވަރު ކުދީންގެ ސިކުނޑީގައި މިރަށްރަށަށް އަންނަންވާނެ ތަރައްޤީ، އެބަ އެމީހުންގެ ފިކުރުގެ ޗާޓުގައި، ފާހަގަކޮށްލަދޭ. އެހެންވީމާ، އެކުދީންނަށްވެސް މާ ޤާބިލްނޫންތޯ ވެރިކަމަށް އަންނަން.
އަޅުގަނޑު ހަމަ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅަށް ހަމަ ޢަބްދުއްރަޙީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކައާއިގެން ކުރިއަށް ދާނަން. ވަރަށްގިނަ ފަހަރު މިދަތުރުތަކުގައި، އެންމެ ދަތިވާކަމަކީ، ޙަޤީޤަތުގައި ޢަބްދުއްރަޙީމް ކަހަލަ ފޯރި ގަދަ ބޭފުޅަކު، ވާހަކަފުޅު ދައްކަވާފައި، ފައިބައިވަޑައިގަތީމާ، ދެން އެތަނަށް އަރާފައި ވާހަކަދައްކަން ޖެހުން. އަލިފުށްޓަކީ، މިކަހަލަ ކޮންމެ ޖަލްސާއެއްގައި ވަރަށް ފޯރިނަނގާ ރައްޔިތުން ތިބި ތަނެއް. ވަރަށް ފޯރި ނަގާ ރައްޔިތުންތަކެއް ތިއްބެވި ރަށެއް. އެހެންވީމާ، އުނދަގޫވޭ އަސްލުގައި، މި ފިޔަވަޅު މަތީގައި އައިސް ހުއްޓި ހުންނަން، ޢަބްދުއްރަޙީމް މިތަނުން ވަކިވެވަޑައިގަތުމަށްފަހު. އެހެންނަމަވެސް، އަޅުގަނޑު ބަލާނަން ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅަށްވެސް، އެކަހަލަ ސިޔާސީ ބައެއް ވާހަކަވެސް، ދައްކާލަން އަޅުގަނޑު ބޭނުންވޭ. އެކަމަކު އޭގެ ކުރިން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އައީ، ތަރައްޤީގެ މަޝްރޫޢުތަކެއް ރައްޔިތުންނަށް ހުށަހަޅަމުންނޭ. އަޅުގަނޑު އައީ، ޒުވާނުންނަށް ފުރުޞަތުތަކެއް ހޯދައިދޭނެކަމަށް ހުށަހަޅަމުންނޭ. އަޅުގަނޑު އައީ، ރާއްޖޭގައި ގެއްލިގެންދާ މަޞްލަޙަތާއި، އަމާންކަމާއި، ޞުލްޙަވެރިކަން އަނބުރާ އިޢާދަ ކޮށްދޭނަމޭ. ދިވެހިރާއްޖޭގެ ކޮންމެ ބިންކޮޅެއްގައި ހުންނަ ކޮންމެ މީހަކަށްވެސް، އެއީ ނިކަމެއްޗެއްކަމަށްވިޔަސް، ދޮށީ ރައްޔިތެއް ކަމަށް ވިޔަސް، އަދި އެއީ ވީލްޗެއަރގައި އިންނަ މީހެއްކަމަށްވިޔަސް، އޭނައަށްވެސް މިނިވަންކަމާއެކީ، ޖައްވަށް ނޭވާލުމުގެ ފުރުޞަތު ހޯދައިދޭނަމޭ. އޭނާގެ ޙައްޤުތަކެއް ކަށަވަރުކޮށްދޭނަމޭ. އަނިޔާވެރިކަން ދިވެހިރާއްޖެއިން ނައްތާލައިދޭނަމޭ. މިކަހަލަ ވާހަކަތަކެއް ދައްކަމުން އައީ. އިޤްތިޞާދުގެ ވާހަކަ، އޭރު ދައްކަން ޖެހުނީ ކީއްވެގެންކަން، މިއަދު ނުކުމެވަޑައިގެން އެ އުޅުއްވާ އެމް.ޑީ.ޕީ.ގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވަންވާނެ. އިޤްތިޞާދުގެ ވާހަކަ ދައްކަން ޖެހުނީ، އެހާ ބޮޑު ދަރަންޏަކާއެކީ ނުކުމެ، މުޅި ރާއްޖޭގެ ހުރިހާ ތަނެއް ހަލާކުވެފައި ހުރީމަ، އިޤްތިޞާދު ނަގާ ކޮޅަށްޖަހަންޖެހޭކަން އެނގޭތީ.
ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެއަކަށް ލޯނެއް ނުދޭ. ރާއްޖޭގެ ބޭންކުތަކުން ރާއްޖޭގެ ވިޔަފާރިވެރިންނަކަށް ލޯނެއް ނުދޭ. ރާއްޖޭގެ އިޤްތިޞާދު ކުރިއަކަށް ނުދޭ. ބޮޑު ދަރަނި އޮތީ. އެހެންވީމާ، މިއަދު އެބޭފުޅުން ނުކުމެވަޑައިގެން އިޤްތިޞާދުގެ ވާހަކަފުޅު ދައްކަވަން، އެބޭފުޅުންނަށް ވާންވާނެ އެއީ، ލަދުވެތި ވާހަކައަކަށް. ޒުވާނުންގެ ވާހަކަ ދައްކަން މިއަދު ޒުވާނުންނޭ ވިދާޅުވަނީ، ތިން އަހަރެއްގެ ވެރިކަމުގައި އެބޭފުޅުން ތިއްބަވައިފި. ޖަލު ގޮޅިތަކުން ޒުވާނުން ހޯދި ޖާގަ ފިޔަވައި ޒުވާނުންނަށް ލިބުނު ފުރުޞަތެއްގެ ވާހަކަ އެބޭފުޅުންނަށް ވިދާޅުވެދެއްވާކަށް އެނގިވަޑައެއްނުގަންނަވާނެ. އަޅުގަނޑުމެން އައީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭނަމޭ ދަންނަވަމުން. އަޅުގަނޑުމެންގެ ސަރުކާރުން މިހާރު ހަތްދިހަ ހަ ހާސް ވަޒީފާއަށްވުރެ އިތުރު ވަޒީފާ ހޯދައިދީފީމު. އަދި އަޅުގަނޑު ދަންނަވަމުން މިދަނީ ރ.އަތޮޅަކީ ޓޫރިޒަމްގެ އެތައް ރަށެއް މިހާރުވެސް އޮތް އަތޮޅެއް. އަދި އަލިފުށީގެ ރައްޔިތުންވެސް ތިޔަ ލޯބިކުރައްވަނީ، އިންތިޒާރުކުރައްވަނީ، މިތާ ކައިރީގައި އޮތް އެއްތިނގިލީގެ ޓޫރިޒަމްގެ މަސައްކަތަށް.
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކަށަވަރުކުރައްވާށޭ ރ.އަތޮޅަކީ ޓޫރިޒަމްގެ މަންޒިލެކޭ. އެހެންވީމާ، އަލިފުށީ ކައިރީގައި، އެއްތިނގިލީގައި ރިޒޯޓް ހަދާނެއޭ. މީގެ ބޭނުމަކަށްވަނީ، މިތާނގެ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން. މީގެ ބޭނުމަކަށްވަނީ، އަލިފުށްޓަކީ، އުފާވެރި އަދި ތަނަވަސް ރައްޔިތެއް އޮތް ރަށެއްކަން ދައްކައިދިނުން. އެހެންވީމާ، އިޤްތިޞާދީ ވާހަކައާއި ޒުވާނުންގެ ވާހަކަ ދައްކާކަށް އެހެންބަޔަކު އަންނަކަމަށްވަންޏާ އަންނަންވާނީ، އަޅުގަނޑުގެ ހިޔަނީގެ ދެތިން މޭލު ފަހަތުން. އެބޭފުޅުންނަކަށް މިވާހަކަ ވާހަކައެއް ނުދެއްކެވޭނެ.
މިތަނުގައި އޮތް ބޯޓުޔާޑު، މިހާރު އެއީ މިރަށުގެ ގިރާ ސަރަޙައްދުގެ ތެރެއިން އެންމެ ބޮޑު އެއް ސަރަޙައްދު، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެން މިތަނުގެ ބޯޓުޔާޑު ބަޔަކާ ޙަވާލުކުރީމު. އެއީ، ކޮންކޮން ބޭފުޅުންނެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮން ފިކުރެއްގައި ތިއްބެވި ބޭފުޅުންނެއްކަން އެނގިވަޑައިގަންނަވާނެ. އަދި އެ ފިކުރުގެ ތެރޭގައި ކިހާ ޝާމިލުކަން ބޮޑު ބޭފުޅެއްކަންވެސް އެނގިވަޑައިގަންނަވާނެ. ކިތައް ވަޒީފާތޯ މިތަނުން އުފެއްދުނީ؟ ކިހާ ވަރަކަށްތޯ އެކަން ކުރިއަރައިގެން ދިޔައީ؟ އަޅުގަނޑުމެން މިކަހަލަ ވަސީލަތްތައް ޤާއިމުކުރުމަށްފަހު، ކުއްޔަށް ދިނަސް، ނޫނީ ވަސީލަތް ޤާއިމުކުރަން ބިން ދިނަސް، ބިން ދޫކުރަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭން. މިއަދު އަޅުގަނޑުމެން މިރަށަށް ކުރި ޒިޔާރަތުން އެނގިއްޖެ އެކަން ނުފުދޭކަން. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރުގެ، އިރާދަކުރެއްވިއްޔާ ފުރަތަމަ އަހަރުގެ ތެރޭގައި، އަލިފުށީގެ ބޯޓުޔާޑަކީ، އަލިފުށީގެ ރައްޔިތުން އެދޭގޮތަށް، ޒުވާނުންނަށް ވަޒީފާ ގިނައިން ލިބޭނެ ފަހި ފުރުޞަތުތަކެއް އޮންނަ ބޯޓުޔާޑަކަށް ބަދަލުވާނެ. އަދި އެ ސަރަޙައްދަކީ، ރަށް ގިރާ ސަރަޙައްދަކަށް ވާތީއާއެކީ، އެ ސަރަޙައްދުން އަލިފުށީގެ ރައްޔިތުން ބޭނުންވާވަރަކަށް އިރާދަކުރެއްވިޔާ ބިން ބޮޑުކޮށް، އަލިފުށްޓަކީ ކުރިއަށް އޮތްތަނުގައި ޖާގަ އޮތް ބޮޑު ރަށަކަށް އަޅުގަނޑު ހަދައިދޭނަން. މިއީ، އިރާދަކުރެއްވިޔާ ސެޕްޓެންބަރުން 23 ގައި، އަންނަ މަހުގެ 23 ގައި ތިޔަބޭފުޅުން ދެއްވާ ވޯޓުން، އަޅުގަނޑަށް ރައްޔިތުންނާއެކީ ހިނގުމުގެ ވިސްނުން، އަދި އަޅުގަނޑު، ރައްޔިތުންނާއެކީ ހިނގުމުގެ ނިޢުމަތް ﷲ މިންވަރު ކުރައްވައިފިކަމަށްވަންޏާ، އަޅުގަނޑުގެ ފުރަތަމަ، ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި، ނޫނީ ދެވަނަ ޓާރމްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، އަލިފުށްޓަށް ބޭނުންވެފައި މިހިރަ ބޮޑެތި ކަންތައްތައް، އަޅުގަނޑު މިދަންނަވާލި ކަހަލަ ބޮޑެތި ކަންތައްތައް އިރާދަކުރެއްވިއްޔާ ފުދިގެންދާނެކަމާ ދޭތެރޭގައި، ހިތްޕުޅުގައި ހަމަ ކުޑަވެސް ޝައްކެއް ތިޔަބޭފުޅުން ނުބާއްވަވާ.
އަލިފުށްޓަކީ އަދި ރ.އަތޮޅުގެ ބައެއް ރަށްރަށަކީ، މަސްވެރި ރަށްރަށްވެސްމެ. އަޅުގަނޑު ޤަބޫލުކުރަން، މަސްވެރިކަމުގެ ޞިނާޢަތުގައި ހަމަ ފެށުނީއްސުރެ، ހުރިހާ ސަރުކާރުތަކެއްގެ ތެރޭގައިވެސް މަސްވެރިންނަށް ދަތިވާ ހުރިހާ ކަންކަން ހުރީ ހައްލުކޮށްދެއްވިފައެއްނޫން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުގައި މަސްވެރިންނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ކޮށްދޭން އަޅުގަނޑުމެން މަސައްކަތް ކޮށްފީމޭ. އަޅުގަނޑުމެން މަސް ބަންދުކުރާ ކާރުޚާނާގެ ކެޕޭސިޓީ އިތުރުކޮށްފީމު. ތިރީސް ޓަނުން ފަންސާސް ޓަނަށް ބަދަލުކޮށްފީމު. އައިސް ޕްލާންޓްތައް ޤާއިމުކޮށްފީމު. އާބާތުރަ ފިލުވުމާއެކީ، ބަންދުވަމުންދިޔަ އައިސް ޕްލާންޓްތައްވެސް އިތުރުވެ އައިސް ޕްލާންޓްތަކުގެ ގޮތުގައި ހިންގަން ފަށައިފި. އަދި ހަމަމިއާއެކީ، މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ މައްސަލައަކީ އެންމެ ބޮޑު މައްސަލަ. އޭގެ ޙައްލެއްވެސް އަޅުގަނޑުމެން ގެނެސްފީމު. އެހެންވީމާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން ހަމަ މިދަނީ މަސްވެރިންނަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކަމުން. އަދި މަސްވެރިންނަށް ޑެބިޓް ކާޑެއް ތަޢާރަފު ކޮށްފީމު. މަސްވެރިން އެކާޑު ބޭނުން ކުރައްވައިގެން، މަސްވެރިން ފައިސާ ބޭނުންނުކޮށް، މަސްވެރި ރަށްރަށުން މަސްވެރިންނަށް ބޭނުންވާ ކަންތައްތައް ފުދޭނެ، އެސް.ޓީ.އޯ.ގެ ހުރިހާ ފިހާރައަކުން އެކާޑު ބޭނުންކޮށްގެން ސާމާނު ގަންނަން ލިބޭނެ. އަދި ރަށްރަށުގައި ހުންނަ ބޮޑެތި އަމިއްލަ ވިޔަފާރިވެރިންގެ ފިހާރަތަކުންވެސް އެކާޑަކީ ބޭނުންކުރެވޭނެ ކާޑެއްގެ ގޮތުގައި، އަދި އެކާޑަށް މަސްވެރިންގެ އުޅަނދުފަހަރު ގެންގުޅޭ، ނޫނީ އެންމެ އިސް މީހެއްގެ އެކައުންޓަށް އަޅުގަނޑުމެން ފައިސާ ޖަމާކުރާނީ. މިވެސް، ދުވަހުން ދުވަހަށް ރާއްޖޭގެ އެކި ހިސާބަށް، އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވަން ދަތިވާތީ. ދަތިވާ އެއް ސަބަބަކީ، ޙަޤީޤަތުގައިވެސް ދަތިވާ އެއް ސަބަބަކީ، މި ޞިނާޢަތަކީ، ޙަޤީޤަތުގައިވެސް، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭ ޞިނާޢަތަކަށް ނުވާތީ، އެއް މައްސަލަ.
ދެވަނަ މައްސަލައަކީ، މިހެން މަސްވެރިކަން ކުރާ ހުރިހާ ދިމާއެއްގައި ބޭންކުގެ ބްރާންޗެއް ނުހުރޭ. ނޫނިއްޔާ އޭ.ޓީ.އެމް މެޝިނެއް ނުހުރޭ. ދެންމެ ޠާރިޤް އެވާހަކަ އެ ވިދާޅުވީ. އަޅުގަނޑުމެންގެ ސަރުކާރެއްގެ ފަސް އަހަރު ނިމެގެންދާއިރު އިރާދަކުރެއްވިއްޔާ، މުޅި ރާއްޖެއަށް މޮބައިލް ޚިދުމަތް ތަޢާރަފުވެގެންދިޔަ ފަދައިން، މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް، އެއްހާސް ފައްސަތޭކައަށްވުރެ އާބާދީ ބޮޑުކަމަށްވަންޏާ ބޭންކުގެ ޓެލެމެޝިނެއް ހުންނާނެ، އޭޓީއެމް މެޝިނެއް ހުންނާނެ. އަދި ދެހާސް ފައްސަތޭކައަށްވުރެ އާބާދީ އިތުރުވެގެން ދާކަމަށްވަންޏާ ބޭންކުގެ ބްރާންޗެއް ހުންނާނެ. އަލިފުށްޓަކީ، ދެހާސް ފައްސަތޭކައަށްވުރެ އާބާދީ ބޮޑު ރަށެއް. އެހެންވީމާ، އަލިފުށި އުއްމީދުކުރައްވާ، އިންތިޒާރުކުރައްވާ ކަންތައްތައް ހުންނާނެ.
ހަމަމިއާއެކީ، ބައެއް ބޭފުޅުންގެ ލޮލުގެ ފޮއްސިކަމެއް ހުންނާތީއާއެކީވެސް، ރަށަށް އަންނަ ތަރައްޤީއާއި ދާއިރާތަކަށް އަންނަ ތަރައްޤީ ފެނިވަޑައިނުގަތަސް، އަޅުގަނޑު ދަންނަވާނީ، ތަރައްޤީގެ ބޮޑެތި ކަންކަން، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، މިހުރިހާ ދާއިރާއެއްގެ ބޮޑެތި ކަންކަމަށް ގިނަ ހޭދަތަކެއް ސަރުކާރުން ކޮށްފީމު. ގިނަ ހޭދަތަކެއްކޮށް، އަޅުގަނޑުމެން ދުވަހަކުވެސް އުއްމީދުނުކުރާ ރަނގަޅު ފެންވަރަށް، ރަނގަޅު ޚިދުމަތްތަކެއް ލިބޭ ތަންތަނަށް، ނޫނީ ރަނގަޅު ޚިދުމަތްތައް ލިބޭ ދާއިރާތަކަށް، ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާ ބަދަލުވެގެން އެދިޔައީ. އެހެންވީމާ، ދެން ކުރިއަށް އޮތް ފަސް އަހަރުގައި އަޅުގަނޑުގެ މަސައްކަތުގެ ބޮޑުބައި ނަގާނީ، މަސްވެރިންގެ ޙާލަތު ރަނގަޅުކުރުމަށް. މަސްވެރިކަމުގެ ޞިނާޢަތު މިއަދުގެ މިޒަމާނުގެ ވައްޓަފާޅިއަށް ބަދަލުކޮށް، އެ ޞިނާޢަތު އިތުރަށް ތަރައްޤީކުރަން ކުރަންޖެހޭ މަސައްކަތަށް. އަޅުގަނޑު އެކި ރަށްރަށުގައި ދައްކަމުން އަންނަ ވާހަކަތަކުގެ ތެރޭގައި މިކަންކަމާ ބެހޭގޮތުންވެސް އަޅުގަނޑު ވާހަކަ ދައްކައިފިން. ކޮންމެހެން އައިސް ގަންނާކަށް، ކޮންމެ ދޯންޏެއް އައިސްޕްލާންޓެއް ހުންނަ ރަށަށް ކައިރި ކުރާކަށް ނުޖެހޭނެ. ބޮޑެތި ދޯނިފަހަރުގައި އަމިއްލައަށް އައިސް އުފައްދައިގެން، ދޯނިފަހަރަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމު، ފުރަތަމަ އޮޑި އަޅުގަނޑުމެން ޓެސްޓުކޮށްފީމު. އެހެންވީމާ، މިހާރު އެހުރީ ވިޔަފާރީގެ އުޞޫލުން އެކަން ކުރާ މީހުންނަށް އެކަން ކުރެވޭނެގޮތް ފަސޭހަކޮށްދެވިފައި.
އަލިފުށްޓަކީ، ޞިނާޢަތްތަކަށް ލޯބިކުރާ ހީވާގި، މުރާލި ރައްޔިތެއް އޮތް ރަށެއް. އަލިފުށީގައި އަޅުގަނޑު އިޢުލާނު ކުރާނަން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ ރަށްރަށަށް އެރީމާ، ހުވަފެން ފެނުނީމާ އަޅުގަނޑުމެން ދައްކާ ވާހަކައެއްނޫން. އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ، ތައްޔާރުކުރާތާ އެތައް ޒަމާނެއްވީ މެނިފެސްޓޯއެއް. އަޅުގަނޑު ފުރަތަމަ ރިޔާސީ އިންތިޚާބަށް ނުކުތީ، އެކަށީގެންވާ ވަރުގަދަ މެނިފެސްޓޯއެއް ހިފައިގެން. އެ މެނިފެސްޓޯގައި ހުރި ވާހަކަތަކަކަށް، މެނިފެސްޓޯގައިހުރި މަފްހޫމްތަކަކަށް އޭރު އިދިކޮޅަށް މަސައްކަތްކުރެއްވި އެއްވެސް ބޭފުޅަކަށް ރައްދެއް ނުދެއްވުނު. އެ މެނިފެސްޓޯގައިހުރި ގިނަ ކަންތައްތައް އެހުރީ އިރާދަކުރެއްވިޔާ ﷲގެ ވާގިފުޅާއެކީގައި، އަޅުގަނޑުމެންގެ ޓީމުގެ މުރާލިކަމާއެކީ، އަދި ރައްޔިތުންނަށް އެޓީމުގެ ޝައުޤުވެރިކަން އޮންނަ މިންވަރުން، އިޚްލާޞްތެރިކަން އޮންނަ މިންވަރުން، މެނިފެސްޓޯގައިހުރި ގިނަ ކަންތައްތައް އެހުރީ، އަޅުގަނޑުމެން ކާމިޔާބު ކޮށްފައި. އެހެންވީމާ، މެނިފެސްޓޯގެ އެކި ދާއިރާގައިހުރި ވާހަކަތަކެއް އަޅުގަނޑުމެން އިތުރަކަށެއް ތަކުރާރެއް ނުކުރަން. އަޅުގަނޑުމެން ހަމަ މިފަހަރު މެނިފެސްޓޯގައި މި ހިމަނަނީ، އެންމެ ބޮޑަށް ކުރިއަށް ގެންދަން ބޭނުންވާ ދާއިރާތައް އަނެއްކާވެސް ފާހަގަކޮށްގެން. އެއީ ކީއްކުރަންތޯ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ހަތްދިހަ ހަ ހާސް ވަޒީފާ އުފެދިގެން ދިޔަކަމަށްވަންޏާ، ގޮސްފި.
ޝައްކެއްވެސްނެތް، މިއަދަކު ޒުވާނުންނެއް ނުފެންނާނެ. މިއަދަކު ކުރީގައި ކުށަށް އަރައިގަތް ގޮތަށް ކުށަށް އަރައިގަންނަ ޒުވާނުންނެއް ނުފެންނާނެ. އެމީހުންނަށް އެބަ އެނގޭ، އެމީހުންގެ އުންމީދެއް އެބައޮތްކަން. އެމީހުންނަށް އެބަ އެނގޭ، އެމީހުން ވަޒީފާއެއް އަދާކުރަން ބޭނުން ކަމަށްވަންޏާ ކޮންމެވެސްގޮތަކުން ރައީސް ޔާމީނު އެ މީހުންނަށް ވަޒީފާއެއް ހޯދައިދޭނެކަން. އެހެންނަމަވެސް، ވަޒީފާ އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުގެ މިފަހަރުގެ އަމާޒަކީ، އަޅުގަނޑުގެ މިފަހަރުގެ ހުރިހާ އަމާޒަކީވެސް، ފަސް އަހަރުގެ މުއްދަތު ނިމިގެންދާއިރު އަޅުގަނޑު އިރާދަކުރެއްވިއްޔާ ރާއްޖޭގެ 18 އަހަރުން މަތީގެ ކޮންމެ ކުއްޖަކީ، ގެދޮރުވެރި ކުއްޖަކަށް ހަދައިދިނުން. އަޅުގަނޑު އޮންނާނީ އިޢުލާނުކޮށްފައި. އަދި އެކަން ކުރާނެ ގޮތް އޮންނާނީ ދަންނަވާފައި. އަދި ހަމަ ކޮންމެ ކުއްޖަކީ ގެދޮރުވެރި ކުއްޖަކަށް ވެގެންދާއިރު، އެ ގެދޮރަށް އެކުއްޖަކު ކުއްޔެއް ދައްކަން ޖެހޭކަމަށްވަންޏާ، އަޅުގަނޑަށް އެބަ ވާޖިބުކުރޭ، އަޅުގަނޑުގެ ޟަމީރު އެބަ ވާޖިބުކުރޭ، އެއިން ކޮންމެ ކުއްޖަކީ، އާމްދަނީ ލިބޭ ވަޒީފާއެއްގައި އުޅޭ ކުއްޖަކަށް ހަދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަންވެސް ކުރާނަން. އަޅުގަނޑުގެ ދެން އޮންނަ ފަސް އަހަރު، އިރާދަކުރެއްވިއްޔާ ދެވަނަ ޓާރމް ނިމިގެންދާއިރު، ދިވެހިރާއްޖޭގައި 18 އަހަރުން މަތީގެ ކުއްޖެއް، ވަޒީފާއަށް ދާން ޝައުޤުވެރިކަން ހުންނަ ކުއްޖެއް، ވަޒީފާއެއް ނުލިބިހުރެގެން ނުވާނެ. މިއިން ކޮންމެ ކުއްޖަކަށް ވަޒީފާއެއް ލިބޭނެ. އަޅުގަނޑު މިކަން ކުރާނެ ގޮތްވެސް މިދަނީ ދަންނަވަމުން.
އަލިފުށީގައި މި ދަންނަވާލީ އަލިފުށީގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތް. މިތާ ކައިރީގައި ރިޒޯޓެއް ހެދޭނެ. ބޯޓު ޔާޑަކީ، ޒުވާނުންނަށް ވަޒީފާ ލިބޭ ތަނަވަސް ފުރުސަތު އޮތް ތަނަކަށް ވެގެންދާނެ. އަޅުގަނޑު ރ. އަތޮޅުގައި ދެންނެވިން ރ. އަތޮޅުގައި އިތުރު ރިޒޯޓުތައް ހުޅުވިގެން ދާނެއޭ. އަދި ރ. އަތޮޅުގައި މިހިރަ ވައިގެ ބަނދަރުތައްވެސް އިތުރު ބަނދަރު ހުޅުވުމަކީ ރ. އަތޮޅާ ދުރުކަމެއް ނޫން. ރާއްޖޭގެ އެކި ހިސާބުގައި ވައިގެ ބަނދަރު އެ ހެދެނީ ކީއްވެގެންތޯ؟ އެ ހިސާބުތަކުގެ ރައްޔިތުން ތަރައްޤީ ކުރުމަށްޓަކައި. އަލިފުށްޓާ މާ ދުރަކުނޫން ބިލެތްފަހި މިއޮތީ. ބިލެތްފަހީ ކައިރީގައި ރިޒޯޓެއް އެބަ ހެދޭ. އެއީ، އެކަށީގެންވާ ގިނަ ވަޒީފާ އުފައްދާނޭ ރިޒޯޓެއް. އެހެންވީމާ، އަލިފުށީގައި މަތިންދާބޯޓު ޖައްސާނެ ރަންވޭއެއް ހަދައިދެވޭނެ ވާހަކަ މިއަދުން މިއަދަށް އަޅުގަނޑަށް ނުދެންނެވުނަސް، އަޅުގަނޑު ދަންނަވާނަން ބިލެތްފަހީގައި އެއަރޕޯޓެއް އޮންނާނެއޭ. ބިލެތްފަހީގައި އެއަރޕޯޓެއް އޮންނާނެކަން އަޅުގަނޑުވާނީ މީގެކުރިންވެސް ދަންނަވާފައި. އެ ހިސާބުގަނޑަށް އެ އަންނަނީ ތަރައްޤީ. ހއ. އާއި ހދ. އަށް އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު އިރާދަކުރެއްވިއްޔާ ތިންހާސް ވަޒީފާ އުފައްދާނަމޭ. މަދުވެގެން ތިންހާސް ވަޒީފާ އުފައްދާނަމޭ.
އަޅުގަނޑު ދަންނަވާލިން، ގއ. އާއި ގދ. ގައި މި ދެއަތޮޅަށް މަދުވެގެން 10 ހާސް ވަޒީފާ އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު އުފައްދާނަމޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިން މަސްވެރިކަން ކުރަނީ، ހަމައެކަނި މި ހިސާބުގަނޑަކު ނޫން. އެން ހޯދުމަށްޓަކައި މަސް ބޭނުމަށްޓަކައި ގއ. ގދ. އާ ހަމައަށް ތިޔަބޭފުޅުން ސޮއްސާލާ. އެތަންތަނުގައި އެއްފަޅު ތެރޭގައި އެހުރި ރީތި ގިނަ ރަށްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެތަންތަނުން އުފެއްދޭނީކީ ހަމައެކަނި 10 ހާސް ވަޒީފާއެއް ނޫން. އެހެންނަމަވެސް، ރާއްޖޭގެ ހުރިހާ ދިމާއަކަށް މި ތަނަވަސްކަން އަޅުގަނޑު ބޭނުންވޭ ބަހާލަން. އަދި ހުރިހާ ދިމާއެއްގައި ޒުވާނުންނަށް ވަޒީފާ ލިބެން ބޭނުންވޭ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެރަށްރަށަށް ތަރައްޤީއާއި ތަނަވަސްކަން އަންނަން އަޅުގަނޑު ބޭނުންވޭ. އެހެންވެގެން އެތަނުގައި ކިތަންމެ ރިޒޯޓު ހެދޭނެ ފުރުޞަތު އޮތްނަމަވެސް އަޅުގަނޑު މިހާރު ކަނޑައަޅާފައި އެއޮތީ، އެބޮޑު ހުވަދޫ އަތޮޅަށް 10 ހާސް ވަޒީފާ އުފައްދަން.
ހަމައެއާއެކީ، ރ.އަތޮޅުގައި ދަންނަވާލާނަން، ރ.އަތޮޅަކީ ޞިނާޢީ މަސައްކަތްތަކަށް ލޯބި ކުރައްވާ ބޭފުޅުން ތިއްބެވި އަތޮޅަކަށްވާތީ، މިހާރުވެސް މިދަނީ ޒުވާނުންނަށް ޒުވާނުންގެ މަސައްކަތްތައް ކުރުމަށް ގެޓްސެޓް ލޯނުގެ ނަމުގައި ލޯނެއް ތަޢާރުފުކޮށްގެން، ސްކީމެއް ތަޢާރުފުކޮށްގެން ފައިސާދެމުން. އަޅުގަނޑުގެ ސަރުކާރުން އިރާދަކުރެއްވިއްޔާ މި ގެޓްސެޓް ލޯނަކީ، މީގެ ދެގުނަ ނޫން ތިންގުނައަށްވުރެ ބޮޑު ގެޓްސެޓް ލޯނު ސްކީމަކަށް ހަދަންބޭނުންވޭ. އެއީ މަސައްކަތްކުރަން ނުކުންނަށް ބޭނުންވާ ޒުވާނުންނަށް ޚާއްޞަކޮށް ތިންހަތަރު ޒުވާނުންނަށްވުރެ ގިނަ ޒުވާނުން އެކުލެވިގެން، ކުންފުނި ހަދައިގެން ނުކުންނަ ކަމަށްވަންޏާ، އެ ގެޓްސެޓް ލޯނުން އެމީހުންނަށް ފުރުޞަތު ލިބުން ކައިރި.
ހަމައެއާއެކީ ދަންނަވާލާނަން. އެސް.އެމް.އީ. ލޯނު ސްކީމެއް އަޅުގަނޑުމެން އެބަ ތަޢާރުފުކުރަން. އެއީ، މިހާރު އޮތް ލޯނު ސްކީމެއް ނޫން. މި ލޯނު ސްކީމުގެ ބޭނުމަކަށް ވާނީ، ހަމަ ޙަޤީޤަތުގައިވެސް، އަލިފުށީގައި ދަންނަވާލަން ބޭނުންވަނީ، މަސައްކަތްތެރި ރަށަކަށްވާތީ، އާދެ، އަލިފުށީގެ ބައެއް ބޭފުޅުންނަކީ ބޯޓު ބިލްޑިންގ އިންޑަސްޓްރީގައި އުޅުއްވާ ބޭފުޅުންނަށްވާތީ، އޭގެތެރޭގައި ޕްލެޝަރ ކްރާފްޓް، ލެޝަރ ކްރާފްޓް، ޔޮޓު ފަހަރު އަދި މަސްވެރިކަމަށް ނުކުންނަ އުޅަނދުފަހަރު އަދި ކީއްކުރަންތޯ ދަތުރުފަތުރަށް، ކަނޑު ދަތުރުފަތުރަށް ނުކުންނަ އުޅަނދުފަހަރު ބަންނަން، ނޫނިއްޔާ ބަނުމުގެ ކެޕޭސިޓީ ހުރި ރަށެއް އަލިފުށްޓަކީ. ހަމަގައިމުވެސް، އެ ފަންނުގެ ފަންނުވެރިން މިރަށުގައި އެބަތިބި. އެހެންވީމާ، މިފަދަ މީހުންނަށް، ފައިސާ އަދާކުރެވޭނެ ކަމުގެ ޤާބިލުކަން ހުރި މީހުންނަށް، އަޅުގަނޑުމެން ބޭންކުތަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި އެސް.އެމް.އީ. ލޯނު، އެސް.އެމް.އީ. ސްކީމު މި ތަޢާރުފުކުރަނީ. މިހާރު ލިބޭ އިންޓްރެސްޓަށްވުރެ މާބޮޑުތަން ލުއިކޮށް، މިފަދަ ފަރާތްތަކަށް އަޅުގަނޑުމެން ލޯނު ދޭނެ އެސް.އެމް.އީ. ލޯނެއް މި ތަޢާރުފުކުރަނީ. އިރާދަކުރެއްވިއްޔާ މީގެ މަންފާވެރިންނަކަށްވާނީ، ދޯނިފަހަރު އޮޑިފަހަރު ބަންނަ ފަރާތްތައް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ މި ޞިނާޢަތަކީ ކުރިއަށް ދާނެ ޞިނާޢަތެއް.
ދެން ހިންގަވާ މިރަށުގެ ބައެއް ސިޔާސީ ވާހަކަ ދައްކާލަމާ. އަޅުގަނޑުމެން މި ރަށަށް ސިޔާސީ ކަންކަމުގައި އަންނަން ފެށީ، އަޅުގަނޑުމެން މި ދެންނެވި ދުވަސްވަރު. އޭރު އަޅުގަނޑުމެންނާ ކުރިމަތިލީ ވަރަށް އަނިޔާވެރި ވެރިކަމެއް. ރާއްޖޭގެ އެކިދިމައިގައި ޢާންމު ވެގެންދިޔައީ، އަނިޔާވެރިކަމާއި ނުރައްކާތެރިކަން. އަދި އެކަން ޢާންމުވެގެންދާއިރު ފާޅުގައި، ރައްޔިތުންގެ ކުރިމަތީގައި އެކަހަލަ ވާހަކަ ދައްކަވަމުން، ފާޅުކަންބޮޑު ގޮތެއްގައި އެ ވިދާޅުވަނީ. އޭގެތެރޭގައި، ބައެއް ވާހަކަތައް އެވިދާޅުވީ، ގޯތިގެދޮރުގެ ކަންކަމުގެ ވާހަކަ ވިދާޅުވީ ކީކޭތޯ؟ ތިމަންނަމެންގެ ޕާޓީގެ މީހުންނަށް ގޯތިގެދޮރު ދީފައި ނޫނިއްޔާ، ފްލެޓުދީފައި ނޫނިއްޔާ އެހެން ބަޔަކަށް ގޯއްޗަކީ، ގެދޮރަކީ ހުންނައެއްޗެއްކަންވެސް ނޭނގޭނެއޭ. މިކަހަލަ އެތައް ވާހަކައެއްނޫންތޯ ދެއްކީ؟ އަޅުގަނޑުމެން މިތަނަށް އައީ، އެކަހަލަ ނާމާން ދުވަސްވަރެއްގެ ތެރޭގައި. އެކަހަލަ ހިތްދަތިކަމުން، ނުރައްކާތެރިކަމުން، ނާންމާންކަމުން، ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި. ސަލާމަތުގެ އައްސޭރިއަށް ރައްޔިތުން ގެންދިއުމަށްޓަކައި.
ދިވެހިރާއްޖެއަކީ، މި ދެންނެވިގޮތަށް، އަޅުގަނޑުމެން އެންމެ ކުރީ ޒަމާނުން ފެށިގެން، ދޭތެރެދޭތެރެއިން އަޅުގަނޑުމެންނާ ތޮޅެން ބޭރުގެ ފަރާތްތަކުން އައިނަމަވެސް، އަޅުގަނޑުމެންނަކީ، އަމާން ޤައުމެއް. އަޅުގަނޑުމެންނަކީ، ޞުލްޙަޔަށް ލޯބިކުރާ ބައެއް. އަޅުގަނޑުމެންނަކީ، އަވަށްޓެރިންނަށް ކަމޭހިތާ ބައެއް. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ރަށްރަށުގައި ތިބޭއިރު، މުޖުތަމަޢުގައި ތިބޭއިރު، އެއްވެސް ކަހަލަ ހަލަބޮލިކަމެއް މުޖުތަމަޢަށް އަންނަން ބޭނުންވާ ބައެއްނޫން. ހަމަ އިސްލާމީ ރިވެތި އުސޫލުތަކުގައި ތިބެގެން، އެކަކު އަނެކަކަށް އިޙްތިރާމުކޮށްގެން، އަދި އަމުދުން ދޮށީ ރައްޔިތުންނަށް ކަމޭހިތައިގެން، މުދައްރިސުންނަށް ކަމޭހިތައިގެން، ޑޮކްޓަރުންނަށް ކަމޭހިތައިގެން އުޅޭ ބައެއް. މި ޘަޤާފަތަށްވީ ކިހިނެއްތޯ؟ ރައީސް މައުމޫނުގެ ސަރުކާރު ނިމެމުންއައިއިރު މިތަނަށް އެ އުފަންވި، ނޫނީ އުފަންކުރި ޚިޔާލެއްގެ ސަބަބުން ދިމާވީ މިކަހަލަ ހުރިހާ ކަންކަމަކާއި ގޮންޖެހުން. އިސްމީހެއް، ދޮށީމީހެއް، ކަމެއް ކޮށްދޭމީހެއް، ޚިދުމަތްތެރިއެއް، ދޮށީ ރަށްވެއްސެއް، މިއީކީ ދަންނަބައެއް ނޫން. ހަމަ ގަދަބާރުން ކޮންމެކަމެއް ކުރަން ދިމާކުރީ. މިހާރު މިނިވަންކަން ނެތިގެން އެއުޅެނީ، ގަދަބާރުން ކުރިން ކުރަން ނުކުންނަ ކޮންމެކަމެއް ކުރުމަށް، އެކަމަށް އެމީހުންނަށް ނުކުޅެދިގެންވާތީ. އެކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރަކު ނުވާނެ. އެ ބޭފުޅުން އެ ވިދާޅުވާ މިނިވަންކަމެއް އެގޮތަކަށް ނުލިބޭނެ. އެކަމަކު މިނިވަންކަމާއެކީ ވާހަކަދެއްކުމާއި، މިނިވަންކަމާއެކީ ތަންތަނަށް އެއްވެ އުޅުމަކީ، އެބޭފުޅުންނަށް ކުރެއްވޭނެ ކަންކަން.
އެކަހަލަ ދުވަސްވަރެއްގައި އެވާހަކަ ދައްކަން އަޅުގަނޑުމެން މިތަނަށް އައީ. މިތަނަށް އައިއިރު، އެދުވަސްވަރު އަޅުގަނޑުމެން އެންމެ ވަރުގަދަޔަށް ދައްކަމުން ދިޔައީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސްމާލެއްގެ ގޮތުގައި އޭރުއޮތީ، އަޅުގަނޑުމެންގެ އެއަރޕޯޓު. އެއަރޕޯޓު ވިއްކާލި ވާހަކަ އަޅުގަނޑުމެން ދެއްކީ. ރާއްޖޭގެ ކަންތައްތަކުގެ ވާހަކަ ދައްކާކަމަށް ވަންޏާ އެ އެއަރޕޯޓު މިހާރު މި ހަދާފެންވަރަށް އަޅުގަނޑު ހަމަ އެކިތަންތަނުގައި އެވާހަކަ ދައްކަމުން މިދަންނަވަނީ، އެ ގެންދިޔުމުގެ ހަމަ ޤާބިލުކަން އަޅުގަނޑުމެންނަށް ލިބުނީ، ހަމަ ބޮޑު އަގުދީގެން ނަމަވެސް އެއަރޕޯޓު އަނބުރާހޯދުމުން. 78 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭނެކަމަށް ބުނީ. 78 މިލިއަން ޑޮލަރަށް އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފައިސާއިން ހަދާފައިއޮތް އެއަރޕޯޓެއް ދޫކޮށްލީ. އަލިފުށީގައި ހަމަ ގައިމު ވިޔަފާރިކުރާ މީހުންތިބޭނެ. އަޅުގަނޑުމެން ހަދާ ނިންމާފައި އޮތް އެއަރޕޯޓެއް 78 މިލިއަން ޑޮލަރަށް، އަޅުގަނޑު ބުނާނީ ހަމަ ދިނީއޭ. އެބޭފުޅުން ވިދާޅުވާނީ، ދިގުމުއްދަތަށް ކުއްޔަށްދިނީއޭ. އެއީކީ އަޅުގަނޑުމެންނަކަށް އެމީހުންއަތުން އަތުލެވޭ ގޮތަކަށް އޭގެ އެގްރީމެންޓުތައް ބައްޓަންކޮށްފައި، ފަރުމާކޮށްފައި އޮތް އެގްރީމެންޓެއް ނޫން. ރަނގަޅު ވިޔަފާރިއެއް ކުރެވުނީ. އެއަރޕޯޓު އަނބުރާހޯދަން އަޅުގަނޑު ޚަރަދުކުރަންޖެހުނު 320 މިލިއަން ޑޮލަރު. އެ އެއަރޕޯޓަށް އަޅުގަނޑުމެންނަށް ލިބުނުކަމަށް އެވަނީ، ނޫނީ ލިބޭނެކަމަށް ބުނެފައި އޮތީ 70 މިލިއަން ޑޮލަރު. އަދި ކޮބައިތޯ؟ އެއަރޕޯޓު ތަރައްޤީކުރުމަށް އެފަރާތުން އެކި ބޭންކްތަކުން ނަގާ ބޭންކުތަކަށް ބޭންކް ގެރެންޓީއާއި، ބޭންކަށް ގެރެންޓީ ކަށަވަރުކޮށްދިނުމަށް އެ ފައިސާ ދައްކާނެކަމަށް. އެއީ، ލާރި ނަގާމީހުން ފައިސާ ނުދައްކާނެކަމަށްވަންޏާ ދިވެހި ދައުލަތުން އެ ފައިސާ ދައްކާނެކަމަށް ސޮވްރިން ގެރެންޓީ ހުރީ، ހުރިހާ ފަރާތަކަށް ދީފައި. އެހެންވީމާ، ދައުލަތް ދަރާ ވިކުނީކީ ވަކި ވަރަކަށްނޫން. އެހެންވީމާ، އެ ހުރިހާ ކަމެއް ނިމުމަކަށް ގެންނަންޖެހެނީ.
އަޅުގަނޑު ހަމަ އިތުރު ވާހަކައެއް ދަންނަވާލާނީ މީގެ ތަފްޞީލުތައް އަޅުގަނޑުގެ ދަތުރުގެ ކުރިއަށްހުރި މަންޒިލްތަކުގައި ހާމަވަމުންދާނެ. ފުރަތަމަ އަޅުގަނޑުމެންގެ އެއަރޕޯޓު ކުއްޔަށްދޭން އިޢުލާނު ކުރިއިރު، ދިރާސާކުރި ފަރާތްތަކުން އެ އައިސްފައިހުރި އެޕްލިކޭޝަންތައް ނޫނިއްޔާ އެކަމަށް ކުރިމަތިލާފައިހުރި ޝައުޤުވެރި ފަރާތްތައް ކުރިމަތިލާފައި ހުރިއިރު ސަރުކާރުން އެ އިވެލުއޭޓް ކުރިއިރު، ޝޯޓްލިސްޓް ކުރި ފަރާތްތަކުގައި އެއީ، އެބަޔަކާއެކީ ވާހަކަ ދައްކާލައިގެން އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ލިބޭ ލިސްޓު. މިސާލަކަށް، ކަމަކަށް ޝޯޓްލިސްޓް ކުރެވިދާނެ 25 މީހުން ކުރިމަތިލައިފި ކަމަށްވަންޏާ އެންމެ ރަނގަޅަށް އެމީހުންނާ ވާހަކަދައްކައިގެން ކުރިމަތިލުމަށް ޝޯޓްލިސްޓް ކުރެވިދާނެ 5 މީހުން. އެހެންވީމާ، ޝޯޓްލިސްޓް ކުރުމަކީ އެކަންކަން ކުރެވޭނެކަމަށް ޤަބޫލުކުރާ، އެ މާލީ ތަނަވަސްކަން ހުރިކަމަށް ޤަބޫލުކުރާ އަދި އެއިން އެންމެ ރަނގަޅު ނަފާއެއް ސަރުކާރަށް ލިބޭނެކަމަށް ބަލަން އޮންނަ ވަސީލަތެއް. މި ޝޯޓްލިސްޓް ކުރެވުނު ކުންފުނިތަކުގެ ތެރޭގައި ޖީ.އެމް.އާރެއް ނުހިމެނޭ. ދެން މިއަށްވުރެ ބޮޑަށް އޮޅުވާލުމެއް މިއަށްވުރެ ބޮޑު ގެއްލުމެއް ދޭނީ ކިހިނެއްތޯ؟ ފުރަތަމަ އެއަރޕޯޓަށް ޝައުޤުވެރިކަމާއެކީ ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓް ކުރެވުނީމާ، އެއަރޕޯޓް ދޭކަށެއް ޝޯޓްލިސްޓެއް ނުކުރެވޭ ޖީ.އެމް.އާރެއް. އެހެންވީމާ، ކޮންމެވެސް ކަންތައްތަކެއް މިއޮތީ، މީގެ ތެރެއަށް ވަދެފައި.
އަދި ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން މިއަދު ރިޔާސީ ކެންޑިޑޭޓަކަށް އިދިކޮޅުން ނުކުންނަން ހުންނެވި ބޭފުޅާ މަޖިލީހުގައި އިންނަވާނެ. އޭރުވެސް އެއީ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު. އަޅުގަނޑުމެން މާލިއްޔަތު ޤާނޫނަށް އިޞްލާޙެއް ގެނައިން، މިކަން ނުކުރެވޭގޮތަށް. އަޅުގަނޑުމެން އިޞްލާޙެއް ގެނައިމު މަޖިލީހުގެ ބަހެއް ހޯދައިގެން ނޫނިއްޔާ ދައުލަތުގެ ހަރުމުދާ، ކުއްޔަށްދީ ވިއްކާލާ ނުހެދޭނެކަމަށް. މަޖިލީހުން އެ ޤާނޫނު ފާސްކޮށްފައި އެ ބިލް ފާސްކޮށްފައި ރައީސް އަރިހަށް ހުށަހެޅީމު. ރައީސް ނަޝީދު ބިލެއް ތަސްދީޤެއް ނުކުރޭ. ރައީސް ނަޝީދު ބިލު ތަސްދީޤު ނުކުރައްވާ، އަދި ކަންތައް ދިޔައީ ކިހިނެއްތޯ؟ އޭރު އޮތް އެއަރޕޯޓު ކުންފުނީގެ ބޯޑަކުންނެއް ޖީ.އެމް.އާރަކަށް އެއަރޕޯޓެއް އެގޮތަށް ދޭކަށް އެއްބަހެއްނުވި. ބޯޑުގައި ތިބި ހުރިހާ އެންމެން ބަދަލުކޮށްލީ. ބޯޑުގައި ތިބި އެންމެން ބަދަލުކޮށްލީ. ބަދަލުކޮށްފައި، އާ ބަޔަކު ބޯޑަށް ލީ. އަޅުގަނޑުމެން ފާސްކުރި ބިލަށް ނޫނީ ޤާނޫނަށް ހެއްދެވީ ކިހިނެއްތޯ؟ ޤާނޫނަށް ޤާނޫނީ ބާރުވެރިކަން ނުލިބޭނެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރިއްޔާ ނޫނީ. ރައީސް ތަޞްދީޤެއް ނުކުރެއްވި. ރައީސް ތަޞްދީޤް ނުކުރައްވާ މިދެންނެވި ހުރިހާކަމެއް ކުރައްވާފައި ޖީ.އެމް.އާރަށް އެއަރޕޯޓް ދެއްވުމަށްފަހު އެ ތަސްދީޤް ކުރެއްވީ.
ދެން އަޅުގަނޑުމެންގެ ތެރެއިން މުޒާހަރާއަށް ނުކުތީ. ދެން އަޅުގަނޑުމެންގެ ތެރެއިން އަޑު އުފުލަން ނުކުތީ. އެ އަޑު އުފުލަން ނުކުތް ބޭފުޅުންގެ ތެރޭގައި އޭރު ހުންނަވާނެ ތަސްމީނުވެސް، ފަހުން އެމް.ޑީ.ޕީ އަށް ވަޑައިގެންނެވިއިރު ހަނދުމަފުޅުނެތީ. އޭރު ހުންނަވާނެ ޤާސިމް އިބްރާހީމް. ބޭރުގައި މިކަންކަން އިޝްތިހާރު ކުރުމަށާއި އަޅުގަނޑުމެންގެ ޙައްޤު ހޯދަން ޖީ.އެމް.އާރު އަތުން އެއަރޕޯޓު އަނބުރާ ހޯދަން، ހުރިހާ ކަމެއްގައި ފައިސާ ހޭދަކުރައްވަން އޭރު އެއްބަސްވެވަޑައިގަތީ ޤާސިމް. ހަނދުމަފުޅު ހުންނަންވާނެ އެކަން. ހުރިހާ ޤާނޫނީ މަސައްކަތެއް ކުރައްވަން އެއްބަސްވެވަޑައިގަތީ، ޙަސަން ސަޢީދު. ޤައުމީ ޕާޓީން އެއްބަސްވެވަޑައިގަތީ. ޙަސަން ސަޢީދާއެކީ އެންމެ އިސްކޮށް އޭރު އުޅުއްވާ ތިން ހަތަރު ބޭފުޅުން އަޅުގަނޑުމެންނަށް މިފެންނަނީ މިއަދު، އަނެއް އޮޑީގައި ކަނބާތަން. ޑޮކްޓަރ ޖަމީލާއި، މަލީޙާއި، އަމީން. މި ބޭބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އެ އެއަރޕޯޓުން އަޅުގަނޑުމެންނަށް އޮތީ ކިހާވަރެއްގެ ގެއްލުންކަން ލިބެން. އޭރު ވަރަށް ދޫފަރިތަކޮށް ހިސާބު އަކުރުތައް ފަސޭހަކަމާއެކީ އެބޭފުޅުން ވިދާޅުވެދެއްވީ.
މިއަދު ކީއްވެގެންތޯ ރައްޔިތުން ކައިރީ އެވާހަކަ ނުދައްކަވަނީ؟ އޭރުވެސް، މިހާރުވެސް އެއްގޮތަކަށްހުރެ، އެވާހަކަތައް ދައްކަންހުރި މީހަކީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑު އެވާހަކަ ދައްކަންޖެހެނީ. އަޅުގަނޑު އެވާހަކަ ދައްކާނަން. އަދި އަޅުގަނޑު މިދައްކާ ވާހަކައަކަށް އެބޭފުޅުންނަކަށް ޖަދަލެއް ނުކުރެއްވޭނެ. އެހެންވީމާ، އޭރު ހޯދައިނުދެވުނު އިންސާފެއް، އޭރު ރައްޔިތުންނަށް ކޮށްނުދެވުނު ކަމެއް، އެބޭފުޅުންގެ މަގާމުގެ ނުފޫޒުތައް އޮތްއިރު، ސަރުކާރު ހިންގުމުގެ ބާރާއި މަޖިލީހުގެ ބާރު އޮތްއިރު، ނުކޮށްދެވުނު ކަމެއް މިއަދު ނުކުމެ ކޮށްދެވޭނެކަމަށް ތިޔަބޭފުޅުން ޤަބޫލު ނުކުރައްވާ. އޭރު އިޤްތިޞާދު ހީނަރުވެގެން ދިޔަތަން އެބޭފުޅުންނަކަށް ފެނިވަޑައެއް ނުގެންނެވި. ހަމަ މި މުޢާމަލާތުން އެކަނި، 320 މިލިއަން ޑޮލަރު ސަރުކާރުން ހޭދަކުރަން ޖެހުނޭ. 320 މިލިއަން ޑޮލަރަކީ، ބަނދަރު ފުންކުރަން ބޭނުންވާ ބަނދަރު ކަމަށްވަންޏާ 80 ބަނދަރަށްވުރެ ގިނަ ރަށުގެ ބަނދަރު އެއީ.
ގައިމު މިއޮތީ ކަންތައްތަކެއް ވެފައިތާ. އެއީ ކަނޑައެޅި އެނގި ތިބެގެން އޮޅުވާލުމެއްގެ ތެރެއިން ކޮށްފައިހުރި ކަންތައް. އެއީ، އެ ޤާނޫނު ތަޞްދީޤް ނުކުރެއްވުން އެއްކަމެއް. ޝޯޓްލިސްޓް ކުރެވިފައިނުވާ ކުންފުންޏަކާއެކީ ވާހަކަ ދައްކައިގެން ކުންފުންޏަކަށް ދޫކޮށްލުން. ބޯޑުން އެއްބަސް ނުވީމާ، ބޯޑު ބަދަލުކޮށްފައި އެކަން ކުރުން. މިއީ އޮޅިގެން ދިޔަކަމެއްނޫން. މިއީ، ގަސްދުގައި ކޮށްފައިހުރި ކަންކަން. ކޮރަޕްޝަންގެ ކަންކަން ޢާންމުކޮށް ހުންނަނީ، އެންމެ މަތީގައި ތިބޭ މީހުންނަށް ނޭނގި ހިނގާފައި. އެކަމަކު މިކަމަކީ ފާޅުކަން ބޮޑު ގޮތުގައި މިކަންކުރަން މިގޮތަށް ބޭނުންވެގެން ސަރުކާރުގެ އެންމެމަތިން ފެށިގެން މިކަން ކޮށްފައި އޮތްގޮތް. އޭރު ތިއްބެވި އެބޭފުޅުންގެ މެންބަރުން. އޭރުވެސް އެބޭފުޅުންގެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރެއް ހުންނަވާ. މިއަދު އެ ލީޑަރު ނުކުމެވަޑައިގެން ތިޔަބޭފުޅުންގެ އަރިހަށް ވަޑައިގަތީމާ މިވާހަކަތައް ދައްކަވާ.
އެހެންވީމާ، އިޤްތިޞާދީ ވާހަކައާއި މިކަހަލަ ވާހަކަ ދައްކާއިރު އެބޭފުޅުންނަށް އިޤްތިޞާދީ ތަރައްޤީއެއް ނުފެނުމަކީ ދެރަކަމެއް. އެހެންވެގެން ދޮގެއްތޯ އަޅުގަނޑުމެން ހަމަ ހިލޭ އާސަންދައިން އައިނުވެސް ބަހަމުން މިގެންދަނީ. އެހެންވީމާ، އަދިވެސް ކުރިއަށްއޮތް ތަނުގައިވެސް ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަންކަން ކުރާނަން. ޤައުމަށް ހެޔޮއެދޭ ކަމަށްވަންޏާ މިކަހަލަ ވާހަކަތަކެއް އެބޭފުޅުން ދައްކަވަން އެބަޖެހޭ. މިހާރު ކީއްތޯ އެ ކުރައްވަނީ؟ މިހާރު ރައީސް ޔާމީން ކޮށްފައިހުރި ކޮންމެކަމެއް އިތުރަށް ކޮށްދެއްވަނީ. ނުކުރެވި އޮތްކަމެއް ނިމެމުންދާ ކަމަށްވަންޏާ އިތުރަށް ކޮށްދެއްވަނީ. އެބޭފުޅުން ނުކުމެވަޑައިގަތީކީ އެބޭފުޅުން ޗާޓެއް ހިއްޕަވައިގެނެއްނޫން. އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާކަމެއް ކުރައްވާކަށެއްނޫން. އަޅުގަނޑަކަށް ނުވިސްނޭ ހަމަ މިހާރު ލީޑަރުންގެ ގޮތުގައި އެއްކޮޅަށް އެ ތިއްބެވި ބޭފުޅުންނަކީ އޭރުވެސް އެއްކޮޅުގައި ތިއްބެވި، ފަހުން އެއްބަޔަކު އަނެއްބަޔަކާ ކަރުހިފި، ފަހުން އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި، ދުވަހަކުވެސް ދެން ރައީސް ނަޝީދާ އެއްކޮޅަކަށް ނާރާނަމޭ. ރައީސް ޔާމީން ދައްކައިފިއްޔާ ފާޚާނާ ސާފުކުރާނަމޭވެސް ބުނި މީހުން ތިބި. މިހާލުގައި ތިބި މީހުން އެތިބީ. މިހާލުގައި ތިބި މީހުން އޭގެ ތެރޭގައި ތިބީ. އެހެންވީމާ، ސިޔާސީ ލީޑަރަކަށްވެގެން ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކުރިކަމަކީ ކޮބައިހެއްޔޭ؟ ނެތޭ ކުރެވިފައި ކަމެއް.
އެހެންވީމާ، ދެން މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ޤައުމު އޮޔާދާ ވާހަކަދެއްކީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން ދަންނަވާނަން، އަޅުގަނޑު ޅެން ބައިތެއް ނުކިޔާނަން. އެކަމަކު މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވަންޏާ، މާލެ އޮޔާދާން ނުކުންނާނީ ގާދޫކޮލުން. މިއަދު ގާދޫކޮލުގައި އެއޮތީ ބްރިޖެއް. މާލެ އަޅައިގަންނާނީ އެ ބްރިޖުގައި. އެއަށްވުރެ އޮއިގަދަވެގެން ނުކުންނަންޏާ، އަޅުގަނޑުމެން ހަމަ މާލޭގެ އެއް ފަރާތުގައި، ވާ ބައްދާލާފައި ކަފު ޖަހާނީ، ބްރިޖުގެ އެއްފައިކައްޓަށް. އެމް.ޑީ.ޕީ. ބޭފުޅުން ވަޑައިގަންނަވަންވާނެ އަޅުގަނޑަށް އެހީތެރިވާން. އަނެއް ވާ ބައްދާފައި އަޅުގަނޑު ކަފު ޖަހާލާނީ، މާލޭގެ ހުޅަނގު ދެކުނު ސަރަޙައްދުގައި އެހެރަ 25 ބުރީގެ ޢިމާރާތުގެ ބުޑަށް. އެމް.ޑީ.ޕީ. ބޭފުޅުން ވަޑައިގަންނަވާ މިކަން ކޮށްދެއްވަން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ރ. މީދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
ގަދަކީރިތިވަންތަ اللّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ، محمّد رسول اللّـه صلّى اللّــــه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑު ހުއްޓި މިހުރީ ޙަޤީޤަތުގައި ހޫނުވެސްވޭ، އެކަމަކު އެއަށްވުރެ ބޮޑަށް ދަންނަވާލަން ބޭނުންވަނީ، ހާދަ ހޫނު ފިޔަވަޅެއްގެ މަތީގައޭ. އަޅުގަނޑު ހިތަށްއެރީ، ޢަބްދުއްރަޙީމްގެ ވާހަކަފުޅަށްފަހު އަޅުގަނޑަށް ބައިގަޑިއެއްހާއިރު، އަޅުގަނޑު ނޭވާލުމުގެ ނިޒާމު ހަމަޖައްސާލަން ވަގުތުކޮޅެއް ލިބޭނެނަމައޭ. ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ދެން އިތުރަށް ވަކި ކޮން ވާހަކައެއްތޯއޭ ދަންނަވަންވީ.
މީދޫގައި، މިއަދު މި އިވިގެންދިޔަ ވާހަކަތަކަކީ ޚާއްޞަކޮށް، ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުތަކަކީ، އަޅުގަނޑުމެން މާލޭގައި ބާއްވާ މައި ރެލީގައިވެސް އަޅުގަނޑުމެން ދައްކަން ބޭނުންވާ ކަހަލަ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވޭ، ރ. އަތޮޅަކީ އަޅުގަނޑުމެންގެ ތާއީދު ބޮޑު އަތޮޅަކަށްވެފައި، ރ. އަތޮޅަކީ ރާއްޖޭގެ އާބާދީގެ ތިންވަނަ އަތޮޅުކަމަށްވާއިރު، ރ. އަތޮޅަށް ކުރާ ޒިޔާރަތެއް ނިންމާލާފައި، އަޅުގަނޑުމެން ރ. އަތޮޅުން ނުކުންނައިރު، މިވަރުގެ ރެލީއެއް، މިވަރުގެ ވާހަކަތަކެއް އަޅުގަނޑުމެންގެ ތެރެއިން އެކަމަގެ ޖޯޝްހުރި، އެކަމަށް ކުޅަދާނަ ބޭފުޅަކު ހަދިޔާ ކުރައްވަންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން. އަދި އެކަމަށް އެންމެ ހިތްވަރުދެއްވީ، ޖެހިގެން އޮތް ދާއިރާގެ މެންބަރު ފަލާޙު. ފަލާޙު ވަރަށް ވަރުގަދަޔަށް އެހެން ބައެއް ދިމަދިމާއަށް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، ހަމަ ތިޔަބޭފުޅުންނަށް ދެންމެ ހަދިޔާވެގެން އެދިޔައީ، ޢަބްދުއްރަޙީމްގެ، ދެންމެ ޝަރީފުގެ ވާހަކަފުޅުގެ ބަސްކޮށާރު، އަޅުގަނޑަކަށް ނޭނގެ، އެއަށް ކިޔަންވީ ބަސްކޮށާރު ކަމެއް. އެހެންނަމަވެސް، ޢަބްދުއްރަޙީމްގެ ވާހަކަފުޅު، ތިޔަބޭފުޅުންނަށް އިވިގެން އެދިޔައީ. ދެން އަޅުގަނޑަކަށް ނޭނގެ، ވަކި އެޔާ ގުޅިގެން އިތުރަށް ދައްކަންވީ ކޮންވާހަކައެއް ކަމެއް.
އެހެންނަމަވެސް، މި ފިޔަވަޅުމަތީގައި ހުންނައިރު، ރައްޔިތުންނާ ބައްދަލުކުރާއިރު، އަދި މުހިންމު ދުވަހެއް ކުރިމަތީގައި އޮންނައިރު، އަޅުގަނޑުވެސް ތިޔަބޭފުޅުންގެ އަރިހުގައި ކޮންމެވެސް ވާހަކައެއް ދަންނަވަންޖެހޭނެ ދޮގެއްތޯ؟ މީދުއަށް އަޅުގަނޑު މިކުރާ ޒިޔާރަތުގައި، މީދޫ ތައްޔާރުވެފައި އޮތް މިންވަރާއި، މީދޫގެ ރައްޔިތުންގެ ޝައުޤުވެރިކަން އަޅުގަނޑުމެންނާ ދޭތެރޭގައި، ތިޔަ ބެހެއްޓެވި ކަންކަމުން، އަޅުގަނޑުމެންނަށް މީދޫން ތިޔަ ވިދާޅުވި މެހްމާންދާރީން، މަރުޙަބާއިން، ތިޔަބޭފުޅުންގެ ހިތްޕުޅުތައް އަޅުގަނޑުމެންނާ ގުޅިފައިވާ މިންވަރު، އަދި ތިޔަބޭފުޅުންގެ ޝުޢޫރުތައް އަޅުގަނޑުމެންނަށް އިޚުލާޞްތެރިކަން ބަޔާންކޮށްދޭ މިންވަރު، އަޅުގަނޑަށް ކިތަންމެހާ ރަނގަޅަކަށްވެސް ސާފުވެގެންދޭ. ތިޔަ އެންމެހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކީ އަޅުގަނޑު މި މަރުޙަބާ ދަންނަވަނީ، މީދޫގައި މިވަގުތަށް ބޭނުންވެފައި ހުރި މަގުތައް ހަދައި ނިމުމުގެ އުފަލުގައި އަޅުގަނޑު ބައިވެރިވުމަށް މީދުއަށް އައިމާ، ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ އެންމެހައި ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
ދެންމެ ކައުންސިލްގެ ރައީސް، އަޅުގަނޑަށް ހަދިޔާކުރެއްވި، މީދޫގެ ފަރާތުން މީދޫގެ އިޚުލާޞްތެރިކަން. ކައުންސިލްގެ ރައީސް ވިދާޅުވި، 23 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ތިމަންނާމެން ބޮޑު ހަދިޔާއެއް ދޭނަމޭ. މިއީ ހަމަ ކުރުކުރު ވަގުތުކޮޅެއްގެ ތެރޭގައި، ރައީސް ކޮށްދިން ކަންތައްތައް، ތިމަންނާމެންގެ ހިތުގެ އަޑިން ބަލައިގަންނާތީ، ތިމަންނާމެންގެ ފަރާތުން، ތިމަންނާމެންގެ އިޚުލާޞްތެރިކަން ބަޔާންކޮށްދޭ، ރަމްޒުކޮށްދޭ ހަދިޔާއެކޭ މިއީ. އެހެންވީމާ، އަޅުގަނޑު މީދޫގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ބައެއް ވާހަކަ ދެއްކުމުގެ ކުރިންވެސް، އަޅުގަނޑު ފުރަތަމަ ދަންނަވަން ބޭނުންވަނީ، 23 ވަނަ ދުވަހު މި ނަގާ ވޯޓުގައި، ތިޔަބޭފުޅުން ތިޔަ ދެއްކެވި ތަރުޙީބު ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާ، ބެހެއްޓެވި މެހްމާންދާރީ، ވޯޓަށް ބަދަލުކޮށްދެއްވާށޭ. ތިޔަ އެންމެހާ ބޭފުޅުން އަޅުގަނޑުގެ މަތިން ހަނދާންކުރައްވައި، އެއް ނަންބަރު ފާހަގައިގައި ރަނގަޅު ފާހަގަ ޖައްސަވާ. އެނޫން އެހެން ނަންބަރެއް ކަރުދާސްކޮޅުގައި އޮތްކަމާ ދޭތެރޭގައި، އެއްގޮތަކަށްވެސް ވިސްނާނެ ޖާގައެއް ނެތް. މީދޫގައި އަޅުގަނޑަށް މި ވާހަކަ ދައްކަން ހަމަ ޙަޤީޤަތުގައިވެސް ފަސޭހަވެގެން މިދަނީ، އަޅުގަނޑުގެ ކުރިންވެސް މިތަނަށް ބޭބޭފުޅުން ދަތުރުކުރެއްވިކަން އަޅުގަނޑަށް އެނގޭ. އެހެންވެގެންނާވެސްއެކީ އަޅުގަނޑު މީދޫގައި، މިވާހަކަ މި ދަންނަވާލީ. މީދޫން އެހެން ބޭފުޅުންނަކަށް ޖާގަ ނެތްކަން، ތިޔަބޭފުޅުން ކިތަންމެހާވެސް ސާބިތުކަން ބޮޑު ގޮތެއްގައި ދައްކަވައިދެއްވައިފި.
އަޅުގަނޑު މީދޫގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މީދޫން އަޅުގަނޑަށް އެބަ ފުރުޞަތެއް ދެއްވަންޖެހެއޭ، މީދުއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި. އެހެންވީމާ، އަޅުގަނޑުގެ ކައިރިއަށް ހުށަހެޅިގެންދިޔައީ، މީދުއަށް މިހާރު ބޭނުންވެފައި ހުރި ކަންކަން. އެކަމަކުވެސް އަޅުގަނޑު ހަމަ ދަންނަވާލާނީ، އެއާއެކީވެސް މީދޫން އަޅުގަނޑަށް މިކަންކަން ކުރުމުގެ ޤާބިލުކަން، ތިޔަބޭފުޅުން އެބަ ދެއްވަންޖެހެއޭ. ފުރުޞަތު އަޅުގަނޑަށް އެބަ ދެއްވަންޖެހެއޭ. ރައްޔިތުންނާއެކީ ދެން އަޅުގަނޑުކުރާ އުއްމީދުތަކުގައި، އިތުރަށް ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވެގެން އެބަ ދާންޖެހެއޭ. އެ ވާހަކަ ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާނަން، މީދުއަކީ މިއަތޮޅުގެ ފެންވަރުން ބޮޑު އާބާދީއެއް އޮތް ރަށެއް. ރާއްޖޭގެ ފެންވަރުން އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ޝައްކެއްވެސްނެތް ނުހިމެނޭނެ. އެހެންނަމަވެސް ރަށެއްގެ އާބާދީއަށް ބަލާކަމަށްވަންޏާ، މިއީ ބޮޑު އާބާދީއެއް އޮތް ތަނެއް. ރަށް މިއޮތީ ފުރިފައިކަން އަޅުގަނޑު ގަބޫލުކުރަން.
އެހެންވީމާ، މީދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ، ރަށްބޮޑުކުރުން ކަމުގައިވާތީ އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެންމެ ފުރަތަމަ، އެންމެ ކުރީގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިރަށުގެ ބިން ބޮޑުކޮށްދޭނަން. އެހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑުމެންގެ ވާދަވެރިން، ނޫނީވިއްޔާ، އަޅުގަނޑާއެކީ، ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންނަށް މިއީ އުނދަގުލަކަށްވަނީ. މި އަރަތަކަށް ވަނީ. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ، ވަރަށް ޚިދުމަތްތެރި ބޭފުޅުން. މީގެތެރޭގައި ހިމެނޭގޮތަށް ރާއްޖޭގެ ބިންތައް ހުސްވެގެން އެކަމާ ކަންބޮޑުވާ ބޭފުޅުން. އަނެއްބައި ބޭފުޅުންނަކީ، ރާއްޖޭގެ އެ ބޭފުޅުންގެ ވިޔަފާރި ކުރައްވަން، އެބޭފުޅުން މީގެކުރިން ލިބިވަޑައިގެންނެވި އުސޫލުން، ލިބިވަޑައިގެންނެވި ފަޅުތައް މިހާރު އެބޭފުޅުންނަށް ލިބިވަޑައިނުގަންނަވާތީ، އެކަންކަމާ ކަންބޮޑުވާ ބޭފުޅުން.
އަނެއްބައި ބޭފުޅުންނަކީ ކުރީގައި އެމް.ޑީ.ޕީ. ސަރުކާރު އޮތްއިރު، އެ ސަރުކާރުގެ ލާއިންސާނީ ޢަމަލުތަކާއި، އެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައި، އެކަންކަމާ ކަންބޮޑުވެގެން ރައްޔިތުންގެ އަރިހުގައި، ދެއަތްމައްޗަށް ނަންގަވައިގެން ދުޢާ ވިދާޅުވި ބޭފުޅުން. ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވި ބޭފުޅުން. އެ އަނިޔާވެރި ސަރުކާރުން، އެ އަނިޔާވެރި، ޖައްބާރުވެރި ވެރިކަމުން، ދިވެހި ރައްޔިތުން ސަލާމަތް ކޮށްދެއްވާތޯ. އޭގެ ތެރެއިން އަނެއްބައި ބޭފުޅުންނަކީ، ރާއްޖޭގެ ބިންކޮޅު ހުސްވަމުން މިދަނީ، ރައީސް ޔާމީން ގެންނަ ތަރައްޤީގައި ބޭރު ފަރާތްތަކަށް ބިން ވިއްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭނެ ބިންކޮޅު ހުސްވެގެންދާތީ، މިކަމާ ކަންބޮޑުވެ، މިކަމާ ފިކުރުބޮޑުވެ، އެއްގޮތަކަށްވެސް އަވަހާރަނުލެއްޕެވޭ ބޭފުޅުން.
ދެން، މީގެ މައި މުގުލުގައި މި ތިއްބެވީ، އަޅުގަނޑުމެން، އެބޭފުޅުންގެ ވެރިކަން ދެކި، އެބޭފުޅުންގެ ހުންނަ ނުބައި ނުލަފާކަން އަލިފުށިންނާ ހަމައިން އަޅުގަނޑުމެންނާ ހަމައަށް އެނގިފައިހުރި ބޭފުޅުން. އެއީ އެމް.ޑީ.ޕީ.ގެ ބޭފުޅުން. އެބޭފުޅުން އަބަދު ވިދާޅުވާ ވާހަކައަކީ، ރައްޔިތުންގެ ތަރައްޤީއަށް ރައީސް ޔާމީން މިއޮތީ އެޑްވާންސްކޮށް ވައްކަންކޮށްފައޭ. ލޯނު ނަގާފައޭ މިއޮތީ. އެކަމަކު އޭރު އެބޭފުޅުން ހަނދުމަފުޅެއް ނުހުރޭ، އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމުގައި، އެބޭފުޅުންގެ މައިންބަފައިންގެ ވިޔަފާރި ކުރިއަށް ގެންދާއިރު، އެބޭފުޅުންގެ މައިންބަފައިންގެ ނަމުގައި އެބޭފުޅުން އެޑްވާންސަށް ބޭންކްތަކުން ވައްކަން ކުރިކަމެއް ހަނދާނަކަށް ނާދޭ. އެއީ އެބޭފުޅުންގެ އަމިއްލަ ކަންތައްތައް ކުރިއަށް ނެރެގެން އެޑްވާންސްކޮށް ވައްކަން ކުރުން އެއީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު ރައްޔިތުންނަށް ބޭނުންވާ ފަޅާއި، ބަނދަރާއި، ނަރުދަމާއާއި މަގުތައް ހެދުމަށް، ރައީސް ޔާމީން ލޯނު ނަގައިގެން މަސައްކަތް ކުރީމާ އެއީ އެޑްވާންސަށް ވައްކަން ކުރުން. އެހެންވީމާ، ލޯނު އަދާނުކުރެވޭނެ ކަމުގެ ޤާބިލުކަން، ނޫނީ ލޯނު އަދާކުރެވޭނެ ކަމުގެ ޤާބިލުކަން ނެތިގެން، އެކަމާ ކަންބޮޑުވާ ބޭފުޅުން މިއުޅެނީ. އެހެންވީމާ، މިތާ މިތިބީ ދިވެހިރާއްޖޭގެ ތަރައްޤީއާ ދޭތެރޭގައި އުއްމީދެއް ނެތް، ކަންބޮޑުވާ ހަތަރު ފަސް ލީޑަރުން ދޮގެއްތޯ؟
އެހެންވީމާ، އަޅުގަނޑުމެންނަކަށް ނެތެއްނޫންތޯ، އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މިއީ މިނިސްޓަރ ޠާރިޤު އީޖާދު ކުރެއްވި ބަހެއް މިއީ، ކޮކްޓެއިލް ލީޑަރުންނޭ. ކޮކްޓެއިލް ޕާޓީއޭ. އެހެންވީމާ، ކޮކްޓެއިލް ދަޅެއްގެ ތެރޭގައި މި ތިއްބެވި ލީޑަރުންގެ ތެރޭގައި، ހައްތަހާވެސް މިހިރީ އެބޭފުޅުން ކަންބޮޑުވާ މައްސަލަތައް. އެކަމަކު މިއިން ކޮންމެ މައްސަލައަކީ، އެ މައްސަލައާ ކުރިމަތިލައި، ދިވެހިރައްޔިތުން އެއަށް ޙައްލުހޯދަން ބޭނުންވާ މައްސަލަތައް.
މީދޫގައި ބިން ބޮޑުކުރަން އެބަޖެހޭ. ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް. އެކަމަކު މީދޫގައި ބިންކޮޅު ނެތީމާ، ނޫނީވިއްޔާ ރާއްޖޭގެ ބިންކޮޅު މިހާރު ހުސްވާތީ، ކަންބޮޑުވާ އެއް ލީޑަރު، ވަރަށް އަޅުގަނޑުމެން އިޙުތިރާމްކުރާ ލީޑަރެއް، ދިވެހިރާއްޖޭގެ ބިންކޮޅު ހުސްވަމުންދާތީ. އެކަމަކު މި ބޭބޭފުޅުންނަކަށް އެނގިވަޑައެއްނުގަންނަވާ، ރައީސް ޔާމީނުގެ މި ހަތަރު ފަސް އަހަރެއްގެ ތެރޭގައި، މެދު ފަންތީގެ އާބާދީ، ނޫނީ މެދު ފަންތީގެ ބިމުގެ ސައިޒުގެ ބޮޑެތި ރަށްރަށަށް ބަލާކަމަށްވަންޏާ، ވިއްސަކަށް ރަށަށްވުރެ ގިނަ ރަށް، ރައީސް ޔާމީން އުފެއްދިކަމެއް، މިބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ. ނުވަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިއްކި ހުޅުމާލެ، މި ސަރުކާރުގައި ނުވަ ހަފްތާގެ ތެރޭގައި، އެއަށްވުރެ ބޮޑު ހުޅުމާލެއެއް ހިއްކިކަމެއް، މިބޭފުޅުން ގަބޫލުފުޅު ކުރައްވާކަށް ބޭނުމެއްނުވޭ. އެތަނުގައި ތިއްބަވައިގެން ކުރައްވާ ޖަލްސާގައިވެސް ވިދާޅުވާނެ، ރައީސް ޔާމީން ރާއްޖޭގެ ތަރައްޤީއަށް ކުރިކަމެއް ނެތެއްނޫންހޭ؟ ފައި ދަށުގައި މިއޮތް ވެލިގަނޑަކީ، ކިހިނެއް އައި ވެލިގަނޑެއްކަންވެސް މި މީހުން ހަނދާނެއް ނުހުރޭ. އެހެންވީމާ، ހަމަ ޢަބްދުއްރަޙީމް އެ ވިދާޅުވީ ރަނގަޅަށް. އެންމެން ހުރިހާ އިރަކު ހަމައިގައި ތިބޭކަށްނުޖެހޭ. އެއީ މިވާގޮތަކީ.
ދެން މީގެތެރޭގައި އުޅުއްވާ އަނެއް ލީޑަރަކީ، އަޅުގަނޑުމެންނާ ކޯލިޝަނާ އެކުވެފައި ތިބިއިރުވެސް، އެބޭފުޅާ އެންމެ ކަންބޮޑުވާ ކަމަކީ މިއަދު، ކުރީގައި ޓެކްސް ނުދައްކަވާ އުޅުއްވި އުޅުއްވުން މިހާރަކު ނެތް، އެބޭފުޅާއަކަށް އެ ޖާގައެއް. ކުރީގައި ފަޅުތަކާއި ބިންތައް ނަންގަވައިގެން، އެބޭފުޅުންގެ ވޯޓު ހޯދަން މަސައްކަތް ކުރިއިރު، އެޖާގަ މިއަދު ނެތިގެން މިއުޅެނީ. އެހެންވީމާ، އިންތިހާއަށް ކަންބޮޑުވޭ، އަމިއްލަ ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މިއީ ރައްޔިތުން ގޮވައިގެން ނުކުމެހުރި ސިޔާސީ ލީޑަރެއް. އެބޭފުޅާއަކަށް މިއަދަކު ޖާގައެއް ނެތް. އަޅުގަނޑުގެ ސަރުކާރުގައި އެކަންކަން ކުރާކަށް އަޅުގަނޑު ޖާގައެއް ނުދެން.
ދެން ތިއްބެވި ލީޑަރުންގެ ތެރޭގައި މި ހުންނެވި ލީޑަރަކީ، ދިވެހިރާއްޖެއިން އިސްލާމްދީން ފިލައިގެންދާތީ، ދިވެހިރާއްޖޭގައި ބުދު ބެހެއްޓިގެން، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަދިނުމަށްޓަކައި، ރަސޫލާގެ ޙަދީޘާއި، މިކަންކަން ނޫން އެހެން ރިވާތަކެއް، ކަންކަމުގައި އޮތްތޯ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި، އިސްލާމުންނަށް ބޭނުންވާ ކަންކަމުގައި، ފަރުވާއަކަށް ޤުރްއާނާއި ޙަދީޘުން ފިޔަވައި، އެހެން ރިވާތަކެއް އޮތްތޯ، މިކަންކަމާ ކަންބޮޑުވި ބޭފުޅެއްގެ ވާހަކަ. މިކަންކަމާ މި ބޭބޭފުޅުން ކަންބޮޑުވެގެން މިބޭފުޅުން ވިދާޅުވީ، سُبْحَانَ اللَّـه! މިއީ އިސްލާމީ ދައުލަތެކޭ. އެކަމަކު މިއަދު މިއީ އިސްލާމީ ދައުލަތެއްތޯ، ހަމަ އެބޭފުޅުން އެބަޖެހޭ ރައްޔިތުންގެ ކައިރީ ވިދާޅުވެދެއްވަން. އޭރު އަތްއުފުއްލަވައި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ދިޔައީ، އެ ނުރައްކާތެރި، އެ ޖައްބާރު، އެ އަނިޔާވެރި ލާދީނީ ސަރުކާރުން ދިވެހި ރައްޔިތުން ސަލާމަތްވާނެ ދުވަހަކާ ދޭތެރޭގައި ﷲގެ ޙަޟްރަތުގައި ކުއްތަންވެ ދުޢާ ދަންނަވަމުން ދިޔައީ. މިއަދު ކޮބައިތޯ އެބޭފުޅުން؟ އެއީ ސިޔާސީ ލީޑަރުން. ހަމަ އެއްކަލަ ކޮކްޓެއިލްގެ ތެރޭގައި އެބަ ތިއްބެވިއޭ. ހަމަ އެއްކަލަ ކޮކްޓެއިލްގެ ތެރޭގައި އެބަތިބި.
އެހެންވީމާ، އަޅުގަނޑުމެންނަށް ކޯއްޗެއްތޯ މިއިން މި ފެންނަނީ؟ ގޮތް ހުސްވެފައި ތިބި، ކުރިއަށްދާނެ ގޮތެއް ނޭނގި، ހަތަރު އަނގޮޅިއެއްގައި ތާށިވެފައި ތިބި، އެހެންނަމަވެސް، ކޮންމެއިރެއްގައި ބުންޏަސް، ފުޅިމަދު އުނގުރިއަކަށް ފުދޭ، ރައްޔިތުންނަށް މާޔޫސްކަން ގެންނަ، ޚިޔާލާއި ވިސްނުމުގައި އެއްވެސްކަހަލަ ތާޒާކަމެއް، ތަނަވަސްކަމެއް ނެތް، ގޮތް ހުސްވެފައި، ރައްޔިތުން ގޮވައިގެން ކުރިއަށްދެވޭނެ އެއްވެސްކަހަލަ މަގެއް ރައްޔިތުން ކައިރީ ކިޔައިދޭން ނޭނގޭ، ހަތަރުވަރަކަށް ލީޑަރުން މިއުޅެނީ އެއްކޮޅަށް އަރައިގެން. މިއީ ނޫންތޯ މި ލީޑަރުން. މިއިން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ކޮންމެ ބޮޑު މައްސަލައެއްގައި، މި ބޭފުޅުން ވަކާލާތު ކުރައްވާފައި ހުރި ގޮތުގެ ވާހަކަ، އަޅުގަނޑު މި ދެންނެވީ. މިއަކު ނޯންނާނެ ދޮގެއް. އަޅުގަނޑަކީ ރައްޔިތުންގެ ކުރިމަތީގައި މިކަހަލަ މައްސަލަތަކުގައި، މައްސަލަ އޮޅުވާލައިގެން ވާހަކަދައްކާ މީހެއް ނޫން. އެހެންވީމާ، މިއީ މިބޭފުޅުންގެ ހާލު. އެހެންވީމާ، ދެން ކޮބައިތޯ މިކަމުގެ ޙައްލަކީ؟ ކަންކަމުގެ ޙައްލަކީ ޢުމަރު ނަސީރު ނޫންކަންވެސް މިހާރު އެނގިއްޖެ.
އެހެންވީމާ، މިހާރު މިކަންކަމުގެ ޙައްލަކީ ޙަޤީޤަތުގައިވެސް މި ހުރިހާ މައްސަލައަކަށް، މިއަދު ރާއްޖޭގައި މި މައްސަލަތައް ހުރިއިރު، އަޅުގަނޑު 2013ގައި ނުކުމެ، ރައްޔިތުންގެ އަރިހުގައި ދެންނެވިން، އޭރު ރައްޔިތުންނަށް އެއްގޮތަކަށްވެސް އެނގިވަޑައެއްނުގަންނަވާނެ، އަޅުގަނޑު މިއީ ކިހާވަރަކަށް މަސައްކަތްކޮށްފާނެ މީހެއްކަމެއް. އެކަމަކު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، އޭރުވެސް އެނގިވަޑައިގަންނަވާނީ، ރައީސް މައުމޫނުގެ ސްކޫލުން ދަރިވަރުވީ މީހެއްކަން ޔާމީނަކީ. އަދި އޭރު ރައްޔިތުންނަށް އެނގިވަޑައިގަންނަވަނީ، ރައީސް ޔާމީން. އޭރު ރައީސް ޔާމީނެއް ނޫން. ޔާމީނަކީ، ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރާފައިހުރި މީހެއްކަން. ޔާމީނަކީ ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެނެސްފައިހުރި މީހެއްކަން އެނގިވަޑައިގަންނަވާނެ. އެކަމަކު އޭރު ރައްޔިތުންނަކަށް ޙަޤީޤަތުގައި، އަޅުގަނޑު މަސައްކަތްކުރާ ސްޕީޑެއް، އަޅުގަނޑު މަސައްކަތް ކުރަނީ ކިހިނެއްތޯ، ކަންކަމުގެ ވަށްޓަފާޅި ހުރިކަމެއް ނޭނގޭނެ.
އޭރު އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވި ޖައްބާރުވެރި، އަނިޔާވެރި، ވެރިކަން ނިންމުމަށްޓަކައި، އެންމެން ނުކުމެ ވާހަކަ ދެއްކީމާ، މީދޫގެ ރައްޔިތުންވެސް، ރ. އަތޮޅުގެ ރައްޔިތުންވެސް، ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރެއްވި، އާނ! މިހާރު އެހެން މީހަކަށް ފުރުޞަތު ދޭން ޖެހިއްޖޭ. އެ ފުރުޞަތު އޭރު ރައްޔިތުން އަޅުގަނޑަށް ދެއްވީ، ފުރިހަމައަށް އަޅުގަނޑަކީ ކިހާވަރެއްގެ މީހެއްކަން ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާ ތިއްބަވާމެ. އަޅުގަނޑަށް އެފުރުޞަތު ދެއްވީމުނޫންތޯ؟ އެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ހަމަ އިޚުލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ރައްޔިތުންނަށް ޚިދުމަތްކުރަން އަޅުގަނޑަށް ލިބުނު ފުރުޞަތަކީ، އިޚުލާޞްތެރިކަމާއެކީ އަޅުގަނޑު ބޭނުންވި ފުރުޞަތެއް. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުގެ އަމިއްލަ ތަނަވަސްކަން، ނޫނީވިއްޔާ އަމިއްލަ ގޮތްތަކެއް ނެރޭކަށް އަޅުގަނޑު އިޚުތިޔާރުކުރި މަގެއް ނޫން.
މިއަދުވެސް މި ޕޯޑިއަމްގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލާނަން. ހަމަ މިވާހަކަ މި ދަންނަވަނީ، ތޭވީހުގައި ނަގާ ވޯޓުގައި، އަޅުގަނޑަށް ވޯޓެއް ދެއްވާށޭ މި ދަންނަވަނީ، ދެންމެ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަ، އަދި އަބަދު ޢަބްދުއްރަޙީމް ދައްކަވާ ވާހަކަ، ތޭވީހުގައި މި ނަގާ ވޯޓަކީ މުޅި ރާއްޖޭގެ އަމާންކަމަށާއި، މުޅި އިސްލާމްދީނުގެ ޙައްޤުގައި އަދި ޤައުމީ ސިފަތަކެއް އަޅުގަނޑުމެން ބާއްވަން ނަގާ ވޯޓެއްކަމުގައި އިޚްތިޔާރު ކުރައްވާށޭ. އެއީ އަޅުގަނޑުމެންނަށް އެނޫންގޮތަކަށް ކަންކަން ހިނގައްޖެ ކަމަށްވަންޏާ، ކަންތައްތައް ވެގެންދާނެގޮތް އެބަ އެނގޭ. ދެން ތިއްބެވި ސިޔާސީ ލީޑަރުންގެ، އެބޭފުޅުންގެ ހަމަ މާޔޫސްކަމުގެ އަޑު ނޫން އަޑެއް އެއްވެސްތާކުން ނީވޭ. ހަމަ މާޔޫސްކަން އިވެނީ. ގޮތްހުސްވެފައި ތިބި ވާހަކަ އެ ވިދާޅުވަނީ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރާކަށް ލޯނެއް ނަގައިގެން ވާކަށްނެތް. ރައީސް ޔާމީން ނަރުދަމާ އަޅައިދީފައި އޮތް ތަނަށް އަރައި އެކަމަކު އެބަބުނޭ، ނަރުދަމާވެސް އަޅައިދޭނަމޭ. އެއަށް ފައިސާ ހޯދާނެގޮތެއް ބުނާކަށް ނޭނގެ. އަދި އެކަން ކުރާކަށް ލޯނެއް ނަގާކަށްވެސް ބޭނުމެއްނުވޭ. ބިން ހިއްކާކަށްވެސް ބޭނުމެއްނުވޭ. ބިން ކުޑަވެސްވޭ. އެކަމަކު ބިން ބޮޑުކުރަންވެސް ބޭނުންވޭ. މިރަށަށް އައިމާވެސް މި ވިދާޅުވަނީ ބިން ބޮޑުކޮށްދޭށޭ. ދެން އަޅުގަނޑު ކީކޭތޯ ބުނާނީ؟ އަޅުގަނޑު ހަމަ ބުނަންޖެހޭނީ އާނއެކޭ ބިން ބޮޑުކޮށްދޭނަމޭ. އެއީ ރައްޔިތުން ބޭނުންވަނީ، ބިން ބޮޑުކުރަން ކަމަށްވަންޏާ، ރައްޔިތުން ބަލާކަށް ބޭނުމެއްނުވާނެ، ބިން ބޮޑުކުރަނީ، ރައީސް ޔާމީން ކޮންތާކުން ފައިސާ ހޯދައިގެން ކަމެއް. އަދި ކަންތައްތައް ކުރަން ވެއްޖިއްޔާ، ރައީސް ޔާމީން އަތުގައި ލައްކަ ފައިސާ ހުންނާނެ ދޮގެއްތޯ އަދި އަތްނުލާ ހުރި އަށްސަތޭކަ މިލިއަނެއްހާ ޑޮލަރުވެސް ހުންނާނެއެއް ނޫންތޯ؟
އެހެންވީމާ، މިކަހަލަ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް އިދިކޮޅު ބޭފުޅުންވެސް އެބަ ގަބޫލުކުރައްވާ. އެހެންވީމާ، ރައީސް ޔާމީން ތޭވީހުގެ ވޯޓާ ހަމައަށް ދިޔަނުދޭން ކުރެއްވި މަސައްކަތެއް އެ ކުރެއްވީ. އޭގެ ސީލްޖަހާ ކަމެއްގެގޮތުގައި މިއައީ ފެބުރުވަރީ އެކެއްގެ ޙުކުމް. އެބޭފުޅުން ބޭނުންފުޅެއްނުވޭ އެބޭފުޅުންނާއެކީ، ރައްޔިތުންގެ ވޯޓަކާ ހަމައަށް އަޅުގަނޑު އައިސް، ރައްޔިތުންނާ ބައްދަލުކުރާކަށް ބޭނުންފުޅެއްނުވޭ. އަޅުގަނޑު މި ދައްކާ ވާހަކަތައް، ރައްޔިތުންނަށް އިވޭކަށް އެބޭފުޅުންނެއް ބޭނުންފުޅެއްނުވޭ. މޭ ޑޭގެ މުޒާހަރާއިން ފެށިގެން އާދެ، 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ފާޅުގައި ދަތިކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވި. އަދި މި ވާހަކައަށް ޖެހިލާއިރު، އަޅުގަނޑު ދަންނަވާނަން ވާހަކައެއް. މިއިން އެއްވެސް ބޭފުޅަކު ދައްކަވާ ޤައުމީ ވާހަކައެއް ނޯންނާނެ. މިއިން އެއްވެސް ބޭފުޅަކު، ޤައުމީ މައްސަލައަކަށް ޙައްލު ނުފެނިގެން، އެ މައްސަލަ ރައްޔިތުންނާ ކުރިމަތިކުރައްވާފައެއް ނޯންނާނެ. މައްސަލައެއް ވިދާޅުވެވުނީމާ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ، މި މައްސަލައިގެ ފަރުވާއަކީ މިއީއޭ. މިހާރު މިހާރު މި ދައްކަނީ އަމިއްލަ ވާހަކަތަކެއް. އަމިއްލަ ޖާހާއި މަވެތިކަންތަކުގެ، މަވެތި ވެރިކަމުގެ ވާހަކަ މި ދައްކަވަނީ.
އެހެންވީމާ، ކޮންމެ ބޭފުޅަކަށްވެސް ނުފުދިފައި އޮތް ކަމެއް، އެބޭފުޅަކު އެބޭފުޅެއްގެ ޖާނު ވަރުގަދަ ކުރުމަށްޓަކައި، އެބޭފުޅަކު ކުރައްވަން ބޭނުންފުޅުވާ ކަމެއްގެ ވާހަކަ މި ދައްކަވަނީ. މީގެ ތެރޭގައި ނޯންނާނެ، ޤައުމީ ސިފައެއްޖެހޭ ފެއްސާއި، ރަތާއި ހުދުން ޕާރުސަލްކޮށްލެވޭ ހަމަ އެންމެ މައްސަލައެއްވެސް ނޯންނާނެ. އެކަހަލަ މައްސަލައެއް އޮތްނަމަ، ތަކުރާރުކޮށް މި ބޭފުޅުންނަށް އަޅުގަނޑު ދަޢުވަތު ދިނިން. 13 ވަނަ ދަޢުވަތު އަޅުގަނޑު ދީފިން. އަންނާށޭ މޭޒުކައިރިއަށް ވާހަކަ ދައްކަން. އަޅުގަނޑަށް އެންމެ ރަނގަޅު، މިހާރު އެ ބޭފުޅުން ގެންނަވާގޮތަށް، އަޅުގަނޑާއެކީ މޭޒުކައިރިއަށް ވާހަކަ ދައްކަން. ބޭރު ކަރަކަރައިން މީހުން ގޮވައިގެން އަޔަސް އަޅުގަނޑުގެ މައްސަލައެއްނެތް. އާނ، ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރަން ބޭރު މީހުންނަށް އެ ގޮވައިލަނީ ނޫންތޯ. ރާއްޖެއަށް ލަޝްކަރު އަރުވަން މި ގޮވައިލަނީ. ބޭރުގެ ބައެއް ޕޮލިޓީޝަނުންނާ ވާހަކަ ދައްކާފައި އެބަބުނޭ، ރާއްޖޭގެ ކަންތައް މިހެން ގެންދަން، އެހެން ގެންދަން. އެހެންވީމާ، އަޅުގަނޑާ ވާހަކަ ދައްކަން އަންނަންވީ ހުރިހާ އެންމެން ގޮވައިގެން. ފަރަންޖީން ގޮވައިގެން އަންނަންވީ އަޅުގަނޑާ ވާހަކަ ދައްކަން. އެކަމަކު، ދިވެހިރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަމަށްވަންޏާ، އެމީހުންނާއެކީ އަޅުގަނޑު އިށީންނާންނަން. އެކަމަކު، އެމީހުން ބޭނުމެއްނުވޭ އިށީންނާކަށް. އެހެންވީމަކާ، އެ މީހުންނަކަށް ނުއިށީނދެވޭނެ. އެމީހުންނަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ. އެމީހުން ހައްތާވެސް ދައްކަން އޮންނާނެ ވާހަކައަކީ، ޝަރުޠަކާނުލައި މި މީސްމީހުން ދޫކުރާށޭ. ނޫން. އެހެނެއްވެސް ނުވާނެ.
ރައީސް ޔާމީނަށްވެސް ޤާނޫނުތަކުން ހުރަސްތަކެއް އެބަހުރި. ރައީސް ޔާމީން ބޭނުންހާގޮތަކަށް މިކަންކަމާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ޖާގައެއް އަޅުގަނޑަކަށް ނުލިބޭ. ޓެރަރިޒަމްގެ ތޭރަ އަހަރުގެ ޙުކުމެއް އަންނަ މީހަކާ ދޭތެރޭގައި ކަންކަން ކުރުމުގެ މިނިވަންކަމެއް އަޅުގަނޑަކަށް ނުދޭ ޤާނޫނަކުންނެއް. ހަމައެގޮތަށް، ޤާނޫނާއި ޝަރީޢަތަށް ސާބިތުވާ މީހުން، ކުށް ސާބިތުވީމާ، އެއީ ކުށެއް ނޫންކަމަށް ހަދާފައި، އެ މީހުން ދޫކޮށްލުމުގެ ޖާގައެއް އަމުދުން ރައްޔިތުންނެއް އަޅުގަނޑަކަށް ނުދޭ. އެއީ، އަޅުގަނޑުމެން އެންމެން އެއްބަސްވެގެން އިސްވެ ހަދާފައިހުރި ޤާނޫނުތައް. ފުޓްބޯޅަ ކުޅެން ދަނޑަށް އަރާއިރު، ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ފުޓްބޯޅައިގެ ގަވާއިދު. ދަނޑުގައި ކުޅެން ތިބެގެނެއްނޫން ގޯލު ޖަހާނެގޮތް ތަފާތުކުރަންވީ. ދަނޑުގައި ތިބެގެނެއްނޫން ގޯލުގެ ދަނޑި އެގޮތް މިގޮތަށް ދުއްވާނީ. ދަނޑަށް އަރާއިރު، ހަމަހަމަކަމަކީ، ޑިމޮކްރެޓިކް އުސޫލަކީ ހުރިހާ އެންމެން ކުޅެންވީ ގަވާއިދު. ހުރިހާ އެންމެ ތަބާވި އުސޫލަކީ، އެންމެންނަށް އެނގޭ އެއްޗަކަށް ވާންވާނެ. އެހެންވީމާ، ވަކި ހިސާބަކަށް އައިސް، އެ ބޭފުޅެއްގެ އުއްމީދުތައް، ނާއުއްމީދަކަށް ބަދަލުވެގެންގޮސް، ހަތަރު އަނގޮޅި ކަނަކަށް އައިސްފައި، ދެން އެ ޖަހާލި ކަޑައިން ގުޑުވައިނުލެވޭ ހިސާބަކަށް ދިޔައީމާ، ދެން ނުބުނޭ އުސޫލު ބަދަލުކުރާށޭ. ދެން ނުބުނޭ ޤާނޫނު ބަދަލުކުރާށޭ. އެހެންކަމަށްވަންޏާ، އެވަނީ ހަމަ ވަކި ބަޔަކަށް އެކަނި ފަހައިދޭ ކޯޓުތަކެއް ލާން ދިވެހިރާއްޖޭގެ ރައްޔިތުން. މިއީ، ދިވެހިރާއްޖޭގެ ރައްޔިތުން އެދޭގޮތެއްނޫން. ދިވެހިރާއްޖޭގެ ރައްޔިތުން އެދެނީ މިހާރުވެސް، އަންހެން ބޭފުޅުން ވެއްޖިއްޔާ، ފިޔާތޮށި ބުރުގާ އަޅަން. ފިރިހެން ބޭފުޅުން ވެއްޖިއްޔާ، ފިޔާތޮށި ޓީ-ޝަރޓް ލާން. ބޮލުގައި އަޅާ ތޮތްޕަކީ ފިޔާތޮށި ތޮތްޕަށްވާން. އެހެންވީމާ، މި ތޮފި ހެޔޮވަރުނުވެގެން ނުކުތް ބަޔަކު އަޅުގަނޑުމެންގެ ތެރެއިން ނުކުތީ. ޖަލުގައި ތިބީ، މުޅިން ސިޔާސީ ކުށްވެރިންނެއް ނޫން. ޖަލުގައި ތިބި ގިނަ މީހުންނަކީ އަޅުގަނޑާއެކީ މަސައްކަތް ކުރި މީހުން. އަޅުގަނޑާއެކީ ސަރުކާރުގައި އުޅުނު މީހުން. އަޅުގަނޑާއެކީ ނައިބު ރައީސްކަން ކުރި މީހުން. އަޅުގަނޑާއެކީ މަޖިލީހަށް ނުކުމެ، މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިޔަބޭފުޅުން ދެއްކެވި މީހުން.
މި ދާއިރާގެ ވާހަކަ ޢަބްދުއްރަޙީމް އެ ވިދާޅުވީ. އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، ލިބުނު އެންމެ ބޮޑު ހީނަރުކަމަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ކުލައާއި ސިފައާއި، އަޅުގަނޑުމެންގެން ވިސްނުމާއި ފިކުރުގައި އޮތް ތާއީދު ދައްކައިގެން، މިތަންތަނަށް އައިސް މާ ދުރު ރަށްރަށުން، މާ ދުރު އަތޮޅުތަކުން މީހުން އައިސް މި ބުނަނީ، ތިމަންނާމެން މިއައީ ރައީސް ޔާމީންގެ އެޖެންޑާ ވިއްކާށޭ. ތިމަންނާ މިއައީ، ރައީސް ޔާމީންގެ ވާހަކަތައް ގަބޫލުކޮށްގެން، ރައްޔިތުންނަށް މި ތަރައްޤީ ގެނެސްދޭށޭ. އެހެންވީމާ، ތިޔަބޭފުޅުން އެމީސްމީހުން ހޮވީ. އަޅުގަނޑުމެންނަށް އައި އެންމެ ބޮޑު ނިކަމެތިކަމަކީ، ފެށުމުގައިވެސް އިޚުލާޞްތެރިކަމެއްނެތީ، ކުރިއަށް ދިޔުމުގައި އަމުދުން ތެދުވެރިކަމެއްނެތީ. އަދި، އެ ބޭފުޅުންގެ މަޤްޞަދު މުޅިން ބަދަލުވެގެން ދިޔަ ދިޔުން. އެކަންކަމުގައި އެހީތެރިވި މީހުން ތިބީ. އަދި، އެ މުޢާމަލާތުތައް ހިނގީ ކިހިނެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު، އަޅުގަނޑުމެންގެ އުފަލަކީ، ﷲގެ ރަޙްމަތުން، ދޫކޮށްލާފައި އޮންނަ ބަގީޗާގައި ވިނަ ފަޅާއިރު، އޭގެ ތެރޭގައި ހޮވަންޖެހޭ ވިނަ ހުންނާނެ. އޭގެ ތެރެއިން، ރީތި މައު ބަގީޗާވެސް އުފެދިގެން ދާނީ.
އެހެންވީމާ، މިއަދު ވިނަ ހޮވާލެވިފައި އޮތީމާ، އެއީ އަޅުގަނޑުމެންނަށް ހަމައެކަނި ލިބޭ ތަސައްލީއަކީ. މިއަދު އެއޮތީ ފީ ހޮވާލާފައި. އެހެންވީމާ، އެމީހުން ދެން، އެހެން އޮޑިއަކަށް އެރިޔަސް، އެ އޮޑިއަކީ ފެތިފައި އޮތް އޮޑިއެއް ކަމަށް މި ދާއިރާގެ ރައްޔިތުން ގަބޫލުކުރައްވާ. މަޑުއްވަރީގެ ދާއިރާގެ ރައްޔިތުން ގަބޫލުކުރައްވާ. ފެތިފައި އޮތް އޮޑިއެއްގައިކަން ތިޔަބޭފުޅުންގެ ދާއިރާގެ ކުރީގެ މެންބަރު އެހެރީ. އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އެއީ. އަޅުގަނޑުމެން މިވަރަކަށް މަސައްކަތް ކުރާކަށް ނުޖެހޭނެ، ރައްޔިތުންގެ ޙައްޤުގައި. އަޅުގަނޑުމެންނާއެކީ ތިބި ބަޔަކު، ރައްޔިތުންނަށް ފުރަގަސްދީފައި، އަޅުގަނޑުމެންގެ ޕާޓީއަށް ފުރަގަސްދީފައި، އޮޑިން ފުންމާލައި، ދެން އެ ދޫކޮށްލީ ގާދޫކޮލުން ދިވެހިރާއްޖެ އޮޔާދާން، އެ މިސްރާބު އެ ޖެހީ. އެވަރުގެ ޚިޔާނާތްތެރި މީހުން އަޅުގަނޑުމެންނާއެކީ ތިބީ. އެހެންވެގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަރާމާތާއި، އެ ބޭފުޅުންނާ ތެރޭގައި ރައްޔިތުން ދެކޭގޮތް ރަނގަޅު ކުރަންވެގެން، ޙަޤީޤަތުގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ. އަދި، އޭގެ ފަހުން ޤާނޫނެއްވެސް ހެދީ. ރައްޔިތުންގެ ގޮނޑިއަށް މި އަންނަނީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މި އަންނަނީ، ހާދަހާ ވާހަކައެއް ދައްކާފައޭ. ހާދަހާ ވާހަކައެއް ރައްޔިތުންގެ ކައިރީގައި ދައްކާފައޭ. ހަމަ ޒުވާން ކުދިންނަށް އެނގޭނެ، ޒުވާން ކުދިން އެންމެ ޒުވާން ޢުމުރުގައި ރައްޓެހި ކުއްޖަކާ ވާހަކަ ދައްކާއިރު، ހަނދުވެސް ބާލައިފައި އަތަށް ލައިދޭނެ. އެހެންނޫންތޯ؟ ހަމަ މިވަރުގެ މަސައްކަތް ނޫންތޯ، ސިޔާސީ މީހުން މި ކުރަނީ. މިތަންތަނަށް ރައްޔިތުންގެ އަރިހަށް އައިސްފައި، މި ބޭބޭފުޅުން ކޮން ވާހަކައެއްތޯ ދެއްކެވީ. މިވަރުގެ ވާހަކަ ދައްކަވާފައި، މި ބޭފެޅުން ވަޑައިގަތީ. ދާންވީ ހިސާބަށް ދެވުނީމާ، ހަނދާނެއްނެތް. އެމީހުން ހިތަށްއެރީ، އާނ! މިއޮތީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައޭ. ދިވެހިރާއްޖޭގެ ވެރިކަން އެހެން ބަދަލުކޮށްގެން ދުވަހަކުވެސް މި ދިވެހިރާއްޖެއަކަށް ހަމަޖެހުމެއް ނާންނާނެ.
އެހެންވީމާ، އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތަކީ، ހަމަ ޙަޤީޤަތުގައިވެސް، ރައްޔިތުންނަށް ފުރަގަސްދީފައި ނުކުމެ ދިޔަ ބަޔަކު ދިޔުން. އެ މީހުންނަށް ވާގިވެރިވި މީހުންނާއި، އެމީހުންނަށް ސިޔާސީ ފިކުރު ވިއްކައިދިން މީހުންނާއި، އަދި އެ ކަންކަމުގައި ތިބި އެންމެންނަކީ ޙަޤީޤަތުގައި، ޕީ.ޕީ.އެމް.ގެ ފިކުރަށް ތާއީދުކުރާ މީހުންނެއް ނޫން. އެއީކީއެއް، ރައްޔިތުންގެ ޞުލްޙައެއް މަޞްލަޙަތެއް އޮތްކަމެއް ދަންނަ ބައެއް ނޫން. އެމީހުންނަކީ، ތަރައްޤީގެ ވާހަކަ މިއަދު ދައްކަން ނުކުޅެދޭ ބަޔަކަށް ވާންޖެހޭނެ. ތަރައްޤީ މިކުރަނީ އަޅުގަނޑުމެންގެ ސަރުކާރުން. މި ރަށްރަށަށް އައިމާ، އެއޮތް ވިދާޅުވީ، ތިމަންނާމެން ދުވަހަކުވެސް އުއްމީދު ނުކުރާ ކަންތައްތައް، ރައީސް ޔާމީން މިހުރީ ކޮށްދީފައޭ.
އަޅުގަނޑު، ހަމަ އެންމެ ތަފާސް ހިސާބެއް ދަންނަވާލާނަން. މިރަށަކީ ނިސްބަތުން ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް 2013 ގައި، ކުރީގެ އަހަރުތަކުގެ ތެރޭގައިވެސް ކުރެވިފައިވާ ރަށެއް. 2013 ގައި ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، މިރަށުގެ ބޮޑެތި މަޝްރޫޢުތަކުގެ ތަރައްޤީއަށް ތިރީސް މިލިއަން ރުފިޔާ އެބައޮތް ހޭދަވެފައި. އެކަމަކު، އަޅުގަނޑުމެންގެ ސަރުކާރުގައި މި ހިނގާ ފަސް އަހަރުގެ ތެރޭގައި، ދެން ފަށަންހުރި މަޝްރޫޢުތައް ނުލައި، މިހާރު ނިމިފައިހުރި މަޝްރޫޢުތަކަށް ބަލައިފި ކަމަށްވަންޏާ، އެއްކަލަ ތިރީސް މިލިއަނުގެ އަދަދު މިއޮތީ، 144 މިލިއަނަށް ބަދަލުވެފައި. އެހެންވީމާ، މިއީ ދޮގެއްތޯ ތަރައްޤީއަކީ. އެހެންވީމާ، މިއީ ގާތްގަނޑަކަށް ފަނަރަ ގުނަ އިތުރުވި ޢަދަދެއް. މި ފަނަރަ ގުނަ އިތުރުވެގެން މިދިޔައީ، އެޑްވާންސްކޮށް ވައްކަންކޮށްގެންތޯ، ތިޔަބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާނަންތޯ މިއަދު. އަޅުގަނޑު އެބަޖެހޭ ރައްޔިތުންގެ އަޑު އަހަން. އަޅުގަނޑު މިދަނީ ރައްޔިތުންގެ ވޯޓަކަށް. އަޅުގަނޑު މިދަނީ ރައްޔިތުންގެ ތާއީދަކަށް. ރައްޔިތުންގެ ބަސް އަޅުގަނޑު ބޭނުންވޭ އަޑުއަހަން. ތިޔަބޭފުޅުންނަކަށް އަޅުގަނޑުގެ ކައިރިއަކު ވިދާޅެއްނުވެވޭނެ، މިއީ އެޑްވާންސަށް ވައްކަން ކޮށްފައޭ. ވައްކަމުގެ ވާހަކަ ދައްކާއިރުވެސް، ހަމަ ޖަޒުބާތުގައި ޖައްސުވަން، ދެން ކުރެވޭނެ އެހެން ކަމެއް ނެތީމާ، ދައްކާ ވާހަކަ ހުންނާނެ.
އެ ބޭބޭފުޅުން އެބަ ވިދާޅުވޭ ނޫންތޯ، ރައީސް ޔާމީން އެހާ ބާރުލައި، ތިމަންނާމެންގެ ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު، ކީއްވެހޭ، ތިމަންނާމެން އެއްވެސް މީހެއްގެ މައްސަލަ ޝަރީޢަތާ ހަމައަށް ނުދިޔައީ؟ އޭގެ ޖަވާބުވެސް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑު މި އަންނަނީ، އަޅުގަނޑުގެ ފޮތުގެ ޞަފްޙާތައް ނިއުޅުވައިލަމުން. އެ ބޭފުޅުންގެ ކޮރަޕްޝަނުގެ ވާހަކަތައް ދައްކަމުން. އަދި، އެ ބޭފުޅުންގެ ސަރުކާރުން، ގަސްދުގައި ކޮށްފައިހުރި ބޮޑެތި ޚިޔާނާތުގެ ވާހަކަތައް ދައްކަމުން. އަދި އޭގެތެރޭގައި، އަޅުގަނޑުމެންގެ ބޮޑެތި ރައުސްމާލު ވިއްކާލުމާއި، ކުންފުނިތައް ވިއްކާލުމާއި، ނުއަގުގައި ކުންފުނީގެ ހިއްސާ ވިއްކާލުމާއި، މިކަހަލަ އެތައް ވާހަކައެއް އަޅުގަނޑުމެންގެ އެތައް ބޭފުޅުން އެބަ ދައްކަވާ. މިއީ، ރައްޔިތުން މިއަދު ފިލާވަޅު ނަގަންޖެހޭ ކަންކަން. ރައްޔިތުން ސަމާލުވާންޖެހޭ ކަންކަން. ރައްޔިތުން ހުޝިޔާރުވެގެން ތިބެންޖެހޭ ކަންކަން. 23 ގެ ވޯޓުގައި އަޅުގަނޑުމެންގެ މިޞްރާބު ބަދަލުވެގެންދާނީ، މިކަހަލަ ކަންތައްތަކަށް ނުވިސްނައި ވޯޓު ލައިފިއްޔާ.
ރައްޔިތުން ގަބޫލުކުރައްވާ! ރިޔާސީ އިންތިޚާބާ ކުރިމަތިލައިގެން މަސައްކަތް ކުރަމުން ދިޔައިރު އަޅުގަނޑު ދެންނެވިން، އަޅުގަނޑު މިއީ ސުލްޙައަށް މަސައްކަތްކުރާ މީހެކޭ. އަޅުގަނޑު ނެތީމޭ ސިޔާސީ ވާދަވެރިން ތިއްބަކާ މީހުންނާ ވާދަކުރާކަށް. އަޅުގަނޑު ހަމައެކަނި މި ވާދަކުރަނީ ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ. އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަހު ދިޔައީ، ދިވެހިރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްތަކެއް ކުރަމުން. ވަރަށް އޮމާންކަމާއެކީ، ވަރަށް ހަލުވިކަމާއެކީ އަޅުގަނޑަށް މަސައްކަތް ކުރެވުނު. އެއީ، ހުރި މައްސަލަތަކާ އެކަނި އަޅުގަނޑު ކުރިމަތިލާން ޖެހުނީމާ. އަދި ރައްޔިތުން، ދެންމެ ޢަބްދުއްރަޙީމް އެ ވިދާޅުވިގޮތަށް، 2014 ގައި ސުޕަރ މެޖޯރިޓީއެއް އަޅުގަނޑުމެންގެ ދެ ޕާޓީއަށް ދެއްވި. ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ ވިންދު ހުރިގޮތް ރައްޔިތުން އަޅުގަނޑުމެންނަށް ދެއްކެވި. ރައްޔިތުންގެ މަޖިލީހަށް މި ދާއިރާއިންވެސް ދެއްކެވީ، އަޅުގަނޑު ދެއްކި ކެންޑިޑޭޓް. މި ދައިރާއިންވެސް އަޅުގަނޑަށް ހަދިޔާކުރީ.
އެހެންވީމާ، އޭރު އަޅުގަނޑު މަސައްކަތްކުރިއިރު، އަޅުގަނޑު އޭރުވެސް ދަންނަވަމުން އައީ، އަޅުގަނޑު މިއައީކީ އެއްވެސް ގޮތަކަށް ސިޔާސީ ވާދަވެރިންނާ ދޭތެރޭގައި އެއްވެސް ކަހަލަ ބޭއިންސާފު ކަމެއް ކުރާކަށްނޫނޭ. އަޅުގަނޑު ދަންނަވަމުން އައީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު ދަންނަވަމުން އައި ބަސްކޮޅު، މިހާރުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަން ބޭނުންވޭ. ރާއްޖޭގެ ސިޔާސީގޮތުން މި ހިނގައިދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މުޅި ރާއްޖޭގައި ލައްކަ ބޮޑު ޒަޚަމް މިއޮތީ އުފެދިފައޭ. މި ޒަޚަމުތަކަށް އެބަޖެހޭ ފަސޭހަކަމެއް ލިބެން. މި ޒަޚަމުތައް ފަސޭހަވާންޖެހޭނޭ އަޅުގަނޑު ދަންނަވަމުން އައީ. އަޅުގަނޑަކީ ސުލްޙައަށް ލޯބިކުރާ މީހެއް. އެކަމަކު، މިއަދުވެސް މިބޭބޭފުޅުންނަށް ދަންނަވާލާނަން. ކަފުނަށް ތިރިކުރަންދެން އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ނުދައްކައެއްވެސް ނުހުންނާނަން. އެއީ، އަޅުގަނޑު، އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ދައްކަނީ، ދިވެހިރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން ބޭނުންވާތީ. އެހެންވީމާ، އަޅުގަނޑު އިސްވެ މީހަކާ ހަނގުރާމަ ނުކުރާނަމޭ ބުނުމުގެ މާނައަކީ، ކަފުނަށް ތިރިކުރަންދެން އަޅައިނުލާ ހުންނަ ވާހަކައެއްވެސް ނޫން. އަޅުގަނޑު އޭރުވެސް ދެންނެވިން، އަޅުގަނޑުގެ ގައިގައި ޖެހޭކަމަށްވަންޏާ، ފޮޅައިވެސްލާނަމޭ.
އެހެންވީމާ، އަޅުގަނޑު ކުރާކަމެއް މިކުރަނީ ޤާނޫނުގެ ތެރެއިން. އެކަމަކު، އިސްވެ ނޯންނާނެ، އެއްވެސް މީހަކާ ދޭތެރޭގައި ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ފަހުންވެސް ނޯންނާނެ، ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައެއް. އަޅުގަނޑު، މިވާހަކަ މިގޮތަށް ދެންނެވީމާ، އަޅުގަނޑު ބޭނުންނުވީ، ކުރީގެ ސަރުކާރުން ހިނގާފައިހުރި ކޮރަޕްޝަނުގެ މައްސަލަތައް އަޅުގަނޑު އެއްގޮތަކަށްވެސް ބަލަން ބޭނުންނުވީ. އެއީ، ހިނގާފައިހުރި ކަންތައް. އަޅުގަނޑުގެ ފަހުން އަންނަ ބަޔަކުވެސް، އެ މައްސަލަތައް ބަލާނެ. އޭގެ ކުރީ ހުރި ސަރުކާރުތަކުންވެސް މައްސަލަތައް ބަލާފައެއްނޫން ހުރީކީއެއް. އެހެންވީމާ، އަޅުގަނޑު ދެންނެވިން. އެ މައްސަލަތައް ބަލަން ފަށައިފި ކަމަށްވަންޏާ، އަނެއްކާވެސް، ރާއްޖޭގައި އުފެދިފައި މިއޮތް ސިޔާސީ މީހުންގެ ތެރޭގައި އުފެދޭނޭ ޒަޚަމަކަށް މި ފާރުތައް ދުވަހަކުވެސް ފަސޭހައެއް ނުވާނެއޭ، އަޅުގަނޑު ދެންނެވިން. އަޅުގަނޑު އެ މަސައްކަތް، އަޅުގަނޑުގެ ޒަޢާމަތުގެ ފުރަތަމަ ދުވަހު ފެށްޓިނަމަ، މި މީހުން މިއަށްވުރެ މާކުރިން ތިބޭނީ ޖަލުގައި. އެއީ، ޤާނޫނުގެ ހަމަތައް އެ މީހުންނާ ހަމަކުރާތީ.
އެހެންވީމާ، 2015 ވަނަ އަހަރުގެ މޭޑޭއިން، މޭ މަހުގެ އެއްވަނަ ދުވަހު، މޭޑޭގެ މުޒާހަރާއަށް ނުކުމެ، ރައީސް ޔާމީނުގެ ސަރުކާރު ވައްޓާލަން، މި މީހުން ދިމާކުރަންދެން އަޅުގަނޑު ގެންދިޔައީ ސުލްޙަވެރިކޮށް. އެހެންވީމާ، އަޅުގަނޑަށް ގެއްލިގެން ދިޔައީ ގާތްގަނޑަކަށް ދެ އަހަރު. އެހެންވީމާ، ދެ އަހަރު ވެގެންދިޔައީމާ، މިއިން އެއްވެސްކަމެއް ނުކުރީމާ، މި ބޭބޭފުޅުން ކުރައްވާފައިހުރި ކޮރަޕްޝަނުގެ މައްސަލަތަކާ ދޭތެރޭގައި ފިޔަވަޅު ނާޅައިދިޔައީ. އެކަމަކު، އެހިސާބުން އެ ބޭފުޅުން ނުކުމެވަޑައިގަތީ، އަޅުގަނޑާ މުޤާބަލާ ކުރައްވަން. އެހެންވީމާ، އަޅުގަނޑު ދަންނަވާލީ ނޫނެކޭ. އަދި ތިހެނެއް ތިޔަކަމެއް ނުވާނެއޭ. އެހެންވީމާ، ތިޔަކަން ކުރާ ކަމަށްވަންޏާ، ތިޔަބޭފުޅުންވެސް ޖެހޭނެއޭ، ތިޔަ ކަންކަމުގައި ޖަވާބުދާރީވާން.
އެހެންވީމާ، އޭގެ ތެރެއިން އުފެދުނު ކަންކަމުގެ ތެރެއިން އެކި މީހުންނަށް އެކި އަދަބު އައިސް އެހެރީ. އަދަބު އައިސްފައި އެހެރީ ޝަރީޢަތާއި ޤާނޫނުގެ ތެރެއިން. އަދަބު އައިސްފައި އެހެރީ، ރައީސް އޮފީހުން އެންގި އަމުރަކަށް ފުލުހުން ގޮސްފައި ކަމެއް ކޮށްފައެއްނޫން. އެހެންވީމާ، އޭގެފަހުން މި ހިނގައިދާ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު އެ ބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލަތައް، ނޫނީވިއްޔާ ރާއްޖޭގެ ސަރުކާރަށް ވަންނަންހުރި ފައިސާގެ މައްސަލަތައް ބަލަމުން މިގެންދަނީ. މިއަދުވެސް ދަންނަވާލާނީ، މި ޕޯޑިއަމްތަކުގައި މި ފެށި ދަތުރުގައި، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން އައީ، އެ ބޭފުޅުންނަކަށް ރާއްޖޭގައި ހިނގައިފައި ހުރި، ފޭރިގެން ގެންގޮސްފައި ހުރި ފައިސާގެ މައްސަލަތަކެއް، އެ ބޭފުޅުންނަކަށް ވިދާޅެއްނުވެވޭނެ.
މި ދާއިރާ، ކުރިން ތަމްސީލު ކުރެއްވި ބޭފުޅުން. އަދި އެ ބޭފުޅުންގެ ބޭބެއިންނާއި، އެބޭފުޅުންގެ ރަޙްމަތްތެރިން ދޮގެއްތޯ، އެންމެ ބޮޑަށް އެމް.ޑީ.ޕީ. ސަރުކާރުގެ ވަޒީރުންގެ ކޮރަޕްޝަންގެ ވާހަކަ ވިދާޅުވީ. ކިހާ ރީތި ކުލަތަކަކުން ޗާޓު ހަދައިގެންތޯ އެ ބޭފުޅުން ވިދާޅުވީ. މިއަދު އެންމެ ރަނގަޅު ދޮގެއްތޯ މި ދާއިރާގެ ކުރިން މެންބަރުކަން ކުރެއްވި ބޭފުޅާ އެ ވާހަކަތައް ވިދާޅުވެދެއްވަން. ތިމަންނާމެން އޭރުގައި އެވާހަކަ ދެއްކީމޭ. އެކަމަކު، މިއަދު އެއީކީއެއް ކޮރަޕްޝަނެއް ނޫން. މިއަދު އެ މީހުންނާއެކީ މިތިބީ. މިއަދު، އެއީ އަނިޔާވެރި ބައެއް ކަމުގައިވެސް ނުދެކޭ. މިއަދު، އެއީކީއެއް އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ ދީނަށް އިޙްތިރާމް ނުކުރާ ބައެއް ކަމުގައިވެސް ނުދެކޭ މީހުން ގިނަވެގެން މިދަނީ.
އެހެންވީމާ، ސިޔާސީ ލީޑަރުންނަކީ ހަމަ ޙަޤީޤަތުގައިވެސް، ދައްކާ ވާހަކައާއި، ކުރާ ޢަމަލާ ސީދާނުވެ ދުލި ބަދަލުކޮށްލަން އެއަށްވުރެ ފަސޭހަކަމެއްނެތް. އުނގުރިއެއް ފުޅިމަދު، އެއަށްވުރެ ފަސޭހަނެތް. އެވަރުގެ ބައެއް ސިޔާސީ ލީޑަރުންނަކީ. ރައްޔިތުންގެ ޙައްޤުގައި ނުކުމެ، ރައްޔިތުންގެ މައްސަލަތަކުގައި ޖަވާބުދާރީވާން ކެރޭ ބަޔަކު އެތާކު ނެތް. ރައީސް ޔާމީން މިކުރަނީ ތަރައްޤީގެ މަސައްކަތް. ރައީސް ޔާމީނާ ވާހަކަ ދައްކާ. އަޅުގަނޑާ މުޤާބަލާކުރޭ. އަޅުގަނޑަށް ނުކުރެވި އޮތް މަސައްކަތެއް، މިއަށްވުރެ ރަނގަޅަށް ކުރާނަމޭ. އެހެންވެއްޖިއްޔާ، އަޅުގަނޑު ހަތިޔާރު ބަހައްޓާނަން. އެކަމަކު، މިކަހަލަ އެކިއެކި އޮޅުވައިލުމުގެ ވާހަކަ ދައްކާކަށް މިއަދަކު ޖާގައެއް ނެތް. ޖާގަނެތް ސަބަބަކީ، މިއިން އެއްވެސް ބޭފުޅަކު ނުހުންނާނެ، ފެއްސާއި، ރަތާއި، ހުދުގެ ވާހަކައެއް ވިދާޅުވެފައެއް. ހައްތަހާވެސް ދައްކާފައި ހުންނާނީ، އެ ބޭފުޅުން ބޭނުންފުޅުވާ ކަމެއް ނުވި ވާހަކަ. ދެން ކިހިނެއްތޯ، މިތަނުން ގެއްލުނު ގޮނޑިތަކުގެ ކަންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމީހުންގެ އަބުރާއި، ޢިއްޒަތާއި، ކަރާމާތް އަނބުރާ ރައްދުކޮށްދޭން، އޭގެ މައްޗަށް ހޮވާފައި ލާ ސެނެޓެކޭ ކިޔާފައި، މީހުންކޮޅެއްލީމާ، ކޮން ކަރާމާތެއް އަނބުރާ ލިބޭނީ. ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ކަރާމާތަކީ، އެމީހަކު ކުރި ކަމެއްގެ ޢަމަލު، އެމީހަކާ ބައްދަލުކުރާނެކަން އެ މީހަކަށް ކަށަވަރުވީމާ، އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރާމާތް ދެމެހެއްޓޭނެ ގޮތަކީ.
އެހެންވީމާ، އަޅުގަނޑާއެކީ ތިއްބެވި ބޭފުޅުންނަކީ ހިތްވަރުގަދަ ބޭފުޅުން. މިހާރު މި ވާހަކަ ދައްކާއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ތަފާތުގޮތަކަށް ވިސްނާ މެންބަރުން ތިބެންޏާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރައީސް ޔާމީނަކަށް ނޫނޭ ބޭވަފާތެރިވެވުނީ. އެ ބޭފުޅުން ހޮވި ރައްޔިތުންނަށޭ ބޭވަފާތެރިވެވުނީ. މިހާރު، ގޮނޑި ގެއްލިފައި އެތިބި ބޭފުޅުން، އެ ބޭފުޅުން އެބަޖެހޭ، 2019 ވަނަ އަހަރު ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވަން. އެ ގޮނޑީގައި ތިއްބަވަން ބޭނުންފުޅުކަމަށްވަންޏާ. ރައްޔިތުން ކިހާ ވަރަކަށްތޯ އެ ބޭފުޅުންގެ ގައިގައި ބަގުޑި ބައްދާނީ، ހަމަ އެ ބޭފުޅުން ޓެސްޓް ކޮށްލަން އެބަޖެހޭ. ހަމަގައިމުވެސް، މީދޫއަކުން އެ ބޭފުޅުންނަކަށް މަރުޙަބާއެއް ވިދާޅެއްނުވި.
އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން އެބަޖެހޭކަންނޭނގެ. އަޅުގަނޑަކަށް ނޭނގެ، މި ސްޕީޑުގައި ދާންޖެހެނީ ކީއްވެގެން ކަމެއް. އެކަމަކު، ޢަބްދުއްރަޙީމް ޖަލްސާގައި ވާހަކަ ދައްކަވާފައި ފޭބީމާ، މިއީހަމަ އަބަދުވެސް އަޅުގަނޑަށް ކުޅެންޖެހޭ ދަތުރަށްވެފައި މިއޮތީ. އަޅުގަނޑުވެސް، ހަމަ ރ. އަތޮޅުން ނުކުންނަމުން އަޅުގަނޑު ދަންނަވާލާނީ، ރ. އަތޮޅަކީ ޓޫރިޒަމްގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންދާ އަތޮޅެކޭ. ރ. އަތޮޅަކީ ޓޫރިޒަމްގެ އެތައް ރިޒޯޓެއް މިހާރު، ފަނަރައަށްވުރެ ގިނަވެގެން އެދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ރ. އަތޮޅުގައި، ރިޒޯޓުގައި މަސައްކަތް ކުރައްވާ ރ. އަތޮޅުގެ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޒުވާނުންނަށް އެމްޕްލޯއިމަންޓް ބެނެފިޓް ސްކީމެއްގެ ވާހަކަ ދެންނެވީމޭ. އެއީ، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު އަރުވާ ހަދިޔާއެއްގެ ގޮތުގައި އަޅުގަނޑު ދެންނެވީ. ސަރުކާރުން ސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް އަޅުގަނޑު ޖަމާކުރާނަމޭ. އަދި، އެކަށީގެންވާ ތަރުހީބެއް މިކަމަށް ލިބޭކަމަށްވަންޏާ، އެއީ، ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބޭކަމަށްވަންޏާ، މި އަދަދު ފަސްސަތޭކަ މިލިއަނެއްހާ ހަމައަށް އަޅުގަނޑު ޖައްސާލަދޭނަމޭ. މީގެ ބޭނުމަކަށްވަނީ، މި ތަންތަނުގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް، އެ މީހުންނަށް އެއް އަހަރު، ދެއަހަރުން ލިބޭ ފައިސާކޮޅުން އެ މީހުންނަށް މި ރަށްރަށުގައި ގެދޮރު ބިނާކުރެވޭވަރުގެ ޤާބިލުކަން ނެތީވިއްޔާ، ނޫނީވިއްޔާ އެ މީހުން ކުރަން ބޭނުންވާ ބޮޑު މަސައްކަތެއް ކުރުމަށް އިންވެސްޓް ކުރުމަށް ފައިސާކޮޅެއް ނެތިއްޔާ، ނޫނީވިއްޔާ ރިޒޯޓެއްގެ ހިއްސާ ގަންނަން ފައިސާ ނެތިއްޔާ، އެކަމުން ސަރުކާރުން އެހީތެރިވާނެއޭ.
އެހެންވީމާ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެ ހުރިހާ ކަންތައްތަކެއް ކުރަމުން، މިކަހަލަ ކަންތައްތަކެއްކޮށްދޭން ކީއްކުރަންތޯ، އެޑްވާންސްކޮށް ވައްކަން ނުކުރަންވީ. އަޅުގަނޑަށް ލިބޭ އުފަލެއް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން، ލޯނު ނަގައިގެން ކުރުން އެއީ. އެކަމަކު، އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް. ލޯނު އަދާނުކުރެވޭތީ ކަންބޮޑުނުވާށޭ. އަދިވެސް އެބޭފުޅުން ނެންގެވި ލޯނުތައްވެސް އަދާކުރީ ރައީސް ޔާމީނޭ. އަޅުގަނޑު މިހާތަނަށް މިއައީ، އެހެން މީހުން ކުރި ނަޖިސް، ދިވެހި ފަސްގަނޑުން ފިލުވައިލަމުން. އެ ނަޖިސް ނަގައި އުކަލަންޖެހޭ މީހަކީވެސް އަޅުގަނޑު. މާލޭގެ ކުނިގޮނޑު ނަގައި އުކާލީވެސް އަޅުގަނޑު. ތިރީސް ފަސް އަހަރެއް ނޫން. އެއަށްވުރެ މާ ގިނަ ދުވަހު މާލޭގައި ކުނިގޮނޑު އޮތް. މި ހުރިހާ ރަށެއްގައި ކުނިގޮނޑު އޮތް.
އެހެންވީމާ، ރައީސް ޔާމީން ކުރާނީ އެކަހަލަ މަސައްކަތް. އެހެންވީމާ، އެކަހަލަ މަސައްކަތް ކުރާއިރު، ހަމަ ކަރަށް ނާރު އެރިޔަސް، މާލޭގެ ހުޅަނގު ދެކުނު ފަރާތަށް ޖެހިލައިފިއްޔާ، އައި.ޖީ.އެމް.އެޗް.ގެ ނޫނީވިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލުގެ ތިމަންނާ ދާންވީ ސިކުނޑީގެ ފަރުވާ ހޯދަންތޯ. ކޮން ބުރިއެއްގައި އެތަން ހުރީ. ފަންސަވީސް ބުރިއާ ހަމައަށް މަތި ބަލައިލައިފި ކަމަށްވަންޏާ، ކަރަށް ނާރުއެރުން ފިޔަވައި އެހެންކަމެއް ނުވާނެ.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ރ. އިނގުރައިދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އިނގުރައިދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން؛
އަޅުގަނޑު މިރަށަށް މިއައީކީ ތިޔަބޭފުޅުންނަށް އެންމެ ފަސޭހަފުޅު ވަގުތަކު ނޫން. އެހެންނަމަވެސް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއިން ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ގާތްކަން، އަޅުގަނޑަށް ހާމަވެގެން ހިނގައްޖެ. ހަމަ ފަށްފަށުން އިނގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
އާދެ، އިނގުރައިދުއަށް އަޅުގަނޑު މިއައީ، ތިޔަބޭފުޅުންގެ މި އުފަލުގައި ބައިވެރިވާން. ތިޔަބޭފުޅުން އެތަކެއް ޒަމާންވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި ބަނދަރެއް ނިމިގެން މިއައީ. އެއާއެކީވެސް އަޅުގަނޑު ދަންނަވާލާނަން ފަލާޙަށްވެސް، ޑޮކްޓަރ މުޢިއްޒަށްވެސް އެންމެ ދަތިފުޅުވީ ވަގުތުގެ ދަތިކަން. ދެން އަޅުގަނޑަށްވެސް ހަމަ މި މައްސަލަ އެބައޮތް. އަޅުގަނޑު ބަލާނަން އިރާދަކުރެއްވިއްޔާ ދިހަވަރަކަށް މިނިޓުގެ ތެރޭގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާފައި، ތިޔަބޭފުޅުން މެންދުރު ނަމާދަށް މިސްރާބުޖެހޭނެ ވަގުތުކޮޅެއް ތިޔަބޭފުޅުންނަށް އަރުވަން.
އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ހަމަ ބައެއް ވާހަކަ އެބަހުރި. އެއީ ތޭވީސް ވަނަ ދުވަހު މި ނަގާ ވޯޓާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ. އިނގުރައިދޫގައި ހުރެގެން އަޅުގަނޑު މި ވާހަކަ ދައްކާއިރު، އިނގުރައިދުއަކީ ޝައްކެއްވެސްނެތްގޮތުގައި، ރ. އަތޮޅުގެ މުހިންމު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް. ހަތަރު ރަށުގެ ތެރެއިން، އާބާދީގެ ގޮތުން ހިމެނޭ އެއް ރަށް، ބޮޑު ރަށެއްގެ ގޮތުގައި. އިނގުރައިދޫގައި އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް.
ސިޔާސީ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަށްޓަކައި އިދިކޮޅު ފަރާތްތަކުން، މިދައްކާ ވާހަކަތައް ކިތަންމެވަރަކަށްވެސް ދެއްކިދާނެ. އަދި އަޅުގަނޑުމެންނާއެކީ ތިބެފައި، އޮޑިން ފުންމަވައިލައްވައިގެން އެހެން ދިމަދިމާއަށް ވަޑައިގެންނެވި ބޭފުޅުންވެސް މިކަހަލަ ވާހަކަތައް ދައްކަވާނެ. އެކަމަކު އެންމެ ތަފާސް ހިސާބުގެ އަކުރަކުން އަޅުގަނޑު ދަންނަވާލާނީ، އިނގުރައިދުއާ ދޭތެރޭގައި ކަންތައް ހިނގާފައި އޮތްގޮތް. މިވަރުން ތިޔަބޭފުޅުންނަށް ފުއްދައިލެއްވޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.
މިއަދު ހުޅުވިގެން މި ދިޔައީ ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުންގެ ރީތި ބޮޑު ބަނދަރެއް. މި ބަނދަރަކީ ތިޔަބޭފުޅުން އިންތިޒާރު ކުރައްވަމުން ގެންދެވި ބަނދަރެއް. އެހެންނަމަވެސް، ސަރުކާރުތައް ފާއިތުވެގެންދިޔައިރުވެސް މިކަމެއްނުވި. ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ސަރުކާރު ނިމިގެން ދިޔައިރުވެސް މިކަންކަމެއްނުވި. އިނގުރައިދުއަށް 2013ގެ ކުރިން ހިނގައިދިޔަ ފަސް އަހަރުގެ ތެރޭގައި، މުޅި އިނގުރައިދުއަށް ހިނގާފައި އޮތީ، 1.4 މިލިއަން ރުފިޔާ. ދޮޅު މިލިއަން ރުފިޔާ، މުޅި އިނގުރައިދުއަށް. އަޅުގަނޑުމެންގެ ސަރުކާރުގައި މިހާތަނަށް މި ހިންގާ މަޝްރޫޢުތަކަށް 57 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަކޮށްފިން.
އެހެންވީމާ، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ! އިނގުރައިދުއާ ދޭތެރޭގައި އޯގާތެރިކަމާއެކީ ވިސްނަނީ ކޮންބައެއްތޯ؟ އަޅުގަނޑުމެންގެ ވިސްނުމުގެ ތަޞައްވުރަކީ، ރައްޔިތުންނަށް ތަރައްޤީ ދާނީ ޝާމިލުވާ ގޮތެއްގެ މަތިންނޭ. ހުރިހާ ރައްޔިތުންނަށް ތަރައްޤީ އިރާދަކުރެއްވިއްޔާ ކަށަވަރުވެގެން މިދަނީ. އަޅުގަނޑާއެކީ ޓީމު ކުރާންވީ ވަރުގަދަ މަސައްކަތުގައި، މި ޓީމުގައި ކުރާ ވަރުގަދަ މަސައްކަތުގައި، ރާއްޖެތެރެއާ އެންމެ ގުޅުންހުރި މަސައްކަތްތައް ކޮށްދެއްވަނީ ޑޮކްޓަރ މުޢިއްޒާއި، މިނިސްޓަރ ޠާރިޤް. އަދި އެބޭފުޅުންނާއެކީ، މި މަސައްކަތްތަކުގައި އެންމެ ހީވާގިކަމާއެކީ މި އުޅުއްވަނީ، މިއަދު ކުންފުނިތަކުގައި ހަކަތަ ހުރީމާ، ކުންފުނިތަކުގެ ޤާބިލު ސީ.އީ.އޯ.އިންނާއި ކުންފުނިތަކުގެ މުވައްޒަފުން. މިއަދު މި މަޝްރޫޢާ ގުޅިގެން މިދަނީ އެމް.ޓީ.ސީ.ސީ. އަޅުގަނޑުމެންނަށް ފެނަކަ، ހަމަ މިކަންކަމުގެ ތެރޭގައި ހިމެނޭ. ހަމަ އެގޮތަށް ދުވާފަރުގައި، ހިނގަމުންދިޔަ ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑަށް ޝާމިލުކަން ބޮޑުގޮތެއްގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެމް.ޑަބްލިއު.އެސް.ސީ.
މި ދުވަސްވަރަކީ ސިޔާސީ މޫސުމް. މި ދުވަސްވަރަކީ ރައްޔިތުން ހޭލުންތެރިކަމާއެކީ، ރައްޔިތުންގެ ކަންތައްތަކާ ދޭތެރޭގައި ވިސްނަންޖެހޭ ދުވަސްކޮޅު ކަމަށް އަޅުގަނޑުވެސް ދަންނަވާލާނަން. އަޅުގަނޑަށް ވާހަކަދައްކަން ފަސޭހަވެގެންދިޔަ، މުޢިއްޒާއި، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފަލާޙުގެ ވާހަކަފުޅަށްފަހު. އަޅުގަނޑުވެސް ހަމަ ދަންނަވާލަން އޮތީ، އެ ފޯރީގައި އަޅުގަނޑު ވާހަކަ ނުދެންނެވި ނަމަވެސް، އަޅުގަނޑު ދަންނަވާލާނަން، މި ވޯޓާ ހަމައަށް ވަޑައިގަންނަވާއިރު، ޖަޒުބާތު އެއްކިބާކޮށްފައި އޮތް ސިކުނޑިއެއް ހިފައިގެން ވޯޓުފޮށީގައި ފާހަގަލައްވަން، ވޯޓު ކަރުދާސްކޮޅުގައި ފާހަގަލައްވަން ވަޑައިގަންނަވާށޭ. މިހާރު އެމް.ޑީ.ޕީ.އިން އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތަކީ، ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ކަންތައްތަކުގެ ޖަޒުބާތު ކެއްކުވޭތޯ ކުރާ މަސައްކަތް. އެއީ ތަންތަނުގައި ހަދައިދޭން ބުނާ އިތުރު މަޝްރޫޢު ކަމަށްވިޔަސް، އެމީހުން އެވާހަކަ ދައްކާނެ.
އެކަމަކު، ތިޔަބޭފުޅުން ތަޖުރިބާ ކުރައްވައިފީމު، ތިން އަހަރެއްގެ ވެރިކަމުގައި، ތިން އަހަރެއްގެ ވެރިކަމާއި، އެ ވެރިކަމުގެ ތެރޭގައި ކަންކަން ނުކުރެވި ހުރީމާ އިނގުރައިދޫގައި އައިސް އަޅުގަނޑު މި ދަންނަވަނީ، އެ ތިން އަހަރާއި، އޭގެފަހުން އައި ދެ އަހަރުގެ ތެރޭގައި މުޅި ރަށަށް ހޭދަވެފައި އޮތީ، ދޮޅު މިލިއަނެއްހާ ރުފިޔާއޭ. އެކަމަކު މިއަދު އައިސް ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓި، އުފަލާއެކީގައި އަޅުގަނޑު ދަންނަވަނީ، އިނގުރައިދޫގެ ތަރައްޤީގައި އަޅުގަނޑުގެ ހިއްސާ އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ތިޔަބޭފުޅުން ގަބޫލުކުރައްވައޭ. އެކަން ތިޔަބޭފުޅުން ތިޔަދެއްކެވީ، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު އިސްތިޤުބާލުގެ ތެރެއިން. ޖަޒުބާތު އުފެއްދުމަށްޓަކައި، މިއަދު އެމް.ޑީ.ޕީ. ދައްކާ ވާހަކަތައް ވަރަށް ގިނަ. އޭގެތެރޭގައި، ކުރީގެ ސަރުކާރުތަކުގައި ފޭދިފައި ހުރި ފައިސާގެ ވާހަކަ ދައްކަނީ. ޚާއްޞަކޮށް އަމާޒުކުރައްވަނީ މި ސަރުކާރަށް. އަޅުގަނޑު އެއަށްވުރެ އުފާވާނެކަމެއް ނޯންނާނެ. ކުރީގައިވެސް އެބޭފުޅުން އެކަހަލަ ވާހަކަ ދެއްކެވި. އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގެންނެވި. އެކަމަކު އެބޭފުޅުންނަކަށް އެކަމެއް ޙަޤީޤަތަކަށް ނުހެއްދެވުނު. މިހާރުވެސް އެވާހަކަ ދައްކަވާނެ. އެއީ ރައްޔިތުންނަށް އެބޭފުޅުންގެ ޖަޒުބާތު ކައްކާލަން ދައްކާ ވާހަކަ. އޭގެ ކަމެއް އޮތިއްޔާ، ސިޔާސީގޮތުން އަޅުގަނޑު ޖަވާބުދާރީ ނުކުރުވައި، އަޅުގަނޑުގެ ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ، އެމީހުން ކުރި މޮޔަކަމެއް. އަޅުގަނޑު ޖަވާބުދާރީކުރުވަން އެމީހުން އޭގެކުރިން މަސައްކަތް ކުރަންވާނީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑާއެކީ މި ވޯޓު ކަރުދާސްކޮޅާ ހަމައަށް އަންނައިރު، ރައްޔިތުންގެ ވިސްނުމުން، ރައްޔިތުންގެ ވިސްނުމުގެ ތަރާދުން ކިރާނީ، އެމީހުންނަށް ކަންތައްތައް ކޮށްދީފައި ހުރީ ކާކުތޯ؟
މި ރަށުގައި އައިސް މި ވާހަކަ އަޅުގަނޑު މި ދަންނަވަނީ، މިއަދު އިދިކޮޅު ކެންޑިޑޭޓް، އެކި ރަށްރަށުގައި ދައްކަވާނެ ވާހަކައެއް ނެތިގެން އެބޭފުޅުން އެކިކަހަލަ ވާހަކަ އެދައްކަވަނީ. ނަރުދަމާ އޮތިއްޔާ ދެވަނަ ނަރުދަމާ. ފަލާޙު ވަރަށް ފަރިތަކަމާއެކީ މިވާހަކަ ދައްކަވައިފި. ތަފްސީލަކަށް ނުދާނަން. އެކަމަކު މިވާހަކަ މިހެން އުފެދިގެން މިއުޅެނީ ކީއްވެގެންތޯ އަޅުގަނޑު ދަންނަވާލާނަން. އެބޭފުޅުންގެ އަތްޕުޅުގައި ޙަޤީޤަތުގައި މެނިފެސްޓޯއެއް ނެތް. އެބޭފުޅުން މެނިފެސްޓޯއެއް ހައްދަވާކަށް ޖެހިވަޑައެއްނުގަންނަވާ. އަޅުގަނޑާ ވާދަކުރައްވާ ހުރިހާ ސިޔާސީ ބޭފުޅުން، އެއީ އަޅުގަނޑާއެކީ އެއްއިރެއްގައި ތިއްބެވި ބޭފުޅުންވެސް، އަދި އަޅުގަނޑާ ދެކޮޅަށް ތިއްބެވި ބޭފުޅުންވެސް، ދިވެހިރާއްޖޭގެ ތަޚުތަށް އިންތިޒާރު ކުރައްވާ. އުއްމީދުކުރައްވާ. ހަމަ ކޮންމެ ބޭފުޅެއްގެ ވިސްނުންފުޅު ހުރީ، މި ވޯޓާ ހަމައަށް އަޅުގަނޑު އައުމުގެ ކުރިން، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އަޅުގަނޑު އެއާ ހަމައަށް އަޔަނުދިނުމަށް.
ރައްޔިތުންގެ އަރިހަށް އައިސް، ރައްޔިތުންގެ ތާއީދަކަށް ރައްޔިތުންގެ އަރިހުގައި، ދަންނަވާ ކަމަށްވަންޏާ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ، ރައީސް ޔާމީނަކީ މިގޮތަކަށް ރައްޔިތުންނާ ހަމައަށް އަންނަން ދޫކޮށްލަންޖެހޭވަރުގެ މީހެއް ނޫންކަން. ކުރި ހުރިހާ މަސައްކަތްތަކެއް ކުރީ، މި ދެންނެވި ކަންކަމުގައި، އަޅުގަނޑަށް ހުރަސްއަޅަން. ތަފްސީލަކަށް ނުދާނަން. އެއްފަހަރަށްވުރެ ގިނަފަހަރު، އެބޭފުޅުންގެ މަޝްރޫޢުތައް، ނޫނީ އެބޭފުޅުންގެ ޕްލޭންތައް ކާމިޔާބުވީނަމަ، އަޅުގަނޑު ވެރިކަމަކު ނުހުރީސް. އެއް ފަހަރަށްވުރެ ގިނަފަހަރު އެމީހުން މަސައްކަތްކުރި. އެއީ ދައުރު ހަމަނުކޮށް ރައީސް މަގާމުން ވަކިކޮށްފިއްޔާ، ނޫނީވިއްޔާ ދެން އެހެން ސިޔާސީ މީހަކަށް ފުރުޞަތު ނެތްކަމަށް އެމީހުން ގަބޫލުކުރާތީ. އެމީހުން ދެކޭތީ. އެއީ ރަށްރަށަށް އަންނަ ތަރައްޤީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ސްޓްރެންތަކީ، ނޫނީވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވިއްކަން އޮތް އެއްޗަކީ. ދެން އެއާއެކީ ރައްޔިތުންނަށް ވިއްކަން އޮތް އެއްޗަކީ އަޅުގަނޑުމެންގެ އިޚުލާޞްތެރިކަން. އަޅުގަނޑުމެން ދައްކާ ވާހަކައަކާއި ޢަމަލާ އަޅުގަނޑުމެން ސީދާކުރަން. ބަހާއި ކުރާ ކަންކަމާ އަޅުގަނޑުމެން ސީދާކުރަން. އެއީ އެބޭފުޅުންނަށް ނުކުރެއްވޭ ކަމަކީ.
އެހެންވީމާ، ޖަޒުބާތުގައި ޖައްސަން މިހާރު އެ ކުރައްވާ ކަންކަން ކުރައްވާއިރު، އެބޭފުޅުން ނުކުމެވަޑައެއްނުގަންނަވާނެ، މެނިފެސްޓޯއެއް ހިއްޕަވައިގެންނެއް. މެނިފެސްޓޯއަކާ ނުލައި، އެކަން އެބޭފުޅުން ކާމިޔާބުކުރަން ނިންމަވާފައި އޮތީ. ފެބުރުވަރީ އެކެއްގެ ޙުކުމާ ހަމައަށް ޖެހިލައްވާ. މި ޙުކުމުގެ ވާހަކަ އަޅުގަނޑު އެކިކަހަލަ ނަޒަރިއްޔާއިން ދަންނަވައިފިން. އެކަމަކު، ސިޔާސީ ނަޒަރިއްޔާއިން އަޅުގަނޑަށް ވިސްނޭގޮތް މި ދަންނަވަނީ. އެ ބޭފުޅުން އުއްމީދެއް ނުކުރައްވާ، 23 ވަނަ ދުވަހުގެ ވޯޓާ ހަމައަށް އަޅުގަނޑު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ހުންނަވާނެ ކަމަކަށް ގަބޫލެއްނުކުރައްވާ. އެ ބޭފުޅުން ނިންމަވާފައި އޮތީ، ފެބުރުވަރީ އެކެއްގެ ޙުކުމާއެކީ، މި މަޝްރޫޢުތައް. މިރަށުގައި ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަޑައިގަންނަވަނީ އެބޭފުޅުން. ތަންތަނުގައި ނަރުދަމާ ހުޅުވައިދެއްވުމަށްވެސް ވަޑައިގަންނަވަނީ އެބޭފުޅުން. އަދި، ތަންތަނުގައި ނުނިމިހުރި ހުރިހާ ކަމެއް ނިންމުމަށް، މި ކުރެވޭ މަސައްކަތުގައި އެ ބޭފުޅުން ވަޑައިގަންނަވަނީ، އެ ތަންތަން ހުޅުއްވައިދެއްވަން. ވަޑައިގެންފައި ވިދާޅުވެދެއްވާނެ، ތިމަންނާމެން ކުރި މަސައްކަތޭ މިއީ. އެހެންވެގެން، އަޅުގަނޑު އަބަދުވެސް ދަންނަވަނީ، ކާޅު ހާލި ހެދީމާ، ކޮވެލި ބިސް އަޅަން އަންނާނޭ. އެއީ، އެ ބޭފުޅުން މެނިފެސްޓޯ ނުގެންގުޅުއްވާ ސަބަބަކީ. ރައީސް ޔާމީން ކަންތައްތަކެއް ކުރަމުން ގޮސްފައިހުރީ. އެކަމަކު، އެ ކަންތައްތައް ހުޅުވައިދިނުމުގެ، ނޫނީވިއްޔާ އެ ޝަރަފުގައި ރައްޔިތުންނާއެކީ، އެ އުފަލުގައި ހިއްސާވުމުގެ ފުރުޞަތު އެ ބޭފުޅުން ބޭނުންފުޅެއްނުވޭ ރައީސް ޔާމީނަށް ދޭކަށް. އެހެންވެގެން، ރައީސް ޔާމީން ބަންދުކުރެވޭނެ ހުރިހާ ގޮތެއް އެ ބޭފުޅުން ހޯއްދެވީ. ދަތިއެޅުވޭނެ ހުރިހާ އުކުޅުތަކެއް އެ ބޭފުޅުން ނެރުއްވީ އެގޮތަށް. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ، އެ ބޭފުޅުން ކިތައްމެ މަސައްކަތެއް ކުރެއްވިޔަސް ރައްޔިތުންނަށް އެ ފުރުޞަތު މިއޮތީ ތަނަވަސްވެފައި.
އެހެންވީމާ، 23 ގައި ވޯޓަށް ވަޑައިގަންނަވާއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މި ޖަޒުބާތުތަކުގައި ޖެހިވަޑައިނުގަންނަވާށޭ. އެ ދައްކަވާ ވާހަކައިގެ މަސްތުގައި ޖެހިވަޑައިނުގަންނަވާށޭ. އެއަށްވުރެ ހޭލުންތެރި ރައްޔިތުންނޭ ދިވެހިރާއްޖޭގައި މިއުޅެނީ. ވެފައިހުރި ކަންތައް މާޒީން، އަޅުގަނޑުމެން ޚިޔާލުކޮށްލީމާ އަޅުގަނޑަށް ފެނޭ. ކުލަތަކުން އަޅުގަނޑުމެންނަށް އެކަންކަން ފެނޭ. އަނދާ އަޅިއަށްވަމުންދިޔަ ބިނާތަކުން އަޅުގަނޑުމެންނަށް އެ ބޭފުޅުން ހަރަކާތްތެރިވެފައި ހުރިގޮތް އެބަފެނޭ. ދައްކާ ވާހަކައިން އަޅުގަނޑުމެންނަށް އެނގޭ، ސިޔާސީ ލީޑަރުންގެ އެއްވެސް ކަހަލަ އުރަތްޕެތް ނެތްކަން. އެއީ، އެ ބޭފުޅުން އެކަކު އަނެކަކަށް އިޚުލާޞްތެރިނުވާކަން، އަޅުގަނޑުމެންނަށް އެ ބޭފުޅުން ދައްކަވައިދެއްވި. އެ ބޭފުޅުންގެ ވާހަކަފުޅުން ރައްޔިތުންގެ ކުރިމަތީގައި އެ ވާހަކަ ވިދާޅުވީ. އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތާއި، ދައްކަމުން އަންނަ ވާހަކައަކަށް ބަދަލެއް ނުގެންނަން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ.
އެހެންވީމާ، އަޅުގަނޑު ދަންނަވާލާނީ، މި ފުރުޞަތަކީ، ޙަޤީޤަތުގައި، އަޅުގަނޑަށް އެ ބޭފުޅުން ދެއްވި ފުރުޞަތެއް ނޫން. މި ފުރުޞަތު އަޅުގަނޑަށް ތަނަވަސްކޮށްދެއްވީ ﷲގެ ހެޔޮ ރަޙްމަތުން. އެހެންނޫންނަމަ، މި ރަށުގެ ބަނދަރުވެސް ހުޅުވަން ވަޑައިގަންނަވާނީ އެ ބޭފުޅުން. އެހެންވީމާ، ކީއްކުރާ މެނިފެސްޓޯއެއް. މެނިފެސްޓޯއެއް އޮންނާކަށް ނުޖެހޭ. ދެން، އެ ހިސާބުން، ހުރިހާ ސިޔާސީ ލީޑަރުން ނުކުންނާނެ، ގުޅަކުޅޭ ފަސްގަނޑަށް. އެކަކަށްވުރެ ބާރަށް އަނެކަކު ބައްދާނެ. ބޭނުމަކީ، ހުރިހާ އެންމެވެސް އެކަކަށްވުރެ ކުރިން ގޮސް ދިވެހިރާއްޖޭގެ ވެރިކަމާ ހަމައަށް ދިޔުން. ދިވެހިރާއްޖޭގައި ވެރިކަން ކުރުމަކީ ފަސޭހަކަމެއް ނޫން. އަމްދުން، ޝަރަފެއް އޮތް ކަމެއްނޫން. އަމުދުން، މީހަކަށް ހިތްހަމަޖެހިލައިގެން ނޭވާއެއްލެވޭނެ ފުރުޞަތެއް މިހާރު މިތިބަ ސިޔާސީ ލީޑަރުން ނުދޭނެ. އެއިން މީހަކު، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި ރައްޔިތުންނާ ހަމައަށް ވަކާލާތު ކުރަން އަންނަންވީ. މިކަންތައް ކޮށްދޭނެގޮތް ބުނެދޭންވީ. ފައިސާ ހޯދާނެގޮތް ބުނެދޭންވީ. އެކަންކަމުގައި އެ މީހުން އެ ތިބީ ނާޤާބިލުވެފައި. އަޅުގަނޑުމެން ރައްޔިތުންގެ އަރިހުގައި މިވާހަކަ އިތުރަށް ކަށަވަރު ކޮށްދޭކަށެއް ނުޖެހޭ.
މިއަދުވެސް، އަޅުގަނޑު ދަންނަވާލާނަން. 23 ގެ ވޯޓު އަޅުގަނޑަށް މުހިންމު. އެ ވޯޓު އަޅުގަނޑަށް ދެއްވަން، އިނގުރައިދޫގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު އިލްތިމާސް ކުރަން. އެކަމަކުވެސް ހަމަ ދަންނަވާލާނަން. ދެންމެ މިރަށުން ހުށަހެޅުއްވި، މި ތަނުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ހަދައިދޭށޭ. އަޅުގަނޑު، އިރާދަކުރެއްވިއްޔާ، ބަލާނަން 23 ގެ ވޯޓުން، މިއަންނަ އަހަރު ކުރާ ކަމެއްނަމަ، އިރާދަކުރެއްވިއްޔާ މިއަހަރުވެސް މިތަނުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރުގެ ޚިދުމަތްދޭ ތަނަކަށް އަޅުގަނޑު ބަދަލުކޮށްދޭނަން.
57 މިލިއަން، ނޫނީވިއްޔާ 60 މިލިއަންގެ ހޭދަކޮށްފައި ހުރި މީހަކަށް، މިކަހަލަ އާދައިގެ ކަމެއް ކޮށްލުމަކީ، ދަތިކަމަކަށް ނުވާނެ. އެއީ، އަޅުގަނޑުމެންނަކީ އިޚުލާޞްތެރި މީހުން. ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން ދަންނަން. މިތަނުގައި ގިނައީ ކަނބަލުން. އަޅުގަނޑު ދެންނެވިން، އަންހެނުންގެ ޚާއްޞަ ބަލިތަކަށް، ހުރިހާ ބައްޔަކަށް ފަރުވާދެވޭނެ، އަންހެނުންނަށް ޚާއްޞަކޮށް، އަންހެނުންނަށް ޚާއްޞަ ހޮސްޕިޓަލެއްވެސް ހަދައިދިނީ އަޅުގަނޑޭ. ދިވެހިރާއްޖޭގެ ވެރިން ތިބި މީގެކުރިން.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅުނު މީގެކުރިން. ދިވެހިރާއްޖެއިން މިކަހަލަ ހުރިހާ ކަންކަމުން ފުރުޞަތު ލިބިއްޖެ މީގެކުރީގައި ތިބި މީހުންނަށް. އެހެންވީމާ، މިއަދު ސިޔާސީ ޖަޒުބާތުގައި ޖައްސަން އެ ބޭފުޅުން ދައްކަވާ ވާހަކައަކީ، އެ ބޭފުޅުންނަށް ހީފުޅުވަނީކަންނޭނގެ، މިއަދު ރައްޔިތުންނަށް ހީވާނޭ، ކޮރަޕްޝަނުގެ ވާހަކަ ދައްކައިފިއްޔާ، ވަރަށް ގިނަ ބަޔަކު އެއަށް ހެއްލިގެން އެއަށް ދާނެއޭ. ނޫން، އެހެން ނަހައްދަވާ. މިރަށުގެ ބޮޑު އަޣުލަބިއްޔަތު މިއޮތީ ރައީސް ޔާމީނާއެކީކަން، މިރަށުގައި ތިއްބެވި މަދު ބޭފުޅުންކޮޅެއް، އަޅުގަނޑުމެންގެ ފިކުރަށް މުޅިން ހިޖުރަ ނުކުރައްވާ ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.
އެ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލާނެ ވާހަކައަކީ، އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނެ ވާހަކައަކީ، ތިޔަބޭފުޅުން ތިޔަ ލައްވާ ކަރުދާސްކޮޅަކީ، ޑަސްބިނަށް އެއްލައިލާ ކަރުދާސްކޮޅަކަށް ނަހަދާށޭ. މިތަނުގައި، ބޮޑު އަޣުލަބިއްޔަތު މިއޮތީ 23 ވަނަ ދުވަހު އެއްވަނަ ނަންބަރަށް ވޯޓުލާން. އެހެންވީމާ، އެ މީހުންނާ ގުޅިގެން މިރަށުގެ ތަރައްޤީއަށް، ރަށުގެ ރައްޔިތުން ކުރާ އުއްމީދުގައި ތިޔަބޭފުޅުން ކުލަޖައްސަވައި ދެއްވާށޭ. އެހެންވީމާ، ބޭކާރު ވޯޓެއް ލެއްވުން ކޮބާ. ބޭކާރު ވޯޓެއް ލައިފިކަމަށްވަންޏާ، ހަމަ އަޅުގަނޑު ޖެހޭނީ އަނެއްކާވެސް އެ ކުނި ހޮވާފައި، އެ ކުނި ނައްތާލަން. މިހާރުވެސް މި ކުރަނީ އެ މަސައްކަތް. ސިޔާސީ މީހުން ކޮށްފައި، ދެން ދިޔައިމާ، ތަންތަނުން ވަސް ދުވާތީ، ވަސް ފިލުވޭތޯ މަސައްކަތްކުރަނީ. ތަންތަނުން ގޮނޑު ނަގަން މަސައްކަތް ކުރަނީ، އަޅުގަނޑު. އެހެންވީމާ، ކަރުދާސްކޮޅު ޑަސްބިނަށް އެއްލައިލީމާ، އެ ޑަސްބިންވެސް ނަގާ އެއްލައިލާން މި ޖެހެނީ ރައީސް ޔާމީނަށް.
އިރާދަކުރެއްވިއްޔާ، އަޅުގަނޑު، އަޅުގަނޑުގެ މަސައްކަތްތަކުގައި އިޚުލާޞްތެރިކަމާއެކީ ހުންނާނަން. އެކަމަކު، ރައްޔިތުންނަށް އަޅުގަނޑަށް ޚިދުމަތް ކޮށްދެވޭނީ، އިނގުރައިދޫން ތިޔަ ބޭނުންވާ އިތުރު ކަންތައް އަޅުގަނޑަށް ކޮށްދެވޭނީ، ފުރަތަމަ ރައްޔިތުން އަޅުގަނޑަށް އެހީތެރިވެދީގެން. އެހެންވީމާ، 23 ވަނަ ދުވަހުގެ ވޯޓާ ހަމައިގައި، ތިޔަބޭފުޅުން މިކަން ދައްކަވައިދެއްވާ.
ﷲގެ ރަޙްމަތާއި، ހެޔޮ ތައުފީޤާއެކީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިހުންނާނެ މީހަކީމު. އަޅުގަނޑުގެ މަސައްކަތަށް ހުރަސް އެޅުމަށް، ލައްކަ ގިނަ މަސައްކަތް ސިޔާސީ މީހުން ކޮށްފި. ކައިރިންނާއި ދުރުން. ތިމާގެ މީހުންނާއި، ތިމާގެ ނޫން މީހުނާއި، ގާތް މީހުންނާއި، ގާތް ނޫން މީހުންނާއި، ސިޔާސީ އެންމެ އެކުވެރިންނާއި، ސިޔާސީ ހަތުރުންވެސް މި މަސައްކަތްކޮށްފި. އެކަމަކު، ﷲގެ ރަޙްމަތް އަޅުގަނޑުމެންނާއެކީ ތަނަވަސްވެގެން މިވަނީ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކީ ޚިދުމަތްކުރާ ބައެއް ކަމުގައިވާތީކަމަށް، އަޅުގަނޑު ގަބޫލުކުރަން. ދެންވެސް، އަޅުގަނޑުމެން އެދެނީ، ﷲގެ ހަޟުރަތުން މަދަދު.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ތ. ވިލުފުށީގެ މަގުހެދުމުގެ މަސައްކަތްނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
السّــلام عليــكم ورحـمــة اللّـه وبـركاتـه.
ވިލުފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން،
މި ނިމިގެންދިޔަ ވިލުފުށީގެ މަޝްރޫޢު ފަށްޓައިދޭން އަޅުގަނޑު އައުމާ ގުޅިގެން ތިޔަ އެންމެ ބޭފުޅުންގެ ޝައުޤުވެރިކަން އަޅުގަނޑަށް ހާމަކޮށްދެއްވީ، އަޅުގަނޑަށް ތިޔަ ވިދާޅުވި އިސްތިޤްބާލުން. މިރަށް ޒީނަތްތެރިކުރުމަށް ވަރަށް ގިނަ މަސައްކަތް ތިޔަބޭފުޅުންވަނީ ކޮށްދެއްވާފައި. މިމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކީ ޝުކުރުދަންނަވަމުން އަދި ތިޔަބޭފުޅުންގެ ތިޔަގާތްކަން ރަމްޒުކޮށްދިނުނުގެ ގޮތުން ތިޔަވިދާޅުވި ހޫނު އިސްތިޤްބާލަށްޓަކައިވެސް، ވިލުފުށީގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން.
ވިލުފުށްޓަށް އަޅުގަނޑު އައިމާ އަޅުގަނޑަށް ވަރަށް ތަފާތު އިޙްސާސްތަކެއް ލިބިގެންދޭ. ވިލުފުށްޓަކީ، ދެންމެ އެދާއިރާގެ މެންބަރު ރިޔާޒު ވާހަކަފުޅު ދެއްކެވިގޮތަށް، ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވީ ރަށްތަކުގެ ތެރެއިން އެއް ރަށް. އަދި ޚާއްޞަ މަޝްރޫޢެއް ރޭވިގެން ވިލުފުށްޓަށް ސަމާލުކަން ދެވިގެން މަޝްރޫޢުތައް ހިންގުނު އެއްރަށްވެސްމެ. އެހެންނަމަވެސް، ރައްޔިތަކަށް މި އިޙްސާސްވާންޖެހޭ ހިތްދަތިކަމާއި ބުރަކަން އެންމެ ބޮޑަށް އިޙްސާސްކުރަން ޖެހުނު ރައްޔިތުން ދިރުއުޅުއްވަމުން ގެންދަވަނީ ވިލުފުށީގައި. ދުވަސްތަކަކަށްފަހު ވިލުފުށި އާބާދުވެގެންދާއިރު، ވިލުފުށީގެ ތަރައްޤީއަށް ގިނަމަސައްކަތްތަކެއް ކުރެވިގެން ފެނިގެން ދިޔައިމާ އަޅުގަނޑު ހިތަށްއަރަނީ، އުންމީދުގެ ކުލަވަރު ވިލުފުށީގެ ރައްޔިތުންނާއެކީ އޮތް މިންވަރު. ޝައްކެއްވެސް ނެތްގޮތުގައި، އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރާނީ، އަޅުގަނޑުމެންގެ ވިސްނުމުން އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ މައްޗަށް. އަދި އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމުގައި ކޮންމެ މީހެއްގެ ހިއްސާއެއް، ފަރުދީ ހިއްސާއެއް އޮތްކަންވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. އަޅުގަނޑުމެން ކޮންމެ ބަޔަކީވެސް، އެއްބަޔަކާ އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރީމާ މުޅި ޖުމްލަ މުޖުތަމަޢަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެވޭގޮތަށް އަޅުގަނޑުމެންގެ ތެރޭގައި އިންސާނީ ތަބީޢަތުގައި ކަންކަން އިންތިޒާމުވެފައިހުރި ބައެއް.
ވިލުފުށްޓަށް އަންނަ ތަރައްޤީއަކީ، ޝައްކެއްވެސް ނެތްގޮތުގައި މި ދާއިރާއަށް އަންނަ ތަރައްޤީ. ވިލުފުށްޓަށް މި ސަރުކާރުގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޚިދުމަތްތަކެއް ކޮށްދެވިފައި ހުރިކަން ވިލުފުށީގެ ރައްޔިތުން ގަބޫލުކުރައްވާތީ، ވިލުފުށީގެ ފަރާތުން ދެންމެ އަޅުގަނޑަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ހަދިޔާއެއް ތިޔަ ދެއްވީ. އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން ހަމަ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުން، ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާ އަދި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަރަށްގިނަ ވާހަކަފުޅުތަކެއް ވިދާޅުވެދެއްވައިފި. އަދި ހަމައެއާއެކީ، އިޚްލާސްތެރި ޝުޢޫރުތަކެއް އަޅުގަނޑާ ދޭތެރޭގައި ހާމަކޮށްދެއްވައިފި. އެބޭފުޅުން އެދެއްކެވި ވާހަކަފުޅުތަކާއި އަދި އަޅުގަނޑާ ދޭތެރޭގައި އެ ވިދާޅުވި އޯގާތެރި ބަސްފުޅުތަކަށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވާހަކަވެސް ކުރިއަށް ގެންދަންވެސް ވަރަށް ފަސޭހަވެގެން އެބަދެއޭ. ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލާނަން، ވިލުފުށީގެ ރައްޔިތުންގެ އުއްމީދުތަކެއް ވާކަން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން. ވިލުފުށްޓަށް މިއަދު އައިއްސަ އޮތް ތަރައްޤީއަށް ބަލާކަމުގައިވަންޏާ ދެން އަޅުގަނޑުމެން ވިސްނަންވީ މި ތަރައްޤީގެ މައްޗަށް އާރާސްތުކޮށް، އާމްދަނީ ހޯދުމަށް ކުރެވޭނީ ކޮންކަހަލަ އިތުރު މަސައްކަތްތަކެއްތޯ. މި ތަރައްޤީ އައީ ވިލުފުށީގެ ރައްޔިތުން، ޝައްކެއްވެސްނެތްގޮތުގައި މަސައްކަތްތަކެއް ކުރައްވައިގެން. އެހެންވީމާ، ރައުސްމާލު އުފެއްދުމާއި އަދި އުފެދިފައިހުރި ރައުސްމާލު އިތުރަށް ބޭނުންކޮށްގެން އިތުރަށް ނަފާ ހޯދަން އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ.
އެއްވެސް ރަށަކަށް، އެރަށަކަށް ބޭނުންވާ ކަންތައްތަކެއް ނާންނާނެ، އެރަށެއްގެ ރައްޔިތުން މަސައްކަތް ނުކުރާކަމަށްވަންޏާ. އަދި އެރަށަކަށް އެކަންކަން އަންނާނީ، ކޮންމެވެސް ކަހަލަ ތަރުތީބެއްގެ ތެރެއިން، އެކަންކަންވާނެ ގޮތްތަކެއް އިންތިޒާމުވެގެން ދިޔައިމާ. ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އެބައޮތް. އެކިވަރުގެ 187 ރަށް އޮންނައިރު، މީގެ ބައެއްރަށްރަށުގައި ހުންނަ އަވަށްތަކަކީ، ވިލުފުށި ކަހަލަ ރަށަކަށްވުރެ މާ ބޮޑެތި އަވަށްތައް. މިތަންތަނުގައި ތިބި ރައްޔިތުންގެ އަދަދަކީވެސް، އަދި ބިމުގެ ގޮތުންވެސް، މިހުރިހާ ގޮތަކުން ވިލުފުށި ކަހަލަ ރަށަކަށްވުރެ މާ ބޮޑެތި އަދަދުތައް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، ތަރައްޤީއަށް ލޯބިކުރާ މީހުން، އުޞޫލަށް ލޯބިކުރާމީހުން އަދި ލިބޭ ތަރައްޤީއަށް، ލިބޭ ނިޢުމަތްތަކަށް، ލިބޭ ރަނގަޅު ކަންކަމަށް ވިސްނާކަމުގައިވަންޏާ އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ރަނގަޅުކަމެއް ކުރާކަމަށްވަންޏާ ދެން އެބައެއްގެ ފަރާތުން ދެންވެސް އަންނާނީ ރަނގަޅު ކަމެއްކަން. ތަރައްޤީ ނެތިފަނާކޮށްލުމަކީ، ތަރައްޤީކުރާ ބަޔަކު ކުރާނެ ކަމެއްނޫން. ތަރައްޤީ ނެތިފަނާކުރާ ބަޔަކީ ފަނާކުރާނެ ބައެއް. އެބައެއްގެ ފަރާތުން އިސްވެ ތަރައްޤީއެއް ނާންނާނެ. ބިނާކުރުމާއި އާރާސްތުކުރުމާ މިއީ، ކަންތައްތައް ކުރަން ބޭނުންވާ ބަޔަކު ރައްޔިތުންނަށް ކޮށްދޭކަންތައްތައް.
ވިލުފުށްޓަށް މިއަދު އައިމާ އަޅުގަނޑަށް ފެނިގެން މިދަނީ ތަރައްޤީ އައިއްސަ އޮތް މިންވަރު. އަދި ރިޔާޒު މީގެ ވަރަށް ގިނަ ވާހަކަފުޅުތައް އެ ދެއްކެވީ. އަދި އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ ބޭފުޅުންނަށްވެސް ރިޔާޒު އެ ދަޢުވަތު ދެއްވަނީ، އަޅުގަނޑުވެސް އެ ދަޢުވަތުގައި ރިޔާޒުގެ ވާހަކައަށް ހަމަ ތާއީދުކުރަން. އެބޭފުޅުންނާއެކީ އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެ މަގެއް ހޯދައިދިނުމަށް ރިޔާޒު މަސައްކަތް ކުރައްވާކަމަށް އެ ވިދާޅުވީ. އެހެންވީމާ، މިކަންކަމުގައި ކުރިއަށް ދެވޭނެ މަގުތަކެއް ހޯއްދަވަން ރިޔާޒު ބޭނުންފުޅުވޭ.
އަޅުގަނޑު މިއަދު ވިލުފުށީގައި މި އިޙްތިފާލުކުރާ ޖަލްސާގައި ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވަނީ، އެފަދަ މަގުތަކެއްހަދައި ނިމި، އެ މަގުތައް މިޒަމާނުގެ ފެންވަރަށް އަޅައި ނިމުނީމާ އެ މަގުތައް ހުޅުވައިދިނުމަށް އައިސްހުރެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމުގެ ގޮތުން. އެހެންވީމާ، މަގުތައް މިހިރީ އަޅުގަނޑުމެންނަށް ފެންނަން. މަގުތައް އިޚްތިޔާރު ކުރުމަކީ، ހެޔޮ ބުއްދި ހެޔޮ ވިސްނުން ގަބޫލުކުރާ ބައެއްގެ އަމިއްލަ އަތުގައި އޮންނަ އިޚްތިޔާރެއް. މިއީ، ހެޔޮ ކަންކަން ގަބޫލުކުރާ، ހެޔޮބަސް އަހާ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ތަރުބިއްޔަތު ދޭއިރު ކޮށްދޭއިރު ދައްކާ ވާހަކައަކީ މިއީ. އެހެންވީމާ، ތަންތަނަށް ތަރައްޤީ އައުމުގެ ވާހަކަ ދައްކާކަމަށްވަންޏާ ރިޔާޒުގެ މިސާލުން އަޅުގަނޑު ހަމަ މިސާލު ދަންނަވާލާނަން. ޑރ.މުޢިއްޒުގެ މިސާލުން އަޅުގަނޑު މިސާލު ދަންނަވާލާނަން.
އަޅުގަނޑު ހަމަ ފިކުރުކޮށްކޮށްވެސް އަޅުގަނޑަށް ވިސްނަން ދަތިވިކަމެއްގެ ވާހަކަ ދަންނަވާލާނަން. މިތާ އެބަތިއްބެވި ޢުމުރަށް ބަލާކަމަށްވަންޏާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ތެރޭގައި ޙަރަކާތްތެރިވެފައި ތިއްބެވި ބޭފުޅުންނަށް ބަލާކަމަށްވަންޏާ، އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ސީދާކޮށް ގަބޫލުކުރައްވާނެ. އަދި ހެކިދެއްވާނެ ބޭފުޅުން މިތާ އެބަތިއްބެވި، މި ހޯލުގައި. އެއީ، އެކަހަލަ ޙަރަކާތްތަކުގައި އެކަހަލަ މަޝްރޫޢުތަކުގައި އުޅުއްވާ އަދި އެކަހަލަ ކަންކަން އެބޭފުޅުންގެ ލޯމަތިން ފެނިފައި ހުރި ބޭފުޅުން. ޢުމުރުގެ ގޮތުންވެސް، މަސައްކަތުގެ ދާއިރާގެ ގޮތުންވެސް.
އަޅުގަނޑުވެސް ދުށީމު އަދި އަޅުގަނޑު އަޑުއަހަމުންވެސް ގެންދާ ވާހަކައެއް، އެ ވާހަކަ އަޅުގަނޑު މިދަންނަވާލަނީ. މީގެ ކުރީގައި އިންތިޚާބުތައް ކައިރިވެގެން އައިމާ މިކަހަލަ ހުރިހާ ރަށްރަށަކަށް ޒިޔާރަތްކޮށް އެރަށްރަށަށް ދިމާވެފައިހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމާއެކީ އެރަށްރަށަށް ބޭނުންވާ ކަންކަމުގައި ބިން ވަކިކުރާކަމަށްވަންޏާ ކަޑަޖަހައިދޭނެ. ބަނދަރެއް ހަދާކަމަށްވަންޏާ ކަޑަޖަހައިދޭނެ. މިކަހަލަ އެތައްކަމެއް ކުރެވިފައި ދާނެ. އެއީ، ވަރަށް ގިނައިން ރައީސް މައުމޫނުގެ ސަރުކާރު ހިނގަމުން ދިޔައިރު އޭރު އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގައި ތިއްބެވި އެމް.ޑީ.ޕީ.ގެ ބޭފުޅުން، ހަމަ ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް. އިންތިޚާބެއް އަންނަކަމަށްވަންޏާ ފުރަފުރައިގެން ގޮސް، ތަންތަނުގައި ކަޑަޖަހާތަން ފެންނާނެއޭ. އެހެންނަމަވެސް، އިންތިޚާބު ނިމުނީމާ އެ ކަޑަތަކަށް ވާގޮތެއް ނޭނގެއޭ. ހަމަގައިމުވެސް، އެތަންތަނުގައި ބަނދަރު ހެދިގެންނެއް ނުދެއޭ. ހަމަގައިމުވެސް، އެތަންތަނުގައި އިމާރާތްތައް ބިމުން މައްޗަށް އުފުލިގެން ދާތަނެއް ނުފެނެއޭ. އެހެންވީމާ، މިކަންކަން މިހެން އޮންނައިރު އަޅުގަނޑަށް ލިބޭ އުފަލަކީ، އަޅުގަނޑު މިހާރު މިކުރާ ދަތުރުތަކުގައި، ކޮޅުމަޑުލުގައިވެސް ހުރިހާ ރަށަކަށްވެސް އަޅުގަނޑު ދިޔައީކީ ނޫން. އެއީ، އަޅުގަނޑު މިކުރަނީކީ ހަމަ އެކަނި ސިޔާސީ ދަތުރެއްނޫން. އަޅުގަނޑުގެ މައިގަނޑު ދަތުރަކީ ޙަޤީޤަތުގައި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެވިފައިހުރި ޚިދުމަތްތައް، އެ ޚިދުމަތްތައް ހުޅުވައިދިނުމުގެ ރަސްމީ ބައްދަލުވުންތަކަކަށްކަން އަޅުގަނޑު މިއަންނަނީ. ތަފާތަކީ، އަޅުގަނޑަށް ލިބޭ އުފަލަކީ، އަޅުގަނޑު މިއަންނަނީ މި މަޝްރޫޢުތައް ނިމިގެން މި މަޝްރޫޢުތަކުގައި މިރަށުންވެސް ކަނޑައިލީ ރިބަންފަށެއް. އެހެންވީމާ، ރިބަން ފަށެއް ކަނޑާލުމުގެ އުފާ އަޅުގަނޑަށް ލިބިގެން މިދަނީ. އެ ރިބަންފަށް ކަނޑާލީމާ މިރަށުގެ ރައްޔިތުން ދެން ބޭނުންފުޅުވާނީ، މިއަދު ނިމުނު މަޝްރޫޢުކަމަށްވަންޏާ އެ މަގުތަކުގައި ދުއްވާނެ އިތުރު ސައިކަލުތަކާއި ވެހިކަލްތައް.
އެހެންވީމާ، އެއްގޮތަކަށްވެސް މިއައީކީ މަގުތަކުގައި ހުންނަންވީ ދިމާ ފާހަގަކުރާކަށްވެސް ނޫން. މަގުތަކުން ކިތައް މަގުގައިތޯ ތާރުއަޅަންވީކީވެސް ނޫން. ދެންމެ ރިޔާޒުގެ ތަފާސް ހިސާބު، މުޢިއްޒުގެ ތަފާސް ހިސާބުތަކުން ދަންނަވާލަންޏާ އަޅުގަނޑު ދަންނަވާނަން. މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު ޒަޢާމަތުގެ ކުރިން 2013 ގެ ކުރިން އެ ހިނގާދިޔަ 5 އަހަރުގެ ތެރޭގައި 3 އަހަރުގެ ސަރުކާރަކާއި ގާތްގަނޑަކަށް ދެ އަހަރެއްގެ ސަރުކާރެއް އެ ދިޔައީ. އެ ސަރުކާރުތަކުން ވިލުފުށްޓަށް ބޮޑު ކެޕިޓަލް އިންވެސްޓްމަންޓް މަޝްރޫޢެއް ހޭދަކޮށްފައި އޮތް މިންވަރު، ރިޔާޟް ޗެލެންޖު ކުރައްވާފައި އެ ވިދާޅުވީ، މިތަނުން އެއްވެސް ރައްޔިތަކު ވިދާޅުވެދެއްވާށޭ. އަދި އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވި، އެކަހަލަ މަޝްރޫޢެއް މިތާނގައި ހިނގާފައި އޮތްކަމަށް ތިމަންނައަށް ހުށަހަޅައިދީފިކަމަށްވަންޏާ ތިމަންނަ ސިޔާސީ ޙަރަކާތުން އެކަހެރިވާނަމޭވެސް. ދެން އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، ރިޔާޟް ސިޔާސީ ޙަރަކާތުން އެކަހެރިވާކަށް. ޖެހިގެންއައި ވާހަކަތަކުގައި ރިޔާޟް އެ ވިދާޅުވީ، ޤައުމަށް އޭރު ދިމާވެފައިހުރި އެންމެ ބޮޑެތި ކަންތައްތަކުގައި އޭނާ މަޖިލީހުގައި އިންނަވައިގެން، އަދި މަގުމަތީގައި ހިނގައިދިޔަ ޙަރަކާތްތަކުގައިވެސް، ޤައުމުގެ ދިފާޢުގައި އަޅުގަނޑުމެން ދިފާޢުކުރަން ބޭނުންވި ކަންތައްތަކުގައި އޭނާ ކުރެއްވި މަތިވެރި މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެހެންވީމާ، އެފަދަ ބޭފުޅަކު މިކަހަލަ ގޮންޖެހުމެއް ހުށަހަޅުއްވާފައި ސިޔާސީ މައިދާނުން އެއްކައިރިވުމަކީ، އަޅުގަނޑުމެންނަށް ސިޔާސީ ޙަރަކާތަށް ލިބޭނެ އުނިކަމަކަށްވާނެ، ދެރަކަމަކަށްވާނެ.
އެކަން ކުރެއްވުމެއްނޫން، މުޅި މައްސަލަ، މުޅި ކަންތައްތަކުގައި އޭނާ ދައްކަވައިދެއްވަން އެ އުޅުއްވަނީ، އޭގެ ކުރީގައި ހިނގައިދިޔަ 5 އަހަރުގެ ދެ ސަރުކާރެއްގެ ތެރޭގައި މިރަށަކަށް ކުރެވުނު، ހިންގުނު ކެޕިޓަލް މަޝްރޫޢެއް ނެތޭ. އަޅުގަނޑުވެސް ހަމަ އެވާހަކަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުވެސް ތަފާސް ހިސާބު ބެލިން، މިތަނަށް އަންނަމުންވެސް، އަޅުގަނޑުގެ އަތުގައި މިހާރުވެސް ނޯޓުކޮށްފައި މިއޮތީ. މިކަހަލަ ބޮޑު ކެޕިޓަލް އެއްވެސް މަޝްރޫޢަކަށް ވިލުފުށްޓަކަށް ނެތް ހަމަ އެންމެ ލާރިއެއްވެސް ސަރުކާރުގެ ބަޖެޓުން ހިނގާފައެއް. މިއީ، ޙަޤީޤަތް. އެކަމަކު އެއާ ޚިލާފަށް މިއަދު މި މަގުހެދުމުގެ ނިމުން ފާހަގަކުރެވިގެންދާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ، ދާދި އަވަހަށް މިތަނުގެ ފެނުގެ މަޝްރޫޢުވެސް މިއޮތީ ކޮމިޝަން ކުރަންވެފައި. މަޝްރޫޢު އެ އޮތީ ނިމިފައި. ކޮމިޝަންކުރުމަށް ފަންނީ މީހުން އައިސް އެއްވެސް ކަހަލަ ފޯލްޓެއް އުޅޭތޯ ބެލުމާއެކީ، އިރާދަކުރެއްވިއްޔާ ސެޕްޓެންބަރު 23 ގައި މިނަގާ ވޯޓުގެ ކުރިން، ގޭގެއަށް ފެން ލިބިގެންދާނެކަން ދެންމެއަކުވެސް މިނިސްޓަރ ޠާރިޤް އަޅުގަނޑަށް ކަށަވަރުކޮށްދެއްވި. އެކަން ވާނީވެސް އިރާދަކުރެއްވިއްޔާ އެގޮތަށް.
މި ސަރުކާރުގެ މިހާ ހިސާބަށް ދިޔައިރު 129 މިލިއަން ރުފިޔާ ވިލުފުށްޓަށް އެކަނި މިއޮތީ ހޭދަވެފައި. އެހެންވީމާ، ކަޑަޖެހުމާއި ރިބަން ކެނޑުމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑު ހިތުން ޒިންމާދާރު ކޮންމެ ރައްޔިތަކުވެސް ވިސްނާވަޑައިގަންނަވަންޖެހޭ. ރަށަކަށް އަންނަ ތަރައްޤީއަކީ، ފިކުރެއްގެ މަތީގައި މީހާ ހުރުމަކުން އެ ތަރައްޤީ އެޕްރިޝިއޭޓް ނުކުރާންޖެހޭ ސަބަބެއްނޫން. އަދި އެއަށްވުރެ އިތުރު ތަރައްޤީ ބޭނުންނުވާންޖެހޭ ސަބަބެއްވެސްނޫން. ރަށްރަށަށް އަންނަންވާ ތަރައްޤީ ރަށްރަށަށް އަންނަން އަޅުގަނޑުމެން ހުރިހާ ފިކުރުން މަރުޙަބާ ކިޔަންވާނެ. ޓަރފް ދަނޑެއް އަޅާ ވާހަކަ މިދެއްކުނީ. އިތުރު ފުޓްސަލް ދަނޑެއް އަޅާވާހަކަ މިދެއްކުނީ. މިހެން ގޮސް މިކަހަލަ އެތައް ވާހަކަތަކެއް އަޅުގަނޑުމެންނަށް މި ދެއްކެނީ.
ދެންމެ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ، މީގެ ކުރީގެ ސަރުކާރުން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބަލައިލި ނަމަވެސް، މަގުގައި ތާރު އަޅައިގެން މިޒަމާނުގައި ރަނގަޅު ފެންވަރަށް މަގު ހެދިފައިހުރި ޖުމްލަ ކިލޯމީޓަރު ދިގުމިން އެ ވިދާޅުވީ. 10 ވަރަކަށް ކިލޯމީޓަރޭ. މިއަދު މިރަށުގައި މިހުޅުވާ މަގުގެ މަޝްރޫޢު މި ނިމިގެންދާއިރު 12 ވަރަކަށް މަގުގެ މަޝްރޫޢުގައި ތާރު އެޅިގެން މިދިޔައީ. އެ އަދަދު އެނގިވަޑައިގަންނަވާތޯ؟ ގާތްގަނޑަކަށް 6 ކިލޯމީޓަރު. 5.6 ކިލޯމީޓަރު. ވިލުފުށްޓަށް އެކަނި މީގެކުރީގެ ސަރުކާރެއްގައި މުޅި ރާއްޖޭގެ ހުރިހާ ދިމާއަކަށް އެޅުނު މަގުގެ ޖުމްލަ ޢަދަދުގެ ގާތްގަނޑަކަށް 60 ޕަސެންޓު އެންމެ ރަށަކަށް މި ސަރުކާރުގެ ތެރޭގައި އެޅިގެން މި ދިޔައީ. އެހެންވީމާ، މިއީ ދޮގެއްތޯ ތަފާތަކީ. މި ތަފާތު އަންނާތީ މީގެކުރީގައި އަޅުގަނޑު ބުރުނީގައި ވާހަކަދައްކަމުން އަޅުގަނޑު ދެންނެވިން. މަސައްކަތުގެ ސްޕީޑަށް ކުރެވިފައިހުރި މަސައްކަތަށް ބަލާކަމަށްވަންޏާ، ތަފާސް ހިސާބުން ދައްކާ ފިގަރތަކެއް ނޫނީ ތަފާސް ހިސާބުން ދައްކާ ޢަދަދުތަކެއް ދޮގެއް ނަހަދާނެއޭ.
ސިޔާސީ މީހުންނަށް، ގޮތްގޮތަށް އަނބުރައިގެން ފުރޮޅައިގެން ވާހަކަ ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ތަފާސް ހިސާބާއި ރަށްރަށަށް ހިނގާފައި ހުންނަ މަޝްރޫޢުތައް މި ރަށްރަށް އައިމާ އަޅުގަނޑުމެންނަށް ފެންނާނެ. މާލޭގެ ހުޅަނގު ދެކުނުކޮޅުގައި ހިނގާ މީހަކު، ކޮންމެ ފިކުރެއްގެ މީހަކުވިޔަސް ކިހިނެއްތޯ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޢިމާރާތް އޭނާއަށް ނުފެނިދާނީ؟ ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ މިމަސް ނިމުމުގެކުރިން، މާލެއިން ހުޅުމާލެއަށްދާ މީހަކު ފެރީ ދޫކޮށްލާފައި އެއްގަމު މަގުން ދާން ބޭނުންކަމަށްވަންޏާ ކިހިނެއްތޯ، އެތާ އޮތް ބްރިޖް ނުފެނިދާނީ. މި ބްރިޖު ފެންނާނެ. މި ބްރިޖުމަތިން ދަތުރުކުރާނެ.
ދެން މިހެން ހުންނަ ބިނާތަކުގައި، އަޅުގަނޑުމެން މި ބިނާތައް އުފައްދާ ބޭނުންނޫން އެހެން ބޭނުމެއް އުފެއްދިދާނެތޯ، މިއީ، އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް. އެހެން ބަޔަކު ކޮށްފާނެތޯ؟ އެހެންވީމާ، ރަށްރަށަށް އައިސްފައި ހުންނަ ތަރައްޤީ، ރަށްރަށަށް ދިޔައިމާ އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑު މިތަނަށް މިއައީ ބުރުނީން ފުރައިގެން. ބުރުނީއަކީ ކުޑަކުޑަ ރަށެއް. ވަރަށް ކުޑަކުޑަ އާބާދީއެއް. އަދި އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދިރިއުޅެމުންދަނީ ބުރުނީގައި، އަނެއްބައި މިއުޅެނީ މާލޭގައި. ބުރުނީއަކީ އެގޮތުން މިކަހަލަ މަޝްރޫޢުތަކުން ހަމަ މުޅިން އެކަހެރިވެފައިއޮތް ރަށެއް. އެކަމަކު ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، ބުރުންޏަށް ބޭނުންވެފައިހުރި ކަންތައްތައްވެސް ހަމަ ފުއްދައިދިނީ މި ސަރުކާރުން. މިދެންނެވީ ވިލުފުށީގެ ވާހަކަ. ވިލުފުށްޓަކީ ހުރިހާ ގޮތަކުންވެސް ތ އަތޮޅުގައި މުހިންމު ރަށެއް. ސިޔާސީ ވިންދަށް ބެއްޔަސް، ތަޢުލީމަށް ބެއްޔަސް އަދި ޕާޓީތަކުގެ ފިކުރަށް ބެލިކަމުގައި ވީނަމަވެސް، ވިލުފުށްޓަކީ މުހިންމު ރަށެއް. އެކަމަކު ވިލުފުށްޓާ ދޭތެރޭ ކަންތައްތައް ކުރެވިފައިހުރިގޮތް އަޅުގަނޑު މިދެންނެވީ. އެހެންވީމާ، ވިލުފުށީގައި މީގެކުރިން މަޝްރޫޢަކަށް އެއްވެސް ހޭދައެއް ހިނގާފައެއް ނެތް. އެކަމަކު، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑު މިދަންނަވާލިހެން 129 މިލިއަން ރުފިޔާގެ މަޝްރޫޢު މިހާރުވެސް މިވަނީ މި ރަށަށް ހިނގާފައި. އަދި މަގު ހެދުމުގެ މަޝްރޫޢަށް ބަލާކަމަށްވަންޏާ، މިއީ ތަފާސް ހުރިގޮތް.
މިކަންކަމަށް ބިނާކޮށް، އަޅުގަނޑު ކުރީ ޖަލްސާއެއްގައި ދަންނަވާލިން، އެމް.ޑީ.ޕީ. އިން މަސައްކަތް ކުރައްވަމުން ގެންދެވިއިރު ރައްޔިތުން ހަމަ އެބޭފުޅުންނަށް ފުރުސަތުދިން. ރައްޔިތުންގެ އުންމީދުތަކެއް އޮތް. ހަމަ އޭގެތެރޭގައި އަޅުގަނޑުމެން ހަމަ ބަލަންތިބި މީހުންވެސް އަޅުގަނޑުމެންވެސް ހަމަ ވިސްނި ކަންތައްތަކެއް ހުރި. ސަރުކާރެއް، ޒަޢާމަތެއް ބަދަލުވެގެން ދިޔައިމާ ކަންކަންކުރާ ވައްޓަފާޅިއާ ކަންކަމުގައި އިސްކަންދޭ ތަރުތީބާ ބަދަލުވެގެން ދިޔައިމާ، ރަނގަޅު ކަމެއް، ރަނގަޅު ކަންތައްތަކެއް އަތުވެދާނެކަމަށް އިންތިޒާރުކުރި މީހުން މަދެއްނޫން. އެ އިންތިޒާރުތަކެއް ކޮށްގެން، އެމް.ޑީ.ޕީ.އަށް ވެރިކަން އެ ދިނީ. ހަމައެކަނި ޑިމޮކްރަސީގެ ވާހަކަ ދައްކައިގެނެއްނޫން. ބަދަލުތަކެއް އަންނަން ބޭނުންވީ. އަންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި، މައްސަލަތަކާއި، މަސައްކަތްތަކާއި، ކުރާ ސްޕީޑާއި ވައްޓަފާޅި ބަދަލުވާނެކަމަށް އުންމީދުކުރި. ރަށްރަށުގައި ބަނދަރު ހެދިގެންދާނެކަމަށް އުންމީދުކުރި. ރަށްރަށުގެ މަގުތައް ހެދިގެންދާނެކަމަށް އުންމީދުކުރި. ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމުތައް ބަދަލުވެގެންދާނެކަމަށް، މިޒަމާންވެގެން ދާނެކަމަށް ގަބޫލުކުރި. އެހެންވީމާ، އެކަހަލަ އުންމީދުތަކަކާއެކީ ރައްޔިތުން ދިން ވޯޓެއް. އެހެންވެގެން އަޅުގަނޑު ދެންނެވީ، ސަރުކާރަށް 5 އަހަރު ލިބިވަޑައިގަތޭ. އެބޭފުޅުން 3 އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުގެ ސްޕީޑަށް ބަލާކަމަށްވަންޏާ، އެ ސްޕީޑުން މިނާ ކަމަށްވަންޏާ، މި ސަރުކާރުން 5 އަހަރުގެ ތެރޭގައި އެބޭފުޅުން 18 އަހަރު ކުރާހާ މަސައްކަތް ކުރެވިއްޖެއޭ.
ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ، މިއީ ދޮގުވާހަކައެއް ނޫން. މިއީ ދޮގެކޭ ނުބުނެވޭނެ. މި ރިފިއުޓެއް ނުކުރެވޭނެ. އެހެންނަމަވެސް، އެކަން ފޫބެއްދުމަށް، ކޮންމެވެސް ކަހަލަ ދަލީލުތަކެއް، ކޮންމެވެސް ކަހަލަ ވާހަކައެއް ދެއްކިދާނެ. ވިދާޅުވެވިދާނެ، ތިމަންނަމެންނަކަށް 5 އަހަރެއް ނުލިބުނޭ. ވިދާޅުވެވިދާނެ، ތިމަންނަމެން މަސައްކަތްކުރިއިރު ތިމަންނަމެންނަށް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުއްޓޭ. އަދިވެސް ވިދާޅުވެވިދާނެ، ތިމަންނަމެން މަސައްކަތަށް އައިއިރު ތިމަންނަމެން ހީކުރިގޮތަށް ސިވިލް ސަރވިސްއިން އެއްބާރުލުންވެސް ނުލިބޭކަމުގެ ވާހަކަ އޭރު އެބޭފުޅުން ދައްކަވަމުން ގެންދެވި. މިހުންނަނީ ހަމަ ހައްތަހާވެސް ކަންތައްތަކަށް ހުރި އެކްސްޕްލެނޭޝަން. އަޅުގަނޑެއް ކޮންމެހެން ނުދަންނަވާނަން މިއީ ބަހަނާއެކޭ. އެކަމަކު މި ހުރިހާ ދައްޗަކާއެކީ އޭރުވެސް މަސައްކަތްކުރަނީ، އަދި މިއަށްވުރެ އިތުރު ދައްޗާއެކީ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ.
ހަމަ މީގެވެސް ދަލީލީ މިސާލެއް އަޅުގަނޑު ދަންނަވާނަން. ދަރަނީގެ ވާހަކަ ދައްކާއިރު 2008 ވަނަ އަހަރު ނިމިގެން ދިޔައިރު ރައީސް މައުމޫނު ސަރުކާރުން ދެންއައި ބަޔަކަށް ދޫކުރައްވާފައިއޮތީ، މުޅި ޖުމްލަ 4000 މިލިއަން ރުފިޔާގެ ދަރަންޏެއް. ހަތަރެއް ޕޮއިންޓް ކޮންމެވެސް ބިލިއަން ރުފިޔާގެ ދަރަންޏެއް. އޭރުގެ ޖީ.ޑީ.ޕީ. އަދަދުތަކަށް ބަލާއިރު، ނޫނީ ރާއްޖޭގެ މުއްސަނދިކަމަށް ބަލާއިރު އެއީ، ބޮޑު ދަރަންޏެއް. އެ ދަރަންޏާއެކީ ދެންއައި ސަރުކާރުން މަސައްކަތް ފެށީ. އެހެންވީމާ، ދަތިތަކެއް ހުންނާނެކަން އަޅުގަނޑު ޤަބޫލުކުރަން. އެކަމަކު އޭރު 4000 މިލިއަން ރުފިޔާގެ ދަރަންޏަކީ ދަތިކަމަށްވަންޏާ، އަޅުގަނޑު މިއަދު މި ދަންނަވާލާ ފިގަރއަކީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތްފެށީ، 29,000 މިލިއަން ރުފިޔާގެ ދަރަންޏާއެކީ. އޭރު އޮތް ދަރަނީގެ 700 ޕަސެންޓު އިތުރު ދަރަންޏާއެކީ. އޭރު އޮތް ދަރަންޏަކީ، 4000 މިލިއަން ކަމަށްވަންޏާ، އަޅުގަނޑުމެން ފެށީ 29,000 މިލިއަނުގެ ދަރަނިން، އެއީ ހަތް ގުނަ. އެހެންވީމާ, ދަތި ހުރޭ ކޮންމެ ބަޔަކަށްވެސް. އަދި އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ، އޭރު ކަންތައްތައް ހިނގާދިޔަގޮތުން އަޅުގަނޑުމެން ބޭރުފައިސާ ހޯދަން ކުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފަނުފުލުން ޙަޤީޤަތުގައި ދިޔައީ. ދެންމެ ރިޔާޒު ވަރަށް ތަފްޞީލުކޮށް ބައެއް ކުންފުނިތަކާ ދޭތެރޭ ކަންތައްތައް ކުރެވުނުގޮތުގެ ވާހަކަ އެ ވިދާޅުވީ.
ނަތީޖާއަކަށް ވީ ކިހިނެއްތޯ؟ އޭރު ހަމަ ވަރަށް ގިނަ ފަރާތްތަކުން ދައްކަމުން ދިޔައީ، ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް އެކުދިންގެ ޑެބިޓް ކާޑަކުންވެސް ފައިސާކޮޅެއް ނުލިބެއޭ، ޑޮލަރު ގަންނާކަށް ފައިސާއެއް ނުލިބެއޭ، ބޭރަށް ދާން ބޭނުންވާ މީހުންނަކަށް ފައިސާއެއް ނުލިބެއޭ. ގައިމު މި މައްސަލަ ބޮޑުވެގެން ދިޔައިމާ ދޮގެއްތޯ، ކޮންމެ ޑޮލަރެއްގެ ފާރަވެރިއަކަށް ފުލުހަކު ބަހައްޓަން އޭރުގެ ސަރުކާރުން ނިންމީ. އެކަމަކު މިއަދު އަޅުގަނޑުމެން އެވާހަކައެއް ނުދައްކަމުނޫންތޯ. އެހެންވީމާ، ގޮންޖެހުންތަކަކާއި، ދަރަނިތަކަކާއި، އަދި މީހުންގެ ފިކުރަށް އައިއްސަ ހުރި ބަދަލުތަކާ، ރަށްރަށުގައި ކަންކަން ކުރުމުގެ ދަތިހުރި ކަންކަން ތިޔަބޭފުޅުންގެ ކައުންސިލް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ވަރަށް ގިނަ ކައުންސިލްތަކުން އެބަހުރި. ދެން ވިލުފުށީގައި އަޅުގަނޑުމެން މި ފެނިގެން މިދަނީ، މިކަންކަމުގައި އެހީތެރިވެވަޑައިގަތުމުގެ ހަމަ ނަމޫނާ ކައުންސިލެއް. އަޅުގަނޑު ޤަބޫލުކުރަން.
އެކަމަކު، އެހެން ބައެއް ތަންތަނުގައި އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. ޒުވާނުންނަށް އެންމެ ބޭނުންވެގެންދަނީ ފުޓްސަލް ދަނޑުކަމުގައި ވަންޏާ ފުޓްސަލް ދަނޑުތައް އެޅުމުގެ އެންމެ ބޮޑެތި މައްސަލަތައް ދިމާވެފައިހުރީ، ފުޓްސަލް ދަނޑުތައް އަޅަން ބޭނުންވާ ބިން ކަނޑާފައި ނުދިނީމާ. އެތަކެއް މަސްތަކެއް ސަރުކާރުން ހޭދަކުރި، ބައެއް ރަށްރަށުގެ ކައުންސިލުން ބިން ނުދައްކައިގެން. އެކަމަކު މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން ނުކުމެވަޑައިގެން ވިދާޅުވާއިރު ވިދާޅުވާނެ، ޒުވާނުންނަށް ރައީސް ޔާމީނު ވީ އެތައް ވަޢުދެއް އެހެރީ ނުފުދިއޭ. ޒުވާން، ވަޢުދު، މި ދެލަފްޒު ގުޅުވައިގެން ކިޔަންވެސް މި އެނގުނީ، ރައީސް ޔާމީނުގެ މެނިފެސްޓޯގައި ޒުވާނުންނަށް ޖާގަ ދިނީމަ. ޒުވާނުންނާ ހަމައަށް ދިޔައިމަ. އެހެންނޫންނަމަ އޭގެ ކުރީގެ ބޭފުޅުން ޒުވާނުންނާއި ވަޢުދާ ގުޅުވައިގެން ކަންތައްތަކެއް ހުރިނަމަ، އަޅުގަނޑުމެން މިއަދު މިބުނާހެން ޒުވާނުންނަށް އޭގެކުރީ ސަރުކާރުން މި ކުރި ވަޢުދުތަކުގެ ތެރެއިން ނުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންމަތިވާނެ.
އެހެންވީމާ، ޒުވާނުންނަށް މިއަދު އެބަ އުންމީދު ކުރެވޭ. ޒުވާނުންނަށް ބޭނުންވާ އެންމެ މުހިންމުކަމަކީ، ޙަޤީޤަތުގައި ޒުވާނުން ތަނަވަސްކަމާއެކީގައި އުޅެވޭނެ ގޮތެއް. އާމްދަނީ ލިބޭ، އާމްދަނީ އިތުރުވާނެ ގޮތެއް، ނޫނިއްޔާ އަމުދުން އާމްދަނީއެއް ލިބޭނެ ގޮތެއް. ގައިމު ކަމެއްވީމަ ދޮގެއްތޯ މިހާރު ސަރުކާރުން ވަޒީފާއެއް ހުސްވެގެން، ސިވިލް ސަރވިސްއިން އިޢުލާނު ކުރީމާ، ނޫނީ އެހެންވެސް ވަޒީފާއަކަށް ކުންފުންޏަކުން އިޢުލާނު ކުރީމާ އެންމެ ވަޒީފާއަކަށް 80 ވަރަކަށް ކުދިން ވެއިޓްލިސްޓު ކޮށްގެން އިންޓަރވިޔުއަށްދާނީ، ވަޒީފާ ބޭނުންވާތީ ދޮގެއްތޯ. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން 94 ހާސް ވަޒީފާ އުފައްދާނަމޭ. އަޅުގަނޑުމެންގެ ތަފާސް ދައްކާގޮތުންވިއްޔާ މިހާރުވެސް ގާތްގަނޑަކަށް 76 ހާހަށްވުރެ މަތިން ވަޒީފާ އުފެއްދިއްޖެ. އަދި އޭގެ ނަތީޖާވެސް ރަނގަޅު. އެ ހުރިހާ ކަމަކާއެކީވެސް އަދިވެސް ވަޒީފާ ބޭނުންވާ ޒުވާނުން އެބަތިބި. އެހެންވީމާ، ޒުވާނުންނަށް އަޅާލައިގެން ޒުވާނުންނަށް އެންމެ އިސްކަމެއްދިނީ، އަޅުގަނޑުމެންގެ ސަރުކާރުން. އެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދިނީ ވަޒީފާ އުފައްދަން.
މިއަދުވެސް، 23 ގައި ނަގާ ވޯޓުން ފެށިގެން އަންނަން އޮންނަ ސަރުކާރެއްގައި އެ ސަރުކާރަކީ އަޅުގަނޑުމެންގެ ސަރުކާރަކަށް ވެއްޖެކަމަށް ވަންޏާ އަދިވެސް އެންމެ އިސްކަން މި ދެނީ ހަމަ ޒުވާނުންނަށް. ޒުވާނުންނަށް ވަޒީފާ އުފައްދައިދިނުމާއި، ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމާއެކީ ޒުވާނުންނަށް ބޭނުންވާ އެހެން ކަންތައްތައް އިތުރުކުރުން. އެއިން އެއަންނަނީ، މުޅި ރާއްޖެއަށް އަންނަ ތަރައްޤީ. އަޅުގަނޑުމެންގެ ލޮލުގެ ވިންދު ހުރިކަމަށްވަންޏާ އަޅުގަނޑުމެންނަށް ފެންނަކަމަށްވަންޏާ، އަޅުގަނޑުމެން ދެކެން ބޭނުންކަމަށްވަންޏާ، ރަށްރަށަށް އަންނަ ތަރައްޤީ އަޅުގަނޑުމެންނަށް ފެންނަންވާނެ. އަދި ޒުވާނުންނަށް ބޭނުންވެފައި ހުރިކަންކަން ފުދިގެންދާ މިންވަރު އަޅުގަނޑުމެންނަށް ފެންނާތީ، ޒުވާނުންނަށް ބޭނުންވާ ބައެއް ކަންތައްތައް ނުކުރެވި ހުރި ވާހަކަ އިދިކޮޅު ފަރާތްތަކުން އެދައްކަވަނީ.
އެކަމަކު މީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައި ހުރީމަ ކީއްތޯއޭވާނީ އެކަންތައްތައް ކޮށްދެވިފައިހުރި ވާހަކަ ވިދާޅުވެފައި، އެހެންނަމަވެސް އަދި އެބަހުއްޓޭ ޒުވާނުންނަށް ބައެއް ކަންކަން ނުވެ. މިރަށުގައި ފުޓްސަލް ދަނޑެއް ނެތިގެންތޯ މިއުޅެނީ. މިރަށުގައި ޓަރފް ދަނޑެއް އެބަ އެޅޭ. އެއީ، އަޅުގަނޑުމެން ވެފައި އޮތް ވަޢުދެއް. އަޅުގަނޑުމެން ކޮށްދޭނަމޭ، ދެންމެ ރިޔާޒުވެސް އެވާހަކަ ވިދާޅުވި. އަދި އިތުރު ފުޓްސަލް ދަނޑެއް އަޅާނަމޭ. މީގެކުރީގައި މި ސަރުކާރު އައުމުގެ ކުރިން، މުޅި ރާއްޖޭގައި ކިތައް ފުޓްސަލް ދަނޑުތޯ އޮތީ.
ދާދިފަހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި، ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އެކަން އިޢުލާނު ކުރެއްވި. މިއަދު މި ދައްކަނީ ރަށެއްގައި އެންމެ ފުޓްސަލް ދަނޑެއް އަޅާ ވާހަކައެއް ނޫން. މިއަދު މިދައްކަނީ ރަށެއްގައި އެތައް ބައިވަރު ފުޓްސަލް ދަނޑެއް އަޅާ ވާހަކަ. އަޅުގަނޑުމެންގެ އުންމީދުތަކާ ގުޅިފައި މިހުރީ މިތަންތަނަށް މި ލައިދެވޭ އިންފްރާސްޓްރަކްޗަރުގެ އަލީގައި، އޭގެ ބޭނުން ހިފައިގެން އިތުރަށް އާމްދަނީ ހޯދާނެ ގޮތްގޮތް. މިއޮތްހާ ދުވަސް މި ދިޔައީ، މިތާ ކައިރީގައި ދޫކޮށްފައި އޮތް ކަޅުފަހަލަފުށި. އެއިން ވިލުފުށީގެ ރައްޔިތުންނަށް ވީ ފައިދާއެއް ނެތް. އެ ރަށްރަށެއް ނުއެއް ހެދުނު. އެ ރަށްރަށް ހެދިފައި އޮތްނަމަ ވަޒީފާގެ ފުރުސަތު ވިލުފުށީގެ ޒުވާނުންނަށް ލިބިގެން ދިޔައީސް. އަދި ވިލުފުށީގެ އިޤްތިޞާދު ތަރައްޤީވެގެން ދިޔައީސް.
އެކަމަކު މިކަހަލަ ކަންކަން ޤާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ނިންމީމާ އެއީ، ރައްޔިތުންގެ ޙައްޤުގައި ނިންމާ ކަންތައްތައް. އަޅުގަނޑަށްވެސް ވަރަށް ފަސޭހަވީސް، ހަމަ ކަޅުފަހަލައާ ދޭތެރޭގައިވެސް ހަމަ އަޅާނުލައި ބާއްވަން. އެކަމަކު އަޅުގަނޑުމެން ރިޒޯޓުހަދަން މި ރަށްރަށް މި ދޫކުރަނީ، ހަމައެކަނި ސަރުކާރުގެ މާލިއްޔާއަށް ފައިސާ ހޯދާކަށެއް ނޫން. އެއިން އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކަށްވަނީ، އެ ރަށެއް ހިމެނޭ ސަރަޙައްދު ތަރައްޤީ ވެގެންދިޔުން. އެރަށެއް ހިމެނޭ ސަރަޙައްދުގެ މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދިޔުން. އަދި މިހުރިހާ ތަންތަނެއްގައި އެއަރޕޯޓު އަޅަމުންދާއިރު އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ އުންމީދުތަކެއްވެސް ވާނެކަން، އެއަރޕޯޓާ ދޭތެރޭގައިވެސް. އެއީ، ތިމަރަފުށްޓަކީ ވަރަށް ދުރުގައި އޮތް ރަށެއް. އެކަމަކުވެސް ތިޔަބޭފުޅުންވެސް އެކަން ވިސްނާވަޑައިގަތިއްޔާ ދޮގެއްތޯ އެކަންވާނީ. އެކަމަށް މަސައްކަތް ކުރެއްވިއްޔާ ދޮގެއްތޯ އެކަންވާނީ. 23ގެ ވޯޓަކީވެސް، މާ ދުރުގައި އޮތް ވޯޓެއް ނޫން. ކީއްތޯ ވާނީ ދެންމެ ވިލުފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މަތިންދާބޯޓެއްގެ މޮޑެލްއެއް ދިންނަމަ. އޭރަށް އަޅުގަނޑު ހަނދާންވާނެ މަތިންދާބޯޓެއް މިތާ ޖެއްސޭނީ ރަންވޭއެއް އަޅައިގެންކަން. އެކަމަކު އޭގެ ބަދަލުގައި އަނެއްކާވެސް ތިޔަ ދެއްވީ ކަނޑުމަގުން ދުއްވާ ކުޑަކުޑަ ދޯންޏެއް. އެހެންވީމާ، އޭގެ ބަދަލުގައި މަތިންދާބޯޓެއްގެ މޮޑެލް ދެއްވިނަމަ، އަޅުގަނޑު އޮފީހުގައި ފެންނަން ހުންނާނެ، އަޅުގަނޑު އަބަދުވެސް ހަނދާންވާނެ ވިލުފުށީދާއިރާއަށް އެއަރޕޯޓެއް އަންނަން ޖެހޭކަން.
އެހެންވީމާ، އުންމީދު ހެޔޮ ކުރައްވާ. އުންމީދުތައް ފުއްދައިދެވޭވަރުގެ ކެޕޭސިޓީ މީގެކުރީގައި ދައްކާފައި ހުރި މީހަކާ އެކީގައި އުންމީދު އެކުލެވޭނީ. އެއީ، އަޅުގަނޑުވެސް ރިޔާޒުވެސް މި ދަންނަވާ ވާހަކައަކީ. ރަށްރަށަށް އަންނަ ތަރައްޤީއާ ދޭތެރޭގައި ވިސްނަވާށޭ. އަޅުގަނޑުމެން ނުދަންނަވަން، އަޅުގަނޑުމެންގެ ޕާޓީއަށް ހުރިހާ މީހުން ވަންނަން ޖެހޭނެއެކޭ. އެކަމަކު އަޅުގަނޑުމެން މި ދަންނަވަނީ، ރަށްރަށަށް އަންނަ ތަރައްޤީއާއި މުޅި ރާއްޖެއަށް އަންނަ ތަރައްޤީގައި ހިއްސާދާރުންގެ ގޮތުގައި ހުރިހާ ރައްޔިތުންވާށޭ. އެކަހަލަ ވޯޓެއް 23 ސެޕްޓެންބަރުގައި މިނަގަނީ. އެކަހަލަ ވޯޓެއް މި ނަގަނީ. އެ ނަގަނީ ޤައުމީ ވޯޓެއް. އެ ނަގަނީ އަޅުގަނޑުމެންގެ މުޅި ޤައުމުގެ ނައު މިޞްރާބު ހިފާނެ ދިމާއަށް ނަގާނެ ވޯޓެއް. އަޅުގަނޑުމެން ބޭނުންވަނީ އެ ނައު، ގާދޫކޮލުން ބޭރަށް ނިކުމެގެން ދާނެނުދާނެ ދިމާއަކަށް ދޫކޮށްލާކަށެއް ނޫން ބޭނުންވަނީކީ. އަޅުގަނޑު ބޭނުންވަނީ، މިރަށްރަށަށް ބޭނުންވާ ތަރައްޤީ.
އެހެންވީމާ، ޒުވާނުންނަށް ކަންކަން ކޮށްނުދެވޭކަމަށް ވިދާޅުވާއިރު މިއީ މިކަންކަން އޮތްގޮތް. މި ސަރުކާރުން ދޮގެއްތޯ ޒުވާނުން އެކި ފަންނުތަކުގައި ތިބި މީހުންނަށް ލޯނު ސްކީމްތަކެއް ތަޢާރަފު ކޮށްގެން މިއުޅެނީ. އަދިވެސް އަޅުގަނޑުމެންނަށް ލިބޭ ފައިސާ މަދުވީމަ 'ގެޓްސެޓް' ލޯނު ސްކީމަށް ދޫކުރެވޭ ލޯނުގެ ޢަދަދު މަދުވެގެން ދަނީ. އެހެންނަމަވެސް، ދެބުރަށް، ތިންބުރަށް 'ގެޓްސެޓް' ލޯނުގެ ފުރުސަތުވެސް އަޅުގަނޑުމެން ހުޅުވާލައިފީމު. ދަނޑުވެރިކަމުގެ ދާއިރާއަށް ދަނޑުވެރިންނަށް، މަސްވެރިކަމުގެ ދާއިރާއަށް ޒުވާން މަސްވެރިންނަށް މިފުރުސަތު ހުޅުވާލައިފީމު.
އެކަމަކު، އިދިކޮޅު ބޭފުޅުންނަށް ވިދާޅުވެވެން އޮންނަނީ އަދިވެސް އެލިބޭ ވަރު މަދިއްޔޭ. އެކަމަކު ކީއްތޯވާނީ އެބޭފުޅުން ތިއްބެވިއިރު، ގިނައިން ދެއްވަން ބޭނުންފުޅުވިއިރު، އެ ސްކީމް ތަޢާރުފު ކުރެއްވިނަމަ. އެ ސްކީމް ތަޢާރުފުވެސް މިވީ، ރައީސް ޔާމީނާ ގުޅިގެން. އެހެންވީމާ، ޒުވާނުންގެ އުންމީދުތައް، ހަމަކަނޑައެޅިގެން މިހިރީ ރައީސް ޔާމީނާ އެކީކަން އެބަ އެނގޭ. ޒުވާނުންނަކީ އުޅޭ ބައެއްކަން، ޒުވާނުންނަކީ ކަންކަން ބޭނުންވާނޭ ބައެއްކަން އެނގިގެން މިދިޔައީ، ރައީސް ޔާމީން 2013ގައި މެނިފެސްޓޯއެއް އިޢުލާނުކުރި ހިސާބުން.
މިއަދު އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އަޅުގަނޑުމެން ހިންގަވަބައްލަވާ ބަލައިލަމާ. ހަމަ ކަންތައްތައް އަޅުގަނޑުމެންނަށް އެބަ ފެނޭތޯ. އެވިދާޅުވާގޮތަށް ޖަޒީރާއެއްގައި ކަންތައްތައް ކުރަން، ޤުދުރަތީގޮތުން އެތަނުގެ ޤުދުރަތީ ވެށި އެގޮތަށް ބާއްވާކަމަށްވަންޏާ އަޅުގަނޑުމެން ކައިރީ ވިދާޅުވޭ، އެއްވެސް ރަށެއްގައި މަގުގައި ތާރެއް ނާޅާނެއޭ. ކީއްތޯވާނީ ހަމަ ހިރަފުސް މަގުތަކުގައި ހިނގާލާފައި އުޅުނިއްޔާ. ޖަޒީރާއަކާ އެންމެ ގުޅެނީ އެކަން ނޫންތޯ. ގޮނޑުދޮށްތައް ހިމާޔަތްކުރާކަށް އަޅުގަނޑުމެން ކަމެއް ނުކުރާނެ. ހަމަ އެއްކޮޅުން ރާޅު އަރާފައި، ވޮޑޭނެ. އަނެއްކާ ވެލިގަނޑު ހިފައިގެންދާނެ. މިއީ ނޫންތޯ އަޅުގަނޑުމެންގެ ޤުދުރަތީގޮތުން އަޅުގަނޑުމެންގެ ރަށްރަށް ހުރިއިރު، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މިރަށްރަށް ގެނައިއިރު އަޅުގަނޑުމެންގެ ކަންތައްތައް ހުރީ މިގޮތަށް ނޫންތޯ. ޤުދުރަތީގޮތުން ޖަޒީރާގެ، އެ އެންވަޔަރަންމަންޓްގެ ޖަޒީރާ ތަރައްޤީވާން ދޫކޮށްލާ ކަމަށްވަންޏާ މިކަންކަންވާނެ. އެކަމަކު ކަނޑައެޅިގެން ރަށްރަށަށް ބޭނުންވެފައިހުރި ދަތިތައް ރަށްރަށުގެ ބީޗް އިރޯޑުވެގެންދާތީ، ނޫނީ ގޮނޑުދޮށްތައް ހަލާކުވެގެންދާތީ، ނޫނީ ރަށުން ބައެއް ހިފައިގެންދާކަން އަޅުގަނޑުމެންނަށް 2004ގެ ސުނާމީން ހަމަގައިމު މިރަށް އިޙްސާސް ކޮށްފި. އެހެންވީމާ، ކިހިނެއްތޯ ޖަޒީރާއެއްގެގޮތަށް އެގޮތަށް ބާއްވަން އަޅުގަނޑުމެންނަށް ވާނެގޮތެއްވާން ދޫކޮށްލެވޭނީ. ﷲގެ ރަޙްމަތް ތަނަވަސްވާނެ، ﷲގެ އިރާދުފުޅާއެކު ކޮންމެ ކަމެއްވެސް ވާނީ. އެކަމަކު އަޅުގަނޑުމެން ޖެހޭނެ އަޅުގަނޑުމެންގެ ވިސްނުން ތަންދިން އެންމެ ފުންމިނަކުން ވިސްނާފައި އެރަށްރަށަށް އަޅުގަނޑުމެން ބޭނުންވާ ޙިމާޔަތް ގެންނަންވާނެ.
އެހެންވީމާ، މިދެންނެވި ކަހަލަ ކަންތައްތަކާއެކީ ތަރައްޤީ ކުރިއަށް ދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭނީ، އަޅުގަނޑުމެން ރައުސްމާލު އުފައްދަން. އެ އުފެދޭ ރައުސްމާލަކުން އިތުރު އާމްދަނީ ހޯދަން. ރައުސްމާލުތަކެއް ސަރުކާރުން އުފައްދައިފި. ކުންފުނިތަކެއް ނެތި ދިޔަ ވާހަކަ ރިޔާޒް އެވިދާޅުވީ. އެއީ، ޙަޤީގަތް. އެއަކާ ދެބަސް ވެވޭނެ ވާހަކައެއް ނޯންނާނެ. އެކަމަކު، އެކަން ކުރަން ޖެހުނު ސަބަބު، އެކި ބޭފުޅުން އެކިގޮތަށް ވިދާޅުވެދާނެ.
އެކަމަކު މިއަދުވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓު އެވަނީ ވިއްކާލާފައި. އަދި އަޅުގަނޑު ދަންނަވާނީ، ވިއްކާލާފައިވަނީ ނުއަގުގައޭ. 78 މިލިއަން ޑޮލަރަށް އެވަރުގެ އެއަރޕޯޓެއް ވިއްކައެއް ނުލާނެ. އަދި އެއީކީ އަޅުގަނޑުމެން ކުރުން ހެޔޮވާވަރުގެ ކަމެއްވެސް ނޫން. އަޅުގަނޑުމެންނަށް އެއްކޮޅުން މިއަދުވެސް މިއަޑު އިވެނީ، ދެންމެ ރިޔާޒު ވިދާޅުވީމާ، އަޅުގަނޑު މިދަންނަވަނީ، ޤައުމީ ޝިޕިންގ ލައިނެއް އުފައްދާނަމޭ. ޤައުމީ ޝިޕިންގ ލައިނެއް އުފައްދާ ވާހަކަ ދައްކާކަމަށްވަންޏާ، އެ ދެއްކެނީ، ހަމަ ވަރަށް ޤައުމީ ވާހަކައެއް. ކަނޑުދަތުރުފަތުރު ކުރުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ޤައުމީ ޝިޕިންގ ލައިނެއް އޮންނަން. ދެން މިއަދު ކުރާ ސުވާލު. ކަނޑުދަތުރުފަތުރަށްތޯ މިއަދު މި އިސްކަން މި ލިބެނީ. އަޅުގަނޑުމެންގެ އެންމެބޮޑު ޞިނާޢަތަކީ ޓޫރިޒަމްގެ ޞިނާޢަތް. ނޫނިއްޔާ އަޅުގަނޑުމެން އިސްކަން މިދެނީ، ވައިގެ ދަތުރުފަތުރަށްތޯ؟ ހަމަގައިމުވެސް، ކަނޑުގެ ނިޒާމުން ދަތުރުފަތުރުކުރި ހަނދާން، އަޅުގަނޑުމެންނަށް މާޒީވެ ހިނގައްޖެ. އެވިދާޅުވި ދަތުރުފަތުރުގެ ނިޒާމު ވީ ހިސާބެއްވެސް މިހާރަކު ނޭނގޭ.
އެހެންވީމާ، ނޭޝަނަލް ޝިޕިންގ ލައިނެއް އުފައްދާ ވާހަކަދައްކާއިރު އަޅުގަނޑުމެން ހިތަށްއަރާ އަޅުގަނޑުމެންގެ ވިސްނުން މިއުޅެނީ ހާދަ ފަހަތުގައޭ. ނޭޝަނަލް ޝިޕިންގ ލައިނެއް އުފައްދާއިރު، އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެންގެ އަތުގައި އޮތް ޤައުމީ އެއަރލައިންގެ އެންމެ މުހިންމުކަމަކީ، އެއަރޕޯޓެއް ހެދުން. ޤައުމީ އެއަރލައިން ވިއްކާލަންއޮތީ ނިންމާފައި. އެއަރޕޯޓް އެއޮތީ ވިއްކާލާފައި. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މިއިވެނީ ޝިޕިންގ ލައިނެއް، ޤައުމީ ޝިޕިންގ ލައިނެއް އޮންނަ ވާހަކަ. އެހެންވީމާ، ވިސްނުމުން ވިދާޅުވޭ ކިހިނެއްތޯ މިވާހަކަ ދެކޮޅު ޖައްސާނީ. ޤައުމީ ޝިޕިންގ ލައިނެއް އޮންނަންޖެހޭނީ، ޤައުމީވަންތަ ސިފަތަކެއް ހުރެގެން، ޤައުމުގެ ރިސޯސެއް އުފައްދަން. އެކަމަކު ޤައުމުގެ އެއަށްވުރެ މުހިންމު ޞިނާޢަތަކާގުޅޭ، މުޅި ޞިނާޢަތް އެކަމަކަށް ޑިޕެންޑްވެފައި އޮންނަކަމެއް އަޅުގަނޑުމެންގެ އެއަރޕޯޓް. އެއަރޕޯޓް އޭރު ވިއްކާލިއިރު ޤައުމީ އެއަރޕޯޓެއްގޮތުގައި އޮންނަންޖެހޭނޭކަމަށް ޤަބޫލެއް ނުކުރެވުނޭ. އަދި އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތަކަށް އައިލެންޑް އޭވިއޭޝަން އޮވެގެން ދިޔައިރު، އެކުންފުނި ވިއްކާލަން ނިންމާފައި އޮތްއިރު، އަޅުގަނޑުމެންގެ ޚިޔާލަކަށް ނައޭ އަޅުގަނޑުމެންގެ ޑޮމެސްޓިކް ޤައުމީ އެއަރލައިނެއް އޮންނަން ޖެހޭކަމެއް. އެހުރިހާކަމެއް ގޮއްސަ މިއަދު މިދައްކަނީ ޤައުމީ ޝިޕިންގ ލައިނެއްގެ ވާހަކަ. އެހެންވީމާ މިދަންނަވަނީ، މިކަހަލަ ވާހަކައެއް ދެކޮޅެއް ނުޖެހެޔޭ.
މުދަލެއް އުފައްދަނީ، އެމުދަލުން އިތުރު ނަފާ ހޯދަން. ޤައުމީ އެއަރޕޯޓް ވިއްކާލީ، ނޫނިއްޔާ ޖީ.އެމް.އާރަށް އަޅުގަނޑުމެންގެ އެއަރޕޯޓް ވިއްކާލި ވާހަކަ ދެއްކީމާ، މިއަދު އަޅުގަނޑުމެންނަށް ލިބެނީ ކޮން ޖަވާބެއްތޯ؟ މިއަދު އޭގެ އިސްބޭބޭފުޅުން އިތުރަށް އެބަ ވިދާޅުވޭ، ތިމަންނަމެންގެ ވިސްނުމުގައި، ފައިދާނުވާ ތަނެއް މެނޭޖްކުރުމަށްވުރެ ރަނގަޅީ ބޭރު ބަޔަކަށް ދީގެން، އަތުން ފައިސާއެއް ނުލައި، ދަރަންޏެއް ނެތި އެތަން ހިންގުމޭ. އެހެންވީމާ، އޭގެ މާނައަކީ، އަޅުގަނޑުމެންގެ އަތަކު ނެތެއް ނޫންތޯ ކެޕޭސިޓީއެއް. އެބޭފުޅުން އަމިއްލަފުޅަށް އެ އިޢުތިރާފުވަނީ، މިކަހަލަ ކުންފުންޏެއް ހިންގާނޭ ކެޕޭސިޓީއެއް އެބޭފުޅުންގެ ތެރޭގައި ނެތްކަމަށް، އަދި އެ ކެޕޭސިޓީ ނުވެސް ހުންނާނެކަމަށް. އެހެން އެބޭފުޅުން ވިސްނަވާކަމަށްވަންޏާ ރާއްޖޭގައި އުފެދިފައި މިހިރަ ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއް ވިއްކާލަންވީނޫންތޯ. އެއީ، އެތަންތަނުން ފައިދާއެއް ނުލިބިދާނެކަމަށް ވިސްނާފައި، އެއަށްވުރެ ރަނގަޅުވާނެއޭ އެތަންތަނުން އަތުން ލާރިއެއްނުގޮސް، އެތަންތަނުން އާމްދަނީއެއް ލިބޭނެގޮތް ހެދިއްޔާ.
އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދެއްތޯ އަޅުގަނޑުމެންގެ އެއަރޕޯޓް ބޭރުބަޔަކަށް ވިއްކާލީމާ ވީގޮތް. އެއަރޕޯޓް ވިއްކާލީމާ ދެންމެ ރިޔާޒް އެވިދާޅުވިގޮތަށް، ވަގުތީ ފައިދާއެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަތުންއަތަށް އޭރު ބަދަލުވެގެންދިޔަކަންނޭނގެ 78 މިލިއަނެއްހާ ޑޮލަރު. އެ ޑޮލަރުން އަޅުނގަނޑުމެންނަށް އިންވެސްޓްމަންޓެއް ކުރެވުނުތޯ؟ އެ ޑޮލަރުން އަޅުގަނޑުމެންނަށް ނަފާ ލިބޭ، ދާއިމަށް ނަފާ ލިބޭ ކަމެއް ކުރެވުނުތޯ؟ ނެތެއްނޫންތޯ ކުރެވިފައެއް. އެ ލާރިކޮޅުން އަޅުގަނޑުމެން ކުރީ ކީއްތޯ؟ އަޅުގަނޑުމެންގެ ހުރި ރިކަރަންޓް ޚަރަދު، ރިކަރަންޓް ޚަރަދުކޮށް އެ ފައިސާކޮޅު ހުސްވީ. ދެން ކޮބައިތޯ އެއަރޕޯޓް. އެ އެއަރޕޯޓް ނެތްނަމަ، ރާއްޖޭގެ އެކި ހިސާބުގައި އަޅުގަނޑުމެން ޑޮމެސްޓިކް އެއަރޕޯޓް އެޅުމުގެ ވާހަކަ ދައްކާނަންތޯ. އެ އެއަރޕޯޓް ނެތްނަމަ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީ އުފުލައިލާނެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭނެތޯ. އެ އެއަރޕޯޓް އަނބުރާ އަޅުގަނޑުމެން ހޯދީމާ، އަޅުގަނޑުމެންނަށް މިކަންކަން މިކުރެވިގެން މިދަނީ.
ވިޔަފާރި ކިހާ ރަނގަޅުވީމަތާ ސަރުކާރުން ހިއްސާވެގެން 30 އެތައް އަހަރެއްގައި ކޮށްފައިއޮތް މަސައްކަތެއް، އެތައް މިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓް އޮތްތަނެއް އަޅުގަނޑުމެންނަށް ވިއްކާލަން މިއެނގުނީ، އެންމެ 78 މިލިއަން ޑޮލަރަށް. މިއަދު ހަދާ އާދައިގެ ރިޒޯޓެއްވެސް 78 މިލިއަން ޑޮލަރަށްވުރެ އަގު ބޮޑުވާނެ. އެކަމަކު އެއޮއްބޮޑު އެއަރޕޯޓް 78 މިލިއަން ޑޮލަރަށް ވިއްކާލީ. އޭގެ އަގު އަޅުގަނޑުމެންނަށް އިޙްސާސްކުރެވިގެން މިދިޔައީ އެއަރޕޯޓް އަނބުރާ ހޯދަންކުރި މަސައްކަތުގައި. 320 މިލިއަން ޑޮލަރު ހޭދަކޮށްފީމު. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް ތަރައްޤީކޮށްފައި އޮތް އެއަރޕޯޓެއް 78 މިލިއަން ޑޮލަރަށް ވިއްކާލާފައި، އަނބުރާ ހޯދަން 320 މިލިއަން ޑޮލަރު އަޅުގަނޑުމެން ޚަރަދު ކޮށްފީމު. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި ރަނގަޅު ވިޔަފާރިއެއް މިއޮތީ ކުރެވިފައި.
އެހެންވީމާ ވިޔަފާރިވެސް ކުރެވޭނީ ވިޔަފާރިކުރުމުގެ ޚިޔާލު ހުރެގެން. ވިޔަފާރީގެ ފައިދާއާ ގެއްލުންވާގޮތް އެނގުނީމާ. އޭގެ ބައެއް މިސާލު ދެންމެ ރިޔާޒްގެ ވާހަކަފުޅުގައި އެ ގެންނެވީ. އެހެންވީމާ، ދައުލަތުން މިކަހަލަ ހަރު މުދާ އުފައްދަނީ، އެއިން ނަފާ ހޯދަން. ވިލުފުށީގެ ރައްޔިތުންވެސް، ވިލުފުށްޓަށް ލިބޭ ފައިދާ، ބަނދަރެއް ހެދުނަސް، މަގު ހެދުނަސް، އަދި މިތާ ކައިރިއަށް ޓޫރިޒަމް އަޔަސް، އަޅުގަނޑުމެން އޭގެ ފައިދާ ހޯދަން މަސައްކަތް ކުރަންވާނެ. އެއީ، އުންމީދާއެކީ ކުރިއަށްދިޔުން. އެހެންވީމާ، އަޅުގަނޑުމެންނެއް ނުދައްކާނެ އިޤްތިޞާދީ ފައިދާއެއް ނެތްވާހަކައެއް. އަޅުގަނޑުމެންގެ މުޅި މެނިފެސްޓޯގެ މައިގަނޑު އަމާޒު އެ އޮތީ އިޤްތިޞާދީ ނަފާ ހޯދުމަށް. މުޅި މެނިފެސްޓޯގެ މައިގަނޑު އަމާޒު އެ އޮތީ، އިޤްތިޞާދީ ނަފާގެ އަހުލުވެރިންނަކީ ޙަޤީޤަތުގައި، ދިވެހި ޒުވާނުންނަށް ހެދުމަށް އޮތް މެނިފެސްޓޯއެއް އެއޮތީ.
އެހެންވީމާ ދެން މި މެނިފެސްޓޯގައި އަޅުގަނޑުމެން މިކަންކަން ކުރަމުންދާއިރު ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ކޮންމެ ރަށެއްގައިވެސް ހުރެދާނެކަންނޭނގެ، މަސައްކަތް ހިނގަމުންދާ ކޮންމެވެސް މަޝްރޫޢެއް. އެހެންވާނެ ދޮގެއްތޯ؟ އަޅުގަނޑުމެން މިއަދުވެސް ބުނާނަން، ކޮންމެ ރަށެއްގައިވެސް އެވްރެޖްކޮށް ގާތްގަނޑަކަށް ދެ މަޝްރޫޢު ނުހިނގާ ރަށެށް ނޯންނާނެ. އިސްތިސްނާ ނެތެކޭނޫން. އެހެންވީމާ، އެއިން ކޮންމެ މަޝްރޫޢަކާ ހަމައަށްދާއިރު، ރަށަކާ ހަމައަށްދާއިރު، އެރަށެއްގައި މަޝްރޫޢު ހިނގަމުންދާތަން ފެނިދާނެ. ކުޅުދުއްފުށީގެ އެއަރޕޯޓް ނިމެމުން އެދަނީ. އެކަމަކު އިދިކޮޅު ބޭފުޅުން އެވިދާޅުވަނީ އެބޭފުޅުން ވަޑައިގެން އެއަރޕޯޓެއް އަޅައިދެއްވާނަމޭ. ހަމަ ވޭމަންޑޫގެ ނަރުދަމާގެ ވާހަކަ އަޅުގަނޑުމެން ދެއްކީ، ނަރުދަމާ އަޅައި ނިންމައިފި. މިރަށުގެ ފެނުގެ ނިޒާމު މި ނިމުނީ. މިރަށަށް ވަޑައިގެންވެސް ވިދާޅުވެދާނެކަންނޭނގެ، ފެނުގެ ނިޒާމު އިތުރަށް ޤާއިމު ކޮށްދެއްވާނަމޭ. އެހެންވީމާ، މިދެއްކެނީ ތަރައްޤީގެ ވާހަކަ. ކުރީގައި އެވާހަކަ ދައްކަވާކަށް ބޭނުންފުޅެއް ނުވޭ. މިހާރު މިދެކެވެނީ، މިގޮތަށް ފަށާފައިހުރި އެތައް މަޝްރޫޢެއް ހުންނަކަމަށްވަންޏާ މީގެތެރޭގައި، ނުނިމި ހުރި މަޝްރޫޢުތައްވެސް ހުންނާނެ. ދެންމެ މުޢިއްޒުގެ ހިސާބުގައި އެވިދާޅުވީ، އަޅުގަނޑުމެންގެ މަސައްކަތް ނިމިގެންދާއިރު، ނުވަދިހަ އެތައް ކިލޯމީޓަރެއްގެ މަގު ހެދިގެންދާނެއޭ. އެހެންވީމާ، މަގު ނުހެދޭ ރަށެއްގައި ވަޑައިގެން ވިދާޅުވެދާނެ މިރަށުގެ މަގު ނިންމާލަދޭނަމޭ.
އެކަމަކު، ވިލުފުށީގައި އަޅުގަނޑު ދަންނަވާލާ ސުވާލަކީ، ވިލުފުށްޓަށް ސުނާމީގެ ތެރޭގައި މިހުރިހާ ގެއްލުމެއް ލިބިގެންދިޔައިރު ހަމަގައިމުވެސް، އެބޭފުޅުންގެ ގާތް ބޭފުޅުންވެސް އިސް ސަފުގައި ތިއްބަވާނެ. ވިލުފުށީގެ ބޭފުޅުން، ވިލުފުށްޓާ ގާތްތިމާގެ ބޭފުޅުން. ކީއްވެގެންބާއޭ ވިލުފުށްޓަށް ތަރައްޤީގެ އެންމެ މަޝްރޫޢެއްވެސް ނައިސް، މިދިޔަ އެތައް އަހަރެއްވެގެން ނިމިގެން މިދިޔައީ. ހަމަ މިސަރުކާރުން ވިލުފުށީގެ ތަރައްޤީގެ މަސައްކަތްތައް މިކުރަނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް އިވިގެން މިދަނީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނުނިމިހުރި ތަންތަންކޮޅު ނިންމާލަދެއްވާނެ ވާހަކަ. އެހެންވީމާ، އަޅުގަނޑުމެން މުވައްޒަފުންނަށް މުސާރަ ދޭނަން. ސަރުކާރުގެ ހުރިހާ ރައްޔިތުންނަށް މުސާރަ ދޭނެ. އެބޭފުޅުން ދެއްވާނީ، އެމީހުންނަށް ކޮންމެވެސްކަހަލަ އެލަވަންސެއް، ޕޮކެޓްމަނީއެއް. އަޅުގަނޑު ހުރިހާ ތަނެއްގައި ނަރުދަމާ އަޅައިދީ ނިންމާނަން. އެބޭފުޅުން ކުރައްވާނީ، ނަރުދަމާ ނުނިމިއޮތް ތަނެއްގެ ބާކީ މަސައްކަތް.
މިއެއްނޫން ދޮގެއްތޯ ވިސްނުން އަންނަންވީ ގޮތަކީ. ނުވެފައިހުރި ކަންތައްތައް، ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާނީ. އަޅުގަނޑުމެން ދައްކަންވީ، އެއަރޕޯޓުތައް ހަދާ ވާހަކަ. މިހާރު އެވާހަކަތައް އެބަ ވައިގައި ހިފާ. އެހެންވީމާ، އަޅުގަނޑު މިއީކީ އެއްވެސް ގޮތަކަށް އެއްވެސް ބޭފުޅަކަށް ޖަދަލުކުރަން ދައްކާ ވާހަކައެއްނޫން. އެކަމަކު އަޅުގަނޑުމެން ކުރާ މަސައްކަތްތައް އޮޅުވާލައިގެން ރައްޔިތުންނަށް އޮޅޭގޮތަށް މިވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީ، އަޅުގަނޑު އެބަޖެހޭ މިކަންކަން ރަނގަޅުކޮށްދޭން. އެއީ އަޅުގަނޑަކީވެސް، ސިޔާސީގޮތުން މިމަސައްކަތް ކުރަން ނުކުމެހުރި މީހަކަށްވާތީ. އަދި އަޅުގަނޑު ގަބޫލުކުރާ، އަޅުގަނޑު ދަންނަ ތަރައްޤީ ރާއްޖޭގެ އެކިހިސާބަށް އައިކަން މިއަދު ރައްޔިތުން ޤަބޫލުކުރާތީ. ތިން ހަތަރު ޕްރޮޖެކްޓް ނިމިފައި އޮންނަ ރަށަކަށް އަޅުގަނޑު ދިޔައިމާވެސް ބުނާނެ އަދި އިތުރަށް މިވެނި މިވެނި މަސައްކަތް ކޮށްދެއްވާށޭ.
މީގެކުރީގައި، އަޅުގަނޑުމެންގެ ރައްޔިތުން އަހުލުވެރިކަމެއް ނޫން މިއީކީއެއް. ވިލުފުށިންވެސް އަޅުގަނޑު ކައިރީގައި ވިދާޅުވާނެ އިތުރު މަޝްރޫޢުތަކުގެ ވާހަކަ. އަޅުގަނޑުގެ ޕާޓީގެ ފަރާތުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާއިރު ވިދާޅުވާނެ އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިފައޮތް ކަމެކޭ. މިހާރު ކަނޑައަޅާފައިހުރި އެއަރޕޯޓުތަކަކީ، އަޅުގަނޑުމެން މިހާރުން މިހާރަށް ކަނޑައަޅާފައިހުރި އެއަރޕޯޓުތަކެއް. އެކަމަކު އެއާއެކީ އަޅުގަނޑުމެން ބުނެފައި ހުންނާނެ އެއަރޕޯޓު ބޭނުންވާ ސަރަޙައްދުތަކުގައި ކޮންމެ ސަރަޙައްދެއްގެ ދުރުގައިހުރި މުހިންމު ރަށްރަށަށް އަޅުގަނޑުމެން އެއަރޕޯޓު ޤާއިމުކޮށްދޭނަމޭ. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް. ހަމައެކަނި ނެތީ، ފިލް އިންދަ ބްލޭންކްސް. ވަކިވަކި ރަށްރަށެއްގެ ނަންތައް ނެތީ. އެކަމަކު އެހުރިހާ ތަނެއްގައި އެއަރޕޯޓް އެޅޭނެ ވާހަކަ އެހެރީ ދައްކާފައި. އެހެންވީމާ، އަޅުގަނޑު ކޮންމެހެން ނުޖެހޭ ވިލުފުށީގެ ވާހަކަ ބުނާކަށް، މަކުނުދޫގެ ވާހަކަ ބުނާކަށް، ނޫނީ އެހެންވެސް ރަށެއްގެ ވާހަކަ ބުނާކަށް. އެކަންކަން ނިމިގެންދާއިރު އެކަންވާނެ ވާހަކަ އެއޮތީ ބުނެފައި.
އެހެންވީމާ، އުންމީދާއެކީ ކުރިއަށް ވަޑައިގަންނަވާކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުން ހައްދަވަންޖެހޭ ޗޮއިސް އެހާ އުނދަގުލެއް ނޫންހެން. އެއްގޮތަކަށްވެސް މިދައްކަނީކީ ޕާޓީ ފިކުރު ބަދަލުކުރާ ވާހަކައެއްވެސް ނޫން. މިދެކެވޭ ވާހަކައަކީ، ޤައުމު ކުރިއަށް ގެންދިއުމަށް، ޤައުމަށް މިހާރު މި އައިސްފައިއޮތް ތަނަވަސްކަން އިތުރު މަރުޙަލާއަކަށް ގެންދިޔުމަށްޓަކައި ވިސްނުންތަކެއް ހިފައިގެން އައިސް، އެމަރުޙަލާއަށް ދިވެހިރާއްޖެ އުފުލައިލިއޭ، އެ އުފުލައިލެވުނީ، ހަމަގައިމުވެސް 2013 ވަނަ އަހަރު ޙަވާލުވި ސަރުކާރުން. އޭގެ ކުރީގައި ހިނގައިދިޔަ ކަންތައްތައް އަޅުގަނޑުމެންނަށް އެހެރީ ފެންނަން. އަޅުގަނޑު ނޫނަސް ތަފާތު ބޭފުޅުން އެކި ޕޯޑިއަމްތަކުގައި އެވާހަކަފުޅުތައް ދައްކަވައިފި. މިއަދު މި ޕޯޑިއަމުންވެސް އިވިގެން މިދިޔައީ އަޅުގަނޑުމެންގެ މިހެންހުރި ބިނާތައް ވިއްކާލި ވާހަކަ. ނުއަގުގައި ވިއްކާލި ވާހަކަ.
އަޅުގަނޑު ހަމަ ސުވާލެއްވެސް ކޮށްލާނަން. ހަމަ ހިތާހިތާ. އަޅުގަނޑުމެން އެހެރީ ވަރަށް ރަނގަޅު ފެންވަރުގައި 25 ބުރީގެ ހޮސްޕިޓަލެއް މާލޭގައި އަޅާ އެނިމެނީ. ހުޅުވަން ދާދި ކައިރިވެފައި. މި ބިނާގެ ބޭނުން ރަނގަޅު ގޮތުގައި އެބޭފުޅުން ހިއްޕަވާނެބާއޭ. ނޫނިއްޔާ އެބޭފުޅުން ހިތްޕުޅަށް އަރާނީ އަނެއްކާވެސް މިއީ ރަނގަޅު ތަނެކޭ ސިޓީ ހޮޓަލެއް ހަދަން. އެހެންބާއޭ އެބޭފުޅުން ހިތްޕުޅަށް އަރާނީ. އެހެންވެއްޖެއްޔާ އެއީ، ވަރަށް ދެރަކަމެއް. މިއީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ އެންމެން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ޞިއްޙީ ފަރުވާގެ ވާހަކަ މިދައްކަނީ. އެކަމަކު، ހީފުޅުކުރައްވަފާނެ، އެހާ ރީތިކޮށް ގްލާސް ކަރލިން ހަދާފައި އެހާ ވަރުގަދަ ޢިމާރާތެއް ހެދުނީމަ، ހަމަ ވަރަށް ރީތިކަމަށް، މިތަނުގައި ސިޓީ ހޮޓަލެއް ހަދާލަން. އެހެންވީމާ، އެތަނުގައި ޞިއްޙީ ވަސީލަތްތައް ޤާއިމުކުރުމުގެ ބަދަލުގައި ސިޓީ ހޮޓަލެއް ހަދަން އެބޭފުޅުންގެ ހިތްޕުޅަށް އަރައިފިކަމަށްވަންޏާ ދެން ހަތަރު އުދަރެސް ބެދިފައި އެއޮތީ. އެހެންވީމާ، މިކަހަލަ ކަންކަމުގައި އަޅުގަނޑުމެން ކީއްކުރަންތޯ ރިސްކު ނަގަންވީ. އޭރާއި މިހާރުގެ ތަރައްޤީއާ ދެންހުރި ތަރައްޤީ މިހިރީ ފެންނަން.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަމާ ދޭތެރޭ ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާށޭ. ވިލުފުށްޓަކީ ސިޔާސީ ރަށަކަށްވާތީ، އަދި ސިޔާސީ އެއް ވާހަކަ ދަންނަވާލާފައި އިދިކޮޅު ބޭފުޅުންގެ ސިކުނޑިފުޅަށް އުނދަގޫވާ ވާހަކައެއް ދަންނަވާލާފައި އަޅުގަނޑު ނިންމާލާނަން.
މިދޭތެރެއިން ރައްޔިތުންގެ މަޖިލިސްގައި މިހިނގާދިޔަ ކަންތައްތަކާ ދޭތެރޭގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެންގެ ޕާޓީގެ ފިކުރު ވިއްކައިގެން، އަދި އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ ހިފައިގެން، ރަށްރަށަށް ގޮއްސަ 2014 ވަނަ އަހަރު އަޅުގަނޑުމެންގެ އެތައް ބައިވަރު މެންބަރުންނެއް އިންތިޚާބުވެގެން އައީ. އޭގެފަހުން، ލޯކަލް ކައުންސިލްގެ އިންތިޚާބުވެސް އައީ. އޭރު އަޅުގަނޑުމެން ނެގިން މަޖިލީހުގެ ސުޕަރ މެޖޯރިޓީ. އެއީ، އަޅުގަނޑުމެންގެ ތަރައްޤީއާއި އަޅުގަނޑުމެންނަށްކުރި އިތުބާރާއި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ކަންތައް ރައްޔިތުން ގަބޫލުކުރައްވާތީ އެހާބޮޑު އަޣުލަބިއްޔަތެއް މަޖިލީހުން ދެއްވީ. ދާދިފަހުން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީގައިވެސް ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި، ވިޔާނުދާ ކަންތައްތަކުގެ ތެރޭގައި، މަޖިލީހުގެ ފްލޯ ކްރޮސްކުރައްވާފައި، ޕާޓީ ފިކުރު ދޫކޮށްލާފައި އެބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގަތީ. އަދި އަޅުގަނޑުމެންނާއެކީ ކޯލިޝަން ހަދައިގެން ތިބިމީހުން ކޯލިޝަންވެސް ދޫކޮށްލީ. މިއަދު އެމް.ޑީ.ޕީ. އެއުޅުއްވަނީ ކޯލިޝަން ހައްދަވައިގެން. ހަމަ ޝައްކެއްވެސްނެތް، އެ ކޯލިޝަންތައްވެސް ރޫޅޭތަން އަޅުގަނޑުމެންނަށް ފެންނާނެ. އެއީ، ކުރިންވެސް ހެދި ކޯލިޝަންތައް، ހަމަ އެ ކޯލިޝަންތައް ހުރީ ރޫޅިފައި. ޤާސިމް އިބްރާހީމަށް ހޯމް މިނިސްޓަރު ކަމުގައި ތިން ހަފްތާ ކެތްކޮށް ނުލެވުނު. މިއީ ޙަޤީޤަތް.
މަޖިލިސް މެންބަރުން ފްލޯ ކްރޮސްކޮށްގެން އަޅުގަނޑުމެންގެ ޕާޓީން މެންބަރުން ވަކިކޮށްފައި، އަދި ސުޕްރީމް ކޯޓުގައި މި ހިނގައިދިޔަ ދިގު މަރުޙަލާއަށްފަހު ފްލޯ ކްރޮސްކުރުމަކީ، އެމީހުން ހޮވި ރައްޔިތުން، އެ އަމާނާތް އަދާނުކޮށް ރައްޔިތުންނަށް އޮޅުވާލުންކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވޭތީއާއެކީކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ފްލޯ ކްރޮސްކުރުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމެއްކަމަށް ކަނޑައެޅުއްވީ. ކަނޑައަޅުއްވައިގެން، އަޅުގަނޑުމެން މިދެންނެވި އުންމީދުގައި ހޮވި ހުރިހާ މެންބަރުންގެ ގޮނޑިތައް އެބޭފުޅުން ފްލޯ ކްރޮސްކުރެއްވުމާއެކީ ބަދަލުވެގެންދިޔައީ. އޭރު އެމް.ޑީ.ޕީ.އިން އެންމެ ވަރުގަދަ އިދިކޮޅު ބޭފުޅުން ވިދާޅުވަނީ، ނުޙައްޤުންނޭ އެކަންކުރީ. އެއީކީ ކުރެވޭނެކަމެއް ނޫނޭ. އެއީ، ކޮށްގެންވާނެކަމެއް ނޫނޭ. އެގޮތަކަށް ޤާނޫނު އަސާސީ ޖާގައެއްނުދެއޭ. އަޑުފުޅަށް ލެއްވުނު ބާރެއް ލައްވާފައި އެވާހަކަ ދައްކަވަމުން އެ ގެންދެވީ. މިއަދު އެބޭފުޅުންގެ މެނިފެސްޓޯ ބައްލަވާ. މިއަދު އެމް.ޑީ.ޕީ. ގެ މެނިފެސްޓޯ ބައްލަވާ. އެބޭފުޅުން ވަކާލާތުކުރައްވަނީ، ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމު ދޫކޮށްލާފައި، ބަރުލަމާނީ ނިޒާމަކަށް ދާން. ބަރުލަމާނީ ނިޒާމަކަށްދާއިރު، މެނިފެސްޓޯގައި އެންމެ ވަރުގަދައަށް ލިޔުއްވާފައިއޮތް ވާހަކައަކީ، ފްލޯ ކްރޮސްކުރުން ތިމަންނަމެން ޤާނޫނުން މަނާކުރާނަމޭ. މިހިރީ، ޙާލަތު ބަދަލުވީ. އަދި ދެމަސްދުވަސްނުވޭ. ފްލޯ ކްރޮސްކުރީމާ، އަޅުގަނޑުމެން އެބޭފުޅުން، އަޅުގަނޑުމެންގެ ޕާޓީން ކަނޑާލީމާ، އެންމެ ވަރުގަދައަށް އެކަމާ އިޙްތިޖާޖު ކުރައްވާފައި ޕާޓީން ވަކިވި މެންބަރުންނަށް ހިތްވަރު ދެއްވާފައި، ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވި ބޭފުޅުން މިއަދު މެނިފެސްޓޯގައި އެ ލިޔުއްވަނީ، ފްލޯ ކްރޮސްކޮށްފިކަމަށްވަންޏާ، ތިމަންނަމެން، މެންބަރުން، އެ ފްލޯކްރޮސް ނުކުރެވޭގޮތަށް ޤާނޫނު ބަދަލުކުރާނަމޭ. މިއީ ޙަޤީޤަތް ހުރިގޮތް. މިއަދު އެބޭފުޅުންނަށް އެކަން ބޭނުންފުޅުވޭ. އަޅުގަނޑުމެންގެ ޕާޓީން މީހުން ވަކިކުރީމާ، އެބޭފުޅުންނާ ގުޅިވަޑައިގަތީމާ އެއީ، ކޮށްގެން ނުވާނެކަމެއްކަމަށް އަޅުގަނޑުމެންނަށް އިލްތިމާސް ކުރައްވަމުން މުޅި ރައްޔިތުންނަށް މިވާހަކަ އޮޅުންފިލުއްވައިދެއްވި.
އެހެންނަމަވެސް، އަޅުގަނޑުމެންކުރި މަސައްކަތުގައި، ޙަޤީޤަތުގައިވެސް ފަނޑިޔާރުންނަށް އެކަންކަން ގަބޫލުކުރެއްވުނީމާ، ފްލޯކްރޮސްކުރި ހުރިހާ އެންމެންގެ ގޮނޑި ގެއްލިގެން ދިޔައީ. މިއަދު އެބޭފުޅުންގެ މެނިފެސްޓޯގައި އެ ވިދާޅުވަނީ، ފްލޯކްރޮސްކުރުން ތިމަންނަމެން މަނާކުރާނަމޭ. އެހެންވީމާ، ތަފާތު ފެނިއްޖެ ދޮގެއްތޯ. ދެން އިތުރަށް މިކަހަލަ ވާހަކަ ދައްކާނެތޯ؟ ދައްކާނެކަމެއް ނެތެއްނޫންތޯ؟ އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ތަނަވަސް ވިސްނުންފުޅަށް މިދެންނެވި ވާހަކަތައް ދޫކޮށްލާނަން. އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ހަމަ ވަރަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ތެދުމަގުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް މިންވަރު ކުރައްވާށި! އަޅުގަނޑު އެދެނީ ވިލުފުށްޓަށާ ކޮޅުމަޑުލަށް، އަދި މުޅި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ސީދާކޮށް ތެދުވެރިކަމާއެކީ ވިސްނުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ﷲ މިންވަރުކުރެއްވުން.
وما توفيقى إلّا بالله عليه توكّلت وإليه أنيب.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
ތ. ބުރުނީގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތްދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު | އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް | بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـــالَمِـين، وَالصّـــلاة وَالسّـــلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسـلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
ބުރުންޏަށް މި އާދެވުނީ ހެނދުނުގެ ވަރަށް ހިތްފަސޭހަ ވަގުތެއްގައި. އަދި ބުރުނިން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ބުރުނީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
ބުރުންޏަށް މި ހިތްފަސޭހަ ވަގުތު އާދެވުނު ކަމުގައިވީނަމަވެސް، ރޭ ފަތިހުގެ ގަދަ ވިއްސާރަޔާއި ވައިގެ އުނދަގޫ ބުރުންޏަށްވެސް ފޯރާފައި އޮތްކަން އަޅުގަނޑު ހިތާމަޔާއެކީ ފާހަގަކުރަން. އަދި ހަމައެހެންމެ، މި ހިސާބުގަނޑުގެ ބައެއް ރަށްރަށަށްވެސް އެ އުނދަގޫ ފޯރާފައި އޮތްކަންވެސް އަޅުގަނޑު ގަބޫލުކުރަން. ބުރުނިން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބުރުނިން އަޅުގަނޑަށް ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. ބުރުނިން އަޅުގަނޑަށް ތިޔަ ހަދިޔާ ކުރެއްވި ހަދިޔާ ކުރެއްވުމަކީ، ބުރުނީގެ ރައްޔިތުންގެ ހިތުގެ ލޯބި އަޅުގަނޑާ ދޭތެރޭގައި އޮތް މިންވަރުކަން އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ހަމަ ރިޔާޒަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ބުރުނީގައި ހަމަ އެހާ ގިނަ ވަގުތުވީތޯ، އަޅުގަނޑު ފުރައިގެން ދާން ދޯންޏެއް ތިޔަ ދެއްވީ.
އާދެ، ބުރުންޏަށް އަޅުގަނޑު މިއައީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ނިމިފައި އޮތް މަޝްރޫޢެއް އިފްތިތާޙު ކުރުމުގެ އުފާވެރި ޙަފްލާގައި ބައިވެރިވުމަށްޓަކައި. ބުރުންޏަކީ މީސްކޮޅު މަދު ރަށެއް. އެހެންނަމަވެސް، ބުރުންޏަކީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށްގިނަ ކަންތައްތަކުގައި ހަމަ އަޅުގަނޑުމެން ފާހަގަކުރާ ރަށެއްވެސްމެ. ބުރުނީގެ ކަންބޮޑުވުންތަކުގެ ވާހަކަ، ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި ދެންމެ އެ ފާހަގަކުރެއްވީ. ރަށުން މީހުން ހުސްވާނެތޯ، މީހުން ބާލާނެތޯ؟ މިކަހަލަ ވާހަކަތަކެއް މި ދިޔައީ. އެކަމަކު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭކަންނޭނގެއޭ، ބުރުނީގައި މި ވާހަކަ ދައްކާއިރު، 2004 ވަނަ އަހަރުގެ ފަހުކޮޅު ސުނާމީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއިރު، އެންމެ ބޮޑަށް ގެއްލުންވީ ރަށްތަކުގެ ތެރޭގައި، މިތާ ކައިރީގައި މިއޮތް ރިޔާޒްގެ ރަށް، ވިލުފުށި ހިމެނިގެންދޭ. ވިލުފުށި އެ ހާލުގައި، އެހާ ހިތްދަތިކޮށް އޮތްއިރު، ވިލުފުށީގެ ހުރިހާ ރައްޔިތުން ހޯސްޓްކޮށް، މި ރަށުގައި ވިލުފުށީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެން މި ދިޔައީ. އެހެންވީމާ، ބުރުނީގެ ރައްޔިތުން ވަރަށް އިޙްސާންތެރިކަމާއެކީ، މިހެން ދިމާވާ ކަންކަމުގައި ޚިދުމަތް ކޮށްދެއްވާފައި ހުރިކަން އަޅުގަނޑުމެން އެބަ ފާހަގަކުރަންޖެހޭ.
އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިކަހަލަ އިންސާނީ ޚިދުމަތްތައް ފާހަގަކުރާއިރުވެސް އަޅުގަނޑު ހިތަށްއަރަނީ، ބުރުންޏަކީ ބުރުނީގެ ޒާތުގައި ފާހަގަކުރަންޖެހޭ ރަށެއްކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެއޭ. އަދި ހަމައެހެންމެ، ބުރުނީގައި، ވިލުފުށީގެ ގާތްގަނޑަކަށް ހަމަ އާބާދީގެ ބޮޑުބައި، ނުވަދިހަ އިންސައްތައަށްވުރެ ބޮޑުބަޔަށް މެހްމާންދާރީ އަދާކުރައްވަމުން ގެންދެވިއިރު، ބުރުނީގެ ރައްޔިތުންނާއި، ވިލުފުށީގެ ރައްޔިތުންނާއި، އަދި މިތަނަށް ޒިޔާރަތް ކުރެއްވި އެކިއެކި މެހްމާނުންނަށް، އޭގެތެރޭގައި ހަމަ އެމް.ޑީ.ޕީ. ގެ އޭރުވެސް އުޅުއްވި އިސްބޭފުޅުންވެސް ހަމަ ޒިޔާރަތް ކުރެއްވި ރައްޔިތުންގެ ހާލު ބަލަން. އިޙްސާސް ކުރެއްވިގެންދާނެ، މިކަހަލަ ބޮޑު ކާރިސާއެއް ދިމާވީމާ، ނޫނީވިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންނަށް މިކަހަލަ ބޮޑު ތަކުލީފެއް އުފުލަންޖެހޭކަހަލަ ކަމެއް ދިމާވީމާ، ސަލާމަތީ ބާރުތަކުގެ ޚިދުމަތް، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭނެ. ރެޔާދުވާލު ވަރަށް މުރާލިކަމާއެކީ، ރައްޔިތުންނަށް އޭރު ދިމާވެފައި އޮތް ބޮޑު ކާރިސާއިން ރައްޔިތުންނަށް ކޮންމެވެސްކަހަލަ ލުއިތަކެއް ހޯދައިދީ، ވަގުތީ ގެދޮރު އަޅައިދިނުމާއި، މުދާ އުފުލުމާ، މިކަހަލަ އެތައް ކަމެއްގެ ތެރޭގައި ހަރަކާތްތެރިވީ ސިފައިންނާއި ފުލުހުން.
އަޅުގަނޑު ހަމަ ދެރަވަނީ ޙަޤީޤަތުގައިވެސް ރާއްޖޭގައި މިކަހަލަ ޕޯޑިއަމްތަކުގައި އަޅުގަނޑުމެން ސިޔާސީ މީހުން ވާހަކަ ދައްކާއިރު އެކި ފަރާތްތަކުގެ މިކަހަލަ އަގުހުރި ޚިދުމަތް ހަނދާންނެތިގެންދާތީ. އަދި އެފަދަ ޚިދުމަތްތައް ދެވޭނެ ގޮތްތައް ނެތި، އެކަހަލަ ޚިދުމަތްދޭނެ މުއައްސަސާތަކެއް، އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާކަމަށްވަންޏާ، ދެން އެ ޚިދުމަތްތައް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދޭނެ ގޮތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާކަށް ހަނދާނެއް ނުހުރޭ. އަޅުގަނޑާ އިދިކޮޅަށް ވާދަކުރައްވާ ބޭފުޅުން އެންމެ ވަރުގަދަޔަށް ވަކާލާތު ކުރައްވާ އެއްކަމަކީ، ސަލާމަތީ ބާރުތަކަކީ ކޮންމެހެން އޭގެ ޒާތުގައި އެހާ މުހިއްމު ބައެއް ނޫންކަމަށް. އެމީހުންގެ ޚިދުމަތަކީ އެހާ ފާޅުކަންބޮޑުގޮތެއްގައި، އެހާ ފުޅާކޮށް އޮންނަންޖެހޭނެ ޚިދުމަތެއް ނޫންކަމުގައި. މީގެ ދެހަފްތާއެއް، ތިން ހަފްތާއެއްހާ ދުވަހުން ފެށިގެން އަޅުގަނޑުމެންނަށް މި ޓުވީޓްތަކުން، އެބޭފުޅުންގެ ޓުވީޓްތަކުން އެބަ ފެނިގެންދޭ. އަޅުގަނޑަށް އެނގޭ، ފެބުރުވަރީ 7 ގައި ހިނގައިދިޔަ ކަންތައްތަކާ ދޭތެރޭގައި، އެބޭފުޅުންގެ ހިތްޕުޅުގެ ނުތަނަވަސްކަން އޮންނާނެކަން ސަލާމަތީ ބާރުތަކާ ދޭތެރޭގައި. އެހެންނަމަވެސް، މުޅި ރައްޔިތުންގެ ޙައްޤުގައި ޚިދުމަތްކުރަން ތިބޭ ބަޔަކާ ދޭތެރޭގައި ޒާތީ ތަޢައްޞުބު އިސްކޮށް، މިކަހަލަ ވާހަކަ ދެއްކީމާ، ހަމަ ބުރުނީ މިއީ އެންމެ ރަނގަޅު އެއް ރަށް، ސަލާމަތީ ބާރުތަކުގެ ޚިދުމަތް، އެކަހަލަ ކާރިސާއެއްގައި ދިވެހި ރައްޔިތުންގެ ހިތްދަތިކަން އުފުލަމުންދާ ވަގުތަކާ ދިމާވީމާ، ސަލާމަތީ ބާރުތަކަކީ އުޅެންޖެހޭ ބައެއްތޯ އިޙްސާސް ކުރަން. އަޅުގަނޑު ހަމަ ޝައްކެއްވެސްނުކުރަން، ސަލާމަތީ ބާރުތަކާނުލައި، އޭރު އަޅުގަނޑުމެންނަށް އެ ދިމާވި ކަންތައްތަކުގެ ތެރޭގައި، އެހާ ފަސޭހަކަމާއި ހަލުއިކަމާއެކީ ތަންތަނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކުރުމުގެ ކަންތައްތަކެއް ހިނގައިނުދިޔައީސް.
އެހެންވީމާ، ސަލާމަތީ ބާރުތަކުގެ ޚިދުމަތާ ބެހޭގޮތުން އިދިކޮޅުގެ ކެންޑިޑޭޓުން އެ ދައްކަވާ ވާހަކަފުޅުތަކެއް، އަޅުގަނޑެއް، އަޅުގަނޑަށް ތާއީދުކުރާ މީހުންނެއް، އަޅުގަނޑުމެން ގަބޫލެއްނުކުރަން. އެބޭފުޅުން އެކަންކަން ގަބޫލުކުރައްވާ މިންވަރު އަޅުގަނޑުމެންނަށް އެނގިގެންދަނީ، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތީ ބާރެއް އޮންނަން ބޭނުންނުވާކަން އެބަ އެނގޭ. އެކަމަކު ދާދި އިހަށްދުވަހުވެސް އެބޭފުޅުން ގޮވައިލެއްވީ، އަވަށްޓެރި ޤައުމަކުން ސަލާމަތީ ބާރު، ދިފާޢީ ބާރެއް ރާއްޖެއަށް އަރަން. މިއީ، އެބޭފުޅުންގެ ވިސްނުންފުޅު ހުންނަ ގޮތްކަން އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ސަލާމަތީ ބާރު މިތާ ނޯންނަންވީ. އެކަމަކު ދިވެހިރާއްޖޭގައި ދިމާވާ ބޮޑެތި މައްސަލަތައް ޙައްލުކުރަން، ކައިރި ޤައުމަކުން ކުލީ ސިފައިން ގެނައުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. މިއީ، އެބޭފުޅުންގެ ވިސްނުންފުޅު އޮންނަ ގޮތަކީ.
އަޅުގަނޑުމެން ހިންގާކަށް އެއަރޕޯޓެއް އޮތުމަކީ، އެހާ ގަބޫލުކުރެވޭ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެން ހުރިހާ މަސައްކަތެއްކޮށްގެން، އުފައްދާފައި އޮންނަ ރައުސްމާލް އެއަރޕޯޓެއް ބޭރު ބަޔަކަށް ވިއްކާލައިގެން، ނޫނީ ބޭރު ބަޔަކަށް، މިހާރު ދެން ކުޑަކޮށް ރަނގަޅުވެސްކޮށްލާނަން. ބޭރު ބަޔަކަށް އަނބުރާ އަޅުގަނޑުމެންނަށް ނުލިބޭވަރުގެ ދިގު މުއްދަތަކަށް އަދި މުއްދަތު ކަނޑައެޅިފައި ނެތް މުއްދަތަކަށް ދޫކޮށްލައިގެން، ދެން އަދިވެސް ހަމަ ބްރަކެޓެއްގައި ދަންނަވާނަން. (ވިއްކާލައިގެން) އެ ޚިދުމަތް ބޭރު ބަޔަކު ރާއްޖޭގައި ދިނުމަކީ އެއީ، ހަމަ އެންމެ ރަނގަޅުގޮތް. އަޅުގަނޑުމެން ސަރުކާރުން ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް، އެ ކުންފުނިތަކުން އެ ޚިދުމަތްދޭކަށް، އެއީކީ ގަބޫލުކުރެވޭ ކަމެއްނޫން. ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފުރަތަމަފަހަރު ރާއްޖޭގަޔާއި، ރާއްޖޭގެ އަތޮޅުތަކުގައި، މި ރަށްރަށުގައި، މާލޭގައި، ކަރަންޓާއި ފެނާ، ބޭސިކް ކޮންސެޕްޝަނަށް މި ބޭނުންވާ ޓެރިފުތައް ނޫނީ އަގުތައް، އެއްވަރު ކުރެވިގެން މިދިޔައީ. އެކަމަކު މި ކުންފުނިތަކާ ދޭތެރޭގައި މިހާރު އިދިކޮޅު ފަރާތްތަކުގެ ވިސްނުންފުޅު ހުރިގޮތް، އަޅުގަނޑުމެންނަށް އެބަ އެނގޭނޫންތޯ. މި ކުންފުނިތަކުން ދޭންވާ އަސާސީ ޚިދުމަތް އެކަނި ދީފައި، ކުންފުނިތައް އެބަޖެހޭ، ކުންފުނިތަކުން ކުރާ މަސައްކަތް ކުޑަކުރަން. ނޫނީ އެ ކުންފުނިތައް ކޮންމެހެން އޮޕަރޭޓް ކުރާކަށްނުޖެހޭ، ޕްރައިވެޓް ސެކްޓަރއިން މިކަން ކުރާނީއޭ. މި ކުންފުނިތައް ހުރެގެން ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދާން ބޭނުންވާ މިންވަރަށް ކުރިއަށް ނުދެވިގެން އުޅޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ހަމަ މީގެކުރިންވެސް ޕްރައިވެޓް ސެކްޓަރ އޮތް. މިހާރުވެސް ޕްރައިވެޓް ސެކްޓަރ އެބައޮތް. މިއިން ކުންފުންޏަކުންދޭ އެއްވެސް ޚިދުމަތެއް، ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ އެއްވެސް ކުންފުންޏަކަށް ދިނުން މަނާކޮށްފައެއް ނޯންނާނެ. އެބޭފުޅުން މަސައްކަތް ކުރެއްވި، ޕްރޮވިންސްތަކެއް ހަދައިގެން އެކަންކަން އަމިއްލައަށް ކުރެވޭތޯ. އެކަންކަން އެބޭފުޅުން ކުރެއްވިއިރު އެއީ، ހަމަ އެންމެ ރަނގަޅު ކަންކަން. އެކަމަކު މިއަދު ސަރުކާރުން މި ކުންފުނިތަކަކީ، ދެންމެ ރިޔާޒްގެ ވާހަކައިގައި އެ ފާހަގަކުރެއްވި ގޮތަށް، ވަރުގަދަ ކުންފުނިތަކަކަށް ވެގެންދިޔައިމާ، އަޅުގަނޑުމެންނަށް ފެންނަނީ މި ރަށްރަށަށް އަންނަ ތަރައްޤީ ހަލުއިވެގެންދާ މިންވަރު. ތަރައްޤީގެ ސްޕީޑްގެ ވާހަކަ މިއަދު އިދިކޮޅު ބޭފުޅުންނަށް ދައްކަވަން މި އެނގިވަޑައިގަތީ، އަޅުގަނޑުމެން މި މަސައްކަތްކުރާ ސްޕީޑް ފެނުނީމާ. އެ ފެނުނީމާ އެބޭފުޅުންނަށް އެނގިވަޑައިގަތީ.
އަޅުގަނޑު ހަމަ ދަންނަވާލާނަން މިސާލެއް. މިހާ ބޮޑެތި ޚިދުމަތްތަކެއް، އަޅުގަނޑުމެންނަށް އެންމެ ދަތިވި ދުވަހު، 2004 ވަނަ އަހަރުގެ ސުނާމީއާއެކީ އެންމެ ދަތިވި ދުވަހު، ބުރުންޏަކީ ޝައްކެއްވެސްނެތްގޮތުގައި އިންސާނިއްޔަތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި އޮތް ރައްޔިތެއް ދިރިއުޅޭ ރަށެއް، ކުޑަކުޑަ ރަށެއް ކަމުގައިވީނަމަވެސް. އެކަމަކު ހިންގަވަބައްލަވާ، ތަފާސް ހިސާބު ބަލައިލަމާ. ތަފާސް ހިސާބަކީ ދޮގުހަދާނެ އެއްޗެއް ނޫން. ސިޔާސީ މީހުން ދައްކާ ވާހަކައިގައި، ދައްކާ ބީދައިން، ނޫނީވިއްޔާ އޮޅުވާލަން، ނޫނީވިއްޔާ މާނަ އޮޅޭގޮތަށް ދައްކާ ވާހަކަ ވަރަށްގިނަވާނެ. އެހެންވީމާ، އޭގައި އެކިގޮތްގޮތަށް ކުލަ ޖެއްސޭނެ.
މިސާލަކަށް، 65 އަހަރުން މަތީގެ މީހުންނަށް ޢިނާޔަތްތަކެއްގެ ވާހަކަ ދެއްކީމާ، މިހާރު އެންމެފަހުން އެބޭފުޅުންނަށް އަޅުގަނޑުމެން ދައްކަމުން މިގެންދާ ވާހަކަ ދިފާޢުވެސް ނުކުރެއްވުނު. ފުރަތަމަ، ވާހަކަ ހަމަ އެންމެބޮޑަށް އޮޅުވައިލެއްވީ. އެކަމަކު އޭގެ ތަފްޞީލުތައް ދިނީމާ، ދެން މިހާރު ވިދާޅުވާ ވާހަކައަކީ، އަދިވެސް ވިދާޅުވަނީ އެއުޅެނީ ޢިނާޔަތްތައް ކަނޑާލާށޭ. އެކަމަކު އިސްވެ އެބޭފުޅުންނަކަށް ވިދާޅުވާކަށް އެނގިވަޑައެއްނުގެންނެވި. 65 އަހަރުން މަތީގެ ބަޔަކު، ދޮށީ ރައްޔިތުންތަކެއް ދިވެހި ދައުލަތަށް ޚިދުމަތްކުރި ކަމެއް. އަދި އެ ރައްޔިތުންގެ ޙައްޤުގައި އެބޭފުޅުން އެ ޚިދުމަތް ގަބޫލުކޮށްފައި ކޮށްދެއްވާނީ ކޮންކަމެއް ކަމެއް ވިދާޅުވާކަށް އެނގިވަޑައެއްނުގެންނެވި. އަޅުގަނޑުމެން އެއަށް ގޮތްތަކެއް ނެރުނީމާ، އެ އޮޅުވައިލެވޭތޯ މި ބަލަނީ.
އެހެންވީމާ، ސިޔާސީ މީހުން ދައްކާ ވާހަކަ ރައްޔިތުންނާ ހަމަޔަށް އޮޅުވައިލުމަކީ، ސިޔާސީ މީހުން ކުރާ، ހަމަ އެމީހުން ޝައުޤުވެރިކަން ވަރަށް ހުންނަ ޕާސްޓައިމެއް އެއީ. ވަރަށް ޝައުޤުވެރިކަމާއެކީ އެމީހުންކުރާ ކަމެއް އެއީ. އެހެންވީމާ، އެއަރޕޯޓްވެސް ވިއްކާލީކީ ނޫން. އެކަމަކު ދައުލަތުގެ ސިޔާދަތުގެ ބާރެއް ނުހިނގާ. ދައުލަތަކަށް އެމީހުން ކޮންމެ ކަމެއް މިތާ ކުރިޔަސް، އެއަކަށް އެއްޗެއް ބުނެވޭކަށް ނެތް. ދައުލަތަކަށް އާމްދަނީއެއް ނުލިބޭ. އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އެކަމަކު މިއީ އަޅުގަނޑުމެންގެ އެއަރޕޯޓް. އެއޮތީ ވިއްކާލާފައެއް ނޫން. އެއޮތީ ކުއްޔަށްދީފައި. އެހެންވީމާ، މިކަހަލަ ހާލަތެއްގައި އެބޭފުޅުންގެ ވާހަކަފުޅު ހުންނާނީ.
ބުރުނީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބުރުންޏަކީ މިހާ ޚިދުމަތްތެރި ރަށަކަށް ވެގެންދިޔައިރު، ބުރުންޏަކީ ޚިދުމަތްތަކެއް ކޮށްދީފައި އޮތް ބައެއް ކަމެއް، ކޮށްދީފައި އޮތް ރައްޔިތެއް އޮތް ތަނެއް ކަމެއް، އެބޭފުޅުންގެ ޚިޔާލުފުޅަކަށް ނާދޭ. އެކަމަކު މިއަދުވެސް މި ރަށަށް ވަޑައިގެން، އެބޭފުޅުން ވިދާޅުވާނެ، މި ރަށުގައި އިތުރު ނަރުދަމާއެއް އަޅައިދޭނަމޭވެސް. އެއީ، އެބޭފުޅުން ދައްކަވާނެ ވާހަކަފުޅު. އަދި އިތުރު ކަންތައްތައް ކޮށްދެއްވާނެ ވާހަކަވެސް ވިދާޅުވާނެ. އެކަހަލަ ވާހަކަ، ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ.
ކުޅުދުއްފުށީގައި އެއަރޕޯޓް އެޅެމުން އެދަނީ. އެއަރޕޯޓަށް ޗަސްބިން ހިއްކަމުންދިޔައިރު، އެބޭފުޅުންނަކީ އެންމެ ބޮޑަށް އެކަމާ އިޙްތިޖާޖު ކުރެއްވި ބޭފުޅުން. އަދި އަޅުގަނޑު، ދައުރުގެ ކުރީކޮޅުގައި ކުޅުދުއްފުށްޓަށް ކުރި ޒިޔާރަތެއްގައި، އެއަރޕޯޓް އެޅުމަކީ ބޭނުންތެރިކަމެއް ކަމުގެ ވާހަކަ ދެއްކީމާ، އެންމެ ބޮޑަށް އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންނަކީވެސް އެބޭފުޅުން. އެކަމާހެދި އެއަރޕޯޓް އެޅުމުގެ މަސައްކަތް އެހާ ލަސްވެގެންދިޔައީވެސް. އެހެންނަމަވެސް، ފަހުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިކަން ގަބޫލުކުރައްވައިގެން، ކައުންސިލްގެ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުން މިއަށް އާނބަސް ދިނީމާ، އަޅުގަނޑުމެން ގޮސް އެކަންކަން ފެށީ.
އެހެންވީމާ، ކައުންސިލްތައް ބާރުވެރިނުކުރާ ވާހަކައިގައިވެސް އަޅުގަނޑު ދަންނަވާނީ، ނޫނެކޭ ކައުންސިލްތައް ބާރުވެރިއޭ. އެކަމަކު ކައުންސިލްތައް ބާރުވެރިވާންޖެހެނީ، ރައްޔިތުންނަށް ލިބެންހުރި، ފައިދާ ހުރި މަޝްރޫޢުތައް ހިންގުމުގައި ހުރަސްއަޅާ އެޅުމަކުންނެއް ނޫން. ކޮންމެ ފިކުރެއްގެ، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތް ކަމުގައިވީނަމަވެސް، ރައްޔިތުންގެ ތަރައްޤީން އެ ރަށްރަށަށް ކުރެވެންހުރި މަސައްކަތްތަކަށް ހުރަސްއަޅާ އެއްޗެއް ނޫން. ކުޅުދުއްފުށީގެ އެއަރޕޯޓްގެ ކަންތައް ދިޔައީ މި ދެންނެވި ކަހަލަ ގޮތަކަށް. މިހާރު އެއަރޕޯޓް އެޅުމަށް ޗަސްބިސް ހިއްކައިގެން ނުވާނޭ ކަމަށާއި، އެއިން ލިބޭނޭ ގެއްލުންތަކުގެ ވާހަކައާއި، އަދި ފެރީއަކުން އެކަން ދެކޮޅުޖެއްސޭނެ ކަމުގެ ވާހަކަ އެންމެ ބޮޑަށް ދެއްކެވި ބޭފުޅުންނަކީ އެބޭފުޅުން. އެކަމަކު މިއަދު ކުޅުދުއްފުށީގައި އެއަރޕޯޓް އެޅޭނެކަން ޔަޤީންވީމާ، ޗަސްބިން ހިއްކައި، އެއަރޕޯޓްގައި ޓަރމިނަލް އަޅާ ސަރަޙައްދު ސާފުކޮށް، އަދި އެތަނަށް މޮބިލައިޒްކޮށް، މަސައްކަތް ފެށީމާ، މިހާރު ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅުއްވާނެ ވާހަކަ އެ ވިދާޅުވަނީ. ދެން އަޅުގަނޑަށް ހަމަ ވަރަށް އުނދަގޫވޭ، މިކަހަލަ ބިން ފުރިފައި ހުރި ރަށްރަށުގައި، މިކަހަލަ ބޮޑެތި ޞިނާޢީ މަޝްރޫޢުތައް ހިންގީމާ، އަޅުގަނޑު އެއް މަޝްރޫޢު ހިންގައިދިނީމާ، ހަމަ އޭގެ އަނެއް މަޝްރޫޢު އެކަހަލަ ރަށެއްގައި ހިންގުމަށްޓަކައި ބިން ހޯދުމަކީވެސް އެހާ ފަސޭހަކަމަކަށްނުވާނެ. ކުޅުދުއްފުށީގައި ދެ އެއަރޕޯޓް އަޅާކަމަށްވަންޏާ، މިއީ ވަރަށްބޮޑު މައްސަލައެއް.
މި ރަށުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ބުރުނީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ބުރުނީގެ ޚިދުމަތް ފާހަގައެއްނުއެއްކުރެއްވެޔޭ. އެކަމަކު ބުރުންޏަށް ޒިޔާރަތް ކުރައްވާއިރު، ބުރުނީގައިވެސް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާނެ. އެކަމަކު މިއަދު ރައްޔިތުން ގަބޫލުފުޅު ކުރައްވަންޖެހޭނީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި، ފަސް އަހަރުގެ ޚިދުމަތް ކުރައްވަން. އެބޭފުޅުން ތިން އަހަރު ދުވަހު ޚިދުމަތުގައި ތިއްބެވި. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި އޭރުގެ ފަސް އަހަރާއި، މިހާރު މި ހިނގާ ފަސް އަހަރާ، ދިހަ އަހަރު ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކަށް ބަޖެޓް ފާސްކޮށްދެއްވާ، ބަޖެޓަށް ވޯޓް ދެއްވަން. ނޫނީވިއްޔާ އެބޭފުޅުން ވިސްނާވަޑައިގަންނަވާ ގޮތަކަށް، ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނާ ހަމަޔަށް މިޞްރާބު ބަދަލުކޮށްލާފައި، ކޮންދިމާއަކަށް ކޮން ތަފާތު ތަރައްޤީއެއްތޯ ގެންނާނީ. އެ ފުރުޞަތުވެސް އެބޭފުޅުންނަށް ލިބިވަޑައިގެންނެވި. އެކަމަކު ކަން ހިނގައިދިޔައީ ކިހިނެއްތޯ؟ މި ދެންނެވި މުއްދަތުގެ ތެރޭގައި، ހަމަގައިމުވެސް މި ހިނގާ ފަސް އަހަރުގެ ތެރޭގައި، ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް އެބޭފުޅުން ދެއްވި ވޯޓެއް ނޯންނާނެ. އެކަމަކު މި ރަށަށް ވަޑައިގެންފައި، ދެންވެސް ދައްކަވާނެ، ކޮންމެވެސްކަހަލަ ތަރައްޤީއެއްގެ ވާހަކަ.
އެކަމަކު ބުރުނީގައި އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުގެ ޒަޢާމަތުގެ ކުރިން މި ހިނގައިދިޔަ ފަސް އަހަރު، 2013 ގައި، ކުރިން ހިނގައިދިޔަ ފަސް އަހަރު، ބުރުންޏަށް ހިންގާފައި ހުރި ބޮޑެތި މަޝްރޫޢުތަކުގެ ފައިސާގެ އަދަދު، ބުރުނީގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވެދެއްވާ!
އަޅުގަނޑު މިއަދު، އިދިކޮޅު ހުރިހާ ބޭފުޅުންނަށް އަޑުފުޅު އިވިވަޑައިގަންނަވާ ގޮތަށް، އަޅުގަނޑު ދަންނަވާނަން. 2013 ގެ ކުރިން، ބުރުނީގައި މި ދެންނެވި ކަހަލަ އެއްވެސް ބޮޑު މަޝްރޫޢެއް ހިންގާކަށް ހިންގި ހަމަ އެންމެ ލާރިފޮއްޗެއްގެ އިންވެސްޓްމަންޓްވެސް ނޯންނާނެ. ހަމަ ސުމެއް. ހަމަ ސުމެއް. ދެންމެ ރިޔާޒްގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ޞިއްޙީ ދާއިރާ، ހެލްތް ސެންޓަރަކަށް ބަލާކަމަށްވަންޏާ، އެންމެ ފުރަހަމަ ވަސީލަތްތަކަކާއެކީ، އެންމެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށްދީފައި އޮތީ ބުރުނީގައޭ. އަދި ހަމައެހެންމެ، މިހާރު އައިސްފައި އެހެރަ ފުޓްސަލް ޕިޗްތައް 46 ރަށަކަށް ބޭނުންވާ ފުޓްސަލް ޕިޗް މިހާރު މާލޭގައި އެބަހުރި. އޭގެތެރެއިން އެއް ފުޓްސަލް ޕިޗް ބުރުންޏަށް ހަދިޔާކުރާނެ ކަމަށް އެ އިޢުލާނު ކުރެއްވީ. އެއީ، ސަރުކާރުން އެކަން ކުރަން ބޭނުންވާގޮތް ކަމުގައިވާތީ.
ބުރުންޏަށް އަޅުގަނޑުމެންގެ މި ފަސް އަހަރު، މި ހިނގާ ޚަރަދުތަކަށް ބަލާއިރު، މިހާތަނަށް ކުރެވިފައި ހުރި ޚަރަދުތަކަށް ބަލާކަމަށްވަންޏާ، ފަސްދޮޅަސް މިލިއަން ރުފިޔާގެ ހޭދަ ކުރެވިއްޖެ. މީގެކުރީގެ އަހަރުތަކުގައި މި ދެންނެވީ އެންމެ ލާރިއެއް، މީގެ ބޮޑު މަޝްރޫޢަކަށް ހިނގާފައެއްނެތޭ. އެކަމަކު މިއޮތް ކުޑަކުޑަ ރަށަށް، ބުރުނީގެ އާބާދީ ހައެއްކަ ސަތޭކައަށްވާއިރު، ބުރުނީގައި ދިރިއުޅުއްވާ އާބާދީއަކީ ގާތްގަނޑަކަށް ތިންސަތޭކަ ކޮންމެވެސްވަރެއް. އެހެންވީމާ، ބުރުންޏަށް މިހާރު މިއޮތީ ފަސްދޮޅަހަކަށް މިލިއަން ރުފިޔާގެ ހޭދަ ކުރެވިފައި. ދެންވެސް ބުރުންޏަށް ހަމަ އެންމެ ދަތިވެފައި އޮތް ކަންތައްތައް، ދެންވެސް ކޮށްދޭނީ މި ސަރުކާރުން، މި ޒަޢާމަތުގައި.
އެހެންވީމާ، އަޅުގަނޑު މިއަދު ބުރުނީގެ ރައްޔިތުންނަށް ދަންނަވާލާނަން. ވިއްސާރަޔާއި ވައިގެ އުނދަގުލާއެކީ، އަބަދުވެސް ބުރުނީ ތަޙައްމަލު ކުރަމުންދާ ކަމެއް، ބުރުނީގައި ރަށް ގިރުމުގެ މައްސަލަ. ރާއްޖޭގައި މިހެން ހުރި، ބިންތިރި ހުރިހާ ރަށެއް މިހިރީ ރާއްޖޭގައި. ބިންތިރި ހުރިހާ ރަށެއް ރާއްޖޭގައި ހުރީމާ، މިކަންކަމަށް އަޅުގަނޑުމެންގެ އިދިކޮޅު ކެންޑިޑޭޓުންގެ ފިކުރެއް ނެތީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ އެންމެން ގޮވައިގެން ބޮޑު ރަށަކަށް ބަދަލުވާ ވާހަކަވެސް މީގެކުރިން ދައްކާފައި ހުރީ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ މީހުން އަޅުގަނޑުމެންގެ މި ޖަޒީރާ ރީތި ރަށްރަށުގައި އަޅުގަނޑުމެން ދިރިއުޅެން ބޭނުންވަނީ. އެހެންވީމާ، އަޅުގަނޑުގެ ވިސްނުމެއްނެތް، އަޅުގަނޑުގެ ހުރިހާ ރައްޔިތުން ގޮވައިގެން އެއްގޮތަކަށްވެސް، އިރާދަކުރެއްވިއްޔާ މި އަންނަ އިންތިޚާބުގައި މި ނަގާ ވޯޓުން އަޅުގަނޑަށް ކާމިޔާބުވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ ވިސްނުން އޮތީ، އެއްގޮތަކަށްވެސް އަޅުގަނޑުގެ ހުރިހާ ރައްޔިތުން ގޮވައިގެން އެހެން ޤައުމަކަށް، ފެން ނާރާވަރުގެ ބޮޑު ޤައުމަކަށް ޒިޔާރަތް ކުރާކަށެއް ނޫން. އަޅުގަނޑުގެ ވިސްނުން އޮތީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން، އެމީހުން ދިރިއުޅޭ ރަށްރަށުގައި ތިބެގެން، މިހެން ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުން. ޙައްލު ހޯދަމުން މިދަނީ. ދެންމެ ޠާރިޤު ތަފާސް ހިސާބު ވިދާޅުވިއިރު، އެ ޙައްލުތަކުގެ ވާހަކަ އެ ވިދާޅުވީ. އަދި ކުރެވެމުންދާ މަސައްކަތުގެ ވާހަކަ އެ ވިދާޅުވީ.
އެހެންވީމާ، ބުރުނީގައި މިއަދުވެސް އަޅުގަނޑު ދަންނަވާލާނަން. ބުރުންޏަށް ދެންވެސް ދަތިވެފައި ހުރި ކަންތައްތައްވެސް ހަމަ ފުދިގެންދާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގެ ކުރީކޮޅު. މި އަންނަ ފަސް އަހަރު ﷲގެ މިންވަރުފުޅާއެކީ، ރައްޔިތުން ގޮވައިގެން ހިނގުމުގެ ތައުފީޤު އަޅުގަނޑަށް މިންވަރު ކުރައްވައިފި ކަމަށްވަންޏާ، ބުރުނީގެ ރަށްގިރާ މައްސަލަވެސް، އަޅުގަނޑުގެ ދެން އަންނަ ފަސް އަހަރެއްގެ އެންމެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިމަނައިދޭނަން.
މިކަންކަމަކީ ޙަޤީޤަތުގައި ރަށްރަށުގައި ރައްޔިތުން ތިބެގެން، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން. އެކަމަކު އެ ރަށްރަށަށް ދިމާވާ މައްސަލަތައް ޙައްލުނުކުރެވުނީމާ، އެ ރަށްރަށުގެ ހުރިހާ އެންމެން ގޮވައިގެން އޮސްޓްރޭލިއާ އިން ބިމެއް ހޯދަން، ނޫނީ އެހެން ބިމެއް ހޯދަން ވިސްނާ މީހުންނަކަށް މިކަންކަމެއް ނުވާނެ.
ދެން އަޅުގަނޑުމެންވެސް ހަމަ ސިޔާސީ ވާހަކަ ދައްކަންޖެހޭ ސަބަބަކީ، ސިޔާސީ މޫސުމެއް ކުރިމަތީގައި އޮތީމާ. ސިޔާސީ މޫސުމެއް ކުރިމަތީގައި އޮވެފައި، ރައްޔިތުންނަށް އޮޅޭގޮތަށް، ރައްޔިތުންނަށް ނުވިސްނޭގޮތަށް، ނޫނީވިއްޔާ ރައްޔިތުންނަށް އުނދަގޫވާގޮތަށް އެކިކަހަލަ ވާހަކަ، ބޭބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، އޭގެ ޖަވާބު އެބަ އަޅުގަނޑުމެން ދަންނަވައިދޭންޖެހޭ. އަޅުގަނޑު ކުރަމުން މިގެންދާ ކަމަކީ، އަޅުގަނޑު އިސްވެ އެބޭފުޅުންނަކަށް އެއްވެސް ރައްދެއް ދެނީކީނޫން. އަޅުގަނޑު ކުރަމުން މިގެންދާ މަސައްކަތަކީ، އަޅުގަނޑުގެ މެނިފެސްޓޯގައި، ދެން އަންނަ ފަސް އަހަރެއްގައި، ރައްޔިތުންގެ އުއްމީދުތަކާއި އަޅުގަނޑުގެ ވިސްނުން މެޗްވާވަރު، ރައްޔިތުންނަށް ކިޔައިދެމުން ދިޔުން. އަޅުގަނޑުގެ މެނިފެސްޓޯއެއްގައި، ދެން އަންނަ ފަސް އަހަރެއްގެ ތެރޭގައި، މިހާރު ކުރެވިފައި ހުރި ވަސީލަތްތަކުގެ ތަރައްޤީގެ މައްޗަށް ބިނާކޮށް، ދެން އަނެއް ފަސް އަހަރު އާރާސްތު ވެގެންދާއިރު، ޖުމްލަ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑު ދަންނަވަމުން މި ގެންދިޔައީ، ރާއްޖެއަށް އަންނަ ތިޔާގިކަން އަޅުގަނޑު އިޙްސާސް ކުރަން، ނޫނީ އަޅުގަނޑު ގަބޫލުކުރަން ބޭނުންވަނީ، މިހާރު ބޮލަކަށްޖެހޭ، ނޫނީވިއްޔާ މިހާރު ޤައުމީ މުއްސަނދިކަން ޚަރަދެއްނުކޮށް ކޮންމެ މީހެއްގެ ޖީބަށްލާން ބަހާލާ ކަމަށްވަންޏާ، މިހާރު މިޖެހެނީ ދިހަހާސް ޑޮލަރު ކަމަށްވަންޏާ، އަޅުގަނޑުގެ ފަސް އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ އެ އަދަދު ވިހިހާސް އެމެރިކާ ޑޮލަރަށް ޖައްސަން ބޭނުމޭ. އެއީ، އަޅުގަނޑުގެ ތަޞައްވުރުގެ އެންމެ ތިރީގައި އޮންނަ ޖުމްލަ. އެ ޙާޞިލު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ.
އެހެންވީމާ، އޭގައި ޙާޞިލުކުރުމަށް އަޅުގަނޑު މި ތަޞައްވުރާއެކީ، އަޅުގަނޑުގެ މެނިފެސްޓޯގެ ތެރެއިން، ޞަފްޙާތަކުން، ނޫނީވިއްޔާ އެކި ބާބުތަކުން ވާހަކަތައް ދައްކަމުން ދިޔައިމާ، އެ ވާހަކަތައް އޮޅުވައިލައްވާފައި، އެ ވާހަކަތަކަށް ރައްދު ދެއްވާތީ، އަޅުގަނޑު ހަމަ އެބަޖެހޭ އެ ދެއްވާ ރައްދަށް އެބޭފުޅުންނަށް ޖަވާބުދާރީވާން. އިސްވެ އަޅުގަނޑު މިކަންކަން ކޮށްފައެއް ނޯންނާނެ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު މި ދައްކަމުން ގެންދާ ވާހަކަތައް، އަޅުގަނޑު ދައްކަމުން ގެންދިޔައިމާ، އެއަށް ޖަވާބު ދެއްވީމާ، އަޅުގަނޑު އެބަޖެހޭ ރައްޔިތުންނަށް އިތުރަށް ސާފުކޮށްދޭން. އެގޮތުން، އަޅުގަނޑު ހަމަ މި ރަށުގައިވެސް މި ދަންނަވާލީ، ތަރައްޤީގެ ވާހަކަ ދައްކަމުންދާއިރު، ބުރުންޏަށް މީގެކުރީގެ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިކަހަލަ ރައުސްމާލެއް އުފައްދަން، ދައުލަތުގެ ބަޖެޓުން ނެތޭ ހޭދަވެފައި، ހަމަ އެންމެ ލާރިއެއްވެސް. އެކަމަކު މި ހިނގާ ފަސް އަހަރުގެ ޒަޢާމަތުގެ ތެރޭގައި، ބުރުންޏަށް ގާތްގަނޑަކަށް ފަސްދޮޅަސް މިލިއަން ރުފިޔާ މިހިރީ ހޭދަކުރެވިފައޭ.
އަޅުގަނޑު ހަމަ ވަރަށް ކުރުކޮށް މި ވާހަކަ ދަންނަވާނަން އިނގޭތޯ. އަޅުގަނޑުމެން ބުނަމުން މިގެންދަނީ، އޭގެކުރީގެ ސަރުކާރުން ހިންގާފައި، 2013ގެ ކުރީގައި ހިނގައިދިޔަ ފަސް އަހަރުގެ ދެ ސަރުކާރުން ހިންގާފައި އޮތް ކޮންމެ މިކަހަލަ ބޮޑު މަޝްރޫޢަކަށް، އަޅުގަނޑުމެންގެ ތަފާސް ދައްކާގޮތުން ވެއްޖިއްޔާ ހަ މަޝްރޫޢު ހިނގައިފިއޭ. އެހެންވެގެން، އެހާ ޚަރަދު ބޮޑުވެފައި، ނޫނީވިއްޔާ ބަޖެޓުގައި އެހާބޮޑު ބުރައެއް މިކަންކަމުގައި އުފުލަން މިޖެހެނީ. ތަންކޮޅެއް ސަމާސާކޮށް މި ވާހަކަ ދައްކަންޏާ، މިއިން ބުނެވެނީ ކީކޭތޯ؟ އެބޭފުޅުންގެ ތިން އަހަރުގައި ކުރެއްވި މަސައްކަތް، މި ފަސް އަހަރުގެ ތެރޭގައި، އެބޭފުޅުންގެ އަށާރަ އަހަރުގެ މަސައްކަތް ކުރެވިއްޖެއޭ ނޫންތޯ މި ބުނަނީ. އެބޭފުޅުންނަށް އަށާރަ އަހަރު ދިންނަމަ، އެބޭފުޅުން ކުރައްވާނެ މަސައްކަތް، އެބޭފުޅުންގެ ތިން އަހަރުން ދައްކަވައިދެއްވި ނަތީޖާއަށް ބިނާކޮށް، އެބޭފުޅުން އަށާރަ އަހަރު ދުވަހު ކުރައްވާނެ މަސައްކަތް، މި ހިނގާ ފަސް އަހަރުގެ ތެރޭގައި ކުރެވިއްޖެއޭ ދޮގެއްތޯ މި ބުނަނީ. އަންނާނެ މިއަށް ރައްދު. އެކަމަކު ޙަޤީޤަތަކީ އެބޭފުޅުން ހިންގި ކޮންމެ މަޝްރޫޢަކަށް މި ސަރުކާރުން ހަ މަޝްރޫޢު ހިންގައިފި. އަދި ހިންގަނީކީ ކުދިކުދި މަޝްރޫޢެއް ނޫން. އެބޭފުޅުންވެސް ގަބޫލުކުރައްވައިގެން ތިއްބެވީ ރާއްޖޭގައި އެއްގޮތަކަށްވެސް ދިހަ ބުރިއަށްވުރެ މައްޗަށް އިމާރާތް ނުކުރެވޭނެކަން.
އެހެންވީމާ، މިއަދު މާލޭގައި ހުޅަނގު ދެކުނު ފަރާތަށް ވަޑައިގެންފައި، ހޮސްޕިޓަލްގައި ރޭޑިއޭޝަން މެޝިން، ނޫނީވިއްޔާ ރޭޑިއޭޝަން ރައްކާތެރި ކުރާ ހިސާބު ހުރީ، ނޫނީވިއްޔާ އެންމެ މަތީގައި ރެސްޓޯރެންޓް ހުރީ ކިހާ ހިސާބެއްގައިތޯ ބައްލަވައިލައްވަން ޖެހިއްޖިއްޔާ، ހަމަ ޙަޤީޤަތުގައިވެސް އެބޭފުޅުންގެ ކަރުފުޅަށް ނާރުއަރާނެ.
އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ތަފާތު ހުރިގޮތަކީ. މިއަދު އަޅުގަނޑުމެން އެ ސްޕީޑްގެ ވާހަކަ ދައްކާއިރު، މިއަދު އަޅުގަނޑުމެންނަށް އެބަ ބުނެވޭ އިނގޭތޯ. ބިން ހިއްކާލަންވެސް މިތާ ކައިރީގައި އަނެއް ބިތުގައި މިއޮތް ގުރައިދޫގެ ބިން ހިއްކުމުގެ ކަންތައްވެސް ދެތިން ދުވަހެއްގެ ތެރޭގައި ކޮށްލެވޭނެ ކަމެއް ނޫންހޭ. އަޅުގަނޑުގެ ސަރުކާރުން ކަށަވަރުކޮށްދީފިއޭ، ދެތިން ދުވަހުގެ ތެރޭގައި ކުރާނެކަން. އެމް.ޓީ.ސީ.ސީ އިން އިޢުލާނު ކުރައްވައިފި. ޝައްކެއްވެސްނެތްގޮތުގައި، މިއީ ދިގު މުއްދަތު ނަގައިގެންދިޔަ މަޝްރޫޢެއް. އެކަމަކު ދިގު މުއްދަތު ނަގައިގެންދިޔަ މަޝްރޫޢަކަށް ވާންޖެހޭ ސަބަބު، ދެންމެ ރިޔާޒް އެ ވިދާޅުވެދެއްވީ. އެމް.ޓީ.ސީ.ސީ އަކީ ޚިދުމަތް ނުދެއްވޭތީ، ކުރީގެ ސަރުކާރުތަކުން ވިސްނާފައި، ބަންދުކުރަން ނިންމާފައި އޮތް ކުންފުންޏެކޭ. ފެލިވަރަކީ، ނޫނީވިއްޔާ މިފްކޯއަކީ، ހަމަ އެގޮތަށް ނިންމާފައި އޮތް ތަނެކޭ. މިފްކޯގެ މަސައްކަތްވެސް ތިން ކުންފުންޏަކަށް ބަހާލައިގެން ކުރަމުން ގެންދިޔައީ. މިފްކޯއަކީ ފައިދާވި ތަނެއްނޫން. އަނެއްކާ މަސްވެރިންނަށް ވަކި އަގެއްދީފައި މިކަން ކުރާއިރަކު މިފްކޯއަކަށް އޭގެ ފައިދާއެއް ނުލިބޭ. ފައިދާ ލިބެމުންދާނެ ގޮތަކަށް އެކަން ބަދަލުކުރުމުގެ ބަދަލުގައި އަނެއްކާވެސް މިފްކޯ ބައިބައިކޮށްލާފައި ތިން ކުންފުންޏަކަށް ހެދީމާ، އަދި އިހަށްވުރެ އުނދަގޫ މިފްކޯ އުފުލަންޖެހުނީ. އަނެއްކާވެސް އެ ތިން ކުންފުނި އެއްކޮށްލައިގެން މިފްކޯގެ މަސައްކަތް ކުރެވޭތޯ ބަލަމުން މިގެންދަނީ. އަނެއްކާ މިފްކޯގެ ބެލެނިވެރި ކުންފުންޏެއްގެ ގޮތުގައި އެސް.ޓީ.އޯ. ހަމަޖެއްސީ ސަރުކާރުގެ ކުންފުނިތައް ވަރުގަދަކުރަން. ސަރުކާރުގެ ކުންފުނިތައް ވަރުގަދަ ކުރުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް، ތަރައްޤީގެ މަސައްކަތްތައް ބުރުނީގައި، ނޫނީވިއްޔާ ވިލުފުށީގައި، ނޫނީވިއްޔާ އައްޑުއަތޮޅު ހިތަދޫގައި މިކުރާ މަސައްކަތުގެ ސްޕީޑް އަވަސްކުރަން.
އެހެންވީމާ، މިހާރު އެ ވިދާޅުވަނީ ކީކޭތޯ؟ މިހާރު އެ ވިދާޅުވާ ވާހަކަފުޅުގައި، އެބޭފުޅުންނަށް ހަމަ ވިދާޅުވެވެން އޮތީ ރައީސް ޔާމީނުގެ ސަރުކާރުގައި ފަށާފައި މިހިރަ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ތިމަންނާމެން ނުހުއްޓާނަމޭ. ކުރިއަށޭ ގެންދާނީ. އެއީ، ދެން ހަމަ ޝައްކެއްވެސް އޮތް ކަމެއްނޫން ދޮގެއްތޯ. ދެންމެ ޠާރިޤު އެ ވިދާޅުވީ، ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުވާނެގޮތް. ޠަބީޢީގޮތުން އެކަންވާނެ. ނުވަހާސް އެތައް ބައެއް އުޅޭ ރަށެއް ކުޅުދުއްފުށްޓަކީ. ހަމަ ދިހަހާސް ހަމަވާއިރަށްވެސް މިހާރު ޤާނޫނު އޮތްގޮތުން ކުޅުދުއްފުށި، ސިޓީއަކަށްވާނެ. އޭގައި އެބޭފުޅުން ނުޖެހޭ، މުޑުވައް ކުރައްވައިގެން އިތުރު މީހުން ދުނިޔެއަށް އުފައްދައިގެން ނޫނިއްޔަކާއެއް ދިހަހާސް އަވަހަށް ހަމަކުރާކަށް. އެހެންވީމާ، އެއީ ޠަބީޢީގޮތުން ވާނެ ކަންތައްތައް އެ ހުންނަނީ. އެހެންވީމާ، ރައީސް ޔާމީން ފަށާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން ނުނިމިހުރި މަޝްރޫޢުތައް ހިންގާނެ. ކޮންމެ ސަރުކާރަކުންވެސް ހިންގާނެ. އެއީ، ރައްޔިތުން އެދޭގޮތް ކަމުގައިވާތީ. މިހާރު ކުޅުދުއްފުށީގައި އެއަރޕޯޓް ގޮސްފައި އޮތް ހިސާބުން ކިހިނެއްތޯ ކުޅުދުއްފުށީގެ އެއަރޕޯޓް، އެއްވެސް ބަޔަކަށް ހުއްޓައިލެވޭނީ؟ އެކަމެއް ހުއްޓައެއްނުލެވޭނެ. އެއީ ހިނގާނެ ކަންކަން.
އެހެންވީމާ، މެނިފެސްޓޯގައި އާ ކަންކަމެއް ނައިސްފައި، މިހާރު އަޅުގަނޑަށް މި ގަބޫލުކުރެވުނީ، އެބޭފުޅުންގެ މެނިފެސްޓޯއަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ނުނިމިހުރި ކަންތައްތައް ނިންމާލަދިނުމޭ. އެއީ، އެބޭފުޅުންގެ މެނިފެސްޓޯ. މިއީ ތަންކޮޅެއް ސަމާސާކޮށް. އަޅުގަނޑަށް އެނގޭ، މިއަށް ރައްދު ދެއްވާނެކަންވެސް.
އެކަމަކު އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށް އާ ކަމެއް ނުވިސްނޭ. އާ ކަންކަމުގެ ތެރޭގައި، އެ ވިދާޅުވާ ވާހަކަތަކުގެ ތެރޭގައި ވިދާޅުވެދާނެ، ކޮންމެވެސް ފީއެއް ކަނޑާލަފާނަމޭ. އެކަމަކު ރައްޔިތުންނަށް ބޭނުންވާ ބޮޑެތި މަޝްރޫޢުތަކުގެ ވާހަކަ ދައްކަވާށޭ. އެއަށް ފައިސާ ހޯއްދަވާނެ ގޮތުގެ ވާހަކަ ދައްކަވާށޭ. އޭގެ ކަންކަމުގެ ވާހަކައެއް ނާދެއެއްނޫންތޯއޭ.
ޒުވާނުންގެ ވާހަކަ މިއަދު ދައްކާއިރު، ޒުވާނުންގެ ވާހަކަ މިއަދު ބުނަންވެސް އެނގުނީ 2013 އިން ފެށިގެން ރައީސް ޔާމީނަށް. ނޫނީވިއްޔާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުރި ޔާމީނަށް، އެ ވާހަކަ ދައްކަންވެސް އެނގުނީ. އަޅުގަނޑު އިއްޔެ ޕޯޑިއަމެއްގައި ވާހަކަ ދައްކަމުން ދެންނެވިން، މީގެކުރީގެ ސަރުކާރުތަކަށް، ދިވެހިރާއްޖޭގެ އާބާދީ ޒުވާންވަމުން އަންނަ ނިސްބަތްތަކަށް އެބޭފުޅުންގެ ވިސްނުންފުޅު ފޯރާފައި އޮތް ކަމެއް ނޫނޭ އެއީކީ. އަދި އެމީހުން ކުށުން ދުރުކުރުވުމަށްޓަކައި ވަޒީފާ ދިނުމާއި، ވަޒީފާގެ ފުރުޞަތު އުފެއްދުމާއި، އެމީހުންނަށް ބޭނުންވާނެ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް، ރާއްޖޭގެ އެކި ހިސާބުގައި ޤާއިމުކުރުމާ، މިކަންކަން އަޅުގަނޑުމެން އޭރު ކޮށްފައި ހުރިނަމަކަ، އަޅުގަނޑުމެންގެ ކުށުގެ ރެކޯޑުތަކެއް އެހާ މަތިވެގެނެއް ނުދިޔައީސް. އެ، ތަފާސް ހިސާބުން މިއަދު އެބަ ފެނޭ. އެހެންވީމާ، އޭރު އަޅުގަނޑުމެން ޒުވާނުން ބާރުވެރިކުރުވާ ވާހަކައާއި، ޒުވާނުންނަށް ކަންތައްތައް ފަހިވާންޖެހޭނެ ވާހަކައާއި، ޒުވާނުންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އިންޖީނު ކަމަށް، ނޫނީ ޑައިނަމޯ ކަމަށް އަޅުގަނޑު ބުނެ، ޒުވާނުންގެ ވާހަކަ އަޅުގަނޑު އެޖެންޑާގައި، އިސްކަމެއްގެ ގޮތުގައި ލީ.
މިއަދު މި ދެކެވޭ ވާހަކައަކީ، ޒުވާނުންނަށް ރައީސް ޔާމީން ކޮށްދޭން ބުނެފައި ހުރި ކަންތައްތަކުން މިވެނި މިވެނި ކަންކަން އެބަހުއްޓޭ ނުފުދި. ޝައްކެއްވެސްނެތް، ކަންކަން ހުންނާނެ ނުފުދި. އެކަމަކު އެނގޭ އެއްޗަކީ، ފުދިފައި ހުރި ކަންތައްތައް ސަތޭކައަކުން ނުވަދިހައަށް ވެއްޖިއްޔާ، ނުފުދޭ ކަންތައްތައް ސަތޭކައަކުން ދިހައަކަށްވާކަން. އެއީ ނުފުދި ހުރި ކަންކަމުގެ ވާހަކަ ނޫންތޯ އެ ވިދާޅުވަނީ. އެހެންވީމާ، އެ ނުފުދި ހުރި ކަންކަންވެސް، އެހެން ބަޔަކު ކުރަން ކޮންމެހެން އުޅޭނެކަމެއްނެތް. ފުޓްސަލް ދަނޑުތަކުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، ފުޓްސަލް ދަނޑުތަކުގައިވެސް އަޅުގަނޑު މި ދައްކަނީ، މިހާރު ސާޅީސް ހަ ޕިޗް، އާ ޕިޗް އެއޮތީ ގެނެވިފައި. އަދި މިހާރު ނުހެދި ހުރި ދަނޑުތައް ހެދުމަށްޓަކައި ހައުސިންގ މިނިސްޓްރީއާއި، އެފް.އޭ.އެމް ގުޅިގެން މަސައްކަތްތަކެއް އެދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އެހުރިހާ ކަމެއް ނިމޭނެ.
ދެން އަސާސީ ޚިދުމަތްތަކަށް ނަގާ ފީ އެއްވަރުކުރާ ވާހަކަ ދައްކާއިރު، މި ބޭބޭފުޅުން ހިމެނިވަޑައިގަންނަވައިގެން ސަރުކާރުތަކެއް އުފެދި، ސަރުކާރުތަކެއް ކޯލިޝަނެއްގެ ތެރެއިން ހިނގައި ނިމިއްޖެ ނޫންތޯ. ކީއްވެގެންތޯ 24 ގަޑިއިރުގެ ކަރަންޓް، ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްނުދެވިގެން މިއުޅުނީ؟ މިއަދު 24 ގަޑިއިރުގެ ކަރަންޓް، ރާއްޖޭގެ ހުރިހާ ދިމާއަކަށް ފޯރުކޮށްދެވިއްޖެ. އަދި މާލޭގެ ރޭޓްތަކާއި، ރާއްޖޭގެ އެކި ހިސާބުގައި ކަރަންޓް ބޭނުންކުރާ ރޭޓްތަކުގެ އަގު އެއްވަރު ކުރެވިއްޖެ. ފެނުގެ އަގުތައްވެސް، އަޅުގަނޑުމެންނަށް ހަމަ ދާދި އެއްހަމައަކަށް އެބަ ގެނެވޭ. އެކަމަކު މިއަދު 24 ގަޑިއިރުގެ ކަރަންޓް ލިބޭ ތަންތަނުގައި ކަރަންޓްގެ ޙާލަތު، ކަރަންޓް ބޭނުންކުރުން އިތުރުވުމާ ގުޅިގެން ހަމަ އިންޖީނުތަކަށް މައްސަލަޖެހޭނެ. އިންޖީނުގެ ކެޕޭސިޓީ ކުޑަވެގެންދާނެ. އަޅުގަނޑުމެންގެ ފެނަކައިގެ މެނެޖިންގ ޑިރެކްޓަރ، ސީ.އީ.އޯ ލަމްޢާން މި އިންނެވީ. އަޅުގަނޑު ނުބުންޏަސް ލަމްޢާންވެސް މިއަދު ވިދާޅުވާނެ. ރާއްޖޭގެ ރަށްރަށަށް މި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މާލެއަށް އެތެރެވެއްޖެ ތިރީސް ހަތަރު އިންޖީނު. އެހެން ނޫންތޯ. އެކި ސައިޒްގެ ތިރީސް ހަތަރު އިންޖީނު އެތެރެވެއްޖެ. އެހެންވީމާ، އަޅުގަނޑާ އިދިކޮޅު ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، މި ރަށުން ކަރަންޓް ކެނޑޭ ވާހަކަ ނުދައްކަވައި ވިދާޅުވޭ، ތިރީސް ހަތަރު އިންޖީނު ގެންނާނެ ގޮތެއް. ރައީސް ޔާމީން އިންޖީނުތައް އެހެރީ ގެނެސްފައި.
އެހެންވީމާ، އެކަހަލަ ވާހަކައަކަށް އެބޭފުޅުންނެއް ޖަވާބުދާރީއެއް ވެވަޑައެއްނުގަންނަވާނެ. ސުވާލު ކުރައްވާ ކަންކަމުގެ ތެރޭގައި، އަމާނާތްތެރިކަން ނެތްކަމުގެ ވާހަކަ، އެކިއެކި ބޭފުޅުން ދައްކަވާއިރު، އެ ވާހަކަ ދައްކަވާ ބޭފުޅުންގެ އަމާނާތްތެރިކަން ހުރި މިންވަރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާ ހިންގަވާ. ކޯލިޝަނެއްގެ ތެރޭގައި، އިއްތިހާދެއްގެ ތެރޭގައި ސަރުކާރެއް ހިންގުމަކީ ދަތިކަމެކޭ އަދި އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރާނެއޭ، އެންމެ ފުރަތަމަ ބުނި މީހަކީ އަޅުގަނޑެއް ނޫނޭ. އެންމެ ފުރަތަމަ އެ ވާހަކަ ދެއްކި ބަޔަކީ، ތިން ހަފްތާ ނުވަނީސް ހޯމް މިނިސްޓަރު ކަމުން ޤާސިމް ވަކިވެވަޑައިގަންނަވަން ޖެހިއްޖެ، އެމް.ޑީ.ޕީ ސަރުކާރުގައި. އެއާ ގުޅިގެން އެންމެ ވަރުގަދައަށް އެ ވާހަކަފުޅު އޭރު ދައްކަވަމުން ގެންދެވީ، އޭރުގެ ރައީސް. ރައީސް ނަޝީދު އެ ވާހަކަ ދެއްކެވީ. އަދި އެމް.ޑީ.ޕީ.ގެ އިއްތިހާދު، ނޫނީ އެމް.ޑީ.ޕީ.ގެ ފަރާތުން މިބުނަނީ، ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު ހުންނަ އުނދަގޫތަކެއްގެ ވާހަކަ. އެކަމަކު ޙަޤީޤަތަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ އެއީ ތެދު ވާހަކައެކޭ. ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރާއިރު، އެއްބަޔަކު އަނެއް ބަޔަކު ރުއްސައިގެން އެއްބަޔަކަށް ބޭނުންވާ ކަންތައްތައް އަނެއް ބަޔަކު ފުއްދައިދީގެން ކުރާއިރު، އެކަންކަމުގައި ހުންނާނެ ދަތިތަކެއް.
އެހެންވީމާ، މިއަދު އެއީ މައްސަލަ ނުޖެހޭނެ ކަމެއް ކަމުގައި ވިދާޅުވެފައި، މައްސަލަ ޖެހޭނެ ކަމެއް ކަމަށް އޭގެކުރީގައި ވިދާޅުވީމާ، އެހެންވީމާ، އޭގެކުރިން އެބޭފުޅުން އެ ވިދާޅުވި ވާހަކަ އަޅުގަނޑު ތަކުރާރު ކުރީމާ، އެއްގޮތަކަށްވެސް އަޅުގަނޑަކަށް އެއަކަށް ޖަވާބު ދެއްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެއީ، އެ ޚިޔާލުގެ އެންމެ ފުރަތަމަ މުޞައްނިފުންނަކީ، ޚިޔާލު އުފެއްދި ބަޔަކީ އެބޭފުޅުން ކަމުގައިވާތީ. އަދި އެބޭފުޅުންގެ ސަރުކާރުގައި ދައްކައިފި، ކޯލިޝަން ރޫޅިގެން ދިޔަތަން. އެހެންވީމާ، ދެން މިއަދު ކިހިނެއްތޯ ކޯލިޝަންގެ ތެރޭގައި މަސައްކަތް ކުރެވޭނެ ވާހަކަ އެބޭފުޅުން ވިދާޅުވިޔަސް ގަބޫލުކުރާނީ؟ އެހެންވީމާ، ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނޭވަރަށް ވާހަކަ ދެއްކެވީމާ، ރައްޔިތުންނަށް ވިސްނޭނެ. އެހެން ނޫނީވިއްޔާ ބަދަލުކުރަމުން، ފުރޮޅަމުން މިކަން ގެންދިޔައިމާ ކަމަކުނުދާނެ.
އަޅުގަނޑުމެން މިކަހަލަ ހުރިހާ ރަށްރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް، މިތަންތަނުގައި މިއޮތީ އިސްލާމީ މުޖުތަމަޢެއް. މިއިން ކޮންމެ ރަށެއްގައި މިއޮތީ. މަޢުޞޫމް ރައްޔިތުންތަކެއް މިތާ މިތިބީ. ރައްޔިތުން ގޯސް ބަޔަކަށް ހަދަންޏާ، ގޯސް ބަޔަކަށް ހަދަނީ، މަގުފުރައްދަނީ، އެމީހުންނަށް ނުބައި މެސެޖާއި، ނުބައި މަސައްކަތް ކުރަން ލީޑަރުން ހިތްވަރުދޭތީ.
އަޅުގަނޑުމެންނަށް މިދޭތެރެއިން ފެނުނު، އަޅުގަނޑުގެ ރަނިންގމޭޓް ކުރެއްވި މަސައްކަތެއް، ސޯޝަލް މީޑިއާގައި. ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުގައި، ކުޑަކުއްޖަކަށް ވޮށުފިލާގައި ޤުރްއާނުގެ ސޫރަތުން ބައެއް ލިޔެދެއްވަނީ. ސޯޝަލް މީޑިއާގައި ކޯއްޗެއްތޯ، އަޅުގަނޑުމެންގެ އިދިކޮޅު މީހުން ލިޔަމުން މި ގެންދިޔައީ. މި ދެންނެވީ، މިވަރުގެ ކަންތަކަށް ފާޑުކިޔީމާ މައްސަލައެކޭ މިއީ. ސޯޝަލް މީޑިއާގައި ލިޔަމުން ދިޔައީ، އެ ކުއްޖާ އެއިނީ ބިރުންނޭ. ތެދެއްމެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިންނާ ބޮޑެތިކުރާ ކުދިންނަކީ، ﷲ އަށް ބިރުވެތިވާ ޞާލިޙު ކުދިންނަށްވާން. އަޅުގަނޑުމެން ބޭނުމެއްނޫނޭ، އެކުދިން ބިރު ފަހަނަޅައިދާކަށް. އެހެންވީމާ، މިއިން އެބަ ބުނެދޭ ނޫންތޯ އެމީހުންގެ ވާހަކަ. މީގެކުރީގައި އަޅުގަނޑުމެން ދަންނަ ވާހަކަ ވާހަކައެއްނޫން، އިޞްޠިލާޙުތަކެއް ނޫން، ފްރޭސްތަކެއް ނޫން، ބިރު ފަހަނަޅައިދިޔުން އެއީ. އެހެންވީމާ، ތެދެއްމެ، އެ ކުއްޖާ ޤުރްއާން ކިޔަވަން، ނޫނީވިއްޔާ އެ ސޫރަތުގެ ބައެއް ދަސްކުރަން އެ ކުއްޖާ އެއިނީ ބިރުވެތިވެ. އެއީ ތެދު ވާހަކައެއް. އެކަމަކު އޭނާ ބިރުވެތިވެ އެއިނީ ﷲ އަށް. އެއީ، ޞާލިޙު ކުއްޖެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދަރިން ބޮޑުކުރަން ބޭނުންވަނީ. އެކުދިން ޒުވާން ކުދިންނަށްވީމާ، އެކުދިން ލައްވައި ވިޔާނުދާ ކަންތައްތައް ކުރުވަންޏާ ކުރުވަނީ އެއަށްވުރެ ބޮޑެތި މީހުން. އޭގެތެރޭގައި ހަމަ ސިޔާސީގޮތުން މަންފާ ހޯދަން ބޭނުންވާ މީހުން އޭގެތެރޭގައިޝާމިލުވެފައި ހުންނާނީ.
އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި މި ބޮޑެތިވާ ކުދިންނަކީ ޅަދޮޅު އުމުރުފުރައަށް އައިމާ، އެކުދިންނަކީ ޞާލިޙު ދިވެހި ރައްޔިތުންނަށްވުން. އިސްލާމީ ޘަޤާފަތެއްގައި އިސްލާމީ އުސޫލުތަކުގައި ތިބެން. އަޅުގަނޑު މި ވާހަކަ ދެއްކީމާވެސް އަޅުގަނޑަށް މިއަށްވެސް ހަމަ ރައްދު އެބައާދޭ. އަޅުގަނޑުވެސް ހަމަ އެ ވާހަކަ ދަންނަވާނަން އިނގޭތޯ. އަޅުގަނޑު ދަންނަވަމުން މި ގެންދިޔައީ، އެބޭފުޅުންގެ މެނިފެސްޓޯއަކުން އެންމެ ޖުމްލައެއްވެސް އަޅުގަނޑަކަށް ނުފެނެއޭ، ދިވެހިރާއްޖޭގައި އޮންނަންވާނީ ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއް ކަމަކަށް. އެންމެ ޖުމްލައެއްވެސް ނުފެނެއޭ. ކޮބައިތޯ މީގެ ޖަވާބު އެބޭފުޅުން ދެއްވާގޮތް. އެބޭފުޅުންގެ ޖަވާބު މީގައި ދެއްވަން އެނގިވަޑައިގެންނެވި ގޮތަކީ، ޤާނޫނުއަސާސީގައި އޮންނާނެއޭ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީނޭ. އެހެންވީމާ، ޖެހޭހޭ އިތުރަށް ޖަވާބުދޭން. ޤާނޫނުއަސާސީގައި ނެތް ކަންތައްތަކުގެ ވާހަކަތޯ އަޅުގަނޑުމެން މި ދައްކަނީ. ޤާނޫނުއަސާސީގައި މިކަން މިހެން އޮއްވައެއް ނޫންތޯ، ހަމަ އެބޭފުޅުންގެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްފައި، އޭރު ހުންނެވި އިސްލާމިކް މިނިސްޓަރު މަރްޙޫމް މަޖީދަށް ސިޓީއެއް ފޮނުއްވީ. ރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް އަޅުކަންކުރާނެ ތަންތަން ރާއްޖޭގައި ޤާއިމުކުރެވިދާނެތޯ؟
އެ ޤާނޫނުއަސާސީގައި މިހެން ނެތްދުވަސްވަރެއްގައިތޯ، އެ ފޮނުއްވީ. ހަމަ ޤާނޫނުއަސާސީގައި އެ ވާހަކަ އޭރުވެސް އޮތޭ. އަދި ޤާނޫނުއަސާސީއަކީ، އަޅުގަނޑުމެން އެއަށް ޢަމަލުކުރަންޖެހޭ އަދި އަޅުގަނޑުމެން އޭގެ ތެރޭގައި އުޅެންޖެހޭ ޗާޓު ކަމަށްވަންޏާ، އެވެސް ހަމަ އެބޭފުޅުންގެ އިޞްތިލާޙެއް އެބޭފުޅުން ގެނައީ. ޗާޓުން ބޭރުގައި ހުރިހާ ކަމެއްގެ ވާހަކަ ދެއްކެވީވެސް އެބޭފުޅުން ދޮގެއްތޯ؟ މިއީ، އަޅުގަނޑުމެން އުފައްދައިގެންއުޅޭ ވާހަކަ ވާހަކައެއްނޫން މިއީކީ. އެހެންވީމާ، ދިވެހިރާއްޖޭގައި އޮންނަންވާނީ، ސަތޭކައިންސަތޭކަ އިސްލާމީ ދައުލަތެކޭ، އަޅުގަނޑުމެން ބުނަމުންގެންދާތީ، އަދި އެ ވާހަކަ އެބޭފުޅުންގެ މެނިފެސްޓޯގައި ނެތީ ކީއްވެގެންތޯ، ސުވާލު ކުރާތީ، މި ވިދާޅުވަނީ، ޤާނޫނުއަސާސީގައި މިހެން ލިޔެފައި ހުންނަކަންކަން ތިމަންނާމެން ލިޔަންޖެހޭހޭ.
ބުރުނީގެ ރައްޔިތުން ތިޔަ ތިއްބެވީ، މި ރަށް ގިރާތީ ކަންބޮޑުވެފައި. ޤާނޫނުއަސާސީގައި ނެތީތޯ؟ ސަލާމަތްތެރިކަމާއެކީ، އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންވާނެއޭ. ޤާނޫނުއަސާސީގައި ނެތީތޯ، ސާފު ބޯފެން ލިބެންވާނެކަމަށް. ރައްކާތެރިކަމާއެކީ ގެދޮރުވެރިވުމުގެ ޙައްޤަކީ، ކޮންމެ މީހަކަށް އޮންނަ ޙައްޤެއްކަމަށް ނެތީތޯ؟ ކޮންމެ ދިވެހި ރައްޔިތަކަށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކީ، މިނިވަންކަމާއެކީ ރާއްޖޭގައި އުޅެވޭނެކަން ޤާނޫނުއަސާސީގައި ނެތީތޯ؟ ކޮންއިރަކުތޯ އެންމެބޮޑެތި ޖަރީމާތައް ހިންގާފައިހުރީ. ކޮންއިރަކުތޯ، އަޅުގަނޑުމެންގެ ނަފްސުތަކަށް އެންމެބޮޑެތި ގެއްލުންތައް ދެވިފައިހުރީ. ކޮންއިރަކުތޯ، އެންމެބޮޑަށް ރަޙުމްކުޑަގޮތަކަށް މީހުން ކަތިލާވައްޓާފައިހުރީ. ކޮން ސަރުކާރަކުންތޯ، ޤާނޫނުއަސާސީގައި މި މާއްދާ އޮވެގެން، ދެކިގެން ގޮނޑުދޮށްތައް ޙިމާޔަތްކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން ފޯރުކޮށްދިނުމާ، މިކަންކަން މި ކުރަނީ ކޮން ސަރުކާރަކުންތޯ؟ އެހެންވީމާ، ޤާނޫނުއަސާސީގައި ލައްކަގިނަ ވާހަކަ އެބަހުރި. އެކަމަކު ޤާނޫނުއަސާސީގައި ހުރި ވާހަކަތައް، އެފަހަރަކު އެ ބަޔަކު ކިޔަން ބޭނުންވާ ފަސޭހަކަމެއްގައި، ނޫނީވިއްޔާ، އެމީހުންނަށް އެ ކިޔަން ބޭނުންވަނީ، މިވެނި ތަންކޮޅެއް ކަމަށްވަންޏާ ކިއިދާނެ. އެހެން ކިޔައިފިކަމަށްވަންޏާ ނުކުންނަ މައްސަލަތައް މި ނުކުންނަނީ.
އަދިވެސް އަޅުގަނޑު ދަންނަވާނަން. އެބޭފުޅުންނަށްވެސް ރައްކާތެރިވާނީ، އެބޭފުޅުންގެ މެނިފެސްޓޯގައި ދިވެހިރާއްޖޭގައި ތިމަންނާމެން ގަބޫލުކުރަނީ، ދިވެހިރާއްޖެ އޮންނަންވާނީ، ސަތޭކައިންސަތޭކަ، އިސްލާމީ ދައުލަތެއްގެ ގޮތުގައިކަމަށް އެބޭފުޅުން ލިޔުއްވާ! އެ ލިޔުއްވީމާ، ރައްޔިތުން އެބޭފުޅުން ބަލައިގަންނާނީ. އަދި އެބޭފުޅުންނާއެކީ، މަސައްކަތްކުރާ ޕާޓީތަކުންވެސް އެބަޖެހޭ އެލިޔުއްވަން ބާރުއަޅުއްވަން. މިއީ، ރައީސް ޔާމީނަށްޓަކައި ކޮށްދޭކަމެއްނޫން. މިއީ، އަޅުގަނޑުމެންގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރާކަމެއް. އެހެންވީމާ، މިކަހަލަ ވާހަކަ އެބޭފުޅުން ދައްކަވަނީ، އަޅުގަނޑަށް ފެނިގެން މިދިޔަ ހަމަ ޙަޤީޤަތުގައިވެސް، އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައެއް، ރައްޔިތުންނަށް އޮޅުވާލާފައި، އެހެން ކޮންމެވެސް ރިވާއެއް މިއިން ކަމަކުން ގެނެސްދެވޭތޯ. އެކަމަކު ރައްޔިތުން ހޭލުންތެރިވާންވީ، މިކަހަލަ ކަންކަމާ. ރައްޔިތުން ހޭލުންތެރިވާންވީ. އަޅުގަނޑުމެން މި ދައްކާ ވާހަކަ ފުރޮޅާލައިގެން އެގޮތްމިގޮތަށް ދެއްކީމާ، ރައްޔިތުން އެބަ ވިސްނަންޖެހޭ، މިވަނީކީއްތޯ؟
އެހެންވީމާ، އަބަދުވެސް، ރައްޔިތުން ޖާދޫގައި ޖެހިގެން، ކަންކަން އޮޅުވައިލައިގެން ކުރާކަށް، ރައްޔިތުންނެއް މިއަދަކު، ޖާގައެއް ނުދޭނެ. އަޅުގަނޑުމެން ހުރިހާ ކުދިންނަށް ކިޔަވައިދެނީ އަދި ހަރުމީހުންނަށާއި ދޮށީ މީހުންނަށްވެސް ތަޢުލީމުގެ މަތީ ފުރުޞަތުތަކާ ހަމައަށް ދެވޭނެގޮތް، އަޅުގަނޑުމެން ތަނަވަސް މިކޮށްދެނީ، ތަޢުލީމު އުނގެނުމަށްޓަކައި. ތަޢުލީމު އުނގެނުމުގައި، ދުނިޔޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ އެންމެ ބޮޑު އަސާސަކީ، އޭނާގެ އެންމެ ބޮޑު އަސާސީ ޙައްޤު، އިޚުތިޔާރު ބޭނުންކުރުމުގައި، ރަނގަޅު ގޮތުގައި ވިސްނުމުގެ ޖާގަ އޭނާއަށް ލިބުން. އެއީ، ރައްޔިތުންގެ ކަންކަން ނިންމުމަށް އެބައެއްގެ ކަންކަން ނިންމުމަށް އެބަޔަކު، އިޚުތިޔާރުކުރާ ވެރިއެއް ހޮވުމުގައި އެމީހުންނަށް އެ ލިބިފައިހުރި ތަޢުލީމާއި ޢިލްމުގެ ބޭނުން ރަނގަޅަށް ހިފުން. އެއީ، ދިރާސާކޮށްފައި އެމީހުން ކުރަންޖެހޭ ކަމެއް. އެއީ، ތަޖުރިބާތަކެއްގެ އަލީގައި ކުރަންޖެހޭ ކަމެއް. އެއީ، ދައްކާ ވާހަކައާ، ދައްކާ ވާހަކަ ތަންފީޛުކޮށްފައި ހުރިހުރުމުގެ އަލީގައި ކުރަންޖެހޭކަމެއް. އެހެންވެގެން މިފަހަރުގެ ވޯޓު މިވަނީ ސިޔާސީ ވޯޓަކަށްނުވެ، މިފަހަރު މިވަނީ ޤައުމީ ވޯޓަކަށްވަނީ. އެހެންވީމާ، މިކަހަލަ ކުދިކުދި ރަށްރަށުގައި ބޭނުންވާނީ ތަރައްޤީ. ކުދިކުދި ރަށްރަށުގައި ބޭނުންވާނީ، އެ ރަށްރަށަށް ބޭނުންވެފައި ހުންނަ ކަންކަން ފުދިގެންދިޔުން. އެކަންކަން މިހާތަނަށް ފުދިފައިއޮތީ، ކިހިނެއްތޯ، ދެންމެ އަޅުގަނޑު ދަންނަވާލި، ތަފާސް ހިސާބުންވެސް ތިޔަބޭފުޅުންނަށް ހާމަވެގެންދާނެ.
އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ވާހަކަ ސިޔާސީ މޫސުމެއްގެ ތެރޭގައި ދައްކަމުންދާނެ. އެކަމަކު، ދިވެހި ރައްޔިތުންނަކަށްވެސް، އަދި އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަކަށްވެސް، ފޫހިވާނެ އެންމެ މިނެޓުކޮޅެއްވެސް އަޅުގަނޑު ނުދޭނަން. މި ކޮޅުމަޑުލުގެ ދަތުރު ނިމެންދެން އެބޭފުޅުން ޖެހޭނެ އަޅުގަނޑު ދައްކާ ވާހަކަ އަޑުއައްސަވަން. އަދި އެއަށް އެބޭފުޅުން ދެއްވާ ރިވާތަކެއް އިއްވަންވެސް ޖެހޭނެ. އެއީ، އަޅުގަނޑުގެ ދަތުރުގައި، އަޅުގަނޑު މިގެންދަނީ، ހަމަ ހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައް ކުރަމުން. ކޮށްދޭނެގޮތް ބުނަމުން. އަދި އަޅުގަނޑުގެ މި ދަތުރުތަކުގައި އަޅުގަނޑަށް ޖަވާބުދާރީ ވެވަޑައިގަތީމާ އެ ބޭފުޅުން ކަންތައްތައް ކުރައްވާފައިހުރިގޮތް، ހާމަކަން ބޮޑުގޮތެއްގައި އެ ގެންދަނީ، ރައްޔިތުންނަށް އޮޅުފިލުވައިދެމުން. މިއިން، ކަމަކީ، ދޮގެކޭ ނުބުނެވޭނެ.
ޖީ.އެމް.އާރު. އަށް އެއަރޕޯޓް ވިއްކާލި ވާހަކަ ދެއްކީމާ ބުނެވިދާނެ އެއީ ވިއްކާލީކީނޫނޭ. އެއީ ދޮގެކޭ. ނޫން، އެއީ، ދޮގެއްނޫން. ޖީ.އެމް.އާރު. އަށް އެއަރޕޯޓް އޮތީ ވިއްކާލާފައި. އަދި ރައްޔިތުންގެ އުނދަގުލާހެދި ރައްޔިތުންގެ މާލިއްޔާއިން ރައްޔިތުންގެ ބައިތުލްމާލުން 320 މިލިއަން ޑޮލަރު ހޭދަކޮށްފީމު.
ބުރުނީގައި އަޅުގަނޑު ދަންނަވާލާނަން. ބުރުންޏަށް ބޭނުންވާ އެއްގަމުތޮށީގެ ޙިމާޔަތްކަން ދިނުމަށް ބޭނުންކުރުމަށް މި 320 މިލިއަން ޑޮލަރު ސަރުކާރުގައި މިކަންކުރަން ހޭދަނުކޮށް ޖީ.އެމް.އާރު. އަތުން އެއަރޕޯޓް އަތުލަން ހޭދަނުކޮށް، މިކަންކުރަން އަޅުގަނޑުމެން ބެހެއްޓިނަމަ، މިތަނުގައި ތޮށިލެވިފައިނޫންތޯ އޮންނާނީ. އެހެންވީމާ، ރައްޔިތުން ބޭނުންވާނީ، އެކަންކަން. ރައްޔިތުން ބޭނުންވާނީ އެކަންކަން. މިއަދު އަޅުގަނޑުމެން ރަށުގެ އެތައްމިތަނުގައި ރާއްޖޭގެ އެތައްމިތަނުގައި އެއަރޕޯޓް މިއަޅަނީ ކީއްކުރަންތޯ. ދިވެހި ރައްޔިތުންގެ ދަތުރުފަތުރުގެ ފަސޭހަކަމަށް. އޭގެކުރިން ދަތުރުފަތުރު އޮތީ ކިހިނެއްތޯ؟ ހަތަރު ފަސް ފެރީ ނިޒާމެއް ޤާއިމުކުރި. ﷲ ދެނެވޮޑިގެންވާނީ، މިއަދު ފެރީ ނިޒާމުތައް ވީތަން. އަދި ދާދިފަހުން ކުޅުދުއްފުށީގައި އެއަރޕޯޓް ހަދަންފެށީމާ ނޫންތޯ، އެ ވިދާޅުވަނީ، ތިޔަތަނަށް ބޭނުންވާނީ، އެއަރޕޯޓެއް ނޫނޭ. ތިޔަތަނަށް ބޭނުންވާނީ، ފެރީ ނިޒާމެކޭ. މި ގަދަ ވައިގައި ގަދަ ކަނޑުގައި ކޮން ގޮތަކުންތޯ ފެރީ ނިޒާމެއް ކަމުދަނީ. ބަލަ އެ ފެރީ ނިޒާމު ކަމުނުގޮސްގެންނޭ، މާލެއާއި ހުޅުމާލެއާ ބްރިޖަކުން މިގުޅާލީވެސް. އެހެންވީމާ، އެ ބްރިޖުމަތީގައި އެބޭފުޅުން ދަތުރުކުރައްވާނެ. އެއިރަކު ހަނދުމަފުޅެއް ނުހުންނާނެ، ފެރީ ނިޒާމުގެ ވާހަކައެއް.
އެހެންވީމާ، ރައްޔިތުން ބޭނުންވާ ކަންކަން މިހުރީ މިގޮތަށް. މިކަންކަމުގެ ވާހަކަ އަޅުގަނޑުމެން ދެއްކީމާ އެ އޮޅުވާލައްވަން މަސައްކަތްކުރެއްވުމަކީ، ކުރައްވަންޖެހޭ ކަމެއްނޫން. އެކަން ކުރައްވާކަމަށްވަންޏާ، އެބޭފުޅުން އަބަދުވެސް ތިއްބަވަންޖެހޭނީ، އަޅުގަނޑުމެން ހަމަ އެއަށް ރައްދުދިނީމާ، އަނެއްކާވެސް ކޮންމެވެސް ވާހަކަފުޅެއް އޭގެ ފަހަތުން ދައްކަވަން.
އެހެންވީމާ، އަޅުގަނޑު މި ދަތުރުތައް ނިމެމުންދާއިރު، އެބޭފުޅުންނަކަށް ފޫހިފިލުވާލައްވާކަށް، ހުސް ވަގުތުކޮޅެއް އަރުވާކަށް އަޅުގަނޑުގެ ޚިޔާލެއްނެތް. އަޅުގަނޑު ހަމަ މީގެ ދާދިކައިރީގައި މާޒީގައި ކަންކަން ހިނގާފައިހުރިގޮތާއި، އަޅުގަނޑުގެ މެނިފެސްޓޯގައި ހުރި ކަންކަމާ އަޅުގަނޑު ހަމަ ބޮޅަކަށްފަހު ބޮޅެއް އެލުވަމުން ދާނަން. އަޅުވަމުން ގެންދާނަން. އެބޭފުޅުން ޖެހޭނީ ހަމަ އެކަންކަމުގައި ވިސްނާވަޑައިގަންނަވަން. ކުޅުދުއްފުށީގައި އަޅުގަނޑު އެއަރޕޯޓް އެޅީމާ ދެވަނަ އެއަރޕޯޓެއް އެބޭފުޅުން އަޅުއްވަންޖެހޭނީ. މިތަނުގައި ނަރުދަމާ ނިޒާމު ޤާއިމުކުރީމާ، ދެވަނަ ނަރުދަމާ ނިޒާމު އެތަނުގައި ޤާއިމުކުރައްވަންޖެހޭނީ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރީމާ، ދެވަނަ ނިޒާމު ޤާއިމުކުރައްވަންޖެހޭނީ. އެހެންނަމަވެސް، ރައްޔިތުންނަށް ދެ ނަރުދަމާގެ ނިޒާމު ލިބުނީމާ، އެއިން އިތުރު ފަސޭހަކަމެއް ލިބޭކަމަށްވަންޏާ، އަޅުގަނޑު ނެތިން އެއަށް ދެކޮޅު ހަދާކަށް. ރައްޔިތުން ހޭލުންތެރިކަމާއެކީ، އަޅުގަނޑުމެން މިކުރާ މަސައްކަތް ފާރަވެރިކަމާއެކީ ބައްލަވަމުންގެންދަވާ.
އިރާދަކުރެއްވިއްޔާ ޙައްޤުގެ މަގުގައި ތިބޭބަޔަކަށް އަބަދުވެސް ﷲ ގެ ނަޞްރު ކަށަވަރުކޮށްދެއްވާފައިވަނީ. އަޅުގަނޑުގެ ވާހަކަކޮޅު އެއްސެވީތީ ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
والسّلام عليــكم ورحـمــة اللّـه وبـركاتـه. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.